ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 33 · 2022/SC-A/29ސުޕްރީމް ކޯޓު · 14 އޮގަސްޓް 2023

އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް)

ސުޕްރީމް ކޯޓު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 14 އޮގަސްޓް 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް)

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/50 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެމް.އެޗް.އާރު") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/29 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް) (މީގެ ފަހުން "މިނިސްޓްރީ އޮފް ޓޫރިޒަމް" ނުވަތަ "ދައުލަތް") ގެ މައްޗަށެވެ.

މި މައްސަލަ ފެށިގެން އައިސްފައިވަނީ އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެޗް.އެމް.އެޗް.އައި") ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484876 ޗެކު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އާ ޙަވާލުކޮށްފައި ވަނިކޮށް، ބުނެވުނު ޗެކު އެމް.އެޗް.އާރު ގެ އެކައުންޓަށް ޖަމާވުމުންނެވެ.

ހަވާލާދެވުނު ޗެކުން ދީފައިވާ ފައިސާއަކީ އެމް.އެމް.ޕީ.އާރު.ސީއާ ޙަވާލުކޮށްފައިވާ ފައިސާކަމުން އެއީ ދައުލަތަށް ލިބެންޖެހޭ އެއްޗެއް ކަމުގައިވާއިރު، އެ ފައިސާ އެމް.އެޗް.އާރު ގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނެ، އެ ފައިސާ ދައުލަތަށް އަނބުރާ ދިނުމަށް އަމުރުކޮށްދިނުން އެދި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި އެމް.އެޗް.އާރު ގެ މައްޗަށް ދަޢުވާ ކުރިއެވެ.

ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާ

ދައުލަތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާގެ ގޮތުގައި ބަލައި ނިންމާފައިވަނީ، ދައުލަތުގެ ފަރާތުން އެދިފައިވާ ފަދައިން އެމް.އެޗް.އާރު ގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ޗެކުގައިވާ US$50,000/- (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އެމް.އެޗް.އާރު ގެ ކިބައިން ޝަރީއަތް މެދުވެރިކޮށް ދައުލަތަށް ނަގައިދޭން ޖެހޭފަދަ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައެވެ.

ސިވިލް ކޯޓުން އެ ނިންމުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތް ކޮށްގެން ކަން ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

"ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަ" އެއްގެ ޠަބީޢަތުގައި ހުށަހެޅި މި މައްސަލައިގައި، އެޗް.އެމް.އެޗް.އައި ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ އެކައުންޓުގެ ނަންބަރު 0484876 ޗެކަކީ ފައިސާ ނުލިބި ބައުންސްވެފައިވާ ޗެކެއް ނޫން ކަމަށާއި، އެޗް.އެމް.އެޗް.އައި އާއި އެމް.އެޗް.އާރު އަކީ ކުރިންވެސް ވިޔަފާރީގެ މުޢާމަލާތްތައް ކޮށްފައިވާ ފަރާތްތަކެއްކަން އެނގޭކަން؛

އެޗް.އެމް.އެޗް.އައި ގެ ފަރާތުން 10 ޖަނަވަރީ 2016 ގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 7-AUD/PRIV/2016/1 ސިޓީއާ ޙަވާލާދީ ފޮނުވާފައިވާ ސިޓީގައި، އެ ޗެކަކީ އެޗް.އެމް.އެޗް.އައި އިން އެމް.އެމް.ޕީ.އާރު.ސީ އަށް ދޫކޮށްފައިވާ ޗެކެއް ކަމުގައި ވީނަމަވެސް، ޗެކުގައި އެކައުންޓް ޕޭއީ ނުޖަހައި ދެވުމުގެ ސަބަބުން އެ ޗެކު އެމް.އެޗް.އާރު ކިޔާ ކުންފުންޏެއްގެ ނަމުގައިވާ އެކައުންޓަކަށް ޖަމާވެފައިވާ ކަމަށާއި، އެމް.އެޗް.އާރު އެވެކިޔާ އެ ކުންފުންޏަކީ އެމް.އެމް.ޕީ.އާރު.ސީ ގެ ދަށުން ހިންގާ ދައުލަތުގެ ކުންފުންޏެއްކަމަށް އެމް.އެމް.ޕީ.އާރު.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ބުނެފައިވާ ކަމުގައި އެޗް.އެމް.އެޗް.އައި ގެ ފަރާތުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވީނަމަވެސް، އެ ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އާންމު ބުއްދީގެ ހަމައިން ވިސްނައި ބެލި ނަމަވެސް ދެކޮޅު ޖެހޭ ކަންކަން ހިމެނިގެންވާ ވާހަކަތަކެއް ނޫންކަން؛

އެޗް.އެމް.އެޗް.އައި ގެ ފަރާތުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ސިޓީގައި އިސްވެ ބަޔާންކުރެވުނު ފަދައިން ބުނެފައިވީ ނަމަވެސް، އެއީ އެ ކުންފުނީގެ އަމިއްލަ މަސްލަހަތެއް އޮތްކަމެއްގައި އަމިއްލަ ދިފާއެއް ހިމެނޭ ވާހަކަތަކެއް ކަމުގައިވާތީ، އެ ވާހަކަތަކަށް ބުރަދަން ދެވެން ނެތްކަން؛

އެޗް.އެމް.އެޗް.އައި ގެ ނަންބަރު 1200 ޕޭމަންޓް ވައުޗަރ ގައި ނަންބަރު 0484876 ޗެކު ލިބުނުކަމަށް ޢަބްދުﷲ ޒިޔަތު ކިޔާ މީހަކު ސޮއިކޮށް އެމް.އެމް.ޕީ.އާރު.ސީ ގެ ސިއްކަ ޖަހާފައިވުމަކީ އެޗް.އެމް.އެޗް.އައި އިން އެ (ނަންބަރު 0484876) ޗެކު އެމް.އެޗް.އާރު އަށް ދޫނުކުރާކަން ދޭހަކޮށްދޭ، އަދި އެ (ނަންބަރު 0484876) ޗެކުގެ ސައްހަކަމާއި، އެ ޗެކު މެދުވެރިކޮށް އެމް.އެޗް.އާރު އަށް ލިބިދިނުން ކަށަވަރުކޮށްދިން ފައިސާ އެފަރާތުން ލިބިގަތުމަށް އޮތް ހުރަހެއް ނޫންކަން؛

ޗެކަކީ ޗެކުގެ ވެރިފަރާތުން އެމް.އެޗް.އާރު ޓްރޭޑިންގ އަށް ފައިސާ ނެގޭގޮތަށް އެ ފަރާތުގެ ނަމުގައި ދޫކޮށްފައިވާ ޗެކެއް ކަމުން، މި ޗެކުން ބޭންކުގެ މައްޗަށް ކުރެވުނު އަމުރު ތަންފީޛުވެ ނިމިފައިވާ މި ޙާލަތުގައި، ޝަރީޢަތް މެދުވެރިކޮށް އެ ޗެކުގައިވާ ފައިސާ ދައުލަތަށް ލިބިދެވެންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް ނެތްކަން؛

އެޗް.އެމް.އެޗް.އައި ކޮމްޕެނީ އާއި ދައުލަތާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެޗް.އެމް.އެޗް.އައި އިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އެ ފަރާތުން ނުދައްކައިވާނަމަ އެއްބަސްވުމުގެ ދަށުން އެ ފަރާތުގެ މައްޗަށް ދަޢުވާ ކުރުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާކަން.

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާގެ ނިންމުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/50 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، އެޗް.އެމް.އެޗް.އައި އިން އެޗް.އެމް.އާރު އަށް ޖަމާކުރި ޗެކަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވާތީ، މި ފައިސާ ދައުލަތަށް ލިބިދިނުމަށްޓަކައި 24 ނޮވެންބަރު 2021 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް އެޗް.އެމް.އާރު އަށް އަންގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެން ކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

އެޗް.އެމް.އެޗް.އައި ގެ ނަންބަރު 0484876 ޗެކަކީ ޕޭއީ (ފައިސާ ލިބެންވީ ފަރާތް) ނުޖަހައި އެޗް.އެމް.އެޗް.އައި އިން އެމް.އެމް.ޕީ.އާރު.ސީ އަށް ދޫކުރި ޗެކެއްކަން އެޗް.އެމް.އެޗް.އައި އިން 10 ޖަނަވަރީ 2016 ގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ސިޓީއިން އެނގެން އޮތްކަން؛

އެޗް.އެމް.އެޗް.އައި އިން ޗެކު ދޫކުރީ އެމް.އެމް.ޕީ.އާރު.ސީ އަށް ކަމުގައިވާ ނަމަވެސް އެ ޗެކު ޖަމާވީ އެމް.އެޗް.އާރު ގެ ބޭންކް އެކައުންޓަކަށްކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ކޯޓަށް ފޮނުވާފައިވާ ސިޓީއިން އެނގޭކަން؛

10 ޖަނަވަރީ 2016 ގައި އެޗް.އެމް.އެޗް.އައި އިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ސިޓީއަކީ ބުއްދީގެ ހަމައިން ވިސްނާ ބެލި ނަމަވެސް އެ ކަމުގައި ދެކޮޅު ނުޖެހޭ ކަންކަން ހިމެނިގެންވާ ސިޓީއެއް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެ ސިޓީއިން ދައުލަތުން ސާބިތުކުރަން އެދިފައިވާ ކަންކަމާއި، މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ހެކިތައް ފުރިހަމައަށް ވަޒަންކުރުމެއް ނެތި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަށް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/50 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އެމް.އެޗް.އާރު ގެ ފަރާތުން މައިގަނޑު 5 (ފަހެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/50 ޤަޟިއްޔާގައި އެޗް.އެމް.އެޗް.އައި ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484876 ޗެކަކީ އެޗް.އެމް.އެޗް.އައި އިން އެމް.އެމް.ޕީ.އާރު.ސީއަށް ދޫކޮށްފައިވާ ޗެކެއްކަމަށް ކަނޑައަޅާފައިވަނީ، ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު؛

ދެވަނަ ސަބަބަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެޗް.އެމް.އާރު ގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތު ނުކުރެވޭ ކަމަށާއި، މި ދަޢުވާއިން ކުރިމަތި ކޮށްފައިވާ ދަފްޢުތަކުގެ މެދުގައި ފުށުއެރުންތަކެއް އަރާކަމާގުޅޭ ގޮތުން އެމް.އެޗް.އާރު އިން ފާހަގަކޮށްފައިވާ ނުކުތާތަކާއި، އެމް.އެޗް.އާރު އާއި އެޗް.އެމް.އެޗް.އައި އާ ދެމެދު ދެ އަހަރެއްގެ މަތިން ފައިސާގެ މުޢާމަލާތެއް ކޮށްފައިވާކަން ސާބިތުކުރުމަށް އެމް.އެޗް.އާރު ގެ ފަރާތުން ސިވިލް ކޯޓަށާއި ހައިކޯޓަށް ހުށަހަޅާފައިވާ ހެކިތަކާއި އެ ހެކިތަކުން ސާބިތު ކުރަން ހުށަހެޅި ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކުރުމަކާ ނުލައި ކޮށްފައިވާ ޙުކުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު؛

ތިންވަނަ ސަބަބަކީ، އެޗް.އެމް.އެޗް.އައި ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484876 ޗެކަކީ އެޗް.އެމް.އެޗް.އައި އިން އެމް.އެމް.ޕީ.އާރު.ސީ އަށް ދޫކޮށްފައިވާ ޗެކެއް ކަމަށް އެޗް.އެމް.އެޗް.އައި އިން ބުނާއިރު، އަދި އެ ޗެކުގައި އެކައުންޓް ޕޭއީ ނުޖަހައި ދެވުނު ކަމަށް އެ ކުންފުނިން ބުނާއިރު، އެކަން އޮތީ އެ ނޫން ގޮތަކަށްކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު، އެ ގޮތުގައި އެކަން އޮތް ކަމަށް ބުރަވެވޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/146 ޤަޟިއްޔާއާ ޚިލާފަށް ކަމުގައިވާތީ، ހައިކޯޓުގެ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ސަބަބު؛

ހަތަރުވަނަ ސަބަބަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެމް.އެޗް.އާރު ގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ އަދި އެ ދަޢުވާ ބިނާކޮށްފައިވާ އަސާސެއްވެސް މިނިސްޓްރީ އޮފް ޓޫރިޒަމް އަށް ސާބިތުކޮށް ދެވިފައިނުވާއިރު، ޙަވާލާދޭ ޗެކުގައި ބަޔާންކުރާ ފައިސާއަކީ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ލިބެންޖެހޭ ފައިސާއެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ އަޙުމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާއާ ޚިލާފަށް ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ސަބަބު؛

ފަސްވަނަ ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާގައި ދަޢުވާ ބިނާކޮށްފައިވާ މުޢާމަލާތަކީ ބާޠިލު ކޮންޓްރެކްޓެއްގެ މައްޗަށް ހިނގާފައިވާ ކަނޑައެޅިގެން ޤާނޫނާ ޚިލާފު މުޢާމަލާތެއް ކަމުގައިވީއިރު، ބާޠިލު ކޮންޓްރެކްޓެއްގެ ދަށުން އުފެދިގެންދާ ޞައްޙަ ނޫން އިލްތިޒާމަކީވެސް އޭގެ ޒާތުގައި ތަންފީޛު ކޮށްދެވޭނެ އެއްޗެއް ނޫންކަމަށް ބުނެ އެމް.އެޗް.އާރު ގެ ފަރާތުން ހުށަހެޅި ނުކުތާއާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑަނާޅައި ޙުކުމްކޮށްފައިވަނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

މައްސަލައާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތީ މައިގަނޑު ގޮތެއްގައި އެންމެ ސުވާލެކެވެ. އެއީ އެޗް.އެމް.އެޗް.އައި ގެ ނަންބަރު 0484876 ޗެކުން ފައިސާ ލިބެންޖެހެނީ ދައުލަތަށްކަން ނުވަތަ އެމް.އެޗް.އާރު އަށް ކަމާމެދު އޮތް ސުވާލެވެ. އަދި އެ ސުވާލަށް ގޮތް ކަނޑައެޅުމުގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި ހައިކޯޓުގެ ނިންމުމުގައި ޤާނޫނީ ގޯހެއް ވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާނަމެވެ.

އެހެންނަމަވެސް އެއިގެ ކުރިން، މައްސަލައިގެ ފަސްފަހަތަށް ޖެހިލުން މުހިންމެވެ.

މައްސަލައިގެ ފަސްފަހަތް

އދ. ފުށިދިއްގާ (ރަށްދިއްގާ) ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް އެޗް.އެމް.އެޗް.އައި އިން ހުށަހެޅި ހުށަހެޅުމަކަށް، ޝަރުތުތަކެއްގެ ދަށުން އެ ރަށް 50 (ފަންސާސް) އަހަރު ދުވަހުގެ މުއްދަތަށް އެޗް.އެމް.އެޗް.އައި އަށް ކުއްޔަށް ދިނުމަށް ނިންމާފައިވެއެވެ. މި ގޮތުން ކޮށްފައިވާ ޝަރުތުތަކަކީ، މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު އދ. ފުށިދިއްގާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމުގެ ކުލީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި (އެ ރަށުގެ ހެޑްލީސް "އެކުއަރ" ކުރުމަށް) 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ލީސް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި US$3,000,000/- (ތިން މިލިއަން އެމެރިކާ ޑޮލަރު) ދެއްކުމާއި، ކުލީގެ އެއްބަސްވުމުގައި ސޮއިކުރާ މުއްދަތުން ފެށިގެން 36 (ތިރީސް ހައެއް) މަސްދުވަހުގެ ތެރޭގައި ރަށް ތަރައްޤީކޮށް ހިންގަން ފެށުމެވެ.

މިހެންކަމުން، ލީސް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަންޖެހޭ US$3,000,000/- (ތިން މިލިއަން އެމެރިކާ ޑޮލަރު) ގެ ތެރެއިން، ޑިޕޮޒިޓްގެ ގޮތުގައި US$50,000/- (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އެޗް.އެމް.އެޗް.އައި އިން އެކުންފުނީގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484876 ޗެކުން އެމް.އެމް.ޕީ.އާރު.ސީ އާ ޙަވާލުކޮށްފައިވެއެވެ. އަދި މިކަން، އެޗް.އެމް.އެޗް.އައި ގެ ޕޭމަންޓް ވައުޗަރުންނާއި، އެ ޗެކު ބަލައިގަތުމަށްފަހު ދޫކޮށްފައިވާ އެމް.އެމް.ޕީ.އާރު.ސީ ގެ ޕޭމަންޓް ރިސީޓުން އެނގެން އޮވެއެވެ.

ބުނެވުނު US$50,000/- (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަކީ އެޗް.އެމް.އެޗް.އައި ގެ ފަރާތުން އެމް.އެމް.ޕީ.އާރު.ސީ އާ ހަވާލުކޮށްފައިވާ ފައިސާ ނަމަވެސް، އެމް.އެމް.ޕީ.އާރު.ސީ އާ އެ ފައިސާގެ ޗެކު ހަވާލުކުރެވިފައިވަނީ ފައިސާ ލިބެންވީ ފަރާތް ނުޖަހާ ކަމުގައި އެޗް.އެމް.އެޗް.އައި ގެ ފަރާތުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ސިޓީގައި ބުނެއެވެ. އަދި އެ ފައިސާ ޖަމާވެފައިވަނީ އެމް.އެޗް.އާރު ގެ އެކައުންޓަކަށެވެ. އެކަން ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރަށް އިޖާބަދީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ސިވިލް ކޯޓަށް ފޮނުވި ސިޓީ އިންނާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި އޮންނަ އެމް.އެޗް.އާރުގެ އެކައުންޓް ސްޓޭޓްމަންޓް އިން އެނގެން އޮވެއެވެ.

އެޗް.އެމް.އެޗް.އައި އިން ބުނާގޮތުގައި، ލީސް އެކުއިޒިޝަން ކޯސްޓްގެ ޑިޕޮޒިޓްގެ ގޮތުގައި ދެއްކި US$50,000/- (ފަންސާސްހާސް އެމެރިކާ ޑޮލަރު) އެމް.އެޗް.އާރު ގެ އެކައުންޓަށް ޖަމާވިކަން އެނގުމުން، އެމް.އެޗް.އާރު އަކީ ކޮން ތަނެއްކަން އެމް.އެމް.ޕީ.އާރު.ސީ ގެ ވެރިން އަދި ޢަބްދުﷲ ޒިޔަތު ކައިރިން ސާފުކުރުމުން، އެއީ އެމް.އެމް.ޕީ.އާރު.ސީ ގެ ދަށުން ހިންގާ ދައުލަތުގެ ކުންފުންޏެއް ކަމުގައި އެފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

ދައުލަތުގެ ފަރާތުން އެމް.އެޗް.އާރު ގެ މައްޗަށް US$50,000/- (ފަންސާސްހާސް އެމެރިކާ ޑޮލަރު) ހޯދުމަށް ދައުވާ އުފުލާފައިވަނީ މި ސަބަބަށްޓަކައެވެ.

ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ

އެމް.އެޗް.އާރު ގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި އެފަރާތުން ފާހަގަކޮށްފައިވަނީ، ހައިކޯޓުގެ ނަންބަރު 2019/HC-A/50 ޤަޟިއްޔާގައި އެޗް.އެމް.އެޗް.އައި ގެ ފަރާތުން ދޫކޮށް، އެމް.އެޗް.އާރު ގެ އެކައުންޓަށް ޖަމާވެފައިވާ US$50,000/- (ފަންސާސް ހާސް އެމެރިކާ ޑޮލަރު) ގެ ޗެކަކީ އެޗް.އެމް.އެޗް.އައި އިން އެމް.އެމް.ޕީ.އާރު.ސީއަށް ދޫކޮށްފައިވާ ޗެކެއްކަމަށް ކަނޑައަޅާފައިވަނީ، ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

މި ނުކުތާ ތަފްސީލު ކުރަމުން، ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި ހިމަނާފައިވާ "ޗެކު" ގެ ތައުރީފުގައި އެއީ "... ]ޗެކު[ ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާން ކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހާއަށް، އެ ހިފައިގެން ދިއުމުން، ޝަރުތަކާނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭއަމުރެ]އް[..." ކަމުގައި ބަޔާންކޮށްފައިވާއިރު، އެމް.އެޗް.އާރު ގެ އެކައުންޓަށް ޖަމާވެފައިވާ US$50,000/- (ފަންސާސް ހާސް އެމެރިކާ ޑޮލަރު) ގެ (ނަންބަރު 0484876) ޗެކުގައި މިނިސްޓްރީ އޮފް ޓޫރިޒަމް ނުވަތަ އެހެންވެސް ދައުލަތުގެ އިދާރާއެއްގެ ނަން ޖަހާފައި ނުވާކަމުގައްޔާއި، އެ ޗެކަކީ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފައިސާ ދިނުމަށް ހަވާލުކުރެވުނު ޗެކެއްކަން ދައްކުވައިދޭ އެއްވެސް ހެއްކެއް ނެތްކަމުގައި އެމް.އެޗް.އާރު އިން ބުނެއެވެ. އަދި މިއާ ޚިލާފަށް ބުނެވުނު ޗެކަކީ އެޗް.އެމް.އެޗް.އައި ގެ ފަރާތުން އެމް.އެޗް.އާރު އަށް ދޫކޮށްފައިވާ ޗެކެއް ކަމަށާއި، އެކަން ސާބިތުކުރުމަށްޓަކައި އެ ޗެކުގެ ކޮޕީއެއް ދަށުކޯޓަށް ހުށަހަޅާފައިވާނެ ކަމަށްވެސް އެމް.އެޗް.އާރު އިން ބުނެއެވެ.

އެހެންކަމުން، ދައުލަތުން ބުނާ ބުނުމަކަށް ބަރޯސާވެ، ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައިވާ އުސޫލާ ޚިލާފަށް، ނަންބަރު 0484876 ޗެކަކީ އެޗް.އެމް.އެޗް.އައި އިން އެމް.އެމް.ޕީ.އާރު.ސީއަށް ދޫކޮށްފައިވާ ޗެކެއްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފަށްކަމަށް އެމް.އެޗް.އާރު އިން ބުނެއެވެ.

މިނުކުތާއަށް ރައްދުދެމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއަކީ ވަކި ފަރާތަކަށް ފައިސާ ލިބެންޖެހޭކަން ސާބިތުކުރުމަށް ބޭނުންކުރެވިދާނެ މާއްދާއެއް ނޫންކަމުގައްޔާއި، އެ މާއްދާއަކީ ޗެކުގެ ތަބީޢަތް ބަޔާންކުރާ މައްދާއެއް ކަމަށާއި، އެ މާއްދާގެ މަގްސަދަކީ ބޭންކުގެ މައްޗަށް ޗެކުތަކަށް ފައިސާ ދޫކުރުން ލާޒިމުކުރުން ކަމުގައެވެ.

މީގެ އިތުރުން، ޗެކަކުން ދޫކުރާ ފައިސާއަކީ ކޮންމެ ހާލަތެއްގައި އެޗެކުގައި ނަން ލިޔެފައިވާ މީހާއަށް ލިބެންޖެހޭ ފައިސާ ކަމުގައި ނުވެ ހިނގައިދާނެ ކަމުގައްޔާއި، ޗެކުގައި ފައިސާ ލިބެންވާ ފަރާތްކަމަށް ބަޔާންކޮށްފައިވާ ފަރާތަށް ބޭންކުން ފައިސާ ދޫކުރަނީ ޗެކުގެ ތަބީއަތުން އެއީ ބޭންކުގެ މައްޗަށް ކުރެވޭ އަމުރެއް ކަމުގައިވާތީ ކަމުގައިވާނަމަވެސް، މި މައްސަލައިގައި ހިމެނޭ (ނަންބަރު 0484876) ޗެކުން ދޫކޮށްފައިވާ ފައިސާއަކީ އެމް.އެޗް.އާރު އަށް ލިބެންޖެހޭ ފައިސާ ކަމުގައި ނުބެލެވޭނެކަމަށާއި، އެހެންކަމުން، ޗެކުގައި ފައިސާ ލިބެންވާ ފަރާތުގެ ގޮތުގައި އެމް.އެޗް.އާރު ގެ ނަން ޖަހާފައި އޮތުމަކީ، ފައިސާ އަނބުރާ ހޯދުމަށް ކުރެވޭ ދައުވާއެއްގެ ތެރެއިން ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އެ ފައިސާއަކީ އެމް.އެޗް.އާރު އަށް ލިބެންޖެހޭ ފައިސާ ކަމުގައި ކަނޑައެޅޭނެ ހާލަތެއް ނޫންކަމުގައިވެސް ދައުލަތުން ބުނެފައިވެއެވެ.

ހަމައެއާއެކު، ސުޕްރީމް ކޯޓުގެ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު މައްސަލައިގައި ވަކި ފަރާތަކަށް ވަކި އަދަދެއްގެ ފައިސާ ލިބެންޖެހޭކަމަށް ބުނާނަމަ، އެ ފައިސާ ލިބެންޖެހޭކަމަށް ބުނާ ހާދިސާ ސާބިތުކޮށްދޭންޖެހޭނެ ކަމުގައްޔާއި، ޗެކެއް އޮތުމަކުން ދެފަރާތުގެ މެދުގައި ވަކި މުޢާމަލާތެއް ހިނގިކަން ސާބިތުނުވާނެކަމަށް ކަނޑައަޅާފައިވާކަމަށް ދައުލަތުން ބުނެއެވެ. އަދި މި މައްސަލައަށް ބަލާއިރު، އެޗް.އެމް.އެޗް.އައި ގެ (ނަންބަރު 0484876) ޗެކުން ލިބެންޖެހޭ ފައިސާއަކީ އެމް.އެޗް.އާރު އަށް ލިބެންޖެހޭ ފައިސާއެއްކަމަށް އެ ފަރާތުން ބުނާ ބުނުން ފިޔަވައި އެ ހާދިސާ ނުވަތަ މުއާމަލާތް ސާބިތު ކުރުމަށް އެއްވެސް މަރުހަލާއެއްގައި އެއްވެސް ހެއްކެއް އެމް.އެޗް.އާރު އިން ހުށަހަޅާފައި ނުވާތީއާއި، އެ ޗެކުގައި އެމް.އެޗް.އާރު ގެ ނަންޖަހާފައި އޮތުމަކީ އެ ފަރާތަށް ފައިސާ ލިބެންޖެހޭކަން ސާބިތުވާ ކަމެއް ނޫންކަމުން، ހައިކޯޓުގެ ނިންމުމަކީ ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމުގައި ނުބެލެވޭނެކަމަށް ދައުލަތުން ބުނެއެވެ.

އަދި އޭގެ އިތުރުން، ހައިކޯޓުގެ ނިންމުން ބިނާވަނީ ދައުލަތުން ބުނާ ބުނުމުގެ މައްޗަށްކަމަށް އެމް.އެޗް.އާރު އިން ބުނާއިރު، ހައިކޯޓުން ނިންމުމަށް ވާސިލުވި ސަބަބުތަކާއި ހެކިތަކުން ނެރުނު ދޭހަ ހައިކޯޓުގެ ނިންމުމުގެ ޕެރެގްރާފް 8.8 ގައި ބަޔާންކޮށްފައިވާތީ، ހައިކޯޓުގެ ނިންމުމަކީ ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ އަދި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ނޫންކަމުގައި ދައުލަތުން ބުނެއެވެ.

ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ގުޅޭ ގޮތުން މިހާތަނަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އޭ.ޑީ.ކޭ ޕްރައިވެޓް ލިމިޓެޑް ވ. އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި، "ޗެކެއް ދޫކޮށްފައިވަނީ އެ ޗެކް ދޫކުރާ ފަރާތުގެ ރުހުމާއި ޤަބޫލުގައި އެ ޗެކެއްގައި ފައިސާގެ ޢަދަދު ޖަހައި ސޮއިކޮށް ޤާނޫނީ ގޮތުން ޗެކެއްގައި ފުރިހަމަކުރަންޖެހޭ ހުރިހާ އުންޞުރުތަކެއް ފުރިހަމަކުރުމަށްފަހުގައި ކަމަށްވާނަމަ، އެގޮތުގެމަތިން ޗެކް ދޫކުރާ ފަރާތުން، އެ ޗެކް އެ ދޫކުރަނީ އެ ޗެކްގައިވާ ފައިސާ، އެ ޗެކް ދޫކުރެވުނު ފަރާތުން، އިތުރު އެއްވެސް ޝަރުޠަކާނުލައި ލިބިދިނުމުގެ އިލްތިޒާމު ފުރިހަމައަށް އަދާކުރާނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ކަމަ]ށް[..." މި ކޯޓުން ކަނޑައަޅާފައިވާކަން ފާހަގަވެއެވެ.

ޗެކު މެދުވެރިކޮށް ޖަމާވާ ފައިސާއިން މުޢާމަލާތް ސާބިތުކުރުމާ ގުޅޭގޮތުން، ސުޕްރީމް ކޯޓުގެ މުޙައްމަދު މަނިކު ވ.  މުޙައްމަދު ޢަލީ ޖަނާހް މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން، މީސްމީހުންގެ މެދުގައި މާލީ އެކިއެކި މުޢާމަލާތްތައް ޢަމަލީގޮތުން ހިންގަމުންދާގޮތުގެ މައްޗަށް ބަލާއިރު، ނަގުދު ފައިސާ އާއި ފައިސާ ރަމްޒުކޮށްދޭ  ޗެކްފަދަ ވަޞީލަތްތައް އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރެވޭ ތަފާތު ގޮތްތަކެއް ހުރިކަން ފާހަގަކުރެވިފައިވާއިރު، އޭގެތެރޭގައި އެކަކު އަނެކަކަށް ދަރައި އޮވެގެން އެ ދަރަނި އަދާކުރުމަށްޓަކައި ނުވަތަ ކުރީގައި ލިބިގެންފައިވާ މަންފާއެއް ނުވަތަ ޚިދުމަތެއްގެ ބަދަލުގައި ފައިސާ އާއި ޗެކްފަދަ ވަސީލަތްތައް އެއްފަރާތުން އަނެއް ފަރާތަށް ބަދަލުކުރުމާއި ދަރަނީގެ ގޮތުގައި އެފަދަ ވަޞީލަތެއް އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުމާއި އެއްވެސް ބަދަލަކާނުލައި ހިބައެއްގެ ގޮތުގައި ނުވަތަ އެހެންވެސް އެފަދަ ގޮތެއްގައި އެފަދަ ވަޞީލަތެއް އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރެވޭ ޙާލަތްތަކެއްވެސް މެދުވެރިވެދާނެތީ އެއްފަރާތުން އަނެއްފަރާތަށް ދޫކޮށްފައިވާ ފައިސާ ނުވަތަ ފައިސާގެ ގޮތުގައި ގެންގުޅޭ ލިޔުމަކީ ހުރިހާ ޙާލަތެއްގައި އިތުރު ގަރީނާތަކާ ނުލައި، ހަމައެކަނި އޭގެމައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ދަރަނި ސާބިތުވާ ފަދަ ހެއްކަކަށް ބެލެވިއްޖެނަމަ ޢާންމު ޚިދުމަތްތަކާއި މަންފާތަކުގެ އަގު އަދާކުރުމުގެ ގޮތުން ދޭ  ޗެކްތަކާއި ހިބަ އާއި ވަޞިއްޔަތްފަދަ އިޙްސާންތެރި މުޢާމަލާތްތަކާ ގުޅިގެން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުވޭ  ޗެކްތައްފަދަ ވަސީލަތްތަކަކީވެސް އެފަދަ ވަސީލަތެއް ދޭފަރާތުން އަނެއްފަރާތަށް ދަރައިއޮތް ދަރަންޏެއް އަދާކުރުމުގެ ގޮތުން ދީފައިވާ އެއްޗެއްކަމަށް ބެލެވުމުގެ ފުރުޞަތު އޮންނާނެތީ އާއި، މީސްމީހުންގެ މެދުގައި ހިނގާ ދަރަނީގެ މުޢާމަލާތް ހިންގަންވާނީ އެކަން ފަހުން ސާބިތުކުރަންޖެހިއްޖެ ޙާލަތެއްގައި ސާބިތުކުރެވޭ ފަދަ ހަރުދަނާ ގޮތްތަކެއްގެ މައްޗަށް ކަމަށާއި، އެއްފަރާތުން އަނެއްފަރާތަށް ފައިސާ ނުވަތަ  ޗެކެއް ދީފައިވާކަން ސާބިތުވާ ކޮންމެ ޙާލަތަކީ އިތުރު އެހެނިހެން ޤަރީނާތަކާ ނުލައި އެ  ޗެކަކީ ދަރަންޏެއްގެ ގޮތުގައި ދީފައިވާ  ޗެކެއްކަމަކަށްވެސް އަދި ހަމައެފަދައިންމެ، އެއީ އިތުރު ޤަރީނާތަކާނުލައި އެ ޗެކް ލިބުނު ފަރާތުގެ މައްޗަށް އެ ޗެކްގައިވާ ޢަދަދަށް ދަރަނި ސާބިތުވެއްޖެކަމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ބެލެވެންޖެހޭ ފަދަ ހަރުދަނާ އަސާސެއްކަމަކަށް ނުފެންނަކަމުގައި ބަޔާންކޮށްފައިވެއެވެ.

އަދި ޗެކުން ލިބެންޖެހޭ ފައިސާއާ ގުޅިގެން މި ކޯޓުން ނިންމާފައިވާ ނިންމުން ތަކަށް ބެލުމުން، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި، ޢާންމު އުޞޫލުންނަމަ، އެއް ފަރާތުން އަނެއް ފަރާތަށް ޗެކެއް ދޫކުރާނީ އަދާކުރަންޖެހޭ އިލްތިޒާމެއްގެ ސަބަބުންކަމަށާއި، އަދާކުރަންޖެހޭ ދަރަންޏެއް ނުވަތަ ފައިސާއެއް ރައްދުކުރުމުގެ ގޮތުން ޗެކެއް ދޫކުރުމަކީ (އެނޫންގޮތަކަށް ދެފަރާތުން ސާފުކޮށް އެއްބަސްވާ ޙާލަތެއްގައި ނުވަތަ އެފަރާތްތަކުގެ ޢަމަލުން އެފަދަ އެއްބަސްވުމަކަށް ވާޞިލުވެފައިވާކަމަށް ބެލެވޭ ޙާލަތްތަކުގައި މެނުވީ) އެ ދަރަނި ޚަލާސްވީކަމުގައި ނުވަތަ އަދާކުރަންޖެހޭ ފައިސާ ރައްދުކުރެވުނީ ކަމުގައި ބަލައި އެ އިލްތިޒާމު (underlying obligation) އަދާކޮށް ނިމުނީކަމުގައި ބަލަންޖެހޭ ހާލަތެއް ނޫން ކަމުގައްޔާއި، އެފަދަ ޙާލަތެއްގައި ޗެކެއް ދޫކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ އަދާކުރަން އެއްބަސްވެފައިވާ އިލްތިޒާމާ އެކުގައި އުފުލަންޖެހޭ އިތުރު(auxiliary/collateral) އިލްތިޒާމެއް އުފެދި، އެއްބަސްވެފައިވާގޮތަށް އަދާކުރަންޖެހޭ އިލްތިޒާމަށް އިތުރު ބާރެއް ނުވަތަ ބުރަދަނެއް ލިބުންކަމުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއަކީ ދައުލަތުގެ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން ޗެކުގެ ތަބީއަތް ބަޔާންކުރާ މާއްދާއެއް ކަމުގައި އަހުރެން ދެކެމެވެ. އަދި ޗެކުން ކުރެވޭ މުޢާމަލާތްތަކުގައި ޗެކު ދޫކުރުމުން، ނުވަތަ ޗެކުގައި ފައިސާ ލިބެންވާ ފަރާތްކަމަށް އޮންނަ ފަރާތުގެ އެކައުންޓަށް އެ ޗެކުގައިވާ ފައިސާ ޖަމާވުމަކުން، އެހެން ހެކި ގަރީނާއާ ނުލައި ދެފަރާތުގެ މެދުގައި ކޮށްފައިވާ މުއާމަލާތެއް ސާބިތު ނުވާނެކަމުން، ޗެކަކަށް އެކަނި ބަލައިގެން އެކައުންޓަށް ޖަމާވާ ފައިސާއަކީ އެ ލިބޭ ފަރާތުގެ ޙައްޤެއް އޭގެ މައްޗަށް އޮތް ފައިސާ ކަމުގައި ޝަރީޢަތުން ކަނޑައެޅިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.

ހެކިތަކަށް ރިއާޔަތްކޮށްފައި ނުވުން

ދެވަނަ އިސްތިއުނާފީ ނުކުތާގައި އެމް.އެޗް.އާރު ގެ ފަރާތުން ބުނެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެޗް.އެމް.އާރު ގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތު ނުކުރެވޭ ކަމަށާއި، މި ދަޢުވާއިން ކުރިމަތި ކޮށްފައިވާ ދަފްއުތަކުގެ މެދުގައި ފުށުއެރުންތަކެއް އަރާކަމާގުޅޭ ގޮތުން އެމް.އެޗް.އާރު އިން ފާހަގަކޮށްފައިވާ ނުކުތާތަކާއި، އެމް.އެޗް.އާރު އާއި އެޗް.އެމް.އެޗް.އައި އާ ދެމެދު ދެ އަހަރެއްގެ މަތިން ފައިސާގެ މުޢާމަލާތެއް ކޮށްފައިވާކަން ސާބިތުކުރުމަށް އެމް.އެޗް.އާރު ގެ ފަރާތުން ސިވިލް ކޯޓަށާއި ހައިކޯޓަށް ހުށަހަޅާފައިވާ ހެކިތަކާއި އެ ހެކިތަކުން ސާބިތު ކުރަން ހުށަހެޅި ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާކަމުގައެވެ. އަދި އެސަބަބަށްޓަކައި ހައިކޯޓުގެ ޙުކުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.

މި ނުކުތާ ތަފްސީލުކުރަމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/50 ޤަޟިއްޔާގައި ޗެކު ދޫކުރިއިރު އެމް.އެމް.ޕީ.އާރު.ސީ ގެ ފަރާތުންވެސް ސޮއިކުރި އެޗް.އެމް.އެޗް.އައި ގެ ޕޭމަންޓް ވައުޗަރަށާއި، އެ ޗެކު ބަލައިގަތުމަށްފަހު ދޫކޮށްފައިވާ އެމް.އެމް.ޕީ.އާރު.ސީ ގެ ޕޭމަންޓް ރިސީޓު އަށް ބެލުމުން، އެ ދެ ލިޔުމުގައި ސޮއިކޮށްފައިވާ އެއިރުގެ އެމް.އެމް.ޕީ.އާރު.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ ސޮއި ދިމާނުވާކަމަށް އެމް.އެޗް.އާރު އިން ބުނެއެވެ. އަދި މިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގު ރިޕޯޓުން ވެސް ބާރުލިބޭކަން ފާހަގަކޮށް، މި ކަންކަމަށް ހައިކޯޓުން ރިއާޔަތްކޮށްފައިވެސް ނުވާކަމުގައި އެ އެމް.އެޗް.އާރު އިން ބުނެއެވެ.

މީގެ އިތުރުން، އެމް.އެޗް.އާރު ގެ ފަރާތުން އެ ކުންފުންޏާއި އެޗް.އެމް.އެޗް.އައި އާދެމެދު މުއާމަލާތް ކުރެވެމުންދާކަން ސާބިތުކޮށްދިނުމުގެ ގޮތުން އެޗް.އެމް.އެޗް.އައި އިން 21 ނޮވެމްބަރު 2017 ތާރީޚު ޖަހައި އެމް.އެޗް.އާރު އަށް ދޫކޮށްފައިވާ US$21,000/- (އެކާވީސް ހާސް އެމެރިކާ ޑޮލަރު) ގެ ޗެކެއް ހުށަހަޅާފައިވާއިރު، އެ ޗެކަކީ އެޗް.އެމް.އެޗް.އައި ގެ ނަންބަރު 0484876 ޗެކުގައިވާ ފައިސާ އެމް.އެޗް.އާރު އަށް ލިބެންޖެހޭ ކަމުގައި ސާބިތުކޮށްދެވޭނެ ހެއްކެއް ނޫންކަމަށް ހައިކޯޓުން ކަނޑައަޅާފައިވާކަމަށާއި، ދައުލަތަށް އެފަރާތުން ކުރިމަތި ކުރި ދަފްއު ސާބިތުކޮށް ނުދެވޭކަމުގައްޔާއި، ދަށު ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު، ސުވާލު އުފެދިފައިވާ (ނަންބަރު 0484876) ޗެކުގެ ފޮޓޯއެއް، ކޮޕީއެއް، ނުވަތަ މިފަދަ އެއްވެސް ނަކަލެއް ދައުލަތުން ހުށަހަޅާފައި ނުވާކަމުންނާއި، އެ ޗެކުގައިވާ ފައިސާ ނުލިބިގެން ދައުލަތުގެ ފަރާތުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވުމަކީ، އެ ޗެކުން ލިބެންވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނޫންކަމަށް ބާރުދޭ ހެކިކަމުގައިވެސް އެމް.އެޗް.އާރު އިން ބުނެއެވެ.

މި ނުކުތާއަށް ރައްދުދެމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، އެމް.އެޗް.އާރު ގެ ފަރާތުން އިސްވެ ދެންނެވުނު ފަދައިން ބަޔާންކޮށްފައިވާ ނަމަވެސް، ހައިކޯޓުގެ ނިންމުމަށް ބެލުމުން، އެމް.އެޗް.އާރު އިން ހުށަހަޅާފައިވާ ހެކިތަކަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިވާކަން އެނގޭކަމުގައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު އަށް ހަވާލާދީ، ޗެކަކީ އެއިގެ ޒާތުން މުއާމަލާތް ސާބިތުކޮށްދޭ ހެއްކެއް ނޫންކަމުގައި ބަޔާންކޮށްފައިވާ ކަމަށާއި، ހައިކޯޓުގެ ނިންމުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގު ރިޕޯޓަށް ހަވާލާދީ، އެ ރިޕޯޓުގައިވާ ކަންކަމަށް ބަލާއިރު ދައުލަތުން މައްސަލައާ ގުޅިގެން ހުށާހަޅާފައިވާ ކަންކަމަށް ބުރަވެވޭކަމަށް ހައިކޯޓުން ބަޔާންކޮށްފައިވާ ކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގަށް ޢަބްދުﷲ ޒިޔަތު ދީފައިވާ ބަޔާނަކީ ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކިތާބީ ހެކި ނަފީކުރެވޭވަރުގެ ހެއްކެއް ނޫންކަމުގައިވެސް ދައުލަތުން ފާހަގަކުރެއެވެ.

ދައުލަތުން އިތުރަށް ބުނެފައިވަނީ، ކަން އޮތީ އިސްވެ ބުނެވުނު ފަދައިން ކަމުގައިވާއިރު، އެމް.އެޗް.އާރު ގެ ފަރާތުން ކުރިމަތިކޮށްފައިވާ ބަހުސަކީ އެއިގެ ނަތީޖާއެއްގެ ގޮތުން ހައިކޯޓުގެ ނިންމުމަށް ބަދަލު އައުމުގެ އޮތް، އަދި ސުޕްރީމް ކޯޓުން އަލުން ހެކި ވަޒަން ކުރަންޖެހޭ، ހާލަތެއް ކުރިމަތި ކުރުވާ ބަހުސްތަކެއް ނޫންކަމުގައްޔާއި، އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން ގާނޫނީ ގޯހެއް ހަދާފައިވާ ކަމަށް ބުނާ ބުނުން، ނުވަތަ ވަކި ހެކިތަކަކަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަކަށް ރިއާޔަތް ކޮށްފައި ނުވާކަމަށް ބުނާ ބުނުން، ނުވަތަ ހައްގު ގެއްލި ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ބުނުމުގެ އިތުރުން، އެމް.އެޗް.އާރު ގެ ފަރާތުން އެކަންކަން ކޯޓަށް ސާފުކޮށްދިނުމުގެ ގޮތުން އިތުރު އެއްޗެއް ބުނެފައިނުވާކަމަށެވެ.

ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ މައްސަލައިގައި، ޝަރީއަތަށް ހުށަހަޅާ ދަފްއެއް ސާބިތުކުރުމުގެ މަސްއޫލިއްޔަތަކީ އެ ދަފްއެއް ކުރިމަތި ކުރި ފަރާތުގެ މައްޗަށް އޮންނަ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. މި އުސޫލު އިތުރަށް ތަފްސީލު ކުރަމުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި، ދަޢުވާ ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމާއި، އެއީ (1) ދަފްއު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް  ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމާއި، (2) ހުށަހަޅާފައިވާ ހެއްކަކީ )އަނެއް ފަރާތުން ހުށަހަޅާފައިވާ ހެއްކާ އަޅާކިޔާއިރު) އެ ދަފްއު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށްވުން ހިމެނޭކަމުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ހުށަހެޅިފައިވާ މައްސަލައަކީ ފައިސާ ހޯދުމަށް ދައުލަތުން ދައުވާކޮށްފައިވާ މައްސަލައެއް ކަމުގައިވާތީ، އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ސާބިތުކޮށްދޭން ޖެހޭނީ އެފަރާތުންނެވެ. އަދި ރައްދުގައި އެ ފައިސާއަކީ އެމް.އެޗް.އާރު އަށް ލިބެންޖެހޭ ފައިސާއެއްކަމުގައި އެ ކުންފުނިން ބުނާތީ، އެއީ އެކަން އޮތް ގޮތްކަން ސާބިތުކޮށްދިނުމަކީ އެކުންފުނީގެ މަސްއޫލިއްޔަތެކެވެ.

ސުވާލު އުފެދިފައިވާ (ނަންބަރު 0484876) ޗެކުން ލިބެންޖެހޭ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އެ ފަރާތުން ބުނަނީ (1) އދ. ފުށިދިއްގާ (ރަށްދިއްގާ) ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް އެޗް.އެމް.އެޗް.އައި އިން ހުށަހެޅި ހުށަހެޅުމަކަށް، ޝަރުޠުތަކެއްގެ ދަށުން އެ ރަށް 50 (ފަންސާސް) އަހަރު ދުވަހުގެ މުއްދަތަށް އެޗް.އެމް.އެޗް.އައި އަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުމާއި، (2) އެ ނިންމުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު އދ. ފުށިދިއްގާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމުގެ ކުލީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި ލީސް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި US$3,000,000/- (ތިން މިލިއަން އެމެރިކާ ޑޮލަރު) ދައްކަންޖެހޭނެ ކަމަށް ޝަރުތުކޮށްފައިވުމާއި، (3) އެޗް.އެމް.އެޗް.އައި ގެ ޕޭމަންޓް ވައުޗަރާއި، (4) ޗެކު ބަލައިގަތުމަށްފަހު ދޫކޮށްފައިވާ އެމް.އެމް.ޕީ.އާރު.ސީ ގެ ޕޭމަންޓް ރިސީޓަށާއި، (5) އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އެޗް.އެމް.އެޗް.އައި އިން 10 ޖަނަވަރީ 2016 ގައި ފޮނުވާފައިވާ ސިޓީ އަށް ހަވާލާދީއެވެ.

އެފައިސާއަކީ އެމް.އެޗް.އާރު އަށް ލިބެންޖެހޭ ފައިސާއެއް ކަމަށް އެފަރާތުން ބަޔާންކޮށްފައިވަނީ ސުވާލު އުފެދިފައިވާ (ނަންބަރު 0484876) ޗެކުގައި އެފަރާތުގެ ނަން ޖަހައި، އެ ޗެކު އެފަރާތުގެ އެކައުންޓަށް ޖަމާވެފައިވުމުންނެވެ. މީގެ އިތުރުން، އެ ޗެކުން އެމް.އެޗް.އާރު އަށް ލިބުނު US$50,000/- (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަކީ ކޮން މުއާމަލާތަކާ ގުޅިގެން އެފަރާތަށް ލިބިފައިވާ ފައިސާއެއް ކަމާމެދު އެއްވެސް މަރުހަލާއެއްގައި އެމް.އެޗް.އާރު ގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ. އެމް.އެޗް.އާރު އިން ބުނެފައިވަނީ އެ ކުންފުންޏާއި އެޗް.އެމް.އެޗް.އައި އާދެމެދު ވިޔަފާރީގެ މުޢާމަލާތްތައް ކުރެވެމުންދާތީ، ދެފަރާތުގެ މެދުގައި ފައިސާ ބަދަލުކުރެވޭ ކަމަށެވެ. އަދި މިގޮތުން އެޗް.އެމް.އެޗް.އައި އިން އެމް.އެޗް.އާރު އަށް ދޫކޮށްފައިވާ US$21,000/- (އެކާވީސް ހާސް އެމެރިކާ ޑޮލަރު) ގެ ޗެކެއް އެމް.އެޗް.އާރު އިން ހުށަހަޅާފައިވެއެވެ.

ދައުލަތުން ހުށަހަޅާފައިވާ ޕޭމަންޓް ވައުޗަރާއި ޕޭމަންޓް ރިސީޓާ ގުޅިގެން އެމް.އެޗް.އާރު ގެ ފަރާތުން ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެއީ އެ ޕޭމަންޓް ވައުޗަރުގައި ސޮއިކޮށްފައިވަނީ އެމް.އެމް.ޕީ.އާރު.ސީ ގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ނޫން ކަމުގައި ބުނެ ހުށަހެޅި ކަންތައްތަކާއި، ޕޭމަންޓް ރިސީޓްއޮތީ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ޝަކުލިއްޔާތު ފުރިހަމަވާ ފަދައަކުން ނޫންކަމުގައި ބުނެ ހުށަހެޅި ކަންތައްތަކެކެވެ.

މައްސަލައިގެ ދެ ހަސްމުން އެފަރާތުން ކުރިމަތި ކުރި ދަފްއު ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެކި މިނެކިރާއިރު، ބަހުސްގެ ބޭނުމަށްޓަކައި ޗެކު ދޫކުރިއިރު ޕޭމަންޓް ވައުޗަރުގައި ސޮއިކޮށްފައިވަނީ އެމް.އެމް.ޕީ.އާރު.ސީ ގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ނޫން ކަމުގައި ބެލި ނަމަވެސް، އަދި އެމް.އެމް.ޕީ.އާރު.ސީ އިން ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގައިވާ ފަދައިން އަމަލުކުރަންޖެހޭ ކަމުގައި ބަލައި، ޕޭމަންޓް ރިސީޓަކީ އެގަވާއިދުގައިވާ ޝަކުލިއްޔާތު ފުރިހަމަނުވާ ލިޔުމެއް ކަމުގައި ބެލިނަމަވެސް، އިސްވެ (ޕެރެގްރާފް 32 ގައި) ބަޔާންކޮށްފައިވާ އުސޫލުތަކުގެ އަލީގައި ހަސްމުން ހުށަހަޅާފައިވާ ހެކި ޤަރީނާ މިނެ ކިރާއިރު، ދައުލަތުގެ ފަރާތުން އެފަރާތާއި އެޗް.އެމް.އެޗް.އައި އާ ކުރެވުނު މުއާމަލާތާއި، އެ ޗެކު ދައުލަތަށް ލިބުނުކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކި ހުށަހަޅާފައިވާތީ، އަހުރެންނަށް ބުރަވެވެނީ އެ ޗެކުން އެމް.އެޗް.އާރު އަށް ލިބުނު ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމުގައެވެ. އެމް.އެޗް.އާރު އަށް ބުނެވުނު ފައިސާ ލިބިފައިވާ ކަމުގައި ވީނަމަވެސް، އެއީ އެފަރާތަށް ކޮން ބާވަތެއްގެ ކޮން މުއާމަލާތަކުން ލިބެންޖެހޭ ފައިސާއެއްކަމެއް އެކުންފުނިން ބަޔާންކޮށްދީފައި ނުވުމުގެ އިތުރުން، އެމް.އެޗް.އާރު އާއި އެޗް.އެމް.އެޗް.އައި އާދެމެދު ވިޔަފާރީގެ މުޢާމަލާތްތައް ކުރެވެމުން ދިއުމަކީ ނަންބަރު 0484876 ޗެކުގެ ފައިސާ އެ ފަރާތަށް ލިބެންޖެހޭކަމަށް ދަލާލާތުކޮށްދޭ ކަމެއް ނޫނެވެ.

މައްސަލައަށް ހައިކޯޓުން ގޮތް ކަނޑައެޅުމުގައިވެސް އަމަލުކުރައްވާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާއާ ހަވާލާދީ އިސްވެ ބަޔާންކުރެވުނު ގޮތަށް ކަމުން، އެމް.އާރު.އެޗް ގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ހުށަހަޅާފައިވާ ހެކިތަކާއި އެ ހެކިތަކުން ސާބިތު ކުރަން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަކާ ނުލައި ކަމުގައި އަހުރެން ނުދެކެމެވެ.

ޗެކަކީ ދައުލަތަށް ދޫކޮށްފައިވާ ޗެކެއްކަމުގައި ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށް؟

ދައުލަތުން އެމް.އެޗް.އާރު ގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ އަދި އެ ދަޢުވާ ބިނާ ކޮށްފައިވާ އަސާސެއްވެސް ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާ ހިނދު، ޙަވާލާދޭ (ނަންބަރު 0484876) ޗެކުގައި ބަޔާންކުރާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ އަޙުމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާއާ ޚިލާފަށް، އަދި އެހެންކަމުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) ވަނަ ނަންބަރާއި ޚިލާފަށް ކަމަށް އެމް.އެޗް.އާރު އިން ބުނެ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ.

ހަމަ އެއާއެކު، އެޗް.އެމް.އެޗް.އައި ގެ (ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ) ނަންބަރު 0484876 ޗެކަކީ އެކުންފުނިން އެމް.އެމް.ޕީ.އާރު.ސީ އަށް ދޫކޮށްފައިވާ ޗެކެއް ކަމަށާއި، އެ ޗެކުގައި އެކައުންޓް ޕޭއީ ނުޖަހައި ދެވުނު ކަމަށް އެޗް.އެމް.އެޗް.އައި އިން ބުނާއިރު، އެކަން އޮތީ އެ ނޫން ގޮތަކަށްކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު، އެ ގޮތުގައި އެކަން އޮތް ކަމަށް ބުރަވެވޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/146 ޤަޟިއްޔާއާ ޚިލާފަށް ކަމުގައިވާތީ، ހައިކޯޓުގެ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަމަށް ވެސް އެމް.އެޗް.އާރު އިން ބުނެއެވެ.

އެމް.އެޗް.އާރު ގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ދެންނެވުނު ދެ ނުކުތާގައި ބަޔާންކޮށްފައިވަނީ ދަފްއު ސާބިތުކުރުމާގުޅޭ ކަންކަން ކަމުގައި ވެފައި، މި ރައުޔުގައި 'ހެކިތަކަށް ރިއާޔަތްކޮށްފައި ނުވުން' މި ސުރުހީގެ ދަށުގައި، ދަފްއު ސާބިތުކުރުމާއި ހެއްކަށް ބުރަދަން ދިނުމާގުޅޭ ކަންކަން ހިމަނާފައިވާތީ، މި ނުކުތާއާ ގުޅިގެން އިތުރުކަމެއް ފާހަގަކުރަންޖެހޭ ކަމުގައި ނުދެކެމެވެ.

މުޢާމަލާތަކީ ބާޠިލު ކޮންޓްރެކްޓެއްގެ މައްޗަށް ހިނގާފައިވާ މުޢާމަލާތެއްތޯ؟

ދައުލަތަށް ލިބެންޖެހޭކަމަށް ބުނެ ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާގެ ދަޢުވާ ބިނާކޮށްފައިވާ މުޢާމަލާތަކީ ބާޠިލު ކޮންޓްރެކްޓެއްގެ މައްޗަށް ހިނގާފައިވާ ޤާނޫނާ ޚިލާފު މުޢާމަލާތެއް ކަމަށާއި، ބާޠިލު ކޮންޓްރެކްޓެއްގެ ދަށުން އުފެދިގެންދާ އިލްތިޒާމަކީ އޭގެ ޒާތުގައި ޞައްޙަ ނޫން އަދި ތަންފީޛު ކޮށްދެވޭނެ އެއްޗެއް ނޫންކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އެމް.އެޗް.އާރު ގެ ފަރާތުން އެ ކޯޓަށް ހުށަހެޅި ނުކުތާއަށް އެ ކޯޓުން ގޮތެއް ކަނޑައެޅުމަކާ ނުލައި ޙުކުމްކޮށްފައިވަނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އެމް.އެޗް.އާރު އިން ބުނެއެވެ.

މި އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ އެމް.އެޗް.އާރު ގެ ފަރާތުން ދަށުކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއަކަށް ނުވުމުގެ އިތުރުން، އެމް.އެޗް.އާރު އަށް އެއިގެން މަންފާ ލިބުނު ޗެކާ ގުޅޭ މުއާމަލާތަކީ އެ ކުންފުނި ބައިވެރިވާ ނުވަތަ އެ ކުންފުނީގެ މަސްލަހަތެއް ހިމެނޭ މުއާމަލާތެއް ނޫންކަމުން، އަދި ދަށުކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައިގެ މައުލޫއަކީ ޤާނޫނީގޮތުން މުޢާލަމާތުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ގޮތުން ހުށަހެޅުނު ދައުވާއަކާގުޅޭ މައްސަލައެއް ކަމުގައިނުވާތީ، މި މައްސަލައިގެ ތެރެއިން އެ ސުވާލު އުފެއްދުމުގެ ހައިސިއްޔަތު އެމް.އެޗް.އާރު އަށް ލިބިގެން ނުވާކަމުގައި ދައުލަތުގެ ފަރާތުން އެ އިސްތިއުނާފީ ނުކުތާގެ ރައްދުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައްޔާއި، އެއަށްފަހު ނިންމުނު ސުޕްރީމް ކޯޓުގެ އެހެން ގިނަ މައްސަލަތަކެއްގައި ނިންމާފައިވާ ފަދައިން، ދަށުކޯޓުގައި ފާހަގަ ކޮށްފައިނުވާ ނުކުތާއެއް ހައިކޯޓުގައި ހުށަހެޅުމުން، އެކަން އެކޯޓުން ބަލައިގަނެ ގޮތެއް ކަނޑައެޅުމަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތެއް ނޫނެވެ.

އެހެންނަމަވެސް، ދަށުކޯޓުގައި މައްސަލައާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް ފަނޑިޔާރު މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު، މައްސަލަ ކުރިއަށް ދިޔައިރު ކަމެއްގައި ވަކި ގޮތަކަށް މާނަކުރެވެން އޮތްކަމުގެ އިހުތިމާލު އޮތްކަން ހަސްމަކު އަންދާސާ ނުކުރާ، ނުވަތަ ވަކި ކަމަކަށް ހީނުކުރާ ފަދަ ބުރަދަނެއް ދީފައިވާނަމަ، އެކަމުގެ މައްޗަށް ބިނާކޮށް، ނިންމުން ރަނގަޅު ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން އެކަމަކާ ސީދާ ގުޅުންހުރި އެހެނިހެން އައު ހެކި ނުވަތަ އައު ވާހަކަތަކެއް ދެއްކުމުގެ ފުރުޞަތު އިސްތިއުނާފީ މަރުހަލާގައި ދެވުމުގެ ފުރުސަތު އޮވެއެވެ.

މިއީ އިސްތިއުނާފީ މަރުހަލާގައި އައު ނުކުތާއެއް ހުށަހެޅޭ ފަދަ ހާލަތެއްގައި އެމް.އެޗް.އާރު ގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގެ މައްޗަށް ބަލާއިރު، އެމް.އެޗް.އާރު އިން ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކޮށްފައި ނުވާތީ، ދައުލަތުން ބުނާ ޗެކު ދޫކުރުމުގެ މުޢާމަލާތާމެދު އެމް.އެޗް.އާރު އިން ސުވާލު އުފައްދާފައިވަނީ އެފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއެއްގައެއް ނޫނެވެ. އެއީ ހައިކޯޓަށް ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއެއްގެ ރައްދުގައި އެމް.އެޗް.އާރު އިން ހުށަހަޅާފައިވާ ނުކުތާއެކެވެ. އަދި އެ ނުކުތާއަކީ ދަފްއު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހުމާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ދީފައިވާ ރައްދެއް ކަމުގައިވުމުން، މިއީ އިސްވެ (ޕެރެގްރާފް 45 ގައި) ފާހަގަކޮށްފައިވާ ހާލަތެއްގައި ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަން އެނގެއެވެ.

މީގެ އިތުރުން، އެމް.އެޗް.އާރު އިން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޒުލައިޚާ ޙަފީޘާ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މައްސަލައާއި މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މައްސަލައިގައި ކޯޓުތަކުން ދަޢުވާ ބަލައިގަތުމުގެ ހައިސިއްޔަތު އޮތުމާމެދު އަންނަވި ފަދައިން ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު ބަޔާންކުރައްވާފައިވެއެވެ.

"ކޯޓުތަކުން ދަޢުވާ ބަލައިގަތުމުގައި، ދަޢުވާ ކުރާ ފަރާތަކީ ދަޢުވާ ކުރުމުގެ މަސްލަހަތު އޮތުމުގެ އިތުރުން އެ ދަޢުވާ ކުރުމުގެ ހައިސިއްޔަތު  ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ. މިއީ އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުންވެސް މައްސަލަ ބަލައިގަތުމުގައި ރިޢާޔަތް ކުރަންޖެހޭ ކަމެކެވެ. ޤާނޫނީ ގޮތުން މައްސަލައެއްގައި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާނަމަ، ޢާންމު އުސޫލެއްގެ ގޮތުން އެ ދަޢުވާ ކޯޓުތަކުން ކުރިއަށް ނުގެންދެވޭނެއެވެ."

ދައުވާ އުފުލުމުގެ ހައިސިއްޔަތާއި ގުޅިގެން ފާހަގަކޮށްފައިވާ މި އުސޫލަކީ ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން ކުރިމަތިކުރާ ދަފްއުތަކާއި ސުވާލުތަކުގެ މައްޗަށްވެސް އެ އުސޫލު ހިނގާ ކަންކަމެވެ. އެހެނީ ވަކި މައްސަލައެއް ނުވަތަ ކަމަކާމެދު ވަކި ގޮތަކަށް ދެކުމަކީ ނުވަތަ އެކަމަކާމެދު ޝައުގުވެރިކަމެއް ހުރުމަކީ އެ މައްސަލައެއް ނުވަތަ ކަމުގެ މައްޗަށް އެފަރާތުގެ މަސްލަހަތެއް އޮތް ކަމުގައި ޤާނޫނީ ގޮތުން ބެލެވޭނެ ހާލަތެއް ނޫނެވެ. އެ މައްސަލައަކީ ނުވަތަ ކަމަކީ އެފަރާތެއްގެ މަސްލަހަތު އޮތް ކަމެއް ކަމުގައިވާނަމަ، އެފަރާތުގެ އަމިއްލަ ޤާނޫނީ ހައްގެއް އެކަމުގައި އޮންނަންވާނެއެވެ. ނުވަތަ އެކަމެއްގެ ސަބަބުން އޭނާއަށް އާންމުކޮށް މީހުންނަށް އަސަރުކުރާ މިންވަރަށް ވުރެ ބޮޑަށް އަސަރުކޮށްފައިވާންވާނެއެވެ.

މި މައްސަލައަށް ބަލާއިރު، ދަޢުވާކޮށްފައިވަނީ ޗެކަކުން ދައުލަތަށް ލިބެންޖެހޭ ފައިސާއެއް އެމް.އެޗް.އާރު ގެ އެކައުންޓަށް ޖަމާވެފައިވުމުން، އެ ފައިސާ ހޯދުމަށް ކަމުގައިވެފައި، އެ ޗެކުން އެމް.އެޗް.އާރު އަށް ލިބުނު ފައިސާއަކީ އެކުންފުނިން ކޮށްފައިވާ މުއާމަލާތެއްގެ ދަށުން އެކުންފުންޏަށް ލިބުން ހައްޤު ފައިސާއެއް ކަމުގައި ދެއްކިފައިނުވާތީ، އެ މުއާމަލާތެއްގެ ދަށުން ޗެކު ދޫކުރެވުނު މުއާމަލާތުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ހައިސިއްޔަތު އެމް.އެޗް.އާރު އަށް ލިބިގެންވާކަމާމެދު ސުވާލު އުފެދެއެވެ.

މީގެ އިތުރުން، ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމުތަކާއި އެ ފަދަ ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ ހުސޫމާތްތަކަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުގެ ދަށުން އެ ކޮންޓްރެކްޓެއްގެ ބައިވެރިންނަށް އެކަމުގެ މައްޗަށް ބަސްބުނެ ހެދުމުގެ ފުރުސަތު އޮންނަ ކަންކަމެވެ. އެނޫންގޮތަކަށް ބުނާނަމަ، ކޮންޓްރެކްޓެއްގެ ދަށުން ހައްގުތައް ލިބިދެނީ އެ ކޮންޓްރެކްޓެއްގެ ބައިވެރިންނަށެވެ. ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުގެ އިސްތިސްނާ ތަކެއް ހުރިނަމަވެސް، މިއީ އެއިން އިސްތިސްނާއަކަށް ފެތޭ ހާލަތެއް ނޫންކަމުން އެ މުއާމަލާތުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ހައިސިއްޔަތު އެމް.އެޗް.އާރު އަށް ލިބިގެން ނުވެއެވެ.

ނިންމަން ފެންނަގޮތް

އިސްވެ ބަޔާންކޮށްފައިވާ ފަދައިން، ޗެކުން ކުރެވޭ މުޢާމަލާތްތަކުގައި ޗެކަކީ ހަމައެކަނި އޭގެ މައްޗަށް ބިނާކޮށް މުއާމަލާތް ސާބިތުކުރުމަށް ފުދޭ ހެއްކެއް ކަމުގައި ނުވާތީއާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ދެފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާ މިނެކިރާ، އެ ހެކިތަކުން ސާބިތު ކުރަން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށްވާތީ، މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމުގައި ނިންމަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/50 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވޭނެ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/50 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ