—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2013/SC-A/43
ދަޢުވާކުރާ ފަރާތް: ބޭންކް އޮފް މޯލްޑިވްސް ޕލކ
ދަޢުވާ ލިބޭ ފަރާތް: ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން.
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 26 އޯގަސްޓް 2013
ނިމުނު ތާރީޚް: 04 ޖޫން 2015
މައްސަލަ ނިންމި ގަޑި: 14:55
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު:2010/HC-A/56
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 15 މާރޗް 2010
ނިމުނު ތާރީޚް: 18 އޭޕްރީލް 2013
މައްސަލައިގެޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 56/HC-A/2010 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް އެވެ.
އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 56/HC-A/2010 ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާ އެކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެމަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެމަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ ނަންބަރު 56/HC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
މަދަނީ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2009/MC/582 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއަކީ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ދޫކޮށްފައިވާ US$15,300,000.00 (ފަނަރަ މިލިއަން ތިން ލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނަކާއި، 12,500,000.00€ (ބާރަ މިލިއަން ފަސް ލައްކަ ޔޫރޯ) ގެ ޑިމާންޑް ލޯނަކާއި، US$8,700,000.00 (އަށް މިލިއަން ހަތް ލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނަކާއި، US$500,000.00 (ފަސްލައްކަ އެމެރިކާ ޑޮލަރު) ކޮމްބައިންޑް ކްރެޑިޓް ލިމިޓް ފެސިލިޓީއަށް ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ގޮތަށް ފައިސާ އަދާކޮށްފައިނުވާތީ، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ، އިންޓަރެސްޓާއި ޖޫރިމާނާއާ އެކުގައި، އެއްފަހަރާ ލިބިގަތުމަށް ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، މއ. ސީރާޒީގެ މުޙައްމަދު ޢާދިލްގެ މައްޗަށާއި، މއ. ސީރާޒީގެ ޢަލީ އަޙްމަދުގެ މައްޗަށާއި، ސަލްޓަންސް އޮފް ދަ ސީސް ކްރޫޒިންގް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ސަލްޓަންސް އޮފް ދަ ސީސް މެރައިން ޓެކްސީސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ސަލްޓަން އޮފް ދަ ސީސް ޝިޕިންގް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ސަލްޓަންސް އޮފް ދަ ސީސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ސަލްޓަންސް އޮފް ދަ ސީސް އެކުއާ ސްޕޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ދަޢުވާކޮށް، ބަޔާންކުރެވުނު ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ އެކުގައި އެއްފަހަރާ އަދި ވަގުތުން ނުދެއްކޭނަމަ، އެ ކްރެޑިޓް ފެސިލިޓީތަކާއި ގުޅިގެން ދަޢުވާލިބޭ ފަރާތްތަކުން ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހާ ޙައްޤުތައް ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމަށްފަހު ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ފައިސާ ލިބގަތުމަށް އެދި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގެން އޮންނައިރު، ދަޢުވާލިބޭ ފަރާތްތަކުން ބުނެވިދިޔަ ކްރެޑިޓް ފެސިލިޓީތަކަށްވާ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިވާ ނުވާކަމަށާއި، ކްރެޑިޓް ފެސިލިޓީތައް ދޫކުރުމުގައި ބޭންކް އޮފް މޯލްޑިވސް ޕލކ އިން ކަނޑައަޅާފައިވާ ޝަރުޠުތަކާއި ދަޢުވާލިބޭ ފަރާތްތަކުން ޚިލާފުވެފައިވާކަމަށާއި، މިގޮތުން ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ނަންބަރު BML/CREDIT/MAIN-65/2008/867 (17 ޖޫން 2008) ސެންކްޝަން ސިޓީއިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ވަކި ޝަރުޠުތަކަކާއިއެކު ދޫކުރި US$15,300,000.00 (ފަނަރަ މިލިއަން ތިންލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނު (އެކައުންޓް ނަންބަރު 308-134383-7701) އަށް 07 ޑިސެމްބަރ 2009 ދުވަހުގެ ނިޔަލަށް US$18,063,360.24 (އަށާރަ މިލިއަން ފަސްދޮޅަސް ތިންހާސް ތިންސަތޭކަ ފަސްދޮޅަސް ޕޮއިންޓް ދޭއް ހަތަރެއް އެމެރިކާ ޑޮލަރު) ދައްކަންޖެހި ނުދައްކާވާ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ނަންބަރުBML/CREDIT/MAIN-63/2008/865 (17 ޖޫން 2008) ސެންކްޝަން ސިޓީއިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ވަކި ޝަރުޠުތަކަކާއިއެކު ދޫކުރި 12,500,000.00€ (ބާރަ މިލިއަން ފަސް ލައްކަ ޔޫރޯ) ގެ ޑިމާންޑް ލޯނު (އެކައުންޓް ނަންބަރު 309-134383-7701) އަށް 07 ޑިސެމްބަރ 2009 ދުވަހުގެ ނިޔަލަށް 14,921,005.17€ (ސާދަ މިލިއަން ނުވަލައްކަ އެކާވީސް ހާސް ފަހެއް ޕޮއިންޓް އެކެއް ހަތެއް ޔޫރޯ) ދައްކަންޖެހި ނުދައްކާވާކަމަށާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ނަންބަރު BML/CREDIT/MAIN-66/2008/868 (17 ޖޫން 2008) ސެންކްޝަން ސިޓީއިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ވަކި ޝަރުޠުތަކަކާއިއެކު ދޫކުރި US$8,700,000.00 (އަށްމިލިއަން ހަތްލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނު (އެކައުންޓް ނަންބަރު 307-134383-7701) އަށް 07 ޑިސެމްބަރ 2009 ދުވަހުގެ ނިޔަލަށް US$10,193,671.60 (ދިހަމިލިއަން އެއްލައްކަ ނުވަދިހަ ތިންހާސް ހަސަތޭކަ ހަތްދިހަ އެކެއް ޕޮއިންޓް ހައެއް ސުމެއް އެމެރިކާ ޑޮލަރު) ދައްކަންޖެހި ނުދައްކާވާކަމަށާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ނަންބަރު BML/CREDIT/MAIN-64/2008/866 (17 ޖޫން 2008) ސެންކްޝަން ސިޓީއިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ވަކި ޝަރުޠުތަކަކާއިއެކު ދޫކުރި US$500,000.00 (ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ކޮމްބައިންޑް ކްރެޑިޓް ލިމިޓުގެ ނަންބަރު 001-134383-7701 އެކައުންޓަށް 25 ނޮވެމްބަރ 2009 ދުވަހުގެ ނިޔަލަށް 4,360,833/87ރ. (ހަތަރު މިލިއަން ތިންލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ތެއްތިރީސް ރުފިޔާ / އަށްޑިހަ ހަތްލާރި) އާއި، ނަންބަރު 002-134383-7701 އެކައުންޓަށް 25 ނޮވެމްބަރ 2009 ދުވަހުގެ ނިޔަލަށް US$145,447.70 (އެއްލައްކަ ސާޅީސް ފަސްހާސް ހަތަރުސަތޭކަ ސާޅީސް ހަތެއް ޕޮއިންޓް ހަތެއް ސުމެއް އެމެރިކާ ޑޮލަރު) ދައްކަންޖެހި ނުދައްކާވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް ޘާބިތުވާކަމަށާއި، މި ފައިސާއާއި ދަޢުވާލިބޭ ފަރާތްތަކުން ޙަވާލާދެވުނު ކްރެޑިޓް ފެސިލިޓީތައް ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުޠުތަކާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ އިންޓަރެސްޓް އަދި ޖޫރިމަނާ ފައިސާއަކީ ދަޢުވާލިބޭ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، މި ފައިސާ ދެއްކުމުގެ ގޮތުން 07 ޑިސެމްބަރ 2009 ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު، އެ މަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާޞްކުރުމަށާއި، މި މުއްދަތުގެ ތެރޭގައި ދަޢުވާލިބޭ ފަރާތްތަކުން ކްރެޑިޓް ފެސިލިޓީތައް ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުޠުތަކާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ އެންމެހާ ފައިސާ އަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާޞް ނުކޮށްފިނަމަ، 07 ޑިސެމްބަރ 2010 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާގައިވާ ކްރެޑިޓް ފެސިލިޓީތަކާއި ގުޅިގެން ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހާ މިލްކުވެރިކަމުގެ ޙައްޤުތަކާއެކު އެ އުޅަނދުތަކާއި، ތަންތަނާއި ތަކެތި ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި ޙަވާލުކުރުމަށް ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށާއި، މއ. ސީރާޒީގެ މުޙައްމަދު ޢާދިލްއަށާއި، މއ. ސީރާޒީގެ ޢަލީ އަޙްމަދަށާއި، ސަލްޓަންސް އޮފް ދަ ސީސް ކްރޫޒިންގް ޕްރައިވެޓް ލިމިޓެޑަށާއި، ސަލްޓަންސް އޮފް ދަ ސީސް މެރައިން ޓެކްސީސް ޕްރައިވެޓް ލިމިޓެޑަށާއި، ސަލްޓަންސް އޮފް ދަ ސީސް ޝިޕިންގް ޕްރައިވެޓް ލިމިޓެޑަށާއި، ސަލްޓަންސް އޮފް ދަ ސީސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށާއި، ސަލްޓަންސް އޮފް ދަ ސީސް އެކުއާ ސްޕޯޓްސް ޕްރައިވެޓް ލިމިޓެޑަށާއި، ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާއި ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.
މަދަނީ ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 582/MC/2009 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާގޮތަށް ނޫންކަމަށް ބުނެ، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެކޯޓުގެ ނަންބަރު 56/HC-A/2010 ޤަޟިއްޔާއިން މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 582/MC/2009 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އެ ޤަޟިއްޔާގައި ބަޔާންވެގެންވާ، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ނަގާފައިވާ ކްރެޑިޓް ފެސިލިޓީތަކަށް، އެ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތުގެމަތިން، ޤަވާޢިދުން ފައިސާ ދައްކަމުންގޮސް އެ ފައިސާ ދައްކާ ޚަލާސްކުރުމަށާއި، އަދި އެ ފެސިލިޓީތަކަށް 18 އެޕްރީލް 2013 އާ ހަމައަށް (ހައިކޯޓުގެ ނަންބަރު 56/HC-A/2010 ޤަޟިއްޔާގައި ޙުކުމްކުރި ދުވަސް) ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހި ނުދައްކާހުރި ފައިސާގެ މިންވަރު ކަނޑައެޅުމަށްފަހު، 18 އެޕްރީލް 2013 އިން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ ފައިސާ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ދައްކާ ޚަލާސްކުރުމަށާއި، އަދި މިގޮތުގެމަތިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމުގައި އެ ކުންފުނިން ނަގާފައިވާ، ބަޔާންވެދިޔަ ކްރެޑިޓް ފެސިލިޓީތަކަކީ، އެ ފެސިލިޓީތައް "ނޮން-ޕަރފޯމިންގ އެސެޓްސް" (އެން.ޕީ.އޭ) ގެ ގޮތުގައި ކަނޑައަޅާނެކަމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ބުނެފައިވާ ތާރީޚުކަމަށްވާ، 29 ޖެނުއަރީ 2009 ގެ ކުރިން "ނޮން-ޕަރފޯމިންގ އެސެޓްސް" ގެ ގޮތުގައި ވެފައިވާ ފެސިލިޓީތަކެއްކަމަށް ނުބެލުމަށާއި، އަދި މިހާތަނަށް ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހި ނުދައްކާހުރި ފައިސާ އިސްވެ ބަޔާންކުރެވުނު މުއްދަތުގެ ތެރޭގައި ދައްކާ ޚަލާސް ނުކޮށްފިނަމަ، މި މައްސަލާގައި ހިމެނޭ ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ކޮށްފައިވާ ރަހުނު ތަންފީޛުކުރުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ދަށުކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމަށް، ބުނެވދިޔަ ހައިކޯޓުގެ ނަންބަރު 56/HC-A/2010 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅާ ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 56/HC-A/2010 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާއި ޚލާފުވާގޮތަށް ކަމަށް ބުނެ މިމައްސަލަ އިލްތިމާސްކުރި ފަރާތުން ހުށަހޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛ މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 2009/MC/582 ޤަޟިއްޔާގައި "ޕްރޮމިސަރީ އެސްޓޮޕަލް" ގެ މަންފާ ސަލްޓަންސް އޮފް ދަ ސީސް އަށް ލިބިދެންޖެހޭނެކަމަށް ފާހަގަކޮށް ތަފްޞީލީ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނެތީސް، ޕްރޮމިސަރީ އެސްޓޮޕަލްގެ ދިފާޢާގުޅޭ އިސްތިއުނާފީ ނުކުތާ ހައިކޯޓަށް ބަލައިގެން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި 33 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބާއި؛ "ޕްރޮމިސަރީ އެސްޓޮޕަލް" ގެ މަންފާ ބޭނުންކުރާ މީހަކު ސާބިތުކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އެއްބަސްވުން ބަދަލުވާފަދަ ވަޢުދެއް ވެފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުން ކަމަށްވާއިރު، 30 ޑިސެމްބަރ 2008 ގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ސަލްޓަންސ އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ، އެބޭންކުގެ ނަންބަރު 1941/2008/CREDIT/ BMLސިޓީއަކީ، ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ ސެންކްޝަން ސިޓީތަކުގެ 11 ވަނަ މާއްދާގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރަށް ބަދަލު އަންނާނެފަދަ ވަޢުދެއްކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަށް ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ތަކުރާރުކޮށް ޚިލާފުވެފައިވާކަން އެސިޓީގައި ފާހަގަކޮށްފައިވާ ކުރުމަށް ރިޢާޔަތް ނުކޮށްކަމަށްވާއިރު، އެއީ ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އެއްބަސްވާ ވަޢުދެއްކަމަށް ހައިކޯޓުން ކަނޑައަޅުއްފައިވަނީ "ޕްރޮމިސަރީ އެސްޓޮޕަލް" ތަޠްބީޤުކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބާއި؛ ބޭންކް އޮފް މޯލްޑިވްސް ގެ ނަންބަރު 1941/2008/CREDIT/ BMLސިޓީގައި ބޭންކުން ވެފައިވާ ވަޢުދުގެ މައްޗަށް ސަލްޓަންސް އޮފްދަ ސީސް އިން ބަރޯސާ ވެފައިވާކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުން ފާހަގަކުރައްވާފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް އިން ފޮނުވާފައިވާ ބުނެވިދިޔަ ސިޓީއަކީ ލޯން އިންސްޓޯލްމެންޓް ރިޝެޑިއުލް ކޮށްދިނުމަށް އެދި ސަލްޓަންސް އޮފް ދަ ސީސް އިން ހުށަހަޅާފައިވާ ސިޓީއެއްގެ ޖަވާބުގައި ފޮނުވާފައިވާ ސިޓީއެއް ކަމަށާއި، ބޭންކަށް ދައްކަން ޖެހޭ ފައިސާ ހުއްޓިފައިވަނީ އެ ސިޓީ ފޮނުވުމުގެ ކުރިންކަމަށާއި، އެ ސިޓީއަށް ބަރޯސާވެ އެ ސިޓީގައި ދީފައިވާ މުއްދަތުގެ، ރަގަޅަށް ހިފާނެކަން ރަސްމީ ނުވަތަ ނުރަސްމީ ސިފައެއްގަވެސް ބޭންކަށް އަންގާފައިނުވާތީ އެ ސިޓީގައިވާ ކަންތަކުގެ މައްޗަށް ބަރޯސާވެފައިވާކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުބެލެވޭކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބާއި؛ 18 ޖެނުއަރީ 2009 ދުވަހުގައި އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ "ބޭންކް އޮފް މޯލްޑިވެސް ޕލކ 2007 ވަނަ އަހަރުގެ އަހަރީ ރިޕޯޓް" ގައި ބޭންކުން ސަލްޓަންސް އޮފް ދަ ސީސް އަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތައް ހުރީ "ނަން ޕަރފޯމިންގ އެސެޓްސް" ގެ ގޮތުގައި ކަމަށް ބަޔާންކޮށްފައި އޮތުމުން އެ ކުންފުންޏަށް ގެއްލުންތަކެއް ވަމުންދާކަމަށް ބުނާއިރު، އެ ކުންފުންޏަށް ގެއްލުމެއްވާގޮތަށް އެއްވެސްކަމެއް ބޭންކުން ކޮށްފައިވާކަން އެނގެން ނެތްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބާއި؛ 30 ޑިސެމްބަރ 2008 ގައި ބޭންކް އޮފް މޯލްޑިވްސް އިން ސަލްޓަންސް އޮފް ދަ ސީސް އަށް ފޮނުވާފައިވާ ބުނެވިދިޔަ ސިޓީގައި ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން އެއްވެސް ވަޢުދެއްވެފައި ނުވާކަމަށާއި، އަދި އެ ސިޓީގައި ބޭންކްގެ ފަރާތުން ވަޢުދެއްވެފައިވާކަމަށް ބެލެވުނު ނަމަވެސް، ޢަމަލުކުރެވެމުންދާ ޤަވާޢިދުތަކާ ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާގޮތަށް ބަލާއިރު، ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތާ 90 ދުވަހަށްވުރެ އިތުރުވާނަމަ "ނަން ޕަރފޯމިންގ އެސެޓްސް" އަށް ވުމުގެ އިތުރުން އެހެން ޙާލަތެއް މެދުވެރިވެގެންވެސް "ނަން ޕަރފޯމިންގ އެސެޓްސް" ގެ ގޮތުގައި ކަނޑައެޅިދާނެކަން އެނގެން އޮންނާތީ، އެއިން ޙާލަތެއްގައި ނަން ޕަރފޯމިންގ އެކައުންޓެއްގެ ގޮތުގައި ކަނޑައެޅުމަކީ ޢަދްލު އިންޞާފުގެ ހަމަތަކަށް ބަލައި އެ ވަޢުދު ތަންފީޒުކުރުން ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ލާޒިމްކުރެވޭނެ ސަބަބެއް ނެތްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބާއި؛ ބޭންކް އޮފް މޯލްޑިވްސް އިން ސަލްޓަންސް އޮފް ދަ ސީސް އަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތައް 31 ޑިސެމްބަރ 2008 ގައި "ނަން ޕަރފޯމިންގ އެސެޓްސް" އަށް ވެފައިވާކަމަށް ބޭންކުން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އޮޑިޓަރ ޖެނެރަލް ރިޕޯޓު ޝާއިޢުކުރުމާ ގުޅިގެން އެކުންފުންޏާމެދު އިތުބާރު ގެއްލޭފަދަ ގޮތަކަށް ޚަބަރުތައް ފެތުރިގެންދިއުމަކީ އެކުންފުނަޏަށް މާލީ ގެއްލުންތަކެއް ވުމުގެ އިޙްތިމާލުއޮތްކަމެއްކަމަށް ޤަބޫލުކުރެވޭކަމަށާއި، އެހެންކަމުން ބޭންކް އޮފް މޯލްޑިވެސް ޕލކ ގެ ފަރާތުން 30 ޑިސެމްބަރ 2008 ގައި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީގައި ވެފައިވާ ވަޢުދު ތަންފީޒުކުރުމަކީ ޢަދްލު އިންޞާފް ލާޒިމްކުރާ ކަމެއްކަމަށް ބެލެވޭކަމަށް ހައިކޯޓުގެ ނިންމުމުގައި ފާހަގަކުރައްވާފައިވާއިރު، އެކަންތަކުގެ ސަބަބުން ސީދާގޮތެއްގައި އެކުންފުންޏަށް ގެއްލުމެއްވިކަން އަދި ވެފައިވަނީ ކިހައިވަރެއްގެ ގެއްލުމެއްކަން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާއިރު، އެކަމުގެ ސަބަބުން ގެއްލުން ލިބުމުގެ އިޙްތިމާލު އޮތްކަމަށް ބަލައި ގެއްލުން ވެފައިވާކަމަށް ނިންމާފައިވަނީ ވެފައިވާ ގެއްލުމެއް އެނގެން ނެތި އަދި ގެއްލުންވާން ދިމާވި ސަބަބާއި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ހިންގާފައިވާ ޢަމަލަކާއި ހުރި ގުޅުން އެނގެން ނެތި ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބާއި، މި ސަބަބުތައް ކަން އެނގެން އޮވެއެވެ.
17 ޖޫން 2008 ގައި ބޭންކް އޮފް މޯލްޑިސް ޕލކ އިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޑެޓަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީސް ތައްކަމުގައިވާ 12.5 މިލިއަން ޔޫރޯ ގެ ޑިމާންޑް ލޯނާއި، $15.3 މިލިއަން ޔޫ.އެސް. ޑޮލަރުގެ ޑިމާންޑް ލޯނާއި، $8.7 މިލިއަން ޔޫ.އެސް. ޑޮލަރުގެ ޑިމާންޑް ލޯނާއި، $500.000/- (ފަސްލައްކަ) ޔޫ.އެސް. ޑޮލަރުގެ ކޮމްބައިންޑް ކްރެޑިޓް ލިމިޓަކީ ދެފަރާތުން އެއްބަސްވާ ވަކި ޢަޙްދުތަކަކާއި ޝަރްޠުތަކަކާއި އެކު ދޫކުރެވިފައިވާ ފެސިލިޓީތަކެއްކަން އެ ފެސިލިޓީތައް ދޫކުރެވުނު އިސްވެ ބަޔާންވެދިޔަ 17 ޖޫން 2008 ގެ ސެންކްޝަން ސިޓީތަކުގެ މާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމާއި، މިބާވަތުގެ ކޮމާރޝަލް އަދި ބޭންކިންގ މުޢާމަލާތްތަކުގެ ބައިވެރިންގެ މެދުގައި ވެވޭ ޢަހްދުތަކާއި އެއްބަސްވުންތަކުން އުފެދޭ އިލްތިޒާމްތަކަކީ ހެޔޮނިޔަތުގައި 'ތަޢައްސުފު' (arbitrariness) އިން އެއްކިބާވެތިބެ އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމްތަކެއްކަން އެނގެން އޮންނައިރު، ބަޔާންވެދިޔަ ކްރެޑިޓް ފެސިލިޓީތަކާގުޅިގެން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އެއްބަސްވެފައިވާ ގޮތުގެމަތިން އަދާކޮށްފައިނުވާތީ ކަމަށް ބުނެ، އެ ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ، އިންޓަރެސްޓާއި ޖޫރިމާނާއާ އެކުގައި، އެއްފަހަރާ ލިބިގަތުމަށް އެދި ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ބުނެވިދިޔަ ކްރެޑިޓް ފެސިލިޓީތަކަށް ގެރެންޓީދީފައިވާ ފަރާތްތަކުގެ މައްޗަށް މަދަނީ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2009/MC/582 ޤަޟިއްޔާގައި ދަޢުވާކޮށްފައިވާއިރު، ބަޔާންވެދިޔަ ކްރެޑިޓް ފެސިލިޓީތަކަކީ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން އެ ކުންފުންޏަށް ދޫކޮށްފައިވާ ފެސިލިޓީތަކެއް ކަމަށާއި، އެ ފެސިލިޓީތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާއަކީ އެއްބަސްވެފައިވާގޮތުގެ މަތިން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމާ މެދު ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްވެސް އިރެއްގައި އިޢުތިރާޟު ނުކުރާކަން ސަލްޓަންސް އޮފްދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލައާގުޅިގެން މަދަނީ ކޯޓާއި، ހައިކޯޓާއި އަދި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމާއި ޔޫރަޕަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ނަގާފައިވާ އިސްވެ އިޝާރާތްކުރެވުނު ޑިމާންޑް ލޯންތަކަށް ދައްކަންޖެހޭ އިންސްޓޯލްމަންޓްތައް 17 ޖޫން 2008 ގެ ލޯން އެއްބަސްވުންތަކާ އެއްގޮތަށް ދެއްކުމުގައި ދިމާވާ ދަތިތައް ބަޔާންކޮށް، އެ ލޯނުތައް އަލުން ރީސްޓްރަކްޗަރ ކޮށްދިނުމަށް އެދި އެ ކުންފުނީގެ ފަރަތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް 16 ޑިސެމްބަރ 2008 ގައި ސިޓީއެއް ފޮނުވާފައިވާކަން އެނގެން އޮންނަކަމާއި، އެސިޓީގެ ޖަވާބުގައި ބޭންކުން 30 ޑިސެމްބަރ 2008 ގައި ފޮނުވި އެ ބޭންކުގެ ނަންބަރު 1941/2008/CREDIT/ BMLސިޓީގައި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތުގެ މަތިން ޑިމާންޑް ލޯންތައް ރީސްޓްރަކްޗަރ ކޮށްދެވެން ނެތްކަމަށް ބުނެފައި ވީނަމަވެސް، އޮކްޓޯބަރ 2008 މަހަށްވާ ފައިސާ ނުދައްކާ 29 ޖެނުއަރީ 2009 އާ ހަމައަށް 90 ދުވަސް ހަމަވުމުން އެމް.އެމް.އޭ ގެ ޤަވާޢިދުގައި ވާގޮތުގެ މަތިން އެކައުންޓް "ނަން ޕަރފޯމިންގ އެކައުންޓް" އެއްގެ ގޮތުގައި ބެލެވޭނެކަމަށާ، އަދި އެ ދުވަހާއި ހަމަޔަށް ފައިސާ ނުދައްކައިފިނަމަ އިތުރު 5% ޖޫރިމާނާ އިންޓަރެސްޓެއް އެޕްލައިކުރެވޭނެކަމަށް އެ ސިޓީގައި ބަޔާންކޮށްފައި އޮންނަ އޮތުމުގެ މަފްހޫމަކީ 29 ޖެނުއަރީ 2009 ގެ ކުރިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓް "ނަން ޕަރފޯމިންގ އެކައުންޓް" އަކަށް ނަހަދާނެކަމަށް ބޭންކުން ވެފައިވާ ވަޢުދެއްކަމަށާއި، އަދި އެވަޢުދުގެ މައްޗަށް ބަރޯސާވެ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ އިސްވެ އިޝާރާތްކުރެވުނު ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ބުނެވިދިޔަ މުއްދަތުގެ ތެރޭގައި ހޯދުމުގެ ފުރުޞަތު ސަލްޓަންސް އޮފްދަ ސީސް ޕްރައިވެޓް ލިމިޓެޑަށް އޮތްކަމަށް އެކުންފުންޏަށް ޤަބޫލުކުރެވުނު ކަމަށާއި، އެހެންކަމުން އެއީ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް އާއި ބޭންކާ ދެމެދު ވެފައިވާ ލޯން އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ އުޞޫލަށް އައިސްފައިވާ ބަދަލެއްކަމުގައި އެކުންފުނިން ޤަބޫލުކުރާކަމަށް ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން މިމައްސަލައާގުޅިގެން ދައްކާފައިވާ ވާހަކަތަކުގައި ފާހަގަކޮށްފައިވެއެވެ.
މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގައި "ޕްރޮމިސަރީ އެސްޓޮޕަލް" (Promissory Estoppel) ގެ މަންފާ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ލިބިދެންޖެހޭނެކަމަށް ފާހަގަކޮށް ތަފްޞީލީ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނެތީސް، ޕްރޮމިސަރީ އެސްޓޮޕަލްގެ ދިފާޢާގުޅޭ އިސްތިއުނާފީ ނުކުތާ ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 56/HC-A/2010 ޤަޟިއްޔާއިން ބަލައިގެން، މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި 33 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް ކަމަށް ބުނެ މިމައްސަލާގައި އިލްތިމާސްކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުން "ޕްރޮމިސަރީ އެސްޓޮޕަލް" ގެ މަންފާ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ލިބިދޭންޖެހޭނެކަމަށް ބުނެ އެކުންފުނިން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ މައިގަނޑު ވާޤީޢާ (Fact) ތަކަކީ މަދަނީ ކޯޓަށްވެސް ހުށަހެޅިފައިވާ ވާޤިޢާތައް ކަން މަދަނީ ކޯޓުގައި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާ، މަދަނީ ކޯޓުގައި އެ ވާޤިޢާ ތަކްޔީފުކުރުމުގައި 'އެސްޓޮޕަލް' ގެ މަބްދައަށް ޙަވާލާދީފައި ނެތުމަކީ އެ ވާޤިޢާތައް އިސްތިއުނާފީ ކޯޓަށް ހުށަހެޅުން މަނާކުރާ ސަބަބެއް ނޫންކަމާ؛ އެހެނީ 'އެސްޓޮޕަލް' ގެ މަބްދައާއި ޚިލާފު ނޫން ނުވަތަ އެއް މަފްހޫމެއްގެ ޤާނޫނީ އުޞޫލުތައް ތަފާތު ޤާނޫނީ ނިޒާމްތަކުގައި ތަޠްބީޤުކުރެވޭކަމާއި، ސާބިތުކުރުމުގެ ޤާޢިދާއެއްކަމަށްވާ 'އެސްޓޮޕަލް' ގެ މަފްހޫމަކީ ޙަޤީޤަތުގައި، އެއްވެސް ފަރާތަކުން ޞަރީޙަކޮށް ނުވަތަ ޟިމްނީކޮށް ރުހި ޤަބޫލުކޮށް ކުރާކަމަކުން ނުވަތަ ބުނާ ބުނުމަކުން ޤާއިމުވާ ޙުއްޖަތައް އިންކާރުކުރުން އެފަރާތަށް މަނާވެގެންވުން ކަމާއ، މި މާނާގައި 'އެސްޓޮޕަލް' ތަފާތު ވައްތަރުތަކަށް ބެހިގެންވާއިރު، އޭގެ ތެރެއިން ކޮންޓްރެކްޓް ޤާނޫނުގެ ދާއިރާގައި ތަޠްބީޤު ކުރެވޭ "ޕްރޮމިސަރީ އެސްޓޮޕަލް" ގެ މަފްހޫމަކީ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއްގައި ހިމެނޭ އެއް ފަރާތުން ކުރާ ވަޢުދަކަށް އަނެއް ފަރާތުން ބަރޯސާވެ އެގޮތުގެ މަތިން ޢަމަލުކުރުމަށްފަހު، ވަޢުދުވި ފަރާތުންވި ވަޢުދާއި ޚިލާފު ޢަމަލެއް ކުރުން އުޞޫލެއްގެ ގޮތުގައި މަނާވެގެންވުން ކަމުގައި ވާއިރު، އެ މަފްހޫމުގެ ދަށުން "ޕްރޮމިސަރީ އެސްޓޮޕަލް" ޙުއްޖަތެއްގެ ގޮތުގައި ބޭނުންކުރާ ފަރާތާއި ވަޢުދުވި ފަރާތާއި ދެމެދުގައި ކުރިން ޤާއިމުވެ ދެމިއޮތް ޤާނޫނީ ނުވަތަ "ތަޢާޤުދީ" ((contractual ގުޅުމެއް އޮތުމުގެ އިތުރުން "ޕްރޮމިސަރީ އެސްޓޮޕަލް" ބޭނުންކުރެވޭނީ ހަމައެކަނި ވަޢުދުވި ފަރާތުން ވަޢުދުވެވެނު ފަރާތާ އިދިކޮޅަށް ކޮށްފައިވާ ޢަމަލެއްގެ ދިފާޢުގައި ކަމާ، އަދި މީގެ އިތުރުން ވަޢުދުވި ފަރާތުން ވެފައިވާ ވަޢުދަކީ، އެއްބަސްވުމުގެ ޝަރްޠަކަށް ބަދަލެއް އަންނަ ފަދަ ނުވަތަ އެއަށް ޢަމަލުކުރަން ނުޖެހޭ ފަދަ ވަޢުދަކަށް ވުމާއި، ވަޢުދުވެވުނުފަރާތުން އެ ވަޢުދަށް ބަރޯސާވެ އެގޮތުގެ މަތިން ޢަމަލުކޮށްފައި ވުމާއި، ވަޢުދުވި ފަރާތުން އެފަރާތުގެ ވަޢުދާ ޚިލާފަށް ޢަމަލުކުރުމަކީ ޢަދްލު އިންޞާފުގެ ހަމަތަކާއި ޚިލާފު ކަމަކަށްވުމާއި، މިކަންކަމަކީ ވެސް "ޕްރޮމިސަރީ އެސްޓޮޕަލް" ގައި ހުރުން ލާޒިމްވެގެންވާ ކަންތައްކަން "ޕްރޮމިސަރީ އެސްޓޮޕަލް" ގެ މަބްދައު ތަޠްބީޤުކޮށްފައިވާ ޤަޟާއީ ނިންމުންތަކުން އެނގެން އޮވެއެވެ.
ބަޔާންވެދިޔަ "ޕްރޮމިސަރީ އެސްޓޮޕަލް" ގެ މަބްދައުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، 17 ޖޫން 2008 ގައި ބޭންކް އޮފް މޯލްޑިސް ޕލކ އިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޑެޓަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ބޭންކާ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ލޯނު އެއްބަސްވުންތަކެއް ވެފައިވާކަން އެނގެން އޮންއިރު، ބުނެވިދިޔަ ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން 30 ޑިސެމްބަރ 2008 ގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ސަލްޓަންސ އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ، އެބޭންކުގެ ނަންބަރު 1941/2008/CREDIT/ BML ސިޓީ ގައި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 2008 ވަނަ އަހަރުގެ އޮކްޓޯބަރ މަހަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 29 ޖެނުއަރީ 2009 އާ ހަމައަށް 90 ދުވަސް ހަމަވުމުން އެމް.އެމް.އޭ ގެ ޤަވާޢިދުގައި ވާގޮތުގެ މަތިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ލޯނު އެކައުންޓް "ނަން ޕަރފޯމިންގ އެކައުންޓް" އެއްގެ ގޮތުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމުން އިސްތިޚްލާޞް ކުރެވެނީ، އެއީ 29 ޖެނުއަރީ 2009 ގެ ކުރިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ލޯން އެކައުންޓް ނަން ޕަރފޯމިންގ އެސެޓެއްގެ ގޮތުގައި ކަނޑަނާޅާނެކަމަށް ބޭންކުން ވެފައިވާ ޟިމްނީ ވަޢުދެއްކަމާއި، އަދި އެ ވަޢުދުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ޑިމާންޑް ލޯނުގެ ސެންކްޝަން ސިޓީތަކުގެ 11 ވަނަ މާއްދާގެ 3 އާއި 4 ގައި ވާ ބައެއް އަޙްކާމްތައް 29 ޖެނުއަރީ 2009 ގެ ކުރިން އެންފޯސް ކުރުމަކާ ނުލައި އެ ވަޢުދު ތަންފީޒުކުރުން ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ލާޒިމްވެގެންވާއިރު، ބުނެވުނު މުހުލަތު ހަމަވުމުގެ ކުރިން 31 ޑިސެމްބަރ 2008 ގައި ބޭންކް އޮފް މޯލްޑިވްސް އިން ސަލްޓަންސް އޮފް ދަ ސީސް އަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތައް ހުރީ "ނަން ޕަރފޯމިންގ އެސެޓްސް" ގެ ގޮތުގައިކަން 18 ޖެނުއަރީ 2009 ދުވަހުގައި އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ "ބޭންކް އޮފް މޯލްޑިވެސް ޕލކ 2007 ވަނަ އަހަރުގެ އަހަރީ އޯޑިޓް ރިޕޯޓް" ގައި ބަޔާންކޮށްފައި އޮތުމުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އިސްވެ އިޝާރާތްކުރެވުނު ވަޢުދާއި ޚިލާފަށް ޢަމަލުކޮށްފައިވާކަން އެނގެން އޮންނަކަމާ، އަދި ސަލްޓަންސް އޮފް ދަ ސީސް އިން ކުރަމުންގެންދާ ވިޔަފާރިއާމެދު އިތުބާރު ގެއްލޭފަދަ ގޮތަކަށް އެކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތައް 31 ޑިސެމްބަރ 2008 ގައި "ނަން ޕަރފޯމިންގ އެސެޓްސް" އަށް ވެފައިވާކަމަށް ބޭންކުން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އޮޑިޓަރ ޖެނެރަލް ރިޕޯޓު ޝާއިޢުކުރުމާ ގުޅިގެން ބޭރު ކުންފުނިތަކުގެ މެދުގައި އެ މަޢުލޫމާތު ޢަންމުވެ، އެ ކުންފުނިތަކުން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްއާ ހަދާފައިވާ ބުކިންގް ތައް ކެންސަލްކުރެވިފައިވާކަން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ލިއުންތަކުން އެނގެން އޮންނައިރު، އަދި އޭގެ ސަބަބުން އެކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއްވުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވާއިރު، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ވެފައިވާ އިސްވެ އިޝާރާތްކުރެވުނު ވަޢުދާއި ޚިލާފަށް 29 ޖެނުއަރީ 2009 ގެ ކުރިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ލޯނު އެކައުންޓް "އެން.ޕީ.އޭ" ކޮށްފައިވުމަކީ 'ތަޢައްސުފީ' (arbitrary) ޢަމަލަކަށް ވުމުގެ އިތުރުން އިންޞާފުގެ ހަމަތަކާވެސް ދުރު ޢަމަލެއްކަން ފާހަގަކުރެވިފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ކްރެޑިޓް ފެސިލިޓީތައް އެން.ޕީ.އޭ ވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ފަރާތުން ބުނެފައިވާ ތާރީޚުގެ ކުރިން އެ ފެސިލިޓީތައް އެން.ޕީ.އޭ ކޮށްފައި އޮތް އޮތުން "ޕްރޮމިސަރީ އެސްޓޮޕަލް" ގެ ދަށުން ބާޠިލުކުރަން ޖެހޭނެ ކަމަށާއި، އެގޮތުގެ މަތިން ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ އެ ޢަމަލު ޝަރީޢަތުން ބާޠިލުކުރުމުން އިސްވެ ޙަވާލާދެވުނު ކްރެޑިޓް ފެސިލިޓީތަކަކީ، އެ ފެސިލިޓީތައް އެން.ޕީ.އޭ ވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ފަރާތުން ބުނެފައިވާ ތާރީޚުގެ ކުރިން އެން.ޕީ.އޭ ވެފައިވާ ފެސިލިޓީތަކެއް ކަމަށް ޝަރީޢަތަށް ނުބެލެވޭނެކަމަށް ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 56/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިއޮންނަ އޮތުން ބިނާވެގެންވަނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށްކަން އެނގެން އޮވެއެވެ.
މި މައްސަލާގައި ހިމެނޭ އިސްވެ ބަޔާންވެދިޔަ ކްރެޑިޓް ފެސިލިޓީތަކަކީ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ނަގާފައިވާ ކްރެޑިޓް ފެސިލިޓީތަކަކެއްކަމާ މެދު، އަދި އެ ފެސިލޓީތައް ނެގުމުގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ފައިސާ ދައްކަންޖެހޭނެ ކަމާމެދު ދެފަރާތުގެ ދެމެދުގައި އެއްވެސް ޚުޞޫމަތެއް ނެތްކަމުގައި ވީނަމަވެސް، ވާޤިޢީގޮތުން ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ފައިސާ ދައްކާފައި ނުވާކަން މި މައްސަލައިގެ ވަޤާއިޢުތަކަށް ބެލުމުން އެނގެން އޮންނައިރު، ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން އެ ފެސިލިޓީތަކަށްވާ ފައިސާ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ދައްކަން ޖެހޭނެކަމަށާއި، ނަމަވެސް މިގޮތުގެ މަތިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ފަރާތުން އެ ކުންފުންޏަށް ދޫކޮށްފައިވާ، ބުނެވިދިޔަ ކްރެޑިޓް ފެސިލިޓީތައް، އެ ފެސިލިޓީތައް އެން.ޕީ.އޭ ވާނެކަމަށް ބޭންކް އޮފް މޯލްޑީވްސްގެ ފަރާތުން ބުނެފައިވާ ތާރީޚުކަމަށްވާ 29 ޖެނުއަރީ 2009 ގެ ކުރިން އެން.ޕީ.އޭ ވެފައިވާ ފެސިލޓީތަކަކަށް ބަލައި، އޭގެ ސަބަބުން ކުރެވޭ ޖޫރިމަނާ ހިމެނިގެން ނުވާނެކަމަށް ހައިކޯޓުގެ އިސްވެދިޔަ ނަންބަރު 56/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތައްކަން އެނގެން އޮވެއެވެ.
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 56/HC-A/2010 ޤަޟިއްޔާގެ ޙުކުމުގައި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަން ޖެހި ނުދައްކާހުރި ފައިސާ ހައިކޯޓުގެ އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ދައްކާ ޚަލާޞްނުކޮށްފިނަމަ، އެމައްސަލާގައި ހިމެނޭ ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ކޮށްފައިވާ ރަހުނު ތަންފީޒުކުރުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ދަށުކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ލިބިގެންވާކަމަށް ކަނޑައަޅާފައި އޮންނައޮތުން ޝަރްޢީ ނުވަތަ ޤާނުނީ އުޞޫލަކާ ޚިލާފުކަމަށް ބުނެ، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 56/HC-A/2010 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީއަތް ނުވަތަ ޤާނޫނާއި ޚިލާފުވާ ގޮތަށް ކަމަށް ފެންނަ ސަބަބުތަކުގެ ތެރޭގައި މި މައްސަލަ އިލްތިމާސްކުރި ފަރާތުން ހުށަހަޅާފައި ނުވާކަން ފާހަގަކުރެވިފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެދިޔަ ނަންބަރު 56/HC-A/2010 ޤަޟިއްޔާއިން މަދަނީ ކޯޓުގެ ނަންބަރު 582/MC/2009 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އެޤަޟިއްޔާގައި ބަޔާންވެގެންވާ، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ނަގާފައިވާ ކްރެޑިޓް ފެސިލިޓީތަކަށް، އެ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތުގެމަތިން، ޤަވާޢިދުން ފައިސާ ދައްކަމުންގޮސް އެ ފައިސާ ދައްކާ ޚަލާސްކުރުމަށާ، އަދި އެ ފެސިލިޓީތަކަށް 18 އެޕްރީލް 2013 އާ ހަމައަށް (ހައިކޯޓުގެ ނަންބަރު 56/HC-A/2010 ޤަޟިއްޔާގައި ޙުކުމްކުރި ދުވަސް) ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހި ނުދައްކާހުރި ފައިސާގެ މިންވަރު ކަނޑައެޅުމަށްފަހު، 18 އެޕްރީލް 2013 އިން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ ފައިސާ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ދައްކާ ޚަލާސްކުރުމަށާއި، އަދި މިގޮތުގެމަތިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމުގައި އެ ކުންފުނިން ނަގާފައިވާ، ބަޔާންވެދިޔަ ކްރެޑިޓް ފެސިލިޓީތަކަކީ، އެ ފެސިލިޓީތައް "ނޮން-ޕަރފޯމިންގ އެސެޓްސް" ގެ ގޮތުގައި ކަނޑައަޅާނެކަމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ބުނެފައިވާ ތާރީޚުކަމަށްވާ، 29 ޖެނުއަރީ 2009 ގެ ކުރިން "ނޮން-ޕަރފޯމިންގ އެސެޓްސް" ގެ ގޮތުގައި ވެފައިވާ ފެސިލިޓީތަކެއްކަމަށް ނުބެލުމަށާއި، އަދި މިހާތަނަށް ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހި ނުދައްކާހުރި ފައިސާ އިސްވެ ބަޔާންކުރެވުނު މުއްދަތުގެ ތެރޭގައި ދައްކާ ޚަލާސް ނުކޮށްފިނަމަ، މި މައްސަލާގައި ހިމެނޭ ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ކޮށްފައިވާ ރަހުނު ތަންފީޛުކުރުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ދަށުކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމަށް ވެސް ކަނޑައަޅާ ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް އޮތްކަމަކަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ޝަރްޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 56/HC-A/2010 ޤަޟިއްޔާގެ ޙުކުމަށް މިމިއްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.