—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2015/SC-A/16
ދަޢުވާކުރާ ފަރާތް: އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 05 އެޕްރީލު 2015
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 މެއި 2015
ނިމުނު ތާރީޚް: 03 އޮކްޓޯބަރު 2016
މައްސަލަ ނިންމި ގަޑި: 12:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2014/HC-A/244
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 01 ސެޕްޓެންބަރު 2014
ނިމުނު ތާރީޚް: 30 ނޮވެންބަރު 2014
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/244 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއެވެ.
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/244 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 695/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/244 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއެވެ.
ފާހަގަކުރެވުނު ނުކުތާތައް
މި މައްސަލާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ހައިކޯޓުގެ ނަންބަރު 2014/HC-A/244 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 695/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 695/Cv-C/2014 ޤަޟިއްޔާއަކީ، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ސޭންޑް ޕަންޕް ހޯސްއަށް ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ އާއި، އިންވޮއިސްގައި ބުނެފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ، ފައިސާ ނުދައްކައިވާ ކޮންމެ ދުވަހަކަށް އަރަމުންދާ %5 (ފަހެއް އިންސައްތަ) ޖޫރިމަނާގެ ފައިސާއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، އަދި އެ އިންވޮއިސްގައިވާ ޢަދަދު ދެއްކުމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްކޮށްފައިވާ ތާރީޚުކަމުގައިވާ 10 މާރިޗު 2014 އާ ހަމައަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 3,411,875/-ރ. (ތިންމިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އާއި އެކުޖުމުލަ 3,544,375/-ރ. (ތިންމިލިއަން ފަސްލައްކަ ސާޅީސް ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ލިބިގަތުމަށް އެދި އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ސޭންޑް ޕަންޕް ހޯސްއެއް ފޯރުކޮށްދީފައިވާ ކަމާއި، އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ މި މުދަލަށް ފައިސާ ދައްކާފައިވާކަން ސާބިތުކޮށްދިނުމަކީ މި ފައިސާ ދައްކަންޖެހޭ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއް ކަމުގައިވާއިރު، މި ފައިސާ ދައްކާފައިވާކަން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާތީ، މި ފައިސާއަކީ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއް ކަމާއި، މި މައްސަލާގައި ޖޫރިމަނާގެ ޢަދަދު ހިސާބުކުރެވިފައިވާ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ބަޔާންކޮށް ތައްޔާރުކުރެވިފައިވާ ނަންބަރު 2012/MI/113 އިންވޮއިސް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރެވިފައިވާކަން އެ އިންވޮއިސްއިން ނުވަތަ އެނޫން ލިޔުމަކުންވެސް ދެނެގަނެވެން ނެތުމުން، އެ އިންވޮއިސްގައިވާ ޝަރުޠެއްގެ މައްޗަށް ބިނާކޮށް ޖޫރިމަނާގެ ފައިސާ ނަގައިދެވެން ނެތްކަމަށާއި، މި މައްސަލާގައި ސާބިތުވެފައިވާ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މި ފައިސާ20 ޖުލައި 2014 އިން 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ މަދުވެގެން އެ މަހަކަށްޖެހޭ މިންވަރު ސިވިލް ކޯޓަށް ދައްކަމުންގޮސް، މި ފައިސާ މި މުއްދަތުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި އަންގައި އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 695/Cv-C/2014 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.
ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 695/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/244 ޤަޟިއްޔާއިން ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 695/Cv-C/2014 ޤަޟިއްޔާގެ ޙުކުމުގައި، ސޭންޑް ޕަންޕް ހޯސްގެ އަގަށްވާ 132,500/-ރ. (އެއްލައްކަ ތިރީސް ދެހާސް ފަސްސަތޭކަ ރުފިޔާ) އަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކުރުމާއެކު، ޖޫރިމަނާގެ ޢަދަދު ހިސާބުކުރެވިފައިވާ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ބަޔާންކޮށް ތައްޔާރުކުރެވިފައިވާ ނަންބަރު 2012/MI/113 އިންވޮއިސްއަކީ، އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރެވިފައިވާ ލިޔުމެއްކަން އެނގެން ނެތްކަމަށް ބުނެ، އެ އިންވޮއިސްގައިވާ ޝަރުޠެއްގެ މައްޗަށް ބިނާކޮށް ޖޫރިމަނާގެ ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅާފައިވާ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ސޭންޑް ޕަންޕް ހޯސްއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ 132,500/-ރ. (އެއްލައްކަ ތިރީސް ދެހާސް ފަސްސަތޭކަ ރުފިޔާ) ކަމަށް ބަޔާންކޮށް، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ނަންބަރު 2012/MI/113 އިންވޮއިސްއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު އިންވޮއިސްއެއްކަމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ބަހުން އެނގެން އޮންނާތީ، ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް އަރަމުންދާ %5 (ފަހެއް އިންސައްތަ) ގެ ޖޫރިމަނާ ފައިސާއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 695/Cv-C/2014 ޤަޟިއްޔާގެ ޙުކުމުގައި، އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ)، އެ ޙުކުމުގައި ކަނޑައަޅާފައިވާ ގޮތަށް ދައްކާ ޚަލާސްކުރުމުގެ އިތުރުން، އިންވޮއިސްގައިވާ ޢަދަދަށް ފައިސާ ދެއްކުމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްކޮށްފައިވާ ތާރީޚުކަމަށްވާ 10 މާރިޗު 2014 އާ ހަމަޔަށް، ޖޫރިމަނާގެ ގޮތުގައި އިންވޮއިސްގައިވާ ޢަދަދުގެ %5 (ފަހެއް އިންސައްތަ) އަށްވާ 3,411,875/-ރ. (ތިންމިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) 30 ނޮވެންބަރު 2014 އިން ފެށިގެން ދައްކާ ޚަލާސްކުރުމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/244 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/244 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛
(ހ) އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ސޭންޑް ޕަންޕް ހޯސްއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ 132,500/-ރ. (އެއްލައްކަ ތިރީސް ދެހާސް ފަސްސަތޭކަ ރުފިޔާ) ކަމަށް ބަޔާންކޮށް، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ނަންބަރު 2012/MI/113 އިންވޮއިސްއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު އިންވޮއިސްއެއްކަމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ބަހުން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައި ވީނަމަވެސް، އެ އިންވޮއިސް ސީދާ ލިބުނު ތާރީޚެއް އެނގެން ނެތީސް މާ ކުރީގެ ތާރީޚެއްގައި ލިބިފައިވާ އިންވޮއިސްއެއް ލިބިފައިވާ ތާރީޚަށް ބަލައި ޖޫރިމަނާ ހިސާބުކުރެވިފައިވާކަމަށް ބުނެ ހުށަހެޅި ސަބަބާއި،
(ށ) ޖޫރިމަނާގެ ފައިސާ ހޯދުމުގެ ގޮތުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައި ވީނަމަވެސް، މާޒީގައި ދެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ޖޫރިމަނާގެ ފައިސާ ނެގުމުގެ ޙައްޤަކީ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޫކޮށްލާފައިވާ ޙައްޤެއްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބާއި،
(ނ) ދެ ފަރާތުގެ ދެމެދުގައި ލިޔެފައިވާ ވަކި ކޮންޓްރެކްޓެއް ނެތްއިރު، އަދި މި މައްސަލާގައި ދެ ފަރާތުގެ ދެމެދުގައި އުފެދިފައިވާ ކޮންޓްރެކްޓުގެ އީޖާބާއި ޤަބޫލު އުފެދިފައިވަނީ ޢަމަލީގޮތުން ދެ ފަރާތުން ކުރިކަންކަމުގެ ސަބަބުންކަމަށް ވީހިނދު، އެއްބަސްވުން އުފެދުމުގެ މާފަހުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ބަހެއްނެތި މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން "އިންވޮއިސް" ގައި ޖޫރިމަނާއެއް ދެއްކުމަށް ބަޔާންކޮށްފައި އޮތަތީ، އެ ޖޫރިމަނާގެ ފައިސާއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، މިކަންކަމަށް ރިޢާޔަތްނުކޮށްކަމަށް ބުނެ ހުށަހެޅި ސަބަބާއި،
(ރ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ޖޫރިމަނާއަކީ ނަގައިދެވޭނެ އެއްޗެއް ކަމަށް ކަނޑައަޅާފައި ވީނަމަވެސް، ޙަވާލާދެވުނު ޤަޟިއްޔާގައި ހިމެނުނު މައްސަލައިގެ ކަންހިނގާފައިވާ ގޮތާއި މި މައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފާތުކަމުގައި ވާއިރު، އެކަންކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބާއި،
(ބ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާގެ 8 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖޫރިމަނާ ނުވަތަ "ޝަރްޠު ޖަޒާއީ" އަކީ ކޮންޓްރެކްޓްގެ އެއް ބައިވެރިއެއްގެ މައްޗަށް ކޮންޓްރެކްޓެއްގެ ދަށުން ލާޒިމްވާ ކަމެއް ތަންފީޛުކުރުމުން ނުވަތަ ތަންފީޛުކުރުން ލަސްކުރުމުން އެކަމުން ގެއްލުންވި އަނެއް ބައިވެރިޔާއަށް ޙައްޤުވާ ބަދަލުގެ މިންވަރު ވަޒަންކުރުމުގެ މައްޗަށް ވެވޭ އެއްބަސްވުމެއް ކަމަށާއި، އެހެންނަމަވެސް، މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން އިސްތިއުނާފު ރައްދުވި ފަރާތަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ޢަދަދު ނަގައިދިނުމުގައި އެއީ އެ ފަރާތަށް ޙައްޤުވާ ބަދަލުގެ މިންވަރުކަމަށް ކަނޑައަޅާފައިވަނީ މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ނަގައިދޭ މިންގަނޑާ އެއްގޮތަށް ނޫންކަމަށް ބުނެ ހުށަހެޅި ސަބަބާއި،
(ޅ) އިސްލާމްދީނުގެ އަޞްލުތަކަށާއި ޤާނޫނީ ހަމަތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދަ ގޮތަކަށް ފައިސާ ނަގައިދެވިދާނެ ކަމަކަށް ނުދެކޭކަމަށާއި، ކޮންޓްރެކްޓްތަކަށް ޖަޒާއީ ޝަރްޠުތައް ލެވެނީ އެއްގޮތަކަށްވެސް އަނެކެއްގެ މުދާ ނުޙައްޤުން އަތުލުމުކަށް ނޫންކަމަށާއި، އެއާ ޚިލާފަށް، ޖަޒާއީ ޝަރްޠެއް ކޮންޓްރެކްޓެއްގައި ހިމަނައި، އެ ޝަރްތަށް ޢަމަލުކުރާނަމަ، އެ ޝަރްޠުގައިވާ ޢަދަދަކީ ނުވަތަ ރޭޓު ވާންޖެހޭނީ ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙަޤީޤަތުގައިވެސް ލިބޭ ނުވަތަ ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށް އޮންނަ ޝަރްޠަކަށް ކަމަށާއި، މީހެއްގެ އޮވެދާނެ ޢުޒުރަކަށް ބެލުމެއްނެތި، އަދި އެއްވެސް ލިމިޓެއް ނުވަތަ ހިފެހެއްޓުމެއް ނެތި ޖޫރިމާނާ ފައިސާ ނަގައިދެވޭ ކަމަށްވާނަމަ، އެފަދަ ފައިސާއަކީ އިންޞާފުގެ ހަމައިން ނެގޭ އެއްޗެއްކަމަށް ނުބެލެވޭނެ ކަމަށާއި، މިއީ އިސްލާމްދީނުގައިވެސް، އަދި މިނިވަން ދީމިޤްރާޠީ މުޖުތަމަޢުގައިވެސް ޢަމަލުކުރަމުންދާ ގޮތެއްވެސް ނޫންކަމަށް ބުނެ ހުށަހެޅި ސަބަބާ، މި ސަބަބުތައްކަން އެނގެން އޮވެއެވެ.
މަދަނީ އިލްތިޒާމްތަކުގެ އެންމެ މުހިއްމު އެއް މަޞްދަރަކީ "އަޤްދު" ނުވަތަ ކޮންޓްރެކްޓް ކަމާއި، ކޮންޓްރެކްޓަކީ ދެ ޝަޚުޞުންގެ ނުވަތަ އެއަށްވުރެ ގިނަ ޝަޙުޞުންގެ މެދުގައި، ކަމެއްކުރުމުގެ ނުވަތަ ކަމެއް ކުރުމުން މަނާވެގަތުމުގެ ޤާނޫނީ އިލްތިޒާމު އުފުލުމަށް ވެވޭ އެއްބަސްވުމެއް ކަމާއި، "އަމުރުކުރަނިވި ނުވަތަ ލާޒިމްކުރަނިވި ޤާނޫނީ ޤާޢިދާ" (القاعدة الآمرة/peremptory rule) އަކާ، ނުވަތަ މުޖްތަމަޢުގެ "އައްނިޒާމުލް ޢާންމު" ނުވަތަ "އަލްއާދާބުލް ޢާންމާ" (االنظام العام والآداب العامة/Public Order and Public Decency) އާ ގުޅިފައިވާ ޤާނޫނީ ޤާޢިދާއަކާ ޚިލާފު ނުވާގޮތަށް، ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެގެން ކުރެވޭ ކޮންމެ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް، ރަނގަޅު ނިޔަތުގައި (good faith/bona fide) ތަންފީޒު ކުރުމަކީ، އިސްލާމީ ޝަރީޢަތުގެ އަސާސީ ޤާޢިދާއެއްކަމަށްވާ "ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ" (قاعدة الوفاء بالعهد) ގެ އިތުރުން، ވަޟްޢީ ނިޒާމްތަކުގައިވެސް އިސްތިޤްރާރުވެފައިވާ ޤާނޫނީ ޢާންމު މަބްދައެއްކަމަށްވާ "ޕެކްޓާ ސަންޓް ސަރވެންޑާ" (Pacta sunt servanda) ގެ މަބްދައުގެ ދަށުން، އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްވެގެންވާ ކަމެއްކަމާއި، ޤާނޫނުގައި ވަކި ޚާއްޞަ ގޮތަކަށް އެކުލަވާލުން ލާޒިމްނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމްނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވާ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކޮންޓްރެކްޓެއް ކަމާއި، އެފަދަ ކޮންޓްރެކްޓަކީ ޞަރީޙަ (explicit) ކޮށް ނުވަތަ "ޟިމްނީ" (tacit) ކޮށްވެސް ކުރެވިދާނެ ކޮންޓްރެކްޓެއްކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ ކޮންޓްރެކްޓާބެހޭ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، މި އުޞޫލުތައް އިޖްމާލީގޮތަކަށް ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާކަން އެ ޤާނޫނުގެ މާއްދާތަކަށް ބެލުމުން އެނގެން އޮވެއެވެ.
ކޮންޓްރެކްޓެއްގެ ދަށުން އެ ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރްޠަށް ޤާނޫނީ ޢިލްމުވެރިންގެ އިޞްޠިލާޙުގައި ކިޔަނީ "ޝަރްޠު ޖަޒާއީ" (شرط جزائي / Penalty Clause) ކަމާއި، އެފަދަ ޖަޒާއީ ޝަރްޠު އުޞޫލެއްގެ ގޮތުގައި ކުރެވެނީ ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ކުރެވޭ އަޞްލު ކޮންޓްރެކްޓުގައި ހިމެނޭ ޝަރްޠެއްގެ ގޮތުގައި ކަމުގައި ވީނަމަވެސް، އަޞްލު ކޮންޓްރެކްޓާ ގުޅިގެން ފަހުންވެވޭ އެއްބަސްވުމެއްގައިވެސް އެފަދަ ޝަރްޠެއް ހިމެނުން މަނާވެގެން ނުވާކަމާ، މިގޮތުން ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ނެގުމަށް ރުހި އެއްބަސްވެވޭ ގެއްލުމުގެ ބަދަލު (contractual/consensual compensation) ނުވަތަ "ޝަރްޠު ޖަޒާއީ" އަކީ ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އަޞްލީ އިލްތިޒާމު ތަންފީޒު ނުކުރުމުން ނުވަތަ ތަންފީޒުކުރުން ލަސްކުރުމުން ތަޠްބީޤުކުރެވޭ، އެ އަޞްލީ އިލްތިޒާމަށް ތަބާވާ "ތަބަޢީ" އިލްތިޒާމެއްކަމާ، އެހެންކަމުން އަދާކުރަންޖެހޭ އަޞްލީ އިލްތިޒާމެއްގެ ދަށުން މެނުވީ "ތަބަޢީ" އިލްތިޒާމެއް ވުޖޫދު ނުކުރެވޭނެކަން މަދަނީ ޤާނޫނުގައި އިސްތިޤްރާރުވެފައިވާ "ޝަރްޠު ޖަޒާއީ" ގެ އަޙްކާމްތަކަށް ބެލުމުން އެނގެން އޮވެއެވެ.
"ޝަރްޠު ޖަޒާއީ" ގެ ބަޔާންވެދިޔަ މަފްހޫމުގެ މައްޗަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު "މަބްދައު ސުލްޠާނިލް އިރާދާ" (Freedom of Contract) ގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެ ބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރްޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުޠުލަޤު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫންކަމާ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކޮންޓްރެކްޓުގައި ހިމެނުން ހުއްދަކުރާ ޝަރްޠުތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގަޔާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ "ޤަޠްޢީ" (imperative) އަޙްކާމްތަކާ ޚިލާފުނުވާ ޝަރްޠުތަކަކަށް ކަން އެނގެން އޮންނައިރު، ކޮންޓްރެކްޓުގެ ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ޢާންމު އުޞޫލު ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެންވާ ކަމާއި، އެ މާއްދާގެ (ހ) ގައި "ކޮންޓްރެކްޓްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަށް އެ ޢަމަލުކުރި މީހަކު، ބަދަލު ދޭންޖެހޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގައިވާ ގޮތުން ބަދަލު ދޭންޖެހޭނެ ގެއްލުމަކީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި، އެފަދަ ޚިލާފު ޢަމަލެއްކުރުމުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން ކަމުގައި ބުނެވިދިޔަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮވެއެވެ.
އިސްވެ ޙަވާލާދެވުނު ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގައި ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ވަޒަންކުރުމުގައި ރިޢާޔަތްކުރަންޖެހޭ މައިގަނޑު ދެ ބާވަތެއްގެ ގެއްލުން ބަޔާންކޮށްފައިވާ ކަމާއި، ފުރަތަމަ ބާވަތަކީ: ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުން (direct/actual damages) ކަމާއި، ދެވަނަ ބާވަތަކީ: ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަޞައްވުރު ނުވަތަ އިންތިޒާރު ކުރެވޭ ގެއްލުން (prospective damages/foreseeable) ކަން އެނގެން އޮންނައިރު، ކޮންޓްރެކްޓްގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން، ނުވަތަ އަދާނުކޮށް ލަސްކުރުމުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބިދާނެ ގެއްލުމުގެ ބަދަލާމެދު ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ކުރިއާލައި ރުހި އެއްބަސްވެ ކޮންޓްރެކްޓުގައި ހިމަނާ ޝަރްޠެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، އިޝާރާތްކުރެވުނު ފަދަ ގެއްލުމުކާ އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެ ކަމާއި، އެ ބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު" (arbitrariness/abuse) ވެ، ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ތަފާތު ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާ ކަނޑައެޅިގެން ތަޢާރުޟުވާ ކަމެއްކަމާއި، ކޮންޓްރެކެއްގެ ދަށުން އަދާކުރުން ލާޒިމުވެގެންވާ އިލްތިޒާމަކީ ކަނޑައެޅިގެންވާ ޢަދަދެއްގެ ފައިސާކަމަށް ވާނަމަ، އެ ފައިސާ އަދާކުރުން ލަސްވުމުން ލިބޭ ގެއްލުން ވަޒަންކޮށް ދައްކަންޖެހޭ ބަދަލާމެދު ކުރިއާލައި އެއްބަސްވުމާމެދު ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވާ ބާރު ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ޤާނޫނުތަކުގައި ޤައިދުކޮށް ތަންޒީމުކުރެވިފައިވާ ކަމާއި، އޭގެ ބޭނުމަކީ އެފަދަ ބަދަލު ނަހަމަގޮތުގައި ނުޙައްޤުން އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ޢަދަދަކަށް ނެގުމަށް ވެވޭ އެއްބަސްވުން މަނާކުރުން ކަމާއި؛ މިގޮތުން، ތިޖާރީ އަދި ބޭންކިންގެ ދާއިރާގައި އިސްތިޤްރާރުވެފައިވާ އާދަކާދަޔާއި "އަޢުރާފު" (customs) ނުހިމެނޭ ގޮތުގެމަތިން، އެފަދަ ބަދަލު ޤާނޫނުގައި ކަނޑައަޅާފައިވާ ނިސްބަތަށް ވުރެ ބޮޑު ނިސްބަތަކަށް ނެގުން މިޒަމާނުގެ ގިނަ ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ޤާނޫނުތަކުގައި މަނާކޮށްފައިވާކަމާ، އަދި ބައެއް ޖުރިސްޑިކްޝަންތަކުގައި އެ ބަދަލުގެ މިންވަރު އަދާކުރަންޖެހޭ އަޞްލު އިލްތިޒާމަށްވުރެ ބޮޑުވުންވެސް މަނާކުރާކަން މިޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ޤާނޫނުތަކަށާއި، ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން އެނގެން އޮވެއެވެ.
އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި، އަޙްކާމަތަކާ ޚިލާފުނުވާ ގޮތުގެމަތިން ކޮންޓްރެކްޓްގެ ބައިވެރިންގެ މެދުގައި އެ ޝަރްޠުތަކެއްގެ މައްޗަށް އެއްބަސްވެ، ޢަޤްދުކުރެވޭ ޝަރްޠުތަކަކީ ޞައްޙަ، އެއަށް ވަފާތެރިވުން ލާޒިމްވެގެންވާ ޝަރްޠުތަކެއްކަން އިސްލާމީ ޝަރީޢަތުގެ "ޤަޠްޢީ" ނައްޞުތަކުން އެނގެން އޮންނައިރު، މަދަނީ މުޢާމަލާތްތަކާއި އިލްތިޒާމްތަކާ ގުޅިގެން ކުރެވޭ ކޮންޓްރެކްޓްތަކުގައި ޝަރްޢީ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތިން "ޝަރްޠު ޖަޒާއީ" ހިމެނުމަކީ މިޒަމާނުގެ އިސްލާމީ މުޖްތަމަޢުތަކުގައި އިސްތިޤްރާރުވެފައިވާ "ޢުރުފް" އެއްކަމާއި، ކޮންޓްރެކްޓެއްގައި ހިމެނޭ "ޝަރްޠު ޖަޒާއީ" އެއްގެ ދަށުން ނެގުމަށް އެއްބަސްވެވޭ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ މާތް ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވާ "لا ضَرر ولا ضِرار" މި ނައްޞުން ކަމާއި، މި ނައްޞަކީ ޙަޤީޤަތުގައި، މުޠްލަޤު ގޮތަކަށް ހުރިހާ ސިފައެއްގައި ގެއްލުން މަނާކުރުމަށް ބާރުއަޅާ، އިސްލާމީ ފިޤްހުގައި އިސްތިޤްރާރުވެފައިވާ ޢާންމު ފިޤްހީ ޤާޢިދާއެއް ކަމާއި، މި ޤާޢިދާގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމް އަދާނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމަށް ޟާމިނުވެ އެ ގެއްލުމުގެ ބަދަލު ދިނުމަށް ކޮންޓްރްޓުގެ ބައިވެރިންގެ މެދުގައި އެއްބަސްވެ ކުރެވޭ ޝަރްޠަކީ އުޞޫލެއްގެ ގޮތުން އިސްލާމީ ޝަރީޢަތް ހުއްދަކުރާ ޞައްޙަ ޝަރްޠެއްކަމުގައިވީ ނަމަވެސް، އެ ޝަރްޠުގެ ދަށުން ނެގުމަށް އެއްބަސްވެވޭ ބަދަލަކީ ޝަރްޢީ އަޞްލަކާ ޚިލާފު ނޫން ބަދަލަކަށް ވާންޖެހޭނެކަމާ، އެހެންކަމުން އެ ބަދަލަކީ "ތަޢައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނޭ މަޞްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށްވާނަމަ، އެއީ ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޡަރަކުން ނުބެލެވޭނެ ކަމާއި، އަދި އެފަދަ "ތަޢައްސުފީ" ބަދަލަކީ ޚުދު އިސްވެ އިޝާރާތްކުރެވުނު "لا ضرر ولا ضرار" ގެ ފިޤްހީ ޤާޢިދާއާއި ޚިލާފު ބަދަލަކަށް ވުމުގެ އިތުރުން، އެފަދަ ބަދަލު ނެގުމަށް ޝަރްޠުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްޞުން ޙަރާމްކުރެވިފައިވާ، މީހުންގެ މުދާ އެބައި މީހުންގެ ރުހުމަކާނުލައި ނުޙައްޤުން އަތުލުން ކަމުގައި މެނުވީ ނުވާނެކަން، ޢަޤްދުތަކުގައި ހިމެނުން ޝަރްޢީ ގޮތުން ހުއްދަކުރާ ޞައްޙަ ޝަރްޠުތަކާއި، ހުއްދަ ނުކުރާ ފާސިދު ނުވަތަ ބާޠިލު ޝަރްޠުތަކާ ގުޅޭގޮތުން އިސްލާމީ ފިޤްހުގައި އިސްތިޤްރާރުވެފައިވާ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއވެ.
ކޮންޓްރެކްޓާއި، ކޮންޓްރެކްޓުގެ ދަށުން ނެގުމަށް އެއްބަސްވެވޭ "ޝަރްޠު ޖަޒާއީ" އާ ގުޅޭ، އިސްވެ ބަޔާންވެދިޔަ ޢާންމު އުޞޫލުތަކުގެ އަލީގައި، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/244 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންވެދިޔަ ސަބަބުތަކާ ގުޅިގެން އެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލައި ނަޒަރުކުރިއިރު އަންނަނިވި ކަންތައް ފާހަގަކުރެވިފައި ވެއެވެ.
ހ) ފުރަތަމަ ކަމަކީ، މި މައްސަލާގައި އިލްތިމާސްކުރާ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި، އިލްތިމާސް ރައްދުވާ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު "ތަޢާޤުދީ" (contractual) ގުޅުމެއް އުފެދިފައިވާ ކަމާއި، އެއީ އައި.އެންޑް.ޓީ މެނޭޖްމަންޓަށް ބޭނުންވެގެން ސަޕްލައިކޮށްދިނުމަށް މައިކްރޯ އިންވެސްޓްމަންޓުގައި އެދޭ މުދާ ސަޕްލައި ކުރުމުގެ ގުޅުމެއްކަމާ؛ މިގޮތުން މައިކްރޯ އިންވެސްޓްމަންޓްގެ ފަރާތުން އައި.އެންޑް.ޓީ މެނޭޖްމަންޓުގެ އެދުމަކަށް، އެ ފަރާތަށް ސޭންޑް ޕަންޕް ހޯސްއެއް ސަޕްލައި ކޮށްދީފައިވާކަން ދެ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމާއި، މި މުދާ ސަޕްލައިކުރުމާ ބެހޭގޮތުން ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށް ލިޔުމަކުން ވަކި ޚާއްޞަ ޝަރްޠުތަކެއްގެ މައްޗަށް އެއްބަސްވެ ކޮށްފައިވާ "ޝަކްލީ" ކޮންޓްރެކްޓެއް ނެތްކަމާ، އެހެންނަމަވެސް އެ މުޢާމަލާތް ހިނގާފައިވަނީ އެއް ފަރާތް އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުމަކާ އަނެއް ފަރާތުން ޞަރީޙަކޮށް ނުވަތަ ޟިމްނީކޮށް ރުހި ޤަބޫލުކުރާ "ރިޟާއީ" ކޮންޓްރެކްޓެއްގެ މައްޗަށް ބިނާކޮށްކަން ދެ ފަރާތުގެ ބަހުން އެނގެން އޮންނައިރު، ބުނެވިދިޔަ ކޮންޓްރެކްޓް ގެ ދަށުން މައިކްރޯ އިންވެސްޓްމަންޓުގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އަޞްލީ އިލްތިޒާމަކީ އައި.އެންޑް.ޓީ މެނޭޖްމަންޓުން ސަޕްލައިކޮށްދިނުމަށް އެދުނު މުދާ އެ ފަރާތަށް ސަޕްލައި ކޮށްދިނުންކަމާ، އަދި އައި.އެންޑް.ޓީ މެނޭޖްމަންޓުގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އަޞްލީ އިލްތިޒާމަކީ މައިކްރޯ އިންވެސްޓްމަންޓުން ސަޕްލައިކޮށްދިން މުދަލުގެ އަގު އެ ފަރާތަށް އަދާކުރުންކަން އެނގެން އޮންނަ އޮތުމެވެ.
ށ) ދެވަނަ ކަމަކީ، ބުނެވިދިޔަ އަޞްލީ އިލްތިޒާމު ތަންފީޒުނުކޮށް ލަސްކުރުމުން ދެ ފަރާތުންކުރެ ފަރާތަކަށް ލިބިދާނެ ގެއްލުމުގެ ބަދަލު "ޝަރްޠު ޖަޒާއީ" އެއްގެ ދަށުން ނެގުމަށް ދެ ފަރާތުން ޞަރީޙަގޮތަކަށް ކުރިއާލައި އެއްބަސްވެފައި ނުވާކަމާ، ނަމަވެސް، މައިކްރޯ އިންވެސްޓްމަންޓްގެ ފަރާތުން އައި.އެންޑް.ޓީ މެނޭޖްމަންޓަށް ސަޕްލައިކޮށްދީފައިވާ އިޝާރާތްކުރެވުނު "ސޭންޑް ޕަންޕް ހޯސް" ގެ އަގަށްވާ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ދެއްކުމަށް އަންގައި މައިކްރޯ އިންވެސްޓްމަންޓުގެ ފަރާތުން އައި.އެންޑް.ޓީ މެނޭޖްމަންޓަށް 10 ސެޕްޓެންބަރު 2012 ގައި ތައްޔާރުކޮށް، ފޮނުވިކަމަށް ބުނާ ނަންބަރު 2012/MI/113 އިންވޮއިސްގައި، އެ އިންވޮއިސްގައި ބުނެފައިވާ މުއްދަތުގައި ފައިސާ ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަށް އިންވޮއިސްގައިވާ ފައިސާގެ ޖުމްލަ ޢަދަދުގެ 5% (ފަހެއް އިންސައްތަ) ޖޫރިމަނާ ގޮތުގައި ނެގިދާނެކަމަށް ބަޔާންކޮށް "ޝަރްޠު ޖަޒާއީ" އެއް ހިމަނާފައިވާކަން އެނގެން އޮންނަކަމެވެ.
ނ) ތިންވަނަ ކަމަކީ، ޖަޒާއީ ޝަރްޠެއް ކޮންޓްރެކްޓެއްގައި ހިމަނައި، އެ ޝަރްޠަށް ޢަމަލުކުރާނަމަ، އެ ޝަރްޠު ވާންޖެހޭނީ ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙަޤީޤަތުގައިވެސް ލިބޭ ނުވަތަ ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށް އޮންނަ ޝަރްޠަކަށް ކަމަށާއި، އެއްވެސް ލިމިޓެއް ނުވަތަ ހިފެހެއްޓުމެއް ނެތި ޖޫރިމަނާ ފައިސާ ނަގައިދެވޭ ކަމަށްވާނަމަ، އެފަދަ ފައިސާއަކީ އިންޞާފުގެ ހަމައިން ނެގޭ އެއްޗެއްކަމަށް ނުބެލެވޭނެ ކަމަށާއި، މިއީ އިސްލާމްދީނުގައިވެސް، އަދި މިނިވަން ދީމިޤްރާޠީ މުޖުތަމަޢުގައިވެސް ޢަމަލުކުރަމުންދާ ގޮތެއްވެސް ނޫންކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 695/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި އެދިފައިވަނީ އެ ކުންފުނީގެ ފަރާތުން އައި.އެންޑް.ޓީ މެނޭޖްމަންޓަށް ފޯރުކޮށްދީފައިވާ ސޭންޑް ޕަންޕް ހޯސްގެ އަގަށްވާ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ނުދައްކައި ލަސްވުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކޯޓުން ވަޒަންކޮށް، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން "ޤަޟާއީ ބަދަލެއް" (judicial compensation) ހޯދުމަކަށް ނޫންކަމާ، ނަމަވެސް އެ ކުންފުނިން އެދިފައިވަނީ ބުނެވިދިޔަ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ އާއި، އެ ފައިސާ ދެއްކުމަށް އެދި ފޮނުވާފައިވާ އިންވޮއިސްގައި ކަނޑައަޅައިފައިވާ މުއްދަތުގައި ފައިސާ ދެއްކުން ލަސްވެފައިވާތީ، ފައިސާ ނުދައްކައި ފާއިތުވާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އިންވޮއިސްގައި ޝަރްޠުކޮށްފައިވާ، އިންވޮއިސްގެ ޖުމްލަ އަގުގެ %5 (ފަހެއް އިންސައްތަ) ފައިސާއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި ދިނުމަށްކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 695/Cv-C/2014 ޤަޟިއްޔާ ނިންމުމުގައި ބަލައި ތަޤްޔީމު ކޮށްފައިވާ މައިގަނޑު ވާޤިޢާއަކީ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ އިންވޮއިސްގައި ޝަރްޠުކޮށްފައިވާ ޙަވާލާދެވުނު "ޝަރްޠު ޖަޒާއީ" އަކީ އައި.އެންޑް.ޓީ މެނޭޖްމަންޓްގެ ފަރާތުން "ޟިމްނީކޮށް" ޤަބޫލުކޮށްފައިވާ ޝަރްޠެއްތޯ ނުވަތަ ނޫންތޯ ބަލައި، އެކަން ޘާބިތުވުމުގެ ނުވަތަ ނުވުމުގެ މައްޗަށް ބިނާކޮށް ދަޢުވާއާ މެދު ފައިޞަލާކުރުން ކަމާއި، ބުނެވިދިޔަ އިންވޮއިސްގައި ހިމަނާފައިވާ "ޝަރްޠު ޖަޒާއީ" ނުވަތަ ޖޫރިމަނާގެ ނިސްބަތަކީ "ތަޢައްސުފީ" ކޮށް ކަނޑައަޅާފައިވާ، ފައިސާ ނުދައްކައި ލަސްވުމުން ލިބުނު ވާޤިޢީ ގެއްލުމާ އެކަށީގެންނުވާ ނިސްބަތެއްތޯ ނުވަތަ ނޫންތޯ ބަލައި އެ "ޝަރްޠު ޖަޒާއީ" ގައި ކަނޑައަޅާފައިވާ މިންވަރު އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި، މިޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރާ އުޞޫލުތަކާއި، އިންޞާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ މިންވަރަށް ތިރިކުރުމަކީ ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާއިން ބަލައި ތަޤްޔީމުކޮށްފައިވާ ވާޤިޢާއެއް ނޫންކަމާއި، އަދި އެއީ އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު އައި.އެންޑް.ޓީ މެނޭޖްމަންޓުގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށް އެއާމެދު ވާހަކަދައްކާފައިވާ ވާޤިޢާއެއްވެސް ނޫންކަން ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 695/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާގައި ދެ ފަރާތުން ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
ރ) ހަތަރުވަނަ ކަމަކީ، އަޞްލު ކޮންޓްރެކްޓުގައި ނުހިމެނޭ "ޝަރްޠު ޖަޒާއީ" ފަދަ ބައެއް ޝަރްޠުތައް އިންވޮއިސްގައި ހިމެނުމުގެ އާދަކާދައަކީ މިޒަމާނުގެ މުޢާމަލާތްތަކުގައި ޢާންމުވެފައިވާ، އަދި ތަފާތު ޖުރިސްޑިކްޝަންތަކުންނާއި، ދިވެހިރާއްޖޭގެ ޝަރްޢީ ކޯޓުތަކުން ބަލައިގެންފައިވާ ޕްރެކްޓިހެއް ކަމާއި، އެފަދަ ޝަރްޠުތަކަށް ދިވެހިރާއްޖޭގޭ ޤާނޫނީ ނިޒާމުގައި މަޝްރޫޢިއްޔަތުކަން ލިބިގެންވާ އަސާސަކީ، އެ ޝަރްޠުތަކަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި، ކޮންޓްރެކްޓުގެ ބައިވެރިންގެ ރުހުމާއި އިޚްތިޔާރުގައި ކުރެވޭ ޝަރްޠުތަކަކަށް ވުންކަން އެނގެން އޮންނައިރު، މައިކްރޯ އިންވެސްޓްމަންޓްގެ ފަރާތުން އައި.އެންޑް.ޓީ މެނޭޖްމަންޓަށް ފޮނުވާފައިވާ ޙަވާލާދެވުނު އިންވޮއިސްގައިވާ ޖުމްލަ ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތުގައި އެ ފައިސާ ދެއްކުން ލަސްވާ ޙާލަތުގައި، އެ އިންވޮއިސްގައި ހިމަނާފައިވާ "ޝަރްޠު ޖަޒާއީ" ގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ، ދެއްކުން އައި.އެންޑް.ޓީ މެނޭޖްމަންޓުގެ މައްޗަށް ލާޒިމްވާނީ އެ ކުންފުނިން ޞަރީޙަކޮށް ނުވަތަ ޟިމްނީކޮށް ނަމަވެސް އެ "ޝަރްޠު ޖަޒާއީ" އާ ރުހި ޤަބޫލުވާނަމަ ކަމާއި؛ އައި.އެންޑް.ޓީ މެނޭޖްމަންޓުގެ ފަރާތުން ބުނެވިދިޔަ "ޝަރްޠު ޖަޒާއީ" އާ، ލިޔެކިޔުން ފަދަ ވަސީލަތަކުން ޞަރީޙަ ގޮތަކަށް ރުހި ޤަބޫލުވެފައިވާކަން އެއްވެސްގޮތަކަށް އެނގެން ނެތްއިރު، އެ ފަރާތުން އެ "ޝަރްޠު ޖަޒާއީ" އާ ޟިމްނީކޮށް ރުހި ޤަބޫލުވެފައިވާކަމަށް ބެލެވޭނީ އެ ކަމަށް ދަލާލަތުކޮށްދޭ ހަރުދަނާ ދަލީލުތަކެއް ނުވަތަ ޤަރީނާތަކެއް ހުރެގެންކަން އެނގެން އޮންނަކަމެވެ.
ބ) ފަސްވަނަ ކަމަކީ، ކޮންޓްރެކްޓުގެ ބައިވެރިއަކު ފޮނުވާ އިންވޮއިސްއެއްގައި "ޝަރްޠު ޖަޒާއީ" އެއް ހިމަނާފައިވާނަމަ، އެއާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިއާ ޟިމްނީގޮތުން ރުހި ޤަބޫލު ކުރިކަމަށް އިސްތިންތާޖު ކުރެވިދާނެ އަސާސްތަކެއްވާ ކަމާއި، އޭގެ ތެރޭގައި، ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ "ޝަރްޠު ޖަޒާއީ" ޤަބޫލު ނުކުރާނަމަ އެކަން އެންގުމަށް ކޮންޓްރެކްޓުގައި ދީފައިވާ މުހުލަތުގައި "ޝަރްޠު ޖަޒާއީ" އާ މެދު ޝަކުވާއެއް ނުކޮށް ހަނުހުރުމަކީ ޤަބޫލުކުރުންކަމަށް ބެލިދާނެ އަސާސެއްކަމާ، ހަމަ މި މޭރުމުން، ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އަޞްލީ އިލްތިޒާމުގެ ދަށުން ދައްކަންޖެހޭ ޖުމްލަ ފައިސާ އަދާކުރުމަށް މުހުލަތެއް ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައި ލަސްވުމުން އިންވޮއިސްގައި ބަޔާންވެގެންވާ "ޝަރްޠު ޖަޒާއީ" ތަޠްބީޤު ކުރެވޭނެކަމަށް ބަޔާންކޮށް އިންވޮއިސްގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާނުދައްކައި ހަނުހުރުމަކީވެސް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، އެ އިންވޮއިސްގައި ކަނޑައަޅައިފައިވާ "ޝަރްޠު ޖަޒާއީ" އާ ޟިމްނީކޮށް ރުހި ޤަބޫލުކުރުންކަމަށް ބެލިދާނެ އަސާސެއް ކަމާއި، މި އަސާސްތަކުގެ މައްޗަށް ނަޒަރުކޮށް ބަލާއިރު، މައިކްރޯ އިންވެސްޓްމަންޓްގެ ފަރާތުން އައި.އެންޑް.ޓީ މެނޭޖްމަންޓަށް 10 ސެޕްޓެންބަރު 2012 ގައި ތައްޔާރުކޮށް، ފޮނުވިކަމަށް ބުނާ ޙަވާލާދެވުނު ނަންބަރު 2012/MI/113 އިންވޮއިސްގައި، އައި.އެންޑް.ޓީ މެނޭޖްމަންޓުން މައިކްރޯ އިންވެސްޓްމަންޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދަކީ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ކަމަށް ބަޔާންކޮށްފައިވާއިރު، އެ އިންވޮއިސްގައިވާ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކަންވާނެ ކަމަށާއި، މުދަލަށް ވެފައިވާ އެއްވެސް ގެއްލުމެއް ނުވަތަ "ޑިސްކްރެޕެންސީ" އެއްވާނަމަ 24 ގަޑި އިރުތެރޭގައި ލިޔުމުން އަންގަންވާނެ ކަމަށާއި، އިންވޮއިސްގައި ބުނެފައިވާ ޖުމުލަ އަގު 15 ދުވަސްތެރޭގައި ނުދައްކާނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ ޖުމްލަ އަގުގެ5% (ފަހެއް އިންސައްތަ) ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެކަމަށް ބަޔާންކޮށް ޝަރްޠުތަކެއް ހިމަނާފައިވާއިރު، އައި.އެންޑް.ޓީ މެނޭޖްމަންޓަށް ބުނެވިދިޔަ އިންވޮއިސް ރަސްމީކޮށް ރައްދުވެފައިވާ ތާރީޚަކީ ކޮބައިކަން އެނގޭގޮތަށް މާރކްކޮށް، އެ ކުންފުނީގެ ފަރާތުން އިންވޮއިސްގައި ސޮއިކޮށްފައި ނުވާކަން އެ އިންވޮއިސްއަށް ބެލުމުން އެނގެން އޮންނަ ކަމާއި، ބުނެވިދިޔަ އިންވޮއިސް އައި.އެންޑް.ޓީ މެނޭޖްމަންޓަށް ރައްދުކުރެވިފައިވާ ތާރީޚަކީ 25 ސެޕްޓެންބަރު 2012 ގައި ކަމަށް މައިކްރޯ އިންވެސްޓްމަންޓުގެ ފަރާތުން ބުނާބުނުން ފިޔަވައި އެކަން ޘާބިތުކުރުމަށް އެއްވެސް މުސްތަޤިއްލު ހަރުދަނާ ދަލީލެއް ނުވަތަ ހެއްކެއް ހުށަހެޅިފައި ނުވާކަން އެނގެން އޮތުމުންނާއި، އެ ތާރީޚަކީ އައި.އެންޑް.ޓީ މެނޭޖްމަންޓަށް ބުނެވިދިޔަ އިންވޮއިސް ލިބިފައިވާ ތާރީޚުކަމަށް އެ ކުންފުނީގެ ފަރާތުން އިންކާރުކުރާ ތާރީޚެއްކަން، މި މައްސަލައާ ގުޅިގެން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުން، 25 ސެޕްޓެންބަރު 2012 އިން ފެށިގެން 24 ގަޑި އިރުގެ މުހުލަތު ހަމަވިއިރު، އިސްވެ އިޝާރާތްކުރެވުނު އިންވޮއިސްއާ ގުޅިގެން އެއްވެސް ޝަކުވާއެއް އައި.އެންޑް.ޓީ މެނޭޖްމަންޓުގެ ފަރާތުން ކޮށްފައި ނެތުމަކީ އޭގެޒާތުގައި އެ ކުންފުނީގެ ފަރާތުން އިންވޮއިސްގައި ކަނޑައަޅާފައިވާ "ޝަރްޠު ޖަޒާއީ" އާ ރުހި ޤަބޫލުވީކަމަށް ބަލަންޖެހޭ އަސާސެއް ނޫންކަމާ، ސަބަބަކީ އެ ތާރީޚުގައި ބުނެވިދިޔަ އިންވޮއިސް އެ ކުންފުންޏަށް ރައްދުކުރެވިފައިވާކަން ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޘާބިތުކުރެވިފައި ނުވާކަމާ، މި އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ބުނެވިދިޔަ ތާރީޚުން ފެށިގެން 15 ދުވަސް ހަމަވާ ދުވަހުން ފެށިގެން އިޝާރާތްކުރެވުނު "ޝަރްޠު ޖަޒާއީ" ގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ ހިސާބުކޮށް، އެ ފައިސާ އަދާކުރުމަށް އައި.އެންޑް.ޓީ މެނޭޖްމަންޓުގެ މައްޗަށް ލާޒިމްކޮށް ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 2014/HC-A/244 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ގޮތުންނާއި ޝަރްޢީ ގޮތުން ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫންކަން އެނގެން އޮންނަކަމެވެ.
ޅ) ހަވަނަ ކަމަކީ، މައިކްރޯ އިންވެސްޓްމަންޓުގެ ފަރާތުން އައި.އެންޑް.ޓީ މެނޭޖްމަންޓަށް ސަޕްލައިކޮށްދީފައިވާ ބަޔާންވެދިޔަ "ސޭންޑް ޕަންޕް ހޯސް" ގެ އަގު އަދާކުރުމަށް އަންގައި ފޮނުވި ޙަވާލާދެވުނު އިންވޮއިސްގައި ކަނޑައަޅާފައިވާ ޖުމުލަ އަގު ކަމަށްވާ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ)، ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 2014/HC-A/244 ޤަޟިއްޔާގެ ޙުކުމަށްފަހު، އައި.އެންޑް.ޓީ މެނޭޖްމަންޓުގެ ފަރާތުން މިހާރުވަނީ ދައްކާފައިކަން، 16 ސެޕްޓެންބަރު 2015 ގައި ބޭއްވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި މައިކްރޯ އިންވެސްޓްމަންޓްގެ ފަރާތުން ދީފައިވާ ބަޔާނުން އެނގެން އޮންނަކަމެވެ.
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންވެގެންވާ ޤާނޫނީ ވަޤާއިޢުތަކާއި އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށްދީފައިވާ "ސޭންޑް ޕަންޕް ހޯސް" ގެ އަގަށްވާ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ދެއްކުމަށް އަންގައި މައިކްރޯ އިންވެސްޓްމަންޓްގެ ފަރާތުން އައި.އެންޑް.ޓީ މެނޭޖްމަންޓަށް ފޮނުވާފައިވާ ޙަވާލާދެވުނު ނަންބަރު 2012/MI/113 އިންވޮއިސްގައި ބުނެފައިވާ މުއްދަތުގައި ފައިސާ ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަށް އިންވޮއިސްގައިވާ ފައިސާގެ ޖުމްލަ ޢަދަދުގެ 5% (ފަހެއް އިންސައްތަ) ޖޫރިމަނާ ގޮތުގައި ނެގިދާނެކަމަށް ބަޔާންކޮށް، އެ އިންވޮއިސްގައި ހިމަނާފައިވާ "ޝަރްޠު ޖަޒާއީ" އަކީ އައި.އެންޑް.ޓީ މެނޭޖްމަންޓުގެ ފަރާތުން ޞަރީޙަކޮށް ނުވަތަ ޟިމްނީކޮށް ވިއަސް ޤަބޫލުކޮށްފައިވާ "ޝަރްޠު ޖަޒާއީ" އެއްކަން ދަލާލަތުކޮށްދޭ ހެއްކެއް ނުވަތަ ޤަރީނާއެއްވިއަސް ހުށަހެޅިފައި ނުވާކަން އެނގެން އޮންނައިރު، އިންވޮއިސްގައިވާ ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް ބުނެވިދިޔަ "ޝަރްޠު ޖަޒާއީ" ގެ ދަށުން އަރަމުންދާ %5 (ފަހެއް އިންސައްތަ) ގެ ޖޫރިމަނާ ފައިސާއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު2014/HC-A/244 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަން އެނގެން އޮވެއެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 695/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމަކަށްވާތީ އެ ޙުކުމަށް ތާއީދުކުރުމާއެކު،
މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ 132,500/-ރ. (އެއްލައްކަ ތިރީސްދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ސޭންޑް ޕަންޕް ހޯސްއަށް ފައިސާ ދެއްކުމަށް އެދި ފޮނުވާފައިވާ އިންވޮއިސްގައިވާ ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް އަރަމުންދާ %5 (ފަހެއް އިންސައްތަ) ގެ ޖޫރިމަނާ ފައިސާއަކީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، ޖޫރިމަނާގެ ގޮތުގައި އިންވޮއިސްގައިވާ ޢަދަދުގެ5% (ފަހެއް އިންސައްތަ) އަށްވާ 3,411,875/-ރ. (ތިންމިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ދައްކާ ޚަލާސްކުރުމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި، ހައިކޯޓުގެ ނަންބަރު 2014/HC-A/244 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެ ބަޔަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ބަޔަކަށް ނުވާތީ އެ ޙުކުމުގެ އެ ބަޔަކީ ބާޠިލު ބަޔެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.