މުޙައްމަދު ޝަފީޤު ވ. ޕްލާޒާ އެންޓަރޕްރައިޒަސް އަދި ނާޒްނީން އިބްރާހީމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2829-CVC-2022
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2025/SC-A/40 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ކަނޑައެޅީ، ގޯތީގެ އަގުގެ ފައިސާ ގަންނަ ފަރާތުގެ އަތުން ލިބިފައިވާކަމަށް ވިއްކި ފަރާތުން ބުނާތީ، ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008 ގެ 17 ވަނަ މާއްދާގެ (ނ) ގައިވާ ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރިކަމަށް ބަލައި، މުޢާމަލާތުގެ ހުރިހާ ޝަރުޠެއް ފުރިހަމަވާތީ ގޯތި ގަންނަ ފަރާތަށް މިލްކުވެއްޖެކަމަށެވެ.
- ވާޤިޢާ
- ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްފަހު ވިއްކުމަށް ގޯތީގެ ވެރިފަރާތާއި ކުންފުންޏަކާ ދެމެދު އެއްބަސްވުމެއް ހަދައި، ބިން އަމިއްލަކުރުމަށް ސަރުކާރަށް ދައްކަންޖެހޭ ޢަދަދާ އެއްވަރުގެ ފައިސާ ކުންފުނިން ވިއްކާ ފަރާތުގެ އެކައުންޓަށް ޖަމާކުރުމުން، އެ ފައިސާ ދައުލަތަށް ދައްކައި ގޯތި އަމިއްލަ ގޯއްޗެއްގެ ގޮތުގައި ރަޖިސްޓަރީކުރެވުނެވެ. ދެން ވިއްކުމުގެ މުޢާމަލާތް ނިންމައިދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ގޯތި ކުންފުންޏަށް މިލްކުވެއްޖެކަމަށް ޙުކުމްކުރިއެވެ. ވިއްކި ފަރާތުގެ ޝަރުޢީ ބަލަދުވެރިއެއްގެ ހައިސިއްޔަތުން ހުށަހެޅި އިސްތިއުނާފު ސުޕްރީމް ކޯޓުގެ ނިންމުމެއްގެ ދަށުން ހައިކޯޓުން ބަލައިގަތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދިރިއުޅުމަށް ދޫކުރި ބަންޑާރަ ގޯއްޗެއް އަމިއްލަކޮށް ވިއްކި މުޢާމަލާތުގައި، ވިއްކާ މީހާއާއި އޭނާ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުމުގެ ޝަރުޠު (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008 ގެ 9 ވަނަ މާއްދާއާއި 17 ވަނަ މާއްދާ) ފުރިހަމަވޭތޯ؛ ޚާއްޞަކޮށް ގަންނަ ފަރާތުން ދެއްކި ފައިސާ ހަމައެކަނި ބިން އަމިއްލަކުރުމަށް ދައުލަތަށް ދެއްކުމުން، ވިއްކާ މީހާގެ ކިބައިގައި އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރިކަމަށް ބެލެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ، ވިއްކި ފަރާތަށް ފިރިއެއް ދަރިއެއް ނެތި، ދިރިއުޅޭނެ އެހެން ތަނެއް ނެތުމުން ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާއާއި ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008 ގެ 17 ވަނަ މާއްދާގެ ޝަރުޠުތައް ފުރިހަމަ ނުވާކަމަށާއި، ފައިސާ ހަމައެކަނި ބިން އަމިއްލަކުރުމަށް ދެއްކި ފައިސާކަމަށެވެ. ވިއްކި ފަރާތުން ވެސް ބުނީ އެ މުޢާމަލާތުން އޭނާއަށް އެއްވެސް މާލީ މަންފާއެއް ނުލިބޭކަމަށެވެ. ގަތް ކުންފުނިން ބުނީ ޤާނޫނާއި ޤަވާޢިދުގެ ހުރިހާ ޝަރުޠެއް ފުރިހަމަވާކަމަށާއި، އިސްތިއުނާފީ ބައެއް ނުކުތާ އަނބުރާ ގެންދިއުމުން އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ނެތްކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ކަނޑައެޅީ، ވިއްކި ފަރާތުގެ ނަމުގައި އެހެން ތަނެއް ނެތުމާއި، ދަރިއެއް ނެތުމުން ޤަވާޢިދުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) ފުރިހަމަ ނުވާކަމަށާއި، ކުންފުނިން ޖަމާކުރި ފައިސާ ހަމައެކަނި ގޯތި އަމިއްލަކުރުމަށް ދައުލަތަށް ދެއްކުމުން ވިއްކި ފަރާތަށް އެއްވެސް މަންފާއެއް ނުލިބޭތީ (ނ) ވެސް ފުރިހަމަ ނުވާކަމަށާއި، (ރ) ވެސް ފުރިހަމަ ނުވާކަމަށެވެ. ނަސީމާ ޢަލީ ވ. މޫސާ ޙަލީމް (2014/SC-A/40) ގެ އަލީގައި ގޯތި ވިއްކައިގެން ލިބޭ ފައިސާއަކީ ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުމެއް ނޫންކަމަށާއި، ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) މާނަކުރަންވާނީ މުޝައްރިޢު ބޭނުންވި އިޖްތިމާޢީ މަޞްލަޙަތު ޙާޞިލުވާ ގޮތަށް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ޙުކުމް އިއްތިފާޤުން ބާޠިލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ބަންޑާރަ ގޯއްޗެއްކަމަށްވިޔަސް ނުވަތަ އަމިއްލަ ގޯއްޗެއްކަމަށްވިޔަސް ވިއްކުމުގެ މުޢާމަލާތެއް ކުރެވޭނީ ބިމާބެހޭ ޤާނޫނާއި އެއްގޮތަށެވެ. ބަންޑާރަ ގޯތި ވިއްކޭނީ އެގޯތި ދައުލަތުން ގަނެ އަމިއްލަ ކޮށްގެންނެވެ.
HN2 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގައިވާ ޝަރުޠުތަކުގެ އިތުރުން ވެސް ގޯތި ވިއްކުމުގެ މުޢާމަލާތް ކުރުމުގައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ބަޔާންކުރާ ޝަރުޠުތަކަށްވެސް ބަލަންޖެހެއެވެ.
HN3 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ އާއި "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008" ގެ 9 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބިން އަމިއްލަ ކުރުމަށްފަހު ވިޔަސް ވިއްކާނަމަ، އެ ވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ހިންގުން ލާޒިމުކުރެއެވެ.
HN4 ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްފަހު ގޯތި ވިއްކާ ޙާލަތުގައި ގޯތި އަމިއްލަ ކުރުމަށް ފައިސާ ދައްކާ ފަރާތަކީ ގޯތި ގަންނަ ފަރާތްކަމަށް ވާނަމަ، އެ މުޢާމަލާތުގެ ހުރިހާ ކަމެއް ވެސް ޝަރީޢަތުގެ ތެރެއިން ހިންގުން "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008" ގެ 9 ވަނަ މާއްދާގެ (ރ) ގެ ދަށުން ލާޒިމުކޮށްފައިވެއެވެ.
HN5 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައިވާ "ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި" ވާން ވާނެކަމަށް ބަޔާންކުރާ ޝަރުޠަކީ ގޯއްޗެއް އެހެންފަރާތަކަށް ވިއްކުމުގެ ކުރިން ފުރިހަމަވުން ލާޒިމުވެގެންވާ ޝަރުޠެކެވެ. ގޯއްޗެއް ވިއްކަން އެދޭމީހާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި ނުވާނަމަ އެ ވިއްކުމަކީ ޤާނޫނީގޮތުން ޞައްޙަ ވިއްކުމެއްކަމަށް ނުބެލެވޭނެއެވެ. އެ ޝަރުޠުގެ މުރާދަކީ ގޯތި ވިއްކަން އެދޭމީހާ، އެ ވިއްކަން އެދޭތަން ފިޔަވައި އެހެންތަނެއް އޭނާއާއި، އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅުމަށްޓަކައި ހަމަޖެހިފައިވުމެވެ. ދިރިއުޅޭނެ އެހެން ތަނެއް ހަމަޖައްސައި ދޭނެކަމަށް ބުނާ ބުނުމަކީ ނުވަތަ ވާ ވަޢުދަކީ އޭގެޒާތުގައި ތަނެއް ވާޤިޢީގޮތުން ހަމަޖެހިފައި އޮތުމެއް ނޫނެވެ.
HN6 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) މާނަކުރަންޖެހޭނީ، އެ މާއްދާގެ އެ އަކުރުގެ ނައްޞުން "މުޝައްރިޢު" ޙާޞިލުކުރަން ބޭނުންވާ އިޖްތިމާޢީ މަޞްލަޙަތު ޙާޞިލުވާފަދަ ގޮތަކަށެވެ. އެ މަޞްލަޙަތަކީ ގޯއްޗެއް ވިއްކަން އެދޭމީހާގެ މިލްކުގައިވާ ގޯތި ވިއްކާލާ ޙާލަތުގައި އޭނާއާއި، އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ ފަރާތްތައް މަގުމަތިނުވެ، ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހި އިންތިޒާމުވެފައި އޮތުމެވެ.
HN7 ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ވިއްކުމުގައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއި "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008" ގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތަކުގެ އިތުރުން ގޯތި ވިއްކަންއެދޭ މީހާ އާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވޭތޯ ބެލުމާ ގުޅޭގޮތުން "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008" ގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައްވެސް ފުރިހަމަވެފައިވޭތޯ ބަލަންޖެހެއެވެ.
HN8 ގޯތި ވިއްކުމުގެ މުޢާމަލާތުގެ އަގުކަމަށް ގަންނަ ފަރާތުން ވިއްކާ މީހާގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްފައިވަނީ ގޯތި އަމިއްލަ ކުރުމަށް ދައުލަތަށް ފައިސާ ދެއްކުމަށް ކަމަށްވެ، ހަޤީޤީ މާނައިގައި އެ މުޢާމަލާތުގެ މުޤާބިލުގައި ވިއްކާ މީހާއަށް އެއްވެސް މަންފާއެއް ލިބިފައި ނުވާނަމަ، ގަންނަ ފަރާތުން ވިއްކާ މީހާގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ވުމަކީ، އޭގެ މައްޗަށް ބުރަވެ ވިއްކާ މީހާގެ ކިބައިގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަންހުރި ކަމަށް ބެލިދާނެ ސަބަބެއް ނޫނެވެ. އަދި އެފަދަ ޙާލަތެއްގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަންހުރި ކަމަށް ބެލުމަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ (ހ) އިން މުޝައްރިޢު ޙާސިލުކުރަން ބޭނުންވި އިޖްތިމާޢީ މަޞްލަޙަތު ޙާޞިލުވާފަދަ މާނަކުރުމެއް ނޫނެވެ.
HN9 ގޯތި ވިއްކައިގެން ލިބޭ ފައިސާއަކީ ވިއްކާމީހާ އާއި ވިއްކާމީހާ ޝަރުޢީ ގޮތުން ބަލަންޖެހޭ ފަރާތްތައް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވާ ކަމަށް ބެލިދާނެކަމެއް ނޫނެވެ. ދިރިއުޅުމަށްޓަކައި ތަނެއް ހަމަޖެހިފައިވުމަކީ ދިރިއުޅެވޭ ފަދަ ތަނެއް ވާޤިޢީގޮތުން އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހުރަހަކާ ނުލައި ވުޖޫދުގައިވުމެވެ. އެއީ، ދިރިއުޅުމަށް ތަނެއް ހަމަޖެހިފައިވުމުގެ އިޙްތިމާލު އޮތުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ސަލީމް (ރިޔާސަތު)، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ރިޔާސަތު
- މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
މައްސަލައިގެ ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، މުޙައްމަދު ޝަފީޤުގެ ފަރާތުން މާލެ، ނާޒްނީން އިބްރާހީމް އާއި ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑު (މީގެ ފަހުން މި ރިޕޯޓުގައި "ޕްލާޒާ އެންޓަރޕްރައިޒަސް" ކަމަށް ބަޔާންކުރާ)ގެ މައްޗަށް އިސްތިއުނާފު ރައްދުވާ ގޮތަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާއިން ބެލި މައްސަލައިގެ ނިޔާއެވެ.
ކަންހިގާފައިވާގޮތް
ހ. މެދުގެ ވިއްކުމަށް އެއްބަސްވުން
21989 ޖުލައި 05 ދުވަހު ނާޒްނީން އިބްރާހީމުގެ ނަމުގައި މާލެ މުނިސިޕަލްޓީން މާލެ، […] އެވެ ކިޔާ ބަންޑާރަގޯއްޗަށް ހަދާދީފައިވާ ނަންބަރު ބ. 7557 […] އެވެ ކިޔާ 1420 (ސާދަ ސަތޭކަ ވިހި ) އަކަފޫޓުގެ ގޯއްޗަކީ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެކެވެ.
3މި ބަންޑާރަ ގޯތި އަމިއްލަކުރުމަށްފަހު އެ ބިން ވިއްކުމާ ގުޅޭ ގޮތުން ނާޒްނީން އިބްރާހީމާއި ޕްލާޒާ އެންޓަރޕްރައިޒަސްއާ ދެމެދު މަޝްވަރާކުރެވުނު ކަމަށް ނާޒްނީން އިބްރާހީމް ބުނެއެވެ. […] ގަނެވިއްކުމުގެ އެއްބަސްވުމުގެ ނަމުގައި ނާޒްނީން އިބްރާހީމް އާއި ޕްލާޒާ އެންޓަރޕްރައިޒަސް އާ ދެމުދު އެއްބަސްވުމެއް ހަދައި އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓަރީކުރިއެވެ.
4މި އެއްބަސްވުމުގެ ދަށުން ވިއްކުމަށް ނިންމާފައިވަނީ […] އެވެކިޔާ 1420 (ސާދަ ސަތޭކަ ވިހި) އަކަފޫޓުގެ ބަންޑާރަ ގޯތި އަމިއްލަކުރުމަށް ފަހު އެ ބިން ކަމަށް އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކުރެއެވެ. ބިން ވިއްކުމަށް އެއްބަސްވާ އަގަކީ، -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ)އެވެ.
ހ. މެދުގެ އެވެ ކިޔާ ބަންޑާރަ ގޯތި އަމިއްލަކުރުން
5ނާޒްނީން އިބްރާހީމުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ […] އެވެ ކިޔާ ބަންޑާރަ ގޯތީގެ 1420 (އެއްހާސް ހަތަރު ސަތޭކަ ވިހި) އަކަ ފޫޓްގެ ބިން އަމިއްލަ ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުގެ އިދާރާގައި އެދިފައިވާ ގޮތުގެ މަތިން އެ ބަންޑާރަބިން އަމިއްލަ ކޮށްދިނުމަށް ހަމަޖައްސައި އެ ބިން އަމިއްލަ ކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ އަގަކީ -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ކަމަށް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައި، އެ ފައިސާ އެދިފައިވާ ގޮތަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ޚަލާސްކުރުމަށްފަހު ފައިސާ ދެއްކި ރަސީދާއެކު ގޯތީގެ ރަޖިސްޓަރީ ބަދަލުކޮށް ދިނުމަށް އެދި ހުށަހެޅުމުން ރަޖިސްޓަރީ ބަދަލުކޮށްދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން 28 މާރިޗު 2022 ތާރީޚުގައި ނާޒްނީން އިބްރާހީމަށް އެންގިއެވެ.
6އެ ބިން އަމިއްލަކުރުމަށް ސަރުކާރަށް ދައްކަންޖެހޭ ކަމަށް މާލެ ސިޓީ ކައުންސިލުން ކަނޑައެޅި ޢަދަދު ކަމަށްވާ -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ޕްލާޒާ އެންޓަރޕްރައިޒަސްގެ އެކައުންޓަކުން ނާޒްނީން އިބްރާހީމުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 12602177810001 ދިވެހި ރުފިޔާ އެކައުންޓަށް 02 ޖޫން 2022 ގައި ޖަމާކޮށްފައިވެއެވެ. ބުނެވިދިޔަ ބޭންކް އެކައުންޓުން އެ ޢަދަދަށް ފައިސާ 05 ޖޫން 2022 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.
7ނާޒްނީން އިބްރާހީމުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ […] (ސަރުކާރުގެ ބިން) ވިއްކައިގެން -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް 05 ޖޫން 2022 ގައި ލިބިފައިވާ ކަމަށް އިންލަންޑް ރެވެނިއު އޮތޯރިޓީން ފައިސާގެ ރަސީދެއް ނާޒްނީން އިބްރާހީމަށް ދޫކުރިއެވެ.
8[…] ގޯތީގެ 1420 (އެއްހާސް ހަތަރު ސަތޭކަ ވިހި) އަކަ ފޫޓް ބަންޑާރަބިން އަމިއްލަ ކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ދައްކައި ޚަލާސްކުރުމާ ގުޅިގެން، 05 ޖުލައި 1989 ގައި މާލެ މުނިސިޕަލްޓީން […] އެވެ ކިޔާ ބަންޑާރަގޯއްޗަށް ހަދާދީފައިވާ ނަންބަރު ބ.7557 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާޠިލުކޮށް އެ ގޯއްޗަށް ދެވަނަ ރަޖިސްޓަރީއެއްގެ ގޮތުގައި ނަންބަރު: އ. 5695 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ 23 ޖޫން 2022 ގައި މާލެ ސިޓީ ކައުންސިލުގެ އިދާރާއިން ހައްދާދީފައިވެއެވެ.
ހ. މެދުގެ ވިއްކުމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުން
9ނާޒްނީން އިބްރާހީމުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެކިޔާ ގޯތި އަމިއްލަ ކުރުމަށްފަހު، […] އެވެ ކިޔާ ރަޖިސްޓްރީ ނަންބަރު: އ. 5695 ނާޒްނީން އިބްރާހީމުގެ އަމިއްލަ ގޯތި، ވިއްކުމަށްޓަކައި ނާޒްނީން އިބްރާހީމާއި ޕްލާޒާ އެންޓަރޕްރައިޒަސްއާ ދެމެދު ސިވިލް ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރު Cv-C-350/2022 އެގްރީމެންޓުގައިވާ ގޮތުގެ މަތިން -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ) އަށް، […] ކިޔާ އަމިއްލަ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސްއަށް ވިއްކައި، ވިއްކުމުގެ މުޢާމަލާތް ނިންމައިދީ ޕްލާޒާ އެންޓަރޕްރައިޒަސްއަށް […] މިލްކުވެއްޖެކަމަށް ކަނޑައަޅައިދިނުމަށް އެދި ނާޒްނީނުގެ އިބްރާހީމުގެ ފަރާތުން 29 ޖޫން 2022 ތާރީޚުގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ.
10ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާއިން ބެލި އެ މައްސަލަ ނިމިފައިވަނީ؛
"ދެންފަހެ، އިސްވެ ބުނެވުނު ކަންތައްތައް އެގޮތުގައި ހުރުމުން، […] / މާލެ، ނާޒްނީން އިބްރާހީމް […] ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު އ. 5695) އަމިއްލަ ގޯތީގައިވާ 1420 (އެއްހާސް ހަތަރުސަތޭކަ ވިހި) އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތައް -/1,192,800ރ. (އެއްމިލިއަން އެއްލަކް ނުވަދިހަ ދެހާސް އަށްސަތޭކަރުފިޔާ) ގެ އަގަށް ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0146/2015) އަށް ނާޒްނީން އިބްރާހީމް ވިއްކުމުން، ބުނެވުނު ގޯތި ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އިން ގަނެ، މި ވިޔަފާރީގެ އަގު ދައްކައި ޚަލާޞްކޮށްފައިވާތީއާއި، މި ވިޔަފާރި މުޢާމަލާތުގައި ފުރިހަމަވާންޖެހޭ އެންމެހައި ޝަރުޠުތައް ފުރިހަމަވެފައިވާކަމަށް ކަނޑައަޅައި، މި މުޢާމަލާތުގެ ސަބަބުން ނާޒްނީން އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު އ. 5695) އަމިއްލަ ގޯތީގައިވާ 1420 (އެއްހާސް ހަތަރުސަތޭކަ ވިހި) އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތައް ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0146/2015) އަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ."
މިފަދައިންނެވެ.
މައްސަލަ އިސްތިއުނާފަށް ހުށަހެޅުން
11[…] އެވެ ކިޔާ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސް އަށް ވިއްކާލުމުގެ މި މުޢާމަލާތާ ގުޅޭގޮތުން ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގައި ކުރި ޙުކުމް އިސްތިއުނާފުކުރުމަށް އެދި ނާޒްނީން އިބްރާހީމުގެ ޝަރުޢީ ބަލަދުވެރިއެއްގެ ހައިސިއްޔަތުން ކަމަށް ބުނެ މުޙައްމަދު ޝަފީޤުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
12ނާޒްނީން އިބްރާހީމު ޙަޖުރު ކުރުމުގެ މައްސަލައެއް ސިވިލް ކޯޓުގެ ނަންބަރު 4037/Cv-C/2022 ޤަޟިއްޔާއިން ބަލަމުންދާތީ، އެ މައްސަލަ ނުނިމޭތީ ނާޒްނީން އިބްރާހީމުގެ ޙަވާލުދާރެއް ކަނޑައެޅިފައި ނުވާކަމަށް ފާހަގަކޮށް އެ މައްސަލަ ހުށަހެޅުމުގެ ހައިޞިއްޔަތެއް މުޙައްމަދު ޝަފީޤަށް ލިބިގެންވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަމަށް ބަޔާންކޮށް އެ މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރަރ ނިންމިއެވެ. އެ ނިންމުން މުޙައްމަދު ޝަފީޤުގެ ފަރާތުން މުރާޖާޢާކުރުމުން އެ ނިންމުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅީ ރަޖިސްޓްރަރގެ ނިންމުން ބާޠިލްކުރަންޖެހޭ ސަބަބެއް ނެތްކަމުގައެވެ.
13ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުން މުރާޖާޢާކޮށް ފަނޑިޔާރުން ނިންމިގޮތް މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/04 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި ނިންމީ މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، 15 ޖަނަވަރީ 2023 އިން ފެށިގެން 10 (ދިހައެއް) ދުވަސް ތެރޭގައި މުޙައްމަދު ޝަފީޤުގެ ފަރާތުން މި މައްސަލައިގެ އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހައިފިނަމަ އެ ފޯމު ބަލައިގަތުމަށް ހައިކޯޓަށް އަންގައިއެވެ.
14އެނިންމުމުގައި ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 4037/Cv-C/2022 ޤަޟިއްޔާއިން ބަލަމުންދާ ޙަޖުރުކުރުމުގެ މައްސަލަ ނިމި މުދަލުގެ ޙަވާލުދާރެއް މިހާތަނަށް ކަނޑައެޅިފައި ނުވިނަމަވެސް، ނާޒްނީން އިބްރާހީމުގެ ފިރިމީހާ އިނގިރޭސިވިލާތުގައި ނިޔާވުމުން ނާޒްނީން އިބްރާހީމްގެ އިތުރު ބަލަދުވެރިއަކު ނެތީތީވެ، މާލެ ގެނެސް، […] މުޙައްމަދު ޝަފީޤުގެ ޚަރަދުގައި ހަދައި، އެތާގައި ނާޒްނީން އިބްރާހީމަށް ދިރިއުޅެވޭނެ ފުރުޞަތު ފަހިކޮށްދީ ނާޒްނީން އިބްރާހީމުގެ ކަންކަން ބަލަހައްޓަމުންދަނީ މުޙައްމަދު ޝަފީޤާއި އޭނާގެ ކޮއްކޮމެންކަމަށް އޭނާ ބުނެފައިވާކަމަށާއި އަދި ޝަރުޢީ ބަލަދުވެރިޔާކަމަށް ބުނެ އެކަން ސާބިތުކުރުމުގެ ގޮތުން ޝަފަހީ ހެކިން މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާކަން އެނގޭ ކަމަށާއި، އެހެންކަމުން ނާޒްނީން އިބްރާހީމަކީ ސިކުޑި ހަމަނުޖެހޭ އަމިއްލައަށް މުޢާމަލާތް ކުރުމުގެ ޤާބިލުކަން ނެތްމީހެއްކަމަށް މުޙައްމަދު ޝަފީޤު ބުނެފައިވުމާއެކު، ޙަޖުރު ކުރުމުގެ މައްސަލަ ދަށުކޯޓުގައި ހިނގަމުން ދިއުމާއެކު، ނާޒްނީން އިބްރާހީމް އާއި ޕްލާޒާ އެންޓަރޕްރައިޒަސްއާ ދެމެދު ކުރެވިފައިވާ ގަނެވިއްކުމުގެ މުޢާމަލާތުގެ ޒާތަށާއި، މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ލިޔުންތަކާއި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު ބުނެވުނު މުޢާމަލާތުގައި ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުޞަތު އޮތްކަމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ބުނާނަމަ މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހެޅި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހައިކޯޓަށް މި މައްސަލަ ބަލައިގަންނަންޖެހޭ ކަމަށެވެ.
15މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/04 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި އިސްވެބުނެވުނު ފަދައިން ކަނޑައެޅުމާ ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި 22 ޖަނަވަރީ 2023 ގައި މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ބެލި ޤަޟިއްޔާއެވެ.
އިސްތިއުނާފަށް ހުށަހެޅި ނުކުތާތައް
16ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ އެ ނިންމުން، އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން އަންނަނިވި ނުކުތާތައް މިކޯޓަށް ހުށަހަޅާފައިވެއެވެ.
16.1 ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 (ށ) އާއި ޚިލާފަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވުން.
16.2 ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާއިބެހޭ ޤަވާޢިދުގެ 17 ވަނަ މާއްދާއާއި ޚިލާފަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވުން.
16.3 ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/4) ގެ 3(ހ) އާއި 3(ށ) އާއި 13 ވަނަ މާއްދާއާ ޚިލާފަށް ހަދާފައިވާ ކޮންޓްރެކްޓެއްގެ މައްޗަށް ބިނާކޮށް ގަނެވިއްކުމުގެ މުޢާމަލާތް ޞައްޙަ ކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވުން.
16.4 ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/4) ގެ 12،13 އަދި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއްގައި (ކޮންޓްރެކްޓް ބާޠިލުވާފަދަ ޙާލަތްތަކެއް) ކޮންޓްރެކްޓުގެ އެއްފަރާތް ހުއްޓާ ހަދާފައިވާ ކޮންޓްރެކްޓެއްގެ މައްޗަށް ބިނާކޮށް ގަނެވިއްކުމުގެ މުޢާމަލާތް ޞައްޙަކަމަށް ޙުކުމް ކޮށްފައިވުން.
17ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން އިސްވެ ބަޔާންކުރެވުނު 04 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވީ ނަމަވެސް، 19 މާރިޗު 2024 ގައި މި ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާ ފިޔަވައި ދެންހުރި ނުކުތާތައް އަނބުރާ ގެންގޮސްފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ
18އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ޖުމުލަކޮށް ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ ގޯތި ވިއްކަން އެދޭ މީހާއާއި އެމީހާ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައި ވުމަކީ ގޯތި ވިއްކުމުގެ ޝަރުޠެއްކަމަށާއި، ނާޒްނީން އިބްރާހީމްއަކީ […] ފިޔަވައި އެހެން އެއްވެސް ގޯއްޗެއް ނުވަތަ ފުލެޓެއް އޮތް ފަރާތެއް ނޫން ކަމަށާއި، އަދި ގޯތި ވިއްކުމަށްފަހު، ނާޒްނީން އިބްރާހީމް ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ޢާއިލާގެ އެހެން ގާތްތިމާގެ މީހަކާ ވާހަކަ ދައްކައި އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނުވާކަމަށެވެ.
19މުޙައްމަދު ޝަފީޤަކީ ނާޒްނީން އިބްރާހީމުގެ މިހާރުގެ ޝަރުޢީ ބަލަދުވެރިޔާ ކަމަށާއި، ނާޒްނީން އިބްރާހީމުގެ ފިރިއެއް ނުވަތަ ދަރިއެއް ނެތްކަމަށެވެ. ނާޒްނީން އިބްރާހީމަކީ މުޙައްމަދު ޝަފީޤުގެ ބައްޕަ، […] އަޙްމަދު ޝަފީޤުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށާއި، މުޙައްމަދު ޝަފީޤުގެ ބައްޕަ މިހާރު ނިޔާވެފައިވާތީ އާއި ނާޒްނީން އިބްރާހީމުގެ އެއްބަނޑު ނުވަތަ އެއްބަފާ ވެސް އެހެން ފިރިހެނަކު ނެތުމުން، އަޙްމަދު ޝަފީޤު ( މުޙައްމަދު ޝަފީޤުގެ ބައްޕަ) ގެ އެންމެ ދޮށީ ފިރިހެން ދަރީގެ ހައިސިއްޔަތުން ނާޒްނީން އިބްރާހީމުގެ ޝަރުޢީ ބަލަދުވެރިއެއްގެ ގޮތުގައި ހުރީ މުޙައްމަދު ޝަފީޤު ކަމަށާއި، ގޯތި ވިއްކާލުމުގެ ކުރިން، ދިރިއުޅޭނެ ތަނަކާމެދު މުޙައްމަދު ޝަފީޤުއާ ވެސް މަޝްވަރާކޮށްފައި ނުވާކަމަށެވެ.
20އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން ޖުމުލަކޮށް ފާހަގަކޮށްފައިވަނީ، ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދުގެ 17 ވަނަ މާއްދާގައި 4 ޝަރުޠެއް ބަޔާން ކުރާ ކަމަށާއި އެއިން އެއްވެސް ޝަރުޠެއް މި މުޢާމަލާތުގައި ފުރިހަމަ ނުވާކަމަށެވެ. އެ ޝަރުޠުތަކަށް ބަލާއިރު؛
20.1 ނާޒްނީން އިބްރާހީމްއަކީ ފިރިއެއް ދަރިއެއް ހުރި ފަރާތެއް ނޫންކަމަށެވެ. ނާޒްނީން އިބްރާހީމް ކުރިން ކައިވެނި ބައްލަވައިގެން އުޅުއްވި އިނގިރޭސިވިލާތުގެ ފިރިމީހާ ނިޔާވެފައިވާ ކަމަށާއި، އެއަށް ފަހު ބަލާނެ އެހެން މީހަކު އިނގިރޭސި ވިލާތުގައި ނެތުމުން ނާޒްނީން އިބްރާހީމް މާލެ ގެނައީ ކަމަށާއި، އަދި ދިރިއުޅެމުން ގެންދަވަނީ މުޙައްމަދު ޝަފީޤުގެ އަމިއްލައަށް ޚަރަދު ކޮށްގެން […] ހަދައިދީފައިވާ ޢިމާރާތުގައިކަމަށެވެ.
20.2 ދިރިއުޅޭނެ އެހެންތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނާޒްނީން އިބްރާހީމްގެ ކިބައިގައި ހުރި ކަމަށް ސިވިލް ކޯޓުން ބަލާފައިވީ ނަމަވެސް މިއީ ޤާނޫނީ ގޮތުންނާއި އަދި އިޤްތިޞާދީ ގޮތުން ބެލިޔަސް ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. ސަބަބަކީ […] އަކީ މާލޭގެ ނޫނީ ރާއްޖޭގެ ހަމަ އެންމެ ޕްރައިމް ލޮކޭޝަންގައިވާ ބިމެއް ކަމަށާއި، އެތަނުގައި މުޙައްމަދު ޝަފީޤު ހަދާދީފައިވާ ޢިމާރާތްތައް ކުއްޔަށް ދީގެން ކޮންމެ މަހަކު 90,000.00 ރ. (ނުވަދިހަ ހާސް ރުފިޔާ) ނާޒްނީންއަށް އޭރު ލިބިވަޑައިގެންނެވި ކަމަށާއި، އެއީ ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް 1,080,000.00ރ. (އެއް މިލިއަން އަށްޑިހާސް ރުފިޔާ) ކަމަށާއި، ކުލީގެ ގޮތުގައި އަހަރެއްގެ މައްޗަށް 1,080,000.00ރ. (އެއް މިލިއަން އަށްޑިހާސް ރުފިޔާ) ލިބެމުންދަނިކޮށް މި ގެ ވިއްކާލާފައި މިވަނީ 1,192,800.00ރ. (އެއް މިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) އަށް ކަމަށާއި މިއަގަށް އެހެން ގޯއްޗެއް ގަނެ ނޫނީ ފްލެޓެއް ގަނެވޭނެ ކަމަށް ބެލިކަމުގައި ވިޔަސް އެއީ މާލެއިން ނޫނީ މާލެ ކައިރި ހުޅުމާލެއިން ވެސް އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ ގޯއްޗެއް ނޫނީ ފްލެޓެއް ގަނެވޭނެ އަގަށްވުރެ މާ ކުޑަ އަގެއް ކަމަށާއި، ތަނެއް ކުއްޔަށް ހިފައިގެން އުޅުއްވޭނެ ކަމަށް ބެލިޔަސް އެއީ ގާތްގަނޑަކަށް 03 އަހަރު ނޫނީ 04 އަހަރުގެ ކުލިކަމަށެވެ.
20.3 ގޯތި ވިއްކާލި އަގު ކަމުގައިވާ 1,192,800.00ރ. (އެއް މިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ޕްލާޒާ އެންޓަރޕްރައިޒަސް ގެ އަތުން ލިބިފައިވާ ކަމަށް ނާޒްނީން އިބްރާހީމް ވިދާޅުވާތީ ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ޤަބިލުކަން ނާޒްނީން އިބްރާހީމްގެ ކިބައިގައި ހުރި ކަމަށް ބަލައިގެން ޙުކުމްކޮށްފައި ވީނަމަވެސް، އެ ފައިސާއަކީ ޙަޤީޤަތުގައި ލިބިފައިވާ ފައިސާއެއް ވެސް ނޫންކަން މައްސަލަ ހުށަހެޅި ފަހުން ނާޒްނީން އިބްރާހީމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ބަޔާންތަކުން އެނގޭކަމަށެވެ.
20.4 ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/40 ނަސީމާ ޢަލީ ވ. މޫސާ ޙަލީމް ޤަޟިއްޔާގައި ގޯތި ވިއްކައިގެން ލިބޭ ފައިސާއަކީ ގޯތި ވިއްކާ މީހާއާއި ވިއްކާ މީހާ ޝަރުޢީ ގޮތުން ބަލަންޖެހޭ ފަރާތްތައް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުން ކަމަށް ނުބެލެވޭނެ ކަމަށް ބަޔާން ކުރައްވާފައިވާ ކަމަށެވެ.
20.5 ނާޒްނީން އިބްރާހީމް މެދުގެ ވިއްކާލުމުން ނާޒްނީން އިބްރާހީމް ދިރިއުޅެން އެހެންތަނެއް ހަމަޖެހިފައި ނެތް ކަމަށެވެ. މިހާރު ނާޒްނީން އިބްރާހީމްއަށް […] ދިރިއުޅެވެނީ މި ޤަޟިއްޔާގައި ހައިކޯޓުން ނެރެދެއްވި ވަގުތީ އަމުރެއްގެ ދަށުން ކަމަށެވެ.
20.6 ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދުގެ 17 ވަނަ މާއްދާގެ (ރ) ގައި ބުނާ ރާއްޖެއިން ބޭރުގެ އެހެން ޤައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ޢިމާރަތެއް ނުވަތަ ފުލެޓެއް ހުރިތޯ ބަލާއިރު، ނާޒްނީން އިބްރާހީމްގެ ނަމުގައި ރާއްޖެއިން ބޭރުގައި ވެސް އެއްވެސް ފުލެޓެއް ނޫނީ ޢިމާރާތެއް ރަޖިސްޓްރީ ކުރެވިފައި ނުވާކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
21މުޙައްމަދު ޝަފީޤުގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2829/Cv-C/2022 މައްސަލައިގެ ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަން ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށާއި،
22ސިވިލް ކޯޓުން މައްސަލައިގެ ޙުކުމްކޮށްފައިވަނީ، ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާޢިދުގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމާއި، އެ ސަބަބަށް ޓަކައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލު ކޮށްދިނުމަށެވެ.
ނާޒްނީން އިބްރާހީމުގެ ފަރާތުން ދެއްކި ވާހަކަ
23އިސްތިއުނާފު ރައްދުވާ ނާޒްނީން އިބްރާހީމްގެ ފަރާތުން މި މައްސަލައަށް ޖަވާބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލިޔުމުން ހައިކޯޓަށް ޖަވާބު ހުށަހެޅިއެވެ. އެއީ 20 ފެބްރުވަރީ 2023 ތާރީޚުގެ "އިސްތިއުނާފީ ދަޢުވާގެ ޖަވާބު ފޯމު" އާއި، 14 މޭ 2023 ތާރީޚުގައި " ނާޒްނީން އިބްރާހީމުގެ އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ އިސްލާހު" މިނަމުގައި ހުށަހެޅި ލިޔުމެވެ. 14 މޭ 2023 ގައި ހުށަހެޅި ޖަވާބަކީ މި މައްސަލައިގައި ނާޒްނީން އިބްރާހީމުގެ ފަރާތުން ދޭން ބޭނުންވާ ޖަވާބުކަމަށް 19 މާރިޗު 2024 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ނާޒްނީން އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން މި އިސްތިއުނާފާ ގުޅިގެން ނާޒްނީން އިބްރާހީމުގެ ފަރާތުން ދެއްކި ވާހަކަތަކުގައި ބުނެފައިވަނީ؛
23.1 […] ވިއްކުމުގެ މުޢާމަލާތް ކުރެވިފައި ވަނީ ނާޒްނީން އިބްރާހީމް ދިރިއުޅޭނެ ތަނެއް، މެދުގެ ފިޔަވައި ދިރިއުޅޭނެ އެހެން އެއްވެސް ތަނެއް ނެތި ކަމަށާއި މިކަމަކީ ނާޒްނީން އިބްރާހީމްއަށް މި މުޢާމަލާތް ކުރިއަށް ގެންދެވުނުއިރު މިކަމާއި ގުޅޭގޮތުން އެއްވެސް ވަރަކަށް ވިސްނާލެވިފައި ނެތް ކަންތައްތަކެއް ކަމަށެވެ. އަދި މިކަމާއި ގުޅޭ ގޮތުން ޢާއިލާގެ އަދި އިތުރު ފަރާތަކާވެސް މަޝްވަރާކޮށްފައި ނެތްކަމަށެވެ.
23.2 ޢިމާރާތް ވިއްކާލުމުގެ މުޢާމަލާތް ކުރެވުނު އިރު، ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ނާޒްނީން އިބްރާހީމްއަށް ވިސްނައިދެމުން ގެންދިޔައީ މި މުޢާމަލާތް ކުރެވުނު ނަމަވެސް މި ގޯއްޗަކީ ނާޒްނީން އިބްރާހީމްގެ ބެލުމުގެ ދަށުގައި ހުންނާނެ ތަނެއް ކަމުގައި ކަމަށާއި، އަދި ނާޒްނީން އިބްރާހީމް ދިރިއުޅޭނެ ތަނަކީ ވެސް ދިރިއުޅެމުން ގެންދަންޖެހޭ ތަނަކީ ވެސް އެއީ ކަމުގައެވެ. އެހެން ނަމަވެސް […] ވިއްކުމުގެ މުޢާމަލާތުގެ ނަތީޖާއަކީ ނާޒްނީން އިބްރާހީމް ގެދޮރު ނެތް އެހެންތަނެއް މިލްކުގައި ނުވާ މީހެއްކަމުގައި ވާނެ ކަމީ ކުރިން ނާޒްނީން އިބްރާހީމަށް އަންދާޒާވެސް ކުރެވިފައި އޮތްކަމެއް ނޫންކަމަށާއި، ދިރިއުޅޭނެ އެހެންތަނެއް ނެތްކަން ނާޒްނީން އިބްރާހީމަށް ދެނެގަނެވުނީ މިކަން އާއިލާގެ މީހުންނަށް އެނގި މިކަމުގައި ޢާއިލާއިން އުޅެން ފެށުމުން ކަމަށެވެ.
23.3 ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ނާޒްނީން އިބްރާހީމްއަށް ރަނގަޅު ނޫން މަޢުލޫމާތު ތަކެއް ފޯރުކޮށްދީފައިވާ ކަމަށާއި، ޤާނޫނީ އެހީތެރިކަން ހޯދަން އުޅުމުން ވެސް ޕްލާޒާ އެންޓަރޕްރައިޒަސް އިން އިތުރު ފަރާތެއްގެ އެހީތެރިކަން ހޯދަން ނުޖެހޭނެކަމަށް ބުނެ މަޝްވަރާ ދީފައިވަނީ ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ހަމަޖެއްސެވި ވަކީލެއް ކަމަށެވެ. މިމައްސަލައިގައި ފުރަތަމަ ހުށަހެޅި ބަޔާން ބަދަލުކުރަން ޖެހުނީވެސް އެ ބަޔާނަކީ ވެސް ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ހަމަޖެއްސެވި ވަކީލެއް ހުށަހެޅި ބަޔާނަކަށް ވާތީ، އަދި އެފަރާތުގެ އިންޓަރެސްޓުގައި ހުށަހެޅި ބަޔާނެއް ކަމާއި، އަދި އޭގައި ޙަޤީޤަތާ ޚިލާފު ކަންތައްތަކެއް ހުރިކަމުގައި ފާހަގަކުރެވިގެންކަމަށެވެ.
24ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ދިރިއުޅޭނެ އެހެން ތަނެއް ހުރިކަމަށް ކަނޑައެޅުމުގައި ބަލާނެ ކަންކަމުގައި ފާހަގަކޮށްފައިވާ ފަދަ އެއްވެސް އިންތިޒާމެއް ނާޒްނީން އިބްރާހީމުގެ ނެތްކަމަށެވެ.
25[…] ވިއްކުމުގެ މުޢާމަލާތުގެ އަގުގެ ގޮތުގައި ލިބުނު ޖުމްލަ ފައިސާ ކަމަށް ބަޔާންކޮށްފައިވާ 1,192,800.00ރ. (އެއް މިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) އަކީ ވިއްކުމުގެ މުޢާމަލާތްކުރުމަށް […] އަމިއްލަކުރުމަށް ދައްކަންޖެހޭ ޢަދަދު ކަމަށާއި މިފައިސާ އެކުއެކީ އަދާކޮށްފައިވަނީ […] ބިން އަމިއްލަ ކުރުމަށްކަމަށާއި ވުމާއެކު، […] ވިއްކުމުގެ މުޢާމަލާތަކީ ނާޒްނީން އިބްރާހީމަށް އެއްވެސް މިންވަރެއްގެ މާލީ ނަފާއެއް ލިބިފައި ނުވާ މުޢާމާލާތެއް ކަމަށެވެ. ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ނާޒްނީން އިބްރާހީމްގެ އެކައުންޓަށް 1,192,800.00ރ. (އެއް މިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) 02 ޖޫން 2022 ގައި ޖަމާކުރިކަމަށާއި، އެ ފައިސާ ވަނީ 05 ޖޫން 2022 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ އެކައުންޓަކަށް ޓްރާންސްފަރކޮށްފައި ކަމަށާއި، އެއީ ބަންޑާރަބިން އަމިއްލަކުރުމަށް ދެއްކި ފައިސާ ކަމަށާއި ވީމާ […] ވިއްކުމުގެ މުޢާމަލާތުގައި ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ނާޒްނީން އިބްރާހީމަށް އެއްވެސް ފައިސާއެއް ދީފައި ނުވާކަމަށެވެ. އެހެންކަމުން މިމައްސަލައިގެ ބުނާ ވިޔަފާރި މުޢާމަލާތުގެ މުޤާބިލުގައި ބުނާ ފައިސާ ނާޒްނީން އިބްރާހީމަށް ލިބިފައި ނުވާކަމަށެވެ. އެއީ ގޯތި އަމިއްލަކުރުމަށް ދިން ފައިސާ ކަމަށެވެ.
26ސިވިލް ކޯޓުން ބަލާފައިވަނީ ބިން ވިއްކައިގެން ލިބުނު ފައިސާ އަކީ ދިރިއުޅުން ހަމަޖެއްސުމަށް އޮތް މުޤާބިލެއް ކަމުގައެވެ. އެއީ ކުރިން ސިވިލް ކޯޓުން ޢަމަލުކުރި ގޮތެއް ކަމަށާއި، މިފަދަ މައްސަލަތަކުގައި މިހާރު ބަލަނީ ހަޤީޤީ މާނައިގައި ވެސް ތަނެއް އޮންނަންޖެހޭ ކަމުގައި ކަމަށެވެ.
ނާޒްނީން އިބްރާހީމުގެ ފަރާތުން އެދޭގޮތް
27[…] ވިއްކުމުގެ މުޢާމަލާތަކީ ނާޒްނީން އިބްރާހީމްއަށް ނުފޫޒު ފޯރުވޭ ފަދަ މަޤާމެއްގައި ތިބި ފަރާތްތަކަކުން، ނާޒްނީން އިބްރާހީމްއަށް އޮޅުވާލައިގެން ކޮށްފައިވާ މުޢާމަލާތެއްކަމަށް ކަނޑައަޅައިދިނުމަށާއި، […] ވިއްކުމުގެ މުޢާމަލާތް ހިންގުމުގައި ވިއްކި ފަރާތަށް އެއްވެސް މާލީ މަންފާއެއް ލިބިފައިނުވާ ކަމަށް ކަނޑައަޅައި ދިނުމަށާއި، […] ވިއްކުމުގެ މުޢާމަލާތަކީ ބާޠިލު މުޢާމަލާތެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ދެއްކި ވާހަކަ
28ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން އިސްތިއުނާފަށް މައުޟޫޢީ ގޮތުން ރައްދުދިނުމުގެ ކުރިން އިޖުރާއީ ކަމެއްގެ ގޮތުގައި، އިސްތިއުނާފު ފޯމުގެ 6.3 އަދި 6.4 އިސްތިއުނާފީ ނުކުތާ މުޙައްމަދު ޝަފީޤުގެ ފަރާތުން އަނބުރާ ގެންގޮސްފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 2829-CvC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު މުޙައްމަދު ޝަފީޤަށް މިހާރު ލިބިގެން ނުވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރިއެވެ.
29އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާގެ ރައްދުގައި ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ބުނެފައިވަނީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 18 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން އެޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު އެހެން ފަރާތަކަށް ވިއްކާލެވޭނީ އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އަގަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން އެކުލަވާލަފައިވާ ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާޢިދުގެ 09 ވަނަ މާއްދާގައި ޝަރުޠުތަކެއް ބަޔާންވެގެންވާ ކަމަށާއި، މި ބުނެވުނު މާއްދާގައި ބަޔާންކޮށްފައިވާ އެންމެހާ އިޖުރާތުތަކާ ޝަރުޠުތައް މި ގޯތި ވިއްކުމުގެ މުޢާމަލާތުގައި ފުރިހަމަވާ ކަމަށެވެ.
30ނާޒްނީން އިބްރާހީމްގެ އަމިއްލަ ނަމުގައި ދިރިއުޅޭނެ ތަނެއް ރަޖިސްޓަރީ ކޮށްފައި ނެތްނަމަވެސް ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރިކަމުގައި ނާޒްނީން އިބްރާހީމް ޤަބޫލުކޮށް އަދި، ޝަރީޢަތުންވެސް އެގޮތަށް ބަލައިގަންނަކަމުގައިވާނަމަ، މިއީ ބިން އަމިއްލަ ކުރުމާއި ވިއްކުމުގެ ގަވާއިދުގައި ބުނާ ފަދައިން އަމިއްލައަށް ދިރިއުޅޭނެ އެހެން ތަނެއް ހޯދުމުގެ މާލީ ތަނަވަސްކަން ހުރީ ކަމަށް ބަލަންޖެހޭކަމަށާއި މިއީ، އެ ގަވައިދުގެ 09 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފާހަގަކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުދެކޭކަމަށެވެ.
31މުޙައްމަދު ޝަފީޤަކީ ނާޒްނީން އިބްރާހީމުގެ ޝަރުޢީ ބަލަދުވެރިޔާ ކަމަށާއި ގޯތި ވިއްކި ނާޒްނީން އިބްރާހީމަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް އިސްތިއުނާފީ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވީ ނަމަވެސް ނާޒްނީން އިބްރާހީމަކީ ސިކުނޑީގެ އުނިކަން ހުންނަ ފަރާތެއް ނޫންކަން ޓްރީޓޮޕް ހޮސްޕިޓަލުގެ ސައިކޭޓްރިސްޓް ދޫކޮށްފައިވާ ލިޔުމުން އެނގޭކަމަށެވެ. މި ލިޔުންތަކަށް ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ރިޢާޔަތްކުރެވުނު ކަމަށެވެ.
32[…] ގްރައުންޑް ފްލޯރ އާއެކު 05 ފްލޯރގެ ޢިމާރާތެއް މުޙައްމަދު ޝަފީޤުގެ އަމިއްލަ ޙަރަދުގައި ހެދިކަމަށް ބަޔާންކުރާ ވާހަކަތަކަށް ނާޒްނީން އިބްރާހީމު އިންކާރު ނުކުރާކަމަށް ބިން ވިއްކުމުގެ މުޢާމަލާތް ހިނގަމުން ދިޔައިރު ވެސް ނާޒްނީން އިބްރާހީމް ބުނެފައިވާ ކަމަށާއި، އެހެންނަމަވެސް، އިމާރާތާ ގުޅިގެން، އެފަރާތުން ޚަރަދުކުރި ފައިސާ ކަވަރ ކުރުމަށް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ދުވަހު ޢިމާރާތުގެ ދެ ފުލޯ މުޙައްމަދު ޝަފީޤުގެ ފަރާތުން ބޭނުންކުރުމަށް ދެވިފައިވާ ކަމަށާއި، އެގޮތުން މިހާރު އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް ނެތްކަމަށާއި، އަދި މުޙައްމަދު ޝަފީޤުގެ ފަރާތުން ޢިމާރާތާއި ގުޅިގެން ނާޒްނީން އިބްރާހީމާއެކު އަދި އެނޫންވެސް ފަރާތަކާއެކު އެއްވެސް އެއްބަސްވުމެއް ހެދިފައިވޭތޯ އަދި އެފަދަ އެއްބަސްވުމެއް އޮތްނަމަ ޢިމާރާތުގެ ވެރިފަރާތުގެ ޙައިޘިއްޔަތުން ނާޒްނީން އިބްރާހީމް ޙިއްސާކޮށްދިނުމަށް އެފަރާތުގެ ވަކީލު މެދުވެރިކޮށް އެދިފައިވާ ކަމަށާއި، އެގޮތުން ޢިމާރާތާ ގުޅިގެން އެއްވެސް އެއްބަސްވުމެއް ނެތްކަމުގައި ބުނެފައިވާ ކަމުގައި ނާޒްނީން އިބްރާހީމް މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި ޢިމާރާތަކީ ރަހުނު ކުރެވިފައި، ހިބައިން ދީފައިވާ، ވަޞިއްޔަތުން ދީފައިވާ އަދި އެނޫންވެސް ގޮތަކަށް ދިގު މުއްދަތަކަށް އެއްވެސް ފަރާތަކަށް ކުއްޔަށް ދީފައިވާ އިމާރާތެއް ނޫންކަމަށްވެސް ނާޒްނީން އިބްރާހީމުގެ ފަރާތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
33[…] ވިއްކުމަށްޓަކައި ކޯޓަށް ހުށަހެޅީ ނާޒްނީން އިބްރާހީމު ކަމަށާއި، ބިމާއި އިމާރާތް ވިއްކުމުގެ މައްސަލަތަކުގައި ކޯޓުން ޢަމަލުކުރާ އިޖުރާޢަތުގެ ތެރެއިން އެ ގޯތީގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއް ވޭތޯ ބެލުމަށް އިޢުލާންކޮށްފައިވާ ކަމަށާއި، އެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝަކުވާއެއްކޮށް ހުށަހެޅުމެއް ހުށަހަޅާފައިވާ ނުވާކަމަށެވެ. ވިއްކުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު އަދި އިޢުލާންކޮށްފައިވަނީ 15 އޮގަސްޓް 2022 ގައި ކަމަށް ވެފައި ވިއްކުމުގެ މައްސަލަ ނިމިފައިވަނީ 26 އޮކްޓޫބަރު 2022 ގައި ކަމަށްވާއިރު، އެ މުއްދަތުގައި އެ މައްސަލައަށް ތަދައްޚުލުނުވެ، އަދި އެއްވެސް ޝަކުވާއެއް ދަޢުވާއެއް ވެސް ނުކޮށް ވިއްކުމުގެ މައްސަލަ ނިމުނުފަހުން ވިއްކުމުގެ މައްސަލަ ހިނގަމުން ދިޔަކަން ނޭނގޭކަމަށް ބުނުމަކީ ވިއްކުމުގެ މައްސަލަ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ލިބިގެންދާނެ ޤާނޫނީ ހަމައެއް ކަމުގައި ނުދެކޭކަމަށާއި އަދި ނާޒްނީން އިބްރާހީމުގެ ފަރާތުން މިހާތަނަށްވެސް މިމައްސަލަ އިސްތިއުނާފުކޮށްފައި ނުވާ ކަމަށެވެ.
ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން އެދޭގޮތް
34ސިވިލް ކޯޓުގެ ނަންބަރު 2829/CvC/2022 މައްސަލައިގެ ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ފާހަގަކުރި އިޖުރާއީ ނުކުތާއާ ގުޅޭ
35އިސްތިއުނާފުކުރާ މުޙައްމަދު ޝަފީޤުގެ ފަރާތުން އިސްތިއުނާފު ހުށަހަޅަމުން އިސްތިއުނާފު ފޯމުގެ 6.3 އަދި 6.4 އިސްތިއުނާފީ ނުކުތާ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ޝަރީޢަތުގައި ފާހަގަކުރިކުރުމާ ގުޅިގެން، އެ ނުކުތާތައް އަނބުރާ ގެންދިޔަދިޔުމުގެ މައްޗަށް ރިޢާޔަތްކޮށް، މުޙައްމަދު ޝަފީޤަކީ، މިހާރު ސިވިލް ކޯޓުގެ ނަންބަރު 2829-CvC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ ފަރާތެއް ނޫންކަމަށް ބުނެ، އިސްތިއުނާފު ރައްދުވާ ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ޝަރީޢަތުގައި ފާހަގަކޮށް އެކަން އިތުރަށް ދިރާސާކޮށް ލިޔުމުން ޝަރީޢަތަށް ހުށަހެޅުމުގެ ފުރުޞަތަކަށް 19 މާރިޗު 2024 ގައި ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދުނެވެ. ނަމަވެސް ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން އެ އިޢުތިރާޟް ހުށަހަޅާފައިވަނީ ކޯޓުން ދިން މުއްދަތު ހަމަވެ އެތައް ދުވަހެއް ފާއިތުވި ފަހުން ކަމަށްވުމުން އެ ހުށަހެޅުން ބަލައިނުގަތުމަށް ޝަރީޢަތުން 27 ޖަނަވަރީ 2025 ގައި ކަނޑައަޅާފައިވެއެވެ.
ޝަރީޢަތުން ފާހަގަކުރާ ކަންކަން
36ސިވިލް ކޯޓުގެ ނަންބަރު 2829-CvC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފަކީ، ނާޒްނީން އިބްރާހީމުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ […] އެވެ ކިޔާ ގޯތި، ޕްލާޒާ އެންޓަރޕްރައިޒަސްއަށް ވިއްކުމުގެ މުޢާމަލާތަކީ ބިން ވިއްކުމުގެ މުޢާމަލާތެއްގައި ފުރިހަމަވާން ޖެހޭކަމަށް ބިމާބެހޭ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުޠުތަކާ ޚިލާފަށް ކޮށްފައިވާ މުޢާމަލާތެއް ކަމަށް ބުނެ އެ މުޢާމަލާތުގެ ސައްޚަކަމުގެ މައްޗަށް ސުވާލު އުފައްދައި ހުށަހަޅާފައިވާ އިސްތިއުނާފެކެވެ.
37އެގޮތުން، މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ޤާނޫނީ ސުވާލުތަކާ މެދުގައެވެ.
37.1 […] ވިއްކުމުގެ މުޢާމަލާތަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) (ބިމާބެހޭ ޤާނޫނުއަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން މިއީ މިހާރު އެޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އެވެ) އާ ޚިލާފަށް ކޮށްފައިވާ މުޢާމަލާތެއްތޯ؟
37.2 ބުނެވުނު މުޢާމަލާތަކީ ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދުގެ 17 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ މުޢާމަލާތެއްތޯ؟
ގޯތި ވިއްކުމާގުޅޭ އުޞޫލު
38ޤާނޫނު ނަންބަރު 1/2002 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކުރަނީ "ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް، ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، މި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށެވެ.
39HN1ވުމާއެކު ބަންޑާރަ ގޯއްޗެއްކަމަށްވިޔަސް ނުވަތަ އަމިއްލަ ގޯއްޗެއްކަމަށްވިޔަސް ވިއްކުމުގެ މުޢާމަލާތެއް ކުރެވޭނީ ބިމާބެހޭ ޤާނޫނާއި އެއްގޮތަށެވެ. ބަންޑާރ ގޯތި ވިއްކޭނީ އެގޯތި ދައުލަތުން ގަނެ އަމިއްލަ ކޮށްގެންނެވެ. ގޯތި އަމިއްލަ ކުރުމަށް އަގު ކަނޑައަޅާނެ ގޮތް ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
40ބިމާބެހޭ ޤާނޫނު ފާސްވުމުގެ ކުރިން ހުރި އަމިއްލަ ބިންބިމާއި، ގޯތިގޯއްޗާއި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ފަހު، އަމިއްލަކުރާ ބިންބިމާއި ގޯތިގޯތި ވިއްކަންވާނީ، ނުވަތަ ހިބަޔަކުން، ނުވަތަ ވަޞިއްޔަތަކުން، ނުވަތަ އެނޫންވެސް ގޮތަކުން ދެނީނަމަ ދޭންވާނީ، އެ ޤާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، އަދި އެ މާއްދާތަކުގައި ބުނެފައިވާ ޝަރުޠުތަކުގެ މަތިން ކަމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
41ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރަނީ؛
"ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން މި ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކަންވާނީ، އެ ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޢާންމުކޮށް ޝާއިޢުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ އަގަކަށް، ތިރީގައި ބުނެފައިވާ ގޮތުގެމަތިންނެވެ.
(ހ) ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން.
(ށ) ގޯތި ގަންނަ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެ ކުންފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ޕާޓްނަރޝިޕަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށްވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއް ކަމުގައިވުން.
(ނ) ގޯއްޗެއް ނުވަތަ ބިމެއް ގަނެފައިވާ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއްގެ ހިއްސާގެ އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް ނުވިއްކޭނެއެވެ.
ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގައި ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 ޓެކްސް ދެއްކުމާ ގުޅޭގޮތުން އޮތް މާއްދާ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) އިން ވަނީ އުވާލާފައެވެ.
42HN2ބުނެވިދިޔަ ޝަރުޠުތަކުގެ އިތުރުން ވެސް ގޯތި ވިއްކުމުގެ މުޢާމަލާތް ކުރުމުގައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ބަޔާންކުރާ ޝަރުޠުތަކަށްވެސް ބަލަންޖެހެއެވެ.
43އެގޮތުން، މި މައްސަލައިގައި ބަޔާންކުރާ މުޢާމަލާތް ހިނގިއިރު، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލައި ޢަމަލުކުރަމުންދިޔަ "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008" ގެ 9 ވަނަ މާއްދާގައި ބަޔާންކުރަނީ، އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބިން އަމިއްލަ ކުރުމަށްފަހުވިޔަސް ވިއްކާނީ، އަންނަނިވި ގޮތުގެ މަތިންކަމަށެވެ.
(ހ) ވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ހިންގުން.
(ށ) ގޯތި ވިއްކަން އެދޭމީހާ އާއި، އެ މީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން.
(ނ) ގޯތި ގަންނަ ފަރާތަކީ، ދިވެހި ރައްޔިތަކު ކަމުގައިވުން. ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެކުންފުންޏެއްގެ ސަތޭކަ އިން ސައްތަ ޙިއްޞާ ދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ އިން ސައްތަ ދިވެހި ޖަމްއިއްޔާއެއް ނުވަތަ ޖަމާޢަތެއްކަމުގައި ވުން.
(ރ) ގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ ފައިސާ ދައްކަނީ ގަންނަ ފަރާތުން ކަމުގައި ވާނަމަ، މި މުޢާމަލާތުގެ ހުރިހާ ކަމެއް ޝަރީޢަތުގެ ތެރެއިން ހިންގުން، އަދި އަމިއްލަ ކުރުމަށް ފައިސާ ދެއްކުމަށްފަހު ގޯތި ގަންނަ ފަރާތުގެ ރުހުންނެތި ގޯތީގެ އެއްވެސް މުޢާމަލާތެއް ނުކުރެވޭނެއެވެ.
44HN3ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ އާއި އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008" ގެ 9 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބިން އަމިއްލަ ކުރުމަށްފަހު ވިޔަސް ވިއްކާނަމަ، އެ ވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ހިންގުން ލާޒިމުކުރެއެވެ.
45HN4އެގޮތުން، ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްފަހު ގޯތި ވިއްކާ ޙާލަތުގައި ގޯތި އަމިއްލަ ކުރުމަށް ފައިސާ ދައްކާ ފަރާތަކީ ގޯތި ގަންނަ ފަރާތްކަމަށް ވާނަމަ، އެ މުޢާމަލާތުގެ ހުރިހާ ކަމެއް ވެސް ޝަރީޢަތުގެ ތެރެއިން ހިންގުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008" ގެ 9 ވަނަ މާއްދާގެ (ރ) ގެ ދަށުން ލާޒިމުކޮށްފައިވެއެވެ.
46ބުނެވިދިޔަ ޝަރުޠުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި އަދި "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008" ގެ 9 ވަނަ މާއްދާގެ (ށ) ބަޔާންކުރާ "ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި" ވާން ވާނެކަމަށް ބުނާ ޝަރުޠާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
47ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ، އެ ޤަވާއިދުގެ ބޭނުމަށްޓަކައި، ދިރިއުޅޭނެ އެހެންތަނެއް ހުރިކަމަށް ކަނޑައަޅާނީ، ކޮންމެ މައްސަލައަކަށް ވަކިން އެ މައްސަލައަކާ ގުޅުންހުރި އެހެނިހެން ކަންތައްތަކަށް ބެލުމަށްފަހު ޝަރީޢަތުން ކަމަށެވެ. އެ ގޮތުން ބަލާނެ ކަންތައްތަކަކީ:
(ހ) އެމީހެއްގެ ނުވަތަ އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި މިގަވާއިދުގެ 9 ވަނަ ނަންބަރުގެ (ށ) ގައިވާ ފަދަ ތަނެއް ރަޖިސްޓަރީކޮށްފައި އޮތުން.
(ށ) އެމީހެއްގެ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއްއޮވެ، އެތަނެއްގައި އެމީހަކު ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވުން.
(ނ) އެމީހެއްގެ އަތުގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަންހުރުން.
(ރ) ރާއްޖެއިން ބޭރުގެ އެހެން ޤައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ ފްލެޓެއް ހުރުން ކަމަށް އެ މާއްދާގައި ބަޔާންކުރެއެވެ.
48HN5HN6ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ (ހ) ގައި "ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި" ވާން ވާނެކަމަށް ބަޔާންކުރާ ޝަރުޠާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަސީމާ ޢަލީ ވ. މޫސާ ޙަލީމް ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، އެ ޝަރުޠަކީ ގޯއްޗެއް އެހެންފަރާތަކަށް ވިއްކުމުގެ ކުރިން ފުރިހަމަވުން ލާޒިމުވެގެންވާ ޝަރުޠެއްކަމަށާއި، ގޯއްޗެއް ވިއްކަން އެދޭމީހާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި ނުވާނަމަ އެ ވިއްކުމަކީ ޤާނޫނީގޮތުން ޞައްޙަ ވިއްކުމެއްކަމަށް ނުބެލެވޭނެ ކަމަށެވެ. ގޯތި ވިއްކަން އެދޭމީހާ އާއި އެ މީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުމުގެ މުރާދަކީ ގޯތި ވިއްކަން އެދޭމީހާ، އެ ވިއްކަން އެދޭތަން ފިޔަވައި އެހެންތަނެއް އޭނާއާއި، އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅުމަށްޓަކައި ހަމަޖެހިފައިވުން ކަމަށާއި، ދިރިއުޅުމަށްޓަކައި ތަނެއް ހަމަޖެހިފައިވުމަކީ ދިރިއުޅެވޭ ފަދަ ތަނެއް ވާޤިޢީގޮތުން އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހުރަހަކާ ނުލައި ވުޖޫދުގައިވުން ކަމާއި، އެއީ ދިރިއުޅުމަށް ތަނެއް ހަމަޖެހިފައިވުމުގެ އިޙްތިމާލު އޮތުމެއް ނޫންކަމަށެވެ. އަދި ގޯތި ވިއްކަން އެދޭމީހާ، އެ މީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖައްސައި ދޭނެކަމަށް ބުނާ ބުނުމަކީ ނުވަތަ ވާ ވަޢުދަކީ އޭގެޒާތުގައި ތަނެއް ވާޤިޢީގޮތުން ހަމަޖެހިފައި އޮތުމެއް ނޫންކަމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ އިސްވެ އިޝާރާތްކުރެވުނު 18 ވަނަ މާއްދާގެ (ހ) މާނަކުރަންޖެހޭނީ، އެ މާއްދާގެ އެ އަކުރުގެ ނައްޞުން "މުޝައްރިޢު" ޙާޞިލުކުރަން ބޭނުންވާ އިޖްތިމާޢީ މަޞްލަޙަތު ޙާޞިލުވާފަދަ ގޮތަކަށް ކަމާއި، ބުނެވިދިޔަ ނައްޞުން "މުޝައްރިޢު" ޙާޞިލުކުރަން ބޭނުންވާ އިޖުތިމާޢީ މަޞްލަޙަތަކީ ގޯއްޗެއް ވިއްކަން އެދޭމީހާގެ މިލްކުގައިވާ ގޯތި ވިއްކާލާ ޙާލަތުގައި އޭނާއާއި، އޭނާ ޝަރްޢީގޮތުން ބަލަންޖެހޭ ފަރާތްތައް މަގުމަތިނުވެ، ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހި އިންތިޒާމުވެފައި އޮތުންކަމަށެވެ.
ހ. މެދުގެ ވިއްކުމުގެ މުޢާމަލާތަކީ ގޯތި ވިއްކުމުގެ އުޞޫލާ އެއްގޮތަށް ކޮށްފައިވާ މުޢާމަލާތެއް ހެއްޔެވެ؟
49HN7ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދި އޭރު ޢަމަލުކުރަމުންދިޔަ ޤަވާއިދުތަކަށް ބަލާއިރު، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ވިއްކުމުގައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއި "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008" ގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތަކުގެ އިތުރުން ގޯތި ވިއްކަންއެދޭ މީހާ އާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވޭތޯ ބެލުމާ ގުޅޭގޮތުން "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008" ގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައްވެސް ފުރިހަމަވެފައިވޭތޯ ބަލަންޖެހެއެވެ.
50އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާއަށް ބަލާއިރު، ނާޒްނީން އިބްރާހީމުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ […] އެވެ ކިޔާ ގޯތީގައިވާ 1420 (އެއްހާސް ހަތަރުސަތޭކަ ވިހި) އަކަފޫޓުގެ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތައް ޕްލާޒާ އެންޓަރޕްރައިޒަސް އަށް މިލްކުވެއްޖެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު، އެ ނިންމުން ނިންމާފައިވަނީ، […] އެވެ ކިޔާ ގޯތީގައިވާ 1420 (އެއްހާސް ހަތަރުސަތޭކަ ވިހި) އަކަފޫޓުގެ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކުގެ އަގު ކަމުގައިވާ -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ޕްލާޒާ އެންޓަރޕްރައިޒަސްގެ އަތުން ލިބިފައިވާ ކަމަށް ނާޒްނީން އިބްރާހީމު ބުނެފައިވާތީ، ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދައިން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނާޒްނީން އިބްރާހީމުގެ ކިބައިގައި ހުރިކަމަށް ބަލައިގެންނެވެ. އެއީ، ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގައި ދިރިއުޅޭނެ އެހެން ތަނެއް ހުރިތޯ ބެލުމުގައި ވިއްކާމީހާގެ ކިބައިގައި ދިރިއުޅޭނެ އެހެންތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުމަކީ، ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާގައި ބުނާ އެ"ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން" ކަމަށް ބުނާ ޝަރުޠު ހަމަވާނެ ކަމެއް ކަމަށް ސިވިލް ކޯޓުން ފާހަގަކޮށްފައިވެއެވެ.
51މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފު ބިނާކޮށްފައިވަނީ، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ވިއްކުމުގައި ފުރިހަމަ ވާންޖެހޭ އިސްވެ ބަޔާންކުރެވުނު ޝަރުޠުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި އަދި "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު 2008" ގެ 9 ވަނަ މާއްދާގެ (ށ) ގައި " ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި" ވާން ވާނެކަމަށް ބުނާ ޝަރުޠާ ގުޅޭގޮތުންނެވެ. ދިރިއުޅޭނެ އެހެންތަނެއް ހުރިކަމަށް ކަނޑައަޅާއިރު "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު 2008"ގެ 17 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ރ) އަށް ހުރި ކަންކަމަށް ބަލަންޖެހެއެވެ. މިއިން އެއްވެސް ޝަރުޠެއް މި މުޢާމަލާތުގައި ފުރިހަމަ ނުވާކަމަށް ވެސް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. ވުމާއެކު […] މުޢާމަލާތް ސައްޚަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި މި އިސްތިއުނާފުގައި ޖަވާބުދޭނީ މި ބުނެވެނު ޝަރުޠުތަކުގެ އަލީގައެވެ.
ނާޒްނީން އިބްރާހީމްއާއި އަދި އެފަރާތް ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި ވޭހެއްޔެވެ؟
52ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ވިއްކާއިރު ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅެވޭނެ އެހެންތަނެއް ހަމަޖެހިފައި ވޭތޯ ބަލާއިރު، އެމީހެއްގެ ނުވަތަ އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ)ގައި ބުނާ ފަދަ ތަނެއް ރަޖިސްޓަރީކޮށްފައި އޮތްނަމަ ދިރިއުޅޭނެ އެހެންތަނެއް ހުރިކަމަށް ބެލެވޭނެކަން "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008"ގެ 17 ވަނަ މާއްދާގެ (ހ)އިން އެނގެއެވެ.
53ނާޒްނީން އިބްރާހީމުގެ ފިރިއެއް ދަރިއެއް ނެތެވެ. ނާޒްނީން އިބްރާހީމް ޝަރުޢީ ގޮތުން ބަލަންޖެހޭ އިތުރު ފަރާތެއް ނެތެވެ. […] ފިޔަވައި ނާޒްނީން އިބްރާހީމުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް އިތުރު ތަނެއް ނެތެވެ. […] އަކީ ނާޒްނީން އިބްރާހީމް މިހާރުވެސް ދިރިއުޅޭ ތަނެވެ. އެތަން ފިޔަވައި ނާޒްނީން އިބްރާހީމް ދިރިއުޅޭނެ އެހެންތަނެއް ވެސް ނެތެވެ. ވުމާއެކު "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު"ގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުޠު ފުރިހަމަ ނުވެއެވެ.
54ނާޒްނީން އިބްރާހީމަކީ ދަރިއެއް ހުރި މީހެއް ނޫންކަމަށް ވުމުން "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު"ގެ 17 ވަނަ މާއްދާގެ (ށ)ގައި ބުނާ " އެމީހެއްގެ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއް އޮވެ، އެތަނެއްގައި އެމީހަކު ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައި" ވުންކަމަށް ބުނާ ޝަރުޠު ވެސް ފުރިހަމަ ނުވެއެވެ.
އެމީހެއްގެ އަތުގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަންހުރުން
55"ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު 2008"ގެ 17 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު "އެމީހެއްގެ އަތުގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަންހުރު" މަކީ ދިރިއުޅޭނެ ތަނެއް ހުރިކަމަށް ބެލެވިދާނެ ކަމެއްކަމަށް ބަޔާންކުރެއެވެ.
56ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ މި ޝަރުޠު ނާޒްނީން އިބްރާހީމުގެ ކިބައިގައި ފުރިހަމަވާ ކަމުގައެވެ. އެއީ […] ވިއްކައިގެން ލިބުނު ފައިސާ ނާޒްނީން އިބްރާހީމަށް ލިބިފައިވާ ކަމަށް ނާޒްނީން އިބްރާހީމް ބުނެފައިވާތީއެވެ.
57[…] ވިއްކުމުގެ މުޤާބިލުގައި ނާޒްނީން އިބްރާހީމަށް އެއްވެސް މަންފާއެއް ލިބިފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތާއި އަދި ނާޒްނީން އިބްރާހީމުގެ ފަރާތުންވެސް މި އިސްތިއުނާފުގައި ފާހަގަކުރާތީ، […] ވިއްކައިގެން ނާޒްނީން އިބްރާހީމަށް އެއްވެސް ފައިސާއެއް ލިބިފައިވޭތޯއާ ގުޅޭގޮތުން ކުރިމަތިކޮށްފައިވާ މި ސުވާލަށް ޖަވާބު ދިނުން މުހިއްމުކަމުގައި ދެކެމެވެ.
ހ. މެދުގެ ވިއްކުމުގެ މުޢާމަލާތް
58[…] ވިއްކުމުގެ މުޢާމަލާތް ހިންގާފައިވާ ގޮތަށް ބަލާއިރު، 1989 ޖުލައި 05 ދުވަހު މާލެ މުނިސިޕަލްޓީން […] އެވެ ކިޔާ ބަންޑާރަގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ.7557 ގޯތީގެ ބިން އަމިއްލަ ކުރުމަށް ބިމުގެ އަގު ކަނޑައެޅީ މާލެ ސިޓީ ކައުންސިލުންނެވެ. […] ބަންޑާރަބިން އަމިއްލަ ކޮށްދިނުމަށް ހަމަޖައްސައި، އެ ބިން އަމިއްލަ ކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ އަގަކީ -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ކަމަށް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައި، އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ޚަލާސްކުރުމަށްފަހު، ފައިސާ ދެއްކި ރަސީދާއެކު ގޯތީގެ ރަޖިސްޓަރީ ބަދަލުކޮށް ދިނުމަށް އެދި ހުށަހެޅުމުން، ރަޖިސްޓަރީ ބަދަލުކޮށްދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުގެ އިދާރާގެ ނަންބަރު 425-B5/2022/21 (28 މާރިޗު 2022 ) ސިޓީން ނާޒްނީން އިބްރާހީމަށް އެންގިއެވެ.
59ނާޒްނީން އިބްރާހީމުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރު ބ. 7557 […] އެވެކިޔާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްފަހު، އެ ބިން ވިއްކުމާ ގުޅޭގޮތުން ނާޒްނީން އިބްރާހީމާއި ޕްލާޒާ އެންޓަރޕްރައިޒަސްއާ ދެމެދު 01 ޖޫން 2022 ގައި ވެފައިވާ ސިވިލް ކޯޓުގެ ރަޖިސްޓަރީ ނަންބަރު : CV-C/C-350/2022 އެއްބަސްވުން ނަމުގައި ހުށަހެޅިފައިވާ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގެ ދަށުން […] ބ. 7557 އެވެކިޔާ 1420 އަކަފޫޓުގެ ބަންޑާރަ ގޯތި އަމިއްލަކުރުމަށް ފަހު އެ ބިން ވިއްކުމަށް އެއްބަސްވި އަގަކީ، -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ)އެވެ. ޙަވާލާދެވުނު އެއްބަސްވުމުގެ ދަށުން ވިއްކާލެވޭ ގޯތީގެ ބިމުގެ މާނައިގައި އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތައްވެސް ހިމެނޭ ކަމަށް އެއްބަސްވުމުގެ 5.5 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
60ބިމުގެ އަގުކަމަށް މާލެ ސިޓީ ކައުންސިލުން ކަނޑައެޅި ޢަދަދު ކަމަށްވާ -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ޕްލާޒާ އެންޓަރޕްރައިޒަސްގެ އެކައުންޓަކުން، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނާޒްނީން އިބްރާހީމުގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 12602177810001 ދިވެހި ރުފިޔާ އެކައުންޓަށް 02 ޖޫން 2022 ގައި ޖަމާކޮށްފައިވެއެވެ. އޭގެ 2 (ދޭއް) ދުވަސް ފަހުން، 05 ޖޫން 2022 ދުވަހު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނާޒްނީން އިބްރާހީމުގެ ނަމުގައި ހުޅުވާފައިވާ އިސްވެ ބުނެވިދިޔަ ބޭންކް އެކައުންޓުން -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) މިނިސްޓްރީ އޮފް ފިނޭންސްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އިސްވެ އިޝާރާތްކުރެވުނު ބޭންކް އެކައުންޓްގެ ސްޓޭޓްމެންޓުން އެނގެއެވެ.
6105 ޖުލައި 1989 ގައި މާލެ މުނިސިޕަލްޓީން […] އެވެ ކިޔާ ބަންޑާރަގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ.7557 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާޠިލުކޮށް، އެ ގޯއްޗަށް ދެވަނަ ރަޖިސްޓަރީއެއްގެ ގޮތުގައި ނަންބަރު: އ. 5695 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ 23 ޖޫން 2022 ގައި މާލެ ސިޓީ ކައުންސިލުގެ އިދާރާއިން ހައްދައިދީފައިވަނީ، […] ގޯތީގެ 1420 (އެއްހާސް ހަތަރު ސަތޭކަ ވިހި) އަކަ ފޫޓް ބަންޑާރަބިން އަމިއްލަ ކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް 05 ޖޫން 2022 ގައި ދައްކައި ޚަލާޞްކުރުމުންނެވެ.
62[…] އަމިއްލަ ގޯއްޗެއްގެ ގޮތުގައި 23 ޖޫން 2022 ރަޖިސްޓަރީކުރުމަށްފަހު އެ ގޯތި ޝަރީޢަތް މެދުވެރިކޮށް ޕްލާޒާ އެންޓަރޕްރައިޒަސް އަށް ވިއްކުމަށް އެދި (އިސްތިއުނާފު ކުރެވިފައިމިވާ މައްސަލަ) ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 29 ޖޫން 2022 ތާރީޚުގައެވެ.
63ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން 02 ޖޫން 2022 ގައި ނާޒްނީން އިބްރާހީމުގެ އެކައުންޓަށް ޖަމާކުރި -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ގެ އިތުރުން އިތުރު އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް ނާޒްނީން އިބްރާހީމަށް މި މުޢާމަލާތާ ގުޅިގެން ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ދީފައިނުވެއެވެ.
64HN8[…] ވިއްކުމުގެ މުޢާމަލާތުގެ އަގުކަމަށް ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ފާހަގަކުރާ، 02 ޖޫން 2022 ގައި ޕްލާޒާ އެންޓަރޕްރައިޒަސް އިން ނާޒްނީން އިބްރާހީމުގެ އެކައުންޓަށް ޖަމާކުރި - /1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ބޭނުންކޮށްފައިވަނީ، ގޯތި އަމިއްލަ ކުރުމަށް ދައުލަތަށް ފައިސާ ދެއްކުމަށެވެ.
65ވުމާއެކު، ހަޤީޤީ މާނައިގައި […] ޕްލާޒާ އެންޓަރޕްރައިޒަސްއަށް ވިއްކުމުގެ މި މުޢާމަލާތުގެ މުޤާބިލުގައި ނާޒްނީން އިބްރާހީމަށް އެއްވެސް މަންފާއެއް ލިބިފައި ނުވެއެވެ. އެހެންކަމުން، މިމުޢާމަލާތާއި ގުޅިގެން ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ނާޒްނީން އިބްރާހީމްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ވުމަކީ، އޭގެ މައްޗަށް ބުރަވެ ނާޒްނީން އިބްރާހީމުގެ ކިބައިގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަންހުރި ކަމަށް ބެލިދާނެ ސަބަބެއްކަމަށް ނުދެކެމެވެ. އަދި މި ޙާލަތުގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަންހުރި ކަމަށް ބެލުމަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ (ހ) އިން މުޝައްރިޢު ޙާސިލުކުރަން ބޭނުންވި އިޖްތިމާޢީ މަޞްލަޙަތު ޙާޞިލުވާފަދަ މާނަކުރުމެއް ނޫނެވެ. ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ (ހ) ގެ ނައްޞުން "މުޝައްރިޢު" ޙާޞިލުކުރަން ބޭނުންވާ އިޖުތިމާޢީ މަޞްލަޙަތަކީ ގޯއްޗެއް ވިއްކަން އެދޭމީހާގެ މިލްކުގައިވާ ގޯތި ވިއްކާލާ ޙާލަތުގައި އޭނާއާއި، އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ ފަރާތްތައް މަގުމަތިނުވެ، ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހި އިންތިޒާމުވެފައި އޮތުމެވެ. […] ވިއްކުމުގެ މުޢާމަލާތާ ގުޅިގެން ޕްލާޒާ އެންޓަރޕްރައިޒަސް އިން ދެއްކި ފައސާއިން ނާޒްނީން އިބްރާހީމަށް ލިބުނު މަންފާއެއް ނެތެވެ.
66[…] ތަޞައްރަފުކުރުމުގެ މުޅި މި މުޢާމަލާތަށް ބަލާއިރު ވެސް މި މުޢާމަލާތުން ނާޒްނީން އިބްރާހީމަށް އެއްވެސް މަންފާއެއް ވެފައެއް ނުވެއެވެ. […] އަމިއްލަކޮށް ވިއްކުމާ ގުޅޭ ގޮތުން ދެފަރާތުން ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން އެ މުޢާމަލާތުގެ މުޤާބިލެއް ކަނޑައެޅިފައިވެއެވެ. ނަމަވެސް […] ގޯތީގެ 1420 (އެއްހާސް ހަތަރު ސަތޭކަ ވިހި) އަކަ ފޫޓުގެ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތައް ވިއްކުމަށް އެއްބަސްވެފައިވާ އަގަކީ -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ކަމަށް ވާއިރު، މި ޢަދަދަކީ […] 1420 (އެއްހާސް ހަތަރު ސަތޭކަ ވިހި) އަކަ ފޫޓުގެ ގޯތި އަމިއްލަ ކުރަމަށް، ބިމުގެ އަގުގެ ގޮތުގައި މާލެ ސިޓީ ކައުންސިލަށް ދައްކަންޖެހޭ ކަމަށް ކައުންސިލުން ކަނޑައެޅި އަގުވެސް މެއެވެ. […] ވިއްކިއިރު އެ ގޯތީގައި ރަނގަޅު ފެންވަރުގެ ޢިމާރާތެއް ކުރެވިފައިވާ ކަމަށް މި މައްސަލައިގެ ޚަސްމުންގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
ދެން އުފެދޭ ސުވާލަކީ ގޯތި ވިއްކައިގެން ލިބޭ ފައިސާއަކީ ވިއްކާ މީހާ އާއި ވިއްކާމީހާ ޝަރުޢީ ގޮތުން ބަލަންޖެހޭ ފަރާތްތައް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވާ ކަމަށް ބެލިދާނެ ދަލީލެއް ހެއްޔެވެ.
67HN9ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ (ހ) ގައި "ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން" މި ޝަރުޠާ ގުޅޭގޮތުން ކުރިން ޙަވާލާދެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަސީމާ ޢަލީ ވ. މޫސާ ޙަލީމް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްކުރާއިރު، ގޯތި ވިއްކައިގެން ލިބޭ ފައިސާއަކީ ވިއްކާމީހާ އާއި ވިއްކާމީހާ ޝަރުޢީ ގޮތުން ބަލަންޖެހޭ ފަރާތްތައް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވާ ކަމަށް ބެލިދާނެކަމެއް ކަމަށް އަހުރެންނަށް ނުފެނެއެވެ. ދިރިއުޅުމަށްޓަކައި ތަނެއް ހަމަޖެހިފައިވުމަކީ ދިރިއުޅެވޭ ފަދަ ތަނެއް ވާޤިޢީގޮތުން އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހުރަހަކާ ނުލައި ވުޖޫދުގައިވުމެވެ. އެއީ، ދިރިއުޅުމަށް ތަނެއް ހަމަޖެހިފައިވުމުގެ އިޙްތިމާލު އޮތުމެއް ނޫނެވެ.
68އެހެންކަމުން "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008"ގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޝަރުޠު މި މުޢާމަލާތުގައި ފުރިހަމަ ވާކަމަށް ނުދެކެމެވެ. އަދި "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008"ގެ 17 ވަނަ މާއްދާގެ (ރ) ގައި ބުނާ ޝަރުޠުވެސް މި މުޢާމަލާތުގައި ފުރިހަމަ ނުވެއެވެ.
69އެހެންކަމުން، މިމައްސަލައިގައި "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008"ގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޝަރުޠު ފުރިހަމަވާ ކަމަށް ބަލައި ނާޒްނީން އިބްރާހީމް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވާ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ޖާއިޒުކަމަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތެވެ.
70ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގައި […] ޕްލާޒާ އެންޓަރޕްރައިޒަސްއަށް ވިއްކުމުގެ މުޢާމަލާތް ސައްޚަކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުގައި ބިން އަމިއްލަކޮށް ވިއްކުމުގައި ކަނޑައަޅާފައިވާ އުޞޫލާއެއްގޮތަށް ކަމަށް ނުފެނެއެވެ.
ސިވިލް ކޯޓުގެ ނިންމުން ނާޒްނީން އިބްރާހީމުގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވުން
71ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ނާޒްނީން އިބްރާހީމްގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވާތީ އެކަން، އިސްތިއުނާފު ރައްދުވާ ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
72ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުގެ ނިންމުމެއްގެ ދަށުންނެވެ. ސުޕްރީމް ކޯޓުން އެ ހުއްދަ ދިނުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ނާޒްނީން އިބްރާހީމް އާއި ޕްލާޒާ އެންޓަރޕްރައިޒަސްއާ ދެމެދު ކުރެވިފައިވާ ގަނެވިއްކުމުގެ މުޢާމަލާތުގެ ޒާތަށާއި، މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ލިޔުންތަކާއި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު، އެ މުޢާމަލާތުގައި ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުޞަތު އޮތްކަމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ބުނާނަމަ މުޙައްމަދު ޝަފީޤު ހުށަހެޅި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހައިކޯޓަށް މި މައްސަލަ ބަލައިގަންނަންޖެހޭ ކަމަށް ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
73އިސްވެ ފާހަގަކުރެވުނު ސަބަބުތަކަށް ބަލައި، ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގައި […] ވިއްކުމުގެ މުޢާމަލާތް ސައްޚަކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުގައި، ބިން އަމިއްލަކޮށް ވިއްކުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ކަމަށް ނުވާތީ، އެ ޤަޟިއްޔާގައި ނާޒްނީން އިބްރާހީމުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު އ. 5695) އަމިއްލަ ގޯތީގައިވާ 1420 (އެއްހާސް ހަތަރުސަތޭކަ ވިހި) އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތައް ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހޭކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރަޢުޔު
74މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް ތާއިދުކުރަމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރަޢުޔު
75މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް ތާއިދުކުރަމެވެ.
އިސްތިއުނާފު ކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
76މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެން ނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު މުޙައްމަދު ސަލީމް (ރިޔާސަތު)
ފަނޑިޔާރު ދީބާނާޒް ފަހުމީ
ފުޓްނޯޓު
- […]
- […]
- ރަޖިސްޓަރީ ނަންބަރު: C-0146/2015
- ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ ދަޢުވާ ފޯމުގެ އެދޭގޮތް (ސިވިލް ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރު : CV-C/C-350/2022 އެއްބަސްވުމަށް ޙަވާލާދީފައިވެއެވެ)
- […] ގަނެވިއްކުމުގެ އެއްބަސްވުން (ނަންބަރު : CV-C/C-350/2022) ނަމުގައި ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އެއްބަސްވުން.
- މާލެ ސިޓީ ކައުންސިލްގެ ނަންބަރު 425-B5/2022/21 (28 މާރިޗު 2022 ) ސިޓީ. މިސިޓީ އަކީ އިސްތިއުނާފުގެ ޖަވާބުގައި ނާޒްނީން އިބްރާހީމުގެ ފަރާތުން ހުށަހެޅި ބަޔާނާއެކު އެޓޭޗުކޮށް ހައިކޯޓަށް ހުށަހެޅި ލިޔުމެއް.
- ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނާޒްނީން އިބްރާހީމްގެ ނަމުގައި އޮންނަ ބޭންކް އެކައުންޓްގެ ބޭންކް ސްޓޭޓްމެންޓް- މިއީ އިސްތިއުނާފުގެ ޖަވާބުގައި ނާޒްނީން އިބްރާހީމްގެ ފަރާތުން ހުށަހެޅި ބަޔާނާއެކު އެޓޭޗުކޮށް ހައިކޯޓަށް ހުށަހެޅި ލިޔުމެއް.
- […] އެވެ ކިޔާ ގޯތީގެ ނަންބަރު: އ. 5695 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ ސަފްޙާ 05 އަދި 06.
- ނަންބަރު 95-CR/INDIV/2022/456 (21 ނޮވެންބަރު 2022 ) ގައި "ރަޖިސްޓްރަރގެ ނިންމުން.
- އިސްތިއުނާފު ފޯމުގެ 6.1 ވަނަ ނުކުތާ
- އިސްތިއުނާފު ފޯމުގެ 6.2 ވަނަ ނުކުތާ
- އިސްތިއުނާފު ފޯމުގެ 6.3 ވަނަ ނުކުތާ
- އިސްތިއުނާފު ފޯމުގެ 6.4 ވަނަ ނުކުތާ
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ މުޙައްމަދު ޝަފީޤުގެ ފަރާތުން ފާހަގަކޮށްފައިވަނީ " ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން " މި ޝަރުޠެވެ. ބިމާބެހޭ ޤާނޫނުގެ ދެވަނަ އިސްލާޙުގެ ދަށުން އެޝަރުޠު ބަޔާންކޮށްފައިވަނީ އެ މާއްދާގެ (ހ) ގައެވެ.
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ ފެށުން
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 6 ވަނަ އިސްލާޙުގެ 1 ވަނަ ނަންބަރު
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 2 ވަނަ އިސްލާޙު
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 6 ވަނަ އިސްލާޙުގެ 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 25/2019
- މި މައްސަލަ ދަށުކޯޓުން ނިމިފައިވަނީ 26 އޮކްޓޫބަރު 2022 ގައެވެ. ގަވާއިދު ނަންބަރު 2022/R-181 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު) އަށް ޢަމަލުކުރަން ފެށިފައިވަނީ 30 އޮކްޓޫބަރު 2022 ގައެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008 "ވަނީ އުވާލާފައެވެ.
- ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008 ގެ 9 ވަނަ މާއްދާ
- ގަވާއިދު ނަންބަރު: 2016/R-8 (ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު 2008 އަށް 1 ވަނަ އިޞްލާޙުގެ ގެނައުން) ގެ ދަށުން ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 09 މާއްދާއަށް (ރ) ގެ ގޮތުގައި މި މާއްދާ އިތުރުކޮށްފައިވެއެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2014/SC-A/40 ޤަޟިއްޔާގެ 3 ވަނަ ނަންބަރުގެ (ޅ)
- ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު 2008 ގެ 9 ވަނަ މާއްދާގެ (ށ)
- "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު2008"ގެ 17 ވަނަ މާއްދާގެ (ހ)ގައި " އެމީހެއްގެ ނުވަތަ އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި މިގަވާޢިދުގެ 9 ވަނަ ނަންބަރުގެ (ށ) ގައިވާ ފަދަ ތަނެއް ރަޖިސްޓަރީކޮށްފައި އޮތުން " އެވެ.
- ސިވިލް ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރު : CV-C/C-350/2022 އެއްބަސްވުމުގެ 3 އަދި 4 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަސީމާ ޢަލީ ވ. މޫސާ ޙަލީމް 2014/SC-A/40 ޤަޟިއްޔާ
- މި އެއްބަސްވުން ރަޖިސްޓަރީ ކުރުމަށް ކޯޓަށް ދިޔަކަން ހަނދާނެއް ނެތްކަމަށް ނާޒްނީން އިބްރާހީމްގެ ފަރާތުން 13 މާރިޗު 2025 ދުވަހު ހައިކޯޓަށް ހުށަހެޅި ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ނާޒްނީން އިބްރާހީމްގެ ސޮޔެއް ނެތް ނަމަވެސް ފިންގަރ ޕްރިންޓެއް ޖަހާފައިވެއެވެ. ނަމަވެސް މި އެއްބަސްވުމުގެ ޞައްޙަކަމާމެދު މިއިސްތިއުނާފުގައި ސުވާލު އުފައްދާފައި ނުވެއެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/04 އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) (ބިމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ކުރިން (ށ))
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ށ) (ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) އުވާލުން)
- ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008 ގެ 9 ވަނަ މާއްދާ (ހ)، (ށ)، (ރ)
- ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު 2008 ގެ 17 ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ)
- ގަވާއިދު ނަންބަރު 2016/R-8 (ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު 2008 އަށް 1 ވަނަ އިޞްލާޙު ގެނައުން)
- ގަވާއިދު ނަންބަރު 2022/R-181 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު) (ދަށުކޯޓުން މައްސަލަ ނިމުމަށްފަހު ޢަމަލުކުރަން ފެށި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ސުޕްރީމް ކޯޓުގެ 2014/SC-A/40 (ނަސީމާ ޢަލީ ވ. މޫސާ ޙަލީމް)
- ސުޕްރީމް ކޯޓުގެ 2023/SC-HCL/04 (އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.