ޙައްވާ ނާޞިޙާ ވ. މުޙައްމަދު ނާޝިދު އާއި އިތުރު 5 ފަރާތެއް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 9 މަސްދުވަހުގެ ކުލި 315,000 ރުފިޔާއަށް އިސްތިއުނާފުކުރި ފަރާތް ޒިންމާވާންޖެހޭނެކަމަށާއި، އެ ފައިސާ ބައްޕަގެ އެކައުންޓަށް ޖަމާކުރަންވާނެކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުން (2016/HC-A/412) އެ ބަޔަށް ތާއީދުކުރިއެވެ؛ ވަކި އިސްތިއުނާފެއް (2016/HC-A/406) ގައި ޙަވާލުދާރުކަމުން އޭނާ ވަކިކުރެވިދާނެކަމަށް ނިންމިއެވެ.
- ވާޤިޢާ
- ބައްޕަ ތަސައްރަފުކުރުމަށް ނުކުޅެދޭތީ، އޭނާގެ ގޯތީގެ ކުލި ބެލެހެއްޓުމަށް 2014 ގައި ޕަވަރ އޮފް އެޓަރނީއެއްގެ ދަށުން ދަރިއަކާ ޙަވާލުކުރިއެވެ. 2015 ގައި ސިވިލް ކޯޓުން ބައްޕަގެ މުދާ ޙަޖުރުކޮށް، މުދާ ބެލެހެއްޓުން ދެ ދަރިއަކާ ގުޅިގެން ޙަވާލުކުރިއެވެ. ދެން، ކުލި ބެލެހެއްޓުމުގައި އިސްތިއުނާފުކުރި ފަރާތް އިހުމާލުވިކަމަށް ބުނެ ދަޢުވާ ކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޙަޖުރުކުރުމުގެ ޙުކުމުގެ ކުރިން ދީފައިވާ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުން، ޙަޖުރުކުރެވުނު މީހާގެ ގޯތީގެ ކުލި ބެލެހެއްޓުމަށް ޙަވާލުވި ދަރިއަކަށް ލިބިދެނެތޯ، އަދި ޙަޖުރުކުރުމާއި ޙަވާލުދާރުގެ ޒިންމާތަކާ ގުޅޭ ހަމަތަކަކީ ކޮބާތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތް ބުނީ ޙަޖުރުގެ ކުރިން ލިބުނު ޕަވަރ އޮފް އެޓަރނީގެ ދަށުން ކުލި ބެލެހެއްޓުމުގެ ބާރު ދެމިއޮންނާނެ ކަމަށާއި، ކުލި ބައްޕަގެ އެކައުންޓަށް ޖަމާކުރުމަށް ނިންމުމަކީ ނިމިފައިވާ ޙުކުމާ ޚިލާފު ކަމަށެވެ. ރައްދުވާ ފަރާތްތަކުން ބުނީ ޙަޖުރުކުރުމުގެ ޙުކުމާއެކު ޕަވަރ އޮފް އެޓަރނީގެ ބާރު ކެނޑިގެންދާނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޕަވަރ އޮފް އެޓަރނީ ޙަޖުރުކުރުމުގެ ޙުކުމުން ނަފީވެ ބާޠިލުވެއެވެ؛ ކުލީގެ އެއްބަސްވުން ދެމިއޮތް ނަމަވެސް ކުލި އިސްތިއުނާފުކުރި ފަރާތުގެ އެކައުންޓަށް ޖަމާކުރުމުގެ ޤާނޫނީ ހަމައެއް ނެތެވެ. ހައިކޯޓުގެ ޙުކުމުގައި ޤާނޫނީ ނުވަތަ އިޖުރާއީ ކުށެއް ފާހަގަނުކުރާތީ ޙުކުމަށް ތާއީދުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2016/HC-A/412
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޙަޖުރުކުރުމަކީ މީހެއްގެ ބުއްދި ފިލައިދިއުމުގެ ސަބަބުން ނުވަތަ މީހަކު ތަސައްރަފު ނުފުދޭތީ، ނުވަތަ އެނޫންވެސް އެފަދަ ސަބަބަކާހުރެ މީހެއްގެ މުދަލުން ތަސައްރަފުކުރުން ހުއްޓުވުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން އެފަދަ މީހެއްގެ މުދަލުން ޚަރަދުކުރުމުގައި މިންތަކާއި އިންތަކެއް ކަނޑައެޅުމެވެ.
ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) އާއި 35 ވަނަ މާއްދާގެ (ށ) ގައި ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ލިބިގެންވާ ޙައްޤެއް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ޙަޖުރުކުރުމުގެ މައްސަލަތަކުގައި ޢަމަލުކުރެވިދާނެ ހަމަތަކެއް ބަޔާންކުރާ ޤާނޫނެއް ނެތުމުން، ދިވެހިރާއްޖޭގައި ޙަޖުރުކުރުމުގެ މައްސަލަތަކުގައި ޝަރުޢީ އުޞޫލުތަކާއި ޢުރުފީ ހަމަތައް ރިޢާޔަތްކުރެވިގެން އައިސްފައިވެއެވެ.
މީހަކުގެ މުދާ ޙަޖުރުކުރުމުގެ ހަމަތަކުގެ ތެރޭގައި، އެ މީހަކީ އަމިއްލައަށް ކަންކަން ނިންމުމުގެ އަހުލިއްޔަތު ގެއްލިފައިވާ ފަރާތެއްކަން ޝަރީޢަތަށް ސާބިތުވުމާއި، އެ ފަރާތެއްގެ މިލްކިއްޔަތު ނުވަތަ މުދާ ހުރުން ހިމެނެއެވެ. މި ދެ ޢުންޞުރު ފުރިހަމަވެއްޖެނަމަ، ޙަޖުރުކުރެވޭ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށް އޭނާގެ ފަރާތުން މުދަލުގެ މައްޗަށް ތަސައްރަފުކުރުމަށް ޙަވާލުދާރެއް ކަނޑައަޅަމުން އައިސްފައިވަނީ އޭނާގެ ޢާއިލީ މެންބަރުންނަށް އިސްކަންދީގެންނެވެ.
ޝަރުޢީ އުޞޫލުތަކަށް ނަޒަރުކުރާއިރު، ޢައްޔަންކުރެވޭ ޙަވާލުދާރަކީ ޢަދުލުވެރި، އެކަމަށް ޤާބިލު، ބުއްދި ސަލާމަތުން ހުރި، ޙަޖުރުކުރެވޭ ފަރާތަށް ވަފާތެރި، ތެދުވެރި، ޒިންމާދާރު މީހަކަށް ވާންވާނެއެވެ؛ އަދި ޙަވާލުދާރުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ޙަޖުރުކުރެވުނު މުދާ ބެލެހެއްޓުމާއި ޙަޖުރުކުރެވުނު ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ޙަޖުރުކުރެވުނު މުދަލުން ތަސައްރަފުކުރެވޭނީ އެ މުދަލުގެ ވެރި ފަރާތުގެ މަންފާގައެވެ. އެނޫން ފަރާތެއްގެ މައްޗަށް އެ މުދަލުން ޚަރަދުކުރެވޭނީ އޭނާ ބުއްދި ސަލާމަތުން ހުރިއިރު ކޮށްފައިވާ ވަޞިއްޔަތެއްގެ މައްޗަށް ބިނާކޮށް ނުވަތަ އޭނާ ބުއްދި ސަލާމަތުން ހުރިއިރު އޭނާގެ މައްޗަށް ޚަރަދުބަރަދުގައި ބަރޯސާވަމުން އައި މައިންބަފައިންނާއި އަނބިންނާއި ކުޑަކުދިންނަށް ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
މީހެއްގެ މުދާ ޙަޖުރުކުރުމުގެ ކުރިން ނުވަތަ އޭނާ ބުއްދި ސަލާމަތުން ހުރިއިރު ކޮށްފައިވާ މުޢާމަލާތުތައް ޞައްޙަކަން މަތީ ދެމިގެންދާނެއެވެ. ނަމަވެސް، ޙަޖުރުކުރެވުމަށްފަހު، އޭނާ އަމިއްލަ ނަފުސަށް ތަސައްރަފުކޮށް ކުރާ މުޢާމަލާތުތައް ޞައްޙަ ނުވާނެއެވެ. ޙަޖުރުކުރުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތެއްގައި ޙަޖުރުކުރެވުނު ފަރާތުގެ މަޞްލަޙަތު އޮތީ އެ މުޢާމަލާތެއް ބާޠިލުކުރުން ކަމުގައިވާނަމަ، ކޯޓުން ކަނޑައަޅާ ޙަވާލުދާރަށް އެކަން ކުރުމަށް ހުރަހެއް އޮތް ކަމަކަށް ނުދެކެމެވެ.
ކަނޑައެޅޭ ޙަވާލުދާރަކު ޙަޖުރުކުރެވުނު ފަރާތުގެ މަޞްލަޙަތުތަކަށް ވަފާތެރި ނުވެއްޖެނަމަ، އެކަމުގެ ޒިންމާ އެ ފަރާތުން އުފުލަންޖެހޭނެއެވެ؛ ކޮންމެ މައްސަލައެއްގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް މަދަނީ އިލްތިޒާމުތައް އުފުލައި ބަދަލުދިނުމުގެ އިތުރުން، ޝަރުޢީ ކޯޓެއްގެ އަމުރަކާ ޚިލާފުވުން ފަދަ އެނޫން އިލްތިޒާމުތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ޙަޖުރުކުރުމުގެ ޙުކުމުގެ ކުރިން ދީފައިވާ ޕަވަރ އޮފް އެޓަރނީއެއް އެ ޙުކުމުން ނަފީވެ، އެ ޙުކުމަށްފަހު ބާޠިލު އެއްޗަކަށް ވެއެވެ. ޙަޖުރުކުރެވުމުގެ ކުރިން ކޮށްފައިވާ ކުލީގެ އެއްބަސްވުންތަކާއި އެނޫންވެސް އެފަދަ މަދަނީ މުޢާމަލާތުތައް، އެއްބަސްވުމުގެ މުއްދަތުތަކުގައި ޝަރީޢަތުން އެހެން ގޮތަކަށް ކަނޑަނާޅާހިނދަކު ދެމިގެންދާނެއެވެ.
ހައިކޯޓަށް ހުށަހެޅި ނުކުތާތައް ސުޕްރީމް ކޯޓުގައި ތަކުރާރުކޮށްފައިވާއިރު، ހައިކޯޓުގެ ޙުކުމް ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް، ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް، ނުވަތަ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި ޢައިބެއް ހުރި ކަމަށް އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައި ނުވާނަމަ، ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނުވެއެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ)
ފަނޑިޔާރުން
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2016/HC-A/412 ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަ ނުޖެހިގެން، […] ޙައްވާ ނާޞިޙާ (އައިޑީ (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޙައްވާ ނާޞިޙާ" މިހެން އިޝާރަތް ކޮށްފައިވާ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ބެލި ޤަޟިއްޔާއެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވަނީ، […] މުޙައްމަދު ނާޝިދު (އައިޑީ، […] ފާޠިމަތު ނާޝިދާ (އައިޑީ، […] އާމިނަތު ނަޝީދާ (އައިޑީ[…]، މަރްޔަމް ނާހިދާ، (އައިޑީ […] ޒައިނަބު ނާޡިމާ (އައިޑީ އާއި […] އަޙްމަދު ޝާހިދު (އައިޑީ (މީގެ ފަހުން އެ ހުރިހާ ފަރާތްތައް އެކު އެކީގައި "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރަތް ކޮށްފައިވާ) އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
[…] މޫސާ މަނިކު (އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބައްޕަ) ގެ މުދަލުގެ މައްޗަށް ތަސައްރަފު ކުރުމަށް ނުކުޅެދޭތީވެ، އޭނާގެ ގޯތި ގެދޮރު ކުއްޔަށްދީގެން ލިބޭ ފައިސާ އަމާނާތްތެރި ކަމާއެކު ބެލެހެއްޓުމަށް އޭނާގެ ދަރިންގެ ތެރެއިން އިސްތިއުނާފު ކުރާ ފަރާތް ކަމުގައިވާ ޙައްވާ ނާޞިޙާ އާ ޕަވަރ އޮފް އެޓަރނީ ("ޕަވަރ އޮފް އެޓަރނީ") އެއް މެދުވެރިކޮށް 16 ޑިސެމްބަރ 2014 ގައި ވަނީ ޙަވާލުކޮށްފައެވެ. އަދި މި ޕަވަރ އޮފް އެޓަރނީ ވަނީ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައެވެ.
ޙައްވާ ނާޞިޙާ މި ޕަވަރ އޮފް އެޓަރނީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމަކަށް ޚިޔާނާތްތެރި ވެއްޖެނަމަ، […] މޫސާ މަނިކުގެ ބާކީ ތިބި 10 ދަރިންނަށް، ޙައްވާ ނާޞިޙާ ގޮވައިގެން ޝަރުޢީ ކޯޓުތަކަށް ދިއުމުގެ ބާރު މި ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް ވަނީ ދީފައެވެ.
ބަޔާންކުރެވުނު ޕަވަރ އޮފް އެޓަރނީ ޙައްވާ ނާޞިޙާ އާ ޙަވާލު ކުރިއިރު މޫސާ މަނިކުގެ މިލްކުގައިވާ […] އެވެ ކިޔާ 1400 (ސާދަ ސަތޭކަ) އަކަފޫޓުގެ ގޯތީގެ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން […]، އަޙްމަދު މުޖާހަށް 15 (ފަނަރަ) އަހަރުގެ މުއްދަތަށް 2008 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު މޫސާ މަނިކު ވަނީ ކުއްޔަށް ދީފައެވެ. މި އެއްބަސްވުން ("ކުލީގެ އެއްބަސްވުން") ގައި ސޮއިކޮށްފައިވަނީ ބުނެވިދިޔަ އަޙްމަދު މުޖާހާއި މޫސާ މަނިކެވެ.
[…] މޫސާ މަނިކުގެ މުދަލުގެ މައްޗަށް ތަސައްރަފު ކުރުމަށް އޭނާ ނުކުޅެދޭތީވެ، އޭނާގެ މުދާ ޙަޖުރުކޮށް އޭނާގެ މުދަލާއި ފައިސާ އަމާނާތްތެރި ކަމާއެކު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޫސާ މަނިކުގެ ދަރިންގެ ތެރެއިން މުޙައްމަދު ނާޝިދު، ފާޠިމަތު ނާޝިދާ، މަރްޔަމް ނާހިދާ، ޙަލީމާ ޝާހިދާ، ޒައިނަބު ނާޡިމާ އާއި ޒުލައިޚާ ޝަހީދާ 17 މާރިޗު 2015 ގައި ސިވިލް ކޯޓަށްމައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު513/Cv-C/2015 ޤަޟިއްޔާ އިންނެވެ.
5.1މި މައްސަލަ އަކީ މޫސާ މަނިކު ޙަޖުރުކުރުމާ ގުޅޭގޮތުން، ބެލުނު ފުރަތަމަ މައްސަލަ އެވެ. އަދި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައި ނުވެއެވެ.
ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ 19 އޮކްޓޯބަރ 2015 ގައެވެ. އެ ކޯޓުގެ ޙުކުމުގައި ވަނީ މޫސާ މަނިކަކީ ބުއްދި ހަމަނުޖެހޭ (ދެއުޅިއެއްނުވާ) މީހެއްކަން މޫސާ މަނިކުގެ ދަރިންގެ ބަހުންނާއި، ޑޮކްޓަރުންގެ މެޑިކަލް ރިޕޯޓުން އެނގި ސާބިތުވާތީ، މޫސާ މަނިކުގެ މުދައު ޙަޖުރުކޮށް މޫސާ މަނިކުގެ ދަރިންގެ ތެރެއިން […] މުޙައްމަދު ނާޝިދާއި، […] ޙައްވާ ނާޞިޙާ އާއި މި ދެ ދަރިންނާ މޫސާ މަނިކުގެ އެންމެހައި މުދަލާއި ފައިސާއެއް ރައްކާތެރިކަމާއި އަމާނާތްތެރި ކަމާއެކު ބެލެހެއްޓުން ޙަވާލުކޮށް، މޫސާ މަނިކުގެ މުދަލާއި ފައިސާއިން މޫސާ މަނިކާއި އޭނާގެ އަނބިމީހާއަށް ބޭނުންވާ އެންމެހައި ޚަރަދާއި އެ މުދާ ބެލެހެއްޓުމަށް ކުރަންޖެހޭ ޚަރަދެއް އަމާނާތްތެރި ކަމާއެކު ކުރުމަށް މޫސާ މަނިކުގެ މުދަލާއި ޙަވާލުވާ މުޙައްމަދު ނާޝިދާއި ޙައްވާ ނާޞިޙާއަށް އަންގާފައެވެ.
މޫސާ މަނިކުގެ މުދަލާއި ފައިސާ އާ މެދު ޙައްވާ ނާޞިޙާ އިހުމާލުވެފައިވާކަމަށް ބުނެ، ޙައްވާ ނާޞިޙާގެ ކިބައިން މޫސާ މަނިކުގެ މުދާ ބެލެހެއްޓުން ވަކިކޮށް، މޫސާ މަނިކުގެ ދަރިންކުރެ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން، […] ޒައިނަބު ނާޡިމާ ހަމަޖައްސައިދިނުމަށް އެދި 20 ޑިސެމްބަރ 2015 ގައި މުޙައްމަދު ނާޝިދު ސިވިލް ކޯޓަށް އިތުރު މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލަ އެ ކޯޓުގައި ހިންގާފައިވަނީ، އެ ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާ އިންނެވެ. މިއީ، މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންމިދާ އިސްތިއުނާފީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ މައްސަލައެވެ. މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
6.1ސިވިލް ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚް (19 އޮކްޓޯބަރ 2015) ގެ ފަހުން މޫސާ މަނިކުގެ މުދަލާއި ފައިސާ އިން މޫސާ މަނިކާއި އޭނާގެ އަނބިމީހާއަށް ބޭނުންވާ އެންމެހައި ޚަރަދާއި އެ މުދާ ބެލެހެއްޓުމަށް ކުރަންޖެހޭ ޚަރަދުތައް ކުރަންވާނީ މުޙައްމަދު ނާޝިދާއި ޙައްވާ ނާޞިޙާގެ އެނގުމާއި ފެނުމުގެ ތެރެއިން ކަމުގައިވާތީ، މި ދެ ފަރާތުންކުރެ އެއްވެސް ފަރާތަކުން އަނެއް ފަރާތުގެ އެނގުމެއް ނެތި، ރުހުމެއް ނެތި މޫސާ މަނިކުގެ މުދަލާއި ފައިސާއިން ކުރަންޖެހޭ ޚަރަދުކުރުމުގެ އިޚްތިޔާރު އެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވާ ދާއިރާގެ ބޭރުން ލިބިދީފައި ނުވާކަން އެނގެން އޮންނަ ކަމުގައެވެ.
6.2ސިވިލް ކޯޓުގެ ނަންބަރު 2308/Cv-C/2015ޤަޟިއްޔާގައި އިތުރަށް ފާހަގަކޮށްފައިވަނީ ސިވިލް ކޯޓު ނަންބަރު 513/Cv-C/2015 ޤަޟިއްޔާ އިން މޫސާ މަނިކުގެ މުދައު ޙަޖުރުކުރުމުގެ ފަހުން އޭނާގެ މުދަލާ މެދުގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް ވަކި ފަރާތަކަށް އަންގައި، ޕަވަރ އޮފް އެޓަރނީއެއް ދީ ނުވަތަ ސިޓީއެއް ފޮނުވާފައިވީ ނަމަވެސް، ދެންނެވުނު ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގެ ޙުކުމަށް ފަހު، މޫސާ މަނިކަކީ ޙަޖުރުކުރެވިފައިވާ ފަރާތެއް ކަމުގައި ވީހިނދު، މޫސާ މަނިކުގެ މި އެންގުންތަކަކީ އެ ފަރާތުން ވެފައިއޮތް މަދަނީ އެއްބަސްވުންތަކެއް ކަމުގައި ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު513/Cv-C/2015 ޤަޟިއްޔާގެ ޙުކުމް ކުރުމަށްފަހު ދެން ޢަމަލު ކުރަންޖެހޭނީ ޙުކުމާ އެއްގޮތަށް ކަމުގައެވެ.
6.3ސިވިލް ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާގައި ކުރި ޙުކުމުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޙައްވާ ނާޞިޙާ ޢަމަލުކޮށްފައި ނުވާތީ، 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އެ މައްސަލައިގެ ޙުކުމް ކުރުމާ ހަމައަށް ހިނގާފައިވާ 09 މަސްދުވަހުގެ ކުއްޔަށްވާ 315,000/-ރ. (ތިންލައްކަ ފަނަރަ ހާސް ރުފިޔާ) އަށް ޙައްވާ ނާޞިޙާ ޒިންމާވާން ޖެހޭނެ ކަމަށާއި އެ ފައިސާ 19 ޖުލައި 2016 އިން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި މޫސާ މަނިކުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށެވެ.
6.4ނަމަވެސް، މޫސާ މަނިކުގެ މުދާ ބެލެހެއްޓުން ޙައްވާ ނާޞިޙާގެ ކިބައިން ވަކިކޮށް އެކަމަށް ޒައިނަބު ނާޡިމާ ހަމަޖެއްސުމަކީ ޝަރީޢަތުގެ ފަރާތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ޙުކުމުގައި ބަޔާންކޮށްފައި ވެއެވެ.
6.5ސިވލް ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާ ނިމިފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ޙައްވާ ނާޞިޙާ ގެ ފަރާތުންނާއި މުޙައްމަދު ނާޝިދު ގެ ފަރާތުންވެސް ވަކިވަކި ދެ އިސްތިއުނާފީ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަތަކުގެ ތަފްޞީލު އަންނަނިވި ފޮޅުވަތް ތަކުގައި އެ ވަނީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފު
ސިވިލް ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ޙައްވާ ނާޞިޙާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި 07 ސެޕްޓެމްބަރ 2016 ގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/412 ޤަޟިއްޔާ އިންނެވެ. މިއީ ސުޕްރީމް ކޯޓުގައި މިހާރު އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާ ވެސް މެއެވެ. އިސްވެ ބަޔާންކުރެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާ މުޙައްމަދު ނާޝިދު، ފާޠިމަތު ނާޝިދާ، އާމިނަތު ނަޝީދާ، މަރްޔަމް ނާހިދާ އާއި ޒައިނަބު ނާޡިމާގެ ފަރާތުން ވެސް ހައިކޯޓަށް އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/406 ޤަޟިއްޔާ އިންނެވެ. މި ދެ މައްސަލައިގެ ޚުލާސާއެއް ތިރީގައި އެ ވަނީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/412 ޤަޟިއްޔާ (ޙައްވާ ނަޞިޙާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ)
ސިވިލް ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޙައްވާ ނާޞިޙާގެ ފަރާތުގެ ހުށަހަޅާފައިވާ ނުކުތާ ތަކަކީ އަޙްމަދު މުޖާޙު އާއި މޫސާ މަނިކާ ދެމެދު ކޮށްފައިވާ ކުލީގެ އެއްބަސްވުމުން ލިބޭ ކުލި މޫސާ މަނިކުގެ އެކައުންޓަށް ޖަމާކުރުމަށް ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާ ޚިލާފަށް ކަމަށާއި، އަޙްމަދު މުޖާޙު އާއި މޫސާ މަނިކާ ދެމެދު ކޮށްފައިވާ ކުލީގެ އެއްބަސްވުމާ މެދު ވަކިގޮތަކަށް ޢަމަލުކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގައި ނިންމާފައިވާކަމަށް ކަނޑައަޅާފައިވަނީ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
މި ޤަޟިއްޔާ ނިންމުމަށް ވާސިލުވުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވަނީ، މޫސާ މަނިކު ޙަޖުރުކުރުމުގެ ކުރިން، މޫސާ މަނިކާއި ދ. މީދޫ، […] އަޙްމަދު މުޖާހު އާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެމުންދިޔަ ކުލި 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހަވާލުވަމުން ދިޔަކަމަށް ޙައްވާ ނާޞިޙާގެ ފަރާތުން އެއްބަސްވެފައިވާ ކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު513/Cv-C/2015 ޤަޟިއްޔާގެ ޙުކުމް ކުރި ފަހުން ކުލީގެ ފައިސާ އާއި ޙަވާލުވަމުން ގޮސްފައިވަނީ ޙައްވާ ނާޞިޙާ ނޫންކަމަށް އޭނާ އިންކާރު ނުކުރާ ކަމަށާއި، 19 އޮކްޓޯބަރ 2015 (ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާ ނިމުނު ތާރީޚް) ގެ ފަހުން މޫސާ މަނިކުގެ މުދަލުގެ ތެރޭގައި ހިމެނޭ ގޯއްޗަށް ކުލީގެ ގޮތުގައި ލިބުނު ފައިސާ ޙައްވާ ނާޞިޙާ ހޭދަކުރީ މޫސާ މަނިކު އާއި އޭނާގެ އަންހެނުންގެ ޚަރަދުތަކަށް ހޭދަކުރުމުގެ ގޮތުން ނުވަތަ މޫސާ މަނިކުގެ މުދާ ބެލެހެއްޓުމުގެ ގޮތުންކަން ޙައްވާ ނާޞިޙާއަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި، އެހެންކަމުން އެ މުއްދަތުގެ ފަހުން ކުއްޔަށް ލިބުނު ފައިސާއަށް ޙައްވާ ނާޞިޙާ ޒިންމާވާން ޖެހޭނެކަމަށް ސިވިލް ކޯޓުގެ ނަންބަރު2308/Cv-C/2015 ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު513/Cv-C/2015 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމާއި ޚިލާފަށް ކަމުގައި ބެލެވެން ނެތް ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ބަލާއިރު، ކުލީގެ ފައިސާގެ ގޮތުގައި ލިބެންޖެހޭ ފައިސާ މޫސާ މަނިކުގެ ނަމުގައި އޮންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ޖަމާކުރުމަށް ޙުކުމް ކޮށްފައިވަނީ، މައްސަލައިގެ ވަށައިގެންވާ ކަންތަކަށް ބަލާއިރު އެންމެ މަޞްލަޙަތު ހުރިގޮތް ކަމަށް ބެލެވޭތީ ކަމަށާއި، އެ ފައިސާ އަކީ މޫސާ މަނިކާއި އޭނާގެ އަންހެނުންނާއި، އޭނާގެ މުދަލަށް ކުރާ ޚަރަދުތައް ކުރުމަށްޓަކައި ކުރަންޖެހޭ ޚަރަދެއް ކަމަށްވާއިރު، މި ފައިސާ ޙައްވާ ނާޞިޙާ އަށް ލިބޭ ގޮތަށް އޮތުމަކީ އެންމެ މަސްލަޙަތު ރަނގަޅު ގޮތްކަމަށް ބެލެވެން ނެތްކަމުން، ސިވިލް ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާގެ ޙުކުމުގައި 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ޙުކުމް ކުރި ދުވަހާއި ހަމައަށް ހިނގާފައިވާ 09 މަސް ދުވަހުގެ ކުއްޔަށް އަރާފައިވާ .315,000/-ރ (ތިން ލައްކަ ފަނަރަ ހާސް ރުފިޔާ) އާ ޒިންމާވާން ޖެހޭނެކަމަށް ކަނޑައަޅައި އެ ފައިސާ އެ މައްސަލައިގެ ޙުކުމްކުރި ތާރީޚުން ފެށިގެން 03 މަސް ދުވަހުގެ ތެރޭގައި މޫސާ މަނިކުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށް ޙައްވާ ނާޞިޙާއަށް އަންގައި ކޮށްފައިވާ ޙުކުމުގެ އެ ބަޔަށް ބަދަލު ގެންނަން ޖެހޭފަދަ ސަބަބެއް ފެންނަން ނެތް ކަމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ޤަޟިއްޔާ (މުޙައްމަދު ނާޝިދު، ފާޠިމަތު ނާޝިދާ، އާމިނަތު ނަޝީދާ، މަރްޔަމް ނާހިދާ އާ ޒައިނަބު ނާޡިމާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ)
ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާ މުޙައްމަދު ނާޝިދު، ފާޠިމަތު ނާޝިދާ، އާމިނަތު ނަޝީދާ، މަރްޔަމް ނާހިދާ އާ ޒައިނަބު ނާޡިމާގެ ފަރާތުން އިސްތިއުނާފު ކުރި މައިގަނޑު ނުކުތާ ތަކަކީ މޫސާ މަނިކު ޙަޖުރުކޮށް ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާއިން ޙުކުމްކޮށް ޙައްވާ ނާޞިޙާގެ މައްޗަށް އަމުރުކޮށްފައިވަނީ މޫސާ މަނިކުގެ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް ކަމަށާއި، ނަމަވެސް ޙައްވާ ނާޞިޙާ ގެންދަނީ ފައިސާ އިން ޚަރަދު ކުރަމުން ކަމަށާއި، ބޭންކު އެކައުންޓުން ފައިސާ ނަގައި ހުސްކޮށްފައިވާ ކަމަށާއި، އަދި މައްސަލައަށް ތަދައްޚުލްވި އަޙްމަދު ޝާހިދު އާއި ޙައްވާ ނާޞިޙާ ގުޅިގެން ފައިސާ ޚަރަދުކުރަމުންދާ ކަމަށާއި ބޭންކު އެކައުންޓުގައި ފައިސާ ނެތް ކަމަށާއި، އަދި ފައިސާ ޚަރަދުކޮށްފައި ވަނީ ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގައި އަމުރުކޮށްފައިވާ ގޮތުގެމަތިން މުޙައްމަދު ނާޝިދު އަށް އެނގުމަކާ ނުލައިކަން ޙައްވާ ނާޞިޙާގެ ބަހުން އެނގެން އޮތް ނަމަވެސް އެކަމަށް ދަށު ކޯޓުން ރިޢާޔަތް ކޮށްފައި ނުވާތީ، އިންޞާފު ޤާއިމުކުރެވިފައި ނުވާކަމަށާއި، އަދި މޫސާ މަނިކުގެ މުދަލާއި ފައިސާ ބެލެހެއްޓުމަށް ޙައްވާ ނާޞިޙާގެ ބަދަލުގައި ޒައިނަބު ނާޡިމާ ހަމަޖައްސައިދިނުމަށް ހުށަހެޅި ހުށަހެޅުމަށް ގިނަ ކުދިންނާއި ކުދިންގެ މަންމަގެ ވެސް ތާއީދު ލިބިފައިވާއިރު އަދި އެކަމަށް އެހެން އެއްވެސް ކުއްޖަކު އިންކާރު ކޮށްފައި ނުވާތީ އާ އަދި ޙައްވާ ނާޞިޙާ ވެސް އެކަމަށް އިންކާރު ކުރިކަން އެނގެން ނެތް ނަމަވެސް ދަށު ކޯޓުން އެކަން ކޮށްދެއްވާފައި ނުވާތީ، ޢާއިލާގެ މެދުގައި އޮތް ހަމަނުޖެހުމާއި ނުތަނަވަސްކަން ޙައްލުވެފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި މައްސަލައިގައި ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ ޙައްވާ ނާޞިޙާގެ ފަރާތުން ޢަމަލު ކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގައި އަންގާފައިވާ ގޮތާ އެއްގޮތަށް ނޫން ކަމަށާއި، އެގޮތުން ޙައްވާ ނާޞިޙާގެ ބައްޕަ، މޫސާ މަނިކު، ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާކަމަށް ބުނާ ގޯތިން ލިބެމުންދިޔަ ކުއްޔާއި ޙައްވާ ނާޞިޙާ ޙަވާލުވެ އެ ކުލީގެ ފައިސާ ނަގާފައިވާކަމަށް ޙައްވާ ނާޞިޙާގެ ފަރާތުން އިންކާރުކޮށްފައި ނުވާއިރު، މި ފައިސާ ޚަރަދު ކޮށްފައިވަނީ މޫސާ މަނިކާއި އޭނާގެ އަންހެނުންނަށް ބޭނުންވާ ޚަރަދުތައް ކުރުމަށްކަން އެނގެން ނެތް ކަމަށާއި، މޫސާ މަނިކުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި ޙައްވާ ނާޞިޙާ އިހުމާލުވެފައިވާކަން ސާބިތުވާތީ އިތުރަށް ޙައްވާ ނާޞިޙާ، މޫސާ މަނިކުގެ މުދަލާއި ފައިސާ ބެލެހެއްޓުން ޙަވާލުކޮށްފައި ބެހެއްޓުމަކީ މޫސާ މަނިކާއި އޭނާގެ އަންހެނުންގެ މަސްލަޙަތުގައި އެންމެ ރަނގަޅު ގޮތްކަމުގައި ބެލެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާއިން މޫސާ މަނިކު ޙަޖުރުކުރުމަށް ފަހު، ޙައްވާ ނާޞިޙާ އާއި މޫސާ މަނިކުގެ މުދަލާއި ފައިސާ ބެލެހެއްޓުން ޙަވާލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޙައްވާ ނާޞިޙާގެ ބަދަލުގައި މޫސާ މަނިކުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާއި ޙަވާލުކުރަން ޖެހޭނެކަމަށް ޤަބޫލުކުރެވެން އޮންނަ ކަމަށާއި އަދި މިގޮތަށް ޙަވާލުކުރެވޭ ފަރާތަކީ މޫސާ މަނިކުގެ މަސްލަޙަތުގައި އެންމެ ރަނގަޅު ފަރާތަށް ވާންޖެހޭނެ ކަމަށެވެ.
އަދި ދަށު ކޯޓަށް މޫސާ މަނިކުގެ ދަރިން ދީފައިވާ ބަޔާންތަކަށް ބަލާއިރު، މޫސާ މަނިކުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރަންވީ ފަރާތަކާއި މެދު އޭނާގެ ދަރިންގެ މެދުގައި ޚިލާފު އޮތްކަން އެނގޭ ކަމަށާއި، ޙަޖުރުކުރުމުގެ މައްސަލަތަކުގައި ޙަޖުރުކުރެވޭ ފަރާތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ޚަރަދު ކުރުމުގެ ޒިންމާ ޙަވާލުކުރަންޖެހޭނީ ޙަޖުރުކުރެވޭ ފަރާތުގެ މަސްލަޙަތުގައި އޮތް އެންމެ ރަނގަޅު ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމަށާއި އަދި މިގޮތަށް ޙަވާލުކުރެވޭ ކުރުމުގައި މުޅި ޢާއިލާގެ މަސްލަޙަތާއި މުދަލާއި ފައިސާ ބެލެހެއްޓުން ޙަވާލުކުރެވޭ ފަރާތުގެ އަމާނާތްތެރިކަމުގެ މައްޗަށް ވެސް ބެލެވެންޖެހޭނެ ކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާގެ ޙުކުމުގައި އެ މައްސަލައިގައި ދަޢުވާކުރި ފަރާތްތަކުން އެދިފައިވާ ފަދައިން، މޫސާ މަނިކުގެ މުދާ ބެލެހެއްޓުން ޙައްވާ ނާޞިޙާގެ ކިބައިން ވަކި ކުރެވެން ނެތް ކަމެއް ކަމަށް އަންގައި ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލުކޮށް، މޫސާ މަނިކު ޙަޖުރުކުރެވިފައިވާތީ އޭނާގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޒިންމާ މޫސާ މަނިކުގެ ދަރިންގެ ތެރެއިން ޙައްވާ ނާޞިޙާ ފިޔަވައި އެހެން ފަރާތަކާއި ޙަވާލުކުރުމަށް މޫސާ މަނިކުގެ ދަރިންގެ ތެރެއިން ކުއްޖަކު ނުވަތަ އަނބިމީހާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، މޫސާ މަނިކުގެ މަސްލަޙަތުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަލައި އެކަމާ މެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެކަން އަންގައި މައްސަލަ ނިންމާފައި ވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ދެ މައްސަލައިގެ ތެރެއިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވިފައިވަނީ ޙައްވާ ނާޞިޙާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރި އެ ކޯޓުގެ ނަންބަރު 2016/HC-A/412 ޤަޟިއްޔާއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވަނީ މައިގަނޑު ދެ ނުކުތާއެއްގެ މައްޗަށެވެ. އެއީ:
ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގެ ޙުކުމް ކުރުމުގެ ކުރިން، ޙައްވާ ނާޞިޙާއަށް ވަނީ ޕަވަރ އޮފް އެޓާރނީ އެއް ދީފައި ކަމަށާއި، ކުލީގެ އެއްބަސްވުމުގެ ދަށުން ލިބޭ، ކުއްޔާ މެދު ވެސް ޢަމަލު ކުރެވެންޖެހޭނީ ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު513/Cv-C/2015 ޤަޟިއްޔާގެ ދަށުން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/412 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ބަޔާންވެދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާ އާ ޚިލާފަށްކަމުން، އެއީ ކަނޑައެޅި ނިޔާގެ ބާރު ދެމިގެންވާކަމުގެ އުޞޫލާ ޚިލާފުކަމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާ.
އިޝާރާތް ކުރެވިފައިވާ ކުލީގެ އެއްބަސްވުމުގެ ދަށުން، މޫސާ މަނިކުގެ ނަމުގައި އޮންނަ ބޭންކް އެކައުންޓަކަށް ކުލި ޖަމާކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/412 ޤަޟިއްޔާގައި ކަނޑައަޅާފައި ވަނީ ބަޔާންވެދިޔަ ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގެ ޙުކުމާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ބުނެވިދިޔަ އިސްތިއުނާފުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ؛
ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާ އަކީ މޫސާ މަނިކު ޙަޖުރުކުރުމަށް ހުށަހެޅުނު މައްސަލައެއް ކަމަށާއި، އިސްވެ ދެންނެވިފައިވާ […]، އަޙްމަދު މުޖާހަށް ކުއްޔަށް ދޫކޮށްފައިވާ […] އެވެ ކިޔާ ގޯއްޗާ ގުޅޭ އެއްބަސްވުން ހުށަހަޅާފައި ނުވާކަމަށާއި އަދި އެ ޤަޟިއްޔާގައި ހުށަހެޅިފައިވަނީ 16 ޑިސެމްބަރ 2014 ގައި މޫސާ މަނިކު ހައްވާ ނާޞިޙާއަށް ދީފައިވާ ޕަވަރ އޮފް އެޓަރނީ އެއް ކަމަށާއި، ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމުގައި "މޫސާ މަނިކުގެ އެންމެހައި މުދަލަކާއި" މިހެން ބަޔާންކޮށްފައި އޮތުމުން ބަޔާންވެދިޔަ ގޯތި ވެސް ހިމެނޭކަމަށާއި، އަދި ބުނެވިދިޔަ ޙުކުމުގެ ކުރިން ދީފައިވާ ޕަވަރ އޮފް އެޓަރނީއެއް އެ ޙުކުމަށްފަހު، ބާރު ކެނޑިގެން ދާނެ ކަމަށާއި އަދި މިކަން ހައިކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ގައި ބަޔާންކޮށްފައިވާ ކަމަށާއި، މިގޮތުން އެ ޤަޟިއްޔާއަށް ފަހު ޢަމަލު ކުރަންޖެހޭނީ އެ ޙުކުމުގައިވާ ފަދައިން ޙައްވާ ނާޞިޙާ އާއި މުޙައްމަދު ނާޝިދުކަން.
ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގެ ޙުކުމުގައި ޕަވަރ އޮފް އެޓަރނީ އަށް ޢަމަލުކުރުމަށް ކަނޑައަޅާފައި ނުވާ ކަމަށާއި، މޫސާ މަނިކު ޙަޖުރުކުރުމުގެ ކުރިން ދީފައިވާ ޕަވަރ އޮފް އެޓަރނީ އާއި ލިޔުން ފަދަ ތަކެއްޗަކީ ޙަޖުރުކުރުމަށްފަހު ބާތިލު އެއްޗެހިތަކެއް ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން މުޙައްމަދު ނާޝިދުގެ އަތުގައި މޫސާ މަނިކުގެ ބޭންކު އެކައުންޓުގެ ކޭޝް ކާޑު އޮތުމަކީ، އޭތި ނަހަމަ ގޮތުގައި ބޭނުން ހިފިދާނެ ކަމަށް ދަލާލަތު ކޮށްދޭ ކަމެއް ނޫންކަން.
މި މައްސަލައިގައި ދެ ފަރާތުން އެދިފައިވާ ގޮތް ތިރީގައި މި ވަނީއެވެ.
އިސްތިއުނާފު ކުރާ ފަރާތް ކަމުގައިވާ ޙައްވާ ނާޞިޙާ މި މައްސަލައިގައި އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/412 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 2308/CV-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމާއި އަދި މަތީގައި ބަޔާންކުރެވިފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ބާތިލުކޮށް ދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން އަޙްމަދު ޝާހިދު އެދިފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ގޮތަށްކަން އެނގޭކަމާއި، އެ ފަރާތް ފިޔަވައި ދެންތިބި، ފަރާތްތަކުން މި މައްސަލައިގައި އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2308/CV-C/2015 ޤަޟިއްޔާ އާއި އަދި އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނަންބަރު 2016/HC-A/412 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނޫންކަމަށް ކަނޑައަޅައި ބުނެވިދިޔަ ދެ ޤަޟިއްޔާގެ ޙުކުމް ބާތިލު ކުރާނެ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި ގޮތުގެމަތިން ޙުކުމަށް އެއްވެސް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ބަޔާންކުރެވުނު ދެ ޙުކުމާއި އަދި މުޙައްމަދު ނާޝިދު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ޤަޟިއްޔާގެ ޙުކުމަށް ޢަމަލު ކުރުމަށް ކަނޑައަޅައި ދިނުމަށެވެ.
ޙަޖުރުކުރުމާ ގުޅޭ
[…] މޫސާ މަނިކުގެ މުދައު ޙަޖުރުކުރުމާ ގުޅިގެން ޝަރުޢީ އެކި މަރުޙަލާތަކުގައި ތަފާތު ގިނަ މައްސަލަތައް ހިނގަމުން އައިސްފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުން ތަކުންނާއި އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. މި ބާވަތުގެ މައްސަލަތަކުން އުފަންވާ އިތުރު މައްސަލަތައް އަވަސް މިނެއްގައި ޙައްލުކުރެވި، ޙަޖުރުކުރެވޭ ފަރާތުގެ މަސްލަޙަތު ޔަޤީންކޮށްދީ، ޙަޖުރުކުރެވުނު މުދައު ފަދަ ތަކެތި ބެލެހެއްޓިދާނެ، ލިޔެވިގެން ޢަމަލު ކުރާ އުޞޫލުތަކެއް ބަޔާންކުރާ ނިޒާމެއް ދިވެހިރާއްޖޭގައި ނެތްކަން ފާހަގަކުރަމެވެ.
ޙަޖުރުކުރުމަކީ މީހެއްގެ ބުއްދި ފިލައިދިއުމުގެ ސަބަބުން ނުވަތަ މީހަކު ތަސައްރަފު ނުފުދޭތީވެ، ނުވަތަ އެ ނޫންވެސް އެފަދަ ސަބަބަކާހުރެ މީހެއްގެ މުދަލުން ތަސައްރަފުކުރުން ހުއްޓުވުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން އެފަދަ މީހެއްގެ މުދަލުން ޚަރަދުކުރުމުގައި މިންތަކާއި އިންތަކެއް ކަނޑައެޅުމެވެ.
ޙަޖުރުކުރުމުގެ އަސާސްތަކަށް ބަލާއިރު، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) އާއި 35 ވަނަ މާއްދާގެ (ށ) ގައި ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ލިބިގެންވާ ޙައްޤެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް، މި ޙައްޤު ލިބިދިނުމުގައި، ޙަޖުރުކުރުމުގެ މައްސަލަތަކުގައި ޢަމަލު ކުރެވިދާނެ ހަމަތަކެއް ބަޔާންކުރާ ޤާނޫނެއް ނެތްކަން ފާހަގަކުރަމެވެ.
ދިވެހިރާއްޖޭގައި ޙަޖުރުކުރުމުގެ މައްސަލަތަކުގައި ޢަމަލު ކުރާ ހަމަތަކަށް ބަލާއިރު، ޝަރުޢީ އުޞޫލުތަކާއި ޢުރުފީ ހަމަތައް ރިޢާޔަތް ކުރެވިގެން އައިސްފައިވާކަން ފާހަގަކުރަމެވެ. މިގޮތުން، ޢަމަލު ކުރަމުން އައިގޮތަށް ބަލައި، މީހަކުގެ މުދައު ޙަޖުރުކުރުމުގެ ހަމަތަކުގެ ތެރެއިން އަންނަނިވި ކަންކަން ގަލަން ކުރަމެވެ.
އެ މީހަކީ އަމިއްލައަށް ކަންކަން ނިންމުމުގެ އަޙްލިއްޔަތު ގެއްލިފައިވާ ފަރާތެއްކަން ޝަރީޢަތަށް ސާބިތުވުން އަދި،
އެ ފަރާތެއްގެ މިލްކިއްޔާތު ނުވަތަ މުދައު ހުރުން.
ބަޔާންވެދިޔަ ދެ އުންސުރު ފުރިހަމަވެއްޖެނަމަ، ޝަރުޢީ ކޯޓަކުން، މީހެއްގެ މުދައު ޙަޖުރުކުރެވޭ ހިނދު، ޙަޖުރުކުރެވޭ ފަރާތުގެ މައްސަލަޙަތު ހިމާޔަތްކޮށް އޭނާގެ ފަރާތުން އެ މުދަލުގެ މައްޗަށް ތަސައްރަފު ކުރުމަށް ޢައްޔަންކުރެވޭ ޙަވާލުދާރެއް ކަނޑައަޅަމުން އައިސްފައިވަނީ އޭނާގެ ޢާއިލީ މެންބަރުންނަށް އިސްކަން ދީގެންކަން ފާހަގަކުރަމެވެ.
ޝަރުޢީ އުޞޫލުތަކަށް ނަޒަރު ކުރާއިރު މިގޮތުން، ޢައްޔަންކުރެވޭ ޙަވާލުދާރަކީ ޢަދުލުވެރި، އެކަމަށް ޤާބިލު، ބުއްދި ސަލާމަތުން ހުރި ޙަޖުރުކުރެވޭ ފަރާތަށް ވަފާތެރި ތެދުވެރި ޒިންމާދާރު މީހަކަށް ވާންވާނެއެވެ.
ޙަވާލުދާރުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން، ޙަޖުރުކުރެވުނު މުދައު ބެލެހެއްޓުމާއި ޙަޖުރުކުރެވުނު ފަރާތުގެ މަސްލަޙަތު ހިމާޔަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ޙަޖުރުކުރެވުނު މުދަލުން ތަސައްރަފު ކުރެވޭނީ އެ މުދަލުގެ ވެރި ފަރާތުގެ މަންފާގައެވެ. އެ ނޫން ފަރާތެއްގެ މައްޗަށް އެ މުދަލުން ޚަރަދު ކުރެވޭނީ އޭނާ ބުއްދި ސަލާމަތުން ހުރިއިރު ކޮށްފައިވާ ވަޞިއްޔަތެއްގެ މައްޗަށް ބިނާކޮށް ނުވަތަ އޭނާ ބުއްދި ސަލާމަތުން ހުރިއިރު އޭނާގެ މައްޗަށް ޚަރަދު ބަރަދުގައި ބަރޯސާ ވަމުން އައި މައިންބަފައިންނާއި އަނބިންނާ އަދި ކުޑަކުދިންނަށް ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިންކަން، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލު ކުރަމުން އައިސްފައިވާގޮތަށް ބަލައި، އިސްތިޤުރާރުވެފައިވާ ކަން އެނގެއެވެ.
މީހެއްގެ މުދައު ޙަޖުރުކުރުމުގެ ކުރިން ނުވަތަ އޭނާ ބުއްދި ސަލާމަތުން ހުރިއިރު ކޮށްފައިވާ މުޢާމަލާތުތައް ޞައްޙަކަން މަތީ ދެމިގެން ދާނެކަމާއި ނަމަވެސް، ޙަޖުރުކުރެވުމަށްފަހު، އޭނާ އަމިއްލަ ނަފުސަށް ތަސައްރަފުކޮށް ކުރާ މުޢާމަލާތުތައް ޞައްޙަ ނުވާނެއެވެ. ބުނެވިދިޔަ އުސޫލުން ޙަޖުރުކުރުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތުތައް ދެމި އޮތްކަމުގައި ވިޔަސް، އެފަދަ މުޢާމަލާތެއްގައި ޙަޖުރުކުރެވުނު ފަރާތުގެ މަސްލަޙަތު އޮތީ އެފަދަ މުޢާމަލާތެއް ބާތިލުކުރުން ކަމުގައި ވާނަމަ، ކޯޓުން ކަނޑައަޅާ ޙަވާލުދާރަށް އެކަން ކުރުމަށް ހުރަހެއް އޮތް ކަމަކަށް ނުދެކެމެވެ.
ކަނޑައެޅޭ ޙަވާލުދާރަކު ޙަޖުރުކުރެވުނު ފަރާތުގެ މަސްލަޙަތު ތަކަށް ވަފާތެރި ނުވެއްޖެނަމަ، އެކަމުގެ ޒިންމާ އެ ފަރާތުން އުފުލަންޖެހޭނެ ކަން ފާހަގަކުރަމެވެ. މިގޮތުން، ބައެއް ފަހަރު ކޮންމެ މައްސަލައެއްގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް މަދަނީ އިލްތިޒާމުތައް އުފުލައި ބަދަލު ދިނުމުގެ އިތުރުން، ޝަރުޢީ ކޯޓެއްގެ އަމުރަކާ ޚިލާފުވުން ފަދަ އެ ނޫން އިލްތިޒާމުތަކާ އެ ޚިލާފުވި ފަރާތެއް ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
އުޞޫލުތައް ތަޠުބީޤުކުރުން
މި މައްސަލައަށް ބަލާއިރު، ޙައްވާ ނާޞިޙާއަށް ދީފައިވާ ޕަވަރ އޮފް އެޓަރނީ އަކީ ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާ ޙުކުމް ކުރުމުގެ ކުރިން ދީފައިވާ ލިޔުމެއްކަމާއި، އެ ޙުކުމުން ވަނީ އެ ޕަވަރ އޮފް އެޓަރނީ ނަފީކޮށްފައިވާ ކަމާއި އެހެންކަމުން، އެ ޕަވަރ އޮފް އެޓަރނީ އަކީ އެ ޙުކުމަށްފަހު ބާތިލު އެއްޗެކެވެ. މޫސާ މަނިކުގެ މުދައު ޙަޖުރުކުރެވުމުގެ ކުރިން ކޮށްފައިވާ ކުލީގެ އެއްބަސްވުންތަކާއި މަދަނީ އެ ނޫންވެސް އެފަދަ މަދަނީ މުޢާމަލާތުތަށް އެއްބަސްވުމުގެ މުއްދަތު ތަކުގައި ޝަރީޢަތުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު ދެމިގެން ދާނެއެވެ.
ބުނެވިދިޔަ ގޮތަށް، ޕަވަރ އޮފް އެޓަރނީ އަކީ ބާތިލު އެއްޗެއް ކަމާއި، ކުލީގެ އެއްބަސްވުމުގެ ދަށުން މޫސާ މަނިކަށް ލިބެމުން އައި ކުލި، ޙައްވާ ނާޞިޙާގެ ބޭންކު އެކައުންޓަށް ޖަމާކުރަން ޖެހޭނެ ޤާނޫނީ ހަމައެއް އޮތް ކަމަކަށް ނުފެނެއެވެ. އަދި އެއީ ބަޔާންވެދިޔަ ޙަޖުރުކުރުމުގެ އުޞޫލުތަކަށް ރިޢާޔަތް ކުރާއިރު، މި މައްސަލައިގައި މޫސާ މަނިކުގެ މަސްލަޙަތުގައި އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަކަށް އަހުރެން ނުދެކެމެވެ.
ޝަރުޢީ ކޯޓު ތަކުން މޫސާ މަނިކު ގެ ޙަޖުރުކުރުމާ ގުޅޭގޮތުން ތަފާތު ގިނަ މައްސަލަތައް ނިމިފައި ހުރިކަމުގައި ވިޔަސް އެންމެ ފަހުން، ކޯޓުން ކަނޑައަޅާފައިވާ ގޮތެއްގެމަތިން އެ ޒިންމާތައް ހަވާލުދާރު އަދާކުރުމުގައި ބަޔާންވެދިޔަ ހަމަތަކަށް ތަބާވުމަކީ ލާޒިމު ކަމެއް ކަމަށް އަހުރެން ދެކެމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/412 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙައްވާ ނާޞިޙާގެ ފަރާތުން ސުޕްރީމް ކޯޓުގައި ވެސް ތަކުރާރުކޮށްފައި ވަނީ ސިވިލް ކޯޓުގެ ނަންބަރު2308/Cv-C/2015 ޤަޟިއްޔާއިން ނިންމެވި މައްސަލަ ހައިކޯޓަށް ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ނުކުތާތައް ކަމުގައި ވާތީ، މި ނުކުތާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/412 ޤަޟިއްޔާއިން ގޮތެއް ކަނޑައެޅިފައި ވުމާއެކު، ހައިކޯޓުގެ ދެންނެވުނު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބަޔާންކުރާ، ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރި ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާ ތަކުގައި ފާހަގަކޮށްފައި އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާ ނިމިފައިވާ ގޮތާމެދު ޙައްވާ ނާޞިޙާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުން، ހައިކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 2016/HC-A/412 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމްދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/412 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު
މުޙައްމަދު އިބްރާހީމް
ޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.