ޢާއިޝަތު އާނިޔާ (ވާރިސުން) ވ. ކޮންޓެކް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ނިންމީ، ގޯތީގެ ވެރިފަރާތުގެ ނުގަބޫލުގައި އީޖާބާއި ގަބޫލު ޝަރީޢަތުގައި ފުރިހަމަވެފައި ނުވާތީ ވިއްކުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ހައިކޯޓުން، 2015/HC-A/367 ގެ އަލީގައި ވިއްކުމަކީ ކޯޓު މެދުވެރިކޮށް ހިންގި ޞައްޙަ މުޢާމަލާތެއްކަމަށް ކަނޑައަޅައި، ގޯތީގެ ރަޖިސްޓްރީ ކޮންޓެކަށް ހަދައިދޭން އަމުރުކުރިއެވެ.
- ވާޤިޢާ
- ޢާއިޝަތު އާނިޔާގެ ނަމުގައިވާ ހުޅުމާލޭގެ 10443 ވަނަ ގޯތި 7,30,748.27 ރުފިޔާއަށް ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ވިއްކުމަށް އެއްބަސްވި ކަމަށް ބުނެ، 2011 އިން ފެށިގެން އެކި ކޯޓުތަކަށް މައްސަލަ ހުށަހެޅުނެވެ؛ އޭގެ ތެރެއިން ދެ މައްސަލަ ބާޠިލުކުރެވުނެވެ. ދެން، ގޯތި ގަތުމަށް ކޮންޓެކުން 2018 ގައި ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅިއިރު، ޢާއިޝަތު އާނިޔާ ބުނީ ގޯތި ވިއްކަން ބޭނުން ނޫން ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- (1) ހައިކޯޓުން ނިޔާ ކަނޑައަޅާފައިވަނީ އިސްތިއުނާފީ މަރުޙަލާގައި މައްސަލަ ބެލުމުގެ ޤާނޫނީ އުޞޫލުތަކާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތަށްތޯ؛ (2) ބިން ވިއްކާ މީހާއާއި އޭނާ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައި އޮތްކަމަށް ހައިކޯޓުން ނިންމީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ؛ (3) ބިން ވިއްކުމުގެ މުޢާމަލާތް ހިނގާފައިވަނީ ޝަރީޢަތް މެދުވެރިކޮށް ކަމަށް ހައިކޯޓުން ނިންމީ ރަނގަޅަށްތޯ؛ (4) ބިން ވިއްކުމުގެ މުޤާބިލުގައި އެއްޗެއް ލިބިފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޢާއިޝަތު އާނިޔާގެ ފަރާތުން ބުނީ، ހައިކޯޓުން ނިންމީ އިސްތިއުނާފީ ނުކުތާގެ ބޭރުން، ދިރިއުޅޭނެ ތަނެއް ހުރިކަން ކަށަވަރުނުކޮށް، ބާޠިލުވެފައިވާ މައްސަލަތަކަށް ބަރޯސާވެ، އަދި މުޤާބިލެއް ލިބިފައިވާކަން ކަށަވަރުނުކޮށް ކަމަށެވެ. ކޮންޓެކުން ބުނީ ހައިކޯޓުގެ ޙުކުމް ޤާނޫނާ އެއްގޮތް ކަމަށާއި، މައްސަލަ ކޯޓުގައި އޮއްވާ ގޯތީގެ އައު ރަޖިސްޓްރީއެއް ހެއްދުމަކީ އިޖުރާއަތު ނަހަމަގޮތުގައި ބޭނުންކުރުން ކަމުން މައްސަލަ ބާޠިލުކުރަން ޖެހޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ނިންމީ އިސްތިއުނާފީ ނުކުތާގެ ބޭރުން، ކުރިން ތަޙުވީލުކުރި ކަންކަމާއި ދަށު ކޯޓުން ކަށަވަރުނުކުރާ ކަންކަމުގެ މައްޗަށެވެ. ދިރިއުޅޭނެ ތަނެއް ހުރިކަމަށް ވިއްކާ މީހާ ބުނުމުން ނުފުދޭއިރު، އެކަން ކަށަވަރުކޮށްފައެއް ނުވެއެވެ. ވިއްކުން ޞައްޙަކަމަށް ކަނޑައަޅާފައިވާ ޝަރުޢީ ޙުކުމެއް ނެތުމާއެކު، ބާޠިލުވެފައިވާ މައްސަލަތަކުން އިލްތިޒާމެއް ނުއުފެދެއެވެ. ބިން ވިއްކި އަގާއި ވިއްކި ފަރާތަށް ލިބުނު ފައިސާވެސް ކަށަވަރުވެފައި ނުވެއެވެ. ބޮޑެތި ދަރިންނާއި މައިންބަފައިން އޭނާ ބަލަންޖެހޭ މީހުން ނޫންކަމަށް ހައިކޯޓުން ނިންމީ ރަނގަޅަށެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމް ބާޠިލުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/580
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ހައިކޯޓުން އިސްތިއުނާފީ މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ (ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ))؛ އިސްތިއުނާފީ މަރުޙަލާގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނީ ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ އިސްތިއުނާފީ ނުކުތާތަކާމެދުގައެވެ (ޢަބްދުލްމުޖީބު މުޙައްމަދު ވ. ޖޯން ޗާރލްސް ސީފަރޓް). (ޕެރ. 17-18)
އިސްތިއުނާފީ ނުކުތާގެ ބޭރުން، ދަށު ކޯޓުން ބަލައި ކަށަވަރުކޮށްފައިނުވާ މައުޟޫޢީ ކަންކަމުގެ މައްޗަށް ހައިކޯޓުން ނިޔާ ކަނޑައަޅައިގެން ނުވާނެއެވެ. (ޕެރ. 21-22)
ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ މައްސަލައެއްނަމަ ހައިކޯޓުން ކުރަންޖެހޭނީ އެ މައްސަލަ ދަށު ކޯޓަށް ތަޙުވީލުކުރުމެވެ (ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ))؛ ތަޙުވީލުކުރި މައްސަލައިގައި ހައިކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލާ އެއްގޮތަށް ދަށު ކޯޓުން ޢަމަލުނުކޮށްފިނަމަ ދެވަނަ ފަހަރަށް ހައިކޯޓަށް އިސްތިއުނާފުކުރެވޭނެއެވެ (46 (ނ))، އަދި އެފަދަ މައްސަލައެއްގައި ތަޙުވީލުކުރުމަކާ ނުލައި މުޅި މައްސަލަ ބަލައި، ކުރިން ކަނޑައެޅި ޤާނޫނީ އުޞޫލުގެ ތެރެއިން ޙުކުމްކުރުން ހައިކޯޓަށް ލާޒިމުވެއެވެ (46 (ރ)). (ޕެރ. 23)
ތަޙުވީލުކުރުމުން ދަށު ކޯޓުގައި ބެލި މައްސަލަ ބާޠިލުވެ، އަލުން ބަލަން ކަނޑައެޅި ކަންކަމާމެދު ދަށު ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާނަމަ، ދެން ހުށަހަޅާ މައްސަލައަކީ އައު މައްސަލައެކެވެ؛ އެ މައްސަލައިގެ އިސްތިއުނާފުގައި ކުރިން ތަޙުވީލުކުރި ކަންކަމާމެދު ހައިކޯޓުން ގޮތެއް ކަނޑައެޅުމަކީ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާއިން ހައިކޯޓަށް ލިބިދޭ ބާރެއް ނޫނެވެ. (ޕެރ. 24-25)
ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދުގެ 9 ވަނަ މާއްދާގެ ބޭނުމަށް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުމަކީ، ދިރިއުޅެވޭ ފަދަ ތަނެއް އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހުރަހަކާ ނުލައި ވާޤިޢީ ގޮތުން ވުޖޫދުގައިވުމެވެ؛ އެއީ އެފަދަ ތަނެއް ހަމަޖެހުމުގެ އިޙްތިމާލު އޮތުމެއް ނޫނެވެ (ނަސީމާ ޢަލީ ވ. މޫސާ ޙަލީމް). (ޕެރ. 26، 28)
ގޯތި ވިއްކަން އެދޭ މީހާ، އޭނާއަށް މައިންބަފައިންގެ ގޭގައި ނުވަތަ އެހެން ތަނެއްގައި ދިރިއުޅެވޭނެކަމަށް ބުނާ ބުނުމަކުން ނުވަތަ ތަނެއް ހަމަޖައްސައިދޭނެކަމަށް ވާ ވަޢުދަކުން ނުފުދޭނެއެވެ؛ އެކަން ޙަޤީޤަތުގައި އޮތީ އެގޮތަށްތޯއާއި، އެކަމަށް އެއްވެސް ހުރަހެއް ނެތްކަން ކަށަވަރުކުރުމަކީ ޝަރީޢަތުން ކުރަންޖެހޭ ކަމެކެވެ. (ޕެރ. 28-29)
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޢިބާރާތުން ދޭހަވާ މާނައަށްވުރެ ފުޅާ މާނައެއް ނަގަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތި ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ ފުޅާކޮށް މާނަނުކުރެވޭނެއެވެ؛ ޚަރަދު ދިނުމާއި ބަލަދުވެރިކަމާއި މައިންބަފައިން ބެލުމުގެ ޒިންމާ ޝަރުޢީ އަދި ޤާނޫނީ ގޮތުން މަތިކުރެވިފައިވަނީ ފިރިހެނުންގެ މައްޗަށް ކަމުން، ގޯތި ވިއްކާ އަންހެނެއްގެ 18 އަހަރު ފުރިހަމަވެފައިވާ ދަރިންނާއި މައިންބަފައިންނަކީ އެ މާއްދާގެ ބޭނުމަށް އޭނާ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުން ނޫނެވެ. (ޕެރ. 30-34)
ބިމާބެހޭ ޤާނޫނުގެ 2 ވަނަ އަދި 18 ވަނަ މާއްދާއާއި ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން، އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯއްޗެއް، އަމިއްލަކުރުމަށްފަހު ވިޔަސް، ވިއްކަންވާނީ ޝަރީޢަތް މެދުވެރިކޮށެވެ؛ ދެފަރާތުގެ މެދުގައި ވިއްކުމުގެ އެއްބަސްވުމެއް ވެފައިވިޔަސް ވިއްކުމުގެ މުޢާމަލާތް ކުރަންޖެހޭނީ ޝަރީޢަތް މެދުވެރިކޮށެވެ. (ޕެރ. 35، 38)
މުޢާމަލާތެއް ޝަރީޢަތް މެދުވެރިކޮށް ހިންގާފައިވާކަމަށް ބެލެވޭނީ، އެއީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޞައްޙަ މުޢާމަލާތެއްކަމަށް ކަނޑައަޅައި، އެކަމުގެ މައްޗަށް ޝަރުޢީ ޙުކުމެއް ނުވަތަ ނިންމުމެއް އޮވެގެންނެވެ. (ޕެރ. 39)
ބާޠިލުކޮށްފައިވާ މައްސަލަތަކާ ގުޅިގެން ހުށަހެޅުނު އެންމެހައި ކަންކަންވެސް ބާޠިލުވެއެވެ؛ އެފަދަ މައްސަލަތަކުގައި ހުށަހެޅުނު ކަންކަމުގެ މައްޗަށް ބިނާކޮށް އިލްތިޒާމުތަކެއް އުފެދޭނެކަމަށް ނުބެލެވޭނެއެވެ. (ޕެރ. 37، 39)
ކޮންޓްރެކްޓެއް ޞައްޙަވުމަށް މުޤާބިލަކީ ފުދޭ (adequate) އެއްޗަކަށް ނުވިޔަސް، އެކަށޭނެ (sufficient) ނުވަތަ ލިބިގަންނަ ފަރާތަށް އަގުކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަމުގައި ވާންޖެހޭނެއެވެ (ބިޒްނާސް މޯލްޑިވްސް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް)؛ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މުޤާބިލަކީ ކޮބައިކަމާއި އޭގެ މިންވަރު ކަނޑައަޅާނީ ކޮންޓްރެކްޓްގެ ބައިވެރިންނެވެ؛ މުޤާބިލު ފުދޭތޯ ކޯޓުން ވަޒަނެއް ނުކުރާނެއެވެ (ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ). (ޕެރ. 41-43)
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން (421 ވަނަ މާއްދާގައިވާ ފަދައިން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން) އިސްތިއުނާފު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަންވާނީ، ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައަޅާފައިވާ ފޯމުންނެވެ؛ އެ ފޯމުން ނޫން ގޮތަކަށް (މިސާލަކަށް ޖަވާބު ފޯމުގައި) ހުށަހަޅާ ހުށަހެޅުމަކީ ގޮތެއް ކަނޑައަޅަންޖެހޭ ހުށަހެޅުމެއް ނޫނެވެ. (ޕެރ. 51-53)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާއި (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)، (ނ) އާއި (ރ)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ، 16 ވަނަ އަދި 18 ވަނަ މާއްދާ
- ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދުގެ 9 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) (ހައިކޯޓުން ބަރޯސާވި)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ އަދި 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 287 ވަނަ މާއްދާގެ (ހ) އާއި 421 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 29 ވަނަ މާއްދާ އާއި 34 ވަނަ މާއްދާގެ (ހ)
- [2021] SC 13 (ޢަބްދުލްމުޖީބު މުޙައްމަދު ވ. ޖޯން ޗާރލްސް ސީފަރޓް)
- 2014/SC-A/40 (ނަސީމާ ޢަލީ ވ. މޫސާ ޙަލީމް)
- [2021] SC 85 (ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް)
- [2022] SC 72 (ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ)
- [2021] SC 51 (އިބްރާހީމް ޚަލީލް ވ. މިނިސްޓްރީ އޮފް ހައުސިންގ އެނޑް އިންފްރާސްޓްރަކްޗަރ)
- އިބްރާހީމް ފާޠިހް ވ. ޕްރޮސިކިއުޓަރ ޖެނެރަލް (ސުޕްރީމް ކޯޓު)
- 2015/HC-A/367 (ހައިކޯޓު)
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު (ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދުކުރައްވާފައި)
ތައާރަފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/580 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢާއިޝަތު އާނިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑްއެވެ.
2މި މައްސަލަ އިސްތިއުނާފުކޮށްފައިވާ ޢާއިޝަތު އާނިޔާ، 20 އޯގަސްޓް 2023 ގައި ނިޔާވެފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 29ވަނަ މާއްދާގެ ދަށުން މައްސަލައިގެ އަޑުއެހުން މެދުކަނޑާލެވުނުކަން ޚަޞްމުންނަށް އެންގުނެވެ. އަދި ވާރިސުން ސާބިތުކުރުމަށްފަހު އެންގުމަށް ޢާއިޝަތު އާނިޔާގެ ވަކީލަށް އެންގުނެވެ.
3ޢާއިޝަތު އާނިޔާގެ ވާރިސުން ސާބިތުކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 3102-CVC-2023 ޤަޟިއްޔާއިންނެވެ. އެ މައްސަލައިގައި ނިންމާފައިވަނީ ޢާއިޝަތު އާނިޔާ ނިޔާވިއިރު ވާރިސުންގެ ގޮތުގައި ތިބީ ބައްޕަ ސަޢުދު ޔޫސުފާއި، މަންމަ ޞާބިރާ ޒަކަރިއްޔާއާއި، 01 (އެކެއް) ފިރިހެން ދަރި އަޙްމަދު މާޔިޒް ނަޝީދާއި، 02 (ދޭއް) އަންހެން ދަރިން ކަމުގައިވާ މަރްޔަމް ދާނިޝް ނަޝީދާއި ފާޠިމަތު ނިޢަމް ނަޝީދާއެކު ޖުމްލަ 05 (ފަހެއް) މީހުން ކަމަށް ކަނޑައަޅައެވެ. އަދި ޢާއިޝަތު އާނިޔާގެ ވާރިސުން ސާބިތުކުރުމުގެ މައްސަލަ ނިމުމުން، ވާރިސުންގެ މަޢުލޫމާތު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މަރުޙޫމާ ޢާއިޝަތު އާނިޔާގެ ވާރިސުން ތަމްސީލުކުރުމަށް ޢައްޔަންކޮށްފައިވާ ފަރާތްތަކާއެކުއެވެ.
މައްސަލައިގެ ފަސްފަހަތް
4މަރުޙޫމާ ޢާއިޝަތު އާނިޔާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ހުޅުމާލެ ނަންބަރު 10443 (ރަޖިސްޓްރީ ނަންބަރު GA 419 H) އަމިއްލަ ގޯތި ވިއްކުމަށާއި، މިލްކުވެރިކަމާގުޅޭ މައުޟޫޢުގައި އެކި ފަހަރުމަތިން ކޯޓުތަކަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެހެންކަމުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފުސީލު ތިރީގައި ބަޔާންކުރަމެވެ.
(ހ) ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 44/21-HMC/2011 ޤަޟިއްޔާ
5މަރުޙޫމާ ޢާއިޝަތު އާނިޔާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ، ހުޅުމާލެ ނަންބަރު 10443 (ރަޖިސްޓްރީ ނަންބަރު GA 419 H) އަމިއްލަ ގޯތި 7,30,748.27ރ. (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ ސާޅީސް އަށްރުފިޔާ ހަތާވީސްލާރި) އަށް ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ވިއްކުމަށް އެއްބަސްވެ، އެ އަގު ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާކަމަށް ބުނެ، އެ ގޯތީގެ މިލްކުވެރިކަން ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްދީ، އެ ބިން ގަނެވިއްކުމުގެ މުޢާމަލާތަކީ ޞައްޙަ މުޢާމަލާތެއްކަމަށް ކަނޑައަޅައި ދިނުން އެދި ޢާއިޝަތު އާނިޔާގެ ފަރާތުން 04 އޮގަސްޓް 2011 ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 44/21-HMC/2011 ޤަޟިއްޔާއިންނެވެ. އެ މައްސަލަ ނިންމާފައިވަނީ ކޯޓަށް ހާޒިރުވުމަށް ޢާއިޝަތު އާނިޔާއަށް ފޮނުވުނު އަމުރުތަކާ ހަވާލުވެ ކޯޓަށް ހާޒިރުވެފައިނުވާތީ، އެ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށެވެ. އެ މައްސަލަ ބާޠިލުކުރީ 09 އޮކްޓޫބަރު 2012 ގައެވެ.
(ށ) ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 379/HMC/2013 ޤަޟިއްޔާ
6ޢާއިޝަތު އާނިޔާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ ލޮޓް ނަންބަރު 10443 އަމިއްލަ ގޯތި ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް 7,30,748.27ރ. (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ ސާޅީސް އަށްރުފިޔާ ހަތާވީސްލާރި) އަށް ވިއްކާފައިވާތީ، އެ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކުގެ މިލްކުވެރިޔަކީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑް ކަމަށް ކަނޑައަޅައި ދިނުމަށް އެދި 11 އޮގަސްޓް 2013 ގައި ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.
7އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޢާއިޝަތު އާނިޔާގެ ބަލަދުވެރިކަމުގެ ދަށުގައިވާ ކުދިން ތިބިކަމަށާއި، ޢާއިޝަތު އާނިޔާއާއި ޢާއިޝަތު އާނިޔާގެ ދަރިން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިނެތްކަން ޝަރީޢަތަށް އެނގެން އޮންނާތީއާއި ޢާއިޝަތު އާނިޔާ މި ވިއްކުން ތަންފީޒުކުރަން އިއުތިރާޒުކުރާތީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގެ (ހ) އާއި، ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާ ބެހޭ ޤަވާޢިދުގެ 9ވަނަ މާއްދާގެ (ށ) ގައި، ގޯއްޗެއްގެ ބިން ވިއްކަންވާނީ ގޯތި ވިއްކަން އެދޭމީހާ އާއި އެ މީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި އޮތްނަމަ ކަމަށް ބަޔާންކޮށްފައި އޮތް ހިނދު، ޢާއިޝަތު އާނިޔާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ހުޅުމާލޭގެ ލޮޓް ނަންބަރު 10443 އަމިއްލަ ގޯތި ފިޔަވައި އިތުރު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ފްލެޓެއް ޢާއިޝަތު އާނިޔާގެ ނަމުގައި ރަޖިސްޓްރީކުރެވިފައި ނެތްކަން މި މައްސަލައާ ގުޅިގެން ސާފުކުރި މަޢުލޫމާތުން އެނގެން އޮންނާތީ، ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތަށް މި ގޯތި ވިއްކުމުގެ މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައެވެ.
8ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 379/HMC/2013 ޤަޟިއްޔާ ކޮންޓެކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާއިންނެވެ.
(ނ) ހައިކޯޓުގެ 2015/HC-A/367 ޤަޟިއްޔާ
9ހައިކޯޓުން އެ މައްސަލައިގައި ނިންމާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 379/HMC/2013 ޤަޟިއްޔާގައި ކޮންޓެކް ޕްރައިވެޓް ލިމިޓެޑާއި ޢާއިޝަތު އާނިޔާއާ ދެމެދު ހުޅުމާލޭގެ ލޮޓް ނަންބަރު 10443 ވިއްކުމަށް ކުރެވުނު ވިޔަފާރީގެ ޢަޤުދަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ތެރެއިން ”ގޯތި ވިއްކަން އެދޭ މީހާއާއި، އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން“ މި ޝަރުތު ފުރިހަމަ ނުވާ ގޮތަށް ހިންގާފައިވާ މުޢާމަލާތެއްކަމަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ކަނޑައަޅާފައިވަނީ ޢާއިޝަތު އާނިޔާގެ ނަމުގައި ބުނެވުނު ހުޅުމާލެ ގޯތި ފިޔަވައި އިތުރު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ފްލެޓެއް ނެތަތީ އެ ސަބަބުގެ މައްޗަށް އެކަނި ރިޢާޔަތްކޮށްގެން ކަމަށްވާތީ، އެ ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކުރަންޖެހޭކަމަށާއި އަދި މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކުގެ އަލީގައި ކޮންޓެކް ޕްރައިވެޓް ލިމިޓެޑާއި ޢާއިޝަތު އާނިޔާއާ ދެމެދު މި ގޯތި ވިއްކުމަށް ވެފައިވާ މުޢާމަލާތުގެ ޞައްޙަކަން ބަލައި މި މައްސަލައާ މެދު އެ ކޯޓުން އަލުން ގޮތެއް ކަނޑައަޅަންޖެހޭނެކަމަށް ބަޔާންކޮށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް އެ މައްސަލަ ތަހުވީލުކޮށެވެ.
(ރ) ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުގެ ނަންބަރު 165/Cv-C-HD-2017 ޤަޟިއްޔާ
10ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 379/HMC/2013 ޤަޟިއްޔާ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަހުވީލުކުރުމުން އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ ނަންބަރު 165/Cv-C-HD-2017 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި، މައްސަލަ ހިންގުމަށްޓަކައި ޢާއިޝަތު އާނިޔާއަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން ދީފައިވާ އެޑްރެހުން އަމުރު ރައްދުވެފައިނުވާތީ، އަދި އެޑްރެސް ބަދަލުވިކަންވެސް ކޯޓަށް އަންގާފައިނުވާތީ، ”ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު“ ގެ 18ވަނަ މާއްދާއަށް ރިޢާޔަތްކޮށް 29ވަނަ މާއްދާގެ (ހ) ގެ 01ވަނަ ނަންބަރުގެ ދަށުން 29 މާރިޗް 2018 ގައި އެ މައްސަލައިގެ ދަޢުވާ ފޯމު ބާތިލުކުރިއެވެ.
(ބ) ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ ނަންބަރު 83/Cv-C-HD/2018 ޤަޟިއްޔާ
11މި މައުޟޫޢުގައި ދެން ހުށަހެޅުނު މައްސަލައަކީ ޢާއިޝަތު އާނިޔާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ ގޯތި ނަންބަރު 10443 ގަތުމަށް، 31 މެއި 2018 ގައި ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލައެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ ނަންބަރު 83/Cv-C-HD/2018 ޤަޟިއްޔާއިންނެވެ. އެއީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިފައިވާ މި މައްސަލައެވެ. އެ ޤަޟިއްޔާގައި ނިންމާފައިވަނީ، ގޯތި ގަތުމަށް ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ބޭނުންވިނަމަވެސް، ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް އެ ގޯތި ވިއްކަން ބޭނުން ނޫންކަމަށް ޢާއިޝަތު އާނިޔާގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، އެ ފަރާތުގެ ނުރުހުމުގައި ވިއްކާފަރާތާއި ގަންނަ ފަރާތުގެ އީޖާބާއި ގަބޫލު އެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފުރިހަމަވެފައި ނެތީސް އެ ގޯތި ވިއްކުމުގެ ވިޔަފާރީގެ ޢަޤުދު ގޯތީގެ މިލްކުވެރިފަރާތުގެ ނުގަބޫލުގައި ޝަރީޢަތް މެދުވެރިކޮށް ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައެވެ. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުން އެ ގޮތަށް ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
11.1 އީޖާބާއި ގަބޫލު ހިނގާފައިވޭތޯ ޝަރީޢަތުން ކަށަވަރުކުރުމުގެ އިތުރަށް، ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފަދަ ކަންކަމަކީ، ޝަކުލީގޮތުން ފުރިހަމަކުރުމަށް ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ”ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާ ބެހޭ ގަވާއިދު“ ގައި ބަޔާންކޮށްފައިވާ ފަދަ ކަންތައްތައް ކަން އެނގެން އޮންކަމާއި، ބަހުސްގެ ބޭނުމަށް ޝަކުލީ ކަންކަން ފުރިހަމަވިކަމުގައި ބެލިނަމަވެސް، މި މުޢާމަލާތުގައި އީޖާބާއި ގަބޫލު ފުރިހަމަވެފައިނުވާކަން؛
11.2 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ”ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު“ ގެ 9ވަނަ މާއްދާގެ (ހ) ގައި ”ވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ހިންގުން“ މި ގޮތަށް ބަޔާންކޮށްފައިވާ ހިނދު، މި މުޢާމަލާތްކުރިއަށް ގެންދިއުމަށް ޢާއިޝަތު އާނިޔާގެ ފަރާތުން އިންކާރުކޮށްފައިވާތީ، މި މުޢާމަލާތުގެ އީޖާބާއި ގަބޫލު ފުރިހަމަވެފައިނުވާކަމަށާއި، އީޖާބާއި ގަބޫލު އެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފުރިހަމަވެފައި ނެތީސް "ހުޅުމާލެ ގޯތީގެ ނަންބަރު 10443" އެވެ ކިޔާ އަމިއްލަ ގޯތި ވިއްކުމުގެ ވިޔަފާރީގެ ޢަޤުދު ގޯތީގެ ވެރިފަރާތުގެ ނުގަބޫލުގައި ޝަރީޢަތް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން؛
11.3 ގޯތި ގަނެ ވިއްކުމުގެ ޢަޤުދުގެ ދަށުން ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ހޭދަކޮށްފައިވާ ފައިސާ އެ ފަރާތަށް އަބުރާ ދެއްކުމަށް ޢާއިޝަތު އާނިޔާގެ ފަރާތުން އެއްބަސްވެފައިވާކަން ޢާއިޝަތު އާނިޔާގެ ބަހުން އެނގެން އޮންނަކަމާއި، ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ޢާއިޝަތު އާނިޔާގެ އެދުމުގެ މަތިން 7,30,748.27ރ. (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ ސާޅީސް އަށްރުފިޔާ ހަތާވީސްލާރި) ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދައްކާފައިވާކަމަށާއި، އަދި ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") އަށް 109,612.24 ރ. (އެއްލައްކަ ނުވަހާސް ހަސަތޭކަ ބާރަރުފިޔާ ސައުވީސްލާރި) ދައްކާފައިވާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، އެ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަން؛
12ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ ނަންބަރު 83/Cv-C-HD/2018 ޤަޟިއްޔާ، ކޮންޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި އެ ޤަޟިއްޔާ ބެލި، ހައިކޯޓުގެ ނަންބަރު 2019/HC-A/580 ޤަޟިއްޔާގައި ނިންމާފައިވަނީ ޢާއިޝަތު އާނިޔާއަށް މިލްކުވެފައިވާ ހުޅުމާލެ ނަންބަރު 10443 ގޯތި (1104 އަކަފޫޓް) 7,30,748.27 ރ. (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ ސާޅީސް އަށްރުފިޔާ ހަތާވީސްލާރި) އަށް ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ވިއްކި ވިއްކުމަކީ ކޯޓު މެދުވެރިކޮށް ހިންގާފައިވާ ޞައްޙަ މުޢާމަލާތެއްކަމަށް ކަނޑައަޅައެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކަށް ބުރަވެއެވެ.
12.1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާއަކީ، އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެއްނޫންކަމާއި، އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަކީ އެ ގޮތުގައި އިސްތިޤުރާރުވެފައިވާ ކަންކަންކަމަށް ބަލަންޖެހޭކަން؛
12.2 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާއާއި، 19ވަނަ މާއްދާއާއި 21ވަނަ މާއްދާ އަށާއި، ”ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު“ އަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާގެ އަލީގައި ބަލާއިރު، ވިއްކުމުގެ މުޢާމަލާތްކޮށްފައިވަނީ ޝަރީޢަތް މެދުވެރިކޮށްކަން ސާފުވާކަމަށާއި، ބިން ވިއްކުމުގެ އީޖާބާއި ގަބޫލު ޝަރީޢަތުގެ މަޖިލީހުގައި ހިންގައި، ބިން ވިއްކުމުގެ ކޮންޓްރެކްޓްގެ މުޤާބިލުގައި ކޮންޓެކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިން ބިމުގެ އަގު ޢައިޝަތު އާނިޔާ ބޭނުންކޮށްފައިވާކަންވެސް ސާފުކަން؛
12.3 ޢާއިޝަތު އާނިޔާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނާމެދު އުފައްދާ ސުވާލަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާއިން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، އެ ޤަޟިއްޔާގައިވާ ގޮތުން ޢާއިޝަތު އާނިޔާގެ ތިބި ދަރިންނަކީ 18 (އަށާރަ) އަހަރު ފުރިފައިވާ ކުދިންކަމަށްވާތީ، އެ ކުދިން ބެލުމުގެ ޒިންމާއަކީ ޢާއިޝަތު އާނިޔާއަށް އޮތް ޒިންމާއެއް ނޫންކަމަށް ކަނޑައަޅާފައިވާކަމަށާއި، ޢާއިޝަތު އާނިޔާ މި މުޢާމަލާތްކުރިއިރު ދަށު ކޯޓުގައި މި ގޯތި ވިއްކާލިނަމަވެސް އޭނާއަށް އޭނާގެ މައިންބަފައިންގެ ގޭގައި ދިރިއުޅެވޭނެކަމަށް ބަޔާންކޮށްފައިވާކަން؛
12.4 ޚަރަދު ދިނުމާއި ބަލަދުވެރިކަމާއި މައިންބަފައިން ބެލުމާއި އެ މީހުންނަށް ޚަރަދުކުރުމާއި ހިޔާވަހިކަން ދިނުމުގެ ޤާނޫނީ ޒިންމާ ޤާނޫނުން މަތިކޮށްފައިވަނީ ފިރިހެނުންގެ މައްޗަށްކަން އާއިލާއާބެހޭ ޤާނޫނުގެ 35ވަނަ މާއްދާއާއި 47ވަނަ މާއްދާ، 57 އާއި، 58ވަނަ މާއްދާއަށް ބެލުމުން ސާފުވާކަމަށާއި، އެހެންކަމުން، ގޯތި ވިއްކަންއެދޭ މީހާއާއި އެ މީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައި އޮތުމުގެ ޝަރުތަށް ބަލާއިރު، އެ ޝަރުތާމެދު މި މުޢާމަލާތުގައި ސުވާލު އުފެއްދޭނެ ޖާގައެއް ނެތްކަން؛
12.5 ސަރުކާރަށް ދައްކަންޖެހޭ ޓެކްސްގެ ގޮތުގައި 109,612.24 (އެއްލައްކަ ނުވަހާސް ހަސަތޭކަ ބާރަރުފިޔާ ސައްވީސްލާރި) ޢާއިޝަތު އާނިޔާގެ ފަރާތުން 16 އެޕްރީލް 2012 ގައި މީރާއަށް ދައްކާފައިވާކަން މީރާގެ ނަންބަރު 422302 ފައިސާގެ ރަސީދުން އެނގޭކަމަށާއި، އެ ފައިސާއަކީ ހުޅުމާލެ ލޮޓް ނަންބަރު 10443 ބިން ވިއްކުމުގެ ޓެކްސްކަން އެ ރަސީދުން އެނގޭކަމަށާއި، ޓެކްސްކޮށްފައިވާ މިންވަރަކީ އެ ބިން ވިއްކި އަގު ކަމުގައިވާ 7,30,748.27ރ. (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ ސާޅީސް އަށްރުފިޔާ ހަތާވީސްލާރި)ގެ %15 ކަން ސާފުކަން؛
12.6 ކޮންޓެކް ޕްރައިވެޓް ލިމިޓެޑުގެ %100 (ސަތޭކަ އިންސައްތަ) ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏެއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮމްޕެނީ ޕްރޮފައިލް ޝީޓުން އެނގޭކަން؛
12.7 މި ހުރިހާކަމެއް މިހެން ފުރިހަމަވެފައިވާއިރު، އަދި ބިން ވިއްކި ފަރާތުން ބިމުގެ އަގު ބޭނުންކޮށް ކޯޓު މެދުވެރިކޮށް އެ މުޢާމަލާތް ނިންމުމަށް ބިން ވިއްކި ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅައި، އެ މައްސަލަ ނިންމުމުގެ ކުރިން ހަމަ އެ ފަރާތުން ހާޒިރުނުވެ އެއްބާރުލުން ނުދިނުމުގެ ސަބަބުން މި ބާވަތުގެ މައްސަލަތައް ހިންގެން ނެތްކަމަށް ކަނޑައެޅުމަކީ އިންސާފުވެރިގޮތްކަމަށް ނުދެކޭކަން.
12.8 އެހެންކަމުން، ޢާއިޝަތު އާނިޔާއަށް މިލްކުވެފައިވާ ހުޅުމާލެ ނަންބަރު 10443 ގޯތި (1104 އަކަފޫޓް) މި މުޢާމަލާތުގެ ދަށުން ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި، އެ ގޯތީގެ ރަޖިސްޓްރީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ހަދައިދިނުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށް މައްސަލަ ނިންމާފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
13މިއީ، ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/580 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢާއިޝަތު އާނިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެވެ. އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ ޢާއިޝަތު އާނިޔާގެ ފަރާތުން އަންނަނިވި 06 (ހައެއް) ނުކުތާ ހުށަހަޅާފައިވެއެވެ.
13.1 ފުރަތަމަ ނުކުތާއަކީ، ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 44/21-HMC/2011 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ޢާއިޝަތު އާނިޔާ ވިއްކަން އެއްބަސްވެފައިވާކަމަށް ވެފައިވާ އިޢުތިރާފަށް ރިޢާޔަތްކުރުމަކާ ނުލައި އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ސިވިލް ކޯޓުން ޝަރީޢަތުގައި އީޖާބާއި ގަބޫލު ފުރިހަމަވެފައިނުވާކަމަށް ކަނޑައެޅި ކަނޑައެޅުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ސަބަބުގެ މައްޗަށް އެކަނިކަމަށާއި، އެހެންނަމަވެސް، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ މި ނުކުތާގެ ޙުދޫދުން ބޭރުން ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދެކެވިފައިނުވާ ނުވަތަ ބަހުސްކުރެވިފައިނުވާ ކަމެއްކަމުގައިވާ މި މައްސަލައިގައި އެންމެ ފުރަތަމަ ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާ ސިވިލް ކޯޓަށް ތަޙުވީލުކުރެވުނު ސަބަބުތަކުގެ މައްޗަށް ކަމުގައިވާއިރު، މިފަދައިން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުލްމުޖީބު މުޙައްމަދު ވ. ޖޯން ޗަރލްސް ސީފަރޓް ޤަޟިއްޔާގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އިސްތިއުނާފީ ނުކުތާއާމެދުގައި ކަމަށް ބުނާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13.2 ދެވަނަ ނުކުތާއަކީ، އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާގައި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރެވުނު ސަބަބުތަކުގެ މައްޗަށް ބަލައި ގޮތް ކަނޑައަޅާފައިވަނީ ތަޙުވީލުކުރެވުނު މައްސަލައިގައި އެ ތަޙުވީލުކުރެވުނު ސަބަބުތަކާ ގުޅިގެން ދަށު ކޯޓުގެ ނިންމުމެއް ނެތި ކަމުގައިވާތީ، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއްކަމުގައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13.3 ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ޢާއިޝަތު އާނިޔާ ދިރިއުޅޭނެ ތަނެއް ހުރިކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވަނީ އެ ފަދަ ތަނެއް ހުރިކަން ކަށަވަރުކުރުމަކާ ނުލައި ކަމުގައިވާތީ، އެ ނިންމުމަކީ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގެ (ހ) އާއި ”ގޯތި އަމިއްލަކުރުމާއި ގަނެ ވިއްކުމާބެހޭ ޤަވާއިދު“ ގެ 9ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13.4 ހަތަރުވަނަ ނުކުތާއަކީ، ޢާއިޝަތު އާނިޔާގެ ދަރިންނަކީ، އާއިޝަތު އާނިޔާ ޝަރުޢީ ގޮތުން ބަލަންޖެހޭ ބައެއް ނޫންކަމަށް ހައިކޯޓުން ކަނޑައެޅުމުގައި ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގެ (ހ) ޝަރީޢަތުން މާނަކޮށްފައިވަނީ ”މުޝައްރިޢު“ ޙާޞިލުކުރަން ބޭނުންވާ އިޖުތިމާޢީ މަޞްލަޙަތު ޙާޞިލުނުވާފަދަ ގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13.5 ފަސްވަނަ ނުކުތާއަކީ، ބިން ވިއްކުމުގެ އީޖާބާއި ގަބޫލު ފުރިހަމަވެފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ބާތިލުވެފައިވާ މައްސަލަތަކަކަށް ރިޢާޔަތްކޮށްގެން ކަމުގައިވާއިރު، އަދި އެ މައްސަލަތަކަކީ އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައިވާ މައްސަލަތަކެއް ކަމުގައިނުވާއިރު، މިފަދައިން އެ މައްސަލަތަކުގައި ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އިބްރާހީމް ފާޠިހް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި، ނިންމުމެއް ބާތިލުކަމަށް ކަނޑައެޅިއްޖެނަމަ އެ ނިންމުމުގެ މައްޗަށް ތަރުތީބުވާ އެންމެހައި ކަންކަން ނިމުމަކަށް އަންނާނެކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13.6 ހަވަނަ ނުކުތާއަކީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށާއި ސަރުކާރަށް ދެއްކުމަށްޓަކައި ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ދޫކުރި ފައިސާއަކީ ޢާއިޝަތު އާނިޔާ ބޭނުންކުރި އަދި އެ ފަރާތަށް އެއްވެސް މަންފާއެއް ލިބިފައިވާ ފައިސާއެއްނޫން ކަމުގައިވާއިރު، އެ ބިން ވިއްކުމުގެ މުޢާމަލާތްކުރެވުނު ނަމަވެސް، އެ މުޢާމަލާތާ ގުޅިގެން ޢާއިޝަތު އާނިޔާގެ ޙައްޤު ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ވިއްކުމުގެ މުޤާބިލު މަންފާއެއް ލިބިފައިނުވާއިރު، ބިން ވިއްކުމުގެ ކޮންޓެރެކްޓުގެ މުޤާބިލުގައި ޢާއިޝަތު އާނިޔާއަށް ފައިސާ ލިބި، އެ ފައިސާ ޢާއިޝަތު އާނިޔާ ބޭނުންކޮށްފައިވާކަމަށް ޝަރީޢަތުން ކަނޑައަޅައި ވިއްކުމުގެ ކޮންޓްރެކްޓެއް ފުރިހަމަކޮށްފައިވާކަމަށް ނިންމާފައިވަނީ ކަން ހިނގާފައިވާގޮތް ކަށަވަރުކުރުމެއްނެތި ކަމަށްވާތީ، އެ ނިންމުމަކީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޚަލީލް ވ. މިނިސްޓްރީ އޮފް ހައުސިންގ އެނޑް އިންފްރާސްޓްރަކްޗަރ އާއި ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާގައި، ކޮންޓްރެކްޓެއް ފުރިހަމަވުމަށް މުޤާބިލެއް އޮންނަންޖެހޭކަމާއި، އަދި މުޤާބިލަކީ އެކަށޭނަ (sufficient) ނުވަތަ އެ ލިބިގަންނަ ފަރާތަށް އަގު ކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަމުގައި ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު
14އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ؛
14.1 ހައިކޯޓުން ނިންމި މައްސަލައިގެ ޕެރެގްރާފް 6، 7، 9، 26، 32 އަދި ޙުކުމް ކިޔާލުމުން، އެ ޙުކުމް ނެރެފައިވަނީ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު ޤާނޫނީ ޙުދޫދުގެ ތެރެއިން ކަން އެނގޭކަމަށާއި؛
14.2 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ށ) ގައި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންވާނީ (1) މައްސަލައިގެ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ، (2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެއަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް، އަދި (3) ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއް ނުފޫޒަކަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވުމާއި، ތަޢައްޞުބުން އެއްކިބާވުން، މި ތިން ކަމުގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ހައިކޯޓުގެ ޙުކުމްކޮށްފައި އޮތީ ޤާނޫނުގެ އިމުގެ ބޭރުން ކަމުގައި ނުދެކޭ ކަމަށާއި؛
14.3 ހައިކޯޓުގެ ރިޕޯޓުގެ 27ވަނަ ނަންބަރުގައި، ޢާއިޝަތު އާނިޔާގެ ތިބި ދަރިންނަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ކުދިން ކަމަށްވާއިރު އެ ކުދިން ބެލުމުގެ ޝަރުޢީ ޒިންމާއަކީ ޢާއިޝަތު އާނިޔާގެ މައްޗަށް އޮތް ޒިންމާއެއް ނޫން ކަމަށާއި، މި ގޯތި ވިއްކާލި ނަމަވެސް ޢާއިޝަތު އާނިޔާއަށް އޭނާގެ މައިންބަފައިންގެ ގޭގައި ދިރިއުޅެވޭނެ ކަމަށް ދަށު ކޯޓުގައި ބުނެފައިވާކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާ ކަމަށާއި، އެހެންކަމުން ހައިކޯޓުގެ ޙުކުމް ބިމާބެހޭ ޤާނޫނާ ޚިލާފު ނުވާކަން އެނގޭ ކަމަށާއި؛
14.4 ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ދެއްކި ފައިސާ ޢާއިޝަތު އާނިޔާ ބޭނުން ނުކުރާކަމަށް ޢާއިޝަތު އާނިޔާގެ ފަރާތުން ބުނާއިރު، މިއީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށާއި، މި ފައިސާ ބޭނުންކުރުމަށްފަހު މާލޭ ސިޓީ ކައުންސިލަށް އޮޅުވާލައިގެން ގޯތީގެ ރަޖިސްޓްރީ އައުކުރި ކުރުމަކީ ޖިނާއީ ޖަރީމާއެއް ކަމަށާއި؛
14.5 2019ވަނަ އަހަރު، ޢާއިޝަތު އާނިޔާގެ ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ކަމަށް ބުނެ، އައު ރަޖިސްޓްރީއެއް ހެއްދުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާނެ ފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުމާއި، އިންސާފަށް ހުރަސް އެޅުމަށް މަސައްކަތްކުރުން ކަމުގައި ގަބޫލުކުރާ ކަމަށާއި، އެހެނީ، ޢާއިޝަތު އާނިޔާގެ ގޯތީގެ ރަޖިސްޓްރީ އޮތީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑް އަތުގައި ކަމަށާއި، އެ ރަޖިސްޓްރީ ކުންފުންޏަށް ދިނީ ޚުދު ޢާއިޝަތު އާނިޔާ ކަމަށާއި، ވީމާ މި މައްސަލަ ކޯޓު މަރުޙަލާގައި އޮއްވާ އައު ރަޖިސްޓްރީއެއް ހެއްދުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421ވަނަ މާއްދާއާ ޚިލާފު ޢަމަލެއްކަމުގައި ވުމުން، މި މައްސަލަ އެ ޤާނޫނުގެ 287ވަނަ މާއްދާގެ ދަށުން ބޭރުކުރަން ޖެހޭކަމުގައި ދެކޭކަމަށެވެ.
މި މައްސަލާގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
15މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ އޮތީ މައިގަނޑު ހަތަރު ނުކުތާއެކެވެ. އެއީ:
(ހ) މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިޔާ ކަނޑައަޅާފައިވަނީ، އިސްތިއުނާފީ މަރުޙަލާގައި މައްސަލަތައް ބެލުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމުންތަކާ އެއްގޮތަށްތޯ؟
(ށ) މި މައްސަލާގައި ބިން ވިއްކާ މީހާއާއި އެ މީހާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައި އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، ޤާނޫނާއި ގަވާއިދާއި އިސްތިޤްރާރުވެފައިވާ އުޞޫލުތަކާ އެއްގޮތަށްތޯ؟
(ނ) ބިން ވިއްކުމުގެ މުޢާމަލާތް ހިނގާފައިވަނީ ޝަރީޢަތް މެދުވެރިކޮށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، ޤާނޫނާއި ގަވާއިދާއި އިސްތިޤްރާރުވެފައިވާ އުޞޫލުތަކާ އެއްގޮތަށްތޯ؟
(ރ) ބިން ވިއްކުމުގެ މުޤާބިލުގައި އެއްޗެއް ލިބިފައިވޭތޯ؟
އިސްތިއުނާފީ މަރުޙަލާގައި މައްސަލަ ބެލުމުގެ އުޞޫލު
16މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިޔާ ކަނޑައަޅާފައިވަނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ބޭރުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
17HN1ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފީ މައްސަލަތައް ބަލާނީ ދަށު ކޯޓުގައި މައްސަލައާ ގުޅިގެން ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި ހައިކޯޓުން އިސްތިއުނާފީ މަރުޙަލާގައި މައްސަލަ ބެލުމުގެ ތެރޭގައި، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައި، އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުން މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި އެ މައްސަލަ ބެލި ދަށު ކޯޓަށް މައްސަލަ އަނބުރާ ފޮނުވުމުގެ ބާރަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާ ބާރެއްކަން އެ މާއްދާގެ (ނ) އިން އެނގެން އޮވެއެވެ.
18ބުނެވިދިޔަ ޤާނޫނީ އުޞޫލަށް ބަލާއިރު، އިސްތިއުނާފީ މަރުޙަލާގައި ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނީ ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ އިސްތިއުނާފީ ނުކުތާތަކާމެދުގައި ކަމަށް ސުޕްރީމް ކޯޓުގެ ޢަބްދުލްމުޖީބު އަޙްމަދު ވ. ޖޯން ޗާރލްސް ސީފަރޓް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
19ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފަށް ބަލާއިރު އެ ފަރާތުން ފާހަގަކޮށްފައިވަނީ އެންމެ އިސްތިއުނާފީ ނުކުތާއެކެވެ. އެ ނުކުތާއަކީ، ގޯތި ވިއްކުމުގެ ޢަޤުދު ގޯތީގެ މިލްކުވެރި ފަރާތުގެ ނުގަބޫލުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ، ބިން ވިއްކުމުގެ އީޖާބާއި ގަބޫލަކީ އެހެން ޝަރީޢަތުގެ މަޖިލީހެއްގައި ނިމިފައިވާ ކަމެއް ކަމާމެދު ޝަރީޢަތުން ރިޢާޔަތް ނުކޮށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
20ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި އަސާސަކަށް ބަލާފައިވަނީ، އެ ކޯޓުގެ 2015/HC-A/367 ޤަޟިއްޔާއެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، އެ ޤަޟިއްޔާއަކީ އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައިވާ މައްސަލައަކަށް ނުވާތީ، އެ ޤަޟިއްޔާގައި ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމަކީ އިސްތިޤްރާރުވެފައިވާ ކަންކަން ކަމުގައި ބަލަންޖެހޭތީ ކަމަށެވެ.
21HN2ބުނެވިދިޔަ ޤަޟިއްޔާގައި ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް މައްސަލަ ތަޙުވީލުކޮށް، މައްސަލަ އަލުން ބަލަންޖެހޭ ގޮތް ކަމަށް ބަޔާންކޮށްފައިވަނީ، ”...މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ އަލީގައި...“ ބިން ވިއްކުމަށް ވެފައިވާ މުޢާމަލާތުގެ ޞައްޙަކަން ބެލުން ކަމަށްވާތީ، ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވޭތޯ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވެއެވެ. އެގޮތުން، ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާގެ އިތުރަށް، ބިން ވިއްކުމުގެ މުޢާމަލާތުގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލާފައިވާކަން ހައިކޯޓުގެ ރިޕޯޓުގެ 23ވަނަ ނުކުތާއިން ފެށިގެން 31ވަނަ ނުކުތާއަށް ބެލުމުން އެނގެއެވެ.
22ނަމަވެސް މި މައްސަލާގައި ދަށު ކޯޓުން ނިންމާފައިވަނީ، ވިއްކާ ފަރާތާއި ގަންނަ ފަރާތުގެ އީޖާބާއި ގަބޫލު ޝަރީޢަތުގައި ފުރިހަމަވެފައި ނެތީސް މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކަމުގައިވާއިރު، ބިން ވިއްކުމުގެ މުޢާމަލާތެއްގައި ފުރިހަމަވާންޖެހޭކަމަށް ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބަޔާންކުރާ އިތުރު ކަންކަން ފުރިހަމަވޭތޯ ދަށުކޯޓުން ބަލާފައެއް ނުވެއެވެ. އަދި އިސްތިއުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުނު ކަންކަމުގައި ވެސް ހިމެނެނީ ހަމައެކަނި އީޖާބާއި ގަބޫލު ފުރިހަމަވެފައިވާކަމަށް ބުނާ ނުކުތާ އެކަންޏެވެ. އެހެންކަމުން، މިއީ އިސްތިއުނާފީ ނުކުތާގެ ބޭރުން، މައްސަލައިގެ މައުޟޫޢުގައި ދަށުކޯޓުން ކަށަވަރުކޮށްފައިނުވާ ކަންތައްތަކެއްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށް ދެކެމެވެ.
23HN3ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫޢީގޮތުން މައްސަލަ ބެލުމުގައި ޢަމަލުކުރާނެ އުޞޫލު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 46ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން ބަލާއިރު، ހައިކޯޓުން ބަލަމުންދާ މައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ ހައިކޯޓުން ޢަމަލުކުރަންޖެހޭ ގޮތަކީ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރުންކަން 46ވަނަ މާއްދާގެ (ށ) އިން އެނގެން އޮވެއެވެ. އަދި ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ އަލުން ބެލުމުގައި، ހައިކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލާ އެއްގޮތަށް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ޢަމަލުކޮށްފައިނުވާނަމަ، އެ މައްސަލަ ހައިކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފުކުރުމުގެ ފުރުސަތު ލިބިދީފައިވާކަން އެ މާއްދާގެ (ނ) އިން ސާފުވެއެވެ. އަދި ޤާނޫނުގެ 46ވަނަ މާއްދާގެ (ނ) ގެ ދަށުން ދެވަނަ ފަހަރަށް ހައިކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ސާބިތުކުރުން ހިމެނޭ ނަމަވެސް، އެ ކަންތައް ބަލަން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރުމަކާ ނުލައި އަލުން މުޅި މައްސަލަ ބެލުން ހައިކޯޓުގެ މައްޗަށް ލާޒިމުކޮށްފައިވުމުގެ އިތުރުން، މައްސަލަ ބެލުމުގައި ކުރިން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަނބުރާ ތަޙުވީލުކުރިއިރު ކަނޑައެޅި ޤާނޫނީ އުޞޫލުގެ ތަރަހައިގެ ތެރެއިން ޙުކުމްކުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46ވަނަ މާއްދާގެ (ރ) އިން ހައިކޯޓަށް ލާޒިމުވާކޮށްފައިވާކަން އެނގެއެވެ.
24HN4މި ރައުޔުގެ 20 އަދި 21ވަނަ ނުކުތާގައި ވެސް ފާހަގަކޮށްފައިވާ ފަދައިން، މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ 2015/HC-A/367 ޤަޟިއްޔާގައި ދަށު ކޯޓުން އަލުން ބެލުމަށް ތަޙުވީލުކޮށްފައިވާ ކަންކަމުގެ މައްޗަށް ގޮތެއް ކަނޑައަޅާފައިވެއެވެ.
25ދިވެހިރާއްޖޭގެ ހައިކޯޓުން ތަޙުވީލުކުރުމުން ބެލި ސިވިލް ކޯޓުގެ 165/Cv-C-HD/2017 ޤަޟިއްޔާއަކީ ބާޠިލްކޮށްފައިވާ މައްސަލައެކެވެ. ނަތީޖާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2015/HC-A/367 ޤަޟިއްޔާގައި އަލުން ބެލުމަށް ކަނޑައެޅި ކަންކަމާމެދު ދަށު ކޯޓުގައި އެއްވެސް މިންވަރަކަށް ގޮތެއް ކަނޑައަޅާފައި ނުވުމެވެ. މިހާރު އިސްތިއުނާފުކުރެވިފައިވާ މި މައްސަލައަކީ އައު މައްސަލައެކެވެ. މި މައްސަލައިގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ 2015/HC-A/367 ޤަޟިއްޔާގައި އަލުން ބެލުމަށް ކަނޑައެޅި ކަންކަން ބަލައި އެއާމެދު ގޮތެއް ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46ވަނަ މާއްދާއިން ހައިކޯޓަށް ލިބިދޭ ބާރެއް ނޫނެވެ. އެހެނީ، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2015/HC-A/367 ޤަޟިއްޔާގައި އަލުން ބެލުމަށް ކަނޑައެޅި ކަންކަން ދަށު ކޯޓުން އަލުން ބެލި ގޮތާމެދު ހިތްހަމަނުޖެހިގެން، ނުވަތަ އެ މައްސަލާގައި ހައިކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލާ އެއްގޮތަށް ދަށު ކޯޓުން ޢަމަލުނުކޮށްގެން ހުށަހެޅި މައްސަލައެއް ނޫނެވެ.
ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުން
26HN5ބިމެއް ނުވަތަ ގޯއްޗެއް ވިއްކުމުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ (ހ) ގައި ”ގޯތި ވިއްކަންއެދޭ މީހާއާއި އެ މީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން“، ލާޒިމުކޮށްފައިވެއެވެ. މި ކަން ހަމަ މިފަދައިން ”ގޯތި އަމިއްލަކުރުމާއި ގަނެ ވިއްކުމާބެހޭ ގަވާއިދު“ގެ 9ވަނަ މާއްދާގައިވެސް ބަޔާންކޮށްފައިވެއެވެ.
27ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާއާ ހަވާލާދީ ބަޔާންކޮށްފައިވަނީ، ޢާއިޝަތު އާނިޔާގެ ތިބި ދަރިންނަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ކުދިން ކަމަށާއި، އެ ކުދިން ބެލުމުގެ ޒިންމާއަކީ ޢާއިޝަތު އާނިޔާގެ މައްޗަށް އޮތް ޒިންމާއެއް ނޫން ކަމަށެވެ. އަދި ޢާއިޝަތު އާނިޔާ މި މުޢާމަލާތް ކުރިއިރު، ގޯތި ވިއްކާލި ނަމަވެސް އޭނާއަށް އޭނާގެ މައިންބަފައިންގެ ގޭގައި ދިރިއުޅެވޭނެކަމަށް ދަށު ކޯޓުގައި ބުނެފައިވާކަމަށެވެ. މީގެ އިތުރުން، މައިންބަފައިން ބެލުމާއި އެ މީހުންނަށް ޚަރަދުކުރުމާއި ހިޔާވަހިކަން ދިނުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވަނީ ފިރިހެނުންގެ މައްޗަށް ކަން އާއިލާއާބެހޭ ޤާނޫނުގެ ނައްޞުތަކުން ސާފުވާކަމަށާއި، އެހެންކަމުން، ގޯތި ވިއްކަން އެދޭ މީހާއާއި އެ މީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައި އޮތުމުގެ ޝަރުތާމެދު މި މުޢާމަލާތުގައި ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ.
28HN6ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަސީމާ ޢަލީ ވ. މޫސާ ޙަލީމް ޤަޟިއްޔާގައި، ދިރިއުޅުމަށްޓަކައި ތަނެއް ހަމަޖެހިފައިވުމަކީ ދިރިއުޅެވޭ ފަދަ ތަނެއް ވާޤިޢީގޮތުން އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހުރަހަކާ ނުލައި ވުޖޫދުގައިވުން ކަމާއި، އެއީ ދިރިއުޅުމަށް ތަނެއް ހަމަޖެހިފައިވުމުގެ އިޙްތިމާލު އޮތުމެއް ނޫންކަމަށް ކަނޑައަޅާފައިވެއެވެ. އަދި ގޯތި ވިއްކަން އެދޭމީހާ، އެ މީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅެވޭނެ އެހެން ތަނެއް ހަމަޖައްސައިދޭނެކަމަށް ބުނާ ބުނުމަކީ ނުވަތަ ވާ ވަޢުދަކީ އޭގެ ޒާތުގައި ތަނެއް ވާޤިޢީގޮތުން ހަމަޖެހިފައި އޮތުމެއް ނޫންކަމަށް ކަނޑައަޅާފައިވެއެވެ.
29ގޯތި ވިއްކުމަށް އެދޭ މީހާއަށް އޭނާގެ މައިންބަފައިންގެ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ދިރިއުޅެވޭނެ ކަމަށް އޭނާ ބުނާ ބުނުމަކުން ނުފުދޭނެއެވެ. އެ ކަން އޮތީ ޙަޤީޤަތުގައި ވެސް އެ ގޮތަށް ތޯއާއި، އެ ކަމަށް އެއްވެސް ހުރަހެއް ނެތްކަން ކަށަވަރުކުރުމަކީ ޝަރީޢަތުން ކުރަންޖެހޭނެ ކަމެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާއާ ގުޅިގެން ގޮތެއް ނިންމުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަމަކީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 44/21-HMC/2011 ޤަޟިއްޔާގައި ޢާއިޝަތު އާނިޔާގެ ފަރާތުން ދީފައިވާ މަޢުލޫމާތުތަކެވެ. އެގޮތުން، ޢާއިޝަތު އާނިޔާގެ މައިންބަފައިންގެ ގޭގައި އޭނާއަށް ދިރިއުޅެވޭނެކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 44/21-HMC/2011 ޤަޟިއްޔާގައި ޢާއިޝަތު އާނިޔާ ބުނެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާއިރު، ޢާއިޝަތު އާނިޔާގެ މައިންބަފައިންގެ ބަހެއް ހޯދާފައިވާކަން އެނގޭކަށް ނެތެވެ. އަދި އެއީ ދަށު ކޯޓުގައި ކަށަވަރުކުރެވިފައިވާ ކަމެއްކަން އެނގެން ނެތްއިރު، އެ ކަން ކަށަވަރުކުރުމަށް މަސައްކަތެއް ކުރެވިފައިވާކަންވެސް އެނގޭކަށް ނެތެވެ. އެހެންކަމުން، ޢާއިޝަތު އާނިޔާ ދިރިއުޅޭނެ ތަނަކާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް ނުފެނެއެވެ.
30HN7ދެން އޮތް ސުވާލަކީ، ޢާއިޝަތު އާނިޔާގެ ދަރިންނާއި މައިންބަފައިންނަކީ ޢާއިޝަތު އާނިޔާ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުން ކަމުގައި ބެލެވޭނެތޯ ނުވަތަ ނޫންތޯއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެކޭގޮތުގައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާ މާނަކުރަންވާނީ މުޝައްރިޢު ޙާޞިލުކުރަން ބޭނުންވާ އިޖްތިމާޢީ މަޞްލަޙަތު ޙާޞިލުވާ ފަދަ ގޮތަކަށެވެ. އެ ގޮތުން، މި މާއްދާއިން މުޝައްރިޢު ޙާޞިލުކުރަން ބޭނުންވާ މަޤްޞަދަކީ، ބިން ވިއްކާ މީހާގެ ދަރިންނާއި އޭނާގެ މައިންބަފައިން މަގުމަތި ނުވެ، ދިރިއުޅެވޭނެ އެހެން ތަނެއް ހަމަޖެހި އިންތިޒާމްވެފައި އޮތުން ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ދެކެއެވެ.
31ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާ މާނަކުރުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަސީމާ ޢަލީ ވ. މޫސާ ޙަލީމް ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، ”...ބުނެވިދިޔަ ނައްޞުން ”މުޝައްރިޢު“ ޙާޞިލުކުރަން ބޭނުންވާ އިޖްތިމާޢީ މަޞްލަޙަތަކީ، ގޯއްޗެއް ވިއްކަން އެދޭ މީހާގެ މިލްކުގައިވާ ގޯތި ވިއްކާލާ ޙާލަތުގައި އޭނާއާއި، އޭނާ ޝަރުޢީ ގޮތުން ބަލަންޖެހޭ ފަރާތްތައް މަގުމަތިނުވެ، ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހި އިންތިޒާމުވެފައި އޮތުން“ ކަމަށެވެ.
32މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3ވަނަ މާއްދާގައި ޢާންމު މާނައަށް ބެލުމުގެ އުޞޫލުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ނ) ގައި ”ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތްކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ބެލުން“، މިފަދައިން ބަޔާންކޮށްފައިވެއެވެ.
33ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގެ ޢިބާރާތަށް ބަލާއިރު، އެ މާއްދާގެ ބޭނުމަށްޓަކައި ދިރިއުޅޭނެ ތަނެއް ހަމަޖެހިފައި އޮންނަން ޖެހެނީ ބިން ވިއްކާ މީހާއާއި، އެ މީހާ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ކަން ސާފުކޮށް އެނގެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް ފާހަގަކޮށްފައިވާ ފަދައިން، ޚަރަދު ދިނުމާއި، ބަލަދުވެރިކަމާއި، މައިންބަފައިން ބެލުމާއި، އެ މީހުންނަށް ޚަރަދުކޮށް ހިޔާވަހިކަން ދިނުމަކީ ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ފިރިހެނުންގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާއެކެވެ. ބުނެވިދިޔަ މާއްދާ މާނަކުރުމުގައި، އެ މާއްދާގެ ޢިބާރާތުން ސާފުކޮށް ނެގެން އޮތް މާނައަށްވުރެ ފުޅާ މާނައެއް ނަގަންޖެހޭ އެކަށީގެންވާ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާކަމަށް ގަބޫލެއް ނުކުރެވެއެވެ.
34ވުމާއެކު، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގެ ބޭނުމަށްޓަކައި ޢާއިޝަތު އާނިޔާގެ ދަރިންނާއި މައިންބަފައިންނަކީ، ޝަރުޢީ ގޮތުން ޢާއިޝަތު އާނިޔާއަށް ބެލުން ލާޒިމުވާ ފަރާތްތަކެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބަލާނެ ހަމައެއް އޮތްކަމަށް ނުފެނެއެވެ.
އީޖާބާއި ގަބޫލު ޝަރީޢަތް މެދުވެރިކޮށް ހިންގުން
35HN8ދިވެހިރާއްޖޭގައި ބިމާއި ގޯތި ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތް ކުރަންވާނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ޤާނޫނުގެ 2ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން ބިމާބެހޭ ޤާނޫނުގެ 16ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކަންވާނީ، އެ ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޢާންމުކޮށް ޝާއިޢުކޮށްފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ އަގަކަށް، ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިންކަން، އެ ޤާނޫނުގެ 18ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮވެއެވެ. އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ނުވަތަ އެ ފަދަ ގޯއްޗެއްގެ ބައެއް އަމިއްލަކުރުމަށްފަހު ވިޔަސް ވިއްކަންވާނީ ޝަރީޢަތް މެދުވެރިކޮށްކަމަށް ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ”ގޯތި އަމިއްލަ ކުރުމާއި ގަނެ ވިއްކުމާބެހޭ ޤަވާއިދު“ގެ 9ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.
36މި މައްސަލާގައި ބިން ވިއްކުމުގެ އީޖާބާއި ގަބޫލު ޝަރީޢަތް މެދުވެރިކޮށް ހިންގާފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، އެ ކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާގެ އަލީގައި ކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްގެ 26ވަނަ ޕެރެގްރާފުން އެނގެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާގައި ބިން ވިއްކުމުގެ އީޖާބާއި ގަބޫލު ޝަރީޢަތް މެދުވެރިކޮށް ހިންގާފައިވާކަމަށް ކަނޑައަޅާފައިވަނީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 44/21-HMC/2011 ޤަޟިއްޔާއާއި، ނަންބަރު 379/HMC/2013 ޤަޟިއްޔާއާ ހަވާލާދީއެވެ.
37HN10ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 44/21-HMC/2011 ޤަޟިއްޔާއަކީ މައްސަލަ ހުށަހެޅި ފަރާތް ހާޒިރުނުވުމުގެ ސަބަބުން ބާތިލްކޮށްފައިވާ މައްސަލައެކެވެ. އަދި 379/HMC/2013 ޤަޟިއްޔާގެ ޙުކުމްގައި ކަނޑައަޅާފައިވަނީ، ”...ޢާއިޝަތު އާނިޔާއާއި ޢާއިޝަތު އާނިޔާގެ ދަރިން ދިރިއުޅޭނޭ އެހެން ތަނެއް ހަމަޖެހިފައި ނެތްކަން ޝަރީޢަތަށް އެނގޭތީއާއި، އަދި ޢާއިޝަތު އާނިޔާ މި ވިއްކުން ތަންފީޛުކުރުމަށް އިޢުތިރާޟުކުރާތީ...“ ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތަށް ގޯތި ވިއްކުމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ މި މައްސަލައާ ގުޅިގެން ދަށު ކޯޓަށް ހުށަހެޅުނު އެއްވެސް ޤަޟިއްޔާއެއްގައި ބިން ވިއްކުމުގެ މުޢާމަލާތުގެ އީޖާބާއި ގަބޫލު ޝަރީޢަތް މެދުވެރިކޮށް ފުރިހަމަވެފައިވާކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާކަން އެނގެން ނެތެވެ.
38ގޯތި ވިއްކުމަށް އެދި އެންމެ ފުރަތަމަ ކޯޓަށް މައްސަލަ ހުށަހެޅީ ވެސް މަރްޙޫމާ ޢާއިޝަތު އާނިޔާގެ ފަރާތުންނެވެ. ގޯތި ވިއްކުމާމެދު ދެފަރާތުގެ މެދުގައި އެއް އިރެއްގައި އެއްބަސްވުމެއް އޮތްކަމަށް ބެލެވުނު ނަމަވެސް، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ގޯތި އަމިއްލަކުރުމާއި ގަނެ ވިއްކުމާބެހޭ ގަވާއިދަށް ބެލުމުން، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށްވިޔަސް ބިން ވިއްކުމުގެ މުޢާމަލާތެއް ކުރަންޖެހޭނީ، ޝަރީޢަތް މެދުވެރިކޮށް ކަން ސާފުކޮށް އެނގެއެވެ.
39HN9ޝަރީޢަތް މެދުވެރިކޮށް މުޢާމަލާތެއް ހިންގާފައިވާކަމަށް ބެލެވޭނީ، އެ މުޢާމަލާތަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޞައްޙަ މުޢާމަލާތެއްކަމަށް ކަނޑައަޅައި އެ ކަމުގެ މައްޗަށް ޝަރުޢީ ޙުކުމެއް ނުވަތަ ނިންމުމެއް އޮވެގެންނެވެ. މި މައްސަލާގައި ހިމެނޭ މުޢާމަލާތުގައި އެ ފަދަ ނިންމުމެއް ނެތެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 44/21-HMC/2011 ޤަޟިއްޔާއަކީ ބާތިލުކޮށްފައިވާ މައްސަލައަކަށްވާތީއާއި، ނަންބަރު 379/HMC/2013 ޤަޟިއްޔާ އަލުން ބެލުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާއިން ތަޙުވީލުކުރުމުން ބެލުނު ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ ނަންބަރު 165/Cv-C-HD/2017 ޤަޟިއްޔާވެސް ބާތިލުކޮށްފައިވާތީ، އެ މައްސަލަތަކާ ގުޅިގެން ހުށަހެޅުނު އެންމެހައި ކަންކަން ވެސް ވަނީ ބާތިލުވެފައެވެ. އެހެންކަމުން އެ މައްސަލަތަކުގައި ހުށަހެޅުނު ކަންކަމުގެ މައްޗަށް ބިނާކޮށް އިލްތިޒާމުތަކެއް އުފެދޭނެކަމަށް ބެލުމަކީ، ޝަރުޢީ ޤާނޫނީ ގޮތުން ހަމަޖެހޭ ގޮތެއް ކަމުގައި ނުދެކެމެވެ.
40ވުމާއެކު، ބިން ވިއްކުމުގެ މުޢާމަލާތް ހިންގާފައިވަނީ ޝަރީޢަތް މެދުވެރިކޮށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމުގައި ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުފެނެއެވެ.
ބިން ވިއްކުމުގެ މުޤާބިލު
41HN11ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 04ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމަށެވެ. ކޮންޓްރެކްޓެއްގައި ހިމެނެންޖެހޭ މުހިންމު ބައިތައް ބަޔާންވެފައިވަނީ އެ ޤާނޫނުގެ 05ވަނަ މާއްދާގައެވެ. އެ ގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވަނީ، ކޮންޓްރެކްޓެއް ކުރެވޭ ގޮތަކީ އެކަކު އަނެކަކުގެ މައްޗަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ގަބޫލުކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ކޮންޓްރެކްޓެއްގައި ހުށަހެޅުމަކާއި (Offer) ޤަބޫލުކުރުމެއް (Acceptance) އޮންނަން ވާނެއެވެ. ނަމަވެސް، މުޤާބިލަކީ (Consideration) ކޮބައިކަމެއް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބުނެދީފައި ނުވެއެވެ.
42މި މައުޟޫޢުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް) މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވަނީ، ޤާނޫނީ ގޮތުން ތަންފީޛުކުރެވޭ ޞައްޙަ އެއްބަސްވުމެއް އުފެދިގެން އައުމަށްޓަކައި މުޤާބިލަކީ، ”ފުދޭ (adequate) އެއްޗަކަށް ނުވިނަމަވެސް މުޤާބިލަކީ އެކަށޭނެ (sufficient) ނުވަތަ އެ ލިބިގަންނަ ފަރާތަށް އަގުކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަމުގައި ވާންޖެހޭނެ“ ކަމަށެވެ.
43ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، މުޤާބިލާ ގުޅޭ ޝަރުތުތައް ފިޤުހުވެރިން ބަޔާންކޮށްފައިވީ ނަމަވެސް، މުޤާބިލުގެ ގޮތުގައި ބަދަލުކުރެވޭ އެއްޗަކީ، ޢަޤުދުގެ ބޭނުމަށްޓަކައި އެކަށޭނެ އެއްޗެއްކަން (adequacy) ބަލައި ވަޒަންކުރަން ޖެހޭނެކަމާމެދު ފިޤުހުވެރިން ބަހުސްކޮށްފައި ނުވާކަމަށާއި، އަދި އެއީ ޢަޤުދެއް ޞައްޙަވުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތެއްކަމުގައި، ނުވަތަ މުޤާބިލު ޞައްޙަވުމުގައި ފުރިހަމަވާންޖެހޭ ޝަރުތެއްކަމުގައި ފިޤުހުވެރިން ބަހުސްކޮށްފައި ނުވާކަމަށާއި، މިކަން ދޫކޮށްފައިވާ ކަމުގައި ބެލެވެނީ ޢަޤުދުގެ އެންމެ އަސާސީ އެއް ޢުންޞުރުކަމުގައިވާ ޢަޤުދުގެ ބައިވެރިން ޢަޤުދުގެ މައްޗަށް ރުހި ޤަބޫލުވުމުގެ މައްޗަށް ކަމުގައި ބެލެވޭ ކަމަށެވެ. ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކޮންޓްރެކްޓެއްގެ މުޤާބިލަކީ ކޮބައިކަމާއި، އެއިގެ މިންވަރަކީ ކޮންޓްރެކްޓްގެ ބައިވެރިން އެ ފަރާތްތަކުގެ ފުރިހަމަ ރުހުމާއި އިޚްތިޔާރުގައި ކަނޑައަޅާ އެއްޗެއް ކަމަށާއި، މުޤާބިލަކީ ކޮންޓްރެކްޓްކުރެވޭ މުޢާމަލާތަށް ފުދޭ އެއްޗެއްކަން (adequate) ނިންމާނީ އެ ކޮންޓްރެކްޓެއްގެ ބައިވެރިން ކަމަށާއި، އެއީ ކޮންޓްރެކްޓް ތަންފީޒުކުރުމުގެ ތެރެއިން ނުވަތަ އެ ނޫންވެސް މަރުޙަލާއެއްގައި ކޯޓުން ވަޒަންކުރާ ކަމެއް ނޫން ކަމަށެވެ.
44ޢާއިޝަތު އާނިޔާގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ދެއްކި ފައިސާއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށާއި ސަރުކާރަށް ދެއްކި ފައިސާ ކަމަށެވެ. ބިން ވިއްކުމުގެ މުޤާބިލުގައި އިސްތިއުނާފުކުރާ ފަރާތަށް އެއްވެސް މަންފާއެއް ލިބިފައިނުވާ ކަމަށެވެ.
45ހައިކޯޓުގެ ނިންމުމުގެ 20.3 ގައި، އެ ކޯޓުގެ ނަންބަރު 2015/HC-A/367 ޤަޟިއްޔާގެ އަލީގައި ފާހަގަކޮށްފައިވަނީ، ”މި މުޢާމަލާތާއި ގުޅިގެން ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ޢާއިޝަތު އާނިޔާއަށް 7,30,748.27 ރ (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ އަށްޑިހަ ހަތަރުރުފިޔާ ހަތާވީސްލާރި) ދީފައިވާކަމަށް ބުނާ ބުނުމަށް ޢާއިޝަތު އާނިޔާ އިންކާރު ނުކުރާކަން. އެ ފައިސާ 02 ޖޫން 2013 ގައި ޢާއިޝަތު އާނިޔާއަށް ލިބިފައިވާކަން.“ މިފަދައިންނެވެ. އަދި ހައިކޯޓުގެ ނިންމުމުގެ 20.4 ގައި، ”އޭގެ ފަހުން، 23 ފެބްރުވަރީ 2014 ގައި ޢާއިޝަތު އާނިޔާގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާނުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޢާއިޝަތު އާނިޔާއަށް ލިބިފައިވާ ގޯތި އަމިއްލަކުރުމަށް ބޭނުންވުމުން، އެ ފައިސާއާއި އިތުރު -50,000 ރ (ފަންސާސްހާސް ރުފިޔާ) އެކު ޖުމްލަ 7,30,748.27 ރ (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ އައްޑިހަ ހަތަރުރުފިޔާ ހަތާވީސްލާރި) ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ލިބިފައިވާކަން.“ މިފަދައިން ބަޔާންކޮށްފައިވެއެވެ.
46ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 2020 ފެބްރުވަރީ 19ވަނަ ދުވަހު ކޮންޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، ޢާއިޝަތު އާނިޔާއަށް ހުޅުމާލެއިން އޭނާ އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން އޭނާގެ ނަމުން ވަކިކުރާ ހިސާބަށް ގޮސްފައި އޮތް ކަމަށާއި، އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ދެއްކުމަށްފަހު އަދި އިތުރަށް -/50,000ރ (ފަންސާސްހާސް ރުފިޔާ) ދިނުމުން މި ގޯތި ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް މިލްކުކޮށްދިނުމަށް ޢާއިޝަތު އާނިޔާ އެއްބަސްވި ކަމަށާއި، އެޗް.ޑީ.ސީއަށް ދެއްކި ފައިސާގެ އިތުރުން، ބިން އަމިއްލަކުރުމުގެ ގޮތުން ހައުސިންގ މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ ވެސް ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާނެ ކަމަށެވެ.
47މި މުޢާމަލާތުގައި ހިމެނޭ ކަމަށް ބުނާ ފައިސާއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން އެކި މަޙައްލުގައި ދައްކާފައިވާ ވާހަކަތަކަށް ބަލައިލާނަމެވެ. އެގޮތުން:
47.1 ހައިކޯޓުގެ ނިންމުމުގައި ހަވާލާދީފައިވާ، 23 ފެބްރުވަރީ 2014 ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޢާއިޝަތު އާނިޔާގެ ފަރާތުން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، ”...މަތީގައި ދަންނަވާފައިވާ ގޯތި އަމިއްލަކުރުމަށްޓަކައި ފައިސާ ބޭނުންވުމުން އޭނާގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް މައްސަލަ ހުށަހެޅި ފަރާތުން 680748.27ރ (ހަލައްކަ އަށްޑިހަހާސް ހަތްސަތޭކަ ސާޅީސް އަށްރުފިޔާ ހަތާވީސްލާރި) އާއި، އިތުރު -/50,000ރ (ފަންސާސްހާސް ރުފިޔާ) އާއި، ޖުމްލަ އެކު 7,30,748.27ރ (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ ސާޅީސް އަށްރުފިޔާ ހަތާވީސްލާރި) ދައްކާފައިވާކަމަށް ބަޔާންކޮށްފައިވާނެކަން...“ މިފަދައިންނެވެ.
47.2 ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، 2020 ފެބްރުވަރީ 19ވަނަ ދުވަހު ޢާއިޝަތުގެ އާނިޔާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި، ”...އެހެންނަމަވެސް އެކަނި އުޅުމުގެ ސަބަބުން އެ ދުވަސްކޮޅުގައި އެ ވަގުތު ދައްކަން ޖެހުނު ފައިސާ އޭގެ ޑައުންޕޭމަންޓެއްގެ ގޮތުގައި ފަންސާސްހާސް ރުފިޔާ ދައްކަން ޖެހިގެން އެ ފައިސާ އެ ވަގުތު ނެތީމާ އެ ތަން ވަކިވާގޮތަށް އޮތީ. އެހެންވީމާ ވަކިކުރަން... ވިސްނާ ބަޔަކު އެހީތެރިވެދޭނެ ކަމަށް ބުނީމާ އެ މީހުންނަށް އެހީތެރިވެދިނުމަށް އެއްބަސްވީ. އެ ގޮތަށް އެއްބަސްވީ.“ މިފަދައިން ބުނެފައިވެއެވެ.
48މި މައްސަލައާ ގުޅިގެން ކޮންޓެކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި ޢާއިޝަތުގެ އާނިޔާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން، ބިން ވިއްކުމުގެ އަގަކީ ކޮބައިކަމާމެދު ސުވާލު އުފެދެއެވެ. ދަޢުވާގައި ބަޔާންކުރާ 7,30,748.27ރ. (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ ސާޅީސް އަށްރުފިޔާ ހަތާވީސްލާރި) އަކީ އެޗް.ޑީ.ސީއަށް ދެއްކި ފައިސާކަމަށް ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. އަދި ބިން އަމިއްލަކުރުމަށް ހައުސިންގ މިނިސްޓްރީއަށް ވެސް ފައިސާ ދައްކާފައިވާނެކަމަށް ބުނެއެވެ. އޭގެ އިތުރަށް، -50,000ރ (ފަންސާސްހާސް ރުފިޔާ) ޢާއިޝަތު އާނިޔާއަށް ދީފައިވާނެ ކަމަށް ވެސް ބުނެއެވެ.
49ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް ބަލާފައިވަނީ، ބިން ވިއްކުމުގެ އަގަކީ، 7,30,748.27ރ. (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ ސާޅީސް އަށްރުފިޔާ ހަތާވީސްލާރި) ކަމަށެވެ. އެ ގޮތުން، އެ މިންވަރުގެ 15% ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކާފައިވާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 422302 ފައިސާގެ ރަސީދުން އެނގޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިޕޯޓްގެ 30ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، 7,30,748.27ރ. (ހަތްލައްކަ ތިރީސްހާސް ހަތްސަތޭކަ ސާޅީސް އަށްރުފިޔާ ހަތާވީސްލާރި) އަކީ އެޗް.ޑީ.ސީއަށް ދެއްކި ފައިސާ ކަމަށާއި، އޭގެ އިތުރުން ޢާއިޝަތު އާނިޔާއަށް -50,000ރ (ފަންސާސްހާސް ރުފިޔާ) ދީފައިވާނެކަމަށް ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ބުނާ ބުނުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅާފައިނުވެއެވެ.
50އެހެންކަމުން، ދެފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ ބިން، ވިއްކުމުގެ އަގަކީ ޙަޤީޤަތުގައި ކިހާވަރެއްކަމާއި، އެޗް.ޑީ.ސީ އަށާއި ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ ފައިސާގެ އިތުރަށް ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ޢާއިޝަތު އާނިޔާއަށް ފައިސާ ދީފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށް ފެންނަން އޮތް ކަމަކަށް ނުފެނެއެވެ.
މައްސަލަ ބާޠިލްކުރުމަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ހުށަހެޅުން
51HN12މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޖަވާބު ފޯމުގައި، އެ ފަރާތުން އެދޭ ކަންކަމުގެ ތެރޭގައި، ޢާއިޝަތު އާނިޔާގެ ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ކަމަށް ބުނެ އައު ރަޖިސްޓްރީއެއް ހެއްދުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއް ނެތި، އެހެން ފަރާތަކަށް ގެއްލުންވާނެ ފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުމާއި، އިންސާފަށް ހުރަސް އެޅުމަށް މަސައްކަތްކުރުން ކަމުގައި ގަބޫލުކުރާ ކަމަށާއި، ވީމާ މި މައްސަލަ ކޯޓު މަރުޙަލާގައި އޮއްވާ އައު ރަޖިސްޓްރީއެއް ހެއްދުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421ވަނަ މާއްދާއާ ޚިލާފު ޢަމަލެއްކަމަށް ބަޔާންކޮށް، އެ ޤާނޫނުގެ 287ވަނަ މާއްދާގެ ދަށުން މައްސަލަ ބާޠިލްކޮށްދިނުމަށް އެދިފައިވެއެވެ.
52މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287ވަނަ މާއްދާގައި ބަޔާންކުރަނީ، އިސްތިއުނާފު މައްސަލައަކާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން އެދެވިދާނެ ކަންތައްތަކެވެ. އެގޮތުން އެ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގައި، އިސްތިއުނާފުގެ މައްސަލަ ބާތިލްކުރުމަށް އެދެވިދާނެ ޙާލަތްތަކެއް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ހުށަހަޅާފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށް ކަމުގައިވާނަމަ އިސްތިއުނާފުގެ މައްސަލަ ބާތިލުކުރުމަށް އެދެވިދާނެކަން 287ވަނަ މާއްދާގެ (ހ) ގެ 2ވަނަ ނަންބަރުން އެނގެން އޮވެއެވެ.
53ބުނެވިދިޔަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމެއް ހުށަހަޅާނީ، އެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ފޯމަކުން ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 34ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ހުށަހެޅުންތައް ހުށަހެޅުމަށް ވަކި ފޯމެއް ވެސް ކޯޓުން ޢާންމުކޮށްފައިވެއެވެ. ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން މި ހުށަހެޅުން ހުށަހަޅާފައިވަނީ އެ ކަމަށް ކޯޓުން ކަނޑައަޅާފައިވާ ފޯމަކުން ނޫނެވެ. އެހެންކަމުން، މި ހުށަހެޅުމަކީ އެއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ހުށަހެޅުމެއް ކަމުގައި ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
54އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/580 ޤަޟިއްޔާގެ ޙުކުމް ބާތިލުކުރަން ފެނެއެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
55މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
56މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/580 ޤަޟިއްޔާގެ ޙުކުމް ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސައިން ޝަހީދު
ޢަބްދުﷲ ޙަމީދު
(ރިޔާސަތު)
މުޙައްމަދު ސަލީމް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.