ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2026] SC 38 · 2021/SC-A/74ސުޕްރީމް ކޯޓު · 14 އޮކްޓޫބަރު 2026 · މަދަނީ – ކޮންޓްރެކްޓް އުފެދުމާއި ވަޢުދު ތަންފީޛުކުރުން (ޕްރޮމިސަރީ އެސްޓޮޕަލް)

ޑރ. އަލަކާ ސިންގް ވ. މުޙައްމަދު ނަޝީދު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓު · 14 އޮކްޓޫބަރު 2026ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އުފެދިފައިވާކަމަށް ކަނޑައަޅައި، 150,000 ޑޮލަރު އަލަކާ ސިންގްއަށް ދެއްކުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން އެ ޙުކުމް ބާޠިލުކުރީ ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނެތުމާއި ޕްރޮމިސަރީ އެސްޓޮޕަލް ތަޠުބީޤު ނުކުރެވޭތީއެވެ.
ވާޤިޢާ
ޑރ. އަލަކާ ސިންގް އިންވެސްޓްކޮށް މުޙައްމަދު ނަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ބަރުތީލަ" އުޅަނދު ވިއްކުމާ ގުޅިގެން 4 ސެޕްޓެމްބަރ 2014 ގައި ފޮނުވި އީމެއިލެއްގައި، 400,000 އެމެރިކާ ޑޮލަރާއި އުޅަނދު ވިކޭ އަގާ ދެމެދުގެ ފަރަގު ދައްކާނެ ގޮތެއް ހޯދަން ޖެހިދާނެކަމަށް މުޙައްމަދު ނަޝީދު ބުނެފައިވެއެވެ. ފަހުން ކްރިސްޓޯފް ގްރޯހްގެ 250,000 ޑޮލަރުގެ އޮފަރާ ގުޅިގެން އަލަކާ ސިންގް އެ ފަރަގަށް އެދުމުން، އެއީ ޝުކުރުވެރިކަމުގެ ވަޢުދެއް ކަމަށާއި އިލްތިޒާމެއް ނޫންކަމަށް ނަޝީދު ބުނެ، އަލަކާ ސިންގްވެސް އެކަން ޤަބޫލުކުރިއެވެ. އޭގެފަހުން، ޕްރޮމިސަރީ އެސްޓޮޕަލްގެ އުޞޫލަށް ބަރޯސާވެ 150,000 ޑޮލަރު ހޯދުމަށް އަލަކާ ސިންގް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އުޅަނދެއް ވިއްކުމާ ގުޅިގެން ބަދަލުކުރެވުނު އީމެއިލްތަކުން، އަގުގެ ފަރަގު ދިނުމަށް ބަނދެވޭ ކޮންޓްރެކްޓެއް ދެފަރާތުގެ މެދުގައި އުފެދިފައިވޭތޯ؛ އަދި އެފަދަ ވަޢުދެއް އިސްލާމީ ޝަރީޢަތުގެ ދަށުން ނުވަތަ ޕްރޮމިސަރީ އެސްޓޮޕަލްގެ ދަށުން ވަޢުދުވި މީހާގެ ނުރުހުމުގައި ތަންފީޛުކުރެވިދާނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އަލަކާ ސިންގް ބުނީ ދެފަރާތުގެ މެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާކަމަށާއި، "މިނިވަނާގެ ވަޢުދަކީ ދަރަންޏެކެވެ" މި ބަހުގެ ދަށުން އިސްލާމީ ޝަރީޢަތުގައި ވަޢުދު ލާޒިމުވާކަމަށާއި، ޕްރޮމިސަރީ އެސްޓޮޕަލް އެމެރިކާގެ ރީސްޓޭޓްމަންޓްގެ 90 ވަނަ ނަންބަރާ އެއްގޮތަށް ފުޅާކޮށް ތަޠުބީޤުކުރަންވާނެކަމަށެވެ. މުޙައްމަދު ނަޝީދު ބުނީ ކޮންޓްރެކްޓެއް ނުއުފެދޭކަމަށާއި، އަލަކާ ސިންގް އުޅަނދު ވިއްކީ އޭނާގެ ވަޢުދަށް ބަރޯސާވެގެން ނޫންކަމަށެވެ.
ކޯޓުގެ ސަބަބުތައް
4 ސެޕްޓެމްބަރ 2014 ގެ ބުނުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނާ އެއްގޮތް ސާފު ހުށަހެޅުމެއް ނޫނެވެ؛ ހުށަހެޅުމެއްކަމަށް ބެލިޔަސް، އަލަކާ ސިންގް އެ ޤަބޫލުކުރުމުގެ ކުރިން އޭގެ ނިމުން އައިސް، އެއީ އިލްތިޒާމެއް ނޫންކަން އަލަކާ ސިންގްވެސް ޤަބޫލުކުރިއެވެ. އިސްލާމީ ޝަރީޢަތުގައި މުޤާބިލާއި ބަރޯސާވުމެއް ނެތް ވަޢުދު ލާޒިމުވަނީ އަޚްލާޤީ ގޮތުންނެވެ. ކްރިސްޓޯފް ގްރޯހްއާ ސީދާ މުޢާމަލާތްކޮށް އުޅަނދު ގެންދިއުމުގެ ހުއްދަ ދީފައިވަނީ އަލަކާ ސިންގް އަމިއްލައަށް ކަމުން ވަޢުދަށް ބަރޯސާވިކަން ނުފެނޭތީ، ޝަރީޢަތުގެ ދަށުންނާއި ޕްރޮމިސަރީ އެސްޓޮޕަލްގެ ދަށުންވެސް ޒިންމާއެއް ނުއުފެދެއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/405
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1މަދަނީ › މަދަނީ – ކޮންޓްރެކްޓް އުފެދުމާއި ވަޢުދު ތަންފީޛުކުރުން (ޕްރޮމިސަރީ އެސްޓޮޕަލް)

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 އަދި 6 ވަނަ މާއްދާގެ ދަށުން، ކޮންޓްރެކްޓެއް ކުރެވެނީ އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުންނެވެ. ހުށަހެޅުން ވާންވާނީ ސާފުކޮށް، ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށެވެ؛ އޮޅުން ނުފިލާ ނުވަތަ ޔަޤީން ނުވާ ގޮތަށް އޮންނަ ހުށަހެޅުމަކީ އޭގެ މައްޗަށް ކޮންޓްރެކްޓެއް އުފެދޭނެ ހުށަހެޅުމެއް ނޫނެވެ. (ޕެރ. 14-15)

HN2މަދަނީ › މަދަނީ – ކޮންޓްރެކްޓް އުފެދުމާއި ވަޢުދު ތަންފީޛުކުރުން (ޕްރޮމިސަރީ އެސްޓޮޕަލް)

ފައިސާ ދިނުމަށް "ގޮތެއް ހޯދަން ޖެހިދާނެ" ކަމަށް ބުނާ ފަދަ، ފައިސާ ދައްކާނީ ކިހިނެއްކަމެއް، ކޮން އިރަކުކަމެއް، ކޮން އުޞޫލަކުންކަމެއް ބަޔާންނުކުރާ ބުނުމަކީ، މާނަ ނޭނގޭ އަދި އޮޅުން ނުފިލާ ޢިބާރާތެއް ކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތަށް ހުށަހަޅާ ސާފު، އަދި ޤާނޫނީ ގޮތުން ބަނދެވުމުގެ ހަރުދަނާ ނިޔަތެއް އޮވެގެން ހުށަހަޅާ ހުށަހެޅުމެއް ނޫނެވެ. (ޕެރ. 16، 31.2)

HN3މަދަނީ › މަދަނީ – ކޮންޓްރެކްޓް އުފެދުމާއި ވަޢުދު ތަންފީޛުކުރުން (ޕްރޮމިސަރީ އެސްޓޮޕަލް)

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން، ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅާ ބުނެވިދާނެއެވެ. ނުވަތަ ޢަމަލުން އެނގިދާނެއެވެ؛ ނަމަވެސް ޤަބޫލުކުރުމަށް އިތުރު ގޮތެއް ނުވަތަ ޝަރުޠެއް އޮވެގެން ނުވާނެއެވެ. ހުށަހެޅުމެއް ރައްދުވީ ފަރާތުން އެ ހުށަހެޅުން ޤަބޫލުނުކޮށް، އޭނާގެ އަމިއްލަ ޝަރުޠުތަކާއެކު ޖަވާބުދީ، އެ ހުށަހެޅުން ޤަބޫލުކުރުމުގެ ކުރިން ހުށަހެޅުމަށް ނިމުން އައިސްފިނަމަ، ކޮންޓްރެކްޓެއް ނުއުފެދެއެވެ. (ޕެރ. 22-23، 28-29، 31.3)

ވަޢުދު ރައްދުވީ ފަރާތުން، އެ ވަޢުދަކީ އިލްތިޒާމެއް ނޫންކަމާއި އެއީ ތަންފީޛުކުރެވޭނެ ވަޢުދެއް ނޫންކަން ސާފު ބަހުން ޤަބޫލުކޮށްފައިވާ ޙާލަތުގައި، ކޮންޓްރެކްޓާބެހޭ ޤާނޫނާއި [2021] SC 51 (އިބްރާހީމް ޚަލީލް) ގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޤާނޫނު ބާރުދޭ ކޮންޓްރެކްޓަކަށް ވުމަށް ލާޒިމްވާ އުންޞުރުތައް ފުރިހަމަވާ އެއްބަސްވުމެއް އެ ވަޢުދުން ނުއުފެދެއެވެ. (ޕެރ. 31.4، 32)

HN5މަދަނީ › މަދަނީ – ކޮންޓްރެކްޓް އުފެދުމާއި ވަޢުދު ތަންފީޛުކުރުން (ޕްރޮމިސަރީ އެސްޓޮޕަލް)

އިސްލާމީ ފިޤްހުގައި ވަޢުދަކީ، އެހެން މީހަކަށް މަންފާއެއް ހުރި ކަމެއް މުސްތަޤްބަލުގައި ކޮށްދިނުމަށް ނުވަތަ ގެއްލުމެއް ކުރިމަތިވާ ކަމަކުން ދުރުހެލިވުމަށް، ވަޢުދުވާ މީހާ އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކޮށް ބުނާ އިޚްތިޔާރީ ބަހެކެވެ. ވަޢުދު ފުއްދުމަކީ އަޚްލާޤީ ޒިންމާއެއްކަމާމެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތްނަމަވެސް، ކޯޓު މެދުވެރިކޮށް އެކަން ލާޒިމުކުރެވޭ މިންވަރާމެދު ޢިލްމުވެރިން ޚިލާފުވެވަޑައިގަންނަވައެވެ. (ޕެރ. 35-38)

"މިނިވަނާގެ ވަޢުދަކީ އޭނާގެ މައްޗަށްވާ ދަރަންޏެކެވެ" މި ބަހަކީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެއް ނޫނެވެ. ހުއްދަ ކަމެއްގެ މައްޗަށް ވެވޭ، މުޤާބިލެއް ނެތް އަދި އޭގެ މައްޗަށް ބަރޯސާވުމެއް ނެތް ވަޢުދެއް ފުއްދުން ލާޒިމުވަނީ ހަމައެކަނި އަޚްލާޤީ ގޮތުންނެވެ؛ ވަޢުދުވީ މީހާގެ ނުރުހުމުގައި އެފަދަ ވަޢުދެއް ޤާނޫނީ ގޮތުން ލާޒިމުކުރެވޭނެ ޝަރުޢީ ހަމައެއް ނެތެވެ. (ޕެރ. 39.1.2-39.1.3)

ބައިނަލްއަޤްވާމީ އިސްލާމިކް ފިޤްހު އެކަޑަމީގެ ޤަރާރުގެ ދަށުން، ވަކި ސަބަބަކާ ގުޅުވައިގެން ކުރެވޭ އެއްފަރާތުގެ ވަޢުދެއްގެ މައްޗަށް ވަޢުދު ރައްދުވީ ފަރާތުން ބަރޯސާވެ ކަމެއް ކޮށް ނުވަތަ ކަމަކުން މަނާވެގަނެ އޭނާއަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ވަޢުދު ފުއްދުން، ނުވަތަ ވަޢުދު ނުފުއްދުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުން ޤާނޫނީ ގޮތުން ލާޒިމުވެއެވެ. ވަޢުދު ރައްދުވީ ފަރާތުން ވަޢުދަށް ބަރޯސާވެގެން ކުރި ޢަމަލެއް ނުފެންނަ ޙާލަތުގައި، އިސްލާމީ ޝަރީޢަތުގެ ހަމަތަކުން ވަޢުދުވި ފަރާތުގެ މައްޗަށް ޒިންމާއެއް ނުއުފެދެއެވެ. (ޕެރ. 39.2.1-39.2.2، 41)

HN8މަދަނީ › މަދަނީ – ކޮންޓްރެކްޓް އުފެދުމާއި ވަޢުދު ތަންފީޛުކުރުން (ޕްރޮމިސަރީ އެސްޓޮޕަލް)

ޕްރޮމިސަރީ އެސްޓޮޕަލްގެ މަފްހޫމަކީ، އެއް ފަރާތުން ކުރާ ވަޢުދަކަށް އަނެއް ފަރާތުން ބަރޯސާވެ ކަމެއް ކުރުމަށް ނުވަތަ ކަމަކުން މަނާވެގަތުމަށްފަހު، ވަޢުދުވީ ފަރާތުން އެ ވަޢުދާ ޚިލާފު ޢަމަލެއް ކުރުން މަނާވުމެވެ. އެ އުޞޫލު ބޭނުންކުރެވޭނީ، ދެފަރާތުގެ މެދުގައި ކުރިން ޤާއިމުވެ ދެމިއޮތް ޤާނޫނީ ނުވަތަ ތަޢާޤުދީ ގުޅުމެއް އޮތުމުގެ އިތުރުން، ވަޢުދުވީ ފަރާތުން ކުރާ ޢަމަލެއްގެ ދިފާޢުގައެވެ. (ޕެރ. 42)

2013/SC-A/43 (ބޭންކް އޮފް މޯލްޑިވްސް ޕރކ ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް) އާއި 2015/SC-A/08 (ޢަބްދުލް މަޖީދު ވ. މާލޭ ސިޓީ ކައުންސިލް) ގެ ދަށުން، ޕްރޮމިސަރީ އެސްޓޮޕަލް ތަޠުބީޤުކުރެވޭނީ: ވަޢުދަކީ އަނެއް ފަރާތުން އެއަށް ބަރޯސާވެ ކަންކަން ތަރުތީބުކުރާފަދަ އެކަށީގެންވާ ވަޢުދަކަށް ވެ، ވަޢުދު ރައްދުވީ ފަރާތުން އެއަށް ބަރޯސާވެ (މުޤާބިލެއް ނެތްނަމަވެސް) ޢަމަލުތަކެއް ކޮށް، އެ ޢަމަލުތަކުގެ ސަބަބުން މާލީ ނުވަތަ އިޤްތިޞާދީ ގެއްލުމެއް ލިބި، ވަޢުދުވީ ފަރާތުން ވަޢުދާ ޚިލާފަށް ޢަމަލުކުރުމަކީ ޢަދުލު އިންޞާފާ ޚިލާފު ކަމަކަށްވެ، ބޭއިންސާފަށް ޙައްލު ލިބިދެވޭނެ ހަމައެކަނި ގޮތަކީ ވަޢުދާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުން ކަމުގައިވާ ޙާލަތުގައެވެ. (ޕެރ. 43-44)

އެމެރިކާގެ ރީސްޓޭޓްމަންޓް (ސެކަންޑް) އޮފް ކޮންޓްރެކްޓްސް (1981) އަކީ އޭގެ ޒާތުގައި ޤާނޫނެއް ނޫން ރިފަރެންސް ފޮތެކެވެ. އޭގެ 90 ވަނަ ނަންބަރުގައިވާ ޕްރޮމިސަރީ އެސްޓޮޕަލްވެސް ބިނާވެފައިވަނީ ވަޢުދަކަށް އެކަށީގެންވާ ގޮތުގައި ބަރޯސާވުމާއި ބޭއިންސާފު ނުވުމުގެ މައްޗަށް ކަމުން، ސުޕްރީމް ކޯޓުން ޕްރޮމިސަރީ އެސްޓޮޕަލް ތަޠުބީޤުކުރަމުން އަންނަ އުޞޫލާ ދުރަށް ދާންޖެހޭފަދަ އަސާސީ ފަރަޤެއް އެމެރިކަން ރިއަލިޒަމްގެ ދަށުން އެ އުޞޫލު ތަޠުބީޤުކުރާ ހަމައިގައި ނެތެވެ؛ އެހެންކަމުން ބަރޯސާވުމެއް ނެތި ވަޢުދު ތަންފީޛުކުރުމަށް އެ މަފްހޫމް ފުޅާކުރުމަށް އެދޭ ހުށަހެޅުން ބަލައިނުގަނެވެއެވެ. (ޕެރ. 45-50)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ، 6 ވަނަ މާއްދާގެ (ހ) އަދި 8 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 އަދި 43 ވަނަ މާއްދާ (އިސްތިއުނާފު ރައްދުވާ ފަރާތުން ބަރޯސާވި)
  • ބައިނަލްއަޤްވާމީ އިސްލާމިކް ފިޤްހު އެކަޑަމީގެ މަޖިލީހުގެ ފަސްވަނަ ޖަލްސާގެ ޤަރާރު (ކުވެއިތު، 1409 ހ.)
  • ރީސްޓޭޓްމަންޓް (ސެކަންޑް) އޮފް ކޮންޓްރެކްޓްސް (1981) ގެ 90 ވަނަ ނަންބަރު (އެމެރިކާ)
  • [2021] SC 51 (އިބްރާހީމް ޚަލީލް)
  • 2013/SC-A/43 (ބޭންކް އޮފް މޯލްޑިވްސް ޕރކ ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް)
  • 2015/SC-A/08 (ޢަބްދުލް މަޖީދު ވ. މާލޭ ސިޓީ ކައުންސިލް)
  • 2019/SC-L/87 (ޝަމްސުލް މުނާ ވ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން)

ފަނޑިޔާރުން

ބެންޗު
ޢަބްދުލްޣަނީ މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އުއްތަމަ ފަނޑިޔާރު ޢަބްދުލްއެނީ މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޙުސައިން ޝަހީދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/405 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި، ޑރ. އަލަކާ ސިންގް (މީގެފަހުން "އަލަކާ ސިންގް" ކަމަށް ބުނެފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން، މިކޯޓުގެ ނަންބަރު 2021/SC-A/74 ޤަޟިއްޔާއިން ބަލާފައިވާ މައްސަލަ އެކެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ މުޙައްމަދު ނަޝީދު (މީގެ ފަހުން "މުޙައްމަދު ނަޝީދު" ކަމަށް ބުނެފައިވާ) އެވެ.

ކަންހިނގާފައިވާ ގޮތް

2ތިރީގައި އެވަނީ، އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ ޑރ. އަލަކާ ސިންގް އިންވެސްޓްކޮށް، މުޙައްމަދު ނަޝީދުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ " ބަރުތީލަ" ކިޔާ އުޅަނދު، އެހެން ފަރާތަކަށް ވިއްކާލުމަށް ބޭނުންވި ހިނދު، ދެފަރާތުގެ ދެމެދު ބަދަލުކުރެވުނު އީމެއިލްތަކުގެ އަލީގައި، ފެންނާންހުރި ޙަޤީޤަތްތަކެވެ. އަދި މި ނުކުތާތަކުގައި އެ އީމެއިލްތަކުގެ ބައިތައް ފާހަގަކޮށްފައި އެވަނީ ހަމައެކަނި މި މައްސަލައަށް ބޭނުންވާ މިންވަރަށް އެކަންޏެވެ.

2.1 ހަވާލާ ދެވިފައިވާ އުޅަނދު ވިއްކާލުމާގުޅޭ ވާހަކަތައް ހިމެނޭ އީމެއިލްތަކުން މި މައްސަލައާ ގުޅޭ ހިސާބަކީ، މުޙައްމަދު ނަޝީދުގެ ކްލައިންޓެއް ކަމުގައިވާ ކްރިސްޓޯފް ޕީޓަރ ނިކޮލާ ގްރޯހް (މީގެ ފަހުން "ކްރިސްޓޯފް ގްރޯހް)، "ބަރުތީލަ" އެވެ ކިޔުނު އުޅަނދު 200,000.00 (ދެލައްކަ އެމެރިކާ ޑޮލަރ) އަށް ގަތުމަށް ޝައުޤުވެރިކަން ފާޅުކުރުމާ ގުޅިގެންނެވެ. އެގޮތުން އެ އުޅަނދު ގަތުމުގެ ޝައުޤުވެރިކަން ފާޅުކޮށް ކްރިސްޓޯފް ގްރޯހް، މުޙައްމަދު ނަޝީދަށް ފޮނުވާފައިވާ އީމެއިލް، މުޙައްމަދު ނަޝީދުގެ ފަރާތުން ޑރ.އަލަކާ ސިންގް އާ ހިއްސާކުރުމާއެކު، "ބަރުތީލަ" އެވެ ކިޔުނު އުޅަނދު ވިއްކާލުމާ ގުޅޭގޮތުން، މުޙައްމަދު ނަޝީދުގެ ފަރާތުން ޑރ.އަލަކާ ސިންގް އަށް މި މައްސަލައާ އުފަންވުމަށް މެދުވެރިވި ފުރަތަމަ އީމެއިލް 4 ސެޕްޓެމްބަރު 2014 [01:00PM] ގައި ފޮނުވިއެވެ.

2.2 ބަޔާކުރެވުނު އީމެއިލް ގައި، މައިގަނޑު ގޮތެއްގައި މުޙައްމަދު ނަޝީދުގެ ފަރާތުން ބުނެފައިވަނީ؛

މިއީ އަހަރެންގެ ކްލައިންޓު (ކްރިސްޓޯފް ޕީޓަރ ނިކޮލާ ގްރޯހް) ގެ ފަރާތުން ލިބިފައިވާ ޖަވާބެވެ. އެ ޖަވާބުން ހުރިހާ އެއްޗެއް ސާފުކޮށް އެނގެއެވެ. އަލަކާ ސިންގް، ކްރިސްޓޯފް ގްރޯހް އާ އަމިއްލައަށް ވާހަކަ ދައްކަން ބޭނުންވާނަމަ، ތި ދެ މީހުން އެކަކު އަނެކަކަށް ތަޢާރަފް ކޮށްދެވިދާނެއެވެ. އަދި ހީވާގޮތުން ކްރިސްޓޯފް ގްރޯހް އާ ވާހަކަ ދައްކައިގެން، އަހަރެއްހާ ދުވަސްފަހުން އަގުގެ ބާކީބައި ދައްކާގޮތަށް، މިހާރު ކްރިސްޓޯފް ގްރޯހް ހުށަހަޅާފައިވާ އަގުގެ ތެރެއަށް (ފަންސާސް ހާސް) އާއި (ހަތްދިހަފަސް ހާސް) އާ ދެމެދުގެ އަދަދެއް އިތުރު ކުރެވިދާނެކަމަށް ފެނެއެވެ. ކްރިސްޓޯފް ގްރޯހް އެގޮތަށް ޤަބޫލުކޮށްފާނެއެވެ. އޭނާ އަކީ، އިތުބާރުކުރެވޭ، އަދި ބުނާ ބަހުގައި ހިފަހައްޓާ މީހެކެވެ. (ހަތަރު ލައްކަ) އާއި އުޅަނދު ވިކިގެންދާ ޢަދަދާ ދެމެދު ހުރި ފަރަގު ކޮންމެވެސްގޮތަކުން އަލަކާ ސިންގް އަށް ދައްކާނެ މަގެއް ހޯދަން ޖެހިދާނެއެވެ. ސަބަބަކީ، އެ އުޅަނދު ގަނެ އެއަށް އިންވެސްޓްކުރަން އަލަކާ ސިންގް ނިންމީ އަހަރެންގެ ލަފާގެމަތިން ކަމުގައިވާތީ، އެކަމުގެ ޒިންމާ އަހަރެން އުފުލަން ޖެހޭކަމަށް ފެންނާތީ އެވެ. އެހެންކަމުން ތިޔަފަރާތަށް ފެންނަގޮތެއް އަންގާލަދެއްވުން އެދެމެވެ.

2.3 މުޙައްމަދު ނަޝީދުގެ އިސްވެ މި ބަޔާންކުރެވުނު އީމެއިލަށް އަލަކާ ސިންގް ޖަވާބު ދީފައިވަނީ 7 ސެޕްޓެމްބަރު 2014 [9:51 AM] ގައެވެ. އެ އީމެއިލް ގައި ބުނެފައިވަނީ؛

އަހުރެން ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެ އުޅަނދު ވިއްކާލާށެވެ. އަދި 31 ޑިސެމްބަރު 2014 ގެ ކުރިން ( 2-3 މަސްދުވަހުގެ ތެރޭގައި) 400،000 އެމެރިކާ ޑޮލަރު ހޯދުން އެއީ އަހުރެންގެ އަމާޒެވެ. މާރޗް މަހު ބައްދަލުކުރި އޮޕަރޭޓަރާއެކު މަޝްވަރާތައް ގާތްގަނޑަކަށް ނިމިފައިވާތީ، މި މަހުގެ (ސެޕްޓެންބަރު 2014) ނިޔަލަށް އެއްބަސްވުމެއްގައި ސޮއިކުރެވި، 3-4 މަސްދުވަހުގެ ތެރޭގައި (މުޢާމަލާތް) ހިންގަން ފެނޭނެކަމަށް އުންމީދުކުރާ ކުރަމެވެ.. އޮޕަރޭޝަން ފެށުމަށްފަހު ފުލް އަގު (ހަމަ އަގު) ގައި ވިއްކާލަން ފަސޭހަވާނެއެވެ. ނަމަވެސް އަހުރެން އިސްކަންދޭ ގޮތަކީ މިހާރުން މިހާރަށް އެ އުޅަނދު ވިއްކާލައި މި ނުރަނގަޅު ޙާލަތަށް ނިމުން ގެނައުން ކަމަށެވެ.

2.4 7 ސެޕްޓެމްބަރު [9:51 AM] 2014 ގައި އަލަކާ ސިންގް ފޮނުވި އެ އީމެއިލާ ގުޅިގެން، ހަމަ އެ ތާރީޚު ގައި މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސިންގް އަށް އީމެއިލެއް ފޮނުވިއެވެ. އެ އީމެއިލް ގައި ބުނެފައިވަނީ؛ ކްރިސްޓޯފް ގްރޯހް ހުށަހެޅި އަގު ކުޑަކަން އެނގެއެވެ. ނަމަވެސް ތިޔަ ދެފަރާތުން ވާހަކަ ދައްކައިގެން ފަހަރުގައި އަގު ތަންކޮޅެއް މަތިކުރެވިދާނެއެވެ. ތިޔަ ދެފަރާތުން އެއްބަސްވާ ގޮތަކަށް ކްރިސްޓޯފް ގްރޯހް އަގުދައްކާނެކަން އަހުރެނަށް ޔަޤީން ވެއެވެ. އެހެންނަމަވެސް އަލަކާ ސިންގް ބޭނުންވާގޮތަށް ދޭއް ނުވަތަ ތިން މަސްތެރޭގައި އަގުގެ ބާކީބައި އަހުރެންނަށް ހަމަޖައްސައި ނުދެވޭނެއެވެ. އަލަކާ ސިންގް އަތުގައި އެއް މަސްތެރޭގައި (ވިއްކުމުގެ މުޢާމަލާތް) ނިމުމަކަށް ގެނެވޭނެ ފަދަ އެއްބަސްވުމެއް އޮތްނަމަ، އެކަމާމެދު އަހުރެން ބުނާނެ އެއްޗެއް ނެތެވެ. ވިއްކާ ފަރާތަކީ ބަރޯސާވެވޭ ފަދަ ފަރާތެއްކަން އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އަލަކާ ސިންގް އަށެވެ...

އެހެންކަމުން، އަލަކާ ސިންގް ބޭނުންވަނީ ކޮން ގޮތެއްކަން ނިންމުން އެދެމެވެ... މިހާރު އަލަކާ ސިންގްއަށް ދެ އިޚްތިޔާރެއް އެބަ އޮތެވެ. އެއީ ވިއްކުން ނުވަތަ އުޅަނދު އޮޕަރޭޝަނަށް ގެނައުމެވެ.. އަލަކާ ސިންގް މަޝްވަރާކުރަމުންދާ ފަރާތާއެކު ކުރިއަށްގޮސް، އަލަކާ ސިންގް އަމިއްލައަށް ކާމިޔާބު އޮޕަރޭޝަންތަކެއް ފެށުން، ނުވަތަ މުޙައްމަދު ނަޝީދު ޙަވާލާދީފައިވާ ކްލައެންޓަށް ވިއްކައި މިކަން ނިންމާލުމަށް އަހުރެން އެދެމެވެ.

2.5 7 ސެޕްޓެމްބަރު 2014 [02:02 PM] ގައި އަލަކާ ސިންގްގެ ފަރާތުންވެސް މުޙައްމަދު ނަޝީދުއަށް އިތުރު އީމެއިލްއެއް ފޮނުވާފައި ވެއެވެ. އެ އީމެއިލް ގައި އަލަކާ ސިންގް ގެ ފަރާތުން ބުނެފައިވަނީ؛

ތަކުރާރުކޮށްވެސް ބުނެވެންއޮތީ، އޭނާ އެންމެ ބޮޑު އިސްކަމަކީ ވީހާވެސް އަވަހަކަށް (ބޯޓު) ވިއްކާލައި، 31 ޑިސެމްބަރ 2014 ގެ ކުރިން ނުވަތަ އެދުވަހު 400،000 އެމެރިކާ ޑޮލަރ ހޯދުމެވެ.

2.6 މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސިންގްއަށް 13 ސެޕްޓެންބަރު 2014 [11:40 AM] ގައި ފޮނުވި އީމެއިލް ގައި؛

(ބޯޓު ވިއްކުމާގުޅޭ މުޢާމަލާތަށް) ޝައުގުވެރިކަމެއް ނެތެވެ. އެންމެ ރަނގަޅު ގޮތަކީ މިހާރު އަލަކާ ސިންގް ހޯދުމަށް މަސައްކަތްކުރަމުންދާ ޑީލް ގެ މައްޗަށް އަލަކާ ސިންގްގެ އަމިއްލަ ޝަރުޠުތަކާ އެއްގޮތަށް އޯނަރޝިޕް ޓްރާންސްފަރ ކުރުމުގެ ކަންކަން ނިންމާލުމެވެ.. އޭރަށް އޯނަރޝިޕް ބަދަލުކުރުމުގެ ކަންކަމަށް އަހުރެން ތައްޔާރުވާނަމެވެ.

2.7 އަލަކާ ސިންގްގެ ފަރާތުން މުޙައްމަދު ނަޝީދުއަށް 13 ސެޕްޓެންބަރު 2014 [12:41 PM] ގައި ފޮނުވާފައިވާ އީމެއިލް ގައި، މުޙައްމަދު ނަޝީދުގެ ފަރާތުން އުޅަނދު ގަތުމަށް ހޯދި ފަރާތާއެކު އަލުން މަޝްވަރާކުރުމުގެ ކުޑަ ފުރުޞަތެއް ވެސް އޮތްނަމަ އަލަކާ ސިންގްއަށް އަންގާލަދިނުމަށާއި އޭރުން އަލަކާ ސިންގް އޭނާއަށް ގުޅާނެކަމަށް މި އީމެއިލްގައި ބުނެފައިވެއެވެ.

2.8 އަލަކާ ސިންގްގެ ފަރާތުން މުޙައްމަދު ނަޝީދު އަށް 13 ސެޕްޓެންބަރު 2014 [2:25 PM] ގައި ފޮނުވި އީމެއިލް ގައި، އޮޕަރޭޓަރ އަށް ކަން އޮތްގޮތް އެންގުމަށްޓަކައި މި ހުށަހެޅުން އަދިވެސް ދެމިއޮތްކަން އަންގައި ދިނުމަށް އެދިފައިވެއެވެ.

2.9 އަލަކާ ސިންގް ގެ ފަރާތުން މުޙައްމަދު ނަޝީދުއަށް 13 ސެޕްޓެންބަރު 2014 [2:47 PM] ގައި ފޮނުވާފައިވާ އީމެއިލް ގައި، މުޙައްމަދު ނަޝީދު ކުރިން ހުށަހެޅިފަދައިން އަލަކާ ސިންގް، ސީދާ ކްރިސްޓޯފް ގްރޯހް އާ ވާހަކަދެއްކުމަށް، އެހީތެރިކަމެއް ލިބިދާނެތޯ އެވެ؟ އަދި އުޅަނދު ގަތުމާމެދު ކްރިސްޓޯފް ގްރޯހްގެ ވިސްނުން ބަދަލުވީ ކީއްވެކަން މުޙައްމަދު ނަޝީދުއަށް އެނގޭތޯ އެވެ. އަލަކާ ސިންގް އަށް އެކަން އަންގާލަދިނުން އެދެމެވެ...

2.10 މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސިންގް އަށް 13 ސެޕްޓެންބަރު 2014 [3:22 PM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، އަލަކާ ސިންގްގެ ޝަރުޠުތައް ވަރަށް ޑިމާންޑިންގ އެވެ. އަހަރު ނިމުމާހަމައަށް (ޑިސެންބަރުގެ ނިޔަލަށް) 400،000 އަލަކާ ސިންގް ބޭނުންވެއެވެ. އަލަކާ ސިންގްގެ ފަރާތުން ކްރިސްޓޯފް ގްރޯހް އާ ސީދާ ވާހަކަ ދައްކައި އަގާބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް ދިގުކޮށް ލިޔެވިފައިވާނެއެވެ. އޭގެ ބަދަލުގައި އަލަކާ ސިންގް ގެ މެއިލްގައިވަނީ، ޑިސެންބަރު ގެ ނިޔަކަށް 400،000 ހޯދުމަށް ތަކުރާރުކޮށް ކޮށްފައިވާ، ވަރަށް ސިންޕަލް (ސާދާ) މެއިލެކެވެ. އޭގެ ސަބަބުން އެފަރާތުގެ ވިސްނުން ބަދަލުވެ އެނޫންގޮތެއް ހޯދާފައިވާކަމަށެވެ.... މުޙައްމަދު ނަޝީދުގެ ފަރާތުން ކުރަންޖެހިފައިވާ ޚަރަދުތައް ހުއްޓާލައި މިކަމުގެ ތެރެއިން ނުކުތުމަށްޓަކައި އަގުން ބާކީވާ ބައި މުޙައްމަދު ނަޝީދު ދެއްކުމަށް އެދުނީމެވެ.. އެކަމަށްވެސް އެއްވެސް ޝުކުރުވެރިވުމެއް އަލަކާ ސިންގްގެ ފަރާތުން ދީފައި ނުވެއެވެ. މިހާރު މުޙައްމަދު ނަޝީދު ބޭނުންވާގޮތް ވަރަށް ސާފެވެ. މުޙައްމަދު ނަޝީދު ބޭނުންވަނީ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން އަލަކާ ސިންގް ދެއްކި ކޮންމެ މީހަކަށް ބޯޓުގެ މިލްކުވެރިކަން ބަދަލުކޮށް މިކަމުން ސަލާމަތް ވުމަށްށެވެ.

މުޙައްމަދު ނަޝީދުގެ ފަރާތުން ގަންނާނެ ފަރާތެއް ނުވަތަ އޮޕަރޭޓަރއެއް ހޯދުން މިހާ ހިސާބުން ނިމުނީއެވެ.

2.11 އަލަކާ ސިންގް ގެ ފަރާތުން މުޙައްމަދު ނަޝީދުއަށް 14 ސެޕްޓެންބަރު 2014 [4:07 PM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، މާބޮޑަށް ލަސްނުވަނީސް ކްރިސްޓޯފް ގްރޯހްއާއެކު މަޝްވަރާކޮށްލުމަކީ ބޭނުންތެރި ކަމެއްކަމަށް ވާނަމަ އަންގާލަދިނުން އެދެމެވެ. އަދި މުޙައްމަދު ނަޝީދު 4 އަހަރުވަންދެން ދެމުން ގެންދާ ކޮންޓްރިބިއުޝަން އަހުރެނަށް އޮތީ ނޭނގިއެއް ނޫނެވެ.

އަދި އެކަން ކަމަށް ޝުކުރުވެރި ނުވަނީކީވެސް ނޫނެވެ.

2.12 މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސިންގްއަށް 14 ސެޕްޓެންބަރު 2014 08:28

[AM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، ކްރިސް އަށް ގުޅޭ ގޮތްވެ އޭނާ ވާހަކަ ދައްކަން ތައްޔާރަށް ހުރިނަމަ، އަލަކާ ސިންގް އޭނާއަށް ތަޢާރަފު ކޮށްދޭނަމެވެ.

2.13 އަލަކާ ސިންގް ގެ ފަރާތުން މުޙައްމަދު ނަޝީދުއަށް 14 ސެޕްޓެންބަރު 2014 [11:32 AM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، ކްރިސްޓޯފް ގްރޯހް އަށް ވިސްނައިދީ މަދުވެގެން އެއްފަހަރު ނަމަވެސް މަޝްވަރާކޮށްލަން އެދެމެވެ. މުޙައްމަދު ނަޝީދުގެ އަތުގައި އޭނާގެ އީމެއިލް އޮތްނަމަ، މުޙައްމަދު ނަޝީދަށް ކޮޕީކޮށް އޭނާއަށް އީމެއިލްކުރާނަ މެވެ. ނުވަތަ އޭނާގެ ނަންބަރު މުޙައްމަދު ނަޝީދު އަލަކާއާ ހިއްސާކުރަން ތައްޔާރަށް ހުރިނަމަ، އަލަކާ ސިންގް އޭނާއަށް ގުޅާނަމެވެ.

2.14 މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސިންގް އަށް 23 ސެޕްޓެންބަރު 2014 [10:00PM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، ކްރިސްޓޯފް ގްރޯހް، އަލަކާ ސިންގް އަށް އަދި އަލަކާ ސިންގް، ކްރިސްޓޯފް ގްރޯހްއަށް ތަޢާރަފުކޮށްދިނުމަށް އީމެއިލް ކުރީމެވެ. ބޯޓުގެ ކަންކަން ކްރިސްޓޯފް ގްރޯހް ބަލާފައިވެއެވެ. ބޯޓުގަތުމަށް އޭނާ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ 250,000 US$ އަށެވެ. ކްރިސްޓޯފް ގްރޯހް ބޭނުންވަނީ ބޯޓުގެ މިލްކުވެރިކަން އޭނާގެ ދިވެހި ޕާޓްނަރުންތެރެއިން މީހަކަށް ބަދަލުކުރުމަށް ވަގުތުން ފިޔަވަޅުތައް އަޅައި އޭނާގެ ހޮޓާ ހަދަމުންދާ (ދިވެހިރާއްޖޭގެ) އުތުރަށް ގެންގޮސް އޭނާ ނޮވެންބަރު މެދުތެރޭ ހުޅުވާ ހޮޓާ ހުޅުވަންވާއިރަށް ބޯޓު ހަދައި މަރާމާތުކުރުމުގެ ކަންކަންކޮށް ނިންމުމަށްށެވެ.

2.15 އަލަކާ ސިންގްގެ ފަރާތުން މުޙައްމަދު ނަޝީދުއަށް 24 ސެޕްޓެންބަރު 2014 [17:35] [PM] ގައި ފޮނުވާފައިވާ އީމެއިލް ގައި ކްރިސްޓޯފް ގްރޯހް އާއެކު ސީދާ މަޝްވަރާތައް އަހުރެނަށް ކުރެވިދާނެތޯ އެވެ. އެކަމަށް އޭނާ އުންމީދު ކުރޭތޯ އެވެ. އަދި މުޙައްމަދު ނަޝީދު ބުނެފައިވާފަދައިން ކްރިސްޓޯފް ގްރޯހް އަކީ މުޙައްމަދު ނަޝީދުގެ ބޮޑު ކްލައިންޓްކަށް ވާތީ މިކަމުގައި ކުރިއަށްދާންވީ ގޮތުގެ ލަފާއަކަށް އެދެމެވެ.

2.16 މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސިންގްއަށް 24 ސެޕްޓެންބަރު 2014 [03:09 PM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، އަލަކާ ސިންގްއަށް ސީދާ މުޢާމަލާތު ކުރެވިދާނެއެވެ. އަދި އޭނާ އަލަކާ ސިންގްއަށް ގުޅައި ނުވަތަ ނަންބަރު ދީފާނަމެވެ..

2.17 އަލަކާ ސިންގް ގެ ފަރާތުން މުޙައްމަދު ނަޝީދުއަށް 24 ސެޕްޓެންބަރު 2014 [17:35 PM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، އެ ގޮތަށް ޢަމަލުކުރާނަމެވެ. އަދި އެކަމުގެ އަޕްޑޭޓް މުޙައްމަދު ނަޝީދުއަށް ދޭނަމެވެ.

2.18 އަލަކާ ސިންގް ގެ ފަރާތުން ކްރިސްޓޯފް ގްރޯހްއަށް 29 ސެޕްޓެންބަރު 2014 [07:59AM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، މަޝްވަރާ ކުރެވިފައިވާ ގޮތުގެ މަތިން ކްރިސްޓޯފް ގްރޯހް އަށް ފަސޭހަ ގޮތަކަށް މަރާމާތުކުރުމުގެ ތައްޔާރީތައް ކުރުމަށްޓަކައި އުތުރަށް ބޯޓު ގެންދިއުން އެންމެ ރަނގަޅެވެ. ބޯޓަކީ މުޙައްމަދު ނަޝީދުގެ ނަމަށް ރަޖިސްޓްރީ ކުރެވިފައިވާ ބޯޓެކެވެ.

ބޯޓުގެ ރަޖިސްޓްރޭޝަންއާ ގުޅިގެން ކޮންމެހެން ބޭނުންތެރި ކަރުދާހުގެ މަސައްކަތްތަކާ ގުޅޭ ކަންކަމުގައި އެންމެ ރަނގަޅު ލަފައެއް ދެވޭނީ މުޙައްމަދު ނަޝީދުއަށެވެ.

2.19 އަލަކާ ސިންގް ގެ ފަރާތުން މުޙައްމަދު ނަޝީދުއަށް 29 ސެޕްޓެންބަރު 2014 [6:28 PM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، ކްރިސްޓޯފް ގްރޯހް އާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވިފައިވެއެވެ. އެ މަޝްވަރާތަކުގައި، މި ޕްރޮޖެކްޓަށް ޚަރަދުކުރެވުނު ފައިސާގެ ތެރެއިން %60 (އެއީ (US$330,000) ހޯދަން އެދުނީމެވެ. އަގު ފައިނަލް ކުރުމުގައި މިއާ ގާތްކުރާ ޢަދަދެއް ދިނުމާމެދު ވިސްނުމަށް ކްރިސްޓޯފް ގްރޯހް ގާތުގައި އެދިފައިވާނެއެވެ. މިޙާލަތުގައި ކްރިސްޓޯފް ގްރޯހް ގެ އެންމެ ފަހުގެ ހުށަހެޅުމާއި US$400,000 އާދެމެދު ވާ ފަރަގު ދޭނެކަމަށް މުޙައްމަދު ނަޝީދު ހުށަހެޅި ދީލަތި ހުށަހެޅުން ލިބުމަށް އެދެމެވެ. .

2.20 އަލަކާ ސިންގް ގެ ފަރާތުން މުޙައްމަދު ނަޝީދުއަށް 03 ނޮވެންބަރު 2014 20:43] [PM ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، އަނެއްކާވެސް އުނދަގޫ ކުރެވޭތީ އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދެމެވެ. (ބޯޓު ވިއްކުމުގެ މުޢާމަލާތް) ނިމެން ވަނީ ކައިރިވެފައެވެ. އަދި މިކަން ވީހާވެސް އަވަހަކަށް ނިންމުމަށްޓަކައި ޖަވާބެއް ދެއްވުމަކީ އަހުރެން ވަރަށް އެދޭކަމެކެވެ. ކްރިސްގެ 250،000 އެމެރިކާ ޑޮލަރުގެ އޮފަރާއި 400،000 އެމެރިކާ ޑޮލަރާ ދެމެދުގައިވާ ފަރަގު ފޫބެއްދުމަށް މުޙައްމަދު ނަޝީދު ހުށަހެޅި ދީލަތި / މާތް ހުށަހެޅުމަށްޓަކައި އަހުރެން ޙަޤީޤަތުގައިވެސް ވަރަށް ޝުކުރުވެރިވަމެވެ. ޓެކްސްގެ ބޭނުމަށްޓަކައި، މާލީ ރިޕޯޓިންގ އަހަރު ނިމޭ 31 މާރޗް 2015 ގެ ކުރިން ނުވަތަ އެދުވަހު މިކަމަކީ ވާނެކަމެއްތޯ އަހުރެނަށް އަންގައިދިނުން އެދެމެވެ.

2.21 މުޙައްމަދު ނަޝީދު ފަރާތުން އަލަކާ ސިންގްއަށް 03 ނޮވެމްބަރ 2014 [PM 20:46] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، އެއްގޮތަކަށްވެސް އެކަން ވާން ނެތެވެ. އަހުރެން ވެފައިވާ ވަޢުދަކީ ޝުކުރުވެރިކަމުގެ ޢަމަލެކެވެ. އެއީ އިލްތިޒާމެއް ނޫނެވެ. އެއާ ކައިރިކުރާ ކަމެއްވެސް ނޫނެވެ. އަލަކާ ސިންގްގެ ޓެކްސް އަހަރުގެ ޝަރުޠުތަކަށް ނުވަތަ އެހެން އެއްވެސް ކަމަކަށް އެއްބަސްވެވޭކަށް ނެތެވެ. އަހުރެން ދޭންބުނި އެއްޗެއް ދެވޭނީ ހަމައެކަނި އެ އެއްޗެއް އަހުރެނަށް ދިނުމަށް ގޮތެއް ފެނުނު އިރަކުންނެވެ.

2.22 އަލަކާ ސިންގްގެ ފަރާތުން މުޙައްމަދު ނަޝީދުއަށް 04 ނޮވެމްބަރ 2014 [12:38 PM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ، މުޙައްމަދު ނަޝީދުގެ ވަޢުދު، ޝުކުރުވެރިކަމާއެކު އަހުރެން ޤަބޫލުކުރަމެވެ. އެއީ ވަރަށް ދީލަތި / މާތް (magnanimous) ވަޢުދެކެވެ. . އެ ވަޢުދަކީ ޔަގީނުންވެސް އިލްތިޒާމެއް ނޫނެވެ. އަހުރެނަށް އެކަން ތަންފީޒުކުރެވޭނެ އެއްވެސް ގޮތެއްވެސް ނެތެވެ. އަހުރެން ކުރިންވެސް އަދި މިހާރުވެސް މުޙައްމަދު ނަޝީދުއަށް ފުރިހަމައަށް އިތުބާރުކުރަމެވެ. އަދި މުޙައްމަދު ނަޝީދަށް އަހުރެން ހުށަހެޅި މުއްދަތަށް ތަބާވާކަށް މަޖުބޫރެއް ނޫނެވެ.

2.23 މުޙައްމަދު ނަޝީދު ފަރާތުން އަލަކާ ސިންގްއަށް 8 އޮކްޓޫބަރ 2015 [4:04 PM] ގައި ވަރަށް ތަފްސީލީ ދިގު މެއިލެއް ފޮނުވާފައިވެއެވެ. އެ އީމެއިލުން މައްސަލައާ ގުޅޭ މިންވަރު ކުރުކޮށް ހިމަނާލަމެވެ.

.. ފައިސާ ދެއްކުމުގެ ޕްލޭނަކަށް އެއްބަސްވުމުގެ އެއްވެސް ޒިންމާއެއް އޮވެގެން އަލަކާ ސިންގްއަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭ ކަމަށް އަހުރެން ޤަބޫލެއް ނުކުރަމެވެ.. .. އަލަކާ ސިންގް ގެ މުޅި އެޕްރޯޗަކީ ފައިސާ ދައްކަންޖެހެނީ ކްރިސްއާއި އަހުރެނާ ދެ ފަރާތުން އެއްވަރަށް ކަމަށް ބަލައި، އެއްފަހަރާ ކްރިސްއާއި އަހުރެންގެ ކިބައިން ފައިސާ ހޯދޭތޯ ބެލުމެވެ. ކްރިސް، އަލަކާ ސިންގްގެ އުޅަނދު ގަނެފައިވާތީ އުޅަނދު ވިއްކި އަގަށް އޭނާ، އަލަކާ ސިންގް އަށް ފައިސާދައްކަން ޖެހޭނެއެވެ. އެއީ އޭނާގެ ideas and you sent a person to examine and suggest improvements. You spent a good amount of money on its renovation. I agreed to help, and continued to be involved by lending my name, my staff, my time, and also looking for people who may enter into an operation contract or even buy it. When you stopped paying because it has reached your maximum capacity, I did not abandon it. but continued to look after it, spend for the staff and its renovation and safekeeping. Every time I mentioned an interested party, the mathematics involved was not right for you, and you decided on an acceptable deal or how much you want to make from it. No deal happened, making it again my "responsibility" to look after it and spend for it. People have ideas and make investments. Sometimes these investments turn into a total loss. They write of their losses and move on. That is the nature of business. Even today I mentioned this story, people say I am stupid. I should have sold it for whatever it was worth and got out if, I should never have taken the burden of any payment either in the past or now. And that my time, my money, my staff, my safekeeping should all be accounted for and paid for. But I refused this being the case for you, and this being a total loss for you. I was involved with you from day one. That was the reason (like I have said many times before in various mails of last two years) why I have continued to look after the boat, kept a crew on it, kept it afloat, kept it safe and even paid for it . when I knew the boat was deteriorating I spent exorbitantly (at my level) to fiber coat the hull so that the leaking stops and does not become a factor for anyone not to buy it. So I have always been there working, spending, and taking responsibility. I am not Chris. But always, you have always remained the very "financial" person. whether you looked for a party or I did, you held to your calculations, exchange differences, interest rates, and what you ought to have recovered. That is what mattered to you. Each time a potential sale or operation failed, I found myself in the vicious cycle. Cannot sell the boat because it will not fetch your price. Cannot keep the boat because it will keep eating my money and my time. That is what motivated me to make an offer and move on. I have said that to you very clearly. Today with these mails and reminders for a response, you make me feel that I am like Chris. You write as if I am someone who owes you money. But I do not. He does. He should pay you. I do not have to. But still, I will. Even if this makes me the one who bears the most loss. You will make your figure ultimately. Chris will make his money. And what do I make? Zero. And for what? I did not make any money from you. I did not make any money from the boat. Every penny you sent is accounted for and sent to you many a time before. In fact the opposite is true. I have spent for you, for the boat and even today I am being asked (in a sugar coated way) if I can commit myself to a payment plan in respect of "magnanimous offer". Each time you write a mail to Chris pursuing him, you write a mail pursuing me. Honestly, I reject the whole notion. That is why you do not receive a reply to your mails. you will not receive a reply to your mails even in future. But when I get money, I will pay it to you. That is certain. I will not alter my promise of payment. But I will not entertain your mails hereafter and will not commit myself to a payment plan or a payment date. Because I fully realize now how you see this. And I reject the whole basis."

ޒިންމާއެކެވެ. އަހުރެންގެ މައްޗަށް އެފަދަ ޒިންމާއެއް އެއްގޮތަކަށްވެސް ނެތެވެ.

އަހުރެންގެ ޙާލަތު މުޅިން ތަފާތު ކަމަށެވެ..

...އަލަކާ ސިންގް ދިވެހިރާއްޖެއަށް އައިސް، އުޅަނދު ބަލައި، އޭރު އޮތް ޙާލަތުގައި، އުޅަނދު އޮތް ތަނުގައި، އެ އުޅަނދާ ޙަވާލުވެ އެއަށް އިންވެސްޓްކޮށްގެން ހިންގުމަށް އެއްބަސްވީމުއެވެ. އަލަކާ ސިންގްގެ ޚިޔާލުތަކެއް ހުރިއެވެ. އަދި މީހަކު ފޮނުވައިގެން އުޅަނދު ބަލައި، ރަނގަޅުކުރަން ހުރި ކަންކަން ހުށަހެޅިއެވެ...

..އަލަކާ ސިންގްއަށް ޚަރަދުކުރެވޭނެ އެންމެ މަތީ މިންވަރަށް ޚަރަދުކޮށް ނިމުމުން ފައިސާ ދެއްކުން ހުއްޓާލި ހިނދު، އަހުރެން އުޅަނދު ދޫކޮށްނުލައި، އުޅަނދު އައުކުރުމަށާއި އުޅަނދުގެ ރައްކާތެރިކަމަށާ އަހުރެންގެ މުވައްޒަފުންނަށް ޚަރަދުކުރަމުން އުޅަނދު ބަލަހައްޓަމުން ގެންދިޔައީމެވެ...

..ކޮންމެ ފަހަރަކު އުޅަނދު ގަތުމަށް ޝައުޤުވެރިވާ ފަރާތެއްގެ ވާހަކަ ދެއްކުމުން، އަލަކާ ސިންގްއަށް ހިސާބުތައް ރަނގަޅު ނުވެ، އަލަކާ ސިންގްއަށް ޤަބޫލުކުރެވޭ ޑީލެއް ނުވަތަ އެއިން ހޯދަން ބޭނުންވާ މިންވަރު ނިންމަމުން ދިޔައެވެ. ގަންނާނެ ފަރާތެއް ނުވެ، އަނެއްކާވެސް އެކަން "ޒިންމާ" އަކަށްވެ، އަހުރެން އުޅަނދު ބަލަހައްޓައި ޚަރަދުކުރަން ޖެހުނެވެ.

..އަލަކާ ސިންގް އަމިއްލަ އަށް ބޯޓު ގަންނާނެ މީހަކު ހޯދިޔަސް ނުވަތަ އަހުރެން މީހަކު ހޯދިޔަސް، އަލަކާ ސިންގްގެ ކަލްކިއުލޭޝަންތަކަށާއި ފައިސާ އެކްސްޗޭޖް ކުރުމުގެ ފަރަޤުތަކަށާއި އިންޓަރެސްޓް ރޭޓްތަކަށް، އަދި އަލަކާ ސިންގްއަށް ލިބެންޖެހޭނެ ކަމަށް ލަފާކުރާ އެއްޗެއްގައި ހިފެހެއްޓުން އެއީ މުހިއްމު ކަމަކަށް އަލަކާ ސިންގް އަށް ވިއެވެ.

ވިއްކުމެއް ނުވަތަ މުޢާމަލާތެއް ނުވެ ހިނގައްޖެނަމަ، ކޮންމެ ފަހަރަކު އަހުރެން ވަންނަން ޖެހެނީ ނުބައި ވަށްބުރެއްގެ ތެރެއަށެވެ. އަލަކާ ސިންގް ބުނާ އަގަށް ނުވިއްކޭތީ އުޅަނދު ނުވިއްކޭ ކަމަށެވެ. އަހުރެންގެ ފައިސާއާއި ވަގުތު ކަމުންދާތީ މި ބޯޓު އަހުރެންގެ ބެލުމުގެ ދަށުގައި ނުބޭއްވޭނެއެވެ. އެއީ މުޙައްމަދު ނަޝީދު އަލަކާ ސިންގް އަށް ހުށަހެޅުމެއް ހުށަހަޅައި ކުރިއަށް ދިއުމަށް މަޖުބޫރުކުރުވި ސަބަބެވެ..

سِوލް ކޯޓަށް ހުށަހެޅި މައްސަލަ

3سِوލް ކޯޓުގައި އަލަކާ ސِންގް ގެ ފަރާތުން ހުށަހެޅި ދަޢުވާގެ ޞީޣާ ތިރީގައި އެވަނީ އެވެ.

"މިއީ، އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ ޑރ. އަލަކާ ސِންގް އިންވެސްޓްކުރި އުޅަނދެއް ކަމުގައިވާ "ބަރުތީލަ" ވިއްކާލުމުގެ މުޢާމަލާތް ހިންގައިދިން، މުޙައްމަދު ނަޝީދު އެ އުޅަނދު ކުޑަ އަގެއްގައި އޭނާ ބޭނުންވި ފަރާތަކަށް ވިއްކާލާފައިވާކަމަށްބުނެ، އަދި އެކަމުގެ ސަބަބުން ޑރ. އަލަކާ ސِންގްއަށް ބަދަލެއްގެ ގޮތުގައި ދިނުމަށް އަމިއްލަ ހައިސިއްޔަތުން މުޙައްމަދު ނަޝީދު އެއްބަސްވި (compensation) ޢަދަދު ކަމުގައިވާ US$ 150,000 (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދި، އަލަކާ ސِންގްގެ ފަރާތުން މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ."

سِوލް ކޯޓުން ނިންމި ގޮތް

4ސِوލް ކޯޓުގެ ނަންބަރު 2293/Cv-C/2017 ޤަޟިއްޔާގައި ނިންމާފައިވަނީ، މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސِންގް އަށް US$ 150,000.00 (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އަދާކުރުމަށް އެއްބަސްވެ، މިގޮތުގެ މައްޗަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދިފައިވާތީ، ބުނެވުނު ފައިސާއަކީ މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސِންގްއަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 08 ނޮވެމްބަރ 2018 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މިފައިސާ ސِوލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް މުޙައްމަދު ނަޝީދަށް އަންގައި ޙުކުމް ކޮށްފައި ވެއެވެ.

ހައިކޯޓުން ނިންމަވާފައިވާގޮތް

5ސِوލް ކޯޓުގެ ނަންބަރު 2293/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު ނަޝީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ 2018/HC-A/405 ޤަޟިއްޔާއިންނެވެ. ހައިކޯޓުގެ ޤަޟިއްޔާއިން ސިވިލް ކޯޓު ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްފައިވެއެވެ.

6ހައިކޯޓުން މައްސަލަ ނިންމުމުގައި މައިގަނޑު ގޮތެއްގައި އަންނަނިވި ސަބަބުތައް ފާހަގަކޮށްފައިވެއެވެ.

6.1 ޑރ. އަލަކާ ސިންގް އަށް USD 150,000.00 (އެއްލައްކަ ފަންސާސްހާސް ޑޮލަރު) ދިނުމަށް މުޙައްމަދު ނަޝީދު ހުށަހެޅި ހުށަހެޅުމަކީ ލާޒިމުވުމެއްނެތި ދިނުމަށް ހުށަހަޅާފައިވާ ފައިސާއެއްކަމަށް މުޙައްމަދު ނަޝީދު ބުނުމުން، މުޙައްމަދު ނަޝީދުގެ އެ ހުށަހެޅުމަކީ ލާޒިމުވުމެއްނެތް އަދި ޑރ. އަލަކާ ސިންގްއަށް ތަންފީޒުކުރެވޭނެ މަގެއް ނެތް ހުށަހެޅުމެއްކަމަށް ޑރ. އަލަކާ ސިންގް އެއްބަސްވެފައިވާކަން؛

6.2 ބުނެވުނު އީމެއިލްތައް ބަދަލުކުރެވުނު އިރުގައި ޑރ. އަލަކާ ސިންގް އާއި، ކްރިސްޓޯފް ޕީޓަރ ނިކޮލާ ގްރޯހް އާ ދެމެދު އެއްބަސްވުމެއް ވުޖޫދުވެފައި ނުވާކަން؛

6.3 އަދި މައްސަލައިގައި ހަވާލާދޭ އުޅަނދުގެ މިލްކުވެރިކަން ބަދަލުކޮށްފައި ނެތުމުގެ ސަބަބުން، މި މުޢާމަލާތް ނިމުމަކަށް ގެނައުމުގެ ފުރިހަމަ ބާރާއި، އިޚްތިޔާރު ޑރ. އަލަކާ ސިންގް އަށް އެ ވަގުތު ލިބިފައި އޮތްކަން؛

6.4 އުޅަނދު ވިއްކާލުމުގެ މުޢާމަލާތް ޑރ. އަލަކާ ސިންގް ފުރިހަމަކޮށްފައިވަނީ މުޙައްމަދު ނަޝީދުގެ ނިޔަތް އެނގިހުރެ، މުޙައްމަދު ނަޝީދުއާއެކު ޤާނުނީ ގޮތުން ބަނދެވޭފަދަ އެއްބަސްވުމެއް ނެތިކަމުގައިވާތީ، ޕްރޮމިސަރީ އެސްޓޯޕަލްގެ މަބްދައު މި މުޢާމަލާތުގެ މައްޗަށް ތަޢްބީޤެއް ނުކުރެވޭނެކަން؛

6.5 ޤާނުނީ ގޮތުންބަނދެވޭ އެއްބަސްވުމެއް ވުޖޫދުވެފަ ނުވާ ޙާލަތުގައި މި ހުށަހެޅުމުގައި މުޤާބިލެއް އޮތްތޯ ޝަރީޢަތުން އިތުރަށް ބަލަންޖެހޭ ސަބަބެއް ނެތްކަން؛ މިއެވެ.

سުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

7ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/405 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް، އަލަކާ ސިންގްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 03 ނުކުތާއެއް ހުށަހަޅާފައިވެއެވެ.

7.1 އަލަކާ ސިންގް އާއި މުޙައްމަދު ނަޝީދު އާދެމެދު ޤާނޫނީ ގޮތުން ބަނދެވުމެއް އޮތް ކޮންޓްރެކްޓެއް ވުޖޫދުގައި ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާ؛

7.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/405 ޤަޟިއްޔާގައި ޕްރޮމިސަރީ އެސްޓޮޕަލް މަބްދައުގެ ރުކުންތަކަށް ރިޢާޔަތް ނުކޮށް އެ މަބްދައު އަށް މި މައްސަލައިގައި ޢަމަލު ނުކުރެވޭނެކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އެވެ.

7.3 އިސްލާމީ ޝަރީޢަތުގައި މަދަނީ ވަޢުދަކީ ދަރަންޏެއްކަމުގައި ކަނޑައަޅާފައިވަނީ، "މިނިވަނާގެ ވަޢުދަކީ އޭނާގެ މައްޗަށްވާ ދަރަންޏެކެވެ" މި މާނައިގައި ކީރިތި ރަސޫލާގެ ޙަދީޘް ފުޅެއް އޮންނާތީ އެވެ.

އިސްތިއުނާފު ނުކުތާތަކަށް ދީފައިވާ ރައްދު

8އިސްތިއުނާފު ނުކުތާތަކުގެ ރައްދުގައި މުޙައްމަދު ނަޝީދުގެ ފަރާތުން މައިގަނޑު ގޮތެއްގައި އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.

8.1 ސުޕްރީމް ކޯޓުގެ ޝަމްސުލް މުނާ ވ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލާ ހަވާލާދީ އަންނަނިވިކަންކަން ފާހަގަކޮށްފައިވެއެވެ.

8.1.1 މަތީ މަރުޙަލާގެ ކޯޓެއްގައި މައްސަލަ އިސްތިއުނާފު ކުރުމަކީ މުޅި މައްސަލައިގެ ނިންމުން މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ނޫންކަން.

8.1.2 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 16 ވަނަ މާއްދާއާއި 43 ވަނަ މާއްދާއަށް ބަލާއިރު މަތީ މަރުޙަލާގެ ކޯޓެއްގައި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާއިރު، މައްސަލަ ބެލި ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުފުދޭކަމާއި، ވަކި ކަމަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްދޭން ޖެހޭނެކަން.

8.1.3 އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލައިގައި އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާގެ ތަފްސީލަކީ، މުޅި މައްސަލައިގެ ކަންހިނގައިދިޔަ ގޮތްކަމަށް އެފަރާތުން ދަށު ކޯޓުގައްޔާއި ހައިކޯޓުގެ މަރުޙަލާގައި ވަކާލާތުކުރަމުން ދިޔަ ކަންކަން ތަކުރާރުކޮށްލުން ކަމާއި މައްސަލައިގެ ޙަޤީޤަތްތްތަކާމެދު އުފެދޭ ބަހުސެއް ނެތްއިރު އެ ޙަޤީޤަތްތަކުގެ މައްޗަށް ޤާނޫނު ތަޠުބީޤު ކުރުމުގައި ހައިކޯޓުން ހަދާފައިވާ ގޯހަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދީފައި ނުވާކަމާއި މި މައްސަލައިގައި ހައިކޯޓުން ރިޢާޔަތް ނުކުރެއްވި ކަމަށް ބުނާ ބުނުމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާކަން.

8.2 އިސްތިއުނާފު ކުރާފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ޤާނޫނީ ގޮތުން ބަނދެވުމެއް އޮތް ކޮންޓްރެކްޓެއް ވުޖޫދުގައި ނެތް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްކަން؛

8.3 އަދި އަލަކާ ސިންގްގެ ފަރާތުން [ކްރިސްޓޯފް ޕީޓަރ ނިކޮލާ ގްރޯހް] އަށް އުޅަނދު ވިއްކުމުގެ މުޢާމަލާތް ހިންގުމަށް ނިންމި ނިންމުމަކީ، މުޙައްމަދު ނަޝީދުގެ ވަޢުދަށް ބަރޯސާވެގެން ކުޅަ ޢަމަލެއްކަމަށް ބުނެވޭނެ ޙުއްޖިއްޔަތެއް ނެތްކަން؛ މިއެވެ.

ގޮތް ކަނޑައަޅަންޖެހޭ ނުކުތާ

9މި މައްސަލައިގައި ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކަށާއި ޝަރީޢަތުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރާއިރު، މައިގަނޑު ގޮތެއްގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ނުކުތާތަކުގެ މައްޗަށެވެ. އެއީ؛

9.1 މުޙައްމަދު ނަޝީދުގެ ފަރާތުން ޑރ. އަލަކާ ސިންގް އަށް USD 150,000.00 (އެއްލައްކަ ފަންސާސްހާސް ޑޮލަރު) ދިނުން ލާޒިމްވާފަދަ އެއްބަސްވުމެއް އަލަކާ ސިންގް އާ މުޙައްމަދު ނަޝީދުއާ ދެމެދު އުފެދިފައި ވޭތޯ ނުވަތަ ނޫން ތޯ؛ އާއި

9.2 އިސްލާމީ ޝަރީޢަތަށް ރިޢާޔަތް ކުރާއިރު މުޙައްމަދު ނަޝީދުގެ ފަރާތުން ވެފައިވާކަމަށް ބުނާ ވަޢުދު، އޭނާގެ ނުރުހުމުގައި ޤާނޫނީ ގޮތުން ތަންފީޒުކުރެވިދާނެތޯ؛ އާއި

9.3 އިނގިރޭސި ނުވަތަ އެމެރިކާގެ ޤާނޫނުގެ ދަށުން، މުޙައްމަދު ނަޝީދުގެ އީމެއިލްގައިވާ ޢިބާރާތަކީ، ޕްރޮމިސަރީ އެސްޓޮޕެލް [Promissory estoppel] ގެ އުޞޫލުތަކުގެ ދަށުން ތަންފީޒުކުރެވޭނެ ވަޢުދެއްގެ ގޮތުގައި ބެލިދާނެތޯ؛ އާއި

9.4 އެ ވަޢުދުގެ ސަބަބުން ޤާނޫނީ ގޮތުން ބަނދެވޭފަދަ އިލްތިޒާމެއް ދެފަރާތުގެ ދެމެދު އުފެދިފައިވޭތޯ ނުވަތަ ނޫންތޯ؛ މިއެވެ.

އެއްބަސްވުން އުފެދުން

10މި މުޢާމަލާތާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2293/Cv-C/2017 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/405 ޤަޟިއްޔާގައި ކުރެވުނު ގޮތައިގަނޑު ބަހުސަކީ މައްސަލައިގައި ހަވާލާދޭ "ބަރުތީލަ" އެވެ ކިޔުނު އަޅަނދު ވިއްކާލުމުގެ މުޢާމަލާތުގެ ތެރެއިން، ބަދަލުކުރެވިފައިވާ އީމެއިލުތަކުން، މުޙައްމަދު ނަޝީދުއާ ޑރ.އަލަކާ ސިންގް އާ ދެމެދު ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވެފައިވާކަން ނުވަތަ ނޫންކަމާމެދު ކުރެވިފައިވާ ބަހުސެވެ.

11މި ބަހުސްގައި ސިވިލް ކޯޓުގެ ނަންބަރު 2293/Cv-C/2017 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، މި މުޢާމަލާތުގެ ތެރެއިން ޑރ. އަލަކާ ސިންގް އާއި މުޙައްމަދު ނަޝީދުއާ ދެމެދު އެއްބަސްވުމެއް އުފެދިފައިވާކަމަށެވެ. އެހެންކަމުން މުޙައްމަދު ނަޝީދުގެ ފަރާތުން ޑރ. އަލަކާ ސިންގް އަށް 150،000.00 އެމެރިކާ ޑޮލަރ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމް ކޮށްފައި ވެއެވެ.

12ސިވިލް ކޯޓުގެ ނަންބަރު 2293/Cv-C/2017 ޤަޟިއްޔާ މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގެ ނަންބަރު 2018/HC-A/405 ޤަޟިއްޔާ ގައި ކަނޑައަޅާފައިވަނީ، މި ދެމެދުގައި ޤާނޫނީގޮތުން ތަންފީޒު ކުރެވޭފަދަ އެއްބަސްވުމެއް އުފެދިފައި ނުވާކަމަށެވެ.

13އަލަކާ ސިންގް ގެ ފަރާތުން ދެކޭގޮތުން އުޅަނދު ވިއްކާލުމުގެ މުޢާމަލާތް ފެށިފައިވަނީ، މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސިންގްއަށް ހުށަހެޅި ހުށަހެޅުމަކުންނެވެ. އެއީ 4 ސެޕްޓެމްބަރު 2014 [01:00PM] ގައި މުޙައްމަދު ނަޝީދުގެ ފަރާތުން މިކަމާ ގުޅިގެން ފުރަތަމަ ފޮނުވި އީ-މެއިލްގައިވާ އަންނަނިވި ޢިބާރާތެވެ.

(ހަތަރު ލައްކަ) އާއި އުޅަނދު ވިކިގެންދާ އަގާ ދެމެދު ހުރި ފަރަގު ކޮންމެވެސްގޮތަކުން ތިޔަފަރާތަށް ދައްކާނެ ގޮތެއް ހޯދަން ޖެހިދާނެއެވެ. ސަބަބަކީ، އެ އުޅަނދު ގަނެ އެއަށް އިންވެސްޓްކުރަން ތިޔަފަރާތުން ނިންމީ އަހަރެންގެ ލަފާގެމަތިން ކަމުގައިވާތީ، އެކަމުގެ ޒިންމާ އަހަރެން އުފުލަން ޖެހޭނެތީއެވެ.

14HN1ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި، ކޮންޓްރެކްޓެއް ކުރެވޭނެ ގޮތާމެދު ބުނެފައިވަނީ، "މި ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، އެކަކު އަނެކަކަށް ހުށަހަޅާ ހުށާހެޅުމެއް، އެހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީއެވެ."

އެޤާނޫނުގެ 6 ވަނަ މާއްދާގައި، ހުށަހެޅުމަކީ ކޮބައިކަން ބަޔާންކޮށްދީފައި ވެއެވެ. އެގޮތުން އެމާއްދާގެ (ހ) ގައި، " 5 ވަނަ މާއްދާގައި ބުނާފަދަ ހުށަހެޅުމަކީ، އޮޅުން ނުފިލާގޮތަކަށް، ނުވަތަ ޔަޤީންނުވާ ގޮތަކަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެއެވެ. އެ ހުށަހެޅުން ވާންވާނީ ޤާނޫނީގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށެވެ."

މިފަދައިން ބަޔާންކޮށްފައި ވެއެވެ.

15ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބުނެފައިވާގޮތުން، ހުށަހެޅުން ވާންވާނީ ސާފުކޮށް ހުށަހަޅާ ހުށަހެޅުމަކަށެވެ. އޮޅުން ނުފިލާގޮތަށް ނުވަތަ ޔަޤީން ނުވާގޮތަށް އޮންނަ ހުށަހެޅުމަކީ، އޭގެ މައްޗަށް ކޮންޓްރެކްޓެއް އުފެދޭނެ ހުށަހެޅުމެއް ނޫނެވެ. އަދި އޭގެ އިތުރުން "ހުށަހެޅުން" ވާންވާނީ ޤާނޫނީގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތެއްގައި ހުށަހަޅާ ހުށަހެޅުމަކަށެވެ.

16HN2ޙަވާލެދެވުނު މުޙައްމަދު ނަޝީދުގެ 4 ސެޕްޓެމްބަރު [01:00PM] 2014 ގައި އީ-މެއިލްގައިވާ "ގޮތެއް ހޯދަންޖެހިދާނެ" މި ޢިބާރާތަކީ މާނަ ނޭނގޭ އަދި އޮޅުން ނުފިލާގޮތަށްއޮތް ޢިބާރާތެކެވެ. އަގުގެ ބާކީ ދައްކާނީ ކިހިނެތްކަމެއް، ކޮން އިރަކު ކަމެއް، ކޮން އުޞޫލަކުން ކަމެއް މި މެއިލްގައި ބުނެފައެއް ނުވެއެވެ. އަދި ފައިސާ ދިނުމަށް "ގޮތެއް ހޯދަންޖެހިދާނެ" ކަމަށް މުޙައްމަދު ނަޝީދު ބުނި ބުނުމަކީ، ޤާނޫނީ އިލްތިޒާމެއްނެތް ޝުކުރުވެރި ކަމުގެ ޢަމަލެއްކަމަށް މުޙައްމަދު ނަޝީދު 03 ނޮވެމްބަރ 2014 [20:46 PM] ގައި ފޮނުވި އީ-މެއިލްގައި ފާހަގަކުރުމުން، އެކަން އަލަކާ ސިންގް ބަލައިގަނެ، (އެ ވަޢުދަކީ) ޔަޤީނުންވެސް އިލްތިޒާމެއް ނޫން ކަމަށާއި އޭނާއަށް އެކަން ތަންފީޒުކުރެވޭނެ އެއްވެސް ގޮތެއް ނެތް ވަޢުދެއްކަމަށް" އަލަކާ ސިންގް އެއްބަސްވެފައިވެއެވެ.

17ނަމަވެސް، ބަހުސްގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރާ އަލަކާ ސިންގް ގެ ފަރާތުން ބުނެފައިވާފަދައިން އެ ޢިބާރާތަކީ، ކޮންޓްރެކްޓާ ބެހޭ ޤާނޫނުގައި ބުނެފައިވާފަދައިން ސާފުވާގޮތަށް އަދި ޤާނޫނީގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށް ބަލައި، އެފަދައިން ވިސްނުން އަމާޒުކުރާނަމަ، އަލަކާ ސިންގް ގެ ފަރާތުން ބުނެފައިވާ މުޙައްމަދު ނަޝީދުގެ "ހުށަހެޅުން"، ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އަލަކާ ސިންގް ޤަބޫލު ކޮށްފައި ވޭތޯ ބަލަންޖެހެއެވެ.

18ހަވާލާ ދެވިފައިވާ ޢިބާރާތް ހިމެނޭ މުޙައްމަދު ނަޝީދުގެ 4 ސެޕްޓެމްބަރު 2014 [01:00PM] ގައި އީމެއިލަށް އަލަކާ ސިންގް ޖަވާބު ދީފައިވަނީ 7 ސެޕްޓެމްބަރ 2014 [9:51 AM] ގައެވެ. އެ ޖަވާބުގައި ބުނެފައިވަނީ، އަހަރެން ބޭނުންވަނީ ވީއެންމެ އަވަހަކަށް އުޅަނދު ވިއްކާލުމަށެވެ. މަސައްކަތް މިކުރަނީ 31 ޑިސެމްބަރު 2014 ކުރިން ( 2-3 މަސްދުވަހުގެ ތެރޭގައި) 400،000 އެމެރިކާ ޑޮލަރު ހޯދުމަށެވެ. އަހަރެން މާރޗް މަހު ބައްދަލުކުރި އޮޕަރޭޓަރާއެކު މަޝްވަރާތައް ގާތްގަނޑަކަށް ވަނީ ނިމިފައިއެވެ. މި މަހުގެ (ސެޕްޓެންބަރު 2014) ނިޔަލަށް އެއްބަސްވުމެއްގައި ސޮއިކުރެވި، 3-4 މަސްދުވަހުގެ ތެރޭގައި އުޅަނދުގެ އޮޕަރޭޝަން ފެށޭނެކަމަށް އުންމީދުކުރެވެއެވެ.

19ޑރ. އަލަކާ ސިންގް ގެ ބަޔާންކުރެވުނު އީމެއިލާއި ގުޅިގެން މުޙައްމަދު ނަޝީދުގެ ފަރާތުން ހަމަ އެތާރީޚުގައި ވަރަށް ދިގުކޮށް އީމެއިލް ކޮށްފައި ވެއެވެ. އަދި އަލަކާ ސިންގް ގެ އެ މެއިލްގައި، ވީ އެންމެ އަވަހަކަށް އުޅަނދު ވިއްކާލައިގެން ދެ ތިން މަސްތެރޭގައި (ހަތަރު ލައްކަ) އެމެރިކާ ޑޮލަރު ހޯދަން ބޭނުންވާކަމަށް ބުނެފައިވާތީ، ސީދާ އެނުކުތާއަށް އަމާޒުކޮށްގެން މުޙައްމަދު ނަޝީދުގެ މެއިލް ގައި ޖަވާބު ދީފައިވެއެވެ. އެގޮތުން؛

އަހަރެންގެ ފަރާތުން އަގުގެ ބާކީ ދެއްކުމަށް ހުށަހެޅި ހުށަހެޅުން، ޔަޤީނުންވެސް އަލަކާ ސިންގް ބޭނުންވާގޮތަށް 2 (ދެއެއް) ނުވަތަ 3 (ތިނެއް) މަސްތެރޭގައި ހަމަޖެއްސޭކަށް ނެތެވެ. އަލަކާ ސިންގް އަތުގައި އެއް މަސްތެރޭގައި (ވިއްކުމުގެ މުޢާމަލާތް) ނިމުމަކަށް ގެނެވޭނެ ފަދަ އެއްބަސްވުމެއް އޮތްނަމަ، އެކަމާމެދު އަހުރެން ބުނާނެ އެއްޗެއް ނެތެވެ. އުޅަނދު ވިއްކާ ލެވޭ ފަރާތަކީ ބަރޯސާވެވޭ ފަދަ ފަރާތެއްކަން އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އަލަކާ ސިންގް އަށެވެ. އަދި އެ ފަރާތުގެ ފައިސާއާއި ފަންޑުތަކާ އަދި އެ ފަރާތުން ހުށަހަޅާފައިވާ އޮޕަރޭޓަރުންނާ މެދު އަލަކާ ސިންގް ހިތްހަމަޖެހެހޭނަމަ، އަހުރެންވެސް އެކަމާމެދު ހިތްހަމަޖެހޭކަމަށެވެ.

އަދި ހަމަ އެ އީމެއިލް ގައިވާ އެހެން ޢިބާރާތެއްގައި، އަލަކާ ސިންގް ތިޔަ ކުރާ މަޝްވަރާތައް ރަނގަޅަށް ކުރިއަށްދާނަމަ، އަހުރެން ވެސް ބޭނުންވަނީ އެ ފަރާތާއެކު އެ މުޢާމަލާތް އަވަހަށް އަދި ކާމިޔާބުކަމާއެކު ނިންމާލުމަށެވެ. އެހެންވެއްޖެނަމަ، އުޅަނދުގެ މިލްކުވެރިކަން އެ ފަރާތަށް ވަގުތުން ބަދަލުކުރެވި، އަހުރެން އުޅަދަށް ކުރަމުންދާ ޚަރަދުތައް ހުއްޓުވޭނެއެވެ. އެހެންކަމުން، އަލަކާ ސިންގް ބޭނުންވަނީ "But my offer to pay the balance cannot most definitely be arranged within the-3 month you have suggested. If you have a contract that is expected to reach closure within the month, I have no comment on that. You will be the best judge of the reliability of the party, and certainty over funds and liquidity of the party and the operations they have proposed. If you are happy with them, I am alright."

ކޮން ގޮތެއްކަން ނިންމުން އެދެމެވެ. މިހާރު އަލަކާ ސިންގްއަށް ދެ އިޚްތިޔާރެއް އެބަ އޮތެވެ. އެއީ ވިއްކުން ނުވަތަ އުޅަނދު އޮޕަރޭޝަނަށް ނެރުމެވެ. އަލަކާ ސިންގް މަޝްވަރާކުރަމުންދާ ފަރާތާއެކު ކުރިއަށްގޮސް، އަލަކާ ސިންގް އަމިއްލައަށް ކާމިޔާބުކަމާއެކު އޮޕަރޭޝަން ފެށުން ނުވަތަ މުޙައްމަދު ނަޝީދު ޙަވާލާދީފައިވާ ކްލައެންޓަށް ވިއްކައި މިކަން ނިންމާލުމެވެ.

20މަތީގައި ބަޔާންކުރެވުނު ފަދައިން މުޙައްމަދު ނަޝީދު މެއިލްކުރުމުން ހަމަ އެތާރީޚުގައި އިތުރު އީމެއިލްއެއް އަލަކާ ސިންގް ފޮނުވާފައި ވެއެވެ. އެ އީމެއިލް ގައި އަލަކާ ސިންގް ބުނެފައިވަނީ؛

ތަކުރާރުކޮށް ބުނެވެންއޮތީ، އަހަރެން ގެ އެންމެ ބޮޑު އިސްކަމަކީ ވީހާވެސް އަވަހަކަށް (ބޯޓު) ވިއްކާލުމެވެ. 31 ޑިސެމްބަރ 2014 ގެ ކުރިން ނުވަތަ އެދުވަހު 400،000 އެމެރިކާ ޑޮލަރ ހޯދުމެވެ.

21މަތީގައި ބަޔާންކުރެވުނު އީމެއިލަށްފަހު 13 ސެޕްޓެމްބަރ 2014 ގައި މުޙައްމަދު ނަޝީދު ފޮނުވި މެއިލް ގައި؛

އުޅަނދު ވިއްކުމުގެ ކަންތައް އަލަކާ ސިންގް ކުރިއަށް ގެންދިއުމަށާއި، އުޅަނދުގެ މިލްކުވެރިކަން ބަދަލުކުރަންވީ އިރެއް އަންގައި ދިނުމަށް އެދިފައި ވެއެވެ.

އަދި ހަމަ އެތާރީޚުގައި މުޙައްމަދު ނަޝީދުގެ ފަރާތުން އިތުރު އީމެއިލެއްވެސް ފޮނުވާފައި ވެއެވެ. އެ އީމެއިލް ގައި؛

އުޅަނދު ވިއްކުމުގެ މުޢާމަލާތަށް އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އެންމެ ރަނގަޅުގޮތަކީ، މިހާރު ހޯދަން މަސައްކަތް ތިކުރާ ޑީލް ތިޔަފަރާތުން ބޭނުންވާ ގޮތަށް ނިންމާލައި، މިލްކުވެރިކަން ބަދަލުކުރުމެވެ. ތިޔަ ބުނާ ފަދައިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ މުޢާމަލާތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރަމެވެ. އެ ހިސާބަށްދާއިރު އަހަރެން ހުންނާނީ މިލްކުވެރިކަން ބަދަލުކޮށްދޭން ތައްޔާރަށެވެ.

22HN3މިހާތަނަށް މި ބަޔާންކުރެވުނު އީމެއިލްތަކަށް ބަލާއިރު، ކުރިން ބުނިފަދައިން ބަހުސްގެ ބޭނުމަށްޓަކައި، މުޙައްމަދު ނަޝީދުގެ 4 ސެޕްޓެމްބަރު 2014 [01:00PM] އީމެއިލްގައި އެވަނީ ހުށަހެޅުމެއްކަމަށް ބެލިކަމުގައި ވިޔަސް، އެ ހުށަހެޅުން އަލަކާ ސިންގް ޤަބޫލުކޮށްފައިވާކަން އެނގޭކަށް ނެތެވެ. އަދި އޭގެ އިތުރުން، މުޙައްމަދު ނަޝީދު މެދުވެރިވެގެން އެ އުޅަނދު ވިއްކާލުމުގެ މުޢާމަލާތް ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަމެއްވެސް އެހިސާބުން ފެށިގެން ނެތްކަމަށް ސާފުބަހުން މުޙައްމަދު ނަޝީދު ބުނެފައިވެއެވެ.

23އެހެންކަމުން އިސްތިއުނާފުކުރާ އަލަކާ ސިންގް ގެ ފަރާތުން ބުނެފައިވާގޮތަށް، މުޙައްމަދު ނަޝީދުގެ 4 ސެޕްޓެމްބަރު 2014 [01:00PM] ގެ އީމެއިލްގައި އެވަނީ ހުށަހެޅުމެއްކަމަށް ބަހުސްގެ ބޭނުމަށްޓަކައި ބެލިނަމަވެސް، އެ ހުށަހެޅުމަށް އަލަކާ ސިންގް އިޖާބަ ދިނުމުގެކުރިން އެ ހުށަހެޅުމަށް ނިންމުން އައިސްފައިވާކަންވެސް އެނގެއެވެ.

24އަލަކާ ސިންގް ގެ ފަރާތުން މުޙައްމަދު ނަޝީދުއަށް 03 ނޮވެންބަރު 2014 [20:43 PM] ގައި ފޮނުވާފައިވާ އީމެއިލްގައި ބުނެފައިވަނީ؛

އަނެއްކާވެސް އުނދަގޫ ކުރެވޭތީ އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދޭ ކަމަށާއި (ބޯޓު ވިއްކުމުގެ މުޢާމަލާތް) ނިމުމާ ވަރަށް ގާތުގައިވާ ކަމަށެވެ. އަދި މިކަން ވީހާވެސް އަވަހަކަށް ނިންމުމަށްޓަކައި ޖަވާބެއް ދެއްވުމަކީ އަހުރެން ވަރަށް އެދޭކަމެކެވެ. ކްރިސްގެ 250،000 އެމެރިކާ ޑޮލަރުގެ އޮފަރާއި 400،000 އެމެރިކާ ޑޮލަރާ ދެމެދުގައިވާ ފަރަގު ފޫބެއްދުމަށް މުޙައްމަދު ނަޝީދު ހުށަހެޅި ދީލަތި / މާތް ހުށަހެޅުމަށްޓަކައި އަހުރެން ޙަޤީޤަތުގައިވެސް ވަރަށް ޝުކުރުވެރިވަމެވެ. ޓެކްސްގެ ބޭނުމަށްޓަކައި، މާލީ ރިޕޯޓިންގ އަހަރު ނިމޭ 31 މާރޗް 2015 ގެ ކުރިން ނުވަތަ އެދުވަހު މިކަމަކީ ވާނެކަމެއްތޯ އަންގައިދިނުން އެދޭކަމެވެ.

25އަލަކާ ސިންގް ގެ އިސްވެ މި ބަޔާންކުރެވުނު އީމެއިލަށް ޖަވާބުދީ މުޙައްމަދު ނަޝީދު ފަރާތުން 03 ނޮވެމްބަރ 2014 [20:46 PM] ގައި ފޮނުވާފައިވާ އީމެއިލް ގައި ބުނެފައިވަނީ؛

އެއްގޮތަކަށްވެސް އެކަން އެގޮތަށް ވާކަށްނެތެވެ. އަހަރެން ވެފައިވާ ވަޢުދަކީ ޝުކުރުވެރިކަމުގެ ޢަމަލެކެވެ. އެއީ އިލްތިޒާމެއް ނޫނެވެ. އެއާ ކައިރިވެސް ކަމެއް ނޫނެވެ. އަހަރެންނަށް އަލަކާ ސިންގްގެ ޓެކްސް އަހަރުގެ ޝަރުޠުތަކަށް ނުވަތަ އެހެން އެއްވެސް ކަމަކަށް ފެތޭގޮތަށް އެކަން ޤަބޫލުކުރެވޭކަށްނެތެވެ. އަހުރެން ދެއްކުމަށްބުނި އެއްޗެއް ދެއްކޭނީ ހަމައެކަނި އަހުރެނަށް ދެއްކޭނެ ވަގުތެއްގައެވެ.

26ބަޔާންކުރެވުނު އީމެއިލަށް އަލަކާ ސިންގް ދީފައިވާ ޖަވާބުގައި؛

މުޙައްމަދު ނަޝީދުގެ ވަޢުދު، އަނެއްކާވެސް ޝުކުރުވެރިކަމާއެކު އަހުރެން ޤަބޫލުކުރަމެވެ.

އެއީ ވަރަށް ދީލަތި / މާތް (magnanimous) ވަޢުދެކެވެ. އެއީ (އެ ވަޢުދަކީ) ޔަގީނުންވެސް އިލްތިޒާމެއް ނޫނެވެ. އަހުރެނަށް އެކަން ތަންފީޒުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

27މުހައްމަދު ނަޝީދުގެ 04 ސެޕްޓެމްބަރ 2014 ގެ އީމެއިލްގައިވާ އިސްވެ ބަޔާންކުރެވުނު ޢިބާރާތަކީ، ކޮންޓްރެކްޓާ ބެހޭ ޤާނޫނުގައި ބުނެފައިވާފަދަ ސާފު އަދި ޤާނޫނީގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތެއް އޮތް "ހުށަހެޅުމެއް" ކަމަށް ބަހުސްގެ ބޭނުމަށްޓަކައި ބަލާނަމަ، އެ ހުށަހެޅުން ކޮންޓްރެކްޓާބެހޭ ޤާނޫނާ އެއްގޮތަށް އަލަކާ ސިންގް ޤަބޫލުކޮށްފައިވޭތޯ ބަލަންޖެހެއެވެ.

28ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި؛

" ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅާ ބުނެވިދާނެއެވެ. ނުވަތަ ޢަމަލުކުރާ ގޮތަކުން ޤަބޫލު ކުރާކަން އެންގުނީކަމަށް ބެލިދާނެއެވެ."

އެ މާއްދާގެ (ނ) ގައި، " ޤަބޫލުކުރުމަށް އިތުރުގޮތެއް، ނުވަތަ ޝަރުޠެއް އޮވެގެން ނުވާނެއެވެ." އެ މާއްދާގެ (ނ) ގައި، "ހުށަހަޅާ ފަރާތުން އެހުށަހެޅުން ޤަބޫލުކުރާނެ ގޮތް ކަނޑައަޅާފައި އޮވެއްޖެނަމަ، ޤަބޫލުކުރަންވާނީ އެގޮތަކަށެވެ. ޤަބޫލު ކުރާނެގޮތް ކަނޑައަޅާފައި ނުވާނަމަ، ޤަބޫލުކުރާނީ، ޢާންމުކޮށް އެފަދަ ކަންތައް ކޮށް އުޅޭ ގޮތަކަށް ނުވަތަ އެކަށީގެންވާ ގޮތަކަށެވެ."

29ކުރިންވެސް ބުނިފަދައިން މުޙައްމަދު ނަޝީދުއާ އަލަކާ ސިންގް އާ ދެމެދު ބަދަލުކުރެވިފައިވާ އިސްވެ މި ބަޔާންކުރެވުނު އީމެއިލްތައް އެކުއެކީގައި ބަލައި، ބަހުސްގެ ބޭނުމަށްޓަކައި މުޙައްމަދު ނަޝީދު ހުށަހަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނާ އެއްގޮތް ހުށަހެޅުމެއް ކަމުގައި ބަލައިފިނަމަ، ނަތީޖާއަކަށްވާނީ، މުޙައްމަދު ނަޝީދުގެ ހުށަހެޅުމަކީ، އޭގައި އޭނާގެ އަމިއްލަ ޝަރުޠުތަކެއް ހިމެނޭ، އެޝަރުޠުތަކުގެ ބޭރުން ޤަބޫލުކުރުމަށް އިތުރުގޮތެއް ނުވަތަ ޝަރުޠެއް އޮވެގެން ނުވާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށް ވުމެވެ.

30މުޙައްމަދު ނަޝީދު ބުނެފައިވާގޮތުން އެފައިސާ އަލަކާ ސިންގް އަށް ދިނުމަށް އޭނާ ހުށަހެޅީ އެއްވެސް އިލްތިޒާމެއް އޭގައި އެކުލެވިގެވާ ގޮތުގެމަތިންނެއް ނޫނެވެ. އެފައިސާ ދިނުމުގައި އަލަކާ ސިންގް ޝަރުޠުތަކަށް އޭނާއަށް ތަބާ ވެވޭކަށްވެސް ނެތެވެ. އަދި އެފައިސާ އޭނާގެ ފަރާތުން ދެއްކޭނީ، އެފަދަ ކަމެއް ތަނަވަސްވި ވަގުތަކުންނެވެ.

31HN4މިހާހިސާބުން ހަތަރު ކަމެއް އަހުރެނަށް ރަނގަޅަށް ސާފުވެއެވެ.

31.1 ފުރަތަމަ ކަމަކީ؛ އުޅަނދު ވިއްކުމުގެ މުޢާމަލާތް ހިނގާފައިވަނީ ދެ ފިޔަވައްސެއްގެ މައްޗައްކަމެވެ. ފުރަތަމަ ފިޔަވަހި ފެށިފައިވަނީ، އުޅަނދު ގަތުމަށް ޝައުޤުވެރިވާ ފަރާތެއް މުޙައްމަދު ނަޝީދުގެ ފަރާތުން ހޯދައި، އެފަރާތުން މުޙައްމަދު ނަޝީދަށް ފޮނުވާފައިވާ އީމެއިލް، އަލަކާ ސިންގް އާ ހިއްސާކުރުމާއެކު 04 ސެޕްޓެމްބަރ 2014 ގައި މުޙައްމަދު ނަޝީދު އަލަކާ ސިންގް އަށް ފޮނުވާފައިވާ އީމެއިލާ އެކުއެވެ. މި ފިޔަވަހި ނިމިފައިވަނީ، އުޅަނދު ވިއްކުމުގެ މުޢާމަލާތަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށާއި އެންފެވެ.

ރަނގަޅުގޮތަކީ، މިހާރު އަލަކާ ސިންގް ހޯދަން މަސައްކަތް ތިކުރާ ޑީލް ތިޔަފަރާތުން ބޭނުންވާ ގޮތަށް ނިންމާލައި، މިލްކުވެރިކަން ބަދަލުކުރާ ހިސާބަށް ދިއުމުން އެކަން މުޙައްމަދު ނަޝީދަށް އަންގައިދިނުމަށް އެދި 13 ސެޕްޓެމްބަރ 2014 ގައި މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސިންގް އަށް ފޮނުވާފައިވާ އީމެއިލާ އެކުގައެވެ. ދެވަނަ ފިޔަވަހި ފެށިފައިވަނީ، މުޙައްމަދު ނަޝީދުގެ ފަރާތުން އުޅަނދު ގަތުމަށް ހޯދި ފަރާތާއެކު އަލުން މަޝްވަރާކުރުމުގެ ކުޑަ ފުރުޞަތެއް ވެސް އޮތްނަމަ އަލަކާ ސިންގްއަށް އަންގާލަދިނުމަށާއި އޭރުން އަލަކާ ސިންގް އޭނާއާ ސީދާ ގުޅައިގެން މި މުޢާމަލާތް ކުރިއަށް ގެންދާނެކަމަށްބުނެ އަލަކާ ސިންގް ގެ ފަރާތުން މުޙައްމަދު ނަޝީދަށް ފޮނުވި މެއިލާއެކުގައެވެ. އަދި މިފިޔަވަހި ނިމިފައިވަނީ، 03 ނޮވެމްބަރ 2014 ގައި މުޙައްމަދު ނަޝީދު ފޮނުވި މެއިލްގައި، އޭނާ ވެފައިވާ ވަޢުދަކީ ޝުކުރުވެރިކަމުގެ ޢަމަލެއްކަމަށާއި، އެއީ އިލްތިޒާމެއް ނޫންކަމަށާއި، އެއާ ކައިރިކުރާ ކަމެއްވެސް ނޫންކަމަށާއި، އަލަކާ ސިންގްގެ ޓެކްސް އަހަރުގެ ޝަރުޠުތަކަށް ނުވަތަ އެހެން އެއްވެސް ކަމަކަށް އެއްބަސްވެން ނެތްކަމަށް މުޙައްމަދު ނަޝީދު ބަޔާންކުރި ހިސާބުންނެވެ.

31.2 ދެވަނަ ކަމަކީ؛ 4 ސެޕްޓެންބަރު 2014 ގެ މެއިލްގައި، (ހަތަރު ލައްކަ) އާއި އުޅަނދު ވިކިގެންދާ އަގާ ދެމެދުގައިވާ ފަރަގު އަލަކާ ސިންގް އަށް ދައްކާނެގޮތެއް ކޮންމެވެސްގޮތަކުން ހޯދަން ޖެހިދާނެކަމަށް މުޙައްމަދު ނަޝީދު ބުނެފައިވާ ބުނުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ބުނުމާ އެއްގޮތަށް ހުށަހަޅާފައިވާ ސާފު، އަދި ޤާނޫނީގޮތުން ބަނދެވުމުގެ ހަރުދަނާ ނިޔަތެއް އޮވެގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫންކަމެވެ.

31.3 ތިންވަނަ ކަމަކީ؛ މުޙައްމަދު ނަޝީދުގެ އެ ހުށަހެޅުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބުނާފަދަ ހުށަހެޅުމެއްކަމުގައި ބަހުސްގެ ބޭނުމަށްޓަކައި ބެލިނަމަވެސް، އެ ހުށަހެޅުން އަލަކާ ސިންގް ޤަބޫލުކުރުމުގެ ކުރިން، އެ ހުށަހެޅުމަށް ނިމުން އައިސްފައިވާ ކަމެވެ

31.4 ހަތަރުވަނަ ކަމަކީ؛ އެފައިސާ އަލަކާ ސިންގް އަށް ދިނުމަކީ، މުޙައްމަދު ނަޝީދުގެ މައްޗަށް އޮތް އިލްތިޒާމެއް ނޫންކަމާއި، އެފައިސާ ނުދީފިނަމަ އެކަން ތަންފީޒު ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށްވެސް އަލަކާ ސިންގް ސާފު ބަހުން ޤަބޫލު ކޮށްފައިވާ ކަމެވެ.

32އެހެންކަމުން، މުޙައްމަދު ނަޝީދުގެ 4 ސެޕްޓެންބަރު 2014 ގެ މެއިލްގައި، (ހަތަރު ލައްކަ) އާއި އުޅަނދު ވިކިގެންދާ އަގާ ދެމެދުގައި ހުރި ފަރަގު ތިޔަފަރާތަށް ދައްކާނެ މަގެއް ކޮންމެވެސްގޮތަކުން ހޯދަން ޖެހިދާނެކަމަށް ބުނެފައިވާ ބުނުމާގުޅޭ އެއްވެސް ތަފްސީލެއް ހޯދުމަށް އަލަކާ ސިންގ ގެ ފަރާތުން އެއްވެސް ސުވާލެއް ކުރުމެއްނެތި، އަދި މި ބުނުމަށް އިޖާބަ ދިނުމެއްނެތި، އަލަކާ ސިންގް ބޭނުންވަނީ 31 ޑިސެމްބަރު 2014 ކުރިން (ހަތަރު ލައްކަ އެމެރިކާ ޑޮލަރު) ލިބޭގޮތަށް މި މުޢާމަލާތްކުރިއަށް ގެންދިއުމަށް ކަމަށާއި، އަލަކާ ސިންގް އޭރު މަޝްވަރާކުރަމުންދާ ފަރާތާއެކު އެ ޑީލް ނިންމާލުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ބުނެފައިވާ ބުނުމަށާއި، އަލަކާ ސިންގް އެދޭގޮތަށް އަގުގެ ބާކީ 2 (ދެއެއް) ނުވަތަ 3 (ތިނެއް) މަސްތެރޭގައި ހަމަޖެއްސެން ނެތްކަމަށް މުޙައްމަދު ނަޝީދު ބުނެފައިވާ ބުނުމަށާއި، ބޯޓު ވިއްކުމަށް އަލަކާ ސިންގް ކަނޑައަޅާ ހަމަ އަގު ދޭނެ އިތުރު ފަރާތެއް ހޯދުމަށް އަލަކާ ސިންގް އަމިއްލަ އަށް މަސައްކަތް ކުރި ކުރުމާއި، އަލަކާ ސިންގް ކުރި މަސައްކަތާ އެއްގޮތަށް އެފަދަ އަގެއް ދޭނެ ފަރާތެއް ނުވުމުން، މުޙައްމަދު ނަޝީދުގެ ހުށަހެޅުން އަދިވެސް ދެމިއޮތްތޯ އަލަކާ ސިންގް ސުވާލު ކޮށްފައިވުމާއި، މުޙައްމަދު ނަޝީދުގެ ވަޢުދާ އެއްގޮތަށް އަގުގެ ބާކީ ވާބައި ހޯދުމަށް އެދުމުން، އެކަމަށް މުޙައްމަދު ނަޝީދު އިންކާރުކޮށް، އެއީ އިލްތިޒާމެއް އުފެދޭ ގޮތަށް ހުށަހެޅި ހުށަހެޅުމެއް ނޫންކަމަށާއި، އެފައިސާ ދެއްކުމުގައި އަލަކާ ސިންގް އެދޭގޮތަށް ޕޭމަންޓް ޝެޑިއުލަކަށް ތަބާވެ އެމަގުން އެކަން ކުރެވެން ނެތްކަމަށް މުޙައްމަދު ނަޝީދު ބުނި ބުނުން، އަލަކާ ސިންގް ޤަބޫލުކޮށްފައި އޮތް އޮތުމަށް ބަލާއިރު، ކޮންޓްރެކްޓްއާ ބެހޭ ޤާނޫނު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޚަލީލް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޤާނޫނު ޤަބޫލުކުރާ އަދި ޤާނޫނު ބާރުދޭ ކޮންޓްރެކްޓަކަށް ވުމަށް ލާޒިމްވާ އުންޞުރުތައް ފުރިހަމަވެފައިވާ އެއްބަސްވުމެއް މި އުޅަނދު ވިއްކުމުގެ މުޢާމަލާތުގެ ތެރެއިން އަލަކާ ސިންގް އާ މުޙައްމަދު ނަޝީދުއާ ދެމެދު އުފެދިފައިވާތަން އަހުރެންނަށް ފެންނާކަށް ނެތެވެ.

އިސްލާމީ ޝަރީޢަތުގައި ވަޢުދު

33އިސްލާމީ ޝަރީޢަތަށް ރިޢާޔަތްކޮށް ބަލާއިރު، މުޙައްމަދު ނަޝީދުވީ ވަޢުދަކީ އޭގެ މުޤާބިލެއް ނެތްނަމަވެސް، އަދި އޭގެ މައްޗަށް ބަރޯސާވުމެއް ނެތް ނަމަވެސް، ތަންފީދު ކުރެވޭނެ ވަޢުދެއްކަމަށް އަލަކާ ސިންގްގެ ފަރާތުން އޭނާގެ ވަކީލު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

34އެހެންކަމުން، އިސްލާމީ ޝަރީޢަތުގައި ވަޢުދުގެ މަފްހޫމަކީ ކޮބައިކަމާއި، މުޤާބިލެއް ނުވަތަ އޭގެ މައްޗަށް ބަރޯސާވުމެއް ނެތް ޙާލަތުގައިވެސް އިސްލާމީ ޝަރީޢަތަށް ރިޢާޔަތްކޮށް ވަޢުދު ތަންފީދު ކުރުމަށް ކޯޓުން އަމުރު ކުރެވިދާނެތޯ، ބަލަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

35HN5އިސްލާމީ ފިޤްހުގައި ވަޢުދުގެ މަފްހޫމަކީ، އެހެން މީހަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހުރި ކަމެއް މުސްތަޤުބަލުގައި ކޮށްދިނުމަށް، ނުވަތަ އެހެން މީހަކަށް ތުރާލެއް ނުވަތަ ގެއްލުމެއް ކުރިމަތިވާ ކަމަކުން މުސްތަޤްބަލްގައި ދުރުހެލިވުމަށް، ވަޢުދުވާ މީހާގެ އަމިއްލަ ނަފުސުގެ މައްޗަށް ލާޒިމުވާގޮތަށް ބުނާ ބަހެކެވެ.

36އެއީ ވަޢުދުވާ ފަރާތުގެ އިޚްތިޔާރީ ޢަމަލެކެވެ. ޝަރުޢީ ގޮތުން ބަލާއިރު މިފަދައިން ބުނާ ބަހަކީ، ޝަރުޢީ ގޮތުން ހުއްދަ އެއްޗަކާ ނުވަތަ ކަމަކާ ގުޅިފައިވާ އިސްލާމީ ޝަރީޢަތުގެ މަތިވެރި ހަމަތަކާ ފުށުއެރުމެއްނުވާ ބަހަކަށްވުން ލާޒިމެވެ.

37ވަޢުދު ފުއްދުމުގެ ޙުކުމަށް ބަލާއިރު، ފިޤްހު ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ މިންވަރަކާއި ދެބަސްވެވަޑައިގަންނަވާ މިންވަރެއް ވެއެވެ.

38ވަޢުދު ފުއްދުމަކީ އަޚްލާޤީ ޒިންމާއެއްކަމާމެދު ފިޤުހު ޢިލްމުވެރިންގެ މެދުގައި ޚިލާފެތް ނެތެވެ.

ނަމަވެސް، ޤާނޫނީ ގޮތުން ކޯޓު މެދުވެރިކޮށް ވަޢުދުވީ މީހާގެ މައްޗަށް އެކަން ލާޒިމްކުރެވޭނެ ނުވަތަ ތަންފީދު ކުރެވޭނެ މިންވަރާ މެދު ފިޤުހު ޢިލްމުވެރިން ޚިލާފުވެ ވަޑައިގަންނަވައެވެ.

39HN6HN7އަލަކާ ސިންގް ގެ ފަރާތުން އޭނާގެ ވަކީލު ދެކޭގޮތުގައި އިސްލާމީ ފިޤުހަށް ރިޢާޔަތްކުރާއިރު، މި މައްސަލަ ދެ ނަޒަރަކުން ބެލި ނަމަވެސް މުޙައްމަދު ނަޝީދު ވެފައިވާ ވަޢުދަށް މުޙައްމަދު ނަޝީދު ޒިންމާވާންޖެހެއެވެ. މިގޮތުން؛

39.1 ފުރަތަމަ ނަޒަރަކީ؛ މުޙައްމަދު ނަޝީދުގެ މެއިލްގައި ބަޔާންކޮށްފައިވާ ޢިބާރާތަކީ، އެއްވެސް މުޤާބިލެއް އަދި އޭގެ މައްޗަށް ބަރޯސާވުމެއް ހިނގާފައިނުވާ، ހަމައެކަނި މުސްތަޤްބަލުގައި ކަމެއް ކޮށްދޭނެކަމަށް ބުނެފައިވާ ބަހެއް ކަމުގައި ބެލުމެވެ.

39.1.1 އަލަކާ ސިންގް ގެ ވަކީލުގެ ފަރާތުން ދެކޭގޮތުގައި، މިބާވަތުގެ ވަޢުދުވެސް ޤާނޫނީގޮތުން ތަންފީޒު ކުރެވޭނެ އެވެ. އަދި އެފަދައިން ދެކޭ ސަބަބު ބިނާކުރާ އަސާސަކީ، "މިނިވަނާގެ ވަޢުދަކީ އޭނާގެ މައްޗަށްވާ ދަރަންޏެކެވެ" މި މާނައިގައިވާ ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްކަމަށް އެފަރާތުގެ ވަކީލު ފާހަގަކޮށްފައި ވެއެވެ.

39.1.2 ނަމަވެސް މާތް ނަބިއްޔާގެ ޙަދީޘްފުޅެއް ކަމުގައި ޤަބޫލުކުރެވިގެން އަލަކާ ސިންގް ގެ ވަކީލުގެ ފަރާތުން ފާހަގަކޮށްފައިވާ "މިނިވަނާގެ ވަޢުދަކީ އޭނާގެ މައްޗަށްވާ ދަރަންޏެކެވެ." މި މާނައިގައި ޢާންމުކޮށް ބުނެ އުޅޭ (وَعَدُالْحَرَ دَيْنٌ عَلَيْهِ) މި ބުނުމަކީ، އެބުނުމުގެ މަޝްހޫރު ކަމުގެ ސަބަބުން އެއީ ކީރިތި މާތް ނަބިއްޔާގެ ޙަދީޘްފުޅެއްކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮތްނަމަވެސް، އެއީ އެ މާތް ނަބިއްޔާގެ ޙަދީޘް ފުޅެއް ނޫނެވެ. އެއީ ޢަރަބިންގެ ތެރޭގައި ވަޢުދު ފުއްދުމާ ގުޅޭ ގޮތުން ބުނެއުޅޭ މަޝްހޫރު ބަހެކެވެ.

39.1.3 އެހެންކަމުން ހުއްދަކަމެއްގެ މައްޗަށް ވެވޭ މިފަދަ ވަޢުދު (އޭގައި މުޤާބިލެއް ނުވާ އަދި އޭގެ މައްޗަށް ބަރޯސާވުމެއް ނުވާ ވަޢުދު) ފުއްދުން ލާޒިމްވަނީ ހަމައެކަނި އަށްލާޤީގޮތުންކަމާއި، ވަޢުދުވީ ފަރާތުގެ ނުރުހުމުގައި އެފަދަ ވަޢުދު ފުއްދުން ޤާނޫނީގޮތުން ލާޒިމް ކުރެވޭނެކަމަށް ބުނާބުނުން ބިނާކުރާނެ އެއްވެސް ޞައްޙަ އަސާސެއް ނެތްކަމަށްޓަކައި، ވަޢުދުވީ މީހާގެ ނުރުހުމުގައި އެފަދަ ވަޢުދު، ޤާނޫނީ ގޮތުން ލާޒިމްކުރެވޭނެ ޝަރުޢީ ހަމައެއް ނެތެވެ.

39.2 ދެވަނަ ނަޒަރަކީ؛ މުޙައްމަދު ނަޝީދުގެ މެއިލްގައި ބަޔާންކޮށްފައިވާ ޢިބާރާތުގެ ސަބަބުން، އޭގެ މައްޗަށް ބަރޯސާވުމެއް އަލަކާ ސިންގް ގެ ފަރާތުން ހިންގާފައިވާކަމަށް ދެކޭތީ، އެ އަސާސްގެ މައްޗަށް ބިނާކޮށް މުޙައްމަދު ނަޝީދު އެކަމާ ޒިންމާވާންޖެހޭނެ ކަމަށް ބުނާ ބުނުމެވެ.

39.2.1 އިސްލާމީ ފަތުވާ ދޭ އިންސްޓިޓިއުޝަނެއްކަމުގައިވާ، ބައިނަލްއަޤްވާމީ އިސްލާމިކް ފިޤުހު އެކަޑަމީއިން، އެއްފަރާތުން ކުރާ ވަޢުދު ޤާނޫނީ ގޮތުން ތަންފީދު ކުރުމާބެހޭގޮތުން އަންނަނިވި ފަދައިން ނިންމަވާފައިވެއެވެ. "...އިސްލާމީ ޝަރީޢަތުގެ ނަޒަރުން ބަލާއިރު، (ގަންނަ ފަރާތުން ނުވަތަ ވިއްކާ ފަރާތުން އެއްފަރާތަށް ކުރާ) ވަޢުދަކީ، އެ ވަޢުދުވާ ފަރާތުން އަޚުލާޤީ ގޮތުން އެ ވަޢުދު ފުއްދުން ލާޒިމުވެގެންވާ ކަމެކެވެ. އެއީ ޞައްޙަ ޢުޛުރެއް ނެތްނަމައެވެ. އަދި ވަޢުދު ކުރެވިފައިވަނީ ވަކި ޝަރުޢަކާ ގުޅުވައިގެން ކަމަށްވެފައި، ވަޢުދު ރައްދުވި ފަރާތުން އެ ވަޢުދުގެ މައްޗަށް ބަރޯސާވެ ކަމެއްކުރުމުގެ ސަބަބުން ނުވަތަ ކަމަކުން މަނާވެގަތުމުގެ ސަބަބުން ވަޢުދު ރައްދުވި ފަރާތަށް އެކަމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެއީ ޤާނޫނީ ގޮތުން ލާޒިމުވެގެންވާ ކަމެކެވެ. ވަޢުދު ލާޒިމުވުމުގެ މާނައަކީ އެ ވަޢުދު ފުއްދަން ޖެހުމެވެ. ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި ވަޢުދު ނުފުއްދުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހުމެވެ."

39.2.2 މަތީގައި ބަޔާންކުރެވިފައިވާ ބައިނަލްއަޤްވާމީ އިސްލާމިކް ފިޤުހު އެކަޑަމީގެ ޤަރާރުން އެނގެނީ، ވަޢުދަކީ ޝަރުޠަކާ ގުޅުވައިގެން ކުރެވޭ ވަޢުދެއް ކަމުގައިވާނަމަ، އަދި ވަޢުދު ވެވުނު ފަރާތުން އެ ވަޢުދުގެ މައްޗަށް ބަރޯސާވެ ހޭދަތަކެއް ކޮށްފައިވާނަމަ، އެއްފަރާތުން ކުރާ ވަޢުދު ފުއްދުން ލާޒިމުވާނެކަން ބައިނަލްއަޤްވާމީ އިސްލާމީ ފިޤުހު އެކަޑަމީން ޤަބޫލުކުރާކަމެވެ.

39.2.3 މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަލަކާ ސިންގްގެ ވަކީލު ބުނެފައިވަނީ، އުޅަނދު ވިއްކުމުގެ މުޢާމަލާތުގައި މުޙައްމަދު ނަޝީދު ވެފައިވާ ވަޢުދަށް ބަރޯސާވެ ޑރ. އަލަކާ ސިންގް ގެ ފަރާތުން ކަންތައްތަކެއް ކުރުމުގެ ސަބަބުން އޭނާއަށް ގެއްލުންތަކެއް ވެފައިވާކަމަށެވެ. އަދި އެ ގެއްލުންތައް ފޫބެއްދޭނެ ހަމައެކަނި ގޮތަކީ، އެ ގެއްލުމުގެ ބަދަލު މުޙައްމަދު ނަޝީދުގެ ފަރާތުން އަލަކާ ސިންގ އަށް ދިނުން، ނުވަތަ މުޙައްމަދު ނަޝީދުވީ ވަޢުދު އެ ވަޢުދުވީފަދައިން ފުއްދުން ކަމަށެވެ.

39.2.4 އެގޮތުން އަލަކާ ސިންގް ގެ ފަރާތުން މި ބުނާބުނުން ސާބިތުކޮށްދިނުމުގެ ގޮތުން އެފަރާތުން ހަވާލާދީފައިވަނީ، މުޙައްމަދު ނަޝީދު ފަރާތުން އަލަކާ ސިންގްއަށް 03 ނޮވެމްބަރ 2014 [20:46 PM] ގައި ފޮނުވާފައިވާ އީމެއިލަށެވެ. އެ އީމެއިލާ ހަވާލާދީ އަލަކާ ސިންގް ގެ ފަރާތުން ދެކަމެއް ފާހަގަކުރެއެވެ. އެއީ، އެ އީމެއިލްގައި، މުޙައްމަދު ނަޝީދު ކުރިންވެފައިވާ ވަޢުދުން އެއްގޮތަކަށްވެސް އެކަން ވާން ނެތް ކަމަށާއި މުޙައްމަދު ނަޝީދު ވެފައިވާ ވަޢުދަކީ ޝުކުރުވެރިކަމުގެ ޢަމަލެއްކަމަށާއި، އެއީ އިލްތިޒާމެއް ނޫންކަމަށާއި، އެއާ ކައިރިކުރާ ކަމެއްވެސް ނޫން ކަމަށާއި، މުޙައްމަދު ނަޝީދަށް އަލަކާ ސިންގްގެ ޝަރުޠުތަކަށް ނުވަތަ އެހެން އެއްވެސް ކަމަކަށް ފެތެވެން ނެތްކަމަށާއި މުޙައްމަދު ނަޝީދުގެ ބައި މުޙައްމަދު ނަޝީދުއަށް ދެއްކޭނީ ހަމައެކަނި މުޙައްމަދު ނަޝީދުއަށް ދެއްކޭނެ ވަގުތެއްގައިކަމަށް މުޙައްމަދު ނަޝީދުގެ ފަރާތުން ބަޔާންކުރިއިރު، ހަމަ އެ އީމެއިލްގައި ބޯޓު މިހާރު ވަނީ ކްރިސްޓޯފް ގްރޯހް ގެ ހޮޓާ ސަރަޙައްދަށް ގެންގޮސްފައި ކަމަށާ އަދި މި ހަފްތާގެ ތެރޭގައި ބޯޓުގެ މިލްކުވެރިކަން ބަދަލުކުރެވޭނެކަމަށް ބުނެފައި އޮތުމުން، އެހިސާބުން އަލަކާ ސިންގް އަށް މި މުޢާމަލާތުން ދުރަށް ދެވެން ނެތްކަމަށެވެ. އެއީ އުޅަނދު ވިއްކުމުގެ މުޢާމަލާތް އޭރު ތަންފީޒު ކުރެވެން ފަށާފައިވާތީއެވެ.

39.2.5 އަލަކާ ސިންގް ގެ ފަރާތުން ބުނެފައިވާ މި ބުނުމަށް މުޙައްމަދު ނަޝީދުގެ ފަރާތުން އިންކާރު ކޮށްފައިވެއެވެ. އެގޮތުން، އުޅަނދު ގަންނަ ފަރާތުގެ ހޮޓާ ހުންނަ ސަރަހައްދަށް އެ އުޅަނދު ގެންދިއުމުގެ ހުއްދަދީފައިވަނީ، އަލަކާ ސިންގް އަމިއްލަ އަށް އޭނާގެ އިޚްތިޔާރުގައި ކަމަށްބުނެ، އަލަކާ ސިންގް ގެ ފަރާތުން ކްރިސްޓޯފް ގްރޯހް އަށް 29 ސެޕްޓެމްބަރ 2014 ގައި ފޮނުވާފައިވާ އީމެއިލަށް ހަވާލާ ދީފައިވެއެވެ. އެހެންކަމުން އެ އީމެއިލަށް ބަލައިލަމެވެ.

40އަލަކާ ސިންގް ގެ ފަރާތުން ކްރިސްޓޯފް ގްރޯހްއަށް 29 ސެޕްޓެންބަރު 2014 [07:59AM] ގައި ފޮނުވާފައިވާ އީމެއިލް ގައި، ދެފަރާތުގެ ދެމެދުގައި މަޝްވަރާ ކުރެވިފައިވާ ގޮތުގެ މަތިން ކްރޮސްޓޯފް ގްރޯހް އަށް ފަސޭހަ ގޮތަކަށް މަރާމާތުކުރުމުގެ ތައްޔާރީތައް ކުރުމަށްޓަކައި އުޅަނދު އުތުރަށް ގެންދިއުން އެންމެ ރަނގަޅެވެ.. އަދި ބޯޓަކީ މުޙައްމަދު ނަޝީދުގެ ނަމަށް ރަޖިސްޓްރީ ކުރެވިފައިވާ ބޯޓެކެވެ. ބޯޓުގެ ރަޖިސްޓްރޭޝަންއާ ގުޅިގެން ކޮންމެހެން ބޭނުންތެރި ކަރުދާހުގެ މަސައްކަތްތަކާ ގުޅޭ ކަންކަމުގައި އެންމެ ރަނގަޅު ލަފައެއް ދެވޭނީ މުޙައްމަދު ނަޝީދުއަށެވެ.

41އެހެންކަމުން، ކްރިސްޓޯފް ގްރޯހްއަށް އުޅަނދު ވިއްކުމުގެ މުޢާމަލާތް ކޮށްފައިވަނީ ސީދާ އަލަކާ ސިންގް އާއި ކްރިސްޓޯފް ގްރޯހް އާ ދެމެދު ވާހަކަ ދެކެވިގެންކަމާއި، އުޅަނދު އުތުރަށް ގެންދިއުމުގެ ހުއްދަ ކްރިސްޓޯފް ގްރޯހް އަށް ދީފައިވަނީ އަމިއްލަ އިޚްތިޔާރުގައި ޚުދް އަލަކާ ސިންގް ކަމާއި، އަދި އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރުމުގެ އިޚްތިޔާރުވެސް ދީފައިވަނީ ޚުދް އަލަކާ ސިންގް ކަން އެނގެން އޮންނާތީ، މުޙައްމަދު ނަޝީދު ވެފައިވާ ވަޢުދުން އޭނާ ރުޖޫޢަވީއިރު، އަލަކާ ސިންގް އަށް އެމުޢާމަލާތާ ދުރަށް ދެވެން ނެތްކަމަށް އަލަކާ ސިންގް ގެ ފަރާތުން ބުނެފައިވާ ބުނުމަކީ ޙަޤީޤަތާ އެއްގޮތަށް ބުނެފައިވާ ބުނުމެއް ނޫކަން އެނގޭތީއާ، މުޙައްމަދު ނަޝީދު ވެފައިވާ ވަޢުދަކަށް ބަރޯސާވެގެން އަލަކާ ސިންގް ކުރި ޢަމަލެއް ފެންނަން ނެތަތީ، އިސްލާމީ ޝަރީޢަތުގެ ހަމަތަކުން ބަލާއިރުވެސް އެއިން އެއްވެސް ކަމެއްގެ ޒިންމާ މުޙައްމަދު ނަޝީދުގެ ފަރާތުން ނަގަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.

ޕޮރޮމިސަރީ އެސްޓޮޕަލް (ކޮމަން ލޯގެ އުސޫލުތަކާއި އެމެރިކަން ރިއަލިޒަމްގެ އުސޫލު)

42HN8ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދާއިރާގައި ތަޠުބީޤުކުރެވޭ "ޕްރޮމިސަރީ އެސްޓޮޕަލް"ގެ މަފްހޫމަކީ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއްގައި ހިމެނޭ އެއް ފަރާތުން ކުރާ ވަޢުދަކަށް އަނެއް ފަރާތުން ބަރޯސާވެ އެގޮތުގެ މަތިން ކަމެއް ކުރުން ނުވަތަ ކަމަކުން މަނާވެގަތުމަށްފަހު، ވަޢުދުވީ ފަރާތުން ވީ ވަޢުދާ ޚިލާފު ޢަމަލެއް ކުރުން އުޞޫލެއްގެ ގޮތުގައި މަނާވެގެންވުމެވެ. އެ މަފްހޫމުގެ ދަށުން "ޕްރޮމިސަރީ އެސްޓޮޕަލް" ޙުއްޖަތެއްގެ ގޮތުގައި ބޭނުންކުރާ ފަރާތާއި ވަޢުދުވި ފަރާތާ ދެމެދުގައި ކުރިން ޤާއިމުވެ ދެމިއޮތް ޤާނޫނީ ނުވަތަ "ތަޢާޤުދީ" (contractual) ގުޅުމެއް އޮތުމުގެ އިތުރުން "ޕްރޮމިސަރީ އެސްޓޮޕަލް" ބޭނުންކުރެވޭނީ ހަމައެކަނި ވަޢުދުވީ ފަރާތުން އެ ވަޢުދު ރައްދުވީ ފަރާތާ އިދިކޮޅަށް ކޮށްފައިވާ ޢަމަލެއްގެ ދިފާޢުގައެވެ.

43HN9އަދި މީގެ އިތުރުން ވަޢުދުވި ފަރާތުން ވެފައިވާ ވަޢުދަކީ، އެއްބަސްވުމުގެ ޝަރުޠަކަށް ބަދަލެއް އަންނަ ފަދަ ނުވަތަ އެއަށް ޢަމަލުކުރަން ނުޖެހޭ ފަދަ ވަޢުދަކަށް ވުމާއި، ވަޢުދުވެވުނު ފަރާތުން އެ ވަޢުދަށް ބަރޯސާވެ އެގޮތުގެ މަތިން ޢަމަލުކޮށްފައި ވުމާއި، ވަޢުދުވި ފަރާތުން އެފަރާތުގެ ވަޢުދާ ޚިލާފަށް ޢަމަލުކުރުމަކީ ޢަދުލު އިންޞާފުގެ ހަމަތަކާ ޚިލާފު ކަމަކަށްވުމާއި، މިކަންކަމަކީ ވެސް "ޕްރޮމިސަރީ އެސްޓޮޕަލް" ގައި ހުރުން ލާޒިމްވެގެންވާ ކަންތައްތައްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭންކް އޮފް މޯލްޑިވްސް ޕރކ ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ބެލުމުން އެނގެން އޮވެއެވެ.

44ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަބްދުލް މަޖީދު ވ. މާލޭ ސިޓީ ކައުންސިލް ޤަޟިއްޔާގައި ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދައު ތަޠުބީޤު ކުރެވޭނެ ޙާލަތްތަކެއް ވަނީ ބަޔާންކޮށްދީފައެވެ. މިގޮތުން ބުނެވިދިޔަ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޙާލަތްތަކަކީ؛

44.1 ވަޢުދުވީ ފަރާތުން ވެފައިވާ ވަޢުދަކީ އެމައްޗަށް އަނެއް (ވަޢުދު ރައްދުވި) ފަރާތުން ބަރޯސާވެ، އެ ވަޢުދާ އެއްގޮތަށް ކަންހިނގާނެކަމުގައި ބަލައި ކަންކަން ތަރުތީބުކުރާފަދަ އެކަށީގެންވާ (ސިގްނިފިކަންޓް) ވަޢުދެއްކަމުގައިވުން؛

44.2 ވަޢުދު ރައްދުވާ ފަރާތުން، އެ ވަޢުދުގެ މައްޗަށް ބަރޯސާވެ، ވަޢުދާ އެއްގޮތަށް ކަންހިނގާނެކަމުގައި ބަލައި، (މުޤާބިލެއް ނެތްނަމަވެސް) ޢަމަލުތަކެއް ކުރުން؛

44.3 ވަޢުދާ އެއްގޮތަށް ޢަމަލުކުރާނެކަމަށް ދެކިގެން، ވަޢުދު ރައްދުވާ ފަރާތުން ކުޅަ ޢަމަލުތަކުގެ ސަބަބުން، އޭނާއަށް މާލީގޮތުން ނުވަތަ އިޤްތިޞާދީ ގެއްލުމަކާ ކުރިމަތިލާންޖެހުން؛

44.4 އަދި ކުރިމަތިވެފައިވާ ބޭއިންސާފަށް ޙައްލު ލިބިދެވޭނެ ހަމައެކަނި ގޮތަކީ، ވެފައިވާ ވަޢުދާ އެއްގޮތަށް ޢަމަލުކުރުމަށް ވަޢުދުވީ ފަރާތަށް އެންގުން ކަމުގައިވުން؛ މިއެވެ.

45HN10އަލަކާ ސިންގްގެ ފަރާތުން ދެކޭގޮތުގައި، ޕްރޮމިސަރީ އެސްޓޮޕަލްގެ އުޞޫލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން މާނަކޮށްދީފައިވާ ގޮތާ ދުރަށްގޮސް، އިތުރަށް މި މަފްހޫމް ފުޅާކުރަންޖެހެއެވެ.

46އެގޮތުން އެމެރިކަން ރިއަލިޒަމް ތިއަރީއަށް ބަލާއިރު ލީގަލް ފޯމަލިޓީސްގެ އިތުރަށް ސޯޝަލް އިންޓްރެސްޓްއާއި ޕަބްލިކް ޕޮލިސީއަށް ވެސް މައްސަލަ ނިންމެވުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަމަށް އަލަކާ ސިންގްގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ. އަދި ޕްރޮމިސަރީ އެސްޓޮޕަލްގެ ދަށުން ވަޢުދަށް ބަރޯސާވުން (ރިލަޔަންސް) ނެތްނަމަވެސް ވަޢުދު ތަންފީޛުކުރެވިދާނެ ޙާލަތު އޮތްކަމަށް ކޯޓަށް ކަނޑައެޅިދާނެކަމަށް އަލަކާ ސިންގްގެ ވަކީލު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ.

47އަލަކާ ސިންގްގެ ވަކީލު ފާހަގަކުރާ އެމެރިކާގެ ރީސްޓޭޓްމަންޓް (ސެކަންޑް) އޮފް ކޮންޓްރެކްޓްސް (1981) އަކީ އޭގެ ޒާތުގައި ޤާނުނެއް ނޫނެވެ. އެއީ އެމެރިކާގެ ކޮންޓްރެކްޓާ ބެހޭ ޤާނުނުގެ ކޮމަން ލޯ މަބްދައުތައް ޚުލާޞާކޮން އިތުރަށް ސާފުކޮށްދީފައިވާ އެމެރިކާގެ ޤާނުނީ ޢިލްމުވެރިން އެކުލަވާލައި އެމެރިކަން ލޯ އިންސްޓިޓިއުޓުން ޕަބްލިޝްކޮށްފައިވާ ޤާނުނުގެ ރިފަރެންސް ފޮތެކެވެ. ކޮންޓްރެކްޓާ ބެހޭ މައްސަލަތަކުގައި ޤާނުނުން ނުވަތަ އެމެރިކާގެ ކޯޓުތަކުގެ ނިންމުންތަކުން ވަކި ކަމެއް ސާފުވާން ނެތް ޙާލަތުގައި އެމެރިކާގެ ކޯޓުތަކުން މިފޮތަށް ޙަވާލާދެއެވެ. މިއީ އެމެރިކާގެ ކޮންޓްރެކްޓާބެހޭ ޤާނުނުގެ ދާއިރާގައި ބޭނުންކުރެވޭ މަޤުބޫލު ޤާނުނީ ރިފަރެންސް އެކެވެ.

48އެމެރިކާގެ ރީސްޓޭޓްމަންޓް (ސެކަންޑް) އޮފް ކޮންޓްރެކްޓްސް (1981) ގެ 90 ވަނަ ނަންބަރަކީ ޕްރޮމިސަރީ އެސްޓޮޕަލް އާ ގުޅޭ މުހިންމު ނަންބަރެކެވެ. މިއީ ރަސްމީ އެއްބަސްވުމެއް ނެތް ޙާލަތުގައިވެސް، އެއް ފަރާތަކުން ވެފައިވާ ވަޢުދަކަށް އަނެއް ފަރާތުން ބަރޯސާވެ، އެކަމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެ ވަޢުދު ތަންފީޒުކުރުމުގެ ހުއްދަ ދޭ އުޞޫލެކެވެ. އެކަށީގެންވާ ގޮތެއްގައި ޢަމަލުކުރުމަށް ނުވަތަ ޢަމަލު ނުކުރުމަށް ބާރުއަޅާ ވަޢުދުގެ ގޮތުގައި ރީސްޓޭޓްމަންޓް (ސެކަންޑް) އޮފް ކޮންޓްރެކްޓްސް (1981) ގެ 90 ވަނަ ނަންބަރުގެ ނައްޞުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

48.1 ވަޢުދުވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި އުންމީދުކުރާ، އަދި ވަޢުދު ވެވޭ ފަރާތް ނުވަތަ ތިންވަނަ ފަރާތެއް ވަކި ގޮތަކަށް ޢަމަލުކުރުމަށް ނުވަތަ ޢަމަލު ނުކުރުމަށް ބާރުއަޅާ، އަދި އެފަދަ ޢަމަލެއް ކުރުވާ ނުވަތަ ނުކުރުވާ ވަޢުދު، ތަންފީޒުކުރުމުން މެނުވީ އިންޞާފު ޤާއިމު ނުކުރެވޭނެ ނަމަ، އެއީ ތަންފީޒުކުރަންޖެހޭ ވަޢުދެކެވެ. މި ވަޢުދާ ޚިލާފުވުމުން ދެވޭ ފަރުވާ، އިންޞާފު ޤާއިމުކުރުމަށް ބޭނުންވާ މިންވަރަށް ހަނިކުރެވިދާނެއެވެ.

48.2 ޚައިރާތީ އެހީއެއްގެ ގޮތުގައި ވާ ވަޢުދެއް ނުވަތަ ކައިވެނީގެ އެއްބަސްވުމެއްގެ ދަށުން ވާ ވަޢުދެއް، އެ ވަޢުދުގެ ސަބަބުން ވަކި ޢަމަލެއް ކުރުވި ނުވަތަ ނުކުރުވިކަން ސާބިތުކޮށްދިނުމަކާ ނުލައި، ސަބްސެކްޝަން (1) ގެ ދަށުން ތަންފީޒުކުރަންޖެހޭނެއެވެ.

49އެމެރިކާގެ ރީސްޓޭޓްމަންޓް (ސެކަންޑް) އޮފް ކޮންޓްރެކްޓްސް (1981) ގައި ބަޔާންކުރާ ޕްރޮމިސަރީ އެސްޓޮޕަލްގެ ހަމަތައްވެސް ބިނާވެފައިވަނީ ވަޢުދެއްގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ބަރޯސާވެފައި އޮތުމާއި އިންސާފުވެރިކަން ނެތިވެ ނުދިއުމުގެ މައްޗަށް ކަން އެނގެން އޮވެއެވެ. މި ކަންކަމަކީ، އިސްލާމީ ޝަރީޢަތުގައި، ޤާނޫނީ ނުވަތަ ޤަޟައީ ގޮތުން ވަޢުދު ތަންފީޛުކުރުމުގައި ޢަމަލުކުރުމަށް އިސްލާމީ ފިޤުހު ޢިލްމުވެރިންވެސް ބަޔާންކޮށްދެއްވާފައިވާ އުޞޫލާ ދާދި އެއްކަހަލަ އުޞޫލެކެވެ. މި މައްސަލައިގައި ވަޢުދުގެ މައްޗަށް އަލަކާ ސިންގް ބަރޯސާވެ ޚަރަދުތަކެއް ކުރަން މަޖުބޫރުވެފައިވާކަމަށް އަހުރެންނަށް ނުފެނުނު ސަބަބު އިސްވެ ބަޔާންކުރެވިފައި އެވަނީ އެވެ.

50އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޕްރޮމިސަރީ އެސްޓޮޕަލް ތަޠުބީޤުކުރަމުންދާ އުޞޫލާއި ދުރަށްދާންޖެހޭ ފަދަ އަސާސީ ފަރަޤެއް އެމެރިކަން ރިއަލިޒަމްގެ ދަށުން މި އުޞޫލު ތަޠުބީޤުކުރާ ހަމައިގައިވެސް ހުރިކަމަށް އަހުރެންނަށް ބުރަ ނުވެވޭތީ، މި ނުކުތާ އަހުރެން ބަލައެއް ނުގަންނަމެވެ.

ނިންމަން ފެންނަގޮތް

51ހައިކޯޓުގެ ނަންބަރު 2018/HC-A/405 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

52މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

53މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2018/HC-A/405 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ބަލާނެ ތަނެއް ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިން

ޢަބްދުލްޣަނީ މުޙައްމަދު

(ރިޔާސަތު)

ޙުސައިން ޝަހީދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ