—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 402014/SC-A/
ދަޢުވާކުރާ ފަރާތް: ނަސީމާ ޢަލީ
ދަޢުވާ ލިބޭ ފަރާތް: މޫސާ ޙަލީމް
ތަދައްޚުލްވި ފަރާތް: ޢަބްދުﷲ ނަޞީރު
މައްސަލައިގެ ބާވަތް: ބިން ވިއްކުން
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 13 އޮގަސްޓު 2014
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ސެޕްޓެންބަރު 2014
ނިމުނު ތާރީޚް: 16 ޖޫން 2016
މައްސަލަ ނިންމި ގަޑި: 14:40
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ.
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-A/296
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 28 ޑިސެންބަރ 2011
ނިމުނު ތާރީޚް: 22 އެޕްރީލް 2014
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/296 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި، ނަސީމާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، މއ. އެމްޓޭޝަންގޭ މޫސާ ޙަލީމްއެވެ.
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/296 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ، ނަސީމާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/296 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، މއ. އެމްޓޭޝަންގޭ މޫސާ ޙަލީމްއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 2011/HC-A/296 ޤަޟިއްޔާއަށް ޢަބްދުﷲ ނަޞީރުގެ ފަރާތުން ތަދައްޚުލްވެފައި ވެއެވެ.
ފާހަގަކުރެވުނު ނުކުތާތައް
މި މައްސަލާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/296 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުންނާއި، މައްސަލައަށް ތަދައްޚުލްވި ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މި ބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، މއ. އެމްޓޭޝަންގޭ މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެމްޓޭޝަންގެ އެވެކިޔާ ބަންޑާރަ / އަމިއްލަ ގޯތި (ރަޖިސްޓްރީ ނަންބަރު ބ. 16895) ގައިވާ 747.5 (ހަތްސަތޭކަ ސާޅިސްހަތެއް ޕޮއިންޓް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ 1,868,750/-ރ. (އެއްމިލިއަން އަށްލައްކަ ފަސްދޮޅަށް އަށްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ގެ އަގަށް ޢަބްދުﷲ ނަޞީރުއަށް ވިއްކުމަށް މއ. އެމްޓޭޝަންގެ މޫސާ ޙަލީމް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، މޫސާ ޙަލީމް ހުށަހެޅި ފަދައިން އެ އަގަށް އެ ބިމާއި، އެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ޢަބްދުﷲ ނަޞީރު ގަނެ، އެ ވިޔަފާރި އަޤުދުކޮށް، އެ ވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، އެ ވިޔަފާރި ޞައްޙަކަމަށާއި، އެ ވިޔަފާރީގެ ސަބަބުން މއ. އެމްޓޭޝަންގެ މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެމްޓޭޝަންގެ އެވެކިޔާ ބަންޑާރަ / އަމިއްލަ ގޯތި (ރަޖިސްޓްރީ ނަންބަރު ބ. 16895) ގެ 1495 އަކަފޫޓުގެ ތެރެއިން ނިކަގަސްމަގުން އެ ގޯތީގެ އިރުން ހުޅަނގަށް ގޯތީގެ މެދުތެރެއިން ދަމާލެވޭ ލައިނަކުން ގޯތި ދެބައިކޮށް ގޯތީގެ އުތުރަށް އޮތް 747.5 އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިހާރުގެ މިލްކުވެރި ފަރާތަކީ ޢަބްދުﷲ ނަޞީރު ކަމަށް ކަނޑައަޅައި، އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.
ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 1033/Cv-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާގޮތަށް ނޫންކަމަށް ބުނެ، ނަސީމާ ޢަލީގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2011/HC-A/296 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ޙުކުމެއްކަމަށް ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅައި، ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/296 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ، އެ ކޯޓުގެ ނަންބަރު 2011/HC-A/296 ޤަޟިއްޔާގެ ޙުކުމަކީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، އެއާ ގުޅިގެން މި މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތުންނާއި، މި މައްސަލައަށް ތަދައްޚުލްވި ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
ހ) ފުރަތަމަ ކަމަކީ، ޢަޤުދެއް ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމުގެ "މަޙައްލު" ނުވަތަ މައުޟޫޢަކީ ޤާނޫނުގައި ކަނޑައަޅައި ބަޔާންވެގެންވާ ޝަރްޠުތައް ފުރިހަމަވެފައިވާ މައުޟޫޢެއްކަން (lawful subject matter) ކަށަވަރުކުރުމަކީ އެ ޢަޤުދުގެ ބައިވެރިންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމާއި، ޤާނޫނުގައި ކަނޑައަޅައި ބަޔާންވެގެންވާ ޝަރްޠުތައް ފުރިހަމަކުރުމަކާ ނުލައި ކުރެވޭ ޢަޤުދުތަކަކީ ޤާނޫނުގެ ނަޒަރުގައި ޞައްޙަ ޢަޤުދުތަކެއް ނޫންކަން އިސްތިޤްރާރުވެފައިވާ މަދަނީ އިލްތިޒާމްތަކުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
ށ) ދެވަނަ ކަމަކީ، މއ. އެމްޓޭޝަންގޭ މޫސާ ޙަލީމް އާއި ޢަބްދުﷲ ނަޞީރުއާ ދެމެދު ކުރެވުނު އަޤުދުގެ މައުޟޫޢަކީ މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތީގައިވާ 747.5 (ހަތްސަތޭކަ ސާޅިސްހަތެއް ޕޮއިންޓް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ 1,868,750/-ރ. (އެއްމިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ގެ އަގަށް ޢަބްދުﷲ ނަޞީރުއަށް ވިއްކުންކަން 14 ފެބްރުވަރީ 2011 ގައި މޫސާ ޙަލީމް އާއި ޢަބްދުﷲ ނަޞީރުއާއި ދެމެދު ކުރެވުނު ބިން ވިއްކުމާއި، ގަތުމާބެހޭ އެއްބަސްވުމަށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އެ ޤާނޫނުގެ 2 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައި އޮތުމުން، މޫސާ ޙަލީމް އާއި ޢަބްދުﷲ ނަޞީރުއާ ދެމެދު ޢަޤްދުކުރެވުނު އިސްވެ އިޝާރާތްކުރެވުނު ބިން ވިއްކުމާއި، ގަތުމާބެހޭ މުޢާމަލާތް ކުރަންވާނީ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ޢަޙްކާމްތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނަ އޮތުމެވެ.
ނ) ތިންވަނަ ކަމަކީ، ބުނެވިދިޔަ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ފާސްވުމުގެ ކުރިން ހުރި އަމިއްލަ ބިންބިމާއި، ގޯތިގޯއްޗާއި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އަމިއްލަކުރާ ބިންބިމާއި ގޯތިގޯތި ވިއްކަންވާނީ، ނުވަތަ ހިބަޔަކުން ނުވަތަ ވަޞިއްޔަތަކުން ނުވަތަ އެނޫންވެސް ގޮތަކުން ދޭންވާނީ އެ ޤާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، އަދި އެ މާއްދާތަކުގައި ބުނެފައިވާ ޝަރްޠުތަކުގެ މަތިންކަމަށް ބަޔާންވެދިޔަ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގައި (ނޯޓް: ޤާނޫނު ނަންބަރު 2015/39 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން މި މާއްދާއަކީ މިހާރު އެ ޤާނޫނުގެ 25 ވަނަ މާއްދާއެވެ.) ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު އެހެން ފަރާތަކަށް ވިއްކުމަށްޓަކައި ފުރިހަމަކުރުން ލާޒިމްވެގެންވާ ޝަރްޠުތަކުގެ ތެރޭގައި ގޯތި ވިއްކަން އެދޭމީހާ އާއި އެ މީހަކު ޝަރްޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން ޝަރްޠުކޮށް ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ދަށުން، އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާ، އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން 1 އޮކްޓޫބަރު 2008 ގައި ހަދާފައިވާ "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގައި އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބިން އަމިއްލަކުރުމަށްފަހުވިޔަސް ވިއްކާނަމަ އެ ވިއްކުމުގެ މުޢާމަލާތް ހިންގަންވާނީ ޝަރީޢަތް މެދުވެރިކޮށް ކަމަށް އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާ، އަދި ގޯތި ވިއްކަން އެދޭމީހާ އާއި، އެ މީހަކު ޝަރްޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވާން ވާނެކަމަށް އެ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ރ) ހަތަރުވަނަ ކަމަކީ، އިސްވެ ޙަވާލާދެވުނު ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އަށާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް ބަލާއިރު، މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތީގައިވާ 747.5 (ހަތްސަތޭކަ ސާޅިސްހަތެއް ޕޮއިންޓް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ 1,868,750/-ރ. (އެއްމިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ގެ އަގަށް ޢަބްދުﷲ ނަޞީރުއަށް ވިއްކުމަށް ކުރެވުނު ޢަޤުދު ޤާނޫނީގޮތުން ޞައްޙަވާނީ، އެ ބިން ވިއްކާލުމުގެ ކުރިން ބިން ވިއްކަން އެދޭ މޫސާ ޙަލީމް އާއި އޭނާ ޝަރްޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވާނަމަކަން އެނގެން އޮންނަކަމާއި، ވިއްކުމުގެ މުޢާމަލާތް ހިންގުމުގެ ކުރިން އެކަން ކަށަވަރުކުރުމަކީ ވިއްކާފަރާތުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމާ، އަދި އެފަދަ ވިއްކުމުގެ މުޢާމަލާތަކީ ޝަރީޢަތް މެދުވެރިކޮށްގެން ހިންގުން ލާޒިމުކުރާ މުޢާމަލާތެއްކަމުގައި ވާއިރު، ކަމާބެހޭ ކޯޓުން ބިން ވިއްކަން އެދޭމީހާ އާއި، އެ މީހާ ޝަރްޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވޭތޯ ބަލައި ކަށަވަރުކުރުމުގެ ކުރިންމެނުވީ އެ ވިއްކުމުގެ މުޢާމަލާތް ޞައްޙަކަމަށް ކަނޑައަޅައިގެން ނުވާނެކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގެ މައްސަލަ އެ ކޯޓުގައި ހިނގަމުން ދިޔައިރު، މި މައްސަލާގައި އިލްތިމާސްކުރާ ނަސީމާ ޢަލީ އާއި އިލްތިމާސް ރައްދުވާ މޫސާ ޙަލީމު ކައިވެނިކޮށް ލިބިފައިވާ 18 އަހަރު ނުފުރޭ ދެ ކުދިންކަމުގައިވާ އައިމިނަތު އަންޖޫނާ މޫސާ އާއި އަޙްމަދު ނާއިފްއާ ތިބިކަމާއި، އެ ދެ ކުދިންގެ މަންމަ ނަސީމާ ޢަލީ އާއި، ބައްޕަ މޫސާ ޙަލީމުގެ ޒަވާޖީ ހަޔާތްވަނީ 20 އޮގަސްޓު 1995 ގައި ނިމުމަކަށް އައިސްފައިކަން ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، މި ދެ ކުދިންގެ ތެރެއިން އަޙްމަދު ނާއިފްއަކީ ނުކުޅެދުންތެރިކަން ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، އެ ދެ ކުދިން އެ ކުދިންގެ މަންމަ ނަސީމާ ޢަލީއާއެކު އެއިރު އުޅެމުންދިޔައީ އެ ކުދިންގެ ބައްޕަ މޫސާ ޙަލީމުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެމްޓޭޝަންގޭގައި ކަމާއި، އެ ދެ ކުދިންނަކީ މޫސާ ޙަލީމް ޝަރްޢީގޮތުން ބަލަންޖެހޭ ދެ ކުދިންކަމުގައި ވާއިރު، އެ ކުދިން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވާކަން ކަށަވަރުކުރުމަކާ ނުލައި، މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެމްޓޭޝަންގެ އެވެކިޔާ ބަންޑާރަ / އަމިއްލަ ގޯތީގައިވާ 747.5 (ހަތްސަތޭކަ ސާޅިސްހަތެއް ޕޮއިންޓް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ޢަބްދުﷲ ނަޞީރުއަށް ވިއްކުމަށް މޫސާ ޙަލީމް ހުށަހެޅުމުން ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާއިން ބެލުނު މައްސަލައަކީ ނަސީމާ ޢަލީގެ ދެ ކުދިންގެ ޝަރްޢީ މަޞްލަޙަތު ހިމެނޭ މައްސަލައަކަށްވާތީ އެ މައްސަލައަށް ތަދައްޚުލްވުމަށް ނަސީމާ ޢަލީގެ ފަރާތުން އެދިފައިވާކަމަށާއި، ނަމަވެސް މައްސަލައަށް ތަދައްޚުލްވުމުގެ ފުރުޞަތު ނަސީމާ ޢަލީއަށް ލިބިފައި ނުވާކަމަށާއި، ފަހުން ކޯޓުގެ އެދުމަށް 03 އޮކްޓޫބަރު 2011 ގައި ނަސީމާ ޢަލީގެ ފަރާތުން ސިވިލް ކޯޓަށް ސިޓީއެއް ހުށަހެޅި ކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 4-B-CR.8/MIS/2011/236 "އަމިއްލަ މީހުން ފޮނުވާ ލިޔުމުގެ ޖަވާބު" އިން 14 ނޮވެންބަރު 2011 ގައި ބުނެވިދިޔަ ސިޓީގެ ޖަވާބު ފޮނުވާފައިވާކަމާއި، އެ ޖަވާބުގައި "މި ކޯޓުގެ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާއިން ހިންގުނު މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތީގެ 747.5 އަކަފޫޓުގެ އަމިއްލަ ބިން ވިއްކުމުގެ މައްސަލަވަނީ 19 އޮކްޓޫބަރު 2011 ގައި ޙުކުމްކޮށް ނިމިފައެވެ. މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތި ވިއްކުމަށް ހުށަހަޅާފައިވަނީ މުޅިގޯތި އެއްކޮށްކަމަށް ނުވެފައި، މި ގޯތީގެ 747.5 އަކަފޫޓު ވިއްކުމުން ބާކީއޮތް ބިމުގައި މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތީގެ ވެރިފަރާތްކަމުގައިވާ މޫސާ ޙަލީމް ޝަރްޢީގޮތުން ބަލަންޖެހޭ ފަރާތްތަކަށް ދިރިއުޅެވޭނެ އިންތިޒާމް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ހަމަޖައްސައިދޭނެ ކަމުގައާއި، އަދި މިގޮތުން މި އިންތިޒާމްތައް ހަމަޖެހެންދެން އެ ފަރާތްތަކަށް މއ. އެމްޓޭޝަންގޭގައި ތިބެވޭނެކަމުގައި މޫސާ ޙަލީމް އަދި ޢަބްދުﷲ ނަޞީރު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމުގައި ދަންނަވަމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން ނަސީމާ ޢަލީގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި، ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަކަމެވެ.
ބ) ފަސްވަނަ ކަމަކީ، ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާއިން ހިންގުނު މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތީގެ 747.5 އަކަފޫޓުގެ އަމިއްލަ ބިން ވިއްކުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، އެ މައްސަލައަށް ތަދައްޚުލްވުމުގެ މަޞްލަޙަތު އޮތް ފަރާތްތަކެއް ކަމުގައިވާ، މޫސާ ޙަލީމް ޝަރްޢީގޮތުން ބަލަންޖެހޭ އޭނާގެ ދެ ކުދިންގެ ފަރާތުން އެ ކުދިންގެ މަންމަ ނަސީމާ ޢަލީ ސިވިލް ކޯޓުގައި އެ މައްސަލައާ ގުޅިގެން ޝަކުވާކޮށްފައިވާކަން އެނގެން އޮންނައިރު، އެ ފަރާތްތަކަށް އެ މައްސަލައަށް ތަދައްޚުލްވުމުގެ ފުރުޞަތު ދިނުމަކާނުލައި، ބުނެވިދިޔަ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ދަޢުވާއަށް ތަދައްޚުލްވުމާގުޅޭ މަދަނީ އިޖްރާއާތުގެ އުޞޫލުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮންނަކަމެވެ.
ޅ) ހަވަނަ ކަމަކީ، އިސްވެ ޙަވާލާދެވުނު ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން، އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި "ގޯތި ވިއްކަން އެދޭމީހާ އާއި އެ މީހަކު ޝަރްޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން" ޝަރްޠުކޮށްފައި އޮންނަ އޮތުމުގެ މަފްހޫމަށް ބަލާއިރު، ބުނެވިދިޔަ ޝަރްޠަކީ ގޯއްޗެއް އެހެންފަރާތަކަށް ވިއްކުމުގެ ކުރިން ފުރިހަމަވުން ލާޒިމުވެގެންވާ ޝަރްޠެއްކަމާ، އެހެންކަމުން ގޯއްޗެއް ވިއްކަން އެދޭމީހާ ޝަރްޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި ނުވާނަމަ އެ ވިއްކުމަކީ ޤާނޫނީގޮތުން ޞައްޙަ ވިއްކުމެއްކަމަށް ނުބެލެވޭނެ ކަމާއި، ގޯތި ވިއްކަން އެދޭމީހާ އާއި އެ މީހަކު ޝަރްޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުމުގެ މުރާދަކީ ގޯތި ވިއްކަން އެދޭމީހާ، އެ ވިއްކަން އެދޭތަން ފިޔަވައި އެހެންތަނެއް އޭނާއާއި، އޭނާ ޝަރްޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅުމަށްޓަކައި ހަމަޖެހިފައިވުން ކަމާއި، ދިރިއުޅުމަށްޓަކައި ތަނެއް ހަމަޖެހިފައިވުމަކީ ދިރިއުޅެވޭ ފަދަ ތަނެއް ވާޤިޢީގޮތުން އެއްވެސް ޤާނޫނީ އަދި ޝަރްޢީ ހުރަހަކާ ނުލައި ވުޖޫދުގައިވުން ކަމާއި، އެއީ ދިރިއުޅުމަށް ތަނެއް ހަމަޖެހިފައިވުމުގެ އިޙްތިމާލު އޮތުމެއް ނޫންކަމާ، އަދި ގޯތި ވިއްކަން އެދޭމީހާ، އެ މީހަކު ޝަރްޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖައްސައި ދޭނެކަމަށް ބުނާ ބުނުމަކީ ނުވަތަ ވާ ވަޢުދަކީ އޭގެޒާތުގައި ތަނެއް ވާޤިޢީގޮތުން ހަމަޖެހިފައި އޮތުމެއް ނޫންކަމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ އިސްވެ އިޝާރާތްކުރެވުނު 18 ވަނަ މާއްދާގެ (ހ) މާނަކުރަންޖެހޭނީ، އެ މާއްދާގެ އެ އަކުރުގެ ނައްޞުން "މުޝައްރިޢު" (The Legislature) ޙާޞިލުކުރަން ބޭނުންވާ އިޖްތިމާޢީ މަޞްލަޙަތު ޙާޞިލުވާފަދަ ގޮތަކަށް ކަމާއި، ބުނެވިދިޔަ ނައްޞުން "މުޝައްރިޢު" ޙާޞިލުކުރަން ބޭނުންވާ އިޖްތިމާޢީ މަޞްލަޙަތަކީ ގޯއްޗެއް ވިއްކަން އެދޭމީހާގެ މިލްކުގައިވާ ގޯތި ވިއްކާލާ ޙާލަތުގައި އޭނާއާއި، އޭނާ ޝަރްޢީގޮތުން ބަލަންޖެހޭ ފަރާތްތައް މަގުމަތިނުވެ، ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހި އިންތިޒާމުވެފައި އޮތުންކަމާއި؛
މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓުގެ ބަޔާންވެދިޔަ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގައި މޫސާ ޙަލީމުގެ ފަރާތުން ވިއްކުމަށް ހުށަހަޅާފައިވަނީ މއ. އެމްޓޭޝަންގެ އެވެކިޔާ އަމިއްލަ ބަންޑާރަ ގޯތީގެ 1495 އަކަފޫޓުގެ ތެރެއިން އެ ގޯތި ބައިކޮށް ގޯތީގެ އުތުރުން އޮތް 747.5 އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާކަން އެނގެން އޮންނައިރު، ވިއްކުމަށް ހުށަހެޅުނު މއ. އެމްޓޭޝަންގެ އުތުރުބަޔަކީ މޫސާ ޙަލީމުގެ ދެ ކުދިން އެ ކުދިންގެ މަންމަ ނަސީމާ ޢަލީއާއެކު ދިރިއުޅެމުން އަންނަ ތަން ކަމާއި، މއ. އެމްޓޭޝަންގެ ގޯތީގެ ނުވިއްކާ ބަކީއޮތް އެ ގޯތީގެ ދެކުނުބައި އޮތީ އެ ކުދިން ދިރިއުޅުމަށް ހަމަޖެހިފައި ނޫންކަމާއި، އެހެނީ ބުނެވިދިޔަ ދެކުނުބައިގައި ހަދާފައިވާ ދެބުރީގެ ގުދަންވަނީ އެހެންފަރާތަކަށް ކުއްޔަށް ދީފައިކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމެވެ.
ކ) ހަތްވަނަ ކަމަކީ، މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތީގެ 747.5 އަކަފޫޓު ވިއްކުމުން ބާކީއޮތް ބިމުގައި މޫސާ ޙަލީމް ޝަރްޢީގޮތުން ބަލަންޖެހޭ ފަރާތްތަކަށް ދިރިއުޅެވޭނެ އިންތިޒާމް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ހަމަޖައްސައިދޭނެ ކަމުގައާއި، އަދި މިގޮތުން މި އިންތިޒާމްތައް ހަމަޖެހެންދެން އެ ފަރާތްތަކަށް މއ. އެމްޓޭޝަންގޭގައި ތިބެވޭނެކަމުގައި މޫސާ ޙަލީމް އަދި ޢަބްދުﷲ ނަޞީރު ސިވިލް ކޯޓުގެ އިސްވެދިޔަ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމަށް ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 4-B-CR.8/MIS/2011/236 "އަމިއްލަ މީހުން ފޮނުވާ ލިޔުމުގެ ޖަވާބު" އިން ނަސީމާ ޢަލީއަށް އަންގާފައި ވީނަމަވެސް، މޫސާ ޙަލީމުގެ ފަރާތުން އެކަން އެގޮތަށް އިންތިޒާމުކޮށްފައި ނުވާކަން އެނގެން އޮންނަކަމާއި، އެއާ ޚިލާފަށް ޢަމަލީގޮތުން މޫސާ ޙަލީމުވަނީ މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތީގެ ނުވިއްކާ އޮތްބައި އެހެންފަރާތަކަށް ކުއްޔަށް ދީފައިކަން އެނގެން އޮންނަކަމާއި، މޫސާ ޙަލީމުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މއ. އެމްޓޭޝަންގެ ގޯތީގެ އުތުރުބައި ވިއްކާލުމަށްފަހު ބާކީއޮތް ބައި އެއީ ވަކި މުއްދަތަކަށް ކުއްޔަށް ދީފައި ހުރިތަނެއް ނޫންކަމަށް ތަކުރާރުކޮށް ބުނެފައިވީނަމަވެސް، އެއީ ޙަޤީޤަތާއި ޚިލާފަށް ދީފައިވާ ބަޔާނެއްކަމާއި، މއ. އެމްޓޭޝަންގެއޭ ކިޔާ ގޯތީގެ ދެކުނުބައިގައި ހަދާފައިހުރި ދެބުރި ޢިމާރާތް ނުވަތަ ދެބުރި ގުދަނަކީ ދަފްތަރު ނަންބަރު 2894 (މ. މުންތަޒާ 3 ވަނަ ބުރި) އިބްރާހީމް ތައުފީޤަށް މޫސާ ޙަލީމު ކުއްޔަށް ދީފައިވާ ތަނެއްކަން ސިވިލް ކޯޓުގެ ނަންބަރު 1706/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކޮށް ދިނުމަށް އެދި އިބްރާހީމް ތައުފީޤުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެ ކޯޓުގެ ނަންބަރު 624/Cv-C/2015 ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެއްވެސް އޮޅުމެއް ނާރާފަދަ ގޮތަކަށް ސާފުކޮށް އެނގެން އޮންނަކަމެވެ.
އ) އަށްވަނަ ކަމަކީ، ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާއިން ބެލުނު މައްސަލައިގައި "މޫސާ ޙަލީމް ވިއްކާލުމަށް ހުށަހަޅާފައިވަނީ މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތީގެ އެއްބައިކަމުން، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި، ގޯތި ގަނެ ވިއްކުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގައިވާ ޝަރްޠު ފުރިހަމަވާކަމުގައި" ބަލަންޖެހޭކަމަށް އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮންނަ އޮތުމުގެ މައްޗަށާއި، މޫސާ ޙަލީމުގެ ފަރާތުން މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތި ވިއްކާލުމަށް ހުށަހަޅާފައިވަނީ އެ ގޯތިން މޫސާ ޙަލީމަށް 745.7 އަކަފޫޓު ބޭއްވުމަށްފަހުގައި ކަމުން، އެ ގޯތީގައި ދެންހުރި 747.5 އަކަފޫޓުގެ ބިމާއި، އެ ބިމުގައިވާ ޢިމާރާތްތައް ވިއްކާލާފައިވަނީ ނަސީމާ ޢަލީއާއި މޫސާ ޙަލީމަށް ލިބިފައިވާ ދެ ދަރިންނަށް ދިރިއުޅެވޭނެ ގޮތް ހަމަޖައްސައި ނުދީކަމަށް ބެލެވޭނެ ސަބަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2011/HC-A/296 ޤަޟިއްޔާގައި ފާހަގަކޮށްފައި އޮންނައޮތުމަށް ބަލާއިރު، އެ ދެ ޤަޟިއްޔާގައި ކޮށްފައިވާ "އިފްތިރާޟް" (assumption) އަކީ ޞައްޙަ "އިފްތިރާޟް" އެއް ނޫންކަމާ، އެހެނީ މޫސާ ޙަލީމުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މއ. އެމްޓޭޝަންގޭ ގޯތީގެ އެއްބައި ވިއްކުމަށްފަހު އަނެއްބައި ނުވިއްކާ އޮތުމަކީ އޭގެޒާތުގައި މޫސާ ޙަލީމު ޝަރްޢީގޮތުން ބަލަންޖެހޭ މީހުންނަށް، ޙަވާލާދެވުނު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެމަތިން، އެ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި އޮތުން ނޫންކަމާއި، އެ މީހުން ދިރިއުޅޭތަނެއް ހަމަޖެހިފައި އޮތްކަމުގައި ބެލެވޭނީ ބުނެވިދިޔަ ގޯތީގެ ނުވިއްކާއޮތް ބައިގައި އެ މީހުން ދިރިއުޅުން މަނާކުރާފަދަ ކަމެއް ވާޤިޢީގޮތުން ވުޖޫދުވެގެން ނުވުންކަމާ، އެހެންނަމަވެސް އިސްވެ ބަޔާންވެދިޔަ ވަޤާއިޢުތަކުން މއ. އެމްޓޭޝަންގެ ގޯތީގެ ނުވިއްކާ އޮތްބަޔަކީ މޫސާ ޙަލީމު އެހެންފަރާތަކަށް ކުއްޔަށް ދީފައިވާ ބައެއްކަން ރަނގަޅަށް އެނގެން އޮންނައިރު، އެ ބަޔަކީ މޫސާ ޙަލީމު ޝަރްޢީގޮތުން ބަލަންޖެހޭ، އޭނާ އާއި ނަސީމާ ޢަލީއަށް ލިބިފައިވާ ދެ ކުދިން ދިރިއުޅެން ހަމަޖެހިފައިވާ ތަނެއް ކަމުގައި ބަލާނެ ޝަރްޢީ އަދި ޤާނޫނީ އަސާސެއް ނެތްކަމާ، އެހެންކަމުން، މއ. އެމްޓޭޝަންގެ ގޯތީގައިވާ 747.5 (ހަތްސަތޭކަ ސާޅިސްހަތެއް ޕޮއިންޓް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ މޫސާ ޙަލީމު ޢަބްދުﷲ ނަޞީރުއަށް ވިއްކުމަށް ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ އިސްވެ އިޝާރާތްކުރެވުނު 18 ވަނަ މާއްދާގެ (ހ) އާއި، "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ "ގޯތި ވިއްކަން އެދޭމީހާ އާއި އެ މީހަކު ޝަރްޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން" މި ޝަރްޠު ފުރިހަމަކުރުމަކާ ނުލައިކަން އެނގެން އޮންނަ އޮތުމެވެ.
އިސްވެ ފާހަގަކުރެވުނު ޤާނޫނީ ވަޤާއިޢުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، މއ. އެމްޓޭޝަންގޭ މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެމްޓޭޝަންގެ އެވެކިޔާ ބަންޑާރަ / އަމިއްލަ ގޯތި (ރަޖިސްޓްރީ ނަންބަރު ބ. 16895) ގައިވާ 747.5 (ހަތްސަތޭކަ ސާޅިސްހަތެއް ޕޮއިންޓް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ 1,868,750/-ރ. (އެއްމިލިއަން އަށްލައްކަ ފަސްދޮޅަށް އަށްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ގެ އަގަށް ޢަބްދުﷲ ނަޞީރުއަށް ވިއްކުމަށް މއ. އެމްޓޭޝަންގެ މޫސާ ޙަލީމު ހުށަހެޅުމުން، ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 1033/Cv-C/2011 ޤަޟިއްޔާއިން ބެލުނު މައްސަލާގައި މޫސާ ޙަލީމް އާއި ޢަބްދުﷲ ނަޞީރުއާ ދެމެދު އެ ބިން ވިއްކުމަށް ކުރެވުނު ވިޔަފާރީގެ ޢަޤުދަކީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ދަށުން، އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން 1 އޮކްޓޫބަރު 2008 ގައި ހަދާފައިވާ "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ގޯތި ވިއްކަން އެދޭމީހާ ގޯތި ވިއްކުމުގެ ކުރިން ފުރިހަމަކުރުން ލާޒިމުވެގެންވާ ޝަރްޠެއްކަމަށްވާ "ގޯތި ވިއްކަން އެދޭމީހާ އާއި، އެ މީހަކު ޝަރްޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން" މި ޝަރްޠު ފުރިހަމަ ކުރުމަކާ ނުލައި ކޮށްފައިވާ ޢަޤުދަކަށް ވާތީ، ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގައި މޫސާޙަލީމާއި ޢަބްދުﷲ ނަސީރާއި ދެމެދު ކުރެވުނު ވިޔަފާރި ޞައްޙަކަމަށާއި، އެ ވިޔަފާރީގެ ސަބަބުން މއ. އެމްޓޭޝަންގެ މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެމްޓޭޝަންގެ އެވެކިޔާ ބަންޑާރަ / އަމިއްލަ ގޯތި (ރަޖިސްޓްރީ ނަންބަރު ބ. 16895) ގެ 1495 އަކަފޫޓުގެ ތެރެއިން ނިކަގަސްމަގުން އެ ގޯތީގެ އިރުން ހުޅަނގަށް ގޯތީގެ މެދުތެރެއިން ދަމާލެވޭ ލައިނަކުން ގޯތި ދެބައިކޮށް ގޯތީގެ އުތުރަށް އޮތް 747.5 އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިހާރުގެ މިލްކުވެރި ފަރާތަކީ ޢަބްދުﷲ ނަޞީރުކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނަ ކަމާ، އަދި ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ޙުކުމެއްކަމަށް ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/296 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވާ އަސާސްތަކަކީ ޞައްޙަ އަސާސްތަކަކަށް ނުވާތީ، އެ ޤަޟިއްޔާގެ ޙުކުމަކީވެސް ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ނޫންކަން އެނގެން އޮވެއެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1033/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައެޅުމާއެކު، އެ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/296 ޤަޟިއްޔާގެ ޙުކުމަކީވެސް ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.