ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/199

މުޙައްމަދު އާރިފް ވ. ފޭން ޖިއަންގްލިން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 28 ނޮވެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 29 އޮކްޓޫބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 132/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 132/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން، ފުލުހުންގެ ފޮރެންސިކް ތަޙުލީލުން ލިޔުންތަކުގައިވާ ސޮއި އަދި އިނގިލީގެ ނިޝާނަކީ މުޙައްމަދު އާރިފްގެ ސޮއި އަދި ނިޝާންކަން ކަށަވަރުވެފައިވާތީ، 32,000 ޑޮލަރަކީ މުޙައްމަދު އާރިފް ފޭން ޖިއަންގްލިންއަށް އަނބުރާ ދޭންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ފޭން ޖިއަންގްލިންގެ އަތުން 32,000 އެމެރިކާ ޑޮލަރު ލޯނަކަށް ނަގައި 15 ޖޫން 2018 ގެ ކުރިން އަނބުރާ ދައްކާނެ ކަމަށް މުޙައްމަދު އާރިފް ސޮއިކުރި "Certificate of Loan" ގެ ލިޔުމެއް އޮވެއެވެ. ފައިސާ ދޫކުރެވުނީ ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑްގެ ޗެކަކުން، މުޙައްމަދު އާރިފް މެނޭޖިންގ ޑިރެކްޓަރުކަމުގައިވާ ކުންފުންޏެއްގެ ވިޔަފާރި ނަމެއް ކަމަށްވާ "Nevi Marine" އަށެވެ. ފައިސާ އަނބުރާ ނުދެއްކުމުން ފޭން ޖިއަންގްލިން ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދެ ފަރުދުންގެ ދެމެދު ސޮއިކުރެވުނު ލޯނުގެ ލިޔުމެއްގެ ދަށުން ދޫކުރި ފައިސާ ކުންފުންޏެއްގެ ޗެކަކުން އެހެން ކުންފުންޏެއްގެ ވިޔަފާރި ނަމަކަށް ދޫކުރެވިފައިވުމުން، ފައިސާ ނެގި ފަރުދު އޭގެ ޒާތީ ޒިންމާއިން ބަރީއަވޭތޯ، އަދި އެ ކުންފުނިތައް ޚަޞްމުންގެ ގޮތުގައި ނުހިމަނައި ސިވިލް ކޯޓުން މައްސަލަ ނިންމުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުޙައްމަދު އާރިފް ބުނީ ހެކިތަކުގައި ފުށުއެރުންތައް ހުރުމުން ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ މިންގަނޑު ހަމަނުވާ ކަމަށާއި، މުޢާމަލާތް ހިނގީ ދެ ކުންފުންޏެއްގެ ދެމެދުގައި ކަމުން ކުންފުނީގެ ވަކި ޤާނޫނީ ޝަޚްޞިއްޔަތުގެ އުޞޫލުން އޭނާ ޒާތީގޮތުން ޒިންމާނުވާނެ ކަމަށާއި، އެ ކުންފުނިތަކުގެ ބަސް ނުހޯދައި މައްސަލަ ނިންމީ ޤާނޫނާ ޚިލާފަށް ކަމަށެވެ. ފޭން ޖިއަންގްލިން ބުނީ ފައިސާ ދޫކުރީ އޭނާގެ އެދުމުގެ މަތިން ކަމަށް ކުންފުނިން އެފިޑެވިޓެއް ދީފައިވާ ކަމަށާއި، ސިވިލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ކަނޑައެޅީ، ލޯނުގެ ލިޔުމާއި ޗެކާއި ކުންފުނީގެ އެފިޑެވިޓާއި ފޮރެންސިކް ތަޙުލީލަށް ބަލާއިރު ސިވިލް ކޯޓުން ހެކި ވަޒަންކުރުމުގައި ގޯހެއް ނުހެދޭ ކަމަށާއި، ސިވިލް ކޯޓުން ނެރުނު ދޭހަތަކަކީ ބުއްދީގެ ހަމަތަކާ ޚިލާފު ދޭހަތަކެއް ނޫންކަމުން އިސްތިއުނާފީ މަރުޙަލާގައި ހެކި އަލުން ވަޒަންކުރާނެ އިސްތިސްނާއީ ޙާލަތެއް ނެތް ކަމަށެވެ. ކުންފުނީގެ ވަކި ޤާނޫނީ ޝަޚްޞިއްޔަތުގެ އުޞޫލަކީ ފަރުދުންގެ ދެމެދު ހިނގާ މުޢާމަލާތެއްގައި ކުންފުނީގެ ޗެކެއް ބޭނުންކުރުމުން ދަރަނީގެ ޒިންމާ ފޮރުވޭނެ ނިވަލެއް ނޫންކަމަށާއި، ފައިސާ ދައުރުކުރުމަށް ހަމައެކަނި ބޭނުންކުރި ކުންފުނިތަކަކީ މައްސަލަ ނިންމުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ފަރާތްތަކެއް ނޫންކަމުން، އެ ކުންފުނިތައް ޚަޞްމުންގެ ގޮތުގައި ނުހިމެނުމަކީ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) އާ ޚިލާފުވުމެއް ނޫންކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ސިވިލް ކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ މައްސަލަތަކުގައި ދައުވާ ސާބިތުކުރުމުގެ މިންގަނޑަކީ ބެލެންސް އޮފް ޕްރޮބަބިލިޓީސް (Balance of Probabilities) ނުވަތަ ކަން ހިނގާފައިވުން ބޮޑަށް އެކަށީގެންވާ ގޮތުގެ މިންގަނޑެވެ. ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އައި ކުރީގެ ހެއްކާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގައި ހެކި ވަޒަންކުރުމުގައި ބަލަންޖެހޭނެ މިންގަނޑުތައް ބަޔާންކޮށްފައިވާ ގޮތުގައި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މަދަނީ މައްސަލަތަކުގައި ކޯޓުން ހެކި ވަޒަންކުރަންވާނީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކަށް ބިނާކޮށް، ދައުވާކުރާ ފަރާތުން ބަޔާންކުރާ ވާޤިޢާތައް ހިނގާފައިވުމުގެ އިޙްތިމާލު، ދައުވާ ލިބޭ ފަރާތުން ބަޔާންކުރާ ވާޤިޢާތަކަށްވުރެ ބޮޑުކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްފަހުގައެވެ.

HN2 ވާޤިޢާތައް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ހެކި ވަޒަންކުރާނީ ފުރަތަމަ މަރުޙަލާގައި ޝަރީޢަތްކުރާ ކޯޓުން ނުވަތަ މައްސަލަ ބަލާ ޓްރައިބިއުނަލުންކަމަށެވެ. ނަމަވެސް، އިސްތިއުނާފީ ކޯޓުތަކަށް ހެކި ވަޒަންކުރެވިދާނެ އިސްތިސްނާއީ ޙާލަތްތަކެއް އެޤަޟިއްޔާގާއި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކަނޑައަޅާފައިވާ އިސްތިސްނާއީ ޙާލަތްތަކުގެ ތެރޭގައި މައްސަލައިގެ މައިގަނޑު ކަމަކާމެދު ކޯޓުން ގޮތެއް ކަނޑައަޅާފައި ނެތުމާއި، ބުއްދީގެ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްފައިވުމާއި، ހުށަހެޅުނު ހެކިތަކުން ނެރެފައިވަނީ ނުބައި ދޭހައެއް ކަމަށް ފެނުމުގެ އިތުރުން ސާބިތުވި ވާޤިއާތަކަށް ނުބައި ޤާނޫނީ އުޞޫލެއް ތަތުބީޤުކޮށްފައިވުން ހިމެނެއެވެ.

HN3 އިސްތިއުނާފީ ކޯޓުގައި ހެކި ވަޒަންކުރަންޖެހޭ އިސްތިސްނާ ޙާލަތެއް ވުޖޫދުވެގެންވާކަން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ކޯޓުގެ ފަނޑިޔާރުންނަށް އިގްތިނާއުވެވޭ މިންވަރަށް ވިސްނައިނުދެވޭނަމަ، ހެކި ވަޒަންކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ހެއްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އިސްތިއުނާފު ފޯމުގައި ހަމައެކަނި ބުނާ ބުނުމަކީ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ސަބަބެއް ކަމަށް ނުވާނެކަމަށް ސުޕްރީމް ކޯޓުގެ އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ޤަޟިއްޔާގެ 33 ވަނަ ޕެރެގްރާފް ގައި ކަނޑައަޅައިފައިވެއެވެ.

HN4 ކުންފުނީގެ ޤާނޫނު ގެ 4 ވަނަ މާއްދާއާއި ކޯޕަރޭޓް ޤާނޫނުގެ އާންމު އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ކުންފުންޏަކީ އޭގެ ޙިއްޞާދާރުންނާއި ޑިރެކްޓަރުންނާ ވަކިވެގެންވާ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާލިބުމުގެ ޤާނޫނީ ބާރު ލިބިގެންވާ، އަދި އަމިއްލަ ނަމުގައި މުދާ މިލްކުކުރުމުގެ ޙައްޤު ލިބިގެންވާ ވަކި ޤާނޫނީ ޝަޚްޞެކެވެ.

HN5 ކުންފުނީގެ ވަކި ޤާނޫނީ ޝަޚްޞިއްޔަތުގެ އުޞޫލަކީ، ދެމީހެއްގެ ދެމެދުގައި ހިންގާ އަމިއްލަ މުޢާމަލާތެއްގައި، ފައިސާ ދެއްކުމުގެ ވަސީލަތެއްގެ ގޮތުގައި ކުންފުނީގެ ޗެކެއް ބޭނުންކުރުމުން، އެ މުޢާމަލާތުގެ އަޞްލު ޙަޤީޤަތާއި ދަރަނީގެ މަސްއޫލިއްޔަތު އޮޅުވާލުމަށް ނުވަތަ ފޮރުވުމަށް ބޭނުންކުރެވޭނެ ނިވަލެއް ނޫނެވެ.

HN6 ޗެކުން ކުރެވޭ މުޢާމަލާތްތަކުގައި ޗެކު ދޫކުރުމުން، ނުވަތަ ޗެކުގައި ފައިސާ ލިބެންވާ ފަރާތްކަމަށް އޮންނަ ފަރާތުގެ އެކައުންޓަށް އެ ޗެކުގައިވާ ފައިސާ ޖަމާވުމަކުން، އެހެން ހެކި ޤަރީނާއާ ނުލައި ދެފަރާތުގެ މެދުގައި ކޮށްފައިވާ މުޢާމަލާތެއް ސާބިތު ނުވާނެކަމުން، ޗެކަކަށް އެކަނި ބަލައިގެން އެކައުންޓަށް ޖަމާވާ ފައިސާއަކީ އެ ލިބޭ ފަރާތުގެ ޙައްޤެއް އޭގެ މައްޗަށް އޮތް ފައިސާ ކަމުގައި ޝަރީޢަތުން ކަނޑައެޅިދާނެ ކަމުގައި ނުފެންނަ ކަމަށެވެ.

HN7 ޢާންމު އުޞޫލުންނަމަ، އެއް ފަރާތުން އަނެއް ފަރާތަށް ޗެކެއް ދޫކުރާނީ އަދާކުރަންޖެހޭ އިލްތިޒާމެއްގެ ސަބަބުންކަމަށާއި، އަދާކުރަންޖެހޭ ދަރަންޏެއް ނުވަތަ ފައިސާއެއް ރައްދުކުރުމުގެ ގޮތުން ޗެކެއް ދޫކުރުމަކީ (އެނޫންގޮތަކަށް ދެފަރާތުން ސާފުކޮށް އެއްބަސްވާ ޙާލަތެއްގައި ނުވަތަ އެފަރާތްތަކުގެ ޢަމަލުން އެފަދަ އެއްބަސްވުމަކަށް ވާޞިލުވެފައިވާކަމަށް ބެލެވޭ ޙާލަތްތަކުގައި މެނުވީ) އެ ދަރަނި ޚަލާސްވީކަމުގައި ނުވަތަ އަދާކުރަންޖެހޭ ފައިސާ ރައްދުކުރެވުނީ ކަމުގައި ބަލައި އެ އިލްތިޒާމު (underlying obligation) އަދާކޮށް ނިމުނީކަމުގައި ބަލަންޖެހޭ ޙާލަތެއް ނޫން ކަމުގައްޔާއި، އެފަދަ ޙާލަތެއްގައި ޗެކެއް ދޫކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ އަދާކުރަން އެއްބަސްވެފައިވާ އިލްތިޒާމާ އެކުގައި އުފުލަންޖެހޭ އިތުރު (auxiliary/collateral) އިލްތިޒާމެއް އުފެދި، އެއްބަސްވެފައިވާގޮތަށް އަދާކުރަންޖެހޭ އިލްތިޒާމަށް އިތުރު ބާރެއް ނުވަތަ ބުރަދަނެއް ލިބުންކަމުގައި އެވެ.

HN8 މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ ޚަސްމުން މި ބާބުގައިވާ ގޮތުން، މަދަނީ މައްސަލައެއް އުފުލުމާއި، ދައުވާ ރައްދުވާ ފަރާތް ކަނޑައެޅުމުގެ މައިގަނޑު އިޚްތިޔާރު ލިބިގެންވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށެވެ. ޢާންމު އުޞޫލުން، މަދަނީ މައްސަލައެއްގައި ޚަސްމުން އިތުރުކުރުމުގެ ނުވަތަ ޚަސްމުންގެ ގޮތުގައި ބައިވެރިކުރުމުގެ ނިންމުމަކީ ދައުވާކުރާ ފަރާތުން ނުވަތަ ދައުވާލިބޭ ފަރާތުން ނުވަތަ މަސްލަޙަތު އޮތް ފަރާތަކުން އެދިގެން ނިންމާ ނިންމުމެކެވެ. މައްސަލައިގެ އަސާސީ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމަށް ސީދާ ކޮންމެހެން ބޭނުންވާ ޒަރޫރީ ފަރާތެއް ނަމަ (މިސާލަކަށް: ތަރިކަ މައްސަލައެއްގައި ހިމެނޭ ވާރިޘެއް) ހިމެނުން ފަދަ އިސްތިސްނާއީ ޙާލަތެއްގައި މެނުވީ، ކޯޓުން އަމިއްލައަށް އިސްނަގައިގެން މައްސަލައިގެ ދައުވާގެ ޚަސްމުންގެ ގޮތުގައި ވަކިފަރާތެއް ޝާމިލުކުރަން ކޯޓަށް ލާޒިމެއް ނޫނެވެ.

HN9 މާލީ މުޢާމަލާތެއްގައި ހަމައެކަނި ފައިސާ ދައުރުކުރުމަށް ނުވަތަ ޗެކް ދޫކުރުމަށް ބޭނުންކުރި ކުންފުންޏެއް މަދަނީ މައްސަލައެއްގައި ޚަސްމަކަށް ވެގެންދާނީ، ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތާ ދެމެދު އުފެދިފައިވާ އަސާސީ ޚުސޫމާތާ އެ ކުންފުންޏާ ސީދާ ޤާނޫނީ ގުޅުމެއް އޮވެގެންނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޙަސަން ފަލާޙް، އެޑްވޮކެސީ ޗެމްބަރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ސައްފާޙް މުޙައްމަދު، ޑީ އެޑްވޮކެޓްސް ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޢަބްދުﷲ ޖަމީލް މޫސާ، ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
ފާޠިމަތު ފަރްހީޒާ
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ޙުޒައިފާ މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 132/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް […] އާރިފް (މީގެ ފަހުން "މުޙައްމަދު އާރިފް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ހައިކޯޓުގެ ނަންބަރު 2021/HC-A/199 ޤަޟިއްޔާ ނިމުނު ގޮތެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޗައިނާގެ ރައްޔިތެއްކަމަށްވާ ފޭން ޖިއަންގްލިން އެވެ. (މީގެ ފަހުން "ފޭން ޖިއަންގްލިން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.

ފަސްފަހަތް

3މުޙައްމަދު އާރިފް އާއި ފޭން ޖިއަންގްލިން އާ ދެމެދު "Certificate of Loan" އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

4މިއީ USD32,000 (ތިރީސްދެހާސް އެމެރިކާ ޑޮލަރު) ފޭން ޖިއަންގްލިން އަށް އަނބުރާ އަދާކުރާ ގޮތަށް މުޙައްމަދު އާރިފް އާއި ފޭން ޖިއަންގްލިން އާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މިލިޔުމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

It is to certify that Mohamed Arif (NIC No. ) borrowed cash US Dollars Thirty two thousand (US$32,000) only from Mr.Fan Jianglin (Chinese PP No. ) on 15th April 2018. Mr. Arif Mohamed promises to refund US$32,000.00 to Mr.Fan Jianglin before 15th June 2018.

5މުޙައްމަދު އާރިފްއަށް USD32,000 (ތިރީސްދެހާސް އެމެރިކާ ޑޮލަރު) ދޫކޮށްފައިވަނީ ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ ނަންބަރު 000063202281890 އެކައުންޓްގެ ނަންބަރު 7002057 ޗެކު މެދުވެރިކޮށެވެ. އަދި މިޗެކުގައި "Nevi Marine" ޖަހައިފައިވަނީ މުޙައްމަދު އާރިފްގެ އެދުމުގެ މަތިންނެވެ.

6މިލިޔުމުގައި ބަޔާންކޮށްފައިވާގޮތުން ފޭން ޖިއަންގްލިން އަތުން ނެގި USD32,000 (ތިރީސްދެހާސް އެމެރިކާ ޑޮލަރު) 15 ޖޫން 2018 ވަނަ ދުވަހު އަނބުރާ ދައްކަންޖެހެއެވެ. ނަމަވެސް، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށްވެސް އެފައިސާ އަނބުރާ ފޭން ޖިއަންގްލިން އަށް ދައްކާފައިނުވާތީ، އެފައިސާ މުޙައްމަދު އާރިފްގެ އަތުން ހޯދުމަށް އެދި ފޭން ޖިއަންގްލިންގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހެޅިއެވެ. އެމައްސަލަ ބަލާފައިވަނީ، އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 132/Cv-C/2020 އިންނެވެ.

7މިދައުވާއަށް އިންކާރު ކުރަމުން މުޙައްމަދު އާރިފް ބުނެފައިވަނީ، ފޭން ޖިއަންގްލިން ހުށަހެޅި "ސެޓްފިކެޓް އޮފް ލޯން" ގައި އެވަނީ އެފަރާތުގެ ސޮއި އަދި އިނގިލީގެ ނިޝާން ނޫންކަމަށާއި ރާއްޖޭގެ ބޭންކަކުން USD$2000 (ދެހާސް ޑޮލަރު) އަށްވުރެ އިތުރަށް "ކޭޝް/ ނޫޓް" ދޫނުކުރާނެކަމަށާއި، ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑްގެ ޗެކުގައިވާ ތާރީޚާއި ސެޓްފިކެޓް އޮފް ލޯނުގެ ތާރީޚު ތަފާތުކަމަށާއި، ޗެކުގައިވާ "Nevi Marine" އަކީ ވަކި ޤާނޫނީ ޝަޙްސެއްކަމަށާއި، އޭގައިވާ ސޮއިއަކީވެސް އެފަރާތުގެ ސޮއި ނޫންކަމަށެވެ.

ދަށު ކޯޓުން ނިންމިގޮތް

8ސިވިލް ކޯޓުގެ ނަންބަރު 132/Cv-C/2020 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ފޭން ޖިއަންގްލިން (ޗައިނާ، ޕާސްޕޯރޓް ނަންބަރު ) ގެ ފަރާތުން މުޙައްމަދު އާރިފްގެ މައްޗަށް ކުޅަ މިދައުވާގައި ދައުވާކުރާ ފަރާތުން ހޯދަން އެދުނު US$32,000.00 (ތިރީސްދެހާސް އެމެރިކާ ޑޮލަރު) އަކީ ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް އަނބުރާ ރައްދުކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދައުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 15 އޭޕްރީލް 2021 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށްޖެހޭ ފައިސާގެ އަދަދަށްވުރެ މަދުނޫން ފައިސާގެ އަދަދެއް ސިވިލް ކޯޓަށް ދައްކަމުންގޮސް މިދަރަނި ޚަލާސްކުރުމަށް ދައުވާލިބުނު މުޙައްމަދު އާރިފްއަށް އަންގައި، މިގޮތުގެ މަތީން ޙުކުމްކޮށްފީމެވެ."

9ސިވިލް ކޯޓުގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

9.1. ފޭން ޖިއަންގްލިންގެ ފަރާތުން ހުށަހެޅި "ސެޓްފިކެޓް އޮފް ލޯން" ގައި ވާ ސޮއިއާއި ފިންގަރޕްރިންޓްއަށް މުޙައްމަދު އާރިފް އިންކާރުކޮށްފައިވާތީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް އެކަން ތަޙުޤީޤު ކުރުމަށް ފޭން ޖިއަންގްލިންގެ ފަރާތުން އެދުމުން، އެލިޔުންތައް ތަޙުލީލްކޮށް އެސަރވިސްއިން ހުށަހެޅި "ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް" ގައި "ސެޓްފިކެޓް އޮފް ލޯން" ގައި ވާ ސޮޔާއި ޗެކުގައިވާ ސޮޔާއި ދައުވާ ލިބޭ ފަރާތުގެ ސޮޔާއި އަޅާކިޔުމުން އެއީ އެކަކު ކޮށްފައިވާ ސޮއެއްޔަކަމަށް ފާހަގަކޮށްފައިވާތީ، ސެޓްފިކެޓް އޮފް ލޯންގައިވާ ސޮޔާއި އިނގިލީގެ ނިޝާންއާއި ޗެކްގައިވާ ސޮޔާ ގުޅޭގޮތުން މުޙައްމަދު އާރިފް ކުރި އިންކާރު ނަފީވާކަން؛

9.2. ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑްގެ 16 ޖެނުއަރީ 2020 ގެ ލިޔުމުގައި، ޗެކަކީ ފޭން ޖިއަންގްލިންގެ އެދުމުގެ މަތިން މުޙައްމަދު އާރިފަށް ފައިސާ ދޫކުރުމަށްޓަކައި ދޫކުރި ޗެކެއްކަމަށް ބަޔާންކޮށްފައިވުމުން، އެޗެކުން ދޫކުރި ފައިސާއަކީ ޕާރލް އެޓޯލްގެ ނަމުގައި އޮތް އެކައުންޓަކުން ދޫކުރިނަމަވެސް، ފޭން ޖިއަންގްލިންގެ ބޭނުމަށް އެފަރާތުން ދޫކުރި ޗެކެއްކަމަށް ބަލަންޖެހޭކަން؛

9.3. ޕާރލް އެޓޯލްގެ ޗެކުގައި ފައިސާ ލިބެންޖެހޭ ފަރާތެއްގެ ނަމުގައި "Nevi Marine" އޮތްކަމަށް ބުނެ ސުވާލު އުފެއްދި ނަމަވެސް، ފުލުހުންގެ ތަޙުޤީޤުން ޗެކުގައިވާ ސޮޔަކީ މުޙައްމަދު އާރިފްގެ ސޮއިކަން އެނގެން އޮވެފައި، ޗެކުގައިވާ މިންވަރަށް މުޙައްމަދު އާރިފަށް ފައިސާ ލިބިފައިވާކަން ކަށަވަރުވާން އޮންނާތީއާއި، ބޭންކް އޮފް ސިލޯނުންވެސް އެކަން ކަށަވަރުކޮށްދީފައިވާތީ، "ސެޓްފިކެޓް އޮފް ލޯން" އަށް އިންކާރުކޮށް ދެފަރާތުގެ ދެމެދު މިމުޢާމަލާތް ނުހިނގާކަމަށް މުޙައްމަދު އާރިފް ބުނެފައިވަނީ، ރަނގަޅު އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ނޫންކަން އެނގޭކަމަށް؛

9.4. ޑޮކިއުމެންޓްގެ ތާރީޚުގައި ފަރަޤުހުރިކަމުގެ މައްޗަށް ވާހަކަ ދައްކާފައި ވީނަމަވެސް، ޗެކަށްވުރެ އެއްދުވަސް ފަހުގެ ތާރީޚެއް "ސެޓްފިކެޓް އޮފް ލޯން"ގައި ބަޔާންވެ އޮތުމަކީ އެލިޔުމުގެ ޞައްޚަކަމާމެދު ސުވާލު އުފެދިދާނެ ކަމެއް ނޫންކަމެއްކަމަށް؛ މިއެވެ.

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފްސީލް

10ސިވިލް ކޯޓުގެ ނަންބަރު 132/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު އާރިފްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 3 (ތިނެއް) ނުކުތާއެވެ. އެއީ؛

10.1. ފުރަތަމަ ނުކުތާއަކީ؛ ދައުވާ ސާބިތުކުރުމަށް ފޭން ޖިއަންގްލިން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ދަށު ކޯޓުން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނުކުތާގައި، ދައުވާފޯމާއެކު ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ "ސެޓްފިކެޓް އޮފް ލޯން" އެވެ ކިޔާ ލިޔުމަކާއި، މެރިން ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ "Nevi Marine" އެވެ ކިޔާ ވިޔަފާރީގެ ނަމުގައި ދޫކޮށްފައިވާ ޗެކެއް ކަމަށް ބަޔާންކޮށްފައިވާއިރު، ބަޔާންވެދިޔަ 2 ލިޔުމާއި "ހެކިލިސްޓް" އާއެކު ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން، "ސެޓްފިކެޓް އޮފް ލޯން" އެވެ ކިޔާ ލިޔުމުގެ ދަށުން USD$32,000 (ތިރީސްދެހާސް އެމެރިކާ ޑޮލަރު) މުޙައްމަދު އާރިފަށް ފޭން ޖިއަންގްލިން ފަރާތުން ދައްކާފައިވާކަން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ Balance of Probability ގެ މިންގަނޑު ސާބިތުނުވާއިރުވެސް، މިފައިސާ މުޙައްމަދު އާރިފްގެ މައްޗަށް ޙުކުމްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

10.1.1. މިނުކުތާގެ ތަފްސީލުގައި މުޙައްމަދު އާރިފްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ކުރެވިފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހެޅިފައިވަނީ ސެޓްފިކެޓް އޮފް ލޯނާއި "Nevi Marine" ޗެކެއްކަމާއި، ސެޓްފިކެޓްގައި ބަޔާންކޮށްފައިވަނީ ފައިސާ ދައްކަނީ ނަގުދު ފައިސާއިންކަމަށާއި، ނަމަވެސް ފައިސާ ދައްކާފައިވަނީ އެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ޗެކަކުން ކަމަށްވާއިރު އެ ލިޔުމުގެ ދަށުން ފައިސާ ދައްކާފައިވާ ސުވާލު އުފެދިފައިވާކަން ސިވިލް ކޯޓުގައި ބަޔާންކޮށްފައިވާނެކަމަށެވެ. އަދި ޗެކުގައި ބަޔާންކޮށްފައިވާ ގޮތުން ފައިސާ ދައްކަނީ ޕާރލް އެޓޯލް ގެ ފަރާތުން "Nevi Marine" އަށް ކަމަށްވީއިރު، މިއީ ދެކުންފުންޏެއްގެ މެދުގައި ހިނގާފައިވާ މުޢާމަލާތެއްކަމުން މިފައިސާ ޙަޤީޤަތުގައިވެސް މުޙައްމަދު އާރިފަށް ލިބިފައިވާކަމާމެދު ސުވާލު އުފެދޭކަމަށެވެ. އޭގެ އިތުރުން، ސެޓްފިކެޓްގައި އެއްބަސްވެފައިވަނީ 15 އެޕްރީލު 2018 ގައި ނަގުދު ފައިސާއިން ފައިސާ ދިނުމަށްކަމުގައިވެފައި، ޗެކުގައިވާ ތާރީޚަކީ ސެޓްފިކެޓްގެ ތާރީޚުގެ އެއްދުވަސް ކުރީގެ ތާރީޚެއްކަމުގައިވުމުން، މިމުއާމަލާތް ހިނގާފައިވަނީ ނަގުދު ފައިސާއިންތޯ ނުވަތަ ޗެކުންތޯ ސުވާލު އުފެދޭކަމަށެވެ. އެހެންކަމުން، ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅިފައި ހުރި ހެކީގައި ފުށުއެރުންތައް މިހާ ބޮޑަށް ހުރުމުން، ބޮޑަށް ބުރަންވާން ޖެހޭނީ ކޮން އުޞޫލަކަށްތޯ ބަލަންޖެހޭ ކަމަށެވެ. ޢާންމު ފަރުދަކު ޒިންމާވާންޖެހޭ ކަމަށްވާނަމަ އެފަދަ ޤާނޫނީ އުޞޫލެއް ބަޔާންކޮށްދީ އެ ފަރުދީ ގޮތުން ވަކި ފަރާތެއް ޒިންމާވާންޖެހޭ ނަމަ އެ ޒިންމާވާންޖެހޭ ޤާނޫނީ އުޞޫލަކީ ކޮބައިކަން ބަޔާންކޮށް ޝަރީޢަތުގެ މަޖިލީހުގައި ސާބިތު ކޮށްދިނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޒިންމާއެއް ކަމަށް ވާއިރުގައި މި މައްސަލައިގައި އެފަދައިން ކަން ކޮށްފައި ނުވާތީ ދެކުންފުންޏެއް ދޭތެރޭގައި ވެފައިވާ މުޢާމަލާތެއްކަން އެނގޭ އަދި ޑޮކިއުމެންޓްތަކުން ފެންނަން ހުރި ޙަޤީޤަތްތަކާއި ދައްކާފައި ހުރި ވާހަކަތަކާ ދިމާނުވާ ލިޔެކިޔުންތަކެއްގެ މައްޗަށް ބަރޯސާވެ ބެލެންސް އޮފް ޕްރޮބަބިލިޓީސްގެ ދަށުން ކަމެއް ނިންމާއިރުގައި ބޮޑަށް ބުރަވާންޖެހޭނީ މި ތަނުގައި ހަމައެކަނި އެ ދެ ލިޔުމުގައިވާ ވާހަކަތަކަށް ބިނާކޮށް ގޮތެއް ނިންމޭނެ ތަނެއް ނެތް ކަމަށެވެ.

10.2. ދެވަނަ ނުކުތާއަކީ؛ ދަށު ކޯޓުގައި "ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން މެރިން ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިނގާ ވިޔަފާރި ނަމެއް ކަމަށްވާ "Nevi Marine" އަށް USD$32,000 (ތިރީސް ދެހާސް އެމެރިކާ ޑޮލަރު) ގެ ޗެކެއް ދޫކޮށްފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނީ ވަކި 2 ޝަހުސުންގެ މެދުގައި ކޮށްފައިވާ މި މުޢާމަލާތުގައި ހިމެނޭ ފައިސާއަށް ޒިންމާވާންޖެހޭނީ އާންމު ފަރުދެއް ކަމުގައިވާ މުޙައްމަދު އާރިފްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ކުންފުންޏާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ސެޕަރޭޓް ލީގަލް އެންޓިޓީގެ މަބްދައުއާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/48 މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/109 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

10.2.1. މިނުކުތާގެ ތަފްސީލުގައި މުޙައްމަދު އާރިފްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މުޢާމަލާތް ކުރެވިފައިވަނީ ދެކުންފުނީގެ ދޭތެރޭގައިކަން މުސްތަނަދުތަކުން އެނގެން އޮތްއިރު، މިޙަޤީޤަތްތައް އެއްފަރާތް ކުރުމަށްފަހު މުޙައްމަދު އާރިފް ޕަރސަނަލީ މިކަމަށް ޒިންމާވާންޖެހޭނެ ގޮތެއް ކަނޑައެޅޭނީ ކޮން އުޞޫލަކުންތޯކަމާމެދު ސުވާލު އުފެދޭކަމަށާއި، ސުޕްރީމް ކޯޓުގެ މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުން ކުންފުނިތަކަކީ ޤާނޫނީ ގޮތުން މުސްތަޤިއްލު ވަކި ޝަޙްސިއްޔަތުތަކެއް ކަމަށްވާތީ އެފަދަ މުޢާމަލާތްތަކުގެ ޒިންމާ ޤާނޫނީ ގޮތުން އުފުލާނީވެސް އެކުންފުނިތަކުންކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

10.3. ތިންވަނަ ނުކުތާއަކީ؛ "ސެޓްފިކެޓް އޮފް ލޯން" ގެ ގޮތުގައި މިމައްސަލައިގައި ހުށަހަޅާފައިވާ ލިޔުމުގެ ދަށުން ފައިސާ ހިމެނޭ ޗެކެއް ދޫކޮށްފައިވަނީ ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމަށްވާއިރު، އަދި އެފައިސާ ލިބެންވާ ފަރާތްކަމަށް ބަޔާންކޮށްފައިވަނީ މެރިން ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ "Nevi Marine" އެވެ ކިޔާ ވިޔަފާރި ނަމަކަށް ކަމަށްވާއިރު، ބަޔާންވެދިޔަ 2 ފަރާތުގެ ދެމެދުގައި ހިންގާފައިވާ މުޢާމަލާތުގެ މައްސަލަ ސިވިލް ކޯޓުން ނިންމަވާފައިވަނީ އެދެކުންފުނީގެ ބައެއް ހޯދުމަކާ ނުލައިކަމަށްވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

10.3.1. މިނުކުތާގެ ތަފްޞީލުގައި މުޙައްމަދު އާރިފްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މުޢާމަލާތް ހިނގާފައިވަނީ ދެކުންފުނީގެ ދެމެދުގައިކަމުގައިވުމުން، މިދެކުންފުނީގެ ބަހެއް ހޯދަންޖެހޭނެކަމަށާއި، ނަމަވެސް އެދެކުންފުނީގެ ބަހެއް ނުހޯދާ ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ

11އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

11.1. ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު މުޙައްމަދު އާރިފްގެ ފަރާތުން މައިގަނޑު ގޮތެއްގައި ނެގި ދިފާޢުއަކީ ސެޓްފިކެޓް އޮފް ލޯނާއި ޗެކުގައި އެފަރާތުން ސޮއިކޮށް ފިންގަރޕްރިންޓް ޖަހާފައި ނުވާނެކަމަށްބުނި ދިފާޢުކަމަށާއި، ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ހިންގުނު ފޮރެންސިކް ތަޙުލީލުތަކުން ދެ ލިޔުމުގައިވާ ސޮޔާއި ފިންގަރޕްރިންޓްއަކީ މުޙައްމަދު އާރިފްގެ ސޮޔާއި ފިންގަރޕްރިންޓް ކަން އިނގޭކަމަށާއި، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ، މިދެލިޔުމުގެ އިތުރަށް މުޙައްމަދު އާރިފް ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް ކަމަށާއި، "Nevi Marine"ގެ މެނޭޖިންގ ޑިރެކްޓަރަކީ މުޙައްމަދު އާރިފްކަމާއި، އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ މައްސަލައާއި ގުޅިގެން އެކޯޓަށް ހުށަހެޅި ޖަވާބު ފޯމާއެކު އެޓޭޗް ކުރެވިފައިވާ ޑޮކިއުމެންޓް 3 (ސިވިލް ކޯޓުގެ ނަންބަރު 131/Cv-C/2020 ޤަޟިއްޔާގެ ޖަވާބު ފޯމް) އަށް ރިޢާޔަތްކުރުމުން، އެމައްސަލައިގައި ހިމެނޭ މުޢާމަލާތަކީ ހިނގަމުން މިދާ މައްސަލައިގެ މުޢާމަލާތުގެ 6 މަސްދުވަސް ކުރިން މިދެ ފަރާތުގެ ދެމެދުގައި ހިނގައިދިޔަ މުޢާމަލާތެއްކަމާއި، މިމުޢާމަލާތުގައި މިފަރާތުން ހަމަ ސޮއިކޮށް ފިންގަރޕްރިންޓް ޖަހާފައިވާކަމަށެވެ. ކުންފުނީގެ ޙިއްޞާދާރު ނޫނީ ކުންފުނީގެ އޯނަރުން ކުންފުނީގެ އެކައުންޓް އަމިއްލަ ބޭނުމަށް ކުންފުނި މެދުވެރިކޮށް ފައިސާ ނެގުމަކީ އެއީ ވިޔަފާރީގެ ޕްރެކްޓިސް ކުރާ އުޞޫލެއްކަމާއި، ޕާރލް އެޓޯލްގެ ނަމުގައި އޮތް އެކައުންޓަކުން "Nevi Marine"އަށް ފައިސާ ދޫކޮށްފައި އޮތް އޮތުމަކީ މިއީ ހަމައެކަނި އެ ސަބަބަށް ބަލާފައި ޤާނޫނީ ދެ ޝަޚްޞަކާ ދެމެދުގައި ހިނގާފައި އޮތް މުޢާމަލާތެއް ކަމަށް ބެލެވޭނެ ސަބަބެއް ނޫންކަމަށެވެ. ސަބަބަކަކީ ޕާރލް އެޓޯލް އިން މި ފައިސާ ދޫކުރިޔަސް މި ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދޫކުރި ފައިސާކަން ބަޔާންކޮށް އެފިޑެވިޓެއް ހުށަހަޅާފައިވާނެކަމަށާއި، އެފިޑެވިޓްގައި މިގޮތަށް ބަޔާން ކުރުމުގެ އިތުރުން މި ފައިސާގެ ހުރިހާ ޙައްޤެއް ހުރިހާ އެންޓައިޓެލްމަންޓެއް ލިބިގެންވަނީ އިސްތިއުނާފު ރައްދުވާ ފަރާތަށް ކަމަށް އެ އެފިޑެވިޓްގައި ބަޔާންކޮށްފައިވާނެކަމަށެވެ. މިކަންކަން ކުންފުނީގެ ފަރާތުން ކަށަވަރުކޮށްދީފައި އޮންނަ ޙާލަތުގައި މިއީ ޕާރލް އެޓޯލް އިން ދޫކުރި ފައިސާކަމަށް ބަލައި އެގޮތަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއް އޮތް ކަމަކަށް ނުދެކޭކަމަށެވެ. "Nevi Marine"އަށް ދޫކުރި ޗެކާއި ޕަރސަނަލީ ޙަވާލުވެ ސޮއިކޮށްފައި ވަނީ މުޙައްމަދު އާރިފްކަމަށާއި، މިކަމާ ގުޅިގެން ސިވިލް ކޯޓުގައި އެއްވެސް ދަފްއެއް އުފުލާފައި ނުވާކަމަށާއި، މިއީ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއްކަމަށާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ޙައިޘިއްޔަތުން މަޤާމް އަދާކުރަމުންދާ އިރުވެސް މި ދައުވާ ސިވިލް ކޯޓުގައި ހިނގާކަން އެނގިހުރެ އެ ކުންފުނި މި މައްސަލައިގެ ތެރެއަށް ތަދައްޚުލު ކުރުވަންވެސް އެފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.

އެދޭ ގޮތް

12އިސްތިއުނާފު ކުރާ ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.

12.1. ސިވިލް ކޯޓުގެ ނަންބަރު 132/Cv-C/2020 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމުގައި ކަނޑައަޅައިދީ، އެޙުކުމް ބާޠިލްކޮށްދިނުމަށް؛

12.2. ސިވިލް ކޯޓުގެ ނަންބަރު 132/Cv-C/2020 ޤަޟިއްޔާގައި މުޙައްމަދު އާރިފްގެ ފަރާތުން ފޭން ޖިއަންގްލިން އަށް USD$32,000 (ތިރީސްދެހާސް އެމެރިކާ ޑޮލަރު) ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ކަނޑައަޅައިދީ، މިފައިސާއަކީ މުޙައްމަދު އާރިފްގެ ފަރާތުން ފޭން ޖިއަންގްލިން އަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަމުގައި ކަނޑައަޅައި ދިނުމަށް؛ މިއެވެ.

13އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 132/Cv-C/2020 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

14ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކުރާއިރު، މި ކޯޓުން މި މައްސަލައިގައި ބަލައި ފައިސަލާކުރަންޖެހޭ މައިގަނޑު ޤާނޫނީ ބަހުޘްތައް ވަކި ސުރުޙީތަކެއްގެ ދަށުން ހިމަނައި އެނުކުތާތަކާމެދު ފާހަގަކުރެވުނު ކަންކަން ބަޔާންކުރަމެވެ.

ސާބިތުކުރުމުގެ މިންގަނޑު ހާސިލުނުވުން

15HN1މަދަނީ މައްސަލަތަކުގައި ދައުވާ ސާބިތުކުރުމުގެ މިންގަނޑަކީ "ބެލެންސް އޮފް ޕްރޮބަބިލިޓީސް" (Balance of Probabilities) ނުވަތަ ކަން ހިނގާފައިވުން ބޮޑަށް އެކަށީގެންވާ ގޮތުގެ މިންގަނޑެވެ. ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އައި ކުރީގެ ހެއްކާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގައި ހެކި ވަޒަންކުރުމުގައި ބަލަންޖެހޭނެ މިންގަނޑުތައް ބަޔާންކޮށްފައިވާ ގޮތުގައި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މަދަނީ މައްސަލަތަކުގައި ކޯޓުން ހެކި ވަޒަންކުރަންވާނީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކަށް ބިނާކޮށް، ދައުވާކުރާ ފަރާތުން ބަޔާންކުރާ ވާޤިޢާތައް ހިނގާފައިވުމުގެ އިޙްތިމާލު، ދައުވާ ލިބޭ ފަރާތުން ބަޔާންކުރާ ވާޤިޢާތަކަށްވުރެ ބޮޑުކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްފަހުގައެވެ.

16ބެލެންސް އޮފް ޕްރޮބަބިލިޓީ މާނަކުރުމަށް ފޭން ޖިއަންގްލިންގެ ފަރާތުން ހުށަހެޅި ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ޢިމްރާން ޚަލީލު ވ. ޕްރަކާޝް ކުމާރު ޤަޟިއްޔާއެވެ. އެޤަޟިއްޔާގައި ކަނޑައެޅިފައިވަނީ ދައުވާކުރާ ފަރާތުން، ފަނޑިޔާރަށް ކޮންވިންސްކޮށްދޭން ޖެހޭނީ ކޯޓަށް ހުށަހެޅޭ ހެކިތަކުން، އެ ފަރާތުގެ ބުނުން ޙަޤީޤަތަކަށް ނުވުމަށްވުރެ ޙަޤީޤަތަކަށްވުން މާ ގާތްކަން ބޮޑުކަމަށްވުން ކަމަށެވެ. އަދި ދައުވާ ހުށަހަޅާ ފަރާތުން ފަނޑިޔާރަށް ކޮންވިންސް ކޮށްދޭން ޖެހޭނީ އެފަރާތުން ހުށަހަޅާފައިވާ ގޮތަށް ވާޤިޢާތައް ހުރި ކަމާއި މައްސަލަ އޭނާ ކާމިޔާބު ވުމުގެ ސަބަބެއް ވުޖޫދުގައި ވާކަމެވެ. ކޮންމެ ވާޤިޢާއެއް އެއީ ސައްތައިން ސައްތަ އެގޮތަށް ހިނގާފައި އޮތް ވާޤިޢާއެއްކަން ސާބިތުކޮށްދިނުން ލާޒިމެއް ނޫންކަން ބަޔާންކޮށްފައިވެއެވެ.

17މި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފޭން ޖިއަންގްލިންގެ ފަރާތުން ވަނީ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މާލީ މުޢާމަލާތް ސާބިތުކޮށްދިނުމަށްޓަކައި އަސާސީ ލިޔުމެއްގެ ގޮތުގައި "ސެޓްފިކެޓް އޮފް ލޯން" ކޯޓަށް ހުށަހަޅާފައެވެ. މިލިޔުމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

It is to certify that Mohamed Arif (NIC No. ) borrowed cash US Dollars Thirty two thousand (US$32,000) only from Mr.Fan Jianglin (Chinese PP No. ) on 15th April 2018. Mr. Arif Mohamed promises to refund US$32,000.00 to Mr.Fan Jianglin before 15th June 2018.

18މި ލިޔުމަކީ ދެފަރާތުގެ ދެމެދުގައި ފައިސާގެ މުޢާމަލާތެއް ހިނގާފައިވާކަން މަދަނީ މިންގަނޑުން ޤާއިމުކޮށްދޭ މައިގަނޑު އަސާސެވެ. ފައިސާ ލިބިގަނެފައިވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މުޙައްމަދު އާރިފްގެ ނަމެވެ. ފައިސާ ދިން ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ފޭން ޖިއަންގްލިންއެވެ.

އެހެންކަމުން، މި ލިޔުމަކީ މިދެފަރާތުގެ މެދުގައި ފައިސާގެ މުޢާމަލާތެއް ހިނގާފައިވާކަން މަދަނީ މިންގަނޑުން ޤާއިމުކޮށްދޭ މައިގަނޑު އަސާސެވެ.

19މީގެ އިތުރުން، މި މުޢާމަލާތަށް ބާރުދޭ އިތުރު ޤަރީނާއެއްގެ ގޮތުގައި ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 7002057 ޗެކުގެ ކޮޕީއަކާއި ، ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ފަރާތުން ދީފައިވާ އެފިޑެވިޓް ހުށަހެޅިފައިވެއެވެ. މިއެފިޑެވިޓްގައި، ނަންބަރު 7002057 ޗެކު ދޫކުރެވިފައިވަނީ ފޭން ޖިއަންގްލިން އާއި މުޙައްމަދު އާރިފްއާ ދެމެދު ހިނގާފައިވާ މާލީ މުޢާމަލާތެއްގެ ބޭނުމަކަށް، ފޭން ޖިއަންގްލިން އެދިގެންކަމަށް ބަޔާންކޮށްފައިވެއެވެ.

20އިސްތިއުނާފުކުރާ މުޙައްމަދު އާރިފްގެ ފަރާތުން ދަށު ކޯޓުގައި ދައުވާއަށް އިންކާރުކޮށްފައިވަނީ، ހުށަހެޅިފައިވާ ލިޔުންތަކުގައި (ސެޓްފިކެޓް އޮފް ލޯނާއި ޗެކްގައި) ވަނީ އޭނާގެ ސޮއި ނޫންކަމަށް ބުނެއެވެ. އެހެންނަމަވެސް، ދަށު ކޯޓުން މިކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ހެދި ފޮރެންސިކް ތަޙުލީލުތަކުން ސާބިތުވެފައިވަނީ، އެ ލިޔުންތަކުގައިވާ ސޮޔާއި އިނގިލީގެ ނިޝާނަކީ މުޙައްމަދު އާރިފްގެ ސޮޔާއި ނިޝާންކަމެވެ. މި ފަންނީ ހެއްކާއެކު، މުޙައްމަދު އާރިފް ބިނާކުރި މައިގަނޑު ދިފާޢު ވަނީ ނަފީވެފައެވެ.

21އިސްތިއުނާފީ ނުކުތާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ދަށު ކޯޓުގެ ރިޕޯޓަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފު ކުރާ މުޙައްމަދު އާރިފްގެ ފަރާތުން ދައުވާކުރަނީ، 32,000 ޑޮލަރު އޭނާގެ އަމިއްލަ ބޭންކު އެކައުންޓަށް ޖަމާވެފައި ނުވާތީ، އެ ފައިސާ ލިބުނު ކަމަށް ނުބެލެވޭނެ ކަމަށެވެ. ނަމަވެސް، ފޭން ޖިއަންގްލިންގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ބޭންކު ޓްރާންސްފަރ ރެކޯޑުތަކުންނާއި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެ ފައިސާ ފޭން ޖިއަންގްލިންގެ އެދުމުގެ މަތިން އޭނާގެ މަޞްލަޙަތު އޮތް ކުންފުނި ކަމަށްވާ Pearl Atoll Pvt Ltd ގެ އެކައުންޓު (0000006320228190) އިން ނަންބަރު 7002057 ޗެކު ނެވި މެރިން އަށް ބޭންކް އޮފް ސިލޯން މެދުވެރިކޮށް ވަނީ ޖަމާކޮށްފައެވެ. ދަށު ކޯޓުން މައްސަލަ ނިންމަމުން، ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ "Certificate of Loan" ގައިވާ ޢަދަދާއި ބޭންކު މެދުވެރިކޮށް ފޮނުވާފައިވާ ފައިސާގެ ރެކޯޑުތައް ދިމާވާތީ، ފައިސާ ޙަވާލުކުރެވިފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ނިންމި ނިންމުމުގައި ހެއްކަށް ބުރަދަން ދިނުމުގައި ޤާނޫނީ ގޮތުން ގޯހެއް ހެދިފައިވާ ކަމަށް ނުބެލެވެއެވެ.

22HN2އިސްތިއުނާފީ ކޯޓުގެ މަރުޙަލާގައި ހެކި ވަޒަންކުރުމާބެހޭ އުޞޫލުތަކެއް ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެ ޤަޟިއްޔާގެ ޙުކުމުގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވަނީ، ވާޤިޢާތައް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ހެކި ވަޒަންކުރާނީ ފުރަތަމަ މަރުޙަލާގައި ޝަރީޢަތްކުރާ ކޯޓުން ނުވަތަ މައްސަލަ ބަލާ ޓްރައިބިއުނަލުންކަމަށެވެ. ނަމަވެސް، އިސްތިއުނާފީ ކޯޓުތަކަށް ހެކި ވަޒަންކުރެވިދާނެ އިސްތިސްނާއީ ޙާލަތްތަކެއް އެޤަޟިއްޔާގާއި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކަނޑައަޅާފައިވާ އިސްތިސްނާއީ ޙާލަތްތަކުގެ ތެރޭގައި މައްސަލައިގެ މައިގަނޑު ކަމަކާމެދު ކޯޓުން ގޮތެއް ކަނޑައަޅާފައި ނެތުމާއި، ބުއްދީގެ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްފައިވުމާއި، ހުށަހެޅުނު ހެކިތަކުން ނެރެފައިވަނީ ނުބައި ދޭހައެއް ކަމަށް ފެނުމުގެ އިތުރުން ސާބިތުވި ވާޤިއާތަކަށް ނުބައި ޤާނޫނީ އުޞޫލެއް ތަތުބީޤުކޮށްފައިވުން ހިމެނެއެވެ.

23HN3އިސްތިއުނާފީ ކޯޓުގައި ހެކި ވަޒަންކުރަންޖެހޭ އިސްތިސްނާ ޙާލަތެއް ވުޖޫދުވެގެންވާކަން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ކޯޓުގެ ފަނޑިޔާރުންނަށް އިގްތިނާއުވެވޭ މިންވަރަށް ވިސްނައިނުދެވޭނަމަ، ހެކި ވަޒަންކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ހެއްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އިސްތިއުނާފު ފޯމުގައި ހަމައެކަނި ބުނާ ބުނުމަކީ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ސަބަބެއް ކަމަށް ނުވާނެކަމަށް ސުޕްރީމް ކޯޓުގެ އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ޤަޟިއްޔާގެ 33 ވަނަ ޕެރެގްރާފް ގައި ކަނޑައަޅައިފައިވެއެވެ.

24މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުން ސިވިލް ކޯޓުން ނެރެފައިވާ ދޭހަތަކަކީ ބުއްދީގެ ހަމަތަކާ ޚިލާފަށް ނެރެފައިވާ ދޭހަތަކެއް ކަމަށް ނުވާތީވެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ބުނެފައިވާ ފަދައިން މި މައްސަލައިގައި މި ކޯޓުން އެ ހެކިތައް އަލުން ވަޒަންކުރަންޖެހޭ އިސްތިސްނާ ޙާލަތެއް ނެތެވެ.

ކުންފުނީގެ ވަކި ޤާނޫނީ ޝަޚްސުގެ އުޞޫލާ ގުޅޭ

25މި މައްސަލައިގެ ދެވަނަ އިސްތިއުނާފީ ނުކުތާގެ ގޮތުގައި އިސްތިއުނާފު ކުރާ، މުޙައްމަދު އާރިފްގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ބަހުޘަކީ، ދައުވާގައި ބުނާ ފައިސާ ޙަވާލުކުރުމަށް ދޫކޮށްފައިވާ ޗެކަކީ ކުންފުންޏެއްގެ ނަމުގައި ދޫކޮށްފައިވާ ޗެކަކަށްވާތީއާއި ޗެކުން ފައިސާ ދޫކުރެވިފައިވަނީވެސް ކުންފުންޏަކަށް ކަމުގައިވާތީ، ކުންފުނީގެ ވަކި ޤާނޫނީ ޝަޚްޞިއްޔަތުގެ ޤާނޫނީ އުޞޫލަށް ރިޢާޔަތްކުރާއިރު، މިއީ އޭނާގެ އަމިއްލަ ޒާތީ ދަރަންޏެއްގެ ގޮތުގައި ސާބިތުވާނެ ފައިސާއެއް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ ބަހުޘެވެ.

26HN4ކުންފުނީގެ ޤާނޫނު ގެ 4 ވަނަ މާއްދާއާއި ކޯޕަރޭޓް ޤާނޫނުގެ އާންމު އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ކުންފުންޏަކީ އޭގެ ޙިއްޞާދާރުންނާއި ޑިރެކްޓަރުންނާ ވަކިވެގެންވާ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާލިބުމުގެ ޤާނޫނީ ބާރު ލިބިގެންވާ، އަދި އަމިއްލަ ނަމުގައި މުދާ މިލްކުކުރުމުގެ ޙައްޤު ލިބިގެންވާ ވަކި ޤާނޫނީ ޝަޚްޞެކެވެ. މިއީ އިނގިރޭސިވިލާތުގެ މަޝްހޫރު (Salomon v A Salomon & Co Ltd) ޤަޟިއްޔާއިން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ކަށަވަރުކޮށްދީފައިވާ އަސާސީ އުޞޫލެކެވެ.

27HN5ނަމަވެސް، ކުންފުނީގެ ވަކި ޤާނޫނީ ޝަޚްޞިއްޔަތުގެ އުޞޫލަކީ، ދެމީހެއްގެ ދެމެދުގައި ހިންގާ އަމިއްލަ މުޢާމަލާތެއްގައި، ފައިސާ ދެއްކުމުގެ ވަސީލަތެއްގެ ގޮތުގައި ކުންފުނީގެ ޗެކެއް ބޭނުންކުރުމުން، އެ މުޢާމަލާތުގެ އަޞްލު ޙަޤީޤަތާއި ދަރަނީގެ މަސްއޫލިއްޔަތު އޮޅުވާލުމަށް ނުވަތަ ފޮރުވުމަށް ބޭނުންކުރެވޭނެ ނިވަލެއް ނޫނެވެ.

28HN6ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ މުހިންމު ޤާނޫނީ އުޞޫލަށް މި ނުކުތާގައި ރިޢާޔަތްކުރުން މުހިއްމެވެ. އެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ "ޗެކުން ކުރެވޭ މުޢާމަލާތްތަކުގައި ޗެކު ދޫކުރުމުން، ނުވަތަ ޗެކުގައި ފައިސާ ލިބެންވާ ފަރާތްކަމަށް އޮންނަ ފަރާތުގެ އެކައުންޓަށް އެ ޗެކުގައިވާ ފައިސާ ޖަމާވުމަކުން، އެހެން ހެކި ޤަރީނާއާ ނުލައި ދެފަރާތުގެ މެދުގައި ކޮށްފައިވާ މުޢާމަލާތެއް ސާބިތު ނުވާނެކަމުން، ޗެކަކަށް އެކަނި ބަލައިގެން އެކައުންޓަށް ޖަމާވާ ފައިސާއަކީ އެ ލިބޭ ފަރާތުގެ ޙައްޤެއް އޭގެ މައްޗަށް އޮތް ފައިސާ ކަމުގައި ޝަރީޢަތުން ކަނޑައެޅިދާނެ ކަމުގައި" ނުފެންނަ ކަމަށެވެ.

29HN7އަދި ހަމަ އެ ޤަޟިއްޔާގައި، ސުޕްރީމް ކޯޓުން ނިންމާފައިވާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް މައްސަލައާ ޙަވާލާދީ ޞަރީޙަކޮށް ބަޔާންކޮށްފައިވަނީ، "ޢާންމު އުޞޫލުންނަމަ، އެއް ފަރާތުން އަނެއް ފަރާތަށް ޗެކެއް ދޫކުރާނީ އަދާކުރަންޖެހޭ އިލްތިޒާމެއްގެ ސަބަބުންކަމަށާއި، އަދާކުރަންޖެހޭ ދަރަންޏެއް ނުވަތަ ފައިސާއެއް ރައްދުކުރުމުގެ ގޮތުން ޗެކެއް ދޫކުރުމަކީ (އެނޫންގޮތަކަށް ދެފަރާތުން ސާފުކޮށް އެއްބަސްވާ ޙާލަތެއްގައި ނުވަތަ އެފަރާތްތަކުގެ ޢަމަލުން އެފަދަ އެއްބަސްވުމަކަށް ވާޞިލުވެފައިވާކަމަށް ބެލެވޭ ޙާލަތްތަކުގައި މެނުވީ) އެ ދަރަނި ޚަލާސްވީކަމުގައި ނުވަތަ އަދާކުރަންޖެހޭ ފައިސާ ރައްދުކުރެވުނީ ކަމުގައި ބަލައި އެ އިލްތިޒާމު (underlying obligation) އަދާކޮށް ނިމުނީކަމުގައި ބަލަންޖެހޭ ޙާލަތެއް ނޫން ކަމުގައްޔާއި، އެފަދަ ޙާލަތެއްގައި ޗެކެއް ދޫކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ އަދާކުރަން އެއްބަސްވެފައިވާ އިލްތިޒާމާ އެކުގައި އުފުލަންޖެހޭ އިތުރު (auxiliary/collateral) އިލްތިޒާމެއް އުފެދި، އެއްބަސްވެފައިވާގޮތަށް އަދާކުރަންޖެހޭ އިލްތިޒާމަށް އިތުރު ބާރެއް ނުވަތަ ބުރަދަނެއް ލިބުންކަމުގައި" އެވެ.

30މި ޤާނޫނީ އުޞޫލުތައް މި މައްސަލައިގެ ވާޤިޢާތަކަށް ތަތުބީޤުކުރާއިރު، ދެފަރާތުގެ ދެމެދުގައި 15 އެޕްރީލް 2018 ގައި ސޮއިކޮށްފައިވާ "Certificate of Loan" ލިޔުމަކީ ފޭން ޖިއަންގްލިން އާއި މުޙައްމަދު އާރިފްއާ ދެމެދު ސީދާ ވެވިފައިވާ އަމިއްލަ އެއްބަސްވުމެކެވެ. މިއީ މައްސަލައިގެ ޚަޞްމުންގެ މެދުގައި އޮތް އަސާސީ އިލްތިޒާމު އަދި ޕްރިވިޓީ އޮފް ކޮންޓްރެކްޓް' ސާފުކޮށްދޭ ލިޔުމެކެވެ.

31އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ އަނެއް ނުކުތާއަކީ، ފައިސާ ޙަވާލުކުރުމަށް ދޫކުރެވިފައިވާ އެއް ޗެކަކީ ސީދާ އޭނާގެ ނަމުގައި އޮތް ޗެކެއްގެ ބަދަލުގައި "Nevi Marine" އަށް އެޑްރެސްކޮށް ދޫކޮށްފައިވާ ޗެކަކަށް ވުމެވެ. ޗެކުގައި ފައިސާ ލިބެންވާ ފަރާތުގެ ގޮތުގައި އެހެން ކުންފުންޏެއްގެ ނަން އޮތް ކަމުގައި ވީނަމަވެސް، ދެފަރާތުގެ ދެމެދުގައި 15 އެޕްރީލް 2018 ގައި ސޮއިކޮށްފައިވާ "Certificate of Loan" ލިޔުމަކީ ފޭން ޖިއަންގްލިން އާއި މުޙައްމަދު އާރިފްއާ ދެމެދު ސީދާ ވެވިފައިވާ އަމިއްލަ އެއްބަސްވުމެކެވެ. މިއީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން، ހަމައެކަނި ޗެކަކަށް ބަރޯސާވުމުގެ ބަދަލުގައި، މައްސަލައިގެ ޚަޞްމުންގެ މެދުގައި އޮތް އަސާސީ އިލްތިޒާމު ސާފުކޮށްދޭ އިތުރު ހެކި ޤަރީނާއެވެ.

32ދައުވާގައި ބުނާ ފައިސާ ޙަވާލުކުރުމަށްޓަކައި ކުންފުނީގެ ނަމުގައި އަދި "Nevi Marine" އަށް އެޑްރެސްކޮށް ދޫކުރެވިފައިވާ ޗެކާ ގުޅިގެން ހުށަހެޅިފައިވާ އެފިޑެވިޓް (Affidavit) ގައި ޞަރީޙަކޮށް ބަޔާންކޮށްފައިވަނީ، އެ ޗެކަކީ ފޭން ޖިއަންގްލިން އާއި މުޙައްމަދު އާރިފްގެ ދެމެދުގައި އޮތް މުޢާމަލާތާ ގުޅިގެން، ފޭން ޖިއަންގްލިންގެ އެދުމުގެ މަތިން ސީދާ މުޙައްމަދު އާރިފަށް ދިނުމަށް ދޫކުރެވުނު ފައިސާއެއް ކަމަށެވެ. އަދި Pearl Atoll Pvt Ltd އާއި "Nevi Marine" އަށް ދޫކުރެވުނު ޗެކްތަކުގެ ނަންބަރުތަކާއި އެކައުންޓް ސްޓޭޓްމަންޓްތަކަށް ބަލާއިރުވެސް، އެ ފައިސާއަކީ މުޙައްމަދު އާރިފްގެ އިރުޝާދުގެ މަތިން، އޭނާގެ މަންފާއަށްޓަކައި އެ ކުންފުނިތަކަށް ޖަމާކުރެވުނު ފައިސާއެއްކަން ސާބިތުވެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ ފަދައިން، ކުންފުންޏަކުން ޗެކް ދޫކޮށްފައިވީނަމަވެސް، ޗެކު ދޫކުރެވުނު ސަބަބާއި ބޭނުން އެކުންފުނިން ދީފައިވާ އެފިޑެވިޓްގައި ބަޔާންކުރެވި އަދި ޗެކްގައި ލިބޭ ފަރާތުގެ ގޮތުގައި އެހެން ކުންފުންޏެއްގެ ނަން އޮތުމަކީ ހަމައެކަނި އަސާސީ އިލްތިޒާމަށް ބާރުދޭ އިތުރު ޢަމަލެއްކަމަށް ވާއިރު، މުޙައްމަދު އާރިފްގެ އަމިއްލަ ދަރަންޏަކުން ބަރީޢަވުމަށްޓަކައި ކުންފުނީގެ ވަކި ޤާނޫނީ ޝަޚްޞިއްޔަތުގެ އުޞޫލު އައްޑަނައަކަށް ހެދިދާނެކަމުގައި ނުދެކެމެވެ.

ކުންފުނީގެ ބަސް ނުހޯދުން

33މި މައްސަލައިގެ ތިންވަނަ އިސްތިއުނާފީ ނުކުތާގެ ގޮތުން އިސްތިއުނާފު ކުރާ މުޙައްމަދު އާރިފްގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާއަކީ، މި މައްސަލައިގައި ޝާމިލުވާ ކުންފުނިތައް (ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑް އަދި މެރިން ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑް) ދަށު ކޯޓުގެ ޝަރީޢަތަށް ޙާޟިރުކޮށް، އެ ކުންފުނިތަކުގެ ބަހެއް ހޯދުމަށް ނުވަތަ މައްސަލައަށް ތަދައްޚުލުވުމަށް ނުވަތަ ޚަޞްމެއްގެ ގޮތުގައި ބައިވެރިކުރުމަށް ދަށު ކޯޓުން އަމިއްލަ އިސްނެގުމެއްގެ މަތިން އަންގާފައި ނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ ބަހުޘެވެ.

34HN8މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ "ޚަސްމުން" މި ބާބުގައިވާ ގޮތުން، މަދަނީ މައްސަލައެއް އުފުލުމާއި، ދައުވާ ރައްދުވާ ފަރާތް ކަނޑައެޅުމުގެ މައިގަނޑު އިޚްތިޔާރު ލިބިގެންވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށެވެ. ޢާންމު އުޞޫލުން، މަދަނީ މައްސަލައެއްގައި ޚަސްމުން އިތުރުކުރުމުގެ ނުވަތަ ޚަސްމުންގެ ގޮތުގައި ބައިވެރިކުރުމުގެ ނިންމުމަކީ ދައުވާކުރާ ފަރާތުން ނުވަތަ ދައުވާލިބޭ ފަރާތުން ނުވަތަ މަސްލަޙަތު އޮތް ފަރާތަކުން އެދިގެން ނިންމާ ނިންމުމެކެވެ. މައްސަލައިގެ އަސާސީ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމަށް ސީދާ ކޮންމެހެން ބޭނުންވާ ޒަރޫރީ ފަރާތެއް ނަމަ (މިސާލަކަށް: ތަރިކަ މައްސަލައެއްގައި ހިމެނޭ ވާރިޘެއް) ހިމެނުން ފަދަ އިސްތިސްނާއީ ޙާލަތެއްގައި މެނުވީ، ކޯޓުން އަމިއްލައަށް އިސްނަގައިގެން މައްސަލައިގެ ދައުވާގެ ޚަސްމުންގެ ގޮތުގައި ވަކިފަރާތެއް ޝާމިލުކުރަން ކޯޓަށް ލާޒިމެއް ނޫނެވެ.

35HN9މާލީ މުޢާމަލާތެއްގައި ހަމައެކަނި ފައިސާ ދައުރުކުރުމަށް ނުވަތަ ޗެކް ދޫކުރުމަށް ބޭނުންކުރި ކުންފުންޏެއް މަދަނީ މައްސަލައެއްގައި ޚަސްމަކަށް ވެގެންދާނީ، ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތާ ދެމެދު އުފެދިފައިވާ އަސާސީ ޚުސޫމާތާ އެ ކުންފުންޏާ ސީދާ ޤާނޫނީ ގުޅުމެއް އޮވެގެންނެވެ.

36މި މައްސަލައިގެ ޙާލަތަށް ބަލާއިރު، މި މައްސަލައަކީ ސީދާ ފޭން ޖިއަންގްލިން އާއި މުޙައްމަދު އާރިފް އާ ދެމެދު ވެވިފައިވާ "Certificate of Loan" އާ ގުޅިގެން އުފެދިފައިވާ މައްސަލައަކަށް ވާތީ، މި މައްސަލައިގެ އަސާސީ ޚުސޫމާތުގެ ބައިވެރިންނަކީ އެ ދެ ފަރާތެވެ. މައްސަލައިގައި ފާހަގަކުރެވުނު ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑްގެ އެފިޑެވިޓުން އެ ކުންފުނީގެ ބައިވެރިވުމާއި، ފައިސާ ޖަމާކުރެވުނު ޢަދަދުތަކާއި އަދި އެ މުޢާމަލާތާ ގުޅޭގޮތުން އެ ކުންފުނީގެ ބަސް ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ. މީގެ އިތުރުން، މެރިން ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ، ޚުދު މުޙައްމަދު އާރިފް ކަމަށްވާއިރު، ދައުވާގެ މަޢުލޫމާތު ލިބި ދިފާޢުވުމުގެ ފުރުސަތު އޭނާއަށް ވަނީ ލިބިފައެވެ. އަދި މިއީ ކުންފުނީގެ ވަކި ޤާނޫނީ ޝަޚްޞިއްޔަތުގެ އުޞޫލުން އެފަރާތަށް ސީދާ ރައްދުކުރެވޭނެ ދައުވާއެއް ނޫންކަމަށް ބުނެ ދަށު ކޯޓުގައި ވަކި ބަހުޘެއް ފާހަގަކޮށްފައެއް ނުވެއެވެ.

37ބުނެވުނު ވާޤިއާތަކަށާއި، މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ދައުވާއާއި ދިފާޢަށް ބަލާއިރު، ފާހަގަކުރެވުނު ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑް އަދި ”nevi marine“ (ނެވި މެރިން) ފަދަ ކުންފުނިތަކަކީ ހަމައެކަނި ފައިސާ ޖަމާކުރުމަށް ނުވަތަ ޗެކް ދޫކުރުމަށް ބޭނުންކުރެވުނު ވަސީލަތްތަކެއް ކަމުގައިވާތީ، އެއީ މި މައްސަލައިގެ އަސާސީ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމަށް ސީދާ ކޮންމެހެން ބޭނުންވާ ޒަރޫރީ ފަރާތެއް ކަމުގައި ނުބެލެވެއެވެ.

38އެހެންކަމުން، މި ޙާލަތުގައި، އެ ކުންފުނިތަކުން މައްސަލައިގައި ތަދައްޚުލުވުމަށް ނުވަތަ ޚަސްމެއްގެ ގޮތުގައި ބައިވެރިވުމަށް އެދި ދަށު ކޯޓަށް ހުށަހަޅާފައި ނުވާއިރު، އަދި އެކަމަށް މައްސަލައިގެ އެއްވެސް ޚަސްމަކު އެދިފައިނުވާއިރު، އަދި މައްސަލަ ނިންމުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ފަރާތްތަކަކަށް އެ ކުންފުނިތައް ނުވާތީ، ދަށު ކޯޓުން އަމިއްލައަށް އިސްނަގައިގެން އެ ފަރާތްތައް މައްސަލައިގައި ޝާމިލުކޮށްފައި ނުވުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފުވުމެއް ކަމުގައި ނުބެލެވެއެވެ.

ނިންމަން ފެންނަ ގޮތް

39އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 132/Cv-C/2020 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔު

40ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

41ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

42މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 132/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު އާރިފްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

(ރިޔާސަތު)

ފަނޑިޔާރު ޙުޒައިފާ މުޙައްމަދު

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  2. ޕާސްޕޯޓް ނަންބަރު
  3. ފޭން ޖިއަންގްލިން ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމާއިއެކު ޑޮކިއުމެންޓް 1 ގެ ގޮތުގައި ހުށަހަޅާފައިވާ
  4. ސިވިލް ކޯޓު ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 3
  5. ސިވިލް ކޯޓު ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 4
  6. ސިވިލް ކޯޓު ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 6
  7. ސިވިލް ކޯޓު ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 7
  8. ސިވިލް ކޯޓު ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 7
  9. ސިވިލް ކޯޓު ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 7
  10. މުޙައްމަދު އާރިފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފު ފޯމުގެ ނަންބަރު 10- "އެދޭ ގޮތް"
  11. ފޭން ޖިއަންގްލިންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމް" ގެ ނަންބަރު 5- "އެދޭ ގޮތް"
  12. ޤާނޫނު ނަންބަރު 24/76
  13. 2018/SC-A/49
  14. 2019/HC-A/151
  15. އބޙ ގެ 43 ވަނަ ނުކުތާ
  16. 2019/HC-A/151 ގެ 42 ވަނަ ނުކުތާ
  17. ފޭން ޖިއަންގްލިން ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމާއެކު "ޑޮކިއުމެންޓް 1" ގެ ގޮތުގައި އެޓޭޗް ކުރެވިފައިވާ
  18. ޕާރލ އެޓޯލް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 7002057 ޗެކު- މުޙައްމަދު އާރިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބު ފޯމާއެކު ޑޮކިއުމެންޓް 2 ގެ ގޮތުގައި އެޓޭޗް ކުރެވިފައިވާ
  19. މުޙައްމަދު އާރިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބު ފޯމާއެކު ޑޮކިއުމެންޓް 1 ގެ ގޮތުގައި އެޓޭޗް ކުރެވިފައިވާ
  20. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު L(f)/DER/2021/13 (07 މާރިޗު 2021)
  21. 2018/SC-A/49 ޤަޟިއްޔާގެ 26 ވަނަ ޕެރެގްރާފް
  22. ޤާނޫނު ނަންބަރު 13/2010
  23. ޤާނޫނު ނަންބަރު 24/76
  24. [2024] SC 54
  25. 2018/SC-A/49
  26. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ނަންބަރު 7/2023
  27. ސޮލޮމަން ވ. ސޮލަމަން އެންޑް ކޮމްޕެނީ ލިމިޓެޑް (1897) AC 22
  28. [2021] SC 73
  29. [2023] SC 33
  30. އބޙ ގެ ޕްރެގްރާފް 26
  31. [2023] SC 14
  32. އބޙ ގެ ޕްރެގްރާފް 25
  33. ހަވަނަ ބާބު
  34. “nevi marine” (ނެވި މެރިން) އަކީ މިކުންފުނީގެ ދަށުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ނަމެއް
  35. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
  36. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
  37. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
  38. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
  • ޤާނޫނު ނަންބަރު 7/2023 (ކުންފުންޏާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ހަވަނަ ބާބު (ޚަސްމުން)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
  • 2018/SC-A/49
  • 2019/HC-A/151
  • [2024] SC 54
  • Salomon v A Salomon & Co Ltd (1897) AC 22
  • [2021] SC 73
  • [2023] SC 33
  • [2023] SC 14

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ