މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން ވ. ދީބާޖާ އިންވެސްޓްމަންޓް ޕަރްއިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2020/SC-A/35
ޝަރީޢަތް ނިމުނުގޮތް
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދިބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
07 އޭޕްރިލް 2021އަލުން ބެލެވުނު މައްސަލަ
2018/SC-A/46
މައްސަލަ ރައްދުވާ ފަރާތް
މައްސަލަ ހުށަހެޅި ފަރާތް
ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0087/2010)) ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން)
ޤާނޫނީ ވަކީލު: އަލްއުސްތާޛު މުޙައްމަދުފައިޞަލް،ސިތާރާވާދީ،މ.މުލައް
އަލްއުސްތާޛު މުޙައްމަދު ޙަލީމް،އެލްޕާޝޯ،ނ.ވެލިދޫ ޤާނޫނީ ވަކީލު: ސީނިއަރ ސްޓޭޓް ކައުންސެލް އަލްއުސްތާޛާ ޙައްވާ ސަނާ، ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދު، ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛު އަޙްމަދު ނަޝާޠު
މަދަނީ – ސުޕްރީމް ކޯޓުގެ ނިންމުން މުރާޖަޢާކުރުން – އަމިއްލަ ބާރު ނުފޯރާ ސަބަބު – އިސްތިއުނާފު ކުރުމުގެ މުއްދަތު – އިސްތިއުނާފުކުރުމުގެ ޙައްޤު – ރެސްޖުޑިކާޓާ – ފައިނޭލިޓީ އޮފް ޖަޖްމަންޓް
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ]ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާ[ (މީގެފަހުން "ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް)") ގެ ޙުކުމް މުރާޖަޢާކޮށް ދިނުމަށް އެދި ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ގެ ފަރާތުން (މީގެފަހުން "ދައުލަތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0087/2010) މީގެ ފަހުން (މީގެފަހުން "ދިބާޖާ އިންވެސްޓްމަންޓް"( އެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
01 ފެބްރުވަރީ 2010 ގައި، ދީބާޖާ އިންވެސްޓްމަންޓް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާ ދެމެދު އުތުރު ޕްރޮވިންސް (ނ، ރ، ބ އަދި ޅ އަތޮޅު) ގެ ދަތުރުފަތުރުގެ ޚިދުމަތްތައް ދިނުމުގެ އެއްބަސްވުމުއްގައި ސޮއިކުރެވުނެވެ.
މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކޮށް، 30 މެއި 2013 ގައި އެއްބަސްވުން ބާޠިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި މި އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓަށް ލިބުނު 2,410,343,581/-ރ. (ދެބިލިއަން ހަތަރުސަތޭކަދިހަ މިލިޔަން ތިންސަތޭކަ ސާޅީސް ތިން ހާސް ފަސްސަތޭކަ އަށްޑިހަ އެއް ރުފިޔާ) ގެ މާލީ ގެއްލުން އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި ދިބާޖާ އިންވެސްޓްމަންޓުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
ސިވިލް ކޯޓުން އެ ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ ނިންމާފައިވަނީ ދައުލަތުން ދީބާޖާ އިންވެސްޓްމަންޓަށް އެކު ޖުމްލަ 348,995,154.60ރ. (ތިންސަތޭކަ ސާޅީސް އަށްމިލިޔަން ނުވަލައްކަ ނުވަދިހަފަސްހާސް އެއްސަތޭކަ ފަންސާސްހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) ދައްކަންޖެހޭ ކަމަށާއި، 23 އޮކްޓޫބަރު 2014 އިން ފެށިގެން މީލާދީ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާޞްކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަސްއޫލިއްޔަތާއި ހަވާލުވެހުރި ދައުލަތުގެ މުއައްސަސާގެ މައްޗަށް އަންގައި ޙުކުމްކޮށެވެ.
ސިވިލް ކޯޓުން ބުނެވެދިޔަ ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 6.32 ވަނަ މާއްދާގައި، އެއްބަސްވުން ބާޠިލްކުރެވޭނީ ދީބާޖާ އިންވެސްޓްމަންޓުން ދެމުންގެންދާ ދަތުރުފަތުރުގެ މުޅި ޚިދުމަތްތައް ނުވަތަ ޚިދުމަތް ދެމުންގެންދާ ސަރަޙައްދުގެ ބޮޑު ބަޔަކަށް ވިދިވިދިގެން 5 (ފަހެއް) ދުވަސްވަންދެން ނުވަތަ އެއަށް ވުރެ ގިނަ ދުވަސްވަންދެން ޚިދުމަތް މެދު ކެނޑުމުންކަން އެނގެން އޮތުމުންނާއި، 28 މެއި 2013 ވަނަ ދުވަހު ބ.ފުޅަދޫއާއި ފެހެންދޫގެ ފެރީގެ ޚިދުމަތް މެދުކެނޑިފައިވާތީ، އެ ދެ ރަށުގެ ޚިދުމަތް ކުރިޔަށް ގެންގޮސްގެން މެނުވީ އެ ސަރަޙައްދުގެ ފެރީގެ ޚިދުމަތް ފުރިހަމަވީ ކަމަށް ބެލެވެން ނެތުމުން، ވީއެންމެ އަވަހަކަށް ޚިދުމަތް ފަށައިދިނުމަށް އެދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން 29 މެއި 2013 ގައި ސިޓީ ފޮނުވުމަށްފަހު، 30 މެއި 2013 ގައި އެއްބަސްވުން ބާޠިލްކޮށްފައިވުމުން، ޚިދުމަތް މެދުކެނޑުނު ދުވަހާ އެއްބަސްވުން ބާޠިލުކުރަން ދައުލަތުން އެންގި ދުވަހާއި ދެމެދަށް 5 (ފަހެއް) ދުވަސްވެފައި ނުވާކަން އެނގޭތީ، އެއްބަސްވުން ބާޠިލުކުރެވުނީ އިސްވެ ބުނެވުނު މާއްދާއާ ޚިލާފަށްކަން؛
ކޮންޓްރެކްޓުގެ އިލްތިޒާމުތައް އެ ކޮންޓްރެކްޓުގެ އެއްފަރާތުން ތަންފީޒުނުކުރާހާ ހިނދަކު، އަނެއްފަރާތުގެ އިލްތިޒާމްތައް ތަންފީޒުނުކޮށް ހުއްޓިފައި ބޭއްވުން (Exception non adimpleti contractus) ހުއްދަވެގެންވާ ނަމަވެސް، އެފަދައިން ކޮންޓްރެކްޓުގެ އިންތިޒާމުތައް ހުއްޓާފައި ބޭއްވުމުގެ ޞައްކަން ވަޒަންކޮށް ތަޤުދީރުކުރުމުގެ ބާރު ކަމާބެހޭ ކޯޓަށް އަބަދުވެސް ލިބިގެންވާކަން މަދަނީ ކޮންޓްރެކްޓާ ބެހޭ ޢާއްމު އުސޫލުތަކަށް ބެލުމުން އެނގެން އޮންކަން؛
މި މައްސަލައަކީ އިދާރީ އެއްބަސްވުމާކާއި ނުވަތަ ޚިދުމަތަކާއި ގުޅިގެން އުފެދިފައިވާ ޚިލާފެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއް ނޫންކަމުގައިވާތީ، މި މައްސަލައަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/26 ޤަޟިއްޔާ ]ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން[ ގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ ފާހާގަކުރެވުނު ނުކުތާތަކުގެ (އ) ތަޠުބީޤުނުކުރެވޭނެ ކަމަށާއި، ދައުލަތުގެ އެކަނި އަމިއްލަ އިޚްތިޔާރުގައި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު ޤާނޫނީގޮތުން ދައުލަތަށް ލިބިގެންވާކަމަށް ބަލާނެ އެއްވެސް ހަމައެއް ނެތްކަން؛
އެއްބަސްވުމާއި ގުޅިގެން ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމްތަކުގެ މުޅި ޖައުހަރަކީ ރިކޮއިސްޓް ފޯ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާއި އެއްގޮތްވާ ގޮތުގެ މަތިން ރިސޯޓު ތަރައްޤީ ކުރުމަށާއި ފެރީޓާމިނަލް / ގެސްޓްހައުސް އެޅުމަށް ޙަވާލުކުރަންޖެހޭ ބިންތައް ޙަވާލުކުރުން ކަމަށްވާއިރު، ދީބާޖާ އިންވެސްޓްމަންޓާ ޙަވާލުކުރަންޖެހޭ 47 (ސާޅީސް ހަތެއް) ބިމުގެ ތެރެއިން ޖުމްލަ 26 (ސައްބީސް) ރަޖިސްޓްރީ ޙަވާލުކުރިކަމަށް ދައުލަތުން ބުނާބުނުން ތަޢުނުކޮށް ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ކުރި ދިފާއީ ދަޢުވާ ދައުލަތަށް ސާބިތިކޮށްދެވިފައި ނުވާކަމާއި، ދަޢުވާކުރާ ފަރާތުން ދަޢުވާގެ ދިފާއުގައި ކުރާ ދިފާއީ ދަޢުވާ ސާބިތުކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު ކުރިމަތިކުރުވާ ދަފްޢު ސާބިތުކުރުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢެއް ކުރިމަތި ކުރި ފަރާތްކަން މަދަނީ ދަޢުވާ ސާބިތުކުރުމުގައި އިސްތިޤްރާރުވެފައިވާ އުޞޫލަތަކަށް ބެލުމުން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/23 ޤަޟިއްޔާ ]މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް[ ގައި ކަނޑައަޅާފައިވާ މަބްދަޢުއަށް ރިޢާޔަތްކުރުމުން، އެއްބަސްވުމުގެ ދަށުން ޙަވާލުކުރަންޖެހޭ 47 (ސާޅީސް ހަތެއް) ބިމުގެ ތެރެއިން އެއްވެސް ބިމެއް ޙަވާލުކޮށްފައިވާކަން އެނގެން ނެތްކަން؛
އެއްބަސްވުމުގެ ދަށުން ދައުލަތުގެ މައްޗަށް އަދާކުރުމަށް ލާޒިމުވާ އަސާސީ އިލްތިޒާމެއް ފުރިހަމަ ނުކުރުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ޙަވާލާދީ ހޯދުމަށް އެދިފައިވާ ބަދަލުގެ މިންވަރަކީ އިންޓަރނޭޝަނަލް އޮޑިޓް ފާރމަކުން ހަދާފައިވާ ހިސާބުތަކެއް ކަމާއި، އަދި މި ހިސާބުތަކަކީ ދައުލަތުންވެސް ބަލައިގެންފައިވާ ހިސާބުތަކެއްކަން އެނގެން އޮންނަކަމާއި، ސީދާ ގެއްލުމާއި ނުސީދާ ގެއްލުމުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ތަކަކީ ދީބާޖާ އިންވެސްޓްމަންޓަށް ލިބޭނޭ މަންފާތަކެއްކަން އެ ފާރމް އިން ހެކިވެފައިވާކަން؛ އަދި
ދީބާޖާ އިންވެސްޓްމަންޓްގެ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވަނީ 2,410,343,581/-ރ (ދެބިލިޔަން ހަތަރުސަތޭކަދިހަ މިލިޔަން ތިންސަތޭކަ ސާޅީސް ތިން ހާސް ފަސްސަތޭކަ އަށްޑިހަ އެއް ރުފިޔާ) ކަމުގައިވާއިރު، އެ ހިސާބުތަކަކީ މުސްތަޤުބަލުގައި ލިބޭނެކަމަށް ލަފާކޮށް ތައްޔާރުކޮށްފައިވާ ހިސާބުތަކެއް ކަމަށްވާތީއާއި، މި ހިސާބުތައް ތައްޔާރު ކުރެވުނުއިރު ހުރި އަގުން މިންކުރާއިރު، ހިސާބުތައް ތައްޔާރުކުރެވުނުއިރު ހުރި އަގު (ނެޓް ޕްރެޒެންޓް ވެލިޔު) އަކީ 6,979,903/92ރ. (ހަމިލިޔަން ނުވަލައްކަ ހަތްދިހަ ނުވަހާސް ނުވަސަތޭކަ ތިންރުފިޔާ ނުވަދިހަ ދެ ލާރި) ކަމާއި މި އަދަދު އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ 50 (ފަންސާސް) އަހަރަށް ގުނަކުރުމުން އަންނަ 348,995,154/60ރ. (ތިންސަތޭކަ ސާޅީސް އަށްމިލިޔަން ނުވަލައްކަ ނުވަދިހަފަސްހާސް ސަތޭކަ ފަންސާސްހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) އަކީ، ހިސާބުތައް ހެދުމުގައި ގެންގުޅޭ ބައިނަލްއަޤުވާމީ މިންގަނޑުކަމަށްވާ "ވެއިޓެޑް އެވްރެޖް ކޯސްޓް އޮފް އިންޓްރެސްޓް" އަށް ރިޢާޔަތްކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމަންޓަށް ދޭންޖެހޭ ބަދަލުގެ މިންވަރުކަން.
ހައިކޯޓުން މައްސަލަ ނިންމި ގޮތް
ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ ގެ ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިޔަށް ދިޔައިރު، މި މައްސަލައަކީ އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގެންފައިވާ މައްސަލައެއް ކަމުގައިވާތީ، މައްސަލަ ހައިކޯޓަށް ބަލައިނުގަނޭވޭކަމަށް ބުނެ ދީބާޖާ އިންވެސްޓްމަންޓްގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނަގާފައިވެއެވެ. މި ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، "އަމިއްލަ ބާރު ނުފޯރާ" ކަންކަމުގެ ތެރޭގައި ވަކި ބާވަތަކަށް ނުވަތަ ވަކި ކަންތައްތަކަށް މަހުދޫދުކޮށްފައި ނެތުމުން، އިސްތިއުނާފުކުރުމަށް ހުށަނޭޅުނު ސަބަބަކީ "އަމިއްލަ ބާރު ނުފޯރާ" ކަމެއްގެ ގޮތުގައި ހައިކޯޓަށް ޤަބޫލުކުރެވޭނަމަ، އެ އިޚްތިޔާރު ހައިކޯޓަށް ބޭނުންކުރެވިދާނެ ކަމުން، މައްސަލަ ހައިކޯޓުގައި ކުރިޔަށް ގެންދިއުމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ ޙުކުމުގައި އެއްބަސްވުމާ ޚިލާފުވެގެން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ބަލަންޖެހޭ އަސާސީ ކަންތައްތަކަށް ބެލުމެއްނެތި، އަދި އެއްބަސްވުމާ ޚިލާފުވިކަން ސާބިތުކުރުމަކައި ނުލައި، އަދި އަޞްލު ދަޢުވާގައި ބަޔާން ނުކުރާ، މުސްތަޤުބަލުގައި ލިބޭނެ ގެއްލުމުގެ ބަދަލެއް ކަމުގައިވާތީ، އެ ޤަޟިއްޔާގެ ޙުކުމް، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށެވެ.
ހައިކޯޓުން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
ހައިކޯޓުގެ ގަވާއިދުގައި އަމިއްލަ ބާރު ނުފޯރާ ކަންކަމަކީ ކޮބައިކަން ބަޔާންކޮށްފައިނުވާއިރު، ޤާނޫނު ނުވަތަ ގަވާއިދުގެ ނައްޞުގައި ވަކި ދާއިރާއެއް ނޫނީ ޠަބީޢަތެއް ނުވަތަ ޚާއްޞަ ކަންކަން ބަޔާންކުރުމާއި ގުޅުވައި ޢާންމު ބަސް މަގެއް ބޭނުން ކޮށްފައި އޮވެއްޖެނަމަ، އެ ޢާންމު ބަސްމަގުގެ މާނަ އެ ޚާއްޞަ ކަންކަމުގެ ދާއިރާގެ ތެރޭގައި ހިފެއްޓުމުގެ ހަމަ (ejusdem generis) އިސްވެބުނެވުނު ގަވާއިދުގެ ނައްޞު ތަރުޖަމާކުރުމުގައި ބޭނުން ނުކުރެވޭނެކަމަށާއި، އަމިއްލަ ކަންކަމާ އެއްފަދަ ކުރާނެ ކަންކަމެއް އެ ނައްޞުގައި ބަޔާންކޮށްދީފައި ނެތްކަމާއި، ޢާންމުގޮތެއްގައި އަމިއްލަ ބާރު ނުފޯރާ ކަންކަމުގެތެރޭގައި، ކުރިން އުންމީދު ކުރެވިފައިނުވާ ބާރެއް / ޙާލަތެއް (force majeure) ކުރިމަތިވުން ހިމެނޭކަމާއި މިފަދަ ކަންކަމުގެ ތެރޭގައި، ގުދުރަތީ ހާދިސާތައް (act of God)، އިންސާނާގެ ޢަމަލުން ކުރިމަތިވާ ކަންކަން (act of man) އަދި ޤާނޫނު ހަދާ ފަރާތުން ފާސްކުރާ ޤާނޫނެއްގެ ސަބަބުން ކުރިމަތިވާ ކަންކަން (act of legislature) ހިމެނޭކަމާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/14 ޤަޟިއްޔާ ] އެޓަރނީ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝަރީފް[ ގެ އަލީގައި "އަމިއްލަ ބާރު ނުފޯރާ" ކަންކަމުގެ ގޮތުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަކީ "އަމިއްލަ ބާރު ނުފޯރާ" ކަންކަމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމާއިމެދު ދެބަހެއް ނެތްކަމާއި، ނަމަވެސް ހައިކޯޓު ޤަވާޢިދުގެ 29 ވަނަ މާއްދާގައި "އަމިއްލަ ބާރު ނުފޯރާ" ކަންކަމުގެ ތެރޭގައި ވަކި ކަންތައްތަކެއް މަޙްދޫދުކޮށްފައި ނެތުމުން، އެފަދަ ކަމެއްގެ ގޮތުގައި ހުށަހަޅާ ކަމަކީ ޤަބޫލުކުރެވޭ މަޤުބޫލު ސަބަބެއްނަމަ، ޤާނޫނުން ހައިކޯޓަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން ކުރެވިދާނެކަމާއި، މިގޮތުން މި މައްސަލައަކީ ހައިކޯޓުގެ ފަނޑިޔާރުން ބަލައިގަނެ ކުރިއަށް ގެންދަން ނިންމާފައިވާ މައްސަލައެއްކަން؛
ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލައިގެ ވަޤާއިޢުތައް ދެނެގަތުމުގައި ކަންކޮށްފައިވަނީ ފާޅުކަން ބޮޑުގޮތެއްގައި ގޯސްކޮށް ކަމަށް ފެންނަން އޮތްނަމަ، ފުރަތަމަ މަރުޙަލާގެ ކޯޓުން ހޯދާފައިވާ ވަޤާޢިއުގެ ތެރެއިން އިސްތިއުނާފީ ކޯޓަށް ވަދެވޭނެކަން ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/36 ] އަބްދުﷲ އާނިޝް އަދި އެހެން ފަރާތްތައް ވ. ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް[ އާއި، 2013/SC-A/37 ] އަބްދުﷲ ޝަޒްމީލް ވ. ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް[، އަދި 2015/SC-A/27 ޤަޟިއްޔާ] ސްޓޭޓް ބޭންކް އޮފް އިންޑިއާ ވ. އަޙްމަދު ޙަމީދު[ އަށް ބެލުމުން އެނގޭތީ މި މައްސަލައިގެ ވަޤާއިޢުތައް ހައިކޯޓުން ބެލޭނެކަން އެނގޭކަން؛
ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުމުން އެނގޭގޮތުގައި، ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކެނޑިފައިވަނީ ހަމައެކަނި ބ.ފުޅަދޫ އާ ފެހެންދޫއާ ދެމެދު ނޫންކަމާއި، ދަތުރުފަތުރުގެ ޚިދުމަތް ދިގު މުއްދަތަކަށް ބ.އަތޮޅުގެ ދެކުނުބިތުން މެދުކެނޑިފައިވާކަމާއި، އެކަމަކީ ތަކުރާރުވަމުން އަންނަ ކަމެއްކަންވެސް އެނގެން އޮންނަކަމާއި، އުތުރު ޕްރޮވިންސްގައި އެ ކުންފުނިން ދެމުންދަނީ "ވަގުތީ ޚިދުމަތް" އެއްކަން 26 މެއި 2013 ގައި ދިބާޖާ އިންވެސްޓްމަންޓުން ފޮނުވި ސިޓީން ސާފުކޮށް އެނގެން އޮންނަކަމާއި، އެގޮތުން ނ،ރ،ބ އަދި ޅ، މި ކޮންމެ އަތޮޅަކަށް އޮންނަނީ 1 (އެކެއް) ދޯނި ކަމަށް ބަޔާންކޮށްފައިވާއިރު، މި އަދަދަކީ އެއްބަސްވުމުގައި ބަޔާންކުރާ "އެސެންޝަލް ފެރީ" އޮޕަރޭޓް ކުރަންޖެހޭ މިންވަރަށްވުރެވެސް މަދު އަދަދެއްކަން އެނގޭކަން؛
އެއްބަސްވުމުގެ ދަށުން "ވަގުތީ ޚިދުމަތް" ދޭންޖެހެނީ ފުރަތަމަ 03 (ތިނެއް) މަސްދުވަހުގައި ކަމާއި، އެއްބަސްވުމުއްގެ ދަށުން 26 މެއި 2013 ގައި އަނެއްކާވެސް "ވަގުތީ ޚިދުމަތް" ދޭން ފަށާ ކަމަށް ދިބާޖާ އިންވެސްޓްމަންޓުން ބަޔާންކުރުމަކީވެސް އެއްބަސްވުމުގައި އޮތްކަމެއް ނޫންކަން؛
ސިވިލް ކޯޓުގެ ޤަޟިއްޔާގައި Exceptio non adimpleti contractus (އެކްސެޕްޓިއޯ ނޮން އެޑިމްޕްލެޓި ކޮންޓްރެކްޓަސް) މި ޤައިދާ މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަން؛
ސިވިލް ކޯޓުގެ ނިންމުމުގައި ދެ ފަރާތުގެ މެދުގައިވާ އެއްބަސްވުމަކީ ވިޔަފާރީގެ އުޞޫލުން ޚިދުމަތް ދިނުމާއި ޚިދުމަތް ލިބިގަތުމުގެ އެއްބަސްވުމެއްކަމަށް ބަޔާންކޮށް،ޚިދުމަތްދޭ ފަރާތަށް ގެއްލުން ކުރިމަތި ނުވާނޭ ފަދައަކުން އެފަދަ ތަންތަނުގެ ނަފާ ލިބިގަނެވޭނެ ގޮތް ހަދައިދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއްކަމުގައި ބަޔާންކޮށް ނިންމާފައިވުމަކީ ދެ ފަރާތުގެ މެދުގައި އޮތް އެއްބަސްވުމަކީ ތިޖާރީ ނުވަތަ އިދާރީ އެއްބަސްވުމެއްކަން ނުވަތަ ނޫންކަން ދެނެ ނުގަނެ ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، އެއީ ރަނގަޅު ނިންމުމެއް ނޫންކަން؛ އަދި
މި ދަޢުވާއަކީ އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓަށް ލިބުނު ސީދާ މާލީ ގެއްލުމުގެ ބަދަލެއް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއެއް ކަމުގައިވާއިރު، އެ ގެއްލުންތަކުގެ ތަފްސީލް ޝަރީއަތަށް ސާބިތުކޮށްނުދެނީސް، މުސްތަޤުބަލުގައި ލިބޭނެ މާލީ މަންފާ ލަފާކޮށް ނަގާދީފައިވާ ބަދަލަކީ، އެއްބަސްވުމާ ޚިލާފުވެގެން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ބަލަންޖެހޭ އަސާސީ ކަންތައްތަކަށް ބެލުމެއްނެތި، އަދި އެއްބަސްވުމާ ޚިލާފުވިކަން ސާބިތުކުރުމަކާ ނުލައި އަޞްލު ދަޢުވާގައި ބަޔާންނުކުރާ ގެއްލުމުގެ ބަދަލެއް ލިބިދިނުންކަން.
ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގެ ނިންމުން ދީބާޖާ އިންވެސްޓްމަންޓުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46ޤަޟިއްޔާ ]ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް)[ އިން ބަލާފައިވެއެވެ.
އެ ޤަޟިއްޔާގައި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޤާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތު ފާއިތުވެ ދިޔަފަހުން، އެ މައްސަލަ ހައިކޯޓަށް ބަލައިގަނެ، މަޢުޟޫޢީގޮތުން އެ ޤަޟިއްޔާގެ ފައިޞަލާކޮށްފައިވަނީ އިސްތިޤްރާރުވެފައި އިޖުރާއީ އުސޫލުތަކާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމުގައި ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ ބާޠިލްކޮށެވެ.
ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްވެ ބުނެވުނު ފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ކޯޓުތަކާއި ޓްރައިބިއުނަލުތަކުގެ ޙުކުމްތަކާއި އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤު މިޒަމާނުގެ އެންމެހައި ޖުރިސްޑިކްޝަންތަކުގައި ޤާނޫނީގޮތުން ތަންޒީމު ކުރެވިފައިވަނީ ދަށު މަރުޙަލާގެ ކޯޓުގެ ޙުކުމް އިއްވާ ދުވަހުން ފެށިގެން ކަނޑައެޅިގެންވާ ވަކި މުއްދަތެއް ފާއިތުވުމުގެ ކުރިން އެ ޙައްޤުގެ ބޭނުންހިފުން ލާޒިމުވެގެންވާ އުސޫލުކަމާއި، މިގޮތުން ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތު މިޒަމާނުގެ ޤާނޫނީ ނިޒާމުތަކުގައި ކަނޑައަޅަނީ އުޞޫލީ ދެކަމެއް ވަޒަންކުރުމަށްފަހު ކަމާއި؛ ފުރަތަމަ ކަމަކީ ލަސްވުމެއްނެތި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓުތަކުގައި ބެލެވޭ ޚުޞޫމަތްތައް ނިމި މީސްތަކުންގެ ޙައްޤުތަކަށް ސާބިތުކަމާއި އިސްތިޤުރާރުކަން ލިބުމުގެ ޟަރޫރަތްތެރިކަން، އަދި ދެވަނަ ކަމަކީ ޚަޞްމުންނަށް ފުރަތަމަ މަރުޙަލާގެ ކޯޓުގައި ހުށަނޭޅި ފާއިތުވެފައި އޮވެދާނެ ދިފާޢީ ޙުއްޖަތްތަކާއި ދަލީލުތައް ހުށަހެޅުމަށާއި، މައްސަލައިގެ ވަޤާއިޢުތައް (facts) ތަކްޔީފު ކުރުމުގައްޔާއި، ޤާނޫނު މާނަކުރުމުގައްޔާއި، ޤާނޫނު ތަޠުބީޤުކުރުމުގައި ހެދިފައި އޮވެދާނެ ކުށްތައް އިޞްލާޙުކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓެއްގެ ކުރިމަތީގައި ޠަޢުނުކޮށް އަލުން ބެލުމުގެ ފުރުޞަތު ޚަޞްމުންނަށް ހުޅުވާލުމުގެ ޟަރޫރަތްތެރިކަން ކަމާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅިފައިވަނީ މި ދެކަމުގެ މެދުގައި ވަޒަންކޮށްގެން ކަމާއި، ޚާއްޞަ ޤާނޫނަކުން އެހެންގޮތަކަށް ކަނޑަނާޅާ އެންމެހައި ޙާލަތްތަކުގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތަކީ ކަމާބެހޭ އިޖުރާއާތުގެ ޤާނޫނުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ ޢާންމު މުއްދަތުކަން؛
ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ23 އޮކްޓޫބަރު 2014 ގައި ކަމުގައިވާތީ، އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުގައި ޢަމަލުކުރަންވާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިންކަމާއި، އެގޮތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ 12 މާރިޗު 2015 ކަން؛
ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފު ނުކުރެވުނު ބައެއް ސަބަބުތައް ފާހަގަކޮށް، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ފުރުޞަތު ދައުލަތަށް ދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ސިޓީ ފޮނުވާފައިވަނީ 17 މެއި 2015 ގައި ކަމާއި، އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 22 ޖުލައި 2015 ގައިކަން؛
އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބެއް މެދުވެރިވެފައިވާކަން ކަނޑައެޅުމުގެ އިޚްތިޔާރީ ބާރު ހައިކޯޓަށް ލިބިގެންވީ ނަމަވެސް، އެކަން ކުރަންވާނީ ޤާނޫނީ މަންޠިޤު ޤަބޫލުކުރާ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެންކަން؛
އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހުށަނޭޅުނުކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ ސިޓީގައި މައިގަނޑު ދެ ސަބަބެއް ބަޔާންކޮށްފައިވާކަމާއި، ފުރަތަމަ ސަބަބަކީ، ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބި ލަސްވެފައިވުންކަމާއި، ދެވަނަ ސަބަބަކީ ބުނުވެނު އިސްތިއުނާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް މައްސަލަ ޙަވާލުކޮށްފައިވާ އެ އޮފީހުގެ ވަކީލަށް އިރުޝާދު ދީފައި ވީނަމަވެސް، އެ ވަކީލުގެ އިހުމާލުން، އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެގެންދިޔައިރުވެސް މި މައްސަލަ އިސްތިއުނާފުކޮށްފައި ނުވުންކަން؛
ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ 23 އޮކްޓޫބަރު 2014 ގައި ކަމުގައިވާއިރު، އެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު އެޓަރނީ ޖެނެރަލްގެ އޮފީހަށް 05 ފެބުރުވަރީ 2015 ގައި ލިބިފައިވާ ކަމާއި، އެ ތާރީޚަކީ ބުނުވެނު ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ފާއިތުވުމުގެ 01 (އެކެއް) މަސް ދުވަހަށްވުރެ ކުރީގެ ތާރީޚެއްކަން؛
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަކީލުގެ އިޙްމާލުން އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އެ ޤަޟިއްޔާ އިސްތިއުނާފުކުރެވިފައި ނުވުމަކީ، އޭގެ ޒާތުގައި އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކޮށް ލަސްކުރުމަށް އޮތް މަޤުބޫލު އުޒުރެއް ނޫންކަމާއި، އެހެނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަކީ ސީދާ އެޓަރނީ ޖެނެރަލްގެ ބެލުމާއި އިރުޝާދުގެ ދަށުން މަސައްކަތްކުރާ އެޓަރނީ ޖެނެރަލްގެ ފުރިހަމަ އޮތޯރިޓީ އެ ބައެއްގެ މައްޗަށް ހިނގާ އަދި އެޓަރނީ ޖެނެރަލްއަށް ޖަވާބުދާރީވާންޖެހޭ ބައެއް ކަމުގައިވާއިރު، އެ ފަރާތްތަކުގެ އިޙުމާލުން މައްސަލަ އިސްތިއުނާފަށް ހުށަހެޅުން ލަސްވުމަކީ އެޓަރނީ ޖެނެރަލްއަށް ބާރު ނުފޯރާ ސަބަބެއްކަމަށް ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތްކަން؛ އަދި
އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2015/HC-A/271 ޤަޟިއްޔާގައި ހުށަހަޅާފައިވާ ސަބަބަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) އާއި، 01 މާރިޗު 2011 ގައި ޢަމަލަކުރަން ފެށި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބުތަކެއް ކަމަށް ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތީސް، އެ ސަބަބުތަކީ އަމިއްލަ ބާރު ނުފޯރާ ސަބަބުތަކެއް ކަމަށް ބަލައި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިގަނެ، އެ މައްސަލަ މައުޟޫޢީ ގޮތުން ބަލައި ފައިސަލާކޮށްފައިވަނީ އިސްތިޤްރާރުވެފައިވާ އިޖުރާއީ އުސޫލުތަކާ ޚިލާފަށްކަން.
ސުޕްރީމް ކޯޓުގެ ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅުން
ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމުން، 03 މާރިޗު 2020 ގައި މައްސަލަ ހުށަހެޅުމުގެ ހުއްދަ ދީފައިވެއެވެ. ދައުލަތުގެ ފަރާތުން މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ މައިގަނޑު 03 (ތިނެއް) ނުކުތާއެވެ. އެއީ:
ފުރަތަމަ ނުކުތާއަކީ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގައި އަމިއްލަ ބާރު ނުފޯރާ ސަބަބުތަކެއް ކަނޑައެޅި ނަމަވެސް، އެ ސަބަބުތައް ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމުގެ މައްޗަށް ތަޠުބީޤުކުރެވޭނެ ޤާނޫނީ އުސޫލެއް ނެތް ކަމަށާއި، ކޯޓުގެ ނިންމުމެއް މާޟީއަށް ރުޖޫޢަވާގޮތަށް (retrospective) ތަޠުބީޤުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޝީދު އާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން (ވަކި ފަރާތެއްގެ މައްޗަށް ރައްދުނުވާގޮތަށް) ހުށަހެޅުމުން ހިންގާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-C/06 ޤަޟިއްޔާ (މީގެ ފަހުން "ފްލޯ ކްރޮސިންގް މައްސަލަ") ގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގައި ބަޔާންކޮށްފައިވާ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ނިންމުމެއް އަލުން ބަލައި މުރާޖަޢާކުރެވިދާނެ އެއް ޙާލަތްކަމުގައިވާ "ނިޒާމް ޢާންމު" އާ ޚިލާފު އިޖުރާއަތެއްކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދެވަނަ ނުކުތާއަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގައި ހުށަހަޅާފައިވާ ސަބަބުތަކަކީ، އަމިއްލަ ބާރު ނުފޯރުވޭފަދަ މަޤުބޫލު ސަބަބުތަކެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ދައުލަތަށް ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤަށް ހުރަސް އެޅުންކަމާއި، މިއީ ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންސާފަށް ހުރަސް އެޅުންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ތިންވަނަ ނުކުތާއަކީ، ސުޕްރީމް ކޯޓުގެ މި ނިންމުމުގެ ސަބަބުން، ސިވިލް ކޯޓުގެ ނަންބަރު1124/Cv-C/2014 ޤަޟިއްޔާގެ ޙުކުމް ދެމެހެއްޓިގެންދާއިރު، އެ ޙުކުމުގައިވާ ފައިސާގެ ޢަދަދަށް ވާސިލުވީގޮތެއް އަދި ރިޢާޔަތްކުރެވުނު ކަންކަމުގެ މަޢުލޫމާތު، އެ ނިންމުމުން އެނގެން ނެތްއިރު، އަދި އެ ޤަޟިއްޔާގެ މަޢުޟޫޢަށް މަތީ މަރުޙަލާގެ ކޯޓަކުން ގޮތެއް ކަނޑައަޅާފައިވާ ޞައްޙަ ނިންމުމެއް ނެތްއިރު، އެއްވެސް އަސާސެއް ނެތި ދައުލަތުގެ މާލިއްޔަތުން އެ ޙުކުމުގައި ވާފަދަ ބޮޑު ޢަދަދެއް ދީބާޖާ އިންވެސްޓްމަންޓަށް ދޭންޖެހުމަކީ، ޢާންމު މަޞްލަޙަތު ފުށުއަރާ އަދި ސިވިލް ކޯޓުގެ އެ ނިންމުމަށް މަތީ މަރުޙަލާގެ ކޯޓަކުން ގޮތެއް ކަނޑަނޭޅި، އެ ނިންމުމަށް ފައިޞަލާކުރުވަނިވި ބާރު ލިބިގެންދިޔުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންޞާފަށް ހުރަސްއެޅުންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދީބާޖާ އިންވެސްޓްމަންޓްގެ ފަރާތުން ފާހަގަކުރާ އިޖުރާޢީ އިއުތިރާޒުތައް
މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މުރާޖަޢާކުރެވޭނެ މައްސަލައެއް ނޫންކަމަށް ބުނެ ދިބާޖާ އިންވެސްޓްމަންޓުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި "ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި އަދި ޝަރީޢަތުން ބަލާ އެ ނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ" މިފަދައިން ބަޔާންކޮށްފައިވާއިރު، ދައުލަތުގެ ފަރާތުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޙުކުމަކީ، ކަނޑައެޅި ނިޔާގެ ބާރު (force of res judicata) ލިބިގެންވާ ނިހާއީ ޙުކުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛
ކަމާބެހޭ ކޯޓަށް އިސްތިސްނާ ގޮތަކަށް އަލުން ބަލައި މުރާޖަޢާކުރުމުގެ އިޚްތިޞާޞް ލިބިގެންވަނީ "ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށް ނިމިފައިވާ މައްސަލަތައް" ކަމުގައިވާއިރު، އަދި އެފަދަ މައްސަލަތައް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ މިންގަނޑަކީ، އެ މައްސަލައަކީ ޚަޞްމުންގެ ޙައްޤު ގެއްލޭފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ބިނާވެގެންވާ މައްސަލައަކަށްވުން ކަމުގައިވާއިރު، މުރާޖަޢާކުރުމަށް ހުށަހެޅިފައިވާ މިވާ ޤަޟިއްޔާ މުރާޖަޢާކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ނުކުތާތަކީ ޙަޤީޤަތުގައި ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކުރެވުނު ސުޕްރީމް ކޯޓުގެ މުރާޖަޢާ މި ކުރެވޭ ޤަޟިއްޔާގެ ދަޢުވާގެ ޖަވާބުގައި ވެސް ދައުލަތުން ހުށަހަޅާފައިވާ ނުކުތާތައް ކަމާއި، އެ ނޫން އިތުރު އިސްތިސްނާއީ އެއްވެސް ސަބަބެއް ހުށަހަޅާފައިނުވާކަން؛
ބަންޑާރަ ނާއިބުގެ މަސްޢޫލިއްޔަތާއި ވާޖިބުއަދާކުރުމުގައި އޭނާ ތަބާވާންޖެހޭނީ ހަމައެކަނި ޤާނޫނުއަސާސީއަށާއި، ޤާނޫނަށް ކަމަށާއި، އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަށް ނުހިންގޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ޅ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، މި މައްސަލަ މުރާޖަޢާކުރަންޖެހޭ ފަދަ ޖައުހަރީ ސަބަބެއް ނެތީސް، އެ މައްސަލަ މުރާޖަޢާކުރުމަށް ބަންޑާރަނާއިބުގެ ފަރާތުން ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 133 ގެ (ޅ) އާ ޚިލާފަށް ސިޔާސީ ނުފޫޒެއްގެ ދަށުންކަން؛ އަދި
މުރާޖަޢާކުރުމުގެ މައްސަލައެއް "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" އަކުން މިފަދަ މައްސަލައެއް ހުށަހެޅިދާނެކަމަށް ޤަބޫލުނުކުރެވޭކަމާއި، ބާޠިލު އިޖުރާއަތުގެ މައްޗަށް ހުށަހެޅިފައިވާ ފޯމެއްކަން.
ދައުލަތުން މައްސަލަ މުރާޖަޢާކުރުމަށް އެދި ހުށަހެޅި ނުކުތާތަކުގެ ރައްދު
ދައުލަތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރައްދުދެމުން، ދީބާޖާ އިންވެސްޓްމަންޓުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 05 (ފަހެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
ދައުލަތުން ހުށަހެޅި ފުރަތަމަ ނުކުތާގެ ރައްދުގައި ދީބާޖާ އިންވެސްޓްމަންޓުން ބުނެފައިވަނީ، ކޯޓުތަކުގެ ޤާނޫނުންނާއި ހައިކޯޓުގެ ގަވާއިދުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިދީފައިވާ އިޚްތިޔާރީ ބާރުގެ ބޭނުންކުރަންވާނީ، އިސްތިއުނާފަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާ ސަބަބެއްތޯ ވަޒަންކުރުމުގައި ކަމަށާއި، އެ ބާރުގެ ބޭނުންކުރުމުގައި "ތަޢައްސުފު" އަކާ ނުލައި، ބޭނުންކުރަން ޖެހޭ ކަމާއި، އެއީ މުޠުލަޤު ބާރެއް ނޫންކަމުން އެ ބާރު ހައިކޯޓުގެ ފަނޑިޔާރުން ބޭނުންކުރަންވާނީ، ޤާނޫނީ މަންޠިޤު ޤަބޫލުކުރާ ހަމަތަކެއްގެ މަތިންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުރާޖަޢާ މި ކުރެވޭ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޚްތިޔާރީ ބާރު ބޭނުންކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށްތޯ ސުޕްރީމް ކޯޓުން ބަލައި ވަޒަންކުރުމުގައި، މި ޒަމާނުގެ ޖުރިސްޑިކްޝަންތަކުގެ ޤަޟާއީ ނިޒާމުތަކާއި، ޖުރިސްޕްރޫޑެންސްގައި ބަލައިގެންފައިވާ އަމިއްލަ ބާރު ނުފޯރާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންތައް ބަޔާންކުރުމަކީ އެއީ އެއްވެސް ޙާލެއްގައި ޤާނޫނީ ގަވާއިދުތަކެއް އަލަށް ވުޖޫދުކުރުން ނޫންކަމާއި، ނަމަވެސް އެއީ، ދިމިޤްރާޠީ މުޖުތަމަޢުތަކުގައި ބަލައިގެންފައިވާ އަމިއްލަ ބާރު ނުފޯރާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ބަޔާންކޮށް އޭގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމާފައިވުމަކީ ކޯޓުގެ ނިންމުމެއް މާޟީއަށް ރޫޖުޢަވާގޮތަށް ތަޠުބީޤުކުރުން ކަމަށް ބުނެ، ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ޤާނޫނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާވާ ވާހަކަތެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ސިވިލް ކޯޓުގެ ނަންބަރު1124/Cv-C/2014 ޤަޟިއްޔާއަކީ މަދަނީ ވިޔަފާރީގެ އެއްބަސްވުމެއް ކަމުގައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޝީދު އާއި ފްލޯ ކްރޮސިންގް މައްސަލައަށް ބެލުމުން، އެ ދެ ޤަޟިއްޔާއަކީ ވެސް މަދަނީ އަދި ކޮމާޝަލް ނުވަތަ ވިޔަފާރީގެ ޙައްޤަކާ ގުޅުމެއް ނެތް ދެ މައްސަލަ ކަމުގައިވާއިރު، އެ ދެ ޤަޟިއްޔާގައި "ނިޒާމް ޢާންމު" އާ ޚިލާފު އިޖުރާއަތެއްގެ މައްޗަށް ބިނާކޮށްފައި އޮންނަ ޙުކުމެއް ހިމެނޭ މައްސަލައެއް، އިސްތިސްނާ ޙާލަތެއްގައި އަލުން ބަލައި މުރާޖަޢާކުރެވިދާނެ ކަމަށް އޮތް ޚާއްޞަ ޙާލަތަކީ މި ޤަޟިއްޔާގެ މައްޗަށް ތަޠުބީޤުކުރެވޭ ޙާލަތެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާގެ ރައްދުގައި ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަނޭޅުނީ އަމިއްލާ ބާރު ނުފޯރާ ފަދަ މަޤުބޫލު ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަން، މުރާޖަޢާ މި ކުރެވޭ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ 6 ވަނަ އަދި 7 ވަނަ ޕެރެގްރާފުން އެނގެން އޮންނައިރު، އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ޤާނޫނީ ސަބަބުތައް "ތަފްނީދު" ނުވަތަ "ރެފިޔުޓް" (refute) ކުރެވޭނޭ އެއްވެސް ޙުއްޖަތެއް ހުށަހަޅާފައި ނުވާކަމާއި، ދައުލަތުން ހުށަހަޅާފައިވާ ސަބަބުތަކަކީ އަމިއްލަ ބާރު ނުފޯރާ ސަބަބުތަކެއް ނޫންކަން، 27 ނޮވެންބަރު 2019 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ބަންޑާރަ ނައިބު ދައްކާފައިވާ ވާހަކަތަކުންވެސް އެނގޭކަމުން، އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލުމުގެ އަސާސަކީ ޚުދު އެ ފަރާތުންވެސް ޤަބޫލުނުކުރާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތެއް ކަމަށް ދެކޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާގެ ރައްދުގައި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ ޙުކުމަށް އެ ކޯޓުން ވާސިލުވި ސަބަބުތައް (ratio decidendi) އެ ޙުކުމުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާކަމާއި، އެ ޙުކުމް އިސްތިއުނާފަށް ހުށަނޭޅުނީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިގެންކަން ދައުލަތަށް ސާބިތުކޮށް ދެވިފައި ނުވާއިރު، ދީބާޖާ އިންވެސްޓްމަންޓަށް ދައްކަންޖެހޭ ފައިސާގެ އަސާސަކީ ސިވިލް ކޯޓުގެ ޙުކުމްކަން އެނގެން އޮންނައިރު، އެ ޙުކުމަށް ތަބާވުމަކީ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މައްޗަށް ވާޖިބުގެންވާ ކަމެއްކަމާއި، ތަންފީޒީ ބާރު ލިބިގެންވާ ޙުކުމެއް ތަންފީޒު ނުކުރުމަކީ ޙަޤީގަތުގައިވެސް މަޞްލަޙަތު ފުށުއަރާ އަދި ޢަދުލުއިންޞާފަށް ހުރަސް އެޅުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މައްސަލަ މުރާޖަޢާ ކުރެވިދާނެތޯ؟
ދައުލަތުގެ ފަރާތުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޙުކުމަކީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން މުރާޖަޢާ ކުރެވޭނެ ނިންމުމެއް ނޫންކަމުގައި ދީބާޖާ އިންވެސްޓްމަންޓުން ދެކެއެވެ. އެހެން ނަމަވެސް، ދައުލަތުގެ ފަރާތުން ދެކޭގޮތުގައި އެ ނިންމުން މުރާޖަޢާ ކުރުމުގެ ފުރިހަމަ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.
އިސްތިއުނާފީ ކޯޓުތައް ހިމެނޭގޮތުން، ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ކޯޓުތަކަކީ ޤާނޫނުއަސާސީންނާއި ޤާނޫނުން ބާރުލިބިގެން ވުޖޫދުވެ މަސައްކަތްކުރާ ކޯޓުތަކަކަށް ވާންޖެހޭކަމުން، ދައުލަތުގެ ފަރާތުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބެލޭނެކަން ނުވަތަ ނޫންކަން ކަނޑައަޅަން ޖެހެއެވެ.
މާޒީގައި ސުޕްރީމް ކޯޓުން ކަންކޮށްފައިވާގޮތް
މި ބާވަތުގެ މައްސަލަތަކާމެދު ސުޕްރީމް ކޯޓުން މީގެ ކުރިން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) މުރާޖައާ ކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ނިންމުންތައް، އަލުން ބަލައި ދިނުން ނުވަތަ ރިވިއު ކޮށްދިނުން އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ކޯޓުން ކުރިން ކޮށްފައިވާ ޙުކުމްތައް މުރާޖައާ ކުރުމަށްފަހު، އެ ޙުކުމްތަކަށް ބަދަލު ގެނެސްފައިވާކަން އެނގެއެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރުމަށްފަހު، ކޯޓުގެ ނިންމުމަށް ބަދަލު ގެނެސްފައިވާ ބައެއް މައްސަލަތައް ތިރީގައި ފާހަގަކުރަމެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޝީދު (2016) ގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޙުކުމެއް ކަމަށާއި، އެ ނިންމުން އިސްތިއުނާފު ކުރުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައި ނުގަތުމަށް އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމުގައިވާތީ، އެ ނިންމުމަކީ ޞައްޙަ ނިންމުމެއްކަމުގައި ކަނޑައަޅައި، 14 ޖަނަވަރީ 2016 ގައި ކުރި ޙުކުމް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޝީދު (2018) ގައި އަލުން މުރާޖައާކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ ގޮތުގައި ހިންގުނު މައްސަލަ އެ ކޯޓަށް ބަލައިގަނެ އެ މައްސަލައިގެ މައުޟޫޢުގެ މައްޗަށް ފައިސަލާކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނޫން ކަމުގައި ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ (ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ) ޙުކުމް ބާޠިލުކަމުގައި ސުޕްރީމް ކޯޓުން 26 ނޮވެންބަރު 2018 ގައި ކަނޑައަޅާފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޝީދު (2016) މުރާޖައާ ކުރުމަށް ބަލައިގަތް ސަބަބުތަކެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޝީދު (2018) ގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން:
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކޮށްފައިވާ އަމަލަކީ މަޝްރޫޢިއްޔަތުކަން (legality) ލިބިގެންވާ އަމަލެއް ކަމުގައި ނުވުމަކީ އެ އަމަލަކީ ޓެރަރިޒަމްގެ އަމަލެއް ކަމުގައި ބަލަން ޖެހޭ ސަބަބެއް ނޫންކަން؛
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކޮށްފައިވާ އަމަލަކީ އެފަރާތަށް ޤާނޫނީގޮތުން ލިބިފައިވާ ބާރުގެ ތެރެއިން ކޮށްފައިވާ އަމަލެއްކަމުން، އެ އަމަލަކީ ޓެރަރިޒަމްގެ އަމަލެއް ކަމުގައި ބަލަން ނުޖެހޭހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ހިންގުނު މައްސަލައިގެ ދައުވާ އެ ކޯޓަށް ޝަކްލީ ގޮތުން ބަލައިގަތުމަކީ އޭގެ ޒާތުގައި ބާޠިލުކަމެއްކަން؛
ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ހުކުމެއް ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޝީދު (2016) ގައި ފާހަގަކޮށްފައިވާ ނަމަވެސް، އެއީ އިސްތިސްނާއެއް ނެތި، މުޠުލަޤު ގޮތެއްގައި ތަޠުބީޤުކުރެވޭ މަބްދައުއެއް ނޫންކަން؛ އަދި
މައްސަލައެއްގެ ނިންމުމަކީ "ނިޒާމު ޢާންމު" އާ ޚިލާފު އިޖުރާއަތުގެ ތެރެއިން ކޮށްފައިވާ ހުކުމެއްނަމަ، އެ ހުކުމެއް މުރާޖައާކުރުމުގެ ފުރުސަތު ލިބުމަކާނުލައި ފައިސަލާކުރުވަނިވި ބާރު ލިބިގެން ދިއުމަކީ އަދުލު އިންސާފަށް ހުރަސް އެޅުން ކަން؛
ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އެ ޤަޟިއްޔާގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޝީދު (2016) އަކީ ހައިކޯޓުގެ ނިންމުން ޤާނޫނާއި ހިލާފުކަމަށް ގަބޫލުކުރެވިގެން ހުށަހެޅުނު އިލްތިމާސް މައްސަލައެއް ނޫންކަންވެސް ފާހަގަކޮށްފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނާޡިމް ގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގެ އިސްތިއުނާފީ މައްސަލައިގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހިންގި އެ ކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުމުން، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 16 ވަނަ މާއްދާއަށް ޙަވާލާދީ، އެޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ ދަށުން އަޙްމަދު ނާޡިމް ޖަލަށްލުމަށް 06 އޭޕްރީލް 2015 ގައި ކުރި ޙުކުމް، އަޙްމަދު ނާޡިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އިން މުރާޖައާކޮށް، ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުމުން ބެލުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނާޡިމް އަށް ބަދަލު ގެންނަންޖެހޭކަމަށް ކަނޑައަޅައި، ބުނެވުނު ޙުކުމް ސުޕްރީމް ކޯޓުން 13 ޑިސެންބަރު 2018 ގައި ބާޠިލުކޮށްފައިވެއެވެ.
އަޙްމަދު ނާޡިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގައި، މައްސަލަ ރިވިއުކުރުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނާޡިމް (2014) ރިވިއުކޮށް ދިނުން އެދި ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، އެ މައްސަލައިގެ ޙުކުމް އިލްތިމާސްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އިލްތިމާސްކުރުމަށް އޮންނަ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން، މަޤުބޫލު އުޛުރެއް ފާހަގަކުރުމަކާއި ނުލައިކަން؛
އިލްތިމާސްގެ މުއްދަތު ހަމަވެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއެއް ނެތް ޙާލަތުގައި ކަމުގައި ވުމުން، ޕްރޮސިކިއުޓަރ ޖެނެރަލެއް ޢައްޔަނު ކުރެވުމާއެކު އެ ފަރާތަކުން އިސްތިއުނާފީ މައްސަލަތަކަށް ފިޔަވަޅު އެޅުމަށް އަހަންމިއްޔަތުކަން ދީގެން މަސައްކަތް ކުރަންވާނެ ކަމުގައިވާހިނދު، ޕްރޮސިކިއުޓަރ ޖެނެރަލްއެއް ޢައްޔަން ކުރުމާއި މައްސަލަ އިލްތިމާސްއަށް ހުށަހެޅުމާއި ދެމެދު (22 ޖުލައި 2014 އިން 03 ސެޕްޓެންބަރު 2014 އަށް) ހިނގާފައިވާ މުއްދަތަކީ އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއްކަން؛
ދައުލަތަށްވެސް ފެންނަ ކަމުގައި ބަޔާންކޮށްފައިވާތީ، އެކަންކަމަށް ރިޢާޔަތްކޮށް،އޭރު އެ ހާލަތުގައިވެސް އިސްތިއުނާފު ކުރުމުގެ ހުއްދަދިނުމުން ބެލުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނާޡިމް ބަލައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމުގައެވެ.
އިސްވެ ޙަވާލާދީފައިވާ މައްސަލަތައް ނިންމުމުގައި، ސުޕްރީމް ކޯޓުގެ ނިންމުން އަލުން މުރާޖައާކުރި ސަބަބު އެ މައްސަލައެއްގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ސަބަބުތަކަކީ ކޮންމެ މައްސަލައެއްގައި ވެސް ކަންހިނގާފައިވާ ގޮތަށް ބަލައި، ކަނޑައަޅާފައިވާ ކަނޑައެޅުންތަކެއް ކަމުގައި ބެލެވެއެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމެއް ހަމަ އެ ކޯޓުން އަލުން ބެލުމަކީ ނުވަތަ މުރާޖައާ ކުރުމަކީ އައު ކަމެއް ނޫންކަން، އަދި އެކަން ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމާމެދު ސުވާލު އުފެދިފައި ނުވާކަން ފާހަގަވެއެވެ.
ފައިނޭލިޓީ އޮފް ޖަޖްމަންޓް
ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދީ، ދައުލަތުގެ ފަރާތުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު (force of res judicata) ލިބިގެންވާ ނިހާއީ ޙުކުމެއް ކަމަށް ދިބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ބުނެއެވެ. އެހެންކަމުން މިނުކުތާއަށް ބަލާއިރު، ރެސް ޖުޑިކާޓާގެ މަބްދައުއާ ގުޅޭގޮތުން ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި އަލިއަޅުވާލާފައިވާކަން ފާހަގަކޮށް، މިއީ ރެސް ޖުޑިކާޓާގެ މަބްދަޢު ތަޠުބީޤުކުރެވޭނެ ޙާލަތެއް ނޫންކަން ބަޔާންކުރުން މުހިންމުކަމުގައި ދެކެމެވެ.
ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމުގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ، ކޯޓުތައް ގިންތި ކުރުމުގައި ސުޕްރީމް ކޯޓުގެ މަޤާމަށް، އަދި ޤާނޫނީ މަބްދައުއެއް ކަމުގައިވާ "ފައިނޭލިޓީ އޮފް ޖަޖްމަންޓް" (finality of judgement) ނުވަތަ "ފައިނޭލިޓީ ޕްރިންސިޕަލް" (finality principle) އަށް ޙަވާލާދީއެވެ.
އެންމެ ފަހުގެ ނިންމުމަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެއީ، އާންމުކޮށް، މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ ކަންކަމުގެ މައުޟޫޢުގެ މައްޗަށް ގޮތް ކަނޑައެޅި (merit) ވަކާލާތުކުރުން ނިމުމަކަށް ގެންނަ އަދި ޙުކުމް ތަންފީޛުކުރުމުގެ އިތުރުން، މައްސަލައާ ގުޅިގެން ކޯޓުން އިތުރަށް ކަމެއް ނިންމަން ނުޖެހޭ ނިންމުންތަކެވެ. މިއީ، ޤަޟާއީ ނިޒާމުގެ ތެރެއިން ނިންމާ ނިންމުންތަކަކީ، އެކަމާމެދު ގޮތެއް ކަނޑައެޅުމަށްފަހު، ކަނޑައެޅިފައިވާ ވަރަށް ޚާއްޞަ އަދި މަދު ހާލަތްތަކެއްގައި މެނުވީ އަލުން އެ މައްޗަށް ގޮތް ކަނޑަނޭޅޭނެ ކަންކަން ކަމުގައި ހަމަޖައްސައި، އަދުލުއިންސާފު ޤާއިމުކުރުމުގެ ނިޒާމުގެ ނަހަމަ ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން ނެގެހެއްޓެމުންދާ އުސޫލެކެވެ. އެހެންކަމުން، އާންމު މަސްލަހަތު (public policy) ރައްކާތެރި ކުރުމަށްޓަކައި އެފަދަ ފިޔަވަޅެއް އަޅަންޖެހޭ ޙާލަތް ތަކުގައާއި، ފްރޯޑް ނުވަތަ އޮޅުވާލުމުގެ ތެރެއިން ހުށަހަޅާފައި ހުށަހެޅުންތަކެއްގެ މައްޗަށް މައްސަލަ ނިންމާފައިވާނަމަ ކޯޓަކުން ނިންމާފައިވާ ނިންމުމެއް މުރާޖައާ ކުރުމުގެ ހަނި ނަމަވެސް ފުރުސަތެއް ހުޅުވިގެންދެއެވެ.
މައްސަލައަކީ އަލުން ބަލަންޖެހޭ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި މައްސަލަ އަލުން ބެލުމަށް ހުށަހަޅާފައި ހުށަހެޅުމަކީ އުސޫލީގޮތުން އަލުން ބެލެން އޮތް މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހެއެވެ. އަދި މިފަދައިން ކަނޑައެޅުމުގައި ކޯޓުން ބަލަންޖެހޭނީ، މައްސަލަ އަލުން ބަލަންޖެހޭފަދަ އެކަށޭނަ އަދި ހަރުދަނާ ސަބަބު ހުރިކަމުގެ މައްޗަށާއި، އެ ސަބަބުތަކަކީ އިސްތިއުނާފު ކުރެވެން ނެތް ހުކުމެއް ފުރޮޅާލުމަށް، އަދި ކޯޓުގެ އެ ނިންމުމުން ޖަވާބު ލިބިފައިވާ ސުވާލުތައް އަލުން ބެލުމަށް ބާރުއަޅާ ސަބަބުތަކެއް ކަމަށް ވުމުގެ މައްޗަށެވެ. އަދި މިގޮތުން، (އަލުން ބެލުމަށް ހުށަހަޅާ ނިންމުމުގައި) ގޯހުން ގޮސްފައިވާ ކަމެއް ވޭތޯ ނުވަތަ ކަމަކަށް ނުބަލައި ކުރިއަށް ގޮސްފައިވޭތޯ، ނުވަތަ ވަކިކަމަކާމެދު ގޮތް ކަނޑައެޅުމުގައި ނުބައި ދޭހައެއް ނުވަތަ މާނަކުރުމެއް ދެވި، ނުވަތަ އޮޅުމުގެ ތެރެއިން ކަމެއް ހިނގާފައިވޭތޯ، ނުވަތަ ޖައުހަރީ ހެއްކެއް ނުވަތަ ޤާނޫނީ ނުކުތާއަކަށް ރިއާޔަތް ނުކުރެވި ވޭތޯ ކޯޓުން ބަލަންވާނެއެވެ. އެހެންނަމަވެސް، މައްސަލަ އަލުން ބެލުމަށް ފުރުސަތު ދިނުމުގެ މާނައަކީ، ކޯޓަށް ލިބިގެންވާ މި އިޚްތިޔާރީ ބާރަކީ ސަބަބެއްކަމުގައި ދައްކާ، މައްސަލައިގައި ކުރިން ކުރެވުނު ބަހުސްތައް އަލުން އެކުގައި ހުޅުވާލުމަށް ފުރުސަތު ދެވޭނެ ހާލަތެއް ކަމުގައި ވެގެން ދިއުމެއް ނޫނެވެ.
މިހެންކަމުން، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި މިއީ ކޯޓަށް ކުރެވިދާނެ ކަމެއްކަން ނުވަތަ ނޫންކަން ސާފުބަހުން ބަޔާންކޮށްފައި ނުވާ ނަމަވެސް، ހުށަހެޅިފައިވާ މި މައްސަލައަށް ބަލާއިރު، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ނިންމުން ބިނާވަނީ އިސްތިއުނާފު ކުރުމުގެ ޙައްޤު ގެ މާނަކުރުމާއި، ހައިކޯޓަށް ލިބިގެންވާ އިޚްތިޔާރު ބޭނުންކުރުމުގެ ދާއިރާއާ މެދުކަމުގައި ވެފައި، ސުޕްރީމް ކޯޓުގެ އެ ނިންމުމުގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރުމުގެ ސަބަބުތައް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ޤާނޫނީ ނުކުތާތަކާމެދު ނުވަތަ މައްސަލައިގައި ހިމެނޭ މައުޟޫއީ ކަންކަމާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާތީއާއި، މައްސަލަ ނިންމާފައިވަނީ އިޖުރާއީ ގޮތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް އެކަނި ކަމުންނާއި، މިއީ ވަކި ކަމަކާމެދު ގޮތް ކަނޑައެޅުމުގައި ނުބައި ދޭހައެއް ނުވަތަ މާނަކުރުމެއް ދެވުމުގެ އިތުރުން، ޤާނޫނީ ނުކުތާތަކަކަށް ރިއާޔަތް ނުކޮށް ނިންމާފައިވާ މައްސަލައަކަށް ވާތީ، (މިރައުޔުގެ 21 ވަނަ ޕްރެގްރާފްގައި ފާހަގަކޮށްފައިވާ މިންގަނޑުގެ އަލީގައި) މި މައްސަލަ އަލުން ބަލަންޖެހޭފަދަ އެކަށޭނަ އަދި ހަރުދަނާ ސަބަބު ހުރިކަމުގައި ދެކެމެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭ ގޮތުން ކޯޓުތަކުގެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި، އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ޢަދުލު އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމާއި، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމާއި، ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާތީ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ނިންމުކީ "ފައިނޭލިޓީ އޮފް ޖަޖްމަންޓް" މަބްދައުއަށް ރިއާޔަތްކުރުމުންވެސް، މުރާޖައާ ކުރެވިދާނެ ނިންމުމެއް ކަމުގައި ދެކެމެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގެ ނަތީޖާ
ދައުލަތުގެ ފަރާތުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް އެއްޗެއް ބުނުމުގެ ކުރިން، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ނިންމުމުގެ ނަތީޖާއަކީ ކޮބައިކަމުގެ މައްޗަށް ބަލާންޖެހޭ ކަމުގައި ދެކެމެވެ. އެގޮތުން:
ސިވިލް ކޯޓުގައި ޝަރީޢަތްކުރުމަށްފަހު، އެ ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ، ދީބާޖާ އިންވެސްޓްމަންޓް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާ ދެމެދު 01 ފެބްރުވަރީ 2010 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ދައުލަތުގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކޮށް، އެއްބަސްވުން ބާޠިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުން، ދީބާޖާ އިންވެސްޓްމަންޓަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުގެ ފަރާތުން އެކު ޖުމްލަ 348,995,154.60ރ. (ތިންސަތޭކަ ސާޅީސް އަށް މިލިޔަން ނުވަލައްކަ ނުވަދިހަފަސް ހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) ދައްކަންޖެހޭ ކަމުގައެވެ.
މި ނިންމުން ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާއިން ބެލުމަށްފަހު ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ. އެ ޙުކުމް ބާޠިލުކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުމުން ދައުލަތުން އެއްބަސްވުމާ ޚިލާފުވިކަން ސާބިތު ކޮށްފައި ނުވާކަމުގައާއި، އެއްބަސްވުމާ ޚިލާފުވެގެން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ބަލަންޖެހޭ އަސާސީ ކަންތައްތަކަށް ބަލާފައި ނުވާކަމުގައި، އަދި ނަގާދީފައިވާ ބަދަލަކީ އަޞްލު ދަޢުވާގައި ބަޔާން ކޮށްފައިނުވާ ކަންކަމުގެ މައްޗަށް ބިނާކޮށް ނަގާދީފައިވާ (މުސްތަޤުބަލުގައި ލިބިދާނެ ކަމަށް ލަފާކުރާ) ގެއްލުމުގެ ބަދަލެއް ކަމަށް ބަޔާންކޮށެވެ.
ހައިކޯޓުގެ މި ނިންމުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، މި ކޯޓުގެ ނަންބަރު 2018/SC-A/46ޤަޟިއްޔާއިން ހައިކޯޓުގެ (25.1 ގައި ބަޔާންކޮށްފައިވާ) ހުކުމް ބާޠިލުކުރިއެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ބާޠިލުކުރީ، ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާޠިލުކުރުމުގެ ސަބަބަކަށްވި ޤާނޫނީ ނުކުތާތަކާމެދު އެއްވެސް މިންވަރަކަށް ބަހެއް ބުނުމެއް ނެތި، ހަމައެކަނި އިޖުރާއީ އިއުތިރާޒެއްގެ މައްޗަށް ބިނާކޮށެވެ.
މިހެންކަމުން، ސުޕްރީމް ކޯޓުގެ މި ނިންމުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުން ބާތިލުކުރި ކުރުން ބާޠިލުވެ، ސިވިލް ކޯޓުގެ ހުކުމް ދިރި، އިއާދަވުމެވެ. އެހެނަސް، މި ނަތީޖާ ނިކުންނަ ފަދައިން ސުޕްރީމް ކޯޓުން ނިންމުން ނިންމުމުގައި، ހައިކޯޓުން ކުރި ޙުކުމް ޤާނޫނީ ގޮތުން ކަމުނުދާ ނުވަތަ ހަމަނުޖެހޭ އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވެއެވެ. އަދި ސިވިލް ކޯޓުގެ ނިންމުމަކީ ޤާނޫނީގޮތުން އެކަށޭނަ ނިންމުމެއްކަން ނުވަތަ ނޫންކަމާމެދުވެސް އެއްޗެއް ބުނެފައި ނުވެއެވެ.
އެހެންކަމުން، ދައުލަތުގެ ފަރާތުން ދީބާޖާ އިންވެސްޓްމަންޓަށް 348,995,154.60ރ. (ތިންސަތޭކަ ސާޅީސް އަށް މިލިޔަން ނުވަލައްކަ ނުވަދިހަފަސްހާސް އެއްސަތޭކަ ފަންސާސްހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) ދައްކަންޖެހިފައިވަނީ އެ ނިންމުމެއް އޭގެ މައްޗަށް ބިނާވާ ސަބަބުތަކަކީ ޤާނޫނީގޮތުން ކަމުނުދާ ސަބަބުތަކެއްކަމަށް މައުޟޫއީ ގޮތުން ހައިކޯޓުން ބުނެފައިވާ ހާލަތެއްގައި، އަދި ހައިކޯޓުގެ އެ ހުކުމް ބާޠިލުކުރުމުގައި ސުޕްރީމް ކޯޓުން މައުޟޫޢީ ގޮތުން އެއްވެސް ބަހެއް ނުބުނެ އޮވެމެއެވެ.
މުރާޖައާކުރަން އެދި ހުށަހަޅާފައިވާ ކަންކަން
ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46ޤަޟިއްޔާގެ ނިންމުމުގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމުގެ ސަބަބުތައް ކަމުގައި މައިގަނޑު ގޮތުގައި ބަޔާންކޮށްފައިވަނީ (1) ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ޤާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތު ފާއިތުވެ ދިޔަފަހުން ކަމުގައި ވުމުން، ސިވިލް ކޯޓުގެ އެ ޙުކުމަކީ އެއަށް ޤަޟާއީ 'ޙުއްޖިއްޔަތު" ލިބި ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ޙުކުމެއް ކަމަށްވުމާއި، (2) އެ މައްސަލަ ހައިކޯޓަށް ބަލައިގަނެ، މަޢުޟޫޢީގޮތުން އެ ޤަޟިއްޔާގެ ފައިޞަލާކޮށްފައިވަނީ އިސްތިޤްރާރުވެފައި އިޖުރާއީ އުސޫލުތަކާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ނުވުމެވެ.
ސުޕްރީމް ކޯޓުގެ ބުނެވުނު ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކާއި އޭގެގެ ރައްދު މި ރައުޔުގެ 12 އިން 14.5 އަށް ބަޔާންކޮށްފައިވާތީ އިތުރަށް އެ ކަންކަން ތަކުރާރުނުކޮށް، އެ ނުކުތާތަކާއި ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
އިސްތިއުނާފު ކުރުމުގެ މުއްދަތު
ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46ޤަޟިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި ބަލައިގެންފައިވަނީ އިސްތިއުނާފުގެ މުއްދަތު ފާއިތުވިފަހުން ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ސިވިލް ކޯޓުން މައްސަލަ ނިމުނު ދުވަހުން ފެށިގެން، ހައިކޯޓުން މައްސަލަ ނިމުމާމެދު ހިނގާފައިވާ ކަންކަމުގެ މައްޗަށް، އަދި މުއްދަތުތައް މަޢުލޫމާތުގެ ގޮތުގައި ތިރީގައި ހިމަނަމެވެ.
ހާދިސާ / ކަން ތާރީޚް
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން 21 މެއި 2014
ސިވިލް ކޯޓުން މައްސަލަ ނިމުން 23 އޮކްޓޫބަރު 2014
ސިވިލް ކޯޓުން މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުން 5 ފެބްރުވަރީ 2015
ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރަން އެދޭކަން ދައުލަތުގެ ފަރާތުން ހައިކޯޓަށް ލިޔުމުން އެންގުން 17 މެއި 2015
ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅުނު ތާރީޚް 18 މެއި 2015
ހައިކޯޓުން އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލަ ރަޖިސްޓަރީ ކުރުން 22 ޖުލައި 2015
ހައިކޯޓުން މައްސަލައިގެ ޙުކުމް ކުރުން 26 ޖޫން 2018
މި މަޢުލޫމާތަށް ބެލުމުން، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ދޫކޮށްފައިވަނީ، އެ ކޯޓުން މައްސަލައިގެ ޙުކުމް ކުރިތާ 105 (ސަތޭކަ ފަހެއް) ދުވަސް ފަހުންކަން އެނގެން އޮތްއިރު، ދަށު ކޯޓަކުން ނިންމާ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤާނޫނުން ދީފައިވަނީ 90 (ނުވަދިހަ) ދުވަހެވެ. އިސްތިއުނާފު މުއްދަތުގެ ބޭނުމަށްޓަކައި ބުނެވުނު 90 (ނުވަދިހަ) ދުވަސް ގުނަނީ ބަންދު ދުވަސްތައް ނުހިމަނާ ކަމުން، އިސްތިއުނާފު މުއްދަތު ހަމަވެފައިވަނީ 12 މާރިޗު 2015 ގައެވެ.
ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ 12 މާރިޗު 2015 އަށް ވުރެ ފަހުން ކަމުގައިވާތީ، މިއީ ދައުލަތަށް އިސްތިއުނާފީ ޙައްޤު ގެއްލިފައިވާ ހާލަތެއް ކަމަށާއި، އިސްތިއުނާފީ މުއްދަތު ހަމަވުމަށްފަހު ކޯޓަށް ހުށަހެޅޭ އިސްތިއުނާފުގެ މައްސަލަތައް އިޖުރާއީ ގޮތުން ބަލައިނުގަތުމަކީ އިސްތިއުނާފީ ކޯޓުތަކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމުގައާއި، އިސްތިއުނާފީ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފު ނުކުރުމުން އެ ޙުކުމަށް ޤަޟާއީ "ޙުއްޖިއްޔަތު" ލިބި، ކަނޑައެޅިނިޔާގެ ބާރު ލިބިގެންވާ ކަމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގައި ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
މީގެ އިތުރުން، "ދަށު ކޯޓުން މައްސަލަ ނިންމުމަށްފަހު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބި ލަސްވުމަކީ އޭގެޒާތުގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރުމަށް އޮތް މަޤުބޫލު ޢުޒުރެއް ނޫންކަމާއި، އެހެނީ ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ އިޖުރާއާތު ކަނޑައެޅިފައިވަނީ އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސްނޭޅޭފަދަ ގޮތަކަށް ކަމާއި، މިގޮތުން އިސްތިއުނާފަށް ހުށަހަޅާ ފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމަކުރުމުން އިސްތިއުނާފީ ދަޢުވާ ރަޖިސްޓްރީކުރެވޭނެ ކަމާއި"، "ޚުލާޞާ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅައިފިނަމަ... އެ މައްސަލައެއް ހުށަހެޅުނު މަތީ މަރްޙަލާގެ ކޯޓަކުން އެ ރިޕޯޓާއެކު އެ މައްސަލައެއް ބަލައިގަންނަންވާނެ" ކަމުގައި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގައި ބަޔާންކޮށްފައިވެއެވެ.
ކޮންމެ މައްސަލައެއްގެ ވެސް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ މައްސަލަ ނިންމާ ކޯޓުން އެކުލަވާލުމަށްފަހު ދޫކުރާ ލިޔުމެކެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާގޮތުން، ދަށު ކޯޓު ނިންމާ މައްސަލައެއް ނިމޭ ދުވަހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓު، ކަމުގެ މަޞްލަޙަތު އޮތް ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ. އެހެންނަމަވެސް، ބަލަމުން މިދާ މައްސަލައަށް ބަލާއިރު، ކަން ހިނގާފައިވަނީ ޤާނޫނުގައި ތަޞައްވުރުކޮށްފައިވާ ގޮތުގެ މަތިން ނޫނެވެ.
ކޯޓުތަކުން ދޫކުރަމުން އަންނަ "މައްސަލައިގެ ޚުލާސާ ރިޕޯޓު" އަކީ ޤާނޫނުގައި ޙަވާލާދޭ ލިޔުމެއް ނޫނެވެ. އަދި އެއީ ހުރިހާ ކޯޓަކުން، ނުވަތަ ކޮންމެ މައްސަލައެއް ނިމުމުން ދޫކުރާ ލިޔުމެއްވެސް ނޫނެވެ.
އެއާ ޚިލާފަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ ކަމުގެ މަޞްލަޙަތު އޮތް ފަރާތްތަކަށް ލިބިގެންވާ އަސާސީ ޙައްޤަކާއި ގުޅިންހުރި ޤާނޫނީ ލިޔުމެކެވެ. މައްސަލައިގެ ޙުކުމްކޮށް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާ ޙާލަތުގައި، ޙުކުމުގެ އިބާރާތް ނުވަތަ ޚުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރުމުގެ އުނދަގޫތަކެއްގެ ހުރުމުގެ އިތުރުން، އެކަމުގެ ޤާނޫނީ ހުރަސްތަކެއްވެސް ހުރިކަމަށް ފެނެއެވެ. އެހެނީ، ހައިކޯޓުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ށ) ގައި، އިސްތިއުނާފުކުރި އިރު ހުށަހަޅާފައިވާ ނުކުތާތައް ފިޔަވައި އެހެން އާ ހުށަހެޅުންތަކެއް ހުށަހެޅި ނަމަވެސް، ހައިކޯޓުން މައްސަލަ ބެލުމުގައި އެ ނުކުތާތައް ބަލައި ނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެ ކަމުގައި ބަޔާންކޮށްފައިވުމުން، ޙުކުމް ނުވަތަ ޚުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ކުރާ ޙާލަތުގައި، އެ ޚުލާސާ ރިޕޯޓުގައި ހިމަނާފައިވާ ނުވާ ނުކުތާތަކެއް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާނަމަ، އިސްތިއުނާފު ކުރުމަށް ހުށަހެޅުމަށްފަހު އެފަދަ އައު ނުކުތާއެއް ހުށަހެޅުމުގެ ފުރުސަތު ނެތިގެން ދެއެވެ. އެހެންކަމުން، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބި، އޭގައި ފާހަގަކޮށްފައިވާ ޙުކުމް ބިނާކުރި ސަބަބުތައް އެނގުމަކާއި ނުލައި، އެކަށީގެންވާ ގޮތެއްގައި އެ ޙުކުމެއް ނުވަތަ ޙުކުމަށް ވާޞިލުވީ ސަބަބެއް އިސްތިއުނާފުކުރުމަކީ މުސްތަޙީލު ކަމެކެވެ. އަދި މިސަބަބަށްޓަކައި، މިފަދަ ޙާލަތެއްގައި އިސްތިއުނާފު މުއްދަތު ގުނަންވާނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމުން ކަމުގައި ދެކެމެވެ.
މީގެ އިތުރުން، އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި މައްސަލަ އިސްތިއުނާފުކުރަން ހުށަނޭޅުނު ސަބަބަކީ ހައިކޯޓަށް ގަބޫލުކުރެވޭ ސަބަބެއް ކަމުގައި ވާނަމަ، އިސްތިއުނާފު މުއްދަތު ހަމަވުމުގެ ފަހުން އެފަދަ މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު އެ ކޯޓަށް ލިބިގެންވާ ކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގެ ނައްސުން ސާފުކޮށް އެނގެން އޮތުމުން، އިސްތިއުނާފު މުއްދަތު ހަމަވުމަކީ އެއްވެސް އިސްތިސްނާއެއް ނެތި، އޮޓޮމެޓިކުން، ދަށު ކޯޓުގެ ޙުކުމަކަށް ޤަޟާއީ ޙުއްޖިއްޔަތާއި ކަނޑައެޅިނިޔާގެ ބާރު ލިބޭ ޙާލަތެއްކަމުގައި ނުބެލެވެއެވެ.
އަދި، "ފައިނޭލިޓީ އޮފް ޖަޖްމަންޓް" އާ ގުޅިގެން މި ރައުޔުގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، އަދި (މިޤަޟިއްޔާގައި ފާހަގަކޮށްފައިވާ) ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބެލުމުން، ކަނޑައެޅި ނިޔާގެ ބާރާ ގުޅޭ މަބްދައު ތަޠުބީޤު ކުރަނީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގައި ބަޔާންކޮށްފައިވާ ގޮތަށް، ހަނި އަދި ހަރުކަށި މާނަކުރުމެއްގެ ތެރެއިން ކަމުގައި ނުދެކެމެވެ. އަދި މިހެންކަމުން، މައްސަލަ ނިމުނު ދުވަހުން ފެށިގެން ދުވަސް ގުނުމުން، މައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރަން ހުށަހެޅިއިރު އިސްތިއުނާފު މުއްދަތު ފަހަނައަޅާ ގޮސްފައިވާ ނަމަވެސް، އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި މައްސަލަ އިސްތިއުނާފުކުރަން ހުށަނޭޅުނު ސަބަބަކީ ހައިކޯޓަށް ޤަބޫލުކުރެވޭ ސަބަބެއްނަމަ، އެފަދަ މައްސަލައަކީ، ދިވެހިރާއްޖޭގައި ކޯޓުތައް ހިންގުމަށް އޮންނަ އެންމެ އަސާސީ އޮނިގަނޑުގެ ތެރެއިން، ބަލައިގަނެ އެ މައްޗަށް ގޮތެއް ކަނޑައެޅިދާނެ މައްސަލައެއް ކަމުގައި ދެކެމެވެ.
އަމިއްލަ ބާރު ނުފޯރާ ސަބަބު
"ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ބާރު ނުފޯރާ ކަންކަން ވަކި ބާވަތަކަށް ނުވަތަ ވަކި ކަންތައްތަކަކަށް މަޙުދޫދުކޮށްފައި ނެތުމުން އަމިއްލަ ބާރު ނުފޯރާ ކަންކަމުގެ ގޮތުގައި ހިމެނިގެންދާނީ ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރާ ބާވަތުގެ ކަންކަން އެކަނިކަމަށް ބަލަންޖެހޭ ހަމައެއް ނެތްކަމަށާއި، އަމިއްލަ ބާރު ނުފޯރާ ކަމެއްގެ ގޮތުގައި ބަޔާންކޮށް ހުށަހަޅާ ކަމަކީ ހައިކޯޓަށް ޤަބޫލުކުރެވޭ މަޤުބޫލު ސަބަބެއްނަމަ ޤާނޫނުން ހައިކޯޓަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން ކުރެވިދާނެކަމަށާއި"، އިސްތިއުނާފީ މައްސަލަ ހުށަހެޅުން ލަސްވީ "އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބެއް މެދުވެރިވެގެންތޯ ކަނޑައެޅުމުގެ އިޚްތިޔާރީ ބާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ޤާނޫނީގޮތުން ލިބިގެންވީ ނަމަވެސް، އެކަން ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅަންވާނީ ޤާނޫނީ މަންޠިޤު ޤަބޫލުކުރާ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެން" ކަމުގައި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގައި ބަޔާންކޮށްފައިވެއެވެ. މިއީ، އިޚްތިޔާރީ ބާރު ބޭނުންކުރުމުގައި ޢަމަލުކުރާ އާންމު އުސޫލެވެ.
އެހެންނަމަވެސް، ހަމަ އެ ނުކުތާގައި، އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް އުފަންވާ ޙާލަތްތައް ބަޔާންކޮށް ހިމަނާފައިވާ ކަންކަމަކީ އެފަދަ ޙާލަތެއް އުފަންވާނެ ހަމައެކަނި ޙާލަތްތަކުގައި ބެލުމަކީ އެކަށީގެންވާ ގޮތެއް ނޫނެވެ. އެހެނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް އޮތްކަން ނުވަތަ ނޫންކަން އެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުން ކަނޑައެޅޭނީ ހައިކޯޓަށް، އެކަން ހައިކޯޓަށް ސާބިތުވުމުންނެވެ. މިހެންކަމުން، އިސްތިއުނާފު ކުރުން ލަސްވި ސަބަބު ބަޔާންކުރުމުން އެ ސަބަބަށް ނުވަތަ ސަބަބުތަކަކަށް ދޭނެ ބުރަދަން ކަނޑައަޅާނީ ހައިކޯޓުންނެވެ. މަޤުބޫލު ސަބަބުތަކަކީ ކޮބައިކަން ޤާނޫނުން މަހުދޫދުކޮށްފައި ނުވަނީ، ކޮންމެ ޙާލަތަކީ ވާނެކަން ނުވަތަ ވެދާނެ ކަމެއްކަން ލިޔުމަށް ތިރިކުރެވޭނެ ކަންކަން ކަމުގައި ނުވާތީއެވެ.
ހައިކޯޓުން ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ ބަލައިގެންފައިވަނީ މަޤުބޫލު ސަބަބެއް އޮވެގެންކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު:
ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ ގެ ރިޕޯޓު ދޫކޮށްފައިވަނީ އެ ކޯޓުން މައްސަލައިގެ ޙުކުމް ކުރިތާ 105 (ސަތޭކަ ފަހެއް) ދުވަސް ފަހުން ކަމާއި؛
ދަށު ކޯޓަކުން ނިންމާ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤާނޫނުން ދީފައިވަނީ 90 (ނުވަދިހަ) ދުވަސް ކަމާއި؛
އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅަން އެދޭކަން ދައުލަތުގެ ފަރާތުން ހައިކޯޓަށް އަންގާފައިވަނީ، ރިޕޯޓު ދޫކުރިތާ ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން 71 (ހަތްދިހަ އެކެއް) ދުވަސް ފަހުން ކަމާއި؛
ދައުލަތުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމުގެ ގޮތުން ހައިކޯޓަށް ހުށަހަޅާފައިވަނީ ރިޕޯޓު ދޫކުރިތާ ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން 71 (ހަތްދިހަ އެކެއް) ދުވަސް ފަހުން ކަމާއި؛
މައްސަލަ ހައިކޯޓުގައި ރަޖިސްޓަރީކޮށްފައިވަނީ 22 ޖުލައި 2015 ގައިކަން އެނގެން އޮވެއެވެ.
ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނެތުމަކީ މަޤުބޫލު ސަބަބެއް ކަމުގައި އަހުރެން ދެކޭހިނދު، އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއްތޯ ހައިކޯޓުން ބަލައި ވަޒަންކުރުމުގައި ރިއާޔަތްކޮށްފައިވަނީ ކޮން ކަންތައް ތަކަކަށްކަން ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގެ ރިޕޯޓުން އެނގޭކަށް ނެތެވެ.
އިސްތިއުނާފު ކުރުމުގެ ހައްޤު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ ގައި އޮންނަނީ:
"ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ."
ޤާނޫނުއަސާސީއިން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤު މާނަކުރުމުގައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ އާއެކު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި، 68 ވަނަ މާއްދާ އާއި، 69 ވަނަ މާއްދާ އަށް ރިޢާޔަތްކުރަންވާނެ ކަމުގައާއި، ޤާނޫނަކުން ހަނިކޮށްފައި ނުވާނަމަ، އިސްތިއުނާފު ކުރުމުގެ ޙައްޤު މާނަކުރަންވާނީ އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ބަލައި، ޙައްޤު ކަށަވަރުކޮށްދިނުމުގެ ގޮތުން، އަދި އެ ޙައްޤުގެ މަންފާ އެންމެ ފުޅާމިނުގައި ލިބިދިނުމުގެ ގޮތުން، އެ ޙައްޤު ނިގުޅައިގަނެވޭނެ ނުވަތަ ހަނި ނުކުރެވޭނެ ފަދައަކުންކަމުގައި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ބަޔާންކޮށްފައި ވެއެވެ. އަދި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 68 ވަނަ އާއި، 69 ވަނަ މާއްދާއަކީ އެކުގައި ކިޔަންޖެހޭ ތިން މާއްދާކަމާއި، 69 ވަނަ މާއްދާއަކީ ފަހުން ޙަވާލާ މިދިން ދެ މާއްދާގައި ބަޔާންކުރާ ފަދައިން ކަންކުރުމުން ނިކުންނަ ނަތީޖާއަށް ޙަވާލާދީ، އޭގެން އިތުރު ހިފެހެއްޓުމެއް ނުވަތަ ގައިދުކުރުމެއް ގެންގުޅުން މަނާކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއް ކަމުގައިވެސް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
އިސްތިއުނާފު ކުރުމުގެ ޙައްޤަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއް ކަމުގައިވެފައި، ޤާނޫނުގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވުމުގެ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ މައްސަލައެއް، އެކޯޓަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން، އެކޯޓުން ބަލައިގެންފިނަމަ، އެއީ އިސްތިއުނާފު ކުރުމުގެ ޙައްޤުގެ ތެރެއިން އެ އިސްތިއުނާފީ މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންދާ މަންފާއެކެވެ. އަދި ހައިކޯޓަށް ލިބޭ އިޚްތިޔާރުގެ ދަށުން އިސްތިއުނާފު ކުރުމުގެ ޙައްޤަށް މިފަދަ ފުޅާ މާނައެއްދީފައިވާ ޙާލަތެއްގައި، ޤާނޫނުގައިވާ މުއްދަތަށް ޙަވާލާދީ، ހައިކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރުގެ ބޭނުން ހިފާފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނާނަމަ، އަދި އެ މާނަކުރުމަކީ އެކަމުގައި ޤާނޫނީގޮތުން ސުވާލު އުފެއްދޭ މާނަކުރުމެއް ނަމަ، އެއީ، މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅި ފަރާތުގެ އިސްތިއުނާފީ ޙައްޤު ހަނިކުރުމުގެ ގޮތުން އެޅޭ ފިޔަވަޅެއް ކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ.
ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ނިންމުން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ 'އިސްތިއުނާފުގެ މުއްދަތު' އަދި 'އަމިއްލަ ބާރު ނުފޯރާ ސަބަބު' ގެ ހަނި މާނަކުރުމެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ކުރުމުގެ ޙައްޤު މާނަކުރުމުގެ މައްޗަށް ކަމުގައިވާއިރު، އެ ނިންމުމުން ނިކުންނަ ނަތީޖާއަކީ، ހައިކޯޓުން އެކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ އިޚްތިޔާރެއްގެ ބޭނުންހިފައި މައްސަލަ އިސްތިއުނާފުކުރި ފަރާތަށް ލިބިގެންވާ އިސްތިއުނާފީ ޙައްޤުގެ ހުދޫދު ފުޅާކުރި ކުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރި މާނަކުރުމަކުން ހަނިވެގެން ދިއުމެވެ. އަދި ހައިކޯޓުން ޢަމަލުކޮށްފައިވަނީ ޤާނޫނުން އެކޯޓަށް ލިބިގެންވާ ބާރުގެ ތެރެއިން ކަމުން، ހައިކޯޓުން މިޙާލަތުގައި އިސްތިއުނާފު ކުރުމުގެ ޙައްޤަށް ދީފައިވާ ފުޅާ މާނަކުރުން، ސުޕްރީމް ކޯޓުން ހަނިކުރުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 68 ވަނަ އާއި، 69 ވަނަ މާއްދާއިން ޙައްޤުތައް މާނަކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑާއި ފުށުއަރާ ކަމެއްކަމުގައި ދެކެމެވެ. އެހެނީ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުން ޤާނޫނުގައި ބުނާ މުއްދަތުގައި ދޫނުކޮށް އެތަކެއް ގުނައެއް ލަސްވެފައިވީ ނަމަވެސް، އިސްތިއުނާފު ކުރުމަށް ޤާނޫނުން ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާ ކަމުގައި ބުނެ، އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ނުގަތުމަކީ އިންސާފުގެ ހަމައިން އަދި ބުއްދީގެ ހަމައިން ބަލާއިރުވެސް ދެކޮޅުޖެހޭ ކަމެއް ކަމުގައި ނުވުމުގެ އިތުރުން، އިސްތިއުނާފު ކުރުމުގެ ޙައްޤަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމުގައިވުމުންނެވެ.
އެހެނިހެން ކަންކަން
މައްސަލަ ހުށަހަޅާފައިވާ ފޯމު
ބަލަމުން މިދާ މައްސަލަ ހުށަހަޅާފައިވަނީ "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" އަކުން ކަމުގައިވާތީ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) މުރާޖަޢާކޮށްދިނުން އެދި ހުށަހަޅާފައި މިވާ މައްސަލައަކީ ބާޠިލު އިޖުރާއަތުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ދީބާޖާ އިންވެސްޓްމަންޓުން ބަޔާންކުރެއެވެ.
މިކަމުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) އަލުން މުރާޖައާ ކޮށްދިނުން އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން 28 ޖަނަވަރީ 2020 ގައި ހުށަހަޅާފައިވަނިކޮށް، 18 ފެބުރުވަރީ 2020 ގައި، ސުޕްރީމް ކޯޓުގެ ޤަވާޢިދު އިސްލާޙުކޮށް ޢާއްމުކުރެވެންދެން، ސުޕްރީމް ކޯޓުގެ ނިންމުންތައް މުރާޖަޢާކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ގޮތެއް ކަނޑައަޅާނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-C/06 ޤަޟިއްޔާ ގައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރ ކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމިއެވެ. އަދި މައްސަލަ އަލުން މުރާޖައާ ކޮށްދިނުން އެދި ހުށަހަޅާފައިވާ ހުށަހެޅުން އިސްތިއުނާފު ފޯމެއް މެދުވެރިކޮށް ހުށަހެޅުމަށް، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރ، 01 މާރިޗު 2020 ގައި، އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންގުމުން، އެޓަރނީ ޖެނެރަލްގެ އޮފީހުން 02 މާރިޗު 2020 ގައި ކޯޓަށް އިސްތިއުނާފު ފޯމު ހުށަހަޅައި، މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓަރީކޮށްފައިވާކަން ސުޕްރީމް ކޯޓުގެ ރެކޯޑުތަކުން އެނގެއެވެ.
ދައުލަތުގެ ފަރާތުން މުރާޖަޢާ މައްސަލަ "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" އެއްގައި ހުށަހަޅާފައިވަނީ، ކަމާގުޅޭ ފޯމެއް ނެތުމުގެ ސަބަބުން، "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" ގައި މައްސަލަ ހުށަހެޅުމަށް ސުޕްރީމް ކޯޓުން އެންގުމުންކަން އެނގެން އޮތުމުން، މިއީ ބާޠިލު އިޖުރާއަތުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ބެލެން އޮތްކަމުގައި ނުދެކެމެވެ.
ބަންޑާރަ ނާއިބު ސިޔާސީ ނުފޫޒުގައި ޖެހުން
ބަންޑާރަ ނާއިބުގެ މަސްޢޫލިއްޔަތާއި ވާޖިބުއަދާކުރުމުގައި އޭނާ ތަބާވާންޖެހޭނީ ހަމައެކަނި ޤާނޫނުއަސާސީއަށާއި، ޤާނޫނަށް ކަމަށާއި، އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އެނާގެ މައްޗަށް ނުހިންގޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ޅ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، މި މައްސަލަ މުރާޖަޢާކުރަންޖެހޭ ފަދަ ޖައުހަރީ ސަބަބެއް ނެތީސް، އެ މައްސަލަ މުރާޖަޢާކުރުމަށް ބަންޑާރަނާއިބުގެ ފަރާތުން ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 133 ގެ (ޅ) އާ ޚިލާފަށް ސިޔާސީ ނުފޫޒެއްގެ ދަށުންކަމުގައިވެސް ދީބާޖާ އިންވެސްޓްމަންޓުން ބުނެއެވެ. އެހެންނަމަވެސް، މިއީ މައްސަލައާއި ސީދާ ގުޅުން ހުރި ނުކުތާއެއް ނޫންކަމާއި، މިއީ ބަންޑާރަ ނާއިބު، އޭނާގެ މަސްއޫލިއްޔަތު އަދާކުރުމާގުޅޭ ގޮތުން ހުށަހަޅާފައިވާ ނުކުތާއެއްކަމުން، މިއީ މިމައްސަލައިގެ ތެރެއިން ބަހެއް ބުނަންޖެހޭ ކަމެއް ކަމުގައި ނުދެކެމެވެ.
ނަތީޖާ އަދި ޙައްލު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާއިން، އެކޯޓަށް އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ ނިންމުންވަނީ ބާޠިލުކޮށްފައިއެވެ. އަދި ސުޕްރީމް ކޯޓުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) އިން، ހައިކޯޓުގެ އެ ނިންމުންވަނީ ބާޠިލުކޮށްފައެވެ.
ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ނިންމުމަކީ މައްސަލައިގެ މައުޟޫއުގެ މައްޗަށް އެއްވެސް ބަހެއް ބުނުމެއް ނެތި، ހަމައެކަނި އިޖުރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، މި ރައުޔުގެ 30 ވަނަ ޕެރެގްރާފުން ފެށިގެން 46 ވަނަ ޕެރެގްރާފްގައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ޙުކުމް ބާޠިލުކުރަން ޖެހޭކަމަށް އަހުރެން ދެކެމެވެ.
ހަމަ އެއާއެކު، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) މުރާޖައާކޮށްދިނުން އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމުގައި ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާއަށް ތާއީދުކޮށް، އެ ނިންމުން ދަމަހައްޓާދިނުމަށް އެދިފައިވާ ހިނދު، އެއީ މި މައްސަލައިގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމުގައި ނުދެކެމެވެ.
އެހެނީ، ބަލަމުން މިދާ މައްސަލައަކީ ދައުލަތުގެ ފަރާތުން ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރި މައްސަލައެއް ނޫނެވެ. މި މައްސަލައިގެ ތެރެއިން ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާއަށް ގޮތް ކިޔޭނީ، މިއީ އިސްތިއުނާފުކުރި މައްސަލައެއް ކަމުގައި ވާނަމަ އެކަންޏެވެ. ބަހުސުގެ ބޭނުމަށްޓަކައި، މި މުރާޖައާ މައްސަލައިގެ ތެރެއިން ހައިކޯޓުގެ ނިންމުމަށް ގޮތް ކިޔޭނެ ކަމުގައި ބަލާނަމަ، އެއިގެން ނިކުންނަ ނަތީޖާ ދެކޮޅެއް ނުޖެހެއެވެ. އެއީ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދައުލަތުން ކަމުގައި ވެފައި، ދައުލަތުން ދެކޭ ގޮތުގައި ހައިކޯޓުގެ ނިންމުން ރަނގަޅުކަން އެފަރާތުގެ ހުށަހެޅުންތަކުން އެނގެން އޮންނާތީ، މައްސަލައިގެ ތެރެއިން ހައިކޯޓުގެ މައްސަލައަށް ގޮތް ކިޔުމުގައި ބަލާނެ އިސްތިއުނާފީ ނުކުތާތަކެއް ނުހުންނާނެ ކަމަށްޓަކައެވެ.
މި ޤަޟިއްޔާއަކީ ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖައާކުރެވި، އެނިންމުމާއި މެދު ގޮތެއް ކަނޑައަޅުމުގެ ގޮތުން ބަލާފައިވާ މައްސަލައެކެވެ. އެހެންކަމުން، މި ނިންމުމުގައި، ބަލާފައިވަނީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގައި ގޮތް ކަނޑައެޅުމުގައި ޤާނޫނީގޮތުން އެކަމުގެ މައްޗަށް ބަސް ބުނަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
މި ރައުޔުގެ 52 ވަނަ ޕެރެގްރާފްގައިވާ ފަދައިން، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ޙުކުމް ބާޠިލުކުރުމުގެ ނަތީޖާއަކީ، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާއިން، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރި މަރުޙަލާއަށް މައްސަލައިގެ ޙަސްމުން ދިއުމެވެ. އެހެންކަމުން، މި މުރާޖައާ ޤަޟިއްޔާއިން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ބާޠިލުކުރުމުން، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގެ ބާރު އިއާދަވެގެންދާ ކަމުންނާއި، ހައިކޯޓުގެ އެ ނިންމުމަކީ 2018 ގެ ނިންމުމެއް ކަމުގައި ވެފައި، އެއަށްފަހު އަހަރުތަކެއް ފާއިތުވެފައިވާތީ، އަދި ހައިކޯޓުގެ ނިންމަށް ރުޖޫޢަވާ ޙާލަތުގައި އެނިންމުން އިސްތިއުނާފު ކުރުމުގެ ފުރުޞަތު ލިބިދިނުމަކީ އެންމެ އަދުލުވެރި ގޮތްކަމުގައި ބުރަވެވޭކަމުން، މައްސަލައާ ގުޅުންހުރި ފަރާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް، މި މައްސަލަ ނިމޭ ދުވަހުން ފެށިހެން ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ މުހުލަތެއް ދިނުން އެކަށީގެންވާކަމުގައި ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ]ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާ[ އިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށް ކަމުގައި ބެލެން ނެތަތީ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ]ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާ[ ގެ ނިންމުން ބާޠިލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދޭނަމަ، މިއަދު (07 އެޕްރީލް 2021) އިން ފެށިގެން (ބަންދު ދުވަސްތައް ނުހިމަނައި) 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވާކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކުރަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.