މުޙައްމަދު އަމީން ވ. ސޭންޑް ކޮއިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1924-CVC-2024
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ކަނޑައެޅީ، ދަތުރުކުރީ ކުންފުނީގެ އެދުމަކަށްކަން ސާބިތުކުރުމުގެ ބުރަ ދަޢުވާކުރާ ފަރާތުގެ މައްޗަށް އޮންނަ ކަމަށާއި، ކުރީގެ ދަތުރުތަކަށް ފައިސާ ދައްކާފައި ހުރުމުން ކުރެވޭ އިފްތިރާޟު ފިޔަވައި ކުންފުންޏާ މި ދަތުރު ގުޅުވޭނެ ހެއްކެއް ނެތުމުން، އެދިފައިވާ ފަރުވާ ނަގައިނުދެވޭނެ ކަމަށެވެ. ހުށަހެޅި ހެކިންނަކީ ވާޤިޢާ ސާބިތުކުރެވޭނެ ހެކިން ނޫންކަމަށް ކަނޑައަޅައި ހެކިބަސް ނުނެގިއެވެ.
- ވާޤިޢާ
- މުޙައްމަދު އަމީން ބުނީ، 05 ފެބުރުވަރީ 2019 އިން 15 ފެބުރުވަރީ 2019 އަށް ސޭންޑް ކޮއިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޯނި ކުއްޔަށް ދީ މުދާ އުފުލާދިން ކަމަށާއި، ދަތުރުކުރީ ކުންފުނި ތަމްސީލުކުރާ މުވައްޒަފެއްގެ އެދުމުގެ މަތިން ކަމަށެވެ. އޭގެ އަގުގެ ގޮތުގައި ފޮނުވި MIS/377/2018 ނަންބަރު އިންވޮއިސްގެ 275,000 ރުފިޔާއާއި 5% ކޮމިޝަން ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ކުންފުނިން ދަޢުވާއަށް އިންކާރުކޮށް، އެ ދަތުރު ކުންފުނިން އެދިގެން ކޮށްފައިވާ ދަތުރެއް ނޫންކަމަށް ބުންޏެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުންޏެއްގެ ނަމުގައި ހަދާފައިވާ އިންވޮއިސްއެއްގެ ފައިސާ ހޯދުމަށް ކުރި ދަޢުވާއެއްގައި، އެ ދަތުރުކުރީ ކުންފުނީގެ އެދުމަކަށްކަން ސާބިތުކުރުމުގެ ބުރަ އޮންނަނީ ކާކުގެ މައްޗަށްތޯ، ކުރީގެ މުޢާމަލާތްތަކާއި އިންވޮއިސްތަކުން އެކަން ސާބިތުވޭތޯ، ދަށު ކޯޓުގައި ނުކުރާ ބަހުސެއް އިސްތިއުނާފުގައި އުފެއްދޭތޯ، އަދި އިސްތިއުނާފުގެ ޝަރީޢަތުގެ ޚަރަދު ނަގައިދެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- މުޙައްމަދު އަމީން ބުނީ، އިންވޮއިސްތަކާއި ބޭންކް ތަފްޞީލާއި ހުއްދަ ލިޔުންތަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށާއި ރިޢާޔަތް ނުކުރި ސަބަބު ބަޔާންކޮށްފައި ނުވާތީ ޤާނޫނުއަސާސީގެ 42، 142 އަދި 143 ވަނަ މާއްދާތަކާ ޚިލާފުވާ ކަމަށާއި، މުވައްޒަފު ކުރި މުޢާމަލާތުގެ ޒިންމާ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުނިން ނަގަންޖެހޭ ކަމަށެވެ. ކުންފުނިން ބުނީ، ދަތުރު ކުންފުނީގެ އެދުމަކަށް ކުރިކަން ސާބިތުކުރާ ސީދާ ހެއްކެއް ނެތް ކަމަށާއި، ކުންފުންޏާބެހޭ ޤާނޫނުގެ ބަހުސް ދަށު ކޯޓުގައި ނުކުރާ ކަމަށާއި، ޝަރީޢަތުގެ ޚަރަދު 50,000 ރުފިޔާ ނަގައިދިނުމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ކަނޑައެޅީ، އިންކާރުކުރާ ޙާލަތުގައި ދަތުރު ކުންފުނީގެ އެދުމަކަށްކަން ސާބިތުކުރުމުގެ ބުރަ ދަޢުވާކުރާ ފަރާތުގެ މައްޗަށް އޮންނަ ކަމަށާއި، އިންވޮއިސްތަކާއި ބޭންކް ތަފްޞީލުން އެކަން ސާބިތުނުވާ ކަމަށާއި، ސިވިލް ކޯޓުން ހެކިތަކަށް ރިޢާޔަތްކޮށް ސަބަބު ބަޔާންކޮށްފައިވާތީ ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލިފައި ނުވާ ކަމަށެވެ. ކުންފުންޏާބެހޭ ޤާނޫނުގެ ނުކުތާ ދަށު ކޯޓުގައި ނުކުރާތީ އިސްތިއުނާފުގައި ބަލައިނުގަނެވޭ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓިއެވެ. އަދި އިސްތިއުނާފުގެ ޝަރީޢަތުގެ ޚަރަދު ހޯދުމުގެ ޙައްޤު ކުންފުންޏަށް ލިބިގެންވާކަމަށް ކަނޑައެޅިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިސިވިލް ކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)؛ އިސްތިއުނާފުގެ ޝަރީޢަތުގެ ޚަރަދު ހޯދުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ؛ މި ބުރައިގައި ދެ ބުރައެއް ހިމެނެއެވެ: ދަޢުވާ ނުވަތަ ދަފްޢު ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމުގެ ބުރަ (burden of production) އާއި، ހުށަހަޅާ ހެއްކަކީ އަނެއް ފަރާތުގެ ހެއްކާ އަޅާކިޔާއިރު އެ ދަޢުވާ ނުވަތަ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް ހެދުމުގެ ބުރަ (burden of persuasion) އެވެ.
HN2 ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ ދަފްޢު (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހެނީ އެ ދަފްޢެއް ކުރާ ފަރާތުންނެވެ؛ ދަޢުވާ ރައްދުވާ ފަރާތުން ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީވެސް އެ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
HN3 މަދަނީ މިންގަނޑުން ދަޢުވާއެއް ސާބިތުވުމަކީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާކަމެއް ވުޖޫދުގައި ނެތުމަށްވުރެ އެކަމެއް ވުޖޫދުގައި އޮތުން ގާތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައި، އެކަމެއް އެފަދައިން ސާބިތުވާކަމަށް ކޯޓުން ކަނޑައަޅައި މައްސަލަ ނިންމުމެވެ؛ މި މިންގަނޑު (balance of probabilities) މިހާރު ހެއްކާބެހޭ ޤާނޫނުގައިވެސް އިސްތިޤުރާރުވެފައިވެއެވެ.
HN4 ދަޢުވާގައި ހުށަހެޅުނު ދަތުރު ދަޢުވާލިބޭ ކުންފުނީގެ އެދުމަކަށް ކޮށްފައިނުވާކަމަށް ބުނެ ކުންފުނިން ދަޢުވާއަށް އިންކާރުކުރުމުން، އެ ދަތުރަކީ ކުންފުނީގެ އެދުމަކަށް ކޮށްފައިވާ ދަތުރެއްކަން ސާބިތުކުރުމުގެ ބުރަ އޮންނާނީ ދަޢުވާކުރާ ފަރާތުގެ މައްޗަށެވެ؛ އެ ދަތުރުކޮށްފައިވަނީ ކުންފުނީގެ މުވައްޒަފެއްގެ އެދުމުގެ މަތިންކަމަށް ދަޢުވާކުރާ ފަރާތުން ބުނާނަމަ، އެކަން ސާބިތުކުރުމުގެ އަސާސީ އިލްތިޒާމުވެސް އޮންނާނީ އެ ފަރާތުގެ މައްޗަށެވެ؛ ދަޢުވާލިބޭ ފަރާތުގެ އިންކާރުގެ މައްޗަށް ދަފްޢެއް އެ ފަރާތުގެ މައްޗަށް ފުރޮޅެންޖެހޭ އަސާސެއް ނެތެވެ.
HN5 ފައިސާ ހޯދަން އެދޭ އިންވޮއިސްގައިވާ ތަފްޞީލުތަކުން އެ މުޢާމަލާތަކީ ކުންފުނީގެ އެދުމަކަށް ހިނގާފައިވާ މުޢާމަލާތެއްކަން އެނގޭކަށް ނެތްނަމަ، ކުންފުނިން ފައިސާ ދައްކާފައިވާ އެހެނިހެން އިންވޮއިސްތަކާއި ބޭންކް އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ތަފްޞީލުން ޚުޞޫމާތު އުފެދިފައިވާ ދަތުރަކީ ކުންފުނީގެ އެދުމަކަށް ކޮށްފައިވާ ދަތުރެއްކަން ސާބިތެއް ނުވެއެވެ؛ ކުރިން މުޢާމަލާތް ހިނގާފައި އޮތުމުން ދެންވެސް ހިނގާފާނެކަމަށް ބުނާ ބުނުން އެކަނި ބުރަދަނެއް ދީގެން މަދަނީ ދަޢުވާއެއް ސާބިތުކުރެވޭނެ ކަމެއް ނޫނެވެ.
HN6 ދަށު ކޯޓުން ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް، ނިންމުމަށް ވާސިލުވި ސަބަބު ތަފްޞީލުކޮށްފައިވާނަމަ، އެ ނިންމުމަކީ ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލި، ޤާނޫނުން އެއްކިބާވެފައިވާ ނިންމުމެއް ނޫނެވެ؛ ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމާ ޚިލާފުވެފައިވާކަމަށް ބުނާނަމަ، ފަނޑިޔާރު ޢަމަލުކުރި ގޮތް އެ އުޞޫލާ ތަޢާރަޟުވެފައިވާ ގޮތް އެފަދައިން ބުނާ ފަރާތުން ސާފުކޮށްދޭންޖެހެއެވެ.
HN7 ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކަމުގައި ބަލައިގެންނެވެ؛ ދަށު ކޯޓުގައި ހުށަހެޅެން އޮތް ނަމަވެސް ހުށަހަޅާފައިނުވާ އަދި ބަހުސްކޮށްފައިނުވާ ޤާނޫނީ ނުކުތާއެއް އިސްތިއުނާފީ މަރުޙަލާގައި ބަލައިގަނެވޭނީ، އެއީ ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއެއް، ނުވަތަ ޙުކުމާ ސީދާ ގުޅުމެއްވާ ނުކުތާއެއް، ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެއް ނަމައެވެ.
HN8 ކާފީ ހެކި ކަމުގައި ބަލަނީ، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ މިންގަނޑަށް ފުދޭ ނިސްބަތަށް ލިބޭ ހެއްކަށެވެ؛ ޝަފަހީ ހެކިން ސާބިތުކުރަން ހުށަހަޅާ ކަންކަމުން ދަޢުވާގައި ސާބިތުވާންޖެހޭ އެންމެ އަސާސީ ވާޤިޢާ ސާބިތުނުވާނަމަ، ކިތާބީ ހެއްކާއި ޝަފަހީ ހެކި ގުޅުވާލުމުން ދަޢުވާ ސާބިތުވާކަމަށް ނުބެލެވޭނެއެވެ.
HN9 ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ކޯޓަށް އިޚްތިޔާރެއް ލިބިގެންވާއިރު، އާންމު އުޞޫލުން ޝަރީޢަތުގެ ޚަރަދު ނަގައިދެނީ ދަޢުވާ ކާމިޔާބުކުރާ ފަރާތަށް، ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިންނެވެ (costs follow the event)؛ މި އުޞޫލުގެ ދަށުން އިސްތިއުނާފުގެ މަރުޙަލާގައިވެސް ޝަރީޢަތުގެ ޚަރަދު ނަގައިދެވޭއިރު، ދަށު ކޯޓުގެ ނިންމުން ދެމެހެއްޓޭ އިސްތިއުނާފެއްގައި ކާމިޔާބުކުރާ ފަރާތަކީ އިސްތިއުނާފު ރައްދުވާ ފަރާތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޝާން ޞާލިޙް މުޙައްމަދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު
- ބެންޗު
- ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، ފާޠިމަތު ފަރްހީޒާ، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު:
2025/HC-A/106
އިސްތިއުނާފުކުރި ފަރާތް:
މުޙައްމަދު އަމީން
އިސްތިއުނާފު ރައްދުވި ފަރާތް:
ސޭންޑް ކޮއިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް:
އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ނިމުނު ތާރީޚް:
24 ޖުމާދަލްއޫލާ 1448
04 ނޮވެންބަރު 2026
ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް:
29 ޝައްވާލް 1447
28 އެޕްރީލް 2025
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު:
1924-CVC-2024
ނިންމި ތަން:
ސިވިލް ކޯޓު
ބާވަތް:
އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ
ހުށަހެޅުނު ތާރީޚް:
-
ނިމުނު ތާރީޚް:
30 ޖަނަވަރީ 2025
އިސްތިއުނާފުކުރި ފަރާތް
މުޙައްމަދު އަމީން
ޤާނޫނީ ވަކީލު: ޝާން ޞާލިޙް މުޙައްމަދު
އިސްތިއުނާފު ރައްދުވި ފަރާތް
ސޭންޑް ކޮއިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ޤާނޫނީ ވަކީލު: ޢަބްދުﷲ ރަޝީދު
* މަދަނީ – އެއްބަސްވުމާއިމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ – ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާ އަދި 143 ވަނަ މާއްދާގެ (ރ) – ސާބިތުކުރުމުގެ ބުރަ – ބޮޑަށް ބުރަވެވޭ މިންގަނޑު – ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާ – ދަށު ކޯޓުގައި ހުށަހަޅާފައިނުވާ ނުކުތާއެއް އިސްތިއުނާފު މަރުޙަލާގައި ހުށަހެޅުމާއި ގުޅޭ – މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ (ހ) – ޝަރީޢަތުގެ ޚަރަދު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު އަމީން (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މުޙައްމަދު އަމީން") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ސޭންޑް ކޮއިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު C-0051/2016) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ސޭންޑް ކޮއިން އިންވެސްޓްމަންޓް" ނުވަތަ "ކުންފުނި") ގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
3ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާއިން އެ ކޯޓަށް މުޙައްމަދު އަމީން ހުށަހަޅާފައިވާ ދަޢުވާއަކީ، ސޭންޑް ކޮއިން އިންވެސްޓްމަންޓްސްގެ ފަރާތުން 05 ފެބުރުވަރީ 2019 އިން ފެށިގެން 15 ފެބުރުވަރީ 2019 ގެ މުއްދަތަށް (11 ދުވަހަށް) ދޯނި ކުއްޔަށް ހިފައިގެން ދޯނީގައި މުދައު އުފުލާފައިވާތީ، ޚިދުމަތުގެ އަގަށްވާ ފައިސާ ހޯދުމުގެ ގޮތުން މުޙައްމަދު އަމީން 16 ފެބުރުވަރީ 2019 ގައި ފޮނުވާފައިވާ ނަންބަރު MIS/377/2018 އިންވޮއިސްއަށް ލިބެންޖެހޭ ފައިސާ ކަމުގައިވާ -/275,000ރ. (ދެލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ލިބިފައިނުވާތީ، އެ ފައިސާއާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން ކޮމިޝަންގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްސްގެ މައްޗަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ދަޢުވާއެކެވެ.
4މި ދަޢުވާގައި މުޙައްމަދު އަމީންގެ ފަރާތުން ބުނެފައިވަނީ، އިންވޮއިސްގައި ހިމެނޭ ދަތުރަކީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ އެދުމަކަށް ކޮށްދިން ދަތުރެއްކަމަށާއި، މިކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށާއި، ނަމަވެސް އެހެން ދަތުރުތަކެކޭ އެއްފަދައިން ދަޢުވާގައި އިންވޮއިސްކޮށްފައިވާ ދަތުރުވެސް ކޮށްފައިވަނީ ކުރިން ދަތުރުކުރި ފަދައިން އާދަމް އާޠިފް މުޙައްމަދުގެ އެދުމުގެ މަތިންކަމަށާއި، ޚުޞޫމާތު އުފެދިފައިވާ ދަތުރުތައްވެސް ކޮށްފައިވަނީ ސޭންޑް ކޮއިން އިންވެސްޓްމަންޓް ރެޕްރެޒެންޓްކުރާ ފަރާތަކީ އާދަމް އާޠިފް މުޙައްމަދުކަމަށް ބަލައިގެންކަމުގައެވެ.
5ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ބުނެފައިވަނީ މި ދަތުރުކުރީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުންކަން ސާބިތުކޮށްދިނުމަކީ މުޙައްމަދު އަމީންގެ ޒިންމާއެއްކަމަށާއި، ނަމަވެސް އެކަމަށް ދަލާލާތުކޮށްދޭ އެއްވެސް ހެއްކެއް އެ ފަރާތުން ހުށަހަޅާފައިނުވާތީ، އާދަމް އާޠިފް މުޙައްމަދަކީ ފަރުދެއްކަމުގައިވާތީ، އޭނާ މުޢާމަލާތުކޮށްފައިވާނަމަ އެ މުޢާމަލާތަކާ ސޭންޑް ކޮއިން އިންވެސްޓްމަންޓް ޒިންމާވާން ނުޖެހޭނެކަމަށާއި، ޚުޞޫމާތު އުފެދިފައިވާ ދަތުރު ކޮށްފައިވަނީ މި ކުންފުނިން އެދިގެންކަން ސާބިތުކޮށްދިނުމަކީ މުޙައްމަދު އަމީންގެ މައްޗަށް އޮތް ބުރައެއްކަމުގައިވާއިރު، މި ބުނާ ދަތުރަކީ ސޭންޑް ކޮއިން އިންވެސްޓްމަންޓްއިން ރިކުއެސްޓްކޮށްގެން ކުންފުނިން ކުރި ދަތުރެއްކަމުގައިނުވާތީ، އެ ދަތުރަށް ދައްކަންޖެހޭ ފައިސާއަކީ މި ކުންފުނީގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްނޫންކަމުގައެވެ.
6މި މައްސަލައިގައި ދިފާއާއި، ދިފާޢުގެ ރައްދާއި އޭގެ ޖަވާބު ހުށަހެޅުމަށްފަހު މި މައްސަލައަކީ ކުދި މައްސަލަތަކުގެ ޓްރެކުން ކުރިއަށް ގެންދަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅައި، އެކަމާ ގުޅޭ ނޯޓިސް ދެވިފައިވާކަމަށާއި، މި މައްސަލައިގެ ވާޤިއާ ސާބިތުކުރުމަށް ހުށަހަޅަންޖެހޭ ހެކިން ތިބިކަމަށް ބުނެ 04 (ހަތަރެއް) ހެކިން ހުށަހެޅިކަމަށާއި، މި ހެކިންނަކީ މައްސަލައިގެ ވާޤިއާ ސާބިތުކުރެވޭނެ ހެކިން ނޫންކަން މުޙައްމަދު އަމީންގެ ބަހުންވެސް އެނގޭތީ، ހެއްކެއް ޙާޟިރުކުރަންޖެހޭނީ ޝަރީޢަތުގައި އޮތް މައްސަލައިގެ ވާޤިއާއަކާ ގުޅުމެއް އޮވެގެން ހުށަހަޅާފައިވާ މައްސަލައަށް އަލިކަމެއް ލިބޭނެ ހެކިން ކަމުގައިވެފައި، މި ހެކިންގެ ކިބައިން މައްސަލައިގެ ވާޤިއާއާ ގުޅުމެއް ހުރި އެއްވެސް ކަމެއް ސާބުތުކުރެވެން ނެތްކަން އެނގޭތީ، މި ހެކިންނަކީ ޙާޟިރުކޮށްގެން ހެކިބަސް ނަގަންޖެހޭ ފަރާތްތަކެއް ނޫންކަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.
ދަށު ކޯޓުން މައްސަލަ ނިންމިގޮތް
7ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާއިން، މުޙައްމަދު އަމީންގެ ފަރާތުން ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގައި، މުޙައްމަދު އަމީންގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ފަރުވާއަކީ ނަގައިދެވޭނެ ފަރުވާއެއްނޫންކަމަށް ކަނޑައަޅާފައިވެއެވެ. މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
7.1. ދަޢުވާއެއް ސާބިތުކުރުމުގެ ބުރައަކީ ދަޢުވާއެއް ކުރި ފަރާތުގެ މައްޗަށް އޮންނަކަމެއް ކަމުގައިވާއިރު، މި މައްސަލައިގައި ދަޢުވާލިބޭ ފަރާތުން، ދަޢުވާކުރާ ފަރާތުން ބުނެފައިވާ ތާރީޚުގައި ދަޢުވާލިބޭ ފަރާތުން އެދިގެން އެއްވެސް ދަތުރެއް ކޮށްފައި ނުވާނެކަމަށް ބުނެ ދަޢުވާއަށް އިންކާރުކުރާއިރު، އެ ދަތުރު ކުރިކަމަށް ދަޢުވާކުރާ ފަރާތުން ބުނާ ބުނުން ފިޔަވައި އިތުރު ދަފްޢެއް ނަގައި އެ ދަފްޢު ސާބިތުކުރުމުގެ ބުރަ ދަޢުވާލިބޭ ފަރާތުގެ މައްޗަށް އޮތްކަމުގައި ނުދެކޭކަން.
7.2. ދަޢުވާލިބޭ ފަރާތް ތަމްސީލުކުރާ ފަރާތުގެ ޙައިސިއްޔަތުން އާދަމް އާޠިފް މުޙައްމަދު އެދިގެން ދަތުރުކުރިކަމަށް ބުނާއިރު، ދަތުރުކުރީ ދަޢުވާލިބޭ ފަރާތް އެދިގެންކަމުގައި ޚުދު އާދަމް އާޠިފް މުޙައްމަދުވެސް ބުނެފައިވާކަން ނޭނގޭކަމުގައި ދަޢުވާކުރާ ފަރާތުންވެސް ފާހަގަކޮށްފައިވާތީ، މި މައްސަލައިގެ ވާޤިއާ މަދަނީ މިންގަނޑުން ސާބިތުކުރެވޭވަރުގެ ހެކި ޤަރީނާ ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިނުވާކަން.
7.3. ހަމައެކަނި ގުޅުން އޮތްކަމަށް ބެލެވޭކަމަކީ އާދަމް އާޠިފް މުޙައްމަދުއާ މުޢާމަލާތްކޮށް ކުންފުނީގެ ދަތުރުތައް މީގެ ކުރިން ކޮށް، ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އެ ދަތުރުތަކަށް ފައިސާ ދައްކާފައި ހުރުންކަމަށާއި، މިހެންވެ މި އަސާސްގެ މައްޗަށް ބިނާކޮށް މި ދަތުރަކީވެސް ކުންފުނީގެ ފަރާތުން ކުރި ދަތުރެއްކަމަށް އިފްތިރާޟުކުރެވޭ ކުރެވުން ފިޔަވައި، ސޭންޑް ކޮއިން އިންވެސްޓްމަންޓްއާ މި ދަތުރާ ގުޅުވޭނެ އިތުރުކަމެއްނެތްކަމަށާއި، މި އިފްތިރާޟަކީ ހަމަ އެކަނި ކުރެވޭ އިފްތިރާޟެއްކަމުގައިވާތީއާއި، މި މައްސަލައަކީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ މައްޗަށް ސާބިތުކުރެވޭވަރުގެ ހެއްކާއި ޤަރީނާ ހުރި މައްސަލައެއް ނޫންކަމުގައިވާތީ، މި މައްސަލައިގައި ނަގައިދިނުމަށް މުޙައްމަދު އަމީންގެ ފަރާތުން އެދިފައިވާ ފަރުވާއަކީ ނަގައިދެވޭނެ ފަރުވާއެއް ނޫންކަމުގައި ކަނޑައަޅަންޖެހޭކަން.
7.4. މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި، އިންވޮއިސްގައި ބަޔާންކުރާ ޚިދުމަތަށް ދަޢުވާލިބޭ ފަރާތުން އެދުނުކަން އެއީ ސާބިތުކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ފަހުގެ ބަޔާނުގައިވެސް ފާހަގަކޮށްފައިވާއިރު، ދެން ހުރި ކަންކަމަކީ އެކަމުގެ މައްޗަށް ބިނާވާ ކަމެއްކަމަށާއި، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ދަޢުވާކުރާ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނެތްކަމަށާއި، ހުށަހަޅާފައިވާ ހެކިންނަކީ މި ނުކުތާ ސާބިތުކުރުމަށް އެއްވެސް ބާރެއް ދެނިވި ހެކިން ކަމުގައި ނުވާތީ، އެ ހެކިން ބަލައިގަނެފައިނުވާކަން.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
8ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ، މުޙައްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 03 (ތިނެއް) ނުކުތާތަކެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
8.1. ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ޝަރީޢަތަށް ހުށަހެޅި ކިތާބީ ހެއްކާއި، ކިތާބީ ހެކިން ޤާއިމުވާ ހުތްޖަތްތަކާއި، ކިތާބީ ހެކިން ސާބިތުވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކޮށް ގޮތެއް ނިންމާފައިނުވުމާއި، ޝަރީޢަތަށް ހުށަހެޅި ކިތާބީ ހެކިން ޤާއިމުވާ ހުއްޖަތަށް ރިޢާޔަތްކޮށް ގޮތެއް ނިންމަންނުޖެހޭ ސަބަބު ނުވަތަ ކިތާބީ ހެކިތަކުން ޤާއިމުވާ ހުއްޖަތަށް ރިޢާޔަތްނުކޮށް ދޫކޮށްލި ސަބަބު ޙުކުމުގައި ތަފްޞީލުކޮށްފައިނުވާކަމަށާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
8.2. ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާގެ ދަޢުވާއާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅި ކިތާބީ ހެކިންނާއި ޝަފަހީ ހެކިން ދަޢުވާގައި ބަޔާންކުރާ މުޢާމަލާތް ހިނގިކަން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ކާފީ ހެކި ލިބިފައިވާއިރު، މުޢާމަލާތް ހިނގިކަން ޝަރީޢަތަށް ސާބިތުވާ ހެކި ލިބިފައިނެތްކަމަށް ޝަރީޢަތުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، އަދި
8.3. ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާގެ ދަޢުވާއާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅި ކިތާބީ ހެކިންނާއި ޝަފަހީ ހެކިން ދަޢުވާގައި ބަޔާންކުރާ މުޢާމަލާތް ސާބިތުވާހިނދު، ކުރެވުނު މުޢާމަލާތަކީ ދަޢުވާލިބޭ ކުންފުންޏާއި މެދުގައި ކުރެވުނު މުޢާމަލާތެއްކަން ނުވަތަ ފަރުދަކާއި މެދުގައި ކުރެވުނު މުޢާމަލާތެއްކަމާއި މެދުގައި އުފެދުނު ބަހުސްގެ މައްޗަށް ފައިޞަލާކޮށް ގޮތް ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން މުޙައްމަދު އަމީންގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓަށް މުޙައްމަދު އަމީންގެ ފަރާތުން ހުށަހެޅި ދަޢުވާއަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އިންކާރުކޮށްފައިވާތީ ހެކި ހުށަހެޅުމަށް ދެވުނު ފުރުޞަތުގައި ކިތާބީ ހެކި ނުވަތަ ދަތުރުކުރެވުނު އިންވޮއިސް ހުށަހަޅާފައިވަނީ ހޯދުމަށް އެދޭ ފައިސާ ހިމެނޭ އިންވޮއިސްއެއްކަން ސާބިތުކުރުމާއެކު، އެ އިންވޮއިސް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ މުވައްޒަފަކާ ޙަވާލުކޮށް އެ މުވައްޒަފު އެ އިންވޮއިސްގައި ސޮއިކުރިކަން ސާބިތުކުރުމަށްކަމަށާއި، މީގެ އިތުރުން ފައިސާ ދޫކޮށްފައިވާ ކުރީގެ 41 (ސާޅީސް އެކެއް) އިންވޮއިސް ހުށަހެޅިކަމަށާއި، މި އިންވޮއިސްތައް ހުށަހަޅާފައިވަނީ ދެ ފަރާތް ދެމެދު ކުރެވުނު ދަތުރުތަކަށް އިންވޮއިސް ޙަވާލުކުރެވި، އިންވޮއިސް ފޮނުވުމުގައި ޢަމަލުކުރިގޮތާއި، ފައިސާ ދެއްކިފައިވާގޮތް ސާބިތުކުރުމަށްކަމަށާއި، މުޙައްމަދު އަމީންގެ ބޭންކް އެކައުންޓަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ޖަމާކޮށްފައިވާ ފައިސާގެ ތަފްޞީލު އެނގޭ ލިޔުން ހުށަހެޅިކަމަށާއި، މި ލިޔުން ހުށަހަޅާފައިވަނީ ބޭންކް މެދުވެރުކޮށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ އެކައުންޓުން ފައިސާ ދައްކާފައިވާ މިންވަރާއި ތާރީޚުތައް ސާބިތުކުރުމަށްކަމަށާއި، އިންވޮއިސް ޙަވާލުކުރި މުވައްޒަފުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅާފައިވަނީ ދަތުރުކުރުމަށް މެދުވެރިވި ކުންފުނީގެ މުވައްޒަފަކީ ކޮބައިކަން ސާބިތުކޮށްދިނުމަށް ކަމުގައެވެ.
10އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ އަސާސީ ޙައްޤެއްކަމުގައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާ ބަލައި ނިޔައު ކަނޑައެޅުމުގައި އިސްތިއުނާފުކުރާ ފަރާތަށް ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލިފައިވާކަމަށާއި، މިގޮތުން އިސްތިއުނާފުކުރާ ފަރާތުން ފައިސާ ހޯދުމުގެ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކުރާ ޚިދުމަތް ފޯރުކޮށްދެވުނުކަމާއި މެދުގައި ދެފަރާތުގެ ބަހުސެއް ނެތިފައި، ޚިދުމަތް ފޯރުކޮށްދިނުމަށްފަހު ފައިސާ ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވުނު ނަންބަރު MIS/377/2018 (16 ފެބުރުވަރީ 2019) އިންވޮއިސް ސޭންޑް ކޮއިން އިންވެސްޓްމަންޓް ކުންފުނީގެ ނަމުގައި އޮވެ ކުންފުނީގެ މުވައްޒަފު އެ އިންވޮއިސްއާ ޙަވާލުވުމުން އެ އިންވޮއިސްގައި ބަޔާންކުރާ ޚިދުމަތަކީ ކުންފުނީގެ އެދުމުގެ މަތިން ކުންފުންޏަށް ފޯރުކޮށްދެވުނު ޚިދުމަތެއްކަމަށާއި، އިންވޮއިސްގައި ބަޔާންކުރާ ފައިސާއަކީ ކުންފުނިން ޒިންމާވާންޖެހޭ ފައިސާއެއްކަން ސާބިތުކުރުމަށް ކަމުގައިވާއިރު ހުށަހެޅި އެ ހެއްކަށް ރިޢާޔަތް ކޮށްފައިވާކަން އެނގެން ނެތްކަމުގައެވެ.
11ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުން މައްސަލަ ނިންމުމުގައި ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއަށާއި ޤާނޫނަށްކަމުގައި ބަޔާންކުރާއިރު، މުޢާމަލާތެއް ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ މުސްތަނަދު (written instrument) ކަމުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެކަން ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) (މީގެ ފަހުން "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު") ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން އެނގޭއިރު، ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާ ނިންމުމުގައި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅުނު އެއްވެސް ކިބާތީ ހެއްކަކަށް ރިޢާޔަތް ކޮށްފައި އޮންނަކަން އެނގެން ނެތްކަމުގައެވެ.
12މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެއް މަތީ މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމުގައި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުގައި ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުން ލާޒިމުކުރާއިރު، ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާގައި ކުރެވުނު ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ކިތާބީ ހެއްކަށް ރިޢާޔަތް ނުކުރި ސަބަބު ޙުކުމުގައި ތަފްޞީލު ކޮށްދީފައިނުވާކަމުގައެވެ.
13ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން މުޙައްމަދު އަމީންގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކުރާ ފައިސާ ހޯދުމަށް އެދިފައިވާ އިންވޮއިސްގައި ބަޔާންކުރާ ޚިދުމަތަކީ ފޯރުކޮށްދެވިފައިނުވާ ޚިދުމަތެއްކަމާއި މެދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ސުވާލު އުފައްދާފައިނުވާކަމަށާއި، އެފަރާތުން އިންކާރުކޮށް ސުވާލު އުފައްދާފައިވަނީ އިންވޮއިސްގައި ބަޔާންކުރާ ޚިދުމަތުގެ ޒިންމާ ނަގަންޖެހެނީ ކުންފުނީގެ މުވައްޒަފު އާދަމް އާޠިފް މުޙައްމަދު ކަމުގައެވެ. އެހެނަސް، މި މިންވަރުން ދިފާޢު ބިނާކުރެވުނުކަމަށް ނުދެކޭކަމުގައެވެ.
14މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކިތާބީ ހެކިން، ދެފަރާތުގެ ދެމެދުގައި ތަކުރާރުކޮށް އެތަށް ދަތުރެއް ކުރެވިފައިވާކަމަށާއި، ދެފަރާތުގެ ދެމެދުގައި ކުރެވުނު ދަތުރުތަކަށް ފައިސާ ދައްކާފައިވާކަމަށާއި، ދަޢުވާގައި ބަޔާންކުރި އިންވޮއިސް ތައްޔާރުކުރެވިފައިވަނީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ނަމުގައިކަމަށާއި، ދަޢުވާގައި ބަޔާންކުރާ އިންވޮއިސް އިސްތިއުނާފު ރައްދުވާ ކުންފުނީގެ މުވައްޒަފާއި ޙަވާލުކޮށްފައި އޮންނަކަމަށާއި، ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ނަމުގައި ޙަވާލުކުރެވުނު އިންވޮއިސްގައި ކުންފުނީގެ މުވައްޒަފު ޙަވާލުވެ ސޮއިކޮށްފައި އޮންނަކަން އެނގޭކަމުގައެވެ.
15މީގެ އިތުރުން، ޝަފަހީ ހެކިން ހުށަހެޅުމަށް އެދި، އެ ފަރާތްތަކުގެ ބަޔާންތައްވެސް ހިމަނާފައިވާކަމުގައެވެ. ޝަފަހީ ހެކިން ޙާޟިރުކުރަނީ އިންވޮއިސްގައި ބަޔާންކުރާ ދަތުރުގެ ފައިސާ ނުލިބިގެން އިސްތިއުނާފު ރައްދުވާ ފަރާތުގެ މުވައްޒަފާއި ބައްދަލުކުރިކަން ސާބިތުކުރުމަށްކަމުގައިވާއިރު، ދަޢުވާގައި ފައިސާ ހޯދުމަށް ހުށަހެޅުނު އިންވޮއިސްގައި ބަޔާންކުރާ މުޢާމަލާތަކީ ދެ ފަރާތް ދެމެދުގައި ކުރެވުނު މުޢާމަލާތެއްކަން ހުށަހެޅުނު ކިތާބީ ހެއްކާއި ޝަފަހީ ހެކިންގެ ބަސް ގުޅުވައިލުމުން އެނގޭކަމުގައެވެ. މި މައްސަލައިގައި ހުށަހެޅުނު ކިތާބީ ހެއްކާއި ޝަފަހީ ހެކިންގެ ބަސް ގުޅުވައިލުމުން، ދަޢުވާގައި ފައިސާ ހޯދުމަށް އެދިފައިވާ އިންވޮއިސްގައި ބަޔާންކުރާ ޚިދުމަތަކީ ކުންފުންޏަށް ކޮށްދެވުނު ޚިދުމަތެއްކަމަށާއި، ޚިދުމަތް ފޯރުކޮށްދިނުމަށްފަހު އިންވޮއިސް ފޮނުވިފައިވާކަމަށާއި، އިންވޮއިސްގައި ބަޔާންކުރާ ފައިސާއަކީ ކުންފުނީގެ ފަރާތުން ޒިންމާވާންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ކާފީހެކި ލިބިފައިވާކަމުގައެވެ.
16ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން މުޙައްމަދު އަމީންގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ތިންވަނަ ނުކުތާ ހުށަހެޅިފައިވަނީ، ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާގެ މުޢާމަލާތުގެ ޒިންމާއަކީ އިސްތިއުނާފު ރައްދުވާ ކުންފުނި ޒިންމާ ނަގަންނުޖެހޭ މުޢާމަލާތެއްކަމަށް ނިންމުމުގައި ޢަމަލުކުރިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާތީ އެސަބަބުތަކުގެ މައްޗަށްކަމަށާއި، ދަޢުވާގައި ބަޔާންކުރާ މުޢާމަލާތް ޝަރީޢަތަށް ސާބިތުކުރުމަށް ހުށަހެޅުނު ހެކިތަކުން މުޢާމަލާތް ސާބިތުވާގޮތް މި ފޯމުގެ ފުރަތަމަ އަދި ދެވަނަ ނުކުތާގައި ތަފްޞީލުކޮށްފައިވާކަމަށާއި، ދަޢުވާގައި ބަޔާންކުރާ މުޢާމަލާތުގެ ޒިންމާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ޒިންމާނަގަން ނުޖެހޭ ކަމުގައި ބަލަންޖެހޭ އެކަށީގެންވާ ސަބަބެއް އެ ފަރާތަށް ދެއްކިފައިނުވާކަމުގައެވެ.
17ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ބ) ގައި ކަނޑައަޅާފައިވާ ގޮތުން، written instrument ނުވަތަ މުސްތަނަދުއަކީ ދެ ވައްތަރެއްގެ ހުއްޖަތް ޤާއިމުކުރެވޭ އެއްޗެއްކަމަށާއި، އޭގެތެރެއިން އެއްކަމަކީ، އެ މުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާޢިޢު (facts) ތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހާހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާޢިއުތައް ކަމުގައި ޤާއިމުވާ ހުއްޖަތްކަން އެނގެން އޮތްއިރު، މި އުޞޫލު މި މައްސަލައިގެ ހެކިތަކުގެ މައްޗަށް ތަޠުބީޤުކުރުމުން، ކުންފުނިން އެދިގެން ކުރެވުނު ހުރިހާ ދަތުރުތަކެއް ކުރެވުނީވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ މުވައްޒަފު އާދަމް އާޠިފް މުޙައްމަދުގެ އެދުމުގެ މަތިންކަމުގައިވާތީ އެފަރާތަކީ ކުންފުނި ތަމްސީލުކުރާ ފަރާތުގެ ޙައިސިއްޔަތުން ވާހަކަ ދެއްކި ފަރާތް ކަމުގައިވާތީ، އާދަމް އާޠިފް މުޙައްމަދާއި ކުންފުންޏަކީ އެއްފަރާތެއްކަމަށާއި، އެއީ ކުންފުނި ތަމްސީލުކުރި ފަރާތްކަން ތަކުރާރުކޮށް ބުނެފައިވާއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވާކަން އެނގޭކަމުގައެވެ.
18މީގެ އިތުރުން، ފައިސާ ހޯދުމަށް ހުށަހެޅުނު އިންވޮއިސްގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަން ކަމުގައިވާ ސޭންޑް ކޮއިން އިންވެސްޓްމަންޓަށް ރައްދުކުރެވިފައިވާ އިންވޮއިސްގައި ކުންފުނީގެ މުވައްޒަފު ސޮއިކޮށްފައިވާއިރު، އެކަމުން ދަލާލާތުކޮށްދޭ ކަންކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
19ދަޢުވާގައި ފައިސާ ހޯދުމަށް އެދޭ އިންވޮއިސްގައި ބަޔާންކުރާ ޚިދުމަތަކީ ކުންފުނީގެ ޑިރެކްޓަރުގެ އަމިއްލަ ޙައިސިއްޔަތުން ކުރެވުނު މުޢާމަލާތެއްކަމާއި މެދުގައި އުފެދުނު ދެބަސްވުމަށް ފައިޞަލާކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ (ނ) ގައި ކަނޑައެޅުނު ދަފްޢު އުފުލާ ފަރާތުން އެ ދަފްޢެއް ސާބިތުކުރުމަށް އޮންނަ ޒިންމާއެއްކަމަށް އޮތް އުޞޫލާއި ޚިލާފަށްކަމުގައެވެ.
20ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/22 ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ ވ. އަޙްމަދު ޝާހިދު ޤަޟިއްޔާއިން ކަނޑައެޅުނު އުޞޫލަކީ، ކުންފުނީގެ ރެޕްރެޒެންޓޭޓިވްގެ ޙައިސިއްޔަތުން ކޮށްފައިވާ މުޢާމަލާތުގެ ޒިންމާ ކުންފުނިން އުފުލަން ޖެހުމުގެ އުޞޫލުކަމަށާއި، އެ އުޞޫލު ކަނޑައެޅިފައިވަނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) (މީގެ ފަހުން "ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު") ގެ 94 ވަނަ މާއްދާގެ (ހ) (4) ވަނަ ނަންބަރާއި ޙަވާލާދީކަމަށާއި، ހަމަ އެ ގޮތުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނަށް ޙަވާލާދޭއިރު ކުންފުނީގެ ޑިރެކްޓަރ ނުވަތަ މުވައްޒަފު ކުރާ މުޢާމަލާތުގެ ޒިންމާ ކުންފުނިން ނަގަންޖެހޭކަމީ އިސްތިޤްރާރުވެ ޢަމަލުކުރަމުން އަންނަ ގޮތްކަމުގައެވެ.
21މި މައްސަލައިގައި، ދަޢުވާ ސާބިތުކުރުމަށް ހުށަހެޅުނު ހެކިތަކުންނާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުންވެސް ފައިސާ ހޯދުމަށް ދަޢުވާކުރެވުނީ ކުންފުނީގެ ކުރީގެ ޑިރެކްޓަރު އާދަމް އާޠިފް މުޙައްމަދުގެ އެދުމުގެ މަތިން ފޯރުކޮށްދެވުނު ޚިދުމަތަށްކަން ސާބިތުވާއިރު، އެ މުޢާމަލާތާއި ގުޅިގެން ކުންފުނިން ޒިންމާވާން ނުޖެހޭކަމުގައި ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާ އަދި 45 ވަނަ މާއްދާއާ ޚިލާފަށް ކުންފުނި މާނަކޮށްގެންކަން އެނގޭތީ، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ޢަމަލުކޮށްފައިވަނީ ޤާނޫނަށް ރިޢާޔަތް ކުރުމެއްނެތި އަދި މި ބާވަތުގެ މައްސަލަތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމުގައެވެ.
22އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އަންނަނިވި ފަދައިންނެވެ.
22.1. ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފުކަމުގައި ކަނޑައަޅައިދިނުމަށާއި،
22.2. ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށާއި،
22.3. ދޯނި ކުއްޔަށް ދިނުމާއި މުދައު އުފުލުމުގެ ޚިދުމަތް ދިނުމަށްފަހު، މުޙައްމަދު އަމީންގެ ފަރާތުން 16 ފެބުރުވަރީ 2019 ގައި ސޭންޑް ކޮއިން އިންވެސްޓްމަންޓަށް ފޮނުވާފައިވާ ނަންބަރު MIS/377/2018 އިންވޮއިސްގައި ބަޔާންކުރާ -/275,000ރ. (ދެލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައިދިނުމަށާއި،
22.4. މުޙައްމަދު އަމީންގެ ފަރާތުން 16 ފެބުރުވަރީ 2019 ގައި ސޭންޑް ކޮއިން އިންވެސްޓްމަންޓަށް ފޮނުވާފައިވާ ނަންބަރު MIS/377/2018 އިންވޮއިސްގައި ބަޔާންކުރާ -/275,000ރ. (ދެލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އިންވޮއިސްގައި ބަޔާންކުރާ 03 (ތިނެއް) ދުވަހުގެ ތެރޭގައި ނުދެއްކުމުގެ ސަބަބުން ކޮމިޝަންގެ ގޮތުގައި ދެއްކުމަށް އިންވޮއިސްގައި ބަޔާންކުރާ 5% (ފަހެއް އިންސައްތަ) ފައިސާކަމުގައިވާ -/13,750ރ. (ތޭރަހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) އަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައިދިނުމަށާއި،
22.5. ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅައި މައްސަލަ ކުރިއަށް ގެންދިއުމުގެ ގޮތުން، ކޯޓަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދެއްކި -/300ރ. (ތިންސަތޭކަ ރުފިޔާ) އާއި، ޤާނޫނީ ފީގެ ގޮތުގައި ޚަރަދުކުރި -/50,000ރ. (ފަންސާސްހާސް ރުފިޔާ) އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ނަގައިދިނުމަށާއި،
22.6. މި މައްސަލައިގެ ޙުކުމާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާ މައްސަލައިގެ ޙުކުމް ރައްދުވާތާ 30 (ތިރީސް) ދުވަސް ތެރޭގައި ދެއްކުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަމުރުކޮށްދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
23ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފީ ފުރަތަމަ ނުކުތާ ބިނާކޮށްފައިވާ އެއް އަސާސަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ސިވިލް ކޯޓުން ގޮތް ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުންކަމަށާއި، އަދި އެ މާއްދާއާ ޚިލާފުވެފައިވާކަމަށް ބުނާ ސަބަބަކީ ދަޢުވާ ސާބިތުކުރުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެއްކާއި ކިތާބީ ހެކިން ޤާއިމްވާ ޙުއްޖަތްތަކާއި ސާބިތުވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތް ކޮށްފައިނުވާތީކަމުގައެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ތަޠުބީޤުކުރެވޭގޮތް ޝަރުޢީ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާއިރު، އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ޝަރީޢަތް ކުރިއަށް ގެންދެވުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ތަޠުބީޤުކުރުމާއި ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުވާގޮތެއް އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބުނެދީފައިނުވާކަމުގައެވެ.
24HN6ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމުގައި ތަބަޢަވާންޖެހޭ އުޞޫލުތަކަކީ ކޮބައިކަމާއި، ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމުގައި އެ މާއްދާ ތަޠުބީޤުކުރެވޭ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޤަޟިއްޔާގައިވަނީ ކަނޑައަޅާފައިވާކަމަށާއި، ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމާ ޚިލާފުވެފައިވާކަމަށް ބުނާނަމަ، ފަނޑިޔާރު ޢަމަލުކުރިގޮތް ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމާ ތަޢާރަޟުވެފައިވާގޮތް އެފަދައިން ބުނާ ފަރާތުން ސާފުކޮށްދޭންޖެހޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމުގައެވެ.
25ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ސަބަބުތައް އިސްތިއުނާފު ފޯމުގައި ހިމަނާފައިވާއިރު، އެ ސަބަބުތަކުގެ ޚުލާސާއަކީ އެ ފަރާތުން ހުށަހެޅި ކިތާބީ ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ. މިފަދައިން އިސްތިއުނާފުކުރާ ފަރާތުން ބުނުން ފިޔަވައި ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާގެ ޝަރީޢަތްކުރުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޢަދުލުވެރިކަން ގެއްލިފައިވާ ގޮތެއް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 އިބްރާހީމް ޢަބްދުއްލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ އަލީގައި ބުނެދީފައިނުވާކަމުގައެވެ.
26އިންވޮއިސްގައިވާ ދަތުރުތަކަކީ އިސްތިއުނާފު ރައްދުވާ ކުންފުނީގެ އެދުމަކަށް އެ ކުންފުންޏަށް ކޮށްދީފައިވާ ދަތުރެއްކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފައިނުވާކަމުގައެވެ. އިސްތިއުނާފުކުރާ ފަރާތުގެ ދަޢުވާ ސާބިތުކުރާނެ ހެކި ނެތި، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާކޮށްފައިވަނީ އެ ފަރާތުން ކުރާ އިފްތިރާޟެއްގެ މައްޗަށް ބިނާކޮށްކަމަށާއި، އެ އިފްތިރާޟަކީ، ކުރިންވެސް އިސްތިއުނާފު ރައްދުވާ ކުންފުނީގެ ދަތުރުތައް އާދަމް އާޠިފް މުޙައްމަދު ކުންފުނި ތަމްސީލްކުރާ ފަރާތެއްގެ ހައިސިއްޔަތުން އެދިގެން ކުންފުންޏަށް ކޮށްދީފައިވާކަމަށާއި، އެފަދައިން ކޮށްފައިވާ ދަތުރުތަކަށްވެސް ކުންފުނިން ފައިސާ ދައްކާފައިވާކަމަށާއި އެހެންކަމުން ދަޢުވާގައި ބުނާ ދަތުރުތަކަކީވެސް އާދަމް އާޠިފް މުޙައްމަދުގެ އެދުމުގެ މަތިން ކުންފުންޏަށް ކޮށްދިން ދަތުރުތަކެއްކަމަށް ބުނެ އެ ދަތުރުތަކަށް ކުންފުނިން ފައިސާ ދައްކަންޖެހޭނެކަމަށް ބުނެ ކުރާ އިފްތިރާޟުކަމުގައެވެ.
27ފައިސާ ހޯދަން އެދިފައިވާ ދަތުރުތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެން އެ ފަރާތަށް ކޮށްދިން ދަތުރުތަކެއްކަން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިތަކުން ސާބިތުނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން 26 ޑިސެންބަރު 2024 ގައި ސިވިލް ކޯޓަށް ހުށަހެޅި "ނުކުތާތަކާއި ވާޤިޢާތަކާ ގުޅޭ ބަޔާން" ގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާކަމަށާއި، ދަޢުވާ ސާބިތުވާނެ ސީދާ ހެކި އެ ފަރާތުން ހުށަހެޅި ކިތާބީ އަދި ޝަފަހީ ހެކީގެ ތެރޭގައިވެސް ނެތްކަން އެ ފަރާތުން ފާހަގަކޮށް، ދަޢުވާ ސާބިތުކުރުމަށް އެ ފަރާތުން ބަރޯސާވާ މައިގަނޑު ހެއްކަކީ ޝަފަހީ ހެކިންކަން އިސްތިއުނާފުކުރާ ފަރާތުން 26 ޑިސެންބަރު 2024 ގައި ސިވިލް ކޯޓަށް ހުށަހެޅި "ނުކުތާތަކާއި ވާޤިޢާތަކާ ގުޅޭ ބަޔާން" ގެ 7 ވަނަ ނަންބަރުން ސާފުކޮށް އެނގޭކަމަށާއި، ނަމަވެސް އިސްތިއުނާފީ ފުރަތަމަ ނުކުތާގައިވަނީ އެ ފަރާތުން ދަށު ކޯޓުގައި މައްސަލަ ބިނާކުރި ގޮތް މުޅިން ބަދަލުކޮށް، ޝަފަހީ ހެކިންނަށް ބަރޯސާވެ ގުޅުވައިލެވޭ ހެކިން ސާބިތުކުރެވޭ ކަންކަމަށް ބުނެ ހުށަހެޅި ކަންކަން އެއްފަރާތްކޮށްފައި ކަމުގައެވެ.
28އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިތަކަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައިވާކަން ސާފުކޮށް އެނގޭއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެން ކުރި ދަތުރުތަކެއްކަމަށް ސާބިތުކުރެވޭނެ ސީދާ ހެކި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިނުވާއިރު، އަދި އިސްތިއުނާފުކުރާ ފަރާތުން ހެކިބަސް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ހެކިބަހުންވެސް މައްސަލައާ ގުޅުންހުރި ވާޤިޢާއެއް ސާބިތުކުރެވެން ނެތުމުން އެ ފަރާތްތައް ޙާޟިރުކޮށްފައި ނުވާއިރު، ސިވިލް ކޯޓުން ގޮތް ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށްގެންކަމުގައެވެ.
29ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކުރެވުނު ގޮތާއި ޙުކުމަށް ވާސިލްވި ސަބަބު ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުން ގޮތް ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުވެފައިނުވާކަމުގައެވެ. އަދި ސިވިލް ކޯޓުން ގޮތް ނިންމުމުގައި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުވެފައިވާގޮތް ބުނެދީފައިނުވާކަމަށާއި، އަދި އެކަމުގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ބުނެދީފައިނުވާކަމުގައެވެ.
30ދެވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ބުނެފައިވަނީ، މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފީ ފުރަތަމަ ނުކުތާގައިވެސް ފާހަގަކޮށްފައިވާ ކަންކަންކަމަށާއި، ހަމައެކަނި ތަފާތަކީ ކާފީ ހެއްކަކީ ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ މިންގަނޑަށް ފުދޭ ނިސްބަތަށް ލިބިފައިވާ ހެކިކަމަށާއި އެ މިންގަނޑަށް ކާފީ ހެކި މައްސަލައިގައި ހުރިކަމަށް މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުން ކަމުގައެވެ.
31އިންވޮއިސްގައި ބަޔާންކުރާ މުޢާމަލާތަކީ އިސްތިއުނާފު ރައްދުވާ ކުންފުނީގެ އޭރުގެ މުވައްޒަފެއް ކަމުގައިވާ އާދަމް އާޠިފް މުޙައްމަދު ކުންފުނީގެ ފަރާތުން އެދިގެން ކޮށްފައިވާ ދަތުރުތަކެއްކަމަށް ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުންކަމަށާއި، އަދި އިންވޮއިސްގައި ސޮއިކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ކުންފުނީގެ އޭރުގެ މުވައްޒަފެއްކަމުގައިވާ އާދަމް އާޠިފް މުޙައްމަދުކަމަށް ބުނެފައިވަނީވެސް އިސްތިއުނާފުކުރާ ފަރާތުންކަމުގައެވެ.
32އިންވޮއިސްގައި ބަޔާންކޮށްފައިވާ ޚިދުމަތަކީ ފޯރުކޮށްދެވިފައިވާ ޚިދުމަތެއް ކަމާމެދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ސުވާލު އުފައްދާފައި ނުވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށް ސުވާލު އުފައްދާފައިވަނީ އިންވޮއިސްގައި ބަޔާންކުރާ ޚިދުމަތުގެ ޒިންމާ ނަގަންޖެހެނީ ކުންފުނީގެ މުވައްޒަފު އާދަމް އާޠިފް މުޙައްމަދުކަމަށާއި، ހަމައެކަނި އެ މިންވަރަކުން ދިފާޢު ބިނާކުރެވުނުކަމަށް ނުފުދޭކަމަށް އިސްތިއުނާފު ފޯމުގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވީ ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އެ އިންވޮއިސްގައި ބުނެފައިވާ ދަތުރުތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ކުރުމަށް އެދިފައިވާ ދަތުރުތަކެއް ނޫންކަމަށާއި، އެ ދަތުރުތައް ކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިނުވާކަމަށާއި، އަދި އެ ޚިދުމަތް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިނުވާކަމަށާއި، މިއީ ފެށުނީއްސުރެ އިސްތިއުނާފު ރައްދުވާ ފަރާތުގެ ދިފާޢުކަމުގައެވެ.
33އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަމުގައި އިންވޮއިސްއެއް ތައްޔާރުކުރެވުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެ އިންވޮއިސްއަށް ޒިންމާވާންޖެހޭކަމުގެ ހެއްކެއް ނޫންކަމަށާއި، އެ އިންވޮއިސްގައިވާ ތާރީޚުގެ ކުރިންވެސް އަދި ފަހުންވެސް އިސްތިއުނާފު ރައްދުވާ ފަރާތުން އެތައް ދަތުރެއްކޮށް އެތައް އިންވޮއިސްއަކަށް ގިނަ ޢަދަދެއްގެ ފައިސާ ދައްކާފައިވާކަމުގައެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަމުގައި އެޑްރެސްކޮށް އިންވޮއިސް ހަދާފައިވުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެ ޚިދުމަތަށް އެދުނުކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތަށް އެ ޚިދުމަތް ލިބިފައިވާކަމުގެ ހެއްކެއް ނޫންކަމުގައެވެ.
34ތިންވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ބުނެފައިވަނީ، އާދަމް އާޠިފް މުޙައްމަދުގެ އެދުމުގެ މަތިން އިސްތިއުނާފު ރައްދުވާ ފަރާތަށް 38 (ތިރީސް އަށެއް) ދަތުރުކޮށްދީފައިވޭތޯ އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ފައިސާ ދައްކާފައިހުރި ހުރިހާ ދަތުރެއްކުރީ އާދަމް އާޠިފް މުޙައްމަދު އެދިގެންތޯ މިއީ ދަށު ކޯޓުގައި ބަހުސްކޮށްފައިވާ އަދި ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލާފައިވާ ވާޤިޢާއެއް ނޫންކަމަށާއި، އަދި އިންވޮއިސްގައިވާ ދަތުރުތަކަށް ޒިންމާވާންޖެހޭނީ އަމިއްލަ ފަރުދެއްތޯ ނުވަތަ އިސްތިއުނާފު ރައްދުވާ ކުންފުނިތޯ މިއީވެސް ދަށު ކޯޓުގައި ކުރެވުނު ބަހުސެއް ނޫންކަމުގައެވެ.
35ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/41 އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/77 ދިވެހި ދައުލަތް (އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް) ވ. ހެލްތް އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ހައިކޯޓުން މައްސަލަ ބެލުމުގައި ބަރޯސާވާންޖެހޭނީ ދަށު ކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢުތަކަށްކަމުގައެވެ. ދަށު ކޯޓުގައި ސާބިތުކުރަން އޮތީ 02 (ދޭއް) ވާޤިޢާއެއްކަމަށްވެފައި، އެއީ އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެން އިންވޮއިސްގައި ބުނާ ދަތުރު އިސްތިއުނާފުކުރާ ފަރާތުން ކުރިކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެން ދަތުރުކުރިކަން ސާބިތުވާ ޙާލަތުގައި އެ ދަތުރުތަކަށް ވާ ފައިސާ ލިބިފައިނުވާކަންކަމުގައިވާއިރު، ދަޢުވާގެ ފުރަތަމަ ވާޤިޢާ ސާބިތުކުރުމަށް ހުށަހެޅި ކިތާބީ ހެކިން އެކަން ސާބިތުނުވާކަމުގައެވެ. އަދި ޝަފަހީ ހެކިންގެ ހެކިބަސް ލިބިއްޖެނަމަ ސާބިތުވާނެކަމަށް ބުނެފައިވާއިރު ޝަފަހީ ހެކިންގެ ހެކިބަހުގައި އެ އިންވޮއިސްގައި ބުނާ ދަތުރުކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެންކަން އެނގެންނެތްކަމުގައެވެ.
36އިސްތިއުނާފު ރައްދުވާ ފަރާތުން ފައިސާ ދައްކާފައި ހުރި ހުރިހާ ދަތުރަކީ އާދަމް އާޠިފް މުޙައްމަދު ކުންފުނި ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން އެދިގެން ކުންފުންޏަށް ކޮށްދިން ދަތުރުތަކެއް ކަމަށާއި، ވުމާއެކު އިޚްތިލާފު އޮތް އިންވޮއިސްގައިވާ ދަތުރުތަކަކީވެސް އެބީދައިން އިސްތިއުނާފު ރައްދުވާ ކުންފުނިން ކޮށްފައިވާ ދަތުރުތަކެއްކަމަށް ކުރާ އިފްތިރާޟަކީ، އެކަން ސާބިތުވާވަރުގެ ހެކި ހުށަހެޅުމަކާ ނުލައި އިސްތިއުނާފު ރައްދުވާ ފަރާތުން ކުރާ އިފްތިރާޟެކެވެ. އެހެންކަމުން އިންވޮއިސްގައި ބުނާ ދަތުރުތަކަކީ ކޮށްފައިވާ ދަތުރުތަކެއްކަން ސާބިތުވާ ޙާލަތުގައި ޒިންމާ އުފުލަންޖެހެނީ އިސްތިއުނާފު ރައްދުވާ ކުންފުނިތޯ ނުވަތަ ކުންފުނީގެ ފަރާތުން ކުންފުނީގެ މުވައްޒަފެއްތޯ ނުވަތަ ނޫންތޯ ކުންފުންޏާބެހޭ ޤާނޫނީ އުޞޫލުތަކުގެ އަލީގައި ދަށު ކޯޓުގައި ބަހުސްކޮށްފައިނުވާކަމުގައެވެ.
37އިޚްތިލާފު އުފެދިފައިވާ އިންވޮއިސްގައި އިސްތިއުނާފު ރައްދުވާ ކުންފުނީގެ ނަން ޖަހައި އިންވޮއިސްގައި ކުންފުނީގެ މުވައްޒަފު ސޮއިކޮށްފައިވާކަމަށް ބުނެފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަމުގައި ހަދާފައިވާ އިންވޮއިސްއަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކުރުމުން، އަދި އެ ދަތުރުތައް ކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނުކަން އެނގޭ ޕަރޗޭސް އޯޑަރއެއްވިޔަސް ރިކުއެސްޓެއްވިޔަސް ނެތްކަން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރުމުން، ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) (މީގެ ފަހުން "ހެއްކާބެހޭ ޤާނޫނު") ގެ 145 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/23 ޑެފްނޭ ޕްރައިވެޓް ލިމިޓެޑް ވ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުން، އެ ދަތުރަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެން އެ ފަރާތަށް ކޮށްދީފައިވާ ދަތުރުތަކެއްކަން ހެކި ހުށަހަޅައިގެން ސާބިތުކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އޮތް ބުރައެއްކަމުގައެވެ. ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ހޯދަން އެދިފައިވާ ފަރުވާތައް ނަގައިދެވެން ނެތްކަމަށް ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދަޢުވާ އެފަރާތަށް ސާބިތުކޮށްދެވިފައިނުވާތީކަމުގައެވެ.
38އިންވޮއިސްގައި ބުނާ ދަތުރުތަކަކީ ޙަޤީޤަތުގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާ ދަތުރުތަކެއްކަން އެނގޭނެ ހެއްކެއްވެސް ނެތްކަން ފާހަގަކުރުމުން، އެ ދަތުރުތައް ކުރީ އިސްތިއުނާފު ރައްދުވާ ފަރާތް ތަމްސީލުކުރާ މުވައްޒަފެއް ކުންފުނީގެ ހައިސިއްޔަތުން އެ ދަތުރުތައްކުރުމަށް އެދިގެންކަމަށް ބުނެ އެ ދަފްޢު އުފުލި ފަރާތަކީ އިސްތިއުނާފުކުރާ ފަރާތެވެ. އިސްތިއުނާފުކުރާ ފަރާތުން އެ ފަރާތުގެ މުޅި ދަޢުވާ ބިނާކުރީ އެފަދައިން ބުނެ ކުރި އިފްތިރާޟެއްގެ މައްޗަށްކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ނަންބަރުންވެސް ސާފުކޮށް އެނގޭކަމުގައެވެ.
39ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު") ގެ 270 ވަނަ މާއްދާގައި، ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ޝަރީޢަތުގެ ޚަރަދުތައް ނަގައިދެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލަށް ދައްކާފައިވާ -/50,000ރ. (ފަންސާސްހާސް ރުފިޔާ) އަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން އިސްތިއުނާފު ރައްދުވާ ފަރާތަށް ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ކަމުގައެވެ.
40އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތްކަމަށް ކަނޑައަޅައިދިނުމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/106 ޤަޟިއްޔާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލުންނަށް ޚަރަދުކުރަންޖެހުނު -/50,000ރ. (ފަންސާސްހާސް ރުފިޔާ) އަކީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
41އިސްތިއުނާފުކުރާ މުޙައްމަދު އަމީންގެ ފަރާތުން ކުޅަ މި އިސްތިއުނާފުގެ އަލީގައި، މި ކޯޓުން ގޮތެއް ކަނޑައަޅަން އޮތީ މައިގަނޑު 03 (ތިނެއް) ނުކުތާއެވެ. އެއީ؛
1. ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ކިތާބީ ހެއްކަށް ރިޢާޔަތްނުކޮށްތޯ؟
2. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުކުރުމުގެ ޒިންމާއެއް އުފަންވެފައިވޭތޯ؟
3. ދަޢުވާގައި ބަޔާންކުރާ މުޢާމަލާތް ހިނގާފައިވާކަން ސާބިތުވާ މިންވަރަށް ކާފީ ހެކި ލިބިފައިވޭތޯ؟
މިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ކިތާބީ ހެއްކަށް ރިޢާޔަތްނުކޮށްތޯ؟
42މި ނުކުތާގައި މުޙައްމަދު އަމީންގެ ފަރާތުން ބުނެފައިވަނީ އެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެއްކަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، 142 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމުގައެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޙަވާލާދީ މުޙައްމަދު އަމީން ބުނާ ބުނުމުގައި އޭނާއަށް ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލިފައިވާކަމުގައި ބުނެއެވެ. މީގެ އިތުރުން، ކިތާބީ ހެއްކަކީ ޚުޞޫމާތު އުފެދިފައިވާ ވާޤިޢާ ސާބިތުކޮށްދިނުމަށް ޝަރީޢަތަށް ހުށަހެޅޭނެ ލިޔުމެއްކަން އެނގޭއިރު، ދަޢުވާ ސާބިތުކުރުމަށް މުޙައްމަދު އަމީންގެ ފަރާތުން ހުށަހެޅި އެއްވެސް ކިތާބީ ހެއްކަކަށް ރިޢާޔަތްކޮށްފައިނުވުމަކީ ފަނޑިޔާރުން މައްސަލަ ނިންމުމުގައި ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީއަށާއި ޤާނޫނަށްކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމާ ޚިލާފަށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވުންކަމުގައި ބުނެއެވެ. އަދި ހަމައެއާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަން ޤަޟިއްޔާގައި މައްސަލަ ނިންމުމަށް ވާސިލުވި ސަބަބު ނިންމުމުގައި ބަޔާންކުރުން ލާޒިމުކުރާއިރު، މި މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ކިތާބީ ހެއްކަށް ރިޢާޔަތްނުކުރި ސަބަބު ބަޔާންކޮށްފައިނުވާތީ، މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުމަށް ލާޒިމުކޮށްފައި އޮންނަ އޮތުމާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައެވެ.
43HN1މި މައްސަލައިގައި ސާބިތުވާންޖެހޭ ވާޤިއާތަކަށް ނަޒަރުކުރުމުގެ ކުރިން، ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ ދަޢުވާ ނުވަތަ ދަފްޢު ސާބިތުކުރުމުގެ ބުރަ (burden of proof/onus probandi) އިސްތިޤުރާރުވެފައިވާގޮތަށް ބެލުން މުހިންމެވެ. ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މިކަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާއިން ފެށިގެން ކޯޓުތަކުން ނިންމާފައިވާ ގިނަ ނިންމުންތަކުން ބަޔާންކޮށް، މި އުޞޫލުވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައެވެ.
44މި ބުރަ އުފުލުމުގައި މައިގަނޑު ދެ ބުރައެއް ދަޢުވާކުރާ ފަރާތުން އުފުލަންޖެހެއެވެ. ފުރަތަމަ ބުރައަކީ، ދަޢުވާ ނުވަތަ ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތު ކޮށްދިނުމަށް ހެކި ހުށަހެޅުމުގެ ބުރަ (burden of production) އުފުލުމެވެ. ދެވަނަ ބުރައަކީ ހުށަހަޅާފައިވާ ހެއްކަކީ އަނެއް ފަރާތުން ހުށަހަޅާފައިވާ ހެއްކާ އަޅާކިޔާއިރު އެ ދަޢުވާ ނުވަތަ އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް ހެދުމުގެ (burden of persuasion) ބުރައެވެ. މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންވެފައިވާ އުޞޫލުތަކެވެ.
45HN2މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތެއް ނޫނެވެ. އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ ދަފްޢު (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތުންނެވެ.
46HN3ހާދިސާއެއް ނުވަތަ ޢަމަލެއް ސާބިތުކުރުމަށް މަދަނީ މައްސަލަތަކުގައި ބަލާނީ "ބޮޑަށް ބުރަވެވޭ ގޮތަށް" ށެވެ. މި މިންގަނޑަކީ މަތީ މަރުޙަލާ ކޯޓުތަކުން މަދަނީ މައްސަލަތަކުގައި ހާދިސާ ސާބިތުކުރުމަށް ބަލައިގަނެފައިވާ މިންގަނޑެވެ. މި މިންގަނޑު މިހާރު ވަނީ 18 ޖަނަވަރީ 2023 ގައި ޢަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނުގައިވެސް އިސްތިޤުރާރުވެފައެވެ. މަދަނީ މިންގަނޑުން ދަޢުވާއެއް ސާބިތުވުމަކީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާކަމެއް ވުޖޫދުގައި ނެތުމަށް ވުރެ އެކަމެއް ވުޖޫދުގައި އޮތުން ގާތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައި، އެކަމެއް އެފަދައިން ސާބިތުވާކަމަށް ކޯޓުން ކަނޑައަޅައި މައްސަލަ ނިންމުމެވެ. އެއީ އެ ހާދިސާއަކީ ހިނގިކަމެއްތޯ ކަނޑައެޅުމުގައި، އެ ހާދިސާއަކީ ނުހިނގާކަމަކަށްވުރެ ބޮޑަށް ހިނގިކަމެއްކަމަށް (balance of probabilities) ބުރަވެވުމެވެ.
47މި އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުމުގައި، ފުރަތަމަ ކަމަކަށް، ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއަށް ނަޒަރުކުރަމެވެ. އެ ދަޢުވާއަކީ، ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ދޯނި ކުއްޔަށް ހިފައިގެން ދޯނީގެ މުދާ އުފުލާފައިވާތީ ޚިދުމަތުގެ އަގަށް ފައިސާ ހޯދުމުގެ ގޮތުން، މުޙައްމަދު އަމީން 16 ފެބުރުވަރީ 2019 ގެ ތާރީޚުގައި ފޮނުވާފައިވާ ނަންބަރު MIS/377/2018 އިންވޮއިސްއަށް ލިބެންޖެހޭ -/275,000ރ. (ދެލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ލިބިފައިނުވާތީ، މި ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މުޙައްމަދު އަމީން ހުށަހެޅި މައްސަލައެކެވެ.
48މުޙައްމަދު އަމީން ކުޅަ ދަޢުވާއަށް ބަލާއިރު، ސާބިތުވާންޖެހޭނީ 02 (ދޭއް) ވާޤިއާއެކެވެ. އެއީ، 1. ސޭންޑް ކޮއިން އިންވެސްޓްމަންޓް އިން އެދިގެން މުޙައްމަދު އަމީން ލައްވައި ދަތުރެއްކުރުވިކަން 2. އެ ދަތުރުތައް ކުރުވިކަން ސާބިތުވާ ޙާލަތުގައި، އެ ދަތުރުތަކަށް ލިބެންޖެހޭ އަގު ލިބިފައިނުވާކަން.
49މުޙައްމަދު އަމީންގެ ފަރާތުން ކުޅަ ދަޢުވާ ސާބިތުކުރުމަށް ކަމަށް ބުނެ އެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ކިތާބީ ހެއްކެވެ.
1. 16 ފެބުރުވަރީ 2019 އަށް ނިސްބަތްވާ ނަންބަރު MIS/377/2018 އިންވޮއިސް 2. ދަތުރުތަކަށް ފައިސާ ދޫކޮށްފައިވާ ޖުމްލަ 41 (ސާޅިސް އެއް) އިންވޮއިސް 3. މުޙައްމަދު އަމީންގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތަފްޞީލް 4. އިންވޮއިސް ޙަވާލުކުރި މުވައްޒަފުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.
50މި ކިތާބީ ހެކި ހުށަހެޅި ސަބަބެއްގެ ގޮތުގައި މުޙައްމަދު އަމީންގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
1. މި ޚުޞޫމާތުގައި ހިމެނޭ އިންވޮއިސް ހުށަހެޅި ސަބަބަކީ، ދަޢުވާގައި ހިމެނޭ އަދަދުގެ ފައިސާ ހިމެނޭތީކަމަށާއި، މި އިންވޮއިސް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ މުވައްޒަފަކާ ޙަވާލުކުރެވުނުކަމަށާއި، 10 (ދިހައެއް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އޮތްކަމަށާއި، 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ކޮމިޝަންގެ ގޮތުގައި 5% (ފަސް އިންސައްތަ) ޗާޖުކުރެވޭނެކަން އިންވޮއިސްގައި ބަޔާންކޮށްފައިވާކަން ސާބިތުކުރުމަށްކަން
2. ފައިސާ ދޫކޮށްފައިވާ ޖުމްލަ 41 (ސާޅީސް އެކެއް) އިންވޮއިސް ހުށަހަޅާފައިވަނީ ދެ ފަރާތް ދެމެދު ކުރެވޭ ދަތުރުތަކަށް އިންވޮއިސް ޙަވާލުކުރެވޭގޮތާއި، ފައިސާ ދައްކާގޮތާއި، މިފަދައިން ފައިސާ ދެއްކުމަކީ ދެ ފަރާތް ދެމެދު ޢަމަލުކުރެވެން އަންނަ ގޮތްކަން ސާބިކުރުމަށްކަން
3. މުޙައްމަދު އަމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތަފްޞީލް ހުށަހަޅާފައިވަނީ ކުންފުނީގެ ބޭންކް އެކައުންޓުން މުޙައްމަދު އަމީންގެ އެކައުންޓަށް ފައިސާ ދައްކާކަމާއި، ފައިސާ ދައްކާފައިވާ މިންވަރާއި، ދައްކާފައިވާ ތާރީޚް ސާބިތުކުރުމަށްކަން
4. އިންވޮއިސް ޙަވާލުކުރި މުވައްޒަފުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅާފައިވަނީ ދަތުރުކުރުމަށް މެދުވެރިވި ކުންފުނީގެ މުވައްޒަފަކީ ކޮބައިކަމާއި، އެ ފަރާތާ އިންވޮއިސް ޙަވާލުކޮށް އެ އިންވޮއިސްގައި ސޮއިކުރިކަމާއި، ސޭންޑް ކޮއިން އިންވެސްޓަމަންޓަށް ކުރެވުނު މުޢާމަލާތްތައް ކުރެވިފައިވަނީ އެ ފަރާތުގެ އެދުމުގެ މަތީންކަމާއި، އެ ފަރާތުގެ އައިޑެންޓިޓީ ސާބިތުކުރުމަށްކަން
51މި ދަޢުވާއަކީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ބޭނުމަށް މުޙައްމަދު އަމީން ކޮށްފައިވާ ދަތުރަށް ފައިސާ ލިބިފައިނުވާކަމަށް ބުނެ ފައިސާ ހޯދުމަށް މުޙައްމަދު އަމީންގެ ފަރާތުން ކުޅަ ދަޢުވާއަކަށްވާއިރު، މި ދަޢުވާއަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އިންކާރުކުރާ ޙާލަތުގައި، ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ މުޙައްމަދު އަމީންގެ މަސްއޫލިއްޔަތެކެވެ.
52ބަޔާންކުރެވުނު ކިތާބީ ހެކިތަކުން ޚުޞޫމާތު އުފެދިފައިވާ ދަތުރު ކޮށްފައިވަނީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އެދިގެންތޯ ނުވަތަ ނޫންތޯ، މިއީ ސާބިތުވާންޖެހޭ ފުރަތަމަ ވާޤިއާއެވެ. މިކަމަށް ބެލި ބެލުމުން، 16 ފެބުރުވަރީ 2019 ގެ އޮންވޮއިސްގައިވާ ދަތުރުކުރުމަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އެދިފައިވާކަން ސާބިތުވާ ސީދާ ހެއްކެއް މުޙައްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިނުވެއެވެ. އަދި އިންވޮއިސްގައި ބަޔާންކުރާ ދަތުރުކުރުމަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އެދުނުކަން ސާބިތުވާ އެއްވެސް ހެއްކެއް ނެތްކަމަށް ޚުދު މުޙައްމަދު އަމީން ދަށު ކޯޓުގައި އިޢުތިރާފުވެފައިވެއެވެ.
53މި ދަތުރުކޮށްފައިވަނީ އާދަމް އާޠިފް މުޙައްމަދުގެ އެދުމުގެ މަތިން ކަމުގައި މުޙައްމަދު އަމީން ބުނެއެވެ. އަދި މިގޮތުގެ މަތިން، އެތައް ދަތުރެއްކޮށް ޚިދުމަތްތަކެއް ދެވި، ފައިސާ ލިބިފައިވާކަމުގައި މުޙައްމަދު އަމީން ބުނެއެވެ.
54މި މައްސަލައިގެ ތެރެއިން އެނގޭ ޙަޤީޤަތްތަކެއްވެއެވެ. އެއީ، ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ބޭނުމަށް އެކި ފަހަރުމަތިން މުޙައްމަދު އަމީން ދަތުރުތަކެއް ކޮށްފައިވާކަމާއި، ސޭންޑް ކޮއިން އިންވެސްޓްމަންޓްއަށް އިންވޮއިސް ހުށަހަޅައި، އެ އިންވޮއިސްތައް ބަލައިގަނެ، އިންވޮއިސްގައިވާ މިންވަރަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ފައިސާ ދައްކާފައިވާކަމެވެ. އެ ފައިސާ ދެއްކި ދެއްކުން ނުވަތަ އަގު އަދާކުރިކުރުން މި ޚުޞޫމާތު އުފެދިފައިވާ އިންވޮއިސްގެ ކުރިއަށްވެސް އަދި ފަހަށްވެސް ނިސްބަތްވެއެވެ.
55HN5ސުވާލަކީ، ޚުޞޫމާތު އުފެދިފައިވާ އިންވޮއިސްގައި ހިމެނޭ ދަތުރަކީ ހަމަ ޙަޤީޤަތުގައިވެސް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ އެދުމަކަށް ކޮށްފައިވާ ދަތުރެއްތޯ ނުވަތަ ނޫންތޯއެވެ. މި ދަތުރު ކޮށްފައިވަނީ އާދަމް އާޠިފް މުޙައްމަދުގެ އެދުމުގެ މަތިން ކަމުގައި މުޙައްމަދު އަމީން ބުނެފައިވާއިރު، މި ދަޢުވާ ސާބިތުކުރުމަށް މުޙައްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރެއިން މައިގަނޑު މުސްތަނަދަށް އޮތީ ޚުޞޫމާތު އުފެދިފައިވާ އިންވޮއިސްއެވެ. އެ އިންވޮއިސްގައިވާ ތަފްޞީލުތަކަށް ބަލާއިރު، މި މުޢާމަލާތަކީ ކުންފުނީގެ ނުވަތަ ކުންފުނީގެ ފަރާތުން އާދަމް އާޠިފް މުޙައްމަދުގެ އެދުމަކަށް ހިނގާފައިވާ މުޢާމަލާތެއްކަން އެނގޭކަށްނެތެވެ. އެކަން އެއްވެސް މިންވަރަކަށް މި އިންވޮއިސްގައި ބަޔާނެއްނުކުރެއެވެ.
56މީގެ އިތުރަށް މުޙައްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިވާ އެހެނިހެން ކިތާބީ ހެކިތަކުން، އެހެނީ ސޭންޑް ކޮއިން އިންވެސްޓްމަންޓްއިން ފައިސާ ދައްކާފައިވާ އެހެނިހެން އިންވޮއިސްތަކުންނާއި، މުޙައްމަދު އަމީންގެ ބޭންކް އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ތަފްޞީލުތަކުންނާއި، އާދަމް އާޠިފް މުޙައްމަދުގެ އައިޑީކާޑުން ޚުޞޫމާތު އުފެދިފައިވާ އިންވޮއިސްގައިވާ ދަތުރަކީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އެދިގެން ނުވަތަ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އާދަމް އާޠިފް މުޙައްމަދު އެދިގެން މުޙައްމަދު އަމީން ކޮށްފައިވާ ދަތުރެއްކަން އެނގޭކަށްނެތެވެ.
57ދެން އޮތީ، މުޙައްމަދު އަމީން ހުށަހެޅި ބަޔާންވެދިޔަ ކިތާބީ ހެކިތަކަށް އެއްވެސް މިންވަރަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށާއި، އަދި ރިޢާޔަތްނުކުރި ސަބަބު ސިވިލް ކޯޓުން ބަޔާންކޮށްފައިނުވާކަމުގައި މި އިސްތިއުނާފުގައި މުޙައްމަދު އަމީންގެ ފަރާތުން ބުނާ ބުނުމެވެ.
58މިކަމަށް ނަޒަރުކުރާއިރު، ސިވިލް ކޯޓުގެ ނިންމުމުގައި އަންނަނިވި ކަންކަން ތަފްޞީލުކޮށްފައިވާކަން ފާހަގަވެއެވެ.
1. މި މައްސަލައިގައި ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އެދިގެން މުޙައްމަދު އަމީންގެ ފަރާތުން ބުނެފައިވާ ތާރީޚުގައި އެއްވެސް ދަތުރެއް ކޮށްފައިނުވާކަމަށް ބުނެ ދަޢުވާއަށް އިންކާރުކުރާއިރު، އެ ދަތުރު ކޮށްފައިވާކަމަށް މުޙައްމަދު އަމީންގެ ފަރާތުން ބުނާ ބުނުން ފިޔަވައި އިތުރު ދަފްޢެއް ނަގައި އެ ދަފްޢެއް ސާބިތުކުރުމުގެ ބުރަ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ މައްޗަށް އޮތްކަމުގައި ނުދެކޭކަން
2. ސޭންޑް ކޮއިން އިންވެސްޓްމަންޓް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން އާދަމް އާޠިފް މުޙައްމަދު އެދިގެން ދަތުރުކުރިކަމަށް ބުނާއިރު، އެ ދަތުރުކުރީ ސޭންޑް ކޮއިން އިންވެސްޓްމަންޓް އެދިގެންކަމުގައި ޚުދު އާދަމް އާޠިފް މުޙައްމަދުވެސް ބުނެފައިވާކަން ނޭނގޭކަމުގައި މުޙައްމަދު އަމީން ފާހަގަކޮށްފައިވާތީ، މި މައްސަލައިގެ ވާޤިއާ މަދަނީ މިންގަނޑުން ސާބިތުކުރެވޭ ވަރުގެ ހެކި ޤަރީނާ މުޙައްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިނުވާކަން
3. މީގެ ކުރިން ދަތުރުތަކެއްކޮށް، ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އެ ދަތުރުތަކަށް ފައިސާ ދައްކާފައި ހުރުމަކީ، މި އަސާސްގެ މައްޗަށް ބިނާކޮށް މި ދަތުރަކީވެސް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ކުރި ދަތުރެއްކަމަށް އިފްތިރާޟްކުރުން ފިޔަވައި، ސޭންޑް ކޮއިން އިންވެސްޓްމަންޓްއާ މި ދަތުރުއާ ގުޅުވޭނެ އިތުރު ކަމެއް ނެތްކަން
4. އިންވޮއިސްގައި ބަޔާންކުރާ ޚިދުމަތަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އެދުނުކަން އެއީ ސާބިތުކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި މުޙައްމަދު އަމީންގެ ފަރާތުންވެސް ފަހު ބަޔާނުގައި ފާހަގަކޮށްފައިވާއިރު، އެކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން
5. ޒަމާނެއްގައި ހިނގާފައި އޮތް މުޢާމަލާތެއް ނުވަތަ މުޢާމަލާތްތަކެއްގެ މައްޗަށް ބިނާކޮށް އެކަމާ ގުޅުމެއް އޮތްކަން ސާބިތުނުވާ މުޢާމަލާތް ކުރިން ހިނގި މުޢާމަލާތް އެއީ ދެންވެސް މުޢާމަލާތެއް ހިނގާދާނެކަމަށް ބެލެވޭ ޤަރީނާއެއްކަމުގައި އޭގެ ޒާތަށް ނުވާނެކަމާއި، ނަމަވެސް ގުޅިފައިވާ ޤަރީނާތަކާ އެކުވެއްޖެނަމަ، އެކަތިއަނެކައްޗަށް ބާރު ދިނުމުގެ ތެރެއިން އެއީވެސް ސާބިތުކުރުމަށް ބާރުދެނިވި ޤަރީނާއަކަށް ވެދާނެކަމާއި، ނަމަވެސް މި މައްސަލައިގައި ހަމައެކަނި އޮތީ ކުރިން މުޢާމަލާތް ހިނގާފައި އޮތުމުން ދެންވެސް ހިނގާފާނެކަމަށް ބުނާ ބުނުން އެކަނި ކަމުގައިވާތީ، މިއީ ބުރަދަނެއް ދީގެން މަދަނީ މައްސަލައެއް ސާބިތުކުރެވޭނެ ކަމެއް ކަމުގައި ނުދެކޭކަން
59މިކަންކަމުގެ އަލީގައި ބަލާއިރު، ސިވިލް ކޯޓުގެ ނިންމުމުގައި ހުށަހަޅާފައިވާ ހެކިތަކާއި، އެއިން ނަގަން ގަސްދުކުރި އިފްތިރާޟްތަކުގެ މައްޗަށް ކަންކަން ފާހަގަކޮށްފައިވާކަން ދެނެގަނެވެއެވެ. ސިވިލް ކޯޓުގެ ނިންމުމުގެ މައިގަނޑު ބިނާއަކީ، މުޙައްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުން، ޚުޞޫމާތު އުފެދިފައިވާ ދަތުރުކޮށްފައިވަނީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ އެދުމަކަށްކަން އެނގޭނެ ހެއްކެއް ނެތްކަމެވެ.
60މުޙައްމަދު އަމީން ހުށަހެޅި ހެކިތަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވާކަމާއި އަދި ނިންމުމަށް ވާސިލުވި ސަބަބު ތަފްޞީލުކޮށްފައިވާކަން ސިވިލް ކޯޓުން ފާހަގަކޮށްފައިވާ އަދި މި ނިންމުމުގެ 58 ވަނަ ނުކުތާގައިވާ ކަންކަމާއި، އޭގެ ނަތީޖާއިން އެނގޭހިނދު، ސިވިލް ކޯޓުން ނިންމި ނިންމުމަކީ ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލި، ޤާނޫނުން އެއްކިބާވެފައިވާފަދަ ނިންމުމެއްކަމުގައި ނުދެކެމެވެ. އަދި ހަމަމިއާއެކު، އެ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަން ޤަޟިއްޔާއާ ޚިލާފު ނިންމުމެއް ކަމުގައިވެސް ނުދެކެމެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުކުރުމުގެ ޒިންމާއެއް އުފަންވެފައިވޭތޯ؟
61މި މައްސަލައިގައި ދަފްޢު ފުރޮޅިފައިވާކަމަށް މުޙައްމަދު އަމީން ބުނެއެވެ. އެއީ ދަޢުވާގައި ބަޔާންކުރާ މުޢާމަލާތުގެ ޒިންމާ ސޭންޑް ކޮއިން އިންވެސްޓްމަންޓްއިން ނަގަންނުޖެހޭނެކަމަށާއި، އެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ކުންފުނީގެ މުވައްޒަފުކަމަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ދަޢުވާގެ ޖަވާބުގައި ބުނެފައިވާތީ، އެ ޒިންމާ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ނަގަންނުޖެހޭނެކަން ސާބިތުކޮށްދިނުމަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން މަސައްކަތްކޮށްފައިނުވާކަމުގައެވެ.
62މުޙައްމަދު އަމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވަނީ އެ އިންވޮއިސްގައިވާ ދަތުރަކީ ސޭންޑް ކޮއިން އިންވެސްޓްމަންޓްއަށް ކޮށްދީފައިވާ ދަތުރެއްކަމަށާއި، އެކަމަށް އެ ފަރާތުން އިންކާރުކުރާނަމަ، އެ ދަތުރުކުރިކަމާއި މުދާ އުފުލައިދިންކަން ސާބިތުކުރުމަށް ޝަފަހީ ހެކިން ޙާޟިރުކުރުމުގެ ފުރުޞަތަކަށް އެދޭ ކަމުގައެވެ. ދަޢުވާ ފޯމުގައި އެ ދަތުރުކުރުމަށް ހުށަހެޅުން އައި ގޮތަކާ ގުޅޭ ގޮތުން ވާހަކަދައްކާފައެއްނުވެއެވެ.
63ދަޢުވާގެ ދިފާޢުގައި ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ބުނެފައިވަނީ، މުޙައްމަދު އަމީންގެ ކިބައިން ދޯނި ކުއްޔަށް ހިފުމަށް އެދި ހުށަހެޅި އެއްވެސް ރިކުއެސްޓެއް ދަޢުވާ ފޯމާއެކު ހުށަހަޅާފައިނުވާތީއާއި، އެ މުއްދަތުގައި ސޭންޑް ކޮއިން އިންވެސްޓްމަންޓްއަށް ދޯނި ޙަވާލުކޮށްފައިވާކަން އެނގެން ނެތުމުންނާއި، ދެ ފަރާތް ދެމެދު އެފަދަ މުޢާމަލާތެއް ދަޢުވާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިނގާފައިނުވާތީ، އެކަމަށް އިންކާރުކުރާކަމުގައެވެ.
64ދިފާޢުގެ ރައްދުގައި މުޙައްމަދު އަމީންގެ ފަރާތުން ބުނެފައިވަނީ، ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ އިންވޮއިސް ޙަވާލުކޮށްފައިވަނީ ކުންފުނީގެ މުވައްޒަފު، އާދަމް އާޠިފް މުޙައްމަދުއާ ކަމުގައެވެ. އަދި އާދަމް އާޠިފް މުޙައްމަދުގެ އެދުމުގެ މަތިން ސޭންޑް ކޮއިން އިންވެސްޓްމަންޓްއަށް ތަކުރާރުކޮށް އެތައް ދަތުރެއް ކޮށްފައިވާކަމުގައެވެ.
65HN4އިސްވެ ބަޔާންކުރި ފަދައިން، ދަޢުވާގައި ހުށަހެޅުނު ފަދަ ދަތުރެއް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ އެދުމަކަށް ކޮށްފައިނުވާކަމަށް ބުނެ، މުޙައްމަދު އަމީން ކުޅަ ދަޢުވާއަށް އިންކާރުކުރުމުން، އެ ދަތުރަކީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ އެދުމަކަށް ކޮށްފައިވާ ދަތުރެއްކަން ސާބިތުކުރުމުގެ ބުރަ އޮންނާނީ މުޙައްމަދު އަމީންގެ މައްޗަށެވެ. އަދި އެ ދަތުރު ކޮށްފައިވަނީ އާދަމް އާޠިފް މުޙައްމަދުގެ އެދުމުގެ މަތިންކަމަށް މުޙައްމަދު އަމީން ބުނެފައިވާއިރު، އެކަން ސާބިތުކުރުމުގެ އަސާސީ އިލްތިޒާމްވެސް އޮންނާނީ މުޙައްމަދު އަމީންގެ މައްޗަށެވެ. މި މައްސަލައިގައި ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ އިންކާރުގެ މައްޗަށް، ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ މައްޗަށް ދަފްޢެއް ފުރޮޅެންޖެހޭ އަސާސެއް ނެތެވެ. އަދި އެކަން މި މޭރުމުން ފުރޮޅެންޖެހޭ ޤާނޫނީ އަސާސެއްވެސް މުޙައްމަދު އަމީންއަށް މި އިސްތިއުނާފުގައި ބުނެދެވިފައިވާކަމުގައި ނުދެކެމެވެ. މުޙައްމަދު އަމީން އެދުނު ފަރުވާ ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ދަޢުވާ ސާބިތުކުރުމުގެ އަސާސީ ބުރަ އަދާކުރުމުގެ ޒިންމާ މުޙައްމަދު އަމީން އަދާކޮށްފައިނުވާތީއެވެ.
66މި މައްސަލައިގައި ސޭންޑް ކޮއިން އިންވެސްޓްމަންޓްއިން ފައިސާ ދައްކާފައިވާ އިންވޮއިސްތަކެއް މުޙައްމަދު އަމީން ހުށަހަޅާފައިވާއިރު، މި އިންވޮއިސްގައިވާ ދަތުރުތައް ކޮށްފައިވަނީ އާދަމް އާޠިފް މުޙައްމަދު އެދިގެންތޯ ނުވަތަ ނޫންތޯ، މިއީ މުޙައްމަދު އަމީންގެ ފަރާތުންވެސް އަދި ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުންވެސް ކުރިމަތިކޮށްފައިވާ ސުވާލެއްނޫނެވެ. އަދި މިއީ ސިވިލް ކޯޓުން އެއްވެސް މިންވަރަކަށް ބަލާފައިވާ ވާޤިއާއެއްވެސްނޫނެވެ.
67މި ނިންމުމުގައި ފާހަގަކޮށްފައިވާ ފަދައިން ޚުޞޫމާތު އުފެދިފައިވާ އިންވޮއިސްގައިވާ ދަތުރުކޮށްފައިވަނީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ އެދުމަކަށްކަން ސާބިތުކުރުމަކީ މުޙައްމަދު އަމީންގެ މައްޗަށް އޮތް ބުރައެކެވެ. އިސްވެ ބަޔާންކުރި ފަދައިން ސިވިލް ކޯޓުގައި އެ ފަރާތުން އެދިފައިވާ ފަރުވާ ނަގައިދެވިފައިނުވަނީ އެކަން ސާބިތުނުވާތީއެވެ.
68ކުންފުންޏާބެހޭ ޤާނޫނުގެ 94 ވަނަ މާއްދާގެ އަލީގައި، ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން ކުރެވޭ މުޢާމަލާތުގެ ޒިންމާ ކުންފުނިން ނަގަންޖެހޭއިރު، އެކަމަށް ސިވިލް ކޯޓުން ރިޢާޔާތްކޮށްފައިނުވާކަމުގައި މުޙައްމަދު އަމީންގެ ފަރާތުން މި އިސްތިއުނާފުގައި ބުނެއެވެ. މި ބަހުސަކީ މި މޭރުމުން، އެހެނީ ކުންފުންޏާބެހޭ ޤާނޫނާ ޙަވާލާދީ ސިވިލް ކޯޓުގައި ކުރެވުނު ބަހުސެއްނޫނެވެ.
69HN7ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމުގައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިއީ އިސްތިއުނާފީ މަރުޙަލާގައި މައްސަލަ ބެލުމުގެ އާންމު އުޞޫލުކަމުގައިވީނަމަވެސް، އައު ޤާނޫނީ ނުކުތާއެއް ބަލައިގަނެވިދާނެ ޙާލަތްތައް، ނުވަތަ އައު ޤާނޫނީ ބަހުސްއަކަށް ފުރުޞަތު ހުޅުވާލެވިދާނެ ޙާލަތްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 (ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް) ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެއީ ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ، ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެއްނަމައެވެ.
70މިއީ ސިވިލް ކޯޓުގައިވެސް މުޙައްމަދު އަމީންގެ ފަރާތުން ހުށަހެޅެންއޮތް، އެހެނަސް ހުށަހަޅާފައިނުވާ އަދި މިއާމެދު ބަހުސްކޮށްފައިނުވާ ކަމެއްކަން އެނގެއެވެ. އެހެންކަމުން، މި މަރުޙަލާގައި މި ބަހުސް އުފެއްދޭނެކަމަކަށް ނުދެކެމެވެ. މީގެ އިތުރުން، މި ބަހުސް މި މަރުޙަލާގައި އައްވަލަށް ހުޅުވާލާ މި ބަހުސަށް މި މަރުޙަލާގައި ފުރުޞަތު ދޭންޖެހޭ ޤާނޫނީ ސަބަބެއް މި އިސްތިއުނާފުގައި މުޙައްމަދު އަމީންގެ ފަރާތުން ބުނެދީފައެއްނުވެއެވެ.
ދަޢުވާގައި ބަޔާންކުރާ މުޢާމަލާތް ހިނގާފައިވާކަން ސާބިތުވާ މިންވަރަށް ކާފީ ހެކި ލިބިފައިވޭތޯ؟
71މި ނުކުތާގައި މުޙައްމަދު އަމީންގެ ފަރާތުން ބުނެފައިވަނީ ދަޢުވާގައި ހިމެނޭ މުޢާމަލާތް ހިނގިކަން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ކާފީ ހެކި ލިބިފައިވާއިރު، މުޢާމަލާތް ހިނގިކަން ސާބިތުވާ ހެކި ލިބިފައިނުވާކަމަށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، 142 ވަނަ މާއްދާއާ ޚިލާފަށްކަމުގައެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޙަވާލާދީ މުޙައްމަދު އަމީން ބުނާ ބުނުމުގައި އޭނާއަށް ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލިފައިވާކަމުގައި ބުނެއެވެ. އަދި މިފަދައިން ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުން މައްސަލަ ނިންމުމުގައި ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީއަށާއި ޤާނޫނަށްކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ޚިލާފަށް ކަމުގައި މުޙައްމަދު އަމީންގެ ފަރާތުން ބުނެއެވެ.
72މި ދަޢުވާއަކީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ބޭނުމަށް މުޙައްމަދު އަމީން ކޮށްފައިވާ ދަތުރަށް ފައިސާ ލިބިފައިނުވާކަމަށް ބުނެ ފައިސާ ހޯދުމަށް މުޙައްމަދު އަމީންގެ ފަރާތުން ކުޅަ ދަޢުވާއަކަށްވާއިރު، މި ދަޢުވާއަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އިންކާރުކުރާ ޙާލަތުގައި، ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ މުޙައްމަދު އަމީންގެ މަސްއޫލިއްޔަތެއްކަން ޤާނޫނީ ނައްސުތަކުގެ އަލީގައި އިސްވެ ބަޔާންކުރެވިއްޖެއެވެ.
73ޚުޞޫމާތު އުފެދިފައިވާ ދަތުރު ކޮށްފައިވަނީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އެދިގެންތޯ ނުވަތަ ނޫންތޯ، މިއީ ސާބިތުވާންޖެހޭ ފުރަތަމަ ވާޤިއާކަމުގައިވާއިރު، މިކަން ސާބިތުވާފަދަ ކާފީ ހެކި މުޙައްމަދު އަމީންގެ ފަރާތުން ހުށަހެޅި ކަމުގައި މި އިސްތިއުނާފުގައި މުޙައްމަދު އަމީންގެ ފަރާތުން ބުނެއެވެ. އަދި މި މައްސަލައިގައި ހުށަހެޅި ކިތާބީ ހެއްކާއި ޝަފަހީ ހެކި ގުޅުވާލުމުން، ދަޢުވާގައި ބަޔާންކުރާ ދަތުރު ކުރެވުނުކަމަށާއި، ނުވަތަ ޚިދުމަތް ދެވުނުކަން ސާބިތުވާނޭކަމުގައި މި އިސްތިއުނާފުގައި މުޙައްމަދު އަމީންގެ ފަރާތުން ބުނެއެވެ.
74HN8ހެއްކާބެހޭ ޤާނޫނުގައި ކާފީ ހެކި ކަމުގައި ބަޔާންކުރަނީ، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ މިންގަނޑަށް ފުދޭ ނިސްބަތަށް ލިބޭ ހެއްކަށެވެ. ނުވަތަ އެ މިންވަރަށް ހެކި ލިބުމަށެވެ. ގުޅުން ހުރުމަކީ، މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ވާޤިއާއަކާއި، އެ ވާޤިއާއެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ޤާނޫނީ އަދި މާއްދީ ގުޅުމެވެ.
75މުޙައްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިން އޭނާގެ ދަޢުވާ ސާބިތުވާކަމުގައި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި މުޙައްމަދު އަމީންގެ ފަރާތުން ބުނެފައިވާއިރު، ޚުޞޫމާތު އުފެދިފައިވާ އިންވޮއިސްގައިވާ ދަތުރަކީ ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން އެދިގެން މުޙައްމަދު އަމީން ކޮށްފައިވާ ދަތުރެއްކަން ކިތާބީ ހެކިތަކުން ސާބިތުނުވާކަން މި އިސްތިއުނާފުގައި ޤާއިމުކުރެއްވިއްޖެއެވެ. ދެން އޮތީ، މި މައްސަލައިގައި މުޙައްމަދު އަމީންގެ ފަރާތުން ހުށަހެޅި ހެކީގެ ބަޔާންތައް ކިތާބީ ހެއްކާއި ގުޅުވާލުމުން ދަޢުވާގެ ދަފްޢު ސާބިތުވާނެކަމަށް މުޙައްމަދު އަމީން ބުނާ ބުނުމެވެ.
76މި މައްސަލައިގައި ޝަފަހީ ހެކިންގެ ކިބައިން ސާފުކުރުމަށް މުޙައްމަދު އަމީން އެދުނު ވާޤިއާއަކީ، މި މައްސަލައިގައި ފައިސާ ހޯދުމަށް އެދޭ ދަތުރުކުރެވުނުކަމާއި، ދަތުރުގެ ބިލަށް ފައިސާ ނުލިބިގެން ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ މުވައްޒަފު ކަމުގައިވާ އާދަމް އާޠިފް މުޙައްމަދުއާ ބައްދަލުކުރިކަން ސާބިތުކުރުމަށްކަން އެނގެއެވެ.
77މި ހެކިތަކުން މި މައްސަލައިގައި ސާބިތުވާންޖެހޭ އެންމެ އަސާސީ ވާޤިއާ، އެހެނީ، ޚުޞޫމާތު އުފެދިފައިވާ އިންވޮއިސްގައި ބަޔާންކުރާ ދަތުރު ކޮށްދިނުމަށް ސޭންޑް ކޮއިން އިންވެސްޓްމަންޓްއިން އެދުނުކަން، އެކަން ސާބިތުވާކަމުގައި ނުދެކެމެވެ. އަދި އެފަދަ ހެއްކެއް ނެތްކަން މުޙައްމަދު އަމީންގެ ބަހުންވެސް ސާފެވެ. މިކަން ސިވިލް ކޯޓުގެ ނިންމުމުގައިވެސް ފާހަގަކޮށްފައިވެއެވެ.
78މި ސަބަބަށްޓަކައި، މުޙައްމަދު އަމީން ކުޅަ ދަޢުވާ ސާބިތުކުރުމަށް ކާފީ ހެކި ލިބިފައިވާކަމުގައި ނުދެކޭތީ، މި ވާޤިއާ މަދަނީ މިންގަނޑުން ސާބިތުކުރެވޭވަރުގެ ހެކި ޤަރީނާ މުޙައްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިނުވާކަމުގައި ސިވިލް ކޯޓުން ނިންމި ނިންމުމަކީ، ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލި، ޤާނޫނުން އެއްކިބާވެފައިވާފަދަ ނިންމުމެއްކަމުގައި ނުދެކެމެވެ.
އިސްތިއުނާފުގެ ޝަރީޢަތުގެ ޚަރަދު
79މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ، ސޭންޑް ކޮއިން އިންވެސްޓްމަންޓްގެ ފަރާތުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލަށް ދައްކާފައިވާ -/50,000ރ. (ފަންސާސްހާސް ރުފިޔާ) އިސްތިއުނާފުކުރާ، މުޙައްމަދު އަމީންގެ ކިބައިން ލިބިގަތުމަށް އެދިފައިވެއެވެ. މި ހުށަހެޅުމާއެކު، ކްރިސްޓަލް ޗެންބަރސް އެލްއެލްޕީގެ ޕޭމަންޓް ރިސީޓެއް ހުށަހަޅާފައިވެއެވެ.
80މިކަމާ ގުޅިގެން މުޙައްމަދު އަމީންއާ ސުވާލުކުރުމުން ބުނެފައިވަނީ، އެ ފަރާތުގެ އެ ހުށަހެޅުމަށާއި، ފައިސާ އެއް ފަރާތުން އަނެއް ފަރާތަށް ދީފައި ހުރި ސްލިޕްތަކަށާއި މި ކަންކަމަށް ޝަރީޢަތުން ބެލުމަށް އެދޭ ކަމުގައެވެ.
81HN9މަދަނީ އިޖުރާއަތުގެ ޤާނޫނުގައި، 'ޝަރީޢަތުގެ ޚަރަދު' ކަމަށް ބުނެފައިވަނީ މަދަނީ ދަޢުވާއެއް ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ޝަރީޢަތުގެ ޚަރަދަށެވެ. މިކަން އިތުރަށް މި ޤާނޫނުގެ 270 ވަނަ މާއްދާގެ (ހ) އިން ސާފުވެގެންދެއެވެ. އެ މާއްދާގައިވަނީ، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާންމު އުޞޫލުން، ޝަރީޢަތުގެ ޚަރަދު، ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދެވޭނެކަމުގައެވެ.
82މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާއަށް ބެލުމުން، އަންނަނިވި ޙަޤީޤަތްތައް ދެނެގަނެވެއެވެ. އެއީ،
1. ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ކޯޓަށް އިޚްތިޔާރެއް ލިބިގެންވާކަމާއި، އަދި 2. އެއީ ދަޢުވާ ކާމިޔާބުކުރާ ފަރާތަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ނަގައިދޭ ޚަރަދެއް ކަމެވެ.
83އިސްވެ ބަޔާންކުރި ފަދައިން، ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަކީ އާންމު އުޞޫލެވެ. މިއަށް 'costs follow the event' ގެ ގޮތުގައިވެސް މުޚާތަބުކުރެވެއެވެ. މިފަދައިން މިކަން ކަނޑައެޅިފައިވަނީ، ދަޢުވާކުރާ ފަރާތަށް ދަޢުވާ ކާމިޔާބުވާ ޙާލަތުގައި، ދަޢުވާއެއް ކުރުމަށް ދަޢުވާކުރާ ފަރާތުން ޚަރަދުކުރަން ޖެހުނު ސަބަބަކީ ދަޢުވާކުރާ ފަރާތަށް ޙައްޤުވާ ކަމަކުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތް މަހުރޫމުކުރުމުން ކަމުގައިވާތީއެވެ. އަދި އެ ދަޢުވާއެއް ކާމިޔާބުކުރަނީ ދަޢުވާލިބޭ ފަރާތުންނަމަ، ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ދިފާޢުވުމަށް ކޮށްފައިވާ ޚަރަދަކީ، ދަޢުވާކުރާ ފަރާތަށް ޙައްޤުނުވާ ކަމެއްގެ މައްޗަށް ބަރޯސާވެ ދަޢުވާކުރާ ފަރާތުން ދަޢުވާއެއް އުފުލާފައިވުމެވެ.
84ޤަވާޢިދު ނަންބަރު 2022/R-100 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 48 ވަނަ މާއްދާއަށް ނަޒަރުކުރުމުން، އާންމު އުޞޫލުގެ 'costs follow the event' މި ބިނާގެ ދަށުން އިސްތިއުނާފުގެ މަރުޙަލާގައިވެސް ޝަރީޢަތުގެ ޚަރަދު ނަގައިދެވޭކަން އެނގެއެވެ.
85މި އިސްތިއުނާފުގައި މުޙައްމަދު އަމީންގެ ފަރާތުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލަށް ދައްކާފައިވާ ފައިސާ ލިބިގަތުމަށް އެދުނުހިނދު، ސިވިލް ކޯޓުގެ ނިންމުމަކީ އިސްތިއުނާފު ރައްދުވާ ފަރާތާ އެއްކޮޅަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާއިރު، މި އިސްތިއުނާފުގައި އެ ނިންމުން ދަމަހައްޓާ، އެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމުގައި ނިންމާހިނދު، މި އިސްތިއުނާފުވެސް ކާމިޔާބުކުރާ ފަރާތަކީ އިސްތިއުނާފު ރައްދުވާ ފަރާތެވެ.
86އިސްވެ ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، ޤާނޫނީ ވަކީލަށް ކޮށްފައިވާ ޚަރަދު ހޯދުމުގެ ޙައްޤު ސޭންޑް ކޮއިން އިންވެސްޓްމަންޓްއަށް ލިބިގެންވާކަމަށް ކަނޑައަޅަން ފެނެއެވެ.
މައްސަލަ ނިންމަން ފެންނަގޮތް
87އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
88ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
89ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
90މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1924-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މި އިސްތިއުނާފީ ޤަޟިއްޔާއާ ގުޅިގެން މުޙައްމަދު އަމީންގެ ކިބައިން ޝަރީޢަތުގެ ޚަރަދު ހޯދުމުގެ ޙައްޤު ސޭންޑް ކޮއިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
(ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 145 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 270 ވަނަ މާއްދާގެ (ހ)
- ޤަވާޢިދު ނަންބަރު 2022/R-100 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 48 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ޤާނޫނު ނަންބަރު 96/10 (ކުންފުންޏާބެހޭ ޤާނޫނު) ގެ 94 ވަނަ މާއްދާ
- 2010/SC-A/02
- 2013/SC-A/28
- 2019/SC-A/15
- 2021/SC-A/28
- 2020/SC-A/100
- 2019/SC-A/57
- 2021/SC-A/41
- 2020/SC-A/77
- 2021/SC-A/23
- 2009/SC-A/22
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.