މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2021/SC-A/01
ޝަރީޢަތް ނިމުނުގޮތް
މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އާއި އިތުރު ހަތަރު ފަރާތެއް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
18 ނޮވެމްބަރ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2019/HC-A/25
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
އިބްރާހީމް މުޢިއްޒު
ބަދަލުގައި:
އިސްމާޢީލް މަޒްހަމް
އަޙްމަދު މުޢާޒް
ބަދަލުގައި:
އިސްމާޢީލް މަޒްހަމް
އިސްމާޢީލް މަޒްހަމް، ހ. މިސްޓީނައިޓް މާލެ
މަޢޫނާ މުޙައްމަދު،
ބަދަލުގައި:
ލަޠީފާ އަޙްމަދު
މުޢީނާ މުޙައްމަދު،
ބަދަލުގައި:
ލަޠީފާ އަޙްމަދު
މަޢާނާ މުޙައްމަދު،
ބަދަލުގައި:
މުޙައްމަދު ރިޔާޟު
ޤާނޫނީ ވަކީލު:
އަޙްމަދު ޔާމީން
ޢިމާރާތް ކުއްޔަށްދީގެން ލިބުނު ފައިސާ ހޯދުން، ނުޙައްޤު މަންފާ unjust enrichment، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
ފިހުރިސްތު
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރަޢުޔު1
ތަޢާރުފު1
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް2ހައިކޯޓުން މައްސަލަ ނިންމިގޮތް4ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް6އެކައުންޓުގައި ހުރި ފައިސާ ނަގައިނުދިނުން7ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއަށް ފުރިހަމަ ގޮތުގައި ޢަމަލުކޮށްފައިނުވާކަމަށް ބުނާ ބުނުން21ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔު18
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރަޢުޔު18
ޙުކުމް19`
މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އާއި އިތުރު ހަތަރު ފަރާތެއް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ މަޢާނާ މުޙައްމަދު އާއި އިބްރާހީމް މުޢިއްޒު އާއި އިސްމާޢީލް މަޒްހަމް އާއި، އަޙްމަދު މުޢާޒް އާއި މަޢޫނާ މުޙައްމަދު އާއި މުޢީނާ މުޙައްމަދު ގެ ނަމުގައި އެއްމެދު ތަނެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ "މަޖީދީމަގު 72 ނަންބަރު ފިހާރަ" އެވެ ކިޔާ ބިމާއި ޢިމާރާތް މަޢާނާ މުޙައްމަދުއަށް ނޭނގި ކުއްޔަށްދީގެން މަންފާ ހޯދަމުންދާކަމަށް ބުނެ މިފަރާތްތަކުގެ މެދުގައި އުފެދިފައިވާ ޚުޞޫމާތަކާ ގުޅޭ މައްސަލައެކެވެ.
"މަޖީދީމަގު 72 ނަންބަރު ފިހާރަ" އެވެ ކިޔާ ބިމާއި ޢިމާރާތް ކުއްޔަށް ދީގެން މަންފާ ހޯދަމުންދާކަމަށް ބުނެ މަޢާނާ މުޙައްމަދުގެ ފަރާތުން މައްސަލަ ހުށަހެޅީ ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018 ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ ވޭތުވެދިޔަ ތަނުގައި ޢިމާރާތުން ލިބުނު މަންފާއިން މަޢާނާ މުޙައްމަދުއަށް ޖެހޭ މިންވަރު ދެއްކުމަށް އަންގާނެ ތަނެއް ނެތްކަމަށާއި، މަޢާނާ މުޙައްމަދުގެ ރުހުން ނެތްނަމަވެސް، ދެން ތިބި ބެހެނިވެރިން އެއްބަސްވާ ޙާލަތުގައި، ބެހެނިވެރިންގެ މަޞްލަޙަތުގައި ތަނުން މަންފާ ހޯދުމަށް ހުރަސް އެޅިގެން ނުވާކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018 ގަޒިއްޔާ މަޢާނާ މުޙައްމަދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/25 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
މިއީ ހައިކޯޓުގެ ނަންބަރު 2019/HC-A/25 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މަޢާނާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ އިބްރާހީމް މުޢިއްޒު އާއި އިސްމާޢީލް މަޒްހަމް އާއި އަޙްމަދު މުޢާޒް އާއި މަޢޫނާ މުޙައްމަދު އާއި އަދި މުޢީނާ މުޙައްމަދު (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް") އެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018ގަޒިއްޔާގައި، "މަޖީދީމަގު 72 ނަންބަރު ފިހާރަ" އެވެ ކިޔާ ބިމާއި ޢިމާރާތް ކުއްޔަށްދީގެން ވޭތުވެދިޔަ މުއްދަތުގައި ލިބުނު މަންފާއަކީ ކޮބައިތޯ ބަލައި، އެއިން މަޢާނާ މުޙައްމަދުއަށް ނިސްބަތުން ޖެހޭ މިންވަރު ދެއްކުމަށް އަންގާނެ ތަނެއް ނެތްކަމަށާއި، މިތަނާއި ގުޅިގެން އެއްބަސްވުމެއްވާނަމަ، މަޢާނާ މުޙައްމަދުގެ ރުހުން އޮތްތޯ ބަލަންޖެހޭ ކަމަށާއި، ނަމަވެސް، ރުހުން ނެތްކަމަށް އަންގާ އެންގުމެއްގެ ސަބަބުން ދެން ތިބި ބެހެނިވެރިންގެ މަޞްލަޙަތުގައި ތަނުން މަންފާ ހޯދުމަށް ހުރަސް އެޅިގެން ނުވާކަމަށް ޙުކުމްކުރިއެވެ. ސިވިލް ކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) "މަޖީދީމަގު 72 ނަންބަރު ފިހާރަ" އެވެ ކިޔާ ބިމާއި ޢިމާރާތް 02 މާރޗް 1991 ގައި މަޢާނާ މުޙައްމަދު އާއި އިބްރާހީމް މުޢިއްޒުއާއި، އިސްމާޢީލް މަޒްހަމްއާއި، އަޙްމަދު މުޢާޒްއާއި، މަޢޫނާ މުޙައްމަދުއާއި މުޢީނާ މުޙައްމަދުގެ މައްޗަށް ރަޖިސްޓްރީ ކުރެވިފައިވާއިރު، ފާއިތުވެދިޔަ 26 (ސައްބީސް) އަހަރު ދުވަހުގެ ތެރޭގައި މިބިމާއި ޢިމާރާތް ކުއްޔަށްދީގެން މަންފާ ހޯދައި، ބެހެނިވެރިންގެ މެދުގައި ބޭނުންކުރަމުން އައިސްފައިވާ އުޞޫލާމެދު ޚިލާފުވުމެއް އޮތްކަން އެނގެން ނެތްކަން؛
(ށ) މި މައްސަލައާ ގުޅިގެން ހުށަހެޅުނު ލިޔުންތަކުން މިހާތަނަށް ޢިމާރާތާއި ގުޅިގެން ކޮށްފައިވާ މުޢާމަލާތްތަކަކީ މަޢާނާ މުޙައްމަދުގެ އެނގުމާއި ފެނުމުގެ ބޭރުން ބާކީ ތިބި ބެހެނިވެރިން ކޮށްފައިވާ މުޢާމަލާތްތަކެއްކަމަށް ދޭހަވާގޮތަށް ދައްކާފައިވާ ވާހަކަތަކަކީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަމާއި، ޢިމާރާތާއި ގުޅިގެން ހިނގާފައިވާ މުޢާމަލާތްތަކުގައި މަޢާނާ މުޙައްމަދުގެ ބައިވެރިވުން އޮތްކަން ސާފުކޮށް އެނގޭކަމާއި، 02 މެއި 2018 ގެ ނިޔަލަށް އެކި ތާރީޚުތަކުގައި މަޢާނާ މުޙައްމަދުގެ އެކައުންޓަށް ދެން ތިބި ބެހެނިވެރިންގެ ފަރާތުން ފައިސާ ޖަމާކުރަމުން ގޮސްފައިވާކަމާއި، އަދި މި ފައިސާއާ މެދު ހިތްހަމަނުޖެހިގެން މަޢާނާ މުޙައްމަދުގެ ފަރާތުން އެ ފައިސާ އަނބުރާ ރައްދުކޮށްފައިވާކަން އެނގެން ނެތްކަން؛
(ނ) "މަޖީދީމަގު 72 ނަންބަރު ފިހާރަ" އާ ގުޅިގެން ބިމުގެ ބެހެނިވެރިން ޢަމަލުކުރަމުން އައިސްފައިވާގޮތުން، ޢާއިލީ ގުޅުމުގެ ތެރޭގައި ދެބަސްވުމެއް ނެތްގޮތަށް ޢަމަލުކުރެވެމުންދިޔަ އުޞޫލެއް އޮތްކަމަށް ޤަބޫލުކުރެވޭތީ، ވޭތުވެދިޔަ މުއްދަތުގައި އެތަނަށް ލިބުނު ފައިސާ ޝަރީޢަތުން ބަލައި، އެ ފައިސާ ބެހެނިވެރިންގެ މެދުގައި ބަހައި، މަޢާނާ މުޙައްމަދުއަށް ފައިސާ ދެއްކުމަށް އަންގަންޖެހޭ ސަބަބެއް ނެތްކަން؛
(ރ) ބެހެނިވެރިންގެ މެދުގައި މިހާރު އުފެދިފައި އޮތް ޚުސޫމާތް ހައްލުކުރުމުގެ ގޮތުން، މަޢާނާ މުޙައްމަދުއަށް "މަޖީދީމަގު 72 ނަންބަރު ފިހާރަ" ކުއްޔަށްދީގެން މިހާރު ލިބެމުންދާ ފައިސާއިން ޢިމާރާތުގެ މެއިންޓެނަންސަށް ހިނގާ ޚަރަދު ކެނޑުމަށްފަހު ލިބޭ ޖުމްލަ ފައިސާގެ 1/6 (ހަބައިކުޅަ އެއްބައި) އަށް ޖެހޭ މިންވަރު، މި ބިމުގައިވާ ޢިމާރާތުގެ ފްލޯރ ޢައްޔަން ކުރަންދެން، ލިޔެކިޔުމުން ފެންނަން އޮންނާނެހެން މަޢާނާ މުޙައްމަދުގެ އެކައުންޓަށް، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކޮންމެ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ޖަމާކުރަމުން ގެންދިއުމަށް ބާކީ ތިބި ބެހެނިވެރިންނަށް އަންގަންޖެހޭކަން؛
(ބ) 18 އޮކްޓޯބަރު 2018 އިން ފެށިގެން "މަޖީދީމަގު 72 ނަންބަރު ފިހާރަ" އާ ގުޅިގެން އެއްބަސްވުމެއްވާނަމަ، މަޢާނާ މުޙައްމަދުގެ ރުހުން އޮތްތޯ ބަލަންޖެހޭ ކަމާއި، ނަމަވެސް، ބާކީ ތިބި އެންމެހައި ބެހެނިވެރިން އެއްބަސްވާ ޙާލަތުގައި ތަނުން މަންފާލިބުން ހުއްޓޭފަދަ ގޮތަކަށް މަޢާނާ މުޙައްމަދުގެ ފަރާތުން ރުހުމެއް ނެތްކަމުގައި އެންގުމެއް އަންގައިފިނަމަ، އެފަދަ އެންގުމެއްގެ ސަބަބުން ދެންތިބި ބެހެނިވެރިންގެ މަޞްލަޙަތުގައި ތަނުން މަންފާ ހޯދުމަށް ހުރަސްއެޅިގެންނުވާކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018ގަޒިއްޔާ މަޢާނާ މުޙައްމަދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2019/HC-A/25 ގަޒިއްޔާއިންނެވެ. އަދި ހައިކޯޓުގެ ގަޒިއްޔާގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދު ކުރިއެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) "މަޖީދީމަގު 72 ނަންބަރު ފިހާރަ" ކުއްޔަށްދީގެން ލިބުނު އާމްދަނީން ބޭނުންކުރަމުން އައި ގޮތާމެދު 18 ޑިސެމްބަރު 2018 އާ ހަމައަށް އެންމެހައި ފަރާތްތަކުގެ ރުހުން އޮތްކަން އެނގޭކަން.
(ށ) މަޢާނާ މުޙައްމަދުގެ ފަރާތުން ހެކިން ހާޒިރުކޮށްދިނުމަށް އެދިފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި ޚުލާޞާ ބަޔާނުގައި ކަމާއި، އޭގެ ކުރިން ހެކިން ހާޒިރުކޮށްދިނުމަށް އެދިފައިނުވާއިރު، ހެކިން ހާޒިރުކޮށްފައިނުވަނީ ހެކިން ހާޒިރުކުރުމަށް އޮންނަ އުޞޫލާ ޚިލާފަށްކަމަށް ބެލެވެން ނެތްކަން.
(ނ) މަޢާނާ މުޙައްމަދު ފިޔަވައި އެހެން ބެހެނިވެރިންގެ ޙައްޤު ގެއްލިގެންދާކަމަށް މަޢާނާ މުޙައްމަދުގެ ފަރާތުން ބުނެފައިވީނަމަވެސް، މަޢާނާ މުޙައްމަދު ފިޔަވައި އެހެން ފަރާތަކުން، އެފަރާތުގެ ޙައްޤެއް އުނިވާކަމަށް ބުނެފައިނުވާކަމާއި، "މަޖީދީމަގު 72 ނަންބަރު ފިހާރަ" އެވެ ކިޔާ ޢިމާރާތުގެ އެއް ފްލޯ ބެހެނިވެރިންގެ ތެރެއިން އެކަކު ބޭނުންކުރަމުންދާއިރު، ދެންހުރި ފްލޯތައް ކުއްޔަށްދީގެން ލިބޭ މަންފާއެއް ފްލޯ ބޭނުންކުރާ ފަރާތަށް ހިއްސާކުރަންޖެހޭގޮތަށް ނިންމާފައިވަނީ މަޢާނާ މުޙައްމަދުއާއި ދެންތިބި ބެހެނިވެރިންގެ ޙައްޤު އުނިވާގޮތަށްކަމަށް ބުނެ މި ނުކުތާގައި މަޢާނާ މުޙައްމަދު އެދިފައިވާ ކަމަކީ ދަށުކޯޓަށް ހުށަހެޅުނު ދަޢުވާގެ ސީޣާއާއި ދަޢުވާކުރާ ފަރާތުން އެދޭ ގޮތުގައިވެސް ފާހަގަކޮށްފައިވާ ކަމެއް ކަމުގައި ނުވާއިރު، އަދި ޚުލާޞާ ބަޔާނުގެ ކުރިން އެދިފައިވާ ކަމެއްނޫންކަން އެނގެން އޮންނާތީ، ހުށަހެޅުނު ދަޢުވާގައި އެދިފައިނުވާކަމެއް، ޚުލާޞާ ބަޔާނުގައި ފާހަގަކުރާ ޙާލަތުގައި، އެކަމުގެ މައްޗަށް ގޮތެއް ނިންމާފައިނުވުމަކީ މައްސަލައިގެ ޙުކުމް ބާޠިލުކުރެވިދާނެ އަދި ޙުކުމަށް ބަދަލުގެނެވިދާނެ ރަނގަޅު ސަބަބެއްކަމުގައި ނުދެކޭކަން.
އެހެންކަމުން، މި ސަބަބުތަކުގެ މައްޗަށް ބުރަވެ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކުރީ ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއްނެތްކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
މަޢާނާ މުޙައްމަދުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2019/HC-A/25 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. މި މައްސަލަ އިސްތިއުނާފުކުރަމުން މަޢާނާ މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު 2 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ؛
"މަޖީދީމަގު 72 ނަންބަރު ފިހާރަ" ކުއްޔަށްދީގެން ލިބޭ ފައިސާ ރައްކާކުރުމުގެ ގޮތުން އެފައިސާ ޖަމާކުރަމުން ދިޔަ އެކައުންޓުގައި އެހައިތަނަށް ހުރި ފައިސާގެ 6/1 (ހަބައިކުޅަ އެއްބައި) މަޢާނާ މުޙައްމަދުއަށް ނަގައިނުދީ ދަށުކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ ޙައްޤުގެ މައްޗަށް ތަރައްތުބުވާ ޙައްޤުތަކުގެ ތެރެއިން ޙައްޤެއް ނިގުޅައިގަނެވޭގޮތަށް، އަދި އިސްތިއިނާފު ރައްދުވާ ފަރާތްތަކަށް "ނުޙައްޤު މަންފާ"އެއް (الاثراء بلا سبب (unjust enrichment / ލިބިދެވޭގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
ދަށު ކޯޓުގައި މިހާރު މައްސަލަ ހިންގާ އިޖުރާއާތު ހައިކޯޓަށް ނޭނގުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއަށް ފުރިހަމަ ގޮތުގައި ހައިކޯޓަށް ޢަމަލުކުރެވިފައިނުވުމުގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤެއް ގެއްލޭގޮތަށް ނިންމާފައިވާ ބޭއިންސާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އެކައުންޓުގައި ހުރި ފައިސާ ނަގައިނުދިނުން
"މަޖީދީމަގު 72 ނަންބަރު ފިހާރަ" ކުއްޔަށްދީގެން ލިބޭ ފައިސާ ރައްކާކުރުމުގެ ގޮތުން އެފައިސާ ޖަމާކުރަމުން ދިޔަ އެކައުންޓުގައި އެހައިތަނަށް ހުރި ފައިސާގެ 6/1 (ހަބައިކުޅަ އެއްބައި) މަޢާނާ މުޙައްމަދުއަށް ނަގައިނުދީ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ޙުކުމްކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް "ނުޙައްޤު މަންފާ" އެއް (unjust enrichment) ލިބިދެވޭގޮތަށް ކަމަށް މަޢާނާ މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލަ ބެލި ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018 ގަޒިއްޔާގައި "މަޖީދީމަގު 72 ނަންބަރު ފިހާރަ" ކުއްޔަށް ދީގެން ލިބުނު ފައިސާ ޚަރަދުކޮށްފައިވާގޮތް ބަލަން ނުޖެހޭކަމަށް އެ ކޯޓުން ޤަބޫލުކުރިނަމަވެސް، އެހައިތަނަށް ލިބިފައިވާ ފައިސާ ހަމަހަމައަށް ބަހައިދިނުމަށް މަޢާނާ މުޙައްމަދުގެ ފަރާތުން އެދިފައިއޮތް އޮތުމަށް ރިޢާޔަތް ނުކުރާކަމަށާއި، އަދި އެ ގަޒިއްޔާއަށް ހައިކޯޓުގެ ނަންބަރު 2019/HC-A/25 ގަޒިއްޔާއިން ތާއީދުކޮށްފައިވާކަން މަޢާނާ މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
މިނުކުތާގެ ރައްދުގައި ސުޕްރީމް ކޯޓުގައި މި މައްސަލަ ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ އެކައުންޓުގައި ހުރި ފައިސާ އެއްވަރަށް ބަހައި އޭގެން މަޢާނާ މުޙައްމަދުއަށް ޖެހޭބައި ވަކިކޮށް ކަނޑައެޅުމަކީ އިންސާފުވެރިގޮތްކަމަށް ނުދެކޭކަމަށެވެ. ސަބަބަކީ އެ އެކައުންޓުގައި ކުދިންގެ މަންމަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ހ.ލައިލަކްހައުސް-4" ކުއްޔަށްދީގެން ލިބޭ ފައިސާވެސް ހިމެނޭކަމަށާއި، "މަޖީދީމަގު 72 ނަންބަރު ފިހާރަ" ހިމެނޭ ބިމުގައި ކޮށްފައިވާ ޢިމާރާތުން ލިބޭ ކުލީގެ ފައިސާ އާއި މަންމަގެ ގެ ކުއްޔަށް ދީގެން ލިބޭ ފައިސާ އެ އެކައުންޓަށް ޖަމާކުރަމުން ދިއުމުގެ ބޭނުމަކީ މަޢާނާ މުޙައްމަދުއާއި މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ހ. މިސްޓީނައިޓް އެވެ ކިޔާ ގޯތީގައި ޢިމާރާތެއް ކުރުމަށް ބޭނުންވާ ފައިސާ އެއްކުރުމަށް ކަމަށެވެ. މިގޮތުން އެ އެކައުންޓަށް ފައިސާ ޖަމާކުރަމުންދަނީ މިބޭނުމަށް ކަމަށްވިޔަސް، ޢާއިލާގެ ކޮންމެ ކުއްޖަކަށް ދިމާވާ ކަމަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދަނީ ބުނެވުނު އެކައުންޓުގައި ޖަމާކޮށްފައިވާ ފައިސާއިން ކަމަށެވެ.
މީގެ އިތުރުން، ޢާއިލާގެ ވަކިކުއްޖަކަށް ދީފައިވާ ފައިސާއަކީ ކިހާ ވަރެއްކަން ބަޔާން ނުކުރެވުނަސް، މަޢާނާ މުޙައްމަދުއަށް ދެވުނު ފައިސާ ނިސްބަތުން ބަލާނަމަ އެހެން ކުދިންނާ އަޅާ ބަލާއިރު މަދުނުވާނެކަމަށާއި، އެގޮތުން، މަޢާނާ މުޙައްމަދު ސްރީލަންކާގައި ކިޔަވަން ހުރިއިރުގެ ޚަރަދުތައް ހަމަޖައްސައިދީފައިވަނީ އެކައުންޓުގައި ހުރި ފައިސާއިން ކަމަށާއި، އެ ޚަރަދު އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ގޮތުގައި ތިބި ބައެއް ކުދިންނަށް ކޮށްފައިނުވާކަމަށެވެ. އަދި މަޢާނާ މުޙައްމަދުއެކޭ އެއްފަދައިން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ގޮތުގައި ތިބި ބައެއް ފަރާތްތަކަށްވެސް މި އެކައުންޓުން ފައިސާ ދީފައިވާކަމަށާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރޭގައި، މި އެކައުންޓުން އެއްވެސް މިންވަރެއްގެ ފައިސާ ނުލިބޭ ފަރާތްތައް ތިބި ކަމަށްވެސް ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018ގަޒިއްޔާގައި މަޢާނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި ދަޢުވާގައި އެދިފައިވާ އެއް ކަމަކީ "މަޖީދީމަގު 72 ނަންބަރު ފިހާރަ" ކުއްޔަށް ދޫކޮށްގެން އެހައިތަނަށް ލިބިފައިވާ ފައިސާއިން މަޢާނާ މުޙައްމަދުއަށް ލިބެންޖެހޭ މިންވަރު ޝަރީޢަތް މެދުވެރިކޮށް އެއްފަހަރާ ނަގައިދިނުމަށެވެ.
ސިވިލް ކޯޓުން މިނުކުތާއާ ގުޅިގެން ކަނޑައަޅާފައިވަނީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ކުރިއަށް ހިނގި 26 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި "މަޖީދީމަގު 72 ނަންބަރު ފިހާރަ" އާ ގުޅިގެން އެ ޢިމާރާތުގެ ހުރިހާ ބެހެނިވެރިން ޢަމަލުކުރަމުން އައިސްފައިވާ ގޮތުން، މިތަނާ ގުޅިގެން ޢާއިލީ ގުޅުމުގެ ތެރޭގައި ދެބަސްވުމެއް ނެތް ގޮތެއްގައި ޢަމަލުކުރެވެމުންދިޔަ އުޞޫލެއް އޮތްކަމަށް ބެލެވޭކަމަށާއި، އެހެންކަމުން، އެ މުއްދަތުގައި "މަޖީދީމަގު 72 ނަންބަރު ފިހާރަ" އާ ގުޅިގެން އެތަނަށް ލިބުނު އެންމެހައި ފައިސާއަކީ ކޮބައިކަން ޝަރީޢަތުން ބަލައި، އެ ފައިސާ ބެހެނިވެރިންގެ މެދުގައި ބަހައި، އެގޯތީގެ ދެންތިބި ބެހެނިވެރިން މަޢާނާ މުޙައްމަދުއަށް ފައިސާ ދައްކަންޖެހޭކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށެވެ. އަދި ހައިކޯޓުގެ ޙުކުމުގައި މައްސަލަ ބެލި ތިން ފަނޑިޔާރުންވެސް ސިވިލް ކޯޓުގެ މި ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
"މަޖީދީމަގު 72 ނަންބަރު ފިހާރަ" އާ ގުޅިގެން އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާއާ މެދު ޝަރީޢަތުން ގޮތެއް ކަނޑަނާޅާކަމަށް މަޢާނާ މުޙައްމަދުގެ ފަރާތުން ބުނެފައިވެއެވެ. ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން، ފްލޯރ އައްޔަންކޮށްފުމަށްދާންދެން، ޢިމާރާތުން ލިބޭ ކުލިން ޢިމާރާތުގެ މެއިންޓެނަންސްއަށް ހިނގާ ޚަރަދު ކެނޑުމަށްފަހު ލިބޭ ޖުމްލަ ފައިސާގެ 6/1 (ހަބައިކުޅަ އެއްބައި) އަށްޖެހޭ ފައިސާގެ މިންވަރު ކޮންމެ މަހަކު މަޢާނާ މުޙައްމަދުއަށް ނަގައިދިނުމަށެވެ. އަދި 18 އޮކްޓޯބަރު 2018 އިން ފެށިގެން "މަޖީދީމަގު 72 ނަންބަރު ފިހާރަ" އާ ގުޅޭ އެއްބަސްވުމެއްވާނަމަ، އެ އެއްބަސްވުމަކާ ގުޅޭ އެންމެހައި މަޢުލޫމާތު މަޢާނާ މުޙައްމަދުއަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޙިއްސާކުރަންޖެހޭނެކަމަށް އެ ޙުކުމުގައި ބަޔާންވެގެންވެއެވެ. އަދި ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މަޢާނާ މުހައްމަދުގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ކުރިއަށް ހިނގި 26 އަހަރުގެ ފައިސާ ނަގައިދޭންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.
ވުމާއެކު، "މަޖީދީމަގު 72 ނަންބަރު ފިހާރަ" އާ ގުޅިގެން އެ ބިމުގެ ބެހެނިވެރިންނަށް ލިބެމުން ދިޔަ ފައިސާ ޖަމާކުރި އެކައުންޓަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018 ގަޒިއްޔާގެ ޙުކުމުގައިވާގޮތުން، މަޢާނާ މުޙައްމަދުއަށް ލިބޭނީ އެ އަކައުންޓުގައިވާ ފައިސާގެ ތެރެއިން "މަޖީދީމަގު 72 ނަންބަރު ފިހާރަ" ކުއްޔަށް ދީގެން 2018 ނޮވެންބަރުން ފެށިގެން ލިބުނު އާމްދަނީން ޚަރަދަށް ކެނޑުމަށްފަހު 6/1 (ހަބައިކުޅަ އެއްބައި) އަށްޖެހޭ ފައިސާގެ މިންވަރެވެ. ސަބަބަކީ އޭގެ ކުރީ ތާރީޚުތަކުގައި ހިނގާފައިވާ މުޢާމަލާތްތަކަކީ މަޢާނާ މުޙައްމަދުގެ އެނގުމާއި، ރުހުމާއި ފެނުމުގެ ތެރެއިން ހިނގާފައިހުރި ކަންކަން ކަމަށްވެފައި، މަޢާނާ މުޙައްމަދަށްވެސް އެ ފައިސާއިން އެކި ގޮތްގޮތަށް މަންފާ ލިބިފައިވާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނާއިރު، މިކަމާމެދު މަޢާނާ މުޙައްމަދުވެސް އިންކާރުނުކުރާކަމެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ޢިމާރާތުގެ ކުލިން ލިބުނު ފައިސާ ޚަރަދުކޮށްފައިވާނީ އެކި ކުދިންނަށް އެކި މިންވަރަށްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނާއިރު، މަޢާނާ މުޙައްމަދަށް ޚަރަދުކޮށްފައިވާ ގޮތަށް އެ ޢިމާރާތުގެ ދެންތިބި ބައެއް ވެރިފަރާތްތަކަށް ޚަރަދުކޮށްފައިނުވާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވެއެވެ.
އެހެންކަމުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ނުޙައްޤު މަންފާއެއް ލިބޭގޮތް މަޢާނާ މުޙައްމަދަށް ބަޔާންކޮށްދެވިފައިނުވެއެވެ. ޝަރީޢަތުންކުރާ ޙުކުމަކާ މެދު މައްސަލައިގެ ދެ ޚަޞްމުންކުރެ އެއް ޚަޞްމަކު ހިތްހަމަނުޖެހުން އެކަށީގެންވެއެވެ. ހައިކޯޓުން ނިންމާފައިވާ މައްސަލައެއް ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަން ހުށަހަޅާއިރު، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތް ބުނެދިނުމަކީ އިސްތިއުނާފުކުރާ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. ހުށަހެޅިފައިވާ މައްސަލައިގައި، "މަޖީދީމަގު 72 ނަންބަރު ފިހާރަ" ކުއްޔަށް ދިނުމާ ގުޅޭ ކަންކަން މިއީ މަޢާނާ މުޙައްމަދުވެސް ހިމެނޭ ގޮތުން، އެ ޢިމާރާތުގެ ހުރިހާ ވެރިފަރާތްތަކަކުން އެފަރާތްތަކަށް ފެނުނު ގޮތަކަށް ކުރަމުން ދިޔަ މުޢާމަލާތެއްކަމަށް ޝަރީޢަތުން ކަނޑައަޅައި، މައްސަލައިގެ ހުރިހާ ފަރާތްތަކަކުންވެސް ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް، މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ 26 އަހަރު ކުރިން އެ ޢިމާރާތުން ލިބުނު މަންފާ ހިސާބުކޮށް، ޚަރަދު ކަނޑައި، ޢިމާރާތުގެ ވެރިފަރާތްތަކުގެ ތެރެއިން ކޮންމެ ކުއްޖަކަށް 26 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އެ މީހުން ތައުލީމު ހާސިލުކުރުން ފަދަ ކަންކަމަށް ޚަރަދުކުރެވުނުވަރު ހިސާބުކޮށް، އެ ޢަދަދުތައް ކަނޑައި، އުނިކޮށް، ބާކީ ކޮންމެ ކުއްޖަކަށް ޖެހޭ މިންވަރު ހިސާބުކޮށް، އެތައް އަހަރެއް ފަހުން އެ ފައިސާ ހޯދުމަށް ދަޢުވާ ނުކުރެވޭނެކަމަށް ކަނޑައެޅުމުން، އެ ނިންމުމަކީ ހަމައެކަނި އިންސާފުވެރި ނިންމުމެއް ނޫންކަމަށް ބުނުމުން ނުފުދެއެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފީ ދަޢުވާއެއް ސާބިތުކުރުމަށްޓަކައި ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުންތައް ޤާނޫނާ ޚިލާފުވާގޮތް ބުނެދެވެންޖެހެއެވެ. މި މައްސަލައިގައި، ދަށު ކޯޓުންވެސް އަދި ހައިކޯޓުންވެސް މި މައްސަލައާ ގުޅިގެން އެންމެހައި ފަރާތްތަކުން ދައްކާފައިހުރި ވާހަކަތަކާއި ހުށަހަޅާފައި ހުރި ހެއްކަށް ރިޢާޔަތްކޮށް، 2018 ނޮވެންބަރުގެ ކުރިން "މަޖީދީމަގު 72 ނަންބަރު ފިހާރަ" އާ ގުޅިގެން އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ 6/1 (ހަ ބައިކުޅަ އެއް ބައި) މަޢާނާ މުޙައްމަދުއަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައި އޮތްއޮތުން، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން ލިބިދެވޭ ޙައްޤެއް ގެއްލިގެންދާގޮތް އަދި "ބޭއިންސާފު މަންފާ" އަކަށްވާ ގޮތާ ގުޅޭ ޤާނޫނީ ހުއްޖަތްތަކެއް މަޢާނާ މުޙައްމަދުއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެދެވިފައިނުވެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއަށް ފުރިހަމަ ގޮތުގައި ޢަމަލުކޮށްފައިނުވާކަމަށް ބުނާ ބުނުން
ދަށު ކޯޓުގައި މިހާރު މައްސަލަ ހިންގާ އިޖުރާއާތު ހައިކޯޓަށް ނޭނގުމުގެ ސަބަބުން، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއަށް ފުރިހަމަ ގޮތުގައި ހައިކޯޓަށް ޢަމަލުކުރެވިފައިނުވުމުގެ ސަބަބުން، ހައިކޯޓުގެ ނިންމުމަކީ މަޢާނާ މުޙައްމަދުގެ ޙައްޤު ގެއްލޭގޮތަށް ނިންމާފައިވާ ބޭއިންސާފު ނިންމުމެއްކަމަށް މަޢާނާ މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ނުކުތާގެ ތަފްޞީލުގައި މަޢާނާ މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގައި ހެކި ހާމަކުރަނީ ދެފަރާތުން ހުށަހަޅާ ކަންކަމަށް އެއްފަރާތުން އަނެއް ފަރާތަށް ބަޔާނުން ޖަވާބުދީ ނިމުމަށްފަހުގައި ކަމަށާއި، މި އުޞޫލު މިގޮތަށް އޮންނަކަން ހައިކޯޓަށް އެނގިފައި ނެތުމަކީ ޚަޞްމުންގެ ޙައްޤުތައް ނިގުޅިގެން ދިއުމަށް މެދުވެރިވެދާނެ ސަބަބެއްކަމަށާއި، ދަށު ކޯޓަށް ހުށަހަޅާ ހެކިންގެ ލިސްޓެއް އޮންނަކަން ހައިކޯޓަށް އެނގިފައިނުވާކަމަށެވެ.
ހެކިން ހާޒިރުކޮށްދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަކީ މަޢާނާ މުޙައްމަދުގެ ފަރާތުން ހައިކޯޓުގައިވެސް ހުށަހެޅި ނުކުތާއެކެވެ. މި ނުކުތާއާ ގުޅޭގޮތުން ހައިކޯޓުގެ ނަންބަރު 2019/HC-A/25 ގަޒިއްޔާގައި ފާހަގަކޮށްފައިވަނީ، ދަޢުވާ ހުށަހެޅިއިރު ހެކިން ހުށަހަޅާފައިނުވާކަމަށާއި، ވަކި ފަރާތްތަކަކުން ކަންތައްތަކެއް ސާފުކުރުމަށް އެފަރާތްތައް ހާޒިރުކޮށްދިނުމަށް މަޢާނާ މުޙައްމަދުގެ ފަރާތުން އެދިފައިވަނީ ޚުލާޞާ ބަޔާނުގައި ކަމަށާއި، އެހެންކަމުން، ހެކިން ހާޒިރުނުކޮށްވަނީ، ހެކިން ހާޒިރުކުރުމަށް އޮންނަ އުޞޫލާ ޚިލާފަށްކަމަށް ނުބެލެވޭކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ (2020) ގަޒިއްޔާގައި ހެކިން ހާޒިރުކުރުމަކީ މުޠުލަޤުކޮށް އޮތް ޙައްޤެއް ނޫންކަން މިހައިތަނަށް ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުން އެނގެން އޮންނަކަމަށް ބަޔާންކޮށްފައިވާއިރު، ކޯޓުތަކުގެ ކޭސް މެނޭޖްމަންޓުގެ ތެރޭގައި ހެއްކަށް ރިޢާޔަތް ނުކުރަން ނުވަތަ ހެކިން ހާޒިރުނުކުރަން ނިންމިދާނެކަން އެ ގަޒިއްޔާއިން އެނގެއެވެ. އެފަދަ ހާލަތެއްގައި، ހެކިން ހާޒިރުނުކުރުމަށް ނިންމީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާވުމުގެ އިތުރުން، އެ ސަބަބު މައްސަލައިގެ ޚަޞްމުންނަށް ސާފުކޮށްދިނުމުގެ ގޮތުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކުރަންވާނެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018ގަޒިއްޔާގެ ރިޕޯޓަށް ބަލާއިރު، މަޢާނާ މުޙައްމަދުގެ ފަރާތުން ހާޒިރުކޮށްދިނުމަށް އެދުނު ހެކިން ހާޒިރުކޮށްދީފައިވާކަން އެނގެން ނެތުމުގެ އިތުރުން، އެ ހެކިން ހާޒިރުނުކުރަން ނިންމި ސަބަބެއްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިނުވެއެވެ.
މަޢާނާ މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓުގައި ޚުލާޞާ ބަޔާން ހުށަހެޅީ 7 އޮކްޓޯބަރު 2018 ގައެވެ. އެ ތާރީޚުގެ ކުރިން، 11 ޖޫން 2018 ގައި މަޢާނާ މުޙައްމަދުގެ ފަރާތުން "ހެކިންގެ ލިސްޓް" އެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ. އެ ލިސްޓުގައި ހާޒިރުކޮށްދިނުމަށް 7 (ހަތެއް) ހެއްކެއްގެ ނަން ހުށަހަޅާފައިވެއެވެ. މި ހެކިންގެ ތެރެއިން އެކަކީ މަޢާނާ މުޙައްމަދު ހ. މިސްޓީނައިޓަށް ނުވައްދައިގެން ކުއްޔަށް އުޅެން ޖެހުނުކަން ސާބިތުކުރުމަށް ހުށަހެޅި ހެއްކެކެވެ. އަދި ބާކީ ތިބި ހެކިންނަކީ "މަޖީދީމަގު 72 ނަންބަރު ފިހާރަ" އެވެ ކިޔާ ބިމުގައިވާ އިމާރާތުގެ އެކި ފަންގިފިލާތަކުގައި އެއިރު ކުއްޔަށް އުޅުނު ފަރާތްތަކެކެވެ. މި ފަރާތްތަކުގެ ހެކިބަހުން މަޢާނާ މުޙައްމަދު ސާބިތުކޮށްދޭން ބޭނުންވީ ފަންގިފިލާތައް މަޢާނާ މުޙައްމަދުގެ ހުއްދަ ނުހޯދާ ކުއްޔަށް ދީފައިވާކަމާއި އަދި އެއިގެން ދެންތިބި ވެރިފަރާތްތަކުން މަންފާ ހޯދަމުންދާކަމެވެ.
މަޢާނާ މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާއަކީ "މަޖީދީމަގު 72 ނަންބަރު ފިހާރަ" އެވެ ކިޔާ ބިމުގައިވާ އިމާރާތް މަޢާނާ މުޙައްމަދުއަށް ނޭނގި ކުއްޔަށްދީ މަންފާ ހޯދަމުންދާކަމަށް ބުނެ ހުށަހެޅި ދަޢުވާއެކެވެ. މި ދަޢުވާއާ ހ. މިސްޓީނައިޓް އެވެ ކިޔާ ގޯއްޗާ ގުޅިގެން ފާހަގަކޮށްފައިވާ ނުކުތާއާ އެއްވެސް ގުޅުމެއް ނެތެވެ. އެހެންކަމުން، މަޢާނާ މުޙައްމަދު ހ. މިސްޓީނައިޓަށް ނުވައްދައިގެން ކުއްޔަށް އުޅެން ޖެހުނުކަން ސާބިތުކުރުމަށް ހުށަހެޅި ހެކި ޝަރީޢަތަށް ހާޒިރުކުރިނަމަވެސް، ހުށަހެޅިފައިމިވާ މައްސަލައިގެ ދަޢުވާއާ ގުޅުމެއްވާނެކަމަށް ބެލެވެންނެތެވެ.
"މަޖީދީމަގު 72 ނަންބަރު ފިހާރަ" އިގެ އެކި ފްލޯރތައް މަޢާނާ މުޙައްމަދުއަށް ނޭނގި ކުއްޔަށް ދީ، މަންފާ ހޯދަމުންދާކަން ސާބިތުކުރުމަށް ހާޒިރުކޮށްދިނުމަށް އެދުނު 6 ހެކިންގެ ތެރެއިން 4 ފަރާތަކާއި ދެމެދު ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުން ސިވިލް ކޯޓަށް ހުށަހެޅިފައިވެއެވެ. "މަޖީދީމަގު 72 ނަންބަރު ފިހާރަ" އެވެ ކިޔާ ބިމުގައިވާ ޢިމާރާތުގެ ގްރައުންޑް ފްލޯ ކުއްޔަށް ދީފައިވާކަން ސާބިތުކުރުމަށް ފުއާދު އެވެ ކިޔާ ފަރާތެއް ހާޒިރުކޮށްދިނުމަށް މާއާނާ މުޙައްމަދުގެ ފަރާތުން އެދުނުނަމަވެސް، އެ މުއްދަތުގައި ގްރައުންޑް ފްލޯވެސް ކުއްޔަށް ދެވުނު އެއްބަސްވުން މަޢާނާ މުޙައްމަދު ފިޔަވައި ދެންތިބި ގޯތީގެ ވެރިފަރާތްތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، "މަޖީދީމަގު 72 ނަންބަރު ފިހާރަ" އިގެ ޢިމާރާތް ކުއްޔަށް ދީގެން ލިބެމުން ދިޔަ ފައިސާ ޖަމާވި ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓްތައްވެސް ޝަރީޢަތަށް ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މަޢާނާ މުޙައްމަދުގެ ފަރާތުން ހާޒިރުކޮށްދިނުމަށް އެދުނު ޝަފަހީ ހެކިންގެ ކިބައިން ސާބިތުކޮށްދިނުމަށް ބޭނުންވި ކަންކަން މި މައްސަލައިގައި ހުށަހެޅުނު ކިތާބީ ހެކިތަކުން ސާބިތުވެއެވެ. އެއީ "މަޖީދީމަގު 72 ނަންބަރު ފިހާރަ" އިގެ އެކި ފްލޯރތައް ކުއްޔަށްދީ، އެތަނުން އާމްދަނީ ލިބެމުންދާކަމެވެ. ޢިމާރާތުގެ އެކި ފްލޯރތައް ކުއްޔަށް ދީފައިވަނީ މަޢާނާ މުޙައްމަދުގެ ރުހުމެއް އޮވެގެންތޯ ނުވަތަ ނޫންތޯ ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018 ގަޒިއްޔާގައި 18 އޮކްޓޯބަރު 2018 އިން ފެށިގެން "މަޖީދީމަގު 72 ނަންބަރު ފިހާރަ" އާ ގުޅިގެން އެއްބަސްވުމެއްވާނަމަ، އެ އެއްބަސްވުމާ ގުޅޭ އެންމެހައި މަޢުލޫމާތު މަޢާނާ މުޙައްމަދުއާ ހިއްސާކޮށް، އޭނާގެ ރުހުން ތަނުގެ އެހެން ހުރިހާ ވެރިފަރާތްތަކުގެ މަސްލަހަތަށް ހުރަސްނޭޅޭނެގޮތެއްގެ މަތިން ހޯދަންޖެހޭނެކަމަށް ކަނޑައަޅައިފައި އޮތުމުން، މަޢާނާ މުޙައްމަދުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި މައްސަލައަށް ޝަރީޢަތުން ހައްލެއް ދީފައިވެއެވެ.
ވުމާއެކު، ސިވިލް ކޯޓުން ހެކިން ހާޒިރުނުކުރިނަމަވެސް، ހެކިން ހާޒިރުކޮށް ސާބިތުކޮށްދޭން ބޭނުންވި ކަންތަކަށް (އެއީ މަޢާނާ މުޙައްމަދުގެ ރުހުމެއް ނެތި ތަން ކުއްޔަށް ދޫކުރުމާއި، އެތަނުން މާލީ މަންފާ ލިބޭކަން) ސިވިލް ކޯޓުން ހައްލެއް ދީފައިވާކަން ފާހަގަކުރެވެއެވެ. އަދި ހެކިން ހާޒިރުކުރިނަމަވެސް، ސިވިލް ކޯޓަށް ހުށަހެޅިފައިހުރި އެއްބަސްވުންތަކާއި ބޭންކް އެކައުންޓު ސްޓޭޓްމަންޓުތަކުން އެނގެންހުރި ކަންތައްތަކުގެ އިތުރުން، އެހެންކަމެއް ޝަފަހީ ހެކިންނަށް ސާބިތުކޮށްދެވޭނެކަމަށް ނުބެލެވެއެވެ. އެހެންކަމުން، މިހާރު މިނުކުތާ މަޢާނާ މުޙައްމަދުގެ ފަރާތުން އިސްތިއުނާފީ މަރުހަލާގައި ހުށަހަޅަންޖެހުނު ސަބަބަށް ބަލައިލަންޖެހެއެވެ.
ހެކިން ހާޒިރުކޮށްނުދިން ނުކުތާއަކީ މަޢާނާ މުޙައްމަދުގެ ފަރާތުން ހައިކޯޓަށްވެސް ހުށަހެޅި ނުކުތާއެކެވެ. ހައިކޯޓުގެ ނަންބަރު 2019/HC-A/25 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައިވެސް އަދި ތަފާތުވި ރައުޔުގައިވެސް މަޢާނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި ހެކިން ސިވިލް ކޯޓަށް ހާޒިރުނުކުރިކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިއާޔަތް ކުރިއިރު، މަޢާނާ މުޙައްމަދުގެ ފަރާތުން ހެކިން ހާޒިރުކޮށްދިނުމަށް އެދިފައިވަނީ ޚުލާސާ ބަޔާން ހުށަހެޅި ދުވަހުކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޚުލާސާ ބަޔާން ހުށަހެޅުމުގެ މަރުޙަލާގައި ހާޒިރުކޮށްދިނުމަށް އެދުނު ހެއްކަކު، ހާޒިރުނުކޮށް އޮތް އޮތުމަކީ ޤާނޫނީ އުސޫލަކާ ޚިލާފުކަމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.
މަޢާނާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ފޯމުގައި، ސިވިލް ކޯޓުގައި މައްސަލަ ހިންގާ އިޖުރާއާތުގެ އަދާހަމަ ނުވަތަ އަޕްޑޭޓް، މަތީ މަރުހަލާ ކޯޓުތަކަށް ސާފުވެފައި އޮތުން ވަރަށް މުހިންމުކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. އެ އަދާހަމަ މިކޯޓަށް ތަފްސީލުކޮށްދެމުން މަޢާނާ މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގައި ބައެއް ފަހަރު "މަޖާ" ކަންކަން ވެސް ހިނގާކަމަށެވެ. މައްސަލަ ހިނގާގޮތުގެ އިޖުރާއާތު ކިޔާދެމުން ބުނެފައިވަނީ ޚުލާސާ ބަޔާން ހުށަހަޅާއިރު ހެކިން ހުށަހަޅާކަމަށެވެ. އަދި ދަށު ކޯޓުގައި މައްސަލަ ހިންގާ އިޖުރާއާތުތައް މަތީ މަރުޙާލާގެ ކޯޓުތަކަށް ސާފުވެފައި ނެތުމުގެ ސަބަބުންކަމަށްވިޔަސް، އަދި ދަށުކޯޓުން މައްސަލަ ހިންގާ އިޖުރާއާތު މިހާރު ތަރުތީބުކޮށްފައިވާ ގޮތުގައި "އިސްވާންޖެހޭ ކަންކަން ފަސްވެ، ފަސްވާންޖެހޭ ކަންކަން އިސްވެ"، ދީމުޤުރާޠީ އިޚްތިޞާޞްތަކުގައި އޮންނަ އިޖުރާއާތުތަކާ ބީރައްޓެހި، "ކޮރު" ގޮތަކަށް އޮތުމުގެ ސަބަބުންކަމަށްވިޔަސް، ޚަޞްމެއްގެ ޙައްޤަކަށް އޭގެން އުނިކަމެއް އައިސްގެން ނުވާނެކަމަށް މަޢާނާ މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ.
މިހުރިހާ ވާހަކައެއް މަޢާނާ މުޙައްމަދުގެ ފަރާތުން ދެއްކިއިރު، ސިވިލް ކޯޓުގައި ޝަރީޢަތް ހިންގާގޮތުގެ ލިޔެވިފައިވާ އެއްވެސް އިޖުރާއަތަކާ ހަވާލާދީފައިނުވެއެވެ.
ޚުލާސާ ބަޔާނަކީ މައްސަލައެއް ކޯޓަށް ހުށަހަޅައި، އެކަމާ ގުޅޭ ވާގިއާތައް ސާބިތުކުރުމަށް ކިތާބީ ނުވަތަ ޝަފަހީ ހެކި ހުށަހަޅައި، މައްސަލައިގެ ޚަޞްމުން އެއް ފަރާތް އަނެއް ފަރާތާ ކުރިމަތިކުރާ ޖަދަލުތައް ތައުނުކޮށް ބަހުސްކޮށް ނިމުމުން، ކޮންމެ ޚަޞްމެއްވެސް އެ ޚަޞްމެއްގެ ނަޒަރުން ޝަރީޢަތަށް ހުށަހެޅިފައިހުރި ހެކިތަކުން ފަނޑިޔާރު ބުރަދަންދޭންވީ މުހިންމު ހެކިތަކާއި، ރިއާޔަތްކުރަންޖެހޭ ޤާނޫނީ ނުކުތާތަކަކީ ކޮބައިކަމާއި، އެ ޚަޞްމު ވަކާލާތުކުރާ ކަންކަމަށް ހުށަހެޅިފައިހުރި ހެއްކާއި ޤާނޫނު ބާރުދޭގޮތާއި، އަދި އެ ޚަޞްމާ އެއްކޮޅަށް މައްސަލަ ނިމެންވީ ކީއްވެގެންކަން ފަނޑިޔާރު އިގްތިނާއު (convince) ކުރުމަށް މަސައްކަތްކުރުމަށް ލިބޭ ފުރުޞަތެކެވެ. "ޚުލާސާ ބަޔާން" ގެ ލަފްޒީ މާނައިން ދޭހަވާފަދައިން، އެ ބަޔާނަކީ، މައްސަލައެއްގައި ހުށަހަޅަންހުރި ހެކި ހުށަހަޅައި ނިމުމަށްފަހު، މުޅި މައްސަލައާ ގުޅޭގޮތުން ޚުލާސާކޮށް ވާހަކަ ދެއްކުމަށް ދެވޭ އެންމެ ފަހު ފުރުސަތެވެ.
ދީމިޤްރާތީ މުޖްތަމައުތަކުގައިވެސް، ކްލޯސިންގ ސްޓޭޓްމަންޓް ނުވަތަ ކްލޯސިންގ އާގިޔުމަންޓް ނުވަތަ ސަމޭޝަން ނުވަތަ މީނޫންވެސް އެހެން ނަމެއް ކިޔަސް، ޝަރިޢަތެއް ނިންމާލުމުގެ ކުރިން ހެކިން ހުށަހަޅަން ފުރުޞަތު ދިނުމަކީ އޮންނަ ޢާންމު އުސޫލެއްނޫނެވެ.
ހަމަ އެފަދައިން، ދިވެހިރާއްޖޭގައިވެސް ދަށު ކޯޓަށް ހުށަހެޅޭ މުޅި މައްސަލަ ބިނާވަނީ ދަށު ކޯޓަށް ހުށަހެޅޭ ދަޢުވާ ސާބިތުކުރުމަށެވެ. އަދި ދަޢުވާ ލިބޭ ފަރާތުން އެފަރާތާ ދެކޮޅަށްހުރި ހެކި ތައުނުކުރުމަށް މަސައްކަތްކުރާނެއެވެ. ސަބަބުވެރި، ކަމުގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި ޤާނޫނީ ވަކީލަކު ކޯޓަށް ދަޢުވާއެއް ހުށަހަޅާނީ ދުރާލާ ރާވައިގެން ވިސްނުންތެރިކަމާއެކު، ދަޢުވާ ސާބިތުކުރުމަށް ބޭނުންވާނެ ހެއްކަކީ ކޮބައިކަން ދެނެގަނެ، މައްސަލައަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އަދި އެ މަރުހަލާގައި މައްސަލައަށް ރަނގަޅަށް ތައްޔާރުނުވެ، ހުށަހަޅަންޖެހޭ ހެކި ހުށަނޭޅި، ދައްކަންޖެހޭ ވާހަކައެއް ނުދެއްކި ދިއުމުން، އަދި އަތުން ބީވެގެންދާ ކުޑަ ކުޑަ ކަމެއްގެ ސަބަބުން، އިސްތިއުނާފީ މަރުހަލާތަކުގައި ދެން ނިކުންނާނެ ހިތި ނަތީޖާވެސް، ސަބަބުވެރި، ލަޔާޤަތާއި ޤާބިލިއްޔަތު ހުރި ޤާނޫނީ ވަކީލަށް އެނގޭނެއެވެ. ދިވެހިރާއްޖޭގެ އެކި ކޯޓުތަކުގައި މިހައިތަނަށް ޢަމަލުކުރަމުން އައި ޢާންމު އުސޫލަކީ، ޚުލާސާ ބަޔާނަކީ މައްސަލައިގެ ޙުކުމް ކުރުމުގެ ކުރިއަށް މައްސަލައިގެ ޚަޞްމުން ވާހަކަ ދެއްކުމަށްލިބޭ އެންމެ ފަހު ފުރުސަތަށްވުމެވެ. ޚުލާސާ ބަޔާނެއްގެ ފަހަށް މައްސަލައެއްގައި ހެކިން ހުށަހެޅުމަށް ޝަރީޢަތުން ފުރުސަތު ދީފައިވާނަމަ، އެއީ ނާދިރު ހާލަތެއްގައިކަން ފާހަގަކުރަމެވެ.
ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނެ ހާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި، ހައިކޯޓުގެ ފަނޑިޔާރުންނަށް ދަށު ކޯޓުގައި މައްސަލަ ބެލުމުގެ އިޖުރާއަތު ނޭނގޭކަމަށް މަޢާނާ މުޙައްމަދުގެ ފަރާތުން ބުނިނަމަވެސް، ހައިކޯޓުގައި ޢަމަލުކޮށްފައިވަނީ ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ދެއްކުމެއްނެތި، ހަމައެކަނި ފަނޑިޔާރުންނަށް ޤާނޫނާއި އިޖުރާއަތު ނޭނގޭކަމަށް ބުނާ ބުނުމަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ބޭނުމަށްޓަކައި، މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެ ޤާނޫނީ ސަބަބެއް ނޫނެވެ.
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 125/Cv-C/2018 ގަޒިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2019/HC-A/25 ގަޒިއްޔާއިން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ އެކަށީގެންވާ ޤާނޫނީ ސަބަބެއް އިސްތިއުނާފުކުރާ މަޢާނާ މުޙައްމަދުއަށް ހުށަހެޅިފައިނުވާކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު33. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/25 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް މަޢާނާ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.