ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 27 · 2025/SC-A/40

ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޝަފީޤު، ނާޒްނީން އިބްރާހީމް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 ޖުލައި 2026ދަށު ކޯޓު: 2023/HC-A/43ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2023/HC-A/43، 2829-CVC-2022
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ހ. މެދުގެ ފިޔަވައި ނާޒްނީން އިބްރާހީމްއަށް ދިރިއުޅޭނެ ތަނެއް ނެތުމާއި، ގޯތީގެ އަގު އޭނާއަށް ނުލިބުމުން، ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 17 ވަނަ މާއްދާ ފުރިހަމަ ނުވާތީ، ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ވާޤިޢާ
ނާޒްނީން އިބްރާހީމްގެ ހ. މެދުގެ ޕްލާޒާ އެންޓަރޕްރައިޒަސްއަށް މިލްކުވެއްޖެކަމަށް ސިވިލް ކޯޓުން ޙުކުމްކުރުމުން، ޝަރުޢީ ބެލެނިވެރިޔާގެ ޙައިޘިއްޔަތުން މުޙައްމަދު ޝަފީޤު ސުޕްރީމް ކޯޓުގެ ހުއްދައާއެކު ހައިކޯޓަށް އިސްތިއުނާފުކުރިއެވެ. ފަހުން ހުއްދައިގެ ބިންގާ ނުކުތާތަކާއި ޙަޖުރުގެ މައްސަލަ ޝަފީޤު އަނބުރާ ގެންދިޔައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޙަޖުރުކުރުމުގެ ނިންމުމެއް ނެތި، ނާޒްނީން އިބްރާހީމްގެ ޝަރުޢީ ބެލެނިވެރިޔާގެ ޙައިޘިއްޔަތުން، އޭނާގެ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސްއަށް މިލްކުވެއްޖެކަމަށް ކަނޑައެޅި ސިވިލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު މުޙައްމަދު ޝަފީޤަށް ލިބިގެންވޭތޯ؛ އަދި ސުޕްރީމް ކޯޓުން ދިން ހުއްދައިގެ ބިންގާ ކަމަށްވި އިސްތިއުނާފީ ނުކުތާތަކާއި ޙަޖުރުގެ މައްސަލަ އަނބުރާ ގެންދިއުމުން އެ ޙައިޘިއްޔަތު ނިމި، ހައިކޯޓުގެ ޙުކުމް ބާޠިލުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްލާޒާ އެންޓަރޕްރައިޒަސް ބުނީ ޝަފީޤަށް އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ނެތްކަމަށާއި، އޭގެ އިޖުރާއީ އިޢުތިރާޟު ބަލައިނުގަތީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށެވެ. ރައްދުވާ ފަރާތްތަކުން ބުނީ ބިން އަމިއްލަ ކުރުމުގެ ކުރިން ކުރި އެއްބަސްވުން ބާޠިލު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިގެންވާ މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤުގެ ސަބަބުން، ކޯޓަކުން ޙަޖުރުނުކޮށްފިނަމަ ދިރިހުރި މީހެއްގެ މުދަލާ ގުޅޭ ޙުކުމެއް އޭނާގެ ރުހުމެއްނެތި އެހެން މީހަކަށް އިސްތިއުނާފު ނުކުރެވޭނެއެވެ. ޝަފީޤުގެ ޙައިޘިއްޔަތު ނެތުމުން ހައިކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން) – ސިވިލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު މުޙައްމަދު ޝަފީޤަށް ނެތުމުން؛ އިސްތިއުނާފުގެ އެހެން ނުކުތާތަކަށް ގޮތެއް ނުނިންމާ

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މުދާހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤަކީ ޤާނޫނުގައިވާ ގޮތުގެ މަތީން ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ޙައްޤެކެވެ. ކޯޓުގެ ނިންމުމަކުން މެނުވީ، އޭނާ ދިރިހުއްޓާ އެ ޙައްޤުން އޭނާ މަޙްރޫމް ނުކުރެވޭނެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1 ގެ 16 ވަނަ ނަންބަރުގެ ދަށުން ޙަޖުރުކުރުމުގެ މައްސަލައެއް ހުށަހެޅިގެން، މުދަލުން މުޢާމަލާތު ނުކުރެވޭ ގޮތަށް އެމީހަކު ޙަޖުރުކުރުމަށް ކޯޓުން ނިންމައި، އެމީހެއްގެ މުދަލުން މުޢާމަލާތުކުރުމުގެ ބާރު ޝަރީޢަތުން ދިނުމުން ނޫނީ މުދަލުގެ ވެރިފަރާތް ނޫން މީހަކަށް އެ މުދަލުން މުޢާމަލާތު ނުކުރެވޭނެއެވެ.

HN2 މީހަކު އަހުލިއްޔަތު ގެއްލިފައިވާކަމަށް ނުވަތަ އަމިއްލަ މުދަލުން އޭނާއަށް މުޢާމަލާތު ނުކުރެވޭނެކަމަށް ކަނޑައަޅާ ކޯޓުގެ ނިންމުމެއް ނެތްއިރު، އޭނާ ދިރި ދުނިޔޭގައި ހުއްޓައި، އޭނާގެ ރުހުންނެތި، އޭނާގެ މުދަލުން އެހެން މީހަކަށް މުޢާމަލާތު ނުކުރެވޭނެއެވެ. އަދި އޭނާގެ މުދަލާ ގުޅޭ ކޯޓުގެ ނިންމުމެއް އޭނާގެ ރުހުމެއްނެތި އެހެން މީހަކަށް އިސްތިއުނާފު ނުކުރެވޭނެއެވެ. އެ ނިންމުން އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު އެހެން މީހަކަށް ލިބޭނީ، ޙަޖުރުކުރުމުގެ މައްސަލައިގައި އެމީހަކު ޙަޖުރުކޮށް، އޭނާގެ މުދަލުން މުޢާމަލާތުކުރުމުގެ ބާރު ކޯޓުން އެ މީހަކަށް ލިބިދިންނަމައެވެ.

HN3 މީހަކީ ސިކުނޑި ހަމަނުޖެހޭ، އަމިއްލައަށް މުޢާމަލާތުކުރުމުގެ ޤާބިލުކަން ނެތް މީހެއްކަމަށް އެހެން މީހަކު ބުނާ ބުނުމަކަށް، ނުވަތަ އެމީހަކު ޙަޖުރުކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅައި ހިނގަމުން ދިއުމަކުން، އެމީހެއްގެ އަމިއްލަ މުދަލުން މުޢާމަލާތްކުރުމުގެ ޙައްޤު އެހެން މީހަކަށް ލިބިގެން ނުވެއެވެ. ޙަޖުރުކުރުމުގެ މައްސަލަ ކޯޓުން ބާޠިލުކުރުމުގެ ޤާނޫނީ ނަތީޖާއަކީ، ޙަޖުރުކުރުމުގެ ޤަޟިއްޔާއެއްގެ ދަށުން އެމީހަކީ މުދަލުން ތަޞައްރުފުކުރުމުގެ ޤާބިލުކަން ނެތް ފަރާތެއްކަން ކަނޑައެޅެންދެން، އެމީހަކީ އޭނާގެ މުދަލުން ތަޞައްރުފުކުރެވޭނެ ފަރާތެއް ކަމުގައި ބެލެވުމެވެ.

HN4 ސުޕްރީމް ކޯޓުން އިސްތިއުނާފުކުރުމުގެ ފުރުސަތު ލިބިދީފައިވަނީ ވަކި ކަންކަމެއްގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، އެ ކަންކަމާ ގުޅޭ އިސްތިއުނާފީ ނުކުތާތައް އިސްތިއުނާފުކުރާ ފަރާތުން އަނބުރާ ގެންދިއުމާއެކު، އަދި ޙަޖުރުކުރުމުގެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ ބާޠިލުކުރުމާއެކު، ސުޕްރީމް ކޯޓުން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ނިމުމަކަށް އަންނާނެއެވެ. އެ ޙައިޘިއްޔަތު ގެއްލިފައިވާ ޙާލަތުގައި އިސްތިއުނާފު ކުރިއަށް ގެންގޮސް ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހެއެވެ.

HN5 އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ނެތް ފަރާތަކުން ހުށަހަޅާ އިސްތިއުނާފެއްގައި ކޯޓުން ނިންމާ ނިންމުމަކީ، ބާޠިލު ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ބާޠިލު ކަމެކެވެ. އެފަދަ ނިންމުމެއް ބާޠިލުކުރަންޖެހޭ ޙާލަތުގައި، އިސްތިއުނާފީ ނުކުތާތަކުގައި ދެންހުރި ކަންތައްތަކަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ނުޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޝާހީން ޙަމީދު، އާމިނަތު އަމަތުﷲ، ޕްރިމިއަރ ޗެމްބާރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު މުރާދު، އިބްރާހީމް ފައުޒީ، ޝަހީމް އަޙްމަދު، މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް، އިންސާފް ލީގަލް ލ.ލ.ޕ
ބެންޗު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު
ރިޔާސަތު
ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް
ވަކި ރައުޔު
ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2026] SC 27 2025/SC-A/40 ޝަރީޢަތް ނިމުނުގޮތް ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޝަފީޤު އަދި ނާޒްނީން އިބްރާހީމް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޙުސައިން ޝަހީދު ފަނޑިޔާރު ޢަބްދުﷲ ޙަމީދު ނިމުނު ތާރީޚް 06 ޖުލައި 2026 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2023/HC-A/43 އިސްތިއުނާފުކުރާ ފަރާތް ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު: ޝާހީން ޙަމީދު، ޕްރިމިއަރ ޗެމްބަރސް އެލް.އެލް.ޕީ އާމިނަތު އަމަތުﷲ، ޕްރިމިއަރ ޗެމްބަރސް އެލް.އެލް.ޕީ އިސްތިއުނާފު ރައްދުވާ ފަރާތް 1. މުޙައްމަދު ޝަފީޤު، ހ. ޝަފީޤުގެ، މާލެ ޤާނޫނީ ވަކީލު: އަޙްމަދު މުރާދު، މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް 2. ނާޒްނީން އިބްރާހީމް، ހ. މެދުގެ، މާލެ ޤާނޫނީ ވަކީލު: އިބްރާހީމް ފައުޒީ، އިންސާފް ލީގަލް އެލް.އެލް.ޕީ. ޝަހީމް އަޙްމަދު، އިންސާފް ލީގަލް އެލް.އެލް.ޕީ. މަދަނީ - ބިމާއި ޢިމާރާތް ވިއްކުން - އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު - ޙަޖުރުކުރުން بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޝަފީޤު އަދި ނާޒްނީން އިބްރާހީމް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "ޕްލާޒާ އެންޓަރޕްރައިޒަސް" ކަމަށް ބުނެފައިވާ ފަރާތް) އިން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ދެ ފަރާތަކަށެވެ. އެއީ، ހ. ޝަފީޤުގެ، މާލެ، މުޙައްމަދު ޝަފީޤު (މީގެފަހުން "މުޙައްމަދު ޝަފީޤު" ކަމަށް ބުނެފައިވާ ފަރާތް) އާއި، ހ. މެދުގެ، މާލެ، ނާޒްނީން އިބްރާހީމް (މީގެފަހުން "ނާޒްނީން އިބްރާހީމް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

ކަންހިނގާފައިވާ ގޮތް

2މާލެ މުނިސިޕަލްޓީއިން ނާޒްނީން އިބްރާހީމްގެ ނަމުގައި ދޫކޮށްފައިވާ، ހ. މެދުގެ އެވެ ކިޔާ 1420 އަކަފޫޓުގެ ބަންޑާރަ ގޯތި، އަމިއްލަކުރުމަށްފަހު އެ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސް އަށް ވިއްކުމަށް މި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށް ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ބިން ވިއްކުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަގަކީ -/1,192,800 ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) އެވެ.

3ހ. މެދުގެ އެވެ ކިޔާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ސަރުކާރަށް ދައްކަންޖެހޭ އަގަކީ -/1,192,800 ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ކަމުގައި ކަނޑައަޅައި، އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކި ރަސީދާއެކު ގޯތީގެ ރަޖިސްޓްރީ ބަދަލުކޮށްދިނުމަށް އެދި ހުށަހެޅުމުން، އެފަދައިން ރަޖިސްޓްރީ ބަދަލުކޮށްދޭނެ ކަމަށް 28 މާރޗް 2022 ގައި މާލެ ސިޓީ ކައުންސިލުން ނާޒްނީން އިބްރާހީމްއަށް އެންގިއެވެ.

4ބަޔާންވެދިޔަ -/1,192,800 ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ޕްލާޒާ އެންޓަރޕްރައިޒަސްއިން ނާޒްނީން އިބްރާހީމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަށް 2 ޖޫން 2022 ގައި ޖަމާކޮށްފައިވާއިރު، ނާޒްނީން އިބްރާހީމްގެ އެކައުންޓުން މިނިސްޓްރީ އޮފް ފިނޭންސްގެ އެކައުންޓަށް އެ ފައިސާ 5 ޖޫން 2022 ގައި ޖަމާކޮށްފައިވެއެވެ. އަދި މި ފައިސާ ދައްކާ ޚަލާސްކުރުމާ ގުޅިގެން ހ. މެދުގެ އެވެ ކިޔާ ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީ ބާޠިލުކޮށް، ޢިމާރާތާއި ގޯތީގެ އައު ރަޖިސްޓްރީއެއް އެ ގޯއްޗަށް މާލެ ސިޓީ ކައުންސިލުން ހަދާދިނެވެ.

5ހ. މެދުގެ އެވެ ކިޔާ އަމިއްލަ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސް އަށް ވިއްކައި، އެ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސްއަށް މިލްކުވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ނާޒްނީން އިބްރާހީމްގެ ފަރާތުން 29 ޖޫން 2022 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި މި ހުށަހެޅުމާ ގުޅިގެން، އެ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސްއަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވެއެވެ.

6ކަން މިހެން އޮއްވާ ސިވިލް ކޯޓުގެ އިސްވެ ބަޔާންވެދިޔަ ޤަޟިއްޔާ، ނާޒްނީން އިބްރާހީމްގެ ޝަރުޢީ ބެލެނިވެރިޔާގެ ޙައިޘިއްޔަތުން ކަމަށްބުނެ، ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހެޅިއެވެ.

ހައިކޯޓުގެ ނިންމުން

7މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ބެލިއިރު ހައިކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ޙައިޘިއްޔަތު މުޙައްމަދު ޝަފީޤުގެ ކިބައިގައިވާކަން އެނގެން ނެތުމުން، އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމިއެވެ. އަދި ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރަން އެދި މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހެޅުމުން، ރަޖިސްޓްރާރގެ ނިންމުމަށް ހައިކޯޓުގެ ފަނޑިޔާރުން ތާއީދުކޮށްފައިވެއެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުޙައްމަދު ޝަފީޤުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، 15 ޖަނަވަރީ 2023 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި މުޙައްމަދު ޝަފީޤުގެ ފަރާތުން އިސްތިއުނާފު ފޯމު ހުށަހަޅައިފިނަމަ އެއީ ހައިކޯޓުން ބަލައިގަންނަންޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.

8މުޙައްމަދު ޝަފީޤު ހުށަހެޅި މައްސަލަ ހައިކޯޓުން ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާއިން އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ޤަޟިއްޔާ ބާޠިލުކަމަށް ކަނޑައަޅާފައިވެއެވެ.

8.1. ހ. މެދުގެ ފިޔަވައި ނާޒްނީން އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް އިތުރު ތަނެއް ނެތްކަމާއި، ހ. މެދުގެ އަކީ ނާޒްނީން އިބްރާހީމް މިހާރުވެސް ދިރިއުޅޭ ތަން ކަމާއި، އެތަން ފިޔަވައި ނާޒްނީން އިބްރާހީމް ދިރިއުޅޭނެ އެހެންތަނެއްވެސް ނެތްކަމާއި، އެހެން ކަމުން، "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު" ގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުޠު ފުރިހަމަ ނުވާކަމާއި، އަދި އެ މާއްދާގެ (ށ) ގައި ބުނާ، އެމީހެއްގެ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއް އޮވެ، އެތަނެއްގައި އެމީހަކު ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވުން ކަމަށް ބުނާ ޝަރުޠުވެސް ނާޒްނީން އިބްރާހީމްގެ ކިބައިގައި ފުރިހަމަ ނުވާކަން؛

8.2. ހ. މެދުގެ ވިއްކުމުގެ މުޢާމަލާތުގެ އަގުކަމަށް ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ފާހަގަކުރާ، ނާޒްނީން އިބްރާހީމްގެ އެކައުންޓަށް އެ ކުންފުނިން 02 ޖޫން 2022 ގައި ޖަމާކުރި ފައިސާ ބޭނުންކުރެވިފައިވަނީ ގޯތި އަމިއްލަކުރުމަށް ދައުލަތަށް ފައިސާ ދެއްކުމަށް ކަމަށްވުމުން، ޙަޤީޤީ މާނައިގައި ހ. މެދުގެ ވިއްކުމުގެ މުޢާމަލާތުގެ މުޤާބިލުގައި ނާޒްނީން އިބްރާހީމްއަށް އެއްވެސް މަންފާއެއް ލިބިފައި ނުވާކަމާއި، މި ފައިސާ ނާޒްނީން އިބްރާހީމްގެ އެކައުންޓަށް ޖަމާވުމަކީ އޭގެ މައްޗަށް ބުރަވެ ނާޒްނީން އިބްރާހީމްގެ ކިބައިގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރިކަމަށް ބެލެވިދާނެ ސަބަބެއް ނޫންކަމާއި، އެހެންކަމުން ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ، އެމީހެއްގެ އަތުގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނާޒްނީން އިބްރާހީމްގެ ކިބައިގައިވާ ކަމަށް ބެލެވޭނެ ހަމައެއް ނެތްކަން.

9ހައިކޯޓުގެ މި ޙުކުމް ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު

10ހައިކޯޓުގެ ޙުކުމް ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ހަތަރު ނުކުތާއެއް ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.

10.1 ފުރަތަމަ ނުކުތާއަކީ، ހައިކޯޓުގެ ޤަޟިއްޔާ ނިންމުމުގައި ސުޕްރީމް ކޯޓުން މުޙައްމަދު ޝަފީޤަށް އިސްތިއުނާފުކުރުމުގެ ހުއްދަ ލިބިގެންވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބު ނެތިދިއުމުން، މުޙައްމަދު ޝަފީޤަށް އިސްތިއުނާފުކުރުމުގެ ހައްޤު ލިބިގެން ނުވާއިރު، އެކަމަށް ރިޢާޔަތް ނުކޮށް އަދި އެކަމާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި އިޖުރާއީ އިޢުތިރާޟަށް ރިޢާޔަތްނުކޮށް، ހ. މެދުގެ ތަޞައްރުފުކުރުމުގެ މުޅި މުޢާމަލާތުގައި ނާޒްނީން އިބްރާހިމް އަށް އެއްވެސް މަންފާއެއް ވެފައި ނުވާކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

10.2 ދެވަނަ ނުކުތާއަކީ، 19 މާރޗް 2024 ގައި ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، މުޙައްމަދު ޝަފީޤުގެ ފަރާތުން އިސްތިއުނާފު ފޯމުގެ 6.3 އަދި 6.4 ވަނަ އިސްތިއުނާފީ ނުކުތާތައް އަނބުރާ ގެންދިއުމުގެ މައްޗަށް ރިޢާޔަތްކޮށް، މުޙައްމަދު ޝަފީޤަކީ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ ފަރާތެއް ނޫންކަމަށް ބަޔާންކޮށް ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ހަމަ އެ ދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި އިޖުރާއީ ނުކުތާއެއް ނެގިނަމަވެސް، ލިޔުމުން އެ އިޢުތިރާޟު ހުށަހަޅާފައިވަނީ ކޯޓުން ދިން މުއްދަތުގެ ފަހުންކަމަށް އެކަނި ރިޢާޔަތްކޮށް، އެ ނުކުތާ ބަލައިގަނެފައި ނުވަނީ ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

10.3 ތިންވަނަ ނުކުތާއަކީ، މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި ހުށަހެޅުމުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 421 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަން ހާމަވާއިރު، އެކަމަށް ރިޢާޔަތް ނުކޮށް ހައިކޯޓުން ޙުކުމްކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

10.4 ހަތަރުވަނަ ނުކުތާއަކީ، ހައިކޯޓުގެ ޤަޟިއްޔާގައި ބިމާބެހޭ ޤާނޫނު ގެ 18 ވަނަ މާއްދާގެ (ހ) އާއި ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާއިދުގެ 17 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަސީމާ ޢަލީ ވ. މޫސާ ޙަލީމް ޤަޟިއްޔާގެ އުޞޫލު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11މި ނުކުތާތަކުގެ ރައްދުގައި މުޙައްމަދު ޝަފީޤުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކުރެއެވެ.

11.1 މީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗެއް ވިއްކާލެވޭނީ އެ ގޯތީގައިވާ ބިން އަމިއްލަ ކުރުމަށްފަހު ކަން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ އަދި ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު (1 އޮކްޓޫބަރު 2008) ގެ 9 ވަނަ މާއްދާއިން އެނގެން އޮންނަ ކަމަށާއި، ޕްލާޒާ އެންޓަރޕްރައިޒަސް އިން ފައިސާ ދައްކާފައިވަނީ ހ. މެދުގެ އެވެ ކިޔާ ގޯތީގެ ބިން އަމިއްލަކުރުމުގެ ކުރިންކަމުން، ޕްލާޒާ އެންޓަރޕްރައިޒަސް އިން ނާޒްނީން އިބްރާހީމް އަށް ދައްކާފައިވާ ފައިސާއަކީ ހ. މެދުގޭގެ ބިން އަމިއްލަކުރުމަށް ދައުލަތަށް ދެއްކުމަށްޓަކައި ދީފައިވާ ފައިސާކަން އެނގޭކަމާއި، ޕްލާޒާ އެންޓަރޕްރައިޒަސްއާއި ނާޒްނީން އިބްރާހީމްއާ ދެމެދު ވެވުނު އެއްބަސްވުމަކީ، ގޯތި ވިއްކުމުގެ މުޢާމަލާތުގެ ތެރެއިން ނާޒްނީން އިބްރާހީމްއަށް ފައިސާ ލިބުނުކަން ދަލާލަތުކޮށްދޭ ހެއްކެއް ނޫންކަމަށާއި،

11.2. ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްލާޒާ އެންޓަރޕްރައިޒަސް ގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ، ހައިކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް ނުވާތީ، އަދި ހައިކޯޓަށް ހުށަހެޅިފައި ނުވާ ހުށަހެޅުމެއް ސުޕްރީމް ކޯޓަށް ބަލައިގަނެ އެއާމެދު ގޮތެއް ކަނޑައަޅަންޖެހޭ އިސްތިސްނާ ޙާލަތެއް ޕްލާޒާ އެންޓަރޕްރައިޒަސް އަށް ބުނެދެވިފައި ނުވާތީ، އެ ނުކުތާގައި ގޮތެއް ކަނޑައަޅަން ނުޖެހޭކަމާއި، ސުޕްރީމް ކޯޓުގެ އަޙްމަދު އަމީން (އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް) ވ. ދައުލަތް (މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސް) ޤަޟިއްޔާއާއި، ހައިކޯޓުގެ އާމިނަތު ޖީޒާ ވ. ފައުޒިއްޔާ ޢަލީ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، މަދަނީ އިޖުރާއަތު ޤާނޫނުގެ 421 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރެވިދާނެ ޙާލަތެއް މި މައްސަލައިގައި ނެތްކަމަށާއި،

11.3. ނާޒްނީން އިބްރާހީމް ދިރިއުޅޭނެ އެހެންތަނެއް ހުރިކަމަށް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ ނާޒްނީން އިބްރާހީމްއަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ލިބިގެންވުމުގެ މައްޗަށް އެކަނިކަން ސިވިލް ކޯޓުގެ ޤަޟިއްޔާއަށް ބެލުމުން އެނގޭ ކަމާއި، ހ. މެދުގެ، ޕްލާޒާ އެންޓަރޕްރައިޒަސް އަށް ވިއްކާލުމަށްފަހުވެސް ނާޒްނީން އިބްރާހީމް ދިރިއުޅެމުން ގެންދިޔައީ ހ. މެދުގޭގައި ކަމަށާއި، ހ. މެދުގެއިން ނާޒްނީން އިބްރާހީމް ނެރުމަށް އެއްވެސް މަސައްކަތެއް ޕްލާޒާ އެންޓަރޕްރައިޒަސް އިން ކޮށްފައި ނުވާކަމަށާއި، ނާޒްނީން އިބްރާހީމް ދުނިޔޭގައި ހުރި ހުރިހާ ދުވަހަކު ހ. މެދުގޭގައި ނާޒްނީން އިބްރާހީމް އަށް ދިރިއުޅެވޭނެ ގޮތް ހަމަޖެއްސުމަށް ޕްލާޒާ އެންޓަރޕްރައިޒަސް އިން އެއްބަސްވެފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމަކީ ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކަށަވަރުކުރެވިފައިވާ ކަންކަން ނޫންކަން ނާޒްނީން އިބްރާހީމްއާއި ޕްލާޒާ އެންޓަރޕްރައިޒަސް އިން ސިވިލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގޭކަމާއި، އެކަންކަން ހައިކޯޓަށްވެސް ހުށަހެޅި ބަހުސް ކުރެވިފައި ނުވާކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

12އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ނާޒްނީން އިބްރާހީމްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

12.1 ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުން ނާޒްނީން އިބްރާހީމް އަށް އެއްވެސް ފައިދާއެއް ވެފައި ނުވާކަމަށާއި، ޕްލާޒާ އެންޓަރޕްރައިޒަސް އިން ނާޒްނީން އިބްރާހިމްއަށް ދައްކާފައިވަނީ ބިން އަމިއްލަ ކުރުމަށްދާ ފައިސާ ކަމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ އަދި ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާގައި ބަންޑާރަ ގޯއްޗެއް ވިއްކާލެވޭނީ ބިން އަމިއްލަ ކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާއިރު މި އެއްބަސްވުން ހެދިފައިވަނީ ހ. މެދުގެ އެވެ ކިޔާ ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ވަނިކޮށް ކަމަށްވުމުން، އެއީ ގޯތި ވިއްކިދާނެ ޙާލަތެއް ނޫންކަމަށްވާއިރު، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަކީ ޤާނޫނީ ގޮތުން ތަންފީޒުކުރެވިދާނެ އެއްބަސްވުމެއް ނޫންކަމަށާއި،

12.2. ނާޒްނީން އިބްރާހީމް ދިރިއުޅެމުންދަނީ ހ. މެދުގޭގައި ކަމަށާއި، ދުނިޔޭގައި ހުރިހާ ދުވަހަކު ހ. މެދުގޭގައި ނާޒްނީން އިބްރާހީމް އަށް ދިރިއުޅެވޭނެ ކަމަށް ޕްލާޒާ އެންޓަރޕްރައިޒަސްއިން ބުނާއިރު، އެއީ ހައިކޯޓުގައި އަދި ސިވިލް ކޯޓުގައިވެސް ފާހަގަކޮށް ވާހަކަ ދެކެވިފައިވާ ކަމެއް ނޫންކަމަށާއި، މި ކަންކަމަކީ އިސްތިއުނާފީ މައްސަލައާ ގުޅިގެން ހައިކޯޓުގައި ބަހުސްކުރެވިފައިވާ ކަންކަމަށް ނުވާއިރު، މިކަންކަން އަލުން ސުޕްރީމް ކޯޓަށް ހުށަހެޅިދާނެކަމަށް ނުދެކޭކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

މުދަލުން މުޢާމަލާތު ކުރުމުގެ ޙައްޤު

13ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ "މުދާހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވެއެވެ." މިހެންނެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ، "ކޮންމެ ކުއްޖަކަށްމެ، ޤާނޫނުގައިވާ ގޮތުގެމަތިން މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ލިބިގެންވެއެވެ." މިހެންނެވެ. ކުޑަކުދިންގެ ނަމުގައި ހުރި މުދަލާއި އެކުދިންނަށް ވާރުތަ ނުވަތަ ތަރިކައިގެ ތެރެއިން ލިބޭނެ މުދާ އެކުދިންނަށް 18 (އަށާރަ) އަހަރު ވުމުގެ ކުރިން އެކުދިންގެ ބޭނުންތަކަށް ބޭނުންކުރުމާއި، ވިއްކާލުމާއި، ބަދަލުކުރުމާބެހޭ އުސޫލުތައް [ޤަވާޢިދުގައި] ބަޔާންކުރަންވާނެ ކަމަށް އެމާއްދާގެ (ށ) ގައި ބަޔާންވެގެންވެއެވެ. އެ ޤަވާޢިދު މިހާތަނަށް ހަދާފައި ނުވާތީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޤާނޫނުގައި އެ ބުނާ ކަންކަމުގައި، އެ މަރުޙަލާގައި ޢަމަލުކުރަންޖެހޭނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތަށެވެ. މުދަލުން މުޢާމަލާތު ކުރުމުގައި ޢާންމު އުޞޫލެއްގެ ގޮތުން ބޮޑު މީހެއް ކަމަށް ރާއްޖޭގައި ބަލަނީ 18 އަހަރު ފުރުމުންނެވެ. ނަމަވެސް އެއްބަސްވުމާއި ގުޅޭ ކަންކަމުގައި ބޮޑުމީހެއް ކަމަށް ބަލަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ގޮތަށް 16 އަހަރު ފުރުމުންނެވެ.

14HN1މުދަލުން މުޢާމަލާތު ކުރުމުގެ ޙައްޤަކީ ޤާނޫނުގައިވާ ގޮތުގެ މަތީން ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ޙައްޤެކެވެ. ކޯޓުގެ ނިންމުމަކުން މެނުވީ، އޭނާ ދިރިހުއްޓާ އެ ޙައްޤުން އޭނާ މަޙްރޫމް ނުކުރެވޭނެއެވެ. މިސާލަކަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ ޖަދުވަލު 1 ގެ 16 ވަނަ ނަންބަރުގެ ދަށުން ޙަޖުރުކުރުމުގެ މައްސަލައެއް ހުށަހެޅިގެން މުދަލުން މުޢާމަލާތު ނުކުރެވޭ ގޮތަށް އެމީހަކު ޙަޖުރުކުރުމަށް އެ މައްސަލައިގައި ކޯޓުން ނިންމައި، އެމީހެއްގެ މުދަލުން މުޢާމަލާތު ކުރުމުގެ ބާރު ޝަރީޢަތުން ދިނުމުން ނޫނީ މުދަލުގެ ވެރިފަރާތް ނޫން މީހަކަށް އެ މުދަލުން މުޢާމަލާތު ނުކުރެވޭނެއެވެ.

15މިއީ މީހުންގެ އަމިއްލަ މިލްކިއްޔާތު ރައްކާތެރިކުރުމަށާއި، ފަރުދުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތާއި ޤާނޫނުގައި ކަނޑައަޅާފައިވާ މުހިންމު އަސާސެކެވެ.

މި އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުން

16މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މުޙައްމަދު ޝަފީޤުއެވެ. ނާޒްނީން އިބްރާހިމްގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނުވެއެވެ. ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު މުޙައްމަދު ޝަފީޤުއަށް ލިބިގެންވާ ކަމާމެދު ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާގައި ސުވާލު އުފައްދާފައިވެއެވެ.

17HN3ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުނު ކަމުގައި ވީނަމަވެސް، އެ މައްސަލައިގައި ސިވިލް ކޯޓުން ގޮތެއް ނިންމާފައި ނުވެއެވެ. އެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތުން އެދިގެން ސިވިލް ކޯޓުން އެ މައްސަލަ ބާޠިލުކޮށްފައިވާކަން މި މައްސަލައިގެ ދެ ފަރާތުގެ ވާހަކަތަކުން އެނގެއެވެ. ނާޒްނީން އިބްރާހީމް ބުއްދި ސަލާމުން ހެޔޮޙާލުގައި ހުރިކަމަށް އޭނާގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އެކަން ނަފީކުރާނެ ލިޔުމެއް ޝަރީޢަތަށް ހުށަހެޅިފައި ނުވެއެވެ.

18HN2މިގޮތުން، ނާޒްނީން އިބްރާހީމްގެ އަމިއްލަ މުދަލުން އޭނާއަށް މުޢާމަލާތު ނުކުރެވޭނެ ކަމަށް ކޯޓުގެ ނިންމުމެއް ނެތްއިރު، އޭނާ ދިރި ދުނިޔޭގައި ހުއްޓައި، އޭނާގެ ރުހުންނެތި، އޭނާގެ މުދަލުން އެހެން މީހަކަށް މުޢާމަލާތު ނުކުރެވޭނެއެވެ. ނާޒްނީން އިބްރާހީމް އަކީ ހ. މެދުގޭގެ ވެރިފަރާތް ކަމަށްވެފައި، ހ. މެދުގެ ވިއްކުމުގެ މުޢާމަލާތް ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާއިން ނިމިފައިވާއިރު، ނާޒްނީން އިބްރާހީމް ދިރި ދުނިޔޭގައި ހުއްޓައި، އޭނާގެ ރުހުންނެތި، ސިވިލް ކޯޓުގެ އެ ނިންމުން އެހެން މީހަކަށް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެއެވެ. ސިވިލް ކޯޓުގެ ބުނެވިދިޔަ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު އެހެން މީހަކަށް ލިބޭނީ ސިވިލް ކޯޓަށް ހުށަހެޅުނު ޙަޖުރުކުރުމުގެ މައްސަލައިގައި ނާޒްނީން އިބްރާހީމް ޙަޖުރުކޮށް، ނާޒްނީން އިބްރާހީމްގެ މުދަލުން މުޢާމަލާތު ކުރުމުގެ ބާރު ކޯޓުން އެ މީހަކަށް ލިބިދިންނަމައެވެ.

19މިކަންކަން މިގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު މުޙައްމަދު ޝަފީޤުއަށް ލިބިގެން ނުވާކަން ފާހަގަކުރެވެއެވެ.

20HN5ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ނެތް ފަރާތަކުން ކަމަށްވެފައި، ބާޠިލު ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނާނީ ބާޠިލު ކަންތައްތަކެއް ކަމަށްވާއިރު، އެ މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ބާޠިލުކުރަންޖެހޭތީ، އިސްތިއުނާފީ ނުކުތާތަކުގައި ދެންހުރި އިތުރު ކަންތައްތަކަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމޭނެ ތަނެއް ނެތްކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިދިނުން

21ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ ނިންމުން ނާޒްނީން އިބްރާހީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނުވެއެވެ. އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އިސްތިއުނާފުކުރަން ބޭނުންވާކަމަށް ނާޒްނީން އިބްރާހީމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

22ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު އުޒުރެއް މެދުވެރިވުން ކަމުގައިވާނަމަ، އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވި ފަހުންވެސް އެ މައްސަލަ އިސްތިއުނާފަށް ބަލައިގަތުމުގެ ބާރު ކަމާބެހޭ އިސްތިއުނާފީ ކޯޓަށް ލިބިގެންވާކަން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) އިން އެނގެއެވެ. އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފުކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއްތޯ ބަލައި ވަޒަންކުރުމުގައި ރިޢާޔަތްކުރެވިދާނެ ބައެއް ސަބަބުތަކުގެ ތެރޭގައި، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން ހިމެނޭކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ މައްސަލައެއް ކަމަށްވާ ފާޠިމަތު ވ. އާމިނަތު ޙުސައިން ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

23ހ. މެދުގެ އެވެ ކިޔާ 1420 އަކަފޫޓުގެ ބަންޑާރަ ގޯތި ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ޕްލާޒާ އެންޓަރޕްރައިޒަސްއިން ނާޒްނީން އިބްރާހީމްއަށް -/1,192,800ރ. (އެއްމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ރުފިޔާ) ދީފައިވާއިރު، ހަމަ އެ ޢަދަދަކީ ބިން މިލްކުކުރުމަށް ދައުލަތަށް ދެއްކި މިންވަރުކަމަށާއި، އެއްބަސްވުމުގެ ދަށުން ބިމުގެ އަގުގެ ގޮތުގައި ނާޒްނީން އިބްރާހީމަށް އިތުރު ފައިސާއެއް އަދި މަންފާއެއް ވެސް ނުލިބޭކަމަށް ނާޒްނީން އިބްރާހީމްގެ ފަރާތުން ބުނެފައިވެއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިފަހުން ވެސް ކުލީގެ ގޮތުގައި ކުރިން ދައްކަމުން ދިޔަ ފައިސާ ދައްކަމުން ގޮސް، 3.5 މިލިއަން ރުފިޔާ ނާޒްނީން އިބްރާހީމްއަށް ދީފައިވާ ކަމަށް ޕްލާޒާ އެންޓަރޕްރައިޒަސްއިން ބުނި ނަމަވެސް، އެފައިސާއަކީ އެއްބަސްވުމުގެ ދަށުން ދިން ފައިސާއެއް ނޫންކަން ޕްލާޒާ އެންޓަރޕްރައިޒަސްގެ ބަހުން އެނގެއެވެ. އަދި ސިވިލް ކޯޓުން މައްސަލަ ނިންމިއިރު، ނާޒްނީން އިބްރާހީމް ދިރިއުޅޭނެ ތަނެއް އޮތްތޯ ބެލުމުގައި ކަންހިނގާފައިވަނީ ރާއްޖޭގެ ކޯޓުތަކުން މިކަމުގައި ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތަށް ނޫންކަން ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ޤަބޫލުކުރާކަން، ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން ވެސް ދޭހަވާކަން ފާހަގަކުރެވެއެވެ. މިގޮތުން މި މުޢާމަލާތުގައި ފާޅުކަން ބޮޑު ބޭއިންސާފެއް އޮތް ކަމުގެ އިޙްތިމާލު ފާޅުކަން ބޮޑުކޮށް ފެންނަން އޮތްކަން ފާހަގަވެއެވެ. އަދި ގޯތި ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ނާޒްނީން އިބްރާހީމަށް އަގުގެ ގޮތުގައި ފައިސާ ނުވަތަ މަންފާއެއް ލިބިފައި ނެތްކަމަށް ބުނާބުނުމާއި، ނާޒްނީން އިބްރާހިމް މިހާރު ދިރިއުޅޭނެ ތަނެއްވެސް ނެތްކަމަށް ބުނާއިރު، މިކަމުގައި ނުރަނގަޅު ނުފޫޒެއް އޮތުމުގެ އިޙްތިމާލުވެސް އޮތްކަމަށް ބެލުމުގެ ޖާގަ އޮތްކަން ވެސް ފާހަގަވެއެވެ.

24ސުޕްރީމް ކޯޓުގެ ކުރިމަތީގައި މިކަންކަން މިގޮތަށް ހާމަވެ ފެންނަން އޮތްއިރު، އަޅާނުލާ ދޫކޮށްލުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.

25މުޙައްމަދު ޝަފީޤުގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅި ދުވަސްކޮޅަކީ ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލައެއް ވެސް ސިވިލް ކޯޓަށް ހުށަހެޅި ހިނގަމުން ދިޔަ ދުވަސްކޮޅަކަށްވުމާއި، މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި ވަށައިގެން އެންމެހާ ކަންކަމަށް ބަލާއިރު، މިއީ ޚާއްޞަ ޙާލަތަކަށް ބަލައި، ނާޒްނީން އިބްރާހީމްގެ ފަރާތުން އެދިފައިވާ ގޮތަށް ސިވިލް ކޯޓުން މި މައްސަލައިގައި ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު ނާޒްނީން އިބްރާހީމަށް ލިބިދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް އަހުރެންނަށް ފެނެއެވެ.

މައްސަލަ ނިންމަން އަހުރެންނަށް ފެންނަގޮތް

26ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ޙައިޘިއްޔަތު މުޙައްމަދު ޝަފީޤުއަށް ލިބިގެން ނުވާތީ، ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަން ފެނެއެވެ.

27އަދި ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ނާޒްނީން އިބްރާހީމްއަށް ލިބިދިނުމުގެ ގޮތުން، ވަކި މުއްދަތެއްގެ ތެރޭގައި ނާޒްނީން އިބްރާހީމްގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅައިފިނަމަ، މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން ގޮތެއް ނިންމަންޖެހޭކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައިގެ ތެރެއިން ނިއުޅިފައިވާ ހަޤީޤަތްތައް

28މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދިނުމުގެ ކުރިން މި މައްސަލައިގެ ތެރެއިން ފެންނަން ހުރި ޙަޤީޤަތްތަކަށް ފުރަތަމަ ބަލާލުން މުޙިއްމުކަމުގައި ދެކެމެވެ. އެގޮތުން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

28.1. ނާޒްނީން އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ހ. މެދުގެ އެވެ ކިޔާ އަމިއްލަ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސް އަށް ވިއްކައި، އެ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސް އަށް މިލްކުވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ނާޒްނީން އިބްރާހީމްގެ ފަރާތުން 29 ޖޫން 2022 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމާއި، އެހުށަހެޅުމާ ގުޅިގެން ހ. މެދުގެ ޕްލާޒާ އެންޓަރޕްރައިޒަސް އަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި 26 އޮކްޓޫބަރު 2022 ގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވުން،

28.2. މުޙައްމަދު ޝަފީޤަކީ ނާޒްނީން އިބްރާހީމްގެ ޝަރުޢީ ބަލަދުވެރިޔާ ކަމަށްވާތީއާއި، ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލައެއް ސިވިލް ކޯޓުގެ ނަންބަރު 4037-CVC-2022 ޤަޟިއްޔާއިން ބަލަމުންދާ ކަމަށް ބުނެ، ނާޒްނީން އިބްރާހިމް ވ. ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ، 08 ނޮވެންބަރު 2022 ގައި މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅިކަން،

28.3. މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި ސިވިލް ކޯޓުގެ ޤަޟިއްޔާގެ އިސްތިއުނާފު ބަލައި ނުގަތުމަށް 21 ނޮވެންބަރު 2022 ގައި ހައިކޯޓުގެ ރަޖިސްޓްރާރގެ ނަންބަރު 95-CR/INDIV/2022/456 ނިންމުމުން ނިންމަވާފައިވާކަމާއި، އެގޮތަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ ސިވިލް ކޯޓުގައި ހިނގަމުންދާ ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލަ ނުނިމޭތީ، ނާޒްނީން އިބްރާހީމްގެ ޙަވާލުދާރެއް ކަނޑައެޅިފައި ނުވާކަމަށް ފާހަގަކޮށް އެ މައްސަލަ ހުށަހެޅުމުގެ ޙައިޘިއްޔަތެއް މުޙައްމަދު ޝަފީޤަށް ލިބިގެންވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތަތީކަން،

28.4. މުޙައްމަދު ޝަފީޤުގެ ފަރާތުން 28 ނޮވެންބަރު 2022 ގައި ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ހައިކޯޓަށް ހުށަހެޅުމާ ގުޅިގެން، 08 ޑިސެންބަރު 2022 ގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށްކަން،

28.5. ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ފަނޑިޔާރުން ނިންމިގޮތް، 26 ޑިސެންބަރު 2022 ގައި މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިކަން،

28.6. ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ފަނޑިޔާރުން ނިންމިގޮތް މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/04 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގެ 4.8 ވަނަ ނުކުތާގައި،

"އެހެންކަމުން، ނާޒްނީން އިބްރާހީމް އަކީ ސިކުނޑި ހަމަނުޖެހޭ އަމިއްލައަށް މުއާމަލާތު ކުރުމުގެ ގާބިލުކަން ނެތް މީހެއްކަމަށް މުހައްމަދު ޝަފީޤު ބުނެފައި ވުމާއެކު، މަތީގައި އިޝާރަތްކުރެވިފައިވާ ހަޖުރުކުރުމުގެ މައްސަލަ ދަށުކޯޓުގައި ހިނގަމުން ދިއުމާއެކު، ނާޒްނީން އިބްރާހީމް އާއި ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިވާ ގަނެވިއްކުމުގެ މުއާމަލާތުގެ ޒާތަށާއި، މުޙައްމަދު ޝަފީޤްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ލިޔުންތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު ބުނެވުނު މުޢާމަލާތުގައި ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތްކަމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ބުނާނަމަ، މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހެޅި މައްސަލައާއިމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހައިކޯޓަށް މި މައްސަލަ ބަލައިގަންނަންޖެހޭކަމަށް ދެކެމެވެ."

މިފަދައިން ބަޔާންކޮށް މި މައްސަލައަކީ ހައިކޯޓަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، 15 ޖަނަވަރީ 2023 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މުޙައްމަދު ޝަފީޤުގެ ފަރާތުން މި މައްސަލައިގެ އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ، އެފޯމު ބަލައިގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގައި ސުޕްރީމް ކޯޓަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ކުރި އިލްތިމާސް ނިންމާފައިވާކަން،

28.7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، 30 ޖަނަވަރީ 2023 ގައި އެ އިސްތިއުނާފު ހައިކޯޓަށް ބަލައިގަނެ، އެކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނުކަން،

28.8. މުޙައްމަދު ޝަފީޤުގެ ފަރާތުން ނާޒްނީން އިބްރާހީމް، އަދި ޕްލާޒާ އެންޓަރޕްރައިޒަސްއަށް ރައްދުވާ ގޮތަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބިނާކޮށްފައިވަނީ ހަތަރު އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށްކަމާއި، އެ ނުކުތާތަކަކީ؛

28.8.1. ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވުން؛

28.8.2. ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ޤަވާއިދުގެ 17 ވަނަ މާއްދާއާ ޚިލާފަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވުން؛

28.8.3. ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/91) ގެ 3 (ހ) އާއި (ށ) އާއި 13 ވަނަ މާއްދާއާ ޚިލާފަށް ހަދާފައިވާ ކޮންޓްރެކްޓެއްގެ މައްޗަށް ބިނާކޮށް ގަނެވިއްކުމުގެ މުޢާމަލާތް ޞައްޙަކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވުން؛ އަދި

28.8.4. ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/91) ގެ 12، 13 އަދި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއްގައި (ކޮންޓްރެކްޓް ބާޠިލުވާފަދަ ޙާލަތްތަކެއް) ކޮންޓްރެކްޓުގެ އެއްފަރާތް ހުއްޓާ ހަދާފައިވާ ކޮންޓްރެކްޓެއްގެ މައްޗަށް ބިނާކޮށް ގަނެވިއްކުމުގެ މުޢާމަލާތް ޞައްޙަކަމަށް ޙުކުމްކޮށްފައިވުން. މިއެވެ.

28.9. އިސްވެ ބަޔާންކުރެވުނު ހަތަރު ނުކުތާގެ މައްޗަށް ސިވިލް ކޯޓުގެ ޤަޟިއްޔާގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދަނިކޮށް، 19 މާރިޗު 2024 ގައި އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާ ފިޔަވައި ދެންހުރި ނުކުތާތައް (ހައިކޯޓުގެ އިސްތިއުނާފު ފޯމުގެ 6.3 އަދި 6.4) މުޙައްމަދު ޝަފީޤުގެ ފަރާތުން އަނބުރާ ގެންގޮސްފައިވާކަން،

28.10. މުޙައްމަދު ޝަފީޤުގެ ފަރާތުން އިސްވެ މިދެންނެވި ދެ ނުކުތާ އަނބުރާ ގެންދިއުމާ ގުޅިގެން އެކަމުގެ މައްޗަށް ރިޢާޔަތްކޮށް މުޙައްމަދު ޝަފީޤަކީ، އެ ޙާލަތުގައި ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ލިބިގެންވާ ފަރާތެއް ނޫންކަމަށް ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ޝަރީޢަތުގައި އިޖުރާއީ ނުކުތާއެއް ފާހަގަކޮށް ލިޔުމުން އެކަން ހުށަހެޅުމަށް އެދުމުން، އެ އިޢުތިރާޟު ލިޔުމުން ހުށަހަޅާފައިވަނީ ކޯޓުން ދިން މުއްދަތު ހަމަވުމަށްފަހުގައި ކަމަށްވާތީ، ޕްލާޒާ އެންޓަރޕްރައިޒަސްގެ އިޖުރާއީ ނުކުތާ ބަލައިނުގަތުމަށް ޝަރީޢަތުން ނިންމާފައިވާކަން،

28.11. އެއަށްފަހު ސިވިލް ކޯޓުގެ ޤަޟިއްޔާގައި، ހ. މެދުގެ ވިއްކުމުގެ މުޢާމަލާތް ޞައްޙަކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުޞޫލާ އެއްގޮތަށް ކަމުގައި ނުވާތީ، ހ. މެދުގެ ބިމުގައިވާ އެންމެހައި އިމާރާތްތައް ޕްލާޒާ އެންޓަރޕްރައިޒަސް އަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހޭކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމަވާފައިވާކަން.

ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ

29އިސްތިއުނާފުކޮށްފައި މިވާ މައްސަލައިގައި އަހުރެން ފުރަތަމަ ޖަވާބެއް ދޭންޖެހޭ ނުކުތާއަކީ، ސިވިލް ކޯޓުގެ ޤަޟިއްޔާގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންގޮސް، ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްފައިވަނީ، މުޙައްމަދު ޝަފީޤަށް އިސްތިއުނާފުކުރުމުގެ ޤާނޫނީ ޙައިޘިއްޔަތު ގެއްލިފައިވާ ޙާލަތެއް މެދުވެރިވެފައި ވަނިކޮށް، އެކަމަށް ޝަރީޢަތުން ރިޢާޔަތް ނުކޮށް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށެވެ.

30ސުޕްރީމް ކޯޓުގެ ކުރިމަތީގައި މިވާ އިސްތިއުނާފުގައި، ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ބުނާ އެއް ބުނުމަކީ، މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ހައިކޯޓުގެ އިސްތިއުނާފު ފޯމުގެ 6.3 އަދި 6.4 ވަނަ އިސްތިއުނާފީ ނުކުތާތައް އަނބުރާ ގެންދިޔަދިޔުމުގެ މައްޗަށް ރިޢާޔަތްކޮށް، މުޙައްމަދު ޝަފީޤަކީ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ ފަރާތެއް ނޫންކަމަށް ބަޔާންކޮށް ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ޝަރީޢަތުގައި އިޖުރާއީ ނުކުތާއެއް ނެގިނަމަވެސް، ލިޔުމުން އެ އިޢުތިރާޟު ހުށަހަޅާފައިވަނީ ކޯޓުން ދިން މުއްދަތުގެ ފަހުންކަމަށް އެކަނި ރިޢާޔަތްކޮށް އެ ނުކުތާ ބަލައިގަނެފައި ނުވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖެޓަން ޓްރެވަލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ކަމަށެވެ.

31ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ޝަފީޤު ވ. ޕްލާޒާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ނާޒްނީން އިބްރާހީމް ޤަޟިއްޔާގެ ފުރަތަމަ އަޑުއެހުމުގައި، މުޙައްމަދު ޝަފީޤުގެ ފަރާތުން އިސްތިއުނާފު ފޯމުގައި ހުށަހެޅި ހަތަރު އިސްތިއުނާފީ ނުކުތާގެ ތެރެއިން ފަހު ދެ ނުކުތާ (6.3 އަދި 6.4) އަނބުރާ ގެންދަން ބޭނުންވާކަމަށް ބަޔާންކުރިއެވެ. މިކަމާ ގުޅިގެން ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން މުޙައްމަދު ޝަފީޤަށް އިސްތިއުނާފުކުރެވޭ ޤަޟިއްޔާ ސުޕްރީމް ކޯޓުގެ ނިންމުމުގެ ދަށުން އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ލިބިގެންދިޔަ ކަމަށް ބެލެވިފައިވަނީ، މުޙައްމަދު ޝަފީޤުގެ ފަރާތުން އުނިކުރުމަށް އެދުނު ދެ ނުކުތާގެ މައްޗަށް ބިނާކޮށް ކަމަށާއި، އެނުކުތާތައް އަނބުރާ ގެންދިއުމުން، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހައްޤު މުޙައްމަދު ޝަފީޤަށް ލިބިގެން ނުވާކަމަށް ފާހަގަކޮށް އިޖުރާއީ ނުކުތާއެއް ނަގާފައިވެއެވެ. ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ލިޔުމުން އިޢުތިރާޟު ހުށަހަޅާފައިވަނީ ކޯޓުން ދިން މުއްދަތު ހަމަވުމަށްފަހުގައި ކަމަށްވާތީ، އިޢުތިރާޟު ބަލައިނުގަތުމަށް ހައިކޯޓުން ނިންމިއެވެ.

32މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރެވުނު ޤަޟިއްޔާގެ އިސްތިއުނާފީ ނުކުތާގެ ތެރެއިން ފަހު ދެ ނުކުތާ (6.3 އަދި 6.4) އަނބުރާ ގެންދިއުމުން، ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއާ މެދުގައި ޢަމަލުކުރާނެ ސާފު އިޖުރާއަތެއް މަދަނީ އިޖުރާއަތުގެ ޤާނޫނު އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާތުގެ ގަވާއިދުގައި ބަޔާންވެގެންވާތީ އަހުރެންނަކަށް ނުފެނެއެވެ. ނަމަވެސް، މި މައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް ދިމާވި ޙާލަތަކާ ގުޅިގެން ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ނަގާފައިވާ އިޖުރާއީ އިޢުތިރާޟަކީ، މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުގެ ޤާނޫނީ ޙައިޘިއްޔަތާމެދު ސުވާލު އުފައްދައި ފަނޑިޔާރު ސަމާލުކަމަށް ގެނެވިފައިވާ އިޖުރާއީ ނުކުތާއެއްކަން ހައިކޯޓުގެ ރިޕޯޓުންނާއި، މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން ސާފުވެއެވެ.

33މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު މައްސަލައާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން އެދެވިދާނެ ކަންކަން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންނުވާ ފަރާތަކުން އިސްތިއުނާފު ހުށަހަޅާފައިވާނަމަ، އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުމަށް އެދެވިދާނެ ކަމަށް ބަޔާންވެގެންވެއެވެ. މި މައްސަލައިގައި ހައިކޯޓުގައި ދިމާވި ޙާލަތަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި ދިމާވި ޙާލަތެއް ކަމުގައި ނުވިނަމަވެސް، މި އިޖުރާއީ އިޢުތިރާޟު ބަލައިގަނެ އެއާމެދު ފަނޑިޔާރު ގޮތެއް ނިންމަން ޖެހޭނެކަމަށް ދެކެމެވެ. އެހެނީ މި މައްސަލައިގައި އިޖުރާއީ ނުކުތާ ނަގާފައި މިވަނީ، ޝަރީޢަތެއް ކުރިއަށް ގެންދިއުމުގައި ފަނޑިޔާރު ބަލަންޖެހޭ އެންމެ އަސާސީ އެއްކަންތަކާ މެދުގައެވެ. އެއީ ދަޢުވާކުރާ ފަރާތަކީ ދަޢުވާކުރުމުގެ ޤާނޫނީ ޙައިޘިއްޔަތު ލިބިގެންވާ ފަރާތެއްތޯ އާމެދު އުފެދިފައިވާ ސުވާލެވެ. ހައިކޯޓުން މި އިޖުރާއީ ނުކުތާ ލިޔުމުން ހުށަހެޅުމަށް ޕްލާޒާ އެންޓަރޕްރައިޒަސްއަށް ފުރުސަތު ދިނުމުން، ދީފައިވާ މުއްދަތުގައި ހުށަހަޅާފައިނުވި ނަމަވެސް، މުއްދަތުގެ ފަހުން ހުށަހަޅާފައިވާތީ، މުއްދަތުގައި ހުށަހަޅާފައިނުވާ ކަމަށް ބުނެ އެކަމަށް ރިޢާޔަތްނުކޮށް ދޫކޮށްލި ދޫކޮށްލުން ރަނގަޅުކަމަށް ނުބެލެވެއެވެ. އެހެނީ، މި ޙާލަތު އުފަންވީ މައްސަލަ ހިނގަމުންދަނިކޮށް ކަމުގައިވެފައި، ޤާނޫނުގައި މިފަދަ ޙާލަތެއްގައި އިޖުރާއީ އިޢުތިރާޟެއް ހުށަހެޅުމަށް ކަނޑައެޅިގެން ވަކި މުއްދަތެއް ބަޔާންކޮށްފައި ނުވާހިނދު، އެކަން މައްސަލަ ބަލަމުންދާ ފަނޑިޔާރުގެ ސަމާލުކަމަށް އައިސްފައިވާތީ، މި ޙާލަތުގައި ދަޢުވާކުރާ ފަރާތަކީ ދަޢުވާކުރުމުގެ ޤާނޫނީ ޙައިޘިއްޔަތު ލިބިގެންވާ ފަރާތެއްތޯ އާމެދު އުފެދިފައިވާ ސުވާލަށް ފަނޑިޔާރު ގޮތެއް ކަނޑައަޅަންޖެހޭކަމަށް ދެކެމެވެ.

މުޙައްމަދު ޝަފީޤަށް ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހައްޤު ލިބުން

34ސިވިލް ކޯޓުގެ ޤަޟިއްޔާ މުޙައްމަދު ޝަފީޤަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ދޮރު ހުޅުވިގެން ދިޔައީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/04 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ނިންމުމުންނެވެ. އެ ނިންމުން އެއްރޮއްޖަކުން ކިޔާލާއިރު، ހައިކޯޓަށް ސިވިލް ކޯޓުގެ ޤަޟިއްޔާ ބަލައިގަންނަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވަނީ،

1- ނާޒްނީން އިބްރާހީމްއަކީ ސިކުނޑި ހަމަނުޖެހޭ އަމިއްލައަށް މުޢާމަލާތު ކުރުމުގެ ޤާބިލުކަން ނެތް މީހެއްކަމަށް މުޙައްމަދު ޝަފީޤު ބުނެފައި ވުމާއި،

2- ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިއުމާއި،

3- ނާޒްނީން އިބްރާހީމް އާއި ޕްލާޒާ އެންޓަރޕްރައިޒަސް އާދެމެދު ކުރެވިފައިވާ ގަނެވިއްކުމުގެ މުޢާމަލާތުގެ ޒާތަށާއި، މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ލިޔުންތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ބުނެވުނު މުޢާމަލާތުގައި ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތްކަމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ބުނާނަމަ، އެވެ.

35ސުޕްރީމް ކޯޓުގެ މިނިންމުމުގެ ދަށުން 4 އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ޤަޟިއްޔާ މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ ނުކުތާތައް މި ޤަޟިއްޔާގެ 28.8 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައި އެވަނީއެވެ. މި ހަތަރު ނުކުތާގެ މައްޗަށް ސިވިލް ކޯޓުގެ ޤަޟިއްޔާގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދަނިކޮށް، 19 މާރޗް 2024 ގައި އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާ ފިޔަވައި ދެންހުރި ނުކުތާތައް (ހައިކޯޓުގެ އިސްތިއުނާފު ފޯމުގެ 6.3 އަދި 6.4) މުޙައްމަދު ޝަފީޤުގެ ފަރާތުން އަނބުރާ ގެންދިޔަ ވާހަކަ ކުރިން ބަޔާންކޮށްފައިވާނެއެވެ.

36މުޙައްމަދު ޝަފީޤުގެ ފަރާތުން އަނބުރާ ގެންދިޔަ އިސްތިއުނާފީ ނުކުތާތަކުގައި ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3 (ހ) އާއި (ށ) އާއި 12، 13 އަދި 15 ވަނަ މާއްދާގައިވާ ޢިބާރާތް ތިރީގައި ނަކަލުކުރަމެވެ.

ޤާނޫނުގެ 3 ވަނަ މާއްދާ؛

"(ހ) ކޮންޓްރެކްޓެއްގައި އެއްބަސްވާމީހުން ރުހި ގަބޫލުވާންވާނީ އެއްވެސް މަޖްބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައެވެ. އަދި އެމީހުންނަކީ، ކޮންޓްރެކްޓް ކުރުމަށް ޤާނޫނު ގަބޫލު ކުރާފަދަ މީހުން ކަމުގައި ވާންވާނެއެވެ."

"(ށ) މިމާއްދާގެ (ހ) ގައިބުނާ، ޤާނޫނު ގަބޫލު ކުރާފަދަ މީހުންނަކީ ބުއްދި ސަލާމަތުންހުރި، އުމުރުން 16 އަހަރު ފުރިފައިވާ މީހުންނެވެ."

ޤާނޫނުގެ 12 ވަނަ މާއްދާ؛

"ބިރެއްދައްކައިގެން، ނުވަތަ ހަޤީޤަތް އޮޅުވާލައިގެން، ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޒުގެ ބޭނުންކޮށްގެން، މީހަކު ނުވަތަ ބަޔަކު ބައިވެރި ކުރުވާފައިވާ ކޮންޓްރެކްޓަކީ، އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫނެވެ."

ޤާނޫނުގެ 13 ވަނަ މާއްދާ؛

"އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓެކެވެ."

ޤާނޫނުގެ 15 ވަނަ މާއްދާ؛

"މީހެއްގެ މައްޗަށް ނުފޫޒެއް ހިންގޭފަދަ މަގާމެއްގައި ހުރެ، އެފަދަ ނުފޫޒެއް ހިންގައިގެން މީހަކު ކޮންޓްރެކްޓެއްގައި ބައިވެރި ކުރުވުމަކީ ނުރަނގަޅު ގޮތަކަށް ނުފޫޒުގެ ބޭނުން ކުރުން ކަމަށް ވާނެއެވެ."

37ނާޒްނީން އިބްރާހީމްއަކީ ސިކުނޑި ހަމަނުޖެހޭ، އަމިއްލައަށް މުޢާމަލާތު ކުރުމުގެ ގާބިލުކަން ނެތް މީހެއްކަމަށް މުޙައްމަދު ޝަފީޤު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2022/97 ފަނޑިޔާރުންގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ބުނެފައި ވީނަމަވެސް، އެކަން ސާބިތުކުރެވޭ މިންވަރުގެ އެއްވެސް ލިޔުމެއް އެއްވެސް ކޯޓަކަށް ހުށަހެޅިފައި ނުވާކަން، މުޙައްމަދު ޝަފީޤު މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ. އަދި ނާޒްނީން އިބްރާހީމް މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން، މި މުޢާމަލާތް ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް، އަދި ނާޒްނީން އިބްރާހީމް ދުވަހަކުވެސް އެފަދަ ޙާލަތަކަށް ގޮސްފައި ނުވާކަމަށް ބުނެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، ނާޒްނީން އިބްރާހީމް މި ބިން ވިއްކުމުގެ މުޢާމަލާތް ކުރީ ސިކުނޑި ހަމަނުޖެހޭ އަމިއްލައަށް މުޢާމަލާތުކުރުމުގެ ޤާބިލުކަން ނެތް މީހެއްގެ ގޮތުގައި ހުރެކަމަށް މުޙައްމަދު ޝަފީޤު ބުނެފައިވާ ކަމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދިން ހުއްދައިގެ ދަށުން ކުރިއަށް ގެންދިޔަ ހައިކޯޓުގެ އިސްތިއުނާފުގައި، ނާޒްނީން އިބްރާހީމް ހަޤީޤަތުގައިވެސް މުޢާމަލާތްކުރީ ސިކުނޑި ހަމަނުޖެހޭ އަމިއްލައަށް މުޢާމަލާތުކުރުމުގެ ޤާބިލުކަން ނެތް މީހެއްގެ ގޮތުގައި ހުރެކަން ސާބިތުކޮށްދިނުމުގެ ޒިންމާއިން މުޙައްމަދު ޝަފީޤު އަމިއްލައަށް ބަރީއަވެގަތީއެވެ.

38ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދާކަމަށް، މުޙައްމަދު ޝަފީޤު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2022/97 ފަނޑިޔާރުންގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ބުނެފައި ވީނަމަވެސް، އިސްތިއުނާފުކުރުމުގެ ފުރުސަތު ލިބުމަށްފަހު އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށްދަނިކޮށް ނާޒްނީން އިބްރާހީމް ޙަޖުރުކުރުމަށް ހުށަހެޅުނު މައްސަލަ މުޙައްމަދު ޝަފީޤު އަނބުރާ ގެންގޮސްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ނާޒްނީން އިބްރާހީމް މި ބިން ވިއްކުމުގެ މުޢާމަލާތް ކުރީ ސިކުނޑި ހަމަނުޖެހޭ އަމިއްލައަށް މުޢާމަލާތުކުރުމުގެ ޤާބިލުކަން ނެތް، ޙަޖުރުކުރަންޖެހޭފަދަ ޙާލަތެއްގައި ހުރެކަން ހައިކޯޓުގެ އިސްތިއުނާފުގައި ސާބިތުކޮށްދިނުމުގެ ޒިންމާއިންވެސް މުޙައްމަދު ޝަފީޤު އަމިއްލައަށް ބަރީއަވެގަތީއެވެ.

39ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2022/97 ފަނޑިޔާރުންގެ ނިންމުން މުޙައްމަދު ޝަފީޤުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އިރު، ނާޒްނީން އިބްރާހީމް އާއި ޕްލާޒާ އެންޓަރޕްރައިޒަސް އާދެމެދު ކުރެވިފައިވާ ގަނެވިއްކުމުގެ މުޢާމަލާތުގެ ޒާތަށާއި، މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ލިޔުންތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ބުނެވުނު މުޢާމަލާތުގައި ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތްކަމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ބުނާނަމަ، ދިވެހިރާއްޖޭގެ ހައިކޯޓަށް ސިވިލް ކޯޓުގެ ޤަޟިއްޔާ ބަލައިގަންނަން ޖެހޭކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވުމުން، މިކަމަކީވެސް މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފުގައި އެންމެ އަޑުހަރުކޮށް ވަކާލާތު ކުރަންޖެހޭ އެއް ކަންތަކެވެ. އެހެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބުނެފައިވަނީ ބުނެވުނު މުޢާމަލާތުގައި ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތްކަމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ބުނާނަމަ، މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހެޅި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހައިކޯޓަށް މި މައްސަލަ ބަލައިގަންނަންޖެހޭކަމަށް ދެކޭކަމަށެވެ. އެހެނަސް، އިސްތިއުނާފުކުރުމުގެ ފުރުސަތު ލިބުމަށްފަހު މުޙައްމަދު ޝަފީޤުގެ ފަރާތުން މިބުނާ ބުނުންވެސް އަނބުރާ ގެންދިޔައީއެވެ. ބުނެވުނު މުޢާމަލާތުގައި ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތްކަމުގެ ދަފުޢު ސާބިތުކޮށްދިނުމުގެ ޒިންމާއިންވެސް ބަރީއަވެގަތީއެވެ.

40ކުރުގޮތަކަށް ދަންނަވާނަމަ، މުޙައްމަދު ޝަފީޤުގެ ފަރާތުން އަނބުރާ ގެންދިޔަ އިސްތިއުނާފީ ނުކުތާތައް ގެންދިއުމުން، އެނުކުތާތަކުގައި ބަޔާންކުރާ ޤާނޫނުގެ މާއްދާތަކާ ޚިލާފަށް ސިވިލް ކޯޓުގެ ޙުކުމް ބިނާވިކަމަށް މުޙައްމަދު ޝަފީޤު ބުނާ ބުނުން ނިމިދިޔައީއެވެ.

41ދެން އުފެދޭ ސުވާލަކީ މުޙައްމަދު ޝަފީޤު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ބާކީ އޮތީ ކޮންކަމެއްތޯއެވެ. ނުވަތަ ކޮން ނުކުތާތަކެއްތޯއެވެ. އެ އިސްތިއުނާފުގައި ބާކީ އޮތީ އިސްތިއުނާފު ފޯމުގައި އެންމެ ފުރަތަމަ ބަޔާންކުރި އިސްތިއުނާފީ ދެ ނުކުތާއެވެ. އެއީ

41.1. ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވުން؛

41.2. ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 17 ވަނަ މާއްދާއާ ޚިލާފަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވުން؛ މިއެވެ.

42މި ދެ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2022/97 ފަނޑިޔާރުންގެ ނިންމުން މުޙައްމަދު ޝަފީޤުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ސިވިލް ކޯޓުގެ ޤަޟިއްޔާ ބަލައިގަންނަން ޖެހޭކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވާ ތިން ކަންތަކުންކުރެ އެއްވެސް ކަމަކާ، މި އިސްތިއުނާފުގެ ނުކުތާތައް ގުޅުން ހުރިކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެއެވެ.

43HN4އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2022/97 ފަނޑިޔާރުންގެ ނިންމުން މުޙައްމަދު ޝަފީޤުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ސިވިލް ކޯޓުގެ ޤަޟިއްޔާ ބަލައިގަންނަން ޖެހޭކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވާ ތިން ކަންތައްވެސް، މުޙައްމަދު ޝަފީޤު އަނބުރާ ގެންދިޔަ އިސްތިއުނާފީ ނުކުތާތައް އަނބުރާ ގެންދިއުމުން، ނެތިގެންގޮސްފައިވާ ކަމަށް އަހުރެންނަށް ޤަބޫލު ކުރެވެއެވެ.

މުދަލުން މުޢާމަލާތް ކުރުން

44މުދާހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ޙައްޤެކެވެ. މީހަކު ދިރި ދުނިޔޭގައި ހުއްޓާ އެމީހެއްގެ ބުއްދި ފިލައިދިއުމުގެ ސަބަބުން ނުވަތަ މީހަކު ތަޞައްރަފު ނުފުދޭތީވެ، ނުވަތަ އެނޫންވެސް އެފަދަ ސަބަބަކާހުރެ މީހެއްގެ މުދަލުން މުޢާމަލާތް ކުރުން ހުއްޓުވޭނީ ނުވަތަ އެފަދަ މީހެއްގެ މުދަލުން ޚަރަދުކުރުމުގައި މިންތަކާއި އިންތަކެއް ކަނޑައެޅޭނީ ޝަރުޢީ ކޯޓަކުންނެވެ. މިގޮތަށް މުޢާމަލާތްކުރުން ހުއްޓުވުމަށް ނުވަތަ ޚަރަދުކުރުމުގައި އިންތަކެއް ކަނޑައެޅުމަށް ކިޔަނީ ޙަޖުރުކުރުމެވެ. އެ ގޮތުން، އިޚްތިޞާޞް ލިބިގެންވާ ޝަރުޢީ ކޯޓަކަށް ޙަޖުރުކުރުމުގެ މައްސަލައެއް ހުށަހެޅިގެން މުދަލުން މުޢާމަލާތު ނުކުރެވޭ ގޮތަށް އެމީހަކު ޙަޖުރުކުރުމަށް އެ މައްސަލައިގައި ކޯޓުން ނިންމައި، އެ މީހެއްގެ މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ޝަރީޢަތުން ދިނުމުން ނޫނީ މުދަލުގެ ވެރިފަރާތް ނޫން މީހަކަށް އެ މުދަލުން މުޢާމަލާތެއް ނުކުރެވޭނެއެވެ.

45ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ޙަޖުރުގެ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ ލިޔެވިފައިވާ ޤާނޫނެއް ފެންނަން ނެތްކަމުގައި ވިޔަސް، ޙަޖުރުގެ މައްސަލަތަކުގައި ޝަރުޢީ، ޢުރުފީ އުޞޫލުތައް ނަގަހައްޓާފައިވެއެވެ. ޝަރުޢީ ކޯޓަކުން މީހަކު ޙަޖުރުކުރެވޭނީ؛ (1) އެމީހަކީ އަމިއްލައަށް ކަންކަން ނިންމުމުގެ އަހުލިއްޔަތު ގެއްލިފައިވާ ފަރާތެއްކަން ޝަރީޢަތަށް ސާބިތުވުމާއި، (2) އެފަރާތެއްގެ މިލްކިއްޔާތު ނުވަތަ މުދައު ހުރުން؛ މި ދެ ޝަރުޠު ފުރިހަމަވާނަމައެވެ.

46ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުނު ކަމުގައި ވީނަމަވެސް، އެ މައްސަލައިގައި ސިވިލް ކޯޓުން ގޮތެއް ނިންމާފައި ނުވެއެވެ. ނާޒްނީން އިބްރާހީމް ބުއްދި ސަލާމަތުން ހެޔޮޙާލުގައި ހުރިކަމަށް އޭނާގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އެކަން ނަފީކުރާނެ ލިޔުމެއް ޝަރީޢަތަށް ހުށަހެޅިފައި ނުވެއެވެ. މިގޮތުން، ނާޒްނީން އިބްރާހީމް އަހުލިއްޔަތު ގެއްލިފައިވާކަމަށް ނުވަތަ އަމިއްލަ މުދަލުން އޭނާއަށް މުޢާމަލާތު ނުކުރެވޭނެކަމަށް ކަނޑައަޅާ ކޯޓުގެ ނިންމުމެއް ނެތްއިރު، އޭނާ ދިރި ދުނިޔޭގައި ހުއްޓައި، އޭނާގެ ރުހުންނެތި، އޭނާގެ މުދަލުން އެހެން މީހަކަށް މުޢާމަލާތު ނުކުރެވޭނެއެވެ. މިއީ ޝަރުޢީ އުޞޫލެވެ.

47މުޙައްމަދު ޝަފީޤުއަށް ސިވިލް ކޯޓުގެ ޤަޟިއްޔާގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ލިބޭނީ ސިވިލް ކޯޓަށް ހުށަހެޅުނު ނާޒްނީން އިބްރާހިމް ޙަޖުރުކުރުމުގެ މައްސަލައިގައި ނާޒްނީން އިބްރާހީމް ޙަޖުރުކޮށް، ނާޒްނީން އިބްރާހީމްގެ މުދަލުން މުޢާމަލާތުކުރުމުގެ ބާރު މުޙައްމަދު ޝަފީޤަށް ސިވިލް ކޯޓުން ދިންނަމައެވެ. ނާޒްނީން އިބްރާހީމްއަކީ ސިކުނޑި ހަމަނުޖެހޭ، އަމިއްލައަށް މުޢާމަލާތުކުރުމުގެ ޤާބިލުކަން ނެތް މީހެއްކަމަށް މުޙައްމަދު ޝަފީޤު ބުނާ ބުނުމަކަށް، އަދި ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި ހިނގަމުން ދިއުމަކުން، ނާޒްނީން އިބްރާހީމްގެ އަމިއްލަ މުދަލުން މުޢާމަލާތްކުރުމުގެ ޙައްޤު އެހެން މީހަކަށް ލިބިގެން ނުވެއެވެ. ނަމަވެސް ހުށަހެޅުނު ޙަޖުރުގެ މައްސަލައިގެ ތެރެއިން ވަގުތީ އަވަސް ފަރުވާއަކަށް އެދުން މަނާވެގެން ނުވެއެވެ. އެގޮތުން ޙަޖުރުގެ މައްސަލައާމެދު ގޮތެއް ކަނޑައެޅެންދެން، ޙަޖުރުކުރުމަށް އެދިފައިވާ ފަރާތުގެ މުދަލުން މުޢާމަލާތްކުރުން ވަގުތީގޮތުން ހުއްޓުވުމުގެ އަމުރަކަށް ކޯޓުގައި އެދި، އެކަމަށް ޤާނޫނީ ފަރުވާ ލިބިގަތުން މަނާވެގެންވާތީ ނުފެނެއެވެ.

48ބުނެވިދިޔަ ޝަރުޢީ، ޤާނޫނީ އުޞޫލުތައް އެހެން ހުރުމުން އަހުރެން ދެކެނީ، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން އަލުން ބަލައިދިނުމަށް އެދި މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2023/SC-HCL/04 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި، ނާޒްނީން އިބްރާހީމް އަކީ ސިކުނޑި ހަމަނުޖެހޭ އަމިއްލައަށް މުޢާމަލާތު ކުރުމުގެ ޤާބިލުކަން ނެތް މީހެއްކަމަށް މުޙައްމަދު ޝަފީޤު ބުނެފައި ވުމާއެކު، ނާޒްނީން އިބްރާހީމް ހަޖުރުކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިއުމާއެކު، ނާޒްނީން އިބްރާހީމް އާއި ޕްލާޒާ އެންޓަރޕްރައިޒަސް އާދެމެދު ކުރެވިފައިވާ ގަނެވިއްކުމުގެ މުޢާމަލާތުގެ ޒާތަށާއި، މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ލިޔުންތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ބުނެވުނު މުޢާމަލާތުގައި ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތްކަމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ބުނާނަމަ، މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހެޅި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހައިކޯޓަށް މި މައްސަލަ ބަލައިގަންނަންޖެހޭކަމަށް ސުޕްރީމް ކޯޓުން އައްވަލަށް ނިންމި ނިންމުމަކީވެސް ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެދިފައިވާ ފަރުވާ ނޫން ފަރުވާ ދެވޭގޮތަށް ރައުޔު ފާޅުކުރުން

49ދަށު ކޯޓުން މައްސަލައެއް ނިމުމުން، އެ ނިންމުމަކީ ޤާނޫނީ އުޞޫލަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމުގައި ދެކޭނަމަ، ދެން ޢަމަލުކުރަންޖެހޭ ގޮތް ވަރަށް ސާފެވެ. އިސްތިއުނާފުކުރުމަށް ބޭނުންވާ ފަރާތަކުން ޢަމަލުކުރާނެ ގޮތާއި އިސްތިއުނާފުގެ މުއްދަތުގައި ހުށަނޭޅުނު ނަމަ ދެންވެސް ޢަމަލުކުރާނެ ގޮތްތައް ވަނީ ޤާނޫނާއި ޤަވާޢިދުތަކުގައި ބަޔާންވެގެންނެވެ. އަދި ހަމަ އެހެންމެ މަތީ މަރުޙަލާގެ ކޯޓަކުން ދަށު ކޯޓުގެ ޙުކުމެއް ބާޠިލްކުރާ ޙާލަތުގައި، އޭގެ ޤާނޫނީ އަސަރަކީ ކޮބައިކަންވެސް ވަރަށް ސާފެވެ.

50މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގައި، އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ޚަޞްމަކު އެދިފައިވާ ފަރުވާއާ ތަފާތު ފަރުވާއެއް، ނުވަތަ ޚަޞްމަކު އެދުނު ފަރުވާގެ އިތުރުން، އެހެން ފަރުވާއެއް ދިނުމަށް ކަނޑައަޅައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

51ހުށަހެޅިފައިމިވާ މައްސަލައަކީ، ޕްލާޒާ އެންޓަރޕްރައިޒަސްއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެފައި، ޕްލާޒާ އެންޓަރޕްރައިޒަސްއިން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައިކޯޓުގެ ނިންމުން ބާޠިލުކުރުމަށް ކަމުގައިވާއިރު، އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށްދިނުމަށް ކަމަށްވުމުން، މައްސަލައިގައި އެދިފައިނުވާ ފަރުވާއެއް ފޯރުކޮށްދިނުމަކީ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއް ނޫންކަމުންނާއި، މި މައްސަލައިގައި ނާޒްނީން އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ނިޔަތް އޮތްކަމަށް ބުނެފައިވީނަމަވެސް، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޤާނޫނީ ލަފާ ދިނުމަކީ ފަނޑިޔާރުންގެ ޒިންމާއެއްކަމުގައި ނުވާތީއާއި، ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާއަކީ އެއްވެސް އިރެއްގައި ނާޒްނީން އިބްރާހީމްގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވުމުގެ އިތުރަށް، މި މައްސަލައަކީ ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ވާހިނދު، ޕްލާޒާ އެންޓަރޕްރައިޒަސްއާ އިދިކޮޅަށް ޤާނޫނީ ލަފާ ދެވޭފަދަ ބީދައަކުން ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާއަކީ ނާޒްނީން އިބްރާހީމްއަށް އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައެޅިދާނެކަމަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. އަދި އެއީ އިސްތިއުނާފުކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައި އޮތް އިޖުރާއަތާއި ޝަރީޢަތުގެ އުޞޫލުތަކާ އެއްގޮތްވާކަމެއް ނޫނެވެ.

ނިންމަން ފެންނަގޮތް

52ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންގޮސް ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްފައިވަނީ، ސުޕްރީމް ކޯޓުން މުޙައްމަދު ޝަފީޤަށް ދީފައިވާ އިސްތިއުނާފުކުރުމުގެ ޤާނޫނީ ޙައިޘިއްޔަތު ހައިކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް ގެއްލިފައިވާ ޙާލަތުގައި ކަމަށްވާތީ، ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަން ފެނެއެވެ.

53އަދި ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ އިސްތިއުނާފު ހައިކޯޓުގައި ކުރިޔަށް ގެންގޮސް ޙުކުމްކޮށްފައިވަނީ، މުޙައްމަދު ޝަފީޤަށް އިސްތިއުނާފުކުރުމުގެ ޤާނޫނީ ޙައިޘިއްޔަތު ލިބިގެންނުވާ ޙާލަތުގައި ކަމަށްވުމާއެކު، އެ ޙުކުމް ބާޠިލުކުރަން ޖެހޭތީ، މި އިސްތިއުނާފުގައި ދެންހުރި ނުކުތާތަކަށް މި ހިނދުގައި ގޮތެއް ކަނޑައަޅަން ޖެހޭކަމަކަށް ނުފެނެއެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

މުދާ ހޯދުމާއި ގެންގުޅުމުގެ ޙައްޤު

54މުދާހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤަކީ ޤާނޫނުގައިވާ ގޮތުގެ މަތީން ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ޙައްޤެކެވެ. އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، ޢުމުރުން 16 އަހަރު ފުރިފައިވާ މީހަކު، ބުއްދި ސަލާމަތުން ވާ ޙާލު، އެއްވެސް މަޖުބޫރުކަމެއްނެތި، އަމިއްލަ އިޚްތިޔާރުގައި ކުރާ ކޮންމެ މުޢާމަލާތަކީ، ޞައްޙަ މުޢާމަލާތެއްކަމުގައި ޤާނޫނީ ގޮތުން ބެލެވޭނެއެވެ. އަދި އަމިއްލަ މުދަލުން މުޢާމަލާތުކުރުން ކޯޓުގެ ނިންމުމަކުން މެނުވީ، އެ މީހަކު ދިރިހުއްޓާ މަޙްރޫމް ނުކުރެވޭނެއެވެ.

55އެ ގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ ޖަދުވަލު 1 ގެ 16ވަނަ ނަންބަރުގެ ދަށުން ޙަޖުރުކުރުމުގެ މައްސަލައެއް ހުށަހެޅިގެން މުދަލުން މުޢާމަލާތު ނުކުރެވޭ ގޮތަށް އެ މީހަކު ޙަޖުރުކުރުމަށް އެ މައްސަލައިގައި ކޯޓުން ނިންމައި، އެ މީހެއްގެ މުދަލުން މުޢާމަލާތުކުރުމުގެ ބާރު ޝަރީޢަތުން ދިނުމުން ނޫނީ މުދަލުގެ ވެރިފަރާތް ނޫން އެހެން މީހަކަށް އެ މުދަލުން މުޢާމަލާތު ނުކުރެވޭނެއެވެ. މިއީ، މީހުންގެ އަމިއްލަ މިލްކިއްޔާތު ރައްކާތެރިކުރުމަށާއި ފަރުދުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތާއި ޤާނޫނުގައި ކަނޑައަޅާފައިވާ މުހިންމު އަސާސެކެވެ.

56ހ. މެދުގެ، މާލެ، ނާޒްނީން އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހ. މެދުގެ އެވެކިޔާ އަމިއްލަ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސްއަށް ވިއްކައި، އެ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސްއަށް މިލްކުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ނާޒްނީން އިބްރާހީމްގެ ފަރާތުން 29 ޖޫން 2022 ގައި ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެން، އެ ގޯތި ޕްލާޒާ އެންޓަރޕްރައިޒަސްއަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި، 2022 އޮކްޓޫބަރު 26 ގައި ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާއިން ޙުކުމްކޮށްފައިވެއެވެ.

57ނާޒްނީން އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިނުވެއެވެ. އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ، މުޙައްމަދު ޝަފީޤެވެ. އެއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/04 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" (15 ޖަނަވަރީ 2023) ގެ މަތީން، 15 ޖަނަވަރީ 2023 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި މުޙައްމަދު ޝަފީޤުގެ ފަރާތުން އިސްތިއުނާފު ފޯމު ހުށަހަޅައިފިނަމަ އެއީ ހައިކޯޓުން ބަލައިގަންނަންޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

58ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ ޙުކުމް ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށް ބުނެ މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ 4 (ހަތަރެއް) ނުކުތާއެވެ. އެއީ، (1) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވުމާއި؛ (2) ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 17ވަނަ މާއްދާއާ ޚިލާފަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވުމާއި؛ (3) ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، 13ވަނަ މާއްދާއާ ޚިލާފަށް ހަދާފައިވާ ކޮންޓްރެކްޓެއްގެ މައްޗަށް ބިނާކޮށް ގަނެވިއްކުމުގެ މުޢާމަލާތް ޞައްޙަކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވުމާއި؛ (4) ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12، 13 އަދި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއްގައި (ކޮންޓްރެކްޓް ބާޠިލުވާފަދަ ޙާލަތްތަކެއް) ކޮންޓްރެކްޓުގެ އެއްފަރާތް ހުއްޓާ ހަދާފައިވާ ކޮންޓްރެކްޓެއްގެ މައްޗަށް ބިނާކޮށް ގަނެވިއްކުމުގެ މުޢާމަލާތް ސައްޙަކަމަށް ޙުކުމްކޮށްފައިވުން، މިއެވެ. މި ނުކުތާތަކުގެ ތެރެއިން 3ވަނަ ނުކުތާއާއި 4ވަނަ ނުކުތާ އެ މައްސަލައިގެ އިސްތިއުނާފު ކުރިޔަށް ދަނިކޮށް (2024 މާރިޗު 19 ގައި) މުޙައްމަދު ޝަފީޤުގެ ފަރާތުން އަނބުރާ ގެންގޮސްފައިވެއެވެ.

59މުޙައްމަދު ޝަފީޤުގެ ފަރާތުން ކޮށްފައިވާ އިސްތިއުނާފު ފޯމުގައި ހިމެނޭ 6.3 އަދި 6.4 ވަނަ އިސްތިއުނާފީ ނުކުތާތައް (3 އަދި 4ވަނަ ނުކުތާ) އަނބުރާ ގެންދިއުމުގެ މައްޗަށް ރިޢާޔަތްކޮށް، މުޙައްމަދު ޝަފީޤަކީ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ ފަރާތެއް ނޫންކަމަށް ބަޔާންކޮށް ޕްލާޒާ އެންޓަރޕްރައިޒަސްގެ ފަރާތުން ހަމަ އެ ދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި އިޖުރާއީ ނުކުތާއެއް ނެގިކަން އެއީ މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ޚިލާފެއް އޮތްކަމެއް ނޫނެވެ.

60މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ހިމެނޭ، އަދި ފަހުން އަނބުރާ ގެންދިޔަ 3 އަދި 4 ވަނަ ނުކުތާގައި ޙަވާލާދީފައިވާ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3، 12، 13 އަދި 15 މި މާއްދާތަކުގައި ބަޔާންކޮށްފައިވަނީ:

އެއްބަސްވާމީހުން މަޖުބޫރުކަމެއްނެތި ރުހި ގަބޫލުވުން

3. (ހ) ކޮންޓްރެކްޓެއްގައި އެއްބަސްވާމީހުން ރުހި ގަބޫލުވާންވާނީ އެއްވެސް މަޖްބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައެވެ. އަދި އެމީހުންނަކީ، ކޮންޓްރެކްޓް ކުރުމަށް ޤާނޫނު ގަބޫލު ކުރާފަދަ މީހުން ކަމުގައި ވާންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިބުނާ، ޤާނޫނު ގަބޫލު ކުރާފަދަ މީހުންނަކީ ބުއްދި ސަލާމަތުންހުރި، އުމުރުން 16 އަހަރު ފުރިފައިވާ މީހުންނެވެ.

އަމިއްލަ އިޚްތިޔާރު ނެތުން

12. ބިރެއްދައްކައިގެން، ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން، ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޛުގެ ބޭނުންކޮށްގެން، މީހަކު ނުވަތަ ބަޔަކު ބައިވެރި ކުރުވާފައިވާ ކޮންޓްރެކްޓަކީ، އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫނެވެ.

ބާޠިލް ކޮންޓްރެކްޓް

13. އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓެކެވެ.

ނުރަނގަޅުގޮތަކަށް ނުފޫޛުގެ ބޭނުން ކުރުން

15. މީހެއްގެ މައްޗަށް ނުފޫޛެއް ހިންގޭފަދަ މަގާމެއްގައި ހުރެ، އެފަދަ ނުފޫޛެއް ހިންގައިގެން މީހަކު ކޮންޓްރެކްޓެއްގައި ބައިވެރި ކުރުވުމަކީ ނުރަނގަޅު ގޮތަކަށް ނުފޫޛުގެ ބޭނުން ކުރުން ކަމަށް ވާނެއެވެ.

މި ފަދައިންނެވެ. މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ހިމެނޭ ފަހު 2 ނުކުތާ އަނބުރާ ގެންދިއުމުން ދޭހަވަނީ، އިސްވެ ބަޔާންކުރެވުނު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ މާއްދާތަކުގައި ބަޔާންކުރެވިފައިވާ ނައްޞުތަކާ، ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ ޙުކުމް ޚިލާފުނުވާކަމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ޤަބޫލުކުރާކަމެވެ. އަދި ނާޒްނީން އިބްރާހީމާއި ޕްލާޒާ އެންޓަރޕްރައިޒަސް އާދެމެދު ކުރެވުނު މުޢާމަލާތަކީ، ރުހުމެއްނެތި، އިޚްތިޔާރުން ބޭރުން، ނުރަނގަޅު ނުފޫޛެއްގެ ބޭނުންކޮށްގެން ކޮށްފައިވާ ބާޠިލު މުޢާމަލާތެއްކަމަށް މުޙައްމަދު ޝަފީޤު ބުނާ ބުނުން ބަލިކަށިވުމެވެ.

61ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ފުރުސަތު ސުޕްރީމް ކޯޓުން މުޙައްމަދު ޝަފީޤަށް ލިބިދިން މައިގަނޑު ސަބަބަކީ، ނާޒްނީން އިބްރާހީމަކީ ސިކުނޑި ހަމަނުޖެހޭ އަމިއްލައަށް މުޢާމަލާތުކުރުމުގެ ޤާބިލުކަން ނެތް މީހެއްކަމަށް މުޙައްމަދު ޝަފީޤު ބުނެފައި ވުމާއެކު، ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިއުމާއެކު، ނާޒްނީން އިބްރާހީމާއި ޕްލާޒާ އެންޓަރޕްރައިޒަސް އާދެމެދު ކުރެވިފައިވާ ގަނެވިއްކުމުގެ މުޢާމަލާތުގެ ޒާތަށާއި، މުޙައްމަދު ޝަފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ލިޔުންތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ބުނެވުނު މުޢާމަލާތުގައި ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތްކަމަށް މުޙައްމަދު ޝަފީޤުގެ ފަރާތުން ބަޔާންކޮށްފައި އޮންނަ އޮތުމެވެ.

62ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ޤަޟިއްޔާގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާގެ ދަށުން ބަލަމުން ދަނިކޮށް، އަދި ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލައިގައި (ސިވިލް ކޯޓުގެ ނަންބަރު 4037-CVC-2022 ޤަޟިއްޔާގައި) ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ ހުށަހެޅި މުޙައްމަދު ޝަފީޤުގެ ފަރާތުން އެދިގެން ދަށުކޯޓުން، ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލަ 15 މެއި 2023 ގައި ބާޠިލުކޮށްފައިވާކަން މި މައްސަލައިގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

63ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/19 ޤަޟިއްޔާގެ 14ވަނަ ޕެރެގްރާފުގައި ”ޚަސްމަކު އިސްތިއުނާފީ ކޯޓަކަށް ހުށަހަޅާ ހުށަހެޅުންތަކަކީ ހަމައެކަނި އިސްތިއުނާފު ފޯމަށް، ނުވަތަ ޖަވާބު ފޯމަށް ޤައިދުވެފައިވާ ކަންތައްތަކެއް ނޫނެވެ. ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ނުކުތާއާ ގުޅުވައިގެން ޚަޞްމުން ދައްކާ ވާހަކަތަކާއި، އެ ވާހަކަތަކާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ކުރާ ސުވާލުތަކަށް ދެވޭ ޖަވާބަކީވެސް އެ ޚަސްމެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކެއް ކަމުގައި ބަލަންވާނެ...“ ކަމަށް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފާހަގަކޮށްފައިވެއެވެ.

64މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވެއެވެ. އަދި ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ށ) އިން އެނގެން އޮވެއެވެ.

ޙަޖުރުގެ މައްސަލައާއި، އިސްތިއުނާފީ 2 ނުކުތާ އަނބުރާ ގެންދިއުމުގެ ނަތީޖާ

65މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ހިމެނޭ 3 އަދި 4ވަނަ ނުކުތާ އަނބުރާ ގެންދިއުމުގެ ޤާނޫނީ ނަތީޖާއަކީ، ނާޒްނީން އިބްރާހީމާއި ޕްލާޒާ އެންޓަރޕްރައިޒަސްއާ ދެމެދު ކުރެވުނު މުޢާމަލާތަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ކޮށްފައިވާ މުޢާމަލާތެއް ކަމާމެދު ހައިކޯޓުގެ ކުރިމަތީގައި އޮތް ބަހުސް ނެތި ދިއުމެވެ. އަދި ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލަ މުޙައްމަދު ޝަފީޤު އެދިގެން ކޯޓުން ބާޠިލުކުރުމުގެ ޤާނޫނީ ނަތީޖާއަކަށްވާނީ ޙަޖުރުކުރުމުގެ ޤަޟިއްޔާއެއްގެ ދަށުން ނާޒްނީން އިބްރާހީމަކީ މުދަލުން ތަޞައްރުފުކުރުމުގެ ޤާބިލުކަން ނެތް ފަރާތެއްކަން ކަނޑައެޅެންދެން، ނުވަތަ ނާޒްނީން އިބްރާހީމްގެ މުދަލުން ތަޞައްރުފުކުރުމުގެ ޙައްޤު ޤާނޫނީ ގޮތުން ވަކި ފަރާތަކަށް ކަނޑައެޅެންދެން، ނާޒްނީން އިބްރާހީމަކީ އެ ފަރާތުގެ މުދަލުން ތަޞައްރުފުކުރެވޭނެ ފަރާތެއް ކަމުގައި ބެލެވުމެވެ.

66އެހެންކަމުން، މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ހިމެނޭ 3 އަދި 4 ވަނަ ނުކުތާ އަނބުރާ ގެންދިއުމާއެކު، އަދި ނާޒްނީން އިބްރާހީމް ޙަޖުރުކުރުމުގެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ ބާޠިލުކުރުމާއެކު، މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ، ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މުޙައްމަދު ޝަފީޤަށް ލިބިދީފައިވާ ޙައިޘިއްޔަތު ނިމުމަކަށް އަންނާނެކަމަށް ދެކެމެވެ. އަދި ނަތީޖާއެއްގެ ގޮތުން ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މުޙައްމަދު ޝަފީޤަށް ލިބިދީފައިވާ ޙައިޘިއްޔަތު ގެއްލުނު ވަގުތުން ފެށިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާގެ އިސްތިއުނާފު ފޯމު ބާޠިލުކުރަންޖެހޭނެ ކަމަށް ދެކެމެވެ.

67ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެ މަތިން ހުރުމުން، މުޙައްމަދު ޝަފީޤުގެ ފަރާތުން، ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ބަލަމުންދިޔަ އެ ކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާ ކުރިއަށް ގެންގޮސް މައުޟޫޢީ ގޮތުން ޙުކުމްކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުފެނެވެ.

ނިންމަން ފެންނަގޮތް

68ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންގޮސް ޙުކުމްކޮށްފައިވަނީ، މުޙައްމަދު ޝަފީޤަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ޤާނޫނީ ޙައިޘިއްޔަތު ގެއްލިފައިވަނިކޮށް ކަމުގައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަން ފެނެއެވެ.

69އަދި ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާގެ އިސްތިއުނާފު ކުރިއަށް ގެންގޮސް ޙުކުމްކޮށްފައިވަނީ އިސްތިއުނާފުކުރުމުގެ ޙައިޘިއްޔަތު ގެއްލިފައިވާ ފަރާތެއްގެ ހުށަހެޅުމެއްގެ މައްޗަށް ކަމަށް ވުމާއެކު، އެ ޙުކުމް ބާޠިލުކުރަންޖެހޭތީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގައި ހިމެނޭ އެހެން ނުކުތާތަކަށް މި ހިނދުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭކަމަށް ނުފެނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާގެ ނިންމުން، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސައިން ޝަހީދު

ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

ޢަބްދުﷲ ޙަމީދު

ފުޓްނޯޓު

  1. ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-0146/2015
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A007373
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A056050
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/04 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" (15 ޖަނަވަރީ 2023)
  5. ޤާނޫނު ނަންބަރު 13/2010
  6. [2024] SC 39
  7. ޤާނޫނު ނަންބަރު 32/2021
  8. ޤާނޫނު ނަންބަރު 1/2002
  9. ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/40 ޤަޟިއްޔާ
  10. [2024] SC 33
  11. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/259 ޤަޟިއްޔާ
  12. ޤާނޫނު ނަންބަރު 19/2019
  13. ޙަޖުރު ކުރުމުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ޤާނޫނުގައި ބަޔާން ކުރި ނަމަވެސް، އެކަމާބެހޭ މައުޟޫޢީ އަދި އިޖުރާއީ އުޞޫލުތައް ޤާނޫނެއްގައި ލިޔެފައި ނެތުމުން، އެކަންކަމުގައިވެސް ޢަމަލު ކުރަންޖެހެނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތަށެވެ. ޚިލާފީ ރައުޔުތައް ތަރުޖީޙުކޮށް، އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް މިބައި ކޮޑިފައި ކޮށްފައި އޮތުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ.
  14. ޤާނޫނު ނަންބަރު 4/91
  15. ޤާނޫނު ނަންބަރު 22/2010
  16. ސުޕްރީމް ކޯޓުގެ 2018/SC-A/21 ނަންބަރު ޤަޟިއްޔާ
  17. ސިވިލް ކޯޓުގެ ނަންބަރު 2829-CVC-2022 ޤަޟިއްޔާ
  18. އބމ
  19. އބމ
  20. ސިވިލް ކޯޓުގެ ނަންބަރު 4037-CVC-2022 ޤަޟިއްޔާ
  21. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2022/456 ރަޖިސްޓްރާރގެ ނިންމުން
  22. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2022/97 ފަނޑިޔާރުންގެ ނިންމުން
  23. އބމ 4
  24. އބމ 17
  25. އބމ 17
  26. އބމ
  27. އބމ
  28. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާ
  29. އބމ 6
  30. އބމ 28
  31. އބމ 17
  32. އބމ 20
  33. އބމ 17
  34. އބމ 20
  35. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ)
  36. ޙައްވާ ނާޞިޙާ ވ. މުޙައްމަދު ނާޝިދު އަދި އިތުރު 5 ފަރާތެއް (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/43 ޤަޟިއްޔާ)
  37. އބމ
  38. އބމ 20
  39. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގައި ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ. "އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ޚަޞްމަކު އެދިފައިވާ ފަރުވާއާ ތަފާތު ފަރުވާއެއް، ނުވަތަ ޚަޞްމަކު އެދުނު ފަރުވާގެ އިތުރުން، އެހެން ފަރުވާއެއް ދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ. އަދި ދަޢުވާއިން ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ ތެރެއިން އަނެއް ޚަޞްމު ދިނުމަށް އެއްބަސްވެފައިވާ މިންވަރަށްވުރެ ކުޑަ މިންވަރަކަށް ބަދަލު ނަގައިދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ."
  40. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) [2022] SC 64 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/49 ޤަޟިއްޔާ)
  41. އިސްމާޢިލް ޝުޖާޢު ވ. ޔޫސުފް ރިޟާ [2021] SC 98 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާ)، ޕެރެގްރާފް 67، އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ)
  42. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/04 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް"
  43. އބމ 15
  44. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް [2024] SC 39 ޤަޟިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ