ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ވ. ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/456، 2605/Cv-C/2018
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސަންސްޕޮޓް ޓުއަރސްގެ ދަޢުވާ ސިވިލް ކޯޓުގެ 2605/Cv-C/2018 ޤަޟިއްޔާގައި ބަލައި، ދަޢުވާކުރި ފައިސާ ޖެޓަން ޓްރެވެލްއިން ދައްކަން ޙުކުމްކުރިއެވެ. ޖެޓަން ޓްރެވެލް އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2019/HC-A/456 ޤަޟިއްޔާގައި އެސްޓޮޕަލްގެ އާންމު މަބްދައަށް ހަވާލާދީ، ދަޢުވާއަކީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫން ކަމަށް ބުނެ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ. އެ ނިންމުން ސަންސްޕޮޓް ޓުއަރސް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ސަންސްޕޮޓް ޓުއަރސް މެދުވެރިކޮށް ޖެޓަން ޓްރެވެލް ހިންގާ ކްލަބް ރަންނާޅި ރިސޯޓަށް 2010 ވަނަ އަހަރު އައި އިނގިރޭސި ފަތުރުވެރިއަކަށް، ވޯކްވޭގައި އޮތް ކަރަންޓް ވަޔަރެއްގައި ޖެހިގެން އަނިޔާވިއެވެ. ފަތުރުވެރިޔާ ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ސަންސްޕޮޓްގެ މައްޗަށް ދަޢުވާކޮށް £67,258.56 ގެ ބަދަލު ހޯދިއެވެ. އެ ފައިސާއާއި ޝަރީޢަތުގެ ޚަރަދާއެކު £114,008.56 ޖެޓަން ޓްރެވެލްގެ ކިބައިން ހޯދުމަށް ސަންސްޕޮޓް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސަންސްޕޮޓް ޓުއަރސް ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ދެއްކި ވާހަކައާ ފުށުއަރާ ގޮތަށް ސިވިލް ކޯޓުގައި ދަޢުވާކުރުން އެސްޓޮޕަލްގެ އާންމު މަބްދައުގެ ދަށުން ހުއްޓުވޭނެތޯ؛ އަދި އެސްޓޮޕަލްގެ ބާވަތާއި ޝަރުޠުތައް ބަޔާންނުކޮށް ހައިކޯޓުން ދަޢުވާ ބާޠިލުކުރުމަކީ ހަރުދަނާ ޤާނޫނީ ބިނާއެއްގެ މައްޗަށް ކުރެވުނު ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ސަންސްޕޮޓް ބުނީ، ހައިކޯޓުން ތަޠުބީޤުކުރީ އެސްޓޮޕަލްގެ ކޮން ބާވަތެއްކަމާއި އޭގެ ޝަރުޠުތައް ފުރިހަމަވީ ގޮތް ބަޔާންކޮށްފައި ނުވާތީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމަށާއި، އިޝޫ އެސްޓޮޕަލްއާއި ޖުޑީޝަލް އެސްޓޮޕަލްގެ އުޞޫލުތައް ގޯހަށް ތަޠުބީޤުކޮށްފައިވާ ކަމަށެވެ. ޖެޓަން ޓްރެވެލް ބުނީ، މިއީ ހައިކޯޓުގައި ނަގާފައި ނުވާ އައު ނުކުތާއެއް ކަމަށާއި، ސަންސްޕޮޓް އިނގިރޭސި ކޯޓުގައި ބުނީ ރިސޯޓުގެ އިހުމާލެއް ނެތް ކަމަށް ކަމުން، އެއާ ޚިލާފަށް ރާއްޖޭގައި ދަޢުވާކުރުން ހުއްޓުވަންޖެހޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ސަންސްޕޮޓްގެ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމި ގޮތާ ސީދާ ގުޅޭ ނުކުތާއެއް ކަމުން، ކަޕޫރުﷲ ޔޫސުޕްގެ މައްސަލައިގައިވާ އިސްތިސްނާއަށް ފެތޭ ކަމަށެވެ. އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަނުގެ ޝަރުޠުތަކާއި، New Hampshire v. Maine ގައިވާ ޖުޑީޝަލް އެސްޓޮޕަލްގެ ޝަރުޠުތައް މި މައްސަލައިގައި ފުރިހަމަވެފައި ނުވާ ކަމަށާއި، ހައިކޯޓުން ތަޠުބީޤުކުރި މަބްދައުގެ ޝަރުޠުތަކުގެ އެއްވެސް ތަފްސީލެއް ދީފައި ނުވާ ކަމަށް ފާހަގަކުރިއެވެ. ހައިކޯޓުން ފަސް ނުކުތާގެ ތެރެއިން އެއް ނުކުތާއަށް އެކަނި ގޮތް ނިންމާފައިވާތީ، ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ހައިކޯޓަށް ތަޙުވީލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު؛ މައްސަލަ ހައިކޯޓަށް ތަޙުވީލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ހާލަތުގައި ޢަމަލުކުރަންޖެހޭނެ ޢާންމު އުސޫލަކީ، އިސްތިއުނާފު ކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުހަލާތަކުގައިވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަހުސަކަށްވުމެވެ. އެހެން ނަމަވެސް، އިސްތިސްނާ ހާލަތްތަކެއްގައި ހައިކޯޓަށް ހުށަނާޅައި އައު ޤާނޫނީ ބަހުސަކަށް ސުޕްރީމް ކޯޓު މަރުހަލާގައި ފުރުސަތު ދެވުމުގެ އިހުތިމާލު އުފަންވެދާނެ ހާލަތްތަކެއް ހުރެދާނެ ކަން ކަޕޫރުﷲ ޔޫސުޕް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75] މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
HN2 ސަންސްޕޮޓްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމި ގޮތާއި ސީދާ ގުޅުމެއްވާ ކަމަކަށްވާތީ، ކަޕޫރުﷲ ޔޫސުޕް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 މައްސަލައިގައި އައު އިސްތިއުނާފީ ނުކުތާ ހުށަހެޅުމާ ގުޅިގެން ފާހަގަކޮށްފައިވާ އިސްތިސްނާ ހާލަތަށް ސަންސްޕޮޓްގެ އެ ހުށަހެޅުން ފެތޭ ކަމުގައި އަހުރެން ދެކެމެވެ.
HN3 އެސްޓޮޕަލްގެ މަބްދަޢުއިން، ޤާނޫނީގޮތުން ކުރިއަށް ގެންދެވޭ މަޖިލީހެއްގައި ހުށަހަޅާ ހުށަހެޅުމަކާއި އިދިކޮޅު ހުށަހެޅުމެއް، އޭގެ ފަހުން ކުރިއަށްގެންދާ ޤާނޫނީ މަޖިލީހެއްގައި ނެގުން ހުއްޓުވައެވެ. އެހެންނަމަވެސް މިއީ އެސްޓޮޕަލް އޭގެ އެންމެ އަސާސީ ސިފައިގައި (generic form) އޮންނަ ގޮތެވެ. އެހެނީ ތާރީޚުގެ ތެރެއިން އިކުއިޓީގެ މި (އެސްޓޮޕަލްގެ) މަބްދަޢުގެ އެކި ބާވަތްތައް އުފަންވެ، އެކި ޖޫރިސްޑިކްޝަންތަކުގައި މި މަބްދަޢުގެ އެކި ބާވަތްތަކަށް ވަކިވަކި ނަން ދެވި، އެސްޓޮޕަލްގެ އެކި ބާވަތްތައް ތަޠުބީޤުކުރެވޭނެ އެކި ހާލަތްތައް ކަނޑައަޅާފައިވެއެވެ.
HN4 އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަންގެ މަންފާ ހޯދަންއެދޭ ފަރާތުން އަންނަނިވި ކަންކަން ޝަރީޢަތަށް ސާބިތުކޮށްދޭން ޖެހޭނެއެވެ. 31.1 (ހުށަހެޅުން ހުށަހެޅި ފަރާތުން) ހުށަހެޅި ކަންކަމަކީ ތެދު ކަމުގައި ޤަބޫލުކޮށްގެން، އެފަރާތުން އެކަމުގެ މައްޗަށް ބިނާކޮށް ވަކި ކަމެއްގައި ދެކުނު ގޮތް ނުވަތަ އަމަލުކުރި ގޮތް ބަދަލުކޮށްފައިވާކަން؛ އަދި 31.2 (ހުށަހެޅުން ހުށަހެޅި ފަރާތުން) ހުށަހެޅި ކަންކަމަކީ ސަބަބުވެރި އިންސާނަކަށް ތެދު ކަމުގައި ޤަބޫލުކުރެވޭ އަދި އެ ކަމުގެ މައްޗަށް ސަބަބުވެރި އިންސާނަކު ވަކި ކަމެއްގައި ދެކުނު ގޮތް ނުވަތަ އަމަލުކުރި ގޮތް ބަދަލުކުރުމަށް ބަރޯސާވާނެ ހުށަހެޅުމެއް ކަން.
HN5 ޖުޑީޝަލް އެސްޓޮޕަލަކީ ކޯޓުތަކުގެ ނަޒާހަތްތެރިކަން ނުވަތަ އިންޓަގްރިޓީ ދެމެހެއްޓުމަށް މުހިންމު މަބްދަޢުއެއްކަން ފާހަގަކޮށް، ޖުޑީޝަލް އެސްޓޮޕަލް ތަޠުބީޤު ކުރެވޭނީ. 36.1. ޚަޞްމަކު ކޯޓަށް ހުށަހަޅާ ހުށަހެޅުމަކީ އޭގެ ކުރިން އެ ޚަޞްމަކު ހުށަހަޅާފައި ހުށަހެޅުމާއި ތަފާތު ހުށަހެޅުމެއްކަން ސާފުކޮށް އެނގެން އޮންނަ ހާލަތުގައި؛ އަދި 36.2. ހަސްމަކު ކުރިން ހުށަހަޅާފައިވާ (ފަހުން ހުށަހެޅި ހުށަހެޅުމާއި ތައާރުޒުވާ) ހުށަހެޅުން، ކުރިން މައްސަލަ ބެލި ކޯޓުން ބަލައިގަނެ، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް މައްސަލަ ކާމިޔާބުވެފައިވާނަމަ؛ އަދި 36.3. އެސްޓޮޕަލްގެ ބޭނުންކޮށް އެފަރާތް ނުހުއްޓުވުމުގެ ނަތީޖާއެއްގެ ގޮތުން (ދެފަހަރު ދެގޮތަށް) ހުށަހެޅުން ހުށަހަޅާ ޚަޞްމަށް އަދުލުވެރި ނޫން މަންފާއެއް ލިބިގެން ދާނެކަން ނުވަތަ މައްސަލައިގައި ހިމެނޭ އަނެއް ޚަޞްމަށް އަދުލުވެރި ނޫން ބުރައެއް އުފުލަންޖެހޭކަން ބެލުމަށް ފަހު ކަމުގައި ކަނޑައަޅާފައިވެއެވެ.
HN6 ޤާނޫނީގޮތުން ކުރިއަށް ގެންދެވޭ ޝަރީޢަތުގެ މަޖިލީހެއްގައި ހުށަހަޅާ ހުށަހެޅުމަކާއި އިދިކޮޅު ހުށަހެޅުމެއް، އޭގެ ފަހުން ކުރިއަށްގެންދާ ޝަރީޢަތުގެ މަޖިލީހެއްގައި ނެގުން ހުއްޓުވުމަށް އެސްޓޮޕަލްގެ މަބްދަޢު ބޭނުންކުރެވޭ ހިނދު، އެސްޓޮޕަލްގެ އާންމު މަބްދަޢުއަށް ހަވާލާދީ މި މައްސަލައަށް އެ މަބްދަޢު ތަޠުބީޤު ކުރި ގޮތާއި، އެ މަބްދަޢު ތަޠުބީޤުކުރަން ފުރިހަމަވާންޖެހޭ ކަންކަމާއި، އެ ކަންކަން މައްސަލައިގެ ވާޤިޔާތަކާ ގުޅޭގޮތުގެ އެއްވެސް ތަފްސީލެއް ހައިކޯޓުން ދީފައި ނުވާހާލު، ދެ ޤައުމެއްގައި އެފަދަ ހާލަތެއްގައި އެސްޓޮޕަލް ބޭނުންކުރާ ގޮތް ބަލައި، މި މައްސަލައަށް އެ މަބްދަޢު ތަޠުބީޤުކުރުމުން، މިއީ އެއް ކަމެއްގައި ދެފަހަރު ދެގޮތަށް ހުށަހެޅުން ހުށަހަޅާފައިވާ ކަމުގައި ބުނެ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރަންޖެހޭ ހާލަތެއް މެދުވެރިވެފައިވާ މައްސަލައެއް ކަމުގައި އަހުރެންނަށް ނުފެނެއެވެ.
HN7 ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ މައްސަލައިގައި އެ ކޯޓުން ގޮތް ކަނޑައަޅާފައިވަނީ ޖެޓަން ޓްރެވެލްގެ ފަރާތުން އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅި 5 (ފަހެއް) ނުކުތާގެ ތެރެއިން 1 (އެކެއް) ނުކުތާގެ މައްޗަށް ބިނާކޮށް ކަމުގައިވެފައި، މައްސަލައިގެ މައުޟޫޢާ ގުޅޭ އިސްތިއުނާފީ ނުކުތާތަކަށް ހައިކޯޓުން ގޮތް ކަނޑައަޅާފައިނުވާތީ، ހުރިހާ އިސްތިއުނާފީ ނުކުތާތައް އަލުން ބަލައި، އެ ނުކުތާތަކާމެދު މައްސަލައިގައި ހިމެނޭ ދެ ފަރާތުން ހުށަހަޅާ ބަހުސްތަކުގެ މައްޗަށް ބިނާކޮށް، މައުޟޫޢީ ގޮތުން މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަމުގައި ފެންނާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އަށް ހަވާލާދީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަން އަހުރެންނަށް ފެނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޢާއިޝާ ޝުޖޫން މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު .....1
ތަޢާރުފު .....1 ކަންހިނގާފައިވާ ގޮތް .....1 ސިވިލް ކޯޓު އަދި ހައިކޯޓުގެ ނިންމުން .....3 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް .....4 އެސްޓޮޕެލް ތަޠުބީޤުކޮށްފައިވާ ގޮތާގުޅޭ .....6
(ހ) ހައިކޯޓަށް ހުށަހެޅުނު ނުކުތާއާއި، ނިންމި ގޮތާއި، އެ ނިންމުމާގުޅޭ ބަހުސް .....6
(ށ) އައު އިސްތިއުނާފީ ނުކުތާއެއް؟ .....12
(ނ) އެސްޓޮޕަލްއަކީ ކޮބާ؟ .....14
(ރ) މި މައްސަލައިގައި އެސްޓޮޕަލް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްތަ؟ .....18 މައްސަލަ ނިންމަން ފެންނަގޮތް .....23
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު .....23
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު .....23
ޙުކުމް .....24 بِسْدَارَ الرَّجْيَمَ ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ވ. ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް [2024] SC 42
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ
ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/456 ޤަޝިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ސަންސްޕޮޓް ޓުއަރސް ލިމިޓެޑް (މީގެ ފަހުން "ސަންސްޕޮޓް ޓުއަރސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/53 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޖެޓަން ޓްރެވެލް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އަށެވެ.
ކަންހިނގާފައިވާ ގޮތް
2އިނގިރޭސިވިލާތުގެ ފަތުރުވެރިއެއް ކަމުގައިވާ އެމޭންޑާ ޖޭން ނާޝް (Amanda Jane Nash) (މީގެފަހުން "އެމޭންޑާ" ނުވަތަ "ފަތުރުވެރިޔާ") އާ ސަންސްޕޮޓް ޓުއަރސްއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓެއްގެ ދަށުން، ޖެޓަން ޓްރެވެލްގެ ދަށުން ހިންގަމުންދާ 'އަދާރަން ކްލަބް ރަންނާޅި' އެވެ ކިޔާ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް 22 ސެޕްޓެންބަރު 2010 އިން 26 ސެޕްޓެންބަރު 2010 ގެ ނިޔަލަށް އެމޭންޑާ ރާއްޖެ އައެވެ.
3މި ދަތުރުގައި 24 ސެޕްޓެންބަރު 2010 ވަނަ ދުވަހު، އެ ރިސޯޓުގެ ވޯޓާ ވިލާ (Water Villa) އަކަށް ދިއުމަށް ޚާއްސަކުރެވިފައިވާ ވޯކް ވޭއަކުން އެމޭންޑާ ހިނގާފައި ދަނިކޮށް އެ ތަނުގައި އޮތް ލައިވް ކަރަންޓް ވަޔަރެއްގައި ޖެހުމުގެ ސަބަބުން އޭނާއަށް ދެ ކަރަންޓްންޓު ޝޮކް ޖެހިފައިވެއެވެ. އަދި މިގޮތުން އޭނާއަށް ލިބުނު ދެވަނަ ޝޮކުގައި އެރި ލޮޅުމުގެ ސަބަބުން އޭނާ ވެއްޓި އަނިޔާތަކެއް ލިބިފައިވެއެވެ.
4މި ހާދިސާ ހިނގުމާއެކު ހާދިސާ ހިނގަން މެދުވެރިވި ސަބަބު ރިސޯޓުގެ މެއިންޓެއިންސް ޑިޕާޓްމަންޓުން ބެލިއެވެ. އަދި ރިސޯޓުން ތައްޔާރުކޮށްފައިވާ އިންސިޑެންޓް ރިޕޯޓުގައިވަނީ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ރިސޯޓުގެ ވޯކްވޭގައި ހުރި ލައިޓްތަކަށް ކަރަންޓް ދިނުމަށްޓަކައި އަޅާފައިވާ ކޭބަލް ހަލާކުވެގެން ކަމަށާއި، މިފަދައިން ކަންހިންގުމަށް މެދުވެރިވެފައިވަނީ އެ ދުވަސްވަރަކީ މޫސުންގޯސް ވައިގަދަ ދުވަސްވަރެއް ކަމުން ގަދަވަޔާއި ރާޅުގެ ސަބަބުން ކޭބަލް މައްޗަށް އަރާފައި އޮތުމުން ކަމުގައެވެ. މީގެ އިތުރުން، ހާދިސާ ހިނގުމުން ވަގުތުން އެތަނަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ފަތުރުވެރިޔާއަށް އެންގި ކަމަށާއި، ނަމަވެސް އެ ވަގުތު އަދި ޑޮކްޓަރަށް ދައްކަން ބޭނުން ނުވާ ކަމަށް ފަތުރުވެރިޔާ ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
5މި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސަންސްޕޮޓްގެ މައްޗަށް އެމޭންޑާ ދަޢުވާކުރިއެވެ. ނޯތްހެމްޓަން ކައުންޓީ ކޯޓުގެ ނަންބަރު 3Y068832 ޤަޟިއްޔާއިން ބެލުނު މައްސަލައިގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ ފަތުރުވެރިޔާއަށް ލިބުނު ޖިސްމާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައާއި ޕްރޮފެޝަނަލް އެންޑް ލީގަލްފީގެ ގޮތުގައި ޖުމްލަ £67,258.56 (ފަސްދޮޅަސް ހަތްހާސް ދުއިސައްތަ ފަންސާސް އަށެއް ޕޮއިންޓް ފަހެއް ހައެއް ސްޓަރލިންގ ޕައުންޑް) ސަންސްޕޮޓްގެ ފަރާތުން އެމޭންޑާއަށް ދެއްކުމަށެވެ.
6ނޯތްހެމްޓަން ކައުންޓީ ކޯޓުން މިފަދައިން ނިންމިފަހުން، އެމޭންޑާއަށް ސަންސްޕޮޓްގެ ފަރާތުން ދައްކަންޖެހުނު ފައިސާއާއި، އެ މައްސަލައިގެ ޝަރުޢީ މަރުހަލާގެ ޚަރަދުގެ ގޮތުގައި ސަންސްޕޮޓްގެ ފަރާތުން ޚަރަދުކޮށްފައިވާ ފައިސާއާއެކު ޖުމްލަ £114,008.56 (އެއްލައްކަ ސާދަހާސް އަށެއް ޕޮއިންޓް ފަހެއް ހައެއް ސްޓަރލިންގ ޕައުންޑް) ޖެޓަން ޓްރެވެލްގެ ކިބައިން އެކީ އެއްފަހަރާ ހޯދުމަށް އެދި ސިވިލް ކޯޓުގައި ސަންސްޕޮޓްގެ ފަރާތުން ދަޢުވާކުރިއެވެ.
ސިވިލް ކޯޓު އަދި ހައިކޯޓުގެ ނިންމުން
7ސަންސްޕޮޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާއިން ބެލި މައްސަލައިގައި ޙުކުމް ކޮށްފައިވަނީ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ޖެޓަން ޓްރެވެލްގެ ފަރާތުން ސަންސްޕޮޓް އަށް ދޭންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، ފައިސާ ސަންސްޕޮޓް ޓުއަރސް އަށް ލިބިދިނުމުގެ ގޮތުން 18 ޖުލައި 2019 އިން ފެށިގެން މީލާދީ 02 (ދޭއް) މަސްދުވަހުގެ ތެރޭގައި މަދުވެގެން އެ މަހަކަށް ޖެހޭވަރު ދެއްކުމަށް ޖެޓަން ޓްރެވެލް އަށް އަންގައެވެ.
8ސިވިލް ކޯޓުން އިސްވެ ބަޔާންކުރެވުނު ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
8.1. ހާދިސާގައި އަނިޔާވެފައިވާ ފަތުރުވެރިޔާއަކީ ސަންސްޕޮޓް މެދުވެރިވެގެން ދިވެހިރާއްޖެއަށް އައިސް ޖެޓަން ޓްރެވަލްގެ ފަރާތުން ހިންގަމުންދާ ކްލަބް ރަންނާޅި ރިސޯޓަށް ދިޔަ ފަތުރުވެރިއެއް ނޫންކަމަށް ނުވަތަ އެ ހާދިސާ ހިނގި ކަމަށް ބުނާ ދުވަހު އެ ފަތުރުވެރިޔާ އެ ރިސޯޓުގައި ނެތް ކަމަށް ބުނެ އެކަމުގެ މައްޗަށް ޖެޓަން ޓްރެވަލްގެ ފަރާތުން އިންކާރުކޮށް ޝައްކެއް އުފައްދާފައި ނުވުން.
8.2. ސަންސްޕޮޓްގެ މައްޗަށް ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ދަޢުވާ ކޮށްފައިވަނީ ސީދާ އެ ނޫންކަމާއި، އެ ކުންފުންޏަކީ ފަތުރުވެރިޔާ ދިވެހިރާއްޖެއަށް ގެނައުމުގައި ޓްރެވެލް އެޖެންޓެއްގެ ހައިސިއްޔަތުން ފަތުރުވެރިޔާގެ ކަންކަމާއި ޒިންމާވެގެން އެ ރިސޯޓަށް ފަތުރުވެރިޔާ ފޮނުވި ފަރާތް ކަމުގައިވާތީ އެ ކުންފުނިން ޒިންމާވާންޖެހޭނެކަން އެ ޤަޟިއްޔާއަށް ބެލުމުން އެނގެން އޮތުމާއެކު، ފަތުރުވެރިޔާ އެ ރިސޯޓުގައި އުޅެނިކޮށް ރިސޯޓުގެ އިހުމާލުން ލިބުނު ގެއްލުމުގެ ބަދަލުގައި ފަތުރުވެރިޔާ އެ ރިސޯޓަށް ފޮނުވި ފަރާތުން ދައްކަންޖެހުނު ފައިސާއާއި ޕްރޮފެޝަނަލް އެންޑް ލީގަލްފީގެ ގޮތުގައި ޚަރަދުކުރަންޖެހުނު ފައިސާއަކީ ޖެޓަން ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޭންޖެހޭ ފައިސާއެއް ނޫން ކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތްކަން.
9ސިވިލް ކޯޓުގެ މި ނިންމުން ޖެޓަން ޓްރެވެލްގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 2019/HC-A/456 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ ސަންސްޕޮޓްގެ ފަރާތުން ހުށަހެޅި ދަޢުވާއަކީ އެ ކޯޓުން ބަލައި ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ނޫންކަމުން، ސިވިލް ކޯޓުގެ ޙުކުމް ބާޠިލްކޮށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
10ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ސަންސްޕޮޓްގެ ފަރާތުން މައިގަނޑު 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވ.
10.1 ފުރަތަމަ ސަބަބަކީ، އެސްޓޮޕެލްއަކީ އެތަކެއް ތަފާތު ބައިތަކެއްގެ މައްޗަށް އެކުލެވޭ ޤާނޫނީ މަބްދަޢުއެއް ކަމުގައިވާއިރު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ އެސްޓޮޕެލްގެ ކޮން މަބްދަޢުއެއްކަން ބަޔާންކޮށްފައިނުވާ ކަމަށާއި، މިއީ ޙުކުމަށް ވާސިލްވި ސަބަބުތައް ބަޔާންކުރުމަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއްކުރުމުގެ ޙައްޤާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ. އަދި ޙުކުމަށް ވާސިލްވި ސަބަބުތައް ބަޔާންކޮށްފައި ނުއްނަމަ މައްސަލައެއް އިސްތިއުނާފުކުރަން ބޭނުންވާ ޚަޞްމަށް އޭނާއަށް ތައުނުކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެހެންކަމުން މި ނިންމުމަކީ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލާއި ޚިލާފަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެއް ކަމުގައާއި؟ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި އެސްޓޮޕެލްގެ ދަށުން "އެއް މައުޟޫޢެއްގައި ދެ ދަޢުވާކުރުން" ހުއްޓުވެނޭ މަބްދަޢު ކަމުގައިވާ އިޝޫ އެސްޓޮޕަލް (issue estoppel) އާއި އެސްޓޮޕަލްގެ ދަށުން އެއް ކަމެއްގައި ތަފާތު ސްޓޭންޑް ނެގުން މަނާކުރުމާގުޅޭ ޖުޑީޝަލް އެސްޓޮޕަލް (judicial) (estoppel އާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.
10.2 ދެވަނަ ސަބަބަކީ، އެއް ކަމާކާ ގުޅިގެން ދެ ކޯޓެއްގައި ދެ ގޮތަށް ވާހަކަ ދައްކާފައި އޮތުމަކީ ކޮންމެވެސް އެއް ކޯޓެއްގައި ޙަޤީޤަތާ ޚިލާފަށް ވަކާލާތު ކޮށްފައިވުން ކަމުގައި ކަނޑައަޅައި ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް ރިޢާޔަތްކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތް ދިވެހިރާއްޖޭގައި ތަމްސީލުކުރި ވަކީލުންނަށް ނިސްބަތްވާ ގޮތަށް ކަމުގައިވާއިރު، ވަކީލުންގެ ސުލޫކީ މިންގަނޑާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ރަޢުޔުތައް ބަޔާންކޮށްފައިވަނީ ޖުޑީޝަލް އެސްޓޮޕަލްގެ ދަށުން އެފަދައިން ދަޢުވާކުރުމަށް ޤާނޫނީ ހުރަހެއް ނެތީސް ކަމުގައި ބުނެ ހުށަހެޅި ސަބަބު.
11މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހެނީ އެސްޓޮޕަލްގެ އާންމު މަބްދަޢާ ހަވާލާދީ ސަންސްޕޮޓްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީ ގޮތުން ރަނގަޅު ބިނާއެއްގެ މައްޗަށްކަން ނުވަތަ ނޫންކަމެވެ. އެސްޓޮޕެލް ތަޢުބީޤުކޮށްފައިވާ ގޮތާގުޅޭ
(ހ) ހައިކޯޓަށް ހުށަހެޅުނު ނުކުތާއާއި، ނިންމި ގޮތާއި، އެ ނިންމުމާގުޅޭ ބަހުސް
12ސިވިލް ކޯޓަށް ސަންސްޕޮޓްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ނިންމުން ހައިކޯޓުން ބާޠިލުކޮށް، އެ ދަޢުވާއަކީ ކޯޓުން ބަލައި ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ނޫންކަމުގައި ނިންމާފައިވަނީ އެސްޓޮޕަލްގެ އާންމު މަބްދައަށް ހަވާލާދީ، ޖެޓަން ޓްރެވެލްގެ ފަރާތުން އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅި ނުކުތާތަކުގެ ތެރެއިން ތިންވަނަ ނުކުތާގެ މައްޗަށް ބިނާކޮށެވެ. 6 ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޞަފްޙާ 69 ގައި ހިމަނާފައިވާ އިސްތިއުނާފު ފޯމުގެ 8 ވަނަ ނަންބަރުގައި ހިމަނާފައިވާ ނުކުތާތަކަށް ބެލުމުން، ޖެޓަންގެ ޓްރެވެލްގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ރ) ގެ 1 އަދި 2 އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހަވާލާދީ އަންނަނިވި 5 (ފަހެއް) އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ. އެ ނުކުތާތަކަކީ: (1) ސިވިލް ކޯޓުގެ ޤަޟިއްޔާގައި ސަންސްޕޮޓުގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަށް ޖެޓަން ޓްރެވެލްއިން ޒިންމާވާންޖެހޭނެ ކަމަށް ޙުކުމްކޮށްފައިވަނީ ދެފަރާތުގެ މެދުގައިވާ ކޮން އެއްބަސްވުމެއްގެ ދަށުންކަން ނުވަތަ ކޮން ޤާނޫނެއް، ގަވާއިދެއް ނުވަތަ ޝަރުޢީ އުސޫލެއްގެ ދަށުންކަން އެނގެން ނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާ. (2) ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވަނީ ނޯތްހެމްޓަން ކައުންޓީ ކޯޓުން މައްސަލަ ނިމުނުތާ 3 (ތިނެއް) އަހަރު ފަހުން ކަމުގައިވާތީ، އަދި ފަތުރުވެރިޔާއަށް ކުރިމަތިވި ހާދިސާ ހިނގިތާ 7 (ހަތެއް) އަހަރާއި 8 (އަށެއް) މަސްދުވަސް ފާއިތުވިފަހުން ކަމުގައިވާތީ، އެކަށީގެންވާ މުއްދަތެއް ލިބި ދަޢުވާ ނުކޮށް ދޫކޮށްލުމުން ދަޢުވާ ކުރުމުގެ ޙައްޤު ގެއްލިގެންދާނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/28 ޤަސިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި، އިކުއިޓީގެ މަބްދަޢުއެއް ކަމުގައިވާ delay defeats equity އާ ޚިލާފަށްކަމުން، މި ދަޢުވާ ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ. (3) ފަތުރުވެރިޔާއަށް ލިބުނު ގެއްލުމަކީ ރިސޯޓުގެ އިހުމާލުން ލިބުނު ގެއްލުމެއް ނޫންކަމަށް ސަންސްޕޮޓް ބަހުންނާއި ޢަމަލުން އަދި ނޯތްހެމްޓަން ކައުންޓީ ކޯޓުގައި އެ ފަރާތުން ހުށަހެޅި ވާޤިޢާތަކުން ދައްކުވައިފައިވުމުން އެ ވާޤިޢާތައް ޖެޓަންގެ ޓްރެވެލްގެ ފަރާތުން ޤަބޫލުކޮށްއެ ކަންކަމުގެ މައްޗަށް ޖެޓަންގެ ޓްރެވެލްގެ ފަރާތުން ބަރޯސާވެފައިވާހިނދު، އެ ވާޤިޢާތަކާ މުޅިން ޚިލާފަށް، ޖެޓަންގެ ޓްރެވެލްގެ މަޞްލަޙަތާ ދެކޮށް މުޅިން ތަފާތު ވާޤިޢާތަކެއްގެ މައްޗަށް ވަކާލާތު ކުރުމަށް އިސްތިއުނާފު ކުރާ ފަރާތް estop ވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި މި އުސޫލުތަކަކީ ރާއްޖޭގައި ބަލައިގަނެފައިވާ އުސޫލުތަކެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ. (4) ސަންސްޕޮޓްގެ ފަރާތުން ހޯދުމަށް އެދިފައިވާ ޤާނޫނީ ވަކީލު ފީއަށް ޖެޓަންގެ ޓްރެވެލްގެ ފަރާތުން ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/348 ނަންބަރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ. (5) ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ހާޟިރުކޮށް ދިނުމަށް އެދިފައިވާ ޝަފަހީ ހެކިން ހާސިރުކޮށްދީފައި ނުވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ކަނޑަ ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
13މިގޮތުން، ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ސަންސްޕޮޓްގެ ފަރާތުން ހުށަހެޅި ބަޔާނުގައި ފަތުރުވެރިޔާއަށް ދިމާވި ހާދިސާ ހިނގާފައިވަނީ ރިސޯޓުގެ އެއްވެސް އިހުމާލެއް ނެތި އަމިއްލަ ބާރު ނުފޯރުވޭ ހާދިސާއެއްގެ ސަބަބުން ކަމަށް ބަޔާންކުރުމަށްފަހު، ހަމަ އެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާގައި ފަތުރުވެރިޔާއަށް ދިމާވި ހާދިސާއަކީ ރިސޯޓުގެ އިހުމާލުން ހިނގާދިޔަ ހާދިސާއެއް ކަމުގައި ބުނެ މައްސަލަ ހުށަހަޅާފައިވާކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ކޯޓުތަކުގައި އެއް މައުޟޫޢެއްގައި އަދި އެއްކަމެއްގައި އެކި ފަހަރު އެކި ގޮތަށް، ތެދު ދޮގެއް ބެލުމެއް ނެތި ދަޢުވާކޮށް އެ ދަޢުވާ ދިފާޢުކުރުމަށް ވަކާލާތުކޮށް ވާހަކަ ދައްކަމުން ގެންދިއުމަކީ ހުއްޓުވަން ޖެހޭ ކަމެއް ކަމުން، ޚަޞްމަކު އެއް ކޯޓުގައި ދައްކާ ވާހަކަ އަނެއް ކޯޓުގައި ދިމާ އިދިކޮޅަށް ބަދަލުކޮށްގެން ފަނޑިޔާރުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ އެސްޓޮޕެލްގެ އާންމު މަބްދަޢުގެ ދަށުން ކުރެވިގެންވާނެ ކަމެއް ނޫންކަމުގައި ހައިކޯޓުން މައްސަލަ ނިންމުމުގައި ބަޔާންކޮށް، ސިވިލް ކޯޓުގެ ނިންމުން ބާޠިލުކޮށްފައިވާކަން ފާހަގަވެއެވެ.
14އެސްޓޮޕެލްގެ އާންމު މަބްދައާ ހަވާލާދީ ހައިކޯޓުން ފާހަގަކޮށްފައިވާ (އިސްވެ ބަޔާންކުރެވިފައިވާ) ނުކުތާގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ބ) އަށާއި އެ ޤާނޫނުގެ 47 ވަނަ މާއްދާއަށް ހަވާލާދީ، ޤާނޫނީ ވަކީލަކު ކޯޓަށް އެއްވެސް ކަމެއް އޮޅުވާލުމަކީ ނުވަތަ ޤަސްދުގައި ކަމެއް ވަންހަނާކުރުމަކީ ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ކަމުގައާއި، ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުބާރު އާންމު މުޖުތަމަޢުގައި ގެއްލިދާފަދަ ކަންކަން ޤާނޫނީ ވަކީލުން ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
15ހައިކޯޓުގެ ނިންމުމުގައި، ޖެޓަންގެ ފަރާތުން ހުށަހެޅި އެހެނިހެން އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅާފައި ނުވެއެވެ.
16ހައިކޯޓުގެ ނިންމުމުގައި އެސްޓޮޕެލްގެ މަބްދަޢު ތަޢުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ސަންސްޕޮޓްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ ތަފްސީލުގައި އެ ކުންފުނީގެ ފަރާތުން އަންނަނިވ ކަންކަން ފާހަގަކޮށްފައިވެއެވެ.
16.1 އެސްޓޮޕެލްއަކީ ޤާނޫނީ މަބްދަޢެއް ކަމުގައިވާހިނދު، ތަފާތު އެކި ބާވަތްތަކުގެ އެސްޓޮޕެލް ހުންނަ ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ އެސްޓޮޕެލްގެ ކޮން މަބްދަޢުއެއްކަން ބަޔާންކޮށްފައިނުވާ ކަމުގައި ސަންސްޕޮޓްގެ ފަރާތުން ބުނެއެވެ. އަދި ކޮންމެ ބާވަތެއްގެ އެސްޓޮޕެލްއެއް ތަޠުބީޤުކުރެވޭނެ ހާލަތްތަކާއި، އާންމު އަދި ޚާއްސަ އުންސުރުތައް ހުންނަ ހިނދު، ހައިކޯޓުން "އެސްޓޮޕަލްގެ ޢާންމު މަބްދަޢު" ތަޠުބީޤުކުރުމުގައި، އެއީ ކޮން ޙާލަތްތަކެއްގައި ތަޠުބީޤުކުރެވޭ، އަދި ކޮން އާންމު އަދި ހާއްސަ އުންސުރުތަކެއް ފުރިހަމަވެގެން ތަޠުބީޤުކުރެވޭ އެސްޓޮޕަލްއެއްކަން ބަޔާންކޮށްފައި ނުވުމުގެ އިތުރުން، މައްސަލައިގެ ވާޤިޢާތައް އެކަން ކަމަށް ތަޠުބީޤުވެގެންދަނީ ކޮންގޮތަކުންކަން ބަޔާންކޮށްފައި ނުވާކަންވެސް ސަންސްޕޮޓްގެ ފަރާތުން ފާހަގަކުރެވެއެވެ.
16.2 ޙުކުމަށް ވާސިލްވި ސަބަބުތައް ބަޔާންކުރުމަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއްކުރުމުގެ ޙައްޤާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ކަމަށާއި، ޙުކުމަށް ވާސިލްވި ސަބަބުތައް ބަޔާންކޮށްފައި ނުވާނަމަ މައްސަލައެއް އިސްތިއުނާފުކުރަން ބޭނުންވާ ޚަޞްމަށް އޭނާއަށް ތައުނުކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެހެންކަމުން މި ނިންމުމަކީ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލާއި ޚިލާފު ނިންމުމެއް ކަމުގައި ސަންސްޕޮޓްގެ ފަރާތުން ބުނެއެވެ.
16.3 ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި އެއް މައުޟޫޢެއްގައި ދެ ދަޢުވާކުރުން ހުއްޓުވުމަށް ބޭނުންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ އިޝޫ އެސްޓޮޕަލް (issue estoppel) އާއި، އެސްޓޮޕަލްގެ ދަށުން އެއް ކަމެއްގައި ތަފާތު ސްޓޭންޑް ނެގުން މަނާކުރުމާގުޅޭ ޖުޑީޝަލް އެސްޓޮޕަލް (judicial estoppel) ގެ އުސޫލުތައް ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ ޤާނޫނީ ގޮތުން ގޯސްކޮށް ކަމުގައި New Hampshire v Maine, 532 U.S. (2001) 742 އަށް ހަވާލާދީ ސަންސްޕޮޓްގެ ފަރާތުން ފާހަގަކުރެވެއެވެ.
16.4 ޖެޓަން ޓްރެވެލްއިން އެފަރާތުން ހިންގާ ރިސޯޓަށް ފަތުރުވެރިން ހޯދުމުގެ މަސައްކަތްކުރުމަށް ސަންސްޕޮޓްއާ ހަވާލުކޮށްފައިވާތީ، ސަންސްޕޮޓްއާއި ޖެޓަން ޓްރެވެލްއާމެދު އޮތީ އެޖެންސީގެ ގުޅުމެއްކަން، އަދި އެޖެންސީ ގުޅުމުގެ ތެރެއިން އެޖެންޓްކުރާ މުޢާމަލާތްތަކާއި އެ ކަންކަމާ ގުޅިގެން އެޖެންޓާމެދު އުފުލޭ ދަޢުވާތަކަށް އެޖެންޓް އިންޑެމްނިފައި (indemnify) ކުރުމަކީ ޕްރިންސިޕަލްގެ މައްޗަށް އޮތް ފައިޑިއުޝަރީ ޑިއުޓީ (fiduciary duty) އެއްކަމުގައިވެސް ސަންސްޕޮޓުން ބުނެއެވެ.
17މި ނުކުތާއަށް ރައްދުދެމުން، ޖެޓަން ޓްރެވެލްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
17.1 ކަޕޫރުﷲ ޔޫސުޕް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް SC 75 [2021] ގައި ކަނޑައަޅާފައިވާ ފަދައިން، ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ހާލަތުގައި އަމަލު ކުރަންޖެހޭ އާންމު އުސޫލަކީ އިސްތިއުނާފުކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުހަލާތަކުގައި ވެސް ހުށަހެޅިފައިވާ ޤާނޫނީ ބަހުސަކަށް ވުން ކަމުގައާއި، އެ މައްސަލައިގައި ބަޔާންކޮށްފައިވާ ފަދައިން އައު ނުކުތާއެއް އިސްތިއުނާފު ކުރުމުގައި ހުށަހެޅޭނީ އިސްތިސްނާއީ ހާލަތެއް ކަމުގައި ވުމެވެ. އެހެންނަމަވެސް، ސަންސްޕޮޓުގެ ފަރާތުން އިޝޫ އެސްޓޮޕަލް އަދި ޖުޑީޝަލް އެސްޓޮޕަލްގެ ވާހަކަ ދައްކާފައިވަނީ ސުޕްރީމް ކޯޓުގައި އަލަށް ހުށަހެޅި ޤާނޫނީ ބަހުސެއްގެ ގޮތުގައި ކަމާއި، މިއީ އެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައި ނުވާ ނުކުތާއެއް ކަމުގައި ޖެޓަން ޓްރެވެލްގެ ފަރާތުން ބުނެއެވެ.
17.2. ހަމައެއާއެކު ޖެޓަން ޓްރެވެލްގެ ފަރާތުން ސިވިލް ކޯޓުގައި އެސްޓޮޕަލް ތަޠުބީޤުކުރަންޖެހޭ ކަމަށް ބުނެ ހުށަހެޅި ނުކުތާގެ ރައްދުގައި ޖަވާބުދާރީވެފައި ނުވާއިރު، ސަންސްޕޮޓްގެ ފަރާތުން އެ ނުކުތާއާމެދު ފުރަތަމަވެސް ވާހަކަ ދައްކާފައިވަނީ ހައިކޯޓުގައި ކަމަށާއި، އަދި ސަންސްޕޮޓްއިން ހައިކޯޓުގައި ވަކާލާތުކޮށްފައިވަނީ މި މައްސަލައަށް ޕްރޮމިސަރީ އެސްޓޮޕަލް (promissory estoppel) ތަޠުބީޤު ނުކުރެވޭނެ ކަމަށް ބުނެ ކަމުގައި ޖެޓަން ޓްރެވެލްގެ ފަރާތުން ފާހަގަކުރެއެވެ.
17.3. އެސްޓޮޕެލްއާ ގުޅިގެން ޖެޓަން ޓްރެވެލްގެ ފަރާތުން ހައިކޯޓުން ފާހަގަކުރި ނުކުތާގައި މި މައްސަލައަށް ތަޠުބީޤުކުރުމަށް އެދިފައިވަނީ ޕްރޮމިސަރީ އެސްޓޮޕަލް ނޫންކަމާއި އެސްޓޮޕަލްގެ ޢާންމު މަބްދަޢު ކަމުގައި އެ ކުންފުނިން ފާހަގަކޮށް، ސަންސްޕޮޓްގެ ބަހާއި އަމަލުން ފަތުރުވެރިޔާއަށް ގެއްލުން ލިބުނީ ރިސޯޓުގެ އިހުމާލުން ނޫންކަމުގައާއި ފަތުރުވެރިޔާއަށް ދިމާވި ހާދިސާއަކީ އެކްސިޑެންޓެއް ކަމަށް ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ބަޔާންކޮށްފައިވުމުން، އެކަމުގެ މައްޗަށް ޖެޓަން ޓްރެވެލްއިން ބަރޯސާވެ ތިބިހިނދު، އެ ކޯޓުގައި ދައްކާފައިވާ ވާހަކައާ ޚިލާފަށް އަދި ޖެޓަން ޓްރެވެލްއަށް ގެއްލުންވާގޮތަށް ސަންސްޕޮޓްއިން އަމަލުކުރުން ހުއްޓުވަންޖެހޭ ކަމުގައި ޖެޓަން ޓްރެވެލްއިން ބުނެއެވެ.
17.4. ހަމަ އެއާއެކު، ސަންސްޕޮޓްގެ ފަރާތުން ޖުޑީޝަލް އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނާއިރު، އެ މަބްދަޢު ތަޠުބީޤުކުރަންޖެހޭ ގޮތް (2001) New Hampshire v Maine, 532 U.S. 742 ގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ މައްސަލައިގައި ފާހަގަކޮށްފައިވާ ޓެސްޓު މި މައްސަލައަށް ތަޠުބީޤުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވަނީ ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ސަންސްޕޮޓްއަށް މައްސަލަ ކާމިޔާބު ވެފައި ނުވުމުގެ މައްޗަށް ކަމުގައިވާއިރު، Blumberg v. USAA (2001) Casualty Insurance 790 So. 2d 1061 (Fla. ތަފްސީލުކޮށްދީފައިވާ ކަންކަމަށް ބެލުމުން، ކަން އޮތީ ސަންސްޕޮޓްގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ނޫންކަމުގައި ޖެޓަން ޓްރެވެލްއިން ފާހަގަކުރެއެވެ.
17.5. ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ސަންސްޕޮޓްގެ ފަރާތުން ވަކާލާތުކޮށްފައިވަނީ މައްސަލަ ރައްދުވާ ފަރާތުގެ އެއްވެސް އިހުމާލެއް ނެތް ކަމުގެ މައްޗަށް ކަމަށްވާއިރު، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ރިސޯޓުން އިހުމާލުވެފައިވާ ކަމަށް އެ ފަރާތުން ދެކޭ ކަމަށް ބުނެ ދެ ކޯޓުގައި ދެ ގޮތަށް ވަކާލާތުކުރިކަމީ ފެންނަން އޮތް ޙަޤީޤަތެއް ކަމުން، އަދި އެ ފަރާތަށް އެ ވަގުތު އެންމެ ކޮންވީނިއަންޓް ގޮތަށް ވަކާލާތުކޮށްފައިވާކަން އެނގޭތީ، މި މައްސަލައަށް ޖުޑީޝަލް އެސްޓޮޕެލްގެ މަބްދަޢު ތަޠުބީޤުކުރެވިދާނެކަމަށް ޖެޓަން ޓްރެވެލްއިން ބުނެއެވެ.
17.6. މީގެ އިތުރުން، ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ސަންސްޕޮޓްއިން އެފަރާތަކީ ޖެޓަން ޓްރެވެލް ގެ އޭޖަންޓެއް ކަމަށާއި ޖެޓަން ޓްރެވެލްއަކީ ސަންސްޕޮޓްގެ ޕްރިންސިޕަލްކަމުގައި ބުނެ އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު، އޭޖަންސީއާ ގުޅޭގޮތުން ސަންސްޕޮޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާއަކީ ސިވިލް ކޯޓުގައިވެސް ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމުގައިވެސް ޖެޓަން ޓްރެވެލްގެ ފަރާތުން ބުނެއެވެ.
18މި މައްސަލައަށް ބަލާއިރު، ޖެޓަން ޓްރެވެލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ތިން ވަނަ އިސްތިއުނާފީ ނުކުތާގައި، ސަންސްޕޮޓްގެ ފަރާތުން ސިވިލް ކޯޓުގައި ދެއްކި ވާހަކަތަކަކީ ހަމަ އެފަރާތުން ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ދެއްކި ވާހަކަތަކާ ފުށުއަރާ ވާހަކަތަކެއްކަން ފާހަގަކޮށް، ސަންސްޕޮޓްއިން ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ދެއްކި ވާހަކަތަކާ ޚިލާފަށް ރާއްޖޭގައި ވަކާލާތުކުރުން ހުއްޓުވަންޖެހޭ ކަމުގައި ނުވަތަ އެސްޓޮޕް (estop) ކުރަންޖެހޭކަމުގައި ބުނެފައިވެއެވެ.
19ހައިކޯޓަށް ޖެޓަން ޓްރެވެލްގެ ފަރާތުން މި ނުކުތާގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ސަންސްޕޮޓްގެ ފަރާތުން ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ވަކާލުކޮށްފައިވާ ކަންކަމުގެ މައްޗަށް ޖެޓަން ޓްރެވެލްގެ ފަރާތުން ބަރޯސާވެފައިވާކަމުގެ މައްޗަށް ވާހަކަދައްކާފައިވާކަން އެނގެއެވެ. އެހެންކަމުން، ހައިކޯޓުގައި ޖެޓަން ޓްރެވެލްގެ ފަރާތުން ހުށަހެޅި ކަންކަމުގައި ސަންސްޕޮޓް އެސްޓޮޕް ކުރަންޖެހޭކަމުގައި ބުނެފައިވާ ހިނދު، ސީދާ އެ މަބްދަޢަށް ހަވާލާދީފައި ނުވާނަމަވެސް، ޖެޓަން ޓްރެވެލްގެ ފަރާތުން އެކަމުގެ ތަފްސީލުގައި ހުށަހަޅާފައިވަނީ އެސްޓޮޕަލްގެ މަބްދަޢުގެ ބާވަތެއް ކަމުގައިވާ ޕްރޮމިސަރީ އެސްޓޮޕަލްއާ ގުޅޭ ކަންކަމެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ސަންސްޕޮޓްއިން ހައިކޯޓުގައި ވަކާލާތުކޮށްފައިވަނީ މައްސަލައަށް ޕްރޮމިސަރީ އެސްޓޮޕަލް ތަޠުބީޤު ނުކުރެވޭނެ ކަމުގެ މައްޗަށެވެ.
20އެސްޓޮޕަލްއާ ގުޅިގެން ޖެޓަން ޓްރެވެލް އަދި ސަންސްޕޮޓްގެ ހުށަހެޅުންތައް އެފަދައިން ހުރިކަން ހައިކޯޓުގެ ރިޕޯޓުގައި ހިމަނާފައިވާ ލިޔެކިޔުމުން އެނގެން އޮތްހިނދު، ހައިކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ އެސްޓޮޕަލްގެ އާންމު މަބްދަޢާ ހަވާލާދީއެވެ. އެހެންނަމަވެސް، އެ ނިންމުމުގައި އެ މަބްދަޢު ތަޠުބީޤު ކުރެވޭ ހާލަތްތަކާއި މި މައްސަލައަށް އެ މަބްދަޢު ތަޠުބީޤުކޮށްފައިވަނީ އެކަންކަން ފުރިހަމަވެގެން ކަމާމެދު ހައިކޯޓުން ތަފްސީލު ދީފައިވާކަން ފާހަގަވާން ނެތެވެ.
(ށ) އައު އިސްތިއުނާފީ ނުކުތާއެއް؟
21ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ އެސްޓޮޕަލް ތަޠުބީޤުކޮށްފައިވާ ގޮތް ރަނގަޅުކަން ނުވަތަ ނޫންކަމުގެ މައްޗަށް ވީނަމަވެސް، އެ ނުކުތާއަކީ ސަންސްޕޮޓްގެ ފަރާތުން ކުރިން އެކަމުގެ މައްޗަށް ވާހަކަދައްކާފައި ނުވާ އައު ނުކުތާއެއް ކަމުގައި ބުނެ، ޖެޓަން ޓްރެވެލްގެ ފަރާތުން ޤާނޫނީ ބަހުސެއް ހުށަހަޅާފައިވާތީ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، އެ ނުކުތާއާމެދު އަހުރެން ދެކޭގޮތް ބަޔާންކުރާނަމެވެ.
22ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނަމަ، އިސްތިއުނާފުކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުހަލާތަކުގައިވެސް ހުށަހެޅިފައިވާ ޤާނޫނީ ބަހުސަކަށް ވާންޖެހޭ ކަމުގައި ކަޕޫރުﷲ ޔޫސުޕް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް SC 75 [2021] ގައި ކަނޑައަޅާފައިވާ ހިނދު، ސަންސްޕޮޓުގެ ފަރާތުން އިޝޫ އެސްޓޮޕަލް އަދި ޖުޑީޝަލް އެސްޓޮޕަލްއަށް ހަވާލާދީ ސްޕާރީމް ކޯޓުގައި ވާހަކަ ދައްކާފައިވަނީ އަލަށް ކަމަށާއި، ޖެޓަން ޓްރެވެލްގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ އެސްޓޮޕަލްގެ އާންމު މަބްދަޢު ތަޠުބީޤު ކުރުމަށް ކަމުގައި ޖެޓަން ޓްރެވެލް ބުނެއެވެ.
23HN1ތެދެކެވެ. ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ހާލަތުގައި ޢަމަލުކުރަންޖެހޭނެ ޢާންމު އުސޫލަކީ، އިސްތިއުނާފު ކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުހަލާތަކުގައިވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަހުސަކަށްވުމެވެ. އެހެން ނަމަވެސް، އިސްތިސްނާ ހާލަތްތަކެއްގައި ހައިކޯޓަށް ހުށަނާޅައި އައު ޤާނޫނީ ބަހުސަކަށް ސުޕްރީމް ކޯޓު މަރުހަލާގައި ފުރުސަތު ދެވުމުގެ އިހުތިމާލު އުފަންވެދާނެ ހާލަތްތަކެއް ހުރެދާނެ ކަން ކަޕޫރުﷲ ޔޫސުޕް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75] މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި އެގޮތުން:
(ހ) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ
(ށ) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވާނަމަ، އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަތުމުގައި ހުރަހެއް ނެތްކަމަށް އެ މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަހަގަކުރައްވާފައިވެއެވެ.
24HN2މި މައްސަލައަށް ބަލާއިރު، ސަންސްޕޮޓުގެ ފަރާތުން އިޝޫ އެސްޓޮޕަލް އަދި ޖުޑީޝަލް އެސްޓޮޕަލްއަށް ހަވާލާދީ ސުޕްރީމް ކޯޓުގައި ބަހުސްކޮށްފައިވަނީ ހައިކޯޓުގެ ނިންމުމުގައި އެސްޓޮޕަލްގެ އާންމު މަބަދަޢު ތަޠުބީޤުކޮށް، އެ ބިނާގެ މައްޗަށް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމުގައި ކަނޑައަޅާފައިވާތީއެވެ. ސަންސްޕޮޓްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމި ގޮތާއި ސީދާ ގުޅުމެއްވާ ކަމަކަށްވާތީ، ކަޕޫރުﷲ ޔޫސުޕް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 މައްސަލައިގައި އައު އިސްތިއުނާފީ ނުކުތާ ހުށަހެޅުމާ ގުޅިގެން ފާހަގަކޮށްފައިވާ އިސްތިސްނާ ހާލަތަށް ސަންސްޕޮޓްގެ އެ ހުށަހެޅުން ފެތޭ ކަމުގައި އަހުރެން ދެކެމެވެ.
(ނ) އެސްޓޮޕަލްއަކީ ކޮބާ؟
25އިކުއިޓީގެ މަބްދަޢުއެއް ކަމަށްވާ އެސްޓޮޕެލްއަކީ ފަރަންސޭސި ބަހެއް ކަމުގައިވާ "estoupe" އިން ނެގިފައިވާ ބަހެކެވެ. މި ބަހުގެ މާނައަކީ ހުއްޓުވުމެވެ.
26HN3ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން އެސްޓޮޕަލްގެ މަބްދަޢުއިން، ޤާނޫނީގޮތުން ކުރިއަށް ގެންދެވޭ މަޖިލީހެއްގައި ހުށަހަޅާ ހުށަހެޅުމަކާއި އިދިކޮޅު ހުށަހެޅުމެއް، އޭގެ ފަހުން ކުރިއަށްގެންދާ ޤާނޫނީ މަޖިލީހެއްގައި ނެގުން ހުއްޓުވައެވެ. އެހެންނަމަވެސް މިއީ އެސްޓޮޕަލް އޭގެ އެންމެ އަސާސީ ސިފައިގައި (generic form) އޮންނަ ގޮތެވެ. އެހެނީ ތާރީޚުގެ ތެރެއިން އިކުއިޓީގެ މި (އެސްޓޮޕަލްގެ) މަބްދަޢުގެ އެކި ބާވަތްތައް އުފަންވެ، އެކި ޖޫރިސްޑިކްޝަންތަކުގައި މި މަބްދަޢުގެ އެކި ބާވަތްތަކަށް ވަކިވަކި ނަން ދެވި، އެސްޓޮޕަލްގެ އެކި ބާވަތްތައް ތަޠުބީޤުކުރެވޭނެ އެކި ހާލަތްތައް ކަނޑައަޅާފައިވެއެވެ.
27މިހެންކަމުން، މިސާލެއްގެ ގޮތުން ޤާނޫނީ އިޖުރާއަތެއް (legal proceeding) ގެ ތެރެއިން ކުރިން ދެއްކި ވާހަކަތަކާ ފުށުއަރާ ވާހަކަތަކެއް ފަހުންދައްކާފައިވާނަމަ، އެކަން ހުއްޓުވުމުގައި ނުވަތަ އެސްޓޮޕް (estop) ކުރުމުގައި ދެ ޤައުމެއްގައި ބަލާ ކަންކަމަށް އަލިއަޅުވާލާނަމެވެ. (i) އިނގިރޭސިވިލާތް - އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަން (estoppel by representation)
28ސްޕެންސަރ ބޮވަރ އޭނާގެ ފޮތުގައި ލިޔެފައިވަނީ: “where one person (‘the representor’) has made a representation of fact to another person (‘the representee’) in words or by acts or conduct, or (being under a duty to the representee to speak or act) by silence or inaction, with the intention (actual or presumptive) and with the result of inducing the representee on the faith of such representation to alter his position to his detriment, the representor, in any litigation which may afterwards take place between him and the representee, is estopped, as against the representee, from making, or attempting to establish by evidence, any averment substantially at variance with his former representation, if the representee at the proper time, and in proper manner, objects thereto.”
29ކުރުކޮށް ޚުލާސާކުރާނަމަ، ޤާނޫނީގޮތުން ހިންގާ އިޖުރާއަތެއްގެ ތެރެއިން ވަކިކަމާގުޅޭ ޙަޤީޤަތްތައް ހުރީ ވަކިގޮތަކަށް ކަމުގައި ދެއްކުމަށްފަހު، އެފަދަ އެހެން މަހައްލެއްގައި އެކަން އޮތީ އެގޮތަށް ނޫންކަމުގައި ފަރާތަކުން ބުނާ ހާލަތުގައި، އެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅި ހުށަހެޅުމުގެ މައްޗަށް ބަރޯސާވެ އެހެން (ތިންވަނަ) ފަރާތަކުން ކަންކޮށްފިނަމަ، (ދެފަހަރު ދެގޮތަށް) އެ ހުށަހެޅުން ހުށަހެޅި ފަރާތުން ފަހުން ހުށަހެޅި ހުށަހެޅުން ޤަބޫލުނުކުރުމަކީ އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަން އަށް ހަވާލާދީ އަމަލުކުރާގޮތެކެވެ.
30އިނގިރޭސިވިލާތުގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭ އެސްޓޮޕަލްގެ މި މަފްހޫމް، އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަން، ތަޠުބީޤުކުރުމަށްޓަކައި ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެއީ:
30.1. އެއް ފަރާތުން ކަންއޮތީ ވަކިގޮތަކަށް ކަމުގައި ބުނެ ހުށަހެޅުމެއް ހުށަހަޅާފައިވާކަން، އަދި ސަބަބުވެރި އިންސާނަކަށް އެ ހުށަހެޅުމަކީ ސާފު، އޮޅުމެއް ނެތް ހުށަހެޅުމެއް ކަމުގައި ދޭހަވުން؛ އަދި
30.2. އެހެން (ތިންވަނަ) ފަރާތަކަށް ކަންއޮތީ ވަކިގޮތަކަށް ކަމުގައި ބުނެ ހުށަހެޅިކަންކަން މުޢާމަލާތްކޮށްފައި (communicate) ވުން، އަދި ހުށަހެޅުން ހުށަހެޅި ފަރާތުން އެ މުޢާމަލާތް ކުރުމުގެ މަގްސަދަކީ، އޮބްޖެކްޓިވް (objective) މިންގަނޑަކުން ބަލާއިރު، އަނެއް (ތިންވަނަ) ފަރާތުން އެކަމުގެ މައްޗަށް ބަރޯސާވެ އަމަލުކުރުން ކަމުގައިވުން.
31HN4އެހެންކަމުން، އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަންގެ މަންފާ ހޯދަންއެދޭ ފަރާތުން އަންނަނިވި ކަންކަން ޝަރީޢަތަށް ސާބިތުކޮށްދޭން ޖެހޭނެއެވެ.
31.1 (ހުށަހެޅުން ހުށަހެޅި ފަރާތުން) ހުށަހެޅި ކަންކަމަކީ ތެދު ކަމުގައި ޤަބޫލުކޮށްގެން، އެފަރާތުން އެކަމުގެ މައްޗަށް ބިނާކޮށް ވަކި ކަމެއްގައި ދެކުނު ގޮތް ނުވަތަ އަމަލުކުރި ގޮތް ބަދަލުކޮށްފައިވާކަން؛ އަދި
31.2 (ހުށަހެޅުން ހުށަހެޅި ފަރާތުން) ހުށަހެޅި ކަންކަމަކީ ސަބަބުވެރި އިންސާނަކަށް ތެދު ކަމުގައި ޤަބޫލުކުރެވޭ އަދި އެ ކަމުގެ މައްޗަށް ސަބަބުވެރި އިންސާނަކު ވަކި ކަމެއްގައި ދެކުނު ގޮތް ނުވަތަ އަމަލުކުރި ގޮތް ބަދަލުކުރުމަށް ބަރޯސާވާނެ ހުށަހެޅުމެއް ކަން.
32އެސްޓޮޕަލް ބައި ރެޕްރެސްންޓޭޝަން މައިގަނޑު ދެ ބަޔަކަށް ބަހާލެވެއެވެ. އެއީ (1) ޕްރޮމިސަރީ އެސްޓޮޕަލް (promissory estoppel) އަދި (2) ޕްރޮޕްރަޔަޓަރީ އެސްޓޮޕަލް (proprietary estoppel) އަށެވެ. މި ދެ ބާވަތުގެ ތެރެއިން ޕްރޮމިސަރީ އެސްޓޮޕަލްއަކީ އެއްބަސްވުންތައް ނުވަތަ މުޢާމަލާތްތަކުގެ ތެރެއިން އުފެދޭ ޙައްޤުތަކާއި ގުޅުންތަކުގެ މައްޗަށް ތަޠުބީޤުކުރެވޭ ބާވަތުގެ އެސްޓޮޕަލްއެވެ. އަދި ޕްރޮޕްރަޔަޓަރީ އެސްޓޮޕަލްއަކީ ބިމާގުޅޭ ކަންކަމުގައި ތަޠުބީޤުކުރެވޭ ބާވަތުގެ އެސްޓޮޕަލްއެވެ.
33މީގެ އިތުރުން، ވަކި ކަމަކާގުޅޭ ހަޤީޤަތްތައް ހާމަކުރުމުގައި ކަމާގުޅޭ މަޢުލޫމާތެއް ފޯރުކޮށްދީފައި ނުވާނަމަ (omission)، ފޯރުކޮށް ނުދީވާ އެ މަޢުލޫމާތު އެއީ ނެތް ހަޤީޤަތެއް ކަމުގައި ބަލައިގެން، 1,4,5 Means Ltd v. Shoreline Housing Partnership Ltd [2015] EWHC 1396 (TCC) Central London Property Trust Ltd v High Trees House Ltd [1947] KB 130 Guest and another v Guest [2022] UKSC 27 އޭގެ މައްޗަށް ބަރޯސާވާ ފަރާތުން ކަމެއް ނުވަތަ އަމަލެއްކޮށްފައިވާ ހާލަތުގައިވެސް އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަން ތަޠުބީޤުކުރެވިދާނެއެވެ. (ii) ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ - ޖުޑީޝަލް އެސްޓޮޕަލް (judicial estoppel)
34އިނގިރޭސިވިލާތެކޭ އެއް ފަދައިން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ގައިވެސް ޤާނޫނީގޮތުން ހިންގާ އިޖުރާއަތެއްގެ ތެރެއިން ހުށަހަޅާ ހުށަހެޅުމަކީ އޭގެ ކުރިން އެފަދަ އެހެން މަހައްލެއްގައި ހުށަހަޅާފައިވާ ހުށަހެޅުމަކާއި ތައާރުޒުވާ ހުށަހެޅުމެއްނަމަ، އެސްޓޮޕަލްގެ މަބްދަޢު މެދުވެރިކޮށް ފަހުން ހުށަހަޅާ ހުށަހެޅުން ހުއްޓުވައެވެ. އެ ޤައުމުގައި މިފަދައިން އެސްޓޮޕަލް ބޭނުންކުރާ ޙާލަތުގައި އެކަމަށް ހަވާލާދެނީ ޖުޑީޝަލް އެސްޓޮޕަލްގެ ގޮތުގައެވެ.
35ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓުން ޖުޑީޝަލް އެސްޓޮޕަލް ތަޠުބީޤުކުރުމާމެދު New Hampshire v. Maine މައްސަލައިގައި އުސޫލު ކަނޑައެޅުމުގެ ކުރިން، އެ ޤައުމުގެ އެކި އެޕީލް ކޯޓުތަކުގައި ޖުޑީޝަލް އެސްޓޮޕަލް ބޭނުންކޮށްފައިވަނީ އެކިގޮތަށެވެ. އަދި އެ ނިންމުމުގެ ކުރިން، އެ ޤައުމުގެ ބައެއް ސްޓޭޓްތަކުގެ ކޯޓުތަކުން ޖުޑީޝަލް އެސްޓޮޕަލް ތަޠުބީޤު ނުކުރުމަށް ނިންމާފައިވާކަންވެސް ފާހަގަވެއެވެ.
36HN5New Hampshire v. Maine މައްސަލައިގައި ޖުޑީޝަލް އެސްޓޮޕަލަކީ ކޯޓުތަކުގެ ނަޒާހަތްތެރިކަން ނުވަތަ އިންޓަގްރިޓީ ދެމެހެއްޓުމަށް މުހިންމު މަބްދަޢުއެއްކަން ފާހަގަކޮށް، ޖުޑީޝަލް އެސްޓޮޕަލް ތަޠުބީޤު ކުރެވޭނީ.
36.1. ޚަޞްމަކު ކޯޓަށް ހުށަހަޅާ ހުށަހެޅުމަކީ އޭގެ ކުރިން އެ ޚަޞްމަކު ހުށަހަޅާފައި ހުށަހެޅުމާއި ތަފާތު ހުށަހެޅުމެއްކަން ސާފުކޮށް އެނގެން އޮންނަ ހާލަތުގައި؛ އަދި
36.2. ހަސްމަކު ކުރިން ހުށަހަޅާފައިވާ (ފަހުން ހުށަހެޅި ހުށަހެޅުމާއި ތައާރުޒުވާ) ހުށަހެޅުން، ކުރިން މައްސަލަ ބެލި ކޯޓުން ބަލައިގަނެ، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް މައްސަލަ ކާމިޔާބުވެފައިވާނަމަ؛ އަދި
36.3. އެސްޓޮޕަލްގެ ބޭނުންކޮށް އެފަރާތް ނުހުއްޓުވުމުގެ ނަތީޖާއެއްގެ ގޮތުން (ދެފަހަރު ދެގޮތަށް) ހުށަހެޅުން ހުށަހަޅާ ޚަޞްމަށް އަދުލުވެރި ނޫން މަންފާއެއް ލިބިގެން ދާނެކަން ނުވަތަ މައްސަލައިގައި ހިމެނޭ އަނެއް ޚަޞްމަށް އަދުލުވެރި ނޫން ބުރައެއް އުފުލަންޖެހޭކަން ބެލުމަށް ފަހު ކަމުގައި ކަނޑައަޅާފައިވެއެވެ.
37ބުނެވުނު މައްސަލައިގައި ޖުޑީޝަލް އެސްޓޮޕަލް ތަޠުބީޤު ކުރެވޭނެ ހާލަތްތައް ބަޔާންކުރުމާއެކު، މައްސަލައިގައި ބަޔާންކޮށްފައިވަނީ އާންމު އިރުޝާދެއް ކަމަށާއި، ބިންވަޅު ނަގާފައިވާ ފޯމިއުލާއެއް ނޫންކަމުގައާއި، ހާލަތަށާއި ހަޤީޤަތްތަކަށް ބެލުމަށްފަހު، ޖުޑީޝަލް އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤު ކުރުމުގެ ފުރުސަތު އޮތްކަން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.
(ރ) މި މައްސަލައިގައި އެސްޓޮޕަލް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްތަ؟
38މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހުލާސާކޮށް މި ރައުޔުގެ 2 ވަނަ ޕްރެގްރާފުން ފެށިގެން 6 ވަނަ ޕެރެގްރާފްގެ ނިޔަލަށް ބަޔާންކޮށްފައިވާ ހިނދު، އެސްޓޮޕަލް ތަޠުބީޤު ކުރުމުގައި ގޯހެއް އޮތްކަން ނުވަތަ ނޫންކަން ބެލުމަށްޓަކައި، އިތުރު ތަފްސީލުތަކަށް ބަލާންޖެހެއެވެ.
39މި މައްސަލައިގެ ވާޤިޢާތަކުގެ ތެރެއިން ދެފަރާތުންކުރެ ފަރާތަކުން އެކަމާމެދު ޚިލާފެއް ނުއުފައްދާވާ ކަންކަން ފުރަތަމަ ބަޔާންކުރާނަމެވެ.
39.1. އިނގިރޭސިވިލާތުގެ ފަތުރުވެރިޔާ އެމޭންޑާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރީ ޖެޓަން ޓްރެވެލްގެ ދަށުން ހިންގަމުންދާ 'އަދާރަން ކްލަބް ރަންނާޅި' އެވެ ކިޔާ ރިސޯޓުގައި ކަން؛
39.2. އެ ރިސޯޓަށް އޭނާ ދިއުމަށް ހަމަޖެއްސީ އިނގިރޭސިވިލާތުގައި ޗުއްޓީ ދަތުރު ވިއްކާ ކުންފުންޏެއް ކަމުގައިވާ ސަންސްޕޮޓް މެދުވެރިކޮށް ކަން؛
39.3. އަދާރަން ކްލަބް ރަންނާޅީގައި އެމޭންޑާ ހުރިއިރު އެ ރިސޯޓުގެ ވޯޓާ ވިލާތަކަށް ދިއުމަށް ޚާއްސަކުރެވިފައިވާ ވޯކް ވޭއަކުން އެމޭންޑާ ހިނގާފާ ދަނިކޮށް އެ ތަނުގައި އޮތް ލައިވް ކަރަންޓް ވަޔަރެއްގައި އެމޭންޑާ ޖެހިފައިވާކަން؛
39.4. އެމޭންޑާ ކަރަންޓުގައި ޖެހުމުގެ ސަބަބުން އޭނާ ވެއްޓި އަނިޔާވެފައިވާކަން؛
39.5. އެމޭންޑާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެއްސީ އޭނާއާ ސަންސްޕޮޓްއާ މެދު ކޮށްފައިވާ މުޢާމަލާތުގެ ދަށުން ކަމުގައިވާތީ، އެމޭންޑާގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އިނގިރޭސިވިލާތުގެ ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ސަންސްޕޮޓްގެ މައްޗަށް ދަޢުވާކުރިކަން؛
39.6. ނޯތްހެމްޓަން ކައުންޓީ ކޯޓުން އެމޭންޑާއަށް ލިބުނު ޖިސްމާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައާއި ޕްރޮފެޝަނަލް އެންޑް ލީގަލްފީގެ ގޮތުގައި ޖުމްލަ £67,258.56 (ފަސްދޮޅަސް ހަތްހާސް ދުއިސައްތަ ފަންސާސް އަށެއް ޕޮއިންޓް ފަހެއް ހައެއް ސްޓަރލިންގ ޕައުންޑް) ނަގާދީ، ސަންސްޕޮޓްގެ ފަރާތުން އެމޭންޑާއަށް އެފައިސާ ދެއްކުމަށް އަންގާފައިވާކަން؛ އަދި
39.7. ނޯތްހެމްޓަން ކައުންޓީ ކޯޓުގެ ނިންމުން ނިހާއީ ވެފައިވާކަން.
40މި މައްސަލައިގައި ޚަސްމުންގެ މެދުގައި ޚިލާފު އުފެދި އެކަންކަމުގެ މައްޗަށް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން ހުރި ކަން ޤަބޫލުކުރަމެވެ. އެހެންނަމަވެސް، އެމޭންޑާ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ ޖެޓަން ޓްރެވެލްގެ ރިސޯޓެއް ކަމުގައިވާ އަދާރަން ކްލަބް ރަންނާޅީގައި ކަމުގައިވެފައި، އެ ރިސޯޓަށް އޭނާ ދިއުމަށް ހަމަޖެއްސީ ސަންސްޕޮޓް މެދުވެރިކޮށް ކަމުގައިވާތީ، އެމޭންޑާއާ ސަންސްޕޮޓްއާމެދު އެއްބަސްވުމެއް އޮތުމުގެ ސަބަބުން އެމެންޑާގެ ފަރާތުން ސަންސްޕޮޓްގެ މައްޗަށް ދަޢުވާކޮށް އޭނާ އެ ދައުވާ ކާމިޔާބު ކޮށްފައިވާހިނދު، އެމޭންޑާއާ ކުރިމަތިވި ހާދިސާއަކީ ސަންސްޕޮޓްގެ އެނގުމާއި ފެނުމުގެ ތެރެއިން އަދި އެފަރާތަށް އެކަންކަމުގެ މައްޗަށް ބާރު ފޯރުވޭ ކަންތައްތަކެއްގެ ސަބަބުން ކުރިމަތިވެފައިވާ ހާދިސާއެއް ކަމުގައި ބެލެވޭނެ ޖާގައެއް ނެތެވެ. އެހެންކަމުން، އެމެންޑާގެ ފަރާތުން ނޯތްހެމްޓަން ކައުންޓީ ކޯޓުން ސަންސްޕޮޓްގެ މައްޗަށް ދަޢުވާކުރިއިރު، ސަންސްޕޮޓްއަށް ހާދިސާއާގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައިވަނީ ޖެޓަން ޓްރެވެލްގެ ފަރާތުންކަމަށް ސަންސްޕޮޓްއިން ބުނާބުނުމަށް އަހުރެން ބުރަދަން ދޭންޖެހެއެވެ. އަދި މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމުން މިކަމަށް ބާރުލިބެއެވެ.
41ކަން ހިނގާފައިވަނީ ބުނެވުނު ފަދައިންކަން އެނގެން އޮތުމުން، އެމޭންޑާއާ ކުރިމަތިވި ހާދިސާއަކީ އިހުމާލެއް އެކަމުގައި ހިމެނޭކަމެއް ނޫންކަމުގައިބުނެ ސަންސްޕޮޓްގެ ފަރާތުން ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ވާހަކަދައްކާފައިވުމަކީ، އެހާދިސާގެ މައްޗަށް ބިނާކޮށް ސަންސްޕޮޓްގެ ފަރާތުން ޖެޓަން ޓްރެވެލްގެ މައްޗަށް ދިވެހިރާއްޖޭގައި ކުރާ ދަޢުވާއެއް ހުއްޓުވަންޖެހޭ ނުވަތަ އެސްޓޮޕް ކުރަންޖެހޭ ހާލަތެއް ކުރިމަތިކުރުވާ ކަމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު:
41.1 އިނގިރޭސިވިލާތުގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ބޭނުންކުރާ އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަން މި މައްސަލައަށް ތަޠުބީޤުކުރާއިރު، ސަންސްޕޮޓްގެ ފަރާތުން އެމޭންޑާއާ ކުރިމަތިވި ހާދިސާ ހިންގުމުގައި އެފަރާތުގެ އިހުމާލެއް ނުވާކަމަށް ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ބަޔާންކޮށްފައިވާހިނދު، އެފަދައިން އެފަރާތުން ބަޔާންކޮށްފައިވަނީ ޖެޓަން ޓްރެވެލްގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އަލީގައި ކަމަށްވުމުން، ސަންސްޕޮޓްގެ ފަރާތުން ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ހުށަހަޅާފައިވާ އެ ހުށަހެޅުމަކީ ޖެޓަން ޓްރެވެލްގެ ފަރާތުން އެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ވަކި ގޮތަކަށް އަމަލުތައް ބަހައްޓާނެކަމުގެ ނިޔަތުގައި ހުށަހަޅާފައިވާ ހުށަހެޅުމެއްކަމުގައި، އަދި އެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް އެ ކަމުގައި ޖެޓަން ޓްރެވެލްގެ ފަރާތުން ދެކުނު ގޮތް ނުވަތަ އަމަލުކުރި ގޮތް ބަދަލުކޮށްފައިވާކަން އޮބްޖެކްޓިވް (objective) މިންގަނޑަކުން ބެލެވެން ނެތުމުން، މިއީ އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަން ތަޠުބީޤުކޮށް ސަންސްޕޮޓުގެ ފަރާތުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި މި މައްސަލަ ކުރިއަށް ގެންދިއުން ހުއްޓުވިދާނެ ހާލަތެއް ކަމުގައި ބެލެވޭނެ ޤާނޫނީ ބިނާއެއް ނެތެވެ.25 .41.2 އަދި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ބޭނުންކުރާ ޖުޑީޝަލް އެސްޓޮޕަލް މި މައްސަލައަށް ތަޠުބީޤުކުރާއިރު، (ބަހުސްގެ ބޭނުމަށްޓަކައި) ސަންސްޕޮޓްގެ ފަރާތުން ސިވިލް ކޯޓުގައި ވަކާލާތުކޮށްފައިވަނީ އެ ކުންފުނިން ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ހުށަހެޅި ހުށަހެޅުމާ ތައާރުޒުވާ ހުށަހެޅުމެއް ކަމުގައި ބެލި ނަމަވެސް، ސަންސްޕޮޓްގެ ފަރާތުން ނޯތްހެމްޓަން ކައުންޓީ ކޯޓުގައި ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތަށް އެ މައްސަލައިގައި ކާމިޔާބު ވެފައި ނުވާތީއާއި، އިނގިރޭސިވިލާތުގެ ކޯޓުގައާއި ދިވެހިރާއްޖޭގެ 25 މި ރައުޔުގެ 32 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަން މައިގަނޑު ދެ ބަޔަކަށް ބެހިގެންވާހިނދު، މި މައްސަލައިގައި ފާހަގަކޮށްފައި މިވަނީ އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަން ތަޠުބީޤުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ މައިގަނޑު ކަންކަން އެކަންޏެވެ. އެއީ އެ މަބްދަޢު މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭކަން ނުވަތަ ނޫންކަން ބެލުމުގެ ބޭނުމަށްޓަކައެވެ. އަދި މިއީ ބިމުގެ މައްޗަށް އޮތް ޙައްޤަކާގުޅޭ މުޢާމަލާތެއް ކަމުގައިނުވާތީ، އެސްޓޮޕަލް ބައި ރެޕްރެސެންޓޭޝަން މައިގަނޑު ދެ ބައިގެ ތެރެއިން، މިފަދަ މައްސަލަތަކުގައި ތަތުބީޤު ކުރަންޖެހެނީ ޕްރޮމިސަރީ އެސްޓޮޕަލް (promissory estoppel) ކަމުގައި ދެކެމެވެ. ޕްރޮމިސަރީ އެސްޓޮޕަލް ތަޠުބީޤު ކުރާގޮތް ސުޕްރީމް ކޯޓުގެ ޢަބްދުލްމަޖީދުވ. މާލޭ ސިޓީ ކައުންސިލްގެ އިދާރާ (ނަންބަރު 2015/SC-A/08) މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު SC 28 [2022] (ނަންބަރު 2021/SC-A/45) މައްސަލައިގައި އެ އުސޫލު ތަކުރާރުކޮށްފައިވާކަންވެސް ފާހަގަކުރަމެވެ. ކޯޓުގައި ސަންސްޕޮޓްގެ ފަރާތުން އެއް މައުޟޫޢެއްއެއްގައި ދެގޮތަކަށް ހުށަހެޅުން ހުށަހެޅުމުގެ ސަބަބުން ސަންސްޕޮޓަށް އަދުލުވެރި ނޫން މަންފާއެއް ލިބިގެން ދާނެކަން ނުވަތަ ޖެޓަން ޓްރެވެލްއަށް އަދުލުވެރި ނޫން ބުރައެއް އުފުލަންޖެހޭނެކަން އެނގެން ނެތުމުން، މިއީ ޖުޑީޝަލް އެސްޓޮޕަލް ތަޠުބީޤުކޮށްގެން ސަންސްޕޮޓުގެ ފަރާތުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި މި މައްސަލަ ކުރިއަށް ގެންދިއުން ހުއްޓުވިދާނެ ހާލަތެއް ކަމުގައި ބެލެވޭނެ ޤާނޫނީ ބިނާއެއް ނެތެވެ.
42HN6އެހެންކަމުން، ކުރިން ވެސް ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނީގޮތުން ކުރިއަށް ގެންދެވޭ ޝަރީޢަތުގެ މަޖިލީހެއްގައި ހުށަހަޅާ ހުށަހެޅުމަކާއި އިދިކޮޅު ހުށަހެޅުމެއް، އޭގެ ފަހުން ކުރިއަށްގެންދާ ޝަރީޢަތުގެ މަޖިލީހެއްގައި ނެގުން ހުއްޓުވުމަށް އެސްޓޮޕަލްގެ މަބްދަޢު ބޭނުންކުރެވޭ ހިނދު، އެސްޓޮޕަލްގެ އާންމު މަބްދަޢުއަށް ހަވާލާދީ މި މައްސަލައަށް އެ މަބްދަޢު ތަޠުބީޤު ކުރި ގޮތާއި، އެ މަބްދަޢު ތަޠުބީޤުކުރަން ފުރިހަމަވާންޖެހޭ ކަންކަމާއި، އެ ކަންކަން މައްސަލައިގެ ވާޤިޔާތަކާ ގުޅޭގޮތުގެ އެއްވެސް ތަފްސީލެއް ހައިކޯޓުން ދީފައި ނުވާހާލު، ދެ ޤައުމެއްގައި އެފަދަ ހާލަތެއްގައި އެސްޓޮޕަލް ބޭނުންކުރާ ގޮތް ބަލައި، މި މައްސަލައަށް އެ މަބްދަޢު ތަޠުބީޤުކުރުމުން، މިއީ އެއް ކަމެއްގައި ދެފަހަރު ދެގޮތަށް ހުށަހެޅުން ހުށަހަޅާފައިވާ ކަމުގައި ބުނެ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރަންޖެހޭ ހާލަތެއް މެދުވެރިވެފައިވާ މައްސަލައެއް ކަމުގައި އަހުރެންނަށް ނުފެނެއެވެ.
43މީގެ އިތުރުން، އެސްޓޮޕަލްއަކީ އިކުއިޓީގެ މަބްދަޢުއެއް ކަމުގައިވެފައި، އިކުއިޓީގެ އުސޫލުތައް ތަޠުބީޤުކުރެވޭނީ ސާފު އަތަކާއެކު ހައްލު ހޯދުމަށް އެދި ކޯޓުގެ ކުރިމައްޗަށް އަންނަ ހާލަތުގައި ކަމާއި، ކޯޓުން އިކުއިޓީގެ ހައްލެއް ލިބިދޭނީ ހެޔޮ ނިޔަތާއެކު ޢަމަލު ކޮށްފައިވާ ފަރާތަށްކަންވެސް ފާހަގަކުރުން މުހިންމެވެ.26 މައްސަލަ ނިންމަން ފެންނަގޮތް
44އެސްޓޮޕަލް ތަޠުބީޤު ކުރުމާ ގުޅޭގޮތުން މި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަން އެހެން ހުރުމުން، ހައިކޯޓުން އެސްޓޮޕަލްގެ އާންމު މަބްދަޢަށް ހަވާލާދީ ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާ ބާޠިލުކުރުމާއެކު، ދަޢުވާއަކީ ކޯޓުން ބަލައި ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ނޫންކަމުގައި ބުނެ، މައްސަލައިގައި ހުށަހަޅާފައިވާ މައުޟޫޢީ ކަންކަމަށް ގޮތް ކަނޑައެޅުމަކާ ނުލައި، ހައިކޯޓުގެ ނަންބަރު 2019/HC-A/2019/HC-A/456 ޤަޟިއްޔާގެ ޙުކުމް ކޮށްފައިވަނީ ހަރުދަނާ ޤާނޫނީ ބިނާއެއްގެ މައްޗަށް ކަމުގައި ނުފެންނާތީ، ހައިކޯޓުގެ ނަންބަރު 2019/HC-A/456 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަން އަހުރެންނަށް ފެނެއެވެ.
45HN7މީގެ އިތުރުން، ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ މައްސަލައިގައި އެ ކޯޓުން ގޮތް ކަނޑައަޅާފައިވަނީ ޖެޓަން ޓްރެވެލްގެ ފަރާތުން އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅި 5 (ފަހެއް) ނުކުތާގެ ތެރެއިން 1 (އެކެއް) ނުކުތާގެ މައްޗަށް ބިނާކޮށް ކަމުގައިވެފައި، މައްސަލައިގެ މައުޟޫޢާ ގުޅޭ އިސްތިއުނާފީ ނުކުތާތަކަށް ހައިކޯޓުން ގޮތް ކަނޑައަޅާފައިނުވާތީ، ހުރިހާ އިސްތިއުނާފީ ނުކުތާތައް އަލުން ބަލައި، އެ ނުކުތާތަކާމެދު މައްސަލައިގައި ހިމެނޭ ދެ ފަރާތުން ހުށަހަޅާ ބަހުސްތަކުގެ މައްޗަށް ބިނާކޮށް، މައުޟޫޢީ ގޮތުން މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަމުގައި ފެންނާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އަށް ހަވާލާދީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢާހިރުގެ ރައުޔު
46މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
47މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. އުކުމް އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/456 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، ހައިކޯޓަށް ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ހުރިހާ އިސްތިއުނާފީ ނުކުތާތައް އަލުން ބަލައި، އެ ނުކުތާތަކާމެދު މައްސަލައިގައި ހިމެނޭ ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ސަންސްޕޮޓް ޓުއަރސް ލިމިޓެޑުގެ ފަރާތުން ހުށަހަޅާ ބަހުސްތަކުގެ މައްޗަށް ބިނާކޮށް، މައުޟޫޢީ ގޮތުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މައްދާގެ (ށ) އަށް ހަވާލާދީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކުރުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ރަޖިސްޓްރީ ނަންބަރު 1470134
- ރަޖިސްޓްރީ ނަންބަރު C-252/97
- ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޑޮކިއުމަންޓް 4 ގައި ހިމާނާފައިވާ "އިންސިޑެންޓް ރިޕޯޓު".
- ސްޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ
- ސްޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ
- ސްޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޝިއްޔާ
- ސްޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޝިއްޔާ
- ޖެޓަން ޓްރެވެލްގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ހައިކޯޓަށް ހުށަހެޅި "ފުރަތަމަ މަރުހަލާގެ ކޯޓުތޮވާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމު" ގެ 8.3 ވަނަ ނުކުތާ.
- ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުޕް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75] (ނަންބަރު 2019/SC-A/57) މައްސަލައިގާ ޕެރެގްރާފް 10.
- Spencer Bower, George (2004), The Law relating to Estoppel by Representation (4th ed.)
- Low v. Bowerie [1891] 3 Ch 82
- Pickard v Sears [1837] (112 E.R. 179) މިގޮތުން ޤާނޫނީ ނޯޓިހެއް ދިނުމުން، އެކަމާމެދު އިހުތިޖާޖު ކުރަން ބޭނުންވި ނަމަވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިހުތިޖާޖުކޮށްފައި ނުވާނަމަ، ނޯޓިސް ރައްދުވި ފަރާތުން އެ ނޯޓިހަށް އެއްބަސްވީ ކަމުގައި ބަލައި، އެކަމުގެ (ހުށަހަޅަން ބޭނުންވި އިހުތިޖާޖުގެ) މައްޗަށް ބިނާކޮށް ފަހުން ހުށަހެޅުންތައް ހުށަހެޅުން ހުއްޓުވެއެވެ. މި ހާލަތުގައި އެސްޓޮޕަލް ތަޠުބީޤުކުރާއިރު، އެއަށް އެސްޓޮޕަލް ބައި އެކުއިއެސެންސް (estoppel by acquiescence) ގެ ގޮތުގައި ހަވާލާދެއެވެ.
- New Hampshire v. Maine 532 U.S. 742 (2001)
- United States v. 162 Megamania Gambling Devices, 231 F.3d 713, 726 (10th Cir. 2000); United Mine Workers of America 1974 Pension Trust v. Pittston Co., 984 F.2d 469, 477 (D.C. Cir. 1993)
- New Hampshire, 532 U.S. at 750-51
- މައްސަލައިގައި (ފުރަތަމަ އެ) ހުށަހަޅުން ހުށަހެޅި ފަރާތަށް މައްސަލަ ކާމިޔާބުވެފައި ނުވާނަމަ، އެފަރާތުން (ކުރިން ހުށަހެޅި ހުށަހެޅުމާ ތައާރުޒުވާ ފަދައިން) ފަހުން ތަފާތުކޮށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ކޯޓުތަކުގެ ނިންމުންތައް ތައާރުޒުވުމަށް ހުޅުވޭނެ މަގެއް ކަމުގައިނުވާތީ، އެކަމަކީ ކޯޓުތަކުގެ ނަޒާހާތްތަރިކަމަށް (integrity) އަށް ނޭދެވޭ އަސަރު ފޯރުވާނެކަމެއް ނޫން ކަމުގައި، New Hampshire މައްސަލައިގައި ފޯހަޗްކޮށްފައިވެއެވެ.
- New Hampshire, 532 U.S. at 751
- ނޯތްހެމްޓަން ކައުންޓީ ކޯޓުގެ ނިންމުން (މައްސަލައިގައި ކޯޓުން ކަށަވަރުކޮށްފައިވާ ޙަޤީޤާތްތަކާއި، ފާހަގަކޮށްފައިވާ ކަންކަމާއި، ބިނާވި ސަބަބުތައް) ސިވިލް ކޯޓު އަދި ހައިކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމަނާފައި ނުވާކަން ފާހަގަވެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- ކަޕޫރުﷲ ޔޫސުޕް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 (2019/SC-A/57)
- New Hampshire v. Maine, 532 U.S. 742 (2001)
- Low v. Bowerie [1891] 3 Ch 82
- Pickard v Sears (1837) 112 E.R. 179
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.