ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
` ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/298 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ، ހ. ކޯޒީހައުސް، ފާޠިމަތު ޙުސައިން ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ހއ. ހޯރަފުށި، ރަހުމަތުލްވާދީ، ފާޠިމަތު ޖަމްޝީދާ ގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
މި މައްސަލައިގައި ވާހަކަ ދެކެވޭ ހ. ޖީމާއަކީ ވަކި ރަޖިސްޓްރީއެއް ހެދުމުގެ ކުރިން ހ. ކޯޒީހައުސްގެ ބައެކެވެ. ހ. ކޯޒީހައުސްއާ ގުޅޭ އެކިއެކި މައްސަލަތައް ޝަރުޢީ ކޯޓުތަކުން އެކި ދުވަސްވަރު ނިންމާފައިވެއެވެ. މިފަދަ ބައެއް މައްސަލަތަކުގެ ނިންމުންތަކަކީ މި މައްސަލައާ ގުޅުންހުރި ނިންމުންތަކެކެވެ. ވުމާއެކު، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ތިލަ ކޮށް ބަޔާންކޮށް ދިނުމުގެ ބޭނުމުގައި މައްސަލައިގެ މުހިންމު ވާޤިޢާތައް ސާފުކޮށް އެނގޭނެހެން އެބައިތައް ތިރީގައި ބަޔާން މި ކުރަނީ ވަކިވަކިންނެވެ.
ހ. ކޯޒީހައުސް ޢިމާރާތް ކުރުމަށް ވެވުނު އެއްބަސްވުން
ހ. ކޯޒީހައުސް އަކީ ޢާބިދާ ޢީސާ ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބަންޑާރަ ގޯއްޗެކެވެ. ހ. ކޯޒީހައުސް އެވެ ކިޔާ ގޯތީގައި ޢިމާރާތް ކުރުމަށް ފުރަތަމަ އެއްބަސްވުމެއް ވެވިފައިވަނީ 16 އެޕްރީލް 2007 ގައެވެ. މި އެއްބަސްވުން ވެވިފައިވަނީ ހ. ކޯޒީހައުސް، މާލެ، ޢާބިދާ ޢީސާ އާއި ނ. ވެލިދޫ، ކެރީބިއަން، އަޙްމަދު ލަޠީފް އާ ދެމެދުއެވެ. މި އެއްބަސްވުން މަދަނީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި މި އެއްބަސްވުމުގެ ބޭނުމަކީ ހ. ކޯޒީހައުސް 06 ބުރިއަށް ޢިމާރާތް ކުރުމެވެ.
16 އެޕްރީލް 2007 ގައި ޢާބިދާ ޢީސާ އާއި ނ. ވެލިދޫ ކެރޭބިޔަން އަޙްމަދު ލަޠީފް އާ ދެމެދު ވެވުނު އެއްބަސްވުމަށް ބަދަލު ގެނައުމަށް ޢާބިދާ ޢީސާ ބޭނުން ވާތީ 03 ސެޕްޓެންބަރު 2007 ގައި ޢާބިދާ ޢީސާ އާއި އަޙްމަދު ލަޠީފް އާ ދެމެދު އިތުރު އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުމުން ގެނެވުނު ބަދަލަކީ 16 އެޕްރީލް 2007 ގައި ޢާބިދާ ޢީސާ އާއި އަޙްމަދު ލަޠީފް އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޢިމާރާތް ކުރުމަށް ކަނޑައެޅި ބިމުގެ ބޮޑުމިން 621 (ހަސަތޭކަ އެކާވީސް) އަކަފޫޓުން 86 (އަށްޑިހަ ހައެއް) އަކަފޫޓު އުނިކުރުމެވެ.
މި ބަދަލާ ގުޅިގެން އަޙްމަދު ލަޠީފަށް ލިބޭ ގެއްލުމުގެ ބަދަލުގައި އެ އެއްބަސްވުމުގައި ބުނާ ޢިމާރާތުގެ ގްރައުންޑް ފްލޯރގެ ހުރިހާ މަސައްކަތެއް ޢާބިދާ ޢީސާގެ އަމިއްލަ ޚަރަދުގައި ކޮށް ނިންމުމަށް ޢާބިދާ ޢީސާ އެއްބަސްވެފައިވެއެވެ. އަދި ޢިމާރާތުގެ ގްރައުންޑް ފްލޯރ ފިޔަވައި ދެން ހުރި ދެ ބުރި (ފަސްޓް ފްލޯރ އަދި ސެކަންޑް ފްލޯރ) އަޙްމަދު ލަޠީފަށް، އަޙްމަދު ލަޠީފު ކުރި ޚަރަދުގެ ބަދަލުގެ ގޮތުގައި 15 (ފަނަރަ) އަހަރު ދުވަހަށް ދީފައިވެއެވެ.
10 ސެޕްޓެންބަރު 2007 ގައި ވެވުނު ކުލީގެ އެއްބަސްވުން10 ސެޕްޓެންބަރު 2007 ގައި ހ. ކޯޒީހައުސް އެވެ ކިޔާ ގޯތީގެ އިރުމަތީ ބައި ކުއްޔަށް ދިނުމަށްޓަކައި ޢާބިދާ ޢީސާ އާއި ހ. ކޯޒީހައުސް، ފާޠިމަތު ހުސައިން އާ ދެމެދު އެއްބަސްވުމެއް ވެވުނެވެ.
ކުލީގެ އެއްބަސްވުމުގެ މުއްދަތަކީ 04 ސެޕްޓެންބަރު 2007 އިން ފެށިގެން، 03 ސެޕްޓެންބަރު 2022 ގެ ނިޔަލަށް، މީލާދީ 15 (ފަނަރަ) އަހަރު ދުވަހެވެ. އަދި ކުއްޔަކީ ކޮންމެ މީލާދީ މަހަކަށް -/1ރ (އެކެއް) ރުފިޔާ ކަމުގައި މި އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވެއެވެ. މި އެއްބަސްވުމަކީ ވެސް މަދަނީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްބަސްވުމެކެވެ.
މަދަނީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްބަސްވުމުގެ އިތުރުން ހ. ކޯޒީހައުސް ކުއްޔަށް ދިނުމާގުޅޭ އިތުރު 5 (ފަހެއް) އެއްބަސްވުމެއްގައި ޢާބިދާ ޢީސާ އާއި ހ. ކޯޒީހައުސް، ފާޠިމަތު ހުސައިން ސޮއި ކޮށްފައި ވެއެވެ. މިއިން ކޮންމެ އެއްބަސްވުމެއްގެ މުއްދަތަކީ 15 އަހަރު ދުވަހެވެ. އަދި ކުއްޔަކީ ކޮންމެ މީލާދީ މަހަކަށް 01 (އެކެއް) ރުފިޔާއެވެ. ތިރީގައި މިވަނީ މި އެއްބަސްވުންތަކުގެ އިތުރު ތަފުސީލެވެ.
އެއްބަސްވުން ސޮއި ކުރި ތާރީޚު ފެށޭ ތާރީޚު ނިމޭ ތާރީޚު
01 2 ވަނަ އެއްބަސްވުން 10 ސެޕްޓެންބަރު 2007 4 ސެޕްޓެންބަރު 2022 3 ސެޕްޓެންބަރު 2037
02 3 ވަނަ އެއްބަސްވުން 10 ސެޕްޓެންބަރު 2007 4 ސެޕްޓެންބަރު 2037 3 ސެޕްޓެންބަރު 2052
03 4 ވަނަ އެއްބަސްވުން 10 ސެޕްޓެންބަރު 2007 4 ސެޕްޓެންބަރު 2052 3 ސެޕްޓެންބަރު 2067
04 5 ވަނަ އެއްބަސްވުން 10 ސެޕްޓެންބަރު 2007 4 ސެޕްޓެންބަރު 2067 3 ސެޕްޓެންބަރު 2082
05 6 ވަނަ އެއްބަސްވުން 10 ސެޕްޓެންބަރު 2007 4 ސެޕްޓެންބަރު 2082 3 ސެޕްޓެންބަރު 2097
10 ސެޕްޓެންބަރު 2007 ގައި ޢާބިދާ ޢީސާ އާއި ފާތިމަތު ޙުސައިން އާ ދެމެދު ސޮއިކޮށް މަދަނީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްބަސްވުމާ ޚިލާފަށް މަތީގައިވާ އެއްބަސްވުންތަކަކީ ކޯޓެއްގައި ރަޖިސްޓްރީ ކޮށްފައިވާ އެއްބަސްވުންތަކެއް ނޫނެވެ.
ހ. ކޯޒީހައުސް ގޯއްޗަށް އައި ބަދަލު15 އޮގަސްޓް 2008 ގައި ހ. ކޯޒީހައުސް ޢާބިދާ ޢީސާ ނިޔާވުމުން، ހ. ކޯޒީހައުސް ޢާބިދާ ޢީސާ ގެ ވާރިސުންގެ ގޮތުގައި ތިބި، މއ. ޖޫޓްފްލާވަރ، މާލެ، މުޙައްމަދު ތަޢުފީޤު އާއި، ޢަލީމަނިކު އާއި، ހ. ކޯޒީރައުންޑް، އަޙްމަދު މުންޢިމްގެ މައްޗަށް ހ. ކޯޒީހައުސް އެވެ ކިޔާ ބަންޑާރަ ގޯތި ރަޖިސްޓްރީ ކޮށްދީފައި ވެއެވެ.
ޢާބިދާ ޢީސާ ގެ ވާރިސުންގެ ތެރެއިން، ހ. ކޯޒީރައުންޑް، އަޙްމަދު މުންޢިމް، 15 ނޮވެންބަރު 2011 ގައި ނިޔާވެފައި ވެއެވެ. އަޙްމަދު މުންޢިމް ނިޔާވުމާ ގުޅިގެން، ހ. ކޯޒީހައުސް އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން، ބެހެނިވެރިންގެ މެދުގައި ބައިކޮށް، ގޯތީގެ އިރަށް އަބަދަށްފެހި މަގަށްވާ ގޮތަށް އޮތް 720.33 (ހަތްސަތޭކަ ވިހި ޕޮއިންޓް ތިނެއް ތިނެއް) އަކަފޫޓުގެ ބިމާއި އެ ބިމުގައިވާ ނުއުފުލޭ މުދާ އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންނަށް އައްޔަން ކޮށްދީ "ހ.ޖީމާ" މި ނަމުގައި މިބައި ވަކި ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދީފައި ވެއެވެ.
އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންގެ ގޮތުގައި ހިމެނެނީ، އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ މަންމަ ޙައްވާދީދީ އާއި، 02 (ދޭއް) ފިރިހެން ދަރިންނާއި 01 (އެކެއް) އަންހެން ދަރި އެވެ. އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންގެ ތެރޭގައި ހިމެނޭ 03 (ތިނެއް) ދަރިންނަކީ ވެސް މީލާދީ ގޮތުން 18 އަހަރު ފުރިފައި ނުވާ ކުޑަކުދިން ކަމުގައި ވާތީ، މި ކުދިންގެ މުދަލުން މުޢާމަލާތް ކުރުމުގެ ބާރު ކުދިންގެ މަންމަ ހއ. ހޯރަފުށި، ރަހުމަތުލްވާދީ، ފާޠިމަތު ޖަމްޝީދާ އަށް ލިބިގެންވާ ކަމަށް ފެމިލީ ކޯޓުން ޙުކުމް ކޮށްފައި ވެއެވެ.
ހ. ޖީމާ ގޯތީގެ މައްސަލަހ. ޖީމާ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތުގެ ފްލޯރ ތަކުގައި ދިރިއުޅޭ ފަރާތްތައް އެ ތަނުން ނެރުމަށާއި، އަދި ތަން ހުސްކޮށް ދިނުން އެދި މި ގޯތީގެ ބެހެނިވެރިންގެ ގޮތުގައި ހިމެނޭ ޢުމުރުން 18 އަހަރު ފުރިފައިނުވާ 03 ކުދިންގެ މަންމަ، ފާޠިމަތު ޖަމްޝީދާ ދަޢުވާ ކުރިއެވެ. މި ދަޢުވާ ކޮށްފައިވަނީ ޢަލީމަނިކު ގެ މައްޗަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 1022/Cv-C/2017 ޤަޟިއްޔާ ކުރިއަށް ދިޔައިރު، މަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންގެ ނަމުގައިވާ ހ. ޖީމާ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތް ބޭނުން ކުރަމުންދާ ފަރާތަކީ ކޮބައިކަން ޝަރީޢަތުން ސާފުކުރިއެވެ. މިގޮތުން އެ ޢިމާރާތް އެއިރު ބޭނުން ކުރަމުންދާ ފަރާތަކީ ހ. ކޯޒީހައުސް ފާޠިމަތު ޙުސައިން ކަން، ފާޠިމަތު ޙުސައިންގެ ފަރާތުން އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެއްބަސްވުންތަކުން އެނގެން އޮންނާތީ، އެ މައްސަލައަކީ ޢަލީމަނިކު ގެ މައްޗަށް ހުށަހަޅައި ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް އެ މައްސަލައިގައި ސިވިލް ކޯޓުން ކަނޑައަޅާފައި ވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1022/Cv-C/2017 ޤަޟިއްޔާއިން ކުރި ޙުކުމާ ގުޅިގެން، ހ. ޖީމާ، އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންނާ ޙަވާލު ކޮށްފައި ނުވާތީ، ޢިމާރާތް ހުސްކޮށް ދިނުމަށް އެދި ޢިމާރާތް ކުއްޔަށް ހިފައިގެން އުޅޭ ހ. ކޯޒީހައުސް ފާޠިމަތު ޙުސައިންގެ މައްޗަށް ހއ. ހޯރަފުށި، ރަހުމަތުލްވާދީ، ފާޠިމަތު ޖަމްޝީދާ، ދެވަނަ ފަހަރަށް، ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. މި މައްސަލައަށް އެ ކޯޓުން ދީފައިވާ ނަންބަރަކީ 2747/Cv-C/2017 އެވެ.
ފާޠިމަތު ޖަމްޝީދާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަށް ޖަވާބުދާރީވަމުން ފާޠިމަތު ޙުސައިންގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ، ފާޠިމަތު ޖަމްޝީދާ ގެ ފަރާތުން ދަޢުވާގައި ބުނެފައިވާ ފަދައިން 06 (ހަޔެއް) ބުރީގެ ޢިމާރާތުން ލިބޭ އެންމެހައި ނަފާ ފާޠިމަތު ޙުސައިން އަށް ލިބެމުން ނުދާ ކަމުގައެވެ. އަދި ފާޠިމަތު ޙުސައިންގެ ބެލުމުގެ ދަށުގައި ވަނީ ޢިމާރާތުގެ ފަސްޓް ފްލޯރ އާއި، ސެކަންޑް ފްލޯރ ފިޔަވައި ބާކީ ހުރި (ގްރައުންޑް ފްލޯރ އާއި ތަރޑް ފްލޯރ އާއި ފޯރތް ފްލޯރ އާއި ފިފްތް ފްލޯރ) ކަމަށެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތްސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 މައްސަލަ ނިންމުމުގައި އެ ކޯޓުން ފާހަގަކޮށްފައިވާ މުހިންމު ކަންތައްތައް ތިރީގައި މިވަނީ އެވެ.
އަލްމަރުޙޫމާ ޢާބިދާ ޢީސާ އާއި ފާޠިމަތު ޙުސައިންއާ ދެމެދު 10 ސެޕްޓެންބަރު 2007 ގައި ވެފައިވާ ޖުމްލަ 06 އެއްބަސްވުމުގެ ތެރެއިން މަދަނީ ކޯޓުގެ ރަޖިސްޓްރީ ނަންބަރުMC/C-641/2007 އެއްބަސްވުން ފިޔަވައި އެހެން އެއްބަސްވުންތަކަކީ ބާތިލު އެއްބަސްވުންތަކެއް ކަން.
މަދަނީ ކޯޓުގެ ރަޖިސްޓްރީ ނަންބަރު MC/C-641/2007 އެއްބަސްވުމުގެ މުއްދަތުގެ ނިޔަލަށް ހ. ޖީމާ އެވެ ކިޔާ ގޯތީގައިވާ 6 ބުރީގެ ޢިމާރާތުން ގްރައުންޑް ފްލޯއަކީ އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންނަށް ލިބިދޭންޖެހޭ ފްލޯއެއްކަމާއި، ފާޠިމަތު ޙުސައިން އަށް ލިބިދެވޭނީ ޢިމާރާތުގެ ތާޑް ފްލޯރ އާއި، ފޯތު ފްލޯރ އާއި ފިފްތް ފްލޯރ ކަން.
ހ. ޖީމާ އެވެ ކިޔާ ގޯތީގެ ގްރައުންޑް ފްލޯ ހުސްކޮށް އަލްމަރުޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންނާ 17 އެޕްރީލް 2018 ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޙަވާލު ކުރަންޖެހޭކަން.
ބާތިލުކުރެވުނު 5 (ފަހެއް) އެއްބަސްވުމާ ގުޅިގެން ފާޠިމަތު ޙުސައިން އަދާކޮށްފައިވާ 75/ރ. (ހަތްދިހަ ފަހެއް) އަހަރުގެ ކުއްޔަށްވާ -/900ރ. (ނުވަސަތޭކަ) ރުފިޔާ، 17 އެޕްރީލް 2018 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ފާޠިމަތު ޙުސައިން އަށް އަދާކުރުމަށް އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް އަންގާފައިވާކަން.
ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތްސިވިލް ކޯޓުން މައްސަލަ ނިންމުމުން އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ފާޠިމަތު ޖަމްޝީދާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2018/HC-A/298 ޤަޟިއްޔާއިންނެވެ.
ހައިކޯޓުގައި ފާޠިމަތު ޖަމްޝީދާގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާއަކީ، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ، ފާޠިމަތު ޙުސައިން އާއި ޢާބިދާ ޢީސާ އާ ދެމެދު 10 ސެޕްޓެންބަރު 2007 ގައި ވެފައިވާ އެއްބަސްވުމުގައިވާ ކަންކަމަށް ރިޢާޔަތްކުރުމެއް ނެތި، މަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންގެ ޙައްޤު ގެއްލޭގޮތަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހައިކޯޓުގައި ފާޠިމަތު ޖަމްޝީދާގެ ފަރާތުން ކުރި އިސްތިއުނާފީ މައްސަލައިގައި އެ ކޯޓުން ނިންމާފައިވަނީ ފާޠިމަތު ޖަމްޝީދާއާ އެއްކޮޅަށެވެ. ނަމަވެސް، ސިވިލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ބަދަލު ގެނެސްފައިވެއެވެ. މި ފަދައިން މައްސަލަ ނިންމުމުގައި ހައިކޯޓުން ފާހަގަކޮށްފައިވާ މުހިންމު ކަންކަން ތިރީގައި މިވަނީއެވެ.
މަދަނީ ކޯޓުގެ ނަންބަރު MC/C-641/2007 އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގެ މުއްދަތަށް (04 ސެޕްޓެންބަރު 2022 ގެ ނިޔަލަށް) ހ. ޖީމާ އެވެ ކިޔާ ގޯތީގައިވާ 6 ބުރީގެ އިމާރާތުން ފާޠުމަތު ޙުސައިންގެ ބެލުމުގެ ދަށުން ފާތުމަތު ޙުސައިންއަށް ލިބިދެވޭނީ ތަރޑް ފްލޯ އާއި، ފޯތް ފްލޯ އާއި ފިފްތް ފްލޯ ކަމަށް ކަނޑައަޅާފައިވާ ބަޔަކީ ބާޠިލުބައެއްކަން.
އެއްބަސްވުމުގެ 11 ވަނަ މާއްދާގައިވާ ގޮތުން، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ފާޠިމަތު ޙުސައިންގެ ފަރާތުން ވަޞިއްޔަތެއް އޮތްކަމަށް ހުށަހަޅާފައި ނުވާތީ، ޢާބިދާ ޢީސާ އާއި ފާޠިމަތު ޙުސައިން އާ ދެމެދު އޮތް ތަޢާޤުދީ އިލްތިޒާމުތައް، އަލްމަރުޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންގެ ނުރުހުމުގައި ޢަދާލާ ވަލް އިންސާފުގެ (އިކުއިޓީ) ހަމައިން ޝަރީޢަތުން ދަމަހައްޓަންޖެހޭ ފަދަ މަޤުބޫލު މުޤާބިލެއް އެއްބަސްވުމުގައި ނެތްކަން.
ހ. ޖީމާ އެވެ ކިޔާ ގޯތީގައިވާ 6 ބުރީގެ ޢިމާރާތުން ފާޠިމަތު ޙުސައިންގެ ބެލުމުގެ ދަށުގައި ހުރި ތާޑް ފްލޯރ އާއި ފޯތް ފްލޯރ އާއި ފިފްތް ފްލޯރ ގައި ތިބި އެންމެހައި ފަރާތްތަށް އެ ޢިމާރާތުން ނެރެ ތަން ހުސްކޮށް، އެ ތަން އަލްމަރުޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންނާ ހުކުމްކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޙަވާލުކުރަންޖެހޭ ކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައްހައިކޯޓުގެ ނަންބަރު 2018/HC-A/298 ޤަޟިއްޔާގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ފާޠިމަތު ޙުސައިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި އަންނަނިވި ނުކުތާތައް ހުށަހަޅާފައި ވެއެވެ.
ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން އިކުއިޓީގެ ހަމަ ތަޠުބީޤު ކޮށްފައިވަނީ ޢަދުލު އިންސާފު ގެއްލޭ ގޮތަށް، އިކުއިޓީގެ ހަމަތައް ބަޔާންކުރާ އުޞޫލުތަކާ ޚިލާފަށް ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާ ފާހަގަ ކުރަމުން، ހައިކޯޓުން މި މައްސަލައިގައި ވާހަކަ ދެކެވޭ ކުލީގެ މުޢާމަލާތުގައި މަހު ކުލީގެ ގޮތުގައި ކޮންމެ ފްލޯއަރަކަށް 01/-ރ. (އެކެއް) ރުފިޔާ އޮންނަ އޮތުމަކީ، މަޤުބޫލު މުޤާބިލެއް ނޫންކަމުގައި ހައިކޯޓުން ބަލާފައިވަނީ، މައްސަލައިގެ ވާޤިޢާތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތް ކުރުމެއް ނެތި ކަމުގައެވެ. މި ގޮތުން ކުލީގެ ގޮތުގައި 01 ރުފިޔާ ހިމެނިފައިވާ މައިގަނޑު ސަބަބަކީ މަރުޙޫމާ ޢާބިދާ ޢީސާގެ ދުނިޔޭގައި ހ. ޖީމާ ޢިމާރާތް ކުރުމަށް ކުރި ޚަރަދުތަކާއި، ޢިމާރާތް ކުރުމަށް ނެގި ލޯނަށް ފައިސާ ދެއްކުމުގައި ފާޠިމަތު ޙުސައިން ބައިވެރިވެފައިވާތީ، އެކަމުގެ ބަދަލެއްގެ ގޮތުން ކަނޑައެޅިފައިވާ ކުއްޔެއްކަން މައްސަލައިގެ ވާޤިޢާތަކުން އެނގުނު ނަމަވެސް އެކަމަށް ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާކަން ފާޠިމަތު ޙުސައިންގެ ފަރާތުން ފާހަގަ ކުރެއެވެ.
ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ މައްޗަށް ތަރިކައާބެހޭ ދައުވާގެ ޤާނޫނު ތަތުބީޤު ކުރުމުގައި ހައިކޯޓުން އެ ޤާނޫނު މާނަ ކޮށްފައިވަނީ ޢަދުލު އިންސާފު ގެއްލޭގޮތަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ކޮންޓްރެކްޓެއް ނިމުމަކަށް އަންނާނީ ކޮންޓްރެކްޓްގައި ބަޔާންވެފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ނުވަތަ ޤާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައިވާ ނަމަ އެ ގޮތަކަށް ކަމުގައިވާއިރު، މި މައްސަލައިގައި ކޮންޓްރެކްޓް ބާޠިލު ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ މި އުޞޫލުން ނޫން ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، މި މައްސަލައިގައި ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވަނީ ފާޠިމަތު ޖަމްޝީދާ ނަމަވެސް، އެ ފަރާތަކީ މި ދަޢުވާ ކުރުމުގެ ފުރިހަމަ ހައިސިއްޔަތެއް ލިބިފައިވާ ފަރާތެއް ނޫންކަމުގައިވާއިރު، އެކަމަށް ރިޢާޔަތް ކުރުމެއްނެތި، ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
މި ކަންކަން ފާހަގަ ކުރުމަށްފަހު، ފާޠިމަތު ޙުސައިންގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމާއި ހައިކޯޓުގެ ނަންބަރު 2018/HC-A/298 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައިވާތީ، އެ ނިންމުންތައް ބާޠިލުކޮށްދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
ފާޠިމަތު ޙުސައިން ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީ ވަމުން ފާޠިމަތު ޖަމްޝީދާގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.
ހ. ކޯޒީހައުސް އެވެ ކިޔާ ގޯތީގައި 6 ބުރީގެ އިމާރާތެއް ކުރުމަށް އެހީތެރިވެ ލޯނަށް ފައިސާ ދައްކައި ޚަލާޞް ކޮށްފައިވަނީ ފާޠިމަތު ޙުސައިން ކަމަށް ބުނި ނަމަވެސް، މަދަނީ ކޯޓުގެ ނަންބަރު 1750/MC/2008 ޤަޟިއްޔާގައި އެ ލޯނަށް ޢާބިދާ ޢީސާ ދައްކަންޖެހޭ ފައިސާ ވާރިސުންގެ ތެރެއިން ޢާބިދާ ޢީސާގެ ފިރި ޢަލީމަނިކު ދެއްކުމަށް ޒިންމާވެ، ޢަލީމަނިކުގެ ފަރާތުން އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާ ކަން އެނގެން އޮންނަ ކަމާއި، ރަހުނު ފިލަންދެން ފާޠިމަތު ހުސައިންގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުން ލިބެމުންދިޔަ ހުރިހާ ނަފާއެއް ބޭނުންކުރަމުން ގެންދިޔައީ ފާޠިމަތު ހުސައިންކަން.
މީހަކު މަރުވުމަށްފަހު ދަރަންޏެއް ނޫނީ ވަޞިއްޔަތެއް ފަދަ ކަމެއް އޮވެގެން ޢަމަލުކުރަމުން ގޮސްފައިވަނީ ތަރިކައާބެހޭ ދަޢުވާގެ ޤާނޫނަށް ބަލައިގެންކަން.
މަރުޙޫމާ ޢާބިދާ ޢީސާ އާއި ފާޠިމަތު ޙުސައިން އާ ދެމެދު ވެފައިވާ 6 އެއްބަސްވުމުގެ ތެރެއިން މަދަނީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްބަސްވުން ފިޔަވައި އެހެން އެއްބަސްވުންތައް ބާޠިލު ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ފާޠިމަތު ޙުސައިންގެ ފަރާތުން އިސްތިއުނާފު ކޮށްފައިނުވާތީ، އެ ޙުކުމުގެ އެބައި ވަނީ ނިހާއީ ވެފައި ކަން.
ހ. ޖީމާ އެވެ ކިޔާ ގޯތީގައި ހުރި 6 ބުރީގެ ޢިމާރާތުގެ ކޮންމެ ބުރިއެއް ފާޠިމަތު ޙުސައިން ކުއްޔަށް ދީފައި ހުރީ -/1 ރުފިޔާއަށް ވާތީވެ، މި އަގަކީ ޝަރުޢީ ގޮތުން އެކަށީގެންވާ އަގެއްކަމުގައި ބެލެވޭނެ އަގެއް ނޫންކަމަށާއި، މިފަދަ މުޢާމަލާތްތައް ބާތިލު ކުރުމުގެ ބާރު ޝަރުޢީ ކޯޓުތަކަށް ލިބިގެންވާކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/14 (26 ނޮވެންބަރު 2015) ކޯޓު އަމުރަށް ބެލުމުން ވެސް އެނގެން އޮންނަކަން.
މަދަނީ ކޯޓުގެ ނަންބަރު 1658/MC/2008 ޤަޟިއްޔާގައި ސާފުކޮށް ޢާބިދާ ޢީސާ ގެ ތަރިކަ ބެހިގެން ދިޔަގޮތް ބަޔާން ކޮށްފައިވާ ކަމަށާއި، ފާޠިމަތު ހުސައިން ގެ ފަރާތުން މީގެކުރިން ކޮށްފައިވާ އެއްވެސް ދަޢުވާއެއްގައި ފާޠިމަތު ޖަމްޝީދާއަށް ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިނުވާކަމުގައި ބުނެ އިޖުރާއީ މިފަދަ އެއްވެސްކަމެއް ފާހަގަ ކޮށްފައިނުވާ ކަމަށާއި، އަޙްމަދު މުންޢިމް ނިޔާވިއިރު އެ މަރްޙޫމްގެ 01 އަހަރު ނުވާ ކުއްޖަކާއި ޢުމުރުން 18 އަހަރު ނުފުރޭ އިތުރު ކުޑަދެކުދިން ތިބުމުން ފެމިލީ ކޯޓުން އެ ކުދިންގެ މުދަލުން މުޢާމަލާތް ކުރުމުގެ ޙައްޤު ފާޠިމަތު ޖަމްޝީދާއަށް ލިބިދީފައި އޮތުމުން މި ދައުވާ ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ފާޠިމަތު ޖަމްޝީދާއަށް ލިބިގެންވާކަން ސާފުކޮށް އެނގޭކަން.
މި ކަންކަން ފާހަގަ ކުރުމަށްފަހު، ފާޠިމަތު ޖަމްޝީދާ ގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި އެ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމައި ދިނުމަށެވެ.
މުޤާބިލަކީ ފުދޭ އެއްޗަކަށް ވާންޖެހޭނެތަ؟މި މައްސަލަ އިސްތިއުނާފު ކުރަމުން ފާޠިމަތު ޙުސައިންގެ ފަރާތުން ފާހަގަކުރާ އެންމެ ފުރަތަމަ ނުކުތާއަކީ ހައިކޯޓުން އިކުއިޓީގެ ހަމަތައް މި މައްސަލައިގައި ތަޠްބީޤުކޮށް، މި މައްސަލައިގައި ވާހަކަ ދެކެވޭ ޢިމާރާތުގެ ކޮންމެ ފްލޯ އަކަށް މީލާދީ މަހަކު 01 (އެކެއް) ރުފިޔާގެ ރޭޓުން ކުއްޔަށް ދީފައި އޮތް އޮތުމަކީ، ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ބޭނުމަށްޓަކައި "މަޤުބޫލު މުޤާބިލެއް" ނޫންކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޢަދުލު އިންސާފު ގެއްލޭގޮތަށް، ކަމުގައި ބުނެ ފާހަގަކުރި ނުކުތާ އެވެ.
މި ނުކުތާ ތަފުސީލު ކުރަމުން ފާޠިމަތު ޙުސައިންގެ ފަރާތުން ބުނެފައިވަނީ، ފާތުމަތު ޙުސައިން އާއި ޢާބިދާ ޢީސާ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ފާޠިމަތު ޙުސައިން އަށް ކުއްޔަށް ދީފައިވާ ބައިތަކުގެ ތެރެއިން ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާއިން ހ. ޖީމާ އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ ގްރައުންޑް ފްލޯރ ފާޠިމަތު ޖަމްޝީދާ އާ ޙަވާލު ކުރުމަށް ކޮށްފައިވާ ޙުކުމާ އެއްގޮތަށް ފާޠިމަތު ޙުސައިން ޢަމަލު ކޮށްފައިވާނޭ ކަމަށެވެ. އަދި ޢާބިދާ ޢީސާ އާއި ފާޠިމަތު ޙުސައިން އާ ދެމެދު ވެވުނު އެއްބަސްވުމުގެ މައިގަނޑު ސަބަބަކީ ޢާބިދާ ޢީސާ ދުނިޔޭގައި އެ ޢިމާރާތް ކުރުމަށް ނެގި ލޯނަށް ފައިސާ ދެއްކުމަށް ފާޠިމަތު ޙުސައިން ބައިވެރިވެފައިވާތީ ފާޠިމަތު ޙުސައިން ގެ ފަރާތުން ކުރި ޚަރަދުގެ މުޤާބިލުގައި ކުޑަ ކުއްޔަކަށް ޢިމާރާތް ކުއްޔަށް ދިނުން ކަމަށް ވާއިރު، އެއިން އެއްވެސް ކަމަކަށް ނުބަލާ ހަމައެކަނި ކުލީގެ އަދަދަށް ބަލާ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ.
މި ނުކުތާގައި ފާޠިމަތު ޙުސައިންގެ ފަރާތުން ފާހަގަ ކޮށްފައިވާ ކަންކަމާމެދު ހައިކޯޓުން ނިންމާފައި ވަނީ، އެއްބަސްވުމުގެ މުޤާބިލުގައި ދީފައިވާ އެއްޗަކީ މަޤުބޫލު އެއްޗެއްތޯ ނުވަތަ ފުދޭ އެއްޗެއްތޯ ކޯޓަށް ބެލިދާނެ ކަމުގައެވެ. އަދި މި ފަދައިން ނިންމައި، އެއްބަސްވުމުގައި ބަޔާންކުރާ 6 ބުރީގެ ޢިމާރާތުން ފާޠިމަތު ޙުސައިންގެ ބެލުމުގެ ދަށުގައި ހުރި 04 ފްލޯއިން ކޮންމެ ފްލޯއަކަށް މަހަކު -/1ރ (އެކެއް) ރުފިޔާ މަގުން ކުލި ދައްކާގޮތަށް އެއްބަސްވުން ދެމެހެއްޓުމަކީ، ކުރެވިދާނެ ކަމެއް ނޫންކަމުގައި ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 04 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމުގައެވެ. އަދި ކޮންޓްރެކްޓެއްގައި ހިމެނޭ މުހިންމު ބައިތައް ބަޔާން ވެފައިވަނީ އެ ޤާނޫނުގެ 05 ވަނަ މާއްދާގަ އެވެ. މިގޮތުން އެ މާއްދާގައި ބަޔާން ކޮށްފައިވަނީ، ކޮންޓްރެކްޓެއް ކުރެވޭ ގޮތަކީ އެކަކު އަނެކަކުގެ މައްޗަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލު ކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ކޮންޓެކްޓެއްގައި ހުށަހެޅުމަކާއި (Offer) ޤަބޫލު ކުރުމެއް (Acceptance) އޮންނަން ވާނެ ކަމުގައެވެ. ނަމަވެސް، މުޤާބިލަކީ (Consideration) ކޮބައިކަމެއް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބުނެދީފައި ނުވެއެވެ.
މުޤާބިލަކީ ކޮބައިކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކުގައި ބަޔާންވެފައިވެއެވެ. މި ގޮތުން ފާހަގަ ކުރެވޭ އެއް ނިންމުމަކީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައެވެ. އެ މައްސަލައިގައި މުޤާބިލަކީ ކޮބައިކަން ބަޔާން ކޮށްދެއްވަމުން، އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފާހަގަ ކުރައްވާފައިވަނީ އަންނަނިވި ޢިބާރާތެވެ.
"ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ ބޭނުމަށް މުޤާބިލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ވާ ވައުދެއްގެ ރައްދުގައި ވައުދު ރައްދުވާ ފަރާތުން ވައުދުވީ ފަރާތަށް ދޭ އަގު ނުވަތަ ކޮށްދޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ނުވަތަ ދޫކޮށްލާ ހައްގެވެ. ކޮންޓްރެކްޓެއްގައި މުޤާބިލް އެކުލެވިފައިވޭތޯ ދެނެގަތުމުގައި ކޮންޓްރެކްޓް ކުރި ފަރާތްތަކުން ކޮންޓްރެކްޓް ކުރުމުގެ މަޤްޞަދަށް ބަލަންޖެހޭނެއެވެ. މުޤާބިލުގައި ދޭވޭ ނުވަތަ ބަދަލުކުރެވޭ އެއްޗަކީ އަގު ކުރެވޭ އެއްޗަކަށް ވުން ލާޒިމްވާނެއެވެ."
ކޮންޓެކްޓެއްގައި މުޤާބިލެއް ދެވިފައި އޮތުމަކީ ކޮންޓްރެކްޓެއް ފުރިހަމަވެ ވުޖޫދަށް އައުމަށްޓަކައި ކޮންމެހެން ފުރިހަމަވާންޖެހޭ ޢުންޞުރެއްކަމުގައި ސުޕްރީމް ކޯޓުގެ އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) މައްސަލައިގައި އާއި، ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް) ފަދަ، ކަމާގުޅުންހުރި ނިންމުންތަކުން އެނގެން އޮވެއެވެ.
މި އިސްތިއުނާފީ ނުކުތާގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، މުޤާބިލަކީ ފުދޭ އެއްޗަކަށް ވާންޖެހޭ ހެއްޔެވެ؟ ނުވަތަ ހައިކޯޓުން ފާހަގަ ކޮށްފައިވާ ފަދައިން "މަޤުބޫލު" އެއްޗަކަށް ވާންޖެހޭ ހެއްޔެވެ؟ އަދި މުޤާބިލަކީ މުޢާމަލާތަށް ބަލާއިރު "ފުދޭ" އެއްޗެއްކަން ކޯޓަށް ކަނޑައެޅިދާނެ ހެއްޔެވެ؟
މި މައުޟޫޢުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް) މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވަނީ، ޤާނޫނީ ގޮތުން ތަންފީޛުކުރެވޭ ޞައްޙަ އެއްބަސްވުމެއް އުފެދިގެން އައުމަށްޓަކައި މުޤާބިލަކީ، "ފުދޭ (adequate) އެއްޗަކަށް ނުވިނަމަވެސް މުޤާބިލަކީ އެކަށޭނެ (sufficient) ނުވަތަ އެ ލިބިގަންނަ ފަރާތަށް އަގު ކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަމުގައި ވާންޖެހޭނެ" ކަމުގައެވެ.
މުޤާބިލާ ގުޅޭ ޝަރުޢީ އުސޫލުތަކަށް ބަލާއިރު، މުޤާބިލުގެ ގޮތުގައި ހަމައެކަނި ބަދަލު ކުރެވޭނީ އެއްޗެއް ނޫނެވެ. މުޤާބިލުގެ ގޮތުގައި ކޮށްދޭ ކަމެއް ނުވަތަ އެ ނޫން ޙައްޤެއް ވެސް ކަނޑައެޅިދާނެއެވެ. މީގެ އިތުރަށް، މުޤާބިލުގައި ހުންނަންޖެހޭ މައިގަނޑު ޢާންމު ޝަރުޠު ތަކެއް ފިޤުހުވެރިން ބަޔާން ކުރައްވާފައި ވެއެވެ. އެއިގެ ތެރޭގައި، (1) މުޤާބިލަކީ ޢަޤުދު ކުރެވޭ ވަގުތު ވުޖޫދުގައި އޮތް އެއްޗަކަށް ވުމާއި، (2) ޝަރުޢީ ގޮތުން ހުއްދަ އެއްޗެއް ކަމުގައިވުމާއި، (3) އެއްފަރާތުން އަނެއް ފަރާތަށް ނަގުލު ކުރެވޭ އެއްޗަކަށް ވުމާއި، (4) އެ އެއްޗަކީ އެއިގެ މިންވަރާއި ސިފަ ކަނޑައެޅި ބަޔާންވެފައިވާ އެއްޗަކަށްވުން ފަދަ ޝަރުޠުތައް ހިމެނެއެވެ. ފިޤުހުވެރިން މި ފަދަ ޝަރުޠުތައް ބަޔާން ކުރެއްވި ނަމަވެސް، މުޤާބިލުގެ ގޮތުގައި ބަދަލު ކުރެވޭ އެއްޗަކީ، ޢަޤުދުގެ ބޭނުމަށްޓަކައި އެކަށޭނެ އެއްޗެއްކަން (adequacy) ބަލައި ވަޒަން ކުރަން ޖެހޭނެކަމާމެދު ފިޤުހުވެރިން ބަހުސް ކުރައްވާފައި ނުވެއެވެ. އަދި އެއީ ޢަޤުދެއް ޞައްޙަ ވުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠެއްކަމުގައި، ނުވަތަ މުޤާބިލު ޞައްޙަ ވުމުގައި ފުރިހަމަވާންޖެހޭ ޝަރުޠެއްކަމުގައި ފިޤުހުވެރިން ބަހުސްކުރައްވާފައި ނުވެއެވެ. މިކަން ދޫކޮށްފައިވާ ކަމުގައި ބެލެވެނީ ޢަޤުދުގެ އެންމެ އަސާސީ އެއް ޢުންޞުރުކަމުގައިވާ ޢަޤުދުގެ ބައިވެރިން ޢަޤުދުގެ މައްޗަށް ރުހި ޤަބޫލުވުމުގެ މައްޗަށް ކަމުގައި ބެލެވެއެވެ.
ޤާނޫނީ އުސޫލުތަކުގެ ތަފުސީލަށް ދާއިރު، ޤާނޫނުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، ކޮންޓެކްޓެއްގެ މުޤާބިލަކީ ކޮބައިކަމާއި، އެއިގެ މިންވަރަކީ ކޮންޓްރެކްޓްގެ ބައިވެރިން އެ ފަރާތްތަކުގެ ފުރިހަމަ ރުހުމާއި އިޚްތިޔާރުގައި ކަނޑައަޅާ އެއްޗެކެވެ. މުޤާބިލަކީ ކޮންޓްރެކްޓް ކުރެވޭ މުޢާމަލާތަށް ފުދޭ އެއްޗެއްކަން (adequate) ނިންމާނީ އެ ކޮންޓްރެކްޓެއްގެ ބައިވެރިންނެވެ. އެއީ ކޮންޓްރެކްޓް ތަންފީޒު ކުރުމުގެ ތެރެއިން ނުވަތަ އެ ނޫންވެސް މަރުޙަލާއެއްގައި ކޯޓުން ވަޒަންކުރާ ކަމެއް ނޫނެވެ. މީގެ ނަތީޖާއަކީ، މިސާލަކަށް، މުޤާބިލަކީ އެއްޗެއްގެ އަގު ނަމަ، ކިތަންމެ ކުޑަ އަގެއް ވެސް ކޮންޓްރެކްޓުގެ ބައިވެރިންނަށް މުޤާބިލެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ. މުޤާބިލަކީ ކޮންޓްރެކްޓް ކުރެވުނު ކަމަކަށް ފުދޭ އެއްޗެއްކަން ކޯޓުތަކުން ވަޒަން ނުކުރި ނަމަވެސް، މުޤާބިލެއްގެ ގޮތުގައި ކޮންޓްރެކްޓްގެ ބައިވެރިން ކަނޑައަޅާފައިވަނީ އެކަށޭނެ އެއްޗެއްކަން ނުވަތަ ނޫންކަން އަބަދުވެސް ކޯޓުތަކުން ވަޒަންކުރެއެވެ.
ކަންމިހެން އޮތުމުން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކަށް ބަލާއިރު، މުޤާބިލަކީ ފުދޭ (adequate) އެއްޗެއްކަން ނުވަތަ ނޫންކަން ބެލުމަކީ އެކަމުގައި ކޯޓުގެ ދައުރެއް އޮންނަންޖެހޭނެ ކަމެއް ކަމުގައި ނުދެކެމެވެ.
މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުމުގައި ކުލީގެ ގޮތުގައި އެއްބަސްވެފައިވާ ފައިސާގެ ޢަދަދަކީ މި މުޢާމަލާތަށް ފުދޭނެ ކުއްޔެއް ކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ކޯޓަށް ލިބިގެންވާ ބާރެއް ކަމުގައި ނުދެކެމެވެ. އަދި އެ ކުލީގެ މިންވަރަކީ އެއްބަސްވުން ދެމެހެއްޓުމަށް އޮތް ހުރަހެއް ކަމުގައިވެސް ނުދެކެމެވެ. އެހެންކަމުން، އަދި މުޤާބިލަކީ މުޢާމަލާތަށް ބަލާއިރު "މަޤުބޫލު" ނުވަތަ ފުދޭ އެއްޗެއްކަން ކޯޓަށް ބެލިދާނެ ކަމުގައްޔާއި، މި މައްސަލައިގައި ވާހަކަދެކެވޭ މުޤާބިލު ކަމުގައިވާ މަހު ކުލީގެ ގޮތުގައި ދެއްކުމަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ -/1ރ (އެކެއް) ރުފިޔާއަކީ މި އެއްބަސްވުން ދެމެހެއްޓުމަށް އޮތް ހުރަހެއްކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުދެކެމެވެ.
ސުޕްރީމް ކޯޓުގެ ކޯޓު އަމުރުކޮންޓްރެކްޓެއްގެ މުޤާބިލަކީ ފުދޭނެ އެއްޗެއްކަން ކޯޓަށް ބެލިދާނެ ކަމުގައްޔާއި، އެކަން ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/14 (26 ނޮވެންބަރު 2015) ސުޕްރީމް ކޯޓުގެ ކޯޓު އަމުރުން ލިބިގެންވާ ކަމުގައި، ފާޠިމަތު ޖަމްޝީދާގެ ފަރާތުން މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ފާހަގަ ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރަށް ބަލާއިރު، އެ އަމުރަކީ، ގޯއްޗެއް 01 (އެކެއް) ރުފިޔާއަށް ވިއްކި މުޢާމަލާތަކަ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 635/Cv-C/2015 ޤަޟިއްޔާ ބާޠިލު ކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެކެވެ. އެ އަމުރަށް ބަލާއިރު، ސިވިލް ކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުން ބާޠިލު ކޮށްފައިވަނީ، ސިވިލް ކޯޓުގެ ނިންމުމަކީ، ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަގުފަހިވާ ގޮތަށް، ޝަރުޢީ ގޮތުން އަގެއް ކަމުގައި ނުބެލެވޭނޭ އަދި ފާޅުކަން ބޮޑު ގޮތެއްގައި މުދަލެއް އޭގެ ނުއަގުގައި ވިއްކުމަށް ކޮށްފައިވާ ޙުކުމެއް ކަމުގައިވާތީއެވެ.
ސުޕްރީމް ކޯޓުން ސިވިލް ކޯޓުގެ ނިންމުން ބާޠިލު ކުރުމަށް ނެރެފައިވާ އަމުރަކީ، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ނެރެފައިވާ އަމުރެއް ނޫނެވެ. އަދި އެއީ އެއްވެސް ގޮތަކަށް ސިވިލް ކޯޓުން ނިންމި މައްސަލައިގެ ޚަޞްމުންގެ އަޑު ސުޕްރީމް ކޯޓުން އެހުމަށްފަހު ނެރެފައިވާ އަމުރެއް ވެސް ނޫނެވެ. ކުރުކޮށް ބުނާނަމަ، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/14 (26 ނޮވެންބަރު 2015) ސުޕްރީމް ކޯޓުގެ ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ޤަވާއިދު ދަށުން އެ އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބި ދީފައިވާ ޙުދޫދުގެ ތެރެއިން ނެރެފައިވާ އަމުރެއް ކަމުގައި، އަހުރެން ނުދެކެމެވެ.
އެހެންކަމުން އިސްތިއުނާފަށް ހުށަހެޅިފައި މިވާ މައްސަލައާ ގުޅިގެން ފާޠިމަތު ޖަމްޝީދާގެ ފަރާތުން ޙަވާލާ ދީފައިވާ ސުޕްރީމް ކޯޓުގެ އަމުރުގައިވާ އުސޫލުތަކަކީ، އެއިގެ މައްޗަށް ބުރަވެ ވަކިކަމެއް ނިންމުމަށް ރައްކާތެރި އުސޫލުތަކެއް ކަމުގައި އަހުރެން ނުދެކެމެވެ.
ބަހުސްގެ ބޭނުމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/14 (26 ނޮވެންބަރު 2015) އަމުރުގައި ގޯތި ވިއްކުމުގެ މުޢާމަލާތު ބާޠިލު ކުރުމަށް ބަޔާންކޮށްފައިވާ ސަބަބުތަކަކީ، މުޤާބިލާ ގުޅޭ ގޮތުން މި ރައުޔުގައި ކުރިން ބަޔާންކުރި ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ހުރި ސަބަބުތަކެއް ކަމުގައި ވެސް އަހުރެން ނުދެކެމެވެ.
ވާރިސުންގެ މައްޗަށް ކޮންޓްރެކްޓް ފުރޮޅިގެން ދިއުން
ފާޠިމަތު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު ތަޠުބީޤު ކޮށްފައިވަނީ ޢަދުލު އިންސާފު ގެއްލޭ ގޮތަށް ކަމުގައެވެ. މި ނުކުތާ ތަފުސީލު ކުރަމުން، މި މައްސަލައިގައި ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮވެފައި، އެ އެއްބަސްވުމުގައިވާ ޙައްޤުތައް އެއްބަސްވުމުގެ ބައިވެރިން ނެތް ދުނިޔޭގައި އެ ފަރާތްތަކުގެ ވާރިސުންނަށް ނަގުލުވާނެ ކަމުގައި ބަޔާންކޮށްފައި އޮންނަ އޮތުމަކީ، އެކަމުގެ މައްޗަށް ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ އުސޫލުތައް ތަޠުބީޤު ވާންޖެހޭނެ ހާލަތެއް ނޫންކަމުގައި ފާޠިމަތު ޙުސައިންގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. އަދި މިކަން ސުޕްރީމް ކޯޓުގެ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް، މައްސަލައިން އިތުރަށް ކަށަވަރުވާ ކަމުގައި ފާޠިމަތު ޙުސައިންގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
މި ނުކުތާ އާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ، "އެއްބަސްވުމުގައި ބަޔާން ކުރާ ވަޞިއްޔަތް އެގޮތުގައި ދަމަހައްޓަން ބޭނުން ނަމަ، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އެކަން ކަމާބެހޭ ކޯޓަށް ހުށަހެޅުމަކީ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމުގައެވެ. އަދި އެކަން އެގޮތަށް ނުކުރުމަކީ، އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާއެއް ކުރާ މީހަކު ނެތީކަމަށް ޤާނޫނީ ގޮތުން ބެލިދާނެ ކަމެކެވެ." މި ފަދައިންނެވެ.
އިސްތިއުނާފީ މި ނުކުތާގައި ބަހުސް މި ކުރެވެނީ އަލްމަރުޙޫމާ ޢާބިދާ ޢީސާ އާއި، ފާޠިމަތު ޙުސައިންއާ ދެމެދު ހ. ޖީމާގެ ފްލޯތަކެއް ކުއްޔަށް ދިނުމާމެދު ވެވުނު އެއްބަސްވުމުގެ ދަށުން އުފެދިފައިވާ ކުލީގެ ޙައްޤުތަކާއި އިލްތިޒާމުތަކާ މެދުގައެވެ. އެ ޙައްޤުތައް އެއްބަސްވުމުގެ ބައިވެރިން ނެތް ދުނިޔޭގައި، އެ ފަރާތްތަކުގެ ވާރިސުންނަށް ނަޤުލުވާނެ ކަމާމެދުގައެވެ. އަދި ނަޤުލުވުމަށްޓަކައި، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ބުނާ އިޖުރާއަތުތައް ފުރިހަމަ ކުރަންޖެހޭނެ ކަމާމެދުގައެވެ.
ފާޠިމަތު ޙުސައިންގެ ފަރާތުން ފާހަގަކޮށްފައިވާ ސުޕްރީމް ކޯޓުގެ މުޙައްމަދު ޔޫސުފް މުސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް މައްސަލައަކީ، މި މައްސަލައިގައި މި މައުޟޫޢުގައި ވާހަކަ ދެކެވޭ ކަންކަމާމެދު އުސޫލުތަކެއް ބަޔާންކޮށްފައިވާ މައްސަލައެކެވެ. ވުމާއެކު، ތިރީގައި ޚުލާޞާކޮށް މި ބަޔާން ކުރަނީ، އެ މައްސަލަގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކެވެ.
ދެފަރާތް ދެމެދު އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމުގައި ބަޔާންކުރާ އެންމެހައި ޙައްޤުތަކާ އިލްތިޒާމްތައް އެގޮތުގެމަތިން ދެމެހެއްޓުމަކީ އެއްބަސްވުމުގައި ހިމެނޭ ބައިވެރިންގެ މައްޗަށް ލާޒިމު ކަމެކެވެ. ކޮންޓްރެކްޓުގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް ބަޔާންކޮށްފައިވާ ޙާލަތުގައި އެ ކޮންޓްރެކްޓްގެ ބައިވެރިން އެ ގޮތަކަށް ޢަމަލުކުރަން ޖެހެއެވެ. ޢާންމު އުޞޫލަކީ ކޮންޓްރެކްޓްގައި ހިމެނޭ ބައިވެރިޔަކު މަރުވެއްޖެނަމަ އެ ކޮންޓްރެކްޓްގެ ދަށުން މަރުޙޫމަށް ލިބިފައިވާ ޙައްޤުތައް، ކޮންޓްރެކްޓް ބާޠިލުނުވާހާ ހިނދަކު، އެ މަރުޙޫމްގެ ވާރިސުންގެ މައްޗަށް ނަގުލުވެގެން ދިއުމެވެ. މި ޢާންމު އުސޫލަށް ދެ އިސްތިސްނާ ހާލަތެއް ވެއެވެ.
ފުރަތަމަ ހާލަތަކީ، ކޮންޓްރެކްޓްގެ ދަށުން ލިބޭ މަންފާ ބޭނުން ކުރުން އެ ކޮންޓްރެކްޓްގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކުގެ މައްޗަށް ބަރޯސާވެފައި އޮންނަ ހާލަތެވެ.
ދެވަނަ ހާލަތަކީ، ކޮންޓްރެކްޓްގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކަކީ، ކޮންޓްރެކްޓްގެ މައުޟޫޢުގައި ހިމެނޭ މުދަލުގެ މައްޗަށް އުފެދޭ އިލްތިޒާމުތަކަކަށްވާ ހާލަތެވެ.
މި އިސްތިސްނާތައް ބަޔާން ކުރުމަށްފަހު، ބިމަކާ ގުޅިގެން އުފެދޭ ކުލީގެ ޙައްޤާއި، ރަހުނުގެ ޙައްޤާއި، ލިއެންގެ ޙައްޤުތަކަކީ، މުދަލުގެ މައްޗަށް އުފެދޭ ޙައްޤުތަކެއް ކަމުގައި ބަޔާންކޮށް، އެ ޙައްޤުތައް ނަގުލުވުމާމެދު އެ މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަ ކުރައްވާފައިވާ ޢިބާރާތް ތިރީގައި މިވަނީއެވެ.
"ބިމަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ގާއިމުކުރެވޭ ކުލީގެ ހައްގާއި ރަހުނުގެ ހައްގާއި ކޯޓުތަކުން ގަބޫލުކުރާ ލިއެންގެ ހައްގަކީ މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކެއް ކަމުގައި ވާތީވެ، އެކަކުގެ ކިބައިން އަނެކަކަށް ބިން ނަގުލުވާނީ ބިމާ ގުޅިފައިވާ ކުލީގެ އިލްތިޒާމުތަކާއި ރަހުނުގެ އިލްތިޒާމުތަކާއި ލިއެންގެ އިލްތިޒާމުތަކާއި އެކުގައެވެ. އެހެންކަމުން އެއް ފަރާތުން އަނެއް ފަރާތަށް ބިމެއްގެ މިލްކުވެރިކަން ނަގުލުވާއިރު، އެ ބިމުގެ މިލްކުވެރިކަން ނަގުލުވުމުގެ ކުރިން އެ ބިމުގެ މައްޗަށް އެހެން ފަރާތްތަކަށް އުފެދިފައިވާ ހައްގުތައް ނިމުމަކަށް ނާންނާނެއެވެ. (އޭގެ ތެރޭގައި މީހަކު މަރުވެގެން ތަރިކައިގެ މުދަލުގެ ގޮތުގައި ވާރިސުންނަށް ލިބޭ މުދާވެސް ހިމެނެއެވެ.)
މި ހިސާބުން ޖަވާބު ލިބިގެން މި ދިޔައީ، ބިމާ ގުޅިގެން އުފެދޭ ކުލީގެ ޙައްޤަކީ އެކެއްގެ ކިބައިން އަނެކަކަށް ނަޤުލުވާ ޙައްޤުތަކެއް ކަމެވެ. ދެން ޖަވާބު ހޯދަން އޮތީ މީހަކު މަރުވެގެން އެ މީހާގެ ކިބައިގައިވާ އެފަދަ ހައްޤެއް އެހެން ފަރާތަކަށް ނަގުލުވުމަށްޓަކައި ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު ބުނާ އިޖުރާއަތުތައް ފުރިހަމަ ކުރަންޖެހޭނެކަން ނުވަތަ ނޫންކަމެވެ.
މި ސުވާލުގެ ޖަވާބު ވެސް ސުޕްރީމް ކޯޓުގެ މުޙައްމަދު ޔޫސުފް މުސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް މައްސަލައިން ލިބެއެވެ. އެ މައްސަލައިގައި ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ ދާއިރާއާމެދު ތަފުސީލުކޮށް ބަހުސް ކުރެއްވުމަށްފަހު، ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވަނީ، "ތަރިކައާބެހޭ ދައުވާގެ ގާނޫނުގައި ބުނެފައިވާ ގޮތުން މީހަކު މަރުވުމަށްފަހު 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް އެ ގާނޫނުގެ ދަށުން މުއްދަތު ކަނޑައަޅާފައިވަނީ މަރްހޫމްގެ ޝަޚުސުގެ މައްޗަށް ހައްގެއް އުފެދިފައި އޮވެގެން ކުރެވޭ ދައުވާތަކާއި މަރްހޫމް ކޮށްފައިވާ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއް އޮވެގެން އެފަދަ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއްގެ މަންފާ ލިބެނިވި ފަރާތަކުން އެ މަންފާއެއް ލިބިގަތުމަށް އެދި ކުރާ ދައުވާ"ތަކަށް ކަމުގައެވެ. އަދި މަރްހޫމްގެ މުދަލުގެ މައްޗަށް އުފައްދާފައިވާ ހައްގެއް ތަންފީޒުކުރަން ހުށަހެޅުމަށް ތަރިކައާބެހޭ ދައުވާގެ ގާނޫނުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނުވާ" ކަމުގައެވެ. ކަންމިހެން އޮތުމުން މުދަލުގެ މައްޗަށް އުފެދޭ ހައްޤުތައް ދެމެހެއްޓުމަށްޓަކައި، އެއްބަސްވުމުގެ ބައިވެރިޔަކު ނިޔާވުމުން، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ ދަށުން ދަޢުވާކޮށް، އެ ޤާނޫނު ބުނާ އިޖުރާއަތު ފުރިހަމަކުރަން ނުޖެހެއެވެ. އެހެނީ އެއީ އެ ޤާނޫނުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫނެވެ.
މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު ޢާބިދާ ޢީސާ ނިޔާވުމަށްފަހު، ޢާބިދާ ޢީސާ އާއި ފާޠިމަތު ޙުސައިން އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދިފައިވާ ކުލީގެ ޙައްޤަކީ ބިމާގުޅިގެން އުފެދިފައިވާ ނުވަތަ މުދަލަކާ ގުޅިގެން އުފެދިފައިވާ ޙައްޤެއްކަން ސާފުކޮށް އެނގެއެވެ. ވުމާއެކު، ޢާބިދާ ޢީސާ އާއި ފާޠިމަތު ޙުސައިން އާ ދެމެދު ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަކީ، ޢާބިދާ ޢީސާގެ ވާރިސުންނަށް ލާޒިމު ކަމެއް ކަމުގައްޔާއި، އެއްބަސްވުން ދެމެހެއްޓުމަށްޓަކައި، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު ބުނާ މުއްދަތުގައި، ފާޠިމަތު ޙުސައިންގެ ފަރާތުން ޢާބިދާ ޢީސާގެ ވާރިސުންގެ މައްޗަށް ދަޢުވާ ކުރަން ނުޖެހޭކަން އެނގިގެން ދެއެވެ.
ކަން މިހެން އޮތުމުން ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ދެމެހެއްޓުމަށްޓަކައި، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އެކަން ކަމާބެހޭ ކޯޓަށް ހުށަހެޅުމަކީ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމުގައްޔާއި، އެކަން އެގޮތަށް ކޮށްފައި ނެތުމަކީ، ދެ ފަރާތުގެ ދެމެދުގައި އޮތް ތަޢާޤުދީ އިލްތިޒާމުތައް (contractual obligations) ދެމެހެއްޓުމަށް އޮތް ހުރަހެއް ކަމުގައި ދޭހަވާ މޭރުމުން ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ބާޠިލު ކޮންޓްރެކްޓެއްތޯ ކަނޑައެޅުންއިސްތިއުނާފީ ތިން ވަނަ ނުކުތާގެ ގޮތުގައި ފާޠިމަތު ޙުސައިންގެ ފަރާތުން ފާހަގަކުރާ ނުކުތާއަކީ، ކޮންޓްރެކްޓް ނިމުމަކަށް އަންނަނީ ކޮންޓްރެކްޓްގައި ބަޔާން ވެފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން ނުވަތަ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތްތަކުން ގޮތަކަށް ކަމަށްވެފައި، ހައިކޯޓުން ކޮންޓްރެކްޓް ބާޠިލު ކަމަށް ކަނޑައެޅީ ކޮންޓްރެކްޓްގައި ބަޔާންވެފައިވާ ގޮތަކަށް ނުވަތަ ޤާނޫނުގައި ބަޔާންވެފައިވާ ގޮތަށް ނޫންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން ފާޠިމަތު ޙުސައިންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ކޮންޓްރެކްޓެއް ނިމުމަކަށް އަންނާނެ ގޮތް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ވަނީ ކަނޑައަޅާފައިވާ ކަމުގައެވެ. މި ގޮތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އަދި 22 ވަނަ މާއްދާގައި ކޮންޓްރެކްޓެއް ނިމުމަކަށް އަންނާނެ ގޮތްތައް ބަޔާން ކޮށްފައިވާ ކަމުގައެވެ. އަދި ކޮންޓްރެކްޓާ ގުޅޭ ޢާންމު އެއް އުޞޫލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ ބައިވެރިން ކޮންޓްރެކްޓްގައި ބަޔާންކުރާ ކަންތައްތަކަށް ޢަމަލު ކުރަމުންދާ ނަމަ ކޮންޓްރެކްޓް ބާޠިލު ކުރުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެންނުވުމެވެ. އަދި ވަކިން ޙާއްޞަކޮށް ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނެ ވަކި ޙާލަތްތަކެއް ކޮންޓްރެކްޓްގައި ބަޔާންކޮށްފައިވާނަމަ، ކޮންޓްރެކްޓެއް ނިމުމަކަށް ގެނައުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ކޮންޓްރެކްޓްގައި ބަޔާންކޮށްފައިވާ ޙާލަތްތަކަށެވެ. ނަމަވެސް، މިއިން އެއްވެސް އުސޫލަކަށް ރިޢާޔަތް ކުރުމެއް ނެތި ހައިކޯޓުން ދެ ފަރާތުގެ ދެމެދުގައި އޮތް ކޮންޓްރެކްޓްގައި "މަޤުބޫލު މުޤާބިލެއް" ނެތް ކަމުގައި ބަލައި ކޮންޓްރެކްޓް ދަމަހައްޓަންޖެހޭނެ ތަނެއް ނެތްކަމުގައި ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ފާޠިމަތު ޙުސައިންގެ ފަރާތުން ނުދެކޭކަން އެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
މި ނުކުތާއަށް ބަލާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުން ބާޠިލު ކަމުގައި ކަނޑައެޅުމުގައި ހައިކޯޓުން ބުރަވި ސަބަބުތަކާމެދު އަހުރެން ދެކޭ ގޮތް ކުރިން ބަޔާން ކޮށްފީމެވެ. އެ ގޮތުން މި މައްސަލައިގައި ބަހުސްކުރެވޭ މުޤާބިލަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެކަށޭނެ މުޤާބިލެއް ކަމުގައްޔާއި، އަދި މުޤާބިލަކީ މުޢާމަލާތަށް ފުދޭ އެއްޗެއްކަން ނިންމުމުގައި ކޯޓުގެ ދައުރެއް އޮންނަން ނުޖެހޭ ސަބަބުތައް ބަޔާން ކޮށްފައި ވާނެއެވެ. އަދި މި މައްސަލައިގައި ވާހަކަ ދެކެވޭ މުޤާބިލަކީ އެއްބަސްވުން ދެމެހެއްޓުމަށް އޮތް ހުރަހެއް ނޫންކަމުގައި ވެސް ބަޔާންކޮށްފައި ވާނެއެވެ. ވުމާއެކު، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ނިމުމަކަށް އައީ ކަމުގައި ބަލާނެ ތަނެއް ނެތެވެ. އަދި މި ނުކުތާގައި އިތުރަށް ޝަރީޢަތުން ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ދަޢުވާ ކުރުމުގެ ފުރިހަމަ ހައިސިއްޔަތުފާޠިމަތު ހުސައިންގެ ފަރާތުން ހަތަރުވަނަ ނުކުތާއެއްގެ ގޮތުގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާއަކީ، މި ދައުވާ ހުށަހަޅާފައި ވަނީ ދައުވާ ކުރުމުގެ ފުރިހަމަ ހައިސިއްޔަތު ނެތް ފަރާތަކުން ކަމަށް ވާތީ، ސިވިލް ކޯޓުންނާއި ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ބާޠިލު އިޖުރާއަތެއްގެ މައްޗަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ފާޠިމަތު ޙުސައިންގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ތެރެއިން ދައުވާ ކުރުމުގެ ފުރިހަމަ ހައިސިއްޔަތާ ގުޅިގެން ހުށަހެޅި ނުކުތާއަކީ ދަށު ކޯޓާއި ހައިކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކަމުގައި ޝަރީޢަތުން ސުވާލު ކުރުމުން ފާޠިމަތު ޙުސައިންގެ ފަރާތުން ބުނެފައިވެއެވެ. ވުމާއެކު، މި ނުކުތާއަކީ ސުޕްރީމް ކޯޓުގެ ގަވާއިދާއި، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތްމަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމާއެކު، މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރީޢަތާއި ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ، ހައިކޯޓުގެ ޙުކުމް ބާޠިލުކުރުމަށް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/298 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި ]އަދި ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި[ މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު މަޙާޒު ޢަލީ ޒާހިރު ޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު) 8801102273139ނޯޓް: މި ޤަޟިއްޔާގެ ޙުކުމަށް އިސްލާޙު ގެނެވިފައިމިވަނީ، 07 ނޮވެންބަރު 2022 ވަނަ ދުވަހު ޙުކުމް ކުރިއިރު. ޙުކުމް އިއްވި އިރު ޙުކުމުގައި ހިމެނޭ ބައި (ބްރެކެޓް ހިމެނިފައިވާ ބައި) އިއްވިފައި ނުވާތީ، އެ ބައި ހިމެނުމަކީ އެންމެ ރަނގަޅުގޮތް ކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ބުރަ ވެވުނު ހިނދު އެ ބައި ހިމެނުމަށްފަހު ޙުކުމް އިޞްލާޙު ކުރެވިފައި ވާތީ އެވެ.
00ނޯޓް: މި ޤަޟިއްޔާގެ ޙުކުމަށް އިސްލާޙު ގެނެވިފައިމިވަނީ، 07 ނޮވެންބަރު 2022 ވަނަ ދުވަހު ޙުކުމް ކުރިއިރު. ޙުކުމް އިއްވި އިރު ޙުކުމުގައި ހިމެނޭ ބައި (ބްރެކެޓް ހިމެނިފައިވާ ބައި) އިއްވިފައި ނުވާތީ، އެ ބައި ހިމެނުމަކީ އެންމެ ރަނގަޅުގޮތް ކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ބުރަ ވެވުނު ހިނދު އެ ބައި ހިމެނުމަށްފަހު ޙުކުމް އިޞްލާޙު ކުރެވިފައި ވާތީ އެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.