—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2015-SC-A-27
ދަޢުވާކުރާ ފަރާތް: ސްޓޭޓް ބޭންކް އޮފް އިންޑިއާ
ދަޢުވާލިބޭ ފަރާތް: އަޙްމަދު ޙަމީދު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 09 ސެޕްޓެންބަރު 2015
ރަޖިސްޓްރީކުރެވުނު ތާރީޚް: 30 ޑިސެންބަރު 2015
ނިމުނު ތާރީޚް: 04 އޯގަސްޓު 2016
މައްސަލަ ނިންމި ގަޑި: 13:58
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2013/HC-A/87
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 27 ފެބްރުއަރީ 2013
ނިމުނު ތާރީޚް: 14 ޖޫން 2015
ފާހަގަ ކުރެވުނު ނުކުތާތައް
1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ އަޙްމަދު ޙަމީދު އަށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި މއ. ހިއުސްޓަން އަޙްމަދު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާ އެއްކަން އެނގެއެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ދަށުން، އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން 08 އޭޕްރީލް 1979 ގައި، މ. ފީރޯޒް ސްޓޯރ އަލްމަރްޙޫމާ މަރިޔަމް މުޙައްމަދު ޔަޤީންކަން ދީގެން އަޙްމަދު ޙަމީދު ނަގާފައިވާ US$35,000/- (ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) ގެ ތެރެއިން އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވާ US$1,523,447.29 (އެއްމިލިއަން ފަސްލައްކަ ތޭވީސް ހާސް ހަތަރުސަތޭކަ ސާޅީސް ހަތް އެމެރިކާ ޑޮލަރު / ނަވާވީސް ސެންޓް) އެއްބަސްވުމާ އެއްގޮތަށް އަދާކޮށް ނިމެންދެން ލޯނު އެކައުންޓަށް އަރާފައިވާ ޢަދަދު ސަރވިސް ޗަރޖާއެކު އެއްފަހަރާ ލިބިގަތުމަށް ނުވަތަ އެ ފައިސާ އެކުގައި އެއްފަހަރާ ނުދެއްކޭނަމަ ރަހުނު ކުރެވުނު ތަންތަނާއި ތަކެތި ޝަރީޢަތް މެދުވެރިވެ ވިއްކާލުމަށްފަހު، ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް މި ފައިސާ ލިބިގަތުމަށާއި، އަދި މި ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ލޯ ފާރމަކާ ޙަވާލު ކުރަންޖެހުމުގެ ސަބަބުން ޚަރަދުވި ފައިސާ ހޯދުމަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން އަޙްމަދު ޙަމީދުގެ މައްޗަށް ދަޢުވާ ކުރުމުން އެ ކޯޓުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
ސިވިލް ކޯޓުން، އެ ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާ ނިންމާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން 08 އޭޕްރީލް 1979 ވަނަ ތާރީޚުގައި، އަޙްމަދު ޙަމީދު އާއެކު ނަންބަރު MD/C.25/79 އެއްބަސްވުން ވެފައިވާކަމަށާއި، އެ އެއްބަސްވުމަކީ މިނިސްޓްރީ އޮފް ޖަސްޓިސްގެ މަރކަންޓައިލް ޑިވިޝަންގެ ނަންބަރު 130/MD/79 ޤަޟިއްޔާއިން 03 މެއި 1979 ވަނަ ތާރީޚުގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްބަސްވުމެއްކަން، އެ އެއްބަސްވުމުންނާއި، އެއްބަސްވުން ލިޔެފައިވާ A5 ނަންބަރު ފޮތުގެ 29 ވަނަ ޞަފްޙާއިން އެނގެން އޮންނަކަމަށާއި، އެ އެއްބަސްވުމުގެ ތަޢާރުފާއި، 3 ވަނަ މާއްދާއަށް ބަލާއިރުގައި، އެ އެއްބަސްވުމަކީ އެއް ލޯނެއްގެ މައްޗަށް ބިނާކުރެވިފައިވާ އެއްބަސްވުމެއް ނޫންކަމަށާއި، އެ އެއްބަސްވުމަކީ US$35,000/- (ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) ގެ ޢަދަދުގެ މައްޗަށް ބިނާކުރެވިފައިވާ އެއްބަސްވުމަކަށް ވީހިނދު، އެ އެއްބަސްވުމުގައި "ލޯން" އެ ލަފްޒު މާނަކުރެވިފައިވަނީ ޑިމާންޑް ލޯން، އޯވަރޑްރާފްޓް އަދި ކޭޝް ކްރެޑިޓް އެކައުންޓް ހިމެނޭގޮތަށް ކަމަށާއި، އަޙްމަދު ޙަމީދުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ނަންބަރު D-2001 އެކައުންޓް ހުޅުވިފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 86/HC-A/22 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ޝަރީޢަތަށް ފާހަގަކުރެވިފައިވާ ނުކުތާތަކުގެ ތެރެއިން 10 ވަނަ ނުކުތާއިންނާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ސްޓޭޓްމެންޓްތަކުން އެނގެން އޮތް ހިނދު، އަޙްމަދު ޙަމީދުގެ ނަމުގައިވާ ނަންބަރު D-2001 އެކައުންޓް ޑެބިޓްވެ، އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުން 10 އޭޕްރީލް 2011 ވަނަ ތާރީޚުގެ ނިޔަލަށް US$1,678,020.28 (އެއްމިލިއަން ހަ ލައްކަ ހަތްދިހަ އަށްހާސް ވިހި އެމެރިކާ ޑޮލަރ / އަށާވީސް ސެންޓް) ދައްކަންޖެހި ނުދެއްކި ވާކަން ނަންބަރު MD/C.25/79 އެއްބަސްވުމުގައިވާ މާއްދާތަކަށް ޙަވާލާދީ، މި މައްސަލައިގައި ހުށަހެޅިފައިވާ ސްޓޭޓްމެންޓްތަކުގެ މައްޗަށް ބިނާކޮށް، މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،
މި މައްސަލައިގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއެކު އަޙްމަދު ޙަމީދު ވެފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ US$35,000/- (ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) އަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން އަޙްމަދު ޙަމީދުއަށް އެއްބަސްވުމުގެ ދަށުން ދޫކުރެވިދާނެ ޢަދަދު ކަމުގައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ފައިސާއަށް ސަރވިސް ޗާރޖް އަރާނެކަން އެއްބަސްވުމުގެ 2 ވަނަ މާއްދާއިން އެނގެން އޮންނަކަމަށާއި، އެގޮތުން އެ ސަރވިސް ޗާރޖަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ލިބިދީފައި ވީހިނދު، އެއްބަސްވުމުގައި ވާގޮތުގެމަތީން، ލޯނަށް އަރަމުންދާ ސަރވިސް ޗާރޖްއާއެކު ލޯނުގެ ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރެވެންދެން އެ އެއްބަސްވުން ދެމި އޮންނާނެކަން، އެއްބަސްވުމުގެ 9 ވަނަ މާއްދާއިން އެނގެން އޮތުމުން، މި މައްސަލައިގައި އަޙްމަދު ޙަމީދު ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރެވެންދެން ސަރވިސް ޗާރޖް އަރަމުން ދާނެކަމަށާއި،
ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން މި މައްސަލައިގައި ރަހުނާމެދު ޢަމަލުކުރުމަށް އެދިފައިވަނީ، އަޙްމަދު ޙަމީދު ލޯނަށް ދައްކަންޖެހޭ ފައިސާ އެއްފަހަރާ ނުދެއްކޭނަމަ، އެއްބަސްވުމުގެ ދަށުން ރަހުނު ކުރެވިފައިވާ މުދާ ވިއްކާލުމުގެ ހުއްދައަކަށް ނޫންކަމަށާއި، މި މައްސަލައިގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން އެދިފައިވަނީ ރަހުނު ކުރެވިފައިވާ މުދާ ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމަށް ކަމުގައިވާ ހިނދު، ދަޢުވާގައި އެދިފައިވާ ފަދައިން ޝަރީޢަތް މެދުވެރިކޮށް ރަހުނެއް ވިއްކާލެވޭނީ، އެ ރަހުނުގެ މައްޗަށް އޮތް ދަރަނި އަދާކުރުމަށް ދެވޭ މުއްދަތުގައި އެ ދަރަނި އަދާނުކުރުމުން ކަމުގައިވާތީ، މި މައްސަލައިގައި އަދި އެ ޙާލަތު މެދުވެރިވެފައި ނުވާތީ، ދަޢުވާގައި އެދިފައިވާ ގޮތަށް އަދި ރަހުނާމެދު ޢަމަލުކުރެވެން ނެތްކަމަށާއި،
އަދި ޤާނޫނީ ވަކީލުގެ ފީ ޝަރީޢަތުން ނަގައިދިނުމަށް ބެލިއިރުގައި، ޤާނޫނު ނަންބަރު 2008/6 (ޢާއްމު ޤަވާޢިދުތަކާބެހޭ ޤާނޫނު) ގެ ދަށުން ބާރު ލިބިފައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ޤަވާޢިދުގެ 5.4 ވަނަ މާއްދާގައި، "ވަކީލާއި މުވައްކިލާ ދެމެދުގައި ވެވޭ ފީގެ އެއްބަސްވުން އޮންނަންވާނީ، ވަކީލުގެ މަސައްކަތް ފެށުމުގެ ކުރިން ލިޔެވި، ދެފަރާތުން ސޮއިކުރެވިފައިކަމަށް" ބަޔާންކޮށްފައިވާ ހިނދު، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން މި މައްސަލައިގައި މިފަދަ އެއްބަސްވުމެއް ހުށަހަޅާފައި ނުވާތީ، މި ފައިސާއަކީ މި ޙާލަތުގައި ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ނިންމައި،
މި މައްސަލައިގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް އަޙްމަދު ޙަމީދު ދައްކަންޖެހޭ ކަމަށް ސާބިތުވެފައިވާ ފައިސާގެ މައްޗަށް އިތުރަށް އަރަމުންދާ ސަރވިސް ޗާރޖް އާއެކު، މި އެންމެހައި ފައިސާ 21 އޮކްޓޯބަރ 2012 ވަނަ ދުވަހުން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން އެ މަހަކަށް ޖެހޭވަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަމުންގޮސް، މި ފައިސާ އެ މުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް އަޙްމަދު ޙަމީދުއަށް އަންގައި ޙުކުމް ކޮށްފަކަން، އިސްވެ އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
4- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާ ނިންމާފައިވަނީ މި މައްސަލައިގައި ޙަވާލާ ދެވިފައިވާ އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދޫކޮށްފައިވާ ފެސިލިޓީސްތަކާ ގުޅިގެން އަޙްމަދު ޙަމީދު ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 86/HC-A/22 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ދައްކާ ޚަލާސްކޮށްފައިވާކަން ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) ގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 86/HC-A/22 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް އަޙްމަދު ޙަމީދު ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެ ބޭންކަށް ދެއްކި ހިނދުން ފެށިގެން، ނަންބަރު MD/C.25/79 އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު އަދާކުރަންޖެހޭ ހުރިހާ އިލްތިޒާމެއް އަދާކޮށްނިމި، އެ އެއްބަސްވުން އެ ހިނދުން ފެށިގެން ނިމުމަކަށް އައިސްފައިވާކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގައި ޙަވާލާ ދެވިފައިވާ ނަންބަރު MD/C.25/79 އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު 10 އޭޕްރީލް 2011 ތާރީޚުގެ ނިޔަލަށް US$1,678,020.28 (އެއްމިލިއަން ހަ ލައްކަ ހަތްދިހަ އަށްހާސް ވިހި އެމެރިކާ ޑޮލަރު / އަށާވީސް ސެންޓް) ދައްކަންޖެހި ނުދެއްކި ވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލްކޮށް، ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގައި ބޭންކުން އެދިފައިވާ ފަދައިން ނަންބަރު MD/C.25/79 އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު އެ ބޭންކުގައި ބަހައްޓާފައިވާ ރަހުނުތައް ވިއްކާލުމުގެ ހުއްދަ ދެވެން ނެތްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށާއި، ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގައި ބޭންކު ގެ ފަރާތުން ހޯދުމަށް އެދި ދަޢުވާކޮށްފައިވާ ޤާނޫނީ ވަކީލުންގެ ފީ އަކީވެސް އަޙްމަދު ޙަމީދުގެ އަތުން ނަގައިދެވެން ނެތް ފައިސާއެއްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތައީދުކޮށް، ނަންބަރު MD/C.25/79 އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު އެ ބޭންކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްކަމަށް ކަނޑައަޅައި، މިހާރު އަޙްމަދު ޙަމީދު އެ ބޭންކަށް ދައްކަން ޖެހިފައިވާ ފައިސާއަކީ، އެ އެއްބަސްވުމުގެ ބޭރުން، އަދި އެ ބޭންކުން ޢާންމުކޮށް ޢަމަލުކުރަމުން އައިސްފައިވާ އިޖްރާއަތާއި އުޞޫލާ ޚިލާފަށް ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމެއްނެތި، އަޙްމަދު ޙަމީދަށް އެ ބޭންކުން ދީފައިވާ US$25000 (ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) ގެ ތެރެއިން ދައްކާފައިވާކަން އެނގެން ނެތް 00.US$17420 (ސަތާރަހާސް ހަތަރުސަތޭކަ ވިހި އެމެރިކާ ޑޮލަރު) އެކަނިކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ފައިސާ 14 ޖޫން 2015 އިން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކު މަދުވެގެން އެމަހަކަށް ޖެހޭވަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އަށް ދައްކައި ޚަލާސްކުރުމަށް އަޙްމަދު ޙަމީދަށް އަންގައި، އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފަ ކަމާއި މިކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް މައިގަނޑު ދެ ސަބަބެއް ހުށަހަޅައި އެކަންކަމާބެހޭ ގޮތުން ވާހަކަ ދައްކާފަ ވެއެވެ. އޭގެތެރެއިން :
ފުރަތަމަ ސަބަބަކީ، އަޙްމަދު ޙަމީދަށް ލޯނެއްގެ ގޮތުގައި US$25000.00 (ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) ދޫކޮށްފައި ވާކަން ސާބިތުވާކަމަށް ކަނޑައެޅުއްވިއިރު، އެ ލޯނަށް ދައްކަންޖެހޭ އިންޓެރެސްޓްގެ ބައި އުނިކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ބޭންކުން ދޫކުރީ ލޯނެއްކަން ސާބިތުވާއިރު، އެ ލޯނަށް އިންޓްރެސްޓާއި އެހެނިހެން ޗާރޖަސް ދައްކަން ނުޖެހޭ ހަމައެކަނި ޙާލަތަކީ އެ ލޯނަކީ އިންޓަރެސްޓް ފްރީކޮށް އަދި އެހެނިހެން ޗާރޖަސްތައްވެސް ނުހިނގާ ގޮތަށް ދޫކުރި ލޯނެއްކަން ސާބިތުވެގެން ކަމާއި، މި ޙާލަތުގައި، ލޯނާ ގުޅިގެން ބޭންކުން ދަޢުވާކުރާ އިންޓަރެސްޓްއާއި އެހެނިހެން ޗާރޖަސްތައް ދައްކަން ނުޖެހޭކަން ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަންޖެހެނީ އިސްތިއުނާފު ރައްދުވާ ފަރާތުންކަމާއި، އެހެން ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން އެ ނުކުތާއަށް ވާހަކަ ދައްކައި އެކަން ޝަރީޢަތުގައި ސާބިތުކޮށްދީފައި ނުވި ނަމަވެސް، އިންޓަރެސްޓްއާ އެހެނިހެން ޗާރޖަސް ދައްކަން ނުޖެހޭކަމަށް ހައިކޯޓުން ޙުކުމް ކުރައްވާފައި އޮތުން ކަމަށްބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުން ތަކުގެ މައްޗަށާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައެވެ.
ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ދަށުން އެ ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ހަމައެކަނި އިލްތިމާސްކޮށްފައިވާ ނުކުތާއަކީ އަޙްމަދު ޙަމީދު އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާ ދެމެދު ލިޔުމުން ސޮއިކުރެވިފައިވާ އެއްބަސްވުމަކާ ނުލައި އަޙްމަދު ޙަމީދުއަށް އެ ބޭންކުން ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނާ US$25000/- (ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) ގެ ތެރެއިން އަޙްމަދު ޙަމީދު އެ ބޭންކަށް ދައްކާފައިވާކަން އެނގެން ނެތް US$17420.00 (ސަތާރަހާސް ހަތަރު ސަތޭކަ ވިހި އެމެރިކާ ޑޮލަރު) އަކީ އެ ބޭންކަށް އަޙްމަދު ޙަމީދު ދައްކަންޖެހޭ ފައިސާއެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާއިން ކަނޑައެޅިއިރު، އެ ފައިސާ އާ އެކު އެ US$25000/- (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) ގެ ލޯނަށް ދައްކަންޖެހޭ އިންޓްރެސްޓް ފައިސާގެ ބައި އެއީ އަޙްމަދު ޙަމީދު އެ ބޭންކަށް ދައްކަންޖެހޭ ފައިސާއެއްކަމަށް އެ ޤަޟިއްޔާއިން ކަނޑަނާޅައި، އެ އިންޓްރެސްޓް ފައިސާގެ ބައި އުނިކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ހުށަހަޅާފައިވާ ނުކުތާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ހުށަހަޅާފައިވާ އިލްތިމާސް ނުކުތާތަކަށާއި އަދި އެނުކުތާތަކުގެ ތަފްޞީލުގެ ގޮތުގައި އެ ބޭންކުން ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ކޮށްފައިވާ ދަޢުވާއަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އަޙްމަދު ޙަމީދު އާ ދެމެދު 08 އޭޕްރީލް 1979 ގައި ވެފައިވާ ނަންބަރު MD/C.25/79 އެގްރިމެންޓްގެ ދަށުން އަޙްމަދު ޙަމީދަށް ދޫކުރެވުނު ކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ބުނާ US$35000/- (ތިރީސް ފަސްހާސް) ޔޫ.އެސް ޑޮލަރުގެ ތެރެއިން، އަޙްމަދު ޙަމީދު އެއްބަސްވެފައިވާ ގޮތަށް ދައްކާފައި ނުވާކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދެކޭ ފައިސާ ސަރވިސް ޗަރޖާއެކު އެއްފަހަރާ ލިބިގަތުމަށް ނުވަތަ އެ ފައިސާ އެކީ އެއްފަހަރާ ނުދެއްކޭނަމަ އެ އެއްބަސްވުމުގެ ދަށުން ރަހުނު ކުރެވިފައިވާ ތަންތަނާއި ތަކެތި ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމަށްފަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް މިފައިސާ ލިބިގަތުމަށާއި އަދި މި ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށް ލޯފާމަކާ ޙަވާލުކުރަންޖެހުމުގެ ސަބަބުން ޚަރަދުވި ފައިސާ ހޯދުމަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ކޮށްފައިވާ ދަޢުވާއެއްކަން އެ ދަޢުވާގެ ދަޢުވާ ފޯމްގައި ބަޔާންކޮށްފައިވާ އެ ދަޢުވާގެ ޞީޣާއިންނާއި އެ ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ ގޮތުގައި ދަށު ކޯޓަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށާއި އަދި އެ ދަޢުވާގެ މައްސަލައިގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން އެދޭ ގޮތްކަމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަން ފާހަގަކުރެވިފައިވާއިރު، އިސްވެ އިޝާރާތްކުރެވުނު ދަޢުވާ ދަށު ކޯޓުން ބަލަމުންދާއިރު، އެ ޤަޟިއްޔާގެ ދަޢުވާގެ އަސާސް ބިނާކޮށްފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އަޙްމަދު ޙަމީދުއާ ދެމެދު ލިޔުމުން ކުރެވިފައިވާކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ބުނާ ނަންބަރު MD/C.25/79 އެގްރިމެންޓް އާ އެއްވެސް ގުޅުމެއް ނެތްގޮތެއްގައި އަޙްމަދު ޙަމީދުއާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާ ދެމެދު ލިޔުމުން ލިޔެވިގެން ދެފަރާތުން ސޮއިކުރެވިފައިވާ އެއްވެސް އެއްބަސްވުމަކާ ނުލައި އަޙްމަދު ޙަމީދަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދޫކޮށްފައިވާކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ބުނާ US$25000/- (ފަންސަވީސްހާސް) ޔޫ.އެސް ޑޮލަރުގެ މައްސަލަ އެ ދަޢުވާގެ ދަށުން ބަލައިދިނުމަށް އެދި އެ ކޯޓަށް އެ ބޭންކްގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމެއް ނެތްކަން ބުނެވުނު ދަށު ކޯޓުގެ ޤަޟިއްޔާގެ ދަޢުވާ ފޯމަށާއި އަދި އެ ޤަޟިއްޔާގެ ޝަރީޢަތަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނައިރު، މި މައްސަލަ މި ކޯޓުގައި އިލްތިމާސް ކޮށްދިނުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ހުށަހަޅާފައިވާ އިލްތިމާސް ނުކުތާތަކާއި އެ ނުކުތާތަކާ ގުޅިގެން ބޭންކުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް ސްޕްރީމް ކޯޓުގެ މި މައްސަލައަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ހުށަހަޅާފައިވާ އިލްތިމާސް ނުކުތާތަކުގައި ފާހަގަކޮށްފައިވާ US$25000/- (ފަންސަވީސްހާސް) ޔޫ.އެސް ޑޮލަރަކީ، ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ މުޅި ދަޢުވާ ބިނާކޮށްފައިވާ އިސްވެ ޙަވާލާ ދެވުނު ނަންބަރު MD/C.25/79 ގެ އެގްރިމެންޓާ އެއްވެސް ގުޅުމެއް ނެތް ގޮތެއްގައި، އަޙްމަދު ޙަމީދާއި ބޭންކާ ދެމެދު ލިޔުމެއް ލިޔެވި ދެފަރާތުން ސޮއިކުރެވިފައިވާ އެއްވެސް އެއްބަސްވުމަކާ ނުލައި އަޙްމަދު ޙަމީދުއަށް އެ ބޭންކުން ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނާ ފައިސާއެއްކަމަށް އެ ބޭންކުގެ ބަހުން ވެސް ސާފުކޮށް އެނގެން އޮތުމުގެ އިތުރުން މި ދެފަރާތުން ލިޔުމުން ލިޔެފައިވާ އެއްބަސްވުމަކާ ނުލައި ބޭންކުން އަޙްމަދު ޙަމީދަށް ދޫކުރިކަމަށް ބޭންކުން ބުނާ US$25000/- (ފަންސަވީސްހާސް) ޔޫ.އެސް ޑޮލަރުގެ މައްސަލައަކީ ދަށު ކޯޓުން އެއްވެސް މިންވަރަކަށް ބަލައި އެއާމެދު އެއްވެސް ބާވަތެއްގެ ޙުކުމެއް އެ ކޯޓުން ކޮށްފައިވާ މައްސަލައެއް ނޫންކަން ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކަށާއި ޙުކުމުގެ ޢިބާރާތަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ދަށުން އެ ކޯޓުން ބަލާފައިވާ މި ބުނެވުނު US$25000/- (ފަންސަވީސްހާސް) ޔޫ.އެސް ޑޮލަރާ ބެހޭ މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތަށް އެއްވެސް މިންވަރަކަށް ހުށަހެޅިފައިނުވާ، އަދި އެ ޤަޟިއްޔާއިން އެއްވެސް މިންވަރަކަށް އެ މައްސަލަ ބަލައި، އެ މައްސަލައާ މެދު އެ ޤަޟިއްޔާއިން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ނޫންކަން ސާފުކޮށް އެނގެން އޮތުމުން، މި ބުނެވުނު US$25000/- (ފަންސަވީސްހާސް) ޔޫ.އެސް ޑޮލަރުގެ މައްސަލަ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ދަށުން މައުޟޫޢީ ގޮތުން ބަލައި، އެއާމެދު ފައިޞަލާކުރަނިވި ނިންމުމެއްގެ ދަށުން ގޮތެއް ކަނޑައަޅައި ނިންމާފައިވާ އެ ނިންމުން ނިންމަވާފައި އެ ވަނީ، ފުރަތަމަ މަރުޙަލާގެ ކޯޓަށް އެ US$25000/- (ފަންސަވީސްހާސް) ޔޫ.އެސް ޑޮލަރުގެ މައްސަލަ ހުށަހެޅި، އެ ކޯޓުން އެ މައްސަލައިގެ މައުޟޫޢު ބަލައި، އެއާމެދު އެ ކޯޓުން ޙުކުމެއް ކުރުމުގެ ކުރިންކަން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
ދެވަނަ ކަމަކީ، ފުރަތަމަ މަރުޙަލާގެ ކޯޓަކުން ނިންމަވާފައިވާ ނިންމުމެއް، އިސްތިއުނާފީ ކޯޓުން އަލުންބަލައި ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލުތަކަށް ބަލައި ރިޢާޔަތްކުރާއިރު، އިސްތިއުނާފީ އުޞޫލުގެ މަފްހޫމް ނިޔާކުރަނީ، މުޝައްރިޢު އެހެންގޮތަކަށް ކަނޑައަޅާފައިނުވާ ބާވަތުގެ މައްސަލަތައް ފިޔަވައި ފުރަތަމަ މަރުޙަލާގެ ނުވަތަ ފުރަތަމަ ދަރަޖައިގެ ކޯޓުކަމަށް ބެލެވޭ ކޯޓަކަށް، ފުރަތަމަ ފަހަރަށް ދަޢުވާ ހުށަހެޅި، އެ ކޯޓުން އެ ދަޢުވާގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރަނިވި ޙުކުމެއް ކުރުމުން، އެ ޙުކުމާ މެދު ހިތްހަމަނުޖެހިގެން، ކަމާބެހޭ ފަރާތަކުން ދެވަނަ ދަރަޖައިގެ ނަމުން ނުވަތަ އިސްތިއުނާފީ ކޯޓުގެ ނަމުން ނަންދެވިފައިވާ ކޯޓެއްގައި ފުރަތަމަ ދަރަޖައިގެ ކޯޓުން ނެރުނު ޙުކުމް، އިސްތިއުނާފުގެ ނަޒަރުން އަލުން ބަލައި ދިނުމަށް އެދި ހުށަހެޅުމުން، އިސްތިއުނާފީ ކޯޓުން، ފުރަތަމަ ދަރަޖައިގެ ކޯޓުން ކުރި ޙުކުމާ ގުޅޭ ދަޢުވާގެ މައްސަލަ އިސްތިއުނާފީ ކޯޓުން އަލުންބަލައި، ފުރަތަމަ ދަރަޖައިގެ ކޯޓުން ނިންމާފައިވާ ނިންމުމާ މެދު އިސްތިއުނާފީ ކޯޓުން ނިހާއީ ޙުކުމެއް ކޮށްގެން ޢަދުލު އިންޞާފު ލިބިދިނުމަށް ކަމާއި، މިގޮތުން އިސްތިއުނާފީ ކޯޓުން، ފުރަތަމަ ދަރަޖައިގެ ކޯޓުންކުރި ޙުކުމް ކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި އިސްތިއުނާފީ ކޯޓުން އިސްތިއުނާފީ ދަޢުވާއެއް ބެލުމުގައި އެ ކޯޓުން ރިޢާޔަތްކުރަންޖެހޭ މުހިންމު ޤާނޫނީ އުޞޫލެއް ވާކަމާއި، އެ އުޞޫލަކީ، ފުރަތަމަ ދަރަޖައިގެ ކޯޓުން ކުރި ޙުކުމާބެހޭ ދަޢުވާގެ މައްސަލަ އިސްތިއުނާފީ ކޯޓުން އަލުން ބަލައި ނަޒަރުކުރާއިރު، ފުރަތަމަ ދަރަޖައިގެ ކޯޓަށް ހުށަހެޅިފައިނުވާ، މުޅިން އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް ފުރަތަމަ ފަހަރަށް ހުށަހެޅޭ ހުށަހެޅުންތައް ބެލުމުން، އިސްތިއުނާފީ ކޯޓުން މަނާވެގަތުން ކަމާއި އެފަދަ އާ ދަޢުވާތައް އިސްތިއުނާފީ ކޯޓުން ފުރަތަމަ ފަހަރަށް ބެލުމުން މަނާވެގަންނަން ޖެހެނީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމާއި ފުރަތަމަ ސަބަބަކީ، އިސްތިއުނާފީ ކޯޓަށް މުޅިން އާ ދަޢުވާގެ ގޮތުގައި ހުށަހެޅޭ އާ ކަންތައްތައް، އެ ފަރާތަކަށް ރައްދުވި، މައްސަލައިގެ އަނެއް ޚަޞްމަށް، ޢަދުލު އިންޞާފު ހޯދުމަށް ޤާނޫނީގޮތުން ލިބިފައިވާ މަރުޙަލާތަކުގެ ތެރެއިން ފުރަތަމަ މަރުޙަލާ، އެ ފަރާތަށް ލިބުމުން މަޙުރޫމްވާ ގޮތަށް، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅިގެން އެ ކޯޓުން ބެލި ދަޢުވާއާ އެއްވެސް ގުޅުމެއްނެތް ގޮތެއްގައި އިސްތިއުނާފީ މަރުޙަލާގައި މުޅިން އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތައް އެ ކޯޓުން ޤަބޫލުކުރުމަކީ، މުޝައްރިޢު އެހެންގޮތަކަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތައް ފިޔަވައި، ޢަދުލު އިންޞާފު ހޯދުމަށް އެއް މަރުޙަލާއަށްވުރެ ގިނަ މަރުޙަލާ ލިބިދީ ޢަދުލު އިންޞާފު ލިބިދިނުން ކަށަވަރު ކުރުމުގެ ގޮތުން ޤަޟާއީ ނިޒާމުގައި މުޝައްރިޢު ކަނޑައަޅާފައިވާ ޤާނޫނީ ޤަވާޢިދުތަކާ އަދި އިޖުރާއީ އުޞޫލުތަކާ ފުށުއަރާ ކަމެއްކަމަށް ވުންކަމާއި، ދެވަނަ ސަބަބަކީ، އިސްތިއުނާފުގެ ތަޞައްވުރު ބިނާވެފައިވަނީ ފުރަތަމަ ދަރަޖައިގެ ކޯޓުން ކުރި ޙުކުމް ރަނގަޅުނޫން ކަމުގެ މައްޗަށް ދެއްކެން ހުރި މަޢުޤޫލު ސަބަބެއްގެ މައްޗަށް ބިނާކޮށް ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އެ ޙުކުމަށް ތަޢުނުކުރުމުގެ ފުރުޞަތު ލިބިދިނުމުގެ މައްޗަށް ކަމަށްވާއިރު، އިސްތިއުނާފީ ނަޒަރުން އިސްތިއުނާފީ ކޯޓުން މައްސަލައެއް ބަލަމުންދާއިރު، އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތަކާ މެދު ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމެއް ނެތީސް އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތައް އެ ކޯޓުން ބަލައިގަތުމަކީ ބަޔާންކުރެވިދިޔަ އިސްތިއުނާފީ ތަޞައްވުރާ މުޅިން ފުށުއަރާ ކަމަށްވުން ކަމާއި އަދި މީގެ އިތުރުން ދަށު މަރުޙަލާގެ ކޯޓަކުން ކުރި ޙުކުމެއް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފު ކުރުމުގެ ސަބަބުން ނުކުންނަ މައިގަނޑު ނަތީޖާ ތަކުގެތެރެއިން އެންމެ މުހިންމު އެއް ނަތީޖާއަކީ ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާއަކީ ޖިނާއީ ދަޢުވާއެއް ކަމަށްވިޔަސް ނުވަތަ މަދަނީ ދަޢުވާއެއް ކަމަށްވިޔަސް އެ ދަޢުވާ އިސްތިއުނާފީ ކޯޓުން ބެލުމަށްޓަކައި، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ދަޢުވާގައި ހިމެނޭ ވާޤިޢާ (ފެކްޓް) ތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައް ހިމެނޭގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓަށް މުޅި ދަޢުވާ އަލުން ނަޤުލުވެގެން ދިއުންކަމާއި، މިގޮތުން ދަށު ކޯޓުން ކޮށްފައިވާ ޙުކުމް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފުކުރެވިގެން ދިއުމާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓަށް އެ ދަޢުވާ ހުށަހެޅިގެން ދިޔަވަގުތުން ފެށިގެން އެ ދަޢުވާ ބެލުމަށް އެ ކޯޓަށް ޤާނޫނީގޮތުން ލިބިގެންވާ ހުރިހާ ބާރުތަކެއް އިސްތިއުނާފީ ކޯޓަށް އުޞޫލެއްގެ ގޮތުން ލިބިގެންވާކަމާއި މީގެތެރޭގައި އެ ދަޢުވާގެ އެންމެހައި ވާޤިއާތައް ބެލުމާއި، އަދި ކަމެއް ސާބިތުކުރުމަށްޓަކައި އިސްތިއުނާފީ ކޯޓަށް ފެންނަ އެންމެހައި އިޖުރާއާތުތަކެއް ފުރިހަމަކުރުމާއި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުން ތަކުގައްޔާއި ޚަޞްމުންގެ ދިފާޢުތަކުގައި ހިމެނޭ އެންމެހައި ވާޤިއާތައް އަލުންބަލައި ވަޒަންކުރުމާއި އޭގެފަހުން ދަޢުވާގެ އެންމެހައި ވާޤިޢާތަކެއްގެ މައްޗަށް، އެ ކޯޓުން ތަޠުބީޤުކުރުން ޞައްޙަކަމަށް ފެންނަ ޤާނޫނީ ޤާޢިދާ ތަޠުބީޤުކުރުން ހިމެނިގެންވާކަން އެނގެން އޮތުމުން، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާ އެ ކޯޓުން ބަލައި އެ ކޯޓުން ނެރުނު ޙުކުމާމެދު ހިތްހަމަ ނުޖެހިގެން، ކަމާބެހޭ ފަރާތަކުން އެ ޙުކުމް ރަނގަޅު ނޫންކަމަށް ފެންނަ ސަބަބު ބަޔާންކޮށް އިސްތިއުނާފީ ކޯޓުގައި އެ ޙުކުމް އިސްތިއުނާފުކުރުމުން، ފުރަތަމަ މަރުޙަލާގެ ކޯޓުންކުރި ޙުކުމާ ގުޅޭ ދަށު ކޯޓުގެ ދަޢުވާގައި ހިމެނޭ ކަންކަމާ އެއްވެސް ގުޅުމެއް ނެތްގޮތުގައި، އިސްތިއުނާފީ ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުން ނުވަތަ އިސްތިއުނާފީ ދަޢުވާގައި ހިމެނޭ ފަރާތަކުން މުޅިން އާ ދަޢުވާއެއްގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް މުޅިން އަލަށް ހުށަހަޅާ ހުށަހެޅުމެއްގެ ދަށުންކަމަށް ވިޔަސް، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާގެ މައުޟޫޢު އެ ކޯޓުން ބަލައި ގޮތެއް ކަނޑައަޅާ ކޮށްފައިވާ ޙުކުމާ ގުޅިފައިވާ ދަޢުވާއާ އެއްވެސް ގުޅުމެއްނެތް ގޮތުގައި މުޅިން އާ ދަޢުވާއެއް ކަމުގައި ބެލެވޭ ކަމެއްގެ މައުޟޫޢުގެ މައްޗަށް ފުރަތަމަ ފަހަރަށް އިސްތިއުނާފީ ކޯޓުން ބަލައި އެކަމާމެދު އެ ކޯޓުން ފައިޞަލާކުރަނިވި ގޮތުގައި އެއްވެސް ޙުކުމެއް ކުރުމަކީ، ފުރަތަމަ މަރުޙަލާގެ ކޯޓުންކުރި ޙުކުމް އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުން، އިސްތިއުނާފީ ނަޒަރަކުން އެ ޙުކުމާމެދު، އެ ކޯޓުން ނަޒަރުކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި އެ ކޯޓަށް ޤާނޫނީގޮތުން ލިބިގެންވާ ބާރުތަކާއި ޙުދޫދުތަކުގެ ބޭރުން ކުރެވޭކަމެއް ކަމުގައި މެނުވީ ނުބެލެވޭނެ ކަމާއި އަދި މީގެއިތުރުން ފުރަތަމަ މަރުޙަލާގެ ކޯޓުންކުރި ޙުކުމާ ގުޅޭ ދަށު ކޯޓުގެ ދަޢުވާއާ އެއްވެސް ގުޅުމެއް ނެތްގޮތުގައި، މުޅިން އާ ދަޢުވާއެއްގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް މުޅިން އަލަށް ހުށަހެޅޭ އެއްވެސް ހުށަހެޅުމެއް އިސްތިއުނާފީ ކޯޓުން ބެލުމުން މަނާވެގަތުމަކީ، ނިޒާމު ޢާންމު (ޕަބްލިކް އޯޑަރ) ގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި އެހެންކަމުން އިސްތިއުނާފީ މަރުޙަލާގައި މައްސަލައިގައި ހިމެނޭ ޚަޞްމަކު މުޅިން އާ ދަޢުވާއެއް އިސްތިއުނާފީ ކޯޓަށް ހުށަހަޅައިފިނަމަ، އެ ކޯޓުން އެހުށަހެޅުން އިސްތިއުނާފީ މަރުޙަލާގައި ބަލައިނުގަތުމަށް ދަފްޢުކުރުމުގެ ޙައްޤު، މައްސަލައިގެ އަނެއް ޚަސްމަށް ލިބިގެންވާ ކަމާއި، އަދި ހަމައެހެންމެ އިސްތިއުނާފީ މަރުޙަލާގައި މައްސަލާގައި ހިމެނޭ ޚަޞްމަކު މުޅިން އާ ދަޢުވާއެއް ހުށަހަޅައިފިނަމަ، މައްސަލާގައި ހިމެނޭ އަނެއް ޚަޞްމު، އެހުށަހެޅުން އިސްތިއުނާފީ ކޯޓުން ބަލައި ނުގަތުމަށް އެދި ދަފްޢެއް ހުށަހަޅާފައި ނެތްނަމަވެސް އެފަދަ ހުށަހެޅުމަކީ، އިސްތިއުނާފީ ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުންވެސް، އިސްތިއުނާފީ މަރުޙަލާގައި ބަލައި ދެވޭނެ ހުށަހެޅުމެއް ނޫންކަމަށް އިސްތިއުނާފީ ކޯޓުން ކަނޑައަޅަންޖެހޭ ހުށަހެޅުމެއް ކަމާއި މިކަންކަން މައްސަލަތައް އިސްތިއުނާފުކުރުމާ ބެހޭ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނައޮތުމެވެ.
ތިންވަނަ ކަމަކީ، ދެ ދަރަޖައިގައި ނިންމާފައިވާ ޙުކުމްތައް (ދަށު މަރުޙަލާގެ ކޯޓުންނާއި އިސްތިއުނާފީ ކޯޓުންބަލާ ނިންމާފައިވާ، ޤަޟިއްޔާތަކުގެ ޙުކުމްތައް) ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެފަދަ މައްސަލަތަކާ މެދު ސުޕްރީމް ކޯޓުން ގޮތެއްކަނޑައަޅައި، އިންޞާފު ދިނުމުގައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތަކާއި އިޚްތިޔާރުތައް ބަޔާންކުރާ ޤާނޫނީ ފިޤުހުގެ ހަމަތަކަށް ނަޒަރުކޮށް ބަލާއިރު، ދަށު މަރުޙަލާގެ ކޯޓުންނާއި އިސްތިއުނާފީ ކޯޓުން ބަލާ ނިންމާފައިވާ، ޤަޟިއްޔާތަކުގެ ޙުކުމްތައް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، ޢާންމު ޤާޢިދާ އެއްގެ ގޮތުން އެ ޙުކުމްތައް ޤާނޫނާ އެއްގޮތްވަނީ ކިހާ މިންވަރަކަށްތޯ ބެލުމުގެ ފުރުޞަތު ލިބިދިނުމަށް ކަމާއި، މިގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް އިލްތިމާސްކުރުމަށް ހުށަހެޅޭ ޤަޟިއްޔާތަކުގެ ޙުކުމް ދަށު ކޯޓުންނާއި އިސްތިއުނާފީ ކޯޓުން ނެރުމަށްޓަކައި ތަބާވެފައިވާ މައުޟޫޢީ ޤާނޫނީ ޤާޢިދާތަކަށާއި އިޖުރާއީ ޤާނޫނީ ޤާޢިދާތައް އެ ޙުކުމުގައި ތަޠްބީޤުކޮށްފައިވަނީ ޤާނޫނުގެ ޞައްޙަ މަގުންތޯ ބެލުން އެއީ ސުޕްރީމް ކޯޓުން އެފަދަ މައްސަލަތައް ބެލުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު އަސާސްކަމާއި، އެހެންކަމުން ޢާންމު ޤާޢިދާއަކީ ސުޕްރީމް ކޯޓުގައި މައްސަލައެއް އިލްތިމާސްކުރުމަކީ، އެ މައްސަލައިގައި ވާޤިއާތައް އަލުންބަލައި ރިވިއުކުރުން ނޫންކަމާއި އެހެނީ އިލްތިމާސްގެ މަގުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުން އިފްތިރާޟްކުރެވޭނީ (އެސިއުމްކުރެވޭނީ) އެ މަގުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢު ބެލި ކޯޓުތަކުން (ދަށު މަރުޙަލާގެ ކޯޓުންނާއި އިސްތިއުނާފީ ކޯޓުން) ބަލާފައިވާ ދަޢުވާގެ ވާޤިޢާތައް ބަޔާންކޮށްފައިވަނީ އުޞޫލެއްގެ ގޮތުން ރަނގަޅަށްކަމުގެ މައްޗަށްކަމާއި، ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށް، ދަށު މަރުޙަލާގެ ކޯޓުންނާއި އިސްތިއުނާފީ ކޯޓުން ކޮށްފައިވާ ޙުކުމަށް ތަޢުނުކޮށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ ދަޢުވާ ބެލުމުގެ މައިގަނޑު ދާއިރާ ބިނާވެފައިވަނީ ދަށު ކޯޓުންނާއި އިސްތިއުނާފީ ކޯޓުން ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތް ރިޤާބާކޮށް ބެލުމުގެ މައްޗަށްކަމާއި، ނަމަވެސް މި ޢާންމު ޤާޢިދާއަކީ އެއަށް ޤައިދުތަކެއް ނެތް މުޠުލަޤު ޤާޢިދާއެއް ނޫންކަމާއި މިގޮތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެވޭ މައްސަލަތަކުގައި ދަށު ކޯޓުންނާއި އިސްތިއުނާފީ ކޯޓުން މައްސަލައިގެ ވާޤިޢާތަކާ (ފެކްޓްތަކާ) ގުޅޭގޮތުން އެ ކޯޓުތަކުގެ ބާރުތައް ބޭނުންކުރުމުގައި އިލްތިޒާމްވި، މިންވަރު ރިޤާބާކޮށް މޮނިޓަރކުރުމުގެ ދައުރަކީވެސް ސުޕްރީމް ކޯޓުގެ މުހިންމު މަސްއޫލިއްޔަތެއްކަމާއި، އެހެނީ މައްސަލައިގެ މައުޟޫޢު ބެލި ކޯޓަށް ލިބިގެންވާ ބާރުތަކަށްވެސް، އިންތަކެއް ކަނޑައެޅިފައިވާކަމާއި އެއީ އެ އިންތައް ކަނޑައަޅާފައިވަނީ ޤާނޫނު ކަމަށްވުމާއެކު، އެ އިންތަކަށް ޤާނޫނީ ތަބީޢަތު ލިބިގެންވުމާއެކު މިފަދަ ޙައިޘިއްޔަތު ލިބިގެން މައްސަލައިގެ މައުޟޫޢު ބެލި ކޯޓުތަކުން އެ ކޯޓުތަކަށް ލިބިގެންވާ ބާރުތަކަށް އިލްތިޒާމުވި މިންވަރު ސުޕްރީމް ކޯޓުން ރިޤާބާ ކުރާއިރު، އެ ރިޤާބާ ގުޅިފައިވަނީ ވާޤިއާތަކާ ކަމުގައި ވީނަމަވެސް އެ ރިޤާބާއަކީ އަޞްލުގައި ޤާނޫނީ ރިޤާބާއެއްކަމާއި، މި ބާވަތުގެ ކަންކަމުގައި ސުޕްރީމް ކޯޓުން ރިޤާބާގެ ދައުރު އަދާކުރުމުގައި މައިގަނޑު ދެކަމެއް ހިމެނޭކަމާއި، އޭގެތެރެއިން އެއްކަމަކީ މައްސަލައިގެ މައުޟޫޢު ބެލި ކޯޓުތަކުން އެ މައްސަލައިގައި ހިމެނޭ ކަންކަން ސާބިތުކުރުމުގައި ގެންގުޅެފައިވާ މިންގަނޑުތައް ރިޤާބާކުރުންކަމާއި ދެވަނަކަމަކީ މައްސަލައިގެ މައުޟޫޢު ބެލި ކޯޓުތަކުން ޙުކުމަކާ ހަމައަށް ވާޞިލުވުމަށްޓަކައި ބަޔާންކުރަންޖެހޭ ސަބަބުތައް އެކަށީގެންވާ މިންވަރަކަށް ތަފްޞީލްކޮށް ބަޔާންކޮށްފައިވާކަން ނުވަތަ ނޫންކަން ރިޤާބާ ކުރުންކަމާއި މީގެތެރެއިން ފުރަތަމައަށް މި ބުނެވުނު ކަންތައް ރިޤާބާ ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުން ބަލާބެލުމުގައި މައްސަލައިގެ މައުޟޫޢު ބެލި ކޯޓުތަކުން ޘާބިތުކުރުމުގެ މިންގަނޑުތައް ވަޒަންކުރުމުގައި ބަލަންޖެހޭ ބެލުންތައް ނުބެލި އޭގެ މިންތައް ފަހަނައަޅާގޮސް، ނުބައެއް ނުވަތަ ގޯހެއް ހެދިފައިވާކަން ސުޕްރީމް ކޯޓަށް ފެނިއްޖެނަމަ، އެކަން ޞައްޙަމަގަށް ގެނެސް އިންޞާފު ޤާއިމްކުރުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމާއި މިކަންކަން މި ބަޔާންކުރެވުނު ގޮތުގެމަތިން އެނގެން އޮންނަ އޮތުމުގެ އިތުރުން، ދިވެހިރާއްޖޭގެ ޤަޟާއީ ނިޒާމުގައި މައްސަލަތައް ބެލުމުގައި ދުސްތޫރީ ގޮތުންނާއި ޤާނޫނީގޮތުން ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޔާރާއި ބާރުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމަށާއި، އަދި ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ޤާނޫނުއަސާސީއާއި ޤާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި، އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމަށާއި އަދި ހަމަ މި ބުނެވުނު ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ޤާނޫނުއަސާސީއާއި ޤާނޫނުތައް މާނަކުރުމުގަ އާއި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮންނައޮތުމަށާއި، އަދި ޢަދުލު އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން ބުނެވުނު ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ދަށު ކޯޓުން ނިންމާފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ބަލާ ނިންމުމުން އެ މައްސަލައެއް ކަމާބެހޭ ފަރާތަކުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، އެފަދަ މައްސަލަތަކުގައި ޤާނޫނު ތަޠްބީޤުކޮށް ފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަށް ސުޕްރީމް ކޯޓަށް ލިބިގެންވާ ރިޤާބާގެ ދައުރުގެ އިތުރުންވެސް އެފަދަ މައްސަލަތަކުގައިވެސް ޢަދުލު އިންޞާފު ޤާއިމުކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމައްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ބާރާއި އިޚްތިޔާރު، ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ސުޕްރީމް ކޯޓަށް ލިބިގެންވާކަން އެނގެން އޮންނަކަމެވެ.
ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނައޮތުމަށް ބަލާއިރު ރައްޔިތުންގެ އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ މި މާއްދާގައި އިސްތިއުނާފުކުރުމުގެ ޙައްޤު ކަނޑައަޅާފައި މިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރަނިވި ގޮތުގައި އެކޯޓުން ކުރި ޙުކުމާގުޅޭ ދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠްބިޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައްތައް ހިމެނޭގޮތުން އިސްތިއުނާފީ ކޯޓުން ބަލައި އަލުން ކަށަވަރުކޮށް އިންޞާފު ޤާއިމުކުރުމުގެ މަޤްޞަދުގައިކަން ޤާނޫނުއަސާސީގެ މި މާއްދާގެ ނައްޞަށާއި އަދި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބެލުމުން ސާފުކޮށް އެނގެން އޮންނަ އޮތުމުގެ މައްޗަށާއި، އަދި މީގެ އިތުރުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާ (ހ) ގައި ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ އެންމެހާ ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓުކަމަށާއި، އަދި ހަމަ މި މާއްދާގެ (ށ) ގައި ޤާނޫނަކުން އިސްތިސްނާ ނުކުރާހާ ހިނދަކު ދަށު ކޯޓުތަކާއި ޓްރަބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީ ހައިކޯޓުގައި ކަމަށާއި، އަދި ހަމަ މިބުނެވުނު ޤާނޫނުގެ 36 ވަނަ މާއްދާގައި ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ ނިންމުންތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށާއި، އަދިހަމަ މި އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2010/22 ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކުރުމަށްފަހު، ހަމަ މި މާއްދާގެ (ށ) ގައި މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެ ކަމެއް ނޫންކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނައޮތުމުގެ މައްޗަށް ބަލާއިރު ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގައިވެސް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓުންކުރި ޙުކުމާގުޅޭ ދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކިވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠްބިޤުކޮށްފައިވާ ގޮތާއި މިއެންމެހައި ކަންތައްތައް ހިމެނޭގޮތުން އިސްތިއުނާފީ ކޯޓުން އަލުން ބަލައި ނަޒަރުކޮށް އިންޞާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤާއިމުކުރުމުގެ މަތިވެރި މަޤްޞަދުގައިކަން އެނގެން އޮންނާތީ މި ބަޔާންކުރެވިދިޔަ ދުސްތޫރީ އަދި ޤާނޫނީ ނައްޞުތަކަށާއި އިޖުރާއީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، މުޝައްރިޢު، އެހެންގޮތަކަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތައް ފިޔަވައި، ޢަދުލު އިންޞާފު ހޯދުމަށް އެއް މަރުޙަލާއަށްވުރެ ގިނަ މަރުޙަލާ ލިބިދީ ޢަދުލު އިންޞާފު ލިބިދިނުން ކަށަވަރު ކުރުމުގެ ގޮތުން ރާއްޖޭގެ ޤަޟާއީ ނިޒާމުގައި މުޝައްރިޢު، ކަނޑައަޅާފައިވާ އިޖުރާއީ އުޞޫލުތަކާބެހޭ ޤާނޫނީ ޤަވާޢިދުތަކަކީ ދިވެހިރާއްޖޭގެ ޤަޟާއީ ނިޒާމް އޭގެމައްޗަށް ބިނާވެގެންވާ މުހިންމު އަސާސްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އަސާސެއްކަމާއި އެހެންކަމުން، ދަށު ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފީ ގޮތުން ދެވަނަ ފަހަރަށް ބަލައިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ދަށު ކޯޓުން ކޮށްފައިވާ ޙުކުމާ ގުޅޭ ދަޢުވާއާ ގުޅުމެއް ނެތް ގޮތެއްގައި އިސްތިއުނާފީ މަރުޙަލާގައި މުޅިން އާ ދަޢުވާއެއްގެ ގޮތުގައި ހައިކޯޓަށް ހުށަހެޅޭ އެއްވެސް ކަމެއް ހައިކޯޓުން މައުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގަ އާއި، އަދި ކަމާގުޅޭ ބަޔާންވެދިޔަ ޤާނޫނުގައި ކަނޑައެޅިފައިވާ، ބަޔާންވެދިޔަ އަޙްކާމްތަކާ އަދި މައްސަލަތައް އިސްތިއުނާފުކުރުމާ ބެހޭ، ބަޔާންކުރެވިދިޔަ ޤާނޫނީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކުރެވޭ ކަމެއްކަން އެނގެން އޮންނަ އޮތުމެވެ.
ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ) ގައި އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައި ވީނަމަވެސް އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައި ނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެ ކަމަށް ކަނޑައެޅި ބަޔާންވެފައިވުމުން، އިސްތިއުނާފު މަރުޙަލާގައި، ހައިކޯޓުން އިސްތިއުނާފީ ނަޒަރުން މައްސަލައެއް ބަލަމުންދަނިކޮށް އިސްތިއުނާއުނާފަށް ހުށަހެޅިފައިވާ އެ މައްސަލައިގެ ދަށު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއާ އެއްވެސް ގުޅުމެއް ނެތް ގޮތުގައި މުޅިން އާ ދަޢުވާއެއް ނުވަތަ ދަޢުވާތަކެއް ކަމުގައި ބެލެވޭ ކަމެއް ނުވަތަ ކަންތައްތަކެއް ހުށަހެޅިއްޖެނަމަ، މައްސަލައިގައި ހިމެނޭ އަނެއް ޚަޞްމު އެ ހުށަހެޅުން ހައިކޯޓުން ބަލައި ނުގަތުމަށް އެދި ދަފްޢެއް ހުށަހަޅާފަ ނެތްނަމަވެސް ހައިކޯޓުގެ އަމިއްލަ އިސްނެގުމުންވެސް އެފަދަ ހުށަހެޅުމަކީ، އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓުން ބަލައިދެވޭނެ ހުށަހެޅުމެއް ނޫންކަމަށް ކަނޑައަޅަންޖެހޭ ހުށަހެޅުމެއްކަން ސާފުކޮށް އެނގެން އޮތުމުން މި އުޞޫލާ ޚިލާފުވާ ގޮތަށް އިސްތިއުނާފީ ނަޒަރުން ހައިކޯޓުން މައްސަލަ ބެލުމުގައި ޢަމަލުކުރުމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ) ގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ކުރެވޭ ކަމެއްކަމުގައި ބެލެވޭނެ ތަނެއް ނެތުމެވެ.
ހަވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ދިވެހިރާއްޖޭގެ ޤަޟާއީ ނިޒާމުގައި، ދިވެހިރާއްޖޭގެ މުޝައްރިޢު، އެއް މަރުޙަލާއަށްވުރެ ގިނަ މަރުޙަލާގައި ޝަރީޢަތްކޮށް ޢަދުލު އިންޞާފު ލިބިދިނުން ކަށަވަރު ކުރުމުގެ ގޮތުން ކަނޑައަޅާފައިވާ އުޞޫލުތައް އެގޮތުގެމަތިން ކަނޑައަޅާފައި ވީނަމަވެސް ޚާއްޞަ އިޢްތިބާރާތުތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ބައެއް ބާވަތުގެ މައްސަލަތައް މަތީ މަރުޙަލާގެ ކޯޓުތަކަށް ފުރަތަމަ ފަހަރަށް ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސާފައި ވާކަން އެނގެން އޮތުމަކީ، އެއް މަރުޙަލާއަށްވުރެ ގިނަ މަރުޙަލާގައި ޝަރީޢަތްކޮށް ޢަދުލު އިންޞާފު ލިބިދިނުން ކަށަވަރު ކުރުމުގެ ގޮތުން ކަނޑައަޅާފައިވާ ބަޔާންވެދިޔަ އުޞޫލުތަކާ ފުށުއަރާ ކަމެއް ނޫންކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ދަށުން ހައިކޯޓުން މައުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައަޅާފައިވާ އިސްވެ ބަޔާންކުރެވިދިޔަ 25000/- (ފަންސަވީސް ހާސް) ޔޫ.އެސް ޑޮލަރުގެ މައްސަލަ ފަދަ ދަރަނީގެ މައްސަލަތަކަކީ، އެއް މަރުޙަލާއަށްވުރެ ގިނަ މަރުޙަލާގައި ޝަރީޢަތްކޮށް ޢަދުލު އިންޞާފު ލިބިދިނުން ކަށަވަރު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤަޟާއީ ނިޒާމުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން އެފަދަ މައްސަލަތައް ފުރަތަމަ ފަހަރަށް ކަމާބެހޭ ދަށުކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ބެލުމަށް އެންގެން އޮންނައޮތުމުގެ އިތުރުން އެބާވަތުގެ މައްސަލަތައް ފުރަތަމަ ފަހަރަށް މައުޟޫޢީ ގޮތުން ހައިކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ދަށުން ހައިކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިދީފައިނުވާ ކަމާއި އެފަދަ ދަރަނީގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވަނީ، އެފަދަ މައްސަލަތައް ކަމާބެހޭ ފުރަތަމަ މަރުޙަލާގެ ކޯޓަކަށް ހުށަހެޅި، އެ މައްސަލައިގެ މައުޟޫޢު، ފުރަތަމަ މަރުޙަލާގެ ކޯޓުން ބަލާ ފައިޞަލާކުރަނިވި ޙުކުމެއް ކުރުމުން، އިސްތިއުނާފީ ނަޒަރުން އެ މައްސަލަ ބަލައިދިނުމަށް އެދި، ކަމާބެހޭ ފަރާތަކުން، ހަމަޖެހިފައިވާ ޤާނޫނީ އުޞޫލުތަކުގެ ދަށުން ހައިކޯޓަށް ހުށަހެޅުމުންކަން ދިވެހިރާއްޖޭގެ ޤަޟާއީ ނިޒާމު ތަންޒީމުކޮށްފައިވާ ބަޔާންވެދިޔަ ދުސްތޫރީ އަދި ޤާނޫނީ ޤަވާޢިދުތަކަށާއި އިޖުރާއީ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން މައުޟޫޢީ ގޮތުން ގޮތެއްކަނޑައަޅައި ނިންމާފައިވާ ބަޔާންކުރެވިދިޔަ 25000/- (ފަންސަވީސް ހާސް) ޔޫ.އެސް ޑޮލަރުގެ މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާއަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ހުށަހަޅާފައިވާ ދަޢުވާއާ އެއްވެސް ގުޅުމެއް ނެތް މައްސަލައެއް ކަމާއި، އަދި އެ 25000/- (ފަންސަވީސް ހާސް) ޔޫ.އެސް ޑޮލަރުގެ މައްސަލައަކީ، އިސްވެ ބަޔާންކުރެވި ދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާއަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމާއި، އަދި އެ 25000/- (ފަންސަވީސް ހާސް) ޔޫ.އެސް ޑޮލަރުގެ މައްސަލައަކީ، އެއްވެސް މިންވަރަކަށް ދަށު ކޯޓުން އެ މައްސަލަބަލައި، އެ ކޯޓުން އެ މައްސަލައާ މެދު ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއްވެސް ނޫންކަން އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކާއި އަދި އެ ޤަޟިއްޔާގެ ޙުކުމުގެ ޢިބާރާތަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުން ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާއިން މައުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައަޅައި ނިންމާފައިވާ އިސްވެ ބަޔާންކުރެވިދިޔަ 25000/- (ފަންސަވީސް ހާސް) ޔޫ.އެސް ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ހައިކޯޓުން ކޮށްފައިވާ ޙުކުމާ ބެހޭބައި، އިސްވެ ބަޔާންކުރެވިދިޔަ ދުސްތޫރީ އަދި ޤާނޫނީ ހަމަތަކާއި އިޖުރާއީ އުޞޫލުތަކާ އެއްގޮތްވާކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.
ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭ ގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާއިން އެ ކޯޓުން ނިންމާފައިވާ ނިންމުން ތަކުގެ ތެރެއިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި އިލްތިމާސްކޮށްފައިވާ ހަމައެކަނި ނުކުތާއަކީ އަޙްމަދު ޙަމީދުއާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާ ދެމެދު ލިޔުމުން ސޮއިކުރެވިފައިވާ އެއްބަސްވުމަކާ ނުލައި އަޙްމަދު ޙަމީދަށް އެ ބޭންކުން ދޫކޮށްފައިވާކަމަށް އެ ބޭންކުން ބުނާ 25000/- (ފަންސަވީސް ހާސް) ޔޫ.އެސް ޑޮލަރުގެ މައްސަލައާ ބެހޭގޮތުން ކޮށްފައިވާ ޙުކުމާ މެދު ހިތްހަމަނުޖެހިގެން ހުށަހަޅާފައިވާ ނުކުތާކަން ބޭންކުން މި މައްސަލަ އިލްތިމާސްކޮށްދިނުމަށް މި ކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކާއި އެ ނުކުތާތަކާ ގުޅިގެން ބޭންކްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާއިން އެ ކޯޓުން ނިންމާފައިވާ އެހެނިހެން ނިންމުންތަކާ މެދު ގޮތެއް ކަނޑައަޅައި ދިނުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމެއް ނެތްކަން އެނގެން އޮތުމުން ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާއިން އެ ކޯޓުން ނިންމާފައިވާ އެހެނިހެން ނިންމުންތަކާ މެދު ސުޕްރީމް ކޯޓުގެ މި މައްސަލައިގައި ޤާނޫނީ ގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް ނެތްކަން އެނގެން އޮތުމެވެ.
ޙުކުމް
އިސްވެ ދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގައި މ. ހިއުސްޓަން އަޙްމަދު ޙަމީދު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) އަށް މިހާރު ދައްކަންޖެހިފައިވާ ފައިސާއަކީ އެ ބޭންކުން ޢާންމުކޮށް ޢަމަލުކުރަމުން އައިސްފައިވާ އިޖްރާއާތާއި އުޞޫލާ ޚިލާފަށް ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމެއްނެތި، އަޙްމަދު ޙަމީދުއަށް އެ ބޭންކުން ދީފައިވާ US$25000/- (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) ގެ ތެރެއިން ދައްކާފައިވާކަން އެންގެން ނެތް US$17420/- (ސަތާރަހާސް ހަތަރުސަތޭކަ ވިހި އެމެރިކާ ޑޮލަރު) އެކަނިކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ފައިސާ 14 ޖޫން 2015 ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން އެ މަހަކަށްޖެހޭވަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އަށް ދައްކައި ޚަލާސްކުރުމަށް އަޙްމަދު ޙަމީދަށް އަންގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް އެ ގޮތުގެމަތިން ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވަނީ އެ US$25000/- (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) ގެ މައްސަލަ ބަލައިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާއަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމެއް ނެތިކަމާއި، އަދި އެ US$25000/- (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) ގެ މައްސަލައަކީ އެއްވެސް މިންވަރަކަށް ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 އިން އެ މައްސަލަ ބަލައި، އެ ކޯޓުން އެ މައްސަލައާ މެދު ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ވެސް ނޫންކަން އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކާއި އަދި އެ ޤަޟިއްޔާގެ ޙުކުމުގެ ޢިބާރާތަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުން ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާއިން މައުޟޫޢީ ގޮތުން ބަލައިގޮތެއް ކަނޑައަޅައި ނިންމަވާފައިވާ އިސްވެ ބަޔާންކުރެވިދިޔަ US$25000/- (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) ގެ މައްސަލައާ ބެހޭގޮތުން ކޮށްފައިވާ ޙުކުމް،އެ ގޮތުގެމަތިން އެ ކޯޓުން ކޮށްފައިވަނީ ބަޔާންކުރެވިދިޔަ ދުސްތޫރީ، ޤާނޫނީ އަދި އިޖުރާއީ ހަމަތަކާ ކަނޑައެޅިގެން ޚިލާފަށްކަން އެނގެން އޮންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާއިން ކޮށްފައިވާ ބަޔާންވެދިޔަ US$25000/- (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) އާ ބެހޭގޮތުން ކޮށްފައިވާ ޙުކުމާބެހޭ ބައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކަމަށް ކަނޑައަޅައި މިގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.