ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 85 · 2019/SC-A/56ސުޕްރީމް ކޯޓު · 6 ސެޕްޓެމްބަރު 2021

ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް)

ސުޕްރީމް ކޯޓު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 ސެޕްޓެމްބަރު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/56

ޝަރީޢަތް ނިމުނުގޮތް

ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް)

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު

06 ސެޕްޓެމްބަރ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2017/HC-A/283

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް)

ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ޤާނޫނީ ވަކީލު: ސީނިއަރ ސްޓޭޓް ކައުންސެލް ޙައްވާ ސަނާ، ސްޓޭޓް އެޓަރނީ އީމާން މުޙައްމަދު ރަޝީދު ބަދަލުގައި: މުޙައްމަދު ރިޔާޒް، މ. ބޯއްޑޫ، މާލެ

ޤާނޫނީ ވަކީލު: ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ސުލްތާން ޗެމްބަރސް، ޢަބްދުﷲ ސިޔާޒް، އިކުއިޓީ ޗެމްބަރސް

މަދަނީ - ސޭލް އެންޑް ޕާރޗޭސް އެގްރިމެންޓް – ޑީޑް އޮފް އެސައިންމަންޓް – އެކުއިޒިޝަން ފީ – އެއްބަސްވުން ޔުނިލެޓްރަލްކޮށް ބާތިލް ކުރުން –އެއްބަސްވުމުގެ މުޤާބިލު ބަދަލުވެފައި ނުވުން – އެއްބަސްވުމުގެ އުންޞުރުތައް - އިސްތިއުނާފުކުރުމުގެ މުއްދަތު – ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު - ކޮންޓްރެކްޓާބެހޭ ޤާނޫނު

ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް)

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/283 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ. މި މައްސަލަ މި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-496/2004) (ބިޒްނާސް މޯލްޑިވްސް) ގެ ފަރާތުންނެވެ. އިސްތިއުނާފު ރައްދުވަނީ މިނިސްޓްރީ އޮފް ޓޫރިޒަމަށެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް މި ކޯޓުގައި ތަމްސީލު ކޮށްފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުން (ދައުލަތުން) ނެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ބ. ހިބަޅިދޫ، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އެ ރަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ރަޖިސްޓްރީ ނަންބަރު C-0509/2011) (އެމް.އެމް.ޕީ.އާރް.ސީ) އަށް ކުއްޔަށް ދިނުމަށްޓަކައި އެ ކުންފުންޏާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު އެއްބަސްވުމެއްގައި (ލީސް އެގްރިމެންޓް) 10 އޮގަސްޓް 2014 ގައި ސޮއިކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމާއެކު އެމް.އެމް.ޕީ.އާރް.ސީ އިން ވެފައިވާ ލީސް އެގްރިމެންޓްގެ ދަށުން އެ ކުންފުންޏަށް ބ. ހިބަޅިދޫގެ މައްޗަށް ލިބިފައިވާ ޙައްޤުތަކާއި އިލްތިޒާމުތައް (leasehold rights) ވިއްކާލުމަށްޓަކައި 10 އޮގަސްޓް 2014 ގައި އެމް.އެމް.ޕީ.އާރް.ސީ އާއި ބިޒްނާސް މޯލްޑިވްސްއާ ދެމެދު ސޭލް އެންޑް ޕާރޗޭސް އެގްރިމެންޓެއްގައި ސޮއިކޮށްފައިވެއެވެ. އަދި މި ސޭލް އެންޑް ޕަރޗޭސް އެއްބަސްވުމުގެ ދަށުން އެމް.އެމް.ޕީ.އާރް.ސީ އަށް ބ. ހިބަޅިދޫގެ މައްޗަށް ލިބިގެންވާ ކުލީގެ ޙައްޤުތައް ބިޒްނާސް މޯލްޑިވްސް އަށް ބަދަލު ކުރުމަށްޓަކައި، މި ތާރީޚުގައި، މި ދެ ކުންފުނީގެ ދެމެދުގައި ޑީޑް އޮފް އެސައިންމަންޓެއްގައި ސޮއިކޮށްފައި ވެއެވެ.

ޑީޑް އޮފް އެސައިންމަންޓްގައި ސޮއިކުރުމުގެ ނަތީޖާއަކީ، އެ ޑީޑްގައި ބަޔާންވެފައިވާ ފަދައިން ލީސް އެގްރިމެންޓްގެ ދަށުން އެމް.އެމް.ޕީ.އާރް.ސީ އަށް ލިބިގެންވާ އެންމެހައި ޙައްޤުތަކާއި އިލްތިޒާމުތައް ބިޒްނާސް މޯލްޑިވްސް އަށް ބަދަލުވެގެން ދިއުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ލީސް އެއްބަސްވުމުގެ ބައިވެރިއެއްގެ ހައިސިއްޔަތުން އެމް.އެމް.ޕީ.އާރް.ސީ އަށް ލިބިފައިވާ މަޤާމަށް ބިޒްނާސް މޯލްޑިވްސް އައުމެވެ. މި ސަބަބަށްޓަކައި، މި ޑީޑް އޮފް އެސައިންމަންޓްގައި އެމް.އެމް.ޕީ.އާރް.ސީ އާއި ބިޒްނާސް މޯލްޑިވްސްއާ ދެމެދު ސޮއިކޮށްފައިވަނީ، ޑީޑްގައި ސޮއިކޮށް ހައްގުތައް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ރުހުން ދިނުމުންނެވެ.

ސޭލް އެންޑް ޕާރޗޭސް އެގްރިމަންޓްގެ 06 ވަނަ މާއްދާގައި، މި އެއްބަސްވުމުގެ ދަށުން ވިއްކާލެވޭ ޙައްޤުތަކާއި އިލްތިޒާމުތަކުގެ މުޤާބިލެއްގެ ގޮތުގައި، އެ ޙައްޤުތަކާއި އިލްތިޒާމުތައް ގަންނަ ފަރާތްކަމުގައިވާ ބިޒްނާސް މޯލްޑިވްސްގެ ފަރާތުން އެމް.އެމް.ޕީ.އާރް.ސީ އަށް US$ 3,000,000 (ތިން މިލިޔަން އެމެރިކާ ޑޮލަރު) ދިނުމަށް އެއްބަސްވެފައި ވެއެވެ. މީގެ އިތުރަށް މި އެއްބަސްވުމުގެ 07 ވަނަ މާއްދާގައި މި އެއްބަސްވުމުގައި ސޮއިކުރާ ވަގުތު އެމް.އެމް.ޕީ.އާރް.ސީގެ ބޭންކް އެކައުންޓަށް މި ފައިސާ ޖަމާކުރަންޖެހޭނެ ކަމުގައި ބަޔާން ކޮށްފައިވެއެވެ. އަދި އެ މާއްދާގައި ފައިސާ ޖަމާކުރަންޖެހޭ އެމް.އެމް.ޕީ.އާރް.ސީގެ ބޭންކް އެކައުންޓްގެ ތަފުސީލުތައް ހިމަނާފައިވެއެވެ.

09 ޑިސެމްބަރ 2015 ގައި އެމް.އެމް.ޕީ.އާރް.ސީ އިން ޓޫރިސްޓް ރިސޯޓު ހަދައި ހިންގުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްރަށާ ގުޅޭ އެންމެހައި ހައްޤުތައް އެ ކުންފުނިން ވަކިކޮށް އެ ރަށްރަށާ ގުޅިގެން އެ ކުންފުނިން ކޮށްފައިވާ މުޢާމަލާތުތަކާއި ރަށްރަށާ ގުޅޭ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ކަމުގައި ކަނޑައަޅައި އެކަން އެމް.އެމް.ޕީ.އާރް.ސީ އަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އެ މިނިސްޓްރީގެ ނަންބަރު 88-B/MMPRC/2015/70 ސިޓީ އިން އަންގާފައިވެއެވެ.

އެމް.އެމް.ޕީ.އާރް.ސީ އިން ކުއްޔަށް ދޫކޮށްފައިވާ ބ. ހިބަޅިދޫއާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރި ތަޙްޤީޤުން އެ ރަށް ކުއްޔަށް ދޫކުރުމަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައުލަތަށް ނުވަތަ ދައުލަތް ތަމްސީލުކުރާ އެއްވެސް ފަރާތަކަށް ދައްކާފައި ނުވާކަމަށާއި، އެ ފައިސާ ދެއްކިކަމަށް ދައްކައި އޮޅުވާލާފައިވާކަން ސާބިތުވެފައިވާތީ ކަމުގައި ބުނެ، ބ. ހިބަޅިދޫ ކުއްޔަށް ދޫކުރުމަށް 10 އޮގަސްޓް 2014 ގައި ސޮއިކޮށްފައިވާ ލީސް އެގްރިމެންޓާއި، ޑީޑް އޮފް އެސައިންމެންޓް ބާޠިލު ކޮށްފައިވާކަން 26 ޖޫން 2016 ގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ބިޒްނާސް މޯލްޑިވްސް އަށް، އެ މިނިސްޓްރީގެ ނަންބަރު 88-LS/PRIV/2016/1650 ސިޓީ އިން އަންގާފައިވެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން އެއްބަސްވުން ބާޠިލު ކޮށްފައިވަނީ ބިޒްނާސް މޯލްޑިވްސް އިން ބ. ހިބަޅިދޫ ތަރައްގީ ކުރުމަށް އެތައް ޚަރަދެއް ކޮށްފައިވަނިކޮށް ކަމަށާއި، އަދި މި ފަދައިން އެއްބަސްވުން ބާޠިލުކުރުމަށް މެދުވެރިވެފައިވަނީ އެމް.އެމް.ޕީ.އާރް.ސީ އިން ބިޒްނާސް މޯލްޑިވްސް އަށް އޮޅުވާލައިގެން ނުވަތަ ފޯރު ކޮށްދޭންޖެހޭ މަޢުލޫމާތު ރަނގަޅަށް ފޯރުކޮށް ނުދިނުމުގެ ސަބަބުންކަމަށާއި، އެއްވެސް އަސާސެއްނެތި އެއްބަސްވުން ބާޠިލު ނުކުރެވޭނެކަމަށް ބުނެ ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި، އެމް.އެމް.ޕީ.އާރް.ސީގެ މައްޗަށެވެ. މި މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1693/Cv-C/2016 ޤަޟިއްޔާއިންނެވެ.

މި މައްސަލަ ނިންމާފައިވަނީ ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށެވެ. މި މައްސަލަ ސިވިލް ކޯޓުން ނިންމުމުގައި އަންނަނިވި ކަންކަން އެ ކޯޓުން ފާހަގަ ކޮށްފައިވެއެވެ.

ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބާޠިލުކޮށްފައިވަނީ 26 ޖޫން 2016 ގައި ކަމުގައިވެފައި، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިޞްލާޙު ގެނެވިފައިވަނީ އޭގެ ފަހުން ކަމުގައި ވީނަމަވެސް، އެ އިޞްލާޙަށް ބަލާއިރު، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމުގެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު އެކުއިޒިޝަން ފީ ދައްކާފައި އޮންނަންޖެހޭނެކަމަށް ޝަރުތުކޮށްފައި އޮތުމުން "އެކުއިޒިޝަން ފީ" އަކީ އެއްބަސްވުންވާއިރު ދައްކާ ފުރިހަމަވެފައި އޮންނަ ފީއެއްކަމުގައި ބަލަންޖެހޭކަން.

ދެ ފަރާތުގެ ދެމެދު ހުށަހެޅިފައިވާ ހުށަހެޅުމަކީ އޭގައި މުޤާބިލެއް އޮތް ހުށަހެޅުން ތަކެއް ކަމާއި، އޭގައި މުޤާބިލެއް އެކުލެވޭ ހުށަހެޅުމަކާއި ޤަބޫލުކުރުމެއް ފުރިހަމަ ވެއްޖެ ނަމަ އެވާނީ ޤާނޫނީ ގޮތުން ބަނދެވޭ ކޮންޓްރެކްޓަކަށް ކަމާއި، ޤާނޫނީ ގޮތުން ބަނދެވޭ ކޮންޓްރެކްޓެއް އުފެދުމަށްފަހު އެ ކޮންޓްރެކްޓްގެ ބައިވެރިއެއްގެ ނުރުހުމުގައި އެ ކޮންޓްރެކްޓެއް ބާޠިލް ކުރުމުގެ އިޚްތިޔާރު ކޮންޓްރެކްޓްގެ ދެ ބައިވެރިން ކުރެ އެއްވެސް ބައިވެރިއަކަށް ލިބިގެންވަނީ އެ ކޮންޓްރެކްޓްގެ ބައިވެރިއަކު ކޮންޓްރެކްޓާއި ޚިލާފުވުމުން އެ ކޮންޓްރެކްޓެއް އުވާލުމާމެދު ޢަމަލުކުރުމަށް އެ ކޮންޓްރެކްޓްގައި ބަޔާންވެގެންވާ ގޮތެއްގެމަތިންކަން.

"އެކުއިޒިޝަން ފީ" އަކީ އެއްބަސްވުމެއް ވުމަށްޓަކައި، އެއްބަސްވުމުގެ ކުރިން ދައްކަންޖެހޭ ފީއެއްކަން އެނގެން އޮތުމުން، މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެއްބަސްވުން ބާޠިލުކުރާނަމަ އެކަން ކުރަންވާނީ އެކުއިޒިޝަން ފީ ދެއްކިކަމަށް ދައްކައި، ބިޒްނާސް މޯލްޑިވްސްގެ ފަރާތުން އޮޅުވާލާފައިވާކަމަށް ދައުލަތުގެ ފަރާތުން ބުނާބުނުން ޝަރީޢަތުގައި ސާބިތުކޮށްދިނުމަށް ފަހުގައިކަން.

މަތީގައިވާ ކަންކަން ފާހަގަ ކުރުމަށްފަހު މިނިސްޓްރީ އޮފް ޓޫރިޒަމުން އެއްބަސްވުން ބާޠިލު ކޮށްފައިވަނީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި، ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައި ކަނޑައަޅައި، ސިވިލް ކޯޓުން މި މައްސަލަ ނިންމި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައިބ. ހިބަޅިދޫ، ބިޒްނާސް މޯލްޑިވްސްއާ ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އަންގާފައިވެއެވެ.ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

ސިވިލް ކޯޓުން މި މައްސަލަ ނިންމި ގޮތާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/283 ޤަޟިއްޔާއިންނެވެ.

ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ޙުކުމާމެދު ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި ފާހަގަ ކޮށްފައިވަނީ ދެ ނުކުތާއެކެވެ.

ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާކަމަށް ދައުލަތުން ހުށަހެޅި ދަފްޢު ސިވިލް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާކަމަށް ކަނޑައަޅައި ދައުލަތާ ދެކޮޅަށް މައްސަލަ ނިންމަވާފައިވަނީ، ދައުލަތުން ހުށަހެޅި ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކުރެއްވުމެއް ނެތިކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 08 ވަނަ އިޞްލާޙު މި މައްސަލައަށް ތަޠުބީޤު ކުރެއްވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.

މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ދައުލަތާ އެއްކޮޅަށެވެ. އަދި މި ފަދައިން ނިންމުމުގައި، އަންނަނިވި ކަންކަން އެ ކޯޓުން ފާހަގަކޮށްފައިވެއެވެ.

އެމް.އެމް.ޕީ.އާރް.ސީ އާއި ބިޒްނާސް މޯލްޑިވްސްއާ ދެމެދު ވެފައިވާ ސޭލް އެންޑް ޕާރޗޭސް އެއްބަސްވުމުގެ 06 ވަނަ މާއްދާގައި، އެއްބަސްވުމުގެ މުޤާބިލެއްގެ ގޮތުން ބިޒްނާސް މޯލްޑިވްސް އިން US$ 3,000,000 (ތިން މިލިޔަން އެމެރިކާ ޑޮލަރު) ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، އެ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި، އެ ފައިސާއަކީ އެއްބަސްވުމުގައި ސޮއިކުރެވޭ ވަގުތު އެ މާއްދާގައި ބަޔާންކޮށްފައިވާ އެމް.އެމް.ޕީ.އާރް.ސީގެ އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާއެއް ކަމަށް ބަޔާންކޮށް ފައިސާ ޖަމާކުރަންޖެހޭ އެމް.އެމް.ޕީ.އާރް.ސީގެ އެކައުންޓް ނަންބަރާއި އެ އެކައުންޓުގެ ތަފްސީލު ދެވިފައިވާކަން އެނގެން އޮންނައިރު، އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ގޮތަށް ބަޔާންކުރެވުނު އެކައުންޓަށް އެ ފައިސާ ޖަމާކުރުމަކީ އެއްބަސްވުމުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ބިޒްނާސް މޯލްޑިވްސްގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަން.

ސޭލް އެންޑް ޕާރޗޭސް އެގްރިމެންޓްގެ 06 ވަނަ މާއްދާއާއި 07 ވަނަ މާއްދާގައި ބުނެފައިވާ ފައިސާއަކީ އެ އެއްބަސްވުމުގެ މުޤާބިލުގެ ގޮތުގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ދައްކަންޖެހޭ ފައިސާއާ ގުޅޭ އިލްތިޒާމްތަކެއްކަން އަދި އެ މާއްދާތަކަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާތަކެއް ކަމުގައިވާތީ އެއްބަސްވުމެއް ފުރިހަމަ ވުމަށްޓަކައި އެއްބަސްވުމުގެ މުޤާބިލެއްގެ ގޮތުން ދޭން އެއްބަސްވާ ފައިސާއެއް ނުވަތަ އެނޫންވެސް އެއްޗެއް އެއްބަސްވުމާ އެއްގޮތަށް ދީފައިނުވާ ޙާލަތުގައި އެފަދަ އެއްބަސްވުމެއް ފުރިހަމަނުވާނެ ކަމަށާއި އަދި އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާއި ޚިލާފުވުމަކީ އެއްބަސްވުން ބާތިލުކުރެވޭނެ ސަބަބެއްކަން.

ބ. ހިބަޅިދޫއާ ގުޅިގެން އެކުއިޒިޝަން ފީގެ ގޮތުގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ލިބެންޖެހޭ ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް ދެއްކިކަން އެނގެން ނެތްކަމަށް ބުނެ ދައުލަތުން ހެކި ހުށަހަޅާފައިވާއިރު، ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ސޭލް އެންޑް ޕާރޗޭސް އެއްބަސްވުމާ އެއްގޮތަށް މި ފައިސާ އެމް.އެމް.ޕީ.އާރް.ސީގެ އެކައުންޓަށް ޖަމާކުރިކަން އެނގޭނެ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވިޔަސް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވިފައިވާ 08 ވަނަ އިސްލާހަކީ މި މައްސަލައިގައި ހަވާލާދޭ އެއްބަސްވުން ވެވުނު ތާރީޚުގެ ފަހުން ޢަމަލުކުރަން ފަށާފައިވާ އިސްލާހެއްކަމަށްވާއިރު، އެ އިސްލާހަށް ހަވާލާދީ މި މައްސަލައިގައި ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަން.

ބުނެވިދިޔަ ކަންކަން ފާހަގަކުރުމަށްފަހު، މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލު ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ބިޒްނާސް މޯލްޑިވްސްގެ ފަރާތުން އަންނިވި ނުކުތާތައް މި ކޯޓަށް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، މި މައްސަލަ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށާއި، މި މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ނިންމާފައިވަނީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގައިވާ އުސޫލުތަކާ އެއްގޮތަށް ވެފައިވާ ޞައްޙަ އެއްބަސްވުމެއްކަމުގައި ބަލަންޖެހޭނެ ކަމަށާއި، މި ފަދަ އެއްބަސްވުމެއް ޔުނިލެޓްރަލްކޮށް ބާޠިލު ކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެން ނުވާކަމުގައި ބުނެ ފާހަގަކުރި ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، ބިޒްނާސް މޯލްޑިވްސް އާއެކު ސޭލް އެންޑް ޕާރޗޭސް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމް.އެމް.ޕީ.އާރް.ސީ ކަމަށްވާއިރު، އެ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެން ނުވާނެ ކަމުގައި ބުނެ ފާހަގަކުރި ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ، ހައިކޯޓުން މި މައްސަލަ ނިންމުމުގައި "މުޤާބިލު" ބަދަލުވެފައި ނުވާކަމަށް ނިންމާފައިވާއިރު، ދައުލަތެއް އެއް ފަރާތުގައި އޮވެ ކުރާ މިފަދަ އެއްބަސްވުންތަކުގައި ދައުލަތަށް ލިބެންޖެހޭ މުޤާބިލެއް ދޫކޮށް އެހެން ގޮތަކަށް ޢަމަލުކޮށްފާނެކަމަށް ދެކިގެން ނުވާނެކަމަށާއި، ނަމަވެސް މި މައްސަލައިގައި މި އުސޫލާ ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން އިޢާދަނުކުރެވޭ ގެއްލުންތަކެއް ބިޒްނާސް މޯލްޑިވްސް އަށް ލިބިފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ފަސްވަނަ ނުކުތާއަކީ، މި މުޢާމަލާތަކީ ޞައްޙަ ނޫން މުޢާމަލާތެއްނަމަ ދައުލަތުން ގިނަ ދުވަސްތަކެއްގައި އެއްބަސްވުންމަތީ ދެމި ނުތިބޭނެކަމަށާއި، އެއްބަސްވުމާ ގުޅިގެން މުދާ ބަދަލު ނުކުރާނެއިރު، މި ކަންކަން ދައުލަތުން ފުރިހަމަކޮށްފައިވުމުން މިއީ ޞައްޙަ މުޢާމަލާތެއް ކަމުގައި ބަލަންޖެހޭނެ ކަމަށާއި، މި މުޢާމަލާތާ ގުޅިގެން ދައުލަތުން އެއްބަސްވުމެއް އެކުލަވާލައި، އެ އެއްބަސްވުމާ ގުޅިގެން މުދާތަކެއް ބަދަލުކުރެވިފައިވުމުން އެކަމުގެ މައްޗަށް ބޮޑެތި ނަތީޖާތަކެއް ނުކުންނާނެތީ، މި މުޢާމަލާތާ ގުޅިގެން ޢަދުލުވެރި ބަދަލެއް ބިޒްނާސް މޯލްޑިވްސް އަށް ލިބިދޭންޖެހޭނެކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

ހަވަނަ ނުކުތާއަކީ، މި މައްސަލަ ނިންމުމުގައި ހައިކޯޓުން ޠަބީޢީ ޤާނޫނުގެ އުސޫލުތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާ ފާހަގަކުރަމުން ޠަބީޢީ ޤާނޫނުތަކަށް ރިޢާޔަތްކުރާއިރު މުޢާމަލާތެއް އެކުލަވާލެވި އަދި އެ މުޢާމަލާތުގެ ތެރެއިން މުދާ ބަދަލުވެ އެ މަތީގައި އެތަކެއް ދުވަހެއް ފާއިތުވެފައިވުމުން އެއީ ދެ ފަރާތުން ކޮށްފައިވާ ޞައްޙަ މުޢާމަލާތެއް ކަމުގައި ބަލަން ޖެހޭނެކަން ފާހަގަ ކޮށްފައިވެއެވެ.

ހަތްވަނަ ނުކުތާއަކީ، މި މުޢާމަލާތާ ގުޅިގެން އެއްބަސްވުމުގައި ސޮއިކޮށް، ރަށް ހަވާލުކޮށް، ރަށުގެ ބިޒްނަސް ޕްލޭންއާއި އީ.އައި.އޭ ފަދަ ރަށާ ގުޅިގެން ލިބެންޖެހޭ ހުއްދަތައް ދައުލަތުން ދީފައިވުމުން ދައުލަތުގެ ފަރާތުން ޢަމަލުކުރި ގޮތުން މި މުޢާމަލާތް ކުރިއަށް ގެންދިއުމުގެ ރުހުން ދީފައިވާކަން އެނގެން އޮތްއިރު، ޕްރިންސިޕަލް އޮފް އެސްޓޮޕެލްގެ ދަށުން، ދައުލަތުން އެ ރުހުން އަނބުރާ ނުގެންދެވޭނެ ކަމަށާއި، އެ ފަދައިން ޢަމަލުކުރުމަކީ ދައުލަތުން އެއްބަސްވުމާއި ގަސްދުގައި ޚިލާފުވުން ކަމަށްވާއިރު، އެސްޓޮޕެލްގެ އުސޫލުތަކަށް މި މައްސަލަ ނިންމުމުގައި ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

އަށްވަނަ ނުކުތާއަކީ، މި މައްސަލަ ނިންމުމުގައި ހައިކޯޓުން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލަށް ރިޢާޔަތް ކޮށްފައިނުވާކަމުގައި ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާ ފާހަގަކުރަމުން މައިގަނޑު ގޮތެއްގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ އެމް.އެމް.ޕީ.އާރް.ސީގެ ފަރާތުން ކުއްޔަށް ދޫކުރި ރަށްތަކުގެ ތެރެއިން އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ފައިސާ ލިބިފައިނުވާ ރަށްރަށުގެ އެއްބަސްވުން ބާޠިލުކުރުމުގެ ކުރިން އެ ފައިސާ ދެއްކުމުގެ ފުރުސަތު އެ ރަށްތައް ކުއްޔަށްހިފި ފަރާތްތަކަށް ދައުލަތުން ދީފައިވާއިރު، އެ ފަދަ ފުރުސަތެއް ބިޒްނާސް މޯލްޑިވްސް އަށް ދީފައިނުވާކަމަށެވެ.

ނުވަވަނަ ނުކުތާއަކީ، ހައިކޯޓުން މި މައްސަލަ ނިންމުމުގައި އެސްޓޮޕެލް، ނެޗުރަލް ޖަސްޓިސް، ފަންޑަމެންޓަލް ރައިޓްސް، ރިޓް ޖޫރިސްޑިކްޝަންފަދަ ޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށްފައި ނުވުމުގެ ސަބަބުން ބިޒްނާސް މޯލްޑިވްސްގެ ޙައްޤު ގެއްލިފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

ދިހަވަނަ ނުކުތާއަކީ، ދައުލަތްތަކާއި ޢާންމު ފަރުދުންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި ކޮންޓްރެކްޓްގައި ހިމެނޭ ކަންތައްތައް ހިންގުމުގައި ދޭދޭ ފަރުންދުންނާ ދެމެދު ހިނގާ މުޢާމަލާތްތަކަށްވުރެ ފުޅާކޮށް ބަލަންޖެހޭކަމާއި، މި މައްސަލައިގައި ދައުލަތުން ބިޒްނާސް މޯލްޑިވްސްއާއެކު މުޢާމަލާތް ކުރެވި ރަށެއް ހަވާލުކޮށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާއިރު، މިއީ ދައުލަތުން ކޮށްފައިވާ ސީރިއަސް ވިޔަފާރީގެ މުޢާމަލާތެއްކަމާއި، މުޢާމަލާތާ ގުޅިގެން ހިނގާ ޚަރަދު ތަކާއި، މަސައްކަތްތަކާއި، އިންވެސްޓަރުންނާއެކު ކުރެވޭ އެއްބަސްވުންތައް ހިމެނޭއިރު، މިކަންތަކަށް ރިޢާޔަތް ކުރުމެއްނެތި، އެއްބަސްވުންމަތީ އެތައް ދުވަސްތަކެއް ހޭދަކުރުމަށްފަހު ދައުލަތުން އަމިއްލައަށް އެއްބަސްވުން ބާޠިލުކޮށް އަމިއްލަ ފަރާތަކަށް ބޮޑެތި މާލީ ނުގުސާން ކުރިމަތިވާނެ ގޮތަކަށް ފުރުސަތު ލިބި ހައްގުތައް ގެއްލޭ ގޮތަށް ޢަމަލުކުރުމަށް ދައުލަތަށް މަގު ފަހިވެގެން ދިއުމަކީ އިދާރީ ނިންމުންތައް ނިންމުމުގައި އިންސާފުގެ ހަމަތަކުން ބޭރުން ޢަމަލުކުރުމަށް ދައުލަތަށް ހުޅުވާލެވޭނެ ދޮރެއްކަމުގައި ބުނެ ފާހަގަކުރި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކަށް ދީފައިވާ ރައްދު

ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ފާހަގަކުރި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ އިސްތިއުނާފު ބަލައިގަތުމުގައި ހައިކޯޓުން ޤާނޫނާ ޚިލާފުވެފައި ނުވާކަމަށާއި މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކުރުމާއެކު، މި މައްސަލަ އިސްތިއުނާފު ކުރުމަށް ބޭނުންވާކަން ހައިކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށާއި، މި މައްސަލަ އިސްތިއުނާފު ކުރުން ލަސްވެފައިވަނީ، މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުންކަމަށާއި، އެކަމަކީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއްކަމަށާއި އަދި މި ނުކުތާގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ފާހަގަކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކީ، މި މައްސަލަ ހައިކޯޓަށް ބަލައިގަތުމުގެ ފަހުގެ ތާރީޚެއްގައި ނިންމާފައިވާ ޤަޟިއްޔާއެއްކަން.

މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުން ޔުނިލެޓްރަލްކޮށް ބާޠިލުކުރުމުގެ އިޚްތިޔާރެއް ދައުލަތަށް ލިބިގެން ނުވާކަމަށް ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ފާހަގަކުރިނަމަވެސް، ޞައްޙަ އެއްބަސްވުމެއް ފުރިހަމަވުމަށްޓަކައި އެއްބަސްވުމުގެ މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވެފައި އޮތުމަކީ އަސާސީ ކަމެއް ކަމުގައިވާއިރު، އެފަދައިން މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލު ނުވެ އޮތުމުގެ ނަތީޖާއަކަށް ވެގެންދާނީ އެއްބަސްވުމަކީ ތަންފީޒު ނުކުރެވޭނެ އެއްބަސްވުމަކަށް ވެގެން ދިއުންކަން.

މި މުޢާމަލާތާ ގުޅިގެން ބ. ހިބަޅިދޫ ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ އެއްބަސްވުމެއް ވެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.އެމް.ޕީ.އާރް.ސީއާ ދެމެދު ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން އެމް.އެމް.ޕީ.އާރް.ސީ އަށް ލިބިފައިވާ ބާރުގެ ތެރެއިން މި ރަށް އެމް.އެމް.ޕީ.އާރް.ސީ އިން ބިޒްނާސް މޯލްޑިވްސް އަށް ކުއްޔަށް ދިނުމަށްޓަކައި އެއްބަސްވުމެއް ވެވުމަކީ، މި ރަށް ކުއްޔަށް ދިން އަސްލު ފަރާތުގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހައްގުތަކާއި އިލްތިޒާމުތަކަށް އެކަމުގެ ސަބަބުން އުނިކަމެއް އަންނާނެ ކަމެއް ނޫންކަމަށާއި، އަދި މި މުޢާމަލާތާ ގުޅިގެން ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ދައްކަންޖެހޭ އެކުއިޒިޝަން ފީ ދައްކާފައިނުވާކަން އެނގުމުން މިނިސްޓްރީ އޮފް ޓޫރިޒަމާއި، އެމް.އެމް.ޕީ.އާރް.ސީއާ ދެމެދު ވެފައިވާ ލީސް އެއްބަސްވުން 26 ޖޫން 2016 ގައި ނިމުމަކަށް ގެނެސްފައިވާނެކަން.

ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ބ. ހިބަޅިދޫއާ ގުޅިގެން ޚަރަދުތަކެއް ކޮށްފައިވުމަކީ، އަދި އެ ރަށާ ގުޅޭ ބައެއް ހުއްދަތައް ދައުލަތުގެ އިދާރާތަކުން ދޫކޮށްފައި އޮތުމަކީ، މި މުޢާމަލާތުގެ ޞައްޙަކަން ދަލާލަތު ކޮށްދޭ ކަމެއް ނޫންކަން.

މި މައްސަލަ ނިންމުމުގައި ހައިކޯޓުން ޠަބީޢީ ޤާނޫނުގެ އުސޫލުތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނަމަވެސް، އެ އުސޫލުތަކަކީ ކޮން އުސޫލުތަކެއްކަން ސާފުކޮށް ދީފައިނުވާކަމަށާއި، މި ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަ ކުރާ ކަންކަމަކީ ޤާނޫނީ ސަބަބުތަކެއްގެ (Legal reasoning) ބަދަލުގައި (Logical reasoning) މަންޠިޤީ ހަމަތަކެއްކަން.

ހައިކޯޓުން މި މައްސަލަ ނިންމުމުގައި ޕްރޮމިސަރީ އެސްޓޮޕެލްގެ އުސޫލުތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ފާހަގަކުރި ނަމަވެސް ޕްރޮމިސަރީ އެސްޓޮޕެލްގެ އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ނުވާނެކަމަށާއި، އެހެނީ މި މައްސަލައިގައި "މުޤާބިލު" ބަދަލުވެފައި ނުވުމުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ތަޢާޤުދީ ގުޅުމެއް (Contractual relation) އުފެދިފައިނުވާކަން.

އެމް.އެމް.ޕީ.އާރް.ސީގެ ފަރާތުން ކުއްޔަށް ދޫކުރި ރަށްތަކުގެ ތެރެއިން އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ފައިސާ ލިބިފައިނުވާ ރަށްރަށުގެ އެއްބަސްވުން ބާޠިލުކުރުމުގެ ކުރިން އެ ފައިސާ ދެއްކުމުގެ ފުރުސަތު އެ ރަށްތައް ކުއްޔަށްހިފި ފަރާތްތަކަށް ދައުލަތުން ދީފައިވާއިރު، އެ ފަދަ ފުރުސަތެއް ބިޒްނާސް މޯލްޑިވްސް އަށް ދީފައިނުވާ ކަމަށް ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ފާހަގަކުރިނަމަވެސް، ދައުލަތުން އެފަދަ ފުރުސަތު ދިފައިވަނީ އިކުއިޒިޝަން ފީގެ ތެރެއިން ބައެއް ނުވަތަ ފީ އެއްކޮށް ދައްކައި ޚަލާޞްކޮށްފައިވާ ފަރާތްތަކަށް ކަމަށާއި، ބިޒްނާސް މޯލްޑިވްސްގެ ފަރާތުން މި މުޢާމަލާތާ ގުޅިގެން ދައްކަންޖެހޭ ފައިސާގެ އެއްވެސް މިންވަރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ދައްކާފައި ނުވާކަމަށާއި، އެ ފަދައިން ދައްކާފައިވާކަން ޝަރުޢީ އެއްވެސް މަރުހަލާއެއްގައި އެ ފަރާތަށް ސާބިތުކޮށްދީފައި ނުވުމުން، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް ދައުލަތުން މި މައްސަލައިގައި ޢަމަލުކޮށްފައި ނުވާކަން ހާމަވާކަން.

އިސްތިއުނާފުކުރާ ފަރާތުން އެސްޓޮޕެލް، ނެޗުރަލް ޖަސްޓިސް، ފަންޑަމެންޓަލް ރައިޓްސްފަދަ ފުޅާ ޤާނޫނީ އުސޫލުތަކެއް ފާހަގަކޮށް އެ ކަންކަމަށް ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނިނަމަވެސް، އެ އުސޫލުތަކާއި މި މައްސަލައާ އޮތް ގުޅުމެއް ފާހަގަކޮށްފައި ނުވާކަމަށާއި، އަދި އެ އުސޫލުތަކަށް ރިޢާޔަތް ނުކުރުމުގެ ސަބަބުން އެ ފަރާތަށް ގެއްލިފައިވާ ޙައްޤެއް، އަދި އެ ޙައްޤެއް ގެއްލިފައިވާ ގޮތެއް ބަޔާން ކޮށްދީފައިނުވާކަން.

މި މައްސަލައިގައި ދައުލަތުން އެއްބަސްވުމާ ޚިލާފުވެފައިނުވާނެ ކަމަށާއި، މި ހާލަތުގައި އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ބިޒްނާސް މޯލްޑިވްސް އަށް ގެއްލުމެއް ލިބުނު ނަމަވެސް އެކަމަށް ދައުލަތުން ޒިންމާވާން ނުޖެހޭނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ބެލުމުން އެނގޭކަން.

އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދިނުމަށްފަހު ދައުލަތުގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށެވެ.

ހައިކޯޓުން އިސްތިއުނާފު ބަލައިގަތުން

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ފާހަގަކުރި އެންމެ ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަނެފައިވަނީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާ ތަފުސީލު ކުރަމުން މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ 29 ޑިސެމްބަރ 2016 ގައި ކަމަށާއި، މި މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވަނީ 21 މެއި 2017 ގައި ކަމުގައިވާއިރު، މިއީ ސުޕްރީމް ކޯޓުގެ ނަންބަރު2015/SC-R/01 (27 ޖެނުއަރީ 2015) ރޫލިންގ އިން ކަނޑައަޅާފައިވާ އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކޮށްފައިވާ އިސްތިއުނާފެއްކަން ފާހަގަ ކޮށްފައިވެއެވެ. އަދި މި އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަތުމަކީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ އިތުރުން ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމާ ގުޅުންހުރި އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމުގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މި ނުކުތާއަށް ދައުލަތުގެ ފަރާތުން ދީފައިވާ ރައްދަށް ބަލާއިރު، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުން ލަސްވެފައިވަނީ ސިވިލް ކޯޓުން މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުންކަން ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކުރުމާއެކު އިސްތިއުނާފު ކުރުމަށް ހަމަޖެހިފައި އޮތް 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ބޭނުންވާކަމާއި، އިސްތިއުނާފު ކުރުން ލަސްވާ ސަބަބު ބަޔާންކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު 32-B/2017/26 (05 ޖެނުއަރީ 2017) ސިޓީ ހައިކޯޓަށް ފޮނުވާފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ސިވިލް ކޯޓުން ލިބުނުތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި މައްސަލައިގެ އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހަޅާފައި ވާނެކަމުގައި ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން މި މައްސަލަ އިސްތިއުނާފު ކުރިކަން ފާހަގަކޮށް ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާގައި ގޮތެއް ކަނޑައެޅުމަށް ބަލާއިރު، މި ނުކުތާއަކީ، ހައިކޯޓުގައި މި ނުކުތާ ފާހަގަކުރުމުގެ ފުރުސަތު އޮވެމެ އެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫނެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއަށް ބަލާއިރު، ހައިކޯޓުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅާނީ ހައިކޯޓުން ނިންމި ނިންމުން އަސާސްކަމުގައި ބަލައިގެންކަން އެނގެއެވެ. ވުމާއެކު، ޢާންމު އުސޫލެއްގެ ގޮތުން ހައިކޯޓުން ނިންމި ނިންމުމަކާ ގުޅިގެން ހައިކޯޓުގެ މަރުޙަލާގައި ނުކުރެވޭ ޤާނޫނީ ބަހުސެއް، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ތެރެއިން ހުށަހެޅި ގޮތެއް ކަނޑައެޅުމަކީ ޤާނޫނުގައި ކަނޑައެޅިފައިވާ އިސްތިއުނާފީ އުސޫލުތަކާ ފުށުއަރާނެ ކަމެކެވެ. ވުމާއެކު، އިސްތިއުނާފު ކުރުމުގެ މުއްދަތާ ގުޅިގެން ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާގައި ގޮތެއް ކަނޑައަޅަންޖެހޭނެ ކަމުގައި އަހުރެން ނުދެކެމެވެ.

މުޤާބިލު ބަދަލުވެފައިވުން

އިސްތިއުނާފީ ދެވަނަ ނުކުތާގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ޚުޞޫމަތް އުފެދިފައިވާ އެއްބަސްވުމަކީ ދައުލަތުގެ (އެމް.އެމް.ޕީ.އާރް.ސީ) ފަރާތުން ހުށަހެޅުމެއް ހުށަހަޅައި، އެ ހުށަހެޅުން ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ޤަބޫލު ކުރުމުގެ ސަބަބުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ބުނެފައިވާފަދަ ޞައްޙަ އެއްބަސްވުމެއް ކަމަށެވެ. އަދި މި ފަދަ އެއްބަސްވުމެއް ޔުނިލެޓްރަލްކޮށް ބާޠިލު ކުރުމުގެ ޙައްޤެއް ދައުލަތަށް ލިބިގެން ނުވާނެ ކަމުގައެވެ.

މި ނުކުތާއަށް ދައުލަތުން ދީފައިވާ ރައްދަށް ބަލާއިރު، ޤާނޫނީ ގޮތުން އެއްބަސްވުމެއް އުފެދި، ޞައްޙަ އެއްބަސްވުމެއް ކަމުގައި ބެލުމުގައި ހަމައެކަނި ފުރިހަމަވާންޖެހޭނީ އީޖާބާއި (Offer) ޤަބޫލެއް (Acceptance) ނޫން ކަމަށާއި، އެއްބަސްވުމުގެ މުޤާބިލު (Consideration) އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވުމަކީވެސް އެއްބަސްވުމެއް ވުޖޫދުވުމުގެ އަސާސީ އެއް ޝަރުޠު ކަމުގައެވެ. މި މައްސަލައަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އެ އެއްބަސްވުމުގެ މުޤާބިލުގެ ގޮތުގައި ބިޒްނާސް މޯލްޑިވްސްއިން ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާކަމަށާއި، މި ހާލަތުގައި ޢަމަލުކުރެވޭނެ އެއްބަސްވުމެއް ވުޖޫދަށް އައިސްފައި ނުވާކަމުގައި ދައުލަތުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

ދައުލަތުގެ މި ވާހަކަތަކަށް ބަލާއިރު، ވާހަކަ މި ދެކެވެނީ ޤާނޫނީ ގޮތުން އެއްބަސްވުމެއް އުފެދުމަށްޓަކައި ނުވަތަ ވުޖޫދުވުމަށްޓަކައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ އެއް އުންޞުރު ކަމުގައިވާ މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވެފައި ނުވާކަމުގެ މައްޗަށެވެ. ވުމާއެކު، އަހުރެންގެ މި ރައުޔު އިތުރަށް ތަފުސީލުކުރުމުގައި އެންމެ ފުރަތަމަ ބަލާނީ މި މައްސަލައިގެ ވާޤިޢާތަކާއި ކަމާގުޅުންހުރި އުސޫލުތަކުގެ މައްޗަށް ބަލައި، މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ނަޤުލުކޮށްފައިނުވާ ހާލަތުގައި މި މައްސަލައިގައި ޤާނޫނީ ގޮތުން ޞައްޙަ އެއްބަސްވުމެއް އުފެދިފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.

އެއްބަސްވުމުގެ މުޤާބިލު

ކޮންޓްރެކްޓާބެހޭ ޤާނޫނީ އުސޫލުތަކަށް ބަލާއިރު، މުޤާބިލެއް ދެވިފައި އޮތުމަކީ، ކޮންޓްރެކްޓެއް ފުރިހަމަވެ ވުޖޫދަށް އައުމަށްޓަކައި ކޮންމެހެން ފުރިހަމަވާންޖެހޭ ޢުންޞުރެއްކަން އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) [2021] SC 51 މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުޢުތަޞިމް ޢަދުނާން ބަޔާންކޮށްފައިވާ އަންނަނިވި ޢިބާރާތުން އެނގެއެވެ.

"ދެފަރާތެއްގެ ދެމެދުގައި ކޮންޓްރެކްޓެއް ވުޖޫދުވާނީ ޤާނޫނު ޤަބޫލުކުރާ އަދި ޤާނޫނު ބާރުދޭ ކޮންޓްރެކްޓަކަށް ވުމަށް ލާޒިމްވާ އުންޞުރުތައް ފުރިހަމަވެގެންނެވެ. ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނޭ އުންޞުރުތަކަކީ: (1) ހުށަހެޅުން، (2) ޤަބޫލު ކުރުން، (3) މުޤާބިލު ދިނުން، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، (5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުން، މިއެވެ. އަދި މީގެ އިތުރަށް، އެ ކޮންޓްރެކްޓަކީ ވަކި ޚާއްޞަގޮތަކަށް ނުވަތަ ވަކި ޚާއްޞަ މަޢުލޫމާތުތަކެއް ހިމަނަންޖެހޭ ކަމަށް ޤާނޫނު ލާޒިމު ކުރާ ޒާތުގެ ކޮންޓްރެކްޓެއްތޯ ވެސް ބަލަންޖެހެއެވެ. ވަކި ޚާއްޞަގޮތަކަށް އޮތުން ނުވަތަ ވަކި ޚާއްޞަ މަޢުލޫމާތުތަކެއް ހިމަނަންޖެހޭނެ ކަމަށް ޤާނޫނު ލާޒިމު ކުރާ އެއްބަސްވުމެއް ޞައްޙަވާނީ އެ ގޮތަކަށް އޮތުމުން ނުވަތަ އެ މަޢުލޫމާތު ހިމެނިފައިވާ ނަމައެވެ."

ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ކޮންޓްރެކްޓާބެހޭ ޤާނޫނަށް ބަލާއިރު، އެ ޤާނޫނުގައި ކޮންޓްރެކްޓްގެ މުޤާބިލަކީ ކޮބައިކަމެއް ބަޔާންކޮށްދީފައި ނުވެއެވެ. އަދި މުޤާބިލާބެހޭ އުސޫލުތަކެއްވެސް އެ ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކަށް ބަލާއިރު، މުޤާބިލަކީ ކޮބައިކަން ސާފުކޮށް ބަޔާން ކޮށްދީފައިވެއެވެ. މި ގޮތުން ފާހަގަކުރެވޭ އެއް މައްސަލައަކީ، ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2021] SC 53 މައްސަލައެވެ. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން މުޤާބިލަކީ ކޮބައިކަން ބަޔާން ކޮށްދެއްވާފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

"ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ ބޭނުމަށް މުޤާބިލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ވާ ވައުދެއްގެ ރައްދުގައި ވައުދު ރައްދުވާ ފަރާތުން ވައުދުވީ ފަރާތަށް ދޭ އަގު ނުވަތަ ކޮށްދޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ނުވަތަ ދޫކޮށްލާ ހައްގެވެ."

މީގެ އިތުރަށް އެ ޤަޟިއްޔާގައި ކޮންޓްރެކްޓެއްގައި މުޤާބިލު އެކުލެވިފައިވޭތޯ ދެނެގަތުމުގައި ކޮންޓްރެކްޓް ކުރުމުގެ މަޤުޞަދަށް ބަލަންޖެހޭނެ ކަމުގައްޔާއި، މުޤާބިލުގައި ދެވޭ ނުވަތަ ބަދަލުކުރެވޭ އެއްޗަކީ އަގު ކުރެވޭ އެއްޗަކަށް ވުން ލާޒިމުވާނެ ކަމުގައި އުއްތަމަ ފަނޑިޔާރު ފާހަގަ ކުރައްވާފައިވެއެވެ.

ޢާންމު އުސޫލެއްގެ ގޮތުން ދެ ފަރާތުން ކޮންޓްރެކްޓެއްގެ މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލު ކުރުމަށް ވަކި ވަގުތަކަށް އެއްބަސްވުމުގެ ބައިވެރިންނަށް އެއްބަސްވެވިފައިވާނަމަ، ނުވަތަ އެއްބަސްވުމުގައި ވަކި ވަގުތެއް ކަނޑައަޅާފައިވާނަމަ، އެ ވަގުތެއްގައި އެ މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވެ، ނަގުލުވެގެން ދާންވާނެއެވެ.

މުޤާބިލުގައި ފުރިހަމަވާންޖެހޭ އިތުރު ޝަރުޠުތަކަށް ބަލާއިރު، މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވުމާއި، މުޤާބިލަކީ މާޒީގެ މުޤާބިލަކަށް ނުވުމާއި، މުޤާބިލަކީ ފުދޭ (adequate) އެއްޗަކަށް ނުވިނަމަވެސް މުޤާބިލަކީ އެކަށޭނަ (sufficient) ނުވަތަ އެ ލިބިގަންނަ ފަރާތަށް އަގު ކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަމުގައި ވާންޖެހެއެވެ. މިއިން ޝަރުޠެއް މުޤާބިލުގައި ފުރިހަމަ ނުވާނަމަ، ޤާނޫނީ ގޮތުން ތަންފީޛުކުރެވޭ ޞައްޙަ އެއްބަސްވުމެއް އުފެދިގެން ނުދާނެއެވެ.

އުސޫލުތައް ތަޤުބީޤުކުރުން

އެމް.އެމް.ޕީ.އާރް.ސީ އާއި ބިޒްނާސް މޯލްޑިވްސްއާ ދެމެދު ވެފައިވާ ސޭލް އެންޑް ޕާރޗޭސް އެއްބަސްވުމުގެ 06 ވަނަ މާއްދާގައި އޮތީ އަންނަނިވި ޢިބާރާތެވެ.

As consideration of this Deed, the buyer agrees to pay to the Vendor a sum of US$3,000,000 (Unites States Dollars Three Million Only) for the sale and assignment of all the rights and obligations under the Lease agreement (the “Sale Price”).

"މިއެއްބަސްވުމުގެ ދަށުން ލިބިފައިވާ އެންމެހައި ޙައްޤުތަކާއި އިލްތިޒާމްތައް ގަނެ މިލްކު ކުރުމުގެ ގޮތުން، މި އެއްބަސްވުމުގެ މުޤާބިލުގެ ގޮތުގައި ގަންނަ ފަރާތުން ވިއްކާ ފަރާތަށް US$3,000,000 (ތިން މިލިޔަން ޔޫ.އެސް ޑޮލަރު) ދިނުމަށް އެއްބަސްވެއެވެ."

އަދި އެ އެއްބަސްވުމުގެ 07 ވަނަ މާއްދާގައި އޮތީ އަންނަނިވި ޢިބާރާތެވެ.

The Sale Price Shall be payable on the execution of this Deed. The Sale Price shall be paid by the Buyer into the Bank account of the Vendor as specified below. Once the payment is cleared into the Bank account of the Vendor as specified herein, the Sale Price Shall be considered paid without need for further evidence.

"މި އެއްބަސްވުން ތަންފީޛުކުރަން ފެށުމާއެކު (ސޮއިކުރާ ވަގުތުން ފެށިގެން) މި ގަނެވިއްކުމުގެ އަގު ދައްކަންވާނެއެވެ. އަގު އަދާކުރަންވާނީ ތިރީގައި ދެންނެވިފައިވާ ގޮތަށް ވިއްކާ ފަރާތުގެ އެކައުންޓަށެވެ. އަދި ދެންނެވިފައިވާ ގޮތަށް ފައިސާ ބޭންކް އެކައުންޓަށް ޖަމާކުރެވުމުން، އިތުރު ހެއްކަކާ ނުލައި މި އަގު އަދާކުރެވުނީ ކަމަށް ބެލެވޭނެއެވެ."

ސޭލް އެންޑް ޕާރޗޭސް އެގްރިމަންޓްގެ 06 ވަނަ މާއްދާއާއި 07 ވަނަ މާއްދާ ކިޔާލުމުން އެ މާއްދާގައި ބަޔާންކޮށްފައިވާ US$ 3,000,000 (ތިން މިލިޔަން އެމެރިކާ ޑޮލަރު) އަކީ އެއްބަސްވުމުގެ މުޤާބިލުކަން އެނގެއެވެ. އަދި އެ މުޤާބިލަކީ ގަންނަ ފަރާތުގެ ހައިސިއްޔަތުން ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ވިއްކާ ފަރާތް ކަމުގައިވާ އެމް.އެމް.ޕީ.އާރް.ސީ އަށް ނަޤުލުވާންޖެހޭ އެއްޗެއްކަމާއި، އެފަދައިން ނަޤުލުވާންޖެހޭ ވަގުތަކީ އެއްބަސްވުން ތަންފީޛުކުރާ ވަގުތުކަންވެސް އެ މާއްދާތަކުން އެނގެއެވެ.

އެއްބަސްވުމުގެ މުޤާބިލުކަމުގައިވާ US$3,000,000 (ތިން މިލިޔަން އެމެރިކާ ޑޮލަރު) އެމް.އެމް.ޕީ.އާރް.ސީގެ އެކައުންޓަށް އެއްބަސްވުމާ އެއްގޮތަށް ޖަމާވެފައިނުވާ ކަމުގައި ޝަރުޢީ ހުރިހާ މަރުޙަލާއެއްގައި ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. އަދި މިކަން ސާބިތު ކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171-D5/88/2016/02 (04 ޖެނުއަރީ 2016) ސިޓީ ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ.

އެއްބަސްވުމުގެ މުޤާބިލުގައި ދައްކަންޖެހޭ ފައިސާ ދެއްކުމާ ގުޅޭ ގޮތުން ބިޒްނާސް މޯލްޑިވްސްގެ ފަރާތުން މައިގަނޑު ގޮތެއްގައި ތަކުރާރުކޮށްފައިވާ ވާހަކައަކީ، ސޭލް އެންޑް ޕާރޗޭސް އެއްބަސްވުމުގެ 07 ވަނަ މާއްދާގައި އެއްބަސްވުމުގައި ސޮއިކުރާ ވަގުތު މި ފައިސާ އެމް.އެމް.ޕީ.އާރް.ސީގެ އެކައުންޓަށް ޖަމާކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ އާއި އެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައި އޮތުމުން މި ފައިސާއަކީ އެމް.އެމް.ޕީ.އާރް.ސީގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއެއްކަމުގައި ބަލަންޖެހޭނެ ކަމަށެވެ. އަދި މި ފައިސާ ނުވަތަ މި ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް އެއްބަސްވުމާ އެއްގޮތަށް ދައްކާފައިވާކަން ސާބިތުކުރުމުގެ ގޮތުން ބިޒްނާސް މޯލްޑިވްސްގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ. އަދި މި ފައިސާ ދޫކޮށްފައިވަނީ ޗެކަކުން ކަމުގައި ބުނިނަމަވެސް، އެ ޗެކަކީ ކޮން ބޭންކެއްގެ އެކައުންޓަކުން ދޫކޮށްފައިވާ ޗެކެއްކަން، އަދި އެ ޗެކް ދޫކުރި އެކައުންޓުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާކަން ފަދަ އަސާސީ އެއްވެސް މައުލޫމާތެއް ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ޝަރުޢީ އެއްވެސް މަރުޙަލާއަކަށް ހުށަހަޅާފައިނުވެއެވެ.

ކަންމިހެން އޮތުމުން، ބިޒްނާސް މޯލްޑިވްސް އާއި އެމް.އެމް.ޕީ.އާރް.ސީއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ މުޤާބިލުގެ ގޮތުގައި ހިމެނިފައިވާ US$ 3,000,000 (ތިން މިލިޔަން އެމެރިކާ ޑޮލަރު) ބިޒްނާސް މޯލްޑިވްސްގެ ފަރާތުން އެމް.އެމް.ޕީ.އާރް.ސީ އަށް ލިބިފައިވާ ކަމުގައި ބެލެވޭނެ ޤާނޫނީ ހުއްޖަތެއް ނެތެވެ. އެހެން ގޮތަކަށް ބުނާނަމަ، މި މުޢާމަލާތުގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ނަގުލުވެ، އެމް.އެމް.ޕީ.އާރްސީ އަށް ލިބެންޖެހޭ މުޤާބިލު ލިބިފައިވާކަމުގައި ބަލަންޖެހޭ ޤާނޫނީ އަސާސެއް ނެތެވެ. މުޤާބިލު ބަދަލުވުމަކީ ޤާނޫނީ ގޮތުންނާއި، ޝަރުޢީ ގޮތުން ކޮންޓްރެކްޓެއް އުފެދުމުގެ އެއް އުންޞުރު ކަމުގައިވާތީ، މިކަމުގެ މައްޗަށް ތަރުތީބުވާނެ ނަތީޖާއަކީ، ދެ ފަރާތުގެ ދެމެދުގައި ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އުފެދިފައި ނުވުމެވެ. އެހެނީ ޤާނޫނީ ގޮތުން ބެލި ނަމަވެސް، އަދި ޝަރުޢީ ގޮތުން ބެލިނަމަވެސް، ޢަޤުދެއް ފުރިހަމަވުމުގައި ފުރިހަމަވާންޖެހޭ ޢުންޞުރެއް ފުރިހަމަ ނުވުމުގެ ނަތީޖާއަކީ އެ ޢަޤުދެއް ފުރިހަމަ ނުވުމެވެ.

ސުވާލު އުފެދިދާނެއެވެ. ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެވޭ ކަންކަން ބަޔާންކޮށް، ކަރުދާހުގައި ސޮއިކޮށްފައި އޮތް އެއްބަސްވުމަކީ އެއްބަސްވުމެއް ނޫން ހެއްޔެވެ؟ މުޤާބިލާ ގުޅޭ މާއްދާއަކީ އެ އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއް ނޫންހެއްޔެވެ؟ އަދި އެއްބަސްވުމެއް ނެތްކަމަށް ބުނާނަމަ، އެއްބަސްވުމެއް ބާޠިލުކަމަށް ބުނެވިދާނެ ހެއްޔެވެ؟ މި ސުވާލުތަކަށް އަހުރެން ދޭނެ ޖަވާބަކީ ކަރުދާހުގައި ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމަކީ ދެ ފަރާތް ތަޢާޤުދީ ގުޅުމަކުން ގުޅުމުގެ ނިޔަތުގައި، ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއްގައި ބަނދެވުމަށްޓަކައި ކުރި މަސައްކަތް އަންގައިދޭ އެއްޗެކެވެ. މި މަސައްކަތް ފުރިހަމަވެ، ދެ ފަރާތް ބަނދެވޭ ޤާނޫނީ ގޮތުން ޞައްޙަ އެއްބަސްވުމެއް، މި މައްސަލައިގައިނަމަ އުފަންވާނީ، ދެ ފަރާތުގެ ނިޔަތާ އެއްގޮތަށް އެއް ފަރާތުން އަނެއް ފަރާތަށް މުޤާބިލު ނަގުލުވެ އެއްބަސްވުމުގެ މަޤުޞަދު ހާސިލުވެފައި އޮތްނަމައެވެ. އަދި މި ހާލަތުގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ލީސް އެގްރިމެންޓާއި، ޑީޑް އޮފް އެސައިންމަންޓް ބާޠިލު ކޮށްފައިވާކަން އަންގާފައިވާ އެންގުމަކީ، އެއްބަސްވުމަކަށް ވާސިލުވުމަށްޓަކައި އެހައިތަނަށް ކޮށްފައިވާ މަސައްކަތް ނިމުމަކަށް އައިކަން އަންގައި ފޮނުވާ ފައިވާ ލިޔުމެއްކަމުގައި ދެކެމެވެ.

އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި އެއްބަސްވުމުގެ މުޤާބިލު ބަދަލުވެފައި ނުވުމުގެ ސަބަބުން ދެ ފަރާތުން ޤާނޫނީ ގޮތުން ބަނދެވޭ ޞައްޙަ އެއްބަސްވުމެއް އުފެދިފައި ނުވާތީ، ދެ ފަރާތުގެ ދެމެދުގައި ޞައްޙަ އެއްބަސްވުމެއް އޮތްކަމުގައި ބަލައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ބަލައިގަނެ، އެ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

މަތީގައި ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެމަތިން ހުރުމުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/283 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ