ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ރޯމްބަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 1581/Cv-C/2016 ޤަޟިއްޔާގައި ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ރޯމްބަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް $334,530.00 ދައްކަންޖެހޭ ކަމަށް ޙުކުމްކޮށް، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި މެނޭޖަރުގެ މައްޗަށް ދަޢުވާ ސާބިތުނުވާ ކަމަށް ނިންމިއެވެ. ހައިކޯޓުގެ 2017/HC-A/222 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރުމުން، ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ދެ ކުންފުންޏާ ދެމެދު ހިނގި ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތުތަކުން ރޯމްބަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް $118,000.00 ނުލިބިވާ ކަމަށާއި، 24 މެއި 2014 ގައި ސޮއިކުރި ފައިސާ ދައްކާނެ އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ، ޖޫރިމަނާއާއެކު އެ ފައިސާ ހޯދުމަށް ކުރި ދަޢުވާއެކެވެ. ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބުނީ، އެ އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ އިޚްތިޔާރު ނެތް މެނޭޖަރެއް ކަމަށާއި، ކުންފުންޏަކީ އެ ދަރަންޏަށް ޒިންމާވާ ފަރާތެއް ނޫން ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޝާނީޒް އިންޓަރނޭޝަނަލްގެ މެނޭޖަރު ސޮއިކުރި އެއްބަސްވުމަކީ ކުންފުނިން ވެފައިވާ ޞައްޙަ އެއްބަސްވުމެއް ކަމަށާއި، ބުނެވުނު ދަރަންޏަށް ކުންފުނި ޒިންމާވާ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރީ ރަނގަޅަށްތޯ؛ އަދި ސުޕްރީމް ކޯޓުން މައްސަލަ ސީދާ ފުރަތަމަ މަރުޙަލާގެ ކޯޓަށް ތަޙްވީލުކުރެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން 7 އިސްތިއުނާފީ ނުކުތާ ހުށަހަޅައި، އެއްބަސްވުމުގައި މުޤާބިލާއި ފައިސާ ދޭންޖެހޭ ސަބަބު ނެތް ކަމަށާއި، ހައިކޯޓުން އިމްޕްލައިޑް އޮތޯރިޓީ އޮތް ކަމަށް ނިންމީ ޤާނޫނީ އަސާސެއް ނެތި ކަމަށާއި، އިންޑޯރ މެނޭޖްމަންޓް ރޫލްގެ އިސްތިސްނާއަށް ރިޢާޔަތް ނުކުރި ކަމަށް ބުންޏެވެ. އަދި ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުގެ 262 ވަނަ މާއްދާއަށް ޢަމަލުކޮށް ފުލުހުންގެ ތަޙުޤީޤުގެ ލިޔެކިޔުން ހޯދަންޖެހުނު ކަމަށް ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- އެއްބަސްވުމުގައި ކުންފުނީގެ ސިއްކަ ނެތުމާއި، ކުރީގެ މުޢާމަލާތުތަކުގެ ފައިސާ ޖަމާވެފައިވަނީ ކުންފުނީގެ އެކައުންޓުން ނޫން ކަމުގައި ވުމާއި، ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚްޞެއް ކަމަށް ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައިވާ މަފްހޫމާ ގުޅޭ ސުވާލުތަކާއި، ހައިކޯޓުގެ އިފްތިރާޟުތަކުން، އެއްބަސްވުން ކުންފުނީގެ އިޚްތިޔާރުގައި ވެވިފައިވާ ކަމަށް މަދަނީ މިންގަނޑުން ނިންމޭވަރަށްވުރެ ގިނަ ސުވާލު އުފެދޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ޙުކުމަށް ވާޞިލުވުމަށް މުހިއްމު ލިޔެކިޔުން ހޯދުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއް ކަމުން، ފުލުހުންގެ ތަޙުޤީޤުގެ ލިޔެކިޔުމަށް ރިޢާޔަތް ނުކުރުމާއި، މުޢާމަލާތު ޢަމަލީގޮތުން ކުރި މެނޭޖަރުގެ ބަސް އެއްވެސް މަރުޙަލާއެއްގައި ނުހޯދުމުން ފުރިހަމަ ޝަރީޢަތެއް ހިންގިފައި ނުވާ ކަމަށް ނިންމިއެވެ. ހައިކޯޓު މެދުވެރިކޮށް ތަޙްވީލުކުރުމުން ދިގު މުއްދަތެއް ހޭދަވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިވިލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، އަލުން ބެލުމަށް މައްސަލަ ސީދާ ސިވިލް ކޯޓަށް ތަޙްވީލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުސިވިލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ސީދާ ސިވިލް ކޯޓަށް ތަޙްވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުގައި ވަކި ޚާއްޞަ ގޮތަކަށް އެކުލަވާލުން ނުވަތަ ވަކި ރަސްމީ ސިފައެއްގައި އޮތުން ލާޒިމުނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެއް ފަރާތުން އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުމެއް އެ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ ރިޟާއީ (consensual) ކޮންޓްރެކްޓެކެވެ (ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް).
HN2 ކުންފުންޏަކީ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ވަކި ޤާނޫނީ ޝަޚުޞެއް ކަމުން، ފައިސާ ޖަމާވެފައިވަނީ މެނޭޖިންގ ޑިރެކްޓަރުގެ ޕާރސަނަލް އެކައުންޓުން ކަމަށްވާއިރު، ޖަވާބެއް ނުދީ ހުރި އީމެއިލްތަކުން ކުންފުނިން ހުށަހެޅުން ޤަބޫލުކުރި ކަމަށް އިފްތިރާޟުކުރުމާއި، މުވައްޒަފާމެދު ފިޔަވަޅު ނާޅާ އޮތުމުގެ މައްޗަށް އެކަނި ބުރަވެ ކުންފުނިން އޭނާއަށް އޮތޯރިޓީ ދީފައިވާ ކަމަށް ނިންމުމަކީ ސުވާލު އުފެދޭ ކަމެކެވެ؛ އެއްބަސްވުން ވެފައިވަނީ ކުންފުނީގެ ފުރިހަމަ އިޚްތިޔާރުގައި ކަމަށް މަދަނީ މިންގަނޑުން ނިންމޭވަރަށްވުރެ ގިނަ ސުވާލު އުފެދޭނަމަ އިމްޕްލައިޑް އޮތޯރިޓީގެ ބިނާގައި ކުންފުނި ޒިންމާކުރުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ.
HN3 މަދަނީ މައްސަލަތަކުގައި ޙުކުމަށް ވާޞިލުވުމަށް ހޯދަންޖެހޭ ކަމަށް ފަނޑިޔާރަށް ފެންނަ ކޮންމެ ލިޔުމެއް އަދި މަޢުލޫމާތެއް ހޯދުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ (ދިވެހި ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް) ވ. ސަލްޓަންސް އޮފް ދަ ސީސް)؛ ދައުލަތުގެ އިދާރާއެއްގެ ބެލުމުގައިވާ ލިޔެކިޔުން ހޯދައި ޙަޤީޤަތް ސާފުކުރުމަކީ ސަރުކާރުގެ އޮފީސްތަކުން ލަފަޔާ މަޝްވަރާ ހޯދައި ތިން ބާރު ވަކިކުރުމުގެ މަފްހޫމާ ޚިލާފުވާ ކަމެއް ނޫނެވެ.
HN4 ދިފާޢު ސާބިތުކޮށް މައްސަލައިގެ ނަތީޖާ ފުރޮޅިދާނެ ފަދަ ޖައުހަރީ ލިޔެކިޔުން (މިސާލަކަށް ފުލުހުންގެ ތަޙުޤީޤުގެ ލިޔެކިޔުން) ހޯދުމަކާ ނުލައި، ފަރާތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބަލައިގެން އެ ލިޔެކިޔުމަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ.
HN5 ދަޢުވާގައިވާ މުޢާމަލާތުގައި ޢަމަލީ ގޮތުން ކަންކަން ކުރި، އަދި ޒިންމާވާން ޖެހުމުގެ އިޙްތިމާލު އޮތް ފަރާތެއްގެ ބަހެއް ނުހޯދައި، އޭނާއަށް ދިފާޢުވުމުގެ ފުރުޞަތު ނުދީ ނިންމާ ނިންމުމަކީ ފުރިހަމަ ޝަރީޢަތެއް ހިންގިފައިވާ ނިންމުމެއް ކަމުގައި ނުބެލެވޭނެއެވެ.
HN6 ކޯޓުތަކުގެ ޤާނޫނުގެ 18 އާއި 19 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް މައްސަލަ ފޮނުވަނީ ވަކި ޤާނޫނީ ނުކުތާތަކެއް ނުވަތަ ވަކި ވާޤިޢާތަކެއް ކަށަވަރުކުރުމަށް ކަމުން، މައުޟޫޢު އަލުން ނިއުޅަން ޖެހޭ މައްސަލައެއް ހައިކޯޓު މެދުވެރިކޮށް ފުރަތަމަ މަރުޙަލާއަށް ފޮނުވުމުން އެކަށީގެންނުވާ ލަސްވުމާއި ތަކުލީފު ބޮޑުވެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ޢަދުލުވެރި ޝަރީޢަތުގެ މަފްހޫމާ ނުބައްދަލުވާތީ، ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓަށް ލިބޭ ބާރުން މައްސަލަ ސީދާ ފުރަތަމަ މަރުޙަލާގެ ކޯޓަށް ތަޙްވީލުކުރެވިދާނެއެވެ (މީގެ ކުރިން ހައިކޯޓު މެދުވެރިކޮށް ފޮނުވަމުން އައި ޢަމަލީ ގޮތް ދޫކޮށް).
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 13 ނޮވެމްބަރު 2021 · ރަޖިސްޓްރީކުރީ 25 ނޮވެމްބަރު 2021 · ނިމުނީ 2 ފެބުރުއަރީ 2025 (38.3 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 05 2021/SC-A/99 ޝަރީޢަތް ނިމުނުގޮތް ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ރޯމްބަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު
ނިމުނު ތާރީޚު 02 ފެބްރުއަރީ 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2017/HC-A/222 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ރޯމްބަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު، ލެކްސެވީ ޗެމްބަރސް އެލް.އެލް.ޕީ އަޙްމަދު ސިނާޒު، ބިޝާމް އެންޑް ސިނާޒް އެލް.އެލް.ޕީ
މަދަނީ – ކޮންޓްރެކްޓާބެހޭ – އެއްބަސްވުމާ ޚިލާފުވުން – އެއްބަސްވުމުގެ ޞައްޙަކަން – ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ – ދަށު ކޯޓަށް މައްސަލަ ތަޙްވީލުކުރުން
ފިހުރިސްތު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް 3
ހައިކޯޓުން މައްސަލަ ނިންމިގޮތް 4
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް 6
ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން 7
ދެ ފަރާތުގެ ދެމެދުގައި ވެވުނުކަމަށް ބުނާ އެއްބަސްވުން 8
ގުޅުވާލެވޭ މުޢާމަލާތު 14
ދަށުކޯޓަށް މައްސަލަ ތަޙްވީލުކުރުން 18
މައްސަލަ ނިންމަން ފެންނަގޮތް 20
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 20
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 20
ޙުކުމް 21
` ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ރޯމްބަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2025] SC 05 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި
ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/222 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ، ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް1 (މީގެފަހުން "ޝާނީޒް އިންޓަރނޭޝަނަލް" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ރޯމްބަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް2 (މީގެފަހުން "ރޯމްބަސް މޯލްޑިވްސް" ކަމަށް ބުނެފައިވާ ފަރާތް) އަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
22013 ވަނަ އަހަރުން ފެށިގެން ޝާނީޒް އިންޓަރނޭޝަނަލް އާއި ރޯމްބަސް މޯލްޑިވްސް އާ ދެމެދު ޑޮލަރު ގަނެ ވިއްކުމުގެ މުޢާމަލާތުތަކެއް ކޮށްފައިވާ ކަމަށް ރޯމްބަސް މޯލްޑިވްސް އިން ބުނެއެވެ. މި މުޢާމަލާތުތަކަކީ، ރޯމްބަސް މޯލްޑިވްސް އިން ދިވެހި ފައިސާ ދިނުމުން، އެ ފައިސާއަށްވާ އެމެރިކާ ޑޮލަރު ޝާނީޒް އިންޓަރނޭޝަނަލް އިން ރޯމްބަސް މޯލްޑިވްސް އަށް ފޯރުކޮށްދިނުމުގެ މުޢާމަލާތުތަކެއް ކަމަށް ރޯމްބަސް މޯލްޑިވްސް އިން ބުނެއެވެ.
32014 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ރޯމްބަސް މޯލްޑިވްސް އިން ޙަވާލުކޮށްފައިވާ ދިވެހި ފައިސާއަށްވާ $118,000.00 (އެއް ލައްކަ އަށާރަ ހާސް އެމެރިކާ ޑޮލަރު)، އެއްބަސްވި މުއްދަތަށް ލިބިފައި ނުވާކަމަށް ރޯމްބަސް މޯލްޑިވްސް އިން ބުނެއެވެ. އަދި ޝާނީޒް އިންޓަރނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝާނީޒް އާއި ކުންފުނީގެ މެނޭޖަރ އިބްރާހީމް އަޙްމަދު އާއި، ރޯމްބަސް މޯލްޑިވްސް އާ ދެމެދު މަޝްވަރާކޮށް 24 މެއި 2014 ގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ރޯމްބަސް މޯލްޑިވްސް އިން ބުނެއެވެ.
4ޝާނީޒް އިންޓަރނޭޝަނަލްގެ ފަރާތުން ފައިސާ ދައްކައި ޚަލާޞްކުރާނެ މުއްދަތުތަކެއް ބަޔާންވެދިޔަ އެއްބަސްވުމުގައި ކަނޑައެޅިފައިވެއެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ކުންފުނިން އެއްބަސްވެފައިވާ މިންވަރަކީ ނުދެއްކި ބާކީހުރި ފައިސާގެ 0.5% ކަމަށް ހަމަޖައްސާފައިވަނީ، އީމެއިލް މެދުވެރިކޮށް ކުރެވުނު މުޢާމަލާތަކުންނެވެ.
5ބަޔާންވެދިޔަ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޝާނީޒް އިންޓަރނޭޝަނަލް އިން ފައިސާ އަދާކުރަމުން ގޮސްފައި ނުވާތީ، ރޯމްބަސް މޯލްޑިވްސް އަށް ލިބެންޖެހޭ $118,000.00 އާއި، އެއްބަސްވެވިފައިވާ ފަދައިން ޖޫރިމަނާ ފައިސާ އެކީ އެއްފަހަރާ ލިބިގަތުމަށް ރޯމްބަސް މޯލްޑިވްސް ގެ ފަރާތުން ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ޝާނީޒް އިންޓަރނޭޝަނަލް ގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ޝާނީޒް އާއި، އަދި ޝާނީޒް އިންޓަރނޭޝަނަލްގެ މެނޭޖަރެއްގެ މަޤާމުގައި ހުރި އިބްރާހީމް އަޙްމަދު ގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
6ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1581/Cv-C/2016 ޤަޟިއްޔާއިންނެވެ.
7މި ޤަޟިއްޔާގައި އެކޯޓުން ޙުކުމްކޮށްފައިވަނީ، $118,000.00 (އެއް ލައްކަ އަށާރަ ހާސް އެމެރިކާ ޑޮލަރު) އާއި 10 ޖުލައި 2014 އިން 12 ޖުލައި 2015 ގެ ނިޔަލަށް ހިނގާފައިވާ މުއްދަތަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ $216,530.00 (ދެ ލައްކަ ސޯޅަ ހާސް ފަސް ސަތޭކަ ތިރީސް އެމެރިކާ ޑޮލަރު) އާއެކު ޖުމްލަ $334,530.00 (ތިން ލައްކަ ތިރީސްހަތަރު ހާސް ފަސް ސަތޭކަ ތިރީސް އެމެރިކާ ޑޮލަރު) އަކީ ޝާނީޒް އިންޓަރނޭޝަނަލްގެ ފަރާތުން ރޯމްބަސް މޯލްޑިވްސް އަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ ކަމަށް މަދަނީ މިންގަނޑުން ސާބިތުވާތީ، 19 ޖަނަވަރީ 2017 އިން ފެށިގެން 4 މަސް ދުވަސްތެރޭ މި ދަރަނި ދައްކައި ޚަލާޞްކުރުމަށް ޝާނީޒް އިންޓަރނޭޝަނަލް އަށް އަންގާފައެވެ. އަދި މިފައިސާއަކީ، އެ ދަޢުވާގައި ދެން ހިމެނޭ އަޙްމަދު ޝާނީޒް އާއި އިބްރާހީމް އަޙްމަދު ޝަޚްސީ ގޮތުން ދައްކަންޖެހޭ ފައިސާއެއް ކަން ޝަރީޢަތަށް ސާބިތުވާ ފަދަ ކާފީ ހެއްކެއް މިޤަޟިއްޔާގައި ހުށަހެޅިފައި ނެތުމުން މި ފައިސާ ދެއްކުމަށް އެ ދެފަރާތުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށްވެސް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ. މިފަދައިން ޙުކުމް ކުރުމުގައި ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމަށެވެ.
7.1. ޝާނީޒް އިންޓަރނޭޝަނަލް އާއި ރޯމްބަސް މޯލްޑިވްސް އާ ދެމެދު ޑޮލަރު ގަނެއްވިއްކުމުގެ މުޢާމަލާތުތަކެއް ހިނގާފައިވާ ކަމާއި، ޝާނީޒް އިންޓަރނޭޝަނަލް އިން ރޯމްބަސް މޯލްޑިވްސް އަށް ދޭންޖެހޭ ޖުމްލަ $118,000.00 (އެއް ލައްކަ އަށާރަ ހާސް އެމެރިކާ ޑޮލަރު) އަދާކުރުމުގެ ގޮތުން ޝާނީޒް އިންޓަރނޭޝަނަލްގެ ފަރާތުން އެ ޢަދަދަށް އެމެރިކާ ޑޮލަރު ނެގޭ ގޮތަށް އެ ކުންފުނީގެ އެކައުންޓުން ޑޭޓެޑް ޗެކްތަކެއް އެކި ފަހަރުމަތިން ރޯމްބަސް މޯލްޑިވްސް އަށް ދޫކޮށްފައިވާ ކަމާއި، މިގޮތުން ޗެކް ދޫކޮށްފައިވަނީ، އެ ކުންފުނީގެ ޗެކްތަކުގައި ސޮއިކުރުމުގެ އިޚްތިޔާރު ދީފައިވާ ފަރާތަކުން ސޮއިކޮށް އެ ކުންފުނީގެ ސިއްކަ ޖަހާފައިވާކަން ބަޔާންވެދިޔަ ޗެކްތަކުން އެނގެން އޮންނަކަން؛
7.2. މި މުޢާމަލާތު ހިންގާފައިވަނީ އިބްރާހީމް އަޙްމަދު ޝާނީޒް އިންޓަރނޭޝަނަލްގެ މެނޭޖަރެއްގެ މަޤާމުގައި ހުރެކަން ޝާނީޒް އިންޓަރނޭޝަނަލްގެ ބަހުންވެސް އެނގެން އޮންނަކަމާއި، ކުންފުނީގެ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތާ ޙަވާލުވެހުރި ފަރާތަކުން އެ ކުންފުނީގެ ނަމުގައި ކޮށްފައިވާ މި މުޢާމަލާތުގެ ފައިސާ ރޯމްބަސް މޯލްޑިވްސް އަށް ދެއްކުމުގައި ޝާނީޒް އިންޓަރނޭޝަނަލް ބަރީއަވާނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތްކަން؛
7.3. މި މުޢާމަލާތަކީ، ކުންފުނީގެ މެނޭޖަރަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭރުން އިބްރާހީމް އަޙްމަދު ކޮށްފައިވާ މުޢާމަލާތެއް ކަމުގައި ބުނާނަމަ، އެއީ ޝާނީޒް އިންޓަރނޭޝަނަލް އާއި އިބްރާހީމް އަޙްމަދުއާ ދެމެދު އޮތް ކަމެއް ކަމާއި، އެފަދަ ކަމަކުން ކުންފުންޏަށް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމެއްގެ ބަދަލު ހޯދުމަށް އިބްރާހީމް އަޙްމަދުގެ މައްޗަށް ދަޢުވާ ކުރުމާއި ނުކުރުމަކީ، އެ ކުންފުންޏަށް ލިބިގެންވާ ޙައްޤެއްކަން؛
8ސިވިލް ކޯޓުގެ މި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ޝާނީޒް އިންޓަރނޭޝަނަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
9ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2017/HC-A/222 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އެ ކޯޓުން ކަނޑައަޅާފައިވަނީ، ސިވިލް ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ. މިފަދައިން ޙުކުމް ކުރުމުގައި އެކޯޓުން ރިޢާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
9.1. މި މުޢާމަލާތުގައި ޝާނީޒް އިންޓަރނޭޝަނަލްގެ އެކައުންޓުން ޗެކުތައް ދޫކޮށްފައިވާއިރު، މި ޗެކުތަކުގައި އެ ކުންފުނީގެ އޮތޯރިޓީ އޮތް ފަރާތަކުން ސޮއިކޮށް ކުންފުނީގެ ސިއްކަ ޖަހާފައިވާއިރު، ޗެކު ބައުންސްވެފައިވަނީ ސޮޔާ ގުޅުންހުރި މައްސަލައެއްގައި ނޫންކަން ސިވިލް ކޯޓަށް ހުށަހެޅުނު ބޭންކް އޮފް މޯލްޑިވްސް ގެ ލިޔުންތަކުން އެނގޭކަމާއި، ކުންފުނީގެ އޮތޯރިޓީ ނެތި މުޢާމަލާތެއް ހިންގައިގެން މައްސަލަ ޕޮލިހަށް ހުށަހެޅި ބެލިފައިވާކަމަށް ޝާނީޒް އިންޓަރނޭޝަނަލްގެ ފަރާތުން ބުނި ނަމަވެސް، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކުން، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލާފައިވަނީ ރޯމްބަސް މޯލްޑިވްސް ގެ ފަރާތުން ޗެކު ބައުންސްވި މައްސަލައާ ގުޅިގެން ހުށަހެޅި މައްސަލައެއްކަން ޝާނީޒް އިންޓަރނޭޝަނަލްގެ ބަހުން އެނގޭކަން؛
9.2. މި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެފަދަ މުޢާމަލާތެއް ކުންފުނީގެ ނަމުގައި ކުރުމަށް އިބްރާހީމް އަޙްމަދު އަށް ބާރުދިން ލިޔުމެއްގެ ދަށުންކަން އެނގެން ނެތްކަމުގައި ވީނަމަވެސް، މުޢާމަލާތު ހިނގާފައިވާ ގޮތުންނާއި، ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބަލާއިރު، އިބްރާހީމް އަޙްމަދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ކުންފުނީގެ ޖެނެރަލް މެނޭޖަރެއްގެ ޙައިސިއްޔަތުން ކުންފުނީގެ އެނގުމާއި ފެނުމުގެ ތެރެއިންކަން ބެލެވޭ ކަންތައްތަކެއް ހުރުމުން އެފަރާތުން ކުންފުނީގެ ނަމުގައި ކުރި މުޢާމަލާތަކީ އިމްޕްލައިޑް އޮތޯރިޓީއާ އެކު ކުރެވުނު މުޢާމަލާތެއްކަން އެނގޭކަން.
10މި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ޝާނީޒް އިންޓަރނޭޝަނަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
11ހައިކޯޓުގެ ޙުކުމް ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ފެންނަ އިސްތިއުނާފީ 7 ނުކުތާ ޝާނީޒް އިންޓަރނޭޝަނަލް ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
12އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، މި މުޢާމަލާތާ ގުޅިގެން ފައިސާ ބަދަލުކުރެވުނުކަން ރޯމްބަސް މޯލްޑިވްސް ގެ އެކައުންޓް ސްޓޭޓްމަންޓްތަކުން ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ކަނޑައެޅިގެން އެ ސްޓޭޓްމަންޓްތަކުން އެއީ ފުރިހަމަކުރެވިފައިވާ މުޢާމަލާތްތަކެއް ކަން ފެންނަން އޮވެމެކަމުން އެއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު3 ގެ 5 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، ރޯމްބަސް މޯލްޑިވްސް އާއި ޝާނީޒް އިންޓަރނޭޝަނަލް އާދެމެދު ވެވުނު ކަމަށް ރޯމްބަސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އެއްބަސްވުމުން ދަރަންޏެއް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ އެ އެއްބަސްވުމުގައި، އެއްބަސްވުމެއްގައި ފުރިހަމަވާންޖެހޭ މުޤާބިލެއް ވެސް އަދި ފައިސާ ދޭންޖެހޭ ސަބަބެއްވެސް އެނގެން ނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
14އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ، ހައިކޯޓުގެ ނިންމުމުގެ 17 ވަނަ ޕެރެގްރާފްގައި ކޯޓުން ދެކެނީ މި މައްސަލައިގައި ތަޠުބީޤުވާނީ apparent / ostensible authority ގެ ޤާނޫނީ އުސޫލުތައްކަމަށް ބަޔާންކޮށްފައި، 19 ވަނަ ޕެރެގްރާފްގައި އިމްޕްލައިޑް އޮތޯރިޓީ އޮތްކަމަށް ބުނެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
15އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ، މި ހުރިހާ ކަންތައްތަކަށް ބަލާއިރު، ޝާނީޒް އިންޓަރނޭޝަނަލް ގެ މެނޭޖަރު މި އެގްރީމަންޓަށް ވަދެފައިވަނީ އިމްޕްލައިޑް އޮތޯރިޓީ އޮވެގެންކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ އެކަން މަދަނީ މިންގަނޑުން ސާބިތުވާފަދަ އެއްވެސް ޤާނޫނީ އަސާސެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
16އިސްތިއުނާފީ ފަސްވަނަ ނުކުތާއަކީ، އިމްޕްލައިޑް އޮތޯރިޓީ އޮތްކަމަށް ބަޔާންކޮށް ކޮމަންލޯ އިންޑޯރ މެނޭޖްމަންޓް ރޫލް އަށް ފުޓްނޯޓް ރެފަރެންސް ދީފައިވާއިރު، ކޮމަންލޯ އިންޑޯރ މެނޭޖްމަންޓް ރޫލް ގެ އިސްތިސްނާ އެއް ޙާލަތު ކަމުގައިވާ، ޙަޤީޤަތުގައި އެ މުޢާމަލާތްކުރަނީ ކުންފުނީގެ ފަރާތުންތޯ ބެލުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުން (failing to make reasonable inquiries) އެއީ ކުންފުނީގެ ޒިންމާއިން ކުންފުނި ބަރީއަ ކުރެވޭނެ ސަބަބެއް ކަމުގައިވާއިރު، އެކަމަށް ރިޢާޔަތް ނުކުރާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
17އިސްތިއުނާފީ ހަވަނަ ނުކުތާއަކީ، ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުގެ 262 ވަނަ މާއްދާއަކީ މުޠުލަޤަށް ޢަމަލު ނުކުރެވޭނެ މާއްދާއެއް ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
18އިސްތިއުނާފީ ހަތްވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގައި ޝަރުޢީ މައްސަލަތައް ހިންގަނީ ޢާންމު ގޮތެއްގައި އެޑްވަޒޭރިއަލް ކޮށް ކަމުގައި ވިޔަސް، ދައުލަތުގެ އިދާރާއަކުން ޚަޞްމަކަށް ނުދޭނެ ޑޮކިއުމަންޓެއް، އަދި އެ ޑޮކިއުމަންޓަކީ ސާފުނުވާ ޙަޤީޤަތެއް ހޯދުމަށް ކޮންމެހެން ބޭނުންތެރި ޑޮކިއުމަންޓެއް ކަމަށް ކޯޓަށް ފެންނަ ނަމަ އެ ޑޮކިއުމެންޓެއް ހޯދުމުގެ އިޚްތިޔާރު ކޯޓުގެ މައްޗަށް ނެތްކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
19މި އިސްތިއުނާފުގައި ޝާނީޒް އިންޓަރނޭޝަލްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހެނީ މައިގަނޑު ދެ ކަމަކާ ގުޅިގެންނެވެ. އެއީ،
19.1. މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ ޝާނީޒް އިންޓަރނޭޝަނަލްއާއެކު ރޯމްބަސް މޯލްޑިވްސް އިން ވެފައިވާ ޞައްޙަ އެއްބަސްވުމެއް ކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއާއި،
19.2. މި މައްސަލައިގައި ހިމެނޭ ދަރަންޏަށް ޝާނީޒް އިންޓަރނޭޝަނަލް އިން ޒިންމާވާންޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ އެވެ.
ދެ ފަރާތުގެ ދެމެދުގައި ވެވުނުކަމަށް ބުނާ އެއްބަސްވުން
20ސިވިލް ކޯޓަށް ޑޮކިއުމަންޓް 4 ގެ ގޮތުގައި ރޯމްބަސް މޯލްޑިވްސް އިން ހުށަހެޅި އެއްބަސްވުމަކީ، ޝާނީޒް އިންޓަރނޭޝަނަލް އާއި ރޯމްބަސް މޯލްޑިވްސް އާ ދެމެދު ވެފައިވާ އެއްބަސްވުމެއް ކަމަށް ރޯމްބަސް މޯލްޑިވްސް އިން ބުނާއިރު، އެފަދަ އެއްބަސްވުމެއް ރޯމްބަސް މޯލްޑިވްސް އާއެކު ވެފައި ނުވާނެ ކަމަށް ބުނެ، މި އެއްބަސްވުމުގެ ޞައްޙަކަމާމެދު ޝާނީޒް އިންޓަރނޭޝަނަލް އިން ސުވާލު އުފައްދާފައިވެއެވެ. އެފަދައިން ސުވާލު އުފެއްދުމުގައި ޝާނީޒް އިންޓަރނޭޝަނަލްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކުރެއެވެ.
20.1. ދެ ކުންފުނީގެ ނަން އެއްބަސްވުމުގައި ބަޔާންވެފައިވާއިރު، ރޯމްބަސް މޯލްޑިވްސް ގެ ނަމާއި، ރަޖިސްޓްރޭޝަން ނަންބަރުގެ އިތުރުން ކުންފުނީގެ އެޑްރެސް ވެސް ހިމަނައި ފުރިހަމަ ކޮށްފައިވާއިރު، ޝާނީޒް އިންޓަރނޭޝަނަލްގެ އެޑްރެސް އެއްބަސްވުމުގައި ހިމަނާފައި ނުވާކަން؛
20.2. އެއްބަސްވުމުގެ އެއްވެސް ހިސާބެއްގައި ޝާނީޒް އިންޓަރނޭޝަނަލްގެ ސިއްކަ ޖަހާފައި ނުވާކަމާއި، ޝާނީޒް އިންޓަރނޭޝަނަލްގެ ނަން އެއްބަސްވުމެއްގައި ޖަހާފައި އޮންނަ އޮތުމަކީ، އެފަދަ އެއްބަސްވުމަކަށް ޝާނީޒް އިންޓަރނޭޝަނަލް އިން ޒިންމާވާންޖެހޭ ކަމެއް ނޫންކަން؛
20.3. ޝާނީޒް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ މެނޭޖަރ ލެވެލްގެ ފަރާތެއް ކަމާއި، އެއީ މިފަދަ މުޢާމަލާތެއް ހިންގުމުގެ އޮތޯރިޓީ އޮތް ފަރާތެއް ނޫންކަން؛
20.4. މި އެއްބަސްވުމުގައި ސޮއި ކުރެވުނީ ޝާނީޒް އިންޓަރނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ޝާނީޒްގެ ހާޟިރުގައި ކަމަށް ރޯމްބަސް މޯލްޑިވްސް އިން ބުނެފައިވީނަމަވެސް އެއީ ޙަޤީޤަތެއް ނޫންކަމާއި، އަޙްމަދު ޝާނީޒްގެ ޙާޟިރުގައި ސޮއި ކުރެވުނު ކަމަށް ބުނާނަމަ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ޙައިޞިއްޔަތުން އަޙްމަދު ޝާނީޒް އެ އެއްބަސްވުމުގައި ސޮއިނުކޮށް، އެހެން ފަރާތެއް ލައްވާ ސޮއި ކުރުވާފައިވާތީ، އެއީ އެކަމަކާމެދު ސުވާލު އުފެދޭ ކަމެއް ކަން؛
20.5. ޝާނީޒް އިންޓަރނޭޝަނަލް އިން އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާއަކީ ޝާނީޒް އިންޓަރނޭޝަނަލް އަށް ލިބިފައިވާ ފައިސާއެއް ނޫންކަން؛
21HN1ކޮންޓްރެކްޓެއް ވުޖޫދަށް އަންނަ ގޮތާ ގުޅިގެން ސުޕްރީމް ކޯޓުގެ ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް4 ޤަޟިއްޔާގައި ބަޔާންވެފައިވަނީ، ޤާނޫނުގައި ވަކި ޚާއްޞަ ގޮތަކަށް އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމް ނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކޮންޓްރެކްޓެއް ކަމަށެވެ.
22މި މައްސަލައިގައި ހިމެނޭ އެއްބަސްވުމާ ބެހޭގޮތުން ޝާނީޒް އިންޓަރނޭޝަނަލް އިން ބުނާ ބުނުމަށް ބަލާއިރު، މިއީ ރިޟާއީ އެއްބަސްވުމެއް ނޫން ކަމަށް ބެލުމުގެ ޖާގައެބައޮތެވެ. ޝާނީޒް އިންޓަރނޭޝަނަލް އިން ބުނާގޮތުގައި މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، އެ ކުންފުނީގެ އެނގުމާއި ފެނުމުގެ ބޭރުން، ކުންފުނިން އޯތޮރައިޒް ކޮށްފައި ނުވާ ފަރާތަކުންނެވެ.
23މި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ފާހަގަކޮށް ސިވިލް ކޯޓުން ބަޔާންކޮށްފައިވަނީ، އެ މުޢާމަލާތު ހިންގާފައިވަނީ އިބްރާހީމް އަޙްމަދު، ޝާނީޒް އިންޓަރނޭޝަނަލްގެ މެނޭޖަރެއްގެ މަޤާމުގައި ހުރެ ކުންފުނީގެ ނަމުގައިކަން ޝާނީޒް އިންޓަރނޭޝަނަލްގެ ބަހުން އެނގެން އޮންނަ ކަމަށާއި، ރޯމްބަސް މޯލްޑިވްސްއާ މުޢާމަލާތު ކޮށްފައިވަނީ ޝާނީޒް އިންޓަރނޭޝަނަލްގެ މެނޭޖަރެއްގެ ޙައިސިއްޔަތުން އެކުންފުނީގެ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތާ ޙަވާލުވެ ހުރި ފަރާތަކުން އެ ކުންފުނީގެ ނަމުގައި ކަމުން، އެ ފައިސާ ރޯމްބަސް މޯލްޑިވްސް އަށް ދެއްކުމުގައި ޝާނީޒް އިންޓަރނޭޝަނަލް ބަރީއަވާނެ ޤާނޫނީ އަދި ޝަރުޢީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
24HN2ހައިކޯޓުގެ ނިންމުމުގައި ބަޔާންވެފައިވަނީ، ޝާނީޒް އިންޓަރނޭޝަނަލް ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝާނީޒް ގެ އެނގުމާއި ފެނުމުގެ ތެރެއިން ކަމަށް ބެލެވޭ ކަންތައްތަކެއް ހުރުމުން އިބްރާހީމް އަޙްމަދު ކުންފުނީގެ ނަމުގައި ކުރި މުޢާމަލާތަކީ އިމްޕްލައިޑް އޮތޯރިޓީ އޮވެގެން ކުރި މުޢާމަލާތެއްކަން އެނގޭކަމަށެވެ. މިކަމަށް ބާރުދޭ ވާޤީޢާތަކެއް ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާއިރު، އެ ވާޤީޢާތަކުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން އަންނަނިވި ކަންކަން ފާހަގަކޮށްލަމެވެ.
24.1. މި މައްސަލައާ ގުޅިގެން ކުރެވިފައިވާ މުޢާމަލާތަކީ ރޯމްބަސް މޯލްޑިވްސް އާއި ޝާނީޒް އިންޓަރނޭޝަނަލް އާ ދެމެދު ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ މުއްދަތަށް ދިގު ދެމިގެން ގޮސްފައިވާ މުޢާމަލާތެއްކަން ރޯމްބަސް މޯލްޑިވްސް ގެ ބަހުން އެނގޭކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. ރޯމްބަސް މޯލްޑިވްސް އިން ބުނާ ގޮތުގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިއަށް މި މުޢާމަލާތު ކުރެވުނީ އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް، އަނގަބަހުން ވެވުނު އެ އެއްބަސްވުމުގެ ޙަޤީޤީ ބައިވެރިޔަކީ ޝާނީޒް އިންޓަރނޭޝަނަލް ކަމާއި، އެ އެއްބަސްވުމުގައި ސޮއިކުރި އިބްރާހިމް އަޙްމަދު ފަރުދީ ގޮތުން ކުރިކަމެއް ނޫންކަން ރޯމްބަސް މޯލްޑިވްސް ގެ ބަހުން ކަށަވަރުކޮށް އެނގޭ ގޮތެއް ހައިކޯޓުގެ ޤަޟިއްޔާއިން ސާފު ނުވެއެވެ. އެހެނީ، އެއްބަސްވުމުގެ ކުރީގައި ހިނގާފައިވާ މުޢާމަލާތުތަކެއްގެ ގޮތުގައި ރޯމްބަސް މޯލްޑިވްސް ގެ ބޭންކް އެކައުންޓް ސެޓޭޓްމަންޓުން ފެންނަން އޮތީ އަޙްމަދު ޝާނީޒް ގެ ޕާރސަނަލް އެކައުންޓުން ފައިސާ ޖަމާވެފައިވާ މުޢާމަލާތުތަކެކެވެ.
24.2. ރޯމްބަސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އެ ކުންފުނީގެ ބޭންކް ސްޓޭޓްމަންޓްތަކުން ޝާނީޒް އިންޓަރނޭޝަނަލް ގެ މެނޭޖިންގ ޑިރެކްޓަރުގެ އެކައުންޓުން ތަކުރާރުކޮށް މުޢާމަލާތު ކުރެވިފައިވާކަން އެނގެން އޮތްއިރު، މިއީ މުޅިން އެހެން ކަމަކާ ގުޅޭ ފައިސާއެއް ކަމަށް ޝާނީޒް އިންޓަރނޭޝަނަލް އިން ބުނެފައިވީ ނަމަވެސް، މި މުޢާމަލާތާ ގުޅޭ އިތުރު ތަފްޞީލު ދީފައި ނުވާކަމަށް ހައިކޯޓުގެ ޙުކުމްގައި ފާހަގަކޮށްފައިވެއެވެ. ކުރިންވެސް ބަޔާންވެފައިވާ ފަދައިން، ރޯމްބަސް މޯލްޑިވްސް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްތަކުން އެނގެންއޮތްގޮތުން ރޯމްބަސް މޯލްޑިވްސް ގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ އަޙްމަދު ޝާނީޒްގެ ނަމުގައި އޮތް އެކައުންޓަކުންނެވެ. ޝާނީޒް އިންޓަރނޭޝަނަލް ގެ ނަމުގައި އޮތް އެކައުންޓަކުން ފައިސާ ޖަމާވެފައި ނުވެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު5 ގެ 15 ވަނަ މާއްދާއާ ޙަވާލާދީ، ކުންފުންޏަކީ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ވަކި ޤާނޫނީ ޝަޚުސެއް ކަމަށް ހައިކޯޓުން ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ރޯމްބަސް މޯލްޑިވްސް ގެ ބޭންކް ސްޓޭޓްމަންޓުން ފެންނަ މި މުޢާމަލާތުގެ މައްޗަށް އެ މަފްހޫމް ނުހިނގަނީ ކީއްވެތޯ އެއީ އުފެދޭ ސުވާލެކެވެ.
24.3. ޑޮލަރު ގަތުމާ ގުޅޭ މުޢާމަލާތުތައް ޝާނީޒް އިންޓަރނޭޝަނަލްގެ ޑޮމެއިންގެ [email protected] އަށް އީމެއިލް ކުރެވިފައިވާއިރު އެ އީމެއިލްތައް އެ ކުންފުނީގެ ޖެނެރަލް އީމެއިލް ކަމުގައިވާ [email protected] އަށް ވެސް ކޮޕީ ކުރެވިފައިވާ ކަމަށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސިވިލް ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ފެންނަން އޮތީ ހަމައެކަނި ރޯމްބަސް މޯލްޑިވްސް އިން ފޮނުވާފައިވާ އީމެއިލް އެކެވެ. އެ އީމެއިލް އަށް ޝާނީޒް އިންޓަރނޭޝަނަލް އިން ދީފައިވާ ޖަވާބެއް ފެންނަން ނެތްއިރު، އެ މުޢާމަލާތުގައި ޝާނީޒް އިންޓަރނޭޝަނަލް އިން ބައިވެރިވެފައިވާކަމަށް، ނުވަތަ އެ އީމެއިލްގައި ހުށަހެޅުނު ހުށަހެޅުންތައް ޝާނީޒް އިންޓަރނޭޝަނަލް އިން ޤަބޫލުކޮށްފައިވާކަމަށް ހައިކޯޓުން އިފްތިރާޟު ކޮށްފައިވަނީ ކިހިނެއް ކަމެއް ސާފެއްނުވެއެވެ.
24.4. ޝާނީޒް އިންޓަރނޭޝަނަލް އިން ދޫކުރި ޗެކުތައް ބައުންސްވެ އެކަން ޝާނީޒް އިންޓަރނޭޝަނަލް އަށް އެންގުމުގެ ގޮތުން ރޯމްބަސް މޯލްޑިވްސް އިން 14 ޖޫން 2014 ގައި ފޮނުވި ސިޓީ ގައި ޝާނީޒް އިންޓަރނޭޝަނަލް ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝާނީޒް އެ ސިޓީއާ ޙަވާލުވެފައިވާކަން އެ ސިޓީއިން އެނގޭކަމަށް ހައިކޯޓުން ބަޔާންކޮށްފައިވީ ނަމަވެސް، ސިވިލް ކޯޓަށް ހުށަހެޅުނު އެ ސިޓީ ގެ އެއްވެސް ހިސާބެއްގައި އަޙްމަދު ޝާނީޒް ސޮއި ކޮށްފައިވާތީ ފެންނަން ނެތް އިރު، އަޙްމަދު ޝާނީޒް އެ ސިޓީއާ ޙަވާލުވިކަން އެނގޭގޮތެއް ސާފެއް ނުވެއެވެ. މީގެ އިތުރުން، 10 ޖުލައި 2014 ގެ ސިޓީ ޝާނީޒް އިންޓަރނޭޝަނަލް ގެ އަނެއް ޑިރެކްޓަރު ބަލައި ކިޔައި ސޮއިކުރުމަށްފަހު އެ ސޮއި ކަނޑާލާފައިވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް ހައިކޯޓުން ފާހަގަކުރާއިރު، ސިޓީގެ އަރިމަތީގައިވާ އެ ލިޔުންކޮޅު ލިޔުނު ފަރާތަކީ ކޮބައިކަމާއި، އެއީ ޝާނީޒް އިންޓަރނޭޝަނަލް އާ ދެކޮޅަށް ބޭނުންކުރެވިދާނެ ބަޔާނެއްތޯ އެއީ އުފެދޭ ސުވާލެކެވެ. އެ ސިޓީތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތްތައް ހާޟިރުކޮށް އެ ފަރާތުގެ ބަޔާނެއް ސިވިލް ކޯޓުގައި ނެގިފައިވާކަން އެނގެންނެތެވެ.
24.5. ކުންފުނީގެ ނަމުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ މެނޭޖަރަކަށް އޭރު ހުރި ފަރާތުންކަމަށް ސިވިލް ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޝާނީޒް އިންޓަރނޭޝަނަލް އިން ބަޔާންކޮށްފައިވާއިރު، ކުންފުނީގެ އޮތޯރިޓީ ނެތި މުޢާމަލާތްކުރި ކަމަށް ބުނެ މުވައްޒަފާމެދު ފިޔަވަޅެއް އަޅާފައި ނުވާކަމަށާއި، ތަޙުޤީޤީ އިދާރާއަކަށް ހުށަހަޅާފައިނުވާކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. ޝާނީޒް އިންޓަރނޭޝަނަލްގެ މެނޭޖަރެއްގެ މަޤާމުގައި ހުރެ ޝާނީޒް އިންޓަރނޭޝަނަލްގެ ނަމުގައިވާ އެއްބަސްވުމެއްގައި އިބްރާހީމް އަޙްމަދު ސޮއިކޮށްފައިވަނީ އެފަދަ މުޢާމަލާތެއް ކުންފުނީގެ ނަމުގައި ކުރުމަށް އިބްރާހީމް އަޙްމަދު އަށް ބާރުދިން ލިޔުމެއް ނެތި ކަމަށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.6 މި ޙާލަތުގައި، އިބްރާހީމް އަޙްމަދު އާމެދު ފިޔަވަޅެއް އަޅާފައި ނުވާކަމުގެ މައްޗަށް އެކަނި ބުރަވެ، ކުންފުނީގެ ނަމުގައި މިފަދަ މުޢާމަލާތެއް ކުރުމުގެ ބާރު ޝާނީޒް އިންޓަރނޭޝަނަލް އިން އިބްރާހީމް އަޙްމަދު އަށް ދީފައިވާ ކަމުގައި ނިންމިދާނެ ކަމާމެދު ސުވާލު އުފެދެއެވެ.
25ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކުރާއިރު، މި ޚުޞޫމަތުގައިވާ އެއްބަސްވުން ވެފައިވަނީ ޝާނީޒް އިންޓަރނޭޝަނަލް ގެ ފުރިހަމަ އިޚްތިޔާރުގައި، އެ ކުންފުންޏާއެކުގައި ކަމަށް މަދަނީ މިންގަނޑުން ނިންމޭވަރަށްވުރެ ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް މި މައްސަލައިގައި ހިމެނޭކަން ފާހަގަވެއެވެ.
ގުޅުވާލެވޭ މުޢާމަލާތު
26މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ ޙަޤީޤަތުގައިވެސް ޝާނީޒް އިންޓަރނޭޝަނަލް އިން ވެފައިވާ އެއްބަސްވުމެއް ކަމަށް ޤަބޫލުކުރެވިދާނެ ހެއްކެއްގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ، ޝާނީޒް އިންޓަރނޭޝަނަލް ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން ރޯމްބަސް މޯލްޑިވްސް އަށް ފައިސާ ނެގޭ ގޮތަށް ދޫކޮށްފައިވާ ޗެކްތަކެވެ. އެއްބަސްވުމުގައިވާ ތާރީޚަކީ 24 މޭ 2014 ކަމަށް ވާއިރު، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހަތަރު ޗެކް ގެ ތެރެއިން ތިން ޗެކެއްގައި ވަނީ އެއަށްވުރެ ފަހުގެ ތާރީޚެކެވެ.
27ޝާނީޒް އިންޓަރނޭޝަނަލް އިން ބުނެފައިވަނީ، އެ ޗެކް ތަކަކީ ކުންފުނީގެ އޯތޮރައިޒޭޝަނެއް ނެތި ދޫކުރެވިފައިވާ ޗެކް ތަކެއް ކަމަށެވެ. އަދި އެކަން އެމަގުން ކުރިއަށް ގޮސްފައިވާކަން ކުންފުނީގެ ސަމާލުކަމަށް އައީ، އެ ޗެކްތައް ބައުންސްވެ، މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަޙުޤީޤެއްގައި އިބްރާހީމް އަޙްމަދު އެކަމަށް އެއްބަސްވެ، އެއީ އޭނާ އަމިއްލައަށް ޗެކް ތައްޔާރުކޮށް ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތެއް ކަމަށް އެއްބަސްވެފައިވާތީކަމަށް ޝާނީޒް އިންޓަރނޭޝަނަލް އިން ސިވިލް ކޯޓުގައި ބުނެފައިވެއެވެ.7
28މިކަންކަން ޝާނީޒް އިންޓަރނޭޝަނަލް ގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކުރި ނަމަވެސް، ފުލުހުން ކޮށްފައިވާ އެ ތަޙުޤީޤާ ގުޅޭ އެއްވެސް މަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ސާފުކުރުމަކާ ނުލައި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ، ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދުގެ 262 ވަނަ މާއްދާގެ ރޫޙާ ޚިލާފަށް ކަމަށް ބުނެ ހައިކޯޓަށް އިސްތިއުނާފީ ނުކުތާއެއް ޝާނީޒް އިންޓަރނޭޝަނަލްގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެ ނުކުތާގައި ހައިކޯޓުން ނިންމާފައިވަނީ، ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދުގައިވާ އެ އުސޫލު ކަނޑައެޅުނު ފަހުން ޝަރުޢީ ނިޒާމު ހިނގާގޮތަށް ބަދަލު އައިސްފައިވާ ކަމަށާއި، ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި 07 އޮގަސްޓް 2008 ގައި ކަނޑައެޅިފައި ވުމާއެކު ފަނޑިޔާރުން ޝަރީޢަތް ކުރަނީ މުސްތަޤިއްލުކޮށް ކަމަށާއި، ޤާނޫނުއަސާސީގެ ދަށުން ޖުޑިޝަރީއަކީ މިނިވަން މުސްތަޤިއްލު ދައުލަތުގެ ބާރެއްގެ ގޮތުގައި ކަނޑައެޅިފައި ވުމުން ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ސަރުކާރުގެ އޮފީސްތަކަށް ލިޔެ ލަފަޔާ މަޝްވަރާ ހޯދައިގެން މައްސަލަ ހިންގައި ގޮތް ނިންމުމަކީ ތިން ބާރު ވަކިކުރުމުގެ މަފްހޫމާ ޚިލާފު ކަމެއް ކަމަށެވެ.
29ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދުގެ 262 ވަނަ މާއްދާގައި ބަޔާންވެފައިވަނީ،
"ކޯޓަށް ހުށަހެޅޭ އެކިއެކި އޮފީސްތަކުގެ ދާއިރާއާ ގުޅޭ އަމިއްލަ މީސްމީހުންގެ މައްސަލަތަކުގައި، އެމީސްމީހުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ އިތުރަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް މަޢުލޫމާތު ހޯދުމަށާއި، ސަރުކާރުގެ އެކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދަންޖެހޭ ކަންތައްތަކުގައި އެފަރާތްތަކުގެ މަޝްވަރާ ހޯދަމުން ގެންދިއުން. ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ސަރުކާރުގެ ކަމާބެހޭ އެކި ފަރާތް ފަރާތަކަށް ލިޔެގެން ލަފާ ހޯދުމަށްފަހު ނިންމަންޖެހޭ މައްސަލަތަކުގައި އެ މައްސަލައެއް ނިންމަން ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ލަފާދޭ ގޮތަކީ ސަރުކާރުން އެކަމާބެހޭ ގޮތުން ހަމަޖައްސާފައިވާ ޤަވާޢިދާ ޚިލާފުވާ ގޮތަކަށްވާނަމަ، ނުވަތަ ސަރުކާރުގެ ފަރާތަކުން ކޮށްފައިވާ ޢާންމު އިޢުލާނަކާ ޚިލާފުވާ ގޮތަކަށްވާނަމަ އެ މައްސަލައެއް ނިންމުމުގެ ކުރިން މިނިސްޓްރީ އޮފް ޖަސްޓިސް އަށް ލިޔަމުން ގެންދިއުން." މިހެންނެވެ.
30HN3މަދަނީ ޠަބީޢަތުގެ މައްސަލަތަކުގައި ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޙުކުމަށް ވާޞިލުވުމަށްޓަކައި ހޯދަންޖެހޭކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ފެންނަ ކޮންމެ ލިޔުމެއް އަދި މަޢުލޫމާތެއް ހޯދުމަކީ އެ ފަނޑިޔާރަކަށް ލިބިގެންވާ ބާރެއްކަމަށް ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް) ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް8 ޤަޟިއްޔާގައި ބަޔާންވެފައިވެއެވެ. މި އުސޫލަށް ބަލާއިރު، ދައުލަތުގެ އިދާރާއެއްގެ ބެލުމުގެ ދަށުގައިވާ ލިޔެކިޔުން ހޯދައި އެ މަޢުލޫމާތު ސާފުކުރުމަށްފަހު ޙުކުމަށް ވާޞިލުވުމަށް ފަނޑިޔާރަކު ނިންމާ ނިންމުމަކީ، ކޯޓަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ސަރުކާރުގެ އޮފީސްތަކަށް ލިޔެ ލަފަޔާ މަޝްވަރާ ހޯދުން ކަމުގައި ބެލެވޭނެ ޖާގަ އޮތް ކަމަކަށް ނުދެކެމެވެ.
31ޝާނީޒް އިންޓަރނޭޝަނަލް އިން ތަޙުޤީޤާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ހައިކޯޓުން ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރީ ކޮން މައްސަލައެއް ކަމާއި އެ ތަޙުޤީޤު ރިފަރެންސް ނަންބަރު ފަދަ މަޢުލޫމާތުވެސް ޝަރީޢަތާ ޙިއްސާކޮށްފައިވާކަން އެނގެން ނެތްކަމަށާއި، ތަޙުޤީޤާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް ޝާނީޒް އިންޓަރނޭޝަނަލް ގެ ފަރާތުން އެކަށީގެންވާ މަސައްކަތެއްކޮށް ލިޔުން ލިބިފައިނުވާކަން އެނގޭކަށް ނެތް ކަމަށެވެ.
32HN4ފުލުހުންގެ އިދާރާއިން ކޮށްފައިވާ ތަޙުޤީޤަކީ، ޝާނީޒް އިންޓަރނޭޝަނަލްގެ އެކައުންޓުން ދޫކުރެވިފައިވާ ޗެކްތައް ބައުންސްވެފައިވާތީ، ރޯމްބަސް މޯލްޑިވްސް އިން ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން ކުރެވުނު ތަޙުޤީޤެއްކަން ދެ ފަރާތުގެ ބަހުން އެނގެއެވެ. ޗެކްތަކުގައި ސޮއި ކުރިކަމާމެދު ޝާނީޒް އިންޓަރނޭޝަނަލް ގެ ފަރާތުން ވަނީ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައެވެ. ތަޙުޤީޤުގެ އެ ލިޔެކިޔުންތަކަކީ، ޝާނީޒް އިންޓަރނޭޝަނަލް އިން މި މައްސަލައިގައި ނަގާފައިވާ ދިފާޢު ސާބިތުކޮށްދިނުމަށްޓަކައި ބޭނުންކުރެވިދާނެ މުހިންމު ލިޔެކިޔުންތަކެކެވެ. އެ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ޝާނީޒް އިންޓަރނޭޝަނަލްގެ ދިފާޢު ސާބިތުވެއްޖެނަމަ، މައްސަލައިގެ ނަތީޖާ ފުރޮޅިގެން ގޮސް، ޝާނީޒް އިންޓަރނޭޝަނަލްގެ މައްޗަށް އުފެދިފައިވާ ދަރަނި އަދާކުރުމުގެ ޒިންމާއިން އެ ކުންފުނި ބަރީއަވުމުގެ ފުރުޞަތު އޮންނާނެފަދަ ޖައުހަރީ ލިޔުމަކަށް ވުމުގެ އިޙްތިމާލު އެބައޮތެވެ. މިހެންކަމަށް ވާއިރު، ދިވެހި ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް) ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް9 ޤަޟިއްޔާގައި ބަޔާންވެފައިވާ ފަދައިން، އެ ލިޔެކިޔުންތަކަކީ، ހުށަހެޅިފައިވާ މި މައްސަލައިގެ ޙުކުމަށް ވާޞިލުވުމަށްޓަކައި މުހިއްމު ލިޔެކިޔުންތަކެއް ކަމަށް ސިވިލް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރަށް ފެނިފައި ނުވަނީ ކޮން ސަބަބަކާހުރެކަމެއް ސާފެއް ނުވެއެވެ. އަދި އެ ލިޔެކިޔުން ހޯދުމަށް ޝާނީޒް އިންޓަރނޭޝަނަލް ގެ ފަރާތުން އެކަށީގެންވާ މަސައްކަތެއްކޮށް ލިޔުން ލިބިފައިނުވާކަން އެނގޭކަށް ނެތްކަމަށް ބަލައިގެން، އެ ލިޔެކިޔުމަށް ރިޢާޔަތްކުރުމަކާ ނުލައި ސިވިލް ކޯޓުގެ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ރަނގަޅަށް ކަމަކަށް ނުފެނެއެވެ.
33މި މައްސަލައިގައި ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާ ތިން ފަރާތެއްގެ މައްޗަށް ރައްދުވެފައިވެއެވެ. އެއީ ޝާނީޒް އިންޓަރނޭޝަނަލް އާއި އަޙްމަދު ޝާނީޒް އާއި އިބްރާހީމް އަޙްމަދެވެ. ސިވިލް ކޯޓުން ޝާނީޒް އިންޓަރނޭޝަނަލް އާ ދެކޮޅަށް ޙުކުމްކޮށް، އަޙްމަދު ޝާނިޒް އާއި އިބްރާހީމް އަޙްމަދު ގެ މައްޗަށް ދަޢުވާ ސާބިތުނުވާކަމަށް ނިންމާފައިވަނީ، އަޙްމަދު ޝާނީޒް އާއި އިބްރާހީމް އަޙްމަދު ގެ ޣައިރު ޙާޟިރުގައެވެ.
34HN5އަޙްމަދު ޝާނީޒް ސިވިލް ކޯޓުގައި ޝަރީޢަތުގެ އަޑުއެހުމަކަށް ހާޟިރުކޮށްފައި ވިޔަސް، އިބްރާހިމް އަޙްމަދު ސިވިލް ކޯޓުގައި ހިންގި ޝަރީޢަތުގެ އެއްވެސް މަޖިލީހަކަށް ޙާޟިރު ކުރެވިފައި ނުވާ ކަމާއި، އިބްރާހިމް އަޙްމަދުގެ ބަހެއް ޝަރީޢަތަށް ހޯދިފައި ނުވާކަމަށް ސިވިލް ކޯޓުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލަ ހައިކޯޓުގައި އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިއޮތީ އަޙްމަދު ޝާނީޒް އާއި އިބްރާހީމް އަޙްމަދު އާއި ދެމީހުންގެ މައްޗަށް ރައްދުވާ ގޮތަކަށް ނޫނެވެ. މިގޮތުން އިބްރާހިމް އަޙްމަދުގެ ބަހެއް މިމައްސަލައިގެ ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި ހޯދާފައިނުވެއެވެ. އެކަން ނުވެ އޮތުމަކީ ވަރަށް ބޮޑު އުނިކަމެކެވެ. އިބްރާހިމް އަޙްމަދު އަކީ ދަޢުވާގައި ބުނާ މުޢާމަލާތުގައި ޢަމަލީ ގޮތުން ކަންކަން ކުރިފަރާތް ކަމަށް ފެންނަން އޮތް ފަރާތް ވާއިރު، އޭނާގެ ބަހެއް ނުހޯދައި، އެންމެ ކުޑަމިނުން މި ރައުޔުގެ 27 ވަނަ ޕެރެގެރާފުގައި ބުނެފައިވާ އިބްރާހީމް އަޙްމަދު މި މުޢާމަލާތުގައި ހިމެނޭ ޗެކުތަކާ ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް ދިންކަމަށް ބުނާ ބަޔާނަށް ރިޢާޔަތް ނުކޮށް މިމައްސަލަ ނިންމޭނެ ކަމަށް ނުފެނެއެވެ.
35މަތީގައި ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކުރުމުން، މި މައްސަލައިގައި ހިމެނޭ ދަރަންޏަށް އަޙްމަދު ޝާނީޒް، ނުވަތަ އިބްރާހީމް އަޙްމަދުވެސް ފަރުދީ ގޮތުން ޒިންމާވާން ޖެހުމުގެ އިޙްތިމާލު އޮތްއިރު، އިބްރާހީމް އަޙްމަދުގެ ބަހެއް އެއްވެސް މިންވަރަކަށް މި މައްސަލައިގައި ހޯދިފައި ނެތީސް، ދިފާޢު ވުމުގެ ފުރުޞަތެއް ނެތި، އިބްރާހީމް އަޙްމަދު ގެ މައްޗަށް ދަރަނީގެ ޒިންމާ އަންނަ ގޮތަށް މި މައްސަލައިގެ އާޚިރު ނަތީޖާއަށް ވާޞިލުވެއްޖެ ނަމަ އެފަދައިން ނިންމާ ނިންމުމެއްގައި އައިބުކަން ހުރުމުގެ އިތުރަށް އެއީ އެންމެ އިންސާފުވެރި ނިންމުމެއް ކަމުގައި ވެދާނެކަމަށް ނުބެލެވެއެވެ. މިހެން މިކަންކަން ހުރުމުން މި މައްސަލައިގައި ފުރިހަމަ ޝަރީޢަތެއް ހިންގިފައިވާ ކަމަށް ބެލެވޭނެ ތަނެއް ނެތެވެ.
ދަށުކޯޓަށް މައްސަލަ ތަޙްވީލުކުރުން
36HN6ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު10 ގައި މަތީ މަރުޙަލާގެ ކޯޓަކުން ދަށު މަރުޙަލާގެ ކޯޓުތަކަށް މައްސަލަ ތަޙްވީލު ކުރުމާ ގުޅިގެން ބަޔާންވެފައިވާ އުސޫލުތަކުގައި ސީދާ ސުޕްރީމް ކޯޓުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް މައްސަލަ ތަޙްވީލު ކުރުމުގެ އުސޫލުތަކެއް ބަޔާންވެފައި ނުވެއެވެ. މި ކަމުގެ ސަބަބުން ޤާނޫނުގައިވާ އިޖުރާއަތުގެ ތެރެއިން ސުޕްރީމް ކޯޓަށް ފުރަތަމަ މަރުޙަލާގެ ކޯޓަކަށް މައްސަލައެއް ތަޙްވީލު ކުރުމަށް އޮތް މަގަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގެ ބޭނުން ހިފައި، ފުރަތަމަ މަރުޙަލާގެ ކޯޓަކަށް މައްސަލަ ތަޙްވީލު ކުރުމަށް ނިންމާ ޙާލަތުގައި އެ މައްސަލައެއް ފުރަތަމަ މަރުޙަލާގެ ކޯޓަކަށް ތަޙްވީލު ކުރުމަށްޓަކައި ހައިކޯޓަށް ތަޙްވީލު ކުރުމެވެ. ފުރަތަމަ މަރުޙަލާގެ ކޯޓަށް ތަޙްވީލު ކުރާވާހަކަ ޤާނޫނުގައި ބާޔާންކޮށްފައި ނުވެއެވެ. އެހެންވެ ދަށުކޯޓަށް ތަޙްވީލު ކުރާ މައްސަލަތައް އެ ކޯޓުތަކަށް ފޮނުވަމުން އައީ ހައިކޯޓު މެދުވެރިކޮށެވެ. އެހެން އެކަން ކުރުމުން އެކަށީގެންނުވާ މުއްދަތެއް ހޭދަވެ، މައްސަލައިގެ ޚަޞްމުން އުފުލަންޖެހޭ ތަކުލީފުތައް ބޮޑުވެއެވެ. މިހެން މިކަން އޮތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ މަފްހޫމްއާ އެއްގޮތްވާ ގޮތުގެ މަތިން ހިނގާ ކަމެއް ކަމުގައި ނުދެކެމެވެ.
37މި މައްސަލަ ހައިކޯޓަށް ފޮނުވުމުގެ ބަދަލުގައި ސުޕްރީމް ކޯޓުން ސީދާ ފުރަތަމަ މަރުޙަލާގެ ކޯޓަށް ފޮނުވަންޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ.
37.1. މި މައްސަލާގައި ދަށު ކޯޓުގައި ދަޢުވާ ތިން ފަރާތަކަށް ރައްދުވިއިރު، ޒިންމާ ނަގަން ޖެހުމުގެ އިޙްތިމާލު އޮތް އެއް ފަރާތް ކަމުގައިވާ އިބްރާހިމް އަޙްމަދު ދަށު ކޯޓަށް ޙާޟިރު ކޮށްފައިނުވުމާއި، ހައިކޯޓަށް އިސްތިއުނާފު ކުރިއިރު ދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި އޭނާ ހިމަނާފައިނުވުމާއި، މުޅި އިސްތިއުނާފު ހުށަހެޅިފައިއޮތީ އޭނާއާ ދެކޮޅަށް ކަމަށްވީއިރު ވެސް، ހައިކޯޓުން އޭނާ ތަދައްޚުލު ކުރުވައިގެން އޭނާގެ ބަހެއް ހޯދާފައިނުވުމާއި، މި ރައުޔުގައި ކުރިން ބަޔާންކުރިފަދައިން މައުޟޫޢީ ގޮތުން ބަލައި ރިޢާޔަތް ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން މައްސަލައިގެ މައުޟޫޢު އަލުން ނިއުޅަން ޖެހޭއިރު، އެކަން ކުރަން އެންމެ ރަނގަޅުވާނީ ފުރަމަތަ މަރްޙަލާގެ ކޯޓުން ކަމަށްވުމެވެ.
37.2. ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރީ ދަށު ކޯޓުގައި މައްސަލަ އިސްތިއުނާފު ރައްދުވި ފަރާތެއް ކަމަށްވާ ޝާނީޒް އިންޓަނޭޝަނަލް އިން ކަމަށްވާއިރު، ސާބިތުކުރުމުގެ ޒިންމާއަށް ބަދަލެއް އައިސްފައިވުމުން މައްސަލައިގެ މައުޟޫޢު ނިއުޅާލައިގެން ހައިކޯޓުގައި މައްސަލަ ބެލުމަކީ އިންސާފު ޤާއިމް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތި ވެދާނެ ކަމަކަށްވުމެވެ.
37.3. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގެ މަފްހޫމަށް ބަލާއިރު، ހައިކޯޓުން ބަލައި ގޮތެއް ނިންމަން ހައިކޯޓަށް ފޮނުވަނީ މުޅި މައްސަލަ މައުޟޫޢީ ގޮތުން އަލުން ބަލައި ޝަރީޢަތެއް ހިންގަން ނޫންކަމާއި، ހައިކޯޓަށް ފޮނުވަނީ ވަކި ޤާނޫނީ ނުކުތާތަކެއް ނުވަތަ ކަނޑައެޅިފައިވާ ވަކި ވާޤިޢާތަކެއް ކަށަވަރު ކުރަންކަން ދޭހަވުމެވެ.
38ފުރަތަމަ މަރުޙަލާގެ ކޯޓަކަށް މައްސަލަ ތަޙްވީލު ކުރުމަށްޓަކައި އެ މައްސަލައެއް ސުޕްރީމް ކޯޓުން ހައިކޯޓަށް ތަޙްވީލު ކުރުމުގެ ސަބަބުން، ފުރަތަމަ މަރުޙަލާގެ ކޯޓަށް މައްސަލަ ތަޙްވީލުވުމުގައި އެކަށީގެންނުވާ މުއްދަތެއް ހޭދަވެ، މައްސަލައިގެ ޚަޞްމުން އުފުލަންޖެހޭ ތަކުލީފުތައް ގިނަވެ، ޢަދުލު އިންސާފުގެ ނިޒާމަށް ކުރާ އިތުބާރަށް ބުރޫއެރުމުގެ ފުރުސަތެއް ލިބިގެންދާތީ ޢަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އިން ސުޕްރީމް ކޯޓަށް ލިބޭ ބާރުގެ ދަށުން މި މައްސަލަ ސުޕްރީމް ކޯޓުން ސީދާ ސިވިލް ކޯޓަށް ފޮނުވަން ފެނެއެވެ.
މައްސަލަ ނިންމަން ފެންނަގޮތް
39އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
1581/Cv-C/2016 ޤަޟިއްޔާ އާއި ހައިކޯޓުގެ ނަންބަރު 2017/HC-A/222 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރުމަށް ފެނެއެވެ.
40އަދި މި ރައުޔުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް މި މައްސަލައިގައި ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށްޓަކައި މި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލު ކުރަންޖެހޭ ކަމަށް ފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
41މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
42މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
1581/Cv-C/2016 ޤަޟިއްޔާ އާއި ހައިކޯޓުގެ ނަންބަރު 2017/HC-A/222 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރުމާއެކު، ސުޕްރީމް ކޯޓުން މި މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، މި މައްސަލައިގައި ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް މި މައްސަލަ ތަޙްވީލުކޮށް، ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު ޢަލީ ރަޝީދު ޙުސައިން ޙުސްނުއްސުޢޫދު (ރިޔާސަތު)
1 ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު C-0541/2011
2 ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު C-0179/2010
3 ޤާނޫނު ނަންބަރު 13/2010
4 [2021] SC 51
5 ޤާނޫނު ނަންބަރު 10/96
6 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/222 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 14، ޕެރެގްރާފް 19
7 ދަޢުވާލިބޭ ފަރާތުގެ ޙައިސިއްޔަތުން ޝާނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސިވިލް ކޯޓަށް ދީފައިވާ ބަޔާން، ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 22
8 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/05 ޤަޟިއްޔާ
9 އބމ 8
10 ޤާނޫނު ނަންބަރު 2010/22
2021/SC-A/99 [2025] SC 05
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ
- ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދުގެ 262 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ، 19 ވަނަ މާއްދާ އަދި 22 ވަނަ މާއްދާގެ (ހ)
- ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް [2021] SC 51
- ދިވެހި ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް) ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް 2012/SC-A/05
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.