ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މައްސަލަ ބަލައިގަނެ ޝަރީޢަތުގެ އަޑުއެހުމަށްފަހު އިސްތިއުނާފީ ނުކުތާއެއް އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރޭތޯ ކަނޑައަޅާއިރު، ހައިކޯޓުން ހަމައެކަނި އިސްތިއުނާފު ފޯމަށް ބަލައިގެން ގޮތެއް ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތް ކަމެއްތޯ، ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި ވާހަކަތަކަށްވެސް ރިޢާޔަތްކުރަންޖެހޭތޯ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ 2019/HC-A/508 ގައި ތިންވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ނިންމި ނިންމުން ބާޠިލު؛ އެ ނުކުތާގައި އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ހައިކޯޓަށް ތަޙުވީލު (ފަނޑިޔާރުންގެ އިއްތިފާޤުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު ބަޔާންވެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައެވެ؛ މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް، ނުވަތަ ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް، ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާޞިލު ނުވެވޭނެއެވެ. (ޕެރ. 12)
ދަށު ކޯޓުގެ ފަނޑިޔާރު ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް ބުނާނަމަ، އެ ނިންމުން ޤާނޫނީ ގޮތުން ގޯސްވަނީ ކޮން ގޮތަކަށް ކަމާއި، ޤާނޫނު ރަނގަޅަށް ތަޠުބީޤުކޮށްފިނަމަ ނަތީޖާ ތަފާތުވާނެގޮތް ޝަރީޢަތަށް ސާފުވާ މިންވަރަށް ތިލަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ؛ އެ މިންވަރަށް ތަފްޞީލުކޮށްދިނުމުގައި ކާމިޔާބުވެއްޖެނަމަ، އެ ނުކުތާތައް އިސްތިއުނާފުގެ އޮޅިގަނޑު ގިރާކޮށްފައިވާ ކަމުގައި ބަލައި، އެ ނުކުތާތަކުގައި މައްސަލަ ބަލާ ފަނޑިޔާރު ގޮތް ނިންމަންވާނެއެވެ. (ޕެރ. 13)
ޚަޞްމަކު އިސްތިއުނާފީ ކޯޓަކަށް ހުށަހަޅާ ހުށަހެޅުންތަކަކީ ހަމައެކަނި އިސްތިއުނާފު ފޯމަށް ނުވަތަ ޖަވާބު ފޯމަށް ޤައިދުވެފައިވާ ކަންތައްތަކެއް ނޫނެވެ؛ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ނުކުތާއާ ގުޅުވައިގެން ޚަޞްމުން ދައްކާ ވާހަކަތަކާއި، އެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު ކުރާ ސުވާލުތަކަށް ދެވޭ ޖަވާބަކީވެސް އެ ޚަޞްމެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކެއް ކަމުގައި ބަލަންވާނެއެވެ. (ޕެރ. 14)
ދަށު ކޯޓަށް ހުށަހެޅިފައި ނުވާ ނުވަތަ ދަށު ކޯޓުގެ ނިންމުމާ އެއްވެސް މިންވަރަކަށް ގުޅުމެއް ނެތް ހުށަހެޅުންތަކާއި، އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިން ބޭރުން ހުށަހެޅޭ ހުށަހެޅުންތައް، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް ބަލައިގަނެވޭނެ އިސްތިސްނާ ޙާލަތެއް އޮވެގެން މެނުވީ ބަލައި ނުގަނެވޭނެއެވެ. (ޕެރ. 15)
މައްސަލަ ބަލައިގަތުމުގެ މަރުޙަލާގައި ރަޖިސްޓްރާރ ގޮތެއް ނިންމާއިރު އިސްތިއުނާފު ފޯމަށް ބަލައި ގޮތެއް ނިންމި ނަމަވެސް، މައްސަލަ ބަލައިގަނެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށްފަހު އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރޭތޯ ޝަރީޢަތުން ގޮތެއް ނިންމާއިރު، އިސްތިއުނާފު ފޯމުގެ އިތުރުން ދެފަރާތުން ޝަރީޢަތުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރަންވާނެއެވެ. (ޕެރ. 18)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)، 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)، 18 ވަނަ މާއްދާގެ (ށ)
- 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
ފަނޑިޔާރުން
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 39 2023/SC-A/19 ޝަރީޢަތް ނިމުނުގޮތް ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު
ނިމުނު ތާރީޚު 24 ޖުލައި 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/508 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ޞައްފާޙް މުޙައްމަދު، ޕްރެކްސިސް ލޯ ފަރމް އެލް.އެލް.ޕީ ޙަސަން މަޢާޒު ޝަރީފް، ޕްރިމިއަރ ޗެމްބަރސް އެލް.އެލް.ޕީ
މަދަނީ – ފައިސާ ހޯދުން – ޖޫރިމަނާ ފައިސާ – ޝަރީޢަތުގެ އަޑުއެހުމުގައި ޚަސްމުންގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް – އިސްތިއުނާފީ އޮޅިގަނޑު
ފިހުރިސްތު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1
ސިވިލް ކޯޓުން ނިންމިގޮތް 2
ހައިކޯޓުން މައްސަލަ ނިންމިގޮތް 3
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާއާއި އެ ނުކުތާގެ ރައްދު 4
މައްސަލަ ނިންމަން ފެންނަގޮތް 8
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 8
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 8
ޙުކުމް 9
` ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް [2024] SC 39 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި
ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) ތަޢާރުފު
1. މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/508 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް1 (މީގެފަހުން "ޖެޓަން ޓްރެވެލް ސަރވިސަސް" ކަމަށް ބުނެފައިވާ) ފަރާތުން އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސަންސްޕޮޓް ޓުއަރސް ލިމިޓެޑް2 (މީގެފަހުން "ސަންސްޕޮޓް ޓުއަރސް" ކަމަށް ބުނެފައިވާ) ފަރާތެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2. ޖެޓަން ޓްރެވެލް ސަރވިސަސް އިން ހިންގާ އަދާރަން ރަންނާޅި ރިސޯޓަށް ފަތުރުވެރިން ފޮނުވައިދޭ އޭޖެންޓެއްގެ ގޮތުގައި، ސަންސްޕޮޓް ޓުއަރސް އިން ފޮނުވި ފަތުރުވެރިންނަށް 31 ޖަނަވަރީ 2017 އިން 17 ޖޫން 2017 އާ ހަމައަށް ޖެޓަން ޓްރެވެލް ސަރވިސަސް އިން ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
3. މި ޚިދުމަތުގެ އަގު ކަމުގައިވާ US$147,592.92 (އެއް ލައްކަ ސާޅީސްހަތް ހާސް ފަސް ސަތޭކަ ނުވަދިހަ ދެ އެމެރިކާ ޑޮލަރު ނުވަދިހަ ދެ ސެންޓް) ފަތުރުވެރިން ރިސޯޓަށް އައުމުގެ 14 ދުވަސް ކުރިން ދައްކަންޖެހޭއިރު ސަންސްޕޮޓް ޓުއަރސް އިން އެ މުއްދަތުގައި އެ ފައިސާ ދައްކާފައި ނުވާކަމަށާއި، އެ ފައިސާ ސަންސްޕޮޓް ޓުއަރސް އިން ދައްކާފައިވަނީ 06 ޑިސެންބަރު 2018 ގައި ކަމަށް ޖެޓަން ޓްރެވެލް ސަރވިސަސް އިން ބުނެއެވެ.
4. ޖެޓަން ޓްރެވެލް ސަރވިސަސް އިން ސަންސްޕޮޓް ޓުއަރސް އަށް ފޮނުވާފައިވާ އިންވޮއިސްގައި ލޭޓް ޕޭމެންޓް ޗާރޖަސް ގެ ގޮތުގައި ދުވާލަކަށް 0.15% އަރަމުންދާނެ ކަމަށް ބަޔާންކޮށްފައިވުމުން، ސަންސްޕޮޓް ޓުއަރސް އިން ފައިސާ ދެއްކި ތާރީޚާ ހަމައަށް ލޭޓް ޕޭމަންޓް ޗާޖަސް ގެ ގޮތުގައި US$164,429.79 (އެއް ލައްކަ ފަސްދޮޅަސްހަތަރު ހާސް ހަތަރު ސަތޭކަ ނަވާނީސް އެމެރިކާ ޑޮލަރު ހަތްދިހަނުވަ ސެންޓް) އަރާފައިވާތީ އެ ފައިސާ ހޯދުމަށް ޖެޓަން ޓްރެވެލް ސަރވިސަސް ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
ސިވިލް ކޯޓުން ނިންމިގޮތް
5. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 536/Cv-C/2019 ޤަޟިއްޔާއިންނެވެ. މި މައްސަލައިގެ ޙުކުމް އެކޯޓުން ކޮށްފައިވަނީ ސަންސްޕޮޓް ޓުއަރސް ގެ ޣައިރު ޙާޟިރުގައެވެ. އަދި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް ލޭޓް ޕޭމަންޓް ޗާރޖަސްގެ ގޮތުގައި US$18,081.73 (އަށާރަ ހާސް އަށްޑިހައެއް އެމެރިކާ ޑޮލަރު ހަތްދިހަ ތިން ސެންޓް) 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ސަންސްޕޮޓް ޓުއަރސް ގެ މައްޗަށް އަމުރުކޮށް ޙުކުމްކޮށްފައިވެއެވެ.
5.1- ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ ދަށުން، އެ ޤަވާޢިދުގެ ދަށުން އުފެދޭ މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމަށް ދީފައިވާ 03 މަސް ދުވަހުގެ މުއްދަތަކީ އެހެން މައްސަލަތަކުގައިވެސް ގެއްލުން ކުޑަކުރުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އޮތް އެކަށީގެންވާ މުއްދަތެއް ކަމަށްވާތީ މައްސަލައެއް ކޯޓަށް ހުށަހެޅުމެއް ނެތި 01 އަހަރަށްވުރެ ގިނަ ދުވަހުގެ ޖޫރިމަނާ އެއްކުރުމަށްފަހު އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުން، އެ އެއްކޮށްފައިވާ ފައިސާ އެގޮތުގައި ޝަރީޢަތުން ނަގައިދިނުމަކީ ޖެޓަން ޓްރެވެލް ސަރވިސަސް އަށް ލިބިގެންދާ ނުޙައްޤު މަންފާއެއް ކަމަށް ބުރަވެވޭތީ، މި މައްސަލައިގައި ޖޫރިމަނާ 03 މަސްދުވަހަށް ޤައިދުކުރަންޖެހޭކަން؛
5.2- ޖެޓަން ޓްރެވެލް ސަރވިސަސް އިން މި މައްސަލައިގައި ހުށަހަޅާފައިވާ ބައެއް އިންވޮއިސް ތަކަށް ޖޫރިމަނާ އަރާނެ ކަމަށް އެ އިންވޮއިސްގައި ބަޔާންކޮށްފައި ނުވާތީ، ދެން ހުރި އިންވޮއިސް ތަކުގައިވާ ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ޖޫރިމަނާ ހިސާބުކުރުމުން އެކު ޖުމްލަ US$18,081.73 (އަށާރަ ހާސް އަށްޑިހައެއް އެމެރިކާ ޑޮލަރު ހަތްދިހަތިން ސެންޓް) އަރާކަން ލިޔެކިޔުންތަކުން އެނގެން އޮންނަކަން.
6. ސިވިލް ކޯޓުގެ މި ނިންމުން ޖެޓަން ޓްރެވެލް ސަރވިސަސް ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
7. ސިވިލް ކޯޓުގެ ޙުކުމް ހައިކޯޓުގައި ޖެޓަން ޓްރެވެލް ސަރވިސަސްގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2019/HC-A/508 ޤަޟިއްޔާއިންނެވެ.
8. ހައިކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ ޖެޓަން ޓްރެވެލް ސަރވިސަސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ބަޔާންކޮށްދެވިފައި ނުވާތީ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށެވެ.
9. ހައިކޯޓުގެ މި ނިންމުން ޖެޓަން ޓްރެވެލް ސަރވިސަސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާއާއި އެ ނުކުތާގެ ރައްދު
10. ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފު ކުރަމުން ޖެޓަން ޓްރެވެލް ސަރވިސަސްގެ ފަރާތުން އިސްތިއުނާފީ އެއް ނުކުތާ ހުށަހަޅާފައިވެއެވެ. އެއީ، ޖެޓަން ޓްރެވެލް ސަރވިސަސް އިން ހައިކޯޓަށް ހުށަހެޅި ތިންވަނަ އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން ސިވިލް ކޯޓުން ރިއާޔަތްކޮށްފައި ނުވާ މަތީ މަރުޙަލާގެ ނިންމުމަކީ ކޮބައިކަމާއި އެ ނިންމުންތަކާ ގުޅިގެން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ޖެޓަން ޓްރެވެލް ސަރވިސަސްއަށް ބުނެދެވިފައި ނުވާ ކަމަށާއި، އެހެންކަމުން އެ ނުކުތާއަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާ ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމަށް ހައިކޯޓުން ނިންމާފައިވަނީ، އިބްރާހީމް ޖިހާދު ވ. ހައިސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް3 ނިންމުމުގައި ސުޕްރީމް ކޯޓުން އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއްތޯ ބެލުމުގައި ރިއާޔަތްކުރަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11. މިނުކުތާގެ ރައްދުގައި ސަންސްޕޮޓް ޓުއަރސް އިން ފާހަގަކޮށްފައިވަނީ، މަތީ މަރުޙަލާގެ ނިންމުންތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، އެ ނިންމުންތަކަކީ ކޮބައިކަމާއި އެ ނިންމުންތަކާ ގުޅިގެން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފީ ނުކުތާގައި ބަޔާންނުކުރާނަމަ، އެ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކޮށްފައިވާ ނުކުތާއެއްކަމުގައި ނުބެލެވޭނެކަމަށެވެ.
12. ހައިކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު ބަޔާންވެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު4 ގެ 43 ވަނަ މާއްދާގައެވެ. އެއީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ހާލަތްތައް ބަޔާންކޮށްދޭ މާއްދާއެވެ. މި މާއްދާގެ މަފްހޫމް އިތުރަށް ތަފްޞީލު ކޮށްދީފައިވަނީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް5 ގެ ނިންމުމުގައެވެ. އެ ނިންމުމުގައި ބަޔާންވެފައިވަނީ، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން، ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާޞިލު ނުވެވޭ ކަމަށެވެ. ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ، ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމުގެ، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ، ނުވަތަ ހައްޤުތައް ގެއްލިފައިވާ ކަމަށް ބުނާ ބުނުމުގެ، ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެ ކަމަށްވެސް އިބްރާހީމް ޖިހާދު6 މައްސަލައިގެ ނިންމުމުގައި ކަނޑައަޅާފައިވެއެވެ.
13. ބަޔާންވެދިޔަ އުޞޫލަށް ރިއާޔަތްކުރާއިރު، ދަށު ކޯޓުގެ ފަނޑިޔާރު ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް ބުނާނަމަ، އެ ނިންމުން ޤާނޫނީ ގޮތުން ގޯސްވަނީ ކޮން ގޮތަކަށް ކަމާއި، ޤާނޫނު ރަނގަޅަށް ތަޠުބީޤުކޮށްފިނަމަ އޭގައި ނިކުންނާނެ ނަތީޖާ ތަފާތުވާނެގޮތް ޝަރީޢަތަށް ސާފުވާ މިންވަރަށް ތިލަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. ހަމަ އެފަދައިން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކުން އެ މިންވަރަށް ތަފްޞީލުކޮށްދިނުމުގައި ކާމިޔާބު ވެއްޖެނަމަ، އިސްތިއުނާފީ ނުކުތާތައް އިސްތިއުނާފުގެ އޮޅިގަނޑު ގިރާކޮށްފައިވާ ކަމުގައި ބަލައި، އެ ނުކުތާތަކުގައި މައްސަލަ ބަލާ ފަނޑިޔާރު ގޮތް ނިންމަން ވާނެއެވެ.
14. ޚަސްމަކު އިސްތިއުނާފީ ކޯޓަކަށް ހުށަހަޅާ ހުށަހެޅުންތަކަކީ ހަމައެކަނި އިސްތިއުނާފު ފޯމަށް، ނުވަތަ ޖަވާބު ފޯމަށް ޤައިދުވެފައިވާ ކަންތައްތަކެއް ނޫނެވެ. ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ނުކުތާއާ ގުޅުވައިގެން ޚަޞްމުން ދައްކާ ވާހަކަތަކާއި، އެ ވާހަކަތަކާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ކުރާ ސުވާލުތަކަށް ދެވޭ ޖަވާބަކީވެސް އެ ޚަސްމެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކެއް ކަމުގައި ބަލަންވާނެއެވެ.
15. އިސްތިއުނާފުކުރާ ފަރާތުންނާއި، މައްސަލައެއްގައި ހިމެނޭ އެންމެހައި ޚަޞްމުން ޝަރީޢަތަށް ހުށަހަޅާ ބައެއް ހުށަހެޅުންތައް، ޢާންމު އުސޫލެއްގެ ގޮތުން އެއްފަރާތް ކުރެވޭ އިސްތިސްނާ ޙާލަތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި، ދަށު ކޯޓަށް ހުށަހެޅިފައި ނުވާ ހުށަހެޅުންތައް ނުވަތަ ދަށު ކޯޓުގެ ނިންމުމާ އެއްވެސް މިންވަރަކަށް ގުޅުމެއް ނެތް ހުށަހެޅުންތަކާއި، އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިން ބޭރުން ހުށަހެޅޭ ހުށަހެޅުންތައް ހިމެނެއެވެ. އެފަދަ ހުށަހެޅުންތަކަކީ، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް އެ ހުށަހެޅުންތައް ބަލައިގަނެވޭނެ އިސްތިސްނާ ޙާލަތެއް އޮވެގެން މެނުވީ ބަލައި ނުގަނެވޭނެ ހުށަހެޅުންތަކެކެވެ.
16. ޖެޓަން ޓްރެވެލް ސަރވިސަސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ، އެ ފަރާތުން ހައިކޯޓަށް ހުށަހެޅި ތިންވަނަ އިސްތިއުނާފީ ނުކުތާ، އިސްތިއުނާފުގެ އޮޅިގަނޑު ގިރާ ނުކުރާކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެވެ. އެ ނުކުތާގެ ޢިބާރާތް އޮތީ އަންނަނިވި ފަދައިންނެވެ.
"ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް، އިސްތިއުނާފުކުރާ ފަރާތުން ހޯދުމަށް އެދި ދަޢުވާކޮށްފައިވާ ޖޫރިމަނާ ނެގޭނެ މުއްދަތު 03 މަސްދުވަހަށް ޤައިދުކޮށްފައިވުން."
އިސްތިއުނާފު ފޯމުގައި މި ނުކުތާގެ ތަފްސީލުގައި އިތުރަށް ބުނެފައިވަނީ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށާއި، ދަށު ކޯޓުން ޖޫރިމަނާ 3 މަސްދުވަހަށް ޤައިދު ކޮށްފައިވަނީ މަތީ ކޯޓުތަކުގެ ނިންމުންތަކާއި ޚިލާފަށް ކަމަށާއި، ޖޫރިމަނާއާ ގުޅިގެން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އެ ނިންމުންތަކަކީ ކޮބައި ކަމާއި އެ ނިންމުންތަކާ ގުޅިގެން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ބަޔާންކޮށްދީފައި ނުވެއެވެ. މިހެން މިކަން އޮތުމުން ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުން ނިންމާފައިވަނީ މިނުކުތާ އިސްތިއުނާފީ އޮޅިގަނޑު ގިރާ ނުކުރާ ކަމަށެވެ. މި މައްސަލާގައި އިސްތިއުނާފީ އޮޅިގަނޑު ގިރާ ނުކުރާކަމަށް ނިންމާފައިވަނީ މައްސަލަ ކޯޓަށް ބަލައިގަތުމުގެ މަރުޙަލާގައި ރަޖިސްޓްރާރ އެއް ނޫނެވެ. މައްސަލާގައި ގޮތެއް ނިންމާފައިވަނީ މައްސަލަ ކޯޓަށް ބަލައިގަނެ ޝަރީޢަތުގެ އަޑުއެހުމުގައި ދެފަރާތުން ވާހަކަދައްކަން ފުރުސަތު ދިނުމަށްފަހު ފަނޑިޔާރުންގެ ނިންމުމުންނެވެ.
17. 17 ޖަނަވަރީ 2023 ގައި ހައިކޯޓުގައި ބޭއްވުނު މި މައްސަލައިގެ އަޑުއެހުގައި ޖެޓަން ޓްރެވެލް ސަރވިސަސްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ޖޫރިމަނާއާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ޙަވާލާދީ ތަފްސީލުކޮށް ވާހަކަދައްކާފައިވެއެވެ. އަދި އެކަމާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ޖަދަލުކޮށްފައިވެއެވެ.
18. މައްސަލަ ކޯޓަށް ބަލައިގަތުމުގެ މަރުޙަލާގައި، މައްސަލަ ބަލައިގަތުމާމެދު ރަޖިސްޓްރާރ ގޮތެއް ނިންމާއިރު، އިސްތިއުނާފު ފޯމަށް ބަލާފައި ގޮތެއް ނިންމި ނަމަވެސް، މައްސަލަ ކޯޓަށް ބަލައިގަނެ، ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށްފަހު، އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރޭތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ޙާލަތުގައި، އިސްތިއުނާފު ފޯމުގެ އިތުރުން ދެފަރާތުން ޝަރީޢަތުން ދެއްކި ވާހަކަތަކަށް ރިޢާޔަތް ކުރަންވާނެއެވެ. މި މައްސަލާގައި އިސްތިއުނާފީ ތިންވަނަ ނުކުތާގައި ހައިކޯޓުން ގޮތެއް ނިންމުމުގައި އިސްތިއުނާފު ކުރާ ފަރާތުން ޝަރީޢަތުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވެއެވެ. ރިޢާޔަތް ކޮށްފައިވަނީ ހަމައެކަނި އިސްތިއުނާފު ފޯމަށެވެ. މި ގޮތުން އިސްތިއުނާފު ފޯމުގައި މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމުގައި ފާހަގަ ކުރުމަށްފަހު، އެ އަކުރުގައި އޮތް ފަދައިން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ، އެހެން ނަމަވެސް ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާ މައްސަލަތަކަކީ ކޮބައިކަން އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި އެ މައްސަލަތަކުގައި މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާއި، އުފެދޭ ބަހުސް ހާމަކޮށްފައިވެއެވެ. ނަމަވެސް، މިއިން ކަމަކަށް މައްސަލަ ނިންމުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވެއެވެ. ކަންމިހެން އޮތުމުން އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާ، އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ބެލެވޭނެ ތަނެއްނެތެވެ.
މައްސަލަ ނިންމަން ފެންނަގޮތް
19. އިސްވެ ބަޔާންވެދިޔަ ކަންކަމަށް ރިއާޔަތްކުރާއިރު، ޖެޓަން ޓްރެވެލް ސަރވިސަސް ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ތިންވަނަ އިސްތިއުނާފީ ނުކުތާއަކީ، އެ ނުކުތާގައި އެ ކުންފުނީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އެންމެހާ ކަންކަމަށް ރިއާޔަތްކޮށް، މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމުގައިވާތީ، އެ ނުކުތާގައި ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ހައިކޯޓަށް ތަޙުވީލުކުރަން ފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
20. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
21. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/508 ޤަޟިއްޔާގައި ޖެޓަން ޓްރެވެލް ސަރވިސަސް ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ތިންވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުން ބާޠިލުކޮށް، އެ ނުކުތާގައި ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު ޢަލީ ރަޝީދު ޙުސައިން ޙުސްނުއްސުޢޫދު (ރިޔާސަތު)
1 ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-252/97
2 ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު 1470134
3 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުން
4 ޤާނޫނު ނަންބަރު 22/2010
5 އބމ 3
6 އބމ
2023/SC-A/19 [2024] SC 39
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.