ޙަސަން ޚަލީލް ވ. ސިވިލް ސަރވިސް ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 200-VTR/VA/2022/46
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަގުތީ އަމުރު ނުނެރުމަށް ނިންމީ، އިތުރު ފިޔަވަޅެއް އަޅައިފިނަމަ އެއާމެދު ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު އޮތުމުން ގެއްލުމަކީ އިޢާދަނުކުރެވޭ ގެއްލުމެއް ނޫންކަމަށާއި، އަމުރު ނެރެފިނަމަ ކޮމިޝަނަށް ލިބޭ ގެއްލުން ބޮޑުކަމަށް ބަލައިގެންނެވެ.
- ވާޤިޢާ
- އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރަށް ސިވިލް ސަރވިސް ކޮމިޝަނުން 15 ސެޕްޓެންބަރު 2022 ގައި ލިޔުމުން އިންޒާރު ދިނުމުން އެ ފިޔަވަޅު ބާޠިލުކުރުމަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ނިމެންދެން އިތުރު ފިޔަވަޅު ނޭޅުމަށް ވަގުތީ އަމުރަކަށް އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ސަރވިސް ކޮމިޝަނުން ދިން ލިޔުމުން ދޭ އިންޒާރާ ގުޅިގެން އިތުރު ފިޔަވަޅު ނޭޅުމަށް އެދުނު ވަގުތީ އަމުރު ނުނެރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމުގައި ވަގުތީ އަމުރުގެ ޝަރުޠުތަކާއި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓު ރަނގަޅަށް ތަޠުބީޤުކޮށްފައިވޭތޯއާއި، އަޑުއެހުންތައް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ފެއަރ ހިއަރިންގެ އުޞޫލުތަކާ ޚިލާފަށް ބާއްވާފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ވަގުތީ އަމުރުގެ ޝަރުޠުތަކާއި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓު ގޯސްކޮށް ތަޠުބީޤުކޮށްފައިވާކަމަށާއި، އަޑުއެހުން ފެއަރ ހިއަރިންގެ އުޞޫލާ ޚިލާފަށް ގެންދިޔަކަމަށެވެ. ކޮމިޝަނުން ބުނީ ޝަކުވާ ހުށަހެޅުމުގެ ޙައްޤު އޮތުމުން ގެއްލުމެއް ނެތްކަމަށާއި، އަމުރު ނެރެފިނަމަ އިދާރީ ފިޔަވަޅު އެޅުމުގެ ޙައްޤު ގެއްލޭނެކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޓްރައިބިއުނަލުން އިސްތިއުނާފުކުރި ފަރާތުގެ އަސާސީ ޙައްޤާ ގުޅޭ ގެއްލުމާއި ދެފަރާތުގެ ބާރުގެ ތަފާތަށް ރިޢާޔަތް ނުކޮށް ބެލެންސް އޮފް ކޮންވީނިއަންސް ވަޒަންކޮށްފައިވާތީ ނިންމުން ބާޠިލުކުރަންޖެހޭ ނަމަވެސް، 09 ފެބުރުއަރީ 2023 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ އެ ނިންމުމުގެ ފާއިލިއްޔަތު ގެއްލިފައިވެއެވެ. ފެއަރ ހިއަރިންގެ ނުކުތާ ބަލައިނުގަނެވުނެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުޓްރައިބިއުނަލްގެ ވަގުތީ އަމުރާމެދު ނިންމުން ބާޠިލުކުރަންޖެހޭކަމަށް ދެކުނު ނަމަވެސް، ވަޒީފާއިން ވަކިކޮށްފައިވާތީ ނިންމުމުގެ ފާއިލިއްޔަތު ގެއްލިފައިވާތީ އިތުރު ގޮތެއް ނުކަނޑައަޅާ؛ އާ ވަގުތީ ފަރުވާއަށް އެދުން ބަލައިނުގަނެވޭ
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަގުތީ އަމުރެއް ނެރުމަށް ފުރިހަމަވާންޖެހޭ ޢާންމު ތިން ޝަރުޠަކީ: އަމުރަށް އެދޭ ފަރާތަށް އެފަދަ އަމުރަކަށް އެދުމުގެ ސިފަ ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވުމާއި، ޤާނޫނީ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވުމާއި، ވަގުތީ އަމުރު ނުނެރެ މައުޟޫޢީ ދަޢުވާ ލަސްވެއްޖެނަމަ ތަދާރުކު ނުކުރެވޭ ގެއްލުމެއް ނުވަތަ ނުރައްކަލެއް އޮތުމެވެ.
HN2 ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގައި ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވާނެ ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމެއް ނޫން؛ މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހޭނެ.
HN3 މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު ޤާއިމުވަނީ އެ ޙައްޤު ހިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް އޮތުމާއި، ހުށަހަޅާ ވާޤިޢާތައް ކޯޓަށް ޤަބޫލުކުރެވޭ މިންވަރަށް ކާފީވުމުން ކަމަށާއި، އެކަން ދެނެގަންނަންޖެހޭނީ ކޮންމެ މައްސަލައެއް ވަކިން ވަޒަންކުރުމަށްފަހު ކަމަށް.
HN4 ތަދާރުކު ނުކުރެވޭ ނުވަތަ އިޢާދަ ނުކުރެވޭ ގެއްލުން (ފޫނުބެއްދޭވަރުގެ ގެއްލުން) އޮތްކަމަށް ބެލެވޭނީ، މައުޟޫޢީ ދަޢުވާ އާދައިގެ އިޖުރާއަތުގެ ދަށުން ފުރިހަމަކޮށްފިނަމަ ވަގުތީ އަމުރަށް އެދުނު ފަރާތަށް އެފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހޭނަމައެވެ.
HN5 ވަގުތީ އަމުރަކީ މައުޟޫޢުގައި ހެކި ވަޒަންކޮށް ނިންމުމުގެ ބަދަލުގައި، މަތިމަތިން އެވަގުތު ހުށަހެޅިފައިވާ ހުށަހެޅުންތަކުގެ މައްޗަށް އިޢާދަނުކުރެވޭ ގެއްލުމެއް ނުވަތަ ނުރައްކަލެއް ފޫބެއްދުމަށް އިސްކަންދީ ނިންމާ ނިންމުމެއް ކަމަށާއި، މައުޟޫޢީ މައްސަލަ ނިމެންދެން ސްޓޭޓަސް ކުއޯ (ޚުޞޫމަތް އުފެދުމުގެ ކުރިން އޮތް ޙާލަތު) ބޭއްވުން މުހިންމު ކަމަށް.
HN6 ދެފަރާތުގެ ގެއްލުން ވަޒަންކުރުމުގައި ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު ހަމަހަމަ ބާރެއް ނެތްނަމަ، ބާރުވެރި ފަރާތުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ފަހިވާނެކަމަށް ރިޢާޔަތްކުރަންޖެހޭނެ؛ ވަޒީފާ ގެއްލިދާނެ ބިރު އޮތް ޙާލަތުގައި ވަޒީފާއަދާކުރާ ފަރާތަށް ލިބޭ ގެއްލުން ބޮޑުކަމަށް ބުރަވެވޭނެ.
HN7 އެ ފިޔަވަޅަކާ މެދު ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު އޮތުމަކީ ވަގުތީ އަމުރު ނުނެރެވޭނެ ސަބަބެއްކަމުގައި ވަޒަންކުރުމުގައި، އަމުރަށް އެދޭ ފަރާތުގެ އަސާސީ ޙައްޤާ ގުޅޭ ގެއްލުމަށް ރިޢާޔަތް ނުކޮށް ނިންމުމަކީ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓު ގޯސްކޮށް ތަޠުބީޤުކުރުމެއް ކަމަށް ބެލެވޭނެ.
HN8 ދަށު މަރުޙަލާގައި އެދިފައިނުވާ، މައުޟޫޢީ މައްސަލައިގައި ނުހިމެނޭ ފަރުވާއަކަށް (މިސާލަކަށް، އިސްތިއުނާފު ހުށަހެޅުމަށްފަހު ވަޒީފާއިން ވަކިކުރުމުގެ ޗިޓަށް ޢަމަލުކުރުން މަޑުޖެއްސުމަށް) އިސްތިއުނާފީ މަރުޙަލާގައި ފުރަތަމަ ފަހަރަށް ގޮތެއް ކަނޑައެޅޭނެ ވަގުތީ ފަރުވާއެއް ނުދެވޭނެ.
HN9 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އިންސާފުވެރި ޝަރީޢަތަކީ ޚަޞްމުންނަށް ވާހަކަދެއްކުމާއި އަނެއް ފަރާތުގެ ހުށަހެޅުންތައް ދިފާޢުކުރުމުގެ ފުރުޞަތުދީ ހަމަހަމަކަމާއެކު ޢަމަލުކުރުމާއި، ހެކި ވަޒަންކުރި ގޮތާއި ނިންމުމަށް ވާޞިލުވި ސަބަބު ލިޔެ ބަޔާންކުރުމެވެ؛ ދެފަރާތަށް ބަޔާން ބަދަލުކޮށް ވާހަކަދެއްކުމަށް އެކަށީގެންވާ ފުރުޞަތު ދީފައިވާނަމަ ފެއަރ ހިއަރިންގެ އުޞޫލުތަކާ ޚިލާފުވީ ކަމަކަށް ނުބެލެވޭނެ.
HN10 ވަގުތީ އަމުރާމެދު ނިންމި ނިންމުން ބާޠިލުކުރަންޖެހޭ ނަމަވެސް، އެ ނިންމުމަށްފަހު ހިނގާފައިވާ ކަމަކުން (ވަޒީފާއިން ވަކިކުރުމުން) އެ ނިންމުމުގެ ފާއިލިއްޔަތު ގެއްލިފައިވާނަމަ، އަލުން ގޮތެއް ކަނޑައަޅަން އެންގުމުގެ ބޭނުމެއް ނެތް.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ފާޠިމަތު ނިޒްނާ
- ބެންޗު
- ޙުޒައިފާ މުޙައްމަދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2023/HC-A/18
އިސްތިއުނާފުކުރި ފަރާތް: ޙަސަން ޚަލީލު، ހ. ލޮބީ / މާލެ
އިސްތިއުނާފު ރައްދުވި ފަރާތް: ސިވިލް ސަރވިސް ކޮމިޝަން
މައްސަލައިގެ ބާވަތް:ވަގުތީ އަމުރާމެދު ނިންމި ގޮތް (ވަޒީފާއާބެހޭ)
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު މުޙައްމަދު ފައިޞަލް
އިސްތިއުނާފުކުރެވުނު މައްސަލަ:
1ނަންބަރު: 200-VTR/VA/2022/46
ނިންމި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ބާވަތް: ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް
ހުށަހެޅުނު ތާރީޚް: 22 ނޮވެންބަރު 2022 ނިމުނު ތާރީޚް: 22 ޑިސެންބަރު 2022
އިސްތިއުނާފުކުރި ފަރާތް އިސްތިއުނާފު ރައްދުވި ފަރާތް
ޙަސަން ޚަލީލް، ހ.ލޮބީ / މާލެ
ޤާނޫނީ ވަކީލު: ޢަލީ އިބްރާހީމް، ބޯށިވަލުގެ / ސ.ހިތަދޫ
ޢައިނާން ޢަލީ މުޙައްމަދު، މާވެހި / ގދ.ފިޔޯރީ
2ސިވިލް ސަރވިސް ކޮމިޝަން
ޤާނޫނީ ވަކީލު: އެޓަރނީ ފާޠިމަތު ނިޒްނާ
ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭ ކަންކަން- ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ފެއަރ ހިއަރިންގެ އުޞޫލުތައް
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2022/46 (22 ޑިސެންބަރު 2022) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި މާލެ، ހ.ލޮބީ، ޙަސަން ޚަލީލް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A011867) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޙަސަން ޚަލީލް")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ސިވިލް ސަރވިސް ކޮމިޝަން (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް")ގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
3ޙަސަން ޚަލީލް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރގެ މަޤާމުގައި ވަޒީފާ އަދަކުރަމުންދަނިކޮށް ތަކުރާރުކޮށް އޮފީހުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވާތީ، އެކަމުގެ ސަބަބުން އެހެން މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލިގެންދާނެކަމަށް ބުނެ ލިޔުމުން އިންޒާރުދީފައިވާތީ ޙަސަން ޚަލީލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް25 ސެޕްޓެންބަރު 2022 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލަމުންދަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 197/VTR/2022 މައްސަލައިގެ ގޮތުގައެވެ.
4ބުނެވިދިޔަ މައްސަލަ ޓްރައިބިއުނަލްގައި ހިނގަމުންދަނިކޮށް 22 ނޮވެންބަރު 2022ގައި ޙަސަން ޚަލީލްގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ޙަސަން ޚަލީލްގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހެޅީ ޙަސަން ޚަލީލްއަށް 15 ސެޕްޓެންބަރު 2022 ގައި ސިވިލް ސަރވިސް ކޮމިޝަން އިން އަޅާފައިވާ އިޞްލާޙީ ފިޔަވަޅަކީ ޤާނޫނާއި ޚިލާފު ފިޔަވަޅެއްތޯ ނުވަތަ ނޫންތޯ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 197/VTR/2022 މައްސަލައިގައި ކަނޑައަޅައި ނިމެންދެން، ޙަސަން ޚަލީލްގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ ޤާނޫނާއި އެއްގޮތް ފިޔަވަޅެއްކަމަށް ބަލައިގެން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި ޢަދުލު އިންސާފަށް ހުރަސްއެޅޭފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަންގާ އަމުރުކޮށްދިނުމަށެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަގުތީ އަމުރާއި މެދު ނިންމިގޮތް:
5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2022/46 (22 ޑިސެންބަރު 2022) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" އިން ނިންމާފައިވަނީ؛
"....ވަގުތީ އަމުރެއް ނެރެދިނުމުގައި ޝަރުޢީ އަދި ޤާނޫނީގޮތުން ބަލަންޖެހޭ ޝަރުޠުތަކުގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި 3 (ތިނެއް) ޝަރުޠު ކަނޑައަޅާފައިވާކަން އެނގޭކަމާއި، އެ ޝަރުޠުތަކަކީ:
ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެގެންވުން؛
ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނޭ ނުރައްކަލެއް އޮތުން؛
ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުންކަން އެނގެން އޮންނަކަމާއި،
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/71 ޤަޟިއްޔާގައި ކަނޑައަޅައި ގާއިމުކޮށްފައިވާ ޤާނޫނީ ހަމަތަކަށް ރިޢާޔަތްކުރުމުން، ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައެޅުމުގެ ސަބަބުން ވަގުތީ އަމުރަށް އެދުނު ފަރާތަށް ލިބިދާނޭ ގެއްލުމާއި ގެއްލިދާނޭ މަސްލަހަތަށާއި، ވަގުތީ އަމުރެއް ނެރެދިނުމުގެ ސަބަބުން ވަގުތީ އަމުރު ރައްދުވާ ފަރާތަށް ލިބިދާނޭ ގެއްލުމާއި ގެއްލިދާނޭ މަސްލަހަތަށް ރިޢާޔަތްކުރަންޖެހޭކަން އެނގެން އޮންނަހިނދު،
މި މައްސަލައިގެ މައުޟޫއިން މައްސަލަ ހުށަހެޅި ފަރާތާމެދު އަޅާފައިވާ ފިޔަވަޅަށް ގޮތެއް ކަނޑައެޅޭނެތީއާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 273/VTR/2021 މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާ ބަދަލުކޮށްފައިވަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްކަމަށް ނިންމާފައިވާތީ، މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތުގެ ހިމާޔަތްކޮށްދޭންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް މިހިނދަށް ނެތްކަމަށާއި، ވަގުތީ އަމުރު ނެރުމަކާ ނުލައި މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތްކަމަށާއި، މި މައްސަލައިގައި ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދީފިކަމުގައިވާނަމަ، މައްސަލަ ހުށަހެޅި ފަރާތް އިދާރީ ފިޔަވަޅެއް އެޅޭނެ ފަދަ އަމަލެއް ކޮށްފިކަމުގައިވީނަމަވެސް އެފަރާތަށް އިސްލާހީ ފިޔަވަޅެއް އެޅުމުގެ ހައްގު މައްސަލަ ރައްދުވި ފަރާތަށް ގެއްލިގެންދާނެތީ، ވަގުތީ އަމުރު ނެރުކަމާ ނުލައި މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމަށްވުރެއް ވަގުތީ އަމުރު ނެރެދީފިކަމުގައިވާނަމަ މައްސަލަ ރައްދުވި ފަރާތަށް ލިބޭ ގެއްލުން ބޮޑުކަމަށާއި، ބަޔާންކޮށް މައްސަލަ ރައްދުވި ފަރާތުން ޖަވާބުދާރީވެފައިވާއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާގެ 43 ވަނަ ނަންބަރުގައި؛
"ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަން ކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތި ވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަން ކުރަން ޖެހޭނެއެވެ."
މިފަދައި ބަޔާންކޮށްފައިވާތީ، ވަގުތީ އަމުރެއް ނެރުމުގައި މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަސްލަހަތައް ރިއާޔަތްކުރަންޖެހޭނެކަމަށް ބުރަވެވޭހިނދު، މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތް ނެރެދިނުމަށް އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދީފިނަމަ، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް އިދާރީ ފިޔަވަޅު އެޅޭނެފަދަ އަމަލެއް އެފަރާތުން ކުރާ ހާލަތުގައިވެސް އެފަރާތާމެދު ފިޔަވަޅެއް އެޅުމުގެ ހައްޤު މައްސަލަ ރައްދުވި ފަރާތަށް ގެއްލޭނެތީއާއި،
އިސްވެބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރެއިން، "ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނޭ ނުރައްކަލެއް އޮތުން" މި ޝަރުޠު ފުރިހަމަވާކަމުގައި ބެލެވޭނީ މައުޟޫއީ ދަޢުވާ އާދައިގެ އިޖުރާއާތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކުނުކުރެވޭފަދަ އަދި އިއާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާއި އެ ދަޢުވާއާ ގުޅިގެން ވަގުތީ އަމުރަށް އެދުނު ފަރާތަށް ކުރިމަތިލާން ޖެހުންކަން އެނގެން އޮންނައިރު، މައްސަލަ ރައްދުވި ފަރާތުން ޙަސަން ޚަލީލަށް 15 ސެޕްޓެންބަރު 2022 ގައި ދީފައިވާ އިންޒާރުގެ މައްޗަށް ތަރުތީބުވެގެން އިތުރު އެއްވެސް ފިޔަވަޅެއް އެފަރާތާމެދު އަޅައިފިނަމަ، އެ ފިޔަވަޅެއް ބާޠިލުކޮށްދިނުމަށް އެދި އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްޤު އެފަރާތަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ލިބިދީފައިވާތީ، ޙަސަން ޚަލީލްގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރު ނެރުމަކާނުލައި މި މައްސަލަ ކުރިއަށް ގެންދާނަމަ އެފަރާތަށް ލިބުމުގެ އިހްތިމާލު އޮތްކަމަށް އެފަރާތުން ބަޔާންކޮށްފައިވާ ގެއްލުމަކީ އިއާދަނުކުރެވޭނެ ގެއްލުމެއްކަމުގައި ބުރަވެވެން ނެތަތީ، އެގޮތުގެ މަތިން މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މަސްލަހަތަށްވެސް ރިޢާޔަތްކޮށް، ޙަސަން ޚަލީލްގެ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅައިފީމެވެ."
މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2022/46 (22 ޑިސެންބަރު 2022) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ 03 (ތިނެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަގުތީ އަމުރު ނުނެރުމަށް ނިންމި ނިންމެވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރެދިނުމުގައި އިއާދަނުކުރެވޭ ގެއްލުންވާނެކަމަށް ބެލެވޭ ޙާލަތުގައި ވަގުތީ އަމުރެއް ނެރެދެއްވަން ވާނެކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލާއި، އަދި އެ ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރެއިން، 'ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނޭ ނުރައްކަލެއް އޮތުން' މި ޝަރުޠު މި މައްސަލައަށް ގޯސްކޮށް ތަޠުބީޤުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަގުތީ އަމުރު ނެރެނުދިނުމަށް ނިންމި ނިންމެވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ދެ ފަރާތުގެ މަޞްލަޙަތު ވަޒަންކުރުމާ ގުޅޭގޮތުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ “Balance of Convenience” ޓެސްޓާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލު ގޯސްކޮށް މި މައްސަލައަށް ތަޠުބީޤުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
ވަގުތީ އަމުރާއިމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަނޑައަޅައި މަތީ މަރުޙަލާގެ ކޯޓުތަކުގެ އަޙްކާމްތަކުން އިސްތިޤުރާރުކޮށްފައިވާ "ފެއަރ ހިއަރިން"ގެ އުޞޫލާއި ޚިލާފަށް ގެންގޮސް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
7އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑުގޮތެއްގައި ބުނެފައިވަނީ ވަގުތީ އަމުރު ނިންމި ގޮތުގައި "މައްސަލަ ރައްދުވި ފަރާތުން ޙަސަން ޚަލީލްއަށް 15 ސެޕްޓެންބަރު 2022 ގައި ދީފައިވާ އިންޒާރުގެ މައްޗަށް ތަރުތީބުވެގެން އިތުރު އެއްވެސް ފިޔަވަޅެއް އެފަރާތާމެދު އަޅައިފިނަމަ، އެ ފިޔަވަޅެއް ބާޠިލުކޮށްދިނުމަށް އެދި އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އެފަރާތަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ ދަށުން ލިބިދީފައިވާތީ، ޙަސަން ޚަލީލްގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރު ނެރުމަކާއިނުލައި މި މައްސަލަ ކުރިއަށް ގެންދާނަމަ އެފަރާތަށް ލިބުމުގެ އިޙުތިމާލު އޮތްކަމަށް އެފަރާތުން ބަޔާންކޮށްފައިވާ ގެއްލުމަކީ އިއާދަނުކުރެވޭނެ ގެއްލުމެއްކަމުގައި ބުރަވެވެން ނެތަތީ..." މިހެން ބަޔާންކޮށްފައި އޮތުމުން މައްސަލަ ބެލި މަޖިލީހުން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގެ ޝަރުޠުތަކުގެ ތެރެއިން 2 ވަނަ ޝަރުޠު ފުރިހަމަނުވާކަމަށް ބަޔާންކުރުމަކީ ޤާނޫނީ ގޮތުން ގޯސްކޮށް ކޮށްފައިވާ ބަޔާންކުރުމެއްކަމަށާއި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ ދަށުން ޝަކުވާ ހުށަހެޅުމުގެ ޙައްޤު އޮތުމަކީ ވަގުތީ އަމުރުގެ ފަރުވާ ލިބެންނުޖެހޭ ސަބަބެއްނޫންކަމަށެވެ.
8އިސްތިއުނާފީ ދެވަނަ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުން ތަކުރާރުކޮށް ވަގުތީ އަމުރާއި ގުޅިގެން ހުށަހެޅުނު ބަޔާންތަކުގައި އަދި އަޑުއެހުންތަކުގައި މައްސަލަ ބެލި މަޖިލީހަށް ސާފުކޮށްދެވިފައިވާކަމަށާއި، ވަގުތީ އަމުރާއިމެދު ނިންމި ގޮތުގައި މައްސަލަ ބެލި މަޖިލީހަށް ބުރަވެވުނީ މި މައްސަލައިގައި ބޮޑަށް ގެއްލުންވަނީ މައްސަލަ ރައްދުވިފަރާތަށްކަމަށާއި، ނަމަވެސް މައްސަލަ ބެލި މަޖިލީހުގެ މި ބަޔާންކުރުން ބިނާކޮށްފައިވާ އަސާސަކީ ފުރިހަމަ އަސާސެއްގެ މައްޗަށް ބަޔާންކޮށްފައިވާ ބަޔާންކުރުމެއްކަމަށް އެނގެން ނެތްކަމަށާއި، "ބެލެންސް އޮފް ކޮންވީނިއެންސް" ގެ އުޞޫލަކީ އިކުއިޓީގެ އުޞޫލަކަށްވާއިރު، އަމުރު ނެރުމުން ވަޒީފާއަދާކުރާ ފަރާތުގެ ދިރިހުރުމުގެ ޙައްޤާއި ވަޒީފާ އަދާކުރުމުގެ އަސާސީ ޙައްޤު ނެގެހެއްޓޭއިރު، އަމުރު ނެރުމުން ވަޒީފާދޭ ފަރާތަށް އުނިވެގެން ދަނީ ވަޒީފާގައި މީހަކު ނުރުހުމުގައި ބަހައްޓާ ބެހެއްޓުންކަމަށް ބެލިކަމަށްވެފައި އަދި އެކަމުން ދުވަސްކޮޅަކަށް ވަޒީފާ އަދާކުރާފަރާތަށް ލިބިދެވޭ މުސާރައާއި އިނާޔަތުގެ ގެއްލުން ކަމަށް ބެލިނަމަވެސް މިއިން އެއްވެސް ކަމަކީ އޭގެ ޒާތުގައި ވަޒީފާ އަދާކުރާފަރާތެއް އަނިޔާވެރިކޮށް ވަޒީފާއިން ވަކިކޮށްގެން އޭނާއަށް ލިބޭ ގެއްލުމަށް ބަލާއިރު ވަޒީފާދޭ ފަރާތަށް ބޮޑު އިއާދަނުކުރެވޭނެ ގެއްލުމެއްކަމަށް އަދުލުވެރިގޮތެއްގައި ބެލެވެން ނެތްކަމަށާއި، މި މައްސަލައިގައި ވަޒީފާދޭ ފަރާތަކީ ދައުލަތުގެ ޤާބިލްކަން ހުރި އިދާރާއަކަށްވާއިރު، ބަޔާންކުރެވުނު ޚަރަދެއްގެ ސަބަބުން އެ އިދާރާއަށް އިއާދަނުކުރެވޭނެ ގެއްލުމެއް ލިބޭނެކަމަށް ދެކެންޖެހޭ ސަބަބެއް ނެތްކަމަށާއި، މީގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދުގައި މުވައްޒަފެއްގެ ސަބަބުން ޤާނޫނާއި ޚިލާފު ޢަމަލަކުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅުއްވާފައިވާއިރު، ބަޔާންކުރެވުނު އަމުރު ނެރުމަކުން އިއާދަނުކުރެވޭނެ ގެއްލުމެއް އޮތްކަމަށް ބަލާނެ ހަމައެއް ނެތްކަމަށެވެ.
9އިސްތިއުނާފީ ތިންވަނަ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ވަގުތީ އަމުރާއިމެދު ނިންމި ގޮތް ނިންމެވުމަށް ޚަޞްމުންގެ ފަރާތުން ހުށަހެޅުނު ލިޔެކިޔުންތަކުން މައްސަލަ ބެލި މަޖިލިސްއިން ރިޢާޔަތްކުރި ލިޔުންތަކާއި ހުށަހެޅުންތަކަކީ ކޮބައިކަން އޮޅުން އަރާފަދައަކުން މައްސަލަ ބެލި މެންބަރު ޢަމަލުކޮށްފައިވާކަމަށާއި، މެންބަރުގެ ޢަމަލާއި ބަޔާންކުރުންތަކަށް ބަލާއިރު15 ޑިސެންބަރު 2022 ގެ އަޑުއެހުމުގައި ބަޔާންކުރާ ލިޔުންތައް މައްސަލަ ރައްދުވި ފަރާތުން ހުށަހެޅުމުން އެ ލިޔުންތައް ލިބުމުން އަމުރާއި މެދު ގޮތެއް ނިންމާނެކަން މެންބަރު ވިދާޅުވެފައިވާކަން އެނގެން އޮންނަކަމަށާއި، އަމުރާއި ގުޅޭ އަޑުއެހުމެއްގައި މައުޟޫޢީ މައްސަލައިގެ ވާޤިޢާއަކާއި ގުޅޭ ގޮތުން އެކަން މަޖިލީހުގައި ސާފުކޮށް ޚަޞްމުންނަށް އެނގޭނެ ފަދަ ގޮތަކަށް ބަޔާންކުރުމެއްނެތި ވަގުތީ އަމުރާއި ގުޅޭ ގޮތުން ހޯދޭ ލިޔުންތަކެއްގެ ގޮތުގައި ލިޔެކިޔުންތައް ގެންނަވާފައި އެއީ އަމުރު ނިންމުމުގައި ރިޢާޔަތްކުރަން ގެންނެވި ލިޔުންތަކެއް ނޫންކަމަށް އަމުރާއި މެދު ނިންމި ގޮތް އިއްވެވުމަށްފަހު ވިދާޅުވުމުން އޮޅުން އަރައިގެންދާކަމަށާއި، އަމުރާއި މެދު ގޮތް ނިންމަން މަޖިލިސް ފެށުމަށްފަހު ބަޔާންކުރެވުނު ލިޔެކިޔުންތަކާއި މައްސަލަ ހުށަހަޅާ ފަރާތުން ހުށަހެޅި 22 ޑިސެންބަރު 2022 ގެ ބަޔާންތައް މަޖިލިސް އިން ބަލައިނުގަންނަކަން ނުވަތަ އެ ލިޔުންތަކަށް އަމުރު ނިންމުމުގައި ބަލާފައިނުވާ ސަބަބު ފާހަގަކޮށް އިޖުރާއީ ގޮތުން އެކަން ސާފުކޮށްދީފައިނުވާކަމަށާއި، ވަގުތީ އަމުރު މަޖިލިސްގެ ޢާއްމު އުޞޫލަކީ ފުރަތަމަ އަމުރަށް އެދޭ ފަރާތުގެ ހުށަހެޅުން ހުށަހަޅާ ނިމުމުން، ރައްދުވާ ފަރާތުން ޖަވާބު ހުށަހަޅައި، އެއަށްފަހު ތަރުތީބުން ފުރުޞަތު ދެމުންގޮސް އަޑުއެހުން ނިންމުން ކަމަށްވިއަސް، މި މައްސަލައިގައި ވަގުތީ އަމުރުގެ ހުށަހެޅުމުގެ ތެރެއިން މައްސަލައިގެ ފައިލްގައި މާ ފަހަތުގައި އޮތް ލިޔުމެއް ބެއްލެވުމަށްފަހު މެންބަރު ސުވާލުކުރަން ފެއްޓެވުމުން، މައްސަލަ ހުށަހެޅި ފަރާތުން އެކަންކަމަށް ޖަވާބުދޭން އެދެނީ ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ޖަވާބު ހުށަހެޅުމުންކަމަށް ދެންނެވުމުންވެސް މެންބަރަށް ފެންނަގޮތަކަށް ސުވާލުކުރައްވަމުން ގެންދެވިކަމަށާއި، މީގެ ސަބަބުން ތަރުތީބުން ހުށަހެޅުންތައް ހުށަހަޅަން އުދަނގޫވެގެން ދިޔަކަމަށެވެ.
10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު200-VTR/VA/2022/46 (22 ޑިސެންބަރު 2022) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" އިން ނިންމާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށާއި، ޙަސަން ޚަލީލްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ނަންބަރު 197/VTR/2022 މައްސަލައިގެ މައުޟޫޢީ ގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ޙަސަން ޚަލީލްއަށް ސިވިލް ސަރވިސް ކޮމިޝަނުން15 ސެޕްޓެންބަރު 2022 ގައި ލިޔުމުން ދީފައިވާ އިންޒާރުގެ މައްޗަށް ބިނާކޮށް، ޙަސަން ޚަލީލްގެ މައްޗަށް އިތުރު ފިޔަވަޅެއް އަޅައިގެން ނުވާނޭކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށާއި މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
11ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ދެވެނަ އިސްތިއުނާފީ ނުކުތާއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ރައްދުދީފައިވަނީ އެކުއެކީގައެވެ. އެގޮތުން އެ ދެ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާ ވަގުތީ ގޮތުން ހއ.ދިއްދޫއަށް ބަދަލުކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތަށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 273/VTR/2021 މައްސަލައިން މީގެ ކުރިން ނިންމާފައިވާކަމަށާއި، އަދި އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަކި ގޮތެއް ނިމެންދެން އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާ ބަދަލު ނުކުރުމަށް އެ ޓްރައިބިއުނަލުން ވަގުތީ އަމުރެއް ނެރެފައިވާތީ، އެ ހިނދުގައި އެފަރާތުގެ ވަޒީފާ ބަދަލުކުރުން މަޑުޖައްސާލާފައިވާކަމަށާއި، އަދި ޙަވާލާދެވުނު މައްސަލަ ނިމިފައިވަނީ 30 ޖޫން 2022 ގައި ކަމަށާއި، އެ މައްސަލަ ނިމުމުން އިސްތިއުނާފުކުރާ ފަރާތަށް ހއ.ދިއްދޫއަށް ދިޔުމަށް އަންގައި ފުރުމަށް ޓިކެޓް ނެގުމުން ވަކި އެއްޗެއް ނާންގައި ފުރާފައިނުވާކަމަށާއި، އިސްވެ ދެންނެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފުކޮށްފައިވެސް ނުވާތީ، އެ ނިންމުން ނިހާއީ ނިންމުމަކަށް ވެފައިވަނިކޮށް ފުރުމަށް އެންގުމުން އެ ފަރާތުގެ ވަޒީފާ ބަދަލުކޮށްފައިވަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ނޫންކަމުގައި ބުނެ އަލުން މައްސަލަތައް ހުށަހަޅައި ހއ.ދިއްދޫއަށް ނުދިޔުމަށް އެކި ގޮތްގޮތުން އިސްތިއުނާފުކުރާ ފަރާތުން މަސައްކަތްކުރަމުން ދާކަމަށެވެ. މިފަދައިން ކޯޓުތަކަށް އެ މައްސަލަ ހުށަހަޅައި އެއާމެދު ގޮތެއް ނިންމުމަށް ދުވަސްތަކެއް ހޭދަވާކަމަށާއި، އެ ފަދައިން ހޭދަވާ ދުވަސްތަކަކީ އެފަރާތުގެ ވަޒީފާއަދާކުރާ ތަނަށް ލިބޭ ގެއްލުމެއްކަމަށާއި، ވަކި މަސައްކަތެއްކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ހަވާލުކޮށްފައިވަނިކޮށް، އެ މަސައްކަތެއް ނުކުރުމަށް އިޢުތިރާޟު ކުރުމަކީ އެފަރާތުން މަސައްކަތް ކުރާ އިދާރާގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް އެގޮތަށް މަސައްކަތް ކުރުމަށް އިޢުތިރާޟުކުރުމަށް ލިބޭ ފުރުޞަތެއްކަމަށާއި، މީގެ އިތުރުން އެ ފަރާތާއި ހަވާލުކޮށްފައިވާ މަސައްކަތްތައް އެހެން މުވައްޒަފުން ކުރަން ޖެހުމަކީ މުވައްޒަފުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް މަގުފަހިވާނެކަމެއްކަމަށާއި، އިދާރާގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތަށް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާނެކަމެއްކަމަށާއި، އެކަމުގެ ސަބަބުން ގެއްލުމާއި، އުދަނގޫ ބޮޑަށް ތަހައްމަލު ކުރަންޖެހޭނީ އިސްތިއުނާފު ރައްދުވާ ފަރާތުންކަމަށެވެ. މި މައްސަލައިގައި ވަގުތީ އަމުރަށް އެދިފައިވާ ފަރާތުގެ މައްސަލަ އާދައިގެ އިޖުރާއަތަކުން ބަލައި ނިންމައިފިނަމަ އެފަރާތަށް ފޫނުބެއްދޭވަރުގެ ގެއްލުމަކާ ކުރިމަތިލާން ނުޖެހޭނެކަމަށާއި، އެފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި އެފަރާތާމެދު އަޅާފައިވާ އިޞްލާޙީ ފިޔަވަޅަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް އަޅާފައިވާ އިޞްލާޙީ ފިޔަވަޅެއްކަމުގައި ކަނޑައަޅައި އެ އިޞްލާޙީ ފިޔަވަޅު ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ބާޠިލުކުރާ ޙާލަތުގައިވެސް އެ ފަރާތަށް ކުރިމަތިވާ ގެއްލުމެއް ނެތްކަމަށާއި، އެފަރާތް ވަޒީފާއިން ވަކިކުރުމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވަނީ ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފަށް އެ ފަރާތުން ވަޒީފާއަށް ޙާޟިރުނުވާތީކަމަށާއި، އެއީ އެފަރާތާމެދު އަޅާފައިވާ އިޞްލާޙީ ފިޔަވަޅުގެ މައްޗަށް ތަރުތީބުވެގެން އެޅޭ ފިޔަވަޅެއް ނޫންކަމަށާއި، ވަޒީފާއަށް ޙާޟިރުނުވުމާ ގުޅިގެން ވަޒީފާއިން ވަކިކުރެވިއްޖެނަމަ އެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާކަމަށާއި، އެ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެދެވިދާނެކަމަށާއި، އެ މައްސަލައިގައި އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމުގައި ކަނޑައެޅިއްޖެ ހިނދެއްގައި ވަޒީފާ އަނބުރާ ރުޖޫޢަކޮށް މުސާރައާއި އިނާޔަތްތައް ނަގައިދެވޭ ހިނދު އެއީ ފޫނުބެއްދޭވަރުގެ އަދި އިޞްލާޙުކޮށް ރަނގަޅު ނުކުރެވޭނެ ފަދަ ގެއްލުމެއް ނޫންކަމަށެވެ.
12ތިންވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަގުތީ އަމުރާމެދު ނިންމި ނިންމުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރާ ގެއްލުމަކީ އިއާދަނުކުރެވޭފަދަ ގެއްލުމެއްކަމުގައި ދެކޭ ސަބަބު ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި، އެގޮތުން، ދެފަރާތުގެ މަޞްލަޙަތަށް ބަލައި، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާފަދަ އަމުރެއް ނެރެދީފިނަމަ އެފަރާތުގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅޭނެ ފަދަ އަމަލެއް އެފަރާތުން ކުރާ ޙާލަތުގައި އެފަރާތާމެދު އިދާރީ ފިޔަވަޅު އެޅުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް ގެއްލޭނެތީއާއި، އެފަރާތާމެދު އިތުރު އިޞްލާޙީ ފިޔަވަޅެއް އެޅިއްޖެނަމަ އެ ފިޔަވަޅެއް ބާޠިލުކޮށްދިނުމަށް އެދި އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އެ ފަރާތަށް ލިބިދީފައިވާކަމުގައި ބަޔާންކޮށްފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ވާސިލުވި ސަބަބު އެ ނިންމުމުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމަށެވެ. ވަގުތީ އަމުރާ ގުޅިގެން ގޮތް ނިންމުމުގެ އަޑުއެހުން ދިގުލައިގެން ދިޔައީ މައްސަލަ ބަލާ މެންބަރު ވަގުތީ އަމުރާމެދު ގޮތް ނިންމުމަށްފަހު މައުޟޫޢީ މައްސަލަ ކުރިއަށް ގެންދާނެގޮތް ތަފްސީލު ދެމުންދަނިކޮށް އިސްތިއުނާފުކުރާ ފަރާތުން ވަކި ކަންކަމަކަށް އިއުތިރާޟުކޮށް ވާހަކަ ދެއްކުމުންކަމަށާއި، މެންބަރު ޢަމަލުކޮށްފައިވަނީ ކަންކުރާ އުޞޫލުންކަމުގައިވާތީ މިކަމުގައި ސުވާލު އުފެދުމުގެ ޖާގައެއް ނެތްކަމަށެވެ. އަދި 15 ޑިސެންބަރު 2022 ގައި ބޭއްވުނު އަޑުއެހުމުގައި ދެފަރާތަށްވެސް ތަރުތީބުން ފުރުޞަތު ދީފައިވާކަން އެ އަޑުއެހުމުގެ މަހުޟަރު ބަޔާނުން ސާފުކޮށް އެނގެން އޮންނަކަމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" އާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާއާއި ދެވަނަ އިސްތިއުނާފީ ނުކުތާއާގުޅޭ
13HN1ވަގުތީ އަމުރެއް ނެރުމުގައި ކޯޓުން ބަލަންޖެހޭ ޝަރުޠުތައް ތަފްޞީލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައެވެ. މިގޮތުން މައްސަލައެއްގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވެފައިވޭތޯ ބަލަންޖެހޭ އާންމު ތިން ޝަރުޠެއް މި ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުޠުތަކަކީ:
ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުމާއި،
ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއި،
ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމެވެ.
14HN2މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2020/SC-A/101 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސް (މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށްނުވާނެކަމަށާއި، ބެލެންސް އޮފް ކޮންވީނިއަންސް(balance of convenience) ޓެސްޓުގައި މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހޭނެކަމުގައި ބަޔާންކުރެއެވެ.
15އިސްވެ ބަޔާންކުރަނިވި ދެ ޤަޟިއްޔާއަށް ވަޒިފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށް މި މައްސަލައިގައި ޙަސަން ޚަލީލްގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދީފިނަމަ، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅޭނެ ފަދަ ޢަމަލެއް އެ ފަރާތުން ކުރާ ޙާލަތުގައިވެސް އެ ފަރާތާމެދު ފިޔަވަޅެއް އެޅުމުގެ ޙައްޤު މައްސަލަ ރައްދުވި ފަރާތަށް ގެއްލޭނެތީއާއި، ސިވިލް ސަރވިސް ކޮމިޝަނުން ޙަސަން ޚަލީލްއަށް 15 ސެޕްޓެންބަރު 2022ގައި ދީފައިވާ އިންޒާރުގެ މައްޗަށް ތަރުތީބުވެގެން އިތުރު އެއްވެސް ފިޔަވަޅެއް އެ ފަރާތާމެދު އަޅައިފިނަމަ، އެ ފިޔަވަޅެއް ބާޠިލުކޮށްދިނުމަށް އެދި އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އެ ފަރާތަށް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދީފައިވާތީ، ޙަސަން ޚަލީލްގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރު ނެރުމަކާނުލައި މި މައްސަލަ ކުރިއަށް ގެންދާނަމަ އެ ފަރާތަށް ލިބުމުގެ އިޙުތިމާލު އޮތްކަމަށް އެ ފަރާތުން ބަޔާންކޮށްފައިވާ ގެއްލުމަކީ އިއާދަނުކުރެވޭނެ ގެއްލުމެއްކަމުގައި ބުރަވެވެން ނެތަތީ، ދެ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، ވަގުތީ އަމުރެއް ނެރެދޭނެތަނެއް ނެތްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާކަން އެނގެއެވެ.
16ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މަސްދަރުތަކުގެ އަލީގައި، މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަލައި، އަންނަނިވި ކަންކަން ބަޔާންކުރަމެވެ.
17ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވޭތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތަކީ ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ މުވައްޒަފެއްކަމުން، ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ސިވިލް ސަރވިސް ކޮމިޝަނާއި ގުޅުމެއް އޮތްކަން އަދި އިސްތިއުނަފުކުރާ ފަރާތަށް ޤާނޫނީ ހައިސިއްޔަތެއް ލިބިފައިވާކަން ބަލަންޖެހެއެވެ. އިސްތިއުނާފުކުރާ ފަރާތުން ވަޒިފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ނަންބަރު 197/VTR/2022 މައްސަލައިގައި މައުޟޫޢީ ގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އިސްތިއުނާފުކުރާ ފަރާތަށް ސިވިލް ސަރވިސް ކޮމިޝަނުން 15 ސެޕްޓެންބަރު 2022ގައި ލިޔުމުން ދީފައިވާ އިންޒާރުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އިތުރު ފިޔަވަޅެއް ނޭޅުމަށް ސިވިލް ސަރވިސް ކޮމިޝަންއާއި މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އެންގުމަށް ވަގުތީ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވެއެވެ.
18HN3ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު ޤާއިމުވެގެންވާ ކަމުގައި ބެލެވޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ހިމާޔަތްކުރާ ޤާނޫނީ ގާއިދާއެއް އޮތުމުންނެވެ. މީގެ އިތުރުން ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއްވާކަމުގެ އިޙުތިމާލު ޤާއިމުވެގެންވާކަމުގައި ކޯޓުން ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށް ވުމެވެ. ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު އޮތްކަން އެނގިގެންދަނީ އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާ މައްސަލައިގެ ވާޤިޢާތަކުންނެވެ. އެހެންކަމުން، އެފަދަ ވާޤިޢާއެއް އޮތްކަން ނުވަތަ ނޫންކަން ބަލައި ދެނެގަންނަންޖެހޭނީ ކޮންމެ މައްސަލައެއްވެސް ވަކިން (subjectively) ވަޒަންކުރުމަށް ފަހުއެވެ.
19ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައުޟޫޢީ މައްސަލައަކީ މޯލްޑިވްސް އިމިގްރޭޝަންގެ ނަންބަރު (N6)H-2022/20 (15 ސެޕްޓެންބަރު 2022) "ލިޔުމުން ދޭ އިންޒާރު" ދީފައިވާތީ މި އިންޒާރަކީ ޤާނޫނާއި އެއްގޮތަށް ދީފައިވާ އިންޒާރެއްނޫންކަމަށް ކަނޑައަޅައި ދިނުމަށް ހުށަހަޅާފައިވާ މައްސަލައަކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައުޟޫޢީ މައްސަލައިގައި އެ ފަރާތުން ސުވާލު އުފައްދާފައިވަނީ 15 ސެޕްޓެންބަރު 2022ގެ ނަންބަރު (N6)H-2022/20 (15 ސެޕްޓެމްބަރ 2022) "ލިޔުމުން ދޭ އިންޒާރު"ގެ ޤާނޫނީ ހައިސިއްޔަތާމެދުގައި ކަން އެނގެއެވެ. ވަގުތީ އަމުރުގެ ޒަރިއްޔާއިން އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައުޟޫޢީ މައްސަލަ ނިމެންދެން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ ޤާނޫނާއި އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއްކަމުގައި ބަލައި އިތުރު ފިޔަވަޅެއް ނޭޅުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކުރުމަށެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައުޟޫޢީ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހޯދަން އެދޭ ފަރުވާއާއި، ވަގުތީ އަމުރުގައި ހޯދަން އެދޭ ފަރުވާ ތަފާތުކަމާއި، މިއީ މި މައްސަލައިގެ މައުޟޫޢުގައި ކުރެވޭ ޙުކުމުގެ ނަތީޖާއަށް އަސަރުކުރާނެ ގޮތަށް ދުރާލާ ވަގުތީ އަމުރަކުން ދާއިމީ ހިމާޔަތެއް ލިބިދިނުން ކަމުގައި ބެލެވެން އޮތްކަމުގައި ނުދެކެމެވެ.
20މީގެ އިތުރުން 15 ސެޕްޓެންބަރު 2022ގެ ނަންބަރު (N6)H-2022/20 "ލިޔުމުން ދޭ އިންޒާރު"އަކީ ޤާނޫނާއި އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި ދެކިގެން، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އިތުރު ފިޔަވަޅެއް އަޅައި، އޭގެ ނަތީޖާއެއްގެ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި، އެ މަޤާމަށް އެހެން މުވައްޒަފަކު ނަގައި، އޭގެ ފަހުން ތަރުތީބުވެގެންދާނެ ކަންކަމީ، މައުޟޫޢީ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް 15 ސެޕްޓެންބަރު 2022ގައި ލިޔުމުން ދީފައިވާ އިންޒާރަކީ ޤާނޫނާއި އެއްގޮތަށް ދީފައިވާ އިންޒާރެއްކަމުގައި ނުބެލެވޭ ޙާލަތުގައި، އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤަށް ހުރަސްއެޅޭނެ ކަމަކަށްވުމުގެ އިޙުތިމާލު އޮތް ކަމެކެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން މި ވަގުތީ އަމުރަށް އެދޭ އެދުމުގައި ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތް ކަމުގައި ބެލެވެން އެބައޮތެވެ.
21HN4ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތް ކަމުގައި ބެލެވޭނީ، މައުޟޫޢީ ދަޢުވާ އާދައިގެ އިޖުރާއަތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކުނުކުރެވޭފަދަ އަދި އިއާދަ ނުކުރެވޭފަދަ ނުރައްކަލަކާއި އަދި ގެއްލުމަކާއި އެ ދަޢުވާއާއި ގުޅިގެން ވަގުތީ އަމުރަށް އެދުނު ފަރާތުން ކުރިމަތިލާން ޖެހުމެވެ. އެހެން ގޮތަކަށް ބަޔާންކުރާނަމަ، މިއީ ފޫނުބެއްދޭވަރުގެ ގެއްލުމެވެ. ނުވަތަ އިޞްލާޙު ނުކުރެވޭފަދަ ގެއްލުމެވެ.
22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ނުރައްކަލެއް، އަދި ގެއްލުމެއް އެއްވެސް ފަރާތަކަށް ލިބުމުގެ އިޙުތިމާލު އޮތްތޯ ބަލާއިރު، ނުރައްކަލާއި ގެއްލުން ވަޒަންކުރުމުގައި ގިނަ ޤައުމުތަކުގައި ބޭނުންކުރާ ޓެސްޓަކީ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުކަމަށެވެ. މި ޓެސްޓުގައި ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ގެއްލުން ބެލުމުގެ ބަދަލުގައި، މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހެއެވެ.
23ސިވިލް ސަރވިސް ކޮމިޝަނުން އިސްތިއުނާފުކުރާ ފަރާތަށް 15 ސެޕްޓެންބަރު 2022ގައި ދީފައިވާ އިންޒާރުގެ މައްޗަށް ތަރުތީބުވެގެން އިތުރު އެއްވެސް ފިޔަވަޅެއް އެ ފަރާތާމެދު އަޅައިފިނަމަ، އެ ފިޔަވަޅެއް ބާޠިލުކޮށްދިނުމަށް އެދި އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އެ ފަރާތަށް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދީފައިވާތީ، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ވަގުތީ އަމުރު ނެރުމަކާނުލައި މި މައްސަލަ ކުރިއަށް ގެންދާނަމަ އެ ފަރާތަށް ލިބުމުގެ އިޙުތިމާލު އޮތްކަމަށް އެ ފަރާތުން ބަޔާންކޮށްފައިވާ ގެއްލުމަކީ އިއާދަނުކުރެވޭނެ ގެއްލުމެއްކަމުގައި ބުރަވެވެން ނެތް ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމުގައި މަތީ މަރުހަލާގެ ކޯޓުން ކަނޑައަޅާފައިވާ ބެލެންސް އޮފް ކޮންވީނިއަންސްގެ ޓެސްޓު ގޯސްކޮށް ތަޠުބީޤުކޮށްފައިވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
24މި މަރުޙަލާގައިވެސް މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބުމުގެ އިޙުތިމާލު އޮތް ތުރާތަކާއި ގެއްލުންތަކާއިބެހޭ ގޮތުން ޝަރީޢަތުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެ ފަރާތުގެ މައްޗަށް ފިޔަވަޅު އަޅަމުންއަންނަނީ އެއް ކަމެއްގެ މައްޗަށް ހިނގާ ކަމަކުންކަމަށާއި، އެ ފަރާތުގެ މައްޗަށް ފިޔަވަޅުތައް އަޅާ ނިމި ވަޒީފާއިން ވަކިކޮށް ނިންމައިފިނަމަ، އިޞްލާޙީ ފިޔަވަޅުގެ ޝަރުޢިއްޔަތު ބެލުމުގައި ކަނޑައަޅާ ކަނޑައެޅުމެއްގެ ބޭނުމެއް އިސްތިއުނާފުކުރާ ފަރާތަށް ނެތްކަމަށާއި، މިއީ އިއާދަނުކުރެވޭނެ ގެއްލުމެއްކަމަށެވެ. މީގެ އިތުރުން، އެ ފަރާތަށް ވަޒީފާގެ ޙައްޤު ގެއްލުމުގެ ފުރުޞަތު އޮތްކަމަށާއި، އަދި ވަޒީފާއިން ވަކިވެގެން ގޮސްފިނަމަ އެއީ 30 އަހަރުގެ ޚިދުމަތުގެ ރެކޯޑް އޮތް ފަރާތަކަށް އިއާދަނުކުރެވޭނެ ގެއްލުމެއްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދުނު ފަދައިން އަމުރު ނެރެފިނަމަ، އެ ފަރާތުގެ ވަޒީފާ އަދާކުރުމުގެ އަސާސީ ޙައްޤު ނެގެހެއްޓޭނެއިރު، އަމުރު ނެރުމުން ވަޒީފާދޭ ފަރާތަށް އުނިވެގެންދަނީ ވަޒީފާގައި އެ ފަރާތުގެ ނުރުހުމުގައި ބަހައްޓާ ބެހެއްޓުންކަމަށް ބެލި ނަމަވެސް، އަދި އިސްތިއުނާފުކުރާ ފަރާތަށް ލިބިދެވޭ މުސާރައާއި އިނާޔަތް ދޭންޖެހޭތީ ލިބޭ ގެއްލުންކަމުގައި ބެލިނަމަވެސް، މިއިން އެއްވެސް ކަމަކީ އޭގެ ޒާތުގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްގެން ލިބޭ ގެއްލުމާއި އަޅާ ބަލާއިރު، ވަޒީފާދޭ ފަރާތަށް ބޮޑު ގެއްލުމެއްކަން އަދުލުވެރިގޮތެއްގައި ބެލެން ނެތްކަމަށާއި، ވަޒީފާދޭ ފަރާތަކީ ބިޔަ ބޮޑު ދައުލަތުގެ އިދާރާއަކަށްވާއިރު، މި ޚަރަދުތަކުގެ ސަބަބުން އެ އިދާރާއަށް އިއާދަނުކުރެވޭނެ ގެއްލުމެއް ލިބެންޖެހޭ ސަބަބެއް ނެތްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
25ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އަޅާފައިވާ އިޞްލާޙީ ފިޔަވަޅަކީ ޤާނޫނާއި ގަވާއިދާއި ޚިލާފަށް އަޅާފައިވާ ފިޔަވަޅެއްކަމުގައި ކަނޑައެޅިއްޖެނަމަ، އެ ފަރާތަށް ލިބިދެވޭނެ ޤާނޫނީ ޙައްލެއްގެ ގޮތުން، އެ ފަރާތާއިމެދު އަޅާފައިވާ އިޞްލާޙީ ފިޔަވަޅު ބާޠިލުކުރެވޭނެކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން އިތުރު ކުށެއް، ހާޒިރީއާގުޅޭ ކުށްތަކަށް ފިޔަވަޅު އެޅުމަކީ އިސްތިސްނާވާނެކަމެއްކަމުގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 275 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އެ ފިޔަވަޅު ވެގެންދާނީ މިހާރު ހުށަހެޅިފައިވާ މައުޟޫޢީ މައްސަލައާ ތަފާތު ފިޔަވަޅެއްކަމަށާއި، އަދި އެ ޙާލަތުގައިވެސް އެކަން ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާކަމަށެވެ. މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެފިނަމަ ސިވިލް ސަރވިސް ކޮމިޝަންގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމަށް އޭގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށާއި، އަދި އެފަރާތާމެދު އިދާރީ ފިޔަވަޅެއް އެޅޭނެފަދަ ޢަމަލެއް ކުރާ ޙާލަތުގައިވެސް އެ ފަރާތާމެދު ފިޔަވަޅެއް އެޅުމުގެ ޙައްޤު ގެއްލޭނެކަމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވެއެވެ.
26HN5ވަގުތީ އަމުރަކަށް އެދުމުން، މައްސަލައިގެ މައި މައުޟޫޢާމެދު ގޮތެއް ކަނޑައެޅުމަކާ ނުލައި، މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ލިބިދާނެ ގެއްލުމުގެ މައްޗަށް ބަލައި، އެފަދަ ގެއްލުމެއް ލިބޭކަމުގައިވާނަމަ، ނުވަތަ އިއާދަނުކުރެވޭ މިންވަރުގެ ގެއްލުމެއް ލިބިދާނެކަމުގައި ދެކޭނަމަ، އާންމު އުޞޫލެއްގެ ގޮތުން އޮތް ޙާލަތަށް އޭގެ ޒާތުގައި ބަދަލެއްނުގެނައުމަށް އިސްކަންދީ، ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށް ވަގުތީ އަމުރު ނެރުމާއިއެކު ގޮތެއް ނިންމިގެން ދެއެވެ. އެ ނިންމުމަކީ މައްސަލައިގެ މައުޟޫޢުގައި ގޮތް ނިންމުމުގައި ބަލާ މިންގަނޑަށް ހެކިތައް ހުށަހަޅައި، އެ ހެކިތައް ވަޒަންކޮށް ނިންމާ ނިންމުމުގެ ބަދަލުގައި، ޝަރީޢަތުގައި މައްސަލައިގެ މައުޟޫޢުގައި ހެކި ވަޒަންކޮށް ފައިސަލާކުރަންޖެހޭ މިންވަރަށް އޭގެ ތެރެއަށް ވަނުމުގެ ބަދަލުގައި، މަތި މަތިން އެވަގުތު ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށް އިއާދަނުކުރެވޭ ގެއްލުމެއް ނުވަތަ އޮތް ނުރައްކަލެއް ފޫބެއްދުމަށް އިސްކަންދީ، ނިންމާ ނިންމުމެކެވެ.
27އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު، އަދި އެ ފަރާތުން ޓްރައިބިއުނަލްގައި ވަގުތީ އަމުރަކަށް އެދުނުއިރު، އެ ފަރާތް ވަޒީފާއިން ވަތްކެއްނުކުރެއެވެ. މި ޙާލަތުގައި ހުށަހެޅިފައިވާ މައުޟޫޢީ މައްސަލަގައިގައި ފައިސަލާކޮށް ގޮތެއް ނިންމަންދެން އެއިރު އޮތް ސްޓޭޓަސް ކޯ (status quo) ނުވަތަ ޚުޞޫމަތް އުފެދުމުގެ ކުރިން އޮތް ޙާލަތް، އެގޮތުގެ މަތިން ބޭއްވުން މުހިންމެވެ.
28HN6ދެ ފަރާތުގެ ގެއްލުން އަޅައިކިޔައިގެން ނޫނީ، މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ލިބޭނެ ގެއްލުމުގެ ކުޑަބޮޑު ވަޒަންކުރެވޭނެކަމަކަށް ނުބެލެވޭނެއެވެ. މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބުމުގެ އިޙުތިމާލު އޮތް ގެއްލުންތައް ވަޒަންކުރާއިރު، ވަގުތީ އަމުރެއް ނުނެރުމުގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އުފެދިފައި އޮތެވެ. އަދި އާޚިރުގައި އެކަންވީވެސް އެފަދައިންކަން އެނގެއެވެ. ބެލެންސް އޮފް ކޮންވީނިއަންސް ވަޒަންކުރުމުގައި އިސްތިއުނާފުކުރާ ފަރާތަށް އަޅާފައިވާ އިޞްލާޙީ ފިޔަވަޅަކީ އޭގެ ޝަރުޢިއްޔަތު އޮތް ފިޔަވަޅެއްކަމަށް ބަލައި އިތުރު ފިޔަވަޅެއް އަޅައިފިނަމަ، އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާއަދާކުރުމުގެ އަސާސީ ޙައްޤު ގެއްލި، އެ ފަރާތަށް އިއާދަނުކުރެވޭ އަދި ފޫނުބެއްދޭ ގެއްލުން ލިބިދާނެކަމުގެ އިޙުތިމާލު އޮތްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒަންކޮށްފައެއްނެތެވެ. އަދި ވަގުތީ އަމުރާއި މެދު ގޮތެއް ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ ޚަޞްމުންނަށް ބަލައި، އެ ދެ ފަރާތް ދެމެދު ހަމަހަމަ ވެގެންވާ ބާރެއްނެތްނަމަ، އެ ޙާލަތުގެ ނާޖާއިޒު ފައިދާ ބާރުވެރި ފަރާތުން ނެގުމުގެ ފުރުޞަތު ފަހިވެގެންދާނެކަމުގެ މައްޗަށް ބަލައި، އެކަމަށް ރިޢާޔަތްކުރަންޖެހޭނެއެވެ.
29ވަގުތީ އަމުރު ނުނެރުމުގެ ނަތީޖާއަކީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ ޤާނޫނާއި އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއްކަމަށް ބަލައި، އޭގެ މައްޗަށް ބިނާކޮށް އެ ފަރާތް ވަޒީފާއިން ވަކިކުރެވިގެން ދިޔުމުގެ އިޙުތިމާލު އެއިރު ވަރަށް ގާތްކަމަށް ބެލެވޭނެ ސަބަބުތައް އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބަޔާންކޮށްދީފައިވެއެވެ. އަދި އެ ފަރާތަށް ގެއްލިގެންދިޔަ ޙައްޤު ހޯދުމަށް އޮތް ފުރުޞަތައް ބަލާއިރު، ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ދެމެދު އޮތް ބާރުގެ ފަރަގުން، އެ ޙާލަތުގައި ވަޒީފާއަދާކުރާ ފަރާތަށް ލިބޭނެ ގެއްލުން ބޮޑުކަމަށް ބުރަވެވެއެވެ.
30HN7ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ވަގުތީ އަމުރާއި މެދު ގޮތެއް ނިންމުމުގައި ދެ ފަރާތަށް ލިބޭނެ ގެއްލުން ވަޒަންކޮށް، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ވަގުތީ އަމުރު ނެރުމަކާނުލައި މައްސަލަ ކުރިއަށްގެންދާނަމަ އެ ފަރާތަށް ލިބުމުގެ އިޙުތިމާލު އޮތްކަމަށް އެ ފަރާތުން ބަޔާންކޮށްފައިވާ ގެއްލުމަކީ އިއާދަނުކުރެވޭ ގެއްލުމެއްކަމަށް ބުރަނުވެވޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް އިއާދަނުކުރެވޭނޭ ގެއްލުމެއް ލިބޭނެކަމަށް އަދި އެ ގެއްލުމަކީ އެ ފަރާތުގެ އަސާސީ ޙައްޤަކާއި ސީދާ ގުޅިފައިވާ ކަމެއްކަމަށް އެ ފަރާތުން ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއްނެތި ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ބޭއިންސާފު ގެއްލުން ލިބުމުގެ ފުރުޞަތު އޮތް ކަމުގައި ދެކެމެވެ. އެހެންކަމުން، ވަގުތީ އަމުރު ނެރުމުގެ ސަބަބުން ސިވިލް ސަރވިސް ކޮމިޝަންއަށް ލިބުމުގެ އިޙުތިމާލު އޮތް ގެއްލުމަށްވުރެ، ވަގުތީ އަމުރު ނުނެރުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ލިބުމުގެ އިޙުތިމާލު އޮތް ގެއްލުން ބޮޑުކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްކަމުގައި ދެކެމެވެ. އެހެންކަމުން، އިސްވެ ބަޔާންކުރަނިވި ސަބަބުތަކުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަގުތީ އަމުރު ނުނެރުމަށް ނިންމި ނިންމުން ބާޠިލުކުރަންޖެހޭނެ ޙާލަތްތައް އޮތްކަމުގައި ދެކެމެވެ.
31HN10މިކަން ފާހަގަކުރުމާއިއެކު، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް 15 ސެޕްޓެންބަރު 2022ގައި އަޅާފައިވާ އިޞްލާޙީ ފިޔަވަޅުގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅެއް ނޭޅުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށާއި މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވީނަމަވެސް، 09 ފެބުރުއަރީ 2023ގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާކަން އެނގެން އޮތުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2022/46 (22 ޑިސެންބަރު 2022) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ނިންމުމާއި ގުޅިގެން އަލުން ގޮތެއް ނުވަތަ އިތުރު ގޮތެއް ކަނޑައަޅަން އެންގުމުގެ ބޭނުމެއް މިހާރަކު އޮތްކަމަކަށް ނުދެކެމެވެ.
32HN809 ފެބުރުއަރީ 2023 ގައި ވަޒީފާއިން ވަކިކުރުމަށް ނެރުނު ޗިޓަކީ އިތުރު ފިޔަވަޅެއްކަމަށް ބަލައި އެ ޗިޓަށް ޢަމަލުކުރުން މަޑުޖައްސާލުމަށް މޯލްޑިވްސް އިމިގްރޭޝަން އާއި ސިވިލް ސަރވިސް ކޮމިޝަނަށް އަމުރުކޮށްދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު މި އެދޭ އެދުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެ ފަރާތުން އެދުނު ވަގުތީ އަމުރުގެ އިމުން ބޭރުވެ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ވާހަކަދެކެވިފައިނުވާ އަދި ގޮތެއް ކަނޑައެޅިފައިނުވާ ކަމެކެވެ. އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއިން ވަކިކުރިކުރުމަކީ މައުޟޫޢީ މައްސަލައިގައި ހިމެނޭ ކަމަކަށްނުވާތީއާއި، މިކަމީ މި މަޙައްލުގައި މިހިނދު ވަގުތީ ފަރުވާއެއް ދެވޭނެކަމަށްނުވާތީއާއި، އަދި މިކަމީ މި ކޯޓުން ފުރަތަމަ މަރުޙަލާގައި ބަލައި ގޮތެއް ކަނޑައެޅޭނެ ކަމަކަށްނުވާތީ، އިސްތިއުނާފުކުރާ ފަރާތުން 09 ފެބުރުއަރީ 2023 ގައި ވަޒީފާއިން ވަކިކުރުމަށް ނެރުނު ޗިޓަކީ އިތުރު ފިޔަވަޅެއްކަމަށް ބަލައި އެ ޗިޓަށް ޢަމަލުކުރުން މަޑުޖައްސާލުމަށް މޯލްޑިވްސް އިމިގްރޭޝަން އާއި ސިވިލް ސަރވިސް ކޮމިޝަނަށް އަމުރުކޮށްދިނުމަށް އެދިފައިވާ މިކަމީ ވަގުތީ ޙައްލަކަށްވުރެ، މައުޟޫޢީގޮތުން އެކަން ބަލައި، ކަން ހިނގާދިޔަގޮތުގެ މައްޗަށް ޝަރީޢަތް ނުކުރެވި، ދެވިދާނެ ފަރުވާއަކަށްނުވާތީ، މިކަން ބަލައިގަނެ، މި މަޙައްލުގައި ގޮތެއް ކަނޑައެޅެން އޮތް ކަމުގައި ނުދެކެމެވެ.
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޙަވާލާދީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ތިންވަނަ އިސްތިއުނާފީ ނުކުތާއާ ގުޅޭ
33HN9ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ގާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި، އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެއެވެ. މި އަސާސީ ޙައްޤު ލިބުނުކަން ކަށަވަރުވެގެންދަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރެވިފައިވާ ގޮތަށް ހާމަކަމާއެކު އެ ޝަރީޢަތެއް ކުރެވިގެންނެވެ.
34ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަށް ބަލާއިރު، ފަނޑިޔާރުން އިންސާފުވެރި ޝަރީޢަތެއް ކުރުމުގައި ތަބާވާންޖެހޭނެ މައިގަނޑު އުޞޫލުތަކަކީ:
(ހ) އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ބޭއްވުން
(ށ) ޢާންމުކޮށް ހުޅުވާލެވިގެން ޝަރީޢަތް ބޭއްވުން
(ނ) ޢަދުލުވެރިވުން
(ރ) ވަކި ފަރާތަކަށް ނުޖެހުން؛ އަދި
(ބ) ހާމަކަމާއެކު ޝަރީޢަތްކުރުމެވެ.
35ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމަކީ މައްސަލައިގެ ޚަޞްމުންނަށް އެ މައްސަލައަކާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ފުރުޞަތުދީ، އަދި އަނެއް ފަރާތުން ހުށަހަޅާ ކަންކަން ތައުނުކުރުމަށް ފުރުޞަތު ދިނުމާއެކު، މައްސަލައިގެ ހުރިހާ ފަރާތްތަކާއިމެދުވެސް ހަމަހަމަކަމާއެކު ޢަމަލުކުރުމެވެ. އަދި ހަމައެހެންމެ، ޝަރީޢަތަކީ ފަނޑިޔާރުގެ ކުރި މައްޗަށް ހުށަހެޅޭ ދަޢުވާއެއްގައި ޚަޞްމުން ހުށަހަޅާ ހެކިތައް ވަޒަންކޮށް އެ ހެކިތަކުގެ މައްޗަށް ފަނޑިޔާރު ބަލައި ވިސްނުމަށްފަހު އޭނާއަށް ބުރަވެވޭ ގޮތަކަށް އެ ދަޢުވާއާމެދު ގޮތެއް ނިންމުމެވެ. ފަނޑިޔާރު ނިންމާ ނިންމުމަކީ ހެއްކާ ގަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާއި އެކުގައި ކުރި ޙުކުމެއްކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައިކަމާއި، އެ ހެކިތައް ވަޒަންކުރި ގޮތާއި، ފަނޑިޔާރު ޙުކުމަށް ވާސިލުވި ސަބަބު ލިޔެ ބަޔާންކުރުމުންނެވެ.
36މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 22 ނޮވެންބަރު 2022 ގައި އިސްތިއުނާފުކުރާ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވެއެވެ. މިއާ ގުޅިގެން ވަގުތީ އަމުރަށް 30 ނޮވެންބަރު 2022 ގައި ސިވިލް ސަރވިސް ކޮމިޝަނުން ޖަވާބު ހުށަހަޅާފައިވާކަން އެނގެއެވެ. ވަގުތީ އަމުރާއި ގުޅޭ ގޮތުން އަޑުއެހުމެއް 15 ޑިސެންބަރު 2022 ގައި ބޭއްވިފައިވެއެވެ. މި އަޑުއެހުމުގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުން ވަގުތީ އަމުރާއި ގުޅޭ ގޮތުން ހުށަހެޅި ޖަވާބާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ބަޔާނެއް ހުށަހަޅައި، މި ބަޔާނުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން މި އަޑުއެހުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ވާހަކަދައްކާފައިވާކަން އެނގެއެވެ. މި އަޑުއެހުމުގެ ޓްރާންސްކްރިޕްޓްއަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 197/VTR/2022 މައްސަލައިގައި ވަގުތީ އަމުރަކަށް އެދިފައިވާނީ މައިގަނޑު ގޮތެއްގައި މައްސަލަ ރައްދުވާ ފަރާތުން އަޅާފައިވާ އިޞްލާޙީ ފިޔަވަޅު ބާޠިލުކޮށްދިނުމަށްކަމަށާއި، މިހާރު އަޅާފައިވާ ފިޔަވަޅާ ގުޅިގެން ދެފަރާތުންވެސް ވާހަކަ ދައްކާފައިވާކަމާއި، އަދި މައްސަލަ ބައްލަވާ މެންބަރު ސާފުކުރުމަށް އެދުނު ކަންކަން ސާފުކޮށް، ދެ ފަރާތުންވެސް ޖާވާބުދީފައިވާކަންވެސް އެނގެއެވެ. އަޑުއެހުން ނިންމާލުމުގެ ކުރިން، ދެން މި މައްސަލައިގައި މައްސަލަ ރައްދުވި ފަރާތުން ވަގުތީ އަމުރާ ގުޅިގެން ހުށަހަޅާ ޑޮކިއުމަންޓް މައްސަލަ ހުށަހެޅި ފަރާތާ ހިއްސާކުރުމަށްފަހު ދެން އޮންނާނީ މައްސަލައިގެ ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުންކަމަށް އިޢުލާންކޮށްފައިވާކަން އެނގެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ވަގުތީ އަމުރަށް އެދޭ އެދުމާއިމެދު 22 ޑިސެންބަރު 2022ގައި ނިންމުމެއް ނިންމާފައިވާކަން އެނގެއެވެ.
37އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ވަގުތީ އަމުރާއި ގުޅޭ ގޮތުން ދެ ފަރާތުންވެސް ބަޔާން ބަދަލުކޮށް، އަދި ޝަރީޢަތުގައިވެސް ދެ ފަރާތަށް އެއާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް އެކަށީގެންވާ ވަގުތާއި ފުރުޞަތު ދީފައިވާކަން އެނގެއެވެ. ހަމަ މިއާއެކު، ވަގުތީ އަމުރާއި ގުޅޭ ގޮތުން ދެ ފަރާތުންވެސް ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމަށް މުހުލަތު އޮތްކަން ވަގުތީ އަމުރަށް އެދުނު ތާރީޚާއި ވަގުތީ އަމުރާއި މެދު ގޮތެއް ނިންމި ތާރީޚަށް ބެލުމުން އެނގެންއޮތްއިރު، އިސްތިއުނާފުކުރާ ފަރާތުން ވަގުތީ އަމުރާއި ގުޅޭ ގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ދީފައިވާ ޖަވާބަށް ރައްދުވެސް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. މި އެންމެ ކަންކަމުގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަމުގައި ފެންނަ ގޮތް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2022/46 (22 ޑިސެންބަރު 2022) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" އަކީ "ފެއަރ ހިޔަރިން"ގެ އުޞޫލުތަކާއި ޚިލާފަށް އަޑުއެހުންތައް ކުރިއަށް ގެންގޮސް، ނިންމާފައިވާ ނިންމުމެއްކަމުގައި ބެލެވޭނެ ހަމައެއް އޮތްކަމުގައި ނުދެކެމެވެ.
ނިންމުން
38އިސްވެ 20 ވަނަ ނުކުތާއިން ފެށިގެން 35 ވަނަ ނުކުތާއާ ހަމައަށް ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2022/46 (22 ޑިސެންބަރު 2022) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ބާޠިލުކުރަންޖެހޭ ކަމުގައި ދެކެމެވެ. އެހެނަސް، މި މައްސަލަ ހުށަހެޅި ފަހުން 09 ފެބުރުވަރީ 2023 ގައި އިސްތިއުނާފުކުރާ ފަރާތް ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރގެ ވަޒީފާއިން ވަކިކޮށްފައިވާކަން އެނގެން އޮތުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2022/46 (22 ޑިސެންބަރު 2022) ނިންމުމަކީ ބާރު ކެނޑި، ފާއިލިއްޔަތު ގެއްލިފައިވާ ނިންމުމެއްކަމުން، މި ނިންމުމާއި ގުޅިގެން އަލުން ގޮތެއް ނުވަތަ އިތުރު ގޮތެއް ކަނޑައަޅަން އެންގުމުގެ ބޭނުމެއް މިހާރަކު އޮތްކަމަކަށް ނުދެކެމެވެ.
39ހަމައެއާއެކު، އިސްތިއުނާފުކުރާ ފަރާތުން މިހާރު މި ކޯޓުގައި، 09 ފެބުރުއަރީ 2023 ގައި ވަޒީފާއިން ވަކިކުރުމަށް ނެރުނު ޗިޓަކީ އިތުރު ފިޔަވަޅެއްކަމަށް ބަލައި އެ ޗިޓަށް ޢަމަލުކުރުން މަޑުޖައްސާލުމަށް މޯލްޑިވްސް އިމިގްރޭޝަން އާއި ސިވިލް ސަރވިސް ކޮމިޝަނަށް އަމުރުކޮށްދިނުމަށް އެދިފައިވީނަމަވެސް، މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެ ފަރާތުން އެދުނު ވަގުތީ އަމުރުގެ އިމުގެ ބޭރުން، މައުޟޫޢީ މައްސަލައިގައި ނުހިމެނޭކަމަކަށްވެފައި، މިކަމީ މި ކޯޓުން ފުރަތަމަ މަރުޙަލާގައި ބަލައި ގޮތެއް ކަނޑައެޅޭނެ ކަމަކަށްނުވާތީ، އިސްތިއުނާފުކުރާ ފަރާތުން 09 ފެބުރުއަރީ 2023 ގައި ވަޒީފާއިން ވަކިކުރުމަށް ނެރުނު ޗިޓަކީ އިތުރު ފިޔަވަޅެއްކަމަށް ބަލައި އެ ޗިޓަށް ޢަމަލުކުރުން މަޑުޖައްސާލުމަށް މޯލްޑިވްސް އިމިގްރޭޝަން އާއި ސިވިލް ސަރވިސް ކޮމިޝަނަށް އަމުރުކޮށްދިނުމަށް އެދިފައިވާ މި ފަރުވާއަކީ ވަގުތީ ޙައްލަކަށްވުރެ، މައުޟޫޢީގޮތުން އެކަން ބަލައި، ކަން ހިނގާދިޔަގޮތުގެ މައްޗަށް ޝަރީޢަތް ނުކުރެވި، ދެވިދާނެ ފަރުވާއަކަށްނުވާތީ، މިއީ މި މަޙައްލުގައި ގޮތެއް ކަނޑައަޅައި، ދެވޭނެ ފަރުވާއެއް ކަމުގައި ނުދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
40ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު
41ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
42މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2022/46 (22 ޑިސެންބަރު 2022) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" އިސްތިއުނާފުކުރުމަށް އެދި މާލެ ހ. ލޮބީ، ޙަސަން ޚަލީލްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު200-VTR/VA/2022/46 (22 ޑިސެންބަރު 2022) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ބާޠިލުކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
މުޙައްމަދު ނިޔާޒް
މުޙައްމަދު ފައިޞަލް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 272 ވަނަ މާއްދާގެ (މ) އަދި 275 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ
- 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- 2020/SC-A/101 (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
- 2021/SC-A/43 (ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް)
- 2019/SC-A/15 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- 2015/HC-A/71
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.