ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 51 · 2016/SC-A/16ސުޕްރީމް ކޯޓު · 6 މޭ 2021

އިބްރާހީމް ޙަލީލް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ

ސުޕްރީމް ކޯޓު
11 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 މޭ 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2016/SC-A/16

ޝަރީޢަތް ނިމުނުގޮތް

އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)

ފަނޑިޔާރުންގެ މަޖިލިސް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު

06 މެއި 2021

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/128

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)

އިބްރާހީމް ޚަލީލް

ޤާނޫނީ ވަކީލު: ސީނިއަރ ސްޓޭޓް ކައުންސެލް ޙައްވާ ސަނާ

ސީނިއަރ ސްޓޭޓް އެޓަރނީ ޢަލީ ޝުހައިލް މުޙައްމަދު

ސްޓޭޓް އެޓަރނީ ސާދިޙު ނަޞީރު ބަދަލުގައި: ނޫރުއްސަލާމް އަބޫބަކުރު (ލެކްސަވީ ޗެމްބަރސް)

މަދަނީ – ބިމާއި ޢިމާރާތް ކުއްޔަށްދިނުން - މައުޟޫޢީ ގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު – ޟިމްނީ ގޮތުން އެއްބަސްވުމެއް ވެފައިވާކަމަށް ބެލުން- ސާބިތުކުރުމުގެ ބުރަ “Onus Probandi”

އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން، އިބްރާހީމް ޚަލީލް (މީގެފަހުން "އިބްރާހީމް ޚަލީލް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިބްރާހީމް ޚަލީލް ހުށަހެޅި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) (މީގެފަހުން "ދައުލަތް" ނުވަތަ "މިނިސްޓްރީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާއިންނެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

23 ޖަނަވަރީ 2003 ގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްއާއި އިބްރާހީމް ޚަލީލްއާ ދެމެދު މާލޭ ހުޅަނގު ބަނދަރުގެ ފިހާރަތަކާއި ބެހޭ އެގްރީމަންޓް ("އެގްރީމަންޓް") ގައި ސޮއިކުރިއެވެ. މި އެގްރީމަންޓަކީ މާލޭ ހުޅަނގު ބަނދަރުގެ ސަރަޙައްދުން ލުއިކާނާ ނުވަތަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްއިން ޤަބޫލުކުރާ ތަކެތި ވިއްކުމަށްޓަކައި ދޫކުރި ފިހާރަތަކުގެ ތެރެއިން 25 ނަންބަރު ފިހާރައާބެހޭ އެގްރީމަންޓްއެވެ. މި އެގްރީމަންޓްގެ އެއްވަނަ މާއްދާގައި ބުނަނީ މި އެގްރީމަންޓްގެ މުއްދަތަކީ 01 ފެބުރުވަރީ 2003 އިން 31 ޖަނަވަރީ 2004 އަށް 01 (އެކެއް) އަހަރު ދުވަސް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ފިހާރަ ހުސްކުރަންޖެހިއްޖެނަމަ 02 (ދޭއް) މަސް ދުވަހުގެ ކުރިން އެކަން އިބްރާހީމް ޚަލީލްއަށް އަންގަންވާނެ ކަމަށެވެ.

18 ފެބުރުވަރީ 2004 ގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސް އިން ނެރެފައިވާ ހުޅަނގު ބަނދަރު ސަރަހައްދާބެހޭ ސަރކިއުލަރއިން އެންގި އެންގުމުގައި، ފިޔަވަހިތަކަކަށް ބަހާލައިގެން ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް ހުޅަނގު ބަނދަރުގެ ސަރަޙައްދު ޢިމާރާތް ކުރުމުގެ މަސައްކަތް މާލަސްތަކެއްނުވެ ފަށާގޮތަށް ހަމަޖެހިފައިވާތީ، އެ ސަރަޙައްދުގައިވާ 50 ފިހާރައާއި ޗަންޕާ މާރުކޭޓާއި، ޕޭ ޓޮއިލެޓްގެ ތެރެއިން އެފަހަރަކު ޢިމާރާތްކުރުމަށް ސަރުކާރުން ބޭނުންވާ ސަރަޙައްދެއްގައި ހިމެނޭ ތަންތަން އެތަނެއްގައި ހުރި އެފަރާތުގެ ތަކެތި ހުސްކޮށް އެތަނެއް އެ މިނިސްޓްރީއާ ޙަވާލު ކުރުމުގެ ނޯޓިސް 3 (ތިނެއް) މަސްދުވަސް ކުރިންދޭނެ ކަމަށާއި ނޯޓިސް ލިބުމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެތަނެއް ހުސްކޮށް މިނިސްޓްރީއާ ޙަވާލުކުރަން ޖެހޭނެތީ އެކަމަށް ތައްޔާރުވެ ތިބުމަށް ބުނެފައިވެއެވެ.

25 މާރިޗު 2014 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން މާލޭ ސިޓީ ކައުންސިލްއާ ޙަވާލުކޮށްފައިވާ ބައެއް ބިންތައް، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު ގެ 4 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ބަދަލުކޮށް، ބަދަލުކުރެވުނު ބިންތަކުގެ ތެރޭގައި ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގައި ހިމެނޭ ބިންތައްވެސް ހިމެނޭކަމަށާއި، އެ ބިންތަކާ ގުޅޭގޮތުން އޭރު އެއްވެސް ފަރާތަކުން މުޢާމަލާތެއް ކޮށްފައިވާނަމަ، އެ މުޢާމަލާތަކާބެހޭ އެންމެހާ މަޢުލޫމާތު އެ މިނިސްޓްރީއަށް 2014 ޖޫން 26 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުމަށާއި، އަދި އެއާ ޚިލާފަށް، އެތަނުން ބިމަކާ ގުޅޭގޮތުން އެއްވެސް މުޢާމަލާތެއްކޮށް އެފަރާތަށް ލިބިދާނެ ގެއްލުމަކަށް ނުވަތަ ދައްޗަކަށް އެ މިނިސްޓްރީއިން ޒިންމާ ނުވާނެކަމަށް އަންގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)38-ASI/138/2014/47 އިޢުލާނުން އިޢުލާންކޮށްފައިވާކަމާއި، އަދި މި އިޢުލާނުގައި އެ ބިންތަކާގުޅޭގޮތުން ކުރެވިފައިވާ މުޢާމަލާތްތަކާބެހޭ އެންމެހާ މަޢުލޫމާތު އެ މިނިސްޓްރީއަށް ހުށަހެޅުމަށް ހުޅުވާލި ފުރުސަތު، 17 ޖުލައި 2014 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)38-ASI/138/2014/50 އިޢުލާނުން އިތުރުކޮށްފައިވެއެވެ.

މާލެ ދެކުނު ހާބަރު ސަރަޙައްދު ތަރައްޤީ ކުރުމަށް ބަޔަކާ ހަވާލުކުރެވިފައިވާތީ އާއި އެ މަސައްކަތް 2016 މާރިޗު 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާތީ، ފިހާރަ ނަންބަރު 1 އިން ފެށިގެން ފިހާރަ ނަންބަރު 26 އާ ހަމައަށް ހުރި ފިހާރަތައް 1 މާރިޗު 2016 އަށް ހުސްކޮށްދިނުމަށާއި ފިހާރަ ނަންބަރު 29 އިން ފެށިގެން ފިހާރަ ނަންބަރު 50 އާ ހަމައަށް ހުރި ފިހާރަތައް އެޕްރީލް 2016 އަށް ހުސްކޮށްދިނުމަށް އަންގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 04 ފެބުރުވަރީ 2016 ގައި އެންގުމެއް އަންގާފައިވެއެވެ.

އިބްރާހީމް ޚަލީލް ކުއްޔަށް ހިފާފައިވާ ފިހާރަ 1 މާރިޗު 2016 ގައި ހުސްކުރުމަށް ދައުލަތުން އަންގާފައިވަނީ، އިބްރާހީމް ޚަލީލްގެ ފަރާތުން ފިހާރަ ތަރައްޤީ ކުރުމަށް މުދަލާއި ފައިސާ ހޭދަކޮށްފައިވާ މިންވަރަށް ރިޢާޔަތްނުކޮށް އެކަށީގެންވާ ނޯޓިސް ދިނުމަކާނުލައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، 37 ވަނަ މާއްދާއާ، އަދި 40 ވަނަ މާއްދާގެ ދަށުން އިބްރާހީމް ޚަލީލަށް ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާ ޚިލާފަށް ކަމަށާއި، އިބްރާހީމް ޚަލީލްގެ ފަރާތުން ފިހާރަ ތަރައްޤީ ކުރުމަށް މުދާ ހޭދަކޮށްފައިވާ މިންވަރަށާއި އިބްރާހީމް ޚަލީލަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށް ރިޢާޔަތްކޮށް، މާލޭ ހުޅަނގު ބަނދަރުގައިވާ 25 ނަންބަރު ފިހާރަ އިބްރާހީމް ޚަލީލްގެ ކިބައިން ވަކިކުރުމުގެ ކުރިން އެކަށީގެންވާ ނޯޓިސްގެ ގޮތުގައި ދައުލަތުން 18 (އަށާރަ) މަސްދުވަސް ދޭންވާނެކަމަށް ޝަރީޢަތުން ކަނޑައަޅައިދިނުމަށާއި، މާލޭ ހުޅަނގު ބަނދަރުގައި ދައުލަތުން އަލަށް ހަދާ ފިހާރަތައް ދިނުމުގައި އިބްރާހީމް ޚަލީލަށް އިސްކަންދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިބްރާހީމް ޚަލީލްގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ (ދައުލަތު) ގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމާފައި ވާގޮތް

ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާ ނިންމަވާފައިވަނީ، އިބްރާހީމް ޚަލީލް އާއި ދައުލަތާ ދެމެދު ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އިބްރާހީމް ޚަލީލްއާއި ދައުލަތްއާ ދެމެދު ޟިމްނީ ގޮތުން އެއްބަސްވުމެއް އޮތްކަމުގައި ބަލަންޖެހޭކަމަށާއި، އެގޮތަކީ އިބްރާހީމް ޚަލީލް ކުލި ދައްކަމުން ދާހާ ހިނދަކު އެތަން ބޭނުންކުރުމުގެ ފުރުޞަތު އިބްރާހީމް ޚަލީލްއަށް ލިބުމާ އަދި ހަމައެހެންމެ ދައުލަތުން އެތަން ބޭނުންވެގެން ތަން ހުސްކުރަން ޖެހިއްޖެނަމަ 03 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން ނޯޓިސްއެއް ދޭންޖެހޭކަން ލިޔެކިޔުންތަކާއި ދެފަރާތުން ޢަމަލުކޮށްފައިވާގޮތުން އެނގެން އޮންނަކަމަށެވެ. އެހެން ނަމަވެސް، މާލޭ ހުޅަނގު ބަނދަރުގައިވާ 25 ނަންބަރު ފިހާރަ ހުސްކުރަން 18 (އަށާރަ) މަސްދުވަހުގެ ނޯޓިސް ދައުލަތުން ދޭންވާނެކަމަށް ކަނޑައަޅައިދިނުމަށް ދަޢުވާކުރާ އިބްރާހީމް ޚަލީލް އެދިފައިވާގޮތަށް ޝަރީޢަތުން ކަނޑައަޅާނެ ހަމައެއް ނެތްކަމަށެވެ. 2016 މާރިޗު 01 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ހުޅަނގު ބަނދަރުގައިވާ 25 ނަންބަރު ފިހާރަ ހުސްކުރަން 04 ފެބުރުވަރީ 2016 ގައި އިބްރާހީމް ޚަލީލަށް ފޮނުވާފައިވާ ނޯޓިސްއަކީ 03 (ތިނެއް) މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ނޯޓިސްއަކަށްވާތީ އެ ނޯޓިސް އަކީ ބާޠިލު ނޯޓިސްއެއް ކަމަށާއި ދަޢުވާކުރާ އިބްރާހީމް ޚަލީލްގެ މުދާ ރައްކާކޮށް ގުދަންކުރުމަށް އެކަށީގެންވާ ތަނެއް ދައުލަތުން ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކުރާނެ ތަނެއް މިހިނދުގައި ނެތްކަމަށާ އަދި މާލޭ ހުޅަނގު ބަނދަރުގައި ދައުލަތުން އަލަށް ހަދާ ފިހާރަތައް ދިނުމުގައި އިބްރާހީމް ޚަލީލްއަށް އިސްކަންދޭންޖެހޭ ހަމައެއް ނެތްކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމާފައި ވާގޮތް

ސިވިލް ކޯޓުގެ ނަންބަރު 389/Cv-C/2016 ޤަޟިއްޔާ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުގެ ނަންބަރު 389/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކުރިއެވެ. ސިވިލް ކޯޓުގެ ނަންބަރު 389/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގައި ބުނެފައިވަނީ:

ސިވިލް ކޯޓުގެ ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ ދައުލަތަށް މައްސަލައިގައި މައުޟޫޢީ ގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކާނުލައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ހުށަހެޅުމަށް ބަލާއިރު، ސިވިލް ކޯޓުގައި މި މައްސަލަ ބެލިއިރު، މައްސަލައިގެ މައުޟޫޢާ ގުޅިގެން ވާހަކަ ދެއްކުމަށް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފުރުސަތުދެވި ވާހަކަ ދައްކާފައިވާކަމަށެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކްވަރކްސްގެ ނަންބަރު MCPW/2004/1 (18 ފެބުރުވަރީ 2004) ސަރކިއުލަރގެ ފަހުން 01 ޖަނަވަރީ 2006 އިން ފެށިގެން މާލޭގެ ހުޅަނގު ދެކުނު ބަނދަރުގެ އެއްގަމު ސަރަޙައްދު މާލޭ މުނިސިޕަލްޓީއާ ޙަވާލުކުރެވުމާ ގުޅިގެން މާލޭ މުނިސިޕަލްޓީއާއި މާލޭ ހުޅަނގު ބަނދަރުގައި ހުރި ތަންތަނުގެ ވެރިންނާއެކު އެއްބަސްވުން ހެދިފައިވާ ކަމަށްބުނެ އިބްރާހީމް ޚަލީލްގެ ފަރާތުން އެއްބަސްވުންތަކެއް ހުށަހެޅިފައިވީނަމަވެސް، މާލޭ ހުޅަނގު ބަނދަރު ސަރަޙައްދުގެ 25 ނަންބަރު ފިހާރަ އިބްރާހީމް ޚަލީލްއަށް ކުއްޔަށް ދިނުމަށް މާލޭ މުނިސިޕަލްޓީއާއި އިބްރާހީމް ޚަލީލާ ދެމެދު ވެފައިވާ އެއްބަސްވުމެއް އިބްރާހީމް ޚަލީލްގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށެވެ.

2014 މާރިޗު 25 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން މާލޭ ސިޓީ ކައުންސިލްއާ ޙަވާލުކޮށްފައިވާ ބައެއް ބިންތައް، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ޤަވާއިދު ގެ 4 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ބަދަލުކޮށް، ބަދަލުކުރެވުނު ބިންތަކުގެ ތެރޭގައި ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގައި ހިމެނޭ ބިންތައްވެސް ހިމެނޭކަމަށާއި، އެހެންކަމުން އެ ބިންތަކާ ގުޅޭގޮތުން އޭރު އެއްވެސް ފަރާތަކުން މުޢާމަލާތެއް ކޮށްފައިވާނަމަ، އެ މުޢާމަލާތަކާބެހޭ އެންމެހާ މަޢުލޫމާތު އެ މިނިސްޓްރީއަށް 2014 ޖޫން 26 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުމަށާ، އަދި އެއާ ޚިލާފަށް، އެތަނުން ބިމަކާ ގުޅޭގޮތުން އެއްވެސް މުޢާމަލާތެއްކޮށް އެފަރާތަށް ލިބިދާނެ ގެއްލުމަކަށް ނުވަތަ ދައްޗަކަށް އެ މިނިސްޓްރީއިން ޒިންމާ ނުވާނެކަމަށް އަންގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު(IUL)38-ASI/138/2014/47 އިޢުލާނުން އިޢުލާންކޮށްފައިވާކަމާ، އަދި މި އިޢުލާނުގައި އެ ބިންތަކާގުޅޭގޮތުން ކުރެވިފައިވާ މުޢާމަލާތްތަކާބެހޭ އެންމެހާ މަޢުލޫމާތު އެ މިނިސްޓްރީއަށް ހުށަހެޅުމަށް ހުޅުވާލި ފުރުސަތު، 17 ޖުލައި 2014 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)38-ASI/138/2014/50 އިޢުލާނުން އިތުރުކޮށްފައިވާކަން އެނގެންއޮންނައިރު، މި ދެ އިޢުލާނާ ގުޅިގެން އިބްރާހީމް ޚަލީލް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ އެއްވެސް ކަހަލަ މުޢާމަލާތެއް ކޮށްފައިނުވާކަން އެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމަށެވެ.

މާލޭ ހުޅަނގު ބަނދަރު ސަރަޙައްދުގައިވާ 25 ނަންބަރު ފިހާރަ އިބްރާހީމް ޚަލީލަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން ދައުލަތާއި އިބްރާހީމް ޚަލީލާ ދެމެދު 23 ޖަނަވަރީ 2003 ގައި ވެވުނު އެއްބަސްވުން ފިޔަވައި އެ ދެފަރާތުގެ ދެމެދުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާފަދަ އެއްބަސްވުމެއް ވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންނެތްކަމާ، އަދި ދައުލަތާއި އިބްރާހީމް ޚަލީލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 31 ޖަނަވަރީ 2004 ގައި ހަމަވެފައިވާކަން އެ އެއްބަސްވުމަށް ބެލުމުން އެނގޭކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅުނު ނުކުތާތައް އަދި އެ ނުކުތާތަކަށް ދައުލަތުން ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 04 ނުކުތާއެއް، އިބްރާހީމް ޚަލީލް ހުށަހަޅާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 5 ވަނަ ނަންބަރުގެ (ނ) ގައި، ސިވިލް ކޯޓުގެ ނަންބަރު 389/Cv-C/2016 ޤަޟިއްޔާއިން ބެއްލެވި މައްސަލާގައި ޙުކުމް ކުރައްވާފައިވަނީ، ދައުލަތުގެ ފަރާތުން މައްސަލާގައި މައުޟޫޢީ ގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކާނުލައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ދައުލަތުން ބުނާކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލިއިރު މައްސަލައިގެ މައުޟޫޢާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކަށް ފުރުޞަތު ހައިކޯޓުން ދެއްވާފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު ގެ 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި 33 ވަނަ މާއްދާގެ (ށ) އާއި (ރ) އާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާގެ 5 ވަނަ ނަންބަރުގެ (ރ) ގައި، އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދު އެއްބަސްވުމެއް ނެތްކަމަށް ކަނޑައަޅާފައިވަނީ އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދު އެއްބަސްވުމެއް އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން އިބްރާހީމް ޚަލީލްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި މައްސަލައިގެ ވާޤިޢާތަކަށް ރިޢާޔަތް ނުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދި/ނުވަތަ ޝަރުޢީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 5 ވަނަ ނަންބަރުގެ (ރ) ގައި، 2014 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ކުރެއްވި އިޢުލާނާ ގުޅިގެން މާލޭ ހުޅަނގު ބަނދަރު ސަރަޙައްދުގެ ބިންތަކާ ގުޅޭގޮތުން މުޢާމަލާތްކޮށްފައިވާ ފަރާތްތަކަށް އެ މުޢާމަލާތްތަކާބެހޭ އެންމެހައި މަޢުލޫމާތު އެ މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފައިވާކަމަށާއި، އިބްރާހީމް ޚަލީލްގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މަޢުލޫމާތު ހުށަހަޅަންޖެހޭކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާގެ 5 ވަނަ ނަންބަރުގެ (ބ) ގައި، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.05 މި މައްސަލައަށް ތަޠުބީޤު ކުރައްވާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 15 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައި ޤާނޫނީ އަދި/ނުވަތަ ޝަރުޢީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

އިބްރާހީމް ޚަލީލް ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ދަށުކޯޓަށް ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅިގެން އެ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއާ ގުޅޭގޮތުން އެ ކޯޓުން އެ މައްސަލަ މައުޟޫޢީ ގޮތުން ނުވަތަ އިޖުރާއީ ގޮތުން ނަމަވެސް ބައްލަވައި ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ހުށަހެޅުމުން، ދަށު ކޯޓުން އެ މައްސަލާގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފު ކުރި ފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން، ދަށުކޯޓަށް ހުށަހެޅިފައިވާ އެ ދަޢުވާގައި ހިމެނޭ އެންމެހައި ކަންކަމާ އަދި އެ މައްސަލައި ހިމެނޭ އެންމެހައި ވާޤިޢާތަކާއި އެކަންކަންކަމާ ގުޅޭ ޤާނޫނީ ނުކުތާތައް ހިމެނޭ ގޮތުން ދަށު ކޯޓުން ބައްލަވައި ޙުކުމްކޮށްފައިވާ މައްސަލަ މައުޟޫޢީގޮތުން އަލުން ބަލައި އިންސާފު ޤާއިމުކުރުމަކީ، ހައިކޯޓުން އިސްތިއުނާފުން މައްސަލަ ބެލުމުގައި ދުސްތޫރީ އަދި ޤާނޫނީ ގޮތުން އެ ކޯޓަށް ލިބިގެންވާ ބާރެއްކަން އެނގެން އޮންނަކަމަށާއި، މި އުސޫލު ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/36 ޤަޟިއްޔާ އާއި، ނަންބަރު2013/SC-A/35 ޤަޟިއްޔާ އާއި، ނަންބަރު 2013/SC-A/37 ޤަޟިއްޔާ ތަކުގައި ނަގަހައްޓާފައިވާކަމާ، އަދި އެފަދައިން ހައިކޯޓުން އެ މައްސަލަ މައުޟޫޢީ ގޮތުން ބެލުމަކީ އެއްވެސް ޙާލެއްގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި (ނ) އާ ޚިލާފުކަމެއް ނޫންކަން ދައުލަތުން ފާހަގަކުރާކަން.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސް ކަމުގައި ބަލައިގެން ކަމުގައި ބަޔާންކޮށްފައިވާކަމާއި މިގޮތުން މި މައްސަލަ ހައިކޯޓު މަރުޙަލާގައި ބެލުނުއިރު ދަށުކޯޓަށް ހުށަހެޅިފައިނުވާ އައު އެއްވެސް ކަމެއް ހައިކޯޓުގެ މަރުޙަލާގައި ބަލައިދިނުމަށް ދައުލަތުގެ ފަރާތުން އެދިފައި ނުވާކަމާއި ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޙުކުމުގައިވެސް، ދަށު ކޯޓަށް ހުށަހެޅިފައިނުވާ އައު ދަޢުވާއެއް ބަލައި އައު އެއްވެސް ދަޢުވާއަކާ ގުޅޭ ގޮތުން ފައިޞަލާކޮށްފައިނުވާކަން.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވަނީ "ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް، އެ މައްސަލަ، ދަށު ކޯޓުގައި ބެލިއިރު، ނުބެލިހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވިދާނެއެވެ." މިފަދައިން ކަމަށާއި ވުމާއެކު، ބުނެވިދިޔަ މާއްދާގެ ޞަރީޙަ ނައްޞަށް ބަލާއިރު، ދަށު ކޯޓަށް އަލުން ބެލުމަށް މައްސަލަ ފޮނުވުމަކީ މަތީ ކޯޓުތަކަށް ލާޒިމްވެގެންވާ ކަމެއް ނޫންކަން އެނގެން އޮންނަ ކަމަށާ، ނަމަވެސް، އެ މައްސަލައެއްގެ ޒާތަށާއި ބާވަތަށާއި، އެ މައްސަލައެއްގައި ހިމެނޭ ޚާއްޞަ ޙާލަތަށް ރިޢާޔަތްކުރެއްވުމަށްފަހު، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވުމަކީ ފަނޑިޔާރުންގެ އިޚްތިޔާރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަން ބުނެވިދިޔަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮންނަކަން.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

ސުޕްރީމް ކޯޓުން ބެލި މި މައްސަލައިގައި 6 ކަމަކަށް އިސްތިއުނާފުކުރާފަރާތުން އެދިފައިވެއެވެ. އެއީ؛

ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލިއިރު މައްސަލައިގެ މައުޟޫޢާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކަށް ފުރުޞަތު ހައިކޯޓުން ދީފައިވާކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި 33 ވަނަ މާއްދާގެ (ށ) އާއި (ރ) އާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ކަނޑައަޅާއިދިނުމަށާއި ހައިކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންނަށް އެ މައްސަލަ ދަށުކޯޓުގައި ބެލިއިރު ނުބެލި ހުރިކަންކަން ފާހަގަ ކުރެވިގެން މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު އޮތްކަމަށް ފެންނަނަމަ، އެ މައްސަލަ މައުޟޫއީ ގޮތުން އަލުން ބަލަންވާނީ ދަށުކޯޓުން ކަމަށް ކަނޑައަޅައިދިނުން.

އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދު އެއްބަސްވުމެއް ނެތްކަމަށް ހައިކޯޓު ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދު އެއްބަސްވުމެއް އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން އިބްރާހީމް ޚަލީލްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި މައްސަލައިގެ ވާޤިޢާތަކަށް ރިޢާޔަތް ނުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދި/ނުވަތަ ޝަރުޢީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުން.

އިބްރާހީމް ޚަލީލްގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މަޢުލޫމާތު ހުށަހަޅަންޖެހޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުން.

ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.05 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤު ކުރައްވާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ޤާނޫނު ގެ 15 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައިވާ ޤާނޫނީ ޝަރުޢީ އުސޫލުތަކާ ޚިލާފަށް ކަމަށްކަނޑައަޅައިދިނުން.

އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދު ކޮންޓްރެކްޓާބެހޭ ޤާނޫނު އާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާފަދަ ޞައްޙަ ކޮންޓްރެކްޓެއް އޮތްކަމަށް ކަނޑައަޅައި ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކޮށްދިނުން.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން މާލޭ ހުޅަނގު ބަނދަރު 25 ނަންބަރު ފިހާރަ އިބްރާހީމް ޚަލީލުގެ ކިބައިން ވަކިނުކުރެވޭނެކަމަށާއި، އެފިހާރަ ހުސްކޮށް، އެފިހާރަ ހުރި ބިން ތަރައްޤީ ކުރުމަށް އެއްވެސް އެހެންފަރާތަކާ ދައުލަތަށް ހަވާލުނުކުރެވޭނެ ކަން އަންގައި ދިވެހި ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއްކަނޑައަޅަން ޖެހޭ މައިގަނޑު ނުކުތާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، އިބްރާހީމް ޚަލީލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކަށާއި ދައުލަތުން ދިން ޖަވާބަށާއި ސިވިލް ކޯޓުގެ ނަންބަރު 389/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ވާޤިޢާމެދު ދެފަރާތުގެ ޚިލާފެއްނެތްކަމާއި މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތީ، ސިވިލް ކޯޓުގެ ނަންބަރު 389/Cv-C/2016 ޤަޟިއްޔާގެ ރިޕޯޓުގައި ބުނެފައިވާގޮތަށް، މައިގަނޑު 1 (އެކެއް) ނުކުތާ ކަމާއި، އެ ނުކުތާއަކީ ފިހާރަ ހުސްކުރުމަށް ދިން ނޯޓިސް އާމެދު ގޮތެއް ކަނޑައެޅުންކަމެވެ.

ފިހާރަ ހުސްކުރުމަށް ދިން ނޯޓިސްއާ މެދު ގޮތެއް ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިބްރާޙީމް ޚަލީލް ހުށަހެޅި 4 (ހަތަރެއް) އިސްތިއުނާފީ ނުކުތާގެ ތެރެއިން 2 (ދޭއް) ވަނަ ނުކުތާގައި ބުނާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާގެ 5 ވަނަ ނަންބަރުގެ (ރ) ގައި، އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދު އެއްބަސްވުމެއް ނެތްކަމަށް ކަނޑައަޅާފައިވަނީ އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދު އެއްބަސްވުމެއް އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން އިބްރާހީމް ޚަލީލްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި މައްސަލައިގެ ވާޤިޢާތަކަށް ރިޢާޔަތް ނުކޮށް ޝަރުޢީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛ 3 (ތިނެއް) ވަނަ ނުކުތާގައި ބުނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 5 ވަނަ ނަންބަރުގެ (ރ) ގައި، 2014 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ކުރެއްވި އިޢުލާނާ ގުޅިގެން މާލޭ ހުޅަނގު ބަނދަރު ސަރަޙައްދުގެ ބިންތަކާ ގުޅޭގޮތުން މުޢާމަލާތްކޮށްފައިވާ ފަރާތްތަކަށް އެ މުޢާމަލާތްތަކާބެހޭ އެންމެހައި މަޢުލޫމާތު އެ މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފައިވާކަމަށާއި، އިބްރާހީމް ޚަލީލްގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މަޢުލޫމާތު ހުށަހަޅަންޖެހޭކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާ؛ އަދި 4 (ހަތަރެއް) ވަނަ ނުކުތާގައި ބުނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާގެ 5 ވަނަ ނަންބަރުގެ (ބ) ގައި، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.05 މި މައްސަލައަށް ތަޠުބީޤު ކުރައްވާފައިވަނީ ޝަރުޢީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާތަކަށް މި ރައުޔު ގައި ރިއާޔަތް ކުރެވިފައިވާނެއެވެ.

އިބްރާހީމް ޚަލީލް ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލިއިރު މައްސަލައިގެ މައުޟޫޢާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކަށް ހައިކޯޓުން ފުރުޞަތު ދެއްވާފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު ގެ 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި 33 ވަނަ މާއްދާގެ (ށ) އާއި (ރ) އާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު، ހައިކޯޓުގެ މައްސަލަ ބެލުމުގެ ޢާންމު އުޞޫލު ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ނ) ގައި،

"ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވިދާނެއެވެ."

މިހެން ބަޔާންކޮށްފައިވެއެވެ. މި އަކުރުގެ ސާފު އިބާރާތުން، މައްސަލައެއް ދަށު ކޯޓަށް ތަހުވީލުކުރަން ހައިކޯޓުން ނިންމާނީ އެ މައްސަލަ އަލުން ބެލުމުގެ މަޞްލަހަތު ބޮޑުކަމަށް ހައިކޯޓަށް ފެނިއްޖެ ހާލަތެއްގައެވެ. ދަށު ކޯޓަށް މައްސަލައެއް ތަހުވީލުކުރާ ހާލަތް އިސްތިއުނާފީ ކޯޓުތަކަށް ޢާންމު ގޮތެއްގައި މެދުވެރިވަނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ކަށަވަރުކުރަންޖެހޭ ހާލަތްތަކުގައެވެ. އެގޮތުން، ބައެއް މައްސަލަތަކުގައި އެކި ކަންކަން ސާބިތުކުރުމަށްޓަކައި ދަށު ކޯޓު މެދުވެރިކޮށް ހެކިން ހާޒިރުކުރަންޖެހޭއިރު، އަނެއްބައި މައްސަލަތަކުގައި ދަޢުވާއަކާ ގުޅިގެން ކަންހިނގާދިޔަ ގޮތް ސާބިތުކުރުމުގެ އިތުރުން، ސާބިތުވާކަންކަމުގެ މައްޗަށް ބިނާކޮށް މައްސަލައިގައި ޤާނޫނީ ގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތައް (issues) ކަނޑައަޅައި، އެކަންކަމާމެދު ދަށު ކޯޓުން ފައިސަލާކުރަންޖެހޭ މައްސަލަތައްހުރެއެވެ. ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) އަކީ އިންސާފު ޤާއިމުކުރުމުގެ މަޞްލަހަތަށްޓަކައި ދަށު ކޯޓަށް މައްސަލައެއް ތަހުވީލު ކުރުމަކާނުލައި، އެ މައްސަލައަކާ މެދު ހައިކޯޓުން ގޮތެއް ކަނޑައެޅެން އޮތްނަމަ، އެގޮތަށް ޢަމަލުކުރުން މަނާކުރާ މާއްދާއެއް ނޫނެވެ. ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ދަށު ކޯޓު މަރުހަލާގައި އިބްރާހީމް ޚަލީލްގެ ފަރާތުން ވަގުތީ އަމުރަކަށް އެދުނެވެ. ވަގުތީ އަމުރާ ގުޅޭ ގޮތުން 29 ފެބްރުއަރީ 2016 ގައި ދައުލަތުން ދަށު ކޯޓުގައި ޖަވާބުދީފައިވެއެވެ. ހައިކޯޓު މަރުހަލާގައި މި މައްސަލައިގެ ޝަރީޢަތްތަކުގައި، އިބްރާހީމް ޚަލީލުގެ ފަރާތުން ތަކުރާރުކޮށް ބުނެފައިވަނީ ދަށު ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި މައްސަލައިގެ މައުޟޫޢުއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށް ފުރުޞަތު ލިބުނުކަމަށެވެ. ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، މައްސަލައިގައި މައުޟޫޢުއާ މެދު ވާހަކަ ދައްކާނެ ފުރުޞަތު ދިނުމަކާ ނުލައި ޝަރީޢަތުން ޙުކުމެއް ކުރިކަމަށް ބުނިނަމަވެސް، ހައިކޯޓު މަރުހަލާގައި އެދިފައިވަނީ މި މައްސަލައާ މެދު ހައިކޯޓުން ފައިސަލާކޮށް ގޮތެއް ކަނޑައަޅައިދިނުމަށެވެ. އަދި މިކަމާ ގުޅިގެން އިބްރާހީމް ޚަލީލުގެ ފަރާތުން މައްސަލައިގެ މައުޟޫޢޫއާމެދު ވާހަކަ ދެއްކުމުގެ ފުރުޞަތު ނުލިބޭ ހާލަތްތަކުގައި އެ މައްސަލައަށް އޮންނާނެ ހައްލަކީ އެ މައްސަލަ ހައިކޯޓުން ދަށު ކޯޓަށް އަނބުރާ ފޮނުވުންކަމަށް ފާހަގަކޮށްފައި އޮތުމުން، އެ ހައްލަށް ދައުލަތުގެ ފަރާތުން ނޭދުނު ސަބަބު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ދައުލަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވަގުތުކަމަށާއި، ތަން ހުސްކުރުމަށް ދައުލަތުން ދިން ނޯޓިސް ސިވިލް ކޯޓުން ބާޠިލު ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ދައުލަތުގެ ބިން އަދިވެސް އިބްރާހީމް ޚަލީލުގެ ފަރާތުން ބޭނުންކުރަމުން ގެންދިޔުންކަމަށެވެ. އަދި ހައިކޯޓުގައި މައްސަލައިގެ ފަރުވާއަކަށް އެދުނު ގޮތުގައި މި މައްސަލަ އަލުން ދަށު ކޯޓުން ބަލައި ނުދިނުމަށް ނޭދުނު ސަބަބަކީ ވަގުތުގެ މުހިންމުކަމުންކަމަށާއި، 6 މަސް ދުވަހުގެ ތެރޭގައި ތަނުގެ މަސައްކަތް ނިންމުމަށް އެސް.ޓީ.އޯ އާ އެކީ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާކަމަށާއި، ދައުލަތުން 6 މަސް ދުވަހުގެ ތެރޭގައި ތަނުގެ މަސައްކަތް ނިންމުމާއެކު ތަނުގެ ބޭނުން ކުރެވޭނެ ގޮތް ހެދުމަށް އަމާޒުކޮށްފައިވާއިރު، ސިވިލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އިތުރު ވަގުތުތަކެއް ޝަރުޢީ މަރުޙަލާގައި ފާއިތުވުންކަމަށާއި، އަދި އެ މުއްދަތުގެ ތެރޭގައި އިބްރާހީމް ޚަލީލުގެ ފަރާތުންވެސް އެތަން އިތުރަށް ބޭނުންކުރަމުން ގެންދިޔުންކަމަށެވެ. އެހެންކަމުން، ހައިކޯޓުގައި މި މައްސަލައިގެ ހައްލަކަށް އެދިފައިވަނީ ހައިކޯޓުން މައްސަލަ ބަލައި ދިނުމާއެކު ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށްދިނުމެވެ. މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރުމާއެކު، މައްސަލައަކީ ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި އަވަސް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައަކަށްވުމުގެ އިތުރުން، ހައިކޯޓަށް އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި ގުޅޭ ޙަޤީޤަތްތައް އިތުރަށް ދަށުކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމުގައިނުވާތީ، މައުޟޫޢީ ގޮތުން މި މައްސަލަ ބެލުމުގެ ހުރަސްތަކެއް ހައިކޯޓަށް ނެތުމުން، މި މައްސަލައިގައި ފައިސަލާކޮށްފައި އޮތް އޮތުމަކީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) އާވެސް، އަދި އިބްރާހީމް ޚަލީލުގެ ފަރާތުން ހަވާލާދީފައިވާ ކޯޓުތަކުގެ ޤާނޫނުގެ އެހެނިހެން މާއްދާތަކާވެސް ޚިލާފަށް އެ ކޯޓުން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭކަށްނެތެވެ.

ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނު ބުނެއެވެ. އަދި ކޮންޓްރެކްޓް ކުރެވޭ ގޮތަކީ އެކަކު އަނެކަކުގެ މައްޗަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލު ކުރުމެވެ. ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ގައި ކޮންޓްރެކްޓް އޮންނަގޮތާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނަނީ:

"ޤާނޫނުގައި ވަކި ޚާއްޞަގޮތަކަށް އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމްނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކޮންޓްރެކްޓެއްކަމާއި، އެފަދަ ކޮންޓްރެކްޓަކީ، އޭގެ ޒާތުގައި ކިތާބީ ކޮންޓްރެކްޓަކަށް ވާން ނުޖެހޭކަމާއި، ޘާބިތުކުރުމަށްޓަކައި ލިޔެވިފައި އޮތުން ޝަރުޠުކުރެވުމަކީ އޭގެ ޒާތުގައި ކޮންޓްރެކްޓުގެ ވުޖޫދު ނަފީކުރެވޭނެކަމެއް ނޫންކަމާއި، ކޮންޓްރެކްޓްގެ ވުޖޫދަކީ ތަފާތު ވަސީލަތްތަކުން ޘާބިތު ކުރެވިދާނެ އެއްޗެއްކަން އެނގެން އޮންނަ ކަމެވެ."

އެގްރީމަންޓްގެ މުއްދަތު ހަމަވިފަހުން މާލޭ ދެކުނު ހާބަރު ސަރަޙައްދުގައި ހުރި 25 ނަންބަރު ފިހާރަ ބޭނުންކުރުމުގެ ފުރުސަތު ދައުލަތުން އިބްރާހީމް ޚަލީލްއަށް ލިބިދީފައިވުމަކީ އަދި 18 ފެބުރުވަރީ 2004 ގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކްވަރކްސް އިން ނެރުނު އެ މިނިސްޓްރީގެ ނަންބަރު MCPW/2004/1 ސަރކިއުލަރގައި މާލޭ ހުޅަނގު ބަނދަރު ސަރަޙައްދުގައި ހުރި ފިހާރަތަކުގައި ހުރި ތަކެތި ހުސްކޮށް އެތަނެއް އެ މިނިސްޓްރީއާ ޙަވާލު ކުރެއްވުމުގެ ނޯޓިސް 3 (ތިނެއް) މަސްކުރިން އެރުވޭނެ ކަމަށާއި އެ ނޯޓިސް ލިބުމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެތަނެއް ހުސްކޮށް އެ މިނިސްޓްރީއާ ޙަވާލުކުރަން ޖެހޭތީ އެކަމަށް ތައްޔާރަށް ތިބުމަށް އެންގި އެންގުމަށް ބަލައި ދެފަރާތުގެ ދެމެދުގައި ޟިމްނީގޮތުން ކޮންޓްރެކްޓެއް އޮތްކަމަށް ބުނާބުނުމަށް ބަލާއިރު، ދެފަރާތެއްގެ ދެމެދުގައި ކޮންޓްރެކްޓެއް ވުޖޫދުވާނީ ޤާނޫނު ޤަބޫލުކުރާ އަދި ޤާނޫނު ބާރުދޭ ކޮންޓްރެކްޓަކަށް ވުމަށް ލާޒިމްވާ އުންޞުރުތައް ފުރިހަމަވެގެންނެވެ. ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނޭ އުންޞުރުތަކަކީ: (1) ހުށަހެޅުން، (2) ޤަބޫލު ކުރުން، (3) މުޤާބިލް ދިނުން، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، (5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުން، މިއެވެ. އަދި މީގެ އިތުރަށް، އެ ކޮންޓްރެކްޓަކީ ވަކި ޚާއްޞަގޮތަކަށް ނުވަތަ ވަކި ޚާއްޞަ މަޢުލޫމާތުތަކެއް ހިމަނަންޖެހޭ ކަމަށް ޤާނޫނު ލާޒިމް ކުރާ ޒާތުގެ ކޮންޓްރެކްޓެއްތޯ ވެސް ބަލަންޖެހެއެވެ. ވަކި ޚާއްޞަގޮތަކަށް އޮތުން ނުވަތަ ވަކި ޚާއްޞަ މަޢުލޫމާތުތަކެއް ހިމަނަންޖެހޭނެ ކަމަށް ޤާނޫނު ލާޒިމް ކުރާ އެއްބަސްވުމެއް ޞައްޙަވާނީ އެ ގޮތަކަށް އޮތުމުން ނުވަތަ އެ މަޢުލޫމާތު ހިމެނިފައިވާނަމައެވެ.

މާލޭ ހުޅަނގު ބަނދަރު ސަރަޙައްދުގެ 25 ނަންބަރު ފިހާރަ ކުށްޔަށް ދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކްވަރކްސްއާއި އިބްރާހީމް ޚަލީލްއާ ދެމެދު 23 ޖަނަވަރީ 2003 ގައި ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން، 18 ފެބުރުވަރީ 2004 ގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކްވަރކްސް ގެ ނަންބަރު MCPW/2004/1 ސަރކިއުލަރ އިން މާލޭ ހުޅަނގު ބަނދަރު ސަރަޙައްދުގައި ހުރި ފިހާރަތަކުގައި ހުރި ތަކެތި ހުސްކޮށް އެތަނެއް އެ މިނިސްޓްރީއާ ޙަވާލު ކުރެއްވުމުގެ ނޯޓިސް 3 (ތިނެއް) މަސްކުރިން އެރުވޭނެ ކަމަށާއި ނޯޓިސް ލިބުމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެތަނެއް ހުސްކޮށް އެ މިނިސްޓްރީއާ ޙަވާލުކުރަން ޖެހޭތީ އެކަމަށް ތައްޔާރަށް ތިބުމަށް އެންގި އެންގުމަކީ ކޮންޓްރެކްޓެއްގެ ގޮތުގައި ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތުގައި ދައުލަތުން ހުށަހެޅި "ހުށަހެޅުމެއް" ކަމަކަށް ނުބެލެވެއެވެ. އަދި މާލޭ ހުޅަނގު ދެކުނު ބަނދަރު ކަޑަ ސަރަޙައްދުގައި ހިމެނޭ ބިންތައް ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި މި ބިންތަކާ ގުޅޭގޮތުން އެއްވެސް މުޢާމަލާތެއް ކޮށްފައިވާނަމަ މިކަމާބެހޭ މަޢުލޫމާތު 26 ޖޫން 2014 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށާއި އެ އިޢުލާނާ ޚިލާފަށް އެއްވެސް މުޢާމަލާތެއްކޮށް އެއިގެ ސަބަބުން އެފަރާތްތަކަށް ލިބިދާނެ މާލީ ގެއްލުމަކަށް ނުވަތަ ދައްޗަކަށްވެސް ދައުލަތުން ޒިންމާނުވާނެކަން އަންގައި 02 ޖުލައި 2014 ގައި ބުނެވުނު ބިންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރި އިޢުލާނު އަށް އިބްރާހީމް ޚަލީލް އިޖާބަދީފައެއް ވެސް ނުވެއެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގައި ބުނަނީ، ޤާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަމަށެވެ. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.05 ވަނަ މާއްދާގެ (ރ) ގައި ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރަންވާނީ ކުއްޔަށް ހިފާފަރާތާއި ކުއްޔަށް ދޫކުރާފަރާތާ ދެމެދު ވެވޭ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވާކަމާއި އެފަދަ އެއްބަސްވުމެއްގައި ހުންނަންޖެހޭ މަޢުލޫމާތުތައް މި ގަވާއިދުގެ ހަވާލާދެވުނު މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި 'ރިޟާއީ' (consensual) ކޮންޓްރެކްޓްތައް ވުޖޫދުވެފައި އޮތްކަމަށް ބެލެވެނީ ޤާނޫނަކުން އެ ކޮންޓްރެކްޓެއް ވަކި ޚާއްޞަގޮތަކަށް އެކުލަވާލުން ލާޒިމްނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމްނުކުރާ ނަމަ ކަން އެނގެން އޮންނައިރު، ދައުލަތުގެ ބިމެއް އިބްރާހީމް ޚަލީލްއަށް ކުއްޔަށް ދޫކުރަންޏާ ދޫކުރެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. ދައުލަތްއާއި އިބްރާހީމް ޚަލީލްއާ ދެމެދު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ވެވިފައިވާ އެއްވެސް އެއްބަސްވުމެއް ނެތެވެ.

ދައުލަތާއި އިބްރާހީމް ޚަލީލާ ދެމެދު 23 ޖަނަވަރީ 2003 ގައި ވި އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން މާލޭ ހުޅަނގު ސަރަޙައްދުގައިވާ 25 ނަންބަރު ފިހާރަ އިބްރާހީމް ޚަލީލް ބޭނުން ކުރަމުން އައިސްފައިވަނީ ދައުލަތާއި އިބްރާހީމް ޚަލީލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ނޫންކަމާއި މި ޙާލަތުގައި އިބްރާހީމް ޚަލީލް އެ ފިހާރަ ބޭނުންކޮށްފައިވަނީ ދައުލަތުން ދިން ޚާއްޞަ ހުއްދައެއްގެ ދަށުން ކަމުގައި ބަލަން ޖެހެއެވެ.

އެހެން ކަމުން، މައްސަލަ މައުޟޫޢީ ގޮތުން އަލުން ބަލަންވާނީ ދަށުކޯޓުން ކަމަށް ކަނޑައަޅައިދޭނެ ތަނެއް ނެތްކަމާއި، އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދު އެއްބަސްވުމެއް ނެތްކަމަށް ހައިކޯޓު ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދު އެއްބަސްވުމެއް އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން އިބްރާހީމް ޚަލީލްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި މައްސަލައިގެ ވާޤިޢާތަކަށް ރިޢާޔަތް ނުކޮށް ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅާނެތަނެއް ނެތެވެ. އަދި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން މާލޭ ހުޅަނގު ބަނދަރު 25 ނަންބަރު ފިހާރަ އިބްރާހީމް ޚަލީލުގެ ކިބައިން ވަކިނުކުރެވޭނެކަމަށާއި، އެފިހާރަ ހުސްކޮށް، އެފިހާރަ ހުރި ބިން ތަރައްޤީ ކުރުމަށް އެއްވެސް އެހެންފަރާތަކާ ދައުލަތަށް ހަވާލުނުކުރެވޭނެ ކަމަށް ދައުލަތުގެ މައްޗަށް އަންގަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ