ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 13 · 2017/SC-A/42ސުޕްރީމް ކޯޓު · 1 ފެބުރުއަރީ 2021 · މަދަނީ – ކުއްޔާއި ކުލި، މައްސަލަ ހައިކޯޓަށް ތަޙްވީލުކުރުން

ޢަބްދުލްމުޖީބު މުޙައްމަދު ވ. ޖޯން ޗަރލްސް ސީފަރޓް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓު · 1 ފެބުރުއަރީ 2021ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ޢަބްދުލްމުޖީބު މުޙައްމަދާ އެއްކޮޅަށް ޙުކުމްކޮށް، ކުލި ދެއްކުމާއި ވިޔަފާރި ހުއްޓުވުމާއި ކޮޓަރި ހުސްކޮށް ޙަވާލުކުރުމަށް އަމުރުކުރިއެވެ. ހައިކޯޓުން އެ ޙުކުމް ބާޠިލުކޮށް، އެއްބަސްވުމެއް ސާބިތުވާ ހެއްކެއް ނެތުމާއި، ދިފާޢުވުމުގެ ފުރުސަތު ނުލިބުމާއި، ކުލީގެ ޢަދަދުގައި ފަރަގުހުރުން ފާހަގަކުރިއެވެ.
ވާޤިޢާ
ޢަބްދުލްމުޖީބު މުޙައްމަދު ކުއްޔަށް ހިފި ހުޅުމާލޭ އެޕާޓްމަންޓެއްގެ ކޮޓަރިއެއް ޖޯން ޗަރލްސް ސީފަރޓްއަށް 15 އަހަރަށް މަހަކު -/5300ރ. ގެ ކުލީގައި އަނގައިން އެއްބަސްވެ ދިނީ ކަމަށް ބުނެ، ކުލީގެ ފައިސާ ހޯދުމާއި ރަޖިސްޓްރީ ނުކުރެވި ކުރަމުންދާ ވިޔަފާރި ހުއްޓުވުމާއި ކޮޓަރި ހުސްކޮށް ޙަވާލުކުރުމަށް ދަޢުވާކުރިއެވެ. ޖޯން ޗަރލްސް ސީފަރޓް ބުނީ އޭނާ އެ ކޮޓަރީގައި ހުރީ ގެސްޓް ހައުސްއެއްގެ މުވައްޒަފުން ބޭތިއްބުމަށް ހަމަޖެހުނު އިންތިޒާމެއްގެ ދަށުން ކަމަށާއި ކުއްޔަށް ނޫން ކަމަށެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމާއި، ހެކިންގެ ބަސް ނުނެގުމުގެ ސަބަބުން ކަން ހިނގާފައިވާ ގޮތް ސާފުނުވުމުގެ ހާލަތެއްގައި، ހައިކޯޓުން ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރުމާއި މައްސަލަ ދަށު ކޯޓަށް ނުފޮނުވުމަކީ ޤާނޫނާ އެއްގޮތަށްތޯ، އަދި ސުޕްރީމް ކޯޓުން ހައިކޯޓަށް މައްސަލަ ތަޙްވީލުކުރެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޢަބްދުލްމުޖީބު މުޙައްމަދު ބުނީ ހައިކޯޓުގެ ޙުކުމުން ކުލި ކަނޑައެޅުމުގެ ޙައްޤު 2008/SCA/09 އާ ޚިލާފަށް ގެއްލިގެންދާކަމާއި، އެއްބަސްވުމެއް ނެތްކަމަށް ހައިކޯޓުން ކަނޑައެޅީ ހުށަހެޅި ހެކިތަކަށް ރިޢާޔަތް ނުކޮށްކަމާއި، ހައިކޯޓުން ޙުކުމް ބާޠިލުކޮށްފައިވަނީ އިސްތިއުނާފީ ނުކުތާތަކުގެ ބޭރުންކަމެވެ. ޖޯން ޗަރލްސް ސީފަރޓް ބުނީ ދަޢުވާއަކީ އަސްލެއް ނެތް ދަޢުވާއެއްކަމާއި، އެކަމަށް ކުލިއެއް ނުވަތަ އެހެން ފައިސާއެއް ހޯދަން ޖެހޭނީ އެ ކޮޓަރި ހަމަޖެއްސި ފަރާތުގެ އަތުންކަމެވެ.
ކޯޓުގެ ސަބަބުތައް
ޖޯން ޗަރލްސް ސީފަރޓް ހާޒިރުކޮށްދިނުމަށް އެދި ހުށަހެޅި ހެކިން ހާޒިރުކޮށްފައި ނުވުމާއި ހެކިންނާމެދު ޝަރީޢަތުން ޢަމަލުކުރި ގޮތް ސާފުނުވުމާއި، ކުލީގެ ޢަދަދާއި މުއްދަތުގައި ހުރި ތަފާތަށް ޢަމަލުކުރި ގޮތް ސާފުނުވުމާއި، ކޮޓަރީގައި ހުރުމުގެ ޠަބީޢަތް ސާފުނުވުމުގެ ސަބަބުން ހައިކޯޓުން އެ ކަންކަން ސާފުކުރުމަށް މައްސަލަ ދަށު ކޯޓަށް ތަޙްވީލުކުރަންޖެހެއެވެ. ނަމަވެސް އެގޮތަށް ނުކުރެވި ހައިކޯޓުން ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށްފައިވާތީ، ސުޕްރީމް ކޯޓުން ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ނުކުތާތައް އަލުން ބެލުމަށް ހައިކޯޓަށް ތަޙްވީލުކުރެވުނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2016/HCA/565
ފަހުގެ ތާރީޚު
—

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު؛ ނުކުތާތައް އަލުން ބެލުމަށް ހައިކޯޓަށް ތަޙްވީލު

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ މައްސަލަތަކުގައި ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާ ހުށަހެޅުން ސާބިތުކުރުމަކީ ދަޢުވާ ލިބޭ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. (ޕެރ. 19)

ކޯޓަކުން އެންމެ ފުރަތަމަ ކަނޑައަޅަންޖެހޭ އެންމެ އަސާސީ އެއްކަމަކީ، ދެ ފަރާތުގެ ދެމެދުގައި ކުލީގެ އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ؛ މިކަމަށްޓަކައި ޤާނޫނީ ބުރަދަނެއް ދެވޭފަދަ އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ދެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާއި، ދައްކާފައިވާ ވާހަކަތައް ވަޒަން ކުރަންޖެހެއެވެ. (ޕެރ. 24)

ހައިކޯޓުން އިސްތިއުނާފީ މައްސަލަތައް ބަލާނީ ދަށު ކޯޓުގައި މައްސަލައާ ގުޅިގެން ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. (ޕެރ. 29)

ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ މައްސަލަ ބެލުމުގެ ތެރޭގައި، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައި، އެ މައްސަލަ އަލުން ބެލުމުގެ މަސްލަހަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުން މައްސަލަ ބަލަންޖެހޭ ޤާނޫނީ އުސޫލުތައް ކަނޑައަޅައި އެ މައްސަލަ ބެލި ދަށު ކޯޓަށް މައްސަލަ އަނބުރާ ފޮނުވުމުގެ ބާރަކީ ހައިކޯޓަށް ލިބިގެންވާ ބާރެކެވެ. (ޕެރ. 29)

އިސްތިއުނާފީ މަރުޙަލާގައި ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނީ ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ އިސްތިއުނާފީ ނުކުތާތަކާމެދުގައެވެ. (ޕެރ. 30)

ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތް ދަށު ކޯޓުން ފުރިހަމައަށް ކަށަވަރު ކޮށްދީފައިނުވާ ޙާލަތުގައި އެ މައްސަލައަކީ ހައިކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ، އެ މައްސަލަ ހައިކޯޓަށް ތަޙުވީލު ކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރެކެވެ. (ޕެރ. 32)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) އާއި (ނ)
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 62 ވަނަ މާއްދާގެ (ނ) އާއި 90 ވަނަ މާއްދާގެ (ނ)
  • 2008/SCA/09 (އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު)
  • 2010/SCA/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ)

ފަނޑިޔާރުން

ބެންޗު
މަޙާޒު ޢަލީ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1ހުޅުމާލެ ލޮޓް ނަންބަރު 10501 ޚައިރާތު އެވެކިޔާ ގޭގެ ގްރައުންޑް ފްލޯއިން ޢަބްދުލްމުޖީބު މުޙައްމަދު 03 ކޮޓަރި ކުއްޔަށް ހިފިއެވެ. މި ތިން ކޮޓަރީގެ ތެރެއިން އެންމެ ބޭރަށް ހުރި ކޮޓަރި އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ޖޯން ޗަރލްސް ސީފަރޓްއަށް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނެވެ. ކުއްޔެއްގެ ގޮތުގައި ކުއްޔަށް ހިފި ފަރާތުން ދައްކަންޖެހެނީ މަހަކު -/5300ރ. (ފަސްހާސް ތިންސަތޭކަ ރުފިޔާ) އެވެ. މިއީ ފެނާއި ކަރަންޓާއެކު ދައްކަންޖެހޭ މިންވަރެވެ. މި ފަދައިން ކުއްޔަށް ދީފައިވަނީ ދެ ފަރާތުގެ ދެމެދުގައި އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ މައްޗަށްކަމަށް ޢަބްދުލްމުޖީބު މުޙައްމަދު ބުނެއެވެ.

2ދެ ފަރާތުގެ ދެމެދުގައި ވެވުނުކަމަށް ބުނާ އެއްބަސްވުމާ އެއްގޮތަށް ކުއްޔަށް ހިފި ފަރާތުން ކުލި ދައްކަމުން ގޮސްފައިނުވެއެވެ. މިކަމާ ގުޅިގެން ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ޖޯން ޗަރލްސް ސީފަރޓްގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާ އުފުލިއެވެ. މި ދަޢުވާގައި ޢަބްދުލްމުޖީބު މުޙައްމަދު ތިން ކަމަކަށް އެދިފައިވެއެވެ.

2.1- ފުރަތަމަ ކަމަކީ، 01 މާރޗް 2013 އިން 30 އޭޕްރިލް 2014 އަށް ދަންކަންޖެހޭ 14 މަސްދުވަހުގެ ކުލީގެ ފައިސާ ކަމަށްވާ -/74200ރ. (ހަތްދިހަ ހަތަރުހާސް ދުއިސައްތަ) ރުފިޔާ ހޯދުމެވެ.

2.2- ދެވަނަ ކަމަކީ، ޖޯން ޗަރލްސް ސީފަރޓްއަށް ކުއްޔަށް ދީފައިވާ ކޮޓަރީގައި ޤާނޫނާ ޚިލާފަށް ވިޔަފާރި ރަޖިސްޓްރީ ކުރުމަކާނުލައި ކުރަމުންދިޔަ ވިޔަފާރި ހުއްޓުވައި ދިނުމެވެ.

2.3- ތިންވަނަ ކަމަކީ، ޖޯން ޗަރލްސް ސީފަރޓްއަށް ކުއްޔަށް ދީފައިވާ ކޮޓަރި ހުސްކޮށް ޢަބްދުލްމުޖީބު މުޙައްމަދާ ޙަވާލު ކުރުމަށް އެދި ކަމާބެހޭ ފަރާތަށާއި ޖޯން ޗަރލްސް ސީފަރޓްގެ މައްޗަށް އަމުރުކޮށް ދިނުމެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމި ގޮތް

3މި މައްސަލަ ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާއިންނެވެ.

4ޢަބްދުލްމުޖީބު މުޙައްމަދު، ޖޯން ޗަރލްސް ސީފަރޓްގެ މައްޗަށް ކުރި ދަޢުވާއަށް އޭނާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އިންކާރު ކުރިއެވެ. އަދި އޭނާ ދަޢުވާގައި ބުނެފައިވާ ކޮޓަރީގައި ހުރެފައިވަނީ ކުއްޔަށް ނޫންކަމަށާއި، އެ ތަނުގައި އޭނާ ހުރެފައިވަނީ ޢަބްދުލްމުޖީބު މުޙައްމަދުގެ ބޭބެ، ޢަބްދުލްޙަސީބް މުޙައްމަދު ހިންގަމުންދިޔަ ގެސްޓް ހައުސްއެއްގެ މުވައްޒަފުން ބޭތިއްބުމަށް ޢަބްދުލްޙަސީބް މުޙައްމަދު ހަމަޖެއްސި އިންތިޒާމެއްގެ ދަށުން ކަމަށެވެ. އަދި މި ކަން ސާބިތުކޮށްދިނުމަށް ޢަބްދުލްޙަސީބު މުހައްމަދާއި، ޢަބްދުލްމަޖީދު މުޙައްމަދާއި، ޢަބްދުލްޙަސީބް މުހައްމަދުގެ ފައިނޭޝިއަލް އެޑްވައިޒަރ ގިއާން ކަރލޯ ޕަސޯނި ހާޒިރުކޮށްދިނުމަށް ޖޯން ޗަރލްސް ސީފަރޓް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވެއެވެ.

5ޢަބްދުލްމުޖީބު މުޙައްމަދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކުރި ދަޢުވާ ސާބިތުކުރުމަށްޓަކައި އޭނާ ޖޯން ޗަރލްސް ސީފަރޓްއަށް ކުއްޔާއި ގުޅިގެން ފޮނުވި ނޯޓިސްތަކާއި، އެހެނިހެން ލިޔެކިޔުންތައް ޝަރީޢަތަށް ހުށަހަޅާފައިވެއެވެ.

6ޝަރީޢަތުން މި މައްސަލަ ނިންމާފައިވަނީ ޢަބްދުލްމުޖީބު މުޙައްމަދާ އެއްކޮޅަށެވެ. މި ނިންމުމުގައި ޢަބްދުލްމުޖީބު މުޙައްމަދު ދަޢުވާގައި އެދިފައިވާ ކުލީގެ ފައިސާއަކީ ޖޯން ޗަރލްސް ސީފަރޓް ދައްކަންޖެހޭ ފައިސާއެއް ކަމަށާއި، މި ފައިސާ ޙުކުމްކުރި ތާރީޚުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ޖޯން ޗަރލްސް ސީފަރޓްގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި މީގެ އިތުރުން އެ ކޮޓަރީގައި ޖޯން ޗަރލްސް ސީފަރޓް ޤާނޫނާ ޚިލާފަށް ވިޔަފާރި ރަޖިސްޓްރީ ކުރުމަކާ ނުލައި ޓުއަރ އޮޕަރޭޓަރ ވިޔަފާރި ކުރަމުން އަންނަކަމަށާއި، ޙުކުމް ކުރި ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ ކޮޓަރި ހުސްކޮށް ޢަބްދުލްމުޖީބު މުޙައްމަދާ ޙަވާލު ކުރުމަށް ޖޯން ޗަރލްސް ސީފަރޓްގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

7ބުނެވިދިޔަ ނިންމުންތައް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ، ޢަބްދުލްމުޖީބު މުޙައްމަދު ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެކަންތައްތައް ސާބިތުވާތީ ކަމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމުގައި ބަޔާންވެފައިވެއެވެ.

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް

8ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމުގައި ބުނެ ޖޯން ޗަރލްސް ސީފަރޓްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HCA/565 ޤަޟިއްޔާއިންނެވެ.

9ދިވެހިރާއްޖޭގެ ހައިކޯޓުގައި ޖޯން ޗަރލްސް ސީފަރޓް އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ހުށަހަޅާފައިވާ މައިގަނޑު ނުކުތާތަކަކީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާއިން ދިފާޢުވުމަށް އޭނާއަށް އެކަށީގެންވާ ފުރުސަތާއި، ވަގުތު ލިބިދީފައި ނުވާކަމަށާއި، ދަޢުވާއިން ދިފާޢުވުމަށް އެކަށީގެންވާ ވަސީލަތް ހޯދުމުގެ ޙައްޤު އޭނާއަށް ލިބިދީފައި ނުވާކަމަށާއި، މި މައްސަލަ ނިންމާފައިވަނީ އޭނާގެ ބަހެއް ހޯދުމެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާތަކެވެ.

10ޖޯން ޗަރލްސް ސީފަރޓް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަ ކޮށްފައިވަނީ، މި މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔައިރު، ދަޢުވާއިން ދިފާޢުވުމަށް ޖޯން ޗަރލްސް ސީފަރޓްއަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބިދީފައި ނުވާކަމަށް ބެލެވޭނެ ހެއްކެއް އަދި ޤަރީނާއެއްވިޔަސް ހުށަހެޅިފައި ނެތްކަމަށެވެ. އަދި މި މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔައިރު، ޖޯން ޗާލްސް ސީފާޓްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ބަޔާން ހުށަހަޅާފައިވާކަން އެނގޭކަންވެސް ފަނޑިޔާރުން ފާހަގަ ކޮށްފައިވެއެވެ.

11މީގެ އިތުރުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދަޢުވާގައިވާ ކުލީގެ ފައިސާގެ ޢަދަދު ހިސާބުކޮށްފައިވާ ގޮތުގެ ތަފުސީލަށް ބަލާފައިވެއެވެ. މި ގޮތުން މި ފައިސާގެ ޢަދަދާއި މި މުޢާމަލާތު ސާބިތުކުރުމުގެ ގޮތުން ޢަބްދުލްމުޖީބުގެ ފަރާތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "ރެންޓް ސެޓްލްމަންޓް ނޯޓިސް" ގައިވާ ޢަދަދާއި އެ ކޯޓަށް ހުށަހެޅި ދަޢުވާގައިވާ ފައިސާގެ ޢަދަދު ދިމާނުވާކަން ފާހަގަ ކޮށްފައިވެއެވެ.

12މި ގޮތުން، ރެންޓް ސެޓްލްމަންޓް ނޯޓިސްއަށް ބަލާއިރު އެ ލިޔުމުގައި އެ ކޮޓަރީގެ ކުއްޔަކީ މަހަކު US$450/- (ހަތަރު ސަތޭކަ ފަންސާން އެމެރިކާ ޑޮލަރު) ނުވަތަ -/6939ރ. (ހަހާސް ނުވަސަތޭކަ ތިރީސް ނުވަ ރުފިޔާ) ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ޖޯން ޗަރލްސް ސީފަރޓް އެ ކޮޓަރީގައި ހުރެފައިވާކަމަށްވާ 22 މެއި 2013 އިން ފެށިގެން 21 މެއި 2014 ގެ ނިޔަލަށް އޭނާ ދައްކަންޖެހޭ ޖުމުލަ އަދަދަކީ US$5400/- (ފަސްހާސް ހަތަރު ސަތޭކަ އެމެރިކާ ޑޮލަރު) ނުވަތަ -/83268ރ. (އަށްޑިހަ ތިންހާސް ދުއިސައްތަ ފަސްދޮޅަސް އަށް ރުފިޔާ) ކަން އެނގޭކަން ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އިސްތިއުނާފު ކުރާފަރާތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާގައި ހޯދަން އެދިފައިވަނީ ފެނާއި ކަރަންޓު ހިމެނޭ ގޮތުން، 01 މާރޗް 2013 އިން 30 އޭޕްރިލް 2014 އަށް މަހަކު -/5300ރ. ގެ ރޭޓުން 14 މަސްދުވަހުގެ ކުލީގެ ފައިސާކަމަށްވާ -/74200ރ. (ހަތްދިހަ ހަތަރުހާސް ދުއިސައްތަ ރުފިޔާ) ހޯދުމަށް ކަން އެނގޭއިރު، މި ޢަދަދުތަކުގައި ފަރަގެއް ހުރުމުން އެކަން ޝަރީޢަތަށް ސާފުކޮށްދިނުމަށް އިސްތިއުނާފު ކުރާ ފަރާތަށް ޝަރީޢަތުން ފުރުސަތު ދިންނަމަވެސް، އެކަން ޝަރީޢަތަށް ސާފުކޮށްދީފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ.

13މީގެ އިތުރުން ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ޢަދަދަށް ފައިސާ ދައްކަންޖެހޭކަން ޝަރީޢަތަށް ސާބިތުކޮށްދެވޭ މިންވަރުގެ ކާފީ ހެއްކެއް ޢަބްދުލްމުޖީބުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައި ނުވާކަމާއި، ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ކުއްޔަށް ހިފާފައިވާ ކޮޓަރިއެއްގައި ޖޯން ޗަރލްސް ސީފަރޓް ދިރިއުޅެފައިވަނީ އެ ތަން ކުއްޔަށް ހިފުމަށް ދެ ފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުންކަން ސާބިތުވާނެ ހެކިތަކެއް އަދި ހަރުދަނާ ގަރީނާތަކެއް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައި ނެތްކަން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި މި ސަބަބަށްޓަކައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދު

14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/565 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އަންނަނިވި ތިން ނުކުތާއެއް ހުށަހަޅާފައިވެއެވެ.

14.1- ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/565 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ މުދާ ބޭނުން ކުރުމުގެ މުޤާބިލެއްގެ ގޮތުން ކުއްޔަށް ދިން ފަރާތަށް ކުލި ކަނޑައެޅުމުގެ ޤާނޫނީ ޙައްޤު ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SCA/09 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުން މަޙްރޫމުވެ، އެ ޙައްޤު އިސްތިއުނާފު ކުރާ ފަރާތަށް ނުލިބޭ ގޮތަށް ކަމަށާއި، ތަން ބޭނުން ކުރި މުއްދަތުގެ ތެރެއިން ދަޢުވާގައި ބަޔާންކުރާ މުއްދަތަށް ޖެހޭ ޞައްޙަ ކުލި ނަގައި ނުދެވޭނެ ނަތީޖާއެއް އަންނަ އުސޫލުން ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ނާޖާއިޒު މަންފާއެއް ލިއްބައިދެވޭ ޙުކުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

14.2- ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ޖޯން ޗަރލްސް ސީފަރޓްގެ ފަރާތުން އެޕާޓްމަންޓްގެ ކޮޓަރީގައި ދިރިއުޅެފައިވަނީ ދެ ފަރާތުގެ ދެމެދުގައި ކުއްޔަށް ހިފުމުގެ އެއްބަސްވުމެއް ވެގެންކަމަށް ކަނޑައެޅެން ނެތްކަމަށާއި، އެ ފަދަ ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، އެ ލިޔެކިޔުންތައް ލިބުމަށްފަހު އިސްތިއުނާފު ރައްދުވާ ޖޯން ޗަރލްސް ސީފަރޓް އެ ކޮޓަރީގައި ހުރި ހުރުމާ ގުޅިގެން ނުކުންނަ ޤާނޫނީ ނަތީޖާގެ މައްޗަށް ރިޢާޔަތް ކުރުމެއްނެތި، ނޯޓިސްގެ ފަހަށް އިސްތިއުނާފު ކުރާ ފަރާތަށް ކުލި ހޯދުމަށް ލިބިގެންވާ ޙައްޤު މުޅިން ނިގުޅައި ގަނެވޭނެ ގޮތަށް ކަން ފާހަގަކޮށް ހުށަހެޅި ނުކުތާއެވެ.

14.3- ތިންވަނަ ނުކުތާއަކީ، ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ފަރުވާ ލިބިދޭންޖެހޭނީ، އެ ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ މައުޟޫޢުގެ ތެރެއިންކަމާއި، ދަޢުވާއެއްގެ ތެރެއިން ކޯޓަށް ހުށަނޭޅޭ ކަމެއްގައި ކޯޓުން ފަރުވާ ނުދިނުމަކީ ޝަރީޢަތްކުރުމުގެ ޢާންމު އިޖުރާއަތުގެ ތެރެއިންވާ ކަމެއްކަން އެނގެން އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/565 ޤަޟިއްޔާގައި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ބޭރުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

15އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން ޖޯން ޗަރލްސް ސީފަރޓްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުން ޖޯން ޗަރލްސް ސީފަރޓްގެ މައްޗަށް ކުރާ ދަޢުވާއަކީ އަސްލެއް، ޙަޤީޤަތެއް ނެތް ދަޢުވާއެއް ކަމަށާއި، ޖޯން ޗަރލްސް ސީފަރޓް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ކޮޓަރީގައި ހުރެފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ ބޭބެ، ޢަބްދުލްޙަސީބު މުޙައްމަދުގެ ގެސްޓް ހައުސްގެ ސްޓާފް އެކޮމަޑޭޝަން އެ ތަނުގައި ހަމަޖެއްސުމާ ގުޅިގެން ކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތާއި އިސްތިއުނާފު ކުރާ ފަރާތާ ދެމެދު އެ ކޮޓަރި ކުއްޔަށް ހިފުމާމެދު އެއްވެސް އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމަށާއި، އެ ކޮޓަރީގައި ހުރި މުއްދަތަށް ކުއްޔެއް ނުވަތަ އެނޫންވެސް ފައިސާއެއް އިސްތިއުނާފު ކުރާ ފަރާތުން ހޯދަން އެދޭނަމަ އެ ކުއްޔެއް ނުވަތަ ފައިސާއެއް ހޯދަންޖެހޭނީ އިސްތިއުނާފު ރައްދުވާ ފަރާތުން ނޫންކަމުގައި އެ ފަރާތުން ބުނާކަން ފާހަގަކުރެވެއެވެ.

މުޤާބިލެއްނެތި މުދާ ބޭނުންކުރުން

16މި މައްސަލަ އިސްތިއުނާފު ކުރަމުން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކުރާ ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލައި ނިންމި ގޮތުން އިސްތިއުނާފު ކުރާ ފަރާތުން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ޖޯން ޗަރލްސް ސީފަރޓް ހުރި ހުރުމުގެ މުޤާބިލުގައި އިސްތިއުނާފު ކުރާ ފަރާތަށް އެއްވެސް މަންފާއެއް ނުލިބޭނެހެން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ. އަދި މި ފަދައިން ނިންމާފައިވުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SCA/09 ޤަޟިއްޔާގައި މުދަލެއް ބޭނުން ކުރުމުގެ މުޤާބިލެއްގެ ގޮތުން މިސްލީ ކުއްޔެއް ނަމަވެސް ލިބުމަށް އެ ފަރާތަށް އޮތް ޙައްޤުން މަޙްރޫމުވެފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދެކެއެވެ.

17މި ނުކުތާއަށް ބަލާއިރު، ޖޯން ޗަރލްސް ސީފަރޓް މި މައްސަލައިގައި ވާހަކަދެކެވޭ ކޮޓަރީގައި ހުރެފައިވާ ކަމާމެދު ޝަރުޢީ އެއްވެސް މަރުޙަލާއެއްގައި އޭނާ އިންކާރު ކޮށްފައިނުވެއެވެ. އަދި އެފަދައިން ހުރި ހުރުމުގައި އިސްތިއުނާފު ކުރާ ފަރާތަށް އެކަމުގެ މުޤާބިލުގައި އެއްވެސް އެއްޗެއް ދިންކަމަކަށް ވެސް ބުނެފައި ނުވެއެވެ.

18ޖޯން ޗަރލްސް ސީފަރޓް ބުނާ ގޮތުން އެ ކޮޓަރީގައި އޭނާ ހުރެފައިވަނީ ވަކި ފަރާތަކުން ގެސްޓް ހައުސްއެއްގެ މުވައްޒަފުން ބޭތިއްބުމަށް ހަމަޖެއްސި އިންތިޒާމެއްގެ ދަށުން އެ ފަރާތަކީ މުވައްޒަފެއް ކަމުގައިވާތީ، އެ ކޮޓަރީގައި ހުރީކަމުގައާއި، އެކަން ދަންނާނެ ހެކިން ތިބި ކަމުގައެވެ. އަދި އެ ހެކިންނަކީ ކޮބައިކަން ސާފުކޮށްދީ އެ ހެކިން ހާޒިރު ކޮށްދިނުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވެއެވެ.

19HN1މަދަނީ މައްސަލަތަކުގައި ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާ ހުށަހެޅުން ސާބިތުކުރުމަކީ ދަޢުވާ ލިބޭ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. މި މައްސަލައިގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ހުށަހެޅުނު ދަޢުވާއަށް އިންކާރު ކުރުމަށްފަހު، އިސްތިއުނާފު ކުރާ ފަރާތުން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގައި އޭނާ ހުރެފައިވާ ސަބަބު ހާމަކޮށް، އެކަން ސާބިތުކުރުމަށް ހެކި ހުށަހެޅުނުކަން މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގުނު ނަމަވެސް، އެ ހެކިން ހާޒިރުކޮށްފައި ނުވެއެވެ. އަދި މި ފަދައިން ހެކިން ހާޒިރުކޮށްފައި ނުވާ ސަބަބާމެދު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި މައްސަލަ ބެލި ފަނޑިޔާރު އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނުވެއެވެ.

20މި މައްސަލައިގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި ކުރިއަށް ގެންދެވުނު އިސްތިއުނާފީ އަޑުއެހުމުގައި މި ނުކުތާ ސާފުކޮށް، ކަން ހިނގާފައިވާ ގޮތް އޮޅުން ފިލުވާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން އެނގޭކަށް ނެތެވެ.

21ކަންމިހެން އޮތްއިރު، މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މި ނުކުތާއާ ގުޅިގެން، އެ ފަރާތުން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގައި ދިގު މުއްދަތަކަށް ޖޯން ޗަރލްސް ސީފަރޓް ހުރެފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން ބުނާ ފަދައިން ކުއްޔަށް ކަން ނުވަތަ ނޫންކަން، އަދި މި މުޢާމަލާތާ ގުޅިގެން މިސްލީ ކުއްޔެއް ކަނޑައެޅިދާނެކަމާމެދު ގޮތެއް ނިންމުމަށްޓަކައި، އެ ކޮޓަރީގައި ޖޯން ޗަރލްސް ސީފަރޓް ހުރެފައިވާ ހުރުމުގެ ޠަބީޢަތަކީ ކޮބައިކަން ސާފުކޮށް އެނގެން ޖެހެއެވެ.

އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަން

22އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ކުއްޔަށް ހިފުމުގެ އެއްބަސްވުމެއް އޮތްކަން ކަނޑައެޅެން ނެތްކަމަށާއި، އެފަދަ ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާކަމަށް ކަނޑައަޅާފައިވަނީ މި މައްސަލައިގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހެކިތަކަށް ރިޢާޔަތް ކުރުމަކާ ނުލައި ކަމަށެވެ.

23ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދިރިއުޅެފައިވަނީ އެތަން ކުއްޔަށް ހިފުމަށް ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަން ސާބިތުވާނެ ނުވަތަ ހަރުދަނާ ގަރީނާތަކެއް ދަށު ކޯޓަށް ހުށަހެޅިފައި ނުވާތީއެވެ.

24HN2ކޯޓަކުން މި މައްސަލައިގައި އެންމެ ފުރަތަމަ ކަނޑައަޅަންޖެހޭ އެންމެ އަސާސީ އެއްކަމަކީ، ދެ ފަރާތުގެ ދެމެދުގައި ކުލީގެ އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. މިކަމަށްޓަކައި މި މައްސަލައާ ގުޅިގެން އެ މައްޗަށް ޤާނޫނީ ބުރަދަނެއް ދެވޭފަދަ އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ދެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާއި، ދައްކާފައިވާ ވާހަކަތައް ވަޒަން ކުރަންޖެހެއެވެ.

25މި މައްސަލައިގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ދެ ފަރާތުން ދެއްކި ވާހަކަތަކުން މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ވެވިފައި ނުވާކަމާއި، އިސްތިއުނާފު ރައްދުވާ، ޖޯން ޗަރލްސް ސީފަރޓް މި މައްސަލައިގައި ވާހަކަދެކެވޭ ކޮޓަރި ބޭނުންކުރި ކަމަށް އެއްބަސްވާކަން އެނގެއެވެ. ނަމަވެސް، ޖޯން ޗަރލްސް ސީފަރޓް އެ ކޮޓަރި ބޭނުން ކޮށްފައިވަނީ އެހެން އިންތިޒާމެއްގެ ދަށުންކަމަށާއި، އެކަން އެނގޭނެ ހެކިން ހާޒިރުކޮށްދިނުމަށް ޝަރީޢަތުގައި އޭނާ އެދިފައިވެއެވެ. ނަމަވެސް މި ރައުޔުގެ 19 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވާ ގޮތަށް އެ ހެކިން ހާޒިރުކޮށް ހެކިބަސް ނަގާފައި ނުވުމުގެ އިތުރަށް އެ ހެކިން ހުށަހެޅުމަށްފަހު، ޝަރީޢަތުން އެ ހެކިންނާމެދު ޢަމަލު ކުރި ގޮތް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންނެތެވެ. މި ކަމަކީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުގައި، ދަށު ކޯޓަށް މައްސަލަ ތަޙްވީލު ކުރުމުގެ އިޖުރާއަތުގެ ތެރެއިން ސާފު ކުރުމުގެ ފުރުސަތު އޮތް ކަމެވެ.

26މީގެ އިތުރަށް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ޖޯން ޗަރލްސް ސީފަރޓްއަށް ރަޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް "ރެންޓް ސެޓްލްމަންޓް ނޯޓިސް" ފަދަ މައްސަލައާ ގުޅުންހުރި ލިޔުންތައް ފޮނުވާފައިވާއިރު، އެ ލިޔުންތަކާމެދު، އެ ފަރާތުން ބުނާ އެއްޗެއް ޝަރީޢަތުން ސާފުކޮށްފައިވާކަން އެނގެން ނެތެވެ.

އިސްތިނާފީ ނުކުތާތަކުގެ ބޭރުން މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވުން

27ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކުރާ ތިންވަނަ އިސްތިއުނާފީ ނުކުތާއަކީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ބޭރުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

28މި ނުކުތާ ތަފުސީލު ކުރަމުން، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޖޯން ޗަރލްސް ސީފަރޓްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމާފައިވަނީ އޭނާއަށް ދިފާޢުވުމަށްޓަކައި އެކަށީގެންވާ ފުރުސަތާއި ވަގުތާއި ވަސީލަތް ދީފައި ނުވުމުގެ އިތުރަށް މި މައްސަލައިގައި އޭނާގެ ބަހެއްވެސް އެ ކޯޓުން ހޯދާފައި ނުވާތީކަމާއި، ނަމަވެސް މި ކަންކަމަށް ބަލާއިރު، މި ކަންކަން ހިނގާފައިވަނީ ޖޯން ޗަރލްސް ސީފަރޓް ބުނާ ފަދައިން ނޫންކަން ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވާއިރު، މި މައްސަލައިގައި ހައިކޯޓުން ކަނޑައަޅަންޖެހޭނީ އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތަކުގެ މައްޗަށް ބަލައި ދަށު ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށްކަން އިސްތިއުނާފު ކުރާ ފަރާތުން ދެކެއެވެ. ނަމަވެސް މި މައްސަލައިގައި ދަށު ކޯޓުގެ ޙުކުމް ބާޠިލު ކޮށްފައިވަނީ، އިސްތިއުނާފު ކުރާ ފަރާތަށް، މި މައްސަލައިގައި ވާހަކަ ދެކެވޭ ކުލީގެ ޢަދަދާއި، ކުލީގެ މުއްދަތު ޝަރީޢަތަށް ސާބިތުކޮށް ދެވިފައި ނުވާތީކަމަށް އެ ފަރާތުން ބުނެއެވެ.

29HN3HN4ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފީ މައްސަލަތައް ބަލާނީ ދަށު ކޯޓުގައި މައްސަލައާ ގުޅިގެން ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. އަދި ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ މައްސަލަ ބެލުމުގެ ތެރޭގައި، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައި، އެ މައްސަލަ އަލުން ބެލުމުގެ މަސްލަހަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުން މައްސަލަ ބަލަންޖެހޭ ޤާނޫނީ އުސޫލުތައް ކަނޑައަޅައި އެ މައްސަލަ ބެލި ދަށު ކޯޓަށް މައްސަލަ އަނބުރާ ފޮނުވުމުގެ ބާރަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާ ބާރެކެވެ.

30HN5ބުނެވިދިޔަ ޤާނޫނީ އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، އިސްތިއުނާފީ މަރުޙަލާގައި ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނީ ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ އިސްތިއުނާފީ ނުކުތާތަކާމެދުގައެވެ. މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު،

30.1- މި މައްސަލައިގައި ދަށު ކޯޓުގެ މަރުޙަލާގައި އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޢަމަލުތަކުން އެއްބަސްވުމެއް އުފެދޭކަން ނުވަތަ ނޫންކަމާއި،

30.2- ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ހުށަހެޅުނު ދަޢުވާއަށް އިންކާރު ކުރުމަށްފަހު، އިސްތިއުނާފުކުރާ ފަރާތުން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގައި އޭނާ ހުރެފައިވާ ސަބަބު ހާމަކޮށް، އެކަން ސާބިތުކުރުމަށް ހެކި ހުށަހެޅުނުކަން މައްސަލައިގައި ލިޔެކިޔުންތަކުން އެނގޭއިރު، އެ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމާމެދު ނުވަތަ އެ ހެކިންނާމެދު ޝަރީޢަތުން ޢަމަލުކޮށްފައިވާ ގޮތެއް ސާފުވެފައި ނުވުމާއި،

30.3- މި މުޢާމަލާތާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވުނު ލިޔެކިޔުންތަކާމެދު އެ ފަރާތުން ބުނާ އެއްޗެއް ސާފުކޮށްފައި ނުވުމުގެ އިތުރަށް،

30.4- މި މައްސަލައިގައި މައްސަލަ ހުށަހެޅި ފޯމުގައި އިސްތިއުނާފު ކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ކުއްޔާއި، އެ ކުލީގެ މުއްދަތާއި، އެކަން ސާބިތުކޮށް ދިނުމަށް އެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ލިޔުންތަކުގައިވާ ކުއްޔާއި ކުލީގެ މުއްދަތާ ދެމެދު ހުރި ތަފާތުތަކާމެދު ޝަރީޢަތުން ޢަމަލުކޮށްފައިވާ ގޮތެއް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން ސާފުނުވެއެވެ.

31އެހެންކަމުން، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައެޅުމުގެ ތެރޭގައި މި ބުނެވުނު ކަންތައްތައް ސާފުކުރުމަށްޓަކައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ތަޙުވީލު ކުރެވެން ޖެހޭނެކަމަށް ފެނެއެވެ. ނަމަވެސް މިފަދައިން މި މައްސަލައިގައި ޢަމަލުކުރެވިފައި ނުވެއެވެ.

32HN6ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތް ދަށު ކޯޓުން ފުރިހަމައަށް ކަށަވަރު ކޮށްދީފައިނުވާ ޙާލަތުގައި އެ މައްސަލައަކީ ހައިކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ، އެ މައްސަލަ ހައިކޯޓަށް ތަޙުވީލު ކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރެކެވެ.

33މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، މި ރައުޔުގެ 30 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވާ ކަންކަން ސާފުވާންޖެހޭނެ ދެކެމެވެ. އަދި މި ކަންކަން ސާފުކުރުމުގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް މަގަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ އަލުން ހައިކޯޓަށް ތަޙްވީލުކޮށްގެން އެކަންކަން ވަޒަންކުރުމެވެ. ވުމާއެކު، އެކަންކަން ސާފު ކުރުމަށްޓަކައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.

34މި މައްސަލަ މި ނިންމަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/565 ޤަޟިއްޔާގެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި މި ކޯޓަށް ހުށަހެޅި މައްސަލައިގައި ދަޢުވާލިބޭ ޖޯން ޗަރލްސް ސީފަރޓްގެ ބަދަލުގައި ޝަރީޢަތަށް ޙާޟިރުވުމަށް ކަނޑައަޅާފައިވާ ފަރާތަކީ މި ކޯޓުގެ ޤަވާއިދުގެ 62 ވަނަ މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތް ފަރާތަކަށް ނުވާތީ، ޙަވާލާދެވުނު މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދަޢުވާލިބޭ ފަރާތަށް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ ވަކީލެއް ޢައްޔަންކުރުމަށް ދެވުނު ފުރުޞަތުގައި ވަކީލަކު ޢައްޔަންކޮށް، 01 ފެބުރުއަރީ 2021 ވަނަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޙާޟިރުވެފައިނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 90 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައެވެ.

35ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

36ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/565 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލު ކުރުމާއެކު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ މި މައްސަލައިގައި މައުޟޫޢީ ގޮތުން އަލުން ބަލަންޖެހޭކަމަށް ކަނޑައެޅި ނުކުތާތައް ބެލުމަށް އަންގައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙްވީލު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

ޙުސްނުއްސުޢޫދު

(ރިޔާސަތު)

ފުޓްނޯޓު

  1. ޖޯން ޗާލްސް ސީފާޓް 16 ޖުލައި 2015 ގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާން
  2. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާ
  3. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާގެ ރިޕޯޓުގައި ޖޯން ޗަރަލްސް ސީފަޓްގެ ނަން ލިޔެފައިވަނީ "ޖޯން ސޭފަރޓް ޗާލްސް" މިފަދައިންނެވެ.
  4. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާގެ ޙުކުމް
  5. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/565 ޤަޟިއްޔާ
  6. ހައިކޯޓުގެ ނަންބަރު 2016/HCA/565 ޤަޟިއްޔާގެ ފާހަގަ ކުރެވޭ ނުކުތާތަކުގެ ދެވަނަ ނުކުތާ
  7. އބމ. ތިންވަނަ ނުކުތާ
  8. އބމ.
  9. އބމ.
  10. އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު
  11. އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު
  12. ޖޯން ޗާލްސް ސީފާޓް 16 ޖުލައި 2015 ގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާން
  13. އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ، 2010/SCA/02 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ ތިންވަނަ ނުކުތާ
  14. ޖޯން ޗާލްސް ސީފާޓް 16 ޖުލައި 2015 ގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާން
  15. ޤާނޫނު ނަންބަރު 22/2010 ގެ 44 ވަނަ މާއްދާގެ (ހ)
  16. ޤާނޫނު ނަންބަރު 22/2010 ގެ 44 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ