ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 63 · 2021/SC-A/23ސުޕްރީމް ކޯޓު · 2 އޮކްޓޫބަރު 2022

ޑެފްނޭ ޕްރައިވެޓް ލިމިޓެޑް ވ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 އޮކްޓޫބަރު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޑެފްނޭ ޕްރައިވެޓް ލިމިޓެޑް ވ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-85/2002) (މީގެ ފަހުން "ނަލަހިޔާ") އާއި ޑެފްނޭ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-673/2009) (މީގެ ފަހުން "ޑެފްނޭ") އާ ދެމެދު ކުރެވުނު ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން ފޯރުކޮށްދީފައިވާ މުދާތަކަށް ލިބެންޖެހޭ ފައިސާ ނުލިބިވާކަމަށް ބުނެ ނަލަހިޔާއިން ދަޢުވާކުރުމުން، މި ދެފަރާތު ދެމެދު އުފެދުނު ޚުޞޫމާތާ ގުޅޭ މައްސަލައެކެވެ.

ޑެފްނޭއަށް ނަލަހިޔާއިން 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 އަދި 12 ވަނަ ދުވަހު ފޯރުކޮށްދީފައިވާ މުދާތަކަށް ލިބެންޖެހޭ 611,620/-ރ. (ހަލައްކަ އެގާރަހާސް ހަސަތޭކަ ވިހި ރުފިޔާ) އާއި، މި ފައިސާ ކުންފުނީގެ ވިޔަފާރިއަށް ނުވަނުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 1,292,964/68ރ. (އެއް މިލިއަން ދެލައްކަ ނުވަދިހަދެހާސް ނުވަސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ފަސްދޮޅަސް އަށްލާރި) އާއެކު ޖުމްލަ 1,904,584/68ރ. (އެއް މިލިއަން ނުވަލައްކަ ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ފަސްދޮޅަސް އަށްލާރި) ހޯދުމަށް ނަލަހިޔާއިން ޑެފްނޭގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ގަޒިއްޔާގައި ދަޢުވާކުރި އެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ އިންވޮއިސްގައިވާ ފައިސާގެ އަދަދު ނަގައިދިނުމަށެވެ. އަދި ހޯދުމަށް އެދިފައިވާ ޖުރިމަނާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ. ބުނެވުނު ސިވިލް ކޯޓުގެ ގަޒިއްޔާ ޑެފްނޭގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެ މައްސަލަ ބެލި އެ ކޯޓުގެ ނަންބަރު 2018/HC-A/342 ގަޒިއްޔާގައި ޙުކުމްކުރީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.

މިއީ ޑެފްނޭގެ ފަރާތުން ބުނެވުނު ހައިކޯޓުގެ ނަންބަރު 2018/HC-A/342 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

ނަލަހިޔާއިން ފޯރުކޮށްދީފައިވާ މުދަލަށްވާ ފައިސާ ލިބިފައިނުވާކަމަށް ބުނެ އިންވޮއިސްގައި ބުނެފައިވާ ފައިސާއާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުން ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ގަޒިއްޔާގައި ޙުކުމްކުރީ އިންވޮއިސްގައިވާ މުދަލަކީ ޑެފްނޭއަށް ފޯރުކޮށްދީފައިވާ މުދާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާތީ، އިންވޮއިސްގައިވާ 611,620/-ރ. (ހަލައްކަ އެގާރަހާސް ހަސަތޭކަ ވިހި ރުފިޔާ) އަކީ ޑެފްނޭއިން ނަލަހިޔާއަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ. ސިވިލް ކޯޓުން މިޙުކުމަށް ވާސިލުވި ސަބަބުތައް ތީރީގައި ބަޔާންކުރަމެވެ.

4.1 ދަޢުވާ ބިނާކޮށްފައިވަނީ ނަލަހިޔާގެ ނަންބަރު NAL3/IFCS/14/2 އިންވޮއިސްއަށް ކަމުގައިވާއިރު، ނަލަހިޔާއިން ހުށަހެޅި ޑެފްނޭގެ ސިއްކަ ޖަހާފައިވާ ނަންބަރު 001/DPO/2014 (06 ޖެނުއަރީ 2014( ޕާޗޭސް އޯޑަރުގައިވާ މުދަލާއި މުދަލުގެ އަގު، ނަލަހިޔާއިން ހުށަހެޅި އިންވޮއިސްގައިވާ މުދަލާއި މުދަލުގެ އަގު ދިމާވާކަން؛

4.2 ބުނެވުނު އިންވޮއިސްގައިވާ މުދާ ޑެފްނޭއަށް ފޯރުކޮށްދީފައިވާކަން ނަލަހިޔާއިން ހުށަހެޅި 2 ޑެލިވަރީ ނޯޓުން އެނގެން އޮންނަކަމާއި، އަދި އެތަނުން އެއް ޑެލިވަރީ ނޯޓުގައި އިންވޮއިސްގެ ތާރީޚަށްވުރެ ފަހުގެ ތާރީޚެއް އޮތުމަކީ މުދާ ފޯރުކޮށްނުދޭކަމުގެ މައްޗަށް ދަލީލުކޮށްދޭ ކަމެއް ނޫންކަން؛

4.3 ޑެފްނޭއިން މި ފައިސާ ނަލަހިޔާއަށް އަދާކޮށްފައިވާނެކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކާފައިވާއިރު، ފައިސާ ދައްކާފައިވާކަން ސާބިތުކޮށްދިނުމަކީ ޑެފްނޭއަށް އޮތް މަސްއޫލިޔައްތެއްކަމަށްވީ ނަމަވެސް، މި ފައިސާ އަދާކޮށްފައިވާކަން އެނގޭފަދަ ހެއްކެއް ހުށަހަޅާފައިނުވާކަން؛

4.4 މި މައްސަލައިގައި ޑެފްނޭގެ ފަރާތުން ޝަފަހީ ހެއްކަކު ހުށަހަޅާފައިވާއިރު، މި މުޢާމަލާތުގައިވާ ފައިސާ ޑެފްނޭއިން އަދާކުރިކަން އެނގޭކަމަށް ހެކިވެރިޔާ ހެކިބަސްދީފައިނުވާކަން؛

4.4 މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ އިންވޮއިސްގައި ބަޔާންކޮށްފައިވާ ޝަރުޠު ޖަޒާއީގެ ދަށުން ނަގައިދިނުމަށް އެދިފައިވާ ފައިސާއެއްކަމަށް ވާއިރު، މި އިންވޮއިސް ޑެފްނޭއަށް ރައްދުވެފައިވާކަން އެނގެން ނެތްކަމާއި، އިންވޮއިސްގައިވާ ޖަޒާއީ ޝަރުޠުގެ މައްޗަށް ބިނާކޮށް ހޯދުމަށް އެދިފައިވާ ޖުރިމަނާ ފައިސާއަކީ ނަގައިދެވިދާނެ ފައިސާއެއް ނޫންކަން؛

މިސަބަބުތަކުގެ މައްޗަށް ބުރަވެ ސިވިލް ކޯޓުން ޙުކުމްކުރީ އިންވޮއިސްގައިވާ ޖުމްލަ 611,620/-ރ. (ހަލައްކަ އެގާރަހާސް ހަސަތޭކަ ވިހި ރުފިޔާ) އަކީ ޑެފްނޭއިން ނަލަހިޔާއަށް ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާތީ، މި ފައިސާ 29 މާރޗް 2018 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

ބުނެވުނު ސިވިލް ކޯޓުގެ ގަޒިއްޔާ ޑެފްނޭގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2018/HC-A/342 ގަޒިއްޔާގައި ޙުކުމްކުރީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. ހައިކޯޓުން މި ޙުކުމަށް ވާސީލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

5.1 ސިވިލް ކޯޓުގައި ޑެފްނޭގެ ފަރާތުން ނަގާފައިވާ މައިގަނޑު ދިފާޢުއަކީ ކްރެޑިޓަށް މުދާ ގަނެފައިނުވާނެކަމަށް ނަގާފައިވާ ދިފާޢުކަމާއި، މުދާ އޯޑަރުކުރުމާއި އެ މުދާ ލިބިފައިވާކަމުގެ މައްޗަށް ހަރުދަނާގޮތެއްގައި ސިވިލް ކޯޓުގައި އިންކާރުކޮށްފައިވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ ތެރެއިން ބެލެވެންނެތްކަން؛

5.2 ޑެފްނޭގެ ފަރާތުން ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހެޅި މުޙައްމަދު ނާޒިލްގެ ހެކިބަހުން ޙުޞޫމަތު އުފެދިފައިވާ މުދާ ދޫކޮށްފައިނުވާކަން އެނގެން ނެތްކަމާއި، އަދި މި މައްސަލައިގައި ހުށަހެޅި ޕާރޗޭސް އޯޑަރާއި ޑެލިވަރީ ސްލިޕްތަކާއި، އިންވޮއިސްއާއި، ޑެފްނޭގެ ފަރާތުން ހުށަހެޅި ހެކީގެ ހެކިބަހަށާއި، ޑެފްނޭގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލައި ހެކި ޤަރީނާ ގުޅުވާލުމުން މި މުދަލަކީ ޑެފްނޭއަށް ރައްދުކުރެވިފައިވާ މުދާކަމުގައި ބެލެވޭކަން؛

5.3 ޕަރޗޭސް އޯޑަރުގައިވާ މުދާ ޑެފްނޭއަށް ދޫކުރެވުނުކަން އެނގެން އޮތުމުން، މި ޙާލަތުގައި މުދަލުގެ އަގު އަދާކުރިކަމުގެ ދަފްޢު ސާބިތުކުރުމަކީ ޑެފްނޭއަށް އޮތް ބުރައެއްކަމާއި، މި މުދަލުގެ އަގު ދެއްކިކަމުގެ މައްޗަށް އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނުވާތީ، މި މުދަލުގެ އަގަކީ ޑެފްނޭއިން ނަލަހިޔާއަށް ދައްކަންޖެހޭ ފައިސާކަން؛

މި ސަބަބުތަކުގެ މައްޗަށް ބުރަވެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ އިންވޮއިސްގައި ބުނެފައިވާ މުދަލުގެ އަގަކީ ޑެފްނޭއިން ނަލަހިޔާއަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް

ޑެފްނޭގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2018/HC-A/342 ގަޒިއްޔާ ނިންމާފައިވަނީ ޤަނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫންކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި ވާހަކަދައްކާފައިވެއެވެ.

6.1 ޝަރުޢީ އަދި ޤާނޫނީ ހަމައަކީ ކޮބައިކަން ބަޔާންކޮށްދިނުމެއް ނެތި، ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މުދާ އޯޑަރުކުރުމާއި، އެ މުދާ ލިބިފައިވާކަމުގެ މައްޗަށް ޑެފްނޭއިން ހަރުދަނާ ގޮތެއްގައި ސިވިލް ކޯޓުގައި އިންކާރުކޮށްފައިވާކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން ނެތްކަމަށާއި، ޕާޗޭސް އޯޑަރުގައިވާ މުދާ ނަލަހިޔާގެ ފަރާތުން ޑެފްނޭއަށް ދޫކުރެވުނުކަން ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

6.2 ނަލަހިޔާގެ ފަރާތުން ދަޢުވާގައި ބަޔާންކުރާ މުދާ ޑެފްނޭއަށް ޑެލިވަރކޮށް އެމުދާ ޑެފްނޭއަށް ލިބުނުކަން ސާބިތުވާ ފަދަ ހެއްކެއް ނަލަހިޔާގެ ފަރާތުން ހުށަހަޅާފައި ނެތްއިރު، މަދަނީ މައްސަލަތަކުގައި ދަފްޢު ސާބިތުކުރުމުގައި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ގަޒިއްޔާއާއި އަދި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި ޚިލާފަށް ހެކި ވަޒަންކޮށް ދަޢުވާގައި ބަޔާންކުރާ މުދާ ޑެފްނޭއަށް ފޯރުކޮށްދީފައިވާކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

6.3 ދަޢުވާގައި ބަޔާންކުރާ ވާގިއާތައް ނަލަހިޔާއިން ފާހަގަކުރާގޮތަށް ހިނގާފައިވާކަމަށް ބުރަވެވޭފަދަ އެކަށީގެންވާ މިންވަރުގެ ހެކި ހުށަހަޅާފައި ނެތްއިރު، މަދަނީ ހުސޫމާތު ސާބިތުކުރުމުގެ ބުރަ ޤާއިމުކޮށްފައިވޭތޯ ބެލުމުގައި ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ހެކި ވަޒަންކޮށް، ނަލަހިޔާގެ ދަފްއު ނަފީކުރުމުގެ ގޮތުން، މުދާ ޑެފްނޭއަށް ދޫކޮށްފައި ނުވާކަން އެނގޭ ހެއްކެއް ޑެފްނޭއަށް ހުށަހެޅިފައި ނެތްކަމަށް ކަނޑައަޅައި، ޑެފްނޭގެ ޕަރޗޭސް އޯޑަރަށް މުދާ ދޫކުރެވުނުކަން ޤާނޫނީ ހަމަތަކުން ބެލެވޭކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ގޮތް ކަނޑައަޅަންޖެހޭ މައުލޫއު

ޑެފްނޭގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ 3 (ތިނެއް) ނުކުތާގައިވެސް ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ އެއް ކަމެކެވެ. އެއީ، ނަލަހިޔާގެ ފަރާތުން ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާ ސާބިތުކޮށްނުދެވެނީސް މި މައްސަލައިގައި ޑެފްނޭގެ ފަރާތުން ފައިސާ ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނާބުނުމެވެ. ވުމާއެކު، މި މައްސަލައިގައި ކަނޑައަޅަންޖެހެނީ ސިވިލް ކޯޓުގައި ނަލަހިޔާއިން ކުރި ދަޢުވާ ސާބިތުވާކަމަށް ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަމެވެ.

ޑެފްނޭގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ނަލަހިޔާއިން މުދާތަކެއް ޑެފްނޭއަށް ފޯރުކޮށްދިންކަން ސާބިތުވާކަމާއި އަދި އެ މުދަލަށް ޑެފްނޭއިން ފައިސާ ނުދައްކާކަމަށް ހައިކޯޓުންވެސް އަދި ސިވިލް ކޯޓުންވެސް ކަނޑައަޅާފައިވަނީ ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގައި ދަޢުވާ ސާބިތުކުރުމާ ގުޅޭ އުސޫލުތަކާ ޚިލާފަށްކަމަށެވެ.

އެގޮތުން، މި މައްސަލައިގައި ސަންރީފް ކިޔާ ދޯންޏެއް ތިލަފުއްޓަށް ފޮނުވުމުން އެ ދޯންޏަށް މުދާ ބަރުކުރިކަމަށް ނަލަހިޔާއިން ބުނާއިރު، އަދި އެ މުދާ ޑެފްނޭއަށް ލިބުނުކަން ސާބިތުކޮށްދިނުމުގެ ގޮތުން ޑެލިވަރީ ނޯޓު ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، ޑެފްނޭގެ ފަރާތުން ބުނެފައިވަނީ އެ ޑެލިވަރީ ނޯޓުތަކުގައި ސޮއިކޮށްފައިވަނީ ޑެފްނޭއިން ނޫންކަމަށާއި، މުދާ ޑެފްނޭއަށް ނުލިބޭކަމަށާއި އަދި އެއްވެސް މުދަލެއް ނަލަހިޔާއަށް ފައިސާ ދިނުމެއް ނެތި ނުގެންދާކަމަށެވެ. އެގޮތުން، ކްރެޑިޓަށް މުދާ ދޫކުރުމުގައި ނަލަހިޔާއިން ވަކި އުސޫލުތަކެއް ގެންގުޅޭކަމަށާއި، ކްރެޑިޓަށް މުދާ ގެންދެވެނީވެސް ނަލަހިޔާއާ އެކު ކަސްޓަމަރު އެއްބަސްވުމެއްގައި ސޮއިކުރުމުންކަމަށާއި، މުދާ ކްރެޑިޓަށް ގެންދިޔުމާ ގުޅޭ އެއްވެސް އެއްބަސްވުމެއް ނަލަހިޔާއާއި ޑެފްނޭއާ ދެމެދު ނޯންނާނެކަމަށެވެ. އަދި އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ހާދިސާ ހިނގިއިރު ނަލަހިޔާގެ ސޭލްސް އެންޑް މާރކެޓިންގ އެސިސްޓެންޓް މެނޭޖަރުކަމުގެ މަޤާމުގައިހުރި މުޙައްމަދު ނާޒިލް ސިވިލް ކޯޓަށް ހާޒިރުކުރެވި އޭނާގެ ހެކިބަސް ނެގުނުކަމަށާއި، އަދި އޭނާގެ ހެކިބަހުން ނަލަހިޔާއިން ކްރެޑިޓަށް މުދާ ދޫކުރުމުގެ ހަރުކަށި އުސޫލުތަކެއްވާކަން ސާބިތުކޮށްދެވިފައިވާކަމަށާއި، މުދާ ކްރެޑިޓަށް ގެންދިޔުމުގެ އެއްބަސްވުމެއް ޑެފްނޭއާއެކު ވެފައިނުވާކަމަށް ޑެފްނޭގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.ނަލަހިޔާގެ ފަރާތުން ބުނެފައިވަނީ މުދާ ލިބުނުކަމަށް ޑެފްނޭގެ ފަރާތުން ސަރީހަކޮށް އިންކާރު ނުކުރާކަމަށާއި، މުދާ ކްރެޑިޓަށް ދޫކޮށްފައިވަނީ ޑެފްނޭއަކީ ނަލަހިޔާގެ ޒަމާންވީ ކަސްޓަމަރެއްކަމުގައިވާއިރު، މިދެފަރާތު ދެމެދު އޮތް ޚާއްސަ ގުޅުމަށް ރިޢާޔަތްކޮށްކަމަށެވެ.

ސާބިތުކުރުމުގެ ބުރަ

މި މައްސަލައިގެ ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ގަޒިއްޔާގައިވެސް އަދި ހައިކޯޓުގެ ނަންބަރު 2018/HC-A/342 ގަޒިއްޔާގައިވެސް ދަޢުވާ ސާބިތުކޮށްދިނުމުގެ އުސޫލު ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ގަޒިއްޔާއާ ހަވާލާދީފައިވެއެވެ.

އެ ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައިވަނީ މަދަނީ ޚުސޫމާތްތަކުގައި ޢާންމު އުސޫލަކީ ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމަށެވެ. އަދި މި މާނައިގެ ތެރޭގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓުގައި އުފުލާ ފަރާތްނޫންކަމަށާއި، ދަޢުވާ ރައްދުވާ ފަރާތުން ހުށަހަޅާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ޑެފްނޭގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މުޅި އިސްތިއުނާފީ ދަޢުވާ ބިނާވަނީ ދަށު ކޯޓުން ހެކި ވަޒަންކުރިގޮތް ރަނގަޅުކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނާ ބުނުމުގެ މައްޗަށެވެ. ވުމާއެކު، ދަށު ކޯޓުންނާއި ހައިކޯޓުން ހެކި ވަޒަންކުރިގޮތަށް ރިޢާޔަތްކޮށްލާނަމެވެ.

ސިވިލް ކޯޓުންނާއި ހައިކޯޓުން ހެކި ވަޒަންކުރިގޮތް

ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ގަޒިއްޔާގައި ނަލަހިޔާއިން ޑެފްނޭގެ މައްޗަށްކުރި ދަޢުވާއަކީ ނަލަހިޔާއިން ޑެފްނޭއަށް 6 އަދި 12 ޖެނުއަރީ 2014 ގައި ފޯރުކޮށްދިން މުދާތަކަށް ދައްކަންޖެހޭ 611,620/-ރ. (ހަލައްކަ އެގާރަހާސް ހަސަތޭކަ ވިހި ރުފިޔާ) އާއި އެ ފައިސާ ނަލަހިޔާއަށް ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއެކު، ޖުމްލަ ފައިސާ އެއްފަހަރާ އެއް މަސް ދުވަހުގެ ތެރޭގައި ހޯދައިދިނުމަށެވެ.

މި ދެފަރާތު ދެމެދު މުޢާމަލާތެއް ހިނގާފައިވާކަމާއި، އަދި އެކަން ސާބިތުކޮށްދިނުމަށްޓަކައި ނަލަހިޔާއިން ސިވިލް ކޯޓަށް ހުށަހެޅީ؛

ޑެފްނޭއިން ނަލަހިޔާއަށް ފޮނުވިކަމަށްބުނާ ޕާރޗޭސް އޯޑަރ

6 ޖަނަވަރީ 2014 އަދި 12 ޖަނަވަރީ 2014 މި ދެ ތާރީޚު ޖަހާފައިވާ 2 ޑެލިވަރީ ނޯޓު

6 ޖަނަވަރީ 2014 ގެ ތާރީޚު ޖަހާފައިވާ ޓެކްސް އިންވޮއިސް (ކްރެޑިޓް)

މި ދަޢުވާގެ ރައްދުގައި، ނަލަހިޔާއިން ހަވާލާދޭ މުދާ ޑެފްނޭއަށް ލިބިފައިނުވާކަމަށާއި، އަދި ނަލަހިޔާގެ ފަރާތުން އެއްވެސް މުދަލެއް ލިބިފައިވާނަމަ އެ މުދަލެއް ލިބިފައިވާނީ އަގު ދެއްކުމަށްފަހުކަމަށް ޑެފްނޭއިން ސިވިލް ކޯޓުގައި ބުނެފައިވެއެވެ. އަދި މީގެ ސަބަބަކީ ޑެފްނޭއަކީ އެއްވެސް އިރެއްގައި ނަލަހިޔާއިން ކްރެޑިޓަށް މުދާ ގެންދާ ފަރާތަކަށް ނުވެފައި، ނަލަހިޔާއިން މުދާ ކްރެޑިޓަށް ގެންދެވެނީ ވަކި އުސޫލުތަކެއްގެ ދަށުން ނަލަހިޔާއާއި ކަސްޓަމަރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުކަމަށް ބުނެފައިވެއެވެ.

ނަލަހިޔާއިން ސިވިލް ކޯޓުގައި ކުރި ދަޢުވާއާ ގުޅިގެން އެ ކޯޓުން ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ހަވާލާދީފައިވެއެވެ. އެގޮތުން، އެ ގަޒިއްޔާގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުންކަމަށާއި ދަޢުވާ ރައްދުވާ ފަރާތުން ހުށަހަޅާ ދިފާޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެ ފަރާތުންކަމަށް އޮންނަ އޮތުމަށް ހަވާލާދިނުމަށްފަހު، ޑެފްނޭއިން ނަލަހިޔާގެ ކިބައިން މުދަލަށް އެދި ޕާރޗޭސް އޯޑަރެއް ފޮނުވާފައިވާކަމަށާއި، އެ ޕާރޗޭސް އޯޑަރުގައިވާ މުދާ ނަލަހިޔާއިން ޑެފްނޭއަށް ފޯރުކޮށްދީފައިވާއިރު، މި މުދަލާ ގުޅޭ ފައިސާ ޑެފްނޭއިން ނަލަހިޔާއަށް އަދާކޮށްފައިވާކަމަށް ބުނާނަމަ، އެކަން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭނީ ޑެފްނޭކަމަށާއި، ނަމަވެސް ފައިސާ ދައްކާފައިވާކަން ސާބިތުކޮށްދޭފަދަ އެއްވެސް ހެއްކެއް ޑެފްނޭއިން ސިވިލް ކޯޓަށް ހުށަހަޅާފައިނުވާކަމަށް އެ ކޯޓުން ކަނޑައަޅާފައިވެއެވެ.

ޑެފްނޭގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި މުޙައްމަދު ނާޒިލްގެ ހެކިބަހާމެދު ސިވިލް ކޯޓުން ނިންމީ، މުޙައްމަދު ނާޒިލްގެ ހެކިބަހުން ނަލަހިޔާގެ ފަރާތުން ކްރެޑިޓަށް މުދާ ނަގާ ފަރާތްތަކަށް މުދާ ދޫކުރަނީ ކްރެޑިޓަށް ނެގުމަށް އެދި ހުށަހަޅާ ފަރާތްތަކަށްކަމަށާއި، މި ފޯމާ ނުލައި އެއްވެސް ބަޔަކަށް މުދާ ދޫކުރެވިފައިނުވާނޭކަމަށް މުޙައްމަދު ނާޒިލްގެ ހެކިބަހުން އެނގެން އޮންނައިރު، ނަލަހިޔާއިން ޑެފްނޭއަށް މުދާ ދޫކޮށް، ޑެފްނޭއިން އެ މުދާ ލިބިގަތްކަމާމެދު މި ހިނދުގައި ސުވާލު ނުއުފެދޭކަމަށާއި، އެހެންކަމުން ޑެފްނޭއިން ކްރެޑިޓަށް މުދާ ދޫކޮށްދިނުން އެދި އެޕްލިކޭޝަނެއް ހުށަހަޅާފައިނެތުމަކީ، މި މުޢާމަލާތުގައި ހިމެނޭ ފައިސާ ޑެފްނޭއިން އަދާކޮށްފައިވާކަމުގައި ބަލަންޖެހޭ އަދި ފައިސާ އަދާކުރިކަން ސާބިތުކޮށްދިނުމާ ގުޅޭގޮތުން ޑެފްނޭގެ މައްޗަށް އޮތް މަސްއޫލިއްޔަތުން ޑެފްނޭ ބަރީއަކުރެވިދާނެފަދަ ބުނުމެއް ނޫންކަމުގައިވާއިރު، ކަނޑައެޅިގެން މި މުޢާމަލާތުގައި ހިމެނޭ ފައިސާ ޑެފްނޭއިން ނަލަހިޔާއަށް އަދާކުރިކަން އެނގޭކަމަށް މުޙައްމަދު ނާޒިލް ހެކިބަސް އަދާކުރަމުން ބުނެފައިނުވާކަމަށެވެ.

ސިވިލް ކޯޓުގައި ބަޔާންވެދިޔަ ކަންކަން ފާހަގަކޮށްފައިވާއިރު، ޑެފްނޭގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ބުނެފައިވަނީ ނަލަހިޔާއަށް އެ ކުންފުނީގެ ދަޢުވާ ސާބިތުކޮށްދެވިފައިނުވާކަމަށެވެ. އެގޮތުން އެ މުދަލަކީ ޑެފްނޭއަށް ލިބިފައިވާ މުދަލެއްކަން ސާބިތުކޮށްނުދެވޭކަމަށެވެ.

މި ނުކުތާއާ ގުޅިގެން ހައިކޯޓުން ސިވިލް ކޯޓުގައި ޑެފްނޭގެ ފަރާތުން ދައްކާފައިވާ ބައެއް ވާހަކަތަކަށް ރިޢާޔަތްކޮށް، ކަނޑައެޅީ ޑެފްނޭގެ ފަރާތުން ދަށު ކޯޓުގައި ނެގި މައިގަނޑު ދިފާޢަކީ ޑެފްނޭއިން ކްރެޑިޓަށް މުދާ ގަނެފައިނުވާނެކަމަށް ބުނެ ހުށަހެޅި ދިފާޢުކަމަށެވެ. އަދި ޑެފްނޭގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކީގެ ހެކިބަހުންވެސް މި މައްސަލައިގައިވާ މުދާ ޑެފްނޭއަށް ދޫކޮށްފައިނުވާކަން ސާބިތުނުވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ނަލަހިޔާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޕާރޗޭސް އޯޑަރާއި، ޑެލިވަރީ ސްލިޕްތަކާއި، އިންވޮއިސްއާއި، ޑެފްނޭގެ ފަރާތުން ހުށަހެޅި ހެކިވެރިޔާ، މުޙައްމަދު ނާޒިލްގެ ހެކިބަހުންނާއި، ޑެފްނޭގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި، މިކަން ހިނގާފައިވާގޮތަށް ބަލައި ހެކި ޤަރީނާ ގުޅުވާލުމުން މި މައްސަލައިގައިވާ މުދަލަކީ ޑެފްނޭއަށް ރައްދުކުރެވިފައިވާ މުދާކަމަށް ބެލެވޭކަމަށެވެ.

ޑެފްނޭއަކީ ދަރަންޏަށް މުދާ ނަގާ ފަރާތެއް ނޫންކަން ހެކިންގެ ހެކިބަހުން އެނގެން އޮތް އޮތުމާ ގުޅިގެން ހައިކޯޓުން ކަނޑައަޅާފައިވަނީ ޕާރޗޭސް އޯޑަރުގައިވާ މުދާ ނަލަހިޔާއިން ޑެފްނޭއަށް ދޫކުރެވުނުކަން "ޤާނޫނީ ހަމަތަކުން ބެލެވޭ..." ކަމަށާއި، މި ހާލަތުގައި މުދަލުގެ އަގު އަދާކޮށްފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ޑެފްނޭއަށްކަމަށް ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ގަޒިއްޔާގައި ދަފްއު ސާބިތުކުރުމުގެ ބުރަ އެއްފަރާތުން އަނެއް ފަރާތަށް ބަދަލުވާ އުސޫލަށް ބެލުމުން އެނގެން އޮންނަކަމަށެވެ.

މި މައްސަލައިގައި ދަޢުވާ ސާބިތުވޭތޯ

ނަލަހިޔާއިން ތުހުމަތު ކުރަނީ 6 ޖަނަވަރީ 2014 އާއި 12 ޖަނަވަރީ 2014 މި ދެ ތާރީޚުގައި މުދާތަކެއް ޑެފްނޭއަށް ފޯރުކޮށްދިންކަމަށެވެ. އަދި އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ޑެފްނޭއިން ނަލަހިޔާއަށް ފޮނުވިކަމަށްބުނާ ޕާރޗޭސް އޯޑަރއާއި، 6 ޖަނަވަރީ އާއި 14 ޖަނަވަރީ ގެ 2 ޑެލިވަރީ ނޯޓާއި، 6 ޖަނަވަރީ ޖަހާފައިވާ ޓެކްސް އިންވޮއިސްއެއް ޝަރީޢަތަށް ހުށަހަޅާފައިވެއެވެ.

ޑެފްނޭއިން ބުނަނީ އެ ކުންފުނިން އެއްވެސް އިރަކު ކްރެޑިޓަށް ނަލަހިޔާއިން މުދާ ނުގެންދާކަމަށާއި، މި މައްސަލައިގައިވާ ޑެލިވަރީ ނޯޓުތަކުގައި ސޮއިކޮށްފައިވަނީ ޑެފްނޭގެ މުވައްޒަފެއް ނޫންކަމަށާއި އަދި އެ މުދާ ޑެފްނޭއަށް ލިބިފައިވެސް ނުވާކަމަށެވެ.

މިހައިހިސާބަށް އަންނައިރު ނަލަހިޔާގެ ފަރާތުންކުރާ ދަޢުވާއަށް ބާރުދޭ ކިތާބީ ހެއްކަކަށް ޝަރީޢަތަށް ހުށަހެޅިފައިވަނީ ޑެފްނޭގެ ކުންފުނީގެ ތައްގަނޑުޖަހާފައިވާ ޕާރޗޭސް އޯޑަރއެކެވެ.

ބުނެވުނު ޕާރޗޭސް އޯޑަރގައި ބަޔާންކޮށްފައިވާ މުދާތަކުގެ އަގުތައް ޖަހާފައިވެއެވެ. ޑެފްނޭއަކީ ނަލަހިޔާގެ ކަސްޓަމަރުކަމުގައިވާއިރު، ޕާރޗޭސް އޯރޑާއެއްގައި ކަސްޓަމަރުގެ ތައްގަނޑުޖަހައި، ތަކެތީގެ އަގުތައްވެސްޖަހަން މެދުވެރިވީ ކީއްވެކަމެއް ޝަރީޢަތުން ސާފުކޮށްފައިނުވެއެވެ. ނުވަތަ އެ ޕާރޗޭސް އޯޑަރއަކީ ސައްޙަ އެއްޗެއްކަމުގައި ބަލާނަމަ، އެ ނިންމުމަށް ވާސިލުވިގޮތެއް ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ބަޔާންކޮށްފައިނުވެއެވެ.

ބަހުސްގެ ބޭނުމަށްޓަކައި އެ ޕަރޗޭސް އޯޑަރއަކީ ޑެފްނޭއިން ފޮނުވި ސައްޙަ ލިޔުމެއްކަމުގައި ބަލަމާ ހިނގާށެވެ. މިހައި ހިސާބުން މި މައްސަލައިގައި ދެފަރާތު ދެމެދު ކޮންމެވެސް މުޢަމަލާތެއް ހިނގަންޖެހޭ ސަބަބެއް ނަލަހިޔާއަށް ހުށަހެޅިފައިވެއެވެ. އެއީ ޑެފްނޭއިން ބޭނުންވާ މުދާތަކެއް ޑެފްނޭއަށް ވިއްކުމެވެ.

ވިއްކުމުގެ މުޢާމަލާތާ ގުޅިގެން ނަލަހިޔާއިން ބުނަނީ އެ މުދާތައް ޑެފްނޭއަށް ފޯރުކޮށްދީފައިވާކަމަށެވެ. މިކަން ސާބިތުވަނީ 2014 ޖަނަވަރީގެ ދެ ތާރީޚެއް ޖަހާފައިވާ ދެ ޑެލިވަރީ ނޯޓުންކަމަށެވެ.

ޑެފްނޭއިން ބުނަނީ ނަލަހިޔާއިން އެބުނާ މުދަލެއް ޑެފްނޭއަށް ނުލިބޭކަމަށެވެ. އަދި އެ ޑެލިވަރީ ނޯޓުގައި ސޮއިކުރީ ޑެފްނޭގެ މުވައްޒަފެއް ނޫންކަމަށެވެ. އަދި އެއްވެސް މުދަލެއް ޑެފްނޭއިން ގެންދިޔަނަމަ، ގެންގޮސްފައިވާނީ ފައިސާ ދެއްކުމަށްފަހުކަމަށެވެ. ސަބަބަކީ ޑެފްނޭއަކީ އެއްވެސް އިރެއްގައި ނަލަހިޔާއިން ކްރެޑިޓަށް މުދާގެންދާ ކަސްޓަމަރެއްކަމުގައި ނުވާތީއެވެ. އަދި މިކަން ސާބިތުކޮށްދިނުމުގެ ގޮތުން ހާދިސާ ހިނގިއިރު ނަލަހިޔާގެ ސޭލްސް އެންޑް މާރކެޓިންގ އެސިސްޓެންޓް މެނޭޖަރުކަމުގެ މަޤާމުގައިހުރި މުޙައްމަދު ނާޒިލްގެ ހެކިބަސް ނަގާފައިވެއެވެ.

މިހައި ހިސާބަށްއަންނައިރު، ނަލަހިޔާއިން ޑެފްނޭއަށް މުދަލެއް ފޯރުކޮށްދީފައިވާކަން އެނގޭކަށްނެތެވެ. ސަބަބަކީ، މި މައްސަލައިގައިވާ ޑެލިވަރީ ނޯޓުތަކުގައި ސޮއިކޮށްފައިވަނީ ޑެފްނޭގެ މުވައްޒަފެއްނޫންކަން ނުވަތަ ޑެފްނޭއާ ގުޅޭބައެއް ނޫންކަމަށް ޑެފްނޭގެ ފަރާތުން ބުނާއިރު، މިކަމުގެ ޙަޤީޤަތަކީ ކޮބައިކަމާމެދު ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ވަކި ގޮތެއް ކަނޑައަޅާފައިނުވާތީއެވެ.

ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައިވެސް އަދި ދަށު މަރުހަލާގައިވެސް ނަލަހިޔާއިން ބުނެފައިވަނީ އެ މުދާތައް ބަރުކޮށްފައިވަނީ ޑެފްނޭއިން ތިލަފުށްޓަށް ފޮނުވި ދޯންޏަކަށްކަމަށެވެ. އަދި ޑެލިވަރީ ނޯޓުތަކުގައި ސޮއިކުރީ އެ ދޯނީގެ ފަރާތުންކަމަށް ނަލަހިޔާއިން ބުނާއިރު، ޝަރީޢަތުން މިކަމުގެ ޙަޤީޤަތް ބަލާފައިނުވެއެވެ. ދޯންޏެއް މުދާ ބަރުކުރުމަށްޓަކައި ތިލަފުއްޓަށްދިޔަތޯއާއި، މުދާ އެ ދޯންޏަށް އެރުވިތޯއާއި އެ މުދާ ހަވާލުކުރީ ކޮން ފަރާތަކަށްކަމެއް ޝަރީޢަތުން ސާފުކޮށްފައިނުވެއެވެ.

މި މައްސަލައިގައި ދެފަރާތު ދެމެދު ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިވާކަމަށް ނަލަހިޔާގެ ފަރާތުން ބުނާއިރު، ދަށު ކޯޓުން މައްސަލަ ބެލުމުގެ ތެރޭގައި މައްސަލައިގެ ވާގިއާތައް ކަށަވަރުކޮށްފައިނުވެއެވެ. އެހެނީ، ދަށު މަރުހަލާގައި ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގައި މައްސަލައިގައި ދެފަރާތުން އެއްބަސްވާ އަދި އެއްބަސްނުވާ ވާގިއާތަކަކީ ކޮބައިކަމާއި، އެއްބަސްނުވާ ވާގިއާތަކެއްވާނަމަ އެކަންކަން ސާބިތުކުރުމަށް ޝަރީޢަތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދެވި، އެ ނުކުތާތަކާ މެދު ޤާނޫނީ ނަޒަރަކުން ޝަރީޢަތަށް ބުރަވެވޭގޮތް ކަނޑައެޅުމަކީ މައްސަލަ ބަލައި ފަނޑިޔާރުގެ ޒިންމާއެއްކަމުގައިވާއިރު، މި މައްސަލައިގައި އެފަދައިން ޢަމަލުކޮށްފައިނުވެއެވެ. އަދި ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށް ހައިކޯޓުން ކަނޑައެޅިއިރު، ކަށަވަރުނުވާ ވާގިއާތައް ކަށަވަރުކޮށްފައިނުވެއެވެ. ދެފަހަރު ދެގޮތަކަށްކަމަށް ބެލެވޭ ގޮތަށް ވާހަކަ ދައްކާފައިހުރިކަންކަމުގައިވެސް މި މަރުހަލާގައި ގޮތެއް ކަނޑައަޅަން ދަތިވަނީ މައްސަލައިގެ އަސާސީ ވާގިއާތައް ޝަރީޢަތުން ކަށަވަރުކޮށްފައިނުވާތީއެވެ. މިސާލަކަށް، ޑެފްނޭގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޖަވާބު ފޯމުގައި މި މައްސަލައިގައި އިޝާރާތްކުރާ މުދާ ޑެފްނޭއަށް ލިބިފައިނުވާކަމަށް ސާފުކޮށް ބުނެފައިވެއެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލިހުގައި ޑެފްނޭއިން ނެގި މައިގަނޑު ދިފާޢައަކީ މުދަލެއް ގެންގޮސްފައިވާނަމަ ގެންގޮސްފައިވާނީ ފައިސާ ދެއްކުމަށްފަހުކަމަށް ބުނާބުނުމެވެ. އަދި ޑެފްނޭއަކީ ކްރެޑިޓަށް މުދާ ގެންދާ ކަސްޓަމަރެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި ސިވިލް ކޯޓަށް ހެއްކެއްވެސް ހާޒިރުކުރިއެވެ. މި ހާލަތުގައި، މި މައްސަލައިގައި އިޝާރާތްކުރާ މުދަލަކީ އެއްވެސް އިރެއްގައި ޑެފްނޭއިން ގެންގޮސްފައިވާ މުދަލެއްކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހެއެވެ.

ހައިކޯޓުން މި މައްސަލަ ބެލުމުގެ ތެރޭގައި ޑެފްނޭއިން ދައްކާފައިވާ ބައެއް ވާހަކަތަކާ ހަވާލާދީ އެއިގެން ދޭހަވަނީ ޑެފްނޭއަށް މުދާލިބިފައިކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ، މުދަލެއް ގެންގޮސްފައިވާނަމަ ގެންގޮސްފައިވާނީ އެއަށް ފައިސާ ދެއްކުމަށްފަހުކަމަށް ޑެފްނޭއިން ބުނާއިރު، މި މައްސަލައިގައިވާ މުދާ ލިބިފައިނުވާކަމަށްވެސް ޑެފްނޭގެ ފަރާތުން ބުނެފައިވެއެވެ. އަދި ކުރިންވެސް ފާހަގަކުރި ފަދައިން ސިވިލް ކޯޓުން މި މައްސަލައިގެ ވާގިއާތައް ކަށަވަރުކުރުމެއްނެތި، ޑެފްނޭއިން ފައިސާ ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާއިރު، ހައިކޯޓުން ޑެފްނޭގެ ފަރާތުން ދައްކާފައިވާ ބައެއް ވާހަކަތަކަށް ރިޢާޔަތްކުރުމެއްނެތި، އަނެއްބައި ވާހަކަތަކުން ދޭހަ ނެރެފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނޫނެވެ. އެހެނީ، ޤާނޫނީ އުސޫލަކީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅާނަމަ، އެފަދައިން ކަނޑައެޅޭނީ މައްސަލައިގެ ވާގިއާތައް ކަށަވަރުކޮށް، ފުށުއެރުންތަކެއް ހުރިނަމަ، އެކަންކަމާމެދުވެސް ގޮތެއް ކަނޑައެޅުމަށްފަހުކަމުގައިވާތީއެވެ.

މި މައްސަލައިގައި ކަނޑައަޅަންވީ ކަންކަން

ނަލަހިޔާގެ ފަރާތުން ޑެފްނޭއަށް މުދާތަކެއް ފޯރުކޮށްދީ، އެ މުދަލަށްވާ ފައިސާ ނުލިބޭކަމަށް ބުނާ ދަޢުވާގައި ގޮތެއް ކަނޑައެޅުމަށްޓަކައި އަންނަނިވި ކަންކަމާ މެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެއެވެ.

މި މައްސަލައިގައި ހިމެނޭ މުދާތައް ހޯދުމަށް ނަލަހިޔާގެ ކިބައިން ޑެފްނޭއިން އެދިފައިވޭތޯ

އެ މުދަލެއް ޑެފްނޭއަށް ލިބިފައިވޭތޯ (މި ނުކުތާއާމެދު ގޮތެއް ކަނޑައަޅާއިރު މުދާ ޑެފްނޭއާ ހަވާލުކުރުމަށް ދޯންޏަކަށް އެރުވިކަމަށް ނަލަހިޔާއިން ބުނާއިރު، އެކަން ސާބިތުވާކަން ނުވަތަ ނޫންކަން، އަދި މުދާ ދޯންޏަށް އެރުވުމަށްފަހު ދެން އެ މުދަލަށް ވީ ގޮތް، އަދި ޤާނޫނީ ގޮތުން އެ މުދަލަށް ޒިންމާވާނެ ފަރާތް އަދި ފައިސާ ދައްކަންޖެހޭ ފަރާތް)

މުދާ ލިބިފައިވާނަމަ ފައިސާ ދައްކާފައިވޭތޯ

ދަށު ކޯޓަށް ހުށަހެޅުނު ހެކީގެ އިތުރުން، މި މައްސަލައާ ގުޅޭ އިތުރު ކަންކަން ސާބިތުކުރުމަށް ޚަސްމުންނަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގެ ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހޭކަމުގައި އަހުރެންދެކެމެވެ.

މި މައްސަލައަކީ ޑެފްނޭގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައެއްކަމުގައިވާއިރު، އަދި ޑެފްނޭގެ މައިގަނޑު ދިފާއަކީ ނަލަހިޔާގެ ދަޢުވާ ސާބިތުނުވާކަން ބުނުން ކަމުގައިވާއިރު، މި މައްސަލައަކީ އަލުން ހައިކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމުގައި އަހުރެންދެކޭ ސަބަބަކީ ދަޢުވާ ސާބިތުވާކަން ނުވަތަ ނުވާކަން ކަނޑައެޅުމަށް ބޭނުންވާވަރަށް ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް އެކަށީގެންވާ ޝަރީޢަތެއް ކޮށްފައިނުވުމުން، މައްސަލައިގެ ވާގިއާ ކަށަވަރު ކުރުމެއްނެތި، ދަޢުވާ ސާބިތުވާކަން ނުވަތަ ނުވާކަން މި މަރުހަލާގައި ކަނޑައެޅެންނެތުމެވެ.

ވުމާއެކު، މި މައްސަލައަކީ މި ގަޒިއްޔާގައި ފާހަގަކުރެވިފައިވާ ދާއިރާގެ ތެރެއިން ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަންޖެހޭ މައްސަލައެއްކަމަށް އަހުރެންދެކެމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ގަޒިއްޔާއާއި ހައިކޯޓުގެ ނަންބަރު 2018/HC-A/342 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، މި ގަޒިއްޔާގައިވާ އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން މި މައްސަލަ އަލުން ބެލުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ ތަހުވީލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންއަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ