ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/SC-A/02ސުޕްރީމް ކޯޓު · 17 ސެޕްޓެމްބަރު 2019

—

ސުޕްރީމް ކޯޓު
10 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 17 ސެޕްޓެމްބަރު 2019ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2015/SC-A/02

ދަޢުވާކުރާ ފަރާތް: މުޙައްމަދު ރަޝާދު

ދަޢުވާ ލިބޭ ފަރާތް: ޙުސައިން ރަޝީދު

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 30 ނޮވެންބަރު 2014

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ޖަނަވަރީ 2015

ނިމުނު ތާރީޚް: 17 ސެޕްޓެންބަރު 2019

މައްސަލަ ނިންމި ގަޑި: 14:32

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2014/HC-A/58

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 10 މާރިޗު 2014

ނިމުނު ތާރީޚް: 15 ސެޕްޓެންބަރު 2014

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/58 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ގ. ފެހިކޮކާ، މާލެ، މުޙައްމަދު ރަޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޙުސައިން ރަޝީދުއެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/58 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު (492/MC/2006) 08/Cv-C/2010 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ގ. މަޚްމާގެ، ޙުސައިން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/58 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ގ. ފެހިކޮކާ، މުޙައްމަދު ރަޝާދުއެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/58 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު (492/MC/2006) 08/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު (492/MC/2006) 08/Cv-C/2010 ޤަޟިއްޔާއަކީ، ލ. އަތޮޅުގައި މަސައްކަތްކޮށް އާމްދަނީ ހޯދުމަށްޓަކައި މުޙައްމަދު ރަޝާދު އާއި ޙުސައިން ރަޝީދުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިދާގެ ގޮތުގައި ލިބިފައިވާ 3,439,352/80ރ. (ތިންމިލިއަން ހަތަރުލައްކަ ތިރީސް ނުވަހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ / އަށްޑިހަ ލާރި) ގެ ތެރެއިން މުޙައްމަދު ރަޝާދަށް ލިބެންޖެހޭ %50 (ފަންސާސް އިންސައްތަ) އަށްވާ ފައިސާ އާއި، މި މުޢާމަލާތުގެ ދަށުން ހޯދިފައިވާ އެންމެހައި ތަކެތީގެ 2/1 (ދެބައިކުޅަ އެއްބައި) އަކީ އެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ރަޝާދުގެ ޙައްޤެއް ކަމަށްވާތީ، އެތަކެތި ލިބިދިނުމަށާއި، އަދި މުޙައްމަދު ރަޝާދު މި މަސައްކަތުން ވަކިވުމަށް އަންގާފައިވަނީ 27 ފެބްރުއަރީ 2006 ގައި ކަމަށްވުމުން ކޭޓްރިންގ ސްޓޮކްގައިވާ ތަކެތިން ލިބިގެންދާނެ ފައިދާ ޙުސައިން ރަޝީދުގެ އަތުން ހޯދުމަށް އެދި މުޙައްމަދު ރަޝާދު ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު،

އެ ޤަޟިއްޔާގައި "...މުޙައްމަދު ރަޝާދު އާއި ޙުސައިން ރަޝީދުއާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގައި ކުރެވުނު ވިޔަފާރިތަކުން ޖުމްލަ ގޮތެއްގައި ގެއްލުންވެފައިވާކަމަށް ޙުސައިން ރަޝީދު ބުނެފައިވިއަސް، އެ ވިޔަފާރިތަކުގެ ތެރޭގައި ހިމެނިފައިވާ ލ. ކައްދޫ ރީޖަނަލް ހެޑްކްއާޓާރޒްގެ ކޭޓްރިންގ ވިޔަފާރިން ސިފައިންނަށް ދިނުމަށް އެއްބަސްވެފައިވާ ޚިދުމަތުގެ މުއްދަތު ހަމަވުމުން، އެ އެއްބަސްވުން އެތަކެއް ފަހަރު އައުކޮށް އެ ޚިދުމަތް އިތުރަށް ދީފައިވުމާއި، އަދި މި މައްސަލައިގައި ހުށަހެޅިފައިވާ ހިސާބުތަކަށް ބަލާއިރުގައި، އެ ވިޔަފާރިއަކީ ގެއްލުންވަމުންދާ ވިޔަފާރިއެއްކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމާއި، ދަޢުވާއާއެކު މުޙައްމަދު ރަޝާދު ހުށަހަޅާފައިވާ ޑޮކިއުމަންޓް 2 އަކީ ޙުސައިން ރަޝީދުގެ ކޮމްޕިއުޓަރުން ނަގާފައިވާ ހިސާބުތަކެއްކަމަށްވެފައި، އަދި އެ ހިސާބުތަކަކީ ފުރިހަމަ ހިސާބުތަކެއް ނޫންކަމަށް ޙުސައިން ރަޝީދު ބުނެފައިވިއަސް، ޙުސައިން ރަޝީދުގެ ކޮމްޕިއުޓަރުން ނަގާފައިވާ އެ ހިސާބުތަކުގެ އުނިކަން ޙުސައިން ރަޝީދަށް ސާބިތުކޮށްދެވިފައި ނުވުމާއި، އެ ހިސާބުތަކުގައި ލިޔެފައިވަނީ ފައިދާ ކަމަށްވާތީ، ފައިދާއަކީ ލިބޭ ޖުމްލަ އާމްދަނީއިން ޚަރަދު ކެނޑުމަށްފަހު ހިސާބުކުރެވޭ ޢަދަދެއް ކަމަށްވުމުން، އެ ޑޮކިއުމަންޓުގައި 2001 އޮކްޓޯބަރުން ފެށިގެން 2005 ޑިސެންބަރުގެ ނިޔަލަށް ލިބުނު ފައިދާއިން ގެއްލުން ކެނޑުމަށްފަހު ބާކީ ފައިދާގެ ގޮތުގައި އޮންނަ އެކުޖުމްލަ 2,347,532/14ރ. (ދެމިލިއަން ތިންލައްކަ ސާޅީސް ހަތްހާސް ފަސްސަތޭކަ ތިރީސް ދެ ރުފިޔާ / ސާދަ ލާރި) އަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގައި ކުރެވުނު ވިޔަފާރިތަކުން ލިބުނު ޖުމްލަ ފައިދާކަމާއި، މި ފައިދާގެ 2/1 (ދެބައިކުޅަ އެއްބައި) އަށްވާ 1,173,766/07ރ. (އެއްމިލިއަން އެއްލައްކަ ހަތްދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ / ހަތް ލާރި) އަކީ މުޙައްމަދު ރަޝާދަށް ލިބެންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،

ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގައި ކުރެވުނު ވިޔަފާރިތަކުން ލިބުނު ޖުމްލަ ފައިދާއަކީ 3,439,352/80ރ. (ތިންމިލިއަން ހަތަރުލައްކަ ތިރީސް ނުވަހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ / އަށްޑިހަ ލާރި) ކަމަށް މުޙައްމަދު ރަޝާދު ބުނެފައިވިއަސް އެ ޢަދަދު ބިނާކޮށްފައިވާ ޑޮކިއުމަންޓް 3 އަކީ ފައިދާ ހިސާބުކުރުމުގެ މައްޗަށް އޮތް ޢަދަދުތަކެއް ނޫންކަމާއި، މިކަން އެ ލިޔުމުގައިވާ ޢަދަދުތަކާއި ޙަވާލާދީފައިވާ ޢިބާރާތްތަކުން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި މި ޢަދަދު ޘާބިތުކުރުމަށް މުޙައްމަދު ރަޝާދު ހުށަހަޅާފައިވާ އިތުރު ލިޔުންތަކަކީ ޚުދު މުޙައްމަދު ރަޝާދު އަމިއްލައަށް ތައްޔާރުކޮށްފައިވާ ލިޔުންތަކަކަށްވެފައި، އެ ލިޔުންތަކުގައި ޙަވާލާދީފައިވާ ޢަދަދުތައް ބިނާކޮށްފައިވާ ރަސީދު، އިންވޮއިސް ފަދަ އެއްވެސް ލިޔުމެއް ނެތުމުން، މުޙައްމަދު ރަޝާދު އަމިއްލަޔަށް ތައްޔާރުކޮށްފައިވާ އެ ޢަދަދުތަކަށް ޙުސައިން ރަޝީދު އިންކާރުކުރުމުން އެ ޢަދަދުތަކުގެ މައްޗަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމާއި، އަދި ހަމަ މިފަދައިން ޙުސައިން ރަޝީދު ލ. އަތޮޅުގައި ކުރި ވިޔަފާރިތަކުން ޖުމްލަ ގޮތެއްގައި ގެއްލުން ވެފައިވާކަމަށް ބުނެ، ޙުސައިން ރަޝީދު އަމިއްލައަށް ތައްޔާރުކޮށްފައިވާ ހިސާބުތަކެއް ހުށަހެޅިޔަސް އެ ލިޔުންތަކުގައި ޙަވާލާދީފައިވާ ޢަދަދުތައް ބިނާކޮށްފައިވާ ރަސީދު، އިންވޮއިސް ފަދަ އެއްވެސް ލިޔުމެއް ނެތުމުން، ޙުސައިން ރަޝީދު އަމިއްލަޔަށް ތައްޔާރުކޮށްފައިވާ އެ ޢަދަދުތަކަށް މުޙައްމަދު ރަޝާދު އިންކާރު ކުރުމުން، އެ ޢަދަދުތަކުގެ މައްޗަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމާއި،

ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހޯދާފައިވާ ތަކެތީގެ 2/1 (ދެބައިކުޅަ އެއްބައި) ލިބިދިނުމަށް މުޙައްމަދު ރަޝާދު އެދިފައިވިއަސް، ޙަވާލާދީފައިވާ ތަކެއްޗަކީ މުދައުކަމަށްވާތީ، އެތަކެތި ހުރި ޙާލަތާއި، އަގާއި، އެތަކެތި ހޯދި ތާރީޚުތަކާއި، އެތަކެއްޗަކީ ލ. އަތޮޅުގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހޯދިފައިވާ ތަކެތިކަމާއި، އަދި އެތަކެތީގެ ތެރެއިން ސަރުކާރުގައި ރަޖިސްޓްރީކުރެވިފައިވާ ތަކެތީގެ ރަޖިސްޓްރީ ނަންބަރާއި، މިލްކުވެރި ފަރާތާއި، އެތަކެތި ގަނެފައިވާ ތާރީޚުތައް ދެނެގަނެވޭ ތަފްޞީލުތައް ނެތި، ދަޢުވާގައި މުޙައްމަދު ރަޝާދު އެދިފައިވާ ފަދައިން އެތަކެތީގެ 2/1 (ދެބައިކުޅަ އެއްބައި) މުޙައްމަދު ރަޝާދަށް ލިބިގެންވާކަމަށް ޝަރީޢަތަށް ކަނޑައަޅައި ދެވެން ނެތްކަމާއި، އަދި މުޙައްމަދު ރަޝާދު މި މަސައްކަތުން ވަކިވުމަށް އަންގާފައިވަނީ27 ފެބްރުއަރީ 2006 ގައި ކަމަށް މުޙައްމަދު ރަޝާދު ބުނެ، މި ތާރީޚަށް ފަހު ކޭޓްރިންގ ސްޓޮކްގައިވާ ތަކެތިން ލިބިގެންދާނެ ފައިދާ ޙުސައިން ރަޝީދުގެ އަތުން ހޯދުމަށް މުޙައްމަދު ރަޝާދު އެދިފައިވިއަސް، ސްޓޮކްގައި ހުރި ތަކެތިން ލިބިގެންދާނެ ފައިދާއެއް ދެނެގަނެވެން ނެތްކަމާއި، އަދި އެފަދަ ފައިދާއެއް މުޙައްމަދު ރަޝާދަށް ސާބިތުކޮށްދެވިފައި ނުވާތީ، މުޙައްމަދު ރަޝާދު ހޯދުމަށް އެދިފައިވާ ކޭޓްރިންގ ސްޓޮކްގައިވާ ތަކެތިން ލިބިގެންދާނެ ފައިދާ ޝަރީޢަތުން ނަގައިދެވެން ނެތްކަމާއި،

މި މައްސަލައިގައި ސާބިތުވެފައިވާ އެކުޖުމްލަ 1,173,766/07ރ. (އެއްމިލިއަން އެއްލައްކަ ހަތްދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ / ހަތް ލާރި) މުޙައްމަދު ރަޝާދަށް ލިބިދިނުމަށްޓަކައި، މި ފައިސާ 31 ޑިސެންބަރު 2013 އިން ފެށިގެން 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ މަދުވެގެން އެ މަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކަމުންގޮސް، މި ފައިސާ މި މުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސްކުރުމަށް ޙުސައިން ރަޝީދަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިން ކަނޑައަޅާފައިވާކަން، އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު(492/MC/2006) 08/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، ގ. މަޚްމާގެ، ޙުސައިން ރަޝީދުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/58 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު08/Cv-C/2010 (492/MC/2006) ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް، ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްކަމަށް ނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، ބުނެވުނު ހައިކޯޓުގެ ނަންބަރު 2014/HC-A/58 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/58 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛

މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް (ޙާމިދު ވަޖީހު އާއި މޫސާ ނަސީރު) ޙާޟިރުނުކޮށް ސިވިލް ކޯޓުންނާއި ހައިކޯޓުން މައްސަލަ ނިންމާފައިވާކަމާއި، މުޙައްމަދު ރަޝާދު ހުށަހަޅާފައިވާ ޙަޤީޤީ ހިސާބުތަކަށާއި ބަޔާންތަކަށް ބެލުމެއްނެތި މައްސަލަ ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގައި ބަޔާންވެފައިވާ އޭނާގެ މާލީ މަދަނީ ޙައްޤު ގެއްލޭގޮތަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި،

މި މައްސަލައިގައި ހުށަހެޅިފައިވާ ޑޮކިއުމަންޓް (2-D) އަކީ ޑޮކިއުމަންޓް(6-D) އަޞްލަކަށް ބަލައިގެން މުޙައްމަދު ރަޝާދު އަމިއްލަޔަށް ތައްޔާރުކޮށްފައިވާ ލިޔުމެއްކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ރަޝާދު ބުނެފައިވާކަމަށް ހައިކޯޓުން ފާހަގަކުރި ނުކުތާތަކުގައި ބަޔާންކޮށްފައިވަނީ އޮޅުވާލައިގެންކަމަށާއި އޭނާ އެ ވާހަކަ ދެއްކިގޮތަށް ނޫން ގޮތަށްކަމަށާއި، އެ ޑޮކިއުމަންޓަކީ ޑޮކިއުމަންޓް (6-D) ޙުސައިން ރަޝީދު ހަދާފައިވާ ގޮތް ބުނެދިނުމުގެ ގޮތުންނާއި މުޙައްމަދު ރަޝާދު ހުށަހެޅި ޙަޤީޤީ ޑޮކިއުމަންޓާއި ހުރި ތަފާތު ދެއްކުމުގެ ގޮތުން ބުނެފައިވާ ވާހަކައަކަށްވާއިރު، އެ ޑޮކިއުމަންޓުތަކަށް ރަނގަޅަށް ބެލުމެއްނެތި މައްސަލަ ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ފުށުއަރާ ފަދައަކުންކަމަށް ބުނެ ހުށަހެޅި ސަބަބާއި،

މުޙައްމަދު ރަޝާދު ސިވިލް ކޯޓަށް ހުށަހެޅި ވިކުރާ ފޮތް (އިހުޒަމާނުގެ ގޮތައް ހުރި A4 ސައިޒަށްވުރެ ދިގު ގަނޑުތައް ހުރި އަޞްލު ފޮތް) ތަކަކީ، ކޮންމެ މަހެއްގެވެސް ހިނގާ ޚަރަދާއި ލިބޭ ފައިސާ ލިޔެފައިވާ ފޮތްތަކެއްކަމާއި އެ ފޮތްތަކުގައި ސޮއިކޮށްފައިވަނީ މުޙައްމަދު ރަޝާދު އާއި ޙުސައިން ރަޝީދުގެ ފަރާތުން އެ ތަނުގައި ހުންނަ ސުޕަވައިޒަރުކަމާއި، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ހުރި ޙަޤީޤީ ހިސާބުތަކުގައި ސޮއިކުރިބައި ފޮޓޯކޮޕީއަށް ނާރާހުރިކަން އެނގެން އޮތްކަމާއި، މިކަންކަން ބެލުމަށް އެ ފޮތްތައް ހައިކޯޓަށް ގެނެސް ބެލުމެއްނެތި، މިއިން އެއްވެސްކަމަކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ސަބަބާއި، މި ސަބަބުތައްކަން އެނގެން އޮވެއެވެ.

މަދަނީ އިލްތިޒާމްތަކުގެ އެންމެ މުހިއްމު އެއް މަޞްދަރަކީ 'ޢަޤްދު' (عقد) ނުވަތަ ކޮންޓްރެކްޓް ކަމާއި، ކޮންޓްރެކްޓްގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ޞައްޙަ ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ރަނގަޅު ނިޔަތުގައި (good faith/bona fide) އަދާ ކުރުމަކީ، އިސްލާމީ ޝަރީޢަތުގެ އަސާސީ ޤާޢިދާއެއްކަމަށްވާ "ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ" (قاعدة الوفاء بالعهد) އާއި، ތަފާތު ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ "ޕެކްޓާ ސަންޓް ސަރވެންޑާ" (Pacta sunt servanda) ނުވަތަ 'އަލް ޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިނި' (العقد شريعة المتعاقدين) ގެ މަބްދައުގެ ދަށުން، ކޮންޓްރެކްޓްގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވެގެންވާ ކަމެއްކަން އެނގެން އޮންނައިރު، މި މައްސަލައިގައި ދަޢުވާކުރާ ގ. ފެހިކޮކާ، މުޙައްމަދު ރަޝާދު އާއި، ގ. މަޚުމާގެ ޙުސައިން ރަޝީދުއާ ދެމެދުގައި "ވިޔަފާރީގެ އެއްބަސްވުން" މި ނަމުގައި އެއްބަސްވުމެއް ވެވި، އޭގެ ދަށުން ދެފަރާތުގެ ދެމެދުގައި ތަޢާޤުދީ އިލްތިޒާމްތަކެއް އުފެދިފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ ބުނެވުނު އެއްބަސްވުމަށް ބަލާއިރު، ފަރިވާ ޓްރޭޑާރސް ލ. ސެކްޝަން (ފަރިވާ ސެކްޝަން) ގެ ނަމުގައި ލ. އަތޮޅުގައި ހިންގާ އެންމެހައި ވިޔަފާރިއާއި، އެ ވިޔަފާރީގެ ވަސީލަތުން ހޯދިފައިވާ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާ ހުރިހާ ތަކެއްޗަކީ، ގ. މަޚުމާގެ، ޙުސައިން ރަޝީދުއާއި ގ. ފެހިކޮކާ، މުޙައްމަދު ރަޝާދުއާ ދެ މީހުންގެ މަސައްކަތުން ހޯދިފައިވާ ދެ މީހުންގެ ޙިއްސާ ހަމަހަމައަށްވާ ތަކެތި ކަމަށާއި، މި ވިޔަފާރި ހިންގުމަށް ފަރިވާ ޓްރޭޑާރސްއިން ޙުސައިން ރަޝީދު ޚަރަދުކުރި އެއްޗެއް ކަނޑާ ފައިދާއަށްވާ އެއްޗެއްގެ 2/1 (ދެބައިކުޅަ އެއްބައި) މުޙައްމަދު ރަޝާދުއަށް ދިނުމަށް ޙުސައިން ރަޝީދު އެއްބަސްވާކަމަށާއި، އެގޮތުން ލ. ކައްދޫ ރީޖަނަލް ހެޑްކްއަރޓާޒްގެ ކޭޓްރިންގއިން ފައިދާވާ އެއްޗަކާއި އަދި އެނޫންވެސް ލ. އަތޮޅުގައި ކުރެވޭ ފަރިވާގެ ހުރިހާ ވިޔަފާރިއަކުން ފައިދާވާ އެއްޗެއްގެ 2/1 (ދެބައިކުޅަ އެއްބައި) މުޙައްމަދު ރަޝާދަށް ލިބިދިނުމަށް ޙުސައިން ރަޝީދު އެއްބަސްވެފައިވާކަމަށާއި، އެފަދައިން ޙުސައިން ރަޝީދު އެއްބަސްވާ ސަބަބަކީ އެ އެންމެހައި ވިޔަފާރި ހިންގުމުގެ ހުރިހާ މަސައްކަތެއް ޢަމަލީގޮތުން ހިންގާ ބަލަހައްޓަނީ މުޙައްމަދު ރަޝާދުކަމަށް ވާތީކަމަށް ބުނެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަން އެ އެއްބަސްވުމަށް ބެލުމުން އެނގެން އޮވެއެވެ.

މި މައްސަލައިގައި ދަޢުވާކުރާ މުޙައްމަދު ރަޝާދުއާއި، ދަޢުވާ ރައްދުވާ ޙުސައިން ރަޝީދުއާ ދެމެދު ވެވުނު އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ކުރެވުނު ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބިފައިވާ 3,439,352/80ރ. (ތިންމިލިއަން ހަތަރުލައްކަ ތިރީސް ނުވަހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ / އަށްޑިހަ ލާރި) ގެ ތެރެއިން މުޙައްމަދު ރަޝާދަށް ލިބެންޖެހޭ %50 (ފަންސާސް އިންސައްތަ) އަށްވާ ފައިސާ އާއި، ބުނެވުނު ވިޔަފާރީގެ މުޢާމަލާތުގެ ދަށުން ހޯދިފައިވާ އެންމެހައި ތަކެތީގެ 2/1 (ދެބައިކުޅަ އެއްބައި) އަކީ އެއްބަސްވުމުގެ ދަށުން މުޙައްމަދު ރަޝާދުގެ ޙައްޤެއް ކަމަށްވާތީ، އެތަކެތި ލިބިދިނުމަށާއި، އަދި މުޙައްމަދު ރަޝާދު މި މަސައްކަތުން ވަކިވުމަށް އަންގާފައިވަނީ27 ފެބްރުއަރީ 2006 ގައި ކަމަށްވުމުން ކޭޓްރިންގ ސްޓޮކްގައިވާ ތަކެތިން ލިބިގެންދާނެ ފައިދާ ޙުސައިން ރަޝީދުގެ އަތުން ހޯދުމަށް އެދި މުޙައްމަދު ރަޝާދު ސިވިލް ކޯޓުގެ ބުނެވުނު ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގައި ދަޢުވާކޮށްފައިވާއިރު، ފަރިވާ ޓްރޭޑަރސް ލ.ސެކްޝަން (ފަރިވާ ސެކްޝަން) ގެ ނަމުގައި ހިންގާ ވިޔަފާރިއާއި، އެހެނިހެން ވިޔަފާރިތަކާއި، ލ.ކައްދޫ ރީޖަނަލް ހެޑްކްއާޓަރޒް ކޭޓަރިންގ އާބެހޭގޮތުން ޙުސައިން ރަޝީދުއާއި، މުޙައްމަދު ރަޝާދުއާ ދެމެދު އެއްބަސްވުމެއް ވެފައިވާ ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން މަސައްކަތް ޢަމަލީގޮތުން ހިންގާ ބެލެހެއްޓުމަކީ މުޙައްމަދު ރަޝާދުގެ މަސްއޫލިއްޔަތެއްކަމަށާއި، އެ މަސައްކަތަށް ޚަރަދުކޮށްފައިވަނީ ޙުސައިން ރަޝީދު ކަމަށާއި، އަދި އެ މަސައްކަތުން ލިބޭ ފައިސާއަކުން ފައިދާ ލިބޭނީ ޙުސައިން ރަޝީދު ކުރި ޚަރަދު ކެނޑުމަށްފަހު ކަމަށާއި، ކޭޓްރިންގގެ ފައިދާގެ ގޮތުގައި 3,439,352/80ރ. (ތިންމިލިއަން ހަތަރުލައްކަ ތިރީސް ނުވަހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ / އަށްޑިހަ ލާރި) ލިބުނުކަމަށް މުޙައްމަދު ރަޝާދު ބުނިނަމަވެސް، 2005 ޑިސެންބަރު މަހުގެ ނިޔަލަށް ބުނެވުނު ވިޔަފާރިން ފައިދާވެފައި ނުވާކަމަށާއި، ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓް 2 އަދި 3 ގައިވާ ހިސާބުތަކަކީ ފުރިހަމަ ހިސާބުތަކެއް ނޫންކަމަށާއި، ޑޮކިއުމަންޓް 4 އަދި 5 ގައި ބަޔާންކޮށްފައިވާ ބައެއް ތަކެއްޗަކީ ލާމު އަތޮޅުގައި ހިންގި ވިޔަފާރިއާ ގުޅުންހުރި ތަކެތި ނޫންކަމަށާއި، އަދި ޑޮކިއުމަންޓް 6 އަކީ ޙުސައިން ރަޝީދު ތައްޔާރުކޮށްފައިވާ ލިޔުމެއް ނޫންކަމަށާއި، އެ ލިޔުމަކީ ތައްޔާރުކުރަން ފަށާފައިވާ ލިޔުމެއް ނަމަވެސް ނިމިފައިވާ ލިޔުމެއް ނޫންކަމަށާއި، އަދި ޙުސައިން ރަޝީދު ކުރި އިންވެސްމަންޓްގެ ފައިސާ އަނބުރައި ލިބިފައިނުވާއިރު، މުޙައްމަދު ރަޝާދުގެ ދަޢުވާގައި ބުނެފައިވާ މުދަލާއި ފައިސާ ހަމަހަމައަށް ބަހާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށް ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގެ ދަޢުވާގެ ޖަވާބުގައި ޙުސައިން ރަޝީދުގެ ފަރާތުން އެދިފައިވާކަން އެނގެން އޮންނައިރު، މަދަނީ ޚުޞޫމަތްތަކުގައި ދަޢުވާ ޘާބިތުކުރުމުގެ ބުރަ(onus probandi) އަކީ ޢާންމު އުޞޫލެއްގެ ގޮތުގައި، ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ އިލްތިޒާމެއްކަމާއި، މީގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި އުފުލާ "ދަފްޢު" (plea) ނުވަތަ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ ދަޢުވާ ރައްދުވާ ފަރާތުގެ އިލްތިޒާމެއް ކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމަކީ ޙަޤީޤަތުގައި، އެ 'ދަފްޢެއް' ކުރާ ފަރާތުގެ އިލްތިޒާމެއްކަން އިސްތިޤުރާރުވެފައިވާ، މަދަނީ މައްސަލަތައް ޘާބިތުކުރުމާ ގުޅޭ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.

މިޒަމާނުގެ ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިޤްރާރުވެފައިވާ، މަދަނީ ދަޢުވާ ޘާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވަސީލަތަކީ ކިތާބީ ހެކި (documentary evidence) ކަމާއި؛ ކިތާބީ ހެކީގެ ތެރޭގައި މައިގަނޑު ދެ ބާވަތެއްގެ މުސްތަނަދު ހިމެނޭކަމާއި، އެއީ ރަސްމީ މުސްތަނަދާއި (acte authentiques)، 'ޢުރުފީ' ނުވަތަ އާދައިގެ މުސްތަނަދު (acte sous seing prive’) ކަމާއި، ރަސްމީ މުސްތަނަދަކީ މުޢާމަލާތްތައް ޘާބިތުކުރުމަށްޓަކައި ކަމާބެހޭ ރަސްމީ އިދާރާއެއްގެ ނުވަތަ މުވައްޒަފެއްގެ ކުރިމަތީގައި ޤާނޫނާއި ޤަވާޢިދުގައި ކަނޑައެޅިގެންވާ އުޞޫލުގެ މަތިން ތައުޘީޤު (notarize / authenticate) ކުރެވޭ މުސްތަނަދުކަމުގައި ވާއިރު، 'ޢުރުފީ' ނުވަތަ އާދައިގެ މުސްތަނަދުގެ ތެރޭގައިވެސް ދެވައްތަރެއްގެ މުސްތަނަދު ހިމެނޭކަމާއި، އެއީ ޘާބިތުކުރުމަށް ތައްޔާރުކުރެވޭ މުސްތަނަދާއި، އޭގެޒާތުގައި ޘާބިތުކުރުމަށް ތައްޔާރުކުރެވޭ ޚާއްޞަ މުސްތަނަދަކަށް ނުވިޔަސް ތަފާތު މަދަނީ މުޢާމަލާތްތަކާ ގުޅިގެން ތައްޔާރުކުރެވޭ މުސްތަނަދު ކަމާއި، ޘާބިތުކުރުމަށް ތައްޔާރުކުރެވޭ މުސްތަނަދަކީ، މުޢާމަލާތެއްގެ ބައިވެރިންގެ މެދުގައި އެ މުޢާމަލާތެއް ޘާބިތުކުރުމަށްޓަކައި ތައްޔާރުކުރެވޭ –ކޮންޓްރެކްޓް ފަދަ- ޚާއްޞަ މުސްތަނަދުކަމާއި، އޭގެޒާތުގައި ޘާބިތުކުރުމަށް ތައްޔާރުކުރެވޭ ޚާއްޞަ މުސްތަނަދަކަށް ނުވިޔަސް މުޢާމަލާތްތަކާ ގުޅިގެން ތައްޔާރުކުރެވޭ މުސްތަނަދަކީ މުޢާމަލާތެއްގެ ބައިވެރިން ނުވަތަ ބައިވެރިޔަކު އެ މުޢާމަލާތަކާ ގުޅިގެން އެކުލަވާލާ ނުވަތަ ތައްޔާރުކުރާ -ސިޓީތަކާއި، މެސެޖްތަކާއި، އިންވޮއިސްތަކާއި، އެކައުންޓް ފޮތްތަކާއި، އެކައުންޓް ސްޓޭޓްމަންޓްތައް ފަދަ- މުސްތަނަދު ކަމާއި، މަދަނީ ދަޢުވާ ޘާބިތުކުރުމުގައި، ބުނެވިދިޔަ ރަސްމީ މުސްތަނަދުން ޤާއިމުވާ ޙުއްޖަތަކީ އެ މުސްތަނަދުގައިވާ ސޮޔާއި، އޭގައި ވާރިދުވެގެންވާ ބަޔާންތަކާއި ވަޤާއިޢުތައް (Facts) ފޯޖް (Forge) ކޮށްފައިވާކަމަށް ޠަޢުނު ނުކުރެވޭހައި ހިނދަކު އެ މުސްތަނަދާއި އޭގައިވާ ބަޔާންތަކާއި ވަޤާއިޢުތައް ޞައްޙަކަމުގައި ޤާއިމުވާ ޙުއްޖަތް ކަމާ، އަދި 'ޢުރުފީ' ނުވަތަ އާދައިގެ މުސްތަނަދުން ޤާއިމުކުރެވޭ ޙުއްޖަތަކީ މުސްތަނަދުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާހިނދަކު އެ މުސްތަނަދަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ތައްޔާރުކޮށްފައިވާ މުސްތަނަދެއްކަމުގައި ޤާއިމުވާ ޙުއްޖަތް ކަމާއި، އަދި އެ މުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިޢު ތަކަކީ އޭގެ އިދިކޮޅު ޘާބިތުނުކޮށްދެވޭހާ ހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާއިޢުތައް ކަމުގައި ޤާއިމުވާ ޙުއްޖަތް ކަމާއި، ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާ މުސްތަނަދަކީ އެ މުސްތަނަދެއް ތައްޔާރުކުރާ ފަރާތުން ސޮއިކޮށްފައިވާ މުސްތަނަދެއްކަމުގައި ނުވިނަމަވެސް، އެ މުސްތަނަދަކީ ސީދާ އެ ޚަޞްމެއްގެ މައްޗަށް ދަލީލު ޤާއިމުކުރަން ބޭނުންވާ ޚަޞްމުގެ އަމިއްލަ އަތުން ލިޔެފައިވާ ނުވަތަ އެފަރާތުން ތައްޔާރުކޮށްފައިވާ އަދި ޘާބިތުކުރަން ބޭނުންވާ މައްސަލައާ ގުޅިގެން ތައްޔާރުކޮށްފައިވާ މުސްތަނަދެއްކަމުގައި ވާނަމަ، އެފަދަ ފުރިހަމަ ނޫން ކިތާބީ ހެއްކަކީ ހެކިންގެ ހެކިބަހުންނާއި ޤަރީނާއިން ފުރިހަމަ ކުރެވިދާނެ ކިތާބީ ހެއްކެއްކަން މިޒަމާނުގެ ޖުރިސްޑިކްޝަންތަކުން ޢަމަލުކުރާ މަދަނީ މައްސަލަތައް ޘާބިތުކުރުމުގެ އުޞޫލުތަކާއި އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި "ކަމެއްގެ ޙަޤީޤަތާ ގުޅޭގޮތުން ޝަރީޢަތުގެ މަޖިލީހަކަށް ހުށަހެޅުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ޝަރީޢަތުގެ މަޖިލީހަކުން ހޯދާ ކޮންމެ ލިޔުމަކީވެސް ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ލިޔުމަކީ ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކެކެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާ ޘާބިތުކުރުމަށް ކިތާބީ ހެކީގެ ގޮތުގައި މުޙައްމަދު ރަޝާދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކަށް ބަލާއިރު، ޑޮކިއުމަންޓް 1 ގެ ގޮތުގައި މުޙައްމަދު ރަޝާދުއާއި ޙުސައިން ރަޝީދުއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން ހުށަހަޅާފައިވާކަމާއި، މި ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވުނު ވިޔަފާރީން ވެފައިވާ ފައިދާ ޘާބިތުކޮށްދިނުމުގެ ގޮތުން ޑޮކިއުމަންޓް 2 ގެ ގޮތުގައި ޙުސައިން ރަޝީދުގެ ކޮމްޕިއުޓަރުގައި ހުރި ހިސާބު ލިޔުންތަކުން ފެންނަންހުރި ގެއްލުމާއި ފައިދާ ހިމެނޭ ޑޮކިއުމަންޓެއް ހުށަހަޅާފައިވާ ކަމާއި، އަދި ޑޮކިއުމަންޓް 3 ގެ ގޮތުގައި މުޙައްމަދު ރަޝާދުގެ އަތުގައިހުރި ލިޔުންތަކުން ފެންނަންހުރި، ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވުނު ވިޔަފާރީން ވެފައިވާ ފައިދާގެ ހިސާބު ހިމެނޭ ޑޮކިއުމަންޓެއް ހުށަހަޅާފައިވާކަމާއި، އަދި މި ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވުނު ވިޔަފާރިން ލިބިފައިވާ ފައިސާއިން ގަނެފައިވާ އުފުލޭ މުދަލާއި އެ މަސައްކަތުން ހޯދާފައިވާ ނުއުފުލޭ މުދަލަކީ ކޮބައިކަން ޘާބިތުކުރުމަށްޓަކައި ޑޮކިއުމަންޓް 4 ގެ ގޮތުގައި ލ. އަތޮޅުގައި ހުރި މުދަލާއި ތަކެތި ހިމެނޭ ޑޮކިއުމަންޓެއް ހުށަހަޅާފައިވާކަމާއި އަދި ޑޮކިއުމަންޓް 5 ގެ ގޮތުގައި ލ. ކުރުހިންނައިގައި ހުރި މުދަލާއި ތަކެތި ހިމެނޭ ޑޮކިއުމަންޓެއް ހުށަހަޅާފައިވާކަމާއި، އަދި 2001 އިން ފެށިގެން 2005 ގެ ނިޔަލަށް ޙުސައިން ރަޝީދުގެ ކޮމްޕިއުޓަރުން ނަގާފައިވާ 5 އަހަރުގެ ހިސާބު ހިމެނޭ ލިޔުންތައް ޑޮކިއުމަންޓް 6 ގެ ގޮތުގައި ހުށަހަޅާފައިވާކަމާއި، އަދި މީގެ އިތުރުން، މުޙައްމަދު ރަޝާދުއާއި ޙުސައިން ރަޝީދުއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުގެ ދަށުން ހިންގި ވިޔަފާރިއާ ގުޅިގެން ކޮންމެ މަހެއްގެވެސް ހިނގާ ޚަރަދާއި ލިބޭ ފައިސާގެ ތަފްޞީލު ބަޔާންކޮށްފައިވާ ވިކުރާ ފޮތްތަކެއް މުޙައްމަދު ރަޝާދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން މި މައްސަލައިގައި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގައި މުޙައްމަދު ރަޝާދު ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު ކިތާބީ ހެކިތަކުގެ ތެރެއިން ޑޮކިއުމަންޓް 2 އަށް ނަޒަރުކުރާއިރު، އެއީ ޙުސައިން ރަޝީދުގެ ކޮމްޕިއުޓަރުގައި އޭނާ ތައްޔާރުކޮށްފައިވާ ހިސާބުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމާއި، އެ ލިޔުމުގައި ބަޔާންކޮށްފައިވަނީ 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2005 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޙުސައިން ރަޝީދުއާއި މުޙައްމަދު ރަޝާދުއާ ދެމެދު ވެވުނު އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގައި ކުރެވުނު ވިޔަފާރިތަކުން ލިބުނު ޖުމްލަ އާމްދަނީއިން ޚަރަދު ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ލިބިފައިވާ ފައިސާގެ ޢަދަދުކަމާއި، އެއީ އެކުޖުމްލަ 2,347,532/14ރ. (ދެމިލިއަން ތިންލައްކަ ސާޅީސްހަތްހާސް ފަސްސަތޭކަ ތިރީސް ދެ ރުފިޔާ / ސާދަ ލާރި) ކަމާއި، ބުނެވުނު ޑޮކިއުމަންޓް 2 ގައިވާ ހިސާބުތަކަކީ ޙުސައިން ރަޝީދުގެ ކޮމްޕިއުޓަރުން ނަގާފައިވާ ހިސާބުތަކެއްކަން ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ހުށަހެޅިފައިވާ ބަޔާންތަކުން އެނގެން އޮންނަކަމާއި، އަދި އެކަމާމެދު ޙުސައިން ރަޝީދު އިންކާރުކޮށްފައި ނުވާކަމާއި، އެ ހިސާބުތަކަކީ ފުރިހަމަ ހިސާބުތަކެއް ނޫންކަމަށް ޙުސައިން ރަޝީދު ބުނެފައިވީ ނަމަވެސް، ޙުސައިން ރަޝީދުގެ ކޮމްޕިއުޓަރުން ނަގާފައިވާ އެ ހިސާބުތަކަކީ ފުރިހަމަ ހިސާބުތަކެއް ނޫންކަން ޙުސައިން ރަޝީދަށް ޘާބިތުކޮށްދެވިފައި ނުވާކަމާއި، އެއާ ޚިލާފަށް މުޙައްމަދު ރަޝާދުގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތަށް ހުށަހެޅި، ވިކުރާ ފޮތްތަކުގައި ބަޔާންވެގެންވާ ތަފްޞީލުތަކުންވެސް އެ ހިސާބުތަކުގެ ޞައްޙަކަން ދަލީލުކޮށްދޭ ކަމާއި، މުޙައްމަދު ރަޝާދުއާއި ޙުސައިން ރަޝީދުއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުގެ ދަށުން ލ. އަތޮޅުގައި ހިންގި ވިޔަފާރިތަކުން ޖުމްލަގޮތެއްގައި ގެއްލުންވެފައިވާ ކަމަށް ބުނެ ޙުސައިން ރަޝީދުގެ ފަރާތުން ސިވިލް ކޯޓުގައި އުފުލި ދަފްޢު ޝަރްޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޙުސައިން ރަޝީދުއަށް ޘާބިތުކޮށްދެވިފައި ނުވާކަން އެނގެން އޮންނަކަމާއި، އިޝާރާތްކުރެވުނު ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ލ. ކައްދޫ ރީޖަނަލް ހެޑްކްއަރޓާސްގެ ކޭޓަރިންގ ވިޔަފާރިން ސިފައިންނަށް ދިނުމަށް އެއްބަސްވެފައިވާ ޚިދުމަތުގެ މުއްދަތު ހަމަވުމުން، އެ އެއްބަސްވުން އެތަކެއްފަހަރު މަތިން އައުކޮށް އެ ޚިދުމަތް އިތުރަށް ދީފައިވުމަކީ ބުނެވިދިޔަ ވިޔަފާރިއަކީ ގެއްލުންވަމުން ދިޔަ ވިޔަފާރިއެއް ނޫންކަން ދަލާލަތުކޮށްދޭ ޤަރީނާއެއް ކަމާ، މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ޝަރީޢަތަށް ހުށަހެޅިފައިވާ ހިސާބުތަކުންނާއި، މަޙްޟަރު ބަޔާންތަކުން ބުނެވުނު ވިޔަފާރިއަކީ ޖުމްލަ ގޮތެއްގައި ގެއްލުންވަމުން ދިޔަ ވިޔަފާރިއެއް ނޫންކަން އިސްތިޚްލާޞްކުރެވެން އޮންނައިރު، މުޙައްމަދު ރަޝާދުގެ ފަރާތުން ކޮށްފައިވާ ދަޢުވާ ޘާބިތުކުރުމަށް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު ޑޮކިއުމަންޓު 2 ގައި، 2001 އޮކްޓޯބަރުން ފެށިގެން 2005 ޑިސެންބަރުގެ ނިޔަލަށް ލިބުނު އާމްދަނީއިން ޚަރަދު ކެނޑުމަށްފަހު ބާކީ ފައިދާގެ ގޮތުގައި ބަޔާންކޮށްފައިވާ އެކުޖުމްލަ 2,347,532/14ރ. (ދެމިލިއަން ތިންލައްކަ ސާޅީސް ހަތްހާސް ފަސްސަތޭކަ ތިރީސް ދެ ރުފިޔާ / ސާދަލާރި) އަކީ ޙުސައިން ރަޝީދުއާއި މުޙައްމަދު ރަޝާދުއާ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގައި ކުރެވުނު ވިޔަފާރިތަކުން ލިބުނު ޖުމްލަ ފައިދާކަމަށް މަދަނީ މިންގަނޑުން ޘާބިތުވާކަމަށާއި، އަދި މި ފައިދާގެ 2/1 (ދެބައިކުޅަ އެއްބައި) އަށްވާ 1,173,766/07ރ. (އެއްމިލިއަން އެއްލައްކަ ހަތްދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ / ހަތްލާރި) އަކީ މުޙައްމަދު ރަޝާދަށް ލިބެންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބަލާނެ އެއްވެސް އަސާސެއް ނެތްކަން އެނގެން އޮވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގެ ޙުކުމް ޞައްޙަ ނޫންކަމަށް ކަނޑައަޅައި ހައިކޯޓުގެ ނަންބަރު 2014/HC-A/58 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަޢުވާ ޘާބިތުކުރުމަށް މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހެޅި ޑޮކިއުމަންޓް 2 ގައިވާ ތަފްޞީލުތައް ޙުސައިން ރަޝީދުގެ ކޮމްޕިއުޓަރުގައި ޙުސައިން ރަޝީދު ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓް 6 ގައި ބަޔާންކޮށްފައިވާ ތަފްޞީލުތަކާ އެއްގޮތް ނުވުން ކަމުގައިވާއިރު، ޙުސައިން ރަޝީދު އަމިއްލައަށް ތައްޔާރުކޮށްފައިވާ، ބުނެވުނު ޑޮކިއުމަންޓް 6 ގައިވާ ތަފްޞީލުތަކުގެ ޞައްޙަކަމާމެދު މުޙައްމަދު ރަޝާދުގެ ފަރާތުން ސިވިލް ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޠަޢުނުކޮށްފައިވާއިރު، އަދި ޑޮކިއުމަންޓް 6 ގައިވާ ތަފްޞީލުތަކުގެ ޞައްޙަކަން ޘާބިތުކޮށްދޭ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއްވިއަސް ޙުސައިން ރަޝީދަށް ހުށަހެޅިފައި ނުވާއިރު، ޑޮކިއުމަންޓް 2 ގައިވާ ހިސާބުތައް ޑޮކިއުމަންޓް 6 ގައިވާ ހިސާބުތަކާ ތަޠާބުޤު ނުވުމަކީ ޑޮކިއުމަންޓް 2 ގެ ޞައްޙަކަން ނަފީވެގެންދާ ކަމެއް ނޫންކަމާއި، ޑޮކިއުމަންޓް 2 ގައި ބަޔާންވެގެންވާ ތަފްޞީލުތަކުގެ ޞައްޙަކަން މި މައްސަލައިގައި ހުށަހެޅިފައިވާ ވިކުރާ ފޮތްތަކުގައިވާ ތަފްޞީލުތަކުންވެސް ދަލީލުކޮށްދޭ ކަމާއި، ޙުސައިން ރަޝީދުއާއި މުޙައްމަދު ރަޝާދުގެ ފަރާތުން ކަނޑައަޅާފައިވާ ސުޕަރވައިޒަރަކު ސޮއިކޮށްފައިވާ ބުނެވުނު ވިކުރާ ފޮތުގައިވާ ހިސާބުތަކަކީ ޞައްޙަ ހިސާބުތަކެއް ނޫންކަން ޙުސައިން ރަޝީދަށް ޤާނޫނީ ހަމަތަކުގެމަތިން ޘާބިތުކޮށްދެވިފައި ނުވާކަން އެނގެން އޮންނައިރު، ހައިކޯޓުގެ ނަންބަރު 2014/HC-A/58 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު08/Cv-C/2010 (492/MC/2006) ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅާފައިވަނީ މަދަނީ މައްސަލަތައް ޘާބިތުކުރުމުގައި ރިޢާޔަތްކުރަންޖެހޭ އިސްތިޤުރާރުވެފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮވެއެވެ.

ޙުސައިން ރަޝީދުއާއި މުޙައްމަދު ރަޝާދުއާ ދެމެދުގައި ވެފައިވާ ޙަވާލާދެވުނު އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގައި ކުރެވުނު ވިޔަފާރިތަކުން ލިބުނު ޖުމްލަ ފައިދާއަކީ 3,439,352/80ރ. (ތިންމިލިއަން ހަތަރުލައްކަ ތިރީސް ނުވަހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ / އަށްޑިހަ ލާރި) ކަމަށް މުޙައްމަދު ރަޝާދު ބުނެފައިވިއަސް، އެ ޢަދަދު ޘާބިތުކުރުމަށް މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހަޅާފައިވާ ޙަވާލާދެވުނު ޑޮކިއުމަންޓް 3 ގައި ބަޔާންކޮށްފައިވާ ޢަދަދުތަކަކީ ބުނެވުނު ވިޔަފާރިން ލިބުނު ފައިދާ އަންގައިދޭ ލިޔުމެއް ނޫންކަން އެ ލިޔުމުގައިވާ ޢިބާރާތްތަކުން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި މި ޢަދަދު ޘާބިތުކުރުމަށް މުޙައްމަދު ރަޝާދު ހުށަހަޅާފައިވާ އިތުރު ލިޔުންތަކަކީ ޚުދު މުޙައްމަދު ރަޝާދު އަމިއްލައަށް ތައްޔާރުކޮށްފައިވާ ލިޔުންތަކަކަށްވެފައި، އެ ލިޔުންތަކުގައި ޙަވާލާދީފައިވާ ޢަދަދުތައް ބިނާކޮށްފައިވާ ރަސީދު، އިންވޮއިސް ފަދަ އެއްވެސް ލިޔުމެއް ހުށަހެޅިފައި ނެތުމުން، މުޙައްމަދު ރަޝާދު އަމިއްލައަށް ތައްޔާރުކޮށްފައިވާ އެ ޢަދަދުތަކަށް ޙުސައިން ރަޝީދު އިންކާރުކޮށްފައިވާކަން އެނގެން އޮންނައިރު، މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހަޅާފައިވާ ޙަވާލާދެވުނު ޑޮކިއުމަންޓް 3 ގެ މައްޗަށް ބިނާކޮށް ޙުސައިން ރަޝީދުއާއި މުޙައްމަދު ރަޝާދުއާ ދެމެދުގައި ވެފައިވާ ބުނެވުނު އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގައި ކުރެވުނު ވިޔަފާރިތަކުން ލިބުނު ޖުމްލަ ފައިދާއަކީ 3,439,352/80ރ. (ތިންމިލިއަން ހަތަރުލައްކަ ތިރީސް ނުވަހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ / އަށްޑިހަ ލާރި) ކަމަށް މުޙައްމަދު ރަޝާދުގެ ފަރާތުން ބުނާ ބުނުން ޘާބިތުވާން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން، ޙުސައިން ރަޝީދުއާއި މުޙައްމަދު ރަޝާދުއާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހޯދާފައިވާ ތަކެތީގެ 2/1 (ދެބައިކުޅަ އެއްބައި) ލިބިދިނުމަށް މުޙައްމަދު ރަޝާދު އެދިފައިވީނަމަވެސް، ބުނެވުނު ތަކެއްޗަކީ މުދައުކަމަށްވާތީ، އެތަކެތި ހުރި ޙާލަތާއި، އަގާއި، އެތަކެތި ހޯދި ތާރީޚުތަކާއި، އެތަކެއްޗަކީ ލ. އަތޮޅުގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހޯދިފައިވާ ތަކެތިކަމާއި، އަދި އެތަކެތީގެ ތެރެއިން ސަރުކާރުގައި ރަޖިސްޓްރީކުރެވިފައިވާ ތަކެތީގެ ރަޖިސްޓްރީ ނަންބަރާއި، މިލްކުވެރި ފަރާތާއި، އެތަކެތި ގަނެފައިވާ ތާރީޚުތައް ދެނެގަނެވޭނެ ތަފްޞީލުތައް އެނގެން ނެތީސް، ދަޢުވާގައި މުޙައްމަދު ރަޝާދު އެދިފައިވާ ފަދައިން އެއްބަސްވުމުގެ ދަށުން ހޯދާފައިވާ ތަކެތީގެ 2/1 (ދެބައިކުޅަ އެއްބައި) މުޙައްމަދު ރަޝާދަށް ލިބިގެންވާކަމަށް ޝަރީޢަތުން ކަނޑައަޅައި ދެވެން ނެތްކަމަށާއި، އަދި މުޙައްމަދު ރަޝާދު މި މަސައްކަތުން ވަކިވުމަށް އަންގާފައިވަނީ 27 ފެބްރުއަރީ 2006 ގައި ކަމަށް މުޙައްމަދު ރަޝާދު ބުނެ، މި ތާރީޚަށް ފަހު ކޭޓްރިންގ ސްޓޮކްގައިވާ ތަކެތިން ލިބިގެންދާނެ ފައިދާ ޙުސައިން ރަޝީދުގެ އަތުން ހޯދުމަށް މުޙައްމަދު ރަޝާދު އެދިފައިވީނަމަވެސް، ސްޓޮކްގައި ހުރި ތަކެތިން ލިބިގެންދާނެ ފައިދާއެއް ދެނެގަނެވެން ނެތްކަމަށާއި، އަދި އެފަދަ ފައިދާއެއް މުޙައްމަދު ރަޝާދަށް ސާބިތުކޮށްދެވިފައި ނުވާތީ، މުޙައްމަދު ރަޝާދު ހޯދުމަށް އެދިފައިވާ ކޭޓްރިންގ ސްޓޮކްގައިވާ ތަކެތިން ލިބިގެންދާނެ ފައިދާ ޝަރީޢަތުން ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން އޮވެއެވެ.

އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި ހައިކޯޓުގެ ނަންބަރު 2014/HC-A/58 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވާ ޤާނޫނީ އަސާސްތަކަކީ ޞައްޙަ އަސާސްތަކެއް ނޫންކަން އެނގެން އޮވެއެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ޝަރްޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2014/HC-A/58 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ނުވާތީ، އެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 08/Cv-C/2010 (492/MC/2006) ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ އެ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ