ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ހެލްތް، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް) ވ. ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2023/HC-A/194
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން (575/Cv-C/2022) ނިންމީ، ސަޕްލައިކުރި މުދަލުގެ އަގު 2,011,510.99 އެމެރިކާ ޑޮލަރު ދައުލަތުން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ކަމަށާއި، 3,637,940.00 ޑޮލަރުގެ ސަރޗާޖަކީ ޕެނަލްޓީ ކްލޯޒެއް ކަމުން ނަގައިނުދެވޭނެ ކަމަށެވެ. ހައިކޯޓުން (2023/HC-A/194) ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ؛ ފަނޑިޔާރު ޙުސައިން މަޒީދު ތަފާތު ރައުޔެއް ދެއްވިއެވެ.
- ވާޤިޢާ
- ރަށްރަށުގެ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކަށް މެޑިކަލް އިކުއިޕްމަންޓް ސަޕްލައިކުރުމަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއާއެކު 2007 ގައި 2,011,510.99 ޑޮލަރުގެ އެއްބަސްވުމެއް ވެވުނު ކަމަށާއި، 2008 ގައި މުދާ ފޯރުކޮށްދިން ކަމަށާއި ފައިސާ ނުލިބޭ ކަމަށް ބުނެ، ސެންޓަރ އެންޓަރޕްރައިސަސްއިން 2022 ގައި ސަރޗާޖާއެކު 5,149,450.99 ޑޮލަރު ހޯދުމަށް ދަޢުވާކުރިއެވެ. ދައުލަތުން ބުނީ މުޢާމަލާތާ ގުޅޭ އެއްވެސް ލިޔުމެއް ދައުލަތުގެ އިދާރާތަކުން ނުފެނޭ ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދިން މުދަލުގެ އަގު ހޯދުމަށް ހުށަހަޅާ މައްސަލައެއްގައި، ޖުމްލަ ޑެލިވަރީ ނޯޓަކާއި އިންވޮއިސްއަކުން މުދާ ފޯރުކޮށްދިންކަން ސާބިތުވޭތޯ؛ ހައިކޯޓުގައި ނުކުރާ ނުކުތާތައް ސުޕްރީމް ކޯޓުގައި ބެލެވޭނެތޯ؛ އަދި ޚުލާޞާ ބަޔާނާއެކު ހުށަހަޅާ ހެކިތަކާއި އޮޑިޓް ރިޕޯޓަށް އާމިނަތު ނާޒްލީ ޤަޟިއްޔާގެ އައު ހެކީގެ އުޞޫލު ތަޠުބީޤުކުރެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ، ރަށްރަށަށް މުދާ ޑެލިވަރކުރިކަން ޑެލިވަރީ ނޯޓުން ނޭނގޭ ކަމަށާއި، ހެކިވެރިންގެ ހެކިބަހާއި ލިޔުންތަކުގައި ފުށުއެރުން ހުރި ކަމަށާއި، 15 އަހަރު ދަޢުވާކުރުން ލަސްވުމުން ދިފާޢުވުމަށް ހުރަސް އެޅުނު ކަމަށާއި، ޚުލާޞާ ބަޔާނާއެކު ހުށަހެޅި މާލީ ބަޔާންތަކާއި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު ބަލައިގަންނަންޖެހޭ ކަމަށެވެ. ސެންޓަރ އެންޓަރޕްރައިސަސްއިން ބުނީ، މި ދެ ނުކުތާއަކީ އައު ނުކުތާ ކަމަށާއި، ހެކިބަހުގައި ފުށުއެރުމެއް ނެތް ކަމަށާއި، އައު ހެކި ނާޒްލީ ޤަޟިއްޔާގެ ޝަރުޠުތަކަށް ނުފެތޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، މުދާ ޙަވާލުކުރިކަމުގެ ނުކުތާއަކީ ހައިކޯޓުގެ ނިންމުމާ ސީދާ ގުޅޭ ނުކުތާއެއް ކަމަށާއި، ލަސްވުމުގެ ނުކުތާ ހައިކޯޓުގައި ނުކުރާތީ ގޮތެއް ނުކަނޑައަޅާ ކަމަށެވެ. ހެކިވެރިން ބުނީ ރަށްރަށުން ސޮއިކުރުވާ ވަކިވަކި ޑެލިވަރީ ނޯޓުތަކެއްގެ ވާހަކަ ކަމަށާއި، ހުށަހެޅުނީ ކާކު ބަލައިގަތްކަމާއި ކޮންތާކަށް ޑެލިވަރކުރިކަން ނޭނގޭ ޖުމްލަ ނޯޓެއް ކަމަށާއި، މުދާ އެތެރެކުރިކަމާއި އިންސްޕެކްޝަން ނޭނގޭތީ، ހެކީގައި ރިޢާޔަތްނުކޮށް ހައިކޯޓުން ނިންމީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފަށް ކަމަށެވެ. ނާޒްލީ ޤަޟިއްޔާގެ އުޞޫލަކީ ފުރަތަމަ މަރުޙަލާއަށް ހިނގާ އުޞޫލެއް ނޫން ކަމަށާއި، އޮޑިޓް ރިޕޯޓުން މުޢާމަލާތުގެ ޞައްޙަކަމާ މެދު ޝައްކު އުފެދޭތީ، ދެ ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ހައިކޯޓުގެ 2023/HC-A/194 ޤަޟިއްޔާގެ ޙުކުމާއި ސިވިލް ކޯޓުގެ 575/Cv-C/2022 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްފި (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ފަނޑިޔާރު ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ދަޢުވާ ސާބިތުވާނަމަ، ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގައި ހިމެނޭ ދެފަރާތުގެވެސް ޙައްޤެކެވެ. ކަމުގެ ޙަޤީޤަތް ކަށަވަރު ނުކޮށް ޙުކުމް ކޮށްފިނަމަ އެ ޙުކުމެއް ޞައްޙަނުވާނެއެވެ.
HN2 ސުޕްރީމް ކޯޓުން އިސްތިއުނާފީ މައްސަލަ ބަލާނީ ހައިކޯޓުގައި ނިންމި ނިންމުން އެއީ އަސާސްކަމުގައި ބަލައިގެންނެވެ. ނަމަވެސް، ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވާނަމަ، އައު ޤާނޫނީ ބަހުސަކަށް ފުރުޞަތު ހުޅުވާލެވިދާނެއެވެ. އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދެވުނު މުދާތަކެއްގެ ފައިސާ ހޯދުމަށް ހުށަހެޅޭ މައްސަލައެއްގައި، މުދާ ޙަވާލުކުރެވިފައިވާކަމަށް ހުށަހެޅުނު ހެކިތަކަކީ މުޅި މައްސަލައިގެ ބަހުސް ބިނާވި އެއް އަސާސް ކަމުން، މުދާ ލިބިފައިނުވާކަމަށް ބުނާ ނުކުތާއަކީ ހައިކޯޓުގެ ނިންމުމާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެކެވެ.
HN3 ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިނުވާ، އަދި ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ނުކުތާއެއްގެ މައްޗަށް، ސުޕްރީމް ކޯޓުން އިސްތިއުނާފީ މައްސަލަ ބަލާނީ ހައިކޯޓުގައި ނިންމި ނިންމުން އެއީ އަސާސްކަމުގައި ބަލައިގެން ކަމަށްވާތީ، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެ ކަމަށް ނުދެކެއެވެ.
HN4 މުދާތަކެއް ފޯރުކޮށްދީ އެ މުދަލަށްވާ ފައިސާ ނުލިބިގެން ހުށަހެޅޭ މައްސަލައެއްގައި ދަޢުވާއާމެދު ގޮތް ކަނޑައެޅުމުގައި (1) މުދާ ހޯދުމަށް އެދިފައިވޭތޯ، (2) މުދާ ގަތްފަރާތަށް މުދާ ލިބިފައިވޭތޯ، އަދި (3) މުދާ ލިބިފައިވާނަމަ ފައިސާ ދައްކާފައިވޭތޯ، މިކަންކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެއެވެ.
HN5 ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަކޮށްފި ކަމަށް ވާނީ ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތަށް އެކަން ކުރުމުންނެވެ. ކޮންޓްރެކްޓުގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވެފައިވާ ނަމަ، އެއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ ކޮންޓްރެކްޓުގެ އަނެއް ފަރާތުން އެގޮތަށް އެއްބަސްވެފައިވާ ނަމަ، ނުވަތަ އެކަމެއް ކުރުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ކުރެވެން ނެތްކަމެއް ކަމަށް ވެއްޖެ ނަމައެވެ.
HN6 ވަކި މަރުޙަލާތަކަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް ވެފައިވާ އެއްބަސްވުމެއްގައި، އެއްބަސްވުން ބުނާ ގޮތުން ކުރީގެ މަރުޙަލާތަކުގައިވާ ފައިސާއަކީ މުދާ ފޯރުކޮށްދޭ ފަރާތަށް ލިބިފައިވާނެ ފައިސާއެވެ. އެ ފައިސާ ނުލިބޭކަމަށް ބުނާނަމަ، އެއްބަސްވުމުގައިވާ ގޮތް ނޫން އެހެން ގޮތަކަށް އެއްބަސްވެފައިވާކަން ސާބިތުކޮށްދިނުމަކީ އެ ފަރާތުގެ މައްޗަށް އޮތް ބުރައެކެވެ.
HN7 ޑެލިވަރީ ނޯޓަކީ ވިއްކާފަރާތުން މުދާ ޙަވާލު ކުރިކަން އަންގައިދިނުމުގެ ގޮތުން ތައްޔާރުކުރާ ކިތާބީ ހެއްކެކެވެ. ޑެލިވަރީ ނޯޓަށް ދެވޭ ބުރަދަން ބިނާވެފައި އޮންނަނީ އޭގައިވާ ތަފުޞީލާއި، ޞައްޙަކަމާއި، މުދަލާ ޙަވާލުވި ފަރާތުގެ އިޢުތިރާފާއި، އަދި މުޢާމަލާތާ ގުޅޭ އެހެން ހެކިތަކާ އެއްގޮތްވުމުގެ މައްޗަށެވެ. މުދާ ޑެލިވަރީ ކުރިކަން ސާބިތުކުރުމަކީ މުދާ ސަޕްލައިކުރި ފަރާތުގެ މަސްއޫލިއްޔަތެކެވެ. ޑެލިވަރީ ނޯޓަށް އެކަނި ބަލައި، މުދާ ޑެލިވަރީ ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަން ނުވަތަ އިންސްޕެކްޓްކޮށް / ޗެކް ކޮށްފައިވާކަން، އަދި ޑެލިވަރީކޮށްފައިވަނީ ރަނގަޅު މުދަލެއްކަން ޔަޤީނެއް ނުވެއެވެ. މިކަން ކަން ޔަޤީންކުރެވޭނީ މުޢާމަލާތާ ގުޅޭ އެހެނިހެން ހެކިތަކުންނެވެ.
HN8 އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ޝަރުޠުތަކަކީ އިސްތިސްނާއީ ޙާލަތުތަކެއްގައި ސުޕްރީމް ކޯޓުން އައު ހެކި ބަލައިގަތުމާމެދު ރިޢާޔަތްކުރާ އިސްތިސްނާ ޙާލަތުތަކެއް ކަމުގައިވުމުން، އެ އުޞޫލަކީ ދަޢުވާ އުފުލި ހިނގަމުންދާ ފުރަތަމަ މަރުޙަލާގައިވާ މައްސަލައަކަށް ތަޠުބީޤު ކުރެވިދާނެ އުޞޫލެއް ނޫނެވެ. އެހެންކަމުން، ޚުލާޞާ ބަޔާނަށްފަހު ދަށު ކޯޓަށް އަލަށް ހުށަހެޅޭ ހެކި ބަލައިގަތުމުގައި އެ ޤަޟިއްޔާގައި ބުނާ އައު ހެކި ބަލައިގަތުމުގެ އުޞޫލަށް ރިޢާޔަތްކުރަންޖެހޭނެއެއް ނޫނެވެ.
HN9 އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއްގައިވާ މަޢުލޫމާތަކީ އެހެން ގޮތަކަށް ސާބިތުކޮށް ނުދެވޭހާ ހިނދަކު، ޞައްޙަ މަޢުލޫމާތުކަމުގައި ބަލަންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ސާދިޙު ނަޞީރު، ޝިއުތު މުޙައްމަދު ވަޙީދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ފައިޞަލް، ފައިސަލް އެންޑް ކޯ އެލް.އެލް.ޕީ
- ބެންޗު
- ޙުސައިން ޝަހީދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
[2026]SC 49
2025/SC-A/28
ޝަރީޢަތް ނިމުނުގޮތް
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ހެލްތް / ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް) ވ. ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސައިން ޝަހީދު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ނިމުނު ތާރީޚު
23 ނޮވެމްބަރ 2026
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2023/HC-A/194
އިސްތިއުނާފުކުރާ ފަރާތް
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ހެލްތް / ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް)
ޤާނޫނީ ވަކީލު:
ސީނިއަރ ސްޓޭޓް އެޓަރނީ ސާދިޙު ނަޞީރު
ސީނިއަރ ސްޓޭޓް އެޓަރނީ ޝިއުތު މުޙައްމަދު ވަޙީދު
އިސްތިއުނާފު ރައްދުވާ ފަރާތް
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
ޤާނޫނީ ވަކީލު:
މުޙައްމަދު ފައިޞަލް، ފައިސަލް އެންޑް ކޯ އެލްއެލްޕީ
ފައިސާ ހޯދުން- ދަޢުވާކުރުން ލަސްވުމުގެ ސަބަބުން ދިފާއަށް ހުރަސްއެޅުން- އައު ހުށަހެޅުން- އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ހުށަހެޅުން- ހެކި ވަޒަންކުރުން
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރަޢުޔު (މި ރައުޔަށް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/194 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މިނިސްޓްރީ އޮފް ހެލްތް / ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް (މީގެ ފަހުން "ދިވެހި ދައުލަތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި މައްސަލައެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ސެންޓަރ އެންޓަރޕްރައިސަސް") އެވެ.
2ސެންޓަރ އެންޓަރޕްރައިސަސްއިން ދިވެހި ދައުލަތާއެކު 2008 ވަނަ އަހަރުކޮށްފައިވާ މުޢާމަލާތަކާ ގުޅިގެން ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓް އެންޑް ކޮންސިއުމަބަލްސްގެ އިންވޮއިސްގެ ފައިސާ ދައްކާފައިނުވާކަމަށް ބުނެ، އެ ފައިސާއާއި އޭގެ ސަރޗާޖު އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓުގައި 07 އެޕްރީލް 2022 ގައި ދަޢުވާކުރިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 575/Cv-C/2022 ޤަޟިއްޔާގައެވެ.
ސިވިލް ކޯޓުގެ ޤަޟިއްޔާ
3ސިވިލް ކޯޓުގެ ނަންބަރު 575/Cv-C/2022 ޤަޟިއްޔާގައި ސެންޓަރ އެންޓަރޕްރައިސަސް އިން އެދިފައިވަނީ، ދިވެހި ދައުލަތަށް ފޯރުކޮށްދީފައިވާ މެޑިކަލް އިކުއިޕްމަންޓް އެންޑް ކޮންސިއުމަބަލްސްގެ އިންވޮއިސްގެ ފައިސާއާއި އޭގެ ސަރޗާޖަށް އަރާފައި އޮތް މިންވަރު އެއްކުރުމުން އަންނަ، USD $5,149,450.99 (ފަސް މިލިއަން އެއްލައްކަ ސާޅީސް ނުވަހާސް ހަތަރުސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު ނުވަދިހަ ނުވަ ސެންޓް) ދައްކާފައިނުވަނީ ޤާނޫނީ ސަބަބެއް ނެތި ކަމަށާއި، އެ އަދަދު އެކީ އެއްފަހަރާ އެމެރިކާ ޑޮލަރުން ދެއްކުމަށް ދިވެހި ދައުލަތަށް އަމުރުކޮށްދިނުމަށެވެ.
4ސިވިލް ކޯޓުން 28 މާރިޗް 2023 ގައި ޙުކުމްކޮށްފައިވަނީ ސެންޓަރ އެންޓަރޕްރައިސަސް އިން ސަޕްލައިކޮށްދީފައިވާ މުދަލުގެ އިންވޮއިސްގެ ފައިސާގެ ޖުމުލަ USD $2,011,510.99 (ދެ މިލިއަން އެގާރަހާސް ފަސްސަތޭކަ ދިހަ ޑޮލަރު ނުވަދިހަ ނުވަ ސެންޓް) އަކީ ދިވެހި ދައުލަތުން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހި ނުދައްކައިވާ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ފައިސާ ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބިދިނުމުގެ ގޮތުން 28 އެޕްރީލް 2023 ގެ 12:00 ގެ ކުރިން ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދިވެހި ދައުލަތަށް އަންގައެވެ. މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
4.1 ދަޢުވާއަށް ޖަވާބުދާރީވުމަށް ދިވެހި ދައުލަތަށް ފުރުޞަތު އެރުވުމުން، ޖަވާބުދާރީވުމަށް ފުރުޞަތު ބޭނުންވާކަމަށާއި، ފުރުޞަތު ބޭނުންވަނީ، މިއީ، 2008 ގައި ހިނގާފައިވާ މުޢާމަލާތަކާ ގުޅޭ ފައިސާގެ މައްސަލައެއްކަމަށްވާތީކަމަށާއި، މައްސަލައިގައި ވަނީ މީގެ 14 (ސާދަ) އަހަރު ކުރީގެ ލިޔެކިޔުންތަކެއް ކަމުން، އެ ލިޔުންތައް ހޯދުމަށް ދަތިވާތީކަމަށް ދިވެހި ދައުލަތުން ބުނެފައިވާކަމަށާއި، ދިވެހި ދައުލަތަށް ޖަވާބު ހުށަހެޅުމަށް އެކިފަހަރު މަތިން މުއްދަތު ދިނުމަށްފަހުވެސް ޖަވާބުދާރީވެފައި ނުވާތީވެ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ދައުލަތުން މުޅި ދަޢުވާއަށް އިންކާރުކުރާކަމަށް ބަލައިގެންކަން؛
4.2 ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއިން ރީޖަނަލް ހޮސްޕިޓަލްތަކަށާއި، ހެލްތު ސެންޓަރުތަކަށާއި، އަދި ހެލްތު ޕޯސްޓުތަކަށް މެޑިކަލް އިކުއިޕްމަންޓްސް އަދި ކޮންސިއުމަބަލްސް ސަޕްލައި ކުރުމަށް ހުޅުވާލެވުނު ޓެންޑަރ ބޯޑުގެ ނަންބަރު TEB/2007/114 ޕްރޮޖެކްޓާއި ގުޅިގެން ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި ހުށަހެޅުމަށާއި، އަގުތަކަށް އެއްބަސްވެ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަށް އައިސްފައިވާކަން ސެންޓަރ އެންޓަރޕްރައިސަސްގެ “MAIN OFFER” (10 އެޕްރީލް 2007) މި ލިޔުމާއި، ސިވިލް ކޯޓަށް ދަޢުވާ ފޯމާއެކު ސެންޓަރ އެންޓަރޕްރައިސަސް އިން ހުށަހަޅާފައިވާ “Form of bid” ލިޔުމާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސްގެ “Letter of acceptance” (02 ސެޕްޓެމްބަރު 2007) ލިޔުމުން އެނގެންއޮތުން.
4.3 އޭގެ ފަހުން، ސެންޓަރ އެންޓަރޕްރައިސަސްއާ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއާ ދެމެދު 28 އޮކްޓޫބަރު 2007 ގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން “Form of Agreement” އިން އެނގެންއޮތުން.
4.4 އެއްބަސްވުމުގެ ދަށުން މި ތަކެތި ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ އަގަކީ USD $2,011,510.99 (ދެ މިލިއަން އެގާރަހާސް ފަސް ސަތޭކަ ދިހަ ޑޮލަރު ނުވަދިހަ ނުވަ ސެންޓު) ކަން.
4.5 ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިވާ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސްގެ ނަންބަރު 23-CSD-23/MISC/2007/01 (22 ނޮވެމްބަރު 2007) ސިޓީ އަދި މި ސިޓީއާ ގުޅުންހުރި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު 1206BG00015 ބޭންކް ގެރެންޓީއިން މި ޕްރޮޖެކްޓު ސެންޓަރ އެންޓަރޕްރައިސަސްއަށް އެވޯޑުކުރުމާ ގުޅިގެން، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއިން ބިޑް ސެކިއުރިޓީ ދޫކޮށްފައިވާކަން.
4.6 މި މައްސަލައާ ގުޅިގެން ހުށަހެޅުނު އެއްބަސްވުމާ އެއްގޮތަށް، ތަކެތި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ފޯރުކޮށްދެވިފައިވާކަން އެނގޭނެ ޑެލިވަރީ ނޯޓާއި، ޑެލިވަރީ ނޯޓާއެކު ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ހުށަހެޅުނު އިންވޮއިސްއާއި، އަދި މިނޫންވެސް، މި އެއްބަސްވުމާ ގުޅޭގޮތުން ދެފަރާތު ދެމެދުގައި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކުން، މިއީ ހިނގާފައިވާ މުޢާމަލާތެއްކަން އެނގޭއިރު، ދައުލަތުން މި ޑޮކިއުމަންޓްތަކާމެދު ސުވާލު އުފެއްދުމުން، ސެންޓަރ އެންޓަރޕްރައިސަސްއިން ހެކިންގެ ގޮތުގައި ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސްގެ މެނޭޖަރ، މުޙައްމަދު ޙަމީދުގެ ހެކިބަހުން މިއީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމެއްކަމާއި، އަދި ހެކީގެ ގޮތުގައި ހުށަހެޅި ސީލައިން ހޯލްޑިންގްސްގެ ޑިރެކްޓަރެއްކަމަށްވާ އިބްރާހީމް މޫސާ މަނިކުގެ ހެކިބަހުން އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްދެވުނުކަން އެނގޭތީ، މި މައްސަލައިގައި ހުށަހަޅާފައިވާ މުސްތަނަދުތަކަކީ ޞައްޙަ މުސްތަނަދުކަން ސާބިތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާކަން.
4.7 މަދަނީ މައްސަލަތަކުގައި އެއްފަރާތުން ހުށަހަޅާ ކިތާބީ ހެކީގެ ޞައްޙަކަމާމެދު އަނެއް ފަރާތުން ސުވާލު އުފައްދާނަމަ، ކަން ކުރަންވީގޮތް ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ ޤަޟިއްޔާއިން އެނގެންއޮންނައިރު، މަދަނީ މައްސަލަތައް ސާބިތުކުރުމުގެ ބުރައަކީ މައްސަލައިގެ ޚަޞްމުންގެ މައްޗަށް އޮތް ބުރައެއްކަމަށްވާއިރު، ކޯޓުގެ މައްޗަށް އެ ބުރަ މަތިކޮށް ޑޮކިއުމަންޓްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ކޮންމެ ފަހަރަކު ކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރު ނެރުމަކީ މަދަނީ އިޖުރާއަތުގެ ނިޒާމު ހަމަޖެހިފައިވާގޮތާ ބީރައްޓެހި އިޖުރާއަތެއްކަމަށާއި، އެ މަގުން ޢަމަލުކުރަންޖެހޭ ކަމަށް ނުދެކޭކަން.
4.8 ދައުލަތަށް ޖަވާބުދާރީވުމަށާއި، ހެކި ހުށަހެޅުމަށް އެކި ފަހަރުމަތިން ފުރުޞަތު ދެވުނު ނަމަވެސް، ޖަވާބެއް އަދި ދެވުނު ފުރުޞަތުގައި ހެކި ހުށަހަޅާފައިނުވާއިރު، ސެންޓަރ އެންޓަރޕްރައިސަސްއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުލިބޭގޮތަށް، މައްސަލައިގެ ޚުލާޞާ ބަޔާނާއެކު، ކިތާބީ ހެކިތަކެއް ދައުލަތުން ހުށަހެޅުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމާއި، މިފަދަ ބޮޑު ޚަރަދެއްކުރިނަމަ ސެންޓަރ އެންޓަރޕްރައިސަސްގެ ފައިނޭންޝަލް ސްޓޭޓްމަންޓުތަކުން އެނގެންއޮންނާނެކަމަށް ބުނެ ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސްގެ 2007، 2008 އަދި 2009 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، އެ ރިޕޯޓާއެކު ހުށަހަޅާފައިވާ ފައިނޭންޝިއަލް ސްޓޭޓްމަންޓްތަކަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، އެކަން އެނގެނީ ފައިނޭންޝަލް ސްޓޭޓްމަންޓްގެ ކޮންތަނަކުންކަމާއި، އެކަން ސާބިތުވާން އޮތް ގޮތެއް ބުނެދޭންޖެހޭކަން.
4.9 އެއްބަސްވުމާ އެއްގޮތަށް ތަކެތި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ފޯރުކޮށްދީފައިވާކަން ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ “GOODS DELIVERY NOTE” އިން އެނގެންއޮންނަކަމާއި، އެ ޑެލިވަރީ ނޯޓުގައި ތަކެތި ލިބުނުކަމަށް ސޮއިކޮށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ތައްގަނޑު ޖަހާފައިވާކަމާއި، އަދި ސެންޓަރ އެންޓަރޕްރައިސަސްގެ “COMMERCIAL INVOICE” (12 އޮގަސްޓް 2008) އާ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއިން ޙަވާލުވެފައިވާކަމާއި، އަދި ސީލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު SLH-1111/07 އިންވޮއިސްއިން، މެޑިކަލް އިކުއިޕްމަންޓް އަދި ކޮންސިއުމަބަލްސް ސަޕްލައިކޮށްދިން ޚިދުމަތުގެ އަގު، ސެންޓަރ އެންޓަރޕްރައިސަސްއިން ދައްކާފައިވާކަން.
4.10 އެއްބަސްވުމާ އެއްގޮތަށް މެޑިކަލް އިކުއިޕްމަންޓް އަދި ކޮންސިއުމަބަލްސް ފޯރުކޮށްދޭންޖެހޭ ތަންތަނަށް ފޯރުކޮށްދީފައިވާކަން ސެންޓަރ އެންޓަރޕްރައިސަސްއިން ޝަފަހީ ހެކިންގެ ގޮތުގައި ހުށަހެޅި މުޙައްމަދު ޙަމީދުއާއި އިބްރާހީމް މޫސާ މަނިކުގެ ހެކިބަހުން އެނގެންއޮތުމާއި، އެހެންކަމުން، ބޮޑަށް ބުރަވެވޭ މިންގަނޑުން (balance of probabilities) ބަލާއިރު، އެއްބަސްވުމުގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސްއިން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކޮށްފައިވާކަން.
4.11 އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއްކަމަށްވީއިރު، އެ ފައިސާ ދައްކާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންނެތުމުން، އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ USD $2,011,510.99 (ދެ މިލިއަން އެގާރަހާސް ފަސް ސަތޭކަ ދިހަ ޑޮލަރު ނުވަދިހަ ނުވަ ސެންޓު) އަކީ ދިވެހި ދައުލަތުން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ފައިސާކަން.
4.12 ސެންޓަރ އެންޓަރޕްރައިސަސްއިން އިންވޮއިސްގެ ޓަރމްސް އެންޑް ކޮންޑިޝަންގެ ދަށުން ސަރޗާޖްގެ ގޮތުގައި ހޯދުމަށް އެދިފައިވާ USD $3,637,940.00 (ތިން މިލިއަން ހަލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ ސާޅީސް އެމެރިކާ ޑޮލަރު) އަކީ އިންވޮއިސްގައިވާ ފައިސާ ދައްކަންދީފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތުގައި ނުދެއްކިއްޖެނަމަ، ޢުޤޫބާތެއް ދިނުމުގެ ގޮތުން ލެވިފައިވާ ޝަރުޠު ޖަޒާއީ (penalty clause) އެއް ކަމުގައި އެނގޭތީ، އެއީ ނަގައިދެވިދާނެ ފައިސާއެއްނޫންކަން.
5ދިވެހި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 575/Cv-C/2022 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ބެލީ ހައިކޯޓުގެ ނަންބަރު 2023/HC-A/194 ޤަޟިއްޔާގައެވެ.
ހައިކޯޓުގެ ނިންމުން
6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/194 ޤަޟިއްޔާގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. މިގޮތަށް ހައިކޯޓުން ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
6.1 ހެކި ހުށަހެޅުމުގެ ފުރުޞަތު ބަންދުވެފައިވަނިކޮށް ދަށު ކޯޓަށް ދައުލަތުން ހުށަހެޅި ސްޓޭޓްމަންޓްތައް ބަލައިގަންނަންވީ އެކަށޭނަ ސަބަބެއް ދައުލަތުން ހާމަކޮށްފައިވާކަން ފެންނަންނެތްކަމާއި، ހުށަހެޅޭ އައު ހެއްކެއްގައި ފުރިހަމަވާންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޢުންޞުރުތައް ދިވެހި ދައުލަތުން ހުށަހަޅާ ހެކީގައި ފުރިހަމަވާގޮތެއް ބަޔާންކޮށްދީފައިނުވާކަމާއި، އިސްތިއުނާފުގެ މަރުޙަލާގައިވެސް ބަޔާންކޮށްފައިވަނީ ދަށު ކޯޓުގައި ބަޔާންކުރި ސަބަބުކަމަށާއި، އެއީ މި މުޢާމަލާތާ ގުޅޭ ލިޔެކިޔުންތައް ފެނިފައިނުވާކަމަށާއި، މި މާލީ ލިޔެކިޔުންތަކަކީ އޭގެ ޒާތުގައި މުޢާމަލާތާ ސީދާ ގުޅޭ ލިޔުމެއް ނޫންނަމަވެސް، މާލީ ލިޔެކިޔުންތަކުގައި މި މުޢާމަލާތާ ގުޅޭގޮތުން ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބެންޖެހޭ ފައިސާއެއްވާކަން މާލީ ބަޔާންތަކުގައި ނެތުމުން، މާލީ ބަޔާންތައް ހުށަހެޅީކަމަށާއި، މި މާލީ ބަޔާންތައް ހުށަހަޅާފައިވަނީ މައްސަލައިގެ މައުޟޫއަށް އެކަށީގެންވާފަދަ ނުފޫޒެއް ފޯރާފަދަ ހެއްކެއް ކަމުގައި ދައުލަތުން ދެކޭތީކަމުގައިކަމަށާއި، މިގޮތަށް ދައުލަތުން ފާހަގަކުރިނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޢުންޞުރުތައް ފުރިހަމަވާގޮތެއް ދިވެހި ދައުލަތަށް އެކަށީގެންވާގޮތަކަށް ބުނެދެވިފައިނުވާކަން.
6.2 މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހަޅާފައިވާ މާލީ ބަޔާންތަކަކީ ދިވެހި ދައުލަތުން އެކަށީގެންވާ މިންވަރަށް ލިޔެކިޔުންތައް ހޯދަން އުޅުނުނަމަ، އަދި އެކަމުގައި ފަރުވާތެރިވިނަމަ، ދައުލަތަށް ހޯދޭނެ އަދި ހޯދުމުގެ ފުރުޞަތުވެސް އޮތް ލިޔެކިޔުންތަކެއްކަމަށާއި، އަދި އެއީ ވަކިގޮތަކަށް ކޯޓުން އެންގުމުގެ ސަބަބުން ނުވަތަ ޚަޞްމެއްގެ ވާހަކަ ބައްޓަންކުރިގޮތުގެ ސަބަބުން، ނުވަތަ ހެކިވެރިޔަކު ހެކިބަސް އަދާކުރިގޮތުގެ ސަބަބުން ކުއްލިއަކަށް ފެންމަތިވި ޙާލަތެއް ނޫންކަން.
6.3 އަދި ސިވިލް ކޯޓަށް ހުށަހެޅުނު މި މައްސަލައަކީ ދިވެހި ދައުލަތާއި ސެންޓަރ އެންޓަރޕްރައިސަސްއާ ދެމެދު ވެފައިވާކަމަށް ސެންޓަރ އެންޓަރޕްރައިސަސްއިން ބުނާ އެއްބަސްވުމެއްގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށްވާއިރު، ސެންޓަރ އެންޓަރޕްރައިސަސްއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކަކީ މައްސަލައިގެ މައުޟޫއާ ސީދާ ގުޅުމެއް ނެތް، މައްސަލައިގެ މައުޟޫއަށް އެކަށީގެންވާ ނުފޫޒެއް ފޯރުވާފަދަ ހެއްކެއްކަމުގައި ނުބެލެވޭކަން.
6.4 ސެންޓަރ އެންޓަރޕްރައިސަސްއިން ދަށު ކޯޓަށް ހުށަހަޅާފައިވަނީ ސެންޓަރ އެންޓަރޕްރައިސަސްގެ ލެޓަރ ހެޑްގައިވާ ޑެލިވަރީ ނޯޓެއްކަމާއި، މި ޑެލިވަރީ ނޯޓަށް ބަލާއިރު، ހެކިންގެ ހެކިބަހުގައި ފުށުއެރުމެއް އޮތްކަމަށް ނުބެލެވޭކަން.
6.5 ދަށު ކޯޓުގެ ނިންމުމުގައިވާ ފަދައިން، ސެންޓަރ އެންޓަރޕްރައިސަސްއާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއާ ދެމެދު އެއްބަސްވުމެއް ވެފައިވާކަން ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް، މި މައްސަލައަށް ތަޠުބީޤުކުރުމުން އެނގޭކަމާއި، އަދި މިކަން ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ހެކިބަސް އަދާކޮށްފައިވާ މުޙައްމަދު ޙަމީދުގެ ބަހުން އެނގޭކަން.
6.6 ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ކުޅަ ދަޢުވާއާއި ގުޅިގެން ދައުލަތުން އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނުވާއިރު، ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން އެފަރާތުން ކުޅަ ދަފްޢު، އަދި ސާބިތުކުރުމަށް އެދޭ ވާޤިޢާތައް ޝަރީޢަތަށް ބޮޑަށް ބުރަވެވޭ މިންގަނޑަށް ސާބިތުކޮށްދީފައިވާކަން.
6.7 ތަފާތުވި ރަޢުޔު ދެއްވި، ފަނޑިޔާރު ޙުސައިން މަޒީދުގެ ރަޢުޔުގައި ބުނެފައިވަނީ، މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކަކީ ޞައްޙަ ލިޔުންތަކެއްކަން ކަށަވަރުކުރުމަށް ދިވެހި ދައުލަތުން އެދުނުނަމަވެސް، އެ ލިޔުންތަކުގެ ޞައްޙަކަން ސިވިލް ކޯޓުން ބަލާފައިނުވާކަމަށާއި، ބަހުސްގެ ބޭނުމަށް އެއްބަސްވުމެއް އޮތްކަމަށް ބެލިނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ސެންޓަރ އެންޓަރޕްރައިސަސްއަށް ލިޔުންތަކުން ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
7ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/194 ޤަޟިއްޔާގެ ނިންމުން ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި އެ މައްސަލަ އިސްތިއުނާފުކުރުމަށް އިސްތިއުނާފީ 05 (ފަހެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
7.1 ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން މަސައްކަތް ފުރިހަމަކުރިކަން އެނގޭނެ އެންމެ މުހިންމު ހެކިކަމުގައިވާ ރީޖަނަލް ހޮސްޕިޓަލްތަކާއި، ހެލްތް ސެންޓަރުތަކާއި، ހެލްތް ޕޯސްޓްތަކަށް މުދާ ފޯރުކޮށްދިންކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތި، ހަމައެކަނި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ހުށަހެޅި ކޮމްބައިންޑް ޑެލިވަރީ ނޯޓަކަށް ރިޢާޔަތްކޮށް، ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކޮށްފައިވާކަމަށް ބަލަންޖެހޭކަމަށް ކަނޑައަޅާފައިވަނީ، ސެންޓަރ އެންޓަރޕްރައިސަސްއިން މި ދަޢުވާގައި ބަރޯސާވާ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑެފްނޭ ޕްރައިވެޓް ލިމިޓެޑް ވ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް [2022] SC 63 ޤަޟިއްޔާގައި، މުދަލާ ޚިދުމަތުގެ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ފުރިހަމަވާންޖެހޭކަމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަން.
7.2 މި މައްސަލައިގައި ސިވިލް ކޯޓަށް ހާޒިރުކުރެވުނު ޝަފަހީ ހެކިންގެ ހެކިބަހާއި، ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކާ ފުށުއަރާކަން ސާފުކޮށް ފެންނަން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި އެފަދަ ފުށުއެރުމެއް ނެތްކަމަށް ކަނޑައަޅައި، ހެކިންގެ ހެކިބަހާއި ދަޢުވާގައި ހިމެނޭ ޑެލިވަރީ ނޯޓާ ގުޅުވާފައިވަނީ، އެފަދައިން ގުޅުވާލެވޭ ހެއްކެއް ނެތްއިރު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، މައްސަލައެއްގައި ޙުކުމް ކުރުމުގެ ކުރިން ކަމުގެ ޙަޤީޤަތް ކަށަވަރުކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަން.
7.3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި، ސިވިލް ކޯޓަށް ދައުލަތުން ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސްގެ އޮޑިޓް ރިޕޯޓްތަކަކީ އެކަށީގެންވާ މަސައްކަތްކުރިނަމަ، ދައުލަތަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ރިޕޯޓްތަކެއްކަމުގައި ކަނޑައަޅައި، އަދި އެ ރިޕޯޓްތަކުން މި މައްސަލައިގެ މައުޟޫއަށް އެކަށީގެންވާ ނުފޫޒެއް ނުފޯރާކަމަށް ކަނޑައަޅައި، އެ އޮޑިޓް ރިޕޯޓްތައް ބަލައިނުގަންނަން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މިފަދަ އައު ހެކި ބަލައިގަތުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމާއި، އަދި އެ އޮޑިޓް ރިޕޯޓުތަކަށް ރިޢާޔަތްނުކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަން.
7.4 އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓުގައި މި ދަޢުވާކޮށްފައިވަނީ، މި މުޢާމަލާތް ހިނގިތާ 15 (ފަނަރަ) އަހަރުފަހުން ކަމުގައިވާއިރު، މި ޙާލަތުގައި އެފަރާތުން ދަޢުވާކުރުމަށް ލަސްވި އެކަށީގެންވާ ސަބަބެއް ނެތްނަމަ، އެކަމަކީ ދަޢުވާއަށް ދައުލަތުން ދިފާޢުވުމުގެ ޙައްޤަށް އަސަރުކުރާނެކަމެއް ކަމުގައިވާއިރު، މިކަންކަން ސިވިލް ކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ދައުލަތުން ފާހަގަކޮށްފައިވީ ނަމަވެސް، އެކަންކަމަށް ރިޢާޔަތްކުރުމަކާ ނުލައި، މައްސަލަ ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް [2021] SC 111 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާ ޚިލާފަށް، އަދި އިސްތިއުނާފު ރައްދުވާ ފަރާތަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭގޮތަށްކަން.
7.5 ބޮޑަށް ބުރަވެވޭ މިންގަނޑު (Balance of Probability) އިން އެއްބަސްވުމެއް ވެވުނުކަމާއި، އެއްބަސްވުމުގެ ދަށުން މުޢާމަލާތް ފުރިހަމަކޮށްފައިވާކަމަށް ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ އެންމެހައި ހެކިތަކަށާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް ޝާމިލުގޮތެއްގައި ރިޢާޔަތްކުރުމެއްނެތި، މައްސަލަ ނިންމަވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަން.
8މި މައްސަލައިގައި ދިވެހި ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އެންމެ ފުރަތަމަ އަހުރެން މަސައްކަތްކުރާނީ، ހެކިބަހުގައި ހުރި ފުށުއެރުމާ ގުޅޭގޮތުންނާއި ދަޢުވާކުރުން ލަސްވުމުގެ ސަބަބުން ދިފާޢުވުމަށް ހުރަސް އެޅިފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ޖަވާބު ދިނުމަށެވެ. އޭގެ ފަހުގައި، އެއްބަސްވުމާ އެއްގޮތަށް މުދާ ޑެލިވަރކުރެވުނުކަން ހުށަހެޅުނު ލިޔުންތަކާއި ހެކިބަހުން ސާބިތުވޭތޯ، މި ސުވާލަށް ޖަވާބު ދޭނަމެވެ. އޭގެ ފަހުގައި، އައު ހެކި ބަލައިގަތުމާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާނަމެވެ.
ދެފަރާތުން ދެއްކި ވާހަކަ
9ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރަމުން ދިވެހި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ދެފަރާތު ދެމެދު ވެވުނު ކަމަށް ބުނާ އެއްބަސްވުމާ އެއްގޮތަށް ވަކިވަކި ރަށްތަކަށް މުދާ ސަޕްލައިކުރިކަމާއި، އެ ތަންތަނުން މުދަލާ ޙަވާލުވިކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންނެތްކަމަށާއި، އެއްބަސްވުމުގައި އިންވޮއިސްއާއެކު ހުށަހެޅުމަށް ބަޔާންކުރާ ޑެލިވަރީ ނޯޓަކީ މުދާ ޙަވާލުކުރެވުނު ކޮންމެ ތަނެއް އެނގޭގޮތަށް އޮންނަންޖެހޭ ޑެލިވަރީ ނޯޓެއްކަމަށާއި، އެ ޑެލިވަރީ ނޯޓުން ރަށްރަށަށް މުދާ ޑެލިވަރ ކުރިކަން އެނގެންނެތްކަމަށާއި، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ހެކިންގެ ހެކިބަހުން ސާބިތު ނުވާކަމަށެވެ.
10އަދި މި މައްސަލައިގައި ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހެޅި ކިތާބީ ހެކިންގެ ހެކިބަހާއި، މައްސަލައިގައި ހުށަހެޅުނު ލިޔުންތަކާ ފުށުއަރާކަމަށާއި، އެ ގޮތުން، މި މައްސަލައިގައި ހެކިން ހެކިބަހުގައިވާގޮތަށް، ހުށަހަޅާފައިވަނީ ކޮންމެ ރަށަކަށް ޑެލިވަރީކުރެވުނުކަން އެނގޭނެ ޑެލިވަރީ ނޯޓެއް ނޫންކަމަށާއި، އަދި ލޮޖިސްޓިކް ކުންފުނީގެ ޑެލިވަރީ ނޯޓެއްވެސް ނޫންކަމަށާއި، މި މައްސަލައިގައި ހުށަހަޅާފައިވަނީ ކޮމްބައިންޑް ޑެލިވަރީ ނޯޓެއް ކަމުގައިވާއިރު، މި މައްސަލައިގައި ހުށަހެޅުނު ދެ ހެކިންގެ ހެކިބަހުގައި ފުށުއެރުން ހުރިކަމަށާއި، އަދި، ހެކިންގެ ހެކިބަހާއި ހުށަހަޅާފައިވާ ލިޔުންތަކުގައި ފުށުއެރުންހުރި ކަމަށެވެ.
11މީގެ އިތުރުން، މި މުޢާމަލާތަކީ 2008 ގައި ކުރެވުނު މުޢާމަލާތެއްކަމަށް ބުނާއިރު، މައްސަލައިގައި ދިވެހި ދައުލަތާ ދެކޮޅަށް ދަޢުވާކޮށްފައިވަނީ 2022 ވަނަ އަހަރުގައި ކަމަށްވާއިރު، މައްސަލައިގެ މަޢުލޫމާތު ދައުލަތުގެ އެކި އިދާރާތަކުން ހޯދުމަށް މަސައްކަތްކޮށްފައިވާނެކަމަށާއި، މިއީ ހިނގާފައިވާ މުޢާމަލާތެއްކަން އެނގޭނެ އެއްވެސް ލިޔުމެއް އެ އިދާރާތަކުން ލިބިފައިނުވާކަމަށެވެ. ނަމަވެސް، ދައުލަތުގެ އިދާރާތަކުން ހޯދުނު ލިޔެކިޔުންތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ލިބުނު މަޢުލޫމާތު 30 އޮގަސްޓް 2022 ގައި ހުށަހަޅާފައިވާކަމަށާއި، މި ލިޔުންތަކަކީ ބުރަދަންހުރި ޝަރީޢަތުން ބަލައިގަނެ ރިޢާޔަތްކުރަންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ލިޔުންތަކެއްކަމަށް ދައުލަތުން ބުނެއެވެ.
12މީގެ ރައްދުގައި ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ބުނެފައިވަނީ މުދާ ސަޕްލައިނުކުރާކަމަށް ބުނެ ދަށު އެއްވެސް މަރުޙަލާއެއްގައި މުދާ ނުލިބޭކަމަށް ދައުލަތުން ބުނެފައިނުވާކަމުން، މި މަރުޙަލާގައި މި ނުކުތާއަކީ ހުށަހެޅިދާނެ ނުކުތާއެއްކަމަށް ނުދެކޭކަމަށާއި، އަދި ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 މައްސަލައިގައި ބުނާ އިސްތިސްނާއީ ޙާލަތެއް މި މައްސަލައިގައިނުވާކަމަށެވެ. އެއްބަސްވުމުގައި މުދާ ޑެލިވަރ ކުރިކަން އަންގައިދިނުމަށް ކޮމްބައިންޑް ޑެލިވަރީ ނޯޓެއް ހުށަނޭޅޭނެކަމަށް ބަޔާންކޮށްފައިނުވާކަމަށާއި، މި ނުކުތާ ސުޕްރީމް ކޯޓުން ބަލައިގަތުމަށް ނިންމާ ޙާލަތުގައިވެސް، އެއްބަސްވުމުގެ ދަށުން މުދާ ސަޕްލައިކުރިކަން އެނގޭނޭ ލިޔުންތައް ހުށަހަޅާފައިވާނެ ކަމަށެވެ.
13އަދި ޝަފަހީ ހެކިންގެ ހެކިބަހާއި، މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާ ފުށުއެރުންހުރިކަމަށް ދައުލަތުން ފާހަގަކުރިނަމަވެސް، ދައުލަތުން ޙަވާލާދޭ މުޙައްމަދު ޙަމީދުގެ ހެކިބަހުގައި ވަކި ޑެލިވަރީ ނޯޓުތަކެއް ހުށަހެޅިކަމަށް ނުބުނާކަމަށާއި، ހެކިބަހުގައި ފުށުއެރުންތަކެއް ނެތްކަމަށާއި، ދައުލަތުން ހުށަހެޅި އޮޑިޓް ރިޕޯޓްތަކަކީ މައްސަލައިގެ މުޢާމަލާތާ ސީދާ ގުޅުންނެތް ލިޔުންތަކެއްކަމަށް ދައުލަތުންވެސް ފާހަގަކުރާ ކަމަށާއި، އެހެންކަމުން، މިއީ އައު ހެކި ހުށަހެޅުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީ ގޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ބަޔާންކުރާ އިސްތިސްނާއީ ޙާލަތްތަކަށް ފެތޭގޮތަށް ހުށަހަޅާފައިވާ ހެއްކެއްކަމުގައި ނުވާކަމަށް ސެންޓަރ އެންޓަރޕްރައިސަސްއިން ބުނެއެވެ.
ހެކިބަހުގައި ހުރިކަމަށް ބުނާ ފުށުއެރުމާމެދު
14ދަޢުވާގައި ބުނާ އެއްބަސްވުން ވެފައިވާކަމާއި، އެއްބަސްވުމުގައިވާ ތަކެތި ތަންތަނަށް ސަޕްލައިކުރިކަމާއި، މުޢާމަލާތް ފުރިހަމަކުރިކަން ސާބިތުކުރުމަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން 2 (ދޭއް) ޝަފަހީ ހެއްކެއް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ހުށަހެޅިއެވެ.
15ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި 19 ސެޕްޓެމްބަރު 2022 ގައި މުޙައްމަދު ޙަމީދު ދީފައިވާ ހެކިބަހުގައި، ސެންޓަރ އެންޓަރޕްރައިސަސްގެ މެނޭޖަރއެއްގެ ހައިސިއްޔަތުން އެއްބަސްވުމުގައި ސޮއިކޮށްފައިވާނެ ކަމަށާއި، އެއްބަސްވުމުގައި ބުނާ މަސައްކަތް ފުރިހަމަ ކޮށްފައިވާނެކަމަށާއި، އެއީ އެއްބަސްވުމުގައި ބުނާ އިކުއިޕްމަންޓްސް ގެނެސް، ރީޖަނަލް ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާ އަދިވެސް އެގްރިމަންޓުގައި ބުނާ ތަންތަނަށް އެ އެއްޗިހި ގެންގޮސްދިނުންކަމަށާއި، މުދާ ގެނެއްސަ ޑެލިވަރީ ކުރަން ލޮޖިސްޓިކްސް ބަޔާ ޙަވާލުކުރަނީ ކަމަށާއި، ޙަވާލުކުރަނީ ސެންޓަރ އެންޓަރޕްރައިސަސްގެ ޑެލިވަރީ ނޯޓާއެކު ކަމަށާއި، ޑެލިވަރީ ނޯޓުގައި މުދާ ލިބެންޖެހޭ ފަރާތުން ސޮއިކުރާ ކަމަށާއި، މިނިސްޓްރީ އޮފް ހެލްތަށް ޑެލިވަރީ ނޯޓު ޙަވާލުކުރިންކަމަށާއި، އެއީ ތަފާތު ޑެލިވަރީ ނޯޓެއްކަން އެހާ ރަނގަޅަށް ހަނދާންނުވާކަމަށާއި، ހުރިހާ ރަށަކަށް ފޮނުވާ ޑެލިވަރީ ނޯޓެއް ވަކިވަކިން ހުށަހަޅާކަމަށް ހެކިބަސް ދީފައިވެއެވެ.
16އިބްރާހީމް މޫސާ މަނިކު ސިވިލް ކޯޓުގައި ދީފައިވާ ހެކިބަހުގައި ބުނެފައިވަނީ، އިބްރާހީމް މޫސާ މަނިކުގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ސީލައިން ހޯލްޑިންގްސްއިން، ސެންޓަރ އެންޓަރޕްރައިސަސްގެ ވަރަށް ގިނަ ލޮޖިސްޓިކްސް ކަންކަން ކޮށްފަ ހުންނާނެކަމަށާއި، ލޮޖިސްޓިކްސްއޭ މާނަ މި ކުރަނީ ސެންޓަރ އެންޓަރޕްރައިސަސްގެ މުދާ މާލެއިން ނަގައިގެން ގޮސް ތަންތަނަށް ޑެލިވަރ ކުރުމަށްކަމަށާއި، ސެންޓަރ އެންޓަރޕްރައިސަސްއާ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއާ ދެމެދު މެޑިކަލް އިކުއިޕްމަންޓްސްއާ ކޮންސިއުމަބަލްސް ސަޕްލައި ކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ސީލައިން ހޯލްޑިންގްސް އިން ރަށްރަށަށް މެޑިކަލް އިކުއިޕްމަންޓްސް ފޯރުކޮށްދީފައިވާނެކަމަށާއި، މިސާލަކަށް ހއ. ކެލާ، ފިއްލަދޫ، ހދ. ރީޖަނަލް ހޮސްޕިޓަލް، ށ. ފޯކައިދޫ، ޅައިމަގު، އަލިފު އަތޮޅު މާމިގިލި، ތ. ތިމަރަފުށި، ދިޔަމިގިލި، ލާމު ރީޖަނަލް ހޮސްޕިޓަލް ހިމެނޭކަމަށާއި، މައިގަނޑުކޮށް ސަޕްލައިކޮށްފައި ހުރީ އަޅުގަނޑުގެ (ސީލައިން ހޯލްޑިންގްސް) ޑެލިވަރީ އޯޑަރއެއް ކޮންމެ ރަށަކުން ސޮއިކުރުވާ ތައްގަނޑު ޖަހާ، ޑެލިވަރީ ނޯޓު ސެންޓަރ އެންޓަރޕްރައިސަސްއަށް ފޮނުވާފަ ހުންނާނެކަމަށާއި، އޭގެ ތެރޭގައި މައިގަނޑު އެއްޗަކަށް ހުންނާނީ ސަކްޝަން ޕަމްޕު ކަމަށާއި، ޔުނިވަރސަލް ޕަމްޕު ކުޅުދުއްފުއްޓަށް ފޮނުވިންކަމަށާއި، ހދ. ރީޖަނަލް ހޮސްޕިޓަލަށް އަލްޓްރާ ސައުންޑް މެޝިނެއް ފޮނުވިންކަމަށާއި، ލޮޖިސްޓިކްސް ކަންތައް ކުރަނީ ދެ ކުންފުންޏަކާ ދޭތެރޭ އެއްބަސްވުމެއްގެ ދަށުން، އަޅުގަނޑު (ސީލައިން ހޯލްޑިންގްސް)، އެ އެއްޗިހި މާލެއިން ޙަވާލުވެފަ އެ އެއްޗިހި ގެންގޮސް އެ ރަށްރަށަށް ޑެލިވަރކޮށްދީފައި، އަޅުގަނޑުމެން (ސީލައިން ހޯލްޑިންގްސް) ގެ ޑެލިވަރީ އޯޑަރެއްގަ އެ ފަރާތަކުން ސޮއިކުރުވާ، ތައްގަނޑު ޖަހާފަ ގެނެސް އަޅުގަނޑުގެ (ސީލައިން ހޯލްޑިންގްސް) އިންވޮއިސްއާއެއްކޮށް ސެންޓަރ އެންޓަރޕްރައިސަސްއަށް ދެނީ ކަމަށާއި، އެ އެއްޗެހީގެ ޑެލިވަރީ އޯޑަރތައް ސެންޓަރ އެންޓަރޕްރައިސަސްގެ ހުންނާނެކަމަށާއި، ސީލައިން ހޯލްޑިންގްސްއިން ލޮޖިސްޓިކްސް މަސައްކަތްކޮށްފަ ފޮނުވާފަވާ އިންވޮއިސްއަށް ފައިސާ ލިބިފައިވާކަމަށް 19 ސެޕްޓެމްބަރު 2022 ގައި ހެކިބަސް ދީފައިވެއެވެ.
17މި މައްސަލައިގައި ހެކިބަސް ދީފައިވާ މުޙައްމަދު ޙަމީދުގެ ހެކިބަހުން މުދާ ގެނެސް ޙަވާލުކުރަނީ ސެންޓަރ އެންޓަރޕްރައިސަސްގެ ޑެލިވެރީ ނޯޓާއެކުކަމަށާއި، ޑެލިވަރީ ފުރިހަމަވިކަން އެނގެނީ ހުރިހާ ރަށަކަށް ފޮނުވާ ޑެލިވަރީ ނޯޓެއް ވަކިވަކިން ހުށަހަޅާތީކަމަށް ހެކިބަސް ދީފައިވާއިރު، އިބްރާހީމް މޫސާ މަނިކުގެ ހެކިބަހުގައި ބުނެފައިވަނީ ސީލައިން ހޯލްޑިންގްސްގެ ޑެލިވަރީ އޯޑަރއެއް ކޮންމެ ރަށަކުން ސޮއިކުރުވާ ތައްގަނޑު ޖަހާފަ ސެންޓަރ އެންޓަރޕްރައިސަސްއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، މުދާ ޑެލިވަރީ ކުރިކަން ސާބިތުކުރުމަށް ހުށަހަޅާފައިވަނީ، އިބްރާހީމް މޫސާ މަނިކުގެ ހެކިބަހުގައި ބުނެފައިވާ ސީލައިން ހޯލްޑިންގްސްގެ ޑެލިވަރީ ނޯޓެއް ނޫންކަމާއި، އަދި މުޙައްމަދު ޙަމީދުގެ ހެކިބަހުގައި ބުނާ ސެންޓަރ އެންޓަރްޕްރައިސަސްގެ ވަކި ވަކި ޑެލިވަރީ ނޯޓުތަކެއްވެސް ނޫނެވެ. ނަމަވެސް، ސެންޓަރ އެންޓަރޕްރައިސަސްގެ ނަމުގައިވާ ކޮމްބައިންޑް ޑެލިވަރީ ނޯޓެކެވެ. މިއީ ހެކިބަހުގައި ހުރި ފުށުއެރުމެއްކަމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައާއި ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
18އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ޤަޟިއްޔާގެ އަޣުލަބިއްޔަތު ރަޢުޔުގައި މި ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ، ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި ކޮމްބައިންޑް ޑެލިވަރީ ނޯޓަށް ބަލާއިރު، ސީލައިން ހޯލްޑިންގްސްގެ ފަރާތުން ރަށްތަކަށް މުދާ ސަޕްލައިކުރުމުގައި ވަކި ޑެލިވަރީ ނޯޓެއް ގެންގުޅުމަކީ، އަދި އެ ޑެލިވަރީ ނޯޓުގައި އެ މުދަލާ ޙަވާލުވި ފަރާތްތަކުން ސޮއިކުރިކަމަށް ބުނާ ބުނުމަކީ، ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ސީލައިން ހޯލްޑިންގްސްއަށް ސެންޓަރ އެންޓަރޕްރައިސަސްގެ ޑެލިވަރީ ނޯޓެއް ޙަވާލުކުރިކަމާއި، އަދި މިނިސްޓްރީއާ ޙަވާލުކުރީ ކޮން ޑެލިވަރީ ނޯޓެއްކަން ހަނދާން ނެތްކަމުގައި، މުޙައްމަދު ޙަމީދު ބުނާ ބުނުމާ ފުށުއަރާކަމެއް ނޫންކަމަށެވެ. މިފަދައިން ބަޔާންކުރުމަށްފަހު، ބުނެފައިވަނީ މުދާތައް ސީލައިން ހޯލްޑިންގްސް އިން ސަޕްލައިކުރި ކުރުމަށް ބިނާކޮށް، ސެންޓަރ އެންޓަރޕްރައިސަސްއިން އެ ކުންފުނީގެ ލެޓަރހެޑްގައި ޑެލިވަރީ ނޯޓެއް ތައްޔާރުކޮށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ހުށަހަޅާފައިވާކަމަށެވެ.
19ހެކިންގެ ހެކިބަހުގައި ފުށުއެރުން ހުރިކަމަށް ދައުލަތުން ބުނާ ބުނުމަށް ބަލާއިރު، ސެންޓަރ އެންޓަރޕްރައިސަސްގެ ނަމުގައިވާ ޑެލިވެރީ ނޯޓެއް ވަކިވަކިން ހުށަހަޅާކަމަށް މުޙައްމަދު ޙަމީދު ފަރާތުން ބުނާއިރު، އިބްރާހީމް މޫސާ މަނިކުގެ ހެކިބަހުގައި ބުނެފައިވަނީ ސީލައިން ހޯލްޑިންގްސްގެ ޑެލިވަރީ އޯޑަރއެއް ކޮންމެ ރަށަކުން ސޮއިކުރުވާ ތައްގަނޑު ޖަހާފަ ސެންޓަރ އެންޓަރޕްރައިސަސްއަށް ފޮނުވާފަ ހުންނާނެކަމަށެވެ. އެހެންކަމުން، ސެންޓަރ އެންޓަރޕްރައިސަސްގެ ޑެލިވަރީ ނޯޓަކާއި ސީލައިން ހޯލްޑިންގްސްގެ ޑެލިވަރީ ނޯޓެއް އޮތްކަމަށް މި ދެހެކިންގެ ހެކިބަހުން އެނގެއެވެ. މާނައަކީ، މުދާ ލިބިއްޖެކަމަށް ރަށްރަށުން ދެ ކުންފުނީގެ ނަމުގައިވާ ޑެލިވަރީ ނޯޓެއްގައި ސޮއިކުރުވައެވެ. މުދާ މާލެއިން ގެންގޮސް ރަށްތަކަށް ޑެލިވަރީ ކުރަނީ ސީލައިން ހޯލްޑިންގްސްގެ ފަރާތުން ކަމުގައިވާއިރު، ސީލައިން ހޯލްޑިންގްސްއިން ސެންޓަރ އެންޓަރޕްރައިސަސްގެ ޑެލިވަރީ ނޯޓެއްގައި ރަށްތަކުން ސޮއިކުރުވާކަމަށް ހެކިބަހުގައި ބުނެފައި ނުވެއެވެ. ސީލައިން ހޯލްޑިންގްސްއިން ބުނެފައިވަނީ ހަމައެކަނި ސީލައިން ހޯލްޑިންގްސްގެ ޑެލިވަރީ ނޯޓެއްގައި ސޮއިކުރުވާކަމަށެވެ. އެހެންކަމުން، މިއީ ޑެލިވަރީ ނޯޓު އޮތް ގޮތާމެދު ހެކިބަހުގައި ހުރި ފުށުއެރުމެއްކަމަށް ދެކެމެވެ.
20އަދި، ސެންޓަރ އެންޓަރޕްރައިސަސް އާއި ސީލައިން ހޯލްޑިންގްސްގެ ވަކިވަކި ޑެލިވަރީ ނޯޓްތައް ހުރި ކަމަށް ހެކިވެރިން ބުނާއިރު، މި މައްސަލައިގައި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ހުށަހަޅާފައިވަނީ ޖުމްލަކޮށް އޮތް ކޮމްބައިންޑް ޑެލިވަރީ ނޯޓެކެވެ. މި ޑެލިވަރީ ނޯޓަކު މުދާ ލިބިފައިވާކަމަށް ވަކިވަކި ރަށްތަކަކުން ސޮއިކޮށްފައިނުވެއެވެ.
21HN1ފަނޑިޔާރު ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ދަޢުވާ ސާބިތުވާނަމަ، ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގައި ހިމެނޭ ދެފަރާތުގެވެސް ޙައްޤެއްކަމަށާއި، ކަމުގެ ޙަޤީޤަތް ކަށަވަރު ނުކޮށް ޙުކުމް ކޮށްފިނަމަ އެ ޙުކުމެއް ޞައްޙަނުވާނެކަމަށް މި ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ތަފާތު 3 ޑެލިވަރީ ނޯޓެއް ތައްޔާރުކޮށް ފައިވާކަން ހެކިންގެ ހެކިބަހުންނާއި ލިޔުންތަކުން އެނގޭއިރު، ހައިކޯޓުން މައްސަލަ ނިންމުމުގައި މިގޮތަށް ލިޔުންތައް ތައްޔާރުކުރަންޖެހުނު ސަބަބާ ގުޅޭ ގޮތުން ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ކަމެއް ސާފުކޮށްފައިނުވެއެވެ. އަދި ކޮމްބައިންޑް ޑެލިވަރީ ނޯޓެއްގެ ވާހަކަ ހެކިންގެ ހެކިބަހުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި ކޮމްބައިންޑް ޑެލިވަރީ ނޯޓާއި، މި މައްސަލައިގައި ތައްޔާރުކުރެވުނުކަމަށް ބުނާ ވަކިވަކި ޑެލިވަރީ ނޯޓުތަކާއި ގުޅުވާލަދޭ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް ހުށަހަޅާފައި ނުވާއިރު، މި މައްސަލައިގައި ހުށަހެޅުނު ޖުމްލަކޮށް އޮތް ކޮމްބައިންޑް ޑެލިވަރީ ނޯޓަކީ، ވަކިވަކި ޑެލިވަރީ ނޯޓުތަކަށް ބިނާކޮށް ތައްޔާރުކުރެވުނު ޑެލިވަރީ ނޯޓެއްކަމަށް ހައިކޯޓުން ދޭހަކޮށްފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަން އެނގެންނެތެވެ.
އައު ނުކުތާތަކާގުޅޭ
22HN2ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި، 18 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން އިސްތިއުނާފީ މައްސަލަ ބަލާނީ ހައިކޯޓުގައި ނިންމި ނިންމުން އެއީ އަސާސްކަމުގައި ބަލައިގެންނެވެ. ނަމަވެސް މި އުޞޫލަށް އިސްތިސްނާ ހާލަތްތަކެއްވާކަން ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 ޤަޟިއްޔާގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރަޢުޔުގައި ފާހަގަކޮށްފައިވެއެވެ. އެ ގޮތުން، އައު ޤާނޫނީ ބަހުސަކަށް ފުރުޞަތު ހުޅުވާލެވިދާނެ 02 (ދޭއް) ޙާލަތެއްވާކަން ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ. އެ ދެ ޙާލަތަކީ؛
(1) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވުން؛ ނުވަތަ
(2) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވުން ކަމަށް ބަޔާންކޮށްފައިވެއެވެ.
23މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާއާއި، ދަޢުވާކުރުން ލަސްވުމުގެ ސަބަބުން ދިފާޢުވުމުގެ ޙައްޤަށް ހުރަސް އެޅިފައިވާކަމަށް ބުނެ ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ، ހައިކޯޓުގައި ހުށަހެޅިފައިވާ ކަންކަން ނޫންކަމަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން މި ދެ ކަމަށް ވަކިވަކިން ބަލައިލާނަމެވެ.
(ހ) މުދާ ފޯރުކޮށްދިން ކަމާމެދު ހައިކޯޓުގައި ބަހުސްކުރެވިފައިވޭތޯ
24ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރަމުން، ދައުލަތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން މަސައްކަތް ފުރިހަމަކުރިކަން އެނގޭނެ އެންމެ މުހިންމު ހެކިކަމުގައިވާ، ރީޖަނަލް ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކާއި ހެލްތް ޕޯސްޓްތަކަށް މުދާ ފޯރުކޮށްދިންކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތި، އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމް އަދާކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑެފްނޭ ޕްރައިވެޓް ލިމިޓެޑް ވ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް [2022] SC 63 ޤަޟިއްޔާގައި މުދަލާ ޚިދުމަތުގެ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ފުރިހަމަވާންޖެހޭކަމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ދައުލަތުން ބުނެފައިވެއެވެ.
25މި ނުކުތާގެ ރައްދުގައި ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ބުނެފައިވަނީ، މި ކޯޓުގެ ޑެފްނޭ ޕްރައިވެޓް ލިމިޓެޑް ވ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް [2022] SC 63 ޤަޟިއްޔާގައިވާ އުޞޫލާ ޙަވާލާދީ، ދައުލަތުން ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި މީގެ ކުރިން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާކަމަށާއި، މި ނުކުތާގައި ދައުލަތުން މައިގަނޑު ގޮތެއްގައި ސުވާލު އުފައްދާފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ މުދާތައް ރަށްތަކުގެ ހެލްތް ސެންޓަރުތަކަށާއި، ހެލްތް ޕޯސްޓްތަކަށާއި، އަދި ރީޖަނަލް ހޮސްޕިޓަލްތަކަށް ލިބުނުތޯ ނުވަތަ ނޫންކަމުގެ މައްޗަށް ކަމަށާއި، މި ނުކުތާއަކީ ދަށު މަރުޙަލާގައި ހުށަހެޅިފައިވާ ބަހުސެއް ނޫންކަމުން، މި ނުކުތާއަކީ މި މަރުޙަލާގައި ބަލައިގަނެވިދާނެ ނުކުތާއެއް ނޫން ކަމަށެވެ.
26މި މައްސަލައިގައި ހުށަހެޅުނު އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމާމެދު، ދިވެހި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައާއި، ހައިކޯޓުގައި، އަދި ސުޕްރީމް ކޯޓުގައިވެސް ސުވާލު އުފައްދައެވެ. އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭންޖެހޭކަމަށް ބުނާ ތަކެތި ފޯރުކޮށްދީފައިނުވާކަމަށް ބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވާހަކަ ދައްކާފައިނުވާކަމަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ބުނެފައިވާއިރު، ސިވިލް ކޯޓަށް ހުށަހެޅުނު މި މައްސަލައަކީ ދައުލަތާއި ސެންޓަރ އެންޓަރޕްރައިސަސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ފުރިހަމަކޮށް، އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހުށަހެޅުނު ދަޢުވާއެއްކަމަށް ވާއިރު، ސިވިލް ކޯޓުން އެއްބަސްވުމުގެ ދަށުން މަސައްކަތް ފުރިހަމަކޮށްފައިވާކަމަށް ބަލައި، ފޯރުކޮށްދީފައިވާ މުދަލަށް ފައިސާ ދައްކަންޖެހޭކަމަށް ދައުލަތުގެ މައްޗަށް ޙުކުމް ކުރުމާ ގުޅިގެން އެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި، މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކުން ސިވިލް ކޯޓުން ނެރެފައިވާ ދޭހައަކީ ރަނގަޅު ދޭހައެއްނޫންކަމަށް ބުނެފައިވެއެވެ. މި ކަމާއި ގުޅިގެން ހައިކޯޓުގެ އަޣުލަބިއްޔަތު ރަޢުޔުގައި ނިންމާފައިވަނީ، މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ހެކިބަހުން އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭންޖެހޭކަމަށް ބުނާ މުދާ ފޯރުކޮށްދީފައިވާކަން އެނގޭކަމަށެވެ. ދައުލަތުގެ ފަރާތުން އެއްބަސްވުމުގެ ދަށުން މުދާ ލިބިފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަކީ، އަލަށް މި މަރުޙަލާގައި ހުށަހަޅާފައިވާ ނުކުތާއެއްކަމަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ބުނި ނަމަވެސް، ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކުން ސިވިލް ކޯޓުން ނެރެފައިވާ ދޭހައަކީ ރަނގަޅު ދޭހައެއްނޫންކަމަށް ބުނެ ހުށަހެޅުނު ނުކުތާއަކީ ދައުލަތުގެ އިސްތިއުނާފު ބިނާވި އެއް ސަބަބުކަމަށް ވުމުން، މި ނުކުތާއަކީ ސުޕްރީމް ކޯޓުގައި އަލަށް ހުށަހެޅި ބަހުސްކުރެވިގެންދާ ނުކުތާއެއް ނޫނެވެ. ނަމަވެސް، މި މައްސަލައަކީ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދެވުނު މުދާތަކެއްގެ ފައިސާ ހޯދުމަށް ހުށަހެޅުނު މައްސަލައެއްކަމަށް ވާއިރު، މުދާ ޙަވާލުކުރެވިފައިވާކަމަށް ހުށަހެޅުނު ހެކިތަކަކީ މުޅި މައްސަލައިގެ ބަހުސް ބިނާވި އެއް އަސާސެވެ. އަދި އެއީ ހައިކޯޓަށް ހުށަހެޅިފައިނުވާ އައު ނުކުތާއެއްކަމަށް ބެލި ނަމަވެސް، އެ ނުކުތާއަކީ ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 ޤަޟިއްޔާގައި، ބަޔާންކޮށްފައިވާ 2 ވަނަ އިސްތިސްނާ ޙާލަތަށް ފެތޭ، ހައިކޯޓުގެ ނިންމުމާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެކެވެ.
(ށ) ދަޢުވާކުރުން ލަސްވުމުގެ ސަބަބުން ދިފާޢުވުމުގެ ޙައްޤަށް ހުރަސްއެޅިފައިވާކަމަށް ބުނާ ބުނުން
27މި މައްސަލަ އިސްތިއުނާފުކުރަމުން އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގެ މުޢާމަލާތްކުރެވުނު ތާރީޚްކަމުގައި ބުނެފައިވާ ތާރީޚާއި، ދަޢުވާކުރެވުނު ތާރީޚާ ދެމެދު 15 (ފަނަރަ) އަހަރުގެ ދިގު މުއްދަތެއް ހޭދަވެފައިވާއިރު، އެފަދައިން ލަސްވުމުގެ ސަބަބުން ދައުލަތަށް ދަޢުވާއަށް އިންކާރުކޮށް، ދިފާޢުގައި ހެކި ހުށަހެޅުމަށް ފުރުޞަތު ގެއްލިފައިވާކަމަށާއި، އެއްބަސްވުމާ ގުޅޭ މަޢުލޫމާތު ދައުލަތުގެ އިދާރާތަކުން ހޯދުމަށް ކުރެވުނު މަސައްކަތުން މިފަދަ މަޢުލޫމާތެއް އެއްވެސް އިދާރާއަކުން ފެނިފައިނުވާކަމަށެވެ. އަދި މި އެއްބަސްވުމާ ގުޅޭ ލިޔެކިޔުންތަކުގެ ޞައްޙަކަން ފޮރެންސިކް ތަޙުލީލަކުން ކަށަވަރުކުރުމަށްޓަކައި އެއްބަސްވުމާއި ލިޔެކިޔުންތަކުގެ އަސްލު ހޯދުމަށް އަމުރަކަށް އެދުނު ނަމަވެސް، އަދި މި މުޢާމަލާތާ ގުޅޭގޮތުން ސުވާލު އުފައްދާފައިވަނިކޮށް، ކޯޓު އަމުރު ނެރުމަކާނުލައި، ދަށު ކޯޓުން އެއްބަސްވުމާއި ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމެއްނެތި، މިއީ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތެއްކަން ސާބިތުވާކަމަށް ނިންމާފައިވާކަމަށެވެ.
28މި ނުކުތާގެ ރައްދުގައި ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ބުނެފައިވަނީ، ދަޢުވާކުރުން ލަސްވެފައިވާކަމަށް ބުނެ އިސްތިއުނާފުކޮށްފައިވާ މި ނުކުތާއަކީ ދައުލަތުގެ ފަރާތުން ދަށު ކޯޓުގައި މައިގަނޑު ބަހުސެއްގެ ގޮތުގައި ހުށަހަޅާފައިވާ ނުކުތާއެއްނޫންކަމަށާއި، އަދި ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރުވެސް، ހުށަހަޅާފައިވާ ނުކުތާއަކަށް ނުވާތީ، މިއީ މި މަރުޙަލާގައި ސުޕްރީމް ކޯޓުގައި ހުށަހެޅިދާނެ ނުކުތާއެއްކަމަށް ނުދެކޭކަމަށެވެ.
29ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރީ 07 ފެބްރުއަރީ 2022 ގައެވެ. މައްސަލައިގައި ހިމެނޭ މުޢާމަލާތް ހިނގާފައިވަނީ 2008 ވަނަ އަހަރުކަމަށް ބުނެއެވެ. ސިވިލް ކޯޓުގައި މި މައްސަލައާ ގުޅިގެން ބޭއްވުނު އަޑުއެހުންތަކުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައަކީ 2008 ގައި ހޯދާފައިވާ ޚިދުމަތްތަކަށް ވެފައި، މައްސަލައިގެ މައުޟޫއަށް ޖަވާބުދާރީވެވެން އޮތީ، މި މުޢާމަލާތަކީ ހިނގާދިޔަ މުޢާމަލާތެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރެވި، އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދިގެންކަމަށާއި، މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ފެނިފައިނުވާތީ، މައްސަލައަށް ޖަވާބުދާރީވެވެން ނެތުމުން އިތުރު ފުރުޞަތުތަކަށް ދައުލަތުން އެދިފައިވެއެވެ. ނަމަވެސް ދަޢުވާކުރުން ލަސްވުމާއި ގުޅިގެން ދައުލަތަށް ޖަވާބުދާރީވެފައި ނުވުމުގެ މައްޗަށް ސިވިލް ކޯޓުގެ ރިޕޯޓުގައި ކަމެއް ފާހަގަކޮށްފައިނުވެއެވެ.
30ސިވިލް ކޯޓުގެ ނަންބަރު 575/Cv-C/2022 ޤަޟިއްޔާ ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރަމުން ހަތަރު އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާއިރު، މި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ދަޢުވާކުރުން ލަސްވެފައިވާތީ، ދިފާޢުވުމުގެ ޙައްޤަށް ހުރަސްއެޅިފައިވާކަމަށް ފާހަގަކޮށް އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިނުވެއެވެ. ނަމަވެސް، ހައިކޯޓުގައި ބޭއްވުނު އަޑުއެހުންތަކުގައި އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފުޞީލުގައި މި މުޢާމަލާތަކީ މީގެ 15 (ފަނަރަ) އަހަރަށް ވުރެ ކުރީގެ މުޢާމަލާތަކަށްވެފައި، މުޢާމަލާތް ހިނގިކަމަށް ބުނާ ތާރީޚާއި ދަޢުވާކުރުމާއި ދޭތެރޭގައި ދުވަސްވެފައިވުމުގެ ސަބަބުން، މި މުޢާމަލާތާ ގުޅޭ ލިޔެކިޔުންތައް ހޯދުމުގައި ގޮންޖެހުންތަކާއި ދިމާވެފައިވާކަމަށް ބުނެ ދައުލަތުން ވާހަކަދައްކާފައިވެއެވެ.
31ދަޢުވާކުރުން ލަސްވެފައިވުމުގެ ސަބަބުން ދިފާޢުވުމަށް ހުރަސް އެޅިފައިވާކަމަށް ބުނެ، ދައުލަތުން މި ނުކުތާގައި ޙަވާލާދެނީ މި ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް [2021] SC 111 ޤަޟިއްޔާގައި ބަލައިގަނެފައިވާ ޢަދާލަތުގެ އުޞޫލެއްކަމުގައިވާ ޑޮކްޓްރިން އޮފް ލަޝެޒް (doctrine of laches) އަށެވެ. މި އުޞޫލަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޤާއިމްވެ، ރިޢާޔަތްކޮށްފައިވާ އުޞޫލެއްކަން މި ބުނެވުނު ޤަޟިއްޔާއާއި ޑރ. މުހައްމަދު ޒާހިރު ޙުސައިން ވ. އިބްރާހީމް ރަޝީދު މޫސާ އަދި ޢަބްދުﷲ ފާރޫޤު ޙަސަން [2024] SC 09 ޤަޟިއްޔާ އަށް ބެލުމުން އެނގެއެވެ.
32ލަޝެޒް (laches) އަކީ އެސްޓޮޕަލްގެ މައްޗަށް ބިނާވާ ޢަދާލަތުގެ (equitable) ދިފާޢެކެވެ. މިއީ މަދަނީ ޙައްޤެއް ހޯދުމަށް ހުށަހެޅުމުގައި، ދަޢުވާ ހުށަހަޅާ ފަރާތުގެ އެކަށީގެންނުވާ ލަސްވުމެއް އޮވެފައި، މި ލަސްވުމުގެ ސަބަބުން ތަޢައްޞުބެއް (prejudice) ނުވަތަ ޙާލަތު ބަދަލުވެފައިވާނަމަ، އެދިފައިވާ ފަރުވާ ނަގައިދިނުން އިންސާފުވެރި ނޫން ޙާލަތުގައި ތަޠުބީޤު ކުރެވޭ ޢަދާލަތުގެ ދިފާޢު އެކެވެ. މި ދިފާޢު ކާމިޔާބުވާ ޙާލަތުގައި ކޯޓުން ޢަދާލަތުގެ ފަރުވާއެއް ނަގައިދެއެވެ.
33މި ދިފާޢު ހުށަހެޅުމުގައި ހަމައެކަނި ލަސްވުމެއް އޮތުން ނުފުދެއެވެ. ނަމަވެސް، ދަޢުވާކުރުން ލަސްވުމުގެ ސަބަބުން، ތަޢައްޞުބެއް (prejudice) ނުވަތަ ގެއްލުމެއް، ދަޢުވާ ރައްދުވާ ފަރާތަށް ވެފައިވުން އޮންނަންޖެހެއެވެ. އެ ގޮތުން، ދަޢުވާކުރުން ލަސްވުމުގެ ސަބަބުން އެދިފައިވާ ފަރުވާ ނަގައިދިނުން އިންސާފުވެރި ނޫންކަމަށް ބެލުމުގައި، އަންނަނިވި ކަންކަމަށް ރިޢާޔަތްކުރެވިދާނެއެވެ.
(1) ދަޢުވާކުރި ފަރާތަށް ދަޢުވާއެއް ބިނާކުރުމުގެ ވާޤިޢާތައް އެނގިފައިވުން، ނުވަތަ ވާޤިޢާތައް އެނގިފައިވާކަމަށް ބެލުމުގެ އެކަށީގެންވާ ފުރުޞަތު އޮތުން؛
(2) ދަޢުވާ ހުށަހެޅުމުގައި އެކަށީގެން ނުވާ ނުވަތަ މަޤުބޫލު ނޫން (unjustifiable) ލަސްވުމެއް އޮތުން؛ އަދި
(3) ދަޢުވާ އުފުލުން ލަސްވެފައިވުމުގެ ސަބަބުން ދަޢުވާ ރައްދުވާ ފަރާތަށް ގެއްލުމެއް ނުވަތަ ތަޢައްޞުބެއް (prejudice) އެއް އޮތުމެވެ.
34ގެއްލުމެއް ނުވަތަ ތަޢައްޞުބު (prejudice) ގެ ތެރޭގައި، ހެކި ގެއްލިގެން ދިއުން، ދިފާޢަށް ގެއްލުންވާ ފަދަ (disadvantageous) ހާލަތަކަށް ދަޢުވާ ރައްދުވާ ފަރާތް ދިއުން، ނުވަތަ ތިންވަނަ ފަރާތެއްގެ މަޞްލަހަތު އެކުވުން، ފަދަ ކަންކަން ހިމެނެއެވެ. މިކަންކަން ދެނެގަނެވޭނީ ކޮންމެ މައްސަލައެއްގެވެސް ވާޤިޢާތަކާއި، އެ މައްސަލައެއްގެ ވަށައިގެންވާ ޙާލަތްތަކަށް ރިޢާޔަތްކޮށެވެ.
35ހުށަހެޅިފައިމިވާ މި މައްސަލައަށް ބަލާއިރު، މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނުއިރު، މި ބާވަތުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު ޤައިދުކޮށް ތަންޒީމުކުރާ ތަޤާދުމުގެ (ލިމިޓޭޝަން) ޤާނޫނެއް ނުވެއެވެ. މިއީ ގާތްގަނޑަށް 15 (ފަނަރަ) އަހަރުގެ ކުރިން ހިނގާފައިވާ މުޢާމަލާތެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއެކެވެ. މުޢާމަލާތާ ގުޅޭ ލިޔެކިޔުންތައް ދައުލަތުގެ އެއްވެސް އިދާރާއަކުން ފެނިފައި ނުވާކަމަށް ދައުލަތުން މި މައްސަލައިގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ބުނެފައިވެއެވެ. ހަމަ މިއާ އެކު، ސެންޓަރ އެންޓްރޕްރައިސަސްގެ ފަރާތުން މި ދަޢުވާ ހުށަނޭޅި ލަސްވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ސެންޓަރ އެންޓަރޕްރައިސަސްގެ ލިޔުންތައް 2012 ވަނަ އަހަރުގައި ގެންދިޔުމަށްފަހު ގިނަ އަހަރުތަކެއް ވަންދެން އެ ލިޔުންތައް އަނބުރާ ރައްދުކޮށްދީފައިނުވާތީ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، 2016 ވަނަ އަހަރުގައި ލިޔުންތައް ލިބުމުން، އެ ފަރާތުން މައްސަލަ ހުށަހެޅީ ކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 07 އެޕްރީލް 2022 ގައެވެ.
36HN3މި މައްސަލައިގައި ކަންހިގާފައިވާގޮތަށް ބަލާއިރު، މި މައްސަލައަށް މި ޤާއިދާ ތަޠުބީޤުކުރެވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވެއެވެ. އެހެން ނަމަވެސް، ދަޢުވާކުރުން ލަސްވެފައިވުމުގެ ސަބަބުން ދިފާޢު ބިނާކުރަން ހުރަސް އެޅިފައިވާކަމަށް ބުނާ ބުނުމުގެ މައްޗަށް ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފު ކޮށްފައިނުވެއެވެ. އަދި އެކަމުގެ މައްޗަށް ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާއިރު، ސުޕްރީމް ކޯޓުން އިސްތިއުނާފީ މައްސަލަ ބަލާނީ ހައިކޯޓުގައި ނިންމި ނިންމުން އެއީ އަސާސްކަމުގައި ބަލައިގެން ކަމަށްވާތީ، މި ނުކުތާގެ މައްޗަށް ސުޕްރީމް ކޯޓުން މި ހިނދުގައި ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކެމެވެ.
އެއްބަސްވުމުގައިވާ ގޮތަށް އިލްތިޒާމް އަދާކޮށްފައިވޭތޯ
37HN4ދައުލަތުން މި މައްސަލަ އިސްތިއުނާފުކުރަމުން، ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން މުދަލާއި ޚިދުމަތަށް ފައިސާ ހޯދުމަށް އެދޭ މައްސަލައެއްގައި ފުރިހަމަވާންޖެހޭކަމަށް ސުޕްރީމް ކޯޓުގެ ޑެފްނޭ ޕްރައިވެޓް ލިމިޓެޑް ވ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް [2022] SC 63 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަމަށް ބުނެފައިވެއެވެ. އެ މައްސަލައަކީ މުދާތަކެއް ފޯރުކޮށްދީ އެ މުދަލަށްވާ ފައިސާ ނުލިބިގެން ހުށަހެޅުނު މައްސަލައެކެވެ. އެ ޤަޟިއްޔާގައި އެ ދަޢުވާއާމެދު ގޮތް ކަނޑައެޅުމުގައި (1) މުދާ ހޯދުމަށް އެދިފައިވޭތޯ، (2) މުދާ ގަތްފަރާތަށް މުދާ ލިބިފައިވޭތޯ، އަދި (3) މުދާ ލިބިފައިވާނަމަ ފައިސާ ދައްކާފައިވޭތޯ، މިކަންކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.
38ސުޕްރީމް ކޯޓުގައި ދައުލަތުގެ އިސްތިއުނާފު ބިނާކޮށްފައިވަނީ އެއްބަސްވުމެއް އޮތް ކަމަށް ބެލި ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްދީފައިވާކަން ސާބިތުވާކަން ހުށަހެޅުނު ލިޔުންތަކުން އެނގެންނެތް ކަމަށް ބުނެއެވެ. އަދި މި މައްސަލައިގައި ޖަވާބުދެވިފައިވާނީ، ދައުލަތުގެ އިސްތިއުނާފު ބިނާކޮށްފައިވާގޮތަށް، އެއްބަސްވުމެއް އޮތް ކަމަށް ބެލި ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްދީފައިވޭތޯއެވެ. އެހެންކަމުން، މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތަކާމެދު ބުނާ އެއްޗަކަށް ބަލައިލާނަމެވެ.
39އެއްބަސްވުމުގެ ޖެނެރަލް ކަންޑިޝަންސްގެ 9.3 އަށް ބެލުމުން، ޓެކްނިކަލް ސްޕެސިފިކޭޝަންސް ނުވަތަ ސްޕެޝަލް ކަންޑިޝަންސް އޮފް ދަ ކޮންޓްރެކްޓުގައި ހިމެނިފައިވާ ހުރިހާ ލިޔެކިޔުމެއް މުދާ ގަންނަ ފަރާތަށް ލިބިދޭން ޖެހެއެވެ. މީގެ ތެރޭގައި ޕެކިންގ، ޑެލިވަރީ އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުން ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާއިރު، ސްޕެޝަލް ކަންޑިޝަންސް އޮފް ދަ ކޮންޓްރެކްޓުގައި ބުނެވުނު މާއްދާގައިވާ ގޮތުގެ މަތިން، މުދާ ޑެލިވަރކުރަންޖެހެނީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއިން ކަނޑައަޅާ ތަނަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. ޓެކްނިކަލް ސްޕެސިފިކޭޝަންސްގައި ފޯރުކޮށްދޭންޖެހޭ މުދަލުގެ އަދަދާއި، ތަފުޞީލާއި، އަދި ބައެއް މުދާތައް ގެންދަންޖެހޭ ރަށްރަށުގެ ތަފުޞީލު ހިމެނިފައިވާއިރު، ބައެއް މުދާތައް ފޯރުކޮށްދޭންޖެހޭ ތަނެއް ބަޔާންކުރެވިފައިނުވެއެވެ.
40މީގެ އިތުރުން، ފޯރުކޮށްދެވޭ މުދަލަށް ފައިސާ ދައްކަންޖެހޭ ގޮތާމެދު އެއްބަސްވުމުގެ ޖެނެރަލް ކަންޑިޝަންސްގެ 14 ވަނަ މާއްދާ ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، 14.3 ގައި ބަޔާންކޮށްފައިވަނީ ތިނެއް މަރުޙަލާއަކަށް ބަހާލައިގެން ފައިސާ ދެއްކުމަށެވެ. އެ ގޮތުން، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ބަޔާންކުރާ ފައިސާގެ 15% (ފަނަރަ އިންސައްތަ) އެޑްވާންސް ފައިސާގެ ގޮތުގައި ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުދާ މާލޭ ބަނދަރަށް ގެނެސް ލިޔުންތައް ޙަވާލުކުރުމުން 55% (ފަންސާސް ފަސް އިންސައްތަ) ފައިސާ ދައްކަންޖެހޭއިރު، މުދާ ބަލައިގަނެ، މުދާ ޤަބޫލުކުރިކަމުގެ ސެޓްފިކެޓް ދިނުމުން ބާކީ 30% (ތިރީސް އިންސައްތަ) ފައިސާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދައްކަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
41މީގެ އިތުރުން، އެއްބަސްވުމުގެ ސެކްޝަން 3، ސްޕެޝަލް ކަންޑިޝަންސް އޮފް ދަ ކޮންޓްރެކްޓްގެ 1 ވަނަ މާއްދާއި، މުދާ ޙަވާލުކުރުމުގެ ކުރިން ސަޕްލަޔަރ އާއި، އަދި މުދާ ގަތް ފަރާތުން ކަނޑައަޅާ ފަރާތަކާއެކު ޖޮއިންޓް އިންސްޕެކްޝަން ޓެސްޓް ހަދަންޖެހޭކަމަށް ބަޔާންކޮށްފައިވާއިރު، ޖެނެރަލް ކަންޑިޝަންސް އޮފް ދަ ކޮންޓްރެކްޓް ގެ 7 ވަނަ މާއްދާގައި ޓެސްޓުކުރި އެއްވެސް މުދަލެއް ޓެކްނިކަލް ސްޕެސިފިކޭޝަންސްއާ ޚިލާފުވެއްޖެނަމަ، މުދަލެއް ބަލައިނުގަތުމުގެ އިޚްތިޔާރު މުދާ ގަންނަފަރާތަށް ލިބިގެންވާކަމަށް ބަޔާންކުރެއެވެ.
42HN5ސުޕްރީމް ކޯޓުގެ މިނިސްޓްރީ އޮފް ޓޫރިޒަމް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް [2021] SC 52 ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރަޢުޔުގައި، "ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަކޮށްފި ކަމަށް ވާނީ ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތަށް އެކަން ކުރުމުންނެވެ. ގިނަ އަގްދީ އިލްތިޒާމުތަކަކީ މުތުލަގު މަސްއޫލިއްޔަތު އޮންނަ އިލްތިޒާމުތަކެކެވެ. އޭގެ މާނައަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު ވަކި ކަމެއް ކުރުމަށް ވައުދު ވެފައިވާނަމަ، އެ އިލްތިޒާމް އަދާކޮށްފި ކަމަށް ބެލެވޭނީ އެ ކަމެއް ތުނޑުން ތުނޑަށް ކުރުމުން.." ކަމަށް ބަޔާންކޮށްފައިވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގައި، ކޮންޓްރެކްޓުގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވެފައިވާ ނަމަ، އެއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ ކޮންޓްރެކްޓުގެ އަނެއް ފަރާތުން އެގޮތަށް އެއްބަސްވެފައިވާ ނަމަ އެވެ. ނުވަތަ، އެކަމެއް ކުރުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ކުރެވެން ނެތްކަމެއް ކަމަށް ވެއްޖެ ނަމަ ކަމަށް ބަޔާންކުރެއެވެ.
43މި މައްސަލައިގައި ވެފައިވާ މުޢާމަލާތަކީ ރާއްޖެއިން ބޭރުން އެތެރެކޮށްގެން ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއިން ކަނޑައަޅާ ތަނަކަށް އެއްބަސްވުމުގައިވާ މުދާ ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއްކަން އެއްބަސްވުމަށާއި، މި މައްސަލައިގައި ހެކިބަސް ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެންއޮންނައިރު، މި އެއްބަސްވުމުގެ ދަށުން ރާއްޖެ އެތެރެ ކުރެވުނު މުދަލަކީ ކޮބައިކަން، އަދި އެތެރެ ކުރެވުނު މުދަލުގެ ތަފުސީލެއް ހިމެނޭ އެއްވެސް ޑޮކިއުމަންޓެއް ސިވިލް ކޯޓަށް ހުށަހެޅިފައިނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ، އެއްބަސްވުމުގެ ދަށުން މުދާ އެތެރެކޮށްފައިވާކަން ސިވިލް ކޯޓަށް ހުށަހެޅުނު އެއްވެސް ލިޔުމަކުން އެނގެންނެތެވެ.
44HN6އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭގޮތް އެއްބަސްވުމުގެ ޖެނެރަލް ކަންޑިޝަންސްގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މިއީ ވަކި މަރުޙަލާތަކަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް ވެފައިވާ އެއްބަސްވުމެއްކަން އެނގެއެވެ. ނަމަވެސް، ސިވިލް ކޯޓުގައި ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައިވަނީ، މުޅި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ހޯދުމަށެވެ. އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެއްބަސްވުމުގެ ސޮއިކުރާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެއްބަސްވުމުގައިވާ އަގުގެ 15% (ފަނަރަ) އިންސައްތަ ދައްކަންޖެހޭއިރު، މުދާ މާލެ ބަނދަރަށް ގެނެސް ލިޔުން ހުށަހެޅުމުން އެއްބަސްވުމުގެ އަގުގެ 55% (ފަންސާސް ފަސް އިންސައްތަ) ފައިސާ ދައްކަންޖެހެއެވެ. މި މައްސަލައިގައި ސެންޓަރ އެންޓަރޕްރައިސަސްއިން ދަޢުވާކޮށްފައިވަނީ މުދާ ޑެލިވަރީކޮށް ނިމުމަށްފަހު ފައިސާ ހޯދުމަށް ކަމަށްވާއިރު، އެއްބަސްވުން ބުނާ ގޮތުން، ފުރަތަމަ ދެ މަރުޙަލާގައިވާ ފައިސާއަކީ ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބިފައިވާނެ ފައިސާއެވެ. މި ފައިސާ ސެންޓަރ އެންޓަރޕްރައިސަސްއަށް ނުލިބޭކަމަށް ބުނާނަމަ، އެފަދަ އެއްބަސްވުމަކަށް އައިސްފައިވާކަން ސާބިތުކޮށްދިނުމަކީ ސެންޓަރ އެންޓަރޕްރައިސަސްގެ މައްޗަށް އޮތް ބުރައެކެވެ. އެއްބަސްވުމުގެ ދަށުން، ރާއްޖެ މުދާ ގެނެސް ޑޮކިއުމަންޓް ހުށަހަޅަންޖެހޭކަމާއި، ފައިސާ ހޯދުމުގައި ޢަމަލުކުރާނެ ވަކި އުޞޫލުތަކަކާއި، މުއްދަތުތަކެއް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެއްބަސްވުމުގައި ބުނާ ގޮތަށް ލިޔެކިޔުންތައް ހުށަހަޅާފައިނުވުމުގެ އިތުރަށް، އެއްބަސްވުމުގައި ބުނާ މުއްދަތުގައި އެއްބަސްވުމުގެ ދަށުން ފައިސާ ހޯދުމަށް މަސައްކަތެއް ކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންނެތެވެ. އަދި، އެއްބަސްވުމުގެ ދަށުން މުދަލުގެ އަގު ދައްކަންޖެހޭގޮތާމެދު، އެއްބަސްވުމުގައިވާ ގޮތް ނޫން، އެހެން ގޮތަކަށް އެއްބަސްވެފައިވާކަން ސެންޓަރ އެންޓަރޕްރައިސަސްއަށް ބުނެދެވިފައިނުވެއެވެ.
45އެއްބަސްވުމުގެ ދަށުން މުދާ ފޯރުކޮށްދޭންޖެހޭ ރަށްތަކަށް އެ މުދާ ފޯރުކޮށްދިންކަން ސާބިތުކުރުމުގެ ގޮތުން، ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން އެއްބަސްވުމުގެ ދަށުން ފައިސާ ފޯރުކޮށްދިންކަމަށް ބުނާ ސެންޓަރ އެންޓަރޕްރައިސަސްގެ ޑެލިވަރީ ނޯޓަކާއި، މުދަލަށް ފައިސާ ހޯދުމަށް ފޮނުވާފައިވާކަމަށް ބުނާ ސެންޓަރ އެންޓަރޕްރައިސަސްގެ ނަންބަރު CEN/INV/028/2008 (12 އޮގަސްޓް 2008) ކޮމާޝަލް އިންވޮއިސް އާއި، ޝަފަހީ ހެކިންގެ ގޮތުގައި މުޙައްމަދު ޙަމީދުއާއި، އިބްރާހީމް މޫސާ މަނިކުގެ ހެކިބަސް އަދި ސީލައިން ހޯލްޑިންގްސްއަށް ފައިސާ ދައްކާފައިވާކަމުގެ ލިޔުން ހުށަހަޅާފައިވެއެވެ.
46މި މައްސަލައިގައި ހުށަހަޅާފައިވާ ޝަފަހީ ހެކިން ކަމުގައިވާ، މުޙައްމަދު ޙަމީދުއާއި އިބްރާހީމް މޫސާ މަނިކުގެ ހެކިބަހުން ސެންޓަރ އެންޓަރޕްރައިސަސްއާ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން މެޑިކަލް އިކުއިޕްމަންޓް އެންޑް ކޮންސިއުމަބަލްސް އެކިރަށްތަކަށް ފޯރުކޮށްދީފައިވާކަމަށް ބުނެއެވެ. ނަމަވެސް މި ދެހެކިންގެ ހެކިބަހުގައި ފޯރުކޮށްދެވުނީ ކޮން މުދަލެއްކަމާއި، މުދަލުގެ ޢަދަދާއި، މުދަލާ ޙަވާލުވީ ކޮންބައެއްކަމާއި، ތާރީޚެއް އެނގެން ނެތެވެ. މި ދެ ހެކިބަހުގެ މައްޗަށް ބަލައި އެއްބަސްވުމުގައިވާ މުދާ ފޯރުކޮށްދެވިފައިވާ ކަމަށް ބެލެވިދާނެ އެކަށީގެންވާ ތަފުޞީލެއް މި ހެކިބަހުގައި ހިމެނިފައިނުވެއެވެ. ނަމަވެސް، މި ދެ ހެކިންވެސް ކުންފުނީގެ ނަމުގައިވެސް ވަކިވަކި ޑެލިވަރީ ނޯޓުތައް ހަދައި ވަކިވަކިރަށްތަކުން މުދަލާ ޙަވާލުވެފައިވާކަމަށް ސޮއިކުރުވާފައިވާކަމަށް ބުނެއެވެ.
47ދެފަރާތު ދެމެދު އޮތް އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން މުދާ ޑެލިވަރީ ކުރަންޖެހެނީ ކޮން ތަނަކަށްކަން އަންގައިދެނީ އެއްބަސްވުމުގެ ޓެކްނިކަލް ސްޕެސިފިކޭޝަންސްގައިވާ ލިޔުމުންނެވެ. އެ ލިޔުމުގައި މުދަލުގެ ތަފުޞީލާއެކު މުދާ ޑެލިވަރީ ކުރަންޖެހޭ ބައެއް ރަށްރަށް ބަޔާންކޮށްފައިވީ ނަމަވެސް، ބައެއް މުދާ ޑެލިވަރީ ކުރަންޖެހޭ ތަނެއް ބަޔާންކޮށްފައިނުވެއެވެ. އެ ގޮތުން، އެ ލިޔުމުގެ ނަންބަރު 13، 14، 23، 24، 25،26 އަދި 27 ގައިވާ މުދާތަކަކީ ކޮން ތަނަކަށް ޑެލިވަރީ ކުރަންޖެހޭ ތަކެތި ކަމެއް އެއްބަސްވުމުން އެނގެންނެތެވެ. ޑެލިވަރ ކުރަންޖެހޭ ތަކެތީގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި (1/2) ގައި، އެ ތަކެތި ފޯރުކޮށްދޭންޖެހޭ ތަންތަން ބަޔާންކޮށްފައި ނުވާއިރު، މި ތަކެތި ޑެލިވަރީ ކުރުމަށް އެއްބަސްވީ ކޮން ތަނަކަށް ކަމެއް މި މައްސަލައާ އެކު ހުށަހެޅުނު ލިޔުންތަކުންވެސް އެނގެންނެތެވެ.
48މައްސަލައާ ގުޅިގެން ހުށަހެޅުނު ޑެލިވަރީ ނޯޓަށް ބަލާއިރު، މި ޑެލިވަރީ ނޯޓުގައި "ގުޑްސް ރިސީވްޑް ބައި" ޖަހާފައިވާ ދިމާލުގައި ސޮއިކޮށްފާއިރު، ސޮއިކުރީ ކާކުކަމެއް ނުވަތަ ހައިސިއްޔަތެއް ސޮއި ކުރި ދުވަހެއް، މި ލިޔުމަކުން އެނގެންނެތެވެ. ޗެކްކުރި ފަރާތެއްގެ ގޮތުގައި ޙުސައިން އިސްމާއީލް ކިޔާ ފަރާތެއްގެ ނަންޖަހާފައިވެއެވެ. އަދި އެ ދިމާލުގައި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ސްޓޭޕްމް ޖަހާފައިވާއިރު، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ސްޓޭޕްމް ހުރިހާ ސަފުހާއެއްގައި ޖަހާފައިވާކަން ފާހަގަކުރެވެއެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނިންމުމުގެ އަޣުލަބިއްޔަތު ރަޢުޔުގައި މި ޑެލިވަރީ ނޯޓުގައި ސެންޓަރ އެންޓަރޕްރައިސަސްގެ ސްޓޭމްޕް ޖަހާފައިވާތީ، މި ލިޔުމަށް ބުރަދަންދީ މުދާ ޑެލިވަރކުރެވިފައިވާކަމަށް ނިންމާފައިވާއިރު، ޑެލިވަރީ ނޯޓަކުން އަންގައިދޭނެ އެންމެ އަސާސީ ކަން ކަމުގައިވާ މުދާ ޑެލިވަރީ ކުރީ ކޮންތަނަކަށްކަމާއި، މުދަލާ ޙަވާލުވީ ފަރާތެއް އެނގެންނެތުމުގެ މައްޗަށް ހައިކޯޓުން ރިޢާޔަތްކޮށްފައިނުވެއެވެ.
49HN7ޑެލިވަރީ ނޯޓަކީ ވިއްކާފަރާތުން މުދާ ޙަވާލު ކުރިކަން އަންގައިދިނުމުގެ ގޮތުން ތައްޔާރުކުރާ ކިތާބީ ހެއްކެކެވެ. އާންމުގޮތެއްގައި ޑެލިވަރީ ނޯޓެއްގައި، ޑެލިވަރީ ނޯޓު ނަންބަރާއި، މުދާ ސަޕްލައިކުރާ / ވިއްކާފަރާތުގެ ނަން، މުދަލުގެ ތަފުޞީލު (ބާވަތް، މޮޑެލް ނަންބަރު، މުދަލުގެ ނަން ފަދަ ތަފުޞީލުތައް)، މުދަލުގެ އަދަދު، މުދާ ޙަވާލުވި ފަރާތުގެ ނަން، މުދާ ޙަވާލުވިފަރާތުގެ ސޮއި، މުދާ ޙަވާލުކުރި ތާރީޚް ފަދަ މަޢުލޫމާތު ހިމެނެއެވެ. ޑެލިވަރީ ނޯޓަށް ދެވޭ ބުރަދަން ބިނާވެފައި އޮންނަނީ އޭގައިވާ ތަފުޞީލާއި، ޞައްޙަކަމާއި، މުދަލާ ޙަވާލުވި ފަރާތުގެ އިޢުތިރާފާއި، އަދި މުޢާމަލާތާ ގުޅޭ އެހެން ހެކިތަކާ އެއްގޮތްވުމުގެ މައްޗަށެވެ. މުދާ ޑެލިވަރީ ކުރިކަން ސާބިތުކުރުމަކީ މުދާ ސަޕްލައިކުރި ފަރާތުގެ މަސްއޫލިއްޔަތެކެވެ. ޑެލިވަރީ ނޯޓަށް އެކަނި ބަލައި، މުދާ ޑެލިވަރީ ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަން ނުވަތަ އިންސްޕެކްޓްކޮށް / ޗެކް ކޮށްފައިވާކަން، އަދި ޑެލިވަރީކޮށްފައިވަނީ ރަނގަޅު މުދަލެއްކަން ޔަޤީނެއް ނުވެއެވެ. މިކަން ކަން ޔަޤީންކުރެވޭނީ މުޢާމަލާތާ ގުޅޭ އެހެނިހެން ހެކިތަކުންނެވެ.
50މިއީ ސެންޓަރ އެންޓަރޕްރައިސަސްއިން ތައްޔާރުކޮށްފައިވާ ޑެލިވަރީ ނޯޓެއްކަމުގައި ވާއިރު، ޑެލިވަރީ ނޯޓުގައި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސްގެ ތައްގަނޑު ހުރިހާ ސަފުހާއެއްގައި ޖަހާފައި އޮތްކަން ފާހަގަކުރެވެއެވެ.
51އަދި މި ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވާ ފަރާތެއް އެނގެން ނެތްއިރު، ދައުލަތުން މި މުދާ ލިބިފައިވާކަމަށް އިންކާރު ކުރަމުންދާ ޙާލަތުގައި، ޑެލިވަރީ ނޯޓުގައި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ސްޓޭމްޕް ޖަހާފައިވުމަށް ބަލައި، ހައިކޯޓުން ޑެލިވަރީ ނޯޓަށް ބުރަދަންދީ މައްސަލަ ނިންމާފައިވަނީ ޑެލިވަރީ ނޯޓުގައިވާ ކަންކަމަށް ރިޢާޔަތްކުރުމެއް ނެތިއެވެ. މި ލިޔުމަކީ އެއްބަސްވުމުގައިވާ މުދާ އެކިރަށްތަކަށް ފޯރުކޮށްދެވިފައިވާކަން ސާބިތުކުރުމުގެ ގޮތުން ހުށަހެޅި ލިޔުމެއް ކަމަށްވާއިރު، އަދި އެއްބަސްވުމުގެ ދަށުން މުދާ ފޯރުކޮށްދީފައިވަނީ ވަކިވަކި ރަށްތަކަށް ކަމަށް މި މައްސަލައިގައި ހުށަހެޅުނު ހެކިންގެބަހުން އެނގެން އޮންނައިރު، މި ޑެލިވަރީ ނޯޓުން މުދާ ޙަވާލުކުރީ ކޮން ރަށްތަކަކަށް ކަމެއް، ވަކިވަކި ރަށްތަކުން މުދަލާ ޙަވާލުވީ ކާކު ކަމެއް، ޙަވާލުވި ދުވަހެއް، ޙަވާލުވި މުދަލުގެ ތަފުޞީލެއް ފަދަ އަސާސީ އެއްވެސް މަޢުލޫމާތެއް އަންގައި ނުދެއެވެ. ކުރުގޮތަކަށް ބުނާ ނަމަ، ޑެލިވަރީ ނޯޓަކުން އަންގައިދޭނެ އަސާސީ މަޢުލޫމާތެއް، މި ޑެލިވަރީ ނޯޓަކު ނުވެއެވެ.
52ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ސުޕްރީމް ކޯޓުގައި، މި ޑެލިވަރީ ނޯޓަކީ ވަކިވަކި ރަށްތަކަށް ޑެލިވަރކޮށް ސޮއިކުރެވިފައިވާ ޑެލިވަރީ ނޯޓުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިޔުމެއްކަމަށް ބުނެފައިވެއެވެ. މައްސަލައިގެ ލިޔުންތަކުން ފެންނަން އޮތީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް އަށް ހުށަހެޅީ ޖުމްލަކޮށް މިވާ ކޮމްބައިންޑް ޑެލިވަރީ ނޯޓު ކަމެވެ. ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވާގޮތަށް، މި ދެ ފަރާތު ދެމެދު ވެވުނު އެއްބަސްވުމުގައި ރަށްތަކުން މުދަލާ ޙަވާލުވީ ފަރާތްތަކުން ސޮއިކޮށްފައިވާ ވަކިވަކި ޑެލިވަރީ ނޯޓްތަކަށް ބިނާކޮށް ޖުމްލަ /މައި ޑެލިވަރީ ނޯޓެއް ހުށަހެޅުމަށް އެއްބަސްވުމަކު ނެތެވެ. މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކުންނާއި ހެކިން ދީފައިވާ ހެކިބަހުން ޖުމްލަ 03 (ތިނެއް) ޑެލިވަރީ ނޯޓެއް އޮތް ކަން އެނގެންއޮންނައިރު، މުދާ ފޯރުކޮށްދެވުނުކަން ސާބިތުކުރުމަށް ހުށަހަޅަންޖެހޭނީ މި މައްސަލައިގައި ހުށަހެޅުނު ހެކިންގެ ހެކިބަހުގައި ބުނާ، ވަކިރަށްތަކުން މުދާ ފޯރުކޮށްދީފައިވާކަމަށް ސޮއިކުރުވާފައިވާ ޑެލިވަރީ ނޯޓުތައް ކަމަށް ދެކެމެވެ. ނަމަވެސް، މި ބުނެވުނު ވަކިވަކި އެއްވެސް ޑެލިވަރީ ނޯޓެއް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވެއެވެ.
53މީގެ އިތުރުން، މުދާ ޙަވާލުކުރުމުގެ ކުރިން ސަޕްލަޔަރ އާއި އަދި މުދާ ގަތް ފަރާތާއެކު ޖޮއިންޓް އިންސްޕެކްޝަން ޓެސްޓް ހަދަންޖެހޭކަމަށް އެއްބަސްވުން ލާޒިމުކުރާއިރު، މުދާ ޙަވާލުކުރި އިރު، ނުވަތަ މުދާ ޙަވާލުކުރުމަށްފަހު ވިޔަސް މިފަދަ އިންސްޕެކްޝަން އެއް ހަދާފައިވާކަން ހުށަހެޅިފައިވާ އެއްވެސް ލިޔުމަކުން އެނގެންނެތެވެ.
54ސެންޓަރ އެންޓަރޕްރައިސަސް އިން ހުށަހެޅި ކޮމާޝަލް އިންވޮއިސްއަށް ބަލާއިރު، މި އިންވޮއިސްއަކީ ފޯރުކޮށްދީފައިވާ މުދަލަށްވާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ އިންވޮއިސްއެއްކަމަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ބުނެފައިވާއިރު، މި މައްސަލައިގައި ހުށަހެޅުނު ޑެލިވަރީ ނޯޓުން މުދާ ފޯރުކޮށްދެވުނުކަން އެނގެންނެތުމުން، މުދާ ފޯރުކޮށްދީފައިވާކަމަށް ބެލުމުގައި މި އިންވޮއިސްއަށް ދެވޭނެ ބުރަދަނެއް އޮތް ކަމަށް ނުދެކެމެވެ.
55ސުޕްރީމް ކޯޓުގެ މިނިސްޓްރީ އޮފް ޓޫރިޒަމް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް [2021] SC 52 ޤަޟިއްޔާގައި، ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަކޮށްފި ކަމަށް ވާނީ ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތަށް އެކަން ކުރުމުން ކަމަށް އޮންނަ އޮތުމާއި، ކޮންޓްރެކްޓުގައި އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް ޢަމަލުކުރެވޭނީ އެހެން ގޮތަކަށް އެއްބަސްވެފައިވާނަމަ ކަމަށް އޮތުމުން، ހުށަހެޅިފައިމިވާ މައްސަލައިގައި އެއްބަސްވުމާ އެއްގޮތަށް މުދާ އެތެރެކޮށްފައިވާކަން އެނގެންނެތްއިރު، މުދާ އެތެރެކުރުމަށްފަހު، ލިޔެކިޔުންތަކާއެކީ އެއްބަސްވުމުގައި ބުނާ މުއްދަތު ތަކުގައި ފައިސާ ހޯދުމަށް ހުށަހަޅާފައިވާކަން އެނގެންނެތުމާއި، އެއްބަސްވުމުގައިވާ މުދާ ވަކިވަކި ރަށްތަކަށް ޑެލިވަރީކޮށް، ތަކެއްޗާއި ޙަވާލުވީކަން އަންގައިދޭ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވުމާއި، މުދާ ޑެލިވަރީކޮށް ޓެސްޓުކޮށްފައިވާކަން އެނގެންނެތުމުން، ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، މި މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުމަށާއި، ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކުރުމެއް ނެތިއެވެ.
56އެހެންކަމުން، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ޤަޟިއްޔާގައި، ބޮޑަށް ބުރަވެވޭ މިންގަނޑުން (Balance of Probability) އެއްބަސްވުމުގެ ދަށުން މުޢާމަލާތް ފުރިހަމަކޮށްފައިވާކަމަށް ކަނޑައަޅާފައިވަނީ، މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކުރުމެއް ނެތި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށް ދެކެމެވެ.
އައު ހެކި ހުށަހެޅުން
57ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ސުޕްރީމް ކޯޓަށް އައު ހެކި ހުށަހަޅައި، އެއާމެދު ބަހުސްކޮށް ހިންގުމަކީ ވަރަށް އިސްތިސްނާއީ ޙާލަތެއްގައި ނޫން ގޮތަކަށް ލިބިދެވޭނެ ފުރުޞަތެއް ނޫންކަމަށް ފާހަގަކޮށްފައިވެއެވެ. އާންމު އުޞޫލަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރުން ކަމުގައިވީނަމަވެސް، ހައިކޯޓުން ފައިޞަލާކޮށް ނިންމާފައިވާ މައްސަލައެއް އިސްތިއުނާފު ކުރެވިފައިވާ ޙާލަތުގައި، އެ މައްސަލައިގެ ބާވަތަށާއި، މައްސަލައަކާ ގުޅިގެން އަލަށް ހުށަހެޅޭ ހުށަހެޅުމުގެ މުހިންމުކަމުގެ މައްޗަށާއި، އެ ހުށަހެޅުމުގެ ޞައްޙަކަމާއި، އަދި އެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ނުދީފިނަމަ ނިކުމެދާނެ ނަތީޖާގެ މައްޗަށް ބަލައި، އައު ހުށަހެޅުންތައް ހުށަހަޅައި އެކަންކަމާމެދު ބަހުސްކުރުމުގެ ފުރުޞަތު ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ މަރުޙަލާގައިވެސް ދެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެއްކަކީ އަންނަނިވި ޢުންޞުރުތައް ފުރިހަމަވާ ހެކިކަމުގައި ވާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
(1) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން(Non-availability) .
(2) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Relevance) .
(3) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން(Credibility)
58ދައުލަތުން މި މައްސަލަ އިސްތިއުނާފު ކުރަމުން، ސިވިލް ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު ހުށަހެޅުނު ސެންޓަރ އެންޓަރޕްރައިސަސްގެ އަހަރީ ރިޕޯޓްތައް ބަލައިގަނެފައިނުވަނީ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ޚިލާފަށްކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުނު ފަހުން، އޮޑިޓަރ ޖެނެރަލްގެ ފަރާތުން ޝާއިޢުކޮށްފައިވާ ސެންޓަރ އެންޓަރޕްރައިސަސްގެ ޚާއްޞަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މި މައްސަލައިގެ ނިންމުމަށް އަސަރުކުރާނެ ފަދަ ކަންކަމުގައި ބުނެ، އޮޑިޓަރ ޖެނެރަލްގެ ބުނެވުނު ރިޕޯޓުގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ. މި ދެ ލިޔުމާ ގުޅިގެން ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ބުނެފައިވަނީ މި ދެ ލިޔުމަކީވެސް ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އައު ހެކި ހުށަހެޅުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ ޢުންޞުރުތަކަށް ފެތޭ، ހެކި ކަމުގައިނުވާކަމަށެވެ. އެހެންކަމުން، އައު ހެކި ހުށަހެޅުމާ ގުޅޭ މި މަޢުޟޫއުގައި ދެ ނުކުތާއެއްވާތީ، މި ދެ ނުކުތާއަށް ވަކިވަކިން ބަލައިލާނަމެވެ.
(ހ) ސިވިލް ކޯޓަށް ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސްގެ އަހަރީ ރިޕޯޓްތައް
59ސެންޓަރ އެންޓަރޕްރައިސަސްއިން ދައުލަތާއެކު 2007 އަދި 2008 ވަނަ ކުރެވުނު ކަމަށް ބުނާ މި މުޢާމަލާތާ ގުޅޭ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، 07 އެޕްރީލް 2022 ގައެވެ. މި މައްސަލައިގައި ދައުލަތުން ސިވިލް ކޯޓުގައި ޝަރީޢަތް ހިނގަމުން ދިޔައިރު، މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ފެނިފައިނުވާތީ، އަދި ލިޔެކިޔުންތަކުގެ މަދު ސަފުހާއެއް ހުށަހަޅާފައިވާތީ، ދަޢުވާ ފޯމާއެކު ހުށަހެޅި “Form of Bid” އާއި “Form of Agreement” ގެ ފުރިހަމަ އަޞްލާއި މައްސަލައާ ގުޅޭ ލިޔެކިޔުންތަކުގެ އަޞްލު ތަޙުލީލުކުރުމަށްޓަކައި ޝަރީޢަތާއި އަދި ދައުލަތާ ހިއްސާކޮށްދިނުމަށް 13 ސެޕްޓެމްބަރު 2022 ގައި އެދުނެވެ.
60ލިޔެކިޔުންތަކުގެ އަޞްލު ސެންޓަރ އެންޓަރޕްރައިސަސްއިން 12 ޖަނަވަރީ 2023 ގައި ޚުލާޞާ ބަޔާން ހުށަހެޅުމާ ހަމައަށްވެސް ހުށަހަޅާފައިނުވާކަން ފާހަގަކުރެވެއެވެ. އަދި މި މުޢާމަލާތްކުރެވުނު ކަމާމެދު ސުވާލު އުފެދޭކަމަށް ބަޔާންކޮށް، އެ ދުވަހު ދައުލަތުން ސެންޓަރ އެންޓަރޕްރައިސަސްއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅާފައިވާ 2007، 2008 އަދި 2009 ވަނަ އަހަރުގެ މާލީ ބަޔާންތައް ހުށަހަޅާފައިވެއެވެ. ލިޔެކިޔުންތަކުގެ އަޞްލު ހޯދުމަށް ދަޢުލަތުން 13 ސެޕްޓެމްބަރު 2022 ގައި ކޯޓު އަމުރަކަށް އެދުނު ނަމަވެސް، އެފަދަ އަމުރެއް ކޯޓުން ނެރެދީފައިނުވާއިރު، ލިޔެކިޔުންތަކުގެ އަޞްލު ހުށަހަޅާފައިވަނީ ޚުލާޞާ ބަޔާނަށްފަހުކަން މައްސަލައިގެ ލިޔެކިޔުންތަކުންނާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
61ދައުލަތުން ލިޔެކިޔުންތަކުގެ އަސްލު ބެލުމަށް އަޑުއެހުމެއް ތާވަލުކޮށްދިނުމަށް އެދުމުން، މިގޮތުން ތާވަލުކުރެވުނު އަޑުއެހުމުގައި ޑޮކިއުމަންޓްތަކުގެ އަސްލު ގެނައި ކަމުގައިވިޔަސް، އެ ޑޮކިއުމަންޓްތަކުގެ ޞައްޙަކަން (authenticity) ޝަރީޢަތުގެ މަޖިލިހުގައި ކަށަވަރުނުކުރެވޭކަމަށާއި، އެކަން ބެލޭނީ ކޯޓު އަމުރެއްގެ ދަށުން، ފުލުހުންގެ ޚިދުމަތުން މި ޑޮކިއުމަންޓުތަކަކީ އަޞްލު (authentic) އެއްޗެއްކަން ބެލިގެންކަމާއި، ފުލުހުންގެ މައްޗަށް އަމުރު ނެރެ ކަށަވަރުކޮށްދިނުމަށް ދައުލަތުން އެދުނުކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ވެއެވެ.
62ދައުލަތުން ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސްގެ 2007، 2008 އަދި 2009 ވަނަ އަހަރުގެ މާލީ ބަޔާންތަކާއި ގުޅިގެން، ސިވިލް ކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ޚުލާޞާ ބަޔާނުގެ ކުރިއަށް ދައުލަތަށް ހެކި ހުށަހެޅުމަށް ފުރުޞަތު ދީފައިވާއިރު، ދައުލަތުން ޚުލާޞާ ބަޔާނާއެކު އައު ކިތާބީ ހެކިތަކެއް ހުށަހަޅާފައިވަނީ ސެންޓަރ އެންޓަރޕްރައިސަސްއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުލިބޭގޮތަށްކަމަށެވެ. އަދި ބަހުސްގެ ބޭނުމަށް އެ ހެކި ބަލައިގަތް ކަމުގައިވިޔަސް، ދައުލަތުން ހެކިތަކުން ސާބިތުކޮށްދޭން ބޭނުންވަނީ މިފަދަ ބޮޑު ޚަރަދެއްކުރިނަމަ، ސެންޓަރ އެންޓަރޕްރައިސަސްގެ ފައިނޭންޝިއަލް ސްޓޭޓްމަންޓްތަކުން އެނގެން އޮންނާނެތީ ކަމަށް ބުނާއިރު، މި ހެކި ހުށަހަޅައި، ހަމައެކަނި އެހެން ބުނުމަކުން ޝަރީޢަތަށް ސާފުނުވާކަމަށާއި، ޝަރީޢަތަށް މިކަން ސާބިތުވާނެ ބީދައަކުން ބުނެދެވޭނީ އެކަން އެނގެންއޮތީ ކޮންތަނަކުން ކަން، ނުވަތަ ސާބިތުވާން އޮތް ގޮތެއް ބުނެދީގެން ކަމަށެވެ.
63ދައުލަތުގެ ފަރާތުން ސެންޓަރ އެންޓަރޕްރައިސަސްގެ 2007، 2008 އަދި 2009 ވަނަ އަހަރުގެ މާލީ ބަޔާންތައް ސިވިލް ކޯޓުން ބަލައިގަނެފައިނުވުމުގެ މައްޗަށް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ، ޚުލާޞާ ބަޔާނާއެކު ހުށަހަޅާފައިވާ ސެންޓަރ އެންޓަރޕްރައިސަސްގެ މާލީ ބަޔާންތައް ބަލައިގަތުމުގައި ރިޢާޔަތްކުރާނެ އުޞޫލަކީ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުކަމަށާއި، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް މި ހެކި ފެތޭ ސަބަބެއް ދައުލަތުން ބަޔާންކޮށްފައިނުވާކަމަށެވެ. އަދި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމަށް ދައުލަތުން ސާފު އިސްތިއުނާފެއްކޮށްފައި ނުވާތީ، ހައިކޯޓުގެ ކުރިމަތީގައި އޮތް ޤާނޫނީ ބަހުސަކީ، (1) އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްދީފައިވޭތޯ އާއި (2) މުދާ ފޯރުކޮށްދީފައިވާނަމަ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދީފައިވޭތޯ، މި ދެ ސުވާލުކަމަށް ވާތީ، ދައުލަތުން ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސްގެ މާލީ ބަޔާންތަކަކީ އިތުރު ހެއްކެއް ޤަރީނާއެއް ނެތި، މައްސަލައިގެ ދަފުޢުއާ ސީދާ ގުޅޭ (relevant) ކާފީ ހެއްކެއް ނޫންކަމަށެވެ. އަދި ހެކި ހުށަހެޅުމުގެ ފުރުޞަތު ބަންދުވެފައި ވަނިކޮށް ދަށު ކޯޓުން ހުށަހެޅި ސްޓޭޓްމަންޓްތައް ބަލައިގަންނަންވީ އެކަށޭނަ ސަބަބެއް ދައުލަތުން ބުނެފައި ނުވާތީ، އެ ހެކި ބަލައިނުގަތުމަށް ސިވިލް ކޯޓުން ނިންމި ނިންމުން މި ބުނެވުނު އުޞޫލުތަކާ ޚިލާފުކަމަށް ބެލެވެންނެތްކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.
64ސުޕްރީމް ކޯޓުގެ މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އާއި އިތުރު 4 ފަރާތެއް [2021] SC 102 ޤަޟިއްޔާގައި، ޢާންމު އުޞޫލަކީ، ޚުލާޞާ ބަޔާނަކީ މައްސަލައިގެ ޙުކުމް ކުރުމުގެ ކުރިއަށް މައްސަލައިގެ ޚަޞްމުން ވާހަކަ ދެއްކުމަށް ލިބޭ އެންމެ ފަހު ފުރުޞަތުކަމަށް ބަޔާންކުރުމަށްފަހު، ޚުލާސާ ބަޔާނެއްގެ ފަހަށް މައްސަލައެއްގައި ހެކިން ހުށަހެޅުމަށް ޝަރީޢަތުން ފުރުޞަތު ދީފައިވާނަމަ، އެއީ ނާދިރު ޙާލަތެއްގައިކަމަށް ފާހަގަކޮށްފައިވެއެވެ.
65ހުށަހެޅިފައިމިވާ މައްސަލައިގައި، ދައުލަތުން ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސްގެ މާލީ ބަޔާންތަކަކީ ޚުލާޞާ ބަޔާނާއެކު ހުށަހެޅި ލިޔުންކަމަށްވާތީ، އެ ލިޔުންތައް ބަލައިނުގަތުމަށް ނިންމި އިރު، ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި ލިޔެކިޔުންތަކުގެ އަޞްލުވެސް ހުށަހަޅާފައިވަނީ، ޝަރީޢަތުން އަންގައިގެން، ޚުލާޞާ ބަޔާނަށްފަހުކަން އެނގެއެވެ. އަދި ދައުލަތުގެ އެދުމުގެ މަތިން، ލިޔެކިޔުންތަކުގެ އަޞްލު ބެލުމަށް އަޑުއެހުމެއް ބޭއްވިކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އެއްބަސްވުމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ލިބިފައިނުވާކަމަށް ދައުލަތުން ތަކުރާރުކޮށް ބުނަމުން ދިޔައިރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅާފައިވާ އަހަރީ ރިޕޯޓްތައް ދިރާސާކުރިއިރު، އެފަދަ ފައިސާއެއް ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބެން ނެތްކަން އެނގުނު ހިސާބުން ދައުލަތުން ސެންޓަރ އެންޓަރޕްރައިސަސްގެ މާލީ ބަޔާންތައް ޚުލާޞާ ބަޔާނާއެކު ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ.
66HN8ހައިކޯޓުގެ ނިންމުމުގައި ދައުލަތުން ހުށަހެޅި ހެކި ބަލައިގަތުމުގައި ރިޢާޔަތްކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޢުންޞުރުތަކަށް ކަމަށް ފާހަގަކޮށްފައިވީ ނަމަވެސް، އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ޝަރުޠުތަކަކީ އިސްތިސްނާއީ ޙާލަތުތަކެއްގައި ސުޕްރީމް ކޯޓުން އައު ހެކި ބަލައިގަތުމާމެދު ރިޢާޔަތްކުރާ އިސްތިސްނާ ޙާލަތުތަކެއް ކަމުގައިވުމުން، މި އުޞޫލަކީ ދަޢުވާ އުފުލި ހިނގަމުންދާ ފުރަތަމަ މަރުޙަލާގައިވާ މައްސަލައަކަށް މި އުޞޫލު ތަޠުބީޤު ކުރެވިދާނެ އުޞޫލެއް ނޫނެވެ. ވުމާއެކު، ހައިކޯޓުގެ އަޣުލަބިއްޔަތު ރަޢުޔުގައި، ޚުލާޞާ ބަޔާނަށްފަހު، އަލަށް ހުށަހެޅޭ ހެކި ބަލައިގަތުމުގައި ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބުނާ އައު ހެކި ބަލައިގަތުމުގެ އުޞޫލަށް ރިޢާޔަތްކުރަންޖެހޭކަމަށް ބުނެފައިވާ ބުނުން ރަނގަޅުކަމަށް ނުދެކެމެވެ.
67ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސްގެ މާލީ ބަޔާންތަކަކީ، މި މައްސަލައިގައި ޖަވާބުދާރީވުމަށްޓަކައި ދައުލަތުގެ އެކިއެކި އިދާރާތަކުން ކުރި މަސައްކަތުންވެސް، މި މުޢާމަލާތާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ފެނިފައިނުވާތީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓަށް ހުށަހަޅާފައިވާ އަހަރީ ރިޕޯޓްތައް ދިރާސާކުރިއިރު، އެ ރިޕޯޓުތަކާއެކީ ހުށަހެޅި މި މާލީ ބަޔާންތައް ހޯދައި ދިރާސާކުރިއިރު، ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބެންޖެހޭކަމަށް ދަޢުވާގައި ބުނާ ފައިސާ ލިބެންޖެހޭކަން ނުވަތަ އެ ކުންފުނިން އެވަރުގެ ޚަރަދެއްކުރިކަން އެ ސްޓޭޓްމަންޓު ތަކުގައި ބަޔާންކޮށްފައި ނުވާތީ ހުށަހެޅި ބަޔާންތަކެއްކަން އެނގެންއޮވެއެވެ. މައްސަލައިގައި ހުށަހެޅުނު ލިޔުންތަކުގެ ޞައްޙަކަމާމެދު ދައުލަތުން ހައިކޯޓުގައި ވަކި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އިސްތިއުނާފު ކޮށްފައިނުވި ނަމަވެސް، މާލީ ބަޔާންތަކަކީ މި މުޢާމަލާތުގެ ޞައްޙަކަމުގެ މައްޗަށް ސުވާލު އުފައްދާ ހުށަހެޅުނު ލިޔުމެއްކަން އެނގެއެވެ. އެހެންކަމުން، ހައިކޯޓުގެ ކުރިމަތީގައި ވަކި އިސްތިއުނާފީ ނުކުތާއެއް މުޢާމަލާތުގެ ޞައްޙަކަމަށް ސުވާލުއުފައްދާ ނެތްކަމުގެ މައްޗަށް ބަލައި، ދައުލަތުން ހުށަހަޅާފައިވާ މާލީ ބަޔާންތަކަކީ މައްސަލައިގެ ދަފުޢުއާ ސީދާ ގުޅޭ (relevant) ހެއްކެއް ނޫންކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ނުދެކެމެވެ.
68ދައުލަތުން ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސްގެ މާލީ ބަޔާންތަކަށް ބަލާއިރު، ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިމިވާ ދަޢުވާގައި ލިބެންޖެހޭކަމަށް ބުނާ ފައިސާއާ ގާތްކުރާ މިންވަރެއްގެ ފައިސާއެއް އެ ކުންފުންޏަށް ލިބެންޖެހޭކަން ނުވަތަ އެ ކުންފުނިން އެވަރުގެ ޚަރަދެއްކުރިކަން މާލީ ބަޔާންތަކުން އެނގެންނެތެވެ.
(ށ) ސުޕްރީމް ކޯޓަށް ހުށަހެޅި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓް
69ހުށަހެޅިފައިމިވާ މައްސަލައިގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓަކީ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބުނާ އިސްތިސްނާ ޝަރުޠުތައް ފުރިހަމަވާ ހެއްކެއްތޯ ބަލާއިރު، މި އޮޑިޓް ރިޕޯޓަކީ ދަށު ކޯޓުގައި މައްސަލަ ހިނގަމުން ދިޔަ އިރު ވުޖޫދުގައި އޮތް ލިޔުމެއް ނޫނެވެ. އަދި ދަށު މަރުޙަލާގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ލިޔުމެއްތޯ ބަލާއިރު، ސެންޓަރ އެންޓަރޕްރައިސަސްއިން މި މައްސަލައިގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވަނީ 66 ސަފުހާ ހިމެނޭ ލިޔުމެއްގެ 2 ސަފުހާއާއި، 38 ސަފުހާ ހިމެނޭ ލިޔުމެއްގެ 1 ސަފުހާއެވެ. މައްސަލައިގެ ފުރިހަމަ ލިޔެކިޔުންތަކާއި އަޞްލު ހޯދުމަށް ދައުލަތުން އެދުމުން، ސެންޓަރ އެންޓަރޕްރައިސަސްއިން ދަޢުވާގައި ބުނާ އެއްބަސްވުން ހެކިންގެ ލިސްޓާއެކު ހުށަހެޅިއިރު، ލިޔެކިޔުންތަކުގެ އަޞްލު ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިވަނީ، 12 ޖަނަވަރީ 2023 ގައި ޚުލާޞާ ބަޔާން ހުށަހެޅުނުއިރު، އެއަށް ވުރެވެސް ފަހު ތާރީޚެއްގައެވެ. މައްސަލައިގައި ޙުކުމްކޮށްފައިވަނީ 28 މާރިޗް 2023 ގައެވެ.
70ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން ހުށަހެޅި "ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން 2008 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކިއުޕްމަންޓް އާއި ކޮންސިއުމަބަލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ ޚާއްޞަ އޮޑިޓްގެ ރިޕޯޓް" 15 އޮކްޓޫބަރު 2025 (މީގެ ފަހުން "އޮޑިޓް ރިޕޯޓް") އަށް ބަލާއިރު، މި ރިޕޯޓުގެ ނ. ގައި، މި އޮޑިޓްގައި ބަލާފައިވަނީ ސެންޓަރ އެންޓަރޕްރައިސަސްއިން ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް އިކުއިޕްމަންޓް އާއި ކޮންސިމަބަލްސް ސަޕްލައި ކުރުމަށް އެއްބަސްވުމެއް ވެފައިވޭތޯއާއި، ލިޔެކިޔުންތަކުގެ ޞައްޙަކަމުގެ މައްޗަށާއި، ސެންޓަރ އެންޓަރޕްރައިސަސްއިން ފޯރުކޮށްދިންކަމަށް ބުނާ ތަކެތި ސަޕްލައިކޮށްދީފައި ވޭތޯ ކަށަވަރުކުރުމަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އޮޑިޓް ރިޕޯޓުގެ (ރ) ގައި މި އޮޑިޓް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ އިދާރާތަކުން ލިބެންހުރި ލިޔެކިޔުންތައް ބަލައި، ދިރާސާކުރެވި، ކަމާ ގުޅުންހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކޮށްފައިވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
71ސެންޓަރ އެންޓަރޕްރައިސަސްއިން މި މައްސަލައިގައި ސިވިލް ކޯޓުގައި ދަޢުވާ ކުރިއިރު، ފުރިހަމަ ލިޔެކިޔުންތައް ހުށަހަޅާފައިނުވުމާއި، ލިޔެކިޔުންތަކުގެ އަޞްލު ހޯދުމަށް ތަކުރާރުކޮށް އެދުމުންވެސް ލިޔެކިޔުންތަކުގެ އަޞްލު ހުށަހަޅާފައިވަނީ މައްސަލައިގެ ޚުލާޞާ ބަޔާނަށްފަހު ކަން އެނގެންއޮތުމާއި، ލިޔެކިޔުންތައް ހުށަހެޅުމުގައި ސެންޓަރ އެންޓަރޕްރައިސަސް އިން ޢަމަލުކޮށްފައިވާ ގޮތުން، އަދި ދަށު ކޯޓުން ލިޔެކިޔުންތަކުގެ ޞައްޙަކަން ބަލައިދިނުމަށް އަމުރު ކޮށްފައިނުވުމުން، ލިޔެކިޔުންތަކުގެ ޞައްޙަކަން ދެނެގަތުމަށް ދައުލަތަށް ސިވިލް ކޯޓުގައި ފުރުޞަތު ލިބިފައިނުވެއެވެ. ދައުލަތުން ހުށަހެޅި މި އޮޑިޓް ރިޕޯޓަކީ ލިޔެކިޔުންތަކުގެ ޞައްޙަކަން ބެލުމަށާއި، އެއްބަސްވުމާ އެއްގޮތަށް ތަކެތި ސަޕްލައިކޮށްފައިވޭތޯ ބެލުމަށް، ދައުލަތުގެ އިދާރާތަކުން ލިބެންހުރި ލިޔެކިޔުންތައް ބަލައި ދިރާސާކޮށް، ކަމާ ގުޅުންހުރި ފަރާތްތަކުން މަޢުލޫމާތު ހޯދައި އެކުލަވާލެވުނު ރިޕޯޓެކެވެ. އެހެންކަމުން، މި ރިޕޯޓަކީ ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ސިވިލް ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ރިޕޯޓެއްކަމަށް ބެލެވެންނެތެވެ.
72މި ބުނެވުނު އޮޑިޓް ރިޕޯޓުގައި، އޮޑިޓް ރިޕޯޓު ތައްޔާރުކުރެވިފައިވަނީ ބޭންކާއި ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ލިޔެކިޔުންތައް ދިރާސާކޮށް، ލިޔުންތަކަށް ދީފައިވާ ރެފަރެންސް ނަންބަރުތަކާއި، ޕްރޮޖެކްޓް ކޯޑުތަކާއި، އިޢުލާނު ނަންބަރުތައް ދިރާސާކުރުމަށްފަހު ކަމާއި، އަދި ކަމާ ގުޅުންހުރި އެހެން ފަރާތްތަކުން ހޯދި މަޢުލޫމާތުގެ އަލީގައި ކަމުގައިވުމާއި، އަދި މިއީ 15 (ފަނަރަ) ވަރަކަށް އަހަރުގެ ކުރީގެ މުޢާމަލާތެއްކަމުގައި ވުމާއި، އެ ދުވަސްވަރު ލިޔެކިޔުންތައް އަރުޝީފުކުރަމުން އައިގޮތާއި، މި އެންމެހައި ކަންކަމަށް ބަލާއިރު، މި އޮޑިޓް ރިޕޯޓް ތައްޔާރުކުރުމަށް އެކަށީގެންވާ މުއްދަތެއް ނަގާނެކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، މި އޮޑިޓް ރިޕޯޓަކީ ދައުލަތަށް އެކަށީގެންވާ މަސައްކަތެއްކޮށްގެންވެސް ދަށު ކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ލިޔުމެއްކަމަށް ބެލުމުގެ ފުރުޞަތު ކުޑަކަމަށް އަހުރެން ދެކެމެވެ.
73HN9މީގެ އިތުރުން، މި އޮޑިޓް ރިޕޯޓަކީ މި މުޢާމަލާތް ހިނގާފައިވާ ގޮތް ދެނެގަތުމުގެ ބޭނުމުގައި، މި ދެފަރާތު ދެމެދު އެއްބަސްވުމެއް ވެފައިވޭތޯއާއި އެއްބަސްވުމުގެ ދަށުން މުދާސަޕްލައިކޮށްފައިވާކަން ކަށަވަރުކުރުމަށް ކުރެވުނު އޮޑިޓެއްކަން އެނގެން އޮތުމުން، މި އޮޑިޓް ރިޕޯޓުގައިވާ މަޢުލޫމާތަކީ އޭގެ ސަބަބުން، މައްސަލައިގެ ނިންމުމަށް އެކަށީގެންވާ ނުފޫޒެއް ފޯރުވާނެ ހެއްކެކެވެ. އަދި މިއީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއްކަމަށްވާތީ، މި އޮޑިޓް ރިޕޯޓުގައިވާ މަޢުލޫމާތަކީ އެހެން ގޮތަކަށް ސާބިތުކޮށް ނުދެވޭހާ ހިނދަކު، ޞައްޙަ މަޢުލޫމާތުކަމުގައި ބަލަންޖެހެއެވެ. ބަހުސްގެ ބޭނުމަށް މި އޮޑިޓް ރިޕޯޓަކީ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އައު ހެކި ބަލައިގަތުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ބަލައިނުގަނެވޭނެ ލިޔުމެއްކަމަށް ބެލި ނަމަވެސް، މި މައްސަލައާ ގުޅިގެން ހުށަހެޅުނު ހެކިބަހާއި ލިޔުންތަކުން، ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި އެއްބަސްވުމުގެ ދަށުން ތަކެތި ފޯރުކޮށްދެވިފައިވާކަން މަދަނީ މިންގަނޑުން ސާބިތުނުވާކަމަށް މަތީގައި ބަޔާންކޮށްފައިވާނެއެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވާންހުރި ކަންކަން
74ދައުލަތުން ހުށަހެޅި މި އޮޑިޓް ރިޕޯޓުގެ (ޅ) ގައި އޮޑިޓަށް ފާހަގަކުރެވުނު ކަންކަން ބަޔާންކޮށްފައިވެއެވެ. އެ ގޮތުން ފާހަގަކޮށްލެވޭ ބައެއްކަންކަން ތިރީގައި ހިމަނާލާނަމެވެ.
(ހ) ސެންޓަރ އެންޓަރޕްރައިސްއިން ހުށަހެޅި ލިޔެކިޔުންތަކުގައި (އޭގެ ތެރޭގައި ލެޓަރ އޮފް އެކްސެޕްޓެންސް، މަސައްކަތުގެ އެއްބަސްވުން، ސެންޓަރ އެންޓަރޕްރައިސަސްގެ އިންވޮއިސްއާއި ޑެލިވަރީ ނޯޓާއި އަދި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސްއިން ފޮނުވާފައިވާ ދެ ސިޓީ) ގައި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް އަދި މިނިސްޓްރީގައި އެއްވެސް އިރެއްގައި ވަޒީފާ އަދާކޮށްފައިނުވާ ފަރާތެއްގެ ނަން (ޢާއިޝަތު ޙަލީމް) ހިމަނައި، ލިޔެކިޔުންތަކުގައި އެފަރާތުގެ ސޮއި ހިމަނާފައިވުމާއި، އެފަރާތުގެ މަޤާމުގެ ނަން އެކި ގޮތްގޮތަށް ބޭނުންކޮށްފައިވުން.
(ށ) އެއްބަސްވުމުގައި ސޮއިކުރި ތާރީޚާއި، ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުގެ ތާރީޚާ ދެމެދު ސެންޓަރ އެންޓަރޕްރައިސަސްއަށް އެހާތަނަށް އެތެރެކޮށްފައިވަނީ ހަމައެކަނި 4 އައިޓަމްކަމަށްވުން. (ރިޕޯޓުގެ 1.3 ގައި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއާ ސެންޓަރ އެންޓަރޕްރައިސަސްއާ ދެމެދު 07 ފެބްރުއަރީ 2007 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދ. އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްއާ ކޮންސިއުމަބަލްސް ހޯދުމުގެ މަސައްކަތް ޙަވާލުކޮށްފައިވާކަމަށާއި، ސެންޓަރ އެންޓަރޕްރައިސަސްއިން ރާއްޖެ އެތެރެކޮށްފައިވާ ތަކެތީ ތެރޭގައި މި އެއްބަސްވުމުގެ ދަށުން ސަޕްލައިކުރަންޖެހޭ ތަކެތި ހުރިކަމަށް ފާހަގަކޮށްފައިވެއެވެ.)
(ނ) މީގެ އިތުރުން، ބޭންކް ގެރެންޓީއެއްގެ ގޮތުގައި ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި ލިޔުމަކީ އުފައްދާފައިވާ ޞައްޙަ ނޫން ލިޔުމެއްކަމުގައި ބެލެވުމާއި،
(ރ) މި މައްސަލައިގައިވާ ލިޔުންތަކުގައިވާ ޕްރޮޖެކްޓް ކޯޑަކީ އެހެން މަސައްކަތަކާ ގުޅިގެން ދޫކޮށްފައިވާ ޕްރޮޖެކްޓް ކޯޑެއްކަން ފާހަގަކުރެވުމާއި،
(ބ) ސެންޓަރ އެންޓަރޕްރައިސަސްއިން އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅި ސަފުހާތަކާއި، ފަހުން ހުށަހެޅި މުޅި އެއްބަސްވުމުގެ ސަފުހާތަކާއި ސެކްޝަންތަކުގެ ތަރުތީބު ދިމާނުވުމާއި، އަދި
(ޅ) ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި ލެޓަރ އޮފް އެކްސެޕްޓެންސްގައި އޭރުގެ ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ނަން މިހާރު ބޭނުންކުރާ ގޮތަށް ބޭނުކޮށްފައިވާކަން ފާހަގަކުރެވުން.
75މި ސަބަބުތަކުގެ މައްޗަށް ބަލައި، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 575/Cv-C/2022 ޤަޟިއްޔާގައި ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި ލިޔުންތަކަކީ ފޯޖްކޮށްގެން އުފައްދާފައިވާ ޞައްޙަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ، އެ ލިޔުންތަކުގެ ފޮރެންސިކް އެނެލިސިސް ހެދުމަށާއި، އެ ކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި މައްސަލައިގެ ޖިނާއީ ތަޙުޤީޤެއްކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް އަންގައެވެ.
76ދައުލަތުން ހުށަހެޅި މި އޮޑިޓް ރިޕޯޓަށް ބަލާއިރު، މިއީ ވެފައިވާ އެއްބަސްވުމެއްކަމާމެދު ޝައްކު އުފެދޭ ގިނަ ސަބަބުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އަދި މި މައްސަލައިގައި ދައުލަތުން ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސްގެ މާލީ ބަޔާންތަކުން، މިކަމަށް ބާރު ލިބެއެވެ. މިކަން މިހެން ފެންނަން އޮތް ހިނދު، މިފަދަ މުޢާމަލާތެއް ޞައްޙަކަމަށް ދެކި ތަންފީޒުކުރަން ބުނަން ނުފެނެއެވެ.
މައްސަލަ ނިންމަން ފެންނަގޮތް
77މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 575/Cv-C/2022 ޤަޟިއްޔާގެ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2023/HC-A/194 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަން ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
78މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
79މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 575/Cv-C/2022 ޤަޟިއްޔާގެ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2023/HC-A/194 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިން
ޙުސައިން ޝަހީދު (ރިޔާސަތު)
މުޙައްމަދު އިބްރާހީމް
ފުޓްނޯޓު
- ރަޖިސްޓްރީ ނަންބަރު C-292/2006
- ނަންބަރު 23-CSS/MISC/2007/1114
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017SC-A/40 ޤަޟިއްޔާ
- މިނިސްޓްރީ އޮފް އިކޮނޮމިކަން ޑިވެލޮޕްމަންޓަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހަޅާފައިވާ 2007، 2008 އަދި 2009 ވަނަ އަހަރުގެ މާލީ ބަޔާންތައް
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާ
- އބމ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/23 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 13/2010
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/100 ޤަޟިއްޔާ
- ފުޓް ނޯޓު 5
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/112 ޤަޟިއްޔާ
- [2021] SC 75
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާ
- އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/194 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފު 63
- ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2021] SC 16 ޤަޟިއްޔާއާ ހަވާލާދީ ފަނޑިޔާރު ޙުސައްސުޢޫދުގެ ރަޢުޔުގެ 32 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވެއެވެ.
- ޤާނޫނު ނަންބަރު 22/2010
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ގަޒިއްޔާ، ޕެރެގްރާފް 9
- ރިޕޯޓުގެ 7.1 ވަނަ ނުކުތާ
- ރިޕޯޓުގެ 7.4 ވަނަ ނުކުތާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/23 ޤަޟިއްޔާ
- ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން މި މައްސަލައިގައި ސިވިލް ކޯޓުގައި ދަޢުވާކުރީ 07 ފެބްރުއަރީ 2022 ގައެވެ. މައްސަލައިގައި ހިމެނޭ މުޢާމަލާތް ހިނގާފައިވަނީ 2007 ވަނަ އަހާއި 2008 ވަނަ އަހަރުކަމަށް ބުނެއެވެ. މި ދަޢުވާކުރުމުން، މައްސަލައަށް ޖަވާބުދާރީވުމަށް ބޭނުންވާ ލިޔުންތައް ހޯދިފައިނުވާތީ، މައްސަލައާ ގުޅޭ ލިޔުންތައް އެއްވެސް ލިޔެކިޔުމެއް ހޯދިފައިނުވާތީ، މައްސަލައިގެ ޚުލާޞާގޮތެއްގައި ވާހަކަ ދެއްކުމަށް ބޭއްވުނު އަޑުއެހުމުގައި ލިޔެކިޔުންތަކުގެ އަޞްލު ހުށަހެޅުމަށް ޝަރީޢަތުން އެންގުމުން، ލިޔެކިޔުންތަކުގެ އަޞްލު ހުށަހެޅުމުން، އެ ޑޮކިއުމަންޓްތަކުގެ authenticity ދައުލަތަށް ކަށަވަރުވާނެގޮތެއް ނޯންނާނެކަމަށާއި، މި ޑޮކިއުމަންޓްތަކުގެ އަޞްލަކީ authentic އެއްޗެއްކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވެއެވެ. ނަމަވެސް، ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރެދީފައިނުވެއެވެ.
- އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ޤަޟިއްޔާގައި ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ 6.1 ވަނަ ނުކުތާ
- އބމ ގެ 81 ވަނަ ނުކުތާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ގަޒިއްޔާ، ޕެރެގްރާފް 9
- ސިވިލް ކޯޓުގެ ނަންބަރު 575/Cv-C/2022 ގަޒިއްޔާއާ ގުޅިގެން ދައުލަތުގެ ހުށަހަޅާފައިވާ ދައުވާ ފޯމުގެ 6 ވަނަ ނުކުތާގައި ދައްކާފައިވާ ވާހަކަ، 13 ސެޕްޓެމްބަރު 2022 ގައި ދައުލަތުގެ ފަރާތުގެ ލިޔެކިޔުންތަކުގެ އަސްލު ލިބިފައިނުވާތީ ލިޔެކިޔުންތަކުގެ އަޞްލު ޝަރީޢަތާއި ދައުލަތަށް ހިއްސާކޮށްދިނުމަށް ކޯޓުއަމުރަކަށް އެދި ހުށަހެޅި ބަޔާނުގެ 4 ވަނަ ނަންބަރު، 12 ޖަނަވަރީ 2023 ގައި މައްސަލައިގައި ޚުލާސާކޮށް ދައުލަތުން ފާހަގަކުރާ ކަންކަން ބަޔާންކުރާ ބަޔާނުގެ 6 ވަނަ ނަންބަރުގައި މި މުޢާމަލާތާ ގުޅިގެން ލިޔެކިޔުންތައް ހުށަހެޅުމުގައި ޢަމަލުކޮށްފައިވާ ގޮތަށާއި، މުޢާމަލާތާ ގުޅޭ އެއްވެސް ލިޔެކިޔުމެއް މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީގެ އޮފް ފިނޭންސްގެ ރެކޯޑްތަކުންވެސް އެހާތަނަށް ފެނިފައިނުވާތީ، ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ސުވާލުއުފެދޭ ކަންކަމަށް ރިޢާޔަތްކޮށް، މި މުޢާމަލާތުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭތީވެ، މުޢާމަލާތާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އެހާތަނަށް ދައުލަތަށް ލިބިފައިނުވާތީ، ލިޔެކިޔުންތަކުގެ އަޞްލު ދައުލަތާ ހިއްސާކުރުމަށް އެދުނު ނަމަވެސް، އެ ލިޔެކިޔުންތަކުގެ އަޞްލު ހުށަހަޅާފައިނުވާކަމަށް ބުނެފައިވެއެވެ.
- އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2023/HC-A/194 ޤަޟިއްޔާއާ ގުޅިގެން 17 ޖުލައި 2024 ގައި ބޭއްވުނު އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަ (ބަޔާނުގެ ސަފުހާ 6-18)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/112 ޤަޟިއްޔާ، ޕެރެގްރާފު 64
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/58 ޤަޟިއްޔާގެ، ޕެރެގްރާފު 32
- ސުޕްރީމް ކޯޓުގެ ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ވ. ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް [2024] SC 42 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/53 ޤަޟިއްޔާ) ގައި އިކުއިޓީގެ މަބްދަޢުއެއް ކަމަށްވާ އެސްޓޮޕެލްއަކީ ފަރަންސޭސި ބަހެއް ކަމުގައިވާ "estoupe"އިން ނެގިފައިވާ ބަހެކެވެ. މި ބަހުގެ މާނައަކީ ހުއްޓުވުން ކަމަށް ބަޔާންކޮށްފައިވެއެވެ.
- މިއީ އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ އަދި އިންޑިއާ ފަދަ މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުން އަންނަ އުޞޫލެކެވެ.
- މިސާލަކަށް ހުއްޓުވުމުގެ އަމުރު (injunction)، ވަކި ގޮތަކަށް ޢަމަލުކުރުމުގެ އަމުރު (specific performance order) ނުވަތަ ކޮންޓްރެކްޓް ރޫޅާލައި ކޮންޓްރެކްޓް ކުރުމުގެ ކުރިން ޙާލަތަކަށް ރުޖޫއަކުރުން (rescission) ފަދަ ފަރުވާ ހިމެނެއެވެ.
- ޑރ. މުހައްމަދު ޒާހިރު ޙުސައިން ވ. އިބްރާހީމް ރަޝީދު މޫސާ އަދި ޢަބްދުﷲ ފާރޫޤު ޙަސަން [2024] SC 09 ޤަޟިއްޔާގައި، އެ ޤަޟިއްޔާގައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނުއިރު، މަދަނީ މުޢާމަލާތްތަކުގެ މައްޗަށް ހިނގާ ތަޤާދުމުގެ ޤާނޫނެއްނުވާކަން ފާހަގަކޮށް، އެހެން ޤާނޫނީ ހުރަހެއް ނެތްނަމަ، އޭގެން އިފްތިރާޟްކުރެވޭނީ ދަޢުވާކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ކަމުގައި ފާހަގަކޮށްފައިވެއެވެ. ޕެރެގްރާފު 32 (ހ)
- ސިވިލް ކޯޓަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމު
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/23 ޤަޟިއްޔާ
- 9.3 All necessary documents listed in the Technical Specifications and/or the SCC shall be provided to the purchaser at least 7 days before the Goods are delivered to the Port of destination.
- 4. Further to GCC Clause 9.0 The Goods shall be delivered to a destination specified by the client (Department of Medical Services/ Ministry of Health)
- Section 4 technical specifications, supply and delivery of medical equipment and consumables for department of medical services.
- “...The payment to be made to the Supplier under this Contract shall be as follows. a. Advance Payment: Fifteen (15) percent of the Contract Price shall be paid within Fourteen (14) days of signing of the Contract against a simple receipt and a bank guarantee of the equivalent amount. b. On Delivery: Fifty-five (55) percent of the Contract Price shall be paid within Fourteen (14) days upon arrival of the Goods to Male anchorage and upon submission of documents specified in CC Clause 9. c. On Acceptance: Thirty (30) percent of the Contract Price of Goods shall be paid to the Supplier within Fourteen (14) days after the date of the acceptance certificate for the respective delivery issued by the Purchaser.”
- Upon arrival of the Goods at the Purchaser’s premises, the Supplier shall carry out joint inspection tests together with representatives of the Purchasers before handing over the Goods.
- Should any inspected or tested Goods fail to conform to the Technical Specifications, the Purchaser may reject them and the Supplier either replace the rejected Goods or make alterations necessary to meet Technical Specifications requirement at no cost to the Purchaser.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާ، ޕެރެގްރާފު 29
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރްޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމަ ކަމަށް ބަޔާންކޮށްފައިވެއެވެ.
- އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި 03 އޮކްޓޫބަރު 2024 ގައި ބޭއްވުނު އަޑުއެހުމުގައި ސެންޓަރ އެންޓަރޕްރައިސަސްގެ ވަކީލު ދައްކާފައިވާ ވާހަކަ، ސަފުހާ 27-32
- އބމ، ސަފުހާ 26-32
- އެއްބަސްވުމުގެ ސެކްޝަން 3، ސްޕެޝަލް ކަންޑިޝަންސް އޮފް ދަ ކޮންޓްރެކްޓްގެ 1 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާ
- އބމ
- ފުޓް ނޯޓު 47
- "ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭގޮތުންނާއި މައްސަލައިގައި ޚުލާޞާކޮށް ދައުލަތުން ފާހަގަކުރާ ކަންކަން ބަޔާންކުރާ ބަޔާން" 12 ޖަނަވަރީ 2023
- ފުޓް ނޯޓު 47
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/01 ޤަޟިއްޔާ
- ފުޓް ނޯޓު 47
- އބމ
- ދިވެހި ދައުލަތުގެ ފަރާތުން "ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭގޮތުންނާއި މައްސަލައިގައި ޚުލާޞާކޮށް ދައުލަތުން ފާހަގަކުރާ ކަންކަން ބަޔާންކުރާ ބަޔާން" 12 ޖަނަވަރީ 2023 ގައި ހުށަހެޅި ބަޔާން
- ފުޓް ނޯޓު 47
- ސިވިލް ކޯޓަށް ހުށަހެޅުނު ލިޔެކިޔުންތަކުގެ ތެރޭގައި ހެކިންގެ ލިސްޓްގައި ވަނީ 10 އޮގަސްޓް 2022 ތާރީޚެވެ.
- ސިވިލް ކޯޓުން އަމުރު ނުނެރުނު ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު ލިޔުންތަކުން މިއީ ހިނގާފައިވާ މުޢާމަލާތެއްކަން އެނގެންއޮންނައިރު، މި އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކޮށްފައިވާ މުޙައްމަދު ހަމީދުގެ ހެކިބަހުން މިއީ ވެފައިވާ އެއްބަސްވުމެއްކަން އެނގެންއޮންނާތީއާއި، ސީލައިން ހޯލްޑިންގްސްގެ ޑިރެކްޓަރުގެ ހެކިބަހުން އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްދެވުނުކަން އެނގެންއޮތުމުން ހުށަހަޅާފައިވާ މުސްތަނަދުތަކަކީ ޞައްޙަ މުސްތަނަދުތަކެއްކަން ސާބިތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވުމެވެ. (އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ރިޕޯޓުގެ ޕެރެގްރާފު 35)
- މި ރިޕޯޓުގައި މި އޮޑިޓް ކުރިއަށް ގެންގޮސްފައިވަނީ އިންޓަރނޭޝަނަލް އޮގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސްއިން ޝާއިޢުކޮށްފައިވާ، އިންޓަރނޭޝަނަލް ސްޓޭންޑަރޑްސް އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ISSAI-100 'ފަންޑަމެންޓަލް ޕްރިންސިޕްލްސް އޮފް ޕަބްލިކް ސެކްޓަރ އޮޑިޓިންގ' އަދި ISSAI-4000 'ކޮމްޕްލަޔަންސް އޮޑިޓް ސްޓެންޑަރޑް'ގެ ޑައިރެކްޓް ރިޕޯޓިންގ އެންގޭޖްމަންޓްސް ކުރިއަށް ގެންދިއުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އަސާސްތަކާ އަދި ޚާއްޞަ އޮޑިޓްކުރުމަށް އޮޑިޓް އޮފީހުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވެއެވެ.
- ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ނަންބަރު 2017/SC-A/40) ޤަޟިއްޔާގައި، ރަސްމީ ޑޮކިއުމަންޓެއް ސާބިތުކުރުމަށް އެ އިދާރާއަކުން ދޫކުރާ ސަރޓިފައިޑް ކޮޕީއެއް އެ ޑޮކިއުމަންޓް ސާބިތުކުރުމަށް ފުދޭކަމަށް ބަޔާންކޮށްފައިވެއެވެ. ޕެރެގްރާފު 19
- ފުޓް ނޯޓު 47
- ނަންބަރު 23-FD/MISC/2007/463 އަދި 23-CSD-23/MISC/2007/01 ސިޓީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 އަދި 18 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30 (2020/SC-A/100)
- ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2021] SC 16
- ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 (2019/SC-A/57)
- އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް [2021] SC 111 (2020/SC-A/112)
- ޑރ. މުހައްމަދު ޒާހިރު ޙުސައިން ވ. އިބްރާހީމް ރަޝީދު މޫސާ އަދި ޢަބްދުﷲ ފާރޫޤު ޙަސަން [2024] SC 09 (2022/SC-A/58)
- ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ވ. ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް [2024] SC 42 (2022/SC-A/53)
- ޑެފްނޭ ޕްރައިވެޓް ލިމިޓެޑް ވ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް [2022] SC 63 (2021/SC-A/23)
- މިނިސްޓްރީ އޮފް ޓޫރިޒަމް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް [2021] SC 52 (2019/SC-A/85)
- އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (2013/SC-A/20)
- މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އާއި އިތުރު 4 ފަރާތެއް [2021] SC 102 (2021/SC-A/01)
- ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (2017/SC-A/40)
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޝަރީޢަތުގެ އަޑުއެހުން 5
- ▶ ޝަރީޢަތުގެ އަޑުއެހުން 6
- ▶ ޝަރީޢަތުގެ އަޑުއެހުން 7
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.