—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2015/SC-A/08
ދަޢުވާކުރާ ފަރާތް:
ޢަބްދުލްމަޖީދު
ދަޢުވާލިބޭ ފަރާތް:
މާލޭ ސިޓީ ކައުންސިލް
މައްސަލައިގެ ބާވަތް:
މަދަނީ މައްސަލަ
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
22 ފެބްރުވަރީ 2015ރަޖިސްޓްރީ ކުރެވުނު ތާރީޚު:
19 މާރިޗު 2015ނިމުނު ތާރީޚު:
15 ޖުލައި 2020
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2012/HC-A/349
ހުށަހެޅުނު ތާރީޚު:
23 ޑިސެންބަރު 2012ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
13 އޮކްޓޫބަރު 2014
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
ހޭންވޭރު ހެދިގޮނޑުދަށުގައި، މާލޭ މުނިސިޕަލްޓީން، ޢަބްދުލްމަޖީދު (މީގެ ފަހުން "ޢަބްދުލްމަޖީދު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") އަށް ކުއްޔަށްދީގެން ޢަބްދުލްމަޖީދު ހިންގަމުން ގެންދިޔަ 02 (ދޭއް) ނަންބަރު ފުޑްކޯޓަކީ (މީގެ ފަހުން "ފުޑްކޯޓު")، 2008 ވަނަ އަހަރު އޭރުގެ މާލޭ މުނިސިޕަލްޓީގެ ނަންބަރު A2/2008/74 (28 އެޕްރީލް 2008) އިޢުލާނުގެ ދަށުން، ޢަބްދުލްމަޖީދު ބިޑްކޮށް، އެންމެ ރަނގަޅު ބިޑެއް ހުށަހެޅި ފަރާތުގެ ޙައިޘިއްޔަތުން ޢަބްދުލްމަޖީދަށް ދިނުމަށް ނިންމާފައިވާ ފުޑްކޯޓެކެވެ.
އެހެންނަމަވެސް، އެ ފުޑްކޯޓު ޢަބްދުލްމަޖީދާ ޙަވާލުކޮށްފައިނުވާތީ އާއި، ދެވަނަ ފަހަރަށް އެ ފުޑްކޯޓު ކުއްޔަށް ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ނަންބަރު (IUL) 425-A2/1/2011/238 (15 ޑިސެންބަރު 2011) އިޢުލާނުން އިޢުލާނުކޮށްފައިވާތީ، އެކަމަކީ އިޖުތިމާޢީ ޢަދާލަތާ ޚިލާފަށް އަދި ޢަބްދުލްމަޖީދުގެ ޙައްޤަކަށް އުނިކަން ލިބޭގޮތަށް މާލޭ ސިޓީ ކައުންސިލުން ހިންގާކަމެއް ކަމަށް ބުނެ، އެ އިޢުލާނަކީ ބާޠިލު އިޢުލާނެއްކަމަށް ކަނޑައަޅައި ދިނުމަށާއި، މާލޭ މުނިސޕަލްޓީގެ ނަންބަރު A2/2008/74 (28 އެޕްރީލް 2008) އިޢުލާނުގެ ދަށުން އެންމެ ރަނގަޅު ބިޑެއް ހުށަހެޅި ފަރާތަކީ އިސްތިއުނާފުކުރާ ފަރާތް ކަމުގައިވާތީ، އެ ފުޑްކޯޓު އިސްތިއުނާފުކުރާ ފަރާތަށް ދިނުމަށް ނިންމާފައިވާ ގޮތަށް، އެ ފުޑްކޯޓު ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށާއި، މާލޭ ސިޓީ ކައުންސިލުން އެ ފުޑްކޯޓު ޢަބްދުލްމަޖީދު ހުށަހެޅި ބިޑާ އެއްގޮތަށް ނުދިނުމުގެ ސަބަބުން އެފަރާތަށް ލިބިފައިވާ އެންމެހައި ގެއްލުންތަކަށް ޢަދުލުވެރި ބަދަލެއް ނަގައި ދިނުމަށް އެދި މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުގައި ޢަބްދުލްމަޖީދު ދަޢުވާކުރިއެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާއިން ބަލާ، ސިވިލް ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި "ހެދިގޮނޑުދޮށް ސަރަޙައްދުގައިވާ 2 (ދޭއް) ނަންބަރު ފުޑްކޯޓު ޢަބްދުލްމަޖީދާ ޙަވާލުކުރުމަށްޓަކައި، މާލެ ސިޓީ ކައުންސިލުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އެ ފުޑްކޯޓު 11 ޖުލައި 2012 ވަނަ ދުވަހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ގ.ތަލްވާރޭ ޢަބްދުލްމަޖީދާ ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް" މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭ ކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ޢަބްދުލްމަޖީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.
އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމުމުގައި ހެދިގޮނޑުދޮށު ސަރަޙައްދުގައިވާ 2 (ދޭއް) ނަންބަރު ފުޑްކޯޓު އަލުން ކުއްޔަށް ދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ނަންބަރު (IUL) 425-A2/1/2011/238 (15 ޑިސެންބަރު 2011) އިޢުލާނަކީ ބާޠިލު އިޢުލާނެއްކަމަށް ކަނޑައަޅާފައިވެއެވެ. އަދި މާލޭ މުނިސިޕަލްޓީގެ ނަންބަރު A2/2008/74 (28 އެޕްރީލް 2008) އިޢުލާނާއި ގުޅިގެން ޢަބްދުލްމަޖީދު ބިޑު ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައިވާ 100,000/-ރ. (އެއްލައްކަ ރުފިޔާ) ޢަބްދުލްމަޖީދަށް ލިބިދީފައި ނުވާކަން ޝަރީޢަތަށް ސާބިތުވާތީ، 11 ޖުލައި 2012 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށާއި މާލޭ މުނިސިޕަލްޓީގެ ޙަވާލާދެވުނު އިޢުލާނުގެ ދަށުން ޢަބްދުލްމަޖީދު އެ ބިޑް ކާމިޔާބުކޮށްފައިވާތީ، ހެދިގޮނޑުދޮށު ސަރަޙައްދުގައިވާ 02 (ދޭއް) ނަންބަރު ފުޑްކޯޓު އެ ތާރީޚުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ޢަބްދުލްމަޖީދާ ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް އަންގައި ޙުކުމް ކޮށްފައިވެއެވެ.
އިސްވެ ބަޔާންކޮށްފައިވާ ފަދައިން ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ސިވިލް ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
މާލޭ ހެދިގޮނޑޮދޮށް ސަރަޙައްދުގައިވާ 04 (ހަތަރެއް) ފުޑްކޯޓު 05 (ފަހެއް) އަހަރުގެ ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މާލޭ މުނިސޕަލްޓީން ކުރި ނަންބަރު A2/2008/74 (28 އެޕްރީލް 2008) އިޢުލާނާއި ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން 02 (ދޭއް) ނަންބަރު ފުޑްކޯޓަށް އެންމެ މަތީ ކުއްޔެއް ހުށަހެޅި ފަރާތަކީ އިސްތިއުނާފުކުރާ ފަރާތްކަމާއި، އެ ބިޑް މާލޭ މުނިސިޕަލްޓީން ބާޠިލްކޮށްފައިވަނީ ބިޑިންގ ޕްރޮސެސްގައި ޢަމަލުކުރެވޭގޮތާ ޚިލާފަށްކަން؛
އިސްތިއުނާފުކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި، 02 (ދޭއް) ނަންބަރު ފުޑްކޯޓު އެ ފަރާތަށް ލިބިދިނުމަށް އެދި މަދަނީ ކޯޓަށް މައްސަލަ )މަދަނީ ކޯޓުގެ ނަންބަރު 1776/MC/2008 ޤަޟިއްޔާ( ބަލަމުން ދަނިކޮށް، މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ ދެމެދުގައި އެތަން ވަކި ޝަރުޠުތަކެއްގެ ދަށުން އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކުރުމަށް އެއްބަސްވެވި، އިސްތިއުނާފުކުރާ ފަރާތުން އެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން؛
މާލޭ މުނިސިޕަލްޓީން 02 (ދޭއް) ނަންބަރު ފުޑްކޯޓު އިސްތިއުނާފުކުރާ ފަރާތަށް ދޭން ނިންމާފައިވީނަމަވެސް، މާލޭ ސިޓީ ކައުންސިލުން އެކަމަށް އިންކާރު ކޮށްފައިވަނީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ކަމާއި، އެއީ:
ފުރަތަމައަށް، އިސްތިއުނާފުކުރާ ފަރާތުގެ ނަމާއި ޑައިން މޯރގެ ނަމުގައި ހުށަހަޅާފައިވާ ބިޑަކީ އެއް ފަރާތަކުން ހުށަހަޅާފައިވާ ދެ ބިޑު ކަމަށް މާނަކުރުމުގެ ފުރުޞަތު އޮތުން؛ އަދި
ދެވަނައަށް، މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-A2/MIS/2008/964 (15 ޑިސެންބަރު 2008) ގެ ސިޓީގެ އެންމެ ފަހު ފޮޅުވަތުގައި ފުޑްކޯޓު ކުރިންވެސް ހިންގާފައިވަނީ ޢަބްދުލްމަޖީދު ކަމަށްވެފައި، ފުޑްކޯޓު ޙަވާލުނުކުރުމުގެ ސަބަބުން ޢަބްދުލްމަޖީދު ޖޫރިމަނާކުރެވިފައިވާ ކަމުން އެނގެނީ، ޢަބްދުލްމަޖީދު މާލޭ މުނިސިޕަލްޓީން ތަން ކުއްޔަށް ދިންއިރު ކުރެވިފައިވާ އެއްބަސްވުމާ ޚިލާފުވެ އަންގާ އެންގުންތަކާ ޚިލާފުވެފައިވާކަން ކަމާއި،
މާލޭ ސިޓީ ކައުންސިލުން ފާހަގަކޮށްފައިވާ ދެ ސަބަބަކީވެސް، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާގެ ދަށުން އެއްބަސްވުމެއް ޞައްޙަ ނޫންކަމަށް ބެލުމަށް އޮތް ސަބަބެއް ނޫންކަން އެނގެން އޮތުން؛
ހެދި ގޮނޑޮދޮށުގައިވާ 02 (ދޭއް) ނަންބަރު ފުޑްކޯޓަކީ މާލޭ މުނިސިޕަލްޓީގެ ނަންބަރު A2/2008/74 (28 އެޕްރީލް 2008) އިޢުލާނުގެ ދަށުން ޢަބްދުލްމަޖީދު ކާމިޔާބުކޮށްފައިވާ ތަނެއްކަމުގައިވާތީ، އެ އިޢުލާނުގެ ދަށުން އެތަން ޙަވާލުނުކޮށް، އަލުން އެތަން ކުއްޔަށް ދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ނަންބަރު (IUL) 425-A2/1/2011/238 (15 ޑިސެންބަރު 2011) އިޢުލާނަކީ ބާޠިލު އިޢުލާނެއްކަން އެނގެންއޮތުން؛ އަދި
މި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަކީ ޚުދު ޢަބްދުލްމަޖީދު ތައްޔާރުކޮށްފައިވާ ލިޔުންތަކެއްކަން އެނގޭތީ، އެ ލިޔުންތަކުގެ މައްޗަށް ބުރަވެ ގެއްލުމުގެ ބަދަލު ބިނާކުރެވެން ނެތުމުން، މި މައްސަލައިގައި ގެއްލުމުގެ ބަދަލާމެދު ގޮތެއް ކަނޑައަޅާފައި ނުވާކަމާއި، ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދަޢުވާކުރުމުގެ ޙައްޤު ޢަބްދުލްމަޖީދަށް ލިބިގެންވާކަން.
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ، މާލޭ ސިޓީކައުންސިލުން އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާއިން ބަލާފައިވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާ އިސްތިއުނާފުކޮށް މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވަނީ އެއް ނުކުތާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާގެ ރިޕޯޓުން އެނގެއެވެ. އެއީ، ދަށު ކޯޓުން ޙުކުމް ކުރުމުގައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ސިވިލް ކޯޓުގެ ޙުކުމުގައިވާ ހެދިގޮނޑުދޮށު ސަރަޙައްދުގައިވާ 02 (ދޭއް) ނަންބަރު ފުޑްކޯޓު 11 ޖުލައި 2012 ވަނަ ދުވަހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ޢަބްދުލްމަޖީދާ ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްފައިވާ ބައި ބާޠިލްކޮށްފައިވެއެވެ.
އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
މާލޭ މުނިސިޕަލްޓީގެ ނަންބަރުA2/2008/74 (28 އެޕްރީލް 2008) އިޢުލާނުގެ ކުރިން ވެސް 02 (ދޭއް) ނަންބަރު ފުޑް ކޯޓަކީ ޢަބްދުލްމަޖީދު ވިޔަފާރި ހިންގަމުން ދިޔަ ތަނެއްކަން އެނގޭކަން؛
މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-A2/MIS/2008/964 (15ޑިސެންބަރު 2008) ސިޓީން އެ ފުޑްކޯޓު ވަކި ޝަރުޠުތަކެއްގެ މަތިން ޢަބްދުލްމަޖީދާ ޙަވާލުކުރުމަށް ނިންމާފައިވީނަމަވެސް، އެ ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ލިޔެވި ސޮއިކުރެވިފައި ނުވާކަމާއި އަދި މާލޭ ސިޓީ ކައުންސިލް އުފެދުނުއިރު ވެސް އެތަން ޢަބްދުލްމަޖީދާ ޙަވާލުކުރެވިފައި ނުވާކަން ދަށުކޯޓުގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭކަން؛
އިސްވެ ބަޔާންކުރެވުނު ފުޑްކޯޓާ ގުޅިގެން ދެ ފަރާތުގެ މެދުގައި މުޢާމަލާތް ކުރެވިފައިވީނަމަވެސް، އެ ފުޑްކޯޓު މާލޭ މުނިސިޕަލްޓީގެ ނަންބަރު A2/2008/74 ( 28 އެޕްރީލް 2008) އިޢުލާނުގެ ދަށުން ޙަވާލުކުރެވިފައި ނުވާކަން އެނގޭކަމާއި އަދި އެފަދަ އެއްބަސްވުމެއް ދެ ފަރާތުގެ މެދުގައި ވެވިފައިނުވާކަން އެނގެން އޮތުމުން، މި މުޢާމަލާތަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާ ޠަޠްބީޤުކުރެވޭނެ މުޢާމަލާތެއް ނޫންކަން އެނގޭކަން؛ އަދި
ނަމަވެސް ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން ބުނެވުނު ފުޑް ކޯޓުވެސް އެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަނަކަށް ވެގެން ދިޔައިރު، އެ ފުޑްކޯޓު ޢަބްދުލްމަޖީދާ ޙަވާލުކުރުމުގެ މުޢަމާލާތް ދެ ފަރާތުގެ މެދުގައި ހިނގާފައިނުވާތީ، އެ ފުޑްކޯޓު ޢަބްދުލްމަޖީދާ ޙަވާލުކުރުމަށް މަޖުބޫރުކުރެވޭނެ ސަބަބެއް ނެތްކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޢަބްދުލްމަޖީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 6 (ހައެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-A2/MIS/2008/964 (15 ޑިސެންބަރު 2008) ސިޓީން، އެ އޮފީހުގެ ނަންބަރު A2/2008/74 (28 އެޕްރީލް 2008) އިޢުލާނުގެ ދަށުން ޢަބްދުލްމަޖީދު ބިޑް ހުށަހަޅާފައިވާ ކަމާއި މާލޭ މުނިސިޕަލްޓީން އެ ބިޑް ޤަބޫލުކޮށްފައިވާކަން އެ ސިޓީން އެނގެން އޮތުމުން، މާލޭ މުނިސިޕަލްޓީ އާއި ޢަބްދުލްމަޖީދާ ދެމެދު "ރިޟާޢީ" (consensual) ކޮންޓްރެކްޓެއް ވުޖޫދުވެފައިވަނިކޮށް، ދެ ފަރާތުގެ މެދުގައި އެއްބަސްބުމެއް ވެފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، ހެދި ގޮނޑޮދޮށުގައިވާ 02 (ދޭއް) ނަންބަރު ފުޑްކޯޓު ޢަބްދުލްމަޖީދާ ޙަވާލުކުރުމަށް މާލޭ މުނިސިޕަލްޓީން ލިޔުމުން އެއްބަސްވެފައިވާކަމާއި އަދި މި މައްސަލައިގައި ހުށަހެޅިފައިވާ ދަށުކޯޓުގެ ޤަޟިއްޔާތަކުގައި އެ ތަނަކީ ޢަބްދުލްމަޖީދަށް ލިބެންޖެހޭ ތަނެއްކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، މާލޭ މުނިސިޕަލްޓީގެ އިޢުލާނާ ގުޅިގެން ޢަބްދުލްމަޖީދު ހުށަހަޅާފައިވާ ބިޑް ޤަބޫލުކޮށް ޢަބްދުލްމަޖީދަށް އެ ފުޑްކޯޓު ދިނުމަށް ނިންމާފައިވަނިކޮށް، އެ ނިންމުމުން ބަދަލުކުރުމުގެ ބާރު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާގެ ދަށުން މާލޭ ސިޓީ ކައުންސިލަށް ލިބިގެން ނުވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ގެ (ށ) ގައި އެތަން ކުއްޔަށް ދިނުމަށް މާލޭ މުނިސިޕަލްޓީން އޭރު ނިންމާފައި ވީނަމަވެސް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ލިޔެވި ސޮއިކުރެވިފައި ނުވާތީ އާއި މާލޭ ސިޓީ ކައުންސިލް އުފެދުނު އިރުވެސް އެތަން ޢަބްދުލްމަޖީދާ ޙަވާލުކުރެވިފައި ނުވާކަމަށް ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމުކުރާ އެއްޗެއް ނޫންކަމުގައި ބަޔާންކުރެވިގެންވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ގެ (ށ) އަދި (ނ) ގައި ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ވެވިފައި ނުވާކަމަށް ބަޔާންކޮށްފައިވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފަކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ފަސްވަނަ ސަބަބަކީ، ބަޔާންކުރެވުނު ފުޑްކޯޓު ޢަބްދުލްމަޖީދާ ޙަވާލުކުރުމުގެ މުޢާމަލާތަކީ ހިނގާފައިވާ މުޢާމަލާތެއް ނޫން ކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/22 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ކޮމަންލޯގެ އިކުއިޓީގެ މަބްދަޢުއެއް ކަމަށްވާ "ޕްރޮމިސަރީ އެސްޓޮޕެލް" ގެ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ހަވަނަ ސަބަބަކީ، މާލޭ ސިޓީ ކައުންސިލުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެންމެ ނުކުތާ އެއްކަމާއި އެ ނުކުތާއަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި މާލޭ ސިޓީ ކައުންސިލުން އިސްތިއުނާފުކޮށްފައިނުވާ ކަމެއްގެ މައްޗަށް ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވުމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ) އާއި ހައިކޯޓުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/26 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މައިގަނޑު 09 (ނުވައެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާއަކީ ދެ ފަރުދެއްގެ މެދުގައި އުފެދުނު މައްސަލައެއް ބެލިފައިވާ ޤަޟިއްޔާއެއް ކަމާއި އެހެންނަމަވެސް މި މައްސަލައަކީ ދައުލަތުގެ މުއައްސަސާއަކާއި އަމިއްލަ ފަރުދަކާ ދެމެދު އުފެދިފައިވާ މައްސަލައެއް ކަމުގައިވާތީ، މި މައްސަލައިގައި ޢަމަލުކުރެވެން ވާނީ ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ތަރަޙައިގެ ތެރެއިން ކަމާއި، އެގޮތުން އެ ޤާނޫނުގެ ދަށުން ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 6.05 ގެ (ރ) ގައި، ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރަންވާނީ ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޫކުރާ ފަރާތާ ދެމެދު ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމެއްގެ ދަށުންކަމާއި، އަދި އެފަދަ އެއްބަސްވުމެއްގައި ހިމަންނަންޖެހޭ މަޢުލޫމާތު އެ މާއްދާގައި ބަޔާންކޮށްފައިވާތީ، މި މައްސަލައިގައި ޙަވާލާދީފައިވާ 02 (ދޭއް) ނަންބަރު ފުޑްކޯޓަކީ ދައުލަތުގެ ތަނަކަށް ވީހިނދު، އެ ތަން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމަކީ ވަކި ޚާއްޞަ މަޢުލޫމާތުތަކެއް ހިމަނައި ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ޤާނޫނުން ލާޒިމުކުރާ އެއްބަސްވުމެއްކަން އެނގޭކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައިގެ ވާޤިޢާތަކާއި މި މައްސަލައިގެ ވާޤިޢާތައް ތަފާތުކަމުގައިވާތީ، މި މައްސަލައިގައި އެ ޤަޟިއްޔާގައި ކަނޑއަޅާފައިވާ ޤާނޫނީ އުޞޫލު ޠަޠްބީޤުނުކުރެވޭނެކަމަށް ބުނެ ހުށެހެޅި ނުކުތާއެވެ.
މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-A2/MIS/2008/964 (15 ޑިސެންބަރު 2008) ސިޓީގައި ވަކި ޝަރުޠުތަކެއް ކަނޑައަޅާފައިވާކަމާއި އެ ޝަރުޠުތައް ފުރިހަމަވުމުން އިސްތިއުނާފުކުރާ ފަރާތަށް އެތަން ޙަވާލުކުރުމަށް ހަމަޖެހިފައި ވީނަމަވެސް، އެ ސިޓީ އަކީ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހިމެނޭ އެއްބަސްވުމެއް ނޫންކަމަށް ދައުލަތުން ފާހަގަކުރާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ސިވިލް ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާއަކީ ނިހާއީ ޙުކުމެއް ނޫންކަމާއި، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ޤަޟިއްޔާ ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލާ އެއްކޮޅަށްކަމާއި، އަދި އެ ނިންމުން ޢަބްދުލްމަޖީދުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ހިނދު، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް މި މައްސަލައިގައި ދެ ފަރާތުގެ މެދުގައި އެއްބަސްވުމުއްވާކަން ނުވަތަ ނޫންކަން ކަނޑައެޅިގެން ދާނީ މި މައްސަލައިގެ ތެރެއިން ކަމުގައިވީހިނދު، ސިވިލް ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާގެ ޙުކުމަކީ އެއްބަސްވުމެއް ވުޖޫދުވެފައިވާކަން ރަމްޒުކޮށްދޭ ދަލީލެއް ނޫން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން ބުނާފަދަ އެއްބަސްވުމެއް ވުޖޫދުގައި އޮތް ނަމަވެސް، އެ އެއްބަސްވުމެއް ދެމި އޮންނާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެ މުދަލެއް ނުވަތަ މާލިއްޔަތެއް ނިސްބަތްވާ ކައުންސިލަކުން އެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ޤަބޫލުކުރާނަމަ ކަމަށް އެ ޤާނޫނުގެ 145 ވަނަ މާއްދާގައި ޞަރީޙަ ބަހުން ބަޔާންކޮށްފައިވާކަމަށާއި އެފަދަ އެއްބަސްވުމެއް ބަލައިގަތުމަށް އެ ކައުންސިލަކުން އެއްބަސްނުވާނަމަ އެ އެއްބަސްވުމެއް އެ ދުވަހަކުން ފެށިގެން ބާޠިލުވާނެކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާ ތަޠްބީޤު ކުރެވޭނީ 07 އޮގަސްޓު 2008 އިން ފެށިގެން ކައުންސިލްތައް އުފެއްދުމާ ދެމެދު ވެފައިވާ އެއްބަސްވުންތަކަށް ކަމާއި، އެ މާއްދާގެ މަޤްޞަދަށްޓަކައި އެއްބަސްވުމެއް ވެފައިވާކަމަށް ބެލެވޭނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައި ބަޔާންކުރާ ޝަރުޠުތައް ހިމޭނޭ އެއްބަސްވުންތަކަށް ކަމުގައިވާއިރު، އެ މާއްދާ މި މައްސަލައަށް ޠަޠުބީޤުނުކުރެވޭނެކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/22 ޤަޟިއްޔާ އާއި މި ޤަޟިއްޔާ އާ ތަފާތު ތަކެއް ހުރިކަމާއި، ދައުލަތުގެ ބިމެއް ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުން ވަކި ގޮތަކަށް އޮތުން ޤާނޫނުން ލާޒިމުކުރާ ހިނދު، މި ޙާލަތުގައި ކޮމަންލޯގެ އިކުއިޓަބަލް މަބްދުޢު ޠަޠްބީޤު ނުކުރެވޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހެދި ގޮނޑުދޮށް ސަރަޙައްދުގެ 02 (ދޭއް) ނަންބަރު ފުޑްކޯޓު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށަށް ގެނެސް، އެ ބިންތަކާ ގުޅޭގޮތުން އެއްވެސް މުޢާމަލާތެއް ކޮށްފައިވާނަމަ، އެކަން 26 ޖޫން 2014 ގެ އޮފީސް ބަންދުވުމުގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހެޅުމަށް ކުރި އިޢުލާނާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އިޖާބަދީފައިނުވާކަމާއި، އެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށް ކުރެވުނު އިޢުލާނަށް ވެސް އެ ފަރާތުން އިޖާބަދީފައިނުވެއެވެ. މީގެ އިތުރުން 14 ޑިސެންބަރު 2014 ގައި އަލުން މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރެވުނު ބިންތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ގެނެވުނު ބިންތަކުގެ އިޢުލާންކޮށް އެ ލިސްޓުގައިވާ ބިމެއް ބޭނުންވެއްޖެނަމަ، އެކަމުގެ ހުއްދަ އެ މިނިސްޓްރީން ހޯދުމަށް އަންގާ ޢާންމުކޮށް އިޢުލާނު ކުރުމުންވެސް އިޖާބަދީފައިނުވާތީ އާއި އޭގެފަހުން ވެސް އެ ފަރާތުގެ ޙައްޤެއް ވާކަމަށް ބުނެ މިނިސްޓްރީއަށް އަންގާފައި ނުވާކަމެވެ. އެހެންކަމުން އިސްތިއުނާފުކުރާފަރާތުން އޮތްކަމަށް ބުނާ އެ ފަރާތުގެ ޙައްޤު ޙިމާޔަތްކުރުމަށް ދައުލަތުން ހުޅުވާލި ފުރުޞަތަށް އެ ފަރާތުން އިޖާބަދީފައިނުވާތީ، އެ ފަރަތާށް ޙައްޤެއް ލިބިފައިވާކަމަށް ބެލިނަމަވެސް، އެ ޙައްޤެއް މިހާރު އެ ފަރާތުން ދޫކޮށްލާފައިވާ ކަމަށް ދަލީލުކޮށްދޭކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
15 ޖުލައި 2015 ގައި "ހެދި ގޮނޑުދޮށް ސަރަޙައްދު 1، ހެދި ގޮނޑުދޮށް ސަރަޙައްދު 2، ހުޅަނގު ދެކުނު ބަނދަރުގެ ސަރަޙައްދުގައި ހިމެނޭ ބިންތައް އަދި މާލޭގެ އެކި ސަރަޙައްދުތަކުން ކެފޭ ރެސްޓޯރެންޓް އަދި ސައިހޮޓާ ފަދަ ތަންތަން ހިންގުމަށް ބިން ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލު" ގެޒެޓްކޮށްފައިވާތީ، ހެދި ގޮނޑުދޮށް ސަރަޙައްދުގެ 02 (ދޭއް) ނަންބަރު ފުޑްކޯޓާ ގުޅިގެން ދެން ޢަމަލުކުރެވޭނީ އެ އުޞޫލުގެ ދަށުން ކަމަށް ދެކޭ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދަޢުވާ ކުރާ ސީޣާގައި ނުހިމެނުނު ނަމަވެސް، ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެ ކަމަކީ ޙުކުމުގައި ހިމަނަންޖެހޭ ކަމެއްކަމަށް ޝަރީޢަތަށް ފެނިއްޖެނަމަ، ސަބަބު ބަޔާންކޮށް އެފަދައިން ޙުކުމް ކުރެއްވުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނަންބަރުން އެނގޭކަމަށާއި އެހެންކަމުން މި މައްސަލައިގައި ޚުޞޫމާތު އުފެދިފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާގެ ދަށުން ކަމަށްވާއިރު، އެ މާއްދާގެ މައިގަނޑު ބިނާވަނީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނާފައިވާ ދާއިރާއެއްގެ ތެރޭގައިވާ އެއްބަސްވުންތަކުގެ މައްޗަށް ކަމަށްވާއިރު، އެ މާއްދާ ޠަޠްބީޤުކުރެވޭނީ ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ވެފައިވާ ޙާލަތުގައިކަން އެނގެންއޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއިން ދެ ފަރާތުގެ މެދުގައި އެފަދަ އެއްބަސްވުމެއް ނެތްކަމަށް ކަނޑައެޅުމަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ) އާއި ހައިކޯޓުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ޓެންޑަރ އާގުޅޭ ކަންކަމުގައި ޢަމަލުކުރާ އުޞޫލުތައް
މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 2525/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގެ ބައެއް އެ ކޯޓުން ބާޠިލުކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު އެއްބަސްވުމެއް ފުރިހަމަވެފައިވާ ޙާލަތުގައިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ހިނދު، އެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރު ކުރެއެވެ. އެހެންކަމުން، މި މައްސަލައަކީ އެ އެއްބަސްވުން ބާޠިލުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައެއް ކަމުގައިވެފައި، ކޮންޓްރެކްޓާބެހޭ ޤާނޫނެއް ވުޖޫދުގައި އޮތްނަމަވެސް، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކުގައި ޓެންޑަރގެ މުޢާމަލާތެއްގައި ތަޠުބީޤުކުރަންޖެހޭ ގޮތް ކަނޑައަޅާފައި ނުވާތީ، މި މައްސަލައަށް ގޮތް ކަނޑައެޅުމުގެ ކުރިން، ދުނިޔޭގެ އެހެން ދިމިޤްރާޠީ ޤައުމުތަކުގައި ޓެންޑަރ އާގުޅޭ ކަންކަމުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތްކުރުން މުހިންމު ކަމުގައި ދެކެމެވެ.
ސަރުކާރުތަކުންނާއި އާންމު ފަރާތްތަކުން، ޓެންޑަރ އުޞޫލުތަކުގެ ދަށުން މުދަލާއި ޚިދުމަތް ހޯދުމަކީ އާންމުކޮށް ކުރާކަމެކެވެ. ޓެންޑަރ އުޞޫލުން މުދަލާއި ޚިދުމަތް ހޯދުމަށްޓަކައި އެންމެ ފުރަތަމަ ކުރާ އެއް ކަމަކީ އެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭން ބޭނުންވާ، އެ ޓެންޑަރގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ކިބައިން، ވަކި ޝަރުޠުތަކެއްގެ ދަށުން، އެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ދަޢުވަތުދީ އިޢުލާނުކުރުމެވެ. (މި ޤަޟިއްޔާއާ ގުޅިގެން މިފަދަ އިޢުލާނަށް މީގެފަހުން ޙަވާލާދޭނީ "Request for Proposal" ނުވަތަ "RFP" މިފަދައިންނެވެ).
RFP އެއް މެދުވެރިކޮށް ޚިދުމަތެއް ނުވަތަ މުދަލެއް ލިބިގަންނަން އެދޭ ފަރާތަކުން (މީގެ ފަހުން "ޕްރިންސިޕަލް") އެފަދަ އިޢުލާނެއްކުރުމަކީ އާންމު އުޞޫލުން ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގެ (ށ) ގައި ހަވާލާދީފައިވާ ފަދަ ދައުވަތެކެވެ. އަދި RFP އަކާއި ހަވާލާދީ، މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭން އެދޭ ފަރާތުން (މީގެ ފަހުން "ޓެންޑަރަރ") ގެ ފަރާތުން ހުށަހަޅާ ހުށަހެޅުމަކީ (އޭގެ އުންޞުރުތައް ފުރިހަމަވާނަމަ) އާންމު އުޞޫލުން ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގައި ހަވާލާދީފައިވާ ފަދަ ހުށަހެޅުމެކެވެ. RFP އަކާއި ހަވާލާދީ، ހަމައެކަނި އަގެއް ހުށަހެޅުމަކީ (އެ އަގުގައި ފޯރުކޮށްދޭން ބުނާ ޚިދުމަތް ނުވަތަ މުދާ ފޯރުކޮށްދޭނެ ގޮތުގެ އިތުރު ތަފްސީލެއް ހުށަހަޅާފައި ނުވުމުގެ ސަބަބުން) އިސްވެ ބަޔާންކުރެވުނު ފަދަ ހުށަހެޅުމެއްކަމުގައި ނުބެލޭނެއެވެ.
އިސްވެ ބަޔާންކޮށްފައިވަނީ އާންމު އުޞޫލު ނަމަވެސް، RFP އަކަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުން އެކަން އެންގުމަށް (ނުވަތަ Expressions of Interest ހުށަހެޅުމަށް) އެދި ހުޅުވާލާ ހުށަހެޅުމަކީ، ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެކަން އެންގުމަށް ހުޅުވާލުމުން، އެކަމަށް އިޖާބަދޭ ފަރާތްތަކުން ހަމައެކަނި ޝައުޤުވެރިކަން ފާޅުކޮށް ފޯރުކޮށްދޭ މަޢުލޫމާތެވެ. އެފަދަ މަޢުލޫމާތަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގައި ބުނާފަދަ އެއްބަސްވުމަކަށް ވުޖޫދުވުމަށް އޮތުން ލާޒިމުވާފަދަ ހުށަހެޅުމެއް ކަމުގައި ނުބެލެވެއެވެ. އެހެންނަމަވެސް، އިޢުލާނަކީ RFP އެއްކަން ނުވަތަ Expressions of Interest އަށް ހުޅުވާލާ ހުޅުވާލުމެއްކަން ބަލާނީ އިޢުލާނުގެ ސުރުޚީއަށްވުރެ، އެ އިޢުލާނުގައި ބަޔާންކޮށްފައިވާގޮތުން، ޕްރިންސިޕަލްގެ ނިޔަތަށެވެ.
RFP އަކަށް ޓެންޑަރަރ އަކު ހުށަހަޅާ ހުށަހެޅުމަކީ އޭގެ ސަބަބުން ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް އުފެދޭ ކަމެއްކަން ނުވަތަ ނޫންކަން ބިނާވަނީ RFP ފަރުމާކޮށްފައިވާ ގޮތެއްގެ މަތިންނެވެ. އެގޮތުން RFP މައިގަނޑު ގޮތެއްގައި ބެހިގެންދަނީ ދެބަޔަކަށެވެ. އެއީ:
ހުށަހެޅުން ބަލައިގަތުމުން ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް އުފެދޭ RFP؛ އާއި
ހުށަހެޅުން ބަލައިގަތްނަމަވެސް ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ނުއުފެދޭ RFP އެވެ.
މި ނުކުތާތަކުގެ 17 ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، ބައެއް ޙާލަތްތަކުގައި ޓެންޑަރ އުޞޫލުތަކުގެ ދަށުން މުޢާމަލާތްކުރުމުގެ ތެރޭގައި (ހުށަހެޅުން ބަލައިގަތުމުގެ ކުރިން) ކޮންޓްރެކްޓެއް ވުޖޫދުވުމަކީ އެކަށީގެންވާކަމެކެވެ.
ހުށަހެޅުން ބަލައިގަތުމުން ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް އުފެދޭ RFP
ހުށަހެޅުން ބަލައިގަތުމުން ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވަނީ އަންނަނިވި ބާވަތްތަކުގެ މުޢާމަލާތްތަކާއި ގުޅިގެންނެވެ.
ދެފަރާތުން އެއްބަސްވުމަކަށް ވާސިލުވުމަށްޓަކައި މަޝްވަރާ ނުވަތަ ނެގޯޝިއޭޓްކޮށް، އެއްބަސްވުމުގައި ހިމެނޭނެ ކަންކަމާއި ޝަރުޠުތަކަކީ ކޮބައިކަމުގެ މައްޗަށް އެއްބަސްވެ، އެކަންކަން އިތުރު ފުރިހަމަކަމާއެކު ލިޔުމުން ވެވޭ އެއްބަސްވުމެއްގައި ހިމެނުމަށް އެއްބަސްވެފައިވާ ހާލަތުގައި، އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވިނަމަވެސް، ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވެއެވެ.
ދެފަރާތަކުން އެއްބަސްވުމުގައި ހިމެނޭނެ ކަންކަމާއި ޝަރުޠުތަކަކީ ކޮބައިކަމުގެ މައްޗަށް އެއްބަސްވެފައިވާހިނދު، އެއްބަސްވުމުގެ މައްޗަށް ޢަމަލުކުރެވޭނީ ލިޔުމުން ވެވޭ އެއްބަސްވުމެއްގައި ސޮއިކުރުމުންކަމުގައި ކަނޑައަޅާފައިވާ ހާލަތުގައި، އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވިނަމަވެސް، ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވެއެވެ.
ދެފަރާތަކުން އެއްބަސްވުމުގައި ހިމެނޭނެ ކަންކަމާއި ޝަރުޠުތަކަކީ ކޮބައިކަމުގެ މައްޗަށް އެއްބަސްވެ، އެމައްޗަށް ބަނދެވުމަށް އެއްބަސްވާހިނދު، އެއަށްފަހުގައި އިތުރު ޝަރުޠު / ކަންކަން ހިމެނޭ އެހެން އެއްބަސްވުމަކުން އެ ފުރަތަމަ ވީ އެއްބަސްވުމުގެ ބަދަލުގައި އައު އެއްބަސްވުމެއް އެކުލަވާލަން އެއްބަސްވާނަމަ، އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވިނަމަވެސް، ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވެއެވެ.
ހުށަހެޅުން ބަލައިގަތްނަމަވެސް ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ނުއުފެދޭ RFP
މި ނުކުތާތަކުގެ 19 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް، RFP ގައި ޕްރިންސިޕަލްގެ ފަރާތުން ބޭނުންވުމުން ވަކި ބާވަތެއްގެ މުދާ ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުޅުވާލާ، ޓެންޑަރަރ އެއްގެ ފަރާތުން އެފަދަ RFP އަކަށް އިޖާބަދީ، އެޓެންޑަރަރ އަކު އެ މަސައްކަތަށް ހޮވުނު ނަމަވެސް، ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވާކަމުގައި ނުބެލެވެއެވެ. އެހެނީ، މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭން ޖެހެނީ ޕްރިންސިޕަލް ބޭނުންވުމުން ކަމުގައިވާތީ އާއި، ޓެންޑަރަރ އެއްބަސްވަނީ ޕްރިންސިޕަލް އެދުމުން، އެދޭ ޢަދަދަށް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދިނުން ކަމުގައިވާތީއެވެ. މިބާވަތުގެ އެއްބަސްވުން ތަކުގައި މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމަށް އެދުމުން، އެ ފޯރުކޮށްދިނުމަށްދޭ ރުހުމުން، ކޮންމެ ފަހަރަކު ވަކި 'އެއްބަސްވުމެއް' ވުޖޫދުވެއެވެ.
ޕްރޮސެސް ކޮންޓްރެކްޓް
މިނުކުތާތަކުގެ 19 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ފަދައިން، އާންމު އުޞޫލުން ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވަނީ ހުށަހެޅުން ބަލައިގަތުމުން ކަމުގައި ބަޔާންކޮށްފައިވާ ހިނދު، RFP އަކާއި ގުޅިގެން ޓެންޑަރ އެވޯޑުކުރުމުގެ ކުރީގައި pre-award stage) ގައި) ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވެދާނެ ހާލަތްތަކެއް R v Ron Engineering އިން ޤާއިމުކޮށްފައިވާކަން ފާހަގަކުރަންޖެހެއެވެ. އެހެން ނަމަވެސް، ހުށަހެޅިފައިވާ މި މައްސަލައިގައި ޓެންޑަރ އެވޯޑުކޮށްފައިވާކަމުގެ ލިޔެކިޔުން ހުރިކަމުގައިވާތީ، ޕްރޮސެސް ކޮންޓްރެކްޓާގުޅޭ ތަފްޞީލުތައް މި ޤަޟިއްޔާއާ ގުޅިގެން ހިމެނުން މުހިންމުކަމުގައި ނުދެކެމެވެ.
މާލޭ މުނިސިޕަލްޓީ އާއި ޢަބްދުލްމަޖީދާ ދެމެދު ކޮންޓްރެކްޓެއް ވުޖޫދުވެފައިވޭތޯ؟
މި ނުކުތާތަކުގެ 13 އިން 21 އަށް ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-A2/MIS/2008/964 (15 ޑިސެންބަރު 2008) ސިޓީން، އެ އޮފީހުގެ ނަންބަރު A2/2008/74 (28 އެޕްރީލް 2008) އިޢުލާނުގެ ދަށުން ޢަބްދުލްމަޖީދު ހުށަހަޅާފައިވާ ބިޑް ޤަބޫލުކޮށްފައިވާކަން އެނގެން އޮތުމުން، މާލޭ މުނިސިޕަލްޓީ އާއި ޢަބްދުލްމަޖީދާ ދެމެދު އެއްބަސްވުމެއް ވުޖޫދުވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުމުގެ ކުރިން، އެންމެ ފުރަތަމަ މާލޭ މުނިސިޕަލްޓީގެ ނަންބަރު A2/2008/74 (28 އެޕްރީލް 2008) އިޢުލާނަށް ނަޒަރުކުރަންޖެހެއެވެ.
މާލޭ މުނިސިޕަލްޓީގެ ނަންބަރު A2/2008/74 (28 އެޕްރީލް 2008) އިޢުލާނުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
އެ އިޢުލާނުން ހުޅުވާލާފައިވަނީ މާލެ ހިތްފަސޭހަ މައިދާނުގައިވާ 4 (ހަތަރެއް) ފުޑްކޯޓް 5 އަހަރަށް ކުއްޔަށް ހިފަންބޭނުންވާ ފަރާތްތަކަށް އެތަންތަން ހިންގަން ހުޅުވާލެވުނު ފުރުޞަތެއްކަމާއި؛
ކޮންމެ ފުޑްކޯޓަކަށް ވަކި ހުށަހެޅުމެއް ހުށަހަޅަންވާނެ ކަމާއި؛
ކޮންމެ ހުށަހެޅުމަކާ އެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 100,000/-ރ. (އެއްލައްކަ ރުފިޔާ) ބަހައްޓަންވާނެކަމާއި؛
ފުޑްކޯޓު ލިބުނުކަން އެންގުމަށްފަހު، ފުޑްކޯޓް ދޫކޮށްލައިފިނަމަ، ބިޑް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ އަނބުރާ ނުލިބޭނެކަމަށާއި؛
ހުށަހެޅުން ލިބޭ ދުވަހުން ފެށިގެން 45 (ސާޅީށް ފަހެއް) ދުވަހުގެ ތެރޭގައި ފުޑްކޯޓް ނުލިބޭ ފަރާތްތަކަށް، އެފަރާތުން ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ޙަވާލުކުރެވޭނެކަމަށާއި؛
ފުޑްކޯޓު ލިބޭ ފަރާތްތަކުން، ފުޑްކޯޓުގެ ކުލީގެ ގޮތުގައި ކަނޑައެޅުނު ކުލީގެ 2 މަސްދުވަހަށްވާ ފައިސާ، އެޑްވާންސް ޑިޕޮޒިޓްގެ ގޮތުގައި ދައްކަންވާނެކަމަށާއި؛
ފުޑްކޯޓު ލިބޭ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ލިބޭނީ އެޑްވާންސް ޑިޕޮޒިޓްގެ ގޮތުގައި ފައިސާ ހަމަޖެއްސުމަށް ފަހުގައިކަން.
މާލޭ މުނިސިޕަލްޓީގެ ނަންބަރު A2/2008/74 (28 އެޕްރީލް 2008) އިޢުލާނުގައި ފުޑްކޯޓެއް ކުއްޔަށް ދިނުމަށް ނިންމައިފިނަމަ، އެ ޓެންޑަރ ކާމިޔާބުކުރާ ފަރާތާއެކު އުފެދޭ ގުޅުން ބިނާވާނެ އުޞޫލުތަކާއި ޝަރުޠުތަކާއި އެހެނިހެން އެފަދަ ކަންކަން ބަޔާންކޮށްފައި ނުވެއެވެ. އެހެންކަމުން، އެ އިޢުލާނުން އެދިފައިވަނީ ފުޑްކޯޓު ހިންގުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުން އެކަން އެންގުމަށް (ނުވަތަ Expressions of Interest ހުށަހެޅުމަށް) ކަމުގައި ބުރަވެވެއެވެ.
މި ނުކުތާތަކުގެ 16 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ފަދައިން، ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެކަން އެންގުމަށް ހުޅުވާލުމުން، އެކަމަށް އިޖާބަދޭ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް ފޯރުކޮށްދޭ މަޢުލޫމާތަކީ، އެ މުޢާމަލާތައިގެން ކުރިއަށްދާނެ ފަރާތެއް ކަނޑައެޅުނު (ނުވަތަ ޓެންޑަރ ކާމިޔާބުކުރާ ފަރާތް ހޮވުނު) ނަމަވެސް، ދެފަރާތުގެ މެދުގައި އުފެދޭ ގުޅުން އެ މައްޗަށް ބިނާވާނެ އުޞޫލުތަކާއި ޝަރުޠުތަކާއި އެހެނިހެން އެފަދަ ކަންކަމާމެދު މަޝްވަރާކޮށް އެއްބަސްވެފައިނުވުމުގެ ސަބަބުން، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގައި ބުނާފަދަ އެއްބަސްވުމަކަށް ވުޖޫދުވާ ޙާލަތެއް ނޫނެވެ.
މީގެ އިތުރުން، މާލެ މުނިސިޕަލްޓީ (އަދި ފަހުން މާލޭ ސިޓީ ކައުންސިލް) އަކީ ދައުލަތަށް ނިސްބަތްވާ އިދާރާއެއް ކަމުން، އެ އިދާރާއިން ކުރާ ފައިސާއާބެހޭ މުޢާމަލާތްތައް ކުރަންޖެހެނީ ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ އިމުގެ ތެރެއިންކަމާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 6.05 ގެ (ރ) ގައި، ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރަންވާނީ ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޫކުރާ ފަރާތާ ދެމެދުވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމެއްގެ ދަށުންކަމުގައި ބަޔާންކޮށް، އެފަދަ އެއްބަސްވުމެއްގައި ހިމަންނަންޖެހޭ މަޢުލޫމާތު އެ މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިހާލަތަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ޤާނޫނަކުން އެއްބަސްވުން ލިޔުމުން އޮތުން ލާޒިމުކޮށްފައިވާ ޙާލަތެއްކަމުގައިވާތީ، މާލެ މިނިސިޕަލްޓީ އާއި ޢަބްދުލްމަޖީދާ ދެމެދު އެއްބަސްވުމެއް ވުޖޫދުވެފައިވާކަމުގައި ބެލޭނީ، އެފަދަ އެއްބަސްވުމަކީ ލިޔުމުން އޮތް އެއްބަސްވުމެއްކަމުގައިވާ ހާލަތުގައިކަމުގައި ދެކެމެވެ.
"ޕްރޮމިސަރީ އެސްޓްޕަލް" ގެ މަންފާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި، ފުޑްކޯޓު ޢަބްދުލްމަޖީދާ ޙަވާލުކުރުމުގެ މުޢާމަލާތަކީ ހިނގާފައިވާ މުޢާމަލާތެއް ނޫން ކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/22 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ކޮމަންލޯގެ އިކުއިޓީގެ މަބްދަޢުއެއް ކަމަށްވާ "ޕްރޮމިސަރީ އެސްޓޮޕެލް" ގެ އުޞޫލާ ޚިލާފަށް ކަމަށް ބުނެފައިވާތީ، އަންނަނިވި ކަންކަން ފާހަގަކުރުން މުހިންމުކަމުގައި ދެކެމެވެ.
ޕްރޮމިސަރީ އެސްޓޮޕަލްއަކީ ކޮމަންލޯގެ ކޮންޓްރެކްޓާބެހޭ އުޞޫލުތަކުގެ ތެރެއިން ވަކި ޙާލަތްތަކެއްގައި ތަޠުބީޤުކުރެވޭ މަބްދަޢެކެވެ. ކުރުކޮށް ބުނަނީނަމަ، ދެފަރާތެއްގެ މެދުގައި ކުރެވޭ މުޢާމަލާތެއްގެ ތެރެއިން، އޭގެން އެއް ފަރާތަކުން ވަކިގޮތަކަށް ކަން ކުރުމަށް ވަޢުދުވެއްޖެނަމަ، އެކަމާމެދު އެއްބަސްވެފައި ނެތްނަމަވެސް، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދައުން އެ ވަޢުދުވީ ފަރާތް އެ ވަޢުދާއި އެއްގޮތަށް ކަންކުރުމަށް ލާޒިމުކުރެއެވެ. އެހެންނަމަވެސް، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދައު ތަޠުބީޤުކުރެވޭނީ ވަކި ޙާލަތްތަކެއްގައެވެ. އެއީ:
ވަޢުދުވީ ފަރާތުން ވެފައިވާ ވަޢުދަކީ އެމައްޗަށް އަނެއް (ވަޢުދު ރައްދުވި) ފަރާތުން ބަރޯސާވެ، އެ ވަޢުދާއި އެއްގޮތަށް ކަންހިނގާނެކަމުގައި ބަލައި ކަންކަން ތަރުތީބުކުރާފަދަ އެކަށީގެންވާ (ސިގްނިފިކަންޓް) ވަޢުދެއްކަމުގައިވުން؛
ވަޢުދު ރައްދުވާ ފަރާތުން، އެ ވަޢުދުގެ މައްޗަށް ބަރޯސާވެ، ވަޢުދާއި އެއްގޮތަށް ކަންހިނގާނެކަމުގައި ބަލައި، (މުޤާބިލެއް ނެތްނަމަވެސް) ޢަމަލުތަކެއް ކުރުން؛
ވަޢުދާއި އެއްގޮތަށް ޢަމަލުކުރާނެކަމަށް ދެކިގެން، ވަޢުދު ރައްދުވާ ފަރާތުން ކުޅަ ޢަމަލުތަކުގެ ސަބަބުން، އޭނާއަށް މާލީގޮތުން ނުވަތަ އިޤްތިޞާދީ ގެއްލުމެއް ކުރިމަތިލާންޖެހުން؛ އަދި
ކުރިމަތިވެފައިވާ ބޭއިންސާފަށް ޙައްލު ލިބިދެވޭނެ ހަމައެކަނި ގޮތަކީ، ވެފައިވާ ވަޢުދާއެއްގޮތަށް ޢަމަލުކުރުމަށް ވަޢުދުވީ ފަރާތަށް އެންގުން ކަމުގައިވުން.
މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-A2/MIS/2008/964 (15 ޑިސެންބަރު 2008) ސިޓީން ޢަބްދުލްމަޖީދު ހުށަހަޅާފައިވާ ބިޑް ޤަބޫލުކޮށްފައިވާކަން އެނގެން އޮތުމުން، ޢަބްދުލްމަޖީދަށް ފުޑްކޯޓު ހިންގަން ޙަވާލުކުރާނެކަމުގައި ދެކިގެން، އެ ސިޓީގައި އޮތް ކަންކަމުގެ މައްޗަށް ބަރޯސާވެ، ޢަބްދުލްމަޖީދަށް މާލީ ނުވަތަ އިޤްތިޞާދީ ގެއްލުމެއް ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވާ މިންގަނޑެއްގެ ތެރެއިން ހުށަހަޅާފައިވާކަން އެނގޭކަށްނެތެވެ.
މީގެ އިތުރުން، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރެވޭނީ މުޢާމަލާތަކާގުޅޭ އެއް ފަރާތަށް ކުރިމަތިވާނެ ބޭއިންސާފަށް ބެލުމެއްނެތި، އެ މުޢާމަލާތުގައި ހިމެނޭ އަނެއް ފަރާތުން، އެފަރާތަށް ލިބިފައިވާ ޤާނޫނީ ޙައްޤުތައް ތަންފީޒު ކުރުމަށް ބޭނުންވާ ޙާލަތުގައެވެ. އަދި ޕްރޮމިސަރީ އެސްޓޮޕަލްއަކީ ދިފާޢެއްގެ ގޮތުގައި ބޭނުންކުރެވޭ މަބްދަޢުއެކެވެ. އެއީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް، ނުވަތަ ސަބަބެއް ގޮތުގައި ދައްކާ ޤާނޫނީ ޙައްޤެއް ލިބިގަތުމަށް ބޭނުންކުރެވޭ މަބްދަޢެއް ނޫނެވެ.
އެހެންކަމުން، އަދި މި ނުކުތާއަކީ ހައިކޯޓުގައި އިސްތިއުނާފުކުރެވުނުއިރު އެމައްޗަށް ވާހަކަދެކެވިފައިވާ ނުކުތާއެއް ކަމުގައި ނުވާތީ، ފުޑްކޯޓާގުޅޭ މި މުޢާމަލާތުގެ ތެރެއިން ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރަންޖެހޭ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
މާލޭ މުނިސިޕަލްޓީގެ ނިންމުން މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރެވިދާނެކަން ނުވަތަ ނޫންކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 03 ގެ (ށ) ގައި އެތަން ކުއްޔަށް ދިނުމަށް މާލޭ މުނިސިޕަލްޓީން އޭރު ނިންމާފައި ވީނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ލިޔެވި ސޮއިކުރެވިފައި ނުވާތީ އާއި މާލޭ ސިޓީ ކައުންސިލް އުފެދުނު އިރުވެސް އެތަން ޢަބްދުލްމަޖީދާ ޙަވާލުކުރެވިފައި ނުވާކަމަށް ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް، އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ޢަބްދުލްމަޖީދުގެ ފަރާތުން ބުނެއެވެ.
މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-A2/MIS/2008/964 (15 ޑިސެންބަރު 2008) ސިޓީން ޢަބްދުލްމަޖީދު ހުށަހަޅާފައިވާ ބިޑް ޤަބޫލުކޮށް ޢަބްދުލްމަޖީދަށް ފުޑްކޯޓު ދިނުމަށް ނިންމާފައިވަނިކޮށް، އެ ނިންމުމުން ބަދަލުކުރުމުގެ ބާރު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާގެ ދަށުން މާލޭ ސިޓީ ކައުންސިލަށް ލިބިގެން ނުވާކަން؛
ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ކޮންޓްރެކްޓަކީ ވަކިގޮތަކަށް އޮތުން ލާޒިމު އެއްޗެއް ކަމުގައިނުވާއިރު، އަދި އީޖާބާއި ޤަބޫލު ފުރިހަމަވުމުން ކޮންޓްރެކްޓް ފުރަހަމަވީކަމުގައި އެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، 02 (ދޭއް) ނަންބަރު ފުޑްކޯޓު ޢަބްދުލްމަޖީދާ ޙަވާލުކޮށްފައި ނުވާކަމަށާއި އެފަދަ އެއްބަސްވުމެއް ދެފަރާތުގެ މެދުގައި ވެފައިނުވާކަމަށް ހައިކޯޓުން ބުނެފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ ބަޔާންކުރެވުނު އަސާސްތަކާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 145 ވަނަ މާއްދާގެ ރޫޙާ ޚިލާފަށްކަން؛ އަދި
02 (ދޭއް) ނަންބަރު ފުޑްކޯޓު ޢަބްދުލްމަޖީދާ ޙަވާލުކުރުމުގެ މުޢާމަލާތް ހިނގާފައިނުވާކަމަށް ހައިކޯޓުން ފާހަގަކޮށްފައިވަނީ އެ ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅުނު ލިޔުންތަކަށާއި ކަންހިނގާފައިވާ ގޮތަށް ބެލުމެއް ނެތި، ޤާނޫނީ ހުއްޖަތެއް އަދި އަސާސެއްވެސް ދެއްކުމެއް ނެތިކަން.
ޢަބްދުލްމަޖީދު އާއި މާލޭ މުނިސިޕަލްޓީއާ ދެމެދު އެއްބަސްވުމެއް ވެފައިވާކަން ނުވަތަ ނޫންކަމާމެދު ފާހަގަކުރެވޭ ކަންކަން ބަޔާންކުރުމަށްފަހު، އެކަމުގައި އަހުރެން ދެކޭގޮތް މި ނުކުތާތަކުގެ 25 އަދި 26 ވަނަ ނަންބަރުގައި ބަޔާންކޮށްފައިއެވަނީއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 145 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ:
"7 އޯގަސްޓް 2008 ން ފެށިގެން، މިޤާނޫނުގެ ދަށުން އުފައްދާ ކައުންސިލްތައް އުފެއްދުމާދެމެދު ހިނގާ މުއްދަތުގެ ތެރޭގައި މިޤާނޫނުގެ ދަށުން ވަކި ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނާފައިވާ ދާއިރާއެއްގެ ތެރޭގައިވާ މުދަލެއް ނުވަތަ މާލިއްޔަތަކާގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ކުރެވިފައިވާނަމަ، އެ އެއްބަސްވުމެއް ދެމި އޮންނާނީ މިޤާނޫނުގެ ދަށުން އެމުދަލެއް ނުވަތަ މާލިއްޔަތެއް ނިސްބަތްވާ ކައުންސިލަކުން އެއީ ޞައްޙަ އެއްބަސްވުމެއްކަމަށް ޤަބޫލުކުރާނަމައެވެ. އެފަދަ އެއްބަސްވުމެއް ބަލައިގަތުމަށް ކައުންސިލުން އެއްބަސްނުވާނަމަ އެ އެއްބަސްވުން އެދުވަހަކުން ފެށިގެން ބާޠިލުވާނެއެވެ."
މިފަދައިން ކަމުން، ޤާނޫނުގެ އެމާއްދާއިން، އެޤާނޫނުގެ ދަށުން އެފެދުނު ކައުންސިލްތަކަށް، 2008 އޯގަސްޓް 7 ވަނަ ދުވަހުން ފެށިގެން ކައުންސިލްތައް އުފެދުމާ ހަމައަށް، އެ ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ދާއިރާގެ ތެރޭގައިވާ މުދަލެއް ނުވަތަ އެނޫންވެސް މާލިއްޔަތަކާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމުގައި އެކައުންސިލަކުން ޤަބޫލުނުކުރާނަމަ، އެ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރުދިނުމެވެ.
ވަކި ޙާލަތްތަކެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއީގެ މަންފާ ފިޔަވައި، ފަހުން ހަދާ ޤާނޫނުގެ އަސަރު ނުވަތަ އޭގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ނުހިނގުމަކީ (retrospective application of law) ޢާންމު އުޞޫލެވެ. އެހެން ނަމަވެސް، ފަހުން ވުޖޫދުވާ ޤާނޫނެއްގައި، މަންފާއެއް ނުވަތަ ބުރައެއް ދައުލަތަށް ނުވަތަ ފަރުދަކަށް ނުވަތަ އެހެންވެސް ފަރާތަކަށް ލިބިދިނުން ނުވަތަ އުފުލަން ޖެހުން އެއީ އިސްތިސްނާ ޙާލަތްތަކުގައި ކަންކުރެވޭ ގޮތެކެވެ.
މިފަދައިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 145 ވަނަ މާއްދާގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުން، އެ ޤާނޫނުއަސާސީގެ 7 ވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަންޖެހޭކަމަށް ކަނޑައެޅުމާ ގުޅިގެން، ކަމާގުޅޭ ޤާނޫނެއް ވުޖޫދުވެ، (ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ) ޤާނޫނީ އޮނިގަނޑުގެ ތެރެއިން އިންތިޒާމުތައް ހަމަޖެހުމާއި ހަމައަށް ހިނގާދިޔަ (އިންތިޤާލީ) މުއްދަތުގައި ކުރެވިފައިހުރި މުޢާމަލާތްތަކުގެ މައްޗަށް ކައުންސިލްތަކަށް ބަސްބުނުމުގެ އިޚްތިޔާރު ދިނުމުގެ ގޮތުން ކަމުގައި ބެލެވެއެވެ.
ޤާނޫނެއް ހެދުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް އެފަދަ ޤާނޫނެއް ހިންގާކަމުގައިވާނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ބުރައެއް އުފުލަންޖެހޭ ފަރާތަކަށް އެކަމުގެ ބަދަލު ލިބިދިނުމަކީ އެންމެ އެކަށޭނަގޮތް ކަމުގައި އަހުރެން ދެކެމެވެ.
އެހެންނަމަވެސް، މި ޤަޟިއްޔާއާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، 02 (ދޭއް) ނަންބަރު ފުޑްކޯޓް ހެދުމަށް ހަމަޖެހިފައިވާ ބިމަކީ މާލޭ މުނިސިޕަލްޓީގެ އިޚްތިޞާޞްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ދަށަށް ބަދަލުވެފައި އޮތް ބިމެއްކަމުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުން، އެ ބިމާގުޅޭ ކަންކަން ނިންމުމުގައި މާލޭ ސިޓީ ކައުންސިލަށް، އެ ޤާނޫނުގެ 145 ވަނަ މާއްދާ ތަޠުބީޤުކުރެވޭނެކަމުގައި ދެކެމެވެ. އެހެންނަމަވެސް، އެ ބިމާ ގުޅިގެން ކުރެވުނު މުޢާމަލާތުގެ ތެރެއިން ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އުފެދިފައިވާކަމަށް ބެލެވެން ނެތްކަމުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 145 ވަނަ މާއްދާ ތަޠުބީޤުކުރަންޖެހޭ ޙާލަތު އުފެދިފައި ނުވާކަމުގައިވެސް އަހުރެން ދެކެމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކޮށްފައިނުވާ ނުކުތާއެއް އެކޯޓުން ބެލުން
މާލޭ ސިޓީ ކައުންސިލުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެންމެ ނުކުތާ އެއްކަމާއި، އެ ނުކުތާއަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 145 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި މާލޭ ސިޓީ ކައުންސިލުން އިސްތިއުނާފުކޮށްފައި ނުވާ ކަމެއްގެ މައްޗަށް ގޮތެއް ކަނޑއަޅާފައިވުމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ) އާއި ހައިކޯޓުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/26 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ޢަބްދުލްމަޖީދުގެ ފަރާތުން ބަޔާންކުރެއެވެ.
ޢަބްދުލްމަޖީދުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 145 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ ކަމުގައިވާއިރު، އެ ނުކުތާއާމެދު ގޮތެއް ނިންމުމުގައި، ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާވާ އެހެން ނުކުތާއަކާމެދު ގޮތެއް ނިންމަންޖެހިއްޖެ ނަމަ، އެ ކަމަކާމެދު ގޮތެއް ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ (ރ) އާއި ހައިކޯޓުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެއްކަމުގައި ނުދެކެމެވެ. އެހެނީ، ޤާނޫނު ތަޠުބީޤުކުރަނީ ހާދިސާއަކާއި ގުޅުވާފައިކަމުން، އިސްތިއުނާފުކުރާ ނުކުތާއާމެދު ގޮތެއް ނިންމުމުގައި، ހިނގި ހާދިސާއާއި ގުޅޭ ނުކުތާއަކަށް ގޮތެއް ކަނޑައަޅަންޖެހުމަކީ މެދުވެރިވެދާނެ ހާލަތެއް ކަމުގައިވާތީއެވެ. މީގެ އިތުރުން، މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/26 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އުޞޫލާއި ތަޢާރުޟުވާ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ޢަމަލުކޮށްފައިވާ ހާލަތެއްކަމުގައިވެސް އަހުރެން ނުދެކެމެވެ.
ވީމާ، މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-A2/MIS/2008/964 (15 ޑިސެންބަރު 2008) ސިޓީން ޢަބްދުލްމަޖީދު ހުށަހަޅާފައިވާ ބިޑް ޤަބޫލުކޮށްފައިވާކަން ޢަބްދުލްމަޖީދަށް އަންގާފައިވާހިނދު، ޢަބްދުލްމަޖީދާއި މާލޭ މުނިސިޕަލްޓީއާދެމެދު ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކުރާފަދަ އެއްބަސްވުމެއް އުފެދިފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާގެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ނޫންކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/349 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.