ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 52 · 2021/SC-A/103ސުޕްރީމް ކޯޓު · 1 ސެޕްޓެމްބަރު 2022

އާމިނަތު އިބްރާހީމްފުޅު ވ. މުޙައްމަދު ރާޝިދު

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 1 ސެޕްޓެމްބަރު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އާމިނަތު އިބްރާހީމްފުޅު ވ. މުޙައްމަދު ރާޝިދު

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި، އާމިނަތު އިބްރާހީމްފުޅު ) (މީގެ ފަހުން "އާމިނަތު އިބްރާހީމްފުޅު" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ފަރާތުން މުޙައްމަދު ރާޝިދު ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

މ.މާކުންގެ، މާލެ އެވެ ކިޔާ ގޯތީގައި އާމިނަތު އިބްރާހީމްފުޅު ދިރިއުޅޭ ބައި މީލާދީ 04 (ހަތަރެއް) އަހަރާއި 08 (އަށެއް) މަހާއި 15 (ފަނަރަ) ދުވަހަށް ކުއްޔަށް ދިނުމަށްޓަކައި އާމިނަތު އިބްރާހީމް ފުޅާއި މުޙައްމަދު ރާޝިދުއާ ދެމެދު 19 ޖޫން 2014 ގައި އެއްބަސްވުމެއް ވެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން މުޙައްމަދު ރާޝިދުއާ ހަވާލުކުރަންޖެހޭ އިމާރާތްތައް ހަވާލުކޮށްފައިނުވާ ކަމުގައި ބުނެ، އެއްބަސްވުމުގެ ދަށުން މުޙައްމަދު ރާޝިދުއާ ހަވާލުކުރަންޖެހޭ އިމާރާތްތައް ހަވާލުކުރުމަށް އާމިނަތު އިބްރާހީމްފުޅުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، މުޙައްމަދު ރާޝިދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 557/Cv-C/2015 ޤަޟިއްޔާއިންނެވެ.

ސިވިލް ކޯޓުގެ ނަންބަރު 557/Cv-C/2015 ޤަޟިއްޔާ

ސިވިލް ކޯޓުގެ ނަންބަރު 557/Cv-C/2015 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި، ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ ދެ ފަރާތުގެ ވެފައިވާ އެއްބަސްވުމުގެ ދަށުން މ.މާކުންގޭގައި އިމާރާތްކުރަން ފަށާފައި ހުރި އިމާރާތް (މައްސަލަ ބެލިއިރު) ނެތްކަމަށާއި، އަދި (މައްސަލަ ބެލިއިރު) އެތަނުގައި ހުރީ ކޮންކްރީޓް ފައުންޑޭޝަނެއް އަޅައި ހަދަން ފަށާފައިވާ3 (ތިނެއް) ބުރީގެ އިމާރާތެއްކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނާތީ، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށާއި، އަދި އެއްބަސްވުމުގެ ދަށުން އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް ރަނގަޅު ނިޔަތުގައި (good faith/bona fide) އަދާކޮށްފައިވާކަން ބެލެވެން ނެތްކަން މަދަނީ މިންގަނޑުން ސާބިތުވާތީ، ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ތަނުގައި އެހެން އިމާރާތެއް އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހަދަމުން ދަނިކޮށް، މުޙައްމަދު ރާޝިދުގެ ފަރާތުން އެދިފައިވާ ފަދައިން އެ އިމާރާތް ނިންމާ މުޙައްމަދު ރާޝިދާއި ހަވާލުކުރުމަށް އާމިނަތު އިބްރާހީމްފުޅަށް ޝަރީޢަތުގެ ފަރާތުން އެންގުމަކީ މިހާރު ކުރެވެން ނެތް ކަމެއް ކަމަށެވެ. މީގެ އިތުރުން، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާތީ އެއްބަސްވުން ބާޠިލުވެއްޖެ ކަމުގައާއި، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން މުޙައްމަދު ރާޝިދަށް ލިބެންޖެހޭ ޙައްޤުތައް ގެއްލިފައިވާތީ، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން މުޙައްމަދު ރާޝިދަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމަކަށް އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ޒިންމާވާންޖެހޭނެ ކަމަށާއި، އެފަދަ ގެއްލުމެއްގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު މުޙައްމަދު ރާޝިދަށް ލިބިގެންވާ ކަމަށްވެސް އެ ޙުކުމުގައި ކަނޑައަޅައިފައިވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ

ސިވިލް ކޯޓުގެ ނަންބަރު 557/Cv-C/2015 ޤަޟިއްޔާގެ ޙުކުމް 03 އޭޕްރީލް 2016 ގައި ކުރި ފަހުން، 03 މޭ 2016 ގައި އާމިނަތު އިބްރާހީމްފުޅަށް ރައްދުވާގޮތަށް މުޙައްމަދު ރާޝިދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާއިންނެވެ.

މުޙައްމަދު ރާޝިދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ ހުށަހަޅާފައިވަނީ މުޙައްމަދު ރާޝިދުއާއި އާމިނަތު އިބްރާހީމްފުޅާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މުޙައްމަދު ރާޝިދުއާ ހަވާލުކުރަންޖެހޭ އިމާރާތްތައް ހަވާލުކޮށްފައި ނުވާތީ، އޭގެ ސަބަބުން މުޙައްމަދު ރާޝިދުއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 557/Cv-C/2015 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 08 ވަނަ މާއްދާގެ (ކ) ގެ ދަށުން ކުލީގެ މުއްދަތުކަމުގައިވާ04 (ހަތަރެއް) އަހަރާއި 06 (ހައެއް) މަސްދުވަހުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި1,296,000/-ރ. (އެއްމިލިޔަން ދެލައްކަ ނުވަދިހަ ހަހާސް ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށް އެދިއެވެ.

ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާގައި އެ ކޯޓުން ކަނޑައަޅާފައިވަނީ މުޙައްމަދު ރާޝިދުއާއި އާމިނަތު އިބްރާހީމްފުޅާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މެޓީރިއަލް ކޮސްޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މުޙައްމަދު ރާޝިދުގެ ފަރާތުން ދައްކަމުން ގޮސްފައިވާކަމާއި، 27 ޖުލައި 2014 އާ ހަމައަށް އެކު ޖުމްލަ 140,000/-ރ. (އެއްލައްކަ ސާޅީސްހާސް ރުފިޔާ) މުޙައްމަދު ރާޝިދު ދައްކާފައިވަނިކޮށް، ދަޢުވާލިބޭ އާމިނަތު އިބްރާހީމްފުޅު އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުން އެއްބަސްވުމާއި އެއްގޮތަށް އިމާރާތުގެ މަސައްކަތް ނިންމައި އިމާރާތް ދަޢުވާކުރާ ފަރާތާއި ޙަވާލުކޮށްފައިނުވަނީ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށާއި، ދަޢުވާކުރާ މުޙައްމަދު ރާޝިދަށް ގެއްލުމެއް ވެފައިވާނަމަ، އެ ގެއްލުމަކަށް އާމިނަތު އިބްރާހީމްފުޅު ޒިންމާވާންޖެހޭނެ ކަމާއި، ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު މުޙައްމަދު ރާޝިދަށް ލިބިގެންވާކަމަށް އެ (ނަންބަރު 557/Cv-C/2015) ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (ކ) އާއި (ވ) އަށް ބަލާއިރު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއްބަސްވުމާއި ޚިލާފުވި ފަރާތުން އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގައި އިމާރާތުގެ ކޮންމެ ފްލޯއެއް 12,000/-ރ. (ބާރަހާސް ރުފިޔާ) ގެ މަގުން، ޤާނޫނީ ވަކީލުންނަށް ކުރާ ޚަރަދާއެކު، ޖުމްލަ ޢަދަދު ގަނޑުކޮށް ދޭންޖެހޭނެކަން އެނގެން އޮންނަކަމުން، ކުލީގެ މުއްދަތު ކަމުގައިވާ 04 (ހަތަރެއް) އަހަރާއި 06 (ހައެއް) މަސްދުވަހުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ކޮންމެ މަހަކު 12,000/-ރ. (ބާރަހާސް) ރުފިޔާގެ މަގުން 02 (ދޭއް) ފްލޯއަށްޖެހޭ 1,296,000/-ރ. (އެއްމިލިއަން ދެލައްކަ ނުވަދިހަ ހަހާސް ރުފިޔާ) އިން، އެއްބަސްވުމުގެ ދަށުން މުޙައްމަދު ރާޝިދުގެ ފަރާތުން ދައްކަންޖެހޭ 321,000/-ރ. (ތިންލައްކަ އެކާވީސްހާސް ރުފިޔާ) އުނިކުރުމުން ބާކީވާ 975,000/-ރ. (ނުވަލައްކަ ހަތްދިހަފަސްހާސް ރުފިޔާ) އަކީ ދަޢުވާލިބޭ އާމިނަތު އިބްރާހީމްފުޅު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުޙައްމަދު ރާޝިދުއަށް ދޭންޖެހޭ ފައިސާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ފައިސާ މުޙައްމަދު ރާޝިދުއަށް ލިބިދިނުމަށްޓަކައި 12 ޖޫން 2016 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އާމިނަތު އިބްރާހީމްފުޅުގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފައެވެ.

އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ކޮންޓްރެކްޓެއް ލިޔުމުން ނުވަތަ އަނގަބަހުން ނުވަތަ ޢަމަލުން ވޫޖުދުވެދާނެކަން އެނގެން އޮތުމުގެ އިތުރުން، ކޮންޓްރެކްޓަކީ ޝަރުޢީ އުސޫލުން ދެފަރާތުގެ މެދުގައި އުފެދޭ ދެބަސްވުންތަކާއި އެހެނިހެންކަންކަން ހައްލުކުރުމަށް ދެފަރާތުންމެ ރުޖޫޢަވުން ލާޒިމުވާ މުސްތަނެއްދެއް ކަމާއި، އެހެނިހެން ޤަޟާޢީ ނިޒާމްތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައިވެސް ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލުކުރުމުގެ އުސޫލު އިސްތިޤުރާރުވެފައިވާކަން.

އެއްބަސްވުމުގެ ދަށުން މެޓީރިއަލް ކޮސްޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދަޢުވާކުރާ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ގޮސްފައިވާ ކަމާއި، އެއްބަސްވުމުގެ ދަށުން މުޙައްމަދު ރާޝިދު އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދާކޮށްފައިވާ ނުވާކަމަށް އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ޝަރީޢަތުގައި ބަޔާންކޮށްފައި ނެތްކަން ސިވިލް ކޯޓުގެ ނަންބަރު 557/Cv-c/2015 ޤަޟިއްޔާއިން އެނގެން އޮންނަހިނދު، 27 ޖުލައި 2014 އާ ހަމައަށް އެކު ޖުމްލަ 140,000/-ރ. (އެއްލައްކަ ސާޅީހާސް ރުފިޔާ) މުޙައްމަދު ރާޝިދު ދައްކާފައިވަނިކޮށް ދަޢުވާލިބޭ އާމިނަތު އިބްރާހީމްފުޅު އަދާކުރަންޖެހޭ ޒިންމާ އަދާނުކޮށް އެއްބަސްވުމާއި އެއްގޮތަށް އިމާރާތުގެ މަސައްކަތް ނިންމައި އިމާރާތް ދަޢުވާކުރާ ފަރާތާއި ހަވާލުކޮށްފައިނުވަނީ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަން ސިވިލް ކޯޓުގެ ނަންބަރު 557/Cv-c/2015 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 (ރ) އިން އެނގެން އޮންނަކަން.

މ.މާކުންގޭގައި 2 (ދޭއް) ބުރީގެ އިމާރާތެއް ކުއްޔަށް ދިނުމާގުޅޭގޮތުން އާމިނަތު އިބްރާހީމްފުޅާއި މުޙައްމަދު ރާޝިދާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 08 ވަނަ މާއްދާގެ (ކ) ގެ ދަށުން ކުލީގެ މުއްދަތެއްކަމުގައިވާ 04 (ހަތަރެއް) އަހަރާއި 06 (ހައެއް) މަސްދުވަހުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައު ކޮންމެ ފްލޯއަކަށް މަހަކު 12000/-ރ. (ބާރަހާސް ރުފިޔާ) ގެ މަގުން 02 ފްލޯއަށް ޖެހޭ 1,296,000/-ރ. (އެއްމިލިއަން ދެލައްކަ ނުވަދިހަ ހަހާސް ރުފިޔާ) އިން އެއްބަސްވުމުގެ ދަށުން މުޙައްމަދު ރާޝިދުގެ ފަރާތުން ދައްކަންޖެހޭ 461,000/-ރ. (ހަތަރު ލައްކަ ފަސްދޮޅަސް އެއްހާސް ރުފިޔާ) ގެ ތެރެއިން އާމިނަތު އިބްރާހީމްފުޅަށް ދައްކާފައިވަނީ 140,000/-ރ. (އެއްލައްކަ ސާޅީސްހާސް ރުފިޔާ) ކަމުން، އެއްބަސްވުމުގެ ދަށުން މުޙައްމަދު ރާޝިދުގެ ފަރާތުން އިތުރަށް ދައްކަންޖެހޭ321,000/-ރ. (ތިންލައްކަ އެކާވީސްހާސް ރުފިޔާ) އާމިނަތު އިބްރާހީމްފުޅަށް ދައްކަންޖެހޭކަމާއި، މި ފައިސާ ދަޢުވާކުރާ ފަރާތުން ދެއްކިފައިނުވަނީ ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް ދަޢުވާލިބޭ އާމިނަތު އިބްރާހީމްފުޅު އިމާރާތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ނުވާތީއާއި އިމާރާތް ދަޢުވާކުރާ މުޙައްމަދު ރާޝިދާއި ހަވާލުކޮށްފައިނުވާތީކަން ފައިސާ ހަވާލުކުރަމުންއައި ލިޔެކިޔުންތަކާއި، ކަންހިނގާފައިވާ ގޮތާއި، ސިވިލް ކޯޓުގެ ނަންބަރު 557/Cv-c/2015 ޤަޟިއްޔާއިން އެނގޭކަން.

ކުލީގެ މުއްދަތުކަމުގައިވާ 04 (ހަތަރެއް) އަހަރާއި 06 (ހައެއް) މަސްދުވަހުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ކޮންމެ ފްލޯއަކަށް މަހަކު 12000/-ރ. (ބާރަހާސް ރުފިޔާ) ގެ މަގުން 02 (ދޭއް) ފްލޯއަށް ޖެހޭ 1,296,000/-ރ. (އެއްމިލިއަން ދެލައްކަ ނުވަދިހަ ހަހާސް ރުފިޔާ) އިން އެއްބަސްވުމުގެ ދަށުން މުޙައްމަދު ރާޝިދުގެ ފަރާތުން އިތުރަށް ދައްކަންޖެހޭ 321,000/-ރ. (ތިންލައްކަ އެކާވީސްހާސް ރުފިޔާ) އުނިކުރުމުން ބާކީވާ 975,5000/-ރ. (ނުވަލައްކަ ހަތްދިހަފަސްހާސް ރުފިޔާ) އަކީ އާމިނަތު އިބްރާހީމްފުޅު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުޙައްމަދު ރާޝިދު އަށް ދޭންޖެހޭ ފައިސާކަން ޝަރުޢީ އަދި ޤާނޫނު ހަމަތަކުން ޝަރީޢަތަށް ސާބިތުވާކަން.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާ

ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާއިން ބަލައި، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވަނީ، އެ މައްސަލައަކީ އެކަށީގެންވާ ސަބަބެއް ނެތި ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގެންފައިވާ މައްސަލައެއްކަމަށްވާތީ، އެ މައްސަލަ އިތުރަށް ކޯޓުގައި ބަލައި ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމުގައެވެ.

އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ހައިކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާއަކީ އިޢުލާނުކުރުމަށްފަހު އާމިނަތު އިބްރާހީމްފުޅުގެ ޣައިރުޙާޟިރުގައި ހިންގާ ނިންމާފައިވާ މައްސަލައެއް ކަމުގައި ވީނަމަވެސް، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 200/Cv-C/2017 ޤަޟިއްޔާގައި އާމިނަތު އިބްރާހީމްފުޅު ޝަރީޢަތަށް ޙާޟިރުވެ އެ ފައިސާ ބަހާލައިގެން ދެއްކުމަށް އެއްބަސްވެ، ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވާކަން 03 މޭ 2017 ގައި ކޮށްފައިވާ އެ ޤަޟިއްޔާގެ ޙުކުމުން އެނގޭކަން.

ސިވިލް ކޯޓުން މައްސަލަ ނިންމިއިރު ގެއްލުމުގެ ބަދަލު ހިސާބުކުރުމުގެ އޮޅުމެއް އޮތްކަމަށް އާމިނަތު އިބްރާހީމްފުޅު ބުނިނަމަވެސް، ސިވިލް ކޯޓުން ނިންމި މައްސަލައިގައި ހިސާބުކުރުމުގައި އޮޅުމެއް ނެތްކަމާއި، އެ ނުކުތާއަކީ އިސްތިއުނާފުކުރުމުގެ މުއްދަތުގައި ހުށަހެޅިނަމަ ބެލި ދާނެ ނުކުތާއެއްކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން 06 (ހައެއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އެއީ:

ފުރަތަމަ ކަމަކަށް، ސިވިލް ކޯޓުގައި އަދި ހައިކޯޓުގައި މައްސަލަ ހިނގިއިރުވެސް، މި މައްސަލައިގައި ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުން އާދަޔާ ޚިލާފު ނުފޫޒެއްގައި ޖެހި، އާދަޔާ ޚިލާފު އިޖުރާޢަތަކުން ޙުކުމަކާ ހަމައަށް ވާޞިލްވެފައިވާ ކަމަށް ފެންނާތީ، އަދި ފަނޑިޔާރުން ޢަމަލުކޮށްފައިވާ ގޮތުން ނުރަނގަޅު ނުފޫޒު ފޯރާފައިވާ ކަމަށް ބެލެވޭ ހެކިތަށް ހުރުމާއެކު، އެފަދަ ޢަމަލަތަކަކުން ނުކުތް ނަތީޖާ ޢަދުލުވެރިނުވާނެ ހިނދު، މައްސަލައިގެ މައުޟޫޢަށް ނުބަލައި، އިޖުރާއީ އިއުތިރާޒެއްގެ މައްޗަށް ބިނާކޮށް މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ހައިކޯޓުން ކަނޑައެޅިއިރު، މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފު ކުރުމަށްއެދި ހުށަހެޅި ސަބަބުތަކަށް ހައިކޯޓުން ބަލާފައިނުވާ ކަމަށް ބުނެ، ހުށަހެޅި ސަބަބު.

ދެވަނަ ކަމަކަށް، މައްސަލަ ބެލުމުގައި ސިވިލް ކޯޓުން ހަދާފައިވާ އިޖުރާއީ ބޮޑެތި ގޯސްތައް ފާހަގަކޮށް އެކަންކަމުގެ މައްޗަށް ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި މި މައްސަލަ ހައިކޯޓަށް ބަލައިގަތް އަސްލު ސަބަބު ފޮރުވަން މަސައްކަތްކޮށް، އެ ސަބަބުތަކާ ގުޅުމެއް ނެތް އިޖުރާއަތަކުން މި މައްސަލަ މައުޟޫޢީ ގޮތުން ބެލެން ނެތް ކަމަށް ނިންމާފައިވަނީ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 146 ވަނަ މާއްދާއާއި، 142 ވަނަ މާއްދާއާއި، 69 ވަނަ މާއްދާއާއި، އަދި 56 ވަނަ މާއްދާގެ އިތުރުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާއާއި 38 ވަނަ މާއްދާއާއި 39 ވަނަ މާއްދާއާއި ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާއާވެސް ޚިލާފަށް، އާމިނަތު އިބްރާހީމްފުޅަށް ލިބިގެންވާ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭގޮތަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ތިންވަނަ ކަމަކަށް، ކަނޑައެޅިގެން އިޖުރާއީ ބޭއިންސާފުގެ މައްޗަށް ނިންމާފައިވާ މައްސަލައެއް އެފަދަ ދެވަނަ އިޖުރާއަތަކުން މައްސަލައިގެ މައުޟޫޢަށް ބެލުމެއް ނެތި، ބޭރު ކޮށްލާފައިވަނީ ޢަދުލު އިންސާފުގެ ޤާއިމުކުރުމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ޤާނޫނީ ބާރާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެކަށީގެންވާ ފަރުވާތެރިކަމާއެކު ނިޔާ ކަނޑައެޅުމާއި ނުލާ ކަމަށް ބުނެ ހުށަހެޅި ސަބަބު.

ހަތަރުވަނަ ކަމަކަށް، ދަށު ކޯޓުގައި ބޮޑެތި އިޖުރާއީ ގޯސްތަކެއްގެ ތެރެއިން ނިންމާފައިވާ މައްސަލަ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކޮށްފައިވާހިނދު، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމެއް ނެތި، މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނާޡިމް ގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ފަސްވަނަ ކަމަކަށް، 140,000/-ރ. (އެއްލައްކަ ސާޅީސް ހާސް ރުފިޔާ) ޚަރަދުކުރުމަށްފަހު، މަންފާއެއްގެ ގޮތުން 1,290,000/-ރ. (އެއްމިލިޔަން ދެލައްކަ ނުވަދިހަހާސް ރުފިޔާ) ހޯދަން ހުށަހެޅި މައްސަލަ އެއްގައި ނުޙައްޤު މުއްސަނދިކަން ނުވަތަ އަންޖަސްޓް އެންރިޗްމަންޓެއް އެއްވެސް ޙައްޤަކާ ނުލާ މީހަކަށް ލިބިދެވޭނެ ފަދަ ގޮތަކަށް ދަށުކޯޓުން ނިންމި ނިންމުމަށް އިންސާފު ޤާއިމުކޮށްދިނުމުގެ ބަދަލުގައި އިޖުރާއީ ގޮތުން މައްސަލަ ބޭރުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 ގައި ކަނޑައަޅާފައިވާ އުސޫލުތަކުން ލިބިދޭ މަންފާއިން އިސްތިއުނާފު ކުރާ ފަރާތް މަޙްރޫމްވާ ގޮތަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ހަވަނަ ކަމަކަށް، އަނިޔާއާ ބޭއިންސާފުގެ ކުރިމަތީގައި ޙައްޤު ބަސްބުނުމުގެ ޤާނޫނީ ވިލާޔަތު ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިފައިވާ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމުގައިވާތީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޞިއްޔަތުން، އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ އަނިޔާ އާއި ބޭއިންޞާފުން މިންޖުވެދާނެ ޤާނޫނީ ސަބަބެއް އޮތްތޯ ޔަޤީންކުރުމަށް މި މައްސަލަ ހައިކޯޓުން އަލުން ބަލަން އެންގިދާނެ ކަމަށް ބުނެ ހުށަހެޅި ސަބަބު.

ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

އިސްތިއުނާފުކުރުމުގެ ގޮތުން އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، އެންމެ ފަހު އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުގެ ނިންމުމުގައި ހުރި ޤާނޫނީ އުނިކަމަކަށް ހަވާލާދީ ފާހަގަކޮށްފައިވާ ނުކުތާއެއް ކަމުގައި ނުވެފައި، އެ ނުކުތާއަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޞިއްޔަތުން ސުޕްރީމް ކޯޓުގެ ފަރާތުން އާމިނަތު އިބްރާހީމްފުޅަށް ލިބިފައިވާ އަނިޔާ އާއި ބޭއިންޞާފުން މިންޖުވެދާނެ ޤާނޫނީ ދޮރެއް އޮތްތޯ ޔަޤީންކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާއެއް ކަން ސާފުކޮށް އެނގެން އޮތުމުން، މިއީ އޭގެ ޒާތުން ހައިކޯޓުން މައްސަލަ ނިންމި ގޮތް ޤާނޫނާ ޚިލާފުވެގެން ހުށަހަޅާފައިވާ ސަބަބެއް ކަމުގައި ނުފެނެއެވެ. އެއާ ޚިލާފަށް، މި ނުކުތާއަކީ ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް އާމިނަތު އިބްރާހީމްފުޅު ދެކޭ ބާރުތަކެއްގެ ދަށުން ހައިކޯޓަށް މައްސަލަ އަލުން ބެލުމުގެ ފުރުސަތެއް އޮތްކަން ބެލުމުގެ ގޮތުން ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައިވާތީ، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއެއް ކަމުގައި ނުދެކެމެވެ. އަދި އެހެންކަމުން، މި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ މި މައްސަލަ ނިންމުމުގައި ރިޢާޔަތް ކުރެވޭނެ ކަންކަން ކަމުގައިވެސް އަހުރެން ނުދެކެމެވެ.

ބުނެވުނު ނުކުތާގެ އިތުރުން އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އެއްގޮތް ނުކުތާތަކެއް ހުރިކަން ފާހަގަވާތީ، އެފަދައިން ހުރި ނުކުތާތަކަށް އެއްކޮށް، އެއް ނުކުތާއެއްކަމުގައި ބަލައިގެން ކުރިއަށް ދިއުމުން، ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.

މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފު ކުރުމަށްއެދި ހުށަހެޅި ސަބަބުތަކަށް ހައިކޯޓުން ބަލާފައިވާކަން ނުވަތަ ނޫންކަން. އަދި ބަލާފައި ނުވާނަމަ، އެފަދައިން އެ ނުކުތާތަކަށް ބަލާފައިނުވަނީ ޤާނޫނާއި ޚިލާފަށްކަން ނުވަތަ ނޫންކަން.

ހައިކޯޓުން މައްސަލަ ނިންމިގޮތުން، އާމިނަތު އިބްރާހީމްފުޅަށް ލިބިގެންވާ އިސްތިއުނާފު ކުރުމުގެ ޙައްޤު ގެއްލިގެން ދާކަން ނުވަތަ ނޫންކަން. ނުވަތަ އެ ޙައްޤަށް އުނިކަމެއް ލިބޭ ކަން ނުވަތަ ނޫންކަން.

މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައެޅުމެއް ނެތި އަދި ސުޕްރީމް ކޯޓުން ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 ގައި ކަނޑައަޅާފައިވާ އުސޫލުތަކުން ލިބިދޭ މަންފާއިން އާމިނަތު އިބްރާހީމްފުޅު މަޙްރޫމުވާގޮތަށް، ހައިކޯޓުން މައްސަލަ ނިންމާފައިވުމަކީ ޤާނޫނާ ޚިލާފުކަމެއްކަން ނުވަތަ ނޫންކަން.

އެހެންކަމުން، މިއިން ކޮންމެ ނުކުތާއަކަށް ވަކިން ބަލައި އަހުރެން އެއިން ކޮންމެ ކަމެއްގައި ދެކޭގޮތް ފާހަގަކުރަމެވެ.

މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅި ސަބަބުތަކަށް ނުބެލުން

އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ފާހަގަކުރާ ގޮތުގައި، މައްސަލައިގެ މައުޟޫޢަށް ނުބަލައި، އިޖުރާއީ އިއުތިރާޒެއްގެ މައްޗަށް ބިނާކޮށް މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ހައިކޯޓުން ކަނޑައެޅިއިރު، މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފު ކުރުމަށްއެދި ހުށަހެޅި ސަބަބުތަކަށް ހައިކޯޓުން ބަލާފައިނުވުމަކީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި، ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނާޡިމް ގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފު ނިންމުމެކެވެ.

އިސްވެ (ޕެރެގްރާފް 9 އަދި 10 ގައި) ބަޔާންކޮށްފައިވާ ފަދައިން، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ ނިންމުން އެ ކޯޓުން ނިންމާފައިވަނީ، އެ މައްސަލައަކީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތަށްފަހު ހުށަހެޅުމުން އެކަށީގެންވާ ސަބަބެއްނެތި ބަލައިގެންފައިވާ މައްސަލައެއް ކަމުގައިވާތީ، އެ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމުގައެވެ. އެހެން ގޮތަކަށް ބުނާނަމަ، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ އެ މައްސަލަ ސިވިލް ކޯޓުގައި އޭނާގެ ޣައިރުހާޟިރުގައި ނިމުނުކަން އޭނާއަށް އެނގުނުތާ އެތަކެއް މަސްދުވަހެއް ފަހުން ކަމުގައިވުމުން، އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ފާއިތުވުމަށްފަހު އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ހަވާލާދޭފަދަ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމުގައެވެ. ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 8 އަދި 9 ވަނަ ނުކުތާއަށް ބެލުމުން، އެ ނިންމުގެ ބިނާއަކީ މި ބަޔާންކުރި ސަބަބުކަން ސާފެވެ.

އެހެންކަމުން، އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށް ނުބަލައި ހައިކޯޓުން ގޮތް ކަނޑައެޅުމަކީ ގޯހެއް ހެއްޔެވެ؟ މި ކަމުގައި އަހުރެން ދެކޭ ގޮތް ބަޔާންކުރުމުގެ ކުރިން، އާމިނަތު އިބްރާހީމްފުޅާއި މުޙައްމަދު ރާޝިދުއާމެދު އުފެދިފައިވާ ޚުޞޫމާތުގެ ފަސްފަހަތަށް ތަންކޮޅެއް ތަފްސީލީގޮތެއްގައި ބެލުން މުހިންމެވެ.

އެގޮތުން، އާމިނަތު އިބްރާހީމްފުޅާއި މުޙައްމަދު ރާޝިދު ވެފައިވާ އެއްބަސްވުމާއި އާމިނަތު އިބްރާހީމްފުޅު ޚިލާފުވެފައިވާ ކަމުގައި ބުނެ މުޙައްމަދު ރާޝިދުގެ ފަރާތުން ހުށަހެޅި ފުރަތަމަ މައްސަލަ (ސިވިލް ކޯޓުގެ ނަންބަރު 557/Cv-C/2015 ޤަޟިއްޔާ) ހުށަހަޅާފައިވަނީ31 މާރިޗު 2015 ގައެވެ. އަދި އެ މައްސަލައިގެ ޙުކުމް ކޮށްފައިވަނީ 3 އޭޕްރީލް 2016 ގައެވެ.

އެ (ސިވިލް ކޯޓުގެ ނަންބަރު 557/Cv-C/2015 ޤަޟިއްޔާ) މައްސަލައިގައި، ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން އެދި ހުށަހެޅިދާނެ ކަމުގައި ކަނޑައަޅާފައިވާތީ، މުޙައްމަދު ރާޝިދުގެ ފަރާތުން ހުށަހެޅި އެއްބަސްވުމާގުޅޭ ދެވަނަ މައްސަލަ (ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ) ހުށަހަޅާފައިވަނީ 3 މޭ 2016 ގައެވެ. އަދި އެ މައްސަލައިގެ ޙުކުމް ކޮށްފައިވަނީ އާމިނަތު އިބްރާހީމްފުޅުގެ ޣައިރުޙާޟިރުގައި، 12 ޖޫން 2016 ގައެވެ.

ސިވިލް ކޯޓުގެ ނަންބަރު 557/Cv-C/2015 ޤަޟިއްޔާ އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާކަން އެނގޭން ނެތެވެ. އެހެންނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު915/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި، 26 ޖޫން 2016 ގައި އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހުށަހަޅައި، އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ 01 އޮގަސްޓު 2016 ގައި ނިންމާފައިވާކަން އެނގެން އޮވެއެވެ. ހައިކޯޓުގެ ރަޖިސްޓްރާރ މިފަދައިން ނިންމުމުން، ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުން އެދި އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން 14 އޮގަސްޓު 2016 ގައި ހުށަހެޅުމުން، އެ ހުށަހެޅުން ހުށަހަޅާފައިވަނީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތުގެ ފަހުން ކަމަށްވާތީ، އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް18 އޮގަސްޓު 2016 ގައި އާމިނަތު އިބްރާހީމްފުޅަށް ހައިކޯޓުން އަންގާފައިވެއެވެ. އެހެން ކަންހިނގުމުން، ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފު ބަލައި ނުގަތުމުން، އާމިނަތު އިބާރާހީމްފުޅުގެ ފަރާތުން އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރުމަށް ނިންމިއެވެ.

ދެން ފާހަގަވަނީ، ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން މައްސަލައެއް ހުށަހެޅި، އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 200/Cv-C/2017 ޤަޟިއްޔާގެ ގޮތުގައި ބަލައި، 3 މޭ 2017 ގައި ޙުކުމްކޮށްފައިވާކަމެވެ. އެ ތަންފީޒީ ޤަޟިއްޔާގެ ޙުކުމުން، އެ މައްސަލަ ހިންގާފައިވަނީ އާމިނަތު އިބްރާހީމްފުޅުގެ ބައިވެރިވުމާއެކު، އެ ފަރާތުން ދައްކަންޖެހޭ ފައިސާ މަހުންމަހަށް ދެއްކުމަށް އެއްބަސްވުމަށްފަހުގައިކަން އެނގެން އޮތުމުން، އެ (ތަންފީޒީ) ޤަޟިއްޔާ ހިންގާފައިވަނީ އާމިނަތު އިބްރާހީމްފުޅުގެ ބަސް ހޯދައިގެންކަން އެނގެއެވެ.

މީގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 1766/Cv-C/2016 އަދި 2365/Cv-C/2017 ޤަޟިއްޔާގެ ގޮތުގައިވެސް ތަންފީޒީ ދެ ޤަޟިއްޔާއެއް ހިންގުނުކަން އެނގެން އޮވެއެވެ. އެހެންނަމަވެސް، އެ ޤަޟިއްޔާތަކާ ގުޅޭ އިތުރު މަޢުލޫމާތެއް މި މައްސަލައިގެ ތެރެއިން އެނގޭކަށް ނެތެވެ. އަދި މި ބުނެވުނު ދެ ޤަޟިއްޔާ ނޫން އެހެން ތަންފީޒީ ޤަޟިއްޔާއެއް ހިންގާފައިވާކަން ނުވަތަ ނޫންކަން ވެސް މި މައްސަލައިގެ ތެރެއިން އެނގޭން ނެތެވެ.

ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ދެވަނަ ފަހަރަށް ހުށަހެޅީ 4 ފެބްރުވަރީ 2018 ގައި ހައިކޯޓަށް ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ. އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މިސިޓީއާ ގުޅިގެން، 27 ޖަނަވަރީ 2019 ގައި، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އަށް ހަވާލާދީ، ހައިކޯޓުގެ ފަނޑިޔާރުން އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނިންމިއެވެ. އަދި މިއާއެކު، ހައިކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާގެ ގޮތުގައި ހިންގުނު މައްސަލަ 17 މާރިޗް 2019 ގައި އެ ކޯޓުގައި ރަޖިސްޓަރީކޮށް، 31 މޭ 2021 ގައި ނިންމާފައިވެއެވެ.

ލިޔެކިޔުމަށް ބެލުމުން، ހައިކޯޓުން އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބަލައިގެންފައިވަނީ "... އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހެޅިފައިނުވާ ސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ފެންނާތީ، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން..." ކަން، އެ މައްސަލަ ބަލައިގަތުމަށް ނިންމިކަން އަންގާ، (ޕެރެގްރާފް 23 ގައި ބަޔާންކޮށްފައިވާ) އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން 4 ފެބްރުވަރީ 2018 ގައި ހުށަހެޅި ސިޓީގެ ޖަވާބުގައި، ހައިކޯޓުން އާމިނަތު އިބްރާހީމްފުޅަށް ފޮނުވި ސިޓީއިން އެނގެއެވެ.

އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން 4 ފެބްރުވަރީ 2018 ގައި ހައިކޯޓަށް ހުށަހެޅި ސިޓީގައި، އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި މައްސަލަ ހުށަހެޅިފައިނުވާ ސަބަބުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ (1) ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ އާމިނަތު އިބްރާހީމްފުޅުގެ ޣައިރުހާޟިރުގައި ކަމުގައި ވުމާއި، (2) މައްސަލަ ނިންމިއިރު އެ މައްސަލައިގައި އާމިނަތު އިބްރާހީމްފުޅު އިންކާރު ކުރާ ކަމުގައި ބަލައިގެން މައްސަލަ ކުރިއަށް ގެންގޮސްފައި ނުވުމާއި، (3) އެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހިސާބުކޮށްފައިވާ ގޮތް ރަނގަޅު ނުވުމާއި، (4) އަދުލު އިންސާފު ޤާއިމުކޮށް، ޝަރުއީ ނިޒާމުގެ އިތުބާރު ދެމެހެއްޓުމެވެ. މީގެ އިތުރުން، މުޙައްމަދު ރާޝިދުއަށް ނުޙައްޤު މަންފާ ލިބިގެންދާ ކަމުގައާއި، ސިވިލް ކޯޓުގެ ނަންބަރު 557/Cv-C/2015 ޤަޟިއްޔާ ނިންމުމުގައި އަދި އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަން ތަޠުބީޤުކޮށް ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި އެކި ގޯސްތައް ހަދާފައިވާ ކަމުގައި، އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުން އާމިނަތު އިބްރާހީމްފުޅުގެ އިސްތިއުނާފު ބަލައިގެންފައިވަނީ މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމުގައިވާއިރު، ހައިކޯޓުގައި ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި 04 ފެބްރުވަރީ 2018 ގައި ހުށަހެޅިއިރު، އެ މައްސަލައަކީ އެ ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި އޭގެ ކުރިން ހުށަހަޅައި، ހުއްދަ ނުލިބިވާ މައްސަލައެއްކަން، އަދި މިއީ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުން އެދި ދެވަނަ ފަހަރަށް ހުށަހަޅި ހުށަހެޅުން ކަމުގައި އާމިނަތު އިބްރާހީމްފުޅު ބަޔާންކޮށްފައި ނުވެއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ކުރުމަށްފަހު، 04 ފެބްރުވަރީ 2018 ގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ ކުރިއަށް، ސިވިލް ކޯޓުގެ ނަންބަރު 1766/Cv-C/2016 އަދި 200/Cv-C/2017 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ޤަޟިއްޔާތަކެއް ހިންގާ ނިމިފައިވާކަން އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ފާހަގަކޮށްފައި ނުވެއެވެ.

ހައިކޯޓުގެ ސަމާލުކަމަށް ޙުކުމް ތަންފީޒުކުރުމުގެ ޤަޟިއްޔާތަކާ ގުޅޭ ކަންކަން ފާހަގަވެފައިވަނީ ހައިކޯޓުން މައްސަލަ ބަލައިގަނެ، މައްސަލަ ހިންގުމުގެ ތެރޭގައި މުޙައްމަދު ރާޝިދުގެ ފަރާތުން އެކަންކަން ހުށަހެޅުމުންނެވެ. އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން މި މައްސަލަ ކުރިން އިސްތިއުނާފުކުރަން ހުށަހެޅިކަން ހައިކޯޓު މަރުޙަލާގައި އެ ކޯޓަށް ފާހަގަވިކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓަށް އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުމަށް ބެލުމުން، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި 04 ފެބްރުވަރީ 2018 ގައި އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ ދެވަނަ ފަހަރުކަން އެނގެން އޮވެއެވެ.

ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި އޮންނަނީ:

"މި މާއްދާގެ (ހ) ގައި ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް، އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެކަމެއްގެ އިސްތިއުނާފު ޤަބޫލު ކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވެއެވެ."

މި ފަދައިންނެވެ. އެހެންކަމުން، އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަށްފަހު ހައިކޯޓުން އެކަމެއް ބަލައިގަންނާނީ، އެ ކޯޓުގެ ފަނޑިޔާރުންގެ އިޚްތިޔާރުގެ ތެރެއިން، އެފަދަ ކަމަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެން އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި ހުށަހެޅިފައިނުވާ މައްސަލައެއް ނަމައެވެ.

ކަން މިހެން އޮތުމުން، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ބަޔާންކުރާ ފަދައިން، އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށް ނުބަލައި ހައިކޯޓުން ގޮތް ކަނޑައެޅުމަކީ ގޯހެއް ހެއްޔެވެ.

އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައިވާ މި ނުކުތާގެ ރައްދުގައި މުޙައްމަދު ރާޝިދުގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުން މައްސަލަ ބެލުމުގައި އިސްތިއުނާފު ކުރުމުގެ ހުއްދަދިން ސަބަބަކީ، ދަށު ކޯޓުން މައްސަލަ ނިންމިކަން އާމިނަތު އިބްރާހީމްފުޅަށް އެނގިފައި ނެތުންކަމަށް ފާހަގަކޮށްފައިވުމަކީ، މައްސަލައިގެ މައުޟޫޢަށް ގޮތް ކަނޑައެޅުމަށް އަންގައި، މި މައްސަލަ އަލުން ހައިކޯޓަށް ތަހުވީލު ކުރަންޖެހޭ ސަބަބެއް ނޫންކަމުގައެވެ. މީގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާއަކީ 26 ޖޫން 2016 ގައި އިސްތިއުނާފުކުރުމަށް އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެ ކޯޓުން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ކަމާއި، އެކަން އެ ފަރާތުން ހައިކޯޓަށް ސިއްރުކޮށްފައިވާކަން މުޙައްމަދު ރާޝިދު ފާހަގަކޮށްފައިވެއެވެ. އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ފުރަތަމަ އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމުމުން، އެ ނިންމުން ޤާނޫނުގައިވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރުމަކީ، އެ ޙައްޤު އެ ފަރާތުން ދޫކޮށްލާފައިވާ ކަމުގައި ބަލަންޖެހޭ ސަބަބެއް ކަމުގައިވެސް މުޙައްމަދު ރާޝިދު ބުނެއެވެ. އަދި މި މައްސަލަ ހައިކޯޓަށް ތަޙުވީލުކޮށްފިނަމަ، ހައިކޯޓުން ގޮތެއް ނިންމާ އެ ނިންމުން އިސްތިޤުރާރު ވެފައިވަނިކޮށް،އެ ނިންމުމުގެ ބޭރުން އެހެން ޤަޟިއްޔާއެއްގައި އެ މައުޟޫޢު އިސްތިއުނާފު ކުރުމަށް ފުރުޞަތު ދެވޭނެކަމުން، އިސްތިއުނާފު މިކުރެވޭ މައްސަލައަށް ރެސް ޖުޑިކާޓާގެ މަބްދަޢު ތަޠުބީޤުކުރެވެންޖެހޭ ކަމުގައިވެސް އޭނާ ބުނެއެވެ.

މި ނުކުތާއާ ގުޅިގެން ވަކި ދެ ކަމެއް އަހުރެން ފާހަގަކުރަން ޖެހޭކަމުގައި ދެކެމެވެ.

ފުރަތަމަ ކަމަކަށް، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި (ދެވަނަ) އިސްތިއުނާފު އެ ކޯޓުން ބަލައިގަތް ސަބަބު ލިޔެކިޔުމުން އެނގެން ނެތްނަމަވެސް، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އަށާއި، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން 4 ފެބްރުވަރީ 2018 ގައި ހައިކޯޓަށް ހުށަހެޅި ސިޓީގައި ބަޔާންކޮށްފައިވާ (ޕެރެގްރާފް 25 ގައި ހިމަނާފައިވާ) ސަބަބުތަކަށް ބެލުމުން، ހައިކޯޓުން އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ ނިންމާފައި އޮތީ އާމިނަތު އިބްރާހީމްފުޅުގެ ޣައިރުހާޟިރުގައި ކަމުގައިވެފައި، އެ ނިންމުމުގައި އެކި ގޯސްތައް ހިމެނިފައިވާކަމަށް އާމިނަތު އިބްރާހީމްފުޅު ފާހަގަކޮށްފައިވުމުގެ އިތުރުން، އެ ނިންމުމާގުޅޭ މަޢުލޫމާތު އާމިނަތު އިބްރާހީމްފުޅަށް ނުލިބިވަނިކޮށް، އެ ޙުކުމް ތަންފީޒު ކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 1766/CvC/2016 ޤަޟިއްޔާއިން އުޅެނީކަމުގައި ދެކިގެން ކަމުގައި ބެލެވެއެވެ. އެއީ، އެކަން އޮތީ އެފަދައިންކަމުގައި އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން 4 ފެބްރުވަރީ 2018 ގައި ހައިކޯޓަށް ހުށަހެޅި ސިޓީގައި ހިމަނާފައިވާތީ، އެއީ ކަމުގެ ހަޤީޤަތްކަމުގައި ހައިކޯޓުގެ ފަނޑިޔާރުން ދެކިގެން ކަމުގައި ބުރަވެވެއެވެ.

މި ބިނާގެ މައްޗަށް ހައިކޯޓުން މައްސަލަ ބަލައިގެން ކުރިއަށް ގެންދިއުމުގައި، މި އިސްތިއުނާފަކީ އޭގެ ކުރިން ދެ ފަހަރެއްގެ މަތިން ތަންފީޒީ ޤަޟިއްޔާތައް އެ ޙުކުމަކާއި ގުޅިގެން ހިންގާފައިވާ ޤަޟިއްޔާއަކާގުޅޭ އިސްތިއުނާފެއް ކަމުގައި، އަދި ލިޔެކިޔުމުން ފެންނަން އޮތް ގޮތުގައި އޭގެން އެއް ތަންފީޒީ މައްސަލައިގައި، އާމިނަތު އިބްރާހީމްފުޅުގެ ބަސް ހޯދައި، އެ ގޮތުގެ މަތިން އެ މައްސަލަ ނިންމާފައިވާކަން ހައިކޯޓަށް ސާފުވެގެން ދިޔައެވެ. އަދި އެ މައްސަލަ ހައިކޯޓަށް ބަލައިގަތް ބިނާއަކީ ފުރިހަމަ މަޢުލޫމާތާއި ތެދު ޙަޤީޤަތުގެ މައްޗަށް ބިނާވާ ހުށަހެޅުމެއް ނޫންކަމުގައި ފެނުމުން، އަސްލު ކަންހިނގާފައިވާ ގޮތަށް ބަލައި، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އަށް ހަވާލާދީ ބަލައިގެންފައިވަނީ ހަމަ ހަޤީޤަތުގައިވެސް އޭނާއަށް ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ ނިންމާފައިވާކަން އެނގިފައިނުވާތީ ނޫންކަން، އަދި އެހެންކަމުން، އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތުގައި އާމިނަތު އިބްރާހީމްފުޅަށް އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިފައި ނުވަނީ، އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ނޫންކަން ފެންނާން އޮތުމުން، ބުނެވުނު ބިނާގެ މައްޗަށް ބަލައިގެންފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތީ ކަމުގައި ހައިކޯޓުން ކަނޑައެޅިއެވެ.

އާންމު އުސޫލުން މައްސަލައެއް ބަލައިގަތުމަށްފަހު، މައްސަލައިގެ ޝަރީޢަތް ކުރުމުގެ ތެރެއިން މައްސަލަ ބަލައިގަތް ގޮތާމެދު ބަހުސެއް ނުކުރެވެއެވެ. އެހެންނަމަވެސް، އެ ކަމާގުޅޭ ނުކުތާއެއް ހަސްމަކު ހުށަހަޅައިފިނަމަ، ފަނޑިޔާރުންގެ އިޒުނައާއެކު، މައްސަލަ ބަލައިގަތް ގޮތާމެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބިދެވެއެވެ. މި މައްސަލައިގެ ތެރެއިން ފާހަގަވާ ގޮތުގައި، މުޙައްމަދު ރާޝިދުގެ ފަރާތުން އެފަދަ ނުކުތާއެއް ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެކަން ބަލައި، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ހަޤީޤަތް އޮޅޭ ފަދަ މުހިންމު މަޢުލޫމާތުތަކެއް ހިމަނާފައިވާކަން ފަނޑިޔާރުންނަށް ސާފުވުމުން، ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބިނާކޮށް، އާމިނަތު އިބްރާހީމްފުޅަށް އިސްތިއުނާފު މުއްދަތުގައި މައްސަލަ ހުށަހެޅިފައި ނުވަނީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ނޫންކަމުގައި ހައިކޯޓުން ނިންމުމުގެ އެއްވެސް މައްސަލައެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ. އެއީ، އެ ހާލަތުގައި ބަލާނީ މައްސަލައިގެ މައުޟޫޢާ ގުޅޭ ކަންކަމުގެ މައްޗަށްކަމަށް ނުވެފައި، އެ ހާލަތުގައި ބަލާނީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގައި ލަސްވެފައިވަނީ ހަމަ ހަޤީޤަތުގައިވެސް އަމިއްލަ ބާރު ނުފޯރާ ސަބަބުތަކެއް ކުރިމަތިވެގެން ކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަމުގައި ވާތީއެވެ.

ދެވަނައަށް އަހުރެން ފާހަގަކުރަން އެދޭ ނުކުތާއަކީ ހައިކޯޓަށް ހުށަހެޅުނު މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާވާ ނުކުތާއެއް ކަމުގައި ނުވާތީ، މިއީ ހައިކޯޓުގެ ނިންމުމާއި ގުޅޭ ނުކުތާއެއް ނަމަވެސް، އެކަމުގެ މައްޗަށް ހައިކޯޓުގައި ވާހަކަ ދެކެވި، ހައިކޯޓުން ގޮތް ކަނޑައެޅުމުގައި އެ މަޢުލޫމާތަށް ބަރޯސާވެފައިވާ ކަންކަމެއް ނޫނެވެ.

މި ރައުޔު (ޕްރެގްރާފް 20) ގައި ފާހަގަކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާއިން ހައިކޯޓުގައި ހިންގުނު މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އެ ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލައެއް ނޫނެވެ. ސިވިލް ކޯޓުގެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި4 ފެބްރުވަރީ 2018 ގައި ސިޓީ ފޮނުވުމުގެ ކުރިން، 2016 ގައި އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅައި، އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ނުވާކަން އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމުން އެނގެން އެބައޮތެވެ. އަދި ހައިކޯޓުން އޭރު ނިންމި ނިންމުން އާމިނަތު އިބްރާހީމްފުޅުގެ އަމިއްލަ އިޚްތިޔާރުގައި ސުޕްރީމް ކޯޓަށް އިސްތިއުނާފު ކޮށްފައިނުވާކަމުގައިވެސް އެފަރާތުން ބުނެފައިވެއެވެ.

މި ކަންކަމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ ހައިކޯޓުގައި ދެވަނަ ފަހަރެއްގެ މަތިން އިސްތިއުނާފު ކުރެވުމުން ބަލައިގަތުމަށްފަހު ހިންގި ޤަޟިއްޔާއެއްކަން ސާފުވެއެވެ. އަދި ކަން އެފަދައިން ހިނގާފައިވާކަން އެނގެން އޮތުމުން، އެ އިސްތިއުނާފީ މައްސަލަ، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އަށް ހަވާލާދީ، 2018 ވަނަ އަހަރު ބަލައިގެންފައިވަނީ ހައިކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން އަމިއްލަ ބާރު ނުފޯރާ ކަންތައްތަކެއް ކުރިމަތިވެގެން ނޫންކަން އެނގެއެވެ.

އެއް ނިންމުމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހައިކޯޓަށް ދެ ފަހަރު ހުށަހަޅާފައިވުމުން، މިއީ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގަޟިއްޔާގައި ރެސް ޖުޑިކާޓާގެ މަބްދަޢު ބިނާވާ މައިގަނޑު ތިން އުސޫލުކަމުގައިވާ އިޝޫ އެސްޓޮޕަލް، ކޯޒް އޮފް އެކްޝަން އެސްޓްޕަލް އަދި އެބިއުސް އޮފް ޕްރޮސެސް ތަޠުބީޤުކުރެވޭ ގޮތަށް އޮތް މައްސަލައެއް ކަމުގައިވެސް އަހުރެން ދެކެމެވެ.

އެހެންކަމުން، މި ރައުޔުގެ ޕެރެގްރާފް 32 އިން 34 އަށް ބަޔާންކޮށްފައިވާ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށް ނުބަލައި ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ ގޯހުން ނުވަތަ ޤާނޫނާއި ޚިލާފަށް ކަމުގައި ބެލެވޭނެ ސަބަބެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.

އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަމެއް ލިބުން

ހައިކޯޓުގެ ނިންމުމަކީ އާމިނަތު އިބްރާހީމްފުޅަށް ލިބިގެންވާ އިސްތިއުނާފީ ޙައްޤު ގެއްލޭގޮތަށް ކޮށްފައިވާ ޙުކުމެއްކަމުގައި ބުނެ އެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން އެފަދައިން ފާހަގަކޮށްފައިވަނީ، ހައިކޯޓުން ކުރި ޙުކުމަކީ މައްސަލަ ހުށަހަޅައި ބަލައިގަތް ސަބަބުތަކުގެ މައްޗަށް ބިނާވާ ޙުކުމެއް ކަމުގައި ނުވާތީއާއި، އެ ޙުކުމް ބިނާވަނީ އެ ސަބަބުތަކާއި ގުޅުމެއް ނެތް އިޖުރާއަތެއްގެ މައްޗަށް ކަމުގައިވާތީ ކަމުގައި ބުނެއެވެ.

އެ ނުކުތާ ތަފްސީލު ކުރަމުން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފު ކުރުމުގެ ޙައްޤަކީ ކޮންމެ ރައްތިޔަކަށްމެ މުޠުލަޤުކޮށް އަދި އިޖުމާލީ ގޮތެއްގައި ލިބިގެންވާ އަސާސީ ޙައްޤެއް ކަމުގައި އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މިގޮތުން، އެ ޙައްޤު ލިބިދެވޭނީ މައުޟޫޢީ ގޮތުން މައްސަލަ ބެލިގެން ކަމުގައާއި، މައުޟޫޢީ ގޮތުން މައްސަލަ ނުބަލައި، އިޖުރާއީ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެން މައްސަލަ ބޭރުކުރަންވާނީ އެއީ އިންސާފާއި ގާތް ގޮތް ކަމުގައިވާނަމަ ކަމަށް އާމިނަތު އިބްރާހީމްފުޅު ބުނެއެވެ.

އެހެންކަމުން، ހައިކޯޓަށް މައްސަލަ ހުށަހަޅައި ބަލައިގަތް ސަބަބުތަކުގެ މައްޗަށް ނުބަލައި،އެ ސަބަބުތަކާއި ގުޅުމެއް ނެތް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް މައްސަލައެއް ނިންމުމަކީ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަމެއް އަންނަ ކަމެއް ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުން މުހިންމުވެއެވެ.

ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ބެލުމުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އަސާސީ ޙައްޤެއް ހިފެހެއްޓިދާނެކަން ސާފުކޮށް އެނގެން އޮވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) އަށާއި 38 ވަނަ މާއްދާއަށާއި 43 ވަނަ މާއްދާއަށް ބެލުމުން، ދަށުކޯޓުގެ ނިންމުމެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވޭނަމަ، އެ ނިންމުމެއް އިސްތިއުނާފުކުރުމުގެ ޙައްޤު މަސްލަހަތު އޮތް ފަރާތްތަކަށް ލިބިދީފައިވާކަން އެނގެން އޮވެއެވެ. އެހެންނަމަވެސް، އެފަދަ އިސްތިއުނާފެއް ހުށަހަޅާފައިވަނީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ފަހަނައަޅާ ދިއުމަށް ފަހުގައި ކަމުގައިވެފައި، އެފަދައިން އިސްތިއުނާފު ކުރުމަށް ހުށަހެޅިފައި ނުވަނީ އަމިއްލަ ބާރު ނުފޯރާފަދަކަމެއް މެދުވެރިވެގެން ކަމުގައިވާނަމަ، އަދި އެ މައްސަލައެއް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ހައިކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް ކަމުގައިވާނަމަ، އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތު ފާއިތުވުމަށްފަހުގައިވެސް، އެ މައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަންވެސް އެނގެން އޮވެއެވެ. ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވެސް އޮންނަނީ މި ފަދައިންނެވެ.

އެހެންކަމުން، އިސްތިއުނާފުކުރުމަށް ވަކި މުއްދަތެއް އޮންނަކަން އަދި އެ މުއްދަތުގެ ބޭރުން އިސްތިއނާފުކުރާނަމަ އެއީ ހައިކޯޓަށް ލިބިގެންވާ އިޚްތިޔާރެއްކަން ސާފެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް އިސްތިއުނާފު ކުރެވޭ މައްސަލަތައް ބަލައިގަންނަނީ އެ ޤައުމުތަކުގެ ޤާނޫނުން ކަނޑައެޅިފައިވާ ވަކި ހާލަތްތަކެއްގައި، އަދި ވަކި މުއްދަތްތަކެއްގައި ކަމުން، އިސްތިއުނާފު ކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން އިޖުރާއަތުތަކަކާއި މުއްދަތުތަކެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް ޚާއްސަ އިޖުރާއަތެއް ނޫނެވެ. އެއީ ދުނިޔޭގެ ހުޅުވިފައިވާ މިނިވަން ދީމިޤްރާތީ ޤައުމުތަކުގައިވެސް ޢަމަލުކުރަމުން އަންނަ އުސޫލެކެވެ.

މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު915/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ފުރަތަމަ ހުށަހަޅާފައިވަނީ އިސްތިއުނާފުގެ މުއްދަތުގައި ނަމަވެސް، އެ މައްސަލަ ހައިކޯޓަށް ބަލައިގަންނަން ޖެހޭފަދަ ޤާނޫނީ ސަބަބެއް އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހުށަހަޅާފައިނުވާތީ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމުގައި ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާކަން މި ރައުޔުގެ 20 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވާ ލިޔެކިޔުމަށް ބެލުމުން އެނގެން އޮވެއެވެ. އަދި އެފަދައިން ނިންމުންމުން އެ ނިންމުން މުރާޖަޢާކުރުމަށް ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާތީ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމާފައިވާކަންވެސް، އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެންއޮވެއެވެ. އެހެންނަމަވެސް، މި ލިޔެކިޔުންތަކަކީ، މި ޤަޟިއްޔާގައި އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާ ހިނގަމުންދިޔައިރު، އެ ކޯޓަށް ހުށަހެޅިފައިވާ އަދި އެ މައްޗަށް އެއްވެސް ބަހުސެއް ކުރެވިފައިވާ ލިޔެކިޔުންތަކެއް ނޫންކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

މި މައްސަލަ ދެވަނަ ފަހަރަށް އިސްތިއުނާފުކުރުމަށް އެދި އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން04 ފެބުރުވަރީ 2018 ގައި ހައިކޯޓަށް ހުށަހެޅި ސިޓީގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އޭނާގެ ޣައިރުހާޟިރުގައި މައްސަލަ ހިންގާ ނިންމިކަމުގެ ވާހަކައާއި، އެ ޙުކުމް ތަންފީޒުކުރަން އުޅޭ ކަމުގެ މަޢުލޫމާތާއި، ގެއްލުމުގެ ބަދަލު ހިސާބުކުރުމުގައި ދަށުކޯޓުގައި މައްސަލަ ބެލި ފަނޑިޔާރަށް އަރާފައިވާ އޮޅުންތަކެއް ކަމަށް އާމިނަތު އިބްރާހީމްފުޅު ބަޔާންކުރާ، މައްސަލައިގެ މައުޟޫޢާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކެވެ. މައްސަލަ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ފާއިތުވުމަށްފަހު، އެ މައްސަލަ އަލުން ހުށަހަޅަންޖެހުނު ސަބަބެއް ސީދާ އެ ސިޓީގައި ބަޔާންކޮށްފައިނުވި ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާގެ ޙުކުމް އާމިނަތު އިބްރާހީމްފުޅަށް އެނގިފައި ނުވާކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާގެ ޙުކުމް އެނގިފައިނުވާކަމަށް އާމިނަތު އިބްރާހީމްފުޅު ބަޔާންކޮށްފައިވީނަމަވެސް، އެ ޤަޟިއްޔާގެ ޙުކުމް 12 ޖޫން 2016 ގައި ކުރެވުމުން، 26 ޖޫން 2016 ގައި އިސްތިއުނާފު ކުރުމަށް އެދި އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަން، އޭނާ ހުށަހަޅާފައިވާ 01 އޮގަސްޓު 2016 ގެ ތާރީޚުގެ ރަޖިސްޓްރަރގެ ނިންމުމުން އެނގެން އޮވެއެވެ. އެހެންކަމުން ދަށު ކޯޓުން މައްސަލަ ނިންމިކަން އާމިނަތު އިބްރާހީމްފުޅަށް އެނގިފައިނުވާ ކަމަށް އޭނާ ބުނިނަމަވެސް، ހަމަ ހަޤީޤަތުގައިވެސް އެފަދައިން ކަންހިނގާފައިވާނަމަ، އިސްތިއުނާފުގެ މުއްދަތުގައި އިސްތިއުނާފުކުރަން މައްސަލަ ހުށަހެޅިފައި ނުވާނެއެވެ.

މީގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 200/Cv-C/2017 ޤަޟިއްޔާގައި އާމިނަތު އިބްރާހީމްފުޅު ޝަރީޢަތަށް ޙާޟިރުވެ އެ ފައިސާ ބަހާލައިގެން ދެއްކުމަށް އެއްބަސްވުމަށްފަހު، އަދި އެ ތަންފީޒީ ޤަޟިއްޔާގެ ޙުކުމް 03 މޭ 2017 ގައި ކުރެވުނު ފަހުން، ސިވިލް ކޯޓުގެ ނަންބަރު 915/Cv-C/2016 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް އަލުން ހުށަހަޅާފައިވަނީ، ޤާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އިޖުރާއަތުގެ ބޭރުން ކަމުގައި ދެކެމެވެ.

އިސްތިއުނާފު ކުރުމުގެ ޙައްޤަކީ އެއްވެސް އިމެއްނެތި، މުޠުލަޤަށް ލިބިދީފައިވާ ޙައްޤެއް ކަމުގައި ނުވާ ހިނދު، އިސްތިއުނާފު ކުރުމަށް އޮންނަ އިޖުރާއަތުގެ ބޭރުން އަމަލުކުރުމަށްފަހު، އޭގެ ސަބަބުން އިސްތިއުނާފުކުރި މައްސަލަ ކޯޓުން ބޭރުކުރުމުން، އެއީ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަންލިބޭފަދަ ކަމެއް ކަމުގައި ބުނުމަކީ ޤާނޫނީ ގޮތުން ދެކޮޅުޖެހޭ ވާހަކައެއް ކަމުގައި އަހުރެން ނުދެކެމެވެ.

މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައެޅުމެއް ނެތި ހައިކޯޓުން މައްސަލަ ނިންމުންހައިކޯޓުން މައްސަލަ ނިންމާފައިވަނީ އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ މައުޟޫއަށް ގޮތެއް ކަނޑައެޅުމާއި ނުލައި، އަދި ސުޕްރީމް ކޯޓުން ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 ގައި ކަނޑައަޅާފައިވާ އުސޫލުތަކުން ލިބިދޭ މަންފާއިން އާމިނަތު އިބްރާހީމްފުޅު މަޙްރޫމްވާގޮތަށް ކަމަށް ބުނެ އޭނާގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ.

މި ރައުޔުގައި ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓުން ބަލައިގަނެ ހިންގި މައްސަލައަކީ އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު، ފުރިހަމަ ނޫން މަޢުލޫމާތު ހިމަނައިގެން ހުށަހެޅި ހުށަހެޅުމެއް ހައިކޯޓުން ބަލައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ހިންގި މައްސަލައެކެވެ. ހައިކޯޓުން އެ މައްސަލަ ހިންގުމުގެ ތެރެއިން، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގައި ލަސްވެފައިވަނީ އާމިނަތު އިބްރާހީމްފުޅުގެ ފަރާތުން މައްސަލަ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ސަބަބުތައް ކުރިމަތިވެގެން ނޫންކަން ސާފުވުމުން، މައްސަލައިގެ މައުޟޫޢަށް ބެލުމެއް ނެތި ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ ޝަރީޢަތުގެ ނިޒާމާއި ޝަރީޢަތުގެ އިޖުރާއަތުތައް ހިފެހެއްޓުމުގެ ގޮތުންނެވެ.

މިހެންކަމުން، އަދި ހައިކޯޓަށް އިސްތިއުނާފު ކުރި މައްސަލައަކީ ދެވަނަ ފަހަރަށް ހައިކޯޓަށް ހުށަހެޅި މައްސަލައެއް ކަމުގައިވެފައި، ކަންހިނގާފައިވާ ގޮތަށް ބެލުމުން، މިއީ ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރަންޖެހޭ ހާލަތެއް ކަމުގައިވާތީ، ހުށަހަޅާފައިވާ މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައެޅުމާއި ނުލައި އަދި ސުޕްރީމް ކޯޓުން ޤާއިމުކޮށްފައިވާ އުސޫލުތަކުގެ މަންފާ ލިބިދިނުމަކާއި ނުލައި، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ގޯހުން ނުވަތަ ޤާނޫނާއި ޚިލާފަށް ކަމުގައި ބެލެވޭނެ ސަބަބެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތްއިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން އިސްވެ ފާގަހަކޮށްފައިވާ ކަންކަމުގެ އަލީގައި، އަހުރެން ބުރަވަނީ މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކުރުމަށެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/172 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމް(ރިޔާސަތު) ޙުކުމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ