ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 16 · 2019/SC-A/08ސުޕްރީމް ކޯޓު · 11 ފެބުރުއަރީ 2021

ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
11 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 11 ފެބުރުއަރީ 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/08

ޝަރީޢަތް ނިމުނުގޮތް

ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު

11 ފެބްރުއަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/571

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-0026/1995)

ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-0215/2000)

ކުންފުނީގެ ފަރާތުން: އާދަމް ޢަބްދުލްޣަފޫރު،

ޤާނޫނީ ވަކީލު: އޛ. އިސްމާޢީލް ވިޝާމް، މ ހަނީޑިއު ބަދަލުގައި: މޫސާ ޢާލިމް، އެމެޒަން، ގއ.ދާންދޫ

މަދަނީ - ޣައިރު ހާޒިރުގައި ޙުކުމްކުރުން - ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާ - ޤާނޫނީ ވަކީލެއް ހޯދުމުގެ ފުރުޞަތު - ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާ އެޑްރެސް ބަދަލުވުން - ޣައިރު ހާޒިރުގައި ޙުކުމްކުރާއިރު ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރުން - ދަށު ކޯޓަށް ތަޙުވީލު ކުރުމުން ބަލާ މައްސަލައެއްގައި ތަޙުވީލުކުރުމުގެ ސަބަބުތަކުގެ ތަރަހައިގެ ތެރެއިން އައު ހެކި ހުށަހެޅިދާނެކަން

ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު (މީގެ ފަހުން "އަކުއާ ސަން މޯލްޑިވްސް") ގެ ޔޮޓެއްކަމުގައިވާ "ޑްރީމް ވޮޔޭޖަރ" ތިލަފުށީގައި އޮންނަ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު (މީގެ ފަހުން "ގަލްފް ކްރާފްޓް މޯލްޑިވްސް") ގެ ބޯޓު ޔާޑަށް މަރާމާތުކުރަން ގެންދިޔަ މުޢާމަލާތެއްގައި، އެ ޔޮޓު އެހެލާ ބޭލުމާ ގުޅޭ ޚަރަދާމެދު މި ދެފަރާތު ދެމެދު އުފެދުނު ދެބަސްވުމަކާ ގުޅޭ މައްސަލައެކެވެ.

މި ދެބަސްވުމާ ގުޅިގެން އަކުއާ ސަން މޯލްޑިވްސް އިން ގަލްފް ކްރާފްޓް މޯލްޑިވްސްއާ ދެކޮޅަށް އެންމެ ފުރަތަމަ މައްސަލައެއް ހުށަހެޅީ މަދަނީ ކޯޓުގެ ނަންބަރު 343/MC/2008 ގަޒިއްޔާއިންނެވެ. އަކުއާ ސަން މޯލްޑިވްސްއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ނަންބަރު 2008/HC-A/201 ގަޒިއްޔާއިން ނިންމީ އެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް ތަޙުވީލު ކުރާށެވެ. ތަޙުވީލު ކުރި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާއިންނެވެ. އެ މައްސަލަ ހައިކޯޓުގައި އަނެއްކާ އިސްތިއުނާފު ކުރެވުމުން، ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/571 ގަޒިއްޔާއިންނެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/571 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ.

މައްސަލައިގެ ފަސްފަހަތް

(ހ) މަދަނީ ކޯޓުގެ ނަންބަރު 343/MC/2008

މި މައްސަލައިގެ ޚުޞޫމާތް އުފެދިގެން އަކުއާ ސަން މޯލްޑިވްސްއިން ގަލްފް ކްރާފްޓް މޯލްޑިވްސްގެ މައްޗަށް އެންމެ ފުރަތަމަ ދަޢުވާކުރީ 17 ފެބްރުއަރީ 2008 ގައި މަދަނީ ކޯޓުގެ ނަންބަރު 343/MC/2008 ގަޒިއްޔާއިންނެވެ.

އެ ގަޒިއްޔާގައި އަކުއާ ސަން މޯލްޑިވްސްއިން ކުރި ދަޢުވާއަކީ، އަކުއާ ސަން މޯލްޑިވްސްގެ ޔޮޓެއްކަމުގައިވާ "ޑްރީމް ވޮޔޭޖަރ" އެހެލުމަށް ގަލްފް ކްރާފްޓް މޯލްޑިވްސްގައި އެދުމުން، އެކުންފުނިން 6 ޑިސެންބަރު 2006 ގައި ދިން ނަންބަރު GCSC/001082/06 ކޯޓޭޝަނަށް އެއްބަސްވެ، އުޅަނދު އެހެލުމަށްފަހު، އުޅަނދު މަރާމާތުކޮށް ނިމެމުން ދަނިކޮށް، އެ ކުންފުނިން ދިން ކޯޓޭޝަނާ ޚިލާފު، މާ ބޮޑު އިންވޮއިސްއެއް 31 ޑިސެންބަރު 2007 ގައި ލިޔެ، 7 ފެބްރުއަރީ 2008 ގައި ފެކްސްކޮށް ފޮނުވުމުން، އެއީ އަކުއާ ސަން މޯލްޑިވްސްއިން އެއްބަސްވި ގޮތާ ޚިލާފަށް ފޮނުވާފައިވާ އިންވޮއިސްއެއް ކަމަށްވާތީ، ދެފަރާތު ދެމެދު އެއްބަސްވި 6 ޑިސެންބަރު 2006 ގައި ފޮނުވި ކޯޓޭޝަންގައިވާ ގޮތަށް ނޫން ގޮތަކަށް ފައިސާ ނުދެއްކޭނެކަމަށް ބުނުމުން، ޔޮޓު ބާލައިނުދީ ހިފަހައްޓާފައިވާތީ، ޔޮޓު ބޭލުމުގެ އަވަސް ނިޔާއަކަށް އެދިގެންނާއި، އަދި ޔޮޓު އެހެލާ ބޭލުމަށް ގަލްފް ކްރާފްޓުން ދިން ކޯޓޭޝަނާއި ޚިލާފުވެ ޔޮޓު ބާލައި އަކުއާ ސަން މޯލްޑިވްސްއަށް ޙަވާލުކޮށްފައިނުވާތީ، ޔޮޓު ޙަވާލުކުރަންޖެހޭ ދުވަސްކަމުގައިވާ 10 ފެބްރުއަރީ 2008 އިން ފެށިގެން ޔޮޓު އަކުއާ ސަން މޯލްޑިވްސްއާ ޙަވާލުކުރާ ދުވަހާ ހަމައަށް ނުވަތަ މައްސަލައިގައި ޙުކުމްކުރާ ދުވަހާ ހަމައަށް، އަކުއާ ސަން މޯލްޑިވްސް އަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ދުވާލަކަށްUS$ 3,157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު) ގަލްފް ކްރާފް މޯލްޑިވްސްގެ ކިބައިން އަކުއާ ސަން މޯލްޑިވްސްއަށް ނަގައިދިނުމަށެވެ. އަދި އަކުއާ ސަން މޯލްޑިވްސް އިން ގަލްފް ކްރާފްޓް މޯލްޑިވްސްއަށް ފައިސާ ދައްކަންޖެހޭނީ 6 ޑިސެންބަރު 2006 ގެ ކޯޓޭޝަނުގައިވާ ރޭޓުތަކުންކަމަށް ޝަރީޢަތުން ކަނޑައަޅައި ދިނުމަށް އަކުއާ ސަން މޯލްޑިވްސްއިން އެދިފައިވެއެވެ.

މި މައްސަލައިގައި ދެފަރާތު ދެމެދު ދެބަސްވި ހުރިހާ ކަމަކާ މެދު ޝަރީޢަތުން ގޮތް ކަނޑައެޅިއެވެ. އެހެންނަމަވެސް، މިހާރު ބަލަމުން މިދާ މައްސަލައިގެ ބޭނުމަށްޓަކައި އަލިއަޅުވާލެވިފައިވާނީ އެ ގަޒިއްޔާއިން އަކުއާ ސަން މޯލްޑިވްސްއަށް ނަގައިދެވުނު ގެއްލުމުގެ ބަދަލަށެވެ. އެގޮތުން، އަކުއާ ސަން މޯލްޑިވްސްގެ ފަރާތުން ގަލްފް ކްރާފްޓް މޯލްޑިވްސްގެ މައްޗަށް ކުރި ދަޢުވާގައި އުޅަނދު ބާލައިދިނުމަށް ވަގުތީ އަމުރަކަށް އެދުނު ހިނދު، މަދަނީ ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ނެރުމާ ހަމައަށް އެކަމަކީ ޚިލާފެއްގެ ތެރޭގައި އޮތްކަމަކަށްވާތީ، އެދުވަސްތަކަށް އަކުއާ ސަން މޯލްޑިވްސްއަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް މަދަނީ ކޯޓުގެ ނަންބަރު 343/MC/2008 ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ.

އެހެންނަމަވެސް، އުޅަނދު ބާލައިދިނުމަށް އެ ކޯޓުން ނެރުނު އަމުރާ އެއްގޮތަށް އެ އުޅަނދު ބާލައިނުދީ ފާއިތުވެފައިވާ ދުސްވަތަކަށް، ބަދަލުގެ ގޮތުގައި އަކުއާ ސަން މޯލްޑިވްސްއަށް ޝަރީޢަތުން ނަގައިދީފައިވަނީ US$16,524.00 (ސޯޅަހާސް ފަސް ސަތޭކަ ސައުވީސް އެމެރިކާ ޑޮލަރު) އެވެ. މިއީ 11 މާރޗް 2008 އިން ފެށިގެން މި އުޅަނދު ބޭލި ތާރީޚުކަމުގައިވާ 19 މެއި 2008 ގެ ނިޔަލަށެވެ. މި ބަދަލު ހިސާބުކުރުމުގައި މަދަނީ ކޯޓުން ރިޢާޔަތްކުރީ އަކުއާ ސަން މޯލްޑިވްސްއަށް ސީދާ ލިބުނު ގެއްލުމަށެވެ. އެގޮތުން، އަކުއާ ސަން މޯލްޑިވްސްއަށް ދުވާލެއްގެ މައްޗަށް US$ 3,157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު) ގެ ގެއްލުން ލިބިފައިވާކަމަށް ބުނެފައިވާއިރު، މި އަދަދު ބަހާލެވިގެންވަނީ ދެ ބަޔަކަށްކަމަށް މަދަނީ ކޯޓުން ފާހަގަކޮށްފައިވެއެވެ. އެއީ "ޑްރީމް ވޮޔޭޖަރ" ގެ މުވައްޒަފުންނަށް ދުވާލަކަށް ޖެހޭ ޚަރަދުގެ ގޮތުގައި US$243.00 (ދުއިސައްތަ ސާޅީސް ތިނެއް އެމެރިކާ ޑޮލަރު) އާއި "ޑްރީމް ވޮޔޭޖަރ" ގެ ޗާޓަރަށް ދުވާލަކަށް ޖެހޭ އަދަދުގެ ގޮތުގައި US$2,914.00 (ދެ ހާސް ނުވަ ސަތޭކަ ސާދަ އެމެރިކާ ޑޮލަރު) ކަމަށް ބަލައިގެންނެވެ.

އެގޮތުން، އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ސީދާ ގެއްލުންކަމަށް ބަލާފައިވަނީ، އެ އުޅަނދު ބާލައި ނުދިނުމުގެ ސަބަބުން މުވައްޒަފުންނަށް ދުވާލަކަށް ޖެހޭ ޚަރަދުކަމުގައިވާ US$243.00 (ދުއިސައްތަ ސާޅީސް ތިނެއް އެމެރިކާ ޑޮލަރު) ކަމަށެވެ. އަދި އެ އުޅަނދުގައި 18 ޑިސެންބަރު 2006 ދުވަހުން ފެށިގެން އުޅަނދު އެހެލި ދުވަސްކަމުގައިވާ 23 މެއި 2007 އާ ހަމައަށް ގެސްޓުން އަރުވައިގެން އެއްވެސް ދަތުރެއްކޮށްފައިވާކަން އެނގެން ނެތުމާއެކު، "ޑްރީމް ވޮޔޭޖަރ" ގެ ޗާޓަރަށް ދައްކަންޖެހޭ އަދަދުކަމަށް ބުނާ ފައިސާއަކީ އެ މުއްދަތުގައި އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ސީދާ ގެއްލުމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.

މަދަނީ ކޯޓުގެ ނަންބަރު 343/MC/2008 ގަޒިއްޔާގައި ޙުކުމް ކުރީ؛

ގަލްފް ކްރާފްޓް މޯލްޑިވްސްއިން އަކުއާ ސަން މޯލްޑިވްސްއަށް ދިން ޚިދުމަތަށް US$52,471.03 (ފަންސާސް ދެހާސް ހަތަރު ސަތޭކަ ހަތްދިހަ އެކެއް އެމެރިކާ ޑޮލަރު ތިނެއް ސެންޓް) ދައްކަންޖެހޭ ކަމަށް

އަކުއާ ސަން މޯލްޑިވްސްއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ގަލްފް ކްރާފްޓް އިން US$16,524.00 (ސޯޅަހާސް ފަސް ސަތޭކަ ސައުވީސް އެމެރިކާ ޑޮލަރު) ދައްކަންޖެހޭކަމަށް

މި ދެ އަދަދުން ކެނޑީމަ، އަކުއާ ސަން މޯލްޑިވްސްއިން ގަލްފް ކްރާފްޓަށް ދައްކަންޖެހޭ އަދަދަކީ US$35,947.03 (ތިރީސް ފަސް ހާސް ނުވަ ސަތޭކަ ސާޅީސް ހަތެއް އެމެރިކާ ޑޮލަރު ތިނެއް ސެންޓް) ކަން

މި މައްސަލައާ ގުޅިގެން އަކުއާ ސަން މޯލްޑިވްސްއިން މަދަނީ ކޯޓުގައި ޖަމާކޮށްފައިވާ US$43,910.50 (ސާޅީސް ތިންހާސް ނުވަ ސަތޭކަ ދިހައެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓް) އިން US$35,947.03 (ތިރީސް ފަސް ހާސް ނުވަ ސަތޭކަ ސާޅީސް ހަތެއް އެމެރިކާ ޑޮލަރު ތިނެއް ސެންޓް) ކަނޑާފައިވާކަން

އަދި ބާކީވާ US$7,963.47 (ހަތްހާސް ނުވަސަތޭކަ ފަސްދޮޅަސް ތިނެއް އެމެރިކާ ޑޮލަރު ސާޅީސް ހަތެއް ސެންޓް) އަކުއާ ސަން މޯލްޑިވްސްއަށް އަނބުރާ ދިނުމަށް ޙުކުމްކޮށްފައިވެއެވެ.

(ށ) ހައިކޯޓުގެ ނަންބަރު 2008/HC-A/201 ގަޒިއްޔާ

މަދަނީ ކޯޓުގެ ނަންބަރު 343/MC/2008 ގަޒިއްޔާ އަކުއާ ސަން މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ ގަޒިއްޔާގައި އަކުއާ ސަން މޯލްޑިވްސްއަށް ނަގައިދޭންޖެހޭ ގެއްލުމުގެ ބަދަލާ ގުޅޭ ގޮތުން ކަނޑައަޅާފައިވަނީ އަންނަނިވި ފަދައިންނެވެ؛

ކޮންޓްރެކްޓަކާ ޚިލާފުވުމުގެ ސަބަބުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ލިބޭ ސީދާ ގެއްލުމާއި އަދި އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން ނަގައިދެވިދާނެކަމުން، އަކުއާ ސަން މޯލްޑިވްސްއަށް އެ ޔޮޓު ބާލައި ނުދިނުމުގެ ސަބަބުން ސީދާ ގޮތެއްގައާއި ނުސީދާ ގޮތެއްގައި ލިބިފައިވާ ގެއްލުން ޝަރީޢަތުން ނަގައިދެވިދާނެކަން (މަދަނީ ކޯޓުން ނަގައިދިނީ ހަމައެކަނި ސީދާ ލިބުނު ގެއްލުން)

އެ ޔޮޓު ބާލައި ދޭންޖެހޭ ތާރީޚު ކަމުގައިވާ 10 ފެބްރުއަރީ 2008 އިން ފެށިގެން ޔޮޓު ބާލައިދިން ދުވަސްކަމުގައިވާ 19 މެއި 2008 އަށް ހިނގި ދުވަސްތަކަށް އަކުއާ ސަން މޯލްޑިވްސްއަށް އެ ޔޮޓު ބާލައި ނުދިނުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ޝަރީޢަތުން ނަގައިދޭންޖެހޭކަމަށް (މަދަނީ ކޯޓުގެ ގަޒިއްޔާއިން ނިންމާފައިވަނީ މި ގެއްލުން ނަގައިދެވެންވާނީ އެ ކޯޓުން ނެރުނު އަމުރަށް ގަލްފް ކްރާފްޓް މޯލްޑިވްސްއިން ޢަމަލުކުރަންޖެހޭ ތާރީޚު ކަމުގައިވާ 11 މާރޗް 2008 އިން ފެށިގެން 19 މެއި 2008 ގެ ނިޔަލަށްކަމަށް)

ޔޮޓުގެ މަސައްކަތް ނިމުމުން ޔޮޓު ބާލައި ނުދިނުމުގެ ސަބަބުން އަކުއާ ސަން މޯލްޑްވިސްއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބުނުކަމަށް ބުނާ ގެއްލުން ލިބިފައިވޭތޯ ޝަރީޢަތުން ބަލައި، އެ ގެއްލުމުގެ މިންވަރު ވަޒަންކޮށް، އެ ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭނަމަ، އެ ބަދަލެއް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ކިބައިން އަކުއާ ސަން މޯލްޑިވްސްއަށް ނަގައިދިނުމަށް އަންގައި، އެ މައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި އެ މައްސަލަ އަނބުރާ ދަށު ކޯޓަށް ތަޙުވީލުކޮށް، ޙުކުމްކޮށްފައިވެއެވެ.

(ނ) ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާ

ސިވިލް ކޯޓަށް އެ މައްސަލަ ތަޙުވީލުކުރުމުން ސިވިލް ކޯޓުން އެ މައްސަލަ ބަލައި ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާއިންނެވެ. މި މައްސަލަ ނިންމީ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ޣައިރު ހާޒިރުގައެވެ. އަދި އެ ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ އަކުއާ ސަން މޯލްޑިވްސްއަށް ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭކަމަށެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ)23 މެއި 2007 އިން ފެށިގެން 10 ފެބްރުއަރީ 2008 އާ ހަމައަށް ތިލަފުށީގައި އޮންނަ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ބޯޓު ޔާޑަށް "ޑްރީމް ވޮޔޭޖަރ" ޔޮޓް އެހެލާ ބޭލުމުގެ ޚިދުމަތުގެ އަގުގެ ގޮތުގައި އަކުއާ ސަން މޯލްޑިވްސްއިން ގަލްފް ކްރާފްޓް މޯލްޑިވްސްއަށް US$44,046.69 (ސާޅީސް ހަތަރުހާސް ސާޅީސް ހައެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް ނުވައެއް ސެންޓް) ދައްކަންޖެހޭކަން ގަލްފް ކްރާފްޓް މޯލްޑިވްސްގެ GCSC/001082/06 ކޯޓޭޝަނުގައިވާ އަގުތަކަށާއި، އަކުއާ ސަން މޯލްޑިވްސްއިން ދައްކަންޖެހޭކަމަށް ބުނެ ތައްޔާރުކޮށްފައިވާ ފައިސާގެ ތަފްޞީލުގައި ހިމަނާފައިވާ އައިޓަމްތަކަށާއި، ގަލްފް ކްރާފްޓް މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ އިންވޮއިސްގައި ހިމަނާފައިވާ އައިޓަމްތަކަށާއި، ހާދިސާ ހިނގިއިރު ހިސާބުކޮށްފައިވާ ޑޮލަރުގެ އަގުން އެނގެން އޮތުން؛

(ށ)ބޯޓު ޔާޑުން ޔޮޓު ބާލަންޖެހޭ ދުވަހު "ޑްރީމް ވޮޔޭޖަރ" ބާލައިފައިނުވުމުގެ ސަބަބުން އަކުއާ ސަން މޯލްޑިވްސްއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދުވާލެއްގެ މައްޗަށް ހޯދުމަށް އެދިފައިވާ US$ 3,157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު) ހިސާބު ކޮށްފައިވާ ގޮތަށާއި، އެ އަދަދު ބިނާކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، އެ އަދަދަކީ "ޑްރީމް ވޮޔޭޖަރ" ބޯޓު ޔާޑުން ބާލަންޖެހޭ ދުވަހު ނުބޭލުމުގެ ސަބަބުން ލިބިގެންދާނެ ގެއްލުމުގެ އަދަދެއްކަމަށް ޝަރީޢަތަށް ބުރަވެވޭކަން؛

(ނ)"ޑްރީމް ވޮޔޭޖަރ" ބޯޓު ޔާޑުން ބާލަންޖެހޭ ތާރީޚުކަމުގައިވާ 10 ފެބްރުއަރީ 2008 އިން ފެށިގެން އެ ޔޮޓު ބާލަދިން ދުވަސްކަމަށްވާ 19 މެއި 2008 ގެ ނިޔަލަށްވާ 100 (ސަތޭކަ) ދުވަހަށް ދުވާލަކަށް، US$ 3,157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު) ގެ މަގުން ގެއްލުމުގެ ބަދަލު ހިސާބުކުރުމުން ޖެހޭ US$ 315,700.00 (ތިންލައްކަ ފަނަރަހާސް ހަތްސަތޭކަ އެމެރިކާ ޑޮލަރު) އަކީ އަކުއާ ސަން މޯލްޑިވްސްއަށް ލިބިފައިވާ ގެއްލުންކަމަށް ބުރަވެވޭކަން؛

ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި އިސްވެ ފާހަގަކުރެވުނު ކަންކަން ނޫން އިތުރު އެހެން އެއްވެސް ތަފްޞީލެއް ހިމެނިފައިނުވާކަން ފާހަގަކުރަމެވެ. މުޅި މައްސަލައިގެ ގެއްލުމުގެ ބަދަލު ހިސާބުކުރުން ބިނާވީ ހަމައެކަނި އިސްވެ ފާހަގަކުރެވުނު ތިން ނުކުތާގެ މައްޗަށެވެ. އެ އަދަދުތައް ކަނޑައެޅުމުގައި ރިޢާޔަތްކުރީ ކޮން ލިޔެކިއުންތަކަކަށް ކަމާއި، އަދި އެ ލިޔުންތަކަށް ބަރޯސާވީ ކީއްވެގެންކަން ފަދަ އެއްވެސް އިތުރު ތަފްޞީލެއް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިނުވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާއިން ޙުކުމްކޮށްފައިވަނީ؛

23 މެއި 2007 އިން ފެށިގެން 10 ފެބްރުއަރީ 2008 އާ ހަމައަށް"ޑްރީމް ވޮޔޭޖަރ" ބޯޓު ޔާޑުން އެހެލާ ބޭލުމުގެ ޚިދުމަތުގެ އަގުގެ ގޮތުގައި އަކުއާ ސަން މޯލްޑިވްސްއިން ގަލްފް ކްރާފްޓް މޯލްޑިވްސްއަށް US$ 44,046.69 (ސާޅީސް ހަތަރުހާސް ސާޅީސް ހައެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް ނުވައެއް ސެންޓް) ދައްކަންޖެހޭކަމަށް

މި ފައިސާގެ ތެރެއިން US$35,947.03 (ތިރީސް ފަސް ހާސް ނުވަ ސަތޭކަ ސާޅީސް ހަތެއް އެމެރިކާ ޑޮލަރު ތިނެއް ސެންޓް) މަދަނީ ކޯޓުގެ ނަންބަރު 343/MC/2008 ގަޒިއްޔާއިން ގަލްފް ކްރާފްޓް މޯލްޑިވްސްއަށް ލިބިދެވިފައިވާކަން އަދި މިހާރު މިއަދަދުގެ ތެރެއިން އަކުއާ ސަން މޯލްޑިވްސްއިން ގަލްފް ކްރާފްޓް މޯލްޑިވްސްއަށް ބާކީ ދައްކަން އޮތީ US$8099.66 (އަށްހާސް ނުވަދިހަ ނުވައެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް ހައެއް ސެންޓް) ކަން

"ޑްރީމް ވޮޔޭޖަރ" ބާލަންވާ ދުވަހު ބާލައިދީފައިނުވާތީ އަކުއާ ސަން މޯލްޑިވްސްއަށް US$ 315,700.00 (ތިންލައްކަ ފަނަރަހާސް ހަތްސަތޭކަ އެމެރިކާ ޑޮލަރު) ގެ ގެއްލުން ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވާކަން

US$ 315,700.00 (ތިންލައްކަ ފަނަރަހާސް ހަތްސަތޭކަ އެމެރިކާ ޑޮލަރު) އިން US$8099.66 (އަށްހާސް ނުވަދިހަ ނުވައެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް ހައެއް ސެންޓް) އުނިކުރުމުން، ބާކީވާ US$307,600.34 (ތިންލައްކަ ހަތްހާސް ހަސަތޭކަ އެމެރިކާ ޑޮލަރު ތިރީސް ހަތަރު ސެންޓް) އަކީ ގަލްފް ކްރާފްޓް މޯލްޑިވްސް އިން އަކުއާ ސަން މޯލްޑިވްސްއަށް ލިބިދޭންޖެހޭ ފައިސާ ކަމަށާއި، އަދި މި ފައިސާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފައިވެއެވެ.

(ރ) އިސްތިއުނާފުކުރާ ހައިކޯޓުގެ ނަންބަރު 2016/HC-A/571 ގަޒިއްޔާ

ގަލްފް ކްރާފްޓް މޯލްޑިވްސްއިން ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/571 ގަޒިއްޔާއިންނެވެ.

ހައިކޯޓުގައި ގަލްފް ކްރާފްޓް މޯލްޑިވްސްއިން އިސްތިއުނާފުކުރި ނުކުތާތަކުގެ ތެރޭގައި ގަލްފް ކްރާފްޓް މޯލްޑިވްސް ތަމްސީލުކުރުމަށް ވަކީލު އައްޔަންކުރުމަށް ލިޔުމުން ކޯޓަށް ހުށަހަޅާފައިވީނަމަވެސް، އެ ފުރުޞަތު ނުދީ ކޯޓުން ޙުކުމްކޮށްފައިވަނީ ކޯޓުން ޢާންމުކޮށް ޢަމަލުކުރާ އުޞޫލާ ޚިލާފަށް ކަމަށް ބުނެފައިވެއެވެ. އަދި އަކުއާ ސަން މޯލްޑިވްސްއަށް ބަދަލު ނަގައިދީފައިވަނީ އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް ނޫންކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ރިޢާޔަތްކުރަންވާނީ ތަޙުވީލުކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 343/MC/2008 ގަޒިއްޔާގައި ހުށަހެޅުނު ލިޔުންތަކަށް އެކަނިކަމަށް ބުނެފައިވީނަމަވެސް، އަކުއާ ސަން މޯލްޑިވްސްއިން ހުށަހެޅި އައު ލިޔުންތަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވާކަމަށާއި އަދި އެއަށް ތައުނު ކުރުމުގެ ފުރުޞަތު ދީފައިނުވާކަމަށް ބުނެފައިވެއެވެ.

ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ އަކުއާ ސަން މޯލްޑިވްސްއަށް ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށެވެ. ހައިކޯޓުގެ ނިންމުން ބިނާކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރެވެއެވެ.

ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާއަށް އައު ވަކީލުން އައްޔަންކުރުމަށާއި އައްޔަންކުރެވޭ ވަކީލު މައްސަލަ ދިރާސާކޮށް، ލިޔެކިއުންތަކަށް ތައުނުކޮށް ޖަވާބު ތައްޔާރުކުރުމަށް އެކަށީގެންވާ މުއްދަތު ދެވިފައިވާކަން ޝަރީޢަތަށް ޤަބޫލުކުރެވޭކަން؛

އަކުއާ ސަން މޯލްޑިވްސްގެ ޔޮޓު، ގަލްފް ކްރާފްޓް މޯލްޑިވްސްގެ ތިލަފުށީ ބޯޓު ޔާޑަށް އެހެލާފައިވަނީ 23 މެއި 2007 ގައިކަމާއި، ޔޮޓު މަރާމާތުކުރުމަށްފަހު ބާލަންޖެހެނީ 10 ފެބްރުއަރީ 2008 ގައި ކަމާއި، އެހެންނަމަވެސް ބާލާފައިވަނީ 19 މެއި 2008 ގައި ކަން އެނގެން އޮންކަމާއި، 2008 މާރޗް 2 އިން ފެށިގެން 28 މާރޗް 2008 އާ ހަމައަށް ޔޮޓު އޮތީ އެޑްވާންސްކޮށް ޕްރައިވެޓް ޗާރޓަރ ކޮށްފައިކަމާއި، އެދުވަސްތަކުގެ ހުރިހާ ދުވަހަކަށް "ބުކިން ކޮންފާރމްޑް" ކޮށްފައިވާކަމާއި، ޔޮޓު ބާލައިދޭންޖެހޭ ދުވަހަށް ބާލައި ނުދިނުމުގެ ސަބަބުން ޕްރައިވެޓް ޗާރޓަރ ދަތުރުތައް ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމާއި، ޔޮޓު ބާލައިނުދީ ހުރި ދުވަސްތަކަށް ނުސީދާކޮށް އިތުރު ޚަރަދުތައް ހިނގާފައިވާކަން އެނގެން އޮންނާތީ، ޔޮޓު ބާލައިނުދިނުމުގެ ސަބަބުން ދުވާލަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހުށަހެޅި US$ 3,157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު) އަކީ އަކުއާ ސަން މޯލްޑިވްސްއަށް ލިބެމުން ދިޔަ ގެއްލުންކަމާއި، އަދި ގެއްލުމުގެ ބަދަލު ބިނާކުރިގޮތް ސާފުކޮށް އެނގޭކަން؛

އެހެންކަމުން، މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/571 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު 3 (ތިނެއް) ނުކުތާއަކީ؛

އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި ޙުކުމް ކުރިއިރު، ގަލްފް ކްރާފްޓް މޯލްޑިވްސްއިން ހައިކޯޓުގައި ހުށަހެޅި ނުކުތާކަމަށްވާ، ގަލްފް ކްރާފްޓް މޯލްޑިވްސްގެ ޣައިރު ހާޒިރުގައި، ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގެ ޙުކުމް ކުރިއިރު، އެ މައްސަލައިގައި ގަލްފް ކްރާފްޓް މޯލްޑިވްސް ތަމްސީލުކުރުމަށް ވަކީލަކު ޢައްޔަންކުރުމަށް ފުރުޞަތަކަށް އެދި ލިޔުމުން ސިވިލް ކޯޓަށް ހުށަހަޅާފައިވީނަމަވެސް، އެ ގަޒިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، އެ ފުރުޞަތު ގަލްފް ކްރާފްޓް މޯލްޑިވްސްއަށް ލިބިނުދީ، އެ ކޯޓުން ޢާންމުކޮށް ޢަމަލުކުރާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛

އަކުއާ ސަން މޯލްޑިވްސްއިން ދުވާލަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހުށަހެޅި US$3157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު) އަކީ އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުންކަމަށް ކަނޑައެޅިގޮތެއް ހައިކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ރިޢާޔަތްކުރަންވާނީ ތަޙުވީލުކުރެވުނު މަދަނީ ކޯޓުގެ 343/MC/2008 ގަޒިއްޔާގައި ހުށަހެޅުނު ލިޔުންތަކަށް އެކަނި ކަމަށް ބުނެފައިވީނަމަވެސް، އަކުއާ ސަން މޯލްޑިވްސްއިން ހުށަހެޅި އައު ލިޔުންތަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވާކަމަށާއި އަދި އެއަށް ތައުނު ކުރުމުގެ ފުރުޞަތު ދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

ވަކީލު ޢައްޔަންކުރުމަށް ފުރުޞަތު ނުދޭކަމަށް ބުނާ ބުނުން

ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ގަލްފް ކްރާފްޓް މޯލްޑިވްސް ތަމްސީލުކުރުމަށް ވަކީލަކު އައްޔަންކުރުމަށް ފުރުޞަތަކަށް އެދި ލިޔުމުން ހުށަހެޅި ނަމަވެސް، އެ ފުރުޞަތު ގަލްފް ކްރާފްޓް މޯލްޑިވްސްއަށް ލިބިނުދީ ކޯޓުން ޢާންމުކޮށް ޢަމަލުކުރާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހައިކޯޓުގައި ފާހަގަކުރިނަމަވެސް އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ގަލްފް ކްރާފް މޯލްޑިވްސްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

މިއީ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގައިވެސް ފާހަގަކޮށްފައިވާ ނުކުތާއެކެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓު ގަޒިއްޔާގެ ރިޕޯޓުގެ 3.2 ގައި، ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން އައު ވަކީލުން އައްޔަންކުރުމަށާއި، އައްޔަންކުރެވޭ ވަކީލު މައްސަލަ ދިރާސާކުރުމަށާއި ޖަވާބު ތައްޔާރުކުރުމަށް ދެހަފްތާގެ މުއްދަތެއް ދިނުމަށް 25 ފެބްރުއަރީ 2016 ގައި، އެދުވަހުގެ 10:45 އަށް އަޑުއެހުން ތާވަލުކުރެވިފައިވަނިކޮށް އެދިފައިވާކަމަށާއި، އެހެންނަމަވެސް އެ މުއްދަތުގައި ވަކީލު އައްޔަންކޮށްފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެ ގަޒިއްޔާ ކުރިއަށް ގެންދެވިފައިވަނީ ސިވިލް ކޯޓުން ޢާންމު އިޢުލާނެއް ކުރުމަށްފަހު، 2016 މާރޗް 10 ގައި ކަމަށާއި، މި ދުވަހަކީ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން އެދުނު 2 (ދޭއް) ހަފްތާގެ މުއްދަތު ހަމަވާ ދުވަސްކަމަށް ފާހަގަކޮށްފައިވެއެވެ. މިކަންކަން ފާހަގަކޮށް ހައިކޯޓުން ނިންމާފައިވަނީ ވަކީލު ޢައްޔަންކުރުމަށާއި ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުޞަތު ދެވިފައިވާކަމަށް ޤަބޫލުކުރެވޭކަމަށެވެ.

މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތަށް މި ކޯޓުންވެސް ބެލިއިރު، ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގެ މައްސަލައަކީ 30 ޖޫން 2013 ގައި ހުށަހެޅުނު މައްސަލައެކެވެ. މައްސަލައާ ގުޅިގެން ގަލްފް ކްރާފްޓް މޯލްޑިވްސްއިން ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން 25 މެއި 2014 ގައާއި އަދި 29 މެއި 2014 ގައި ގަލްފް ކްރާފްޓް މޯލްޑިވްސްއިން ވާހަކަ ދައްކާފައިވާކަން އެނގެން އޮވެއެވެ. އަދި އިޖުރާއީ ނުކުތާއާމެދު 18 މެއި 2015 ގައި ގޮތެއް ނިންމާފައިވެއެވެ.

25 ފެބްރުއަރީ 2016 ގައި ވަކީލަކު އައްޔަންކުރަން ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ސިވިލް ކޯޓުގައި އެދުނުކަމަށް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ބުނިނަމަވެސް، އެ މުއްދަތު ސިވިލް ކޯޓުން ގަލްފް ކްރާފްޓް މޯލްޑިވްސްއަށް ދީފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވެއެވެ. އަދި ގަލްފް ކްރާފްޓް މޯލްޑިވްސްއިން ވެސް ބުނެފައިވާ ފަދައިން، އެ ކުންފުނިން އެދުނު ދެ ހަފްތާ ދުވަހުގެ މުއްދަތު ހަމަވާ ތާރީޚަކީ ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ޙުކުމްކުރި ތާރީޚު ކަމުގައިވާ 10 މާރޗް 2016 އެވެ. އެ މުއްދަތުގެ ތެރޭގައި ޤާނޫނީ ވަކީލަކު އައްޔަން ކުރުމަށްފަހު ސިވިލް ކޯޓަށް އަންގާފައިނުވާކަމަށް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުންވެސް ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގަލްފް ކްރާފްޓް މޯލްޑިވްސްއަށް ސިވިލް ކޯޓުން ފޮނުވި ކޯޓަށް ހާޒިރުވުމުގެ އަމުރުތައް ބެލިއިރު، ގަލްފް ކްރާފްޓް މޯލްޑިވްސްއަށް މީގެ ކުރިން މއ. ޕީޓްރަލް 2 ވަނަ ފަންގިފިލާއިން އަމުރުތަކާ ޙަވާލުވެފައިވެއެވެ. އެގޮތުން، ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން އެންމެ ފަހުން ކޯޓަށް ހާޒިރުވުމުގެ އަމުރަކާ ޙަވާލުވީ 6 ފެބްރުއަރީ 2016 ގައެވެ. އެ އަމުރުގައި އަޑުއެހުން ތާވަލު ކުރެވިފައި އޮތީ 9 ފެބްރުއަރީ 2016 އަށެވެ. އޭގެ ފަހުން 25 ފެބްރުއަރީ 2016 ގައި، 3 މާރޗް 2016 ދުވަހު ބާއްވަން ހަމަޖެހިފައިވާ ޝަރީޢަތަށް ހާޒިރުވުމަށް ކޯޓު އަމުރެއް ފޮނުވުނެވެ. އެހެންނަމަވެސް، މި އަމުރާ އެއްވެސް ފަރާތަކުން މއ. ޕީޓްރަލް އެޑްރެހުން ޙަވާލެއްނުވިއެވެ.

6 މާރޗް 2016 ގައި ސިވިލް ކޯޓުން ގަލްފް ކްރާފްޓް މޯލްޑިވްސް ހޯދުމަށް އިޢުލާނެއްކުރިއެވެ. މި މައްސަލައާ ގުޅިގެން ގަލްފް ކްރާފްޓް މޯލްޑިވްސް އިން ޖަވާބުދާރީވާނެ ފަރާތެއް ސިވިލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ވަނީ ނުކުރެވިފައިކަމަށާއި، 10 މާރޗް 2016 ގެ 11:15 އަށް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ހާޒިރުވުމަށް އަންގާކަމަށާއި، އެދުވަހުގެ އެ ގަޑިއަށް ޖަވާބުދާރިވާނެ ފަރާތެއް ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގާ ނިންމާނެކަމަށް އެ އިޢުލާނުގައި އޮވެއެވެ. އަދި އެ މައްސަލާގައި ޙުކުމްކޮށްފައިވަނީ 10 މާރޗް 2016 ގައެވެ.

"ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) ގައި، ދަޢުވާލިބޭ ފަރާތް ކޯޓަށް ހާޒިރުނުވުމުން ޢަމަލުކުރާނެގޮތް ބަޔާންކޮށްފައިވެއެވެ.

ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވުން28. (ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުން އިޢުލާނު ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

އެހެންކަމުން، 28 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހާޒިރުކުރަންޖެހޭ ފަރާތް ދީފައިވާ އެޑްރެހުގައި ނެތް ނަމަ، އެ ފަރާތް ހޯދުމަށް އިޢުލާނެއް ކުރުމަށްފަހު، މައްސަލަ އެ ފަރާތުގެ ޣައިރު ހާޒިރުގައި ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އެހެންނަމަވެސް، "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގެ 10 ވަނަ މާއްދާގެ ދަށުން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޯޓުން ކުރަންޖެހޭނެކަމަށް ގަލްފް ކްރާފްޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. އަދި އެފަރާތް ޢާންމުކޮށް އުޅޭ ތަނެއްގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ތަތްކުރުމުގެ ފުރުޞަތު އޮތްއިރު، އެކަން ކޮށްފައިނުވާކަމަށާއި، ގަލްފް ކްރާފްޓް މޯލްޑިވްސްގެ ތިލަފުށީ އެޑްރެސް ސިވިލް ކޯޓަށް އެނގޭނެކަމަށް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ގަލްފް ކްރާފްޓް މޯލްޑިވްސްގެ ޣައިރު ހާޒިރުގައި މި މައްސަލަ ނިންމިއިރު، މި މައްސަލައަކީ އަލަށް ކޯޓަށް ހުށަހެޅިގެން ދަޢުވާ ރައްދުވާ ފަރާތް އުޅޭތަން ނޭނގި އޮތް މައްސަލައެއް ނޫނެވެ. އެއާ ޚިލާފަށް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން މި މައްސަލައިގެ ބައެއް އަޑުއެހުންތަކަށް ހާޒިރުވެ، ވާހަކަ ދައްކާފައިވެސްވެއެވެ. އެހެންކަމުން، ގަލްފް ކްރާފްޓް މޯލްޑިވްސްއަށް އަމުރު ރައްދުކުރަން ކޯޓަށް ދީފައިވާ އެޑްރެހުން މީގެ ކުރިން އަމުރު ރައްދުކުރުމުގެ މައްސަލައެއް ދިމާވެފައިނުވެއެވެ.

"ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގެ 18 ވަނަ މާއްދާގައި މައްސަލައިގެ އެއްވެސް ފަރާތެއްގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެކަން ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓަށް ލިޔުމަކުން އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެޑްރެސް ބަދަލުވިކަން ކޯޓަށް އަންގާފައިނުވާނަމަ، ދަޢުވާލިބޭ ފަރާތާމެދު އެ ގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

އެހެންކަމުން، ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރު ކުރިން ރައްދުކުރެވެމުން ދިޔަ އެޑްރެސް ބަދަލުވާނަމަ، އެކަން ކޯޓަށް އެންގުމުގެ ޒިންމާ އުފުލަންޖެހެނީ އެޑްރެސް ބަދަލުވާ ފަރާތުންނެވެ. ގަލްފް ކްރާފްޓް މޯލްޑިވްސްއިން ކުރިން އަމުރު ފޮނުވަމުން ދިޔަ އެޑްރެސް ބަދަލުވިކަން އަންގާފައިވާކަން އެނގޭކަށް ނެތެވެ. އަދި އެފަދައިން ކޯޓަށް އަންގާފައިވާނެކަމަށްވެސް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ބުނެފައިނުވެއެވެ.

އެހެންކަމުން، މި މައްސަލައިގައި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން މައްސަލަ ބަލައި ނިންމާފައިވަނީ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" އާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

ތަޙުވީލުކުރުމުން ބެލުނު މައްސަލައިގައި އައު ލިޔުން ހުށަނޭޅޭނެކަމަށް ބުނާ ބުނުން

ހައިކޯޓުގެ ނަންބަރު 2008/HC-A/201 ގަޒިއްޔާއިން މަދަނީ ކޯޓުގެ ނަންބަރު 343/MC/2008 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށް ސިވިލް ކޯޓަށް އެ މައްސަލަ ތަޙުވީލުކުރުމުގައި ކަނޑައަޅާފައިވަނީ، މަދަނީ ކޯޓުގެ ގަޒިއްޔާގައި ހުށަހެޅުނު ލިޔުންތަކަށާއި ދެކެވުނު ވާހަކަތަކުގެ މައްޗަށްކަން އެނގެން އޮތްއިރު، ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ޙުކުމް ކުރަންވާނީ މަދަނީ ކޯޓުގެ ނަންބަރު 343/MC/2008 ގަޒިއްޔާގައި ހުށަހެޅުނު ލިޔުންތަކަށާއި ދެކެވުނު ވާހަކަތަކުގެ މައްޗަށް އެކަނި ކަމަށް ހައިކޯޓުގައި ފާހަގަކޮށްފައިވީނަމަވެސް، މިކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

ގަލްފް ކްރާފްޓް މޯލްޑިވްސްއިން ބުނެފައިވާ ފަދައިން މި ނުކުތާއަކީވެސް ހައިކޯޓުގައި އެފަރާތުން ފާހަގަކޮށްފައިވާ ނުކުތާއެކެވެ. ނަމަވެސް ހައިކޯޓުގެ ރިޕޯޓުގައި މި ނުކުތާއަށް ޖަވާބުދީފައިނުވެއެވެ.

ހައިކޯޓުގެ ނަންބަރު 2008/HC-A/201 ގަޒިއްޔާގައި މަދަނީ ކޯޓުގެ ޙުކުމް ބާޠިލުކުރުމަށްފަހު، އެ މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށް ބެލުމަށް ކަނޑައަޅާފައިވަނީ ދެކަމެކެވެ. އެއީ؛

(ހ)"ޑްރީމް ވޮޔޭޖަރ" ބޯޓު ޔާޑަށް އެހެލާ ބޭލުމުގެ ޚިދުމަތުގެ އަގު ނަގަންޖެހޭނީ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ނަންބަރު GCSC/001082/06 ކޯޓޭޝަނުގައިވާ ގޮތުގެ މަތިންކަމާއި، އެ ކޯޓޭޝަނުގައިވާ އުޞޫލުގެ މަތިން ޔޮޓު ބޯޓުޔާޑަށް އެހެލި ދުވަހުން ފެށިގެން ބާލައި ދޭންޖެހޭ ދުވަހާ ހަމައަށް އަކުއާ ސަން މޯލްޑިވްސް އިން ގަލްފް ކްރާފްޓް މޯލްޑިވްސްއަށް ފައިސާ ނަގައިދިނުން؛

(ށ)10 ފެބްރުއަރީ 2008 އިން ފެށިގެން ޔޮޓު ބާލައިދިން ދުވަސްކަމުގައިވާ 19 މެއި 2008 އަށް ހިނގި ދުވަސްތަކަށް އަކުއާ ސަން މޯލްޑިވްސްއިން ބުނާ ގެއްލުން ލިބިފައިވޭތޯ ބަލައި، އެގެއްލުމުގެ މިންވަރު ވަޒަންކޮށް، ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭނަމަ އެބަދަލެއް ނަގައިދިނުމަށް ކަނޑައަޅައި ސިވިލް ކޯޓުން ފައިސަލާކުރަނިވި ޙުކުމެއްކުރަންޖެހޭކަމަށް

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގައި ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫޢީގޮތުން ބެލުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މާއްދާގެ (ށ) ގައި އެ މައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަން ހިނގާފައިވާގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ، އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށުކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރެވިދާނެކަމަށް އޮވެއެވެ.

އެހެންކަމުން، މައްސަލައެއް ދަށުކޯޓަށް ތަޙުވީލުކުރަނީ އެ މައްސަލައެއްގެ ފެކްޓްސް ނުވަތަ ވާގިއާއަކީ އަލުން ބަލައި ކަށަވަރުކުރަންޖެހޭ މައްސަލައެއްނަމައެވެ. މިފަދަ ޙާލަތެއްގައި، ކުރިން ދަށު ކޯޓަށް ހުށަހެޅުނު އަދި ރިޢާޔަތް ނުކުރާ ލިޔެކިއުންތަކަށް އަލުން ރިޢާޔަތްކުރުންވެސް އެކަށީގެންވެއެވެ. އަދި އެފަދަ ލިޔުންތަކަށް ރިޢާޔަތްކުރުމުގައި ހޯދަންޖެހޭ އިތުރު މަޢުލޫމާތު ނުވަތަ ސާބިތުކުރަންޖެހޭ އިތުރު ކަންކަން ހުރުންވެސް އެކަށީގެންވެއެވެ. ހަމަ މި ގޮތަށް، ދަށު ކޯޓުން މައްސަލައެއް އަލުން ބަލާއިރު، ތަޙުވީލު ކުރެވުނު ސަބަބުތަކުގެ ތަރަހައިގެ ތެރެއިން، އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި ކުރިން ހުށަނޭޅޭ އައު ހެކި ހުށަހެޅުމަށް ކޯޓަށް އެންގިދާނެއެވެ. މިސާލަކަށް ދަށު ކޯޓުން މައްސަލަ ބަލާ ގޮތަކުން، ދަޢުވާގައި ހިމެނޭ ބައެއް ކަންކަމަށް އިސްކަން ނުދީ މައްސަލަ ނިންމައިފިނަމަ، އެކަންކަން ބެލުމަށް ހައިކޯޓުން އެ މައްސަލަ ތަޙުވީލުކޮށްފައިވާނަމަ، އެކަންކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކުރިން ދަށު ކޯޓަށް ހުށަނޭޅޭ އައު ލިޔެކިއުންތަކާއި ހެކިން ކޯޓަށް ހުށަހެޅުމަށް ކޯޓަށް އެންގިދާނެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ހައިކޯޓުން މައްސަލަ ބެލުމުގެ އުޞޫލު ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ނ) ގައި ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައެޅުމަށްފަހު އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. ހަމަ މިގޮތަށް، އެ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކުރާއިރު، ހައިކޯޓުން މައްސަލަ ބެލުމުގެ އަސާސްއަކީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކެވެ. އަދި ހައިކޯޓު މަރުޙަލާގައި އައު ހެކި ހުށަހެޅުމުގެ އިސްތިސްނާ ޙާލަތަކީ، ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ އައު ހެއްކެވެ.

އެހެންކަމުން، ދަށު ކޯޓުން މައްސަލަ ބެލުމުގައި އެއްވެސް ވަރަކަށް ރިޢާޔަތް ނުކުރާ ކަންކަން ހުރިނަމަ، އަދި އެއީ އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި ކަށަވަރުކުރަންޖެހޭ ކަންކަން ކަމުގައިވާނަމަ، އެކަންކަން ކަށަވަރުކުރުމަށް ކުރިން ހުށަނާޅާ އައު ހެކި ހުށަހެޅިދާނެއެވެ. މައްސަލަތައް ތަޙުވީލު ކުރެވެނީވެސް އެފަދަ އައު ހެކި ހުށަހަޅައި، ޓްރަޔަލް މަރުޙަލާގައި އަލުން އެ ހެކި ވަޒަންކޮށް، އިސްތިއުނާފީ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދައިން މައްސަލަ ބެލުމަށެވެ. އެހެންކަމުން، މަދަނީ ކޯޓުގެ ނަންބަރު 343/MC/2008 ގަޒިއްޔާގައި ހުށަހެޅުނު ލިޔެކިއުންތަކާއި ހެކީގެ އިތުރުން، އައު ހެއްކަށް ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ރިޢާޔަތްކޮށްފައިވާނަމަ، އަދި އެ ހެއްކަކީ އަލުން ބަލަން ކަނޑައެޅި ނުކުތާތަކުގެ ތަރަހައިގެ ތެރެއިން ހުށަހެޅުނު ހެކިނަމަ، އެއީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބަލާނެ ފުރުޞަތެއް ނެތެވެ. މި ނުކުތާގައި ޔަޤީންކަމާއެކު ސިވިލް ކޯޓުން މައްސަލަ ބެލީ އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިގެ ތެރެއިން ހުށަހެޅުނު އައު ހެއްކަށްކަމަށް ބުނެދެވިފައިނުވަނީ، އެ ކޯޓުން ރިޢާޔަތް ކުރި ހެއްކަކީ ކޮބައިކަން އެނގެން ނެތުމުންނެވެ.

ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫންކަމަށް ބުނާ ބުނުން

އަކުއާ ސަން މޯލްޑިވްސްއަށް ދުވާލަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި US$3157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު) ނަގައިދީފައިވާއިރު، އެ އަދަދު ކަނޑައެޅި ގޮތެއް ބަޔާންކޮށްފައިނުވާކަމަށް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ.

އެގޮތުން، ޔޮޓުގެ މަރާމާތުކުރި ދުވަސްތަކުގައި ނުވަތަ އެހެލާފައި ހުރި ދުވަސްތަކުގައި އެ ޔޮޓަށް އެ މިންވަރަށް ފައިދާވާނަމަ، އެ ޔޮޓު މަރާމާތު ކުރުމަށް ކޯޓޭޝަނެއް ގަލްފް ކްރާފްޓް މޯލްޑިވްސް އިން ހޯދުމުގެ ކުރިން ކޮންމެ ދުވަހަކީ އެފަދަ ފައިދާއެއްވާ ދުވަހެއްތޯ ބަލާފައިނުވާ ކަމަށާއި، އަދި ޔޮޓް ބޭލުމަށްފަހު، މި މައްސަލައިގައި ޙުކުމް ކުރުމާ ހަމައަށްވެސް އެ ޔޮޓަށް ފައިދާވި މިންވަރަކާއި، ފައިދާއެއްވިތޯއާއި، ކޮންމެ ދުވަހަކު ބުކިންގ އެއް ހައްދާފައިވާކަން އެނގެން ނެތްކަމަށް ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މި ނުކުތާގެ ޖަވާބުގައި އަކުއާ ސަން މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ޣައިރު ހާޒިރުގައި ނިންމާ މައްސަލަތައް ސާބިތުކުރެވޭނީ، ދަޢުވާލިބޭ ފަރާތުން އިންކާރު ކުރާ ކަމަށް ބަލައިގެން، ދަޢުވާކުރާ ފަރާތުން ހުށަހަޅާ ކަންކަމުގެ އަލީގައި މަދަނީ މިންގަނޑުން ކަމެއް ހިނގާފައިވާކަމުގައި ޝަރީޢަތަށް ބުރަވެވޭ މިންވަރުގެ ހެކި ލިބުމުންކަމަށެވެ. އަދި އެގޮތަށް ހެކި ލިބިފައިވާ ކަމަށް އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާކަމަށެވެ.

ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި އެއްވެސް ޤާނޫނީ އަސާސެއް އޮތްކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި މި ނުކުތާއަކީ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފުކުރެވޭ ހައިކޯޓު ގަޒިއްޔާގައިވެސް ހުށަހެޅި ނުކުތާއެކެވެ. އަދި އެ ނުކުތާއަށް ހައިކޯޓުގެ ރިޕޯޓުގައި ޖަވާބުދީފައިވެއެވެ. އެގޮތުން، އަކުއާ ސަން މޯލްޑިވްސްގެ ޔޮޓު ގަލްފް ކްރާފްޓް މޯލްޑިވްސްގެ ތިލަފުށީ ބޯޓު ޔާޑަށް އެހެލާފައިވަނީ 23 މެއި 2007 ގައި ކަމަށާއި، ޔޮޓު މަރާމާތުކުރުމަށްފަހު ބާލަންޖެހެނީ 10 ފެބްރުއަރީ 2008 ގައި ކަމަށާއި، އެހެންނަމަވެސް ބާލައިފަނީ 19 މެއި 2008 ގައި ކަން އެނގެން އޮންނަކަމަށާއި، އަދި 2008 މާރޗް 2 އިން ފެށިގެން 28 މާރޗް 2008 އާ ހަމައަށް ޔޮޓު އޮތީ އެޑްވާންސްކޮށް ޕްރައިވެޓް ޗާރޓަރ ކޮށްފައިކަމާއި، އެދުވަސްތަކުގެ ހުރިހާ ދުވަހަކަށް ބުކިން ކޮންފާރމް ކޮށްފައިވާކަމަށާއި، ޔޮޓު ބާލަދޭންޖެހޭ ދުވަހަކަށް ބާލަނުދިނުމުގެ ސަބަބުން ޕްރައިވެޓް ޗާރޓަރ ދަތުރުތައް ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި، ބާލަނުދީ ހުރި ދުވަސްތަކަށް ނުސީދާކޮށް އިތުރު ޚަރަދުތައް ހިނގާފަވާކަން އެނގެން އޮންނާތީ، އަކުއާ ސަން މޯލްޑިވްސްގެ ޔޮޓު މަސައްކަތް ނިމުމުން، އެ ޔޮޓު ބާލައިނުދިނުމުގެ ސަބަބުން އަކުއާ ސަން މޯލްޑިވްސްއިން ދުވާލަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހުށަހެޅި US$3157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު) އަކީ އަކުއާ ސަން މޯލްޑިވްސްއަށް ދުވާލަކަށް ލިބެމުންދިޔަ ގެއްލުންކަން އެނގޭކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ބިނާކުރިގޮތް ސާފުކަމަށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2008/HC-A/201 ގަޒިއްޔާއިން ސިވިލް ކޯޓުގައި މައްސަލަ އަލުން ބަލަންޖެހޭ ކަމަށް ކަނޑައެޅިއިރު، ގެއްލުމުގެ ބަދަލާ ގުޅިގެން ކަނޑައަޅާފައިވަނީ "ޑްރީމް ވޮޔޭޖަރ" ޔޮޓުގެ މަސައްކަތް ނިމުނު ފަހުން، އެ ޔޮޓު ބާލައި ނުދިނުމުގެ ސަބަބުން އަކުއާ ސަން މޯލްޑިވްސްއަށް؛

ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގެއްލުން ލިބިފައިވޭތޯ ކަނޑައަޅަންޖެހޭކަމަށް

ގެއްލުމުގެ މިންވަރު ވަޒަންކުރަންޖެހޭކަމަށް

ގެއްލުން ކަނޑައަޅަންޖެހޭ މުއްދަތަކީ އެ ޔޮޓު ބާލައިދޭންޖެހޭ ތާރީޚުކަމުގައިވާ 10 ފެބްރުއަރީ 2008 އިން ފެށިގެން ޔޮޓު ބާލައިދިން ދުވަސްކަމުގައިވާ 19 މެއި 2008 ގެ ނިޔަލަށްކަމަށް

ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ދުވާލަކަށް ގެއްލުމުގެ ބަދަލުގެ ރޭޓުކަމަށް ކަނޑައަޅާފައިވަނީ US$3157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު) އެވެ. އެ އަދަދަކީ ހުށަހެޅިފައިހުރި ލިޔެކިއުންތަކަށް ރިޢާޔަތްކޮށް، އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ އަދަދުކަމަށް ސިވިލް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރަށް ބުރަވެވޭކަމަށް ބަޔާންކޮށްފައިވި ނަމަވެސް، އެ އަދަދަށް ވާސިލުވީ ކިހިނެތްކަމާއި ކީއްވެގެންކަން ޙުކުމުގައި ބަޔާންކޮށްފައިނުވެއެވެ.

ހައިކޯޓުގެ މިހާރު އިސްތިއުނާފު ކުރެވޭ ގަޒިއްޔާގައި އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދުވާލަކު US$3157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު) ގެ ގެއްލުން ލިބޭކަން "އެނގޭ" ކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް، މިކަންކަން މައްސަލަ ބަލާ ފަނޑިޔާރުންނަށް އެނގުނު ގޮތެއް ތިލަކޮށްދީފައިނުވެއެވެ.

ސުޕްރީމް ކޯޓުގެ ޖާބިރު ޢަބްދުއްރަހްމާނު ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރަޢުޔުގައި އިސްތިއުނާފީ ކޯޓުތަކުގެ ފަނޑިޔާރުންގެ ދައުރުގެ ތެރޭގައި ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ނިންމުމުގައި ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުން ހިމެނޭތީވެ، އެ ހެއްކަކުން ދޭހަވާ ގޮތެއް ބަޔާންކުރުމުގެ ބާރު ޝަރީޢަތްކުރާ ފުރަތަމަ މަރުޙަލާގެ ކޯޓަށް ނުވަތަ މައްސަލަ ބަލާ ޓްރައިބިއުނަލަށް ލިބިގެންވާފަދައިން، އެ ގަޒިއްޔާގައި ބަޔާންކުރާ ޙާލަތުގައި އެ ހެއްކަކުން ނެރެވޭ ދޭހައަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު އިސްތިއުނާފީ ކޯޓަށް ވެސް ލިބިގެންވާކަމަށް ފާހަގަކޮށްފައިވެއެވެ.

ހަމަ މި މޭރުމުން، ދަށު ކޯޓުން ނިންމާ ނިންމުމެއްގައި ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން އިސްތިއުނާފީ ކޯޓެއްގައި ފަނޑިޔާރުން ކަނޑައެޅުމުގައި، ފަނޑިޔާރުންނަށް ވާސިލުވެވޭ ނަތީޖާއަށް ވާސިލުވި ސަބަބުތައް ބަޔާންކުރަންވާނެއެވެ. މިސާލަކަށް ސިވިލް ކޯޓުގައި ދުވާލެއްގެ މައްޗަށް އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ އަދަދަށް ވާސިލުވިގޮތް ބަޔާންކޮށްފައިނުވާއިރު، މި އަދަދު މިއީ ރަނގަޅު އަދަދެއްކަން އެނގޭކަމަށް ހައިކޯޓުގެ ފަނޑިޔާރުން ކަނޑައެޅިއިރު ބުކިންގ ކޮންފަރމޭޝަންތަކަށް ޙަވާލާދީފައިވެއެވެ. އެހެންނަމަވެސް، ހުށަހެޅިފައިހުރި ލިޔެކިއުންތަކުގެ ތެރޭގައި ކެންސަލޭޝަންތައްވެސް ހުރިކަން ފާހަގަކުރެވެއެވެ. އެކަމަކު އެކަންކަމަށް ރިޢާޔަތްކުރި ގޮތާއި ދިން ބުރަދަން އެނގޭކަށްނެތެވެ.

ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާ ނިންމާފައިވަނީ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ޣައިރު ހާޒިރުގައެވެ. ދިވެހިރާއްޖޭގައި ޣައިރު ހާޒިރުގައި ކުރާ ޙުކުމްތައް މަހުދޫދު (limit) ކުރެވިފައިވަނީ ވަކި ބާވަތްތަކެއްގެ މައްސަލަތަކަކަށް ނޫނެވެ. އެގޮތުން، ފައިސާ ހޯދުމާ ގުޅޭ މައްސަލަތަކުގައިވެސް، ސާފުކޮށް ދައްކަންޖެހޭ އަދަދުތަކާ ގުޅޭ މައްސަލަތަކުގެ އިތުރުން، ދައްކަންޖެހޭ އަދަދުކަމަށް ބަހުސް ކުރެވޭނެ ބާވަތްތަކުގެ މައްސަލަތައްވެސް ހިމެނެއެވެ. ދިވެހިރާއްޖޭގައި ޣައިރު ހާޒިރުގައި ޙުކުމެއް ކުރުމުގެ ނަތީޖާއަކީ، އެ ޙުކުމް ކޮށްފައިވަނީ ގަވާއިދުގައި ޣައިރު ހާޒިރުގައި ޙުކުމް ކުރުމަށް އޮންނަ އިޖުރާއާތު ފުރިހަމަކުރުމަށްފަހު ކަމުގައިވާނަމަ، އަދި އެފަދަ މައްސަލައެއް ދަށު ކޯޓުގައި ނުވަތަ ހައިކޯޓުގައި ހިނގަމުންދިޔަ އިރު، މައްސަލަ ރައްދުވާ ފަރާތުން ޝަރީޢަތަށް ހާޒިރުވެފައިނުވަނީ، އިސްތިއުނާފުގެ ބޭނުމަށްޓަކައި، މަޤުބޫލު އުޒުރެއް އޮވެގެން ނޫންކަމުގައިވާނަމަ، އެ މީހެއްގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކީ އެ މީހެއްގެ މައްޗަށް ޤާނޫނީ ގޮތުން ބަނދެވޭ، ޢަމަލުކުރުން ލާޒިމު ޙުކުމަކަށް ވެގެންދިއުމެވެ.

އެހެންކަމުން، ދަށު މަރުޙަލާއިންވެސް ދަޢުވާ ރައްދުވާ މީހެއްގެ ޣައިރު ހާޒިރުގައި ޝަރީޢަތްކުރާނަމަ، އެންމެ ކުޑަ މިނުން ހުށަހެޅިފައި އޮތް ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ސާބިތުވާނަމަ ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގައި ހިމެނޭ ދެ ފަރާތުގެވެސް ޙައްޤެކެވެ. ދަޢުވާ ލިބޭ ފަރާތުން ޝަރީޢަތަށް ހާޒިރުނުވުމަކީ އޭނާގެ ފަރާތުން ދިފާޢުވުމަށް އޮތް ފުރުޞަތު އަމިއްލައަށް ދޫކޮށްލުމެވެ. މި ޢަމަލަކީ އެއްވެސް ހާލެއްގައި ކަމުގެ ޙަޤީޤަތް ކަށަވަރުނުކޮށް ޙުކުމް ކުރުމަށް ހުޅުވާލެވިގެން ދިޔަ ދޮރެއް ކަމުގައި ބަލައިގެންނުވާނެއެވެ.

"ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގައި ޣައިރު ހާޒިރުގައި ކުރާ ޙުކުމްތަކުގައިވެސް ޝަރީޢަތަށް ހުށަހެޅިފައިހުރި ހެކި ވަޒަންކުރަންޖެހެއެވެ. ޙަވާލާދެވިފައިވާ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދަޢުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޙުކުމެއްކުރާނަމަ، އެފަދަ ޙުކުމެއް ކުރެވޭނީ ހުށަހެޅިފައިހުރި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރުމަށް ފަހުގައިކަމަށް ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ސިވިލް ކޯޓުން އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ކަނޑައެޅިއިރު، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެކި ވަޒަންކޮށްފައިވާގޮތް އެނގޭކަށްނެތެވެ. އަދި އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުން ދުވާލެއްގެ މައްޗަށް ހިސާބުކޮށްފައިވާ ގޮތަށް ވާސިލުވެވުނު ގޮތްވެސް ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ބަޔާންކޮށްފައިނުވެއެވެ. "ޑްރީމް ވޮޔޭޖަރ" ޔޮޓުގެ ބުކިންގ ސްޓޭޓްމަންޓު ހުށަހަޅާފައިވާއިރު، އެ ސްޓޭޓްމަންޓުގައި ހިމެނޭ އަދަދުތަކަކީ ހަމަ ޙަޤީޤަތުގައިވެސް އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުމެއްކަން ކަނޑައެޅީ ކިހިނެތްކަން އެނގޭކަށްނެތެވެ.

ހައިކޯޓުގެ ނަންބަރު 2008/HC-A/201 ގަޒިއްޔާގެ ޙުކުމުގައިވެސް، މި މައްސަލަ އަލުން އަނބުރާ ދަށު ކޯޓަށް ތަޙުވީލުކުރިއިރު، ޔޮޓުގެ މަސައްކަތް ނިމި، އެ ޔޮޓު ބާލައިނުދިނުމުގެ ސަބަބުން އަކުއާ ސަން މޯލްޑިވްސްއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭނެކަމަށް އެފަރާތުން ބުނާ ގެއްލުމަކީ، އެ ފަރާތަށް ލިބިފައިވާ ގެއްލުމެއްކަން ނުވަތަ ނޫންކަން ޝަރީޢަތުން ބަލަންޖެހޭނެކަމަށާއި، އަދި ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ މިންވަރު ވަޒަންކުރަންވާނެކަމަށް ބަޔާންކޮށްފައި އޮވެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، މި މައްސަލަ އެންމެ ފުރަތަމަވެސް ތަޙުވީލު ކުރެވުނު މަޤުޞަދު ހާޞިލުނުވާގޮތަށެވެ.

އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުން ހިސާބުކޮށްފައިވާ ގޮތް އެނގެން ނެތަތީ އާއި، އަދި އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/571 ގަޒިއްޔާގައިވެސް ސިވިލް ކޯޓުން އަދަދު ކަނޑައެޅިގޮތް ރަނގަޅުކަމަށް ބުނެ، އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ދީފައިނުވާތީ، މި މައްސަލައިގައި އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ސީދާ ގެއްލުމާއި، އަދި ލިބޭނެކަމަށް އެނގޭ ގެއްލުން ރަނގަޅަށް ވަޒަންކޮށް، އަދަދުތަކަށް ވާސިލުވި ގޮތާއި ސަބަބު ބަޔާންކޮށް އަލުން ކަނޑައެޅުމަށްޓަކައި، ހައިކޯޓަށް މި މައްސަލަ ތަޙުވީލު ކުރަންޖެހެއެވެ.

އެގޮތުން، 10 ފެބްރުއަރީ 2008 އިން ފެށިގެން ޔޮޓު ބާލައިދިން ދުވަސްކަމުގައިވާ 19 މެއި 2008 ގެ ނިޔަލަށް އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ އަދަދު ހިސާބުކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް، އެ މަޢުލޫމާތު ހިމަނަންވާނެއެވެ؛

(ހ)ގެއްލުމުގެ ގޮތުގައި ކަނޑައަޅާ އަދަދަށް ވާސިލުވި ގޮތް

(ށ)އެ އަދަދުގެ ތެރެއިން ސީދާ ގެއްލުން

(ނ)އެ އަދަދުގެ ތެރެއިން ލިބިދާނެކަން އެނގިފައިވާ ގެއްލުން

(ރ)ގެއްލުން ހިސާބުކުރާ މުއްދަތުގެ ތެރޭގައި ދުވަހުން ދުވަހަށް ލިބޭ ސީދާ ގެއްލުން ހިސާބުކޮށްފައިވާ ގޮތް

(ބ)ގެއްލުން ހިސާބުކުރާ މުއްދަތުގެ ތެރޭގައި ލިބޭނެކަމަށް އެނގޭ ގެއްލުން ދުވަހުން ދުވަހަށް ހިސާބުކޮށްފައިވާ ގޮތް (މިސާލަކަށް އެ މުއްދަތުގެ ތެރޭގައި ކޮންފަރމް ކޮށްފައިހުރި ބުކިންގެ އަދަދާއި، އަކުއާ ސަން މޯލްޑިވްސްއިން ހުށަހަޅާފައިވާ ކެންސަލްކޮށްފައިހުރި ބުކިންގްތަކުގެ އަދަދާއި، ހިނގާނެ ޚަރަދު، ޗާޓަރ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އެ މުއްދަތަށް އަރާނެ ސޭލްސް، މީގެ ކުރިން މި އުޅަނދުގެ ބުކިންގ ތަކަށް ހިނގާފައިވާ ޚަރަދު، ބުކިންގްތައް ކެންސަލްވުމުގެ އިޙްތިމާލު ކަނޑައެޅުމަށްޓަކައި ކެންސަލްކުރަން އޮންނަ އެންމެ ފަހު ތާރީޚު، އެ ތާރީޚެއްގެ ފަހުން ކެންސަލް ކުރާނަމަ އަރާނެ އަދަދު ނުވަތަ ޖޫރިމަނާ ފަދަ މިނޫންވެސް ކަމާ ގުޅޭ އެހެނިހެން ކަންކަން)

އިސްވެ ބުނެވުނު ކަންކަން ކަނޑައަޅާނީ އަކުއާ ސަން މޯލްޑިވްސްގެ ފަރާތުން ލިބުނު ގެއްލުންކަމަށް ބުނެ ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ހުށަހެޅި ލިޔެކިއުންތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. އަދި އައު ލިޔެކިއުން ނުވަތަ ހެކިން ހުށަހަޅާނަމަ، އެކަންވާންވާނީ ކުރިން ހުށަހެޅި ލިޔެކިއުންތަކާ، ނުވަތަ ސުޕްރީމް ކޯޓުގައި މި ގަޒިއްޔާއިން ބަލަންވާނެކަމަށް ކަނޑައަޅާފައިވާ ނުކުތާއަކާ ގުޅިގެން ކަމެއް ސާބިތުކުރުމަށެވެ. ގެއްލުން އަލުން ހިސާބުކުރުމުގައި، ކުރިން ހުށަނާޅާ އައު ގެއްލުންތަކަށް ހައިކޯޓުން ރިޢާޔަތްކޮށްގެން ނުވާނެއެވެ. އަދި އަކުއާ ސަން މޯލްޑިވްސްއަށް ލިބިފައިވާ ގެއްލުން ހިސާބުކުރުމަށްފަހު، އަކުއާ ސަން މޯލްޑިވްސްއިން ގަލްފް ކްރާފްޓް މޯލްޑިވްސްއަށް ޔޮޓު އެހެލާ ބޭލުމުގެ ޚިދުމަތުގެ އަގުގެ ގޮތުގައި ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރުވާނަމަ، އެ އިތުރުވާ މިންވަރު ގަލްފް ކްރާފްޓް މޯލްޑިވްސްގެ ކިބައިން އަކުއާ ސަން މޯލްޑިވްސްއަށް ނަގައިދޭންވާނެއެވެ.

އެހެންކަމުން އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/571 ގަޒިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ހަމައެކަނި އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުމާ ގުޅޭ ގޮތުން ކަނޑައަޅާފައިހުރި ކަންކަން ބާޠިލުކުރުމަށް އަހުރެންނަށް ފެނެއެވެ. އަދި އެ ނުކުތާއާ ގުޅިގެން ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ތަޙުވީލުކުރަންޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/571 ގަޒިއްޔާގައި އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޔޮޓު "ޑްރީމް ވޮޔޭޖަރ" ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓު ޔާޑުން ބާލަންޖެހޭ ދުވަހު ބާލައިދީފައިނުވުމުގެ ސަބަބުން، ހަމައެކަނި އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުންކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުންތަކާ ބެހޭ ބައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، "ޑްރީމް ވޮޔޭޖަރ" ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓު ޔާޑުން ބާލަންޖެހޭ ދުވަހު ބާލައިދީފައިނުވުމުގެ ސަބަބުން، އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުން މި ގަޒިއްޔާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ހައިކޯޓުން އަލުން ބެލުމަށްޓަކައި މި މައްސަލަ އެ ކޯޓަށް ތަޙުވީލުކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ