ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2021] SC 73
2021/SC-A/43
ޝަރީޢަތް ނިމުނުގޮތް
ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު
16 އޮގަސްޓް 2021
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2020/HC-A/42
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް
މުޙައްމަދު ޞަދީފް، މއ. ރެޑްހެވަން، މާލެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް
ބަދަލުގައި: އަލްއުސްތާޛް އަޙްމަދު ނާޘިމް ޢަބްދުއްސައްތާރު، ލިޓިޖަންޓް ބަދަލުގައި: އަލްއުސްތާޛް ނޫރުއްސަލާމް އަބޫބަކުރު، ލެގްޒަވީ ޗެމްބަރސް އެލް.އެލް.ޕީ
ވަގުތީ އަމުރު - ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު – ތަދާރުކު ނުކުރެވޭ ގެއްލުން – ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤު - ހިއްސާ ބަދަލުކުރުން – ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު – ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު – ޓޫރިސްޓް ރިސޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ޤަވާޢިދު
` ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ވަގުތީ އަމުރެއް ނެރެދިނުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/42 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމުގައި ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0456/2011) އިން (މީގެ ފަހުން ރިޖްވުޑް) ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މުޙައްމަދު ޞަދީފް އަށެވެ.
ސިވިލް ކޯޓުން ބެލި މައުޟޫޢީ މައްސަލަ
ނ. ކުރެދިވަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެ ރަށުގެ ހެޑްލީސް ރައިޓްސް ލިބިފައިވާ ޒެން ރިސޯޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0510/2013) އަށް (މީގެ ފަހުން ޒެން ރިސޯޓް) އެ ރަށުގެ ހެޑްލީސް ރައިޓްސް ލިބިގަތުމަށްޓަކައި އެކުއިޒިޝަން ކޮސްޓާއި އަދި އެ ނޫންވެސް ފައިސާ ދައްކައިދީފައިވަނީ ޒެން ރިސޯޓްގެ މެޖޯރިޓީ ހިއްސާދާރުގެ ހައިސިއްޔަތުން ރިޖްވުޑް އިންނެވެ. ރިޖްވުޑްގެ މައިގަނޑު އެސެޓެއްގެ ގޮތުގައި އޮތީ ޒެން ރިސޯޓްގައި އޮތް އެ ކުންފުނީގެ %90 (ނުވަދިހަ އިންސައްތަ) ހިއްސާއެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު މައުޟޫޢީ މައްސަލައަކީ ރިޖްވުޑްގެ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ މއ. ރެޑްހެވަން، މުޙައްމަދު ޞަދީފް އާއި ޕޮލެންޑްގެ ރައްޔިތުންކަމުގައިވާ އާރކާޑިއުސް މާޗެއި މެޖެސްކާ އާއި ޖޮއިއަނާ ޑިމިނިކާ މެޖެސްކާ އަށް ނޭނގި މި ފަރާތްތަކުގެ ޙައްޤު ގެއްލޭ ގޮތަށް ޒެން ރިސޯޓްގައި އޮތް ރިޖްވުޑްގެ ހިއްސާ ބަދަލުކޮށްފައިވާތީ ހިއްސާ ބަދަލުކުރުމުގެ މުޢާމަލާތަކީ ބާޠިލު މުޢާމަލާތެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި މި ތިން ފަރާތުން ހުށަހެޅި މައްސަލައެވެ. މި މައްސަލަ ރައްދުވަނީ ރިޖްވުޑް ހޮޓެލްސްގެ އިތުރުން ޕޮލެންޑްގެ ހަތަރު ރައްޔިތުންގެ މައްޗަށެވެ. އަދި މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4699/Cv-C/2019 ޤަޟިއްޔާއިންނެވެ.
ނެރެދިނުމަށް އެދުނު ވަގުތީ އަމުރު
މުޙައްމަދު ޞަދީފްގެ ފަރާތުން އެދިފައިވަނީ، ނ.ކުރެދިވަރު ރިސޯޓްގެ ހެޑްލީސް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމް ނުވަތަ އެހެން ފަރާތަކުން ވިޔަސް ނުދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. މި ފަދައިން ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނު ސަބަބަކީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައުޟޫޢީ މައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކުރުމުގެ ކުރިން ނ. ކުރެދިވަރު ރިސޯޓުން ލިބޭ މަންފާއިން މުޙައްމަދު ޞަދީފް މަޙްރޫމުކޮށް އެހެން ބަޔަކަށް އެ ރިސޯޓުގެ ހެޑްލީސް ވިއްކާލައިފިނަމަ ނުވަތަ އެފަދަ މުޢާމަލާތަކަށް މަގުފަހިވެފައި އޮވެއްޖެނަމަ، މުޙައްމަދު ޞަދީފަށް ލިބިގެންވާ މުޤާބިލަށް ހުރަސް އެޅޭނެ ކަމަކަށްވާތީ ކަމުގައި މުޙައްމަދު ޞަދީފް އެ މައްސަލައިގައި ބުނެފައިވެއެވެ.
މުޙައްމަދު ޞަދީފްގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނެރުމަށް އެ އަމުރު ރައްދުވާ ފަރާތްކަމުގައިވާ މިނިސްޓްރީ އޮފް ޓޫރިޒަމުންނާއި، ސިވިލް ކޯޓުގައި ކުރިއަށްދާ މައުޟޫޢީ މައްސަލަ ރައްދުވާ ފަރާތްތަކުން އިންކާރު ކޮށްފައިވެއެވެ.
ވަގުތީ އަމުރު ރައްދުވާ ފަރާތްކަމުގައިވާ މިނިސްޓްރީ އޮފް ޓޫރިޒަމުން ވަގުތީ އަމުރު ނެރެދިނުމަށް އިންކާރު ކޮށްފައިވަނީ، ވަގުތީ އަމުރުން ހޯދުމަށް އެދޭ ރައްކާތެރިކަން ލިބިދެވޭނެ އިޖުރާއަތަކީ ޓޫރިސްޓް ރިސޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގައި ބަޔާންވެފައިވާ އިޖުރާއަތެއްކަމުގައި ވާތީ ކަމަށް އެ ފަރާތުން ސިވިލް ކޯޓުގައި ހާމަކޮށްފައިވެއެވެ.
ވަގުތީ އަމުރާމެދު ސިވިލް ކޯޓުން ނިންމި ގޮތް
މި މައްސަލައިގައި ސިވިލް ކޯޓުގައި މުޙައްމަދު ޞަދީފް އެދިފައިވާ ވަގުތީ އަމުރު ނެރެދީފައި ނުވެއެވެ. މިފަދައިން ސިވިލް ކޯޓުން ނިންމުމުގައި އަންނަނިވި ސަބަބުތައް އެ ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
ނ. ކުރެދިވަރު އެވެ ކިޔުނު ރަށަކީ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޒެން ރިސޯޓްއަށް ސަރުކާރުން ދޫކޮށްފައިވާ ރަށެއްކަން.
ޒެން ރިސޯޓްއަކީ ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، މެމްބަރުންނާ ވަކިން އުފެދިފައިވާ އަމިއްލަ ޝަޚްޞެއްކަން.
ޒެން ރިސޯޓްއަކީ މުޙައްމަދު ޞަދީފްގެ ހިއްސާއެއް އޮތް ކުންފުންޏެއް ނޫންކަން.
މުޙައްމަދު ޞަދީފްގެ ހިއްސާ އޮންނަ ރިޖްވުޑް، ޒެން ރިސޯޓްގެ ހިއްސާދާރަކަށް ވުމަކީ ޒެން ރިސޯޓްގެ މުދަލެއްގެ މައްޗަށް މުޙައްމަދު ޞަދީފްގެ ޝަޚްޞީ ހައްގެއް އޮތްކަމަށް ބެލެވޭ ކަމެއް ނޫންކަން.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
މުޙައްމަދު ޞަދީފް އެދިފައިވާ ފަދައިން ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެނުދިނުމަށް ނިންމުމުން، އެކަމާމެދު ހިތްހަމަ ނުޖެހިގެން މުޙައްމަދު ޞަދީފް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފު ރައްދުވެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށެވެ. އަދި މި މައްސަލަ ހައިކޯޓުގައި ކުރިއަށް ދަނިކޮށް މި މައްސަލައަށް ރިޖްވުޑްއިން ތަދައްޚުލުވެފައިވެއެވެ.
މި އިސްތިއުނާފުގައި މުޙައްމަދު ޞަދީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެ ނުދިނުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުން ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން މި މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުން ބާޠިލު ކޮށްފައިވެއެވެ. އަދި މި ފަދައިން ނިންމުމުގައި އަޣްލަބިއްޔަތު ރައުޔުގައި އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެއެވެ.
މުޙައްމަދު ޞަދީފްއަކީ ރިޖްވުޑްގެ ހިއްސާދާރެއްކަމުގައި ވެފައި، ޒެން ރިސޯޓްގެ %90 (ނުވަދިހަ އިންސައްތަ) ހިއްސާ އޮތީ ރިޖްވުޑްގައި ކަމުން ޒެން ރިސޯޓަކީ ރިޖްވުޑްއިން ކޮންޓްރޯލް ކުރާ ކުންފުންޏަކަށްވާތީ، ޒެން ރިސޯޓްގެ މާލީ ހާލަތަކީ އެ ކުންފުނި ކޮންޓްރޯލްކުރާ ރިޖްވުޑްގެ ހިއްސާދާރުންގެ މަސްލަހަތު އޮންނާނެ ކަމެއް ކަމުގައިވާތީ، މުޙައްމަދު ޞަދީފަށް މި މައްސަލައިގައި ވަގުތީ އަމުރަށް އެދުމުގެ ސިފަ ނުވަތަ ހައިސިއްޔަތު ލިބިގެންވާކަން.
ޒެން ރިސޯޓްގައި އޮތް ރިޖްވުޑްގެ ހިއްސާ ބަދަލުކުރުމާ ގުޅޭ މައުޟޫޢީ މައްސަލައަށް ބަލާއިރު، އެ ކުންފުނީގެ ހިއްސާ ބަދަލުކޮށްފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ރިޖްވުޑްގެ ހިއްސާދާރުންނަށްވާތީ، އެ ކުންފުނީގައި ބާކީ ތިބި ހިއްސާދާރުންގެ ޙައްޤުތަކަށް މިކަމުގެ ސަބަބުން ބަދަލު އަންނާނެތީ، މި މައްސަލައިގައި މުޙައްމަދު ޞަދީފަށް ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަން.
މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ޒެން ރިސޯޓުގެ އެންމެ އަގު ބޮޑު އެސެޓް ވިއްކާލައިފިނަމަ، އެކަމުގެ މަންފާ ލިބިގެންދާނީ ޒެން ރިސޯޓުގެ މިހާރުގެ ހިއްސާދާރުންނަށް ކަމުގައިވާތީ، އެ މައްސަލައިގައި ގޮތެއް ކަނޑައެޅުން ލަސްވެއްޖެނަމަ، ކުރިމަތިވެދާނެ ގެއްލުމެއް އޮތްކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދު
މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރު ނެރެދިނުމަށް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ރިޖްވުޑްގެ ފަރާތުން މައިގަނޑު ދެ ނުކުތާއެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކާ ޚިލާފަށް މި މައްސަލައިގައި މުޙައްމަދު ޞަދީފުއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަމަށާއި، ވަގުތީ އަމުރަށް އެދުމުގެ ސިފަ ނުވަތަ ހައިސިއްޔަތު މުޙައްމަދު ޞަދީފަށް ލިބިގެންވާ ކަމަށާއި، ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ، މުޙައްމަދު ޞަދީފަށް ލިބިދާނެ ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިއީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވާ އެންމެ ފުރަތަމަ ހަތަރު ނުކުތާގައި ރިޖްވުޑްގެ ފަރާތުން ފާހަގަ ކޮށްފައިވާ ކަންކަމެވެ.
އިސްތިއުނާފީ މައިގަނޑު ދެވަނަ ނުކުތާއަކީ، ވަގުތީ އަމުރެއް ނެރެދިނުމުގައި ބޮޑަށް ގެއްލުން ލިބޭނެ ފަރާތެއް ވަޒަންކުރަންވާނެ ކަމަށް ހައިކޯޓުގެ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހިމް މަނިކު މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް މި މައްސަލަ ނިންމާފައިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށްފަހު، ރިޖްވުޑްގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކަށް ރައްދުދެމުން މުޙައްމަދު ޞަދީފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ފާހަގަކޮށްފައިވަނީ، މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. މި ގޮތުން މި މައްސަލައިގައި މުޙައްމަދު ޞަދީފަކީ ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތެއްކަމަށާއި، ވަގުތީ އަމުރު ނެރެ ނުދީފިނަމަ، ކުރިމަތިވާނެ އިޢާދަނުކުރެވޭ ގެއްލުމެއް މި މައްސަލައިގައި އޮތްކަމަށާއި، ވަގުތީ އަމުރުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް މި މައްސަލައިގައި އޮތްކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުން އެ ގޮތުގައި ދަމަހައްޓައި ދިނުމަށެވެ.
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ
މި މައްސަލައިގައި ދެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރާއިރު، ޝަރީޢަތުން މި މައްސަލައިގައި ގޮތެއް ނިންމަންޖެހޭ ކަމަކީ، މި މައްސަލައިގައި ވަގުތީ އަމުރު ނެރުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައަކީ ކުންފުންޏާ ގުޅުން ހުރި މައްސަލައެއް ކަމުގައިވާތީ މި ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ކަމާ ގުޅުންހުރި އުސޫލުތަކަށް ރިޢާޔަތްކުރަން ގަސްދުކުރަމެވެ.
ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު
ކުންފުންޏެއް ރަޖިސްޓްރީވުމުގެ މައްޗަށް ނުކުންނަ އެންމެ ބޮޑު ނަތީޖާއަކީ، ކުންފުންޏަކީ، އެ ކުންފުނީގެ މެމްބަރުންނާ ވަކިން އުފެދިފައިވާ ވަކި ޤާނޫނީ ޝަޚްޞަކަށް ވެގެން ދިއުމެވެ. ކުންފުންޏަކަށް ޤާނޫނީ ޝަޚްޞިއްޔަތެއް ލިބުމުގެ ނަތީޖާގެ މައްޗަށް އިތުރު އެތައް ނަތީޖާތަކެއް ތަރުތީބުވެގެން އާދެއެވެ. މި ގޮތުން އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، މުދާ ހޯދުންފަދަ ކަންކަން ކުރުމުގެ ބާރު ކުންފުންޏަށް ލިބިގެންދެއެވެ. މި ދެންނެވުނު ކަންކަން ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި އިތުރަށް ތަފުސީލު ކޮށްދީފައި ވެއެވެ. ތިރީގައި މިވަނީ ޤާނޫނުގެ އެ އަކުރެވެ.
"މި ޤާނޫނުގައިވާ ގޮތުގެމަތިން، ކޮންމެ ކުންފުންޏެއް ރަޖިސްޓަރީ ވުމުން، އެ ކުންފުންޏަކީ، ކުންފުނީގެ ކަންކަމުގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބުނެފައިވާ ނަމުގައި، މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ."
ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ކުންފުނީގެ ޤާނޫނީ ޝަޚްޞުގެ މަފްހޫމު ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލަތަކުގައި އިތުރަށް ޝަރަޙަކޮށް، ތަފުސީލު ކޮށްފައިވެއެވެ. އެ ގޮތުން ފާހަގަ ކުރެވޭ އެއް ޤަޟިއްޔާއަކީ، މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފް މައްސަލައެވެ. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި އެހެން މަޞްދަރުތަކާ ޙަވާލާދީ އަންނަނިވި ފަދައިން ލިޔުއްވާފައިވެއެވެ.
"ކުންފުންޏެއް ރަޖިސްޓަރީ ވުމާއެކު އެ ކުންފުންޏަކީ އެ ކުންފުނީގެ ހިއްސާދާރުންނާ މުޅިންވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްސެކެވެ. އެހެންކަމުން ކުންފުނި އުފެދުމާއެކު، ކުންފުނީގެ ހައްގުތަކާއި އިލްތިޒާމްތަކަކީ އެޝަޚްސުގެ އަމިއްލަ އެއްޗެކެވެ. ހިއްސާދާރުންގެ އެއްޗެއް ނޫނެވެ. ކުންފުނީގެ އެންމެހާ މުދަލެއްމެ މިލްކުވެގެންވަނީ ކުންފުންޏަށެވެ. ހިއްސާދާރުންނަކަށްނޫނެވެ. ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދެނީވެސް ކުންފުނިންނެވެ. ހިއްސާދާރުންނެއް ނޫނެވެ. އެކިއެކި ފަރާތްތަކާ އެކު މުއާމަލާތު ކުރަނީވެސް ކުންފުންޏެވެ. ހިއްސާދާރުންނެއް ނޫނެވެ. ކުންފުނިންކުރާ މުއާމަލާތުތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ދަރާ ދެރުން ތަކަކީ ކުންފުނީގެ ދަރަންޏެވެ. ހިއްސާދާރުންގެ ދަރަންޏެއް ނޫނެވެ. ކުންފުނިން ކުރާ މުއާމަލާތުތަކާ ގުޅިގެން ލިބޭ ފައިދާ އަކީ ކުންފުނީގެ ފައިދާ އެވެ. ހިއްސާދާރުންގެ ފައިދާއެއް ނޫނެވެ. ކުންފުނީގެ މިލްކުވެރީންނަކީ ކުންފުނީގެ ހިއްސާދާރުން ކަމަށްވިޔަސް، އަދި ކުންފުނި ކޮންޓްރޯލް ކުރަނީ ހިއްސާދާރުން ކަމަށްވިޔަސް އަދި ކުންފުނީގެ ވިޔަފާރި ރާވައި ހިންގަނީ ހިއްސާދާރުން ކަމަށް ވިޔަސް އެ ހިއްސާދާރުންނަކީ ކުންފުނިންކުރާ މުއާމަލާތުތަކުގެ ބައިވެރިންނެއް ނޫނެވެ. ހިއްސާދާރުންނަކީ އެ މުއާމަލާތުތަކުގެ ޒިންމާ ޒާތީގޮތުން އުފުލަންޖެހޭ ބައެއް ނޫނެވެ. އަދި ކިއެއްތަ، ކުންފުންޏަކީ ހިއްސާދާރުންގެ ވިޔަފާރިއާއި މިލްކިއްޔާތުގެ އެޖެންޓެއް ނުވަތަ ޓްރަސްޓީއެއް ވެސް ނޫނެވެ. އެހެންކަމުން ކުންފުނީގެ ހިއްސާދާރަކަށް، ކުންފުނީގެ އެއްވެސް މުދަލެއްގެ މައްޗަށް ޤާނޫނީ ނުވަތަ އިކުއިޓަބްލް މަސްލަހަތެއް ނޯންނާނެއެވެ."
މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފް މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ތަފުސީލު ކުރައްވާފައިވާ ކުންފުނީގެ ޤާނޫނީ ޝަޚްޞުގެ މަފްހޫމު މުޙައްމަދު އިބްރާހީމްދީދީ ވ. އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި އިތުރު ދެ ފަރާތެއް މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްވެސް އެ މޭރުމުން ފާހަގަ ކުރައްވާފައިވެއެވެ.
ވަގުތީ އަމުރު ނެރުމާގުޅޭ އުސޫލުތައް
ރާއްޖޭގައި ވަގުތީ އަމުރު ނެރުމާ ގުޅޭ ޤާނޫނީ އުސޫލުތަކަށް ބަލާއިރު، އެ އުސޫލުތައް ދެ މަސްދަރެއްގައި ބަޔާންވެފައިވެއެވެ. ފުރަތަމަ މަސްދަރަކީ ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 އެވެ. އެ ގަވާއިދުގެ 295 ވަނަ މާއްދާގައި ވަގުތީ އަމުރު ނެރެ ދިނުމުގައި އަމަލުކުރުމަށް ބަޔާންވެފައިވާ އުސޫލުތަކަށް ބަލާއިރު، ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ހާލަތުގައި އެފަދަ އަމުރެއް ނެރެ ފިޔަވަޅު ނާޅައިފިނަމަ، ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޙުކުމްކުރެވޭއިރު، އެ ޙުކުމުގެ މަޤުޞަދު ހާސިލުނުވެ ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ މައްސަލައިގައި ހިމެނޭ ދެ ފަރާތުންކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ ވަގުތީ އަމުރެއް ނެރެދިނުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެއެވެ.
ދެވަނަ މަޞްދަރަކީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައެވެ. އެ މައްސަލައިގައި ވަގުތީ އަމުރުތައް ނެރުމުގައި ފުރިހަމަވެފައިވޭތޯ ބަލަންޖެހޭ ޢާންމު ތިން ޝަރުޠެއް ބަޔާންވެފައިވެއެވެ. ތިރީގައި މިވަނީ އެ ޝަރުޠުތަކެވެ.
ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން.
ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން.
ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަ ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ވުން.
އުސޫލުތައް ތަޠުބީޤު ކުރުން
ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމުމުގައި ކޮންމެ މައްސަލައަކީވެސް އެ މައްސަލައިގެ ވާޤިޢާތަކާއި ވަށައިގެންވާ އެންމެހައި ކަންކަން ތަފާތުވެދާނެ މައްސަލައެއްކަމުގައި ބަލަންޖެހެއެވެ. ތިރީގައި މި ބަލާލަނީ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ވަގުތީ އަމުރުތައް ނެރުމުގައި ފުރިހަމަވާންޖެހޭ ޢާންމު ޝަރުޠުތައް މި މައްސަލައިގައި ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤު
ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ހައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު އޮތްކަން އެނގިގެންދާނީ އެކަމާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލައިގެ ވާޤިޢާތަކުންނެވެ. ވުމާއެކު މިފަދަ ވާޤިޢާއެއް ނުވަތަ ވާޤިޢާތަކެއް އޮތްކަން ނުވަތަ ނޫންކަން ދެނެ ގަތުމަކީ މި ފަދަ ކޮންމެ މައްސަލައެއްގައި ވަކިވަކިން ވަޒަންކުރަންޖެހޭނެ ކަމެކެވެ.
މި ރައުޔުގެ ތިންވަނަ ޕެރެގްރާފުގައިވާ ފަދައިން ވަގުތީ އަމުރެއް ނެރެދިނުމަށް މުޙައްމަދު ޞަދީފް ސިވިލް ކޯޓުގައި އެދިފައިވަނީ ރިޖްވުޑްގެ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ މއ. ރެޑްހެވަން، މުޙައްމަދު ޞަދީފް އާއި އިތުރު ދެ ހިއްސާދާރަކަށް ނޭނގި މި ފަރާތްތަކުގެ ޙައްޤު ގެއްލޭ ގޮތަށް ޒެން ރިސޯޓްގައި އޮތް ރިޖްވުޑްގެ %90 (ނުވަދިހަ އިންސައްތަ) ހިއްސާ ބަދަލުކޮށްފައިވާތީ ހިއްސާ ބަދަލުކުރުމުގެ މުޢާމަލާތަކީ ބާޠިލު މުޢާމަލާތެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި މި ތިން ފަރާތުން ހުށަހެޅި މައްސަލައިގައެވެ.
ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައުޟޫޢީ މައްސަލައިގައި މުޙައްމަދު ޞަދީފް އެދިފައިވަނީ، ޙިއްސާ ބަދަލު ކުރުމުގެ މުޢާމަލާތާމެދު ގޮތެއް ނިންމުމުގެ ކުރިން ނ. ކުރެދިވަރު ރިސޯޓުގެ ހެޑްލީސް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމް ނުވަތަ އެހެން ފަރާތަކުންވިޔަސް ނުދިނުމަށް އެ ފަރާތްތަކުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ. އަދި މި ފަދައިން އެދިފައިވަނީ އެ ރިސޯޓުން ލިބޭ މަންފާއިން މުޙައްމަދު ޞަދީފް މަޙްރޫމުކޮށް އެހެން ބަޔަކަށް އެ ރިސޯޓުގެ ހެޑްލީސް ވިއްކާލައިފިނަމަ ނުވަތަ އެފަދަ މުޢާމަލާތަކަށް މަގުފަހިވެފައި އޮވެއްޖެނަމަ، މުޙައްމަދު ޞަދީފަށް ލިބިގެންވާ މުޤާބިލަށް ހުރަސް އެޅޭނެ ކަމަކަށްވާތީކަމުގައި މުޙައްމަދު ޞަދީފް އެ މައްސަލައިގައި ބުނެފައިވެއެވެ.
މުޙައްމަދު ޞަދީފް ހުށަހަޅާފައިވާ މައުޟޫޢީ މައްސަލައަށް ބަލާއިރު، އެ މައްސަލައިގައި ނ. ކުރެދިވަރު ރިސޯޓުގެ ލީސް އެއްބަސްވުން ނުވަތަ އެ ރަށާ ގުޅުންހުރި މުޢާމަލާތެއް ނުވަތަ ރަށުގެ މިލްކުވެރިކަމާ ގުޅުންހުރި އެއްވެސް ޚުޞޫމަތެއް ހިމެނިފައިނުވެއެވެ. އަދި އެ މައްސަލައިގައި ރިޖްވުޑް ކުންފުނީގެ މާލީ މުޢާމަލާތަކާގުޅޭ ޚުޞޫމަތެއްވެސް ހިމެނިފައިނުވެއެވެ.
އަދި ރިޖްވުޑް ކުންފުނީގެ ހިއްސާ ބަދަލުކުރުމާގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި މުޙައްމަދު ޞަދީފް އެދިފައިވާ ފަދައިން ޙުކުމްކުރި ނަމަވެސް، އެ ޙުކުމް ތަންފީޛު ކުރުމުގައި ރިޖްވުޑް ކުންފުނީގެ ހިއްސާ އޮތް އެހެން ކުންފުންޏެއްގެ މުދަލަކަށް ނުވަތަ މުދަލެއްގެ މިލްކުވެރިކަމަށް އެކަމުގެ އަސަރުކުރާނެ ކަމުގައި ނުދެކެމެވެ.
ކަން މިހެން އޮތުމުން މި މައްސަލައިގެ މައުޟޫޢުގައި، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަމުގައި ބަލާނެ ތަނެއް ނެތެވެ.
ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްކަން ނުވަތަ ނޫންކަން
ތަދާރުކު ނުކުރެވޭ ގެއްލުމަކީ، ފޫނުބެދޭވަރުގެ ގެއްލުމެކެވެ. ނުވަތަ އިސްލާހުކޮށް، ރަނގަޅު ނުކުރެވޭނެ ފަދަ ގެއްލުމެކެވެ. މި މައްސަލައިގެ ސިޔާޤުގައިނަމަ، (Context) ތަދާރުކު ނުކުރެވޭ ގެއްލުމަކާ ކުރިމަތިލާން ޖެހުމަކީ، މައުޟޫޢީ މައްސަލަ ޢާންމު އުސޫލުގެ މަތިން ބަލައި ނިންމައިފިނަމަ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ފޫނުބެދޭވަރުގެ ގެއްލުމަކާ ކުރިމަތި ލާންޖެހުމެވެ.
މި މައްސަލައަށް ބަލާއިރު، މުޙައްމަދު ޞަދީފް އާއި އިތުރު ދެ ހިއްސާދާރަކަށް ނޭނގި މި ފަރާތްތަކުގެ ޙައްޤު ގެއްލޭ ގޮތަށް ޒެން ރިސޯޓްގައި އޮތް ރިޖްވުޑްގެ %90 (ނުވަދިހަ އިންސައްތަ) ހިއްސާ ބަދަލުކޮށްފައިވާތީ އެ މުޢާމަލާތަކީ ބާޠިލު މުޢާމަލާތެއް ކަމުގައި ކަނޑައެޅުމަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރުގައި އެދިފައިވަނީ ނ. ކުރެދިވަރު ރިސޯޓުގެ ހެޑްލީސް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދިނުމަށް އަމުރު ކޮށްދިނުމަށެވެ.
ބަހުސްގެ ބޭނުމަށްޓަކައި ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި މުޙައްމަދު ޞަދީފް އެދިފައިވާ ގޮތަށް އެ ކޯޓުން ޙުކުމް ކުރުމުގެ ކުރިން ނ. ކުރެދިވަރުގެ ހެޑްލީސް އެހެން ފަރާތަކަށް ބަދަލު ކުރިނަމަވެސް، އެ ކަމުގެ ސަބަބުން ރިޖްވުޑް ކުންފުންޏަށް ފައިދާއެއް ލިބޭނަމަ، އެ ފައިދާއިން ރިޖްވުޑް ކުންފުނީގެ ހިއްސާދާރުންނަށް ލިބޭ މަންފާގެ ތެރެއިން ހިއްސާދާރަކަށް ވީތީވެ، މުޙައްމަދު ޞަދީފަށް ލިބޭ މިންވަރު ހޯދުމުގެ ޙައްޤު މުޙައްމަދު ޞަދީފަށް ލިބިގެންދާނެއެވެ. މި ހާލަތުގައި ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްކަމުގައި ނުބެލެވެއެވެ.
މީގެ އިތުރަށް ޓޫރިސްޓް ރިސޯޓްތަކާ ގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ މުޢާމަލާތަކީ، އެ މުޢާމަލާތުގެ ތެރެއިން ޙައްޤުތައް ބަދަލުކުރެވޭ ރަށާ ނުވަތަ ބިމާ ގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ މައްސަލައެއް އޮތްނަމަ، އެކަން ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ހައްލުކުރުމުގެ ޤާނޫނީ އިންތިޒާމުތަކެއް އެކަށައެޅިފައިވާ މުޢާމަލާތެކެވެ. މިކަމުގެ ތަފުސީލުތައް "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު" ގައި ބަޔާންވެފައިވެއެވެ.
ކަން މިހެން އޮތްއިރު، މުޙައްމަދު ޞަދީފް ހުށަހަޅާފައިވާ ރިޖްވުޑް ކުންފުނީގެ ހިއްސާއާ ގުޅޭ މައްސަލަ ހިނގަމުން ދަނިކޮށް، ނ. ކުރެދިވަރުގެ ލީސް ޓްރާންސްފަރ ކުރުމުގެ މުޢާމަލާތެއް ކުރިއަށް ދާނަމަ، ޤާނޫނީ ގޮތުން އެކަމުގައި މުޙައްމަދު ޞަދީފަށް ކުރިއަށް ދެވޭނެ މަގެއް އެބަ އޮތެވެ. ވުމާއެކު، މި ހާލަތުގައި މައުޟޫޢީ މައްސަލަ އާދައިގެ އިޖުރާއަތުން ފުރިހަމަކޮށް ނިމިގެންދާއިރު، މުޙައްމަދު ޞަދީފަށް ލިބިދާނެ އިސްލާހުކޮށް، ރަނގަޅު ނުކުރެވޭނެ ގެއްލުމެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.
ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު
ނ. ކުރެދިވަރު ރިސޯޓުގެ ހެޑްލީސް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދިނުމަށް އަމުރު ކޮށްދިނުމަށް މުޙައްމަދު ޞަދީފް އެދިފައިވާއިރު، މުޙައްމަދު ޞަދީފަކީ، ނ. ކުރެދިވަރުގެ ހެޑްލީސް ރައިޓްސް ލިބިފައިވާ ޒެން ރިސޯޓް ކުންފުނީގެ ހިއްސާދާރެއް ނޫނެވެ. ވުމާއެކު، ހިއްސާދާރެއްގެ ހައިސިއްޔަތުންވެސް އަދި އެނޫން ގޮތަކުންވެސް މުޙައްމަދު ޞަދީފާއި، ޒެން ރިސޯޓާ ދެމެދު ގުޅުމެއް އޮތްކަން މި މައްސަލައިގެ ވާޤިޢާތަކުން އެނގެން ނެތެވެ.
މުޙައްމަދު ޞަދީފްއަކީ ޒެން ރިސޯޓްގެ %90 (ނުވަދިހަ އިންސައްތަ) ހިއްސާ އޮތް ރިޖްވުޑް ކުންފުނީގެ ހިއްސާދާރެކެވެ. ނަމަވެސް، މިއީ ޒެން ރިޒޯޓާއި ރިޖްވުޑްއާ ދެމެދު ނ. ކުރެދިވަރާ ބެހޭ ގޮތުން ކުރެވޭ މުޢާމަލާތެއްގައި ބަހެއް ބުނެ ގޮތް ކިޔުމަށް މުޙައްމަދު ޞަދީފަށް ހުއްދައެއް ލިބޭނެ ކަމެއް ނޫނެވެ. އެހެނީ ޒެން ރިސޯޓާއި، މުޙައްމަދު ޞަދީފާ ދެމެދު ގުޅުމެއް ނެތުމުގެ އިތުރަށް މި ދެ ކުންފުންޏަކީވެސް ކުންފުނީގެ މެމްބަރުންނާ ވަކިން އުފެދިފައިވާ، ވަކި ޤާނޫނީ ދެ ޝަޚްޞަކަށްވުމުން އެއިން ކުންފުންޏެއްގެ މުދަލަކާ މެދު ބަސްބުނެ، ގޮތް ކިޔައި ހެދުމުގެ ބާރެއް ވަކިވަކި ހިއްސާދާރުންނަށް ލިބިގެން ނުވާނެއެވެ.
ވުމާއެކު، މުޙައްމަދު ޞަދީފްގެ ހިއްސާ އޮންނަ ކުންފުންޏަކާ މުޢާމަލާތުކުރާ އެހެން ކުންފުންޏެއްގެ މުދަލަކުން ވަކި މުޢާމަލާތެއް ކުރުމަށް ނުވަތަ ނުކުރުމަށް އަމުރުކޮށްދިނުމަށް އެދުމުގެ ޤާނޫނީ ހައިސިއްޔަތެއް މުޙައްމަދު ޞަދީފަށް ލިބިގެންވާ ކަމުގައި އަހުރެން ނުދެކެމެވެ.
ކަންމިހެން އޮތުމުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/42 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދު މަޙާޒު ޢަލީ ޒާހިރު ޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.