ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-A/05ސުޕްރީމް ކޯޓު · 9 ނޮވެމްބަރު 2020

—

ސުޕްރީމް ކޯޓު
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 ނޮވެމްބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2012/SC-A/05

އިސްތިއުނާފު ކުރާ ފަރާތް:

ދިވެހި ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް(

އިސްތިއުނާފު ރައްދުވާ ފަރާތް:

ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް:

ފައިސާ ހޯދުން

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

19 މާރިޗު 2012ރަޖިސްޓްރީ ކުރެވުނު ތާރީޚު:

10 އެޕްރިލް 2012ނިމުނު ތާރީޚު:

09 ނޮވެންބަރު 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2010/HC-A/114

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

11 މެއި 2010ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

02 ނޮވެންބަރު 2011ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/114 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ދިވެހި ދައުލަތުން (މޯލްޑިވްސް ކަސްޓަމްސް ސަރވިސް) (މީގެފަހުން "ދައުލަތް" ނުވަތަ "ކަސްޓަމްސް" ނުވަތަ "އިސްތިއުނާފު ކުރި ފަރާތް" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-72/2005) (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ސަލްޓަންސް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

މައްސަލާގައި ކަންހިނގާފައިވާ ގޮތް

ދިވެހިރާއްޖެއަށް 14 ޑިސެންބަރު 2007 ގައި އައި އެމް.ވީ. ބީ.ބީ.ސީ ގްރީންލޭންޑްގެ ނަންބަރު “JEBMAL01” (ޖޭ.އީ.ބީ.އެމް.އޭ.އެލް 01) ބިލް އޮފް ލޭޑިންގގެ ދަށުން، ނަންބަރު 94-030-2000 އުޅަނދު ސަލްޓަންސް އިން ރާއްޖެ ގެނެސްފައިވެއެވެ. އަދި، 25 މާރިޗު 2008 ގައި ދިވެހިރާއްޖެއައި އެމް.ވީ. ބީ.ބީ.ސީ އަލަބަމާގެ ނަންބަރު “JEBMAL01” (ޖޭ.އީ.ބީ.އެމް.އޭ.އެލް01) ބިލް އޮފް ލޭޑިންގގެ ދަށުން، ނަންބަރު 95-040-2000 އުޅަނދު ސަލްޓަންސް އިން ރާއްޖެ ގެނެސްފައިވެއެވެ.

ސަލްޓަންސްގެ ފަރާތުން ކަސްޓަމްސްއަށް ހުށައަޅާފައިވާ އެޑިޝަނަލް އިންފޮމޭޝަން ޝީޓް ފޯ މެރިން ވެސެލްސްގައި، 14 ޑިސެންބަރު 2007 ގައި އެތެރެކުރި އުޅަނދުގެ ނަމަކަށް "ދަ ސަލްޓަންސް ވޭ 001" ޖަހާފައިވެއެވެ. އަދި 25 މާރިޗު 2008 ގައި އެތެރެކުރި އުޅަނދުގެ ނަމަކަށް "ދަ ސަލްޓަންސް ވޭ 007" ޖަހާފައިވެއެވެ.

ސަލްޓަންސްގެ ފަރާތުން ކަސްޓަމްސްއަށް ހުށަހަޅާފައިވާ މަޢުލޫމާތުން އެނގެން އޮތްގޮތުން، ބުނެވިދިޔަ ދެ އުޅަނދަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި 2000 ވަނަ އަހަރު އުފައްދައި، 6 (ހައެއް) އަހަރު ބޭނުން ކޮށްފައިވާ ދެ އުޅަނދެވެ. ސަލްޓަންސް އިން ހުށައެޅި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ދަ ސަލްޓަންސް ވޭ 001 އަށް ޑިއުޓީ ދެއްކުމަށް ކަނޑައެޅުނު އަގަކީ USD753,067.03 (ހަތްލައްކަ ފަންސާސްތިންހާސް ފަސްދޮޅަސް ހަތެއް ޕޮއިންޓް ސުމެއް ތިނެއް އެމެރިކާ ޑޮލަރު) ކަން އެނގެން އޮވެއެވެ. އެ އުނޅަދަށް ދައްކަން އެއިރު ކަނޑައެޅުނު ޑިއުޓީ ދެއްކުމުން 17 ޑިސެންބަރު 2007 ގައި އެ އުޅަނދު ދޫކޮށްފައިވެއެވެ. ދަ ސަލްޓަންސް ވޭ 007 އަށް ޑިއުޓީ ދެއްކުމަށް ކަނޑައެޅުނު އަގަކީ USD716,342.28 (ހަތްލައްކަ ސޯޅަހާސް ތިންސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ދޭއް އަށެއް އެމެރިކާ ޑޮލަރު) ކަން އެނގެން އޮވެއެވެ. އެ އުނޅަދަށް ދައްކަން އެއިރު ކަނޑައެޅުނު ޑިއުޓީ ދެއްކުމުން 27 މާރިޗު 2008 ގައި އެއުޅަނދު ދޫކޮށްފައިވެއެވެ.

ސަލްޓަންސްގެ ފަރާތުން ދެ އުޅަނދަށް ޑިއުޓީ ދައްކައި ދެ އުޅަނދު ގެންދިޔަ ފަހުން، ކަސްޓަމްސްގެ އޮޑިޓް އެންޑް ކޮމްޕްލައަންސް ސެކްޝަނުން، ގުޑްސް ޑެކްލަރޭޝަން ފޯމު އޮޑިޓްކުރުމުގެ ތެރޭގައި އިމްޕޯޓު ޑިއުޓީ ނެގިފައިވަނީ މަދުންކަމަށް ފާހަގަވެގެން، މަދުވާ ފައިސާ ނެގުމަށް ކަސްޓަމްސްގެ ވެލުއޭޝަން އެންޑް ޕްރައިސަސް އެނޭލިސިސް ޑިވިޝަނަށް އަންގާފައިވެއެވެ. އެ ޑިވިޝަނުން ބެލިއިރު، އެއް އުޅަނދުގެ ގުޑްސް ޑެކްލަރޭޝަން ފޯމުގައި ފްރައިޓު އަގު މަދުން ޖެހިފައިވާކަމާއި، އަނެއް އުޅަނދުގެ ފްރައިޓާއި އިންޝުއަރެންސްގެ ފައިސާ ހިމެނިފައި ނުވާތީ، އިތުރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ސަލްޓަންސްއަށް އެންގުމުން، ސަލްޓަންސްއިން އެ ފައިސާ ދައްކާފައިވެއެވެ.

ފްރައިޓާއި އިންޝުއަރެންސް ފައިސާގެ ކަންކަން ބެލުމުގެ ތެރޭގައި، ސަލްޓަންސްއިން ހުށަހަޅާފައިވާ ލިޔުންތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދިގެން ކަސްޓަމްސްގެ ވެލުއޭޝަން އެންޑް ޕްރައިސަސް އެނޭލިސިސް ޑިވިޝަނުން އެކަން ބަލައިދިނުމަށް އެދި، ކަސްޓަމްސްގެ އިންވެސްޓިގޭޝަން އެންޑް ޕްރޮސިކިއުޝަން ސެކްޝަނަށް ހުށަހަޅާފައިވެއެވެ. އެ ސެކްޝަނުން ކުރި ތަޙްޤީޤުން އެނގުނު ގޮތުގައި ސަލްޓަންސްއިން އެތެރެކުރި ދަ ސަލްޓަންސްވޭ 001 އުޅަނދަކީ 2006 ވަނަ އަހަރު އުފައްދާފައިވާ އަޒިމުޓް 98 ލިއޯނާޑޯ (Azimut 98 Leonardo) މޮޑެލްގެ ޔޮޓެކެވެ. އަދި ދަ ސަލްޓަންސްވޭ 007 އުޅަނދަކީ 2007 ވަނަ އަހަރު ދުބާއީގައި ބޭއްވުނު އިންޓަރނޭޝަނަލް ބޯޓު ޝޯގައި އަލަށް ޕްރިމިއަރ ކޮށްފައިވާ އަޒިމުޓް 103 އެސް (Azimut 103S) މޮޑެލްގެ ޔޮޓެކެވެ.

ދުބާއީ ކަސްޓަމްސްއިން ލިބިފައިވާ ލިޔުންތަކާއި ބޭންކް އޮފް މޯލްޑިވްސްއިން ލިބިފައިވާ ލިޔުންތަކާއި، ތަޙްޤީޤުން ހޯދިފައިވާ އެހެން ލިޔުންތަކުގެ މައްޗަށް ބިނާކޮށް، އިމްޕޯޓު ޑިއުޓީގެ ގޮތުގައި އިތުރަށް 53,607,495.68ރ. (ފަންސާސް ތިން މިލިއަން ހަލައްކަ ހަތްހާސް ހަތަރު ސަތޭކަ ނުވަދިހަ ފަސްރުފިޔާ ފަސްދޮޅަސް އަށްލާރި) ދެއްކުމަށް ކަސްޓަމްސްއިން ސަލްޓަންސްއަށް އަންގާފައިވެއެވެ.

ސަލްޓަންސްއިން މި ދެ އުޅަނދުގެ އަގު އޮޅުވާލާފައިވާކަން ތަޙްޤީޤުން އެނގެން އޮތުމުން، އެކްސްޕޯޓް އިމްޕޯޓު ޤާނޫނު ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން ޖޫރިމަނާގެ ގޮތުގައި 56,634,917.33ރ. (ފަންސާސް ހަމިލިއަން ހަލައްކަ ތިރީސް ހަތަރުހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ ތިރީސްތިން ލާރި) ދެއްކުމަށް ކަސްޓަމްސްއިން ސަލްޓަންސްއަށް އަންގާފައިވެއެވެ.

އިމްޕޯޓު ޑިއުޓީއަށް އިތުރަށް ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާގެ ފައިސާއާއެކު ޖުމްލަ 110,242,413.01ރ. (ސަތޭކަ ދިހަ މިލިއަން ދެލައްކަ ސާޅީސް ދެހާސް ހަތަރުސަތޭކަ ސާޅީސް ދެރުފިޔާ އެއްލާރި) ދެއްކުމަށް ކަސްޓަމްސްއިން ސަލްޓަންސްއަށް އެންގުމުން، ސަލްޓަންސްއިން އެ ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ އެކީ އެއް ފަހަރާ ދެއްކުމަށް ސަލްޓަންސްއަށް އަންގައިދިނުމަށް އެދި ކަސްޓަމްސްއިން ސިވިލް ކޯޓު (އެއިރުގެ މަދަނީ ކޯޓު) ގައި ސަލްޓަންސްގެ މައްޗަށް ދަޢުވާ އުފުލުމުން އެ ކޯޓުގެ ނަންބަރު 1835/MC/2009 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.

މަދަނީ ކޯޓުގެ ނަންބަރު 1835/MC/2009 ޤަޟިއްޔާއިން ނިންމިގޮތް

މަދަނީ ކޯޓުގެ ނަންބަރު 1835/MC/2009 ޤަޟިއްޔާގައި ދައުލަތުން އެދިފައިވާ ކަންތައްތަކަށް ބަލާއިރު، ދައުލަތުން ދެ ކަމަކަށް އެދިފައިވާކަން ފާހަގަކުރެވެއެވެ. އެ ދެކަމަކީ؛

10.1. އިމްޕޯޓު ޑިއުޓީއަށް އިތުރަށް ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާގެ ފައިސާއާއެކު ޖުމްލަ 110,242,413.01ރ. (ސަތޭކަ ދިހަ މިލިއަން ދެލައްކަ ސާޅީސް ދެހާސް ހަތަރުސަތޭކަ ސާޅީސް ދެރުފިޔާ އެއްލާރި) އެކީ އެއްފަހަރާ ދެއްކުމަށް ސަލްޓަންސްގެ މައްޗަށް އަމުރުކޮށް ދިނުމާއި،

10.2. އިމްޕޯޓު ޑިއުޓީ ނުދައްކައި ސަލްޓަންސްއިން އެ ދެ އުޅަނދު ބޭނުން ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށްވާތީ، އެ ދެ އުޅަނދު ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެންނަން ޖެހޭކަމަށް ކަނޑައަޅައި ދިނުމެވެ.

މަދަނީ ކޯޓުގެ ޤަޟިއްޔާގައި އަންނަނިވި ކަންކަން ނިންމާފައިވެއެވެ.

ސަލްޓަންސްއިން ރާއްޖެއެތެރެ ކޮށްފައިވާ ދެ އުޅަނދަކީ ޔޫ.އޭ.އީގައި 6 (ހައެއް) އަހަރު ބޭނުން ކޮށްފައިވާ ދެ އުޅަނދު ކަމަށް ބުނި ނަމަވެސް، އެ ދެ އުޅަނދަކީ މުޅިން އަލަށް ބަނދެފައިވާ ދެއުޅަނދު ކަމާއި، ސަލްޓަންސްއިން ހުށަހަޅާފައިވަނީ އެ ދެ އުޅަނދުގެ އަގު އޮޅުވާލައިގެންކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމެވެ.

އިމްޕޯޓު ޑިއުޓީއަށް އިތުރަށް ދައްކަންޖެހޭ ފައިސާއާއި، ޖޫރިމަނާގެ ފައިސާއާއި، އެކު ޖުމްލަ 110,242,413.01ރ (ސަތޭކަ ދިހަ މިލިއަން ދެލައްކަ ސާޅީސް ދެހާސް ހަތަރުސަތޭކަ ސާޅީސް ދެރުފިޔާ އެއްލާރި) އަކީ ސަލްޓަންސްއިން ކަސްޓަމްސްއަށް ދައްކަން ޖެހޭ ފައިސާކަމަށް ކަނޑައަޅާފައިވެއެވެ. އަދި މި ފައިސާ 21 ފެބުރުވަރީ 2010 އިން ފެށިގެން 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭވަރަށްވުރެ މަދު ނޫން ޢަދަދެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ދައްކައި ޚަލާޞް ކުރުމަށް ސަލްޓަންސްއަށް އަންގާފައިވެއެވެ.

އިމްޕޯޓު ޑިއުޓީ ނުދައްކައި ސަލްޓަންސްއިން އެ ދެ އުޅަނދު ބޭނުން ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށްވާތީ، އެ ދެ އުޅަނދު ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެންނަން ޖެހޭކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާއިރު، ކަސްޓަމްސްއިން އެ އުޅަނދުތައް ސަލްޓަންސްއަށް ދޫކޮށްފައިވަނީ ކަސްޓަމްސްގެ އިހުމާލު ވެސް އެ ކަމުގައި އޮވެގެންކަން އެނގެން އޮތުމުން، އެ ދެ އުޅަނދު ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެންނަން ޖެހޭކަމަށް ކަނޑައެޅުމަކީ އެންމެ ޢަދުލުވެރިގޮތް ކަމަށް ޝަރީޢަތުން ނުދެކޭކަމަށެވެ.

ސަލްޓަންސްއިން ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާގެ ފައިސާ ޙުކުމާއި އެއްގޮތަށް ދައްކައި ޚަލާޞް ނުކުރާ ޙާލަތުގައި، ދަޢުވާގައިވާ ދެ އުޅަނދު ކަސްޓަމްސް ގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް އެދި ހުށަހެޅުމަކީ ކަސްޓަމްސްއަށް ލިބިގެންވާ ޙައްޤެއް ކަމަށް ޝަރީޢަތުން ދެކޭކަމަށް ބަޔާން ކޮށްފައިވެއެވެ.

މަދަނީ ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށްބުނެ، ސަލްޓަންސްއިން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުއަށް އިސްތިއުނާފަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 2010/HC-A/114 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2010/HC-A/114 ޤަޟިއްޔާއިން ނިންމިގޮތް

މަދަނީ ކޯޓުގެ ނަންބަރު 1835/MC/2009 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ، މަދަނީ ކޯޓުގެ ޙުކުމް، ހައިކޯޓުގެ ނަންބަރު 2010/HC-A/114 ޤަޟިއްޔާއިން ބާޠިލު ކޮށްފައިވެއެވެ. އެ ނިންމުމުގައި ބަޔާންވެގެން ވަނީ؛

ސަލްޓަންސްއިން ރާއްޖެ ގެނައި ދެ އުޅނދަށް ޑިއުޓީ ދެއްކުމުގެ ގޮތުން އެ ދެ އުޅަނދުގެ ހަމައަގު އޮޅުވާލައިގެން ކަސްޓަމްސްއަށް ހުށަހަޅާފައިވާކަމަށް ބުނެ ކަސްޓަމްސްއިން ކޮށްފައިވާ ތަޙްޤީޤަށްފަހު، އެ މައްސަލައިގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް ނެތްކަމަށް ނިންމައި، އެމައްސަލައިގެ ފައިލް ބަންދު ކުރުމަށްފަހު އެ ފައިލް އަލުން ހުޅުވައި ކުރިން ކުރެވިފައިވާ ތަޙްޤީޤުގެ މައްޗަށް ބިނާކޮށް، އެކްސްޕޯޓު އިމްޕޯޓު ޤާނޫނު ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން ސަލްޓަންސް ޖޫރިމަނާ ކުރުމުގެ ބާރާއި އިޚްތިޔާރު ކަސްޓަމްސްއަށް ނުލިބޭކަމަށާއި،

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލާ މައްސަލަތަކުގައި ކޮރަޕްޝަންގެ ޢަމަލެއް ހިމެނޭކަމަށް އެ ކޮމިޝަނަށް ޤަބޫލުކުރެވުނު ނަމަވެސް، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންވެފައިނުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެންގުމުގެ ބާރު އެ ކޮމިޝަނަށް ލިބިދީފައި ނުވާތީ، އެ ކޮމިޝަނުގެ އެންގުމުގެ މަތީންކަމަށް ބުނެ، ސަލްޓަންސްގެ މައްޗަށް އެކްސްޕޯޓު އިމްޕޯޓު ޤާނޫނު ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން އެއްވެސް ފިޔަވަޅެއް އެޅުމުގެ ބާރު ކަސްޓަމްސްއަށް ލިބިދީފައި ނުވާކަމަށާއި،

މި މައްސަލައިގައި ކަސްޓަމްސްއިން ކޮށްފައިވާ ތަޙްޤީޤު ނިންމުމަށްފަހު މައްސަލައާބެހޭ ގޮތުން އެ ސަރވިސްގެ އެންމެ އިސް ފަރާތުން ވަކިގޮތަކަށް ނިންމައި އެ މައްސަލަގެ ފައިލް ބަންދު ކުރުމަށްފަހު އަލުން އެ ފައިލް ހުޅުވައި، ކުރިން ކޮށްފައިވާ ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށް ކަސްޓަމްސްއިން އެޅުމަށް ނިންމާފައިވާ ފިޔަވަޅަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަސްޓަމްސްއިން އެޅުމަށް ނިންމާފައިވާ ފިޔަވަޅެއް ކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

އިސްތިއުނާފު ކުރި ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ ކޮމިޝަނުގެ ބާރު ހިނގާ ދާއިރާގައި ނުހިމެނޭ ފަރާތްތައް ޖޫރިމަނާކުރުމަށް އެ ކޮމިޝަނުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއަށް އެންގުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާއިރު، ކަސްޓަމްސްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް އިޞްލާޙުކޮށް ޤާނޫނާއި ގަވާއިދުގައި އެ ކަމަކަށް ބުނެފައިވާ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަސްޓަމްސްއަށް އެންގުމަކީ އެ ކޮމިޝަނުގެ ޤާނޫނީ ވާޖިބެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުން އެ ކޮމިޝަނުގެ މައިގަނޑު މަޤުޞަދަކީ އެ ކޮމިޝަނުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ހިންގާ ނުވަތަ އެ ދާއިރާތަކުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙްޤީޤު ކުރުން ކަމާއި، ޤާނޫނުން އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކަކީ އެ ކޮމިޝަނުގެ މައިގަނޑު މަސްއޫލިޔަތު އަދާކުރުމަށްޓަކައި ދެވިފައިވާ ބާރުތަކެއްކަން އެނގޭކަމާއި، އެ ކޮމިޝަނުން ބަލާ މައްސަލައެއްގައި އެ ކޮމިޝަނުން ޢަމަލު ކުރަންޖެހޭގޮތް އެ ކޮމިޝަނުގެ ޤާނޫނު ގެ 25 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމާއި، މިގޮތުން، އެ ކޮމިޝަނުން ބަލާ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައަކަށްވެފައި، ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ޤަރީނާ ހުރިކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭނަމަ، އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު އެ ކޮމިޝަނަށް ލިބިދީފައިވާކަމާއި، ކޮމިޝަނުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ ކޮމިޝަނުގެ ބާރު ހިނގާ ދާއިރާގައި ނުހިމެނޭ ފަރާތްތައް ޖޫރިމަނާކުރުމަށް އެންގުމުގެ ބާރު އެ ކޮމިޝަނަނަށް ޤަނޫނުން ލިބިދީފައި ނުވާކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

ސަލްޓަންސްގެ މި ވާހަކަތަކަށް ރައްދުދެމުން ކަސްޓަމްސްގެ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އެންޓި ކަރަޕްޝަން ކޮމިޝަނުން ތަޙްޤީޤު ކޮށްފައިވަނީ ކަސްޓަމްސްގައި ހިނގާފައިއޮތް ކޮރަޕްޝަނުގެ މައްސަލައެއްކަމަށާއި، އެ ތަޙްޤީޤަށް ފަހު ކަސްޓަމްސްގެ ވެރިއެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލާފައިވާކަމަށާއި، ތަޙްޤީޤުން އެނގެން ހުރި ކަންކަމަށް ބަލައި ކަސްޓަމްސްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް އިޞްލާޙުކޮށް ޤާނޫނާއި ގަވާއިދުގައި އެ ކަމަކަށް ބުނެފައިވާގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަސްޓަމްސްއަށް އެންގުމަކީ އެ ކޮމިޝަނުގެ ޤާނޫނީ ވާޖިބެއްކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ކުރި ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ އަމުރަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން މަޢުލޫމާތު ތަކެއް އެ ކޯޓަށް ހޯދާފައިވާ ކަމާއި، އެހެންނަމަވެސް އެއިން އެއްވެސް މަޢުލޫމާތަކާމެދު ދެކޭގޮތް ބަޔާންކުރުމުގެ ނުވަތަ ޠަޢުނުކުރުމުގެ ފުރުޞަތު މައްސަލަ ރައްދުވާ ސަލްޓަންސްއަށް ލިބިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާއިރު، މި މަޢުލޫމާތުތަކަކީ ކަސްޓަމްސްއިން ސަލްޓަންސް ޖޫރިމަނާކުރުމުގައި ރިޢާޔަތްކޮށްފައިވާ އަދި ދަޢުވާ ފޯމާއެކު ދައުލަތުން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ސަލްޓަންސް އިން ދެކޭގޮތް ބަޔާންކުރުމުގެ ފުރުޞަތު ލިބިފައިވާ މަޢުލޫމާތުތަކެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޙުކުމަށް ވާސިލުވުމަށްޓަކައި ހޯދަންޖެހޭކަމަށް އެ މައްސަލަ ބަލާ ފަނޑިޔާރަށް ފެންނަ ކޮންމެ ލިޔުމެއް އަދި މަޢުލޫމާތެއް ހޯދުމަކީ އެ ފަނޑިޔާރަކަށް ލިބިގެންވާ ބާރެއް ކަމަށާއި، މިގޮތުން ހޯދާ ލިޔުމެއް އަދި މަޢުލޫމާތެއް މީހަކަށް ގެއްލުން ލިބޭގޮތަށް މާނަކުރެވޭ ޙާލަތުގައި ނުވަތަ ޝަރީޢަތުން މީހެއްގެ މައްޗަށް ކަމެއް ސާބިތުކުރުމުގައި އެފަދަ ލިޔުމެއްގެ މައްޗަށް ބަރޯސާވާ ޙާލަތުގައި އެލިޔުމަކާމެދު ނުވަތަ އެ މަޢުލޫމާތަކާމެދު އެފަރާތެއް ދެކޭ ގޮތް ބަޔާން ކުރުމުގެ ފުރުސަތު ދިނުމަކީ އެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަމަށް މި މައްސަލާގައި ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަމަށާއި، މަދަނީ ކޯޓުގެ އަމުރަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން މަޢުލޫމާތުތަކެއް ފޮނުވިކަމަށާއި، މައްސަލަ ނިންމުމުގައި މަދަނީ ކޯޓުން އެ މަޢުލޫމާތަށް ބުރަވިކަމަށާއި، އެ މަޢުލޫމާތުތަކާމެދު ބަހެއް ބުނުމުގެ ފުރުސަތު ސަލްޓަންސްއަށް ދީފައިނުވާކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

ސަލްޓަންސްގެ މި ވާހަކަތަކަށް ރައްދުދެމުން ކަސްޓަމްސްގެ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، ސަލްޓަންސްއިން ފުރަތަމަ ޑިކްލަރޭޝަންއާ އެކީގައި ހުށައަޅާފައި ހުރި އިންވޮއިސްއާއި ފައިސާ ދެއްކިކަމަށް ބުނާ އެލް.ސީ (ލެޓަރ އޮފް ކްރެޑިޓް) އަކީ ފޯޖުކޮށްފައިވާ ލިޔުމެއްކަން ތަޙްޤީޤަށް އެނގުނުކަމަށާއި، ދެ އުޅަނދުގެ އަގު ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްކަމަށާއި، ފައިސާ ދެއްކި ޓްރާންސްސެކްޝަން ހިމެނޭ އެލް.ސީ (ލެޓަރ އޮފް ކްރެޑިޓް) ބޭންކުން ކަސްޓަމްސްގެ ތަޙްޤީޤަށް ލިބިފައިވާކަމަށާއި، މަދަނީ ކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ކޯޓުން އެލިޔުން ބޭންކަށް އަންގައިގެން ގެނައިކަމުގައި ވީނަމަވެސް، އެ ލިޔުމަކީ ކަސްޓަމްސްއިން ސަލްޓަންސްއަށް ފިޔަވަޅު އެޅުމުގައި ބޭނުންކޮށްފައިވާ ލިޔުމެއް ކަމަށާއި، ދިފާޢުވުމަށްޓަކައި އެ ލިޔުމާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު ސަލްޓަންސްއަށް ލިބިފައި އޮތް ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ކުރި ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ: ސަލްޓަންސްއިން ރާއްޖެ އެތެރެ ކޮށްފައިވާ ދެ އުޅަނދަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ އަދަދަށް ސަލްޓަންސްއިން އިމްޕޯޓު ޑިއުޓީ ދައްކައި ޚަލާޞް ކޮށްފައިވާކަމަށް ބަލަންޖެހޭކަމަށް ހައިކޯޓުން ނިންމާފައިވާއިރު، އެ ދެ އުޅަނދަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި އިތުރަށް ފައިސާ ދައްކަން އަންގާފައިވަނީ އިސްވެ ދެންނެވި ދެ އުޅަނދު ސަލްޓަންސްއިން ރާއްޖެއަށް އިމްޕޯޓު ކޮށްފައިވަނީ އެ ދެއުޅަނދުގެ ހަމަ އަގު އޮޅުވާލައިގެންކަން ކަސްޓަމްސްގެ ތަޙްޤީޤަށް ސާބިތުވުމުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ފުރަތަމަ އަޑުއެހުމުގައި ބުނެފައިވަނީ ހައިކޯޓުން ޚިލާފުވެފައިވާ ޤާނޫނީ މާއްދާއެއް ފާހަގަކޮށްފައިނުވާތީ، ޖަވާބެއް ދޭން ޖެހޭކަމަށް ނުދެކޭކަމަށެވެ. އޭގެ ފަހުން ބޭއްވުނު އަޑުއެހުމެއްގައި މި ކަމާމެދު ވާހަކަ ދައްކާފައިވެއެވެ. އެ ފަރާތުން ބުނެފައިވަނީ ސަލްޓަންސްއިން ރާއްޖެ އެތެރެކުރި ދެ އުޅަނދުގެ އަގު ފާސްކުރުމަށްޓަކައި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުން އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ކަސްޓަމްސްގެ ވެލުއޭޝަން ބޯޑުން މަޝްވަރާ ދީފައިވާ ގޮތުގެމަތީން އެ ދެ އުޅަނދަށް ޑިއުޓީ ދެއްކުމަށްޓަކައި ދެ އުޅަނދުގެ ޑިއުޓީ ބަލާނެ އަގު ކަނޑައަޅާފައި ވާކަމަށާއި، ކޮމެޓީން ކަނޑައެޅި އަގުން ދައްކަންޖެހޭ ޑިއުޓީ ސަލްޓަންސްއިން ކަސްޓަމްސްއަށް ދައްކާފައި ވާކަމަށާއި، އެ ދެ އުޅަނދަށް ޑިއުޓީ ނެގިފައިވަނީ މަދުންކަމަށް އޮޑިޓަކުން ދައްކައިގެން ޑިއުޓީއަށް މަދުވާ ފައިސާ ދައްކަން އެންގުމުން އެ ފައިސާ ވެސް ދައްކާފައި ވާނެކަމަށާއި، އޭގެ ފަހުން ދެ އުޅަނދު ވެސް ދޫކޮށްފައިވާ ކަމަށާއި، ދެ ފަހަރެއްގެ މަތީން ފައިސާ ދެއްކި ފަހުން އުޅަނދުތައް ދޫކޮށް، ދެން އިތުރަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމަށް ކަސްޓަމްސްއިން ބުނެ މައްސަލަ ނިންމާފައިވާތީ، ސަލްޓަންސްއިން އެތެރެ ކުރި ދެ އުޅަނދަށް ދައްކަންޖެހޭ ޑިއުޓީ ދައްކައި ނިމިފައިވާކަމަށް ސަލްޓަންސްއިން ދެކޭކަމަށެވެ.

ސަލްޓަންސްގެ މި ވާހަކަތަކަށް ރައްދުދެމުން ކަސްޓަމްސްގެ ފަރާތުން ބުނެފައިވަނީ، ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭ ޢަދަދު ކަނޑައެޅުމުގައި ފްރައިޓް އަދި އިންޝުއަރެންސް ނުހިމެނި އޮވެގެން އެފައިސާ ދައްކަން އެންގީކަމަށާއި، އޮޑިޓް ކުރަނީ އޭގެ ފަހުގެ މަރުޙަލާއެއްގައި ކަމަށާއި، އޮޑިޓް ކުރުމުން އޮޅުވާލުމެއް އޮތްކަން ފާހަގަކުރެވިގެން ތަޙްޤީޤު ފެށުނު ކަމަށާއި، ސަލްޓަންސްއިން ފުރަތަމަ ޑިކްލަރޭޝަންއާ އެކީގައި ހުށަހަޅާފައި ހުރި އިންވޮއިސްއާއި ފައިސާ ދެއްކިކަމަށް ބުނާ އެލްސީއަކީ ފޯޖުކޮށްފައިވާ ލިޔުމެއްކަން ތަޙްޤީޤަށް އެނގުނުކަމަށާއި، ދެ އުޅަނދުގެ އަގު ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްކަމަށާއި، ފައިސާ ދެއްކި ޓްރާންސްސެކްޝަން ހިމެނޭ އެލް.ސީ (ލެޓަރ އޮފް ކްރެޑިޓް) ބޭންކުން ކަސްޓަމްސްގެ ތަޙްޤީޤަށް ލިބިފައިވާކަމަށާއި، ދެއުޅަނދުގެ އަގުގެ ގޮތުގައި 11,781,812.62 (އެގާރަ މިލިއަން ހަތްލައްކަ އައްޑިހަ އެއްހާސް އަށްސަތޭކަ ބާރަ ޕޮއިންޓް ހައެއް ދޭއް) ޔޫރޯ ދައްކާފައި ވާކަން ތަޙްޤީޤަށް އެނގިފައިވާކަމަށާއި، އެ ދެ އުޅނދަކީ ދުބާއީގައި 6 (ހައެއް) އަހަރު ބޭނުންކޮށްފައިވާ ދެ އުޅަނދުކަމަށް ސަލްޓަންސްއިން ބުނެފައިވާއިރު، ދުބާއީ ކަސްޓަމްސްއިން ފޮނުވި ރަސްމީ ސިޓީއާއި، ތަޙްޤީޤުން އިތުރަށް ހޯދި ކަންކަމަށް ބަލާއިރު، އެ ދެ އުޅަނދަކީ މުޅިން އަލަށް އުފައްދާފައިވާ ދެއުޅަނދުކަމަށާއި، ސަލްޓަންސްއިން އެދެއުޅަނދުގެ މޮޑެލް ވެސް އޮޅުވާލާފައިވާކަން ތަޙްޤީޤަށް ސާބިތުވާތީ، ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ ފައިސާއާއި، ޖޫރިމަނާގެ ފައިސާ ދައްކަން ސަލްޓަންސްއަށް އެންގީކަމަށެވެ.

އިސްތިއުނާފު ކުރި ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ހަތަރު ވަނަ ނުކުތާއަކީ: ސަލްޓަންސްއިން ރާއްޖެގެނައި ދެ އުޅަނދަށް ޑިއުޓީ ދެއްކުމުގެ ގޮތުން އެ ދެ އުޅަނދުގެ ހަމަ އަގު އޮޅުވާލައިގެން ކަސްޓަމްސްއަށް ހުށަހަޅާފައިވާކަމަށް ބުނެ ކަސްޓަމްސްއިން ކޮށްފައިވާ ތަޙްޤީޤަށްފަހު، އެ މައްސަލައިގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް ނެތްކަމަށް ނިންމައި، އެ މައްސަލައިގެ ފައިލް ބަންދު ކުރުމަށްފަހު އެ ފައިލް އަލުން ހުޅުވައި ކުރިން ކުރެވިފައިވާ ތަޙްޤީޤުގެ މައްޗަށް ބިނާކޮށް، ސަލްޓަންސް ޖޫރިމަނާ ކުރުމުގެ ބާރާއި އިޚްތިޔާރު ކަސްޓަމްސްއަށް ނުލިބޭކަމަށް ހައިކޯޓުން ބުނެފައިވާއިރު، އެ ދެއުޅަނދުގެ ހަމަ އަގު ސަލްޓަންސްއިން އޮޅުވާލާފައިވާކަން އެނގިފައިވަނީ އޭގެ ފަހުން ކުރެވުނު ތަޙްޤީޤުން ކަމަށާއި، ސަލްޓަންސް ޖޫރިމަނާ ކުރުމުގެ އިޚްތިޔާރާއި ބާރު އެކްސްޕޯޓް އިމްޕޯޓް ޤާނޫނު ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން ކަސްޓަމްސްއަށް ލިބިގެންވާކަމަށް ދައުލަތުން ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، ސަލްޓަންސްއިން ދެ ފަހަރެއްގެ މަތީން ދައްކަން ޖެހޭ ފައިސާ ދައްކައި ނިންމާފައިވާ ކަމަށާއި، އެކަމާއި ގުޅިގެން އިތުރު މައްސަލައެއްވާނަމަ، އެ މައްސަލައެއް އަވަހަށް ބައްލަވައި ނިންމަވައި ދެއްވުންއެދި 10 ސެޕްޓެންބަރު 2008 ގައި ސަލްޓަންސްއިން ކަސްޓަމްސްއަށް ސިޓީއެއް ފޮނުވިކަމަށާއި، ކަސްޓަމްސްއިން ކުރި ތަޙްޤީޤު ނިމުނު ފަހުން އެ ސިޓީގެ ޖަވާބު ދީފައިވާކަމަށާއި، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ސޮއިކޮށްފައިވާ އެ ސިޓީގައި، އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތްކަމަށް ނުފެންނާތީ އެމައްސަލަ ނިންމާފައިވާކަމަށް ބުނެފައިވާކަމަށާއި، މި ބުނެވިދިޔަ ގޮތަށް މުޅިން ނިމިފައިވާ މައްސަލައެއްގައި ކުރިން ކޮށްފައިވާ ތަޙްޤީޤުގެ މައްޗަށް ފިޔަވަޅު އެޅުމުގެ ބާރު އެއްވެސް ޤާނޫނަކުން އަދި ގަވާއިދަކުން ކަސްޓަމްސްއަށް ލިބިފައި ނެތްކަމަށް ސަލްޓަންސްއިން ދެކޭކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

ސަލްޓަންސް ގެ މިވާހަކަތަކަށް ރައްދުދެމުން ކަސްޓަމްސްގެ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އޮޑިޓް ކުރުމަކީ ފަހުގެ މަރުޙަލާއެއްގައި ކުރާ ކަމެއް ކަމަށާއި، ސަލްޓަންސްއިން އޮޅުވާލާފައިވާކަން އެނގުނީ އޮޑިޓުން ކަމަށާއި، އެކަން އެނގުމުން ތަޙްޤީޤު ފެށިކަމަށާއި، ހާދިސާ ހިނގިއިރު ޢަމަލު ކުރަމުން އައި ޤާނޫނުގައި އެކަމަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާކަމަށާއި، މިހާރު ޢަމަލުކުރާ ޤާނޫނުގައި މުދާ އެތެރެކުރި ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތެއް އެކަމަށް ކަނޑައެޅިފައި ވާކަމަށާއި، ހާދިސާ ހިނގިއިރު ޢަމަލު ކުރާ ޤާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅިފައި ނެތުމާއި، އެއްވެސް ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެގޮތަށް ފިޔަވަޅު އެޅުން މަނާކޮށްފައި ނެތުމުން، ސަލްޓަންސްއަށް ފިޔަވަޅު އެޅުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވާކަމަށް އެފަރާތުން ދެކޭކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

މައްސަލާގައި ތަޠުބީޤު ކުރަންޖެހޭ ޤާނޫނީ މާއްދާތައް

މި މައްސަލާގައި ތަޠުބީޤު ކުރަންޖެހޭ ޤާނޫނީ މާއްދާތައް ތިރީގައި އެވަނީއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު ގެ 25 ވަނަ މާއްދާގެ (ހ) ގައި މައްސަލަ ބެލުމަށްފަހު ކޮމިޝަނުން ޢަމަލު ކުރަންވީގޮތް ބަޔާން ކުރަމުން، އެ އަކުރުގެ 3 ވަނަ ނަންބަރުގައި ބަޔާންވެގެންވަނީ "މި މާއްދާގެ (ހ) ގެ 1 ނުވަތަ 2 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ގޮތަށް ޢަމަލު ކުރުމުގެ އިތުރުން، އެ މައްސަލައަކީ މި ޤާނޫނުގެ 24 ވަނަ މާއްދާގައިވާ މުއައްސަސާއެއްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއްނަމަ، އެކަން އިޞްލާޙުކުރަން އެ މުއައްސަސާއަކަށް އެންގުން" މިހެންނެވެ.

އެކްސްޕޯޓް އިމްޕޯޓު ޤާނޫނު ގެ 14 ވަނަ މާއްދާގެ (ބ) ގައި ބަޔާން ވެގެންވަނީ "މުދާ އިމްޕޯޓް ކުރުމުގައި އޮޅުވާލައިގެން ދަށް އަގެއް ހުށައަޅައިފިނަމަ، ފުރަތަމަ ފަހަރު އެ ކަމުގައި ހިމެނޭ މުދަލުގެ ހަމަ އަގުގެ ދެގުނައަށް ވުރެ ބޮޑު ނޫން ޢަދަދަކުން އެ ކުށް ކުރި ފަރާތް ޖޫރިމަނާ ކުރުމާއި، އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް މި ކުށް ކޮށްފިނަމަ، އެ ކަމުގައި ހިމެނޭ މުދަލުގެ ހަމަ އަގުގެ ދެ ގުނައަށް ވުރެ ބޮޑުނޫން ޢަދަދަކުން އެ ކުށް ކުރި ފަރާތް ޖޫރިމަނާކުރުމާއެކު، 2 އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް އެ ފަރާތުން އިމްޕޯޓު ކުރުން ބަންދު ކުރުމުގެ އިޚްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ." މިހެންނެވެ.

އިސްތިއުނާފު ކުރެވުނު ނުކުތާތަކަށް ޤާނޫނު ތަޠުބީޤު ކުރުން

ސަލްޓަންސްއިން ރާއްޖެ ގެނައި ދެ އުޅަނދު ރާއްޖެ އެތެރެކޮށްފައިވަނީ ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީން ބައެއް އުނިކުރުމުގެ މަޤްޞަދުގައި ދެ އުޅަނދުގެ ބްރޭންޑް އޮޅުވާލައި އަގު ފާސްކޮށްގެން ކަމަށް ބުނާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤު ކުރުމަށްފަހު 14 މެއި 2009 ގައި އެކުލަވާލި ރިޕޯޓުގައި ސަލްޓަންސްއަށް ފިޔަވަޅު އަޅަން އަންގާފައި އޮތުމުން، އެއީ އެ ކޮމިޝަނަށް ޤާނޫނުން ލިބިދޭ ބާރެއް ނޫންކަމަށް ހައިކޯޓުގެ ނިންމުގައި ބަޔާން ކޮށްފައިވާއިރު، ދެ ފަރާތުން ދެއްކި ވާހަކަތަކާއި، ހުށަހެޅިފައިވާ ލިޔުންތަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާ ދިރާސާކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ކަސްޓަމްސްއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާއެއްކަން އެ ކޮމިޝަނުގެ ޤާނޫނުގެ 24 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމާއި، ކަސްޓަމްސްގައި ކޮރަޕްޝަނުގެ ޢަމަލެއް ހިނގައިފިނަމަ އެ ކަމެއް ތަޙްޤީޤު ކުރުމުގެ ބާރު އެ ކޮމިޝަނަށް ޤާނޫނުން ލިބިދޭކަމެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުންގެ ރިޕޯޓަށް ބަލާއިރު، ސަލްޓަންސްއިން އެތެރެކުރި ދެ އުޅަނދުގެ އަގު ކަނޑައެޅުމުގައި ދެ އުޅަނދުގެ ޑީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކަސްޓަމްސްއިން ހޯދާފައި ނުވާކަމާއި، ކަސްޓަމްސްއިން އަގު ކަނޑައަޅައި ނިންމާފައިވަނީ އުޅަނދުތަކާބެހޭ ލިޔުންތަކުގެ އަސްލު ނުހޯދައި، ސަލްޓަންސްއިން ހުށަހެޅި ކޮޕީތަކަކަށް ބުރަވެކަމާއި، މި އުޅަނދުތައް ބެލުމަށް ދިޔަ ވެލުއޭޝަން ކޮމިޓީގެ މެންބަރުން އުޅަނދުތަކުގެ ކޮންޑިޝަންއާއި އުޅަނދުތަކާބެހޭ މި ނޫން މުހިންމު ކަންކަން ބަލާފައި ނެތްކަން އެންޓި-ކަރަޕްޝަންގެ ތަޙްޤީޤުން އެނގިގެން ގޮސްފައިވާކަން ތަޙްޤީޤު ރިޕޯޓުން އެނގެން އޮތްކަން ފާހަގަކުރެވޭކަމެވެ.

އެންޓި-ކޮރަޕްޝަނުން މައްސަލައިގެ ތަޙްޤީޤު ނިންމުމަށްފަހު، ޖިނާއީ ދަޢުވާ އުފުލޭވަރުގެ ހެކި ހުރުމުން، އެ ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ދެވަނަ ނަންބަރުގެ ދަށުން އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާކަމެވެ.

ޖިނާއީ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިތުރުން، އެ އިދާރާއެއްގައި އިޞްލާޙުކުރަން ޖެހޭ ކަމެއް އޮތްނަމަ އެ ކަމެއް އިޞްލާޙުކުރުމަށް އެންގުމަކީ އެ ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން އެ ކޮމިޝަނުގެ މައްޗަށް އޮތް ވާޖިބެއްކަން އެ މާއްދާއިން ދޭހަވާކަމާއި، ސަލްޓަންސްއިން ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަން ކަސްޓަމްސްއިން އެ ފަރާތަށް އަންގަންޖެހޭ ކަމާއި، ނުދައްކައިފިނަމަ އެ ފައިސާ ހޯދުމަށް ދަޢުވާ ކުރަންޖެހޭކަމަށް އެ ކޮމިޝަނުގެ ތަޙްޤީޤު ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އެ ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން އެ ކޮމިޝަނުން ކުރަންޖެހޭ ކަމަކަށްވާތީކަމާއި، އެ ކޮމިޝަނުގެ ރިޕޯޓުގައި އެވާހަކަ ނުހިމެނިކަމުގައިވީނަމަވެސް، އެ ކަމަކީ ކަސްޓަމްސްއިން ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމެއްކަމެވެ.

މަދަނީ ކޯޓުގެ އަމުރަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން މަޢުލޫމާތުތަކެއް އެ ކޯޓަށް ހޯދާފައިވާކަމާއި، އެހެންނަމަވެސް އެއިން އެއްވެސް މަޢުލޫމާތަކާމެދު ދެކޭގޮތް ބަޔާންކުރުމުގެ ނުވަތަ ތައުނުކުރުމުގެ ފުރުޞަތު މައްސަލަ ރައްދުވާ ސަލްޓަންސްއަށް ލިބިފައި ނުވާކަމަށް ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ހައިކޯޓުގެ ނިންމުމުގައި ބަޔާންވެގެންވާފަދައިން، މަދަނީ ޠަބީޢަތުގެ މައްސަލަތަކުގައި ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޙުކުމަށް ވާސިލުވުމަށްޓަކައި ހޯދަންޖެހޭކަމަށް އެ މައްސަލަ ބަލާ ފަނޑިޔާރަށް ފެންނަ ކޮންމެ ލިޔުމެއް އަދި މަޢުލޫމާތެއް ހޯދުމަކީ އެ ފަނޑިޔާރަކަށް ލިބިގެންވާ ބާރެއްކަމާއި، މިގޮތުން ހޯދާ ލިޔުމެއް އަދި މަޢުލޫމާތެއް މީހަކަށް ގެއްލުން ލިބޭގޮތަށް މާނަކުރެވޭ ޙާލަތުގައި ނުވަތަ ޝަރީޢަތުން މީހެއްގެ މައްޗަށް ކަމެއް ސާބިތުކުރުމުގައި އެފަދަ ލިޔުމެއްގެ މައްޗަށް ބުރަވާ ޙާލަތުގައި އެ ލިޔުމަކާމެދު ނުވަތަ އެ މަޢުލޫމާތަކާމެދު އެ ފަރާތެއް ދެކޭގޮތް ބަޔާން ކުރުމުގެ ފުރުސަތު ދިނުމަކީ އެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއް ކަމެވެ.

މި މައްސަލައިގައި ކަސްޓަމްސްއިން ބޭންކް އޮފް މޯލްޑިވްސްގައި އެ ލިޔުން ހޯދުމަށް އެދުމުން، ސަލްޓަންސްގެ ހުއްދަނެތި އެ ލިޔުން ދޫނުކުރުމަށް ސަލްޓަންސްއިން ބެންކް އޮފް މޯލްޑިވްސްއަށް އަންގާފައިވާކަމަށް ބުނެ ބެންކް އޮފް މޯލްޑިވްސްއިން އެ ލިޔުން ދީފައިނުވާކަމަށް ކަސްޓަމްސްގެ ތަޙްޤީޤު ރިޕޯޓުގައި ބަޔާންކޮށްފައިވާކަމާއި، އެހެންނަމަވެސް އޭގެ ފަހުން ބެންކް އޮފް މޯލްޑިވްސްއިން އެ ލިޔުން ކަސްޓަމްސްއަށް ލިބިފައިވާކަމަށާއި، ޑިއުޓީގެ ގޮތުގައި ސަލަޓަންސްއިން އިތުރަށް ދައްކަން ޖެހޭ މިންވަރާއި ޖޫރިމަނާގެ މިންވަރު ކަނޑައެޅުމުގައި އެ ލިޔުމަށް ބުރަވެފައި ވާނެކަމަށާއި، އެ ލިޔުންތަކުން އެނގެން އޮތްގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ސަލްޓަންސްއަށް 12,000,000 (ބާރަ މިލިއަން) ޔޫރޯގެ ލޯނެއް ދޫކޮށްފައިވާކަމާއި، މި ލޯނުގެ ބޭނުމެއް ކަމުގައި ލޯނު އެގްރީމެންޓުގައި ބަޔާންވެގެންވަނީ ދަޢުވާގައި ބުނާ ދެ އުޅަނދަށް އަގު ދެއްކުންކަމަށް ބަޔާންވެގެންވާ ކަމާއި، އެ ދެ އުޅަނދު ގަތުމުގެ އެކި ކަންކަމަށް ސަލްޓަންސްއިން 11,781,812.62 (އެގާރަ މިލިއަން ހަތްލައްކަ އައްޑިހަ އެއްހާސް އަށްސަތޭކަ ބާރަ ޕޮއިންޓް ހައެއް ދޭއް) ޔޫރޯ ޚަރަދު ކުރިކަން އެނގިފައިވާކަމަށް ކަސްޓަމްސްގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވާކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރިޕޯޓުގައި ވެސް ބޭންކް އޮފް މޯލްޑިވްސ ގެ ބުނެވިދިޔަ ލިޔުންތަކުގެ ވާހަކައާއި އޭގެ ތަފްސީލުތައް ބަޔާންވެފައިވާކަމާއި، ކަސްޓަމްސްގެ ތަޙްޤީޤުގައި ވެސް އަދި އެންޓި-ކަރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤުގައި ވެސް އެންމެ މުހިންމު އަސާސީ ޑޮކިއުމެންޓުތަކެއްގެ ގޮތުގައި މި ޑޮކިއުމެންޓުތައް ހިމެނޭކަމާއި، އެރިޕޯޓުތަކާއި، އެ ރިޕޯޓާގުޅޭ ޑޮކިއުމަންޓުތައް ޝަރީޢަތަށް ހުށަހެޅިފައިވާކަމާއި، ދިފާޢުގައި އެ ޑޮކިއުމެންޓާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ސަލްޓަންސްއަށް ލިބިފައި ނުވާކަމަށް ބެލެވެން ނެތްކަން ފާހަގަ ކުރެވޭކަމެވެ.

މަދަނީ ކޯޓުގެ ނަންބަރު 1835/MC/2009 ގެ އަޑުއެހުންތަކުގައި ދަޢުވާގެ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 19 ޖެނުއަރީ 2010 ގައި ސަލްޓަންސް އިން ހުށައެޅި ބަޔާނުގައި، ކަސްޓަމްސް އިން ދެއުޅަނދުގެ ޑިއުޓީ ދައްކަންޖެހޭ އަގު ކަނޑައެޅުމުގައި ކަސްޓްމްސް ގެ ފަރާތުން ބެންކް އޮފް މޯލްޑިވްސް އިން ހޯދާފައިވާ ލިޔުންތަކަށް ރިޢާޔަތް ކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ފަރާތުން ބުނެފައިވާ ވާހަކަތަކަށް، ސަލްޓަންސް އިން ރައްދު ދީފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ. މިގޮތުން ދިފާޢުގައި އެ ޑޮކިއުމެންޓްތަކާއި ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ސަލްޓަންސްއަށް ލިބިފައި ނުވާކަމަށް ބެލެވެން ނެތްކަން ފާހަގަ ކުރެވޭކަމެވެ.

ސަލްޓަންސްއިން ރާއްޖެ އެތެރެ ކޮށްފައިވާ ދެ އުޅަނދަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ އަދަދަށް ސަލްޓަންސްއިން އިމްޕޯޓު ޑިއުޓީ ދައްކާ ޚަލާޞް ކޮށްފައިވާކަމަށް ބަލަންޖެހޭކަމަށާއި، ސަލްޓަންސްއިން ރާއްޖެގެނައި ދެ އުޅނދަށް ޑިއުޓީ ދެއްކުމުގެ ގޮތުން އެ ދެއުޅަނދުގެ ހަމަ އަގު އޮޅުވާލައިގެން ކަސްޓަމްސްއަށް ހުށައަޅާފައިވާކަމަށް ބުނެ ކަސްޓަމްސްއިން ކޮށްފައިވާ ތަޙްޤީޤަށްފަހު، އެ މައްސަލައިގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް ނެތްކަމަށް ނިންމައި، އެ މައްސަލައިގެ ފައިލް ބަންދު ކުރުމަށްފަހު އެ ފައިލް އަލުން ހުޅުވައި ކުރިން ކުރެވިފައިވާ ތަޙްޤީޤުގެ މައްޗަށް ބިނާކޮށް، ސަލްޓަންސް ޖޫރިމަނާ ކުރުމުގެ ބާރާއި އިޚްތިޔާރު ކަސްޓަމްސްއަށް ނުލިބޭކަމަށް ހައިކޯޓުން ނިންމާފައިވާ ނުކުތާއާއި ގުޅިން، ހުށަހެޅިފައިވާ ލިޔުންތަކާއި ދެ ފަރާތުން ދެއްކިވާހަކަތާކާއި ކަމާއި ގުޅުން ހުރި ޤާނޫނުތައް ދިރާސާކުރުމުން އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

ސަލްޓަންސްއިން ރާއްޖެ ގެނައި ދެ އުޅަނދު ރާއްޖެ އެތެރެކުރުމަށްޓަކައި ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީން ބައެއް އުނިކުރުމުގެ މަޤްޞަދުގައި ދެ އުޅަނދުގެ ބްރޭންޑާއި ހަމަ އަގު އޮޅުވާލައިގެން ކަސްޓަމްސް އަށް ހުށައެޅި މައްސަލައަށް ބަލާއިރު،

ސަލްޓަންސްގެ ފަރާތުން ކަސްޓަމްސްއަށް ހުށަހަޅާފައިވާ މަޢުލޫމާތުން އެނގެން އޮތްގޮތުން، ބުނެވިދިޔަ ދެ އުޅަނދަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި 2000 ވަނަ އަހަރު އުފައްދައި، 6 (ހައެއް) އަހަރު ބޭނުން ކޮށްފައިވާ ދެ އުޅަނދުކަމާއި، ދަ ސަލްޓަންސް ވޭ 001 އަށް ޑިއުޓީ ދެއްކުމަށް ކަނޑައެޅުނު އަގަކީ USD753,067.03 (ހަތްލައްކަ ފަންސާސް ތިންހާސް ފަސްދޮޅަސް ހަތެއް ޕޮއިންޓް ސުމެއް ތިނެއް އެމެރިކާ ޑޮލަރު) ކަމާއި، ދަ ސަލްޓަންސް ވޭ 007 އަށް ޑިއުޓީ ދެއްކުމަށް ކަނޑައެޅުނު އަގަކީ USD716,342.28 (ހަތްލައްކަ ސޯޅަހާސް ތިންސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ދޭއް އަށެއް) އެމެރިކާ ޑޮލަރުކަން ސަލްޓަންސްއިން ހާމަކޮށްފައިވާކަން އެނގޭކަމާއި،

ސަލްޓަންސްއިން އެ ދެ އުޅަނދު އެތެރެ ކޮށްފައިވަނީ ހަމަ އަގު އޮޅުވާލައިގެންކަމަށް ޝައްކުކުރެވޭ މަޢުލޫމާތެއް ކަސްޓަމްސްގެ އިންޓާނަލް އޮޑިޓް ސެކްޝަނަށް ލިބިގެން، އެކަން ވެފައިވާގޮތް ބެލުމަށް ވެލުއޭޝަން ކޮމިޓީއަށް އެންގުމުން، އެ ކޮމެޓީން ކަސްޓަމްސްގެ އިންވެޓިގޭޝަން އެންޑް ޕްރޮސިކިއުޝަން ސެކްޝަނަށް އެ މަޢުލޫމާތު އެންގުމުން، ކަން ހިނގާފައިވާ ގޮތް ކަށަވަރު ކުރުމުގެ ގޮތުން 17 އެޕްރީލް 2008 އިން 11 ސެޕްޓެންބަރު 2008 އަށް ތަޙްޤީޤެއް ހިންގާފައިވާކަމާއި،

ތަޙްޤީޤުން އެނގުނު ގޮތުގައި ސަލްޓަންސްއިން 14 ޑިސެންބަރު 2007 ގައި އެތެރެކުރި ދަ ސަލްޓަންސްވޭ 001 އުޅަނދަކީ 2006 ވަނަ އަހަރު އުފައްދާފައިވާ އަޒިމުޓް 98 ލިއޯނާޑޯ މޮޑެލްގެ ޔޮޓެއް ކަމާއި، ސަލްޓަންސްއިން 25 މާރިޗު 2008 ގައި އެތެރެކުރި ދަ ސަލްޓަންސްވޭ 007 އުޅަނދަކީ 2007 ވަނަ އަހަރު ދުބާއީގައި ބޭއްވުނު އިންޓަރނޭޝަނަލް ބޯޓު ޝޯ ގައި އަލަށް ޕްރިމިއަރ ކޮށްފައިވާ އަޒިމުޓް 103 އެސް މޮޑެލްގެ ޔޮޓެއް ކަމާއި،

މި ވިޔަފާރީގެ މުޢާމަލާތުގައި ފައިސާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްކަމާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މި ދެ އުޅަނދު ގަތުމުގެ މުޢާމަލާތަށް ސަލްޓަންސްއިން 11,781,812.62 (އެގާރަ މިލިއަން ހަތްލައްކަ އައްޑިހަ އެއްހާސް އަށްސަތޭކަ ބާރަ ޕޮއިންޓް ހައެއް ދޭއް) ޔޫރޯ ޚަރަދު ކުރިކަން ތަޙްޤީޤުން އެނގިފައިވާ ކަމެވެ.

މި ކަންކަން މިހެން ހުރުމުން، ސަލްޓަންސްއިން ރާއްޖެއެތެރެ ކޮށްފައިވާ ދެ އުޅަނދަކީ ޔޫއޭއީގައި 6 އަހަރު ބޭނުން ކޮށްފައިވާ ދެ އުޅަނދުކަމަށް ބުނި ނަމަވެސް، އެ ދެ އުޅަނދަކީ މުޅިން އަލަށް ބަނދެފައިވާ ދެ އުޅަނދު ކަމާއި، ސަލްޓަންސްއިން ހުށަހަޅާފައިވަނީ އެ ދެ އުޅަނދުގެ ބްރޭންޑާއި އަގު އޮޅުވާލައިގެންކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅުކަން ބަލަންޖެހެއެވެ.

ސަލްޓަންސްއިން އެތެރެކުރި ދެ އުޅަނދަށް ޑިއުޓީ ދައްކައި އެ އުޅަނދުތައް ޑިކްލެއަރކޮށްފައި ވަނިކޮށް އަލުން ތަޙްޤީޤުކޮށް ފިޔަވަޅު އެޅިދާނެތޯ ބަލާއިރު،

ސަލްޓަންސްއިން އެތެރެކުރި ދެ އުޅަނދުގެ ބްރޭންޑާއި އަގު އޮޅުވާލައިގެން ކަސްޓަމްސްއަށް ހުށަހަޅާފައިވާކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތްކަމާއި،

ސަލްޓަންސްއިން އެތެރެކުރި ދެ އުޅަނދަށް ޑިއުޓީ ދައްކައި އެ އުޅަނދުތައް ޑިކްލެއަރ ކޮށްފައި ވަނިކޮށް އަލުން ތަޙްޤީޤުކޮށް ފިޔަވައެޅުން މަނާކުރާ ޤާނޫނީ ނައްޞެއް ނެތްކަމާއި،

ސަލްޓަންސް އިން މި ދެއުޅަނދު އެތެރެ ކޮށްފައިވަނީ 14 ޑިސެންބަރު 2007 ގައާއި 26 މާރިޗު 2008 ގައި ކަމަށްވެފައި، ހާދިސާ ހިނގި ތާރީޚުގައި ޢަމަލު ކުރަމުން ދިޔަ ޤާނޫނު ކަމުގައިވާ އެކްސްޕޯޓު އިމްޕޯޓު ޤާނޫނު ގެ 14 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު، މުދާ އިމްޕޯޓު ކުރުމުގައި އޮޅުވާލައިގެން ދަށް އަގެއް ހުށައަޅައިފިނަމަ، ފުރަތަމަ ފަހަރު އެ ކަމުގައި ހިމެނޭ މުދަލުގެ ހަމަ އަގުގެ ދެ ގުނައަށް ވުރެ ބޮޑު ނޫން ޢަދަދަކުން އެ ކުށް ކުރި ފަރާތް ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންވެގެން ވާކަމާއި،

މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު ކަމުގައިވާ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު ގައި މުދާ އެތެރެކުރި ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތެއް އެކަމަށް ކަނޑައެޅިފައިވާ ކަމާއި، ހާދިސާ ހިނގި ތާރީޚުގައި ޢަމަލުކުރަމުން ދިޔަ ޤާނޫނު ކަމުގައިވާ އެކްސްޕޯޓު އިމްޕޯޓު ޤާނޫނު ގައި އެކަމަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނެތްކަން ފާހަގަކުރެވޭ ކަމާއި،

ޤާނޫނެއް މާނަ ކުރުމުގައި އެ ޤާނޫނެއް އެކުލަވާލި މަޤްޞަދަށް ނުވަތަ އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށް މާނަ ކުރުމަށް އިސްކަން ދޭންވާނެ ކަމަށާއި، އެ ޤާނޫނުގެ މަޤްޞަދުތައް ހާސިލު ނުވާގޮތަށް އެ ޤާނޫނު މާނަ ކުރެވިގެން ނުވާނެކަމަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 17 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމާއި، އެކްސްޕޯޓު އިމްޕޯޓު ޤާނޫނުގެ 14 ވަނަ މާއްދާގެ މަޤްޞަދަކީ މުދާ އިމްޕޯޓު ކުރުމުގައި އޮޅުވާލައިގެން ދަށް އަގެއް ހުށައަޅައި، ނުޙައްޤު މަންފާއެއް ހޯދަން އުޅޭ ފަރާތަށް ފިޔަވަޅު އެޅުންކަމާއި، އެގޮތުން އެޅޭ ފިޔަވަޅަކީ ފުރަތަމަ ފަހަރު އެ ކަމުގައި ހިމެނޭ މުދަލުގެ ހަމަ އަގުގެ ދެ ގުނައަށް ވުރެ ބޮޑު ނޫން ޢަދަދަކުން އެ ކުށް ކުރި ފަރާތް ޖޫރިމަނާ ކުރުންކަމާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި އެ ބުނަނީ އެ މާއްދާގެ މަޤްޞަދު ގެއްލޭގޮތަށް، އޮޅުވާލި ފަރާތަށް ފިޔަވަޅު ނޭޅޭ ގޮތަށް އެ މާއްދާ މާނަ ކޮށްގެން ނުވާނެކަމާއި،

ވަކި ކަމެއް ކުރުމަށް ޤާނޫނުން މީހަކަށް ބާރު ލިބިދޭ ކަމަށްވާނަމަ، އެހެން ގޮތަކަށް އެ ޤާނޫނުން ދޭހަ ނުވާހާހިނދަކު، އެ ކަމެއްގެ މުނާސަބު ވަގުތުގައި އެ ވާޖިބެއް އަދާކުރުމުން ފުދޭނެކަމަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 21 ވަނަ މާއްދާގައި ބަޔާންވެގެންވާކަމާއި، އެކްސްޕޯޓު އިމްޕޯޓު ޤާނޫނުގެ 14 ވަނަ މާއްދާގައި މުދާ އިމްޕޯޓު ކުރުމުގައި އޮޅުވާލައިގެން ދަށް އަގެއް ހުށަހަޅާ ފަރާތަށް ފިޔަވަޅު އެޅުމުގެ ބާރު ކަސްޓަމްސްއަށް ލިބިދީފައި ވާކަމާއި، މިހާރު ޢަމަލު ކުރާ ޤާނޫނާއި ޚިލާފަށް، އެކްސްޕޯޓު އިމްޕޯޓު ޤާނޫނުގެ 14 ވަނަ މާއްދާގައި އެކަން ވަކި މުއްދަތެއްގައި ކޮށް ނިންމަން ބުނެފައި ނުވާކަމެވެ.

މި ކަންކަން މިގޮތަށް ހުރުމުން، ސަލްޓަންސްއިން އެތެރެކުރި ދެ އުޅަނދަށް ޑިއުޓީ ދައްކައި އެ އުޅަނދުތައް ޑިކްލެއަރ ކޮށްފައި ވަނިކޮށް، ސަލްޓަންސްއިން އޮޅުވާލައިގެން ދަށް އަގެއް ހުށަހަޅާފައިވާކަމަށް މަޢުލޫމާތު ލިބުމުން، ކަސްޓަމްސްއިން އެކަން ތަޙްޤީޤުކޮށް، އޮޅުވާލައިގެން ދަށް އަގެއް ހުށަހަޅާފައިވާކަން ތަޙްޤީޤުން ސާބިތުވުމުން، ސަލްޓަންސްއަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރާއި އިޚްތިރާރު ކަސްޓަމްސްއަށް ޤާނޫނުން ލިބިދޭ ކަމަށް ބަލަންޖެހެއެވެ.

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ސަލްޓަންސްއިން އެތެރެކުރި ދެ އުޅަނދުގެ ބްރޭންޑާއި އަގު އޮޅުވާލައިގެން ކަސްޓަމްސްއަށް ހުށަހަޅާފައިވާކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތުމާއި، ސަލްޓަންސްއިން އެތެރެކުރި ދެ އުޅަނދަށް ޑިއުޓީ ދައްކައި އެ އުޅަނދުތައް ޑިކްލެއަރ ކޮށްފައި ވަނިކޮށް އަލުން ތަޙްޤީޤުކޮށް ފިޔަވަޅުން މަނާކުރާ ޤާނޫނީ ނައްޞެއް ނެތުމާއި، ސަލްޓަންސްއިން މި ދެ އުޅަނދު އެތެރެ ކޮށްފައިވަނީ 14 ޑިސެންބަރު 2007 ގައްޔާއި، 26 މާރިޗު 2008 ގައި ކަމަށްވެފައި، ހާދިސާ ހިނގި ތާރީޚުގައި ޢަމަލު ކުރަމުން ދިޔަ ޤާނޫނު ކަމުގައިވާ އެކްސްޕޯޓު އިމްޕޯޓު ޤާނޫނު ގެ 14 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު، މުދާ އިމްޕޯޓު ކުރުމުގައި އޮޅުވާލައިގެން ދަށް އަގެއް ހުށައަޅައިފިނަމަ، ފުރަތަމަ ފަހަރު އެ ކަމުގައި ހިމެނޭ މުދަލުގެ ހަމަ އަގުގެ ދެ ގުނައަށް ވުރެ ބޮޑު ނޫން ޢަދަދަކުން އެ ކުށް ކުރި ފަރާތް ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންވެގެންވުމާއި، މި މާއްދާގެ ދަށުން ސަލްޓަންސްއަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރާއި ބާރު ކަސްޓަމްސްއަށް ޤާނޫނުން ލިބޭކަމާއި، މިގޮތުން ޑިއުޓީގެ ގޮތުގައި ސަލްޓަންސްއިން އިތުރަށް ދައްކަންޖެހޭ 53,607,495.68ރ. (ފަންސާސް ތިން މިލިއަން ހަލައްކަ ހަތްހާސް ހަތަރު ސަތޭކަ ނުވަދިހަ ފަސްރުރިޔާ ފަސްދޮޅަސް އަށްލާރި) އާއި، އެކްސްޕޯޓް އިމްޕޯޓު ޤާނޫނު ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން ޖޫރިމަނާގެ ގޮތުގައި 56,634,917.33ރ. (ފަންސާސް ހަމިލިއަން ހަލައްކަ ތިރީސް ހަތަރުހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ ތިރީސް ތިންލާރި) އާއި، އެކު ޖުމްލަ 110,242,413.01ރ. (ސަތޭކަ ދިހަ މިލިއަން ދެލައްކަ ސާޅީސް ދެހާސް ހަތަރުސަތޭކަ ސާޅީސް ދެރުފިޔާ އެއްލާރި) އަކީ ސަލްޓަންސްއިން ދައްކަންޖެހޭ ފައިސާކަމަށް މަދަނީ ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ބުރަވެވޭތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/114 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަން ޖެހޭކަމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/114 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ކަމާބެހޭ ޤާނޫނުތަކުގެ ހަމަތަކާ އެއްގޮތަށް ކަމަށް ނުވާތީ، މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/114 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ