ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 12 · 2021/SC-A/109ސުޕްރީމް ކޯޓު · 10 މާރިޗު 2024 · މަދަނީ – ޣައިރު ޙާޟިރުގައި ކުރެވޭ ޙުކުމް (ޙާޟިރުކުރުމުގެ އިޖުރާއަތު، ވާޤިޢާތައް ކަށަވަރުކުރުން، ތަޙުވީލު)

ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޓެރަފާމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 10 މާރިޗު 2024ބާވަތް: މަދަނީ

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާޢިދުގެ އިޖުރާއަތު ފުރިހަމަނުކޮށް، ވާޤިޢާތައް ކަށަވަރުކުރުމަކާ ނުލައި ދަޢުވާ ލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމަކާ ބެހޭ ނުކުތާއަކީ ހައިކޯޓަށް ހުށަނާޅާ ނަމަވެސް އިންސާފު ޤާއިމުކުރުމަށް ސުޕްރީމް ކޯޓުން ކޮންމެހެން ބަލައިގަންނަންޖެހޭ ނުކުތާއެއްތޯ، އަދި އެފަދަ ޙުކުމެއް ޤާއިމުވެ ދެމިހުރެވޭނެތޯ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2019/HC-A/322
ފަހުގެ ތާރީޚު
—

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ސިވިލް ކޯޓުގެ 3004/Cv-C/2017 ޤަޟިއްޔާގެ ނިންމުމާއި ހައިކޯޓުގެ 2019/HC-A/322 ޤަޟިއްޔާގެ އިޖުރާއީ ނިންމުން ބާޠިލު؛ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި ހައިކޯޓަށް ތަޙުވީލު (އިއްތިފާޤުން)

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އިސްތިއުނާފީ މަރުޙަލާގައި އައު ޤާނޫނީ ބަހުސަކަށް ފުރުޞަތު ހުޅުވާލެވޭނީ، ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވުން، ނުވަތަ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވުން ފަދަ އިސްތިސްނާ ޙާލަތްތަކުގައެވެ. (ޕެރ. 16)

ދަޢުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީޢަތްކުރާނަމަ، އެންމެ ކުޑަ މިނުން ހުށަހެޅިފައި އޮތް ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ސާބިތުވާނަމަ ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގައި ހިމެނޭ ދެ ފަރާތުގެވެސް ޙައްޤެކެވެ؛ ދަޢުވާ ލިބޭ ފަރާތުން ޝަރީޢަތަށް ހާޒިރުނުވުމަކީ އެއްވެސް ޙާލެއްގައި ކަމުގެ ޙަޤީޤަތް ކަށަވަރުނުކޮށް ޙުކުމް ކުރުމަށް ހުޅުވާލެވިގެން ދިޔަ ދޮރެއް ކަމުގައި ބަލައިގެންނުވާނެއެވެ. (ޕެރ. 19)

HN3މަދަނީ › މަދަނީ – ޣައިރު ޙާޟިރުގައި ކުރެވޭ ޙުކުމް (ޙާޟިރުކުރުމުގެ އިޖުރާއަތު، ވާޤިޢާތައް ކަށަވަރުކުރުން، ތަޙުވީލު)

ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ޙުކުމްކުރުމަށް ޝަރީޢަތްކުރުމާބެހޭ ޤަވާޢިދު ތަންދިން ނަމަވެސް، އެއްވެސް ޙާލެއްގައި ކަމުގެ ހަގީގަތް ކަށަވަރުނުކޮށް ޙުކުމް ކޮށްފިނަމަ އެ ޙުކުމެއް ޞައްޙަ ނުވާނެއެވެ. (ޕެރ. 20)

HN4މަދަނީ › މަދަނީ – ޣައިރު ޙާޟިރުގައި ކުރެވޭ ޙުކުމް (ޙާޟިރުކުރުމުގެ އިޖުރާއަތު، ވާޤިޢާތައް ކަށަވަރުކުރުން، ތަޙުވީލު)

ދަޢުވާލިބޭ ފަރާތުން ކޯޓަށް ހާޟިރުނުވުމަކީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހުރިހާ ހުށަހެޅުން ޞައްޙަކަމަށް ކަނޑައެޅޭނެ އަސާސެއް ނޫނެވެ. (ޕެރ. 21)

HN5މަދަނީ › މަދަނީ – ޣައިރު ޙާޟިރުގައި ކުރެވޭ ޙުކުމް (ޙާޟިރުކުރުމުގެ އިޖުރާއަތު، ވާޤިޢާތައް ކަށަވަރުކުރުން، ތަޙުވީލު)

ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައިވާ އިޖުރާއަތު ފުރިހަމަނުކޮށް، ވާޤިޢާތައް ކަށަވަރުކުރުމަކާ ނުލައި ޣައިރު ޙާޟިރުގައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހަޅާ ނުކުތާއަކީ އިންސާފު ޤާއިމް ކުރުމަށްޓަކައި ކޮންމެހެން ބަލައިގަންނަން ޖެހޭ ނުކުތާއެކެވެ. (ޕެރ. 22)

HN6މަދަނީ › މަދަނީ – ޣައިރު ޙާޟިރުގައި ކުރެވޭ ޙުކުމް (ޙާޟިރުކުރުމުގެ އިޖުރާއަތު، ވާޤިޢާތައް ކަށަވަރުކުރުން، ތަޙުވީލު)

މައްސަލައެއްގައި ޝަރީޢަތެއް ހިންގިފައި އޮތްކަމަށް ނުބެލެވޭނަމަ ޢަމަލުކުރަމުން އަންނަ އުސޫލަކީ މައްސަލަ އަލުން ބެލުމަށްޓަކައި ދަށުކޯޓަށް ފޮނުވުމެވެ. (ޕެރ. 23)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ފަނޑިޔާރުން

ބެންޗު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 12 2021/SC-A/109 ޝަރީޢަތް ނިމުނުގޮތް ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޓެރަފާމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 10 މާރޗް 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/322 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޓެރަފާމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: މުޙައްމަދު ފަރީދު، ޕްރައިމް ސްޓްރެޓަޖީސް އެލް.އެލް.ޕީ މަޒްލާން ރަޝީދު، މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް މަދަނީ – އިޖުރާއީ ނިންމުން – ޣައިރު ހާޟިރުގައި ކުރެވޭ ޙުކުމް - ތަޙުވީލުކުރުން

ފިހުރިސްތު

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) 1

ތަޢާރުފު 1

މައްސަލައިގެ ފަސްފަހަތް 1

ހައިކޯޓުގެ އިޖުރާއީ ނިންމުން 2

ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު 4

ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވުން 5

މައްސަލަ ނިންމަން ފެންނަގޮތް 8

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 8

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 9

ޙުކުމް 9

` ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޓެރަފާމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2024] SC 12 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/322 ގަޟިއްޔާގައި ނިންމާފައިވާ އިޖުރާއީ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް1 (މީގެ ފަހުން "ހޮނާސް ކްލަބް މޯލްޑިވްސް" ކަމަށް ބުނެފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޓެރަފާމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް2 (މީގެ ފަހުން "ޓެރަފާމާ މޯލްޑިވްސް" ކަމަށް ބުނެފައިވާ) ފަރާތެވެ.

މައްސަލައިގެ ފަސްފަހަތް

2. 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ޓެރަފާމާ މޯލްޑިވްސް ގެ ފަރާތުން ހޮނާސް ކްލަބް މޯލްޑިވްސް އަށް ކްރެޑިޓަށް ސަޕްލައި ކޮށްދީފައިވާ މުދަލުގެ އަގަށްވާ 648,473/43ރ. (ހަ ލައްކަ ސާޅީސްއަށް ހާސް ހަތަރު ސަތޭކަ ހަތްދިހަތިން ރުފިޔާ ސާޅީސްތިން ލާރި) އިންވޮއިސް މުއްދަތުގައި ލިބިފައި ނުވާތީ، އެފައިސާއާއި، 10 ސެޕްޓެންބަރު 2017 އާ ހަމައަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 5,148,679/24ރ. (ފަސް މިލިއަން އެއް ލައްކަ ސާޅިސްއަށް ހާސް ހަ ސަތޭކަ ހަތްދިހަނުވަ ރުފިޔާ ސައުވީސް ލާރި) އާއެކު ޖުމްލަ 5,797,152/67ރ. (ފަސް މިލިއަން ހަތް ލައްކަ ނުވަދިހަހަތް ހާސް އެއް ސަތޭކަ ފަންސާސް ދެ ރުފިޔާ ފަސްދޮޅަސްހަތް ލާރި) އާއި، ހޮނާސް ކްލަބް މޯލްޑިވްސް އިން މުދަލުގެ އަގު ދައްކާ ޚަލާސްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާ ފައިސާ ހޯދުމަށް، އެކުންފުނީގެ މައްޗަށް ޓެރަފާމާ މޯލްޑިވްސް ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ.

3. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 3004/Cv-C/2017 ގަޟިއްޔާގައި، ހޮނާސް ކްލަބް މޯލްޑިވްސް ގެ ޣައިރު ހާޟިރުގައެވެ.

4. ސިވިލް ކޯޓުގެ ޙުކުމްގައިވަނީ، 5,797,152/67ރ. (ފަސް މިލިއަށް ހަތް ލައްކަ ނުވަދިހަހަތް ހާސް އެއް ސަތޭކަ ފަންސާސް ދެ ރުފިޔާ ފަސްދޮޅަސްހަތް ލާރި) އަކީ ހޮނާސް ކްލަބް މޯލްޑިވްސް އިން ޓެރަފާމާ މޯލްޑިވްސް އަށް ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާތީ، 02 މެއި 2018 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ހޮނާސް ކްލަބް މޯލްޑިވްސް އަށް އަންގާފައެވެ. އަދި ހޮނާސް ކްލަބް މޯލްޑިވްސް އިން އަދާކުރަންޖެހޭ ފައިސާ އަދާކޮށް ނިންމުމާ ހަމައަށް އިންވޮއިސްތަކުގައިވާ ޝަރުޠާ އެއްގޮތަށް ޝަރުޠު ޖަޒާއީ ގެ ދަށުން ޖޫރިމަނާ އަރަމުން ދާނެކަމާއި، އެފައިސާ ހޯދުމަށް ދަޢުވާ ކުރުމުގެ ޙައްޤު ޓެރަފާމާ މޯލްޑިވްސް އަށް ލިބިގެންވާ ކަމަށް ވެސް އެ ޙުކުމްގައި ވެއެވެ.

5. ހޮނާސް ކްލަބް މޯލްޑިވްސްގެ ފަރާތުން މި ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ހައިކޯޓުގެ އިޖުރާއީ ނިންމުން

6. ސިވިލް ކޯޓުން 02 މެއި 2018 ގައި ކުރި ޙުކުމް، އިސްތިއުނާފުކުރުމަށް އޭރު އޮންނަ މުއްދަތު3 ކަމަށްވާ 10 ދުވަހުގެ ތެރޭގައި ހޮނާސް ކްލަބް މޯލްޑިވްސްގެ ފަރާތުން މައްސަލަ އިސްތިއުނާފުކޮށްފައި ނުވެއެވެ. ހޮނާސް ކްލަބް މޯލްޑިވްސް އިން ބުނެފައިވަނީ، އެ ކުންފުނީގެ ޣައިރު ހާޟިރުގައި މައްސަލަ ނިންމާފައިވާކަން އެނގިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2882/Cv-C/2018 ގަޟިއްޔާއިން ކުރިއަށްގެންދާ ސާބިތު ދަރަނީގެ މައްސަލައިގައި ކޯޓަށް ހާޟިރުވުމުގެ އަމުރު ލިބުމުންނެވެ. އަދި މި ސަބަބު ބަޔާންކޮށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި 12 އޮގަސްޓް 2018 ގައި ހޮނާސް ކްލަބް މޯލްޑިވްސް ގެ ފަރާތުން ހައިކޯޓަށް ސިޓީ ފޮނުވާފައިވެއެވެ.

7. ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، އިސްތިއުނާފު މުއްދަތުގައި އިސްތިއުނާފު ކުރެވިފައި ނުވަނީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައި ބަލައި، ހައިކޯޓުން ހޮނާސް ކްލަބް މޯލްޑިވްސް އަށް އިސްތިއުނާފުކުރުމުގެ ހުއްދަ، އެކޯޓުގެ 29 ޖަނަވަރީ 2019 ގެ ސިޓީ4 އިން ދީފައިވެއެވެ. އަދި މި ހުއްދައާއެކު 16 މެއި 2019 ގައި ހޮނާސް ކްލަބް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

8. އެހެން ނަމަވެސް، މައްސަލަ ހުށަހެޅުމަށް ހައިކޯޓުން ހުއްދަ ދެވުނު ދުވަހާއި، ހޮނާސް ކްލަބް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފު ފޯމު ހުށަހެޅި ދުވަހާ ދެމެދު ދިގު މުއްދަތެއް ހޭދަވެފައިވާތީ، އިސްތިއުނާފު ފޯމު ހައިކޯޓަށް ބަލައިގެންފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ އާ ޚިލާފަށް ކަމަށް ބަލައި، މި މައްސަލައަކީ، މައްސަލައިގެ މައުޟޫޢު އާމެދު އެކޯޓުން ފައިސަލާ ކުރަނިވި ޙުކުމެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫންކަމަށް ހައިކޯޓުން އިޖުރާއީ ގޮތުން ނިންމާފައިވެއެވެ.5

9. މި އިޖުރާއީ ނިންމުން ހޮނާސް ކްލަބް މޯލްޑިވްސް ގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

10. ހައިކޯޓުގެ އިޖުރާއީ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފު ކަމަށް ބުނެ، ހޮނާސް ކްލަބް މޯލްޑިވްސް ގެ ފަރާތުން އިސްތިއުނާފީ ތިން ނުކުތާ ހުށަހަޅާފައިވެއެވެ.

11. އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ "ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށްވާއިރު، އެކަމަށް ރިޢާޔަތް ނުކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

12. އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤުތައް ކަށަވަރު ކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަން ކޮށްފައި ވަނިކޮށް، ޤާނޫނީ ވަކީލާއި މުވައްކިލާ ދެމެދު އޮންނަ އެއްބަސްވުމާ ޚިލާފަށް ޤާނޫނީ ވަކީލު އޭނާގެ ޒިންމާ އަދާ ނުކޮށް އަދި މުވައްކިލަށް ޙަޤީޤަތް އޮޅުވާލާފައިވާއިރު، ހައިކޯޓުގެ ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ކަށަވަރުކުރާ އިސްތިއުނާފީ ހައްޤު ގެއްލިގެންދާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

13. އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ، އިސްތިއުނާފު ކުރެވިފައިވާ މައުޟޫޢީ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުން ޖަޒާއީ ޝަރުޠުގެ ގޮތުގައި 5,148,679/24ރ. (ފަސް މިލިއަން އެއް ލައްކަ ސާޅިސްއަށް ހާސް ހަ ސަތޭކަ ހަތްދިހަނުވަ ރުފިޔާ ސައުވީސް ލާރި) ނަގައިދިނުމަށް ނިންމާފައިވާއިރު، މި އުސޫލަކީ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާހު6 ގަޟިއްޔާއާއި، ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް7 ގަޟިއްޔާއިން ބާޠިލުކޮށްފައިވާ އުސޫލެއް ކަމުން އިސްތިއުނާފު ކުރާ ފަރާތަށް އިސްތިއުނާފު ކުރުމުގެ ދޮރު ބަންދުވެއްޖެނަމަ، ތަންފީޒުވެގެންދާނީ ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިވާ އުސޫލެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވުން

14. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ހޮނާސް ކްލަބް މޯލްޑިވްސް ގެ ފަރާތުން ފާހަގަކުރަނީ، އެ ކުންފުނީގެ ޣައިރު ހާޟިރުގައި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ، ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް، އެ ޤަވާޢިދުގައިވާ އިޖުރާއަތު ފުރިހަމަ ކުރުމަކާ ނުލައި ކަމަށެވެ.

15. މި ނުކުތާ ސުޕްރީމް ކޯޓުން ބަލައިގަތުމާމެދު ޓެރަފާމާ މޯލްޑިވްސް ގެ ފަރާތުން އިއުތިރާޟު ކުރެއެވެ. ޓެރަފާމާ މޯލްޑިވްސް ގެ ފަރާތުން ބުނަނީ، މިއީ ހޮނާސް ކްލަބް މޯލްޑިވްސް ގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ކަމަކަށް ނުވާތީ، މި ނުކުތާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު8 ގެ 16 ވަނަ މާއްދާގެ ރޫޙާ ޚިލާފުވާނެ ކަމެއް ކަމަށެވެ.

16. އައު ޤާނޫނީ ބަހުސަކަށް ފުރުޞަތު ހުޅުވާލެވޭނެ އިސްތިސްނާ ޙާލަތްތަކެއް ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް9 ގަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެއީ،

(1) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވުން، ނުވަތަ

(2) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ، ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވުމެވެ.

17. ދަށުކޯޓުން ޣައިރު ހާޟިރުގައި މައްސަލަ ނިންމާފައިވާތީ، އެކަމާގުޅޭގޮތުން ހޮނާސް ކްލަބް މޯލްޑިވްސް ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، މިއީ އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ބަލައިގަންނަން މުހިންމު ނުކުތާއެއްތޯ ބެލުމަށްޓަކައި، ސިވިލް ކޯޓުން މި މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތަށް ބަލާލަން ޖެހެއެވެ.

18. މި ގޮތުން ސިވިލް ކޯޓަށް ޓެރަފާމާ މޯލްޑިވްސް ގެ ފަރާތުން ހުށަހެޅި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ދަޢުވާލިބޭ ފަރާތް (ހޮނާސް ކްލަބް މޯލްޑިވްސް) ގެ ޣައިރު ހާޟިރުގައި، އެފަރާތުން ދަޢުވާއަށް އިންކާރުކުރާކަމަށް ބަލައިގެންނެވެ. ހޮނާސް ކްލަބް މޯލްޑިވްސް އެކޯޓަށް ހާޟިރު ކުރުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ފެންނަން އޮތީ 04 ފެބުރުއަރީ 2018 ގެ ތާރީޚުގައިވާ ކޯޓަށް ހާޟިރުވުމުގެ އަމުރެވެ.10 ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން، އެ ކުންފުނި ސިވިލް ކޯޓަށް ހާޟިރުކުރުމަށް އިޢުލާނުކޮށްފައިވާކަން ސިވިލް ކޯޓުގެ ޙުކުމްގައިވެސް އަދި ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންވެސް އެނގެން ނެތެވެ.

19. ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް11 ގަޟިއްޔާގައި ބަޔާންކޮށްފައި ވަނީ، ދިވެހިރާއްޖޭގައި ޣައިރު ހާޒިރުގައި ޙުކުމެއް ކުރުމުގެ ނަތީޖާއަކީ، އެ ޙުކުމް ކޮށްފައިވަނީ ގަވާއިދުގައި ޣައިރު ހާޒިރުގައި ޙުކުމް ކުރުމަށް އޮންނަ އިޖުރާއާތު ފުރިހަމަކުރުމަށްފަހު ކަމުގައިވާނަމަ، އަދި އެފަދަ މައްސަލައެއް ދަށު ކޯޓުގައި ނުވަތަ ހައިކޯޓުގައި ހިނގަމުންދިޔަ އިރު، މައްސަލަ ރައްދުވާ ފަރާތުން ޝަރީޢަތަށް ހާޒިރުވެފައިނުވަނީ، އިސްތިއުނާފުގެ ބޭނުމަށްޓަކައި، މަޤުބޫލު އުޒުރެއް އޮވެގެން ނޫންކަމުގައިވާނަމަ، އެ މީހެއްގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކީ އެ މީހެއްގެ މައްޗަށް ޤާނޫނީ ގޮތުން ބަނދެވޭ، ޢަމަލުކުރުން ލާޒިމު ޙުކުމަކަށް ވެގެންދިއުން ކަމަށެވެ. އެހެންކަމުން، ދަޢުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީޢަތްކުރާނަމަ، އެންމެ ކުޑަ މިނުން ހުށަހެޅިފައި އޮތް ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ސާބިތުވާނަމަ ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގައި ހިމެނޭ ދެ ފަރާތުގެވެސް ޙައްޤެކެވެ. ދަޢުވާ ލިބޭ ފަރާތުން ޝަރީޢަތަށް ހާޒިރުނުވުމަކީ އޭނާގެ ފަރާތުން ދިފާޢުވުމަށް އޮތް ފުރުޞަތު އަމިއްލައަށް ދޫކޮށްލުން ކަމަށާއި، މި ޢަމަލަކީ އެއްވެސް ޙާލެއްގައި ކަމުގެ ޙަޤީޤަތް ކަށަވަރުނުކޮށް ޙުކުމް ކުރުމަށް ހުޅުވާލެވިގެން ދިޔަ ދޮރެއް ކަމުގައި ބަލައިގެންނުވާނެ ކަމަށް އެ ގަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

20. ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް12 ގަޟިއްޔާގައި ކަނޑައަޅާފައިވާ ބަޔާންވެދިޔަ އުސޫލާ ޙަވާލާދީ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން13 ގަޟިއްޔާގައި ބަޔާންކޮށްފައިވަނީ، މީހުން ހާޟިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު ހުއްދަކުރާ ގޮތެއްގެމަތިން ދަޢުވާ ރައްދުވާ މީހެއްގެ ޣައިރު ހާޒިރުގައި ޝަރީއަތްކުރި ނަމަވެސް، އެންމެ ކުޑަ މިނުން ހުށަހެޅިފައި އޮތް ދައުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ދަޢުވާ ސާބިތުވާނަމަ ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގައި ހިމެނޭ ދެ ފަރާތުގެވެސް ހައްޤެއް ކަމަށެވެ. އަދި ދަޢުވާ ލިބޭ ފަރާތުން ޝަރީއަތަށް ހާޟިރުނުވާ ހާލަތުގައި ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ޙުކުމްކުރުމަށް ޝަރީޢަތްކުރުމާބެހޭ ޤަވާޢިދު ތަންދިން ނަމަވެސް، އެއްވެސް ޙާލެއްގައި ކަމުގެ ހަގީގަތް ކަށަވަރުނުކޮށް ޙުކުމް ކޮށްފިނަމަ އެ ޙުކުމެއް ޞައްޙަ ނުވާނެ ކަމަށެވެ.

21. ހުށަހެޅިފައިވާ މި މައްސަލައިގައި، ސިވިލް ކޯޓުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ކޯޓަށް ޓެރަފާމާ މޯލްޑިވްސް ގެ ފަރާތުން ހުށަހަޅާފައިވާ ވާގިއާތަކަށް ބިނާކޮށް ގޮތް ނިންމާފައިވަނީ ކަންހިނގާފައިވާ ގޮތުގެ ޙަޤީޤަތް ކަށަވަރުކޮށްގެންކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަށް ނެތެވެ. ޙުކުމުގައި ބަޔާންކޮށްފައިވާ ކަންކަމުން ދޭހަވަނީ، ސިވިލް ކޯޓުން ޙުކުމަށް ވާޞިލުވެފައިވަނީ، ޓެރަފާމާ މޯލްޑިވްސް އިން ހުށަހެޅި ހުރިހާ ހުށަހެޅުންތަކަކީ އޭގެ ޒާތުގައި ޞައްޙަ ހުށަހެޅުންތަކެއް ކަމުގައި ބަލައިގެން ކަމެވެ. މި ރައުޔުގެ ޕެރެގްރާޕް 19 އަދި 20 ގައި ބަޔާންވެފައިވާ އުސޫލަށް ރިޢާޔަތްކުރާއިރު އެނގޭ ކަމަކީ، ދަޢުވާލިބޭ ފަރާތުން ކޯޓަށް ހާޟިރުނުވުމަކީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހުރިހާ ހުށަހެޅުން ޞައްޙަކަމަށް ކަނޑައެޅޭނެ އަސާސެއް ނޫންކަމެވެ.

22. މި މައްސަލައިގައި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައި ބަޔާންވެފައިވާ އިޖުރާއަތު ސިވިލް ކޯޓުން ފުރިހަމަ ކޮށްފައި ނުވުމުގެ އިތުރުން، މައްސަލައިގެ ޙުކުމް ކޮށްފައިވަނީވެސް ވާގިއާތައް ކަށަވަރުކުރުމަކާ ނުލައިކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އެބައޮތެވެ. މިހެން މިކަން އޮތުމުން، ޣައިރު ޙާޟިރުގައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހަޅާފައިމިވާ މި ނުކުތާއަކީ އިންސާފު ޤާއިމް ކުރުމަށްޓަކައި ކޮންމެހެން ބަލައިގަންނަން ޖެހޭ ނުކުތާއެއް ކަމަށް އަހުރެން ދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

23. އިސްވެބަޔާންވެ ދިޔަ ކަންކަމަށް ބަލާއިރު މި މައްސަލާގައި ޝަރީޢަތެއް ހިންގިފައި އޮތްކަމަށް ބެލެވޭނެ ތަނެއް ނެތެވެ. ޝަރީޢަތެއް ހިންގިފައި އޮތްކަމަށް ނުބެލެވޭނަމަ ޢަމަލުކުރަމުން އަންނަ އުސޫލަކީ މައްސަލަ އަލުން ބެލުމަށްޓަކައި ދަށުކޯޓަށް ފޮނުވުމެވެ. މިގޮތުން މި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި މިމައްސަލަ ހައިކޯޓަށް ތަޙްވީލުކުރުމަށް އަހުރެންނަށް ފެނެއެވެ.

24. މި މައްސަލަ ދަށުކޯޓަށް ތަޙްވީލު ކުރުމަށް ނިންމާފައިވާތީ، އިސްތިއުނާފީ ދެވަނަ ނުކުތާގައި، އިސްތިއުނާފުކުރުމުގެ ޙައްޤާ ގުޅޭގޮތުން ހޮނާސް ކްލަބް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމާއި، އިސްތިއުނާފީ ތިންވަނަ ނުކުތާގައި، މައްސަލައިގެ މައުޟޫޢުއާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާމެދު މި ކޯޓުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ދެކެމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

25. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

26. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެންހުރުމުން، ސިވިލް ކޯޓުގެ ނަމްބަރު 3004/Cv-C/2017 ޤަޟިއްޔާގެ ނިންމުމާއި، ހައިކޯޓުގެ ނަމްބަރު 2019/HC-A/322 ޤަޟިއްޔާގެ ނިންމުން ނިންމާފައިވަނީ ޤާނޫނާއި ޤަވާޢިދާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ޚިލާފަށް ކަމަށްވާތީ އެ ދެ ނިންމުން ބާޠިލުކޮށް، މިމައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމަށް، މިމައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޙުސްނުއްސުޢޫދު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް (ރިޔާސަތު)

1 ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު C-290/2004

2 ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު C-0254/2014

3 ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ

4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (MISL)95-CR/PRIV/2019/6 ސިޓީ

5 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/322 ގަޟިއްޔާ

6 [2021] SC 50

7 [2021] SC 53

8 ޤާނޫނު ނަންބަރު 22/2010

9 [2021] SC 75

10 ސިވިލް ކޯޓުގެ ނަންބަރު B3-CR2/2018/248 "ކޯޓަށް ހާޟިރުވުމުގެ އަމުރު"، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސ. 178

11 [2021] SC 16

12 އބމ

13 [2021] SC 30

2021/SC-A/109 [2024] SC 12

2021/SC-A/109 [2024] SC 12

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ