ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 28 · 2020/SC-A/101ސުޕްރީމް ކޯޓު · 16 މާރިޗު 2021

އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް މޯލްޑިވްސް ޕަރއިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
25 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 މާރިޗު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/101

ޝަރީޢަތް ނިމުނުގޮތް

އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

16 މާރިޗު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2020/HC-A/165

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްއެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް

ޤާނޫނީ ވަކީލު:

ބަދަލުގައި:މުޙައްމަދު ޝަހުދީ އަންވަރު

(އެސް.އެންޑް.އޭ ލޯޔަރސް އެލް.އެލް.ޕީ) ޝުޢައިބު މުޙައްމަދު ޝާހް (އެޗް.އެސް.ސީ ލޯޔަރސް)

ދާނިޝް މުޙައްމަދު އަމީން (އެޗް.އެސް.ސީ ލޯޔަރސް)

ޙުސައިން ސިރާޖު ޤާނޫނީ ވަކީލު:

(އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ) ޝާހީން ޙަމީދު (ޕްރިމިއަރ ޗޭންބާސް)

އިބްރާހީމް ޝަމީލް (ޕްރިމިއަރ ޗޭންބާސް)

މޫސާ ޢާލިމް (އެޗް.އެސް.ސީ ލޯޔަރސް)

ތަދައްޚުލުވި ފަރާތް

ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ޤާނޫނީ ވަކީލު:

މުޙައްމަދު ފިޒާން (ފިޒާން އެންޑް ޕާޓްނާރސް އެލް.އެލް.ޕީ) އައްބާސް ޝަރީފް (ފިޒާން އެންޑް ޕާޓްނާރސް އެލް.އެލް.ޕީ) ފަޞީޙް ޒާހިރު (ފިޒާން އެންޑް ޕާޓްނާރސް އެލް.އެލް.ޕީ) މަދަނީ – ވަގުތީ އަމުރު – ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަން ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ހ) އަދި (ށ) – ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް - ވަގުތީ އަމުރު ނެރޭއިރު ޔަޤީން ކަށަވަރުކަން ދިނުން - ޤާނޫނު ނަންބަރު 14/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާ

އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/165 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު:C-630/2007 ) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އެސް.ޕީ.އެޗް" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: (C-0164/2010 (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޖުމެއިރާ" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

އެސް.ޕީ.އެޗް އާއި ޖުމެއިރާ އިންޓަރނޭޝަނަލް އެލް.އެލް.ސީއާ ދެމެދު ރިސޯޓް މެނޭޖުކުރުމަށް މެނޭޖްމެންޓު އެގްރީމެންޓް (މީގެ ފަހުން "މެނޭޖްމެންޓު އެގްރީމެންޓު" ކަމަށް ބުނެފައިވާ އެއްބަސްވުން) ގައި 18 ފެބުރުވަރީ 2008 ގައި ސޮއިކޮށްފައިވެއެވެ. އަދި، އެސް.ޕީ.އެޗްއިން ސަބްލީސް ކޮށްފައިވާ، ކ. ބޮލިފުށީގައި ތަރައްޤީ ކޮށްފައިވާ "ޖުމެއިރާ ވިއްޓަވެލި" ރިޒޯޓު (މީގެ ފަހުން "ޖުމެއިރާ ވިއްޓަވެލި" ކަމަށް ބުނެފައިވާ ރިޒޯޓު) މެނޭޖުކުރުމުގެ އެންމެހައި ޙައްޤުތަކާއި ޒިންމާތައް 08 އެޕްރީލް 2030 ގެ ނިޔަލަށް ޖުމެއިރާ އިންޓަނޭޝަނަލް އެލް.އެލް.ސީއަށް ލިބިގެންވާ ކަމަށް މެނޭޖްމެންޓު އެގްރީމެންޓުގައި ދެ ފަރާތުން އެއްބަސްވެފައިވެއެވެ.

މެނޭޖްމެންޓު އެގްރީމެންޓުގެ ދަށުން ޖުމެއިރާ އިންޓަރނޭޝަނަލް އެލް.އެލް.ސީއަށް ލިބިގެންވާ އެންމެހައި ޙައްޤުތަކާއި ޒިންމާތައް 26 ފެބުރުވަރީ 2011 ގައި ސޮއިކުރެވުނު ނޮވޭޝަން އެގްރިމެންޓު (novation agreement) ގެ ދަށުން އިސްތިއުނާފު ރައްދުވާ ޖުމެއިރާއަށް ބަދަލު ކޮށްފައިވެއެވެ. އޭގެ ފަހުން ޖުމެއިރާ ވިއްޓަވެލި ހިންގަމުންދަނީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ޖުމައިރާއިންނެވެ.

މެނޭޖްމެންޓު އެގްރީމެންޓުގެ ދަށުން ލާޒިމު ކުރާ ކަންކަން ކުރުމަށް ޖުމެއިރާއަށް ނުކުޅުދޭ ފަދަ ޙާލަތެއް ދިމާވެފައިވާ ކަމަށް ބުނެ، މެނޭޖްމެންޓު އެގްރީމެންޓުގެ 36.1.3 ވަނަ މާއްދާގެ ދަށުން މެނޭޖްމެންޓު އެގްރީމެންޓު ބާޠިލުކޮށް، 31 މޭ 2020 ގައި އެސް.ޕީ.އެޗްއިން ޖުމެއިރާއަށް ޓާމިނޭޝަން ނޯޓިސް ފޮނުވާފައިވެއެވެ.

ޖުމެއިރާއާއެކު ވެފައިވާ މެނޭޖްމެންޓު އެގްރީމެންޓު ބާޠިލުކުރުމަށް ނޯޓިސް ފޮނުވުމަށްފަހު، 01 ޖޫން 2020 ގައި ކ. ބޮލިފުށީގައި ތަރައްޤީކޮށްފައިވާ ރިޒޯޓު މެނޭޖުކުރުމަށް އެޓްމޮސްފެއަރއާއެކު އައު މެނޭޖްމެންޓު އެގްރިމެންޓެއްގައި އެސް.ޕީ.އެޗްއިން ސޮއިކޮށްފައިވެއެވެ. އަދި، އެ ރިޒޯޓު ޖުމެއިރާ ސްޓޭންޑަރޑްއިން އެޓްމޮސްފެއަރގެ ސެޓޭންޑަރޑްއަށް ބަދަލުކޮށް، މިހާރު އެ ރިޒޯޓު އެގޮތުގައި އޮޕަރޭޓް ކުރެވެމުންދެއެވެ.

އެސް.ޕީ.އެޗްއިން މެނޭޖްމެންޓު އެގްރީމެންޓު ބާޠިލުކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ކަމަށް ބުނެ އެސް.ޕީ.އެޗްއިން ފޮނުވި ޓާމިނޭޝަން ނޯޓިސްގެ ޞައްޙަކަން މައުޟޫޢީ ގޮތުން ބަލައި ކަށަވަރު ކުރުމަށް ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް ޖުމެއިރާއިން 12 ޖޫން 2020 ގައި މައްސަލަ (މީގެ ފަހުން "ފުރަތަމަ އާބިޓްރޭޝަން މައްސަލަ" ކަމަށް ބުނެފައިވާ) ހުށަހެޅިއެވެ.

ޖުމެއިރާއިން ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ޞައްޙަކަން ޔަޤީން ނުކުރެވޭ ނޯޓިހެއްގެ މައްޗަށް އެސް.ޕީ.އެޗްއިން ޢަމަލުކުރާ ކަމަށް ބުނެ، ފުރަތަމަ އާބިޓްރޭޝަން މައްސަލައާ ގުޅިގެން، އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ޖުމެއިރާއިން ހައިކޯޓަށް މައްސަލަ (މީގެ ފަހުން "ފުރަތަމަ ހައިކޯޓަށް ހުށަހެޅުނު މައްސަލަ" ކަމަށް ބުނެފައިވާ) ހުށަހެޅިއެވެ. އެ މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/129 ޤަޟިއްޔާއިންނެވެ.

އޭގެ ފަހުން، ޖުމެއިރާގެ ފަރާތުން ފުރަތަމަ އާބިޓްރޭޝަން މައްސަލަ އަނބުރާ ގެނެސް، އިސްވެ ދިޔަ ޕެރެގްރާފު 6 ގައިވާ ކަންތައްތަކަށް ބިނާކޮށް ދެވަނަ އާބިޓްރޭޝަން މައްސަލަ (މިހާރު މި މައްސަލައިގައި ހިމެނޭ ޓާމިނޭޝަން ނޯޓިސްގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމަށް ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރގައި ކުރިއަށް ދާ މައްސަލަ) 17 އޮގަސްޓު 2020 ގައި އެ ސެންޓަރަށް ހުށަހަޅާފައިވެއެވެ. އަދި ފުރަތަމަ އާބިޓްރޭޝަން މައްސަލަ އަނބުރާ ގެނެސްފައިވުމުން، އެ މައްސަލައަށް ބިނާކޮށް ހައިކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ބާޠިލުކޮށް އަނބުރާ ގެންދަން ބޭނުންވާ ކަން ހައިކޯޓަށް 24 އޮގަސްޓު 2020 ގައި ޖުމެއިރާގެ ފަރާތުން އެންގުމުން، ފުތަރަމަ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ދަޢުވާ ފޯމު ހައިކޯޓުން އެ ދުވަހު ބާޠިލުކޮށްފައިވެއެވެ.

އޭގެ ފަހުން، ދެވަނަ އާބިޓްރޭޝަން މައްސަލައަށް ބިނާކޮށް، އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ޖުމެއިރާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ދެވަނަ ފަހަރަށް މައްސަލަ (އިސްތިއުނާފު ކޮށްފައި މިވާ ޤަޟިއްޔާ) ހުށަހެޅިއެވެ.

ހައިކޯޓުން ނިންމިގޮތް

އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައާ ގުޅިގެން، ޖުމެއިރާއިން ދެވަނަ ފަހަރަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/165 ޤަޟިއްޔާއިންނެވެ.

ޖުމެއިރާއިން ހުށަހެޅި މައްސަލައަކީ ހައިކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫން ކަމަށް ބުނެ އެސް.ޕީ.އެޗްގެ ފަރާތުން ތިން އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކާ ގުޅިގެން ހައިކޯޓުން ނިންމާފައިވާގޮތް ތިރީގައި އެ ވަނީ އެވެ.

މައްސަލައިގައި ޖުމެއިރާއިން ޢަމަލު ކޮށްފައިވާ ގޮތަށް ރިޢާޔަތް ކުރާއިރު، ޖުމެއިރާގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށްޓަކައި ކަމަށް ބުރަވެވެން ނެތް ކަމަށާއި،

އެސް.ޕީ.އެޗްއިން ބުނެފައިވާ ގޮތަށް، ބައިނަލްއަޤްވާމީ އާބިޓްރޭޝަންއާގުޅޭ ގޮތުން ހައިކޯޓުން ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ އުޞޫލެއް ނެތް ކަމަށާއި، އެހެންނަމަވެސް، އެ އުޞޫލު އެކުލަވާލާފައި ނެތުމަކީ އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ދަށުން ރާއްޖެއިން ބޭރުގައި ހިނގަމުންދާ އާބިޓްރޭޝަންގެ މައްސަލައަކާ ގުޅިގެން ވަގުތީ ފިޔަވަޅެއް އަޅައި ދިނުމަށް އެދި މައްސަލައެއް ހުށަހެޅުމުން، އެ މާއްދާ ތަންފީޒުނުކޮށް، އެ މާއްދާގެ ބާރު ނެތިގެންދާ ގޮތަށް ޢަމަލު ކުރަންވީ ސަބަބެއް ނޫން ކަމަށާއި، އެ މާއްދާގެ ދަށުން ޖުމެއިރާއަށް ލިބިފައިވާ ޙައްޤު އެގޮތުގައި އެ ކުންފުންޏަށް ލިބެން ޖެހޭނެ ކަމަށާއި،

ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރގެ ރަޖިސްޓްރަރ، 24 އޮގަސްޓު 2020 ގައި ތައްޔާރު ކޮށްފައިވާ ލިޔުމުގައި އާބިޓްރޭޝަންގެ މައްސަލަ 18 އޮގަސްޓު 2020 ގައި ފަށާފައިވާ ކަމަށް ބަޔާންކޮށްފައިވުމުން، އެ މައްސަލައަކީ ހިނގަމުންދާ މައްސަލައެއް ކަމަށް ބަލަންޖެހޭ ކަމަށެވެ.

ވަގުތީ އަމުރެއް ނެރެދިނުމުގައި ފުރިހަމަވޭތޯ ކޯޓުން ބަލަން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޠުތައް ޖުމެއިރާގެ ފަރާތުން އެދިފައިވާ ކަންތައްތަކުގައި ފުރިހަމަވާ ކަމުގައި ފެނިގެން، ޖުމެއިރާއިން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް މި މައްސަލައިގައި ހައިކޯޓުން ނެރެދީފައިވެއެވެ. އެގޮތުން ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ނަންބަރު ARB897/20/LSJ މައްސަލަ ނިމެންދެން ނުވަތަ އެ މައްސަލަ ބަލާ ޓްރައިބިއުނަލުން ނުވަތަ ހައިކޯޓުން އެހެން ގޮތަކަށް ކަނޑައަޅަންދެން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑަށް އަންގައި، ހައިކޯޓުން އަމުރު ކޮށްފައިވެއެވެ.

މެނޭޖްމެންޓު އެގްރިމެންޓުގެ ދަށުން ޖުމެއިރާއަށް ލިބޭ އެންމެހައި ޙައްޤުތަކަށް އިޢާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރުމަށާއި؛

މެނޭޖްމަންޓު އެގްރިމެންޓުގައި އެކުލެވޭ ރިޒޯޓު ހިންގުމާބެހޭ ހުރިހައި ޙައްޤުތައް އެ ގޮތުގައި ދެމެހެއްޓުމަށާއި؛

މެނޭޖްމަންޓު އެގްރިމެންޓު ބާޠިލު ކުރުމަށް 31 މޭ 2020 ގައި އެސް.ޕީ.އެޗްއިން ނިންމުމުގެ ކުރިން އޮތް ޙާލަތަށް ބަދަލު ނުގައުމަށެވެ.

ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ ޤާނޫނާއި ގަވާއިދާ ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި އެއްގޮތަށް ނޫން ކަމަށް ބުނެ، އެސް.ޕީ.އެޗްއިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: ޖުމެއިރާއިން މައްސަލަ ހުށަހަޅާފައިވަނީ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށްޓަކައި ކަމަށް ބުރެވެވެން ނެތް ކަމަށް ހައިކޯޓުން ނިންމާފައިވަނީ، ކޯޓަށް މައްސަލަ ހުށަހެޅި ފަރާތަކުން އެ މައްސަލައެއް އަނބުރާ ގެންގޮސްފިނަމަ، ދެން ހަމަ އެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅުމުން އެ މައްސަލައެއް ކޯޓުން ބަލައިގަނެ ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓްގެ މައްޗަށް ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑްއިން ހުށެހެޅުމުން ބެލުނު ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

ޖުމައިރާއިން ޢަދުލު އިންޞާފުގެ ބޭނުން ނަހަމަގޮތުގައި ހިފާފައި ނުވާނެ ކަމަށާއި، ފުރަތަމަ ހައިކޯޓަށް ހުށަހެޅި މައްސަލަ ޖުމެއިރާއިން އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލަ އޭގެ މައްޗަށް ބިނާވި އާބިޓްރޭޝަން މައްސަލަ އަނބުރާ ގެނެސްފައިވުމުން، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެތީ ކަމަށާއި؛

އިސްތިއުނާފު ކޮށްފައި މިވާ މައްސަލައިގެ (ޖުމެއިރާގެ ފަރާތުން ދެވަނަ ފަހަރަށް ހައިކޯޓަށް ހުށަހެޅި މައްސަލަ) ދަށުން ހުށަހަޅާފައިވަނީ ވެސް ކުރިން ވެސް ހުށަހެޅި ކަންތައްތައް ކަމަށާއި؛

ފަހުން ހުށަހެޅި މައްސަލައިގައި ތަފާތު ބޮޑު ބަދަލުތަކެއް ގެނެސްފައި ނުވާނެ ކަމަށާއި، ދެވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމެއިރާއިން ފުރަތަމަ ފަހަރު ހުށަހެޅި ހުށަހެޅުމުގައި ހުރި ޤާނޫނީ ބާގަނޑުތައް ފޫބައްދާފައިވާ ކަމަށް އެސް.ޕީ.އެޗްގެ ފަރާތުން ބުނިނަމަވެސް، އެފަދައިން ފޫބައްދާފައިވާ ބާގަނޑުތަކަކީ ކޮބައިކަން އެސް.ޕީ.އެޗްއަށް ބުނެދެވިފައިނުވާ ކަމަށާއި؛

ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓްގެ މައްޗަށް ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑްއިން ހުށެހެޅުމުން ބެލުނު މައްސަލަ އާއި އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގައި ކަން ހިނގާފައިވަނީ ވަރަށް ތަފާތުކޮށް ކަމުން، މި މައްސަލައަށް އެ ޤަޟިއްޔާ ތަޠުބީޤުކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

އެންމެ ފުރަތަމަ އާބިޓްރޭޝަންއަށް ހުށަހަޅާފައިވަނީ ފުރަތަމަ ހައިކޯޓަށް ހުށަހެޅި މައްސަލަ ހުށަހެޅުމުގެ ބޭނުމުގައި ކަމަށާއި، އަދި ވަގުތީ އަމުރެއް ނުލިބިދާނެ ކަމަށް ބެލެވެމުން، ފުރަތަމަ އާބިޓްރޭޝަން އަނބުރާ ގެންގޮސްފައިވަނީ، އެ މައްސަލައިގެ މައްޗަށް ބިނާކޮށް ހައިކޯޓަށް ހުށަހެޅި މައްސަލަ އިޞްލާޙު ކުރުމުގެ ބޭނުމުގައި ކަމަށާއި، އެއީ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް (abuse of process) ޖުމެއިރާއިން ކޮށްފައިވާ ކަމެއް ކަމަށާއި،

ފަހުން ހުށަހެޅި މައްސަލައިގައި ދަޢުވާ ފޯމަށް ގެނެސްފައިވަނީ އާދައިގެ ކުދި ބަލަދުތައް ކަމަށް ޖުމެއިރާއިން ބުނިނަމަވެސް، ފުރަތަމަ ހައިކޯޓަށް ހުށަހެޅި މައްސަލަ އާއި ދެވަނަ އާބިޓްރޭޝަންއާ ގުޅިގެން އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގައި އެދިފައިވާ ގޮތް ވެސް ތަފާތު ކަމަށާއި، މައްސަލައިގެ އަޑުއެހުންތައް ފެށުމަށްފަހު ދަޢުވާ ފޯމު އިޞްލާޙު ކުރެވޭނީ ވަރަށް އިސްތިސްނާއީ ޙާލަތްތަކެއްގައި ކަމަށް ވުމުން، މިއީ ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓްގެ މައްޗަށް ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑްއިން ހުށެހެޅުމުން ބެލުނު ޤަޟިއްޔާގައި ހައިކޯޓުން ފާހަގަކޮށްފައިވާ ފަދަ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ޖުމެއިރާއިން ހިފުން ކަމުގައި ނުނީ ނުވާނެ ކަމަށް ބުނެފައިވާ ކަން ފާހަގަ ކުރެވެއެވެ.

އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: ޤާނޫނަކުން ވަކި ގޮތަކަށް ޢަމަލު ކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ އެ ޤާނޫނަކުން އުފައްދާ ބަރީޢަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމުގައި ބަލަންވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރު ނެރެންވާނީ އެ މާއްދާގެ (ށ) ގައި ބުނާ ބައިނަލްއަޤްވާމީ އާބިޓްރޭޝަންއާގުޅޭ ގޮތުން ހައިކޯޓުން ޢަމަލު ކުރުމަށް އެކުލަވާލާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގައި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވީނަމަވެސް، އެފަދަ އުޞޫލެއް ކަނޑައަޅާފައި ނުވިނަމަވެސް، ޖުމެއިރާއިން އެދުނު ފަރުވާ ޖުމެއިރާއަށް ލިބިދީފައިވަނީ، އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާ އާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާ އާއި، ޤާނޫނު މާނަކުރަންވާ ގޮތް ޤާނޫނުގެ ޞަރީޚަ އިބާރާތުން ބަޔާންކޮށްފައި އޮންނަ ގޮތާ ޚިލާފަށް ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މާނަ ނުކުރެވޭނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މައްޗަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްއިން ހުށަހެޅުމުން ބެލުނު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތީ ފަރުވާއަކަށް އެދުމުގެ ޙައްޤަކީ ޕްރައިމަރީ ލެޖިސްލޭޝަން އެއްގެ ދަށުން ޖުމެއިރާއަށް ލިބިގެންވާ ޙައްޤެއް ކަމަށާއި، އެހެންކަމުން އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދަން ޖެހޭ އުޞޫލު ކަނޑައަޅާފައި ނެތުމުގެ ސަބަބުން ޕްރައިމަރީ ލެޖިސްލޭޝަން އެއްގެ ދަށުން ލިބިދޭ ޙައްޤެއް އުނިވެގެން ނުދާނެ ކަމަށާއި،

ޤާނޫނުގެ ނައްސުން ކަނޑައަޅާ ބަޔާންކޮށްފައިވާ ޙައްޤެއް ގަވާއިދަކުން ހަނި ނުކުރެވޭނެތީ، ޕްރައިމަރީ ލެޖިސްލޭޝަން އެއް ނެތުމަކީ އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް ލިބިފައިވާ ޙައްޤު ހަނިކުރަން މަޤުބޫލު ސަބަބެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން އެ ޙައްޤު ހަނިވެގެން ނުވަތަ ބީވެގެން ނުދާނެ ކަމަށާއި، އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން ގެންގުޅޭނެ އުޞޫލެއް އެ ވަނީ އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޙުކުމުގައި އީޖާދުކޮށްފައިވާ ކަމަށް ޖުމެއިރާއިން ދެކޭ ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ޢަމަލު ކުރާނެ އުޞޫލެއް ކަނޑައެޅުމަކީ ހައިކޯޓުގެ މައްޗަށް އެ ޤާނޫނު ލާޒިމު ކުރާ ކަމެއް ކަމަށާއި، އެހެންކަމުން އެ އުޞޫލު ނެތި، އެހެން އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުން ވާނީ، އާބިޓްރޭޝަން ޤާނޫނާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާއި މި މައުޟޫޢުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ޚިލާފު، ސުޕްރީމް ކޯޓުން ބާޠިލު ކުރަން ޖެހޭ ނިންމުމަކަށް ކަމަށާއި،

ގަވާއިދެއް ނުވަތަ އުޞޫލެއް ނެތުމަކީ، ޖުމެއިރާއަށް މިފަދަ ވަގުތީ އަމުރަކަށްއެދި ހުށަހެޅުމަށް އޮތް ޙައްޤު ގެއްލިގެން ދާންޖެހޭ ސަބަބެއް ނޫން ކަމަށް ޖުމެއިރާއިން ބުނި ނަމަވެސް، މިފަދަ ވަގުތީ އަމުރަކަށް އެދި ހުށަހެޅުމަށް، އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގެ މައުޟޫޢީ މައްސަލަ ހިންގަމުންދާ ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް ވެސް ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮތުމުން، ހައިކޯޓު ނޫން ވެސް އެހެން ފޯރަމްތަކެއް ޖުމެއިރާއަށް އޮތުމުން، އެ ޙައްޤު ގެއްލިގެން ނުދާނެ ކަމަށާއި،

މިހައި ތަނަށް އާބިޓްރޭޝަން ޤާނޫނުގެ ދަށުން ހައިކޯޓުން އެކުލަވާލާފައިވާ "އާބިޓްރޭޝަން މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދު" އަށް ބަދަލެއް ގެނެވޭނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށާއި، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެފަދަ ބަދަލެއް ނުގެނެވޭނެ ކަމަށް ބުނެފައިވާ ކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ: ވަގުތީ އަމުރު ނެރެފިނަމަ އޭގެ ސަބަބުން ތިންވަނަ ފަރާތަކަށް ލިބޭނެ ގެއްލުމަކީ، ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ޒިންމާއެއް ކަމަށް ނިންމާފައިވަނީ، މި ބާވަތުގެ އަމުރުތައް ނެރުމުގައި ދިވެހިރާއްޖެ އާއި އެހެނިހެން ޖޫރިސްޑިކްޝަންތަކުގައި ވެސް ޢަމަލު ކުރާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ ތިންވަނަ ފަރާތަކީ ހެޔޮ ނިޔަތް އޮތް ފަރާތެއް ނޫން ކަމަށާއި، އެސް.ޕީ.އެޗް އާއި އަލަށް މެނޭޖްމެންޓު އެގްރީމެންޓުގައި ސޮއިކުރެވިފައިވާ ފަރާތަކީ، ކޮމަން ޑިރެކްޓަރެއް ހުރި ދެ ކުންފުނި ކަމަށްވެފައި، އެ ކޮމަން ޑިރެކްޓަރަކީ ދެ ކުންފުނީގައި ވެސް އިސް ދައުރެއް އަދާކުރާ ފަރާތެއްކަމަށް ވުމުން، އަލަށް މެނޭޖްމެންޓު އެގްރީމެންޓުގައި ސޮއިކުރެވިފައިވާ ފަރާތާއި އެސް.ޕީ.އެޗްއާ ގުޅުމެއްވާ ކަމަށާއި، އެޓްމޮސްފެއަރއިން ޖުމެއިރާ ވިއްޓަވެލި ރިޒޯޓަށް ބަދަލުތަކެއް ގެނެސް، އެތަކެއް ޚަރަދުތަކެއް ކޮށްފައިވާ ކަމަށް އެސް.ޕީ.އެޗްގެ ފަރާތުން ހުށަހަޅާފައިވާއިރު، އެ ޚަރަދުތަކަކީ ކޮބައި ކަމާއި، އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގައި ހައިކޯޓުން ނެރެފައިވާ އަމުރުގެ ސަބަބުން އެޓްމޮސްފެއަރއަށް ގެއްލުންތަކެއް ވާނަމަ، އެކަން ހުށަހެޅުމުގެ ޙައްޤު އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެ ހުށަހެޅުމުގެ ފުރުޞަތު އެޓްމޮސްފެއަރއަށް އޮތް އިރު، އެސް.ޕީ.އެޗްއިން އެ ކަންކަން ފާހަގަކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު: އެޓްމޮސްފެއަރ އާއި އެސް.ޕީ.އެޗްގެ ކޮމަން އެންމެ ޑިރެކެޓަރެއް ހުރުމަކީ، ހަމަ އެކަނި އެކަމަށް ބިނާކޮށް ދެ ކުންފުނީގެ ދެމެދުގައި ގުޅުމެއް އޮތުން ކަމަށް ދެއްކުމަށް ޖުމެއިރާއިން ދައްކަމުންދާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި، އެފަދައިން ވާހަކަ ދައްކަނީ ޝަރީޢަތަށް އޮޅުވާލުމަށް ކަމަށާއި، އެހެނީ އެންމެ ޑިރެކްޓަރަކަށް ކުންފުންޏާބެހޭ އެއްވެސް ނިންމުމެއް ނިންމިދާނެ ގޮތެއް ޖުމެއިރާއަށް ސާފުކޮށް ދެވިފައިނުވާ ކަމަށާއި، އެޓްމޮސްފެއަރއަކީ ދިވެހިރާއްޖޭގައި އެތައް ރިޒޯޓެއް ހިންގާ ކުންފުންޏެއް ކަމުން އެ ފަރާތުގެ ކެޕޭސިޓީ އަދި އެ ފަރާތަކީ ޖެނުއިން، ހެޔޮ ނިޔަތް އޮތް ފަރާތެއް ކަމަށް އެސް.ޕީ.އެޗްއިން ބުނެފައިވާ ކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ: ހައިކޯޓުން މި މައްސަލައިގައި ހިމެނޭ މައުޟޫޢީ ކަންކަމަށް ދުރާލައި ގޮތް ކަނޑައަޅައި، އެ ކަންކަމަށް އަސަރުކުރާނެ ފަދަ ކަންކަން ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރެއް ނެރުމުގައި، އަސްލު މައްސަލައިގައި ހިމެނޭ މައުޟޫޢީ ޙައްޤަކަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަގޮތަކަށް ނުވަތަ އެ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންނުވާ ކަމަށާއި، އެފަދައިން ޢަމަލުކުރުންވާނީ މައްސަލަ ބެލުމުގެ ކުރިން މައްސަލައިގައި ހިމެނޭ މައުޟޫޢީ ޙައްޤަކަށް ނުވަތަ ޤާނޫނީ މަރުކަޒަކަށް ދައިމީ ޙިމާޔަތް ކުރިއާލައި ދެވުން ކަމުގައިވުން ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ހުށަހެޅުމުން ބެލުނު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާއިން ނެރެފައިވާ އަމުރުގެ ސަބަބުން މައުޟޫޢީ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، ހައިކޯޓުން މައްސަލައިގެ މައުޟޫޢާ ގުޅިގެން ކުރިއާލައި ގޮތެއް ނިންމާފައިވަނީ ކޮންކަމަކާމެދުކަން އަދި މައުޟޫޢީ މައްސަލައަށް ކުރާނެ އަސަރެއް އެސް.ޕީ.އެޗްއަށް ބުނެދެވިފައި ނުވާކަމަށާއި، ވަގުތީ އަމުރު ނެގުމުގައި ހައިކޯޓުން މައްސަލައިގެ މައުޟޫޢާ ގުޅިގެން ހައިކޯޓުން އެއްވެސް ވަރަކަށް ބަލާފައިނުވާ ކަމަށާއި، އެހެންކަމުން މައުޟޫޢީ މައްސަލައަށް އަސަރުކުރާނެ ފަދައިން ވަގުތީ އަމުރުގެ މައްސަލަ ހައިކޯޓުން ނިންމާފައިވާ ކަމަށް ބަޔާންކުރުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގައި، އެސް.ޕީ.އެޗްއިން މެނޭޖްމެންޓު އެގްރީމެންޓު ބާޠިލުކޮށްފައިވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމާ ހުރެ، ދިވެހިރާއްޖޭގައި ވެސް ޢަމަލު ކުރެވެމުން އައި ޤާނޫނަށް އައި ބަދަލަކާ ގުޅިގެން ކަމަށްވުމުން އެއީ ޖުމެއިރާގެ އަމިއްލަ އިޚްތިޔާރުން ބޭރުން ކުރިމަތިވި ސަބަބެއްގެ މައްޗަށް ބިނާކޮށް ކުރި ކަމެއް ކަމަށާއި؛

މެނޭޖްމެންޓު އެގްރީމެންޓު ބާޠިލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމާމެދު ސުވާލު އުފެދޭ ކަމަށް ފާހަގަކޮށް، އައު މެނޭޖްމެންޓު އެގްރީމެންޓުގެ ބައިވެރިޔަކީ ހެޔޮ ނިޔަތް އޮތް ފަރާތެއް ނޫން ކަމަށް ހައިކޯޓަށް ޤަބޫލުކުރެވޭ ކަމަށް ދޭހަވާ ފަދަ ޢިބާރާތްތަކުން ހައިކޯޓުން ކޮމެންޓު ކޮށްފައިވުމުންނާއި، ހައިކޯޓުގެ ނިންމުން ބިނާވި މައިގަނޑު އަސާސަކީ މި ކަންތައްތައް ކަމަށްވެފައި، މި ކަންތައްތަކަކީ ހައިކޯޓަށް ހުށަހެޅުނު މައްސަލައިގައި ހައިކޯޓުން ބަލަން ޖެހޭ ކަންތައްތަކެއް ނޫން ކަމަށްވުމުން، މިއީ މައުޟޫޢީ މައްސަލައިގެ ތެރެއަށް ހައިކޯޓުން ވަދެފައިވާ ކަން ދައްކުވައިދޭ ކަންތައްތައް ކަމަށާއި، މިއީ ވަގުތީ އަމުރެއް ނެރުމުގައި މައްސަލައިގެ މައުޟޫޢަށް އަސަރު ކުރާނެ ފަދަ ގޮތަކަށް ކަންތައްތައް ކުރިއާލައި ނުނިންމޭނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ހުށަހެޅުމުން ބެލުނު ޤަޟިއްޔާގައި ކަނޑާއަޅާފައިވާ އުޞޫލާ ޚިލާފު ކަމެއް ކަމަށް އެސް.ޕީ.އެޗްއިން ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފަސްވަނަ ނުކުތާއަކީ: ވަގުތީ އަމުރު ނުނެރެފިނަމަ ޖުމެއިރާއަށް އިޢާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނިންމާފައިވަނީ، މާލީ ބަދަލު ދެވޭނެ ޤާބިލުކަން ހުންނަ ޙާލަތުގައި ވަގުތީ އަމުރު ނުނެރެވޭނެ ކަމަށް ކަނޑައަޅައި ދިވެހިރާއްޖެއާއި އެހެނިހެން ޖޫރިސްޑިކްޝަންތަކުގައި ވެސް ޢަމަލުކުރާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

މެނޭޖްމެންޓު އެގްރީމެންޓު ބާޠިލުނުވާ ކަމަށާއި، މެނޭޖްމެންޓު އެގްރީމެންޓު ދެމިއޮތްކަމަށް ކަނޑައަޅައި ދާއިމީ ފަރުވާއެއް ހޯދުމަށް ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރގައި ޖުމައިރާގެ ފަރާތުން އެދިފައިވާ ކަމަށާއި؛

ވަގުތީ އަމުރު ނުރެނެރެފިނަމަ، ޖުމެއިރާއަށް މެނޭޖްމެންޓު އެގްރީމެންޓުގެ ދަށުން ލިބިދޭ އެންމެހައި ޙައްޤުތައް ގެއްލިގެން ހިނގައިދާނެކަމީ ޖުމެއިރާއަށް އިޢާދަ ނުކުރެވޭފަދަ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށްވާތީ، އެކަން އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގެ އަޑުއެހުމުގައި ތަކުރާރުކޮށް ބުނަމުން ދިޔަ ކަމަށާއި، މައުޟޫޢީ ގޮތުން ބައިނަލްއަޤުވާމީ ފޯމިއުލާތަކެއް ބޭނުންކޮށްގެން ޖުމެއިރާއަށް ވެފައިވާ ގެއްލުން ހިސާބު ކުރެވިދާނެކަމަށް އެސް.ޕީ.އެޗް.އިން ބުނި ނަމަވެސް، އެ ފޯމިއުލާއަކީ ކޮބައިކަން އެސް.ޕީ.އެޗް.އިން ސާފުކޮށްދީފައި ނުވާ ކަމަށާއި؛

އެސް.ޕީ.އެޗްއިން ބުނާފަދަ ފޯމިއުލާއެއްގެ ބޭނުންކޮށް ގެއްލުން ހިސާބު ކުރުމަކީ ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރގެ އިޚްތިޞާޞް ތެރޭގައި ހިމެނޭ ކަމެއް ކަމުން، ވަގުތީ އަމުރެއްގެ ތެރެއިން ނިންމާ ނިންމުމެއްގެ ސަބަބުން، އެ ކަމާމެދު ނިހާއީ ނިންމުމެއް ނިމިދާނެކަމުގެ ނުރައްކާ އޮތުމުން، ހައިކޯޓުން ކޮށްފައިވާ އަމުރުގައި ޖުމެއިރާއަށް އިޢާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމުގެ ނުރައްކާ އޮތް ކަމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށް ބުނެފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

ކ. ބޮލިފުށީގައި ރިޒޯޓެއް ތަރައްޤީ ކުރުމަށް އިންވެސްޓު ކޮށްފައިވާ ކަމަށް ޖުމެއިރާއިން ހައިކޯޓުގައި ބުނި ނަމަވެސް، ޖުމެއިރާއަކީ އެ ރަށުގެ އޯނާޝިޕް ނުވަތަ ލީސްހޯލްޑް އޮތް ފަރާތެއް ނޫން ކަމަށާއި، ޖުމެއިރާއަކީ ހަމަ އެކަނި ކ. ބޮލިފުށީގައި ތަރައްޤީ ކޮށްފައިވާ ރިޒޯޓު މެނޭޖުކުރުން ޙަވާލުކުރެވުނު ފަރާތް ކަމުން، އެ ނޫން ޙައްޤެއް ޖުމެއިރާއަށް ލިބިގެންނުވާ ކަމަށާއި؛

ޖުމެއިރާއިން ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް ހުށަހަޅާފައިވާ އާބިޓްރޭޝަން މައްސަލައިގައި އެދިފައިވަނީ މެނޭޖްމެންޓު އެގްރީމެންޓު ރުޖޫޢަކުރުމަށް ކަމަށް ވީނަމަވެސް، ވަކި ގޮތަކަށް ޢަމަލު ކުރުމަށް އަމުރު ކުރެވޭނީ ގެއްލުމުގެ ބަދަލު އެއީ ފުދޭ ވަރެއްގެ އެއްޗެއް ކަމަށް ކޯޓަށް ނުފެންނަނަމަ ކަމަށް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވުމުން، މިއީ ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއިން ވެސް ބަލަން ޖެހޭނެ ކަމެއް ކަމަށާއި، މިފަދަ މައްސަލަތަކުގައި މެނޭޖްމެންޓު އެގްރީމެންޓު ރުޖޫޢަ ކުރުމަކީ ދުރު ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށާއި؛

ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއިން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައަޅާ ޙާލަތުގައި ޢަމަލުކުރާނެ ފޯމިއުލާތަކެއް އެބަ ހުރި ކަމަށާއި، އެ ގޮތުން މެނޭޖުމަންޓު ފީގެ ގޮތުގައި ޖުމެއިރާއަށް އެސް.ޕީ.އެޗްއިން ދައްކަމުން ދިޔަ ފައިސާގެ ނިސްބަތުން، މެނޭޖްމެންޓު އެގްރީމެންޓު ނިމުމަކަށް އަންނަން ބާކީ އޮތް 10 އަހަރަށް ބެލިނަމަވެސް، އިންފްލޭޝަން އެޖެސްޓުކޮށް ޑިސްކައުންޓު ކުރުމަށްފަހު ޖުމެއިރާއަށް ލިބޭނީ ގާތްގަނޑަކަށް 9 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، އެ ފައިސާ ދައްކައި ޚަލާޞް ކުރުމުގެ ޤާބިލުކަން އެސް.ޕީ.އެޗްގެ ކިބައިގައި އެބަހުރި ކަމަށާއި،

މެނޭޖްމެންޓު އެގްރީމެންޓު ބާޠިލު ކުރި ފަހުން، އެހެން ފަރާތަކާ ރިޒޯޓު ހިންގުން ޙަވާލުކޮށް، ރިޒޯޓު ރީބްރޭންޑުކޮށް ހުޅުވާފައިވަނިކޮށް، މިހާރު ޖުމެއިރާގެ ޙިމާޔަތް ކުރަން ޖެހޭ ޙައްޤެއް އޮތްކަން ސާފުނުވާ ކަމަށް އެސް.ޕީ.އެޗްއިން ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ހަވަނަ ނުކުތާއަކީ: އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގައި ނެރެފައިވާ ވަގުތީ އަމުރަކީ ތަންފީޒު ކުރެވޭނެ އަމުރެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، މެނޭޖްމެންޓު އެގްރީމެންޓު ބާޠިލުކުރުމަށް، އެސް.ޕީ.އެޗް އާއި އެކު ވެފައިވާ ލޯނު އެއްބަސްވުމުގެ ދަށުން، ކ. ބޮލިފުށީގެ ހެޑްލީސް ރައިޓްސް ރަހުނު ކުރެވިފައިވާ، ޖަރުމަނުގެ ބޭންކެއް ކަމަށްވާ އާރިއަލް ބޭންކުގެ ހުއްދަ ހޯދައި، އައު މެނޭޖްމެންޓު އެގްރީމެންޓެއްގައި އެޓްމޮސްފެއަރއާއެކު ސޮއިކުރުމަށް ހުއްދަ ހޯދައި، އަދި ލޯން އެއްބަސްވުމަށް އިޞްލާޙު ގެނެސްފައިވާއިރު، ޖުމެއިރާ އާއި އެސް.ޕީ.އެޗްއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ އެއްބަސްވުން އިޢާދަކުރުމަށް ހައިކޯޓުން ކުރި އަމުރަކާ އެއްގޮތަށް ޢަމަލުކުރުމަށް އާރިއަލް ބޭންކުން އިޢުތިރާޟު ކުރަންވީ ސަބަބެއް ނެތް ކަމަށާއި، އައު މެނޭޖްމެންޓު އެގްރީމެންޓެއްގައި އެޓްމޮސްފެއަރއާއެކު ސޮއިކުރުމަށް ހުއްދަ ހޯދި ފަދައިން، ހައިކޯޓުން ކުރި އަމުރާ އެއްގޮތަށް ޢަމަލުކުރުމަށް އޭރިއަލް ބޭންކުގެ ހުއްދަ ހޯދިދާނެ ކަމަށާއި، އެހެންކަމުން، އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރުގެ ސަބަބުން އާރިއަލް ބޭންކާއެކު ވެފައިވާ ލޯން އެއްބަސްވުން ޑީފޯލްޓްވީ ކަމަށް ބަލައި އާރިއަލް ބޭންކުން ރިޒޯޓު ވިއްކާލަފާނެ ކަމަށް ބުނާބުނުމަކީ އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫން ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، ހައިކޯޓުން ވަގުތީ އަމުރު ނެރެފައިވާ ގޮތަށް، 31 މޭ 2020 ގެ ކުރިން އޮތް ރިޒޯޓު އޮތް ޙާލަތަށް އަނބުރާ ގެންދިޔުމަށް ގާތްގަނޑަކަށް 22 މިލިއަށް އެމެރިކާ ޑޮލަރު ހޭދަކުރަން ޖެހޭތީ، އެ ފައިސާ ހޯދާނެ ގޮތް ސާފުނުވުމާއި، އެ އަމުރު ތަންފީޒު ކުރުމަށް ވަގުތީ ގޮތުން ރިޒޯޓު ބަންދު ކުރަން ޖެހުމުން ވާނެ ގެއްލުމަށް ޒިންމާވާނެ ފަރާތެއް ނޭނގުމާއި، މި ޙާލަތުގައި އެޓްމޮސްފެއަރއިން މިފަދަ ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮވެމެ، އެފަދައިން އެދިގެން އަމުރެއް ނެރެފިނަމަ ޢަމަލު ކުރާނެ ގޮތް ސާފު ނުވުމާއި، ވަގުތީ އަމުރަށް ޢަމަލުކުރުމުގެ ސަބަބުން އާރިއަލް ބޭންކުން މޯގޭޖް އެންފޯސްކޮށް ރިޒޯޓު ވިއްކާލުމުގެ އިހްތިމާލު އޮތުމުން، މިއީ ތަންފީޒު ކުރެވޭނެ އަމުރެއް ކަމަށް ނުފެންނަ ކަމަށާއި، 31 މޭ 2020 ގެ ކުރިން ރިޒޯޓު އޮތް ޙާލަތަށް އަނބުރާ ގެންދިޔުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެސް.ޕީ.އެޗްއިން ބުނެފައިވާ ބުނުމަށް ޖުމެއިރާއިން އިންކާރުކޮށްފައި ނުވުމުން، ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ ތަންފީޒު ނުކުރެވޭނެ އަމުރެއް ކަން ސާބިތުވާ ކަމުގައި އެސް.ޕީ.އެޗްއިން ބުނެފައިވާ ކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވާ އިޖުރާއީ ބައެއް ކަންކަން

ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު

މި މައްސަލައިގައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެސް.ޕީ.އެޗްއިން އެދިފައިވެއެވެ. އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމަށް ޖުމައިރާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވުމާއި، ސިވިލް ކޯޓުގެ ނަންބަރު 3450/Cv-C/2020 ޤަޟިއްޔާއިން ބަލަމުންދާ އެ މައްސަލަ 24 ޑިސެންބަރު 2020 އަށް ތާވަލުކޮށްފައިވާކަން އެނގެން އޮތުމުން، އެންމެ ޢަދުލުވެރި ގޮތަކީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން، އިސްތިއުނާފު ކޮށްފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/165 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުން ކަމަށްވާތީ، އެ ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް، ކަމާބެހޭ އެންމެހައި ފަރާތްތަކަށް 23 ޑިސެންބަރު 2020 ގައި ސުޕްރީމް ކޯޓުން އަންގާފައިވެއެވެ.

ޝަރީޢަތުގެ މަޖިލީސް ލައިވް ނުކުރުން

މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ލައިވް ނުކުރުމަށް ޖުމައިރާގެ ފަރާތުން އެދިފައިވެއެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި ހިނގަމުން މިދަނީ ހައިކޯޓުން ނެރުނު ވަގުތީ އަމުރެއްގެ މައްސަލަ ކަމަށް ވުމާއި، މައްސަލައިގެ މައުޟޫޢަށް ގޮތެއް ނިންމުމަށް ހުށަހެޅިފައިވަނީ ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް ކަމަށް ވުމާއި، ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރގައި މައްސަލަ ކުރިއަށް ދާނީ މައްސަލައިގެ ސިއްރުކަން ހިފެހެއްޓޭ ގޮތަށް ކަމަށް ޖުމެއިރާއިން ބުނެފައިވެއެވެ. އާބިޓްރޭޝަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދުގެ 14 ވަނަ މާއްދާގައި އަޑުއެހުން ކުރިއަށް ގެންދަންވާނީ ހުށަހަޅާ ހެކިތަކާއި ލިޔުންތަކުގެ ސިއްރު ހިފެހެއްޓޭނެ އުޞޫލެއްގެ މަތިން ކަމަށް ބަޔާންވެގެންވެއެވެ. އަޑުއެހުން ކުރިއަށް ގެންދަންވާނީ ޢާންމުކޮށް ހުޅުވާނުލައި ކަމަށް ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ޤާނޫނުގެ 22 މާއްދާގައި ބަޔާންވެގެން ވެއެވެ. އަޑުއެހުން ކުރިއަށް ގެންދަންވާނީ އެގޮތަށް ކަމަށް އެސް.އައި.އޭ.ސީ 39 ވަނަ ރޫލްގައި ވެސް ބަޔާންވެގެންވެއެވެ. މިހެން މިކަން އޮތުމުން، މައްސަލައިގެ އަޑުއެހުން ލައިވް ނުކޮށް ކުރިއަށް ދެންނާ ގޮތަށް ނިންމާފައިވެއެވެ.

އެހެންނަމަވެސް، ޙުކުމް ކުރުމަށް ބޭއްވުނު ޝަރީޢަތުގެ މަޖިލިސް ލައިވް ކުރުމަށާއި، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ވެބްސައިޓުގައި ޝާއިޢުކުރުމާމެދު އިޢުތިރާޟެއް ނެތްކަމަށް މައްސަލައިގައި ހިމެނޭ ފަރާތްތަކުން ބުނެފައިވާތީ، ޙުކުމް ކުރުމަށް ބޭއްވުނު ޝަރީޢަތުގެ މަޖިލިސް ލައިވްކޮށް، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ވެބްސައިޓުގައި ޝާއިޢުކުރުމަށް ނިންމާފައިވެއެވެ.

ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ތަދައްޚުލްވުމުގެ ފުރުސަތު ދިނުން

މި މައްސަލައަށް ތަދައްޚުލްވުމުގެ ފުރުސަތު ދިނުމަށް އެދި ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-35/94) (މީގެ ފަހުން "ގޭޓްވޭ މޯލްޑިވްސް" ކަމަށް ބުނެފައިވާ ފަރާތުން) ހުށަހަޅާފައިވެއެވެ. ގޭޓްވޭ މޯލްޑިވްސްއަކީ ކ. ބޮލިފުށީގެ ހެޑްލީސް ހޯލްޑަރ ކަމަށް ވާތީ، އެ ފަރާތުގެ މަޞްލަޙަތު އޮތް ކަމަށް ބެލެވޭތީ ތަދައްޚުލްވުމުގެ ފުރުސަތު އެ ފަރާތަށް ދެވިފައިވެއެވެ. ގޭޓްވޭ މޯލްޑިވްސްއިން ތަދައްޚުލްވުމަށް ޖުމައިރާއިން ފުރަތަމަ އިޢުތިރާޟު ކޮށްފައި ވީނަމަވެސް، ފަހުން އެ ކަމަށް އިޢުތިރާޟެއް ނެތް ކަމަށް ޝަރީޢަތުގައި ޖުމައިރާއިން ބުނެފައިވެއެވެ.

ހައިކޯޓަށް ހުށަހަޅާފައި ނުވާ ލިޔުންތަކެއް އެސް.ޕީ.އެޗްއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވުން

ޖުމައިރާގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އެސް.ޕީ.އެޗްއިން ހުށަހެޅި ބަޔާނާއެކު ހައިކޯޓަށް ހުށައަޅާފައިނުވާ އައު ހެކި އެސް.ޕީ.އެޗްއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޖުމައިރާގެ ފަރާތުން ބުނެފައިވެއެވެ. އެކަމާ ގުޅިގެން އެސް.ޕީ.އެޗްއިން ބުނެފައިވަނީ ބަދަލު ދޭންޖެހޭ ޙާލަތުގައި ބަދަލު ދެވޭނެ މާލީ ޤާބިލުކަން އެސް.ޕީ.އެޗްގެ ކިބައިގައި ނެތް ކަމަށް ޖުމައިރާއިން ހައިކޯޓުގައި ބުނެފައިވާއިރު އެކަން އެގޮތަށް އޮތް ކަން ހައިކޯޓުގައި ސާބިތުކުރުމުގެ ބުރަ އޮންނާނީ ޖުމައިރާގެ ކިބައިގައި ކަމަށާއި، ޖުމައިރާއިން އެ ކަން ހައިކޯޓުގައި ސާބިތުކޮށްދީފައި ނުވާ ކަމަށާއި، އެހެންނަމަވެސް އެސް.ޕީ.އެޗްގެ ކިބައިގައި ބަދަލު ދެވޭނެ މާލީ ތަނަވަސްކަން ނެތް ކަމަށް ހައިކޯޓުން ނިންމާފައިވާ ކަމަށާއި، އެސް.ޕީ.އެޗްއިން ސުޕްރީމް ކޯޓަށް މައްސަލައާއެކު އަލަށް ހުށަހެޅި ލިޔުންތަކަކީ އެސް.ޕީ.އެޗްގެ ކިބައިގައި ބަދަލު ދެވޭނެ މާލީ ތަނަވަސްކަން ހުރިކަން އަންގައިދޭ ލިޔުންތަކެއް ކަމަށާއި، އެސް.ޕީ.އެޗްއިން ނަގާ ދަފުޢު ސާބިތު ކޮށްދިނުމަކީ އެސް.ޕީ.އެޗްއިން ކުރަންޖެހޭ ކަމެއް ކަމަށް ވާތީ އެ ލިޔުންތަކަކީ އެ ދަފުޢު ސާބިތުކޮށް ދިނުމަށް ހުށަހެޅި ލިޔުންތަކެއް ކަމަށް އެސް.ޕީ.އެޗްއިން ބުނެފައިވެއެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ބަލަން މި ޖެހެނީ ހައިކޯޓަށް ހުށަހެޅުނު ލިޔުންތަކާއި ހައިކޯޓުގައި ދެކެވުނު ވާހަކަތަކަށް ބަލައި ހައިކޯޓުން ނިންމި ނިންމުންގެ ޞައްޙަކަން ކަމަށް ވާއިރު، އެސް.ޕީ.އެޗްއިން ހުށަހެޅި ލިޔުންތަކަކީ ޙަޤީޤަތްތަކެއް ސާބިތުކޮށް ދިނުމަށް ހުށަހެޅޭ ލިޔުންތަކެއް ކަމަށް ވުމާއި، އެ ލިޔުންތަކަކީ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮވެ، ހުށަހަޅާފައިނުވާ ލިޔުންތަކަކަށް ވާތީ، މި މައްސަލައިގައި ގޮތް ކަނޑައެޅުމުގައި އެ ލިޔުންތަކަށް ރިޢާޔަތް ނުކުރެވޭނެ ކަން ފާހަގަކުރެވެއެވެ.

ޖުމެއިރާއިން ހުށަހެޅި ލިޔުންތައް ބަލައިގަތުމަށް ނިންމުން

މައްސަލައިގެ ޝަރީޢަތުގައި ޖަވާބުދާރީވަމުން ޖުމައިރާއިން ހުށަހެޅި ލިޔުންތައް ބަލައި ނުގަނެވޭނެ ކަމަށް އެސް.ޕީ.އެޗްގެ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް އެ ލިޔުންތަކަކީ ޙަޤީޤަތްތަކެއް ސާބިތުކޮށްދޭ ލިޔުންތަކަކަށް ނުވުމާއި، އެ ލިޔުންތަކަކީ މައިގަނޑު ގޮތެއްގައި ދެއްކި ވާހަކަތަކުގައި ޙަވާލާދެވުނު ގަޟިއްޔާ ރިޕޯޓުތައް ކަމަށް ވާތީ އެ ލިޔުންތައް ޝަރީޢަތަށް ބަލައިގެންފައިވެއެވެ.

ގޭޓްވޭ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި އައު ލިޔުންތަކެއް ބަލައިނުގަތުމަށް ނިންމުން

މި މައްސަލައިގެ ހިމެނޭ ފަރާތްތަކުން، ޝަރީޢަތުގައި ވާހަކަދައްކައި ނިމި، ރައްދު ދިނުމުގެ މަރުޙަލާގައި ގޭޓްވޭ މޯލްޑިވްސްއިން ހުށަހެޅި ލިޔުންތައް ޝަރީޢަތަށް ބަލައި ނުގަނެވޭނެ ކަމަށް ޖުމައިރާއިން ބުނެފައިވެއެވެ. އެ ލިޔުންތަކަކީ މައިގަނޑު ގޮތެއްގައި ގޭޓްވޭ މޯލްޑިވްސް އާއި އެސް.ޕީ.އެޗްގެ މާލީ ތަނަވަސްކަން ހުރި ގޮތް އިތުރަށް ސާބިތުކޮށްދޭން ހުށަހަޅާފައިވާ ލިޔުންތަކަކަށް ވާތީ އާއި، މި މަރުޙަލާގައި ޙަޤީޤަތްތަކެއް ސާބިތުކޮށްދޭ އައު ލިޔުންތައް ބަލައި ނުގަނެވޭނެތީ، އެ ލިޔުންތައް ބަލައި ނުގަތުމަށް ނިންމާފައިވެއެވެ.

މައްސަލައަށް ތަދައްޚުލްވި ފަރާތުން ދައްކާފައިވާ ވާހަކަތައް

ގޭޓްވޭ މޯލްޑިވްސްއަކީ ރަށުގެ ހެޑްލީސް ހޯލްޑަރ ކަމަށާއި، 12 ޖުލައި 2007 ގައި ގޭޓްވޭ މޯލްޑިވްސް އާއި އެސް.ޕީ.އެޗްއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ކ. ބޮލިފުށި އެސް.ޕީ.އެޗްއަށް ސަބްލީސް ކޮށްފައިވާ ކަމަށާއި، ކ. ބޮލިފުށީގައި 5 ތަރީގެ ރިޒޯޓެއް ތަރައްޤީ ކުރުމަށްޓަކައި އާރިއަލް ބޭންކުން ނަގާފައިވާ ލޯނު ފެސިލިޓީއާގުޅޭ ރަހުނު އެއްބަސްވުމުގެ ދަށުން ކ. ބޮލިފުށީގެ ހެޑްލީސް ޙައްޤުތައް ވަނީ އާރިއަލް ބޭންކުގައި ރަހުނު ކޮށްފައި ކަމަށާއި، ލޯނު ޑިފޯލްޓުވުންފަދަ ކަމެއް ދިމާވެގެން ލޯނާ ގުޅިގެން ބަހައްޓާފައި ހުރި ސެކިއުރިޓީތައް ތަންފީޒުކުރުމުގެ ގޮތުން އާރިއަލް ބޭންކުން ހެޑްލީސް ޙައްޤުތައް ވިއްކާލުމުގެ މަސައްކަތް ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެ ޙާލަތުގައި ހެޑްލީސް ހޯލްޑަރެއްގެ ހައިސިއްޔަތުން ގޭޓްވޭ މޯލްޑިވްސްއަށް ފޫނުބެއްދޭނެ ބޮޑެތި ގެއްލުންތަކެއް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގޭޓްވޭ މޯލްޑިވްސްއިން ބުނެފައިވާ ކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަންތައްތަކަކީ ކޮބައިކަން

މި މައްސަލައަކީ، ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅި ހިނގަމުންދާ އެސެންޓަރުގެ ނަމްބަރު ARB897/20/LSJ މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރެދިނުމަށް އެ މައްސަލަ އެސެންޓަރަށް ހުށަހެޅި ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު ވަގުތީ އަމުރެއްގެ މައްސަލައެކެވެ. މިގޮތުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމާއިރު، މައްސަލައިގެ މައުޟޫޢީ ކަމަކަށް ގޮތެއް ނިމިގެންނުވާނެއެވެ. ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަން މި ޖެހެނީ، ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) އަދި (ށ) ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މިފަދަ މައްސަލަތައް ކުރިއަށް ގެންދެވިދާނެތޯ އާއި، ކުރިއަށް ގެންދެވޭނަމަ، މި މައްސަލައިގައި ހައިކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ މިފަދަ އަމުރެއް ނެރެންޖެހޭ ޙާލަތެއްގައި، ނެރެންޖެހޭ ގޮތަށް ތޯ އެވެ.

އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ)

އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެން ވަނީ:

"އާބިޓްރޭޝަން ހިނގަމުންދާ މައްސަލައާކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދޭ ޙާލަތުތަކުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދޭ ނިސްބަތަށް، އާބިޓްރޭޝަންގައި ހިނގަމުންދާ އެ މައްސަލައާ ގުޅޭގޮތުން، ކޯޓުގެ އަމިއްލަ އިސްނެގުމުގައި، އެފަދަ އަމުރު ނެރުމުގެ ބާރު ކޯޓަށް ވެސް ހަމަ އެ ނިސްބަތަށް ލިބިގެންވެއެވެ. އެއީ، އެ އާބިޓްރޭޝަން ހިނގަމުންދަނީ ދިވެހިރާއްޖޭން ބޭރުގައި ކަމުގައި ވީނަމަވެހެވެ." މިހެންނެވެ.

މި މާއްދާގެ މި އަކުރުން ތިން ކަމެއް ފާހަގަކުރެވެއެވެ.

ފުރަތަމަ ކަމަކީ: އާބިޓްރޭޝަން ހިނގަމުންދާ މައްސަލައާކާގުޅޭ ގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިދެނީ އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް އެ ބާރު ލިބިދޭ ޙާލަތްތަކުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދޭ ނިސްބަތަށް ކަމެވެ.

ދެވަނަ ކަމަކީ: އެބާރު ހައިކޯޓަށް ލިބިދެނީ ހައިކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރުނެރުމަށް ކަމަށް މި މާއްދާގެ މި އަކުރުގައި ބަޔާންވެގެންވާ ކަމެވެ.

ތިންވަނަ ކަމަކީ: އެ އާބިޓްރޭޝަން ހިނގަމުންދަނީ ދިވެހިރާއްޖެއިން ބޭރުގައި ކަމުގައި ވީނަމަވެސް، އެގޮތަށް އެއަމުރު ނެރުމުގެ ބާރު ހައިކޯޓަށް ލިބިދޭ ކަމަށް އެއަކުރުގެ ފަހު ޖުމުލައިގައި ބަޔާންވެގެން ވާކަމެވެ.

މި މާއްދާގެ މި އަކުރުގައި ވަގުތީ އަމުރު ނެރުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިދެނީ ހައިކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރުނެރުމަށް ކަމަށް ބަޔާންވެފައި އޮތުމާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

ފުރަތަމަ ކަމަކީ: ދިވެހިރާއްޖެއިން ބޭރުގައި ހިނގާ އާބިޓްރޭޝަނަކާ ގުޅިގެން، އެއްވެސް ފަރާތަކުން ހުށަނާޅަނީސް، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ އަމިއްލަ އިސްނެގުމަށް ވަގުތީ އަމުރެއް ނެރުމަކީ ތަޞައްވުރު ކުރެވޭ ކަމެއް ނޫން ކަމެވެ.

ދެވަނަ ކަމަކީ: ދިވެހިރާއްޖެއިން ބޭރުގައި ހިނގާ އާބިޓްރޭޝަނަކާ ގުޅިގެން ދިވެހިރާއްޖޭގެ ކޯޓަކުން ވަގުތީ އަމުރެއް ނެރެވިދާނެ ވާހަކަ މި ޤާނޫނުގެ މި ނޫން މާއްދާއެއްގައި ބާޔާންވެފައި ނުވާ ކަމާއި، މި މާއްދާގެ ދަށުން އަމުރު ނެރެވޭނީ ކޯޓުގެ އިސްނެގުމަށް އެކަނި ކަމަށް މާނަކޮށްފިނަމަ، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ އާބިޓްރޭޝަނަކާ ގުޅިގެން ދިވެހިރާއްޖޭގެ ކޯޓަކުން ވަގުތީ އަމުރެއް މީގެ ފަހުން އެއްވެސް ޙާލަތެއްގައި ނުނެރެވޭނެ ކަމެވެ.

ތިންވަނަ ކަމަކީ: ޤާނޫނު މާނަކުރުމުގައި އެ ޤާނޫނެއް އެކުލަވާލި މަޤްޞަދަށް ނުވަތަ އެ ޤާނޫނުން ޙާޞިލުކުރަން ބޭނުންވާ އަމާޒުތައް ޙާޞިލުވާނެ ގޮތަށް ޤާނޫނު މާނަ ކުރުމަށް އިސްކަން ދޭންވާނެ ކަމަށާއި، އެ ޤާނޫނުގެ މަޤްޞަދުތައް ހާސިލުނުވާނެ ގޮތަކަށް އެ ޤަނޫނު މާނަކުރެވިގެން ނުވާނެ ކަމަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމާއި، މި މާއްދާގެ މި އަކުރުގެ ފަހު ޖުމުލައިގެ މަޤްޞަދަކީ، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ އާބިޓްރޭޝަނަކާ ގުޅިގެން ދިވެހިރާއްޖޭގެ ކޯޓަކުން ވަގުތީ އަމުރެއް ނެރުމުގެ ފުރުސަތު ފަހިވެފައި އޮތުން ކަން މި މާއްދާގެ މި އަކުރުން ދޭހަވާއިރު، އެ ފުރުސަތު ބީވެގެންދާ ގޮތަށް މި މާއްދާގެ މިއަކުރު މާނަ ކުރެވިގެން ނުވާނެ ކަމެވެ.

ހަތަރުވަނަ ކަމަކީ: ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް ލޯ (އަންސިޓްރަލް) އިން ކަނޑައަޅާފައިވާ ނަމޫނާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އާބިޓްރޭޝަން ނިޒާމު ޤާއިމްކޮށް ތަރުތީބު ކުރުމަކީ މިޤާނޫނުގެ މަޤްޞަދެއް ކަމަށް މި ޤާނޫނުގެ 2 ވަނަ މާއްދާގެ (ޅ) ގައި ބަޔާންވެގެންވާއިރު، އަންސިޓްރަލް އިން ތައްޔާރު ކޮށްފައިވާ މޮޑެލް ލޯ ގެ 17 ވަނަ މާއްދާގެ (J) ގައި، އެއް ޤައުމެއްގައި ހިނގާ އާބިޓްރޭޝަކާ ގުޅިގެން އެހެން ޤައުމެއްގެ ކޯޓަކަށް ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު ލިބިދިނުމުގެ އުޞޫލެއް ބަޔާންވެގެންވާ ކަމާއި، މި ގޮތަށް އަމުރު ނެރެވޭ ގޮތަށް މަގުފަހިވެފައި އޮތުމަކީ ބުނެވިދިޔަ މޮޑެލް ލޯގައި ބަޔާންވެގެންވާ ނަމޫނާ ހަމައެއް ކަމެވެ.

ފަސްވަނަ ކަމަކީ: ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން އެދިގެން ވަގުތީ އަމުރު ނުރެވޭނެ ކަމަށް މި މާއްދާގެ މި އަކުރުގައި ބަޔާންވެފައި ނެތް ކަމާއި، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ވަގުތީ އަމުރު ނެރެވޭނަމަ، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން އެދިގެން ވަގުތީ އަމުރުނެރުން މާއައުލާ ވެގެންވާ ކަމެވެ.

މިގޮތުން، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ އާބިޓްރޭޝަނަކާ ގުޅިގެން، އެކަމުގައި މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅައިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރެއް ނެރުން އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) އިން މަނާވެގެން ނުވާ ކަމާއި، އެ ޙާލަތުގައި އެ މާއްދާގެ ދަށުން ހައިކޯޓަށް ވަގުތީ އަމުރު ނެރެވޭނެ ކަމަށް އަހުރެން ދެކެމެވެ.

އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ)

އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެން ވަނީ:

"އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުން ބޭނުންކުރާނީ، ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން އެ ކޯޓުން ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ."

މިހެންނެވެ.

ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ހައިކޯޓުން ޢަމަލު ކުރާނެ އުޞޫލުތައް މި މައްސަލައިގައި މި ބުނާ އަމުރު ހައިކޯޓުން ނެރުނުއިރު ހައިކޯޓުން ކަނޑައަޅާފައި ނެތެވެ. މި ޙާލަތުގައި، ރާއްޖެއިން ބޭރުގައި ހިނގާ އާބިޓްރޭޝަން މައްސަލައެއްގައި ވަގުތީ އަމުރެއް ހައިކޯޓަށް ނެރެވިދާނެ ތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ފުރަތަމަ ކަމަކީ: ރާއްޖެއިން ބޭރުގައި ހިނގަމުންދާ އާބިޓްރޭޝަން މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގެ ބާރު، އެ މައްސަލައެއް ބަލަމުންދާ ރާއްޖެއިން ބޭރުގެ ޓްރައިބިއުނަލަށް ލިބިދޭ ނިސްބަތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާ ކަމަށް އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ކަމެވެ.

ދެވަނަ ކަމަކީ: އާބިޓްރޭޝަންގެ ޤާނޫނުގެ ދަށުން ހައިކޯޓުން ހަދަންޖެހޭ ގަވާއިދު، ހައިކޯޓުން ހަދައި 01 ޖަނަވަރީ 2014 އިން ފެށިގެން ޢަމަލު ކުރަމުން އަންނަ ކަމާއި، އެއީ ގަވާއިދު ނަންބަރު 2013/R-1698 (އާބިޓްރޭޝަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދު) ކަމާއި، އާބިޓްރޭޝަންގެ ޤާނޫނުގެ ގެ 45 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން ކަނޑައަޅަން ޖެހޭ އުޞޫލު ހައިކޯޓުން އެ ގަވާއިދުގައި މިހައި ތަނަށް ލިޔެ އާންމުކޮށްފައި ނުވާ ކަމެވެ.

ތިންވަނަ ކަމަކީ: މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުން ވަކި ކަމެއް ކުރުމުގެ ބާރު ވަކި މީހަކަށް ޤަނޫނަކުން ދޭނަމަ، އެ ބާރު ހެޔޮ ގޮތުގައި ތަންފީޒު ކުރުމަށްޓަކައި، އޭނާއަށް ބޭނުންވާ އެންމެހައި ސީދާ ބާރުތަކާއި ނުސީދާ ބާރުތައް އޭނާއަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވާ ކަމެވެ.

ހަތަރުވަނަ ކަމަކީ: ވަގުތީ އަމުރު ނެރުމާގުޅޭ ގޮތުން ދިވެހިރާއްޖޭގައި ވެސް ޢަމަލުކުރާ އުޞޫލުތަކެއް ހުރުމާއި، ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ޤާނޫނާއި މި މައްސަލައާގުޅޭ ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރގެ ރޫލްސްތަކުގައި ވަގުތީ އަމުރާގުޅޭ އުޞޫލުތަކެއް ބަޔާންވެގެންވާ ކަމެވެ.

މިގޮތުން، އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބުނާ އުޞޫލު މި ވަގުތު ލިޔެ ޢާންމު ކޮށްފައި ނެތް ނަމަވެސް، މައްސަލައިގެ މައުޟޫޢު ހުށަހެޅިފައިވާ، ދިވެހިރާއްޖެއިން ބޭރުގެ ޓްރައިބިއުނަލަށް ވަގުތީ އަމުރު ނެރުމުގެ ބާރު ލިބިގެންވާ މިންވަރަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް އެ ބާރު ލިބިގެންވާތީ، ދިވެހިރާއްޖެ އާއި ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ޤާނޫނާއި މި މައްސަލައާގުޅޭ ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރގެ ރޫލްސްތަކުގައިވާ ވަގުތީ އަމުރާގުޅޭ އުޞޫލުތަކަށް ރިޢާޔަތްކޮށް މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރު ނެރުމަށް ހުރަހެއް ނެތް ކަމަށް އަހުރެންނަށް ބުރަވެއެވެ.

މައްސަލައިގެ މައުޟޫޢަށް ފައިޞަލާ ކުރުމަށް ހުށަހެޅިފައި ވަނީ ރާއްޖެއިން ބޭރުގައި ހުރި އާބިޓްރޭޝަން ސެންޓަރަކަށް ކަމަށް ވެފައި، މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ ޙާލަތުގައި، ޢަދުލުވެރިކޮށް އެކަން ކުރުމަށްޓަކައި، އެފަދަ އަމުރުތައް ނެރުމާއި އެފަދަ އަމުރުތަކާއެކު ލިބިދެވެންޖެހޭ ޔަޤީންކަށަވަރުކަން ލިބިދިނުމާގުޅޭ ގޮތުން، މައްސަލައިގެ މައުޟޫޢަށް ފައިޞަލާ ކުރާ އާބިޓްރޭޝަން ސެންޓަރުގައި ޢަމަލުކުރާ އުޞޫލުތަކާއި އެ ކަންކަމާގުޅޭ ގޮތުން އެ ޤައުމުގެ ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ހައިކޯޓުން ރިޢާޔަތް ކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރެވެއެވެ. ދިވެހިރާއްޖޭގެ އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި އެފަދަ އަމުރުތައް ނެރުމުގައި ޢަމަލުކުރާނެ ވަކި އުޞޫލެއް ލިޔެ ޢާންމު ކުރުމަށް ބަޔާންކޮށްފައި އެ ވަނީ އެފަދަ އަމުރުތައް ނެރުމާއި އެފަދަ އަމުރުތަކާއެކު ލިބިދެވެންޖެހޭ ޔަޤީންކަށަވަރުކަން ލިބިދިނުމުގައި، ޢަދުލުވެރި ކަމާއި ހަމަހަމަކަމާއެކު އެ ކަންކަން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. ވުމާއެކު، އާބިޓްރޭޝަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދުގައި އެ އުޞޫލުތައް ވީ އެންމެ އަވަހަކަށް ލިޔެ އާންމު ކަރަންޖެހޭ ކަމަށް ވެސް އަހުރެން ދެކެމެވެ.

މި މައްސަލައިގައި ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރުގެ ޞައްޙަކަން ބެލުން

ވަގުތީ އަމުރަކަށް އެދި ޖުމައިރާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ބިނާކޮށްފައިވަނީ، ޖުމައިރާއިން ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް ހުށަހަޅައިގެން ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރގައި ރަޖިސްޓްރީ ކޮށްފައިވާ އެ ސެންޓަރގެ ނަންބަރު ARB897/20/LSJ މައްސަލައިގެ މައްޗަށެވެ. އެ މައްސަލަ ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރގައި ހިނގަމުންދާ ކަން މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަހުން އެނގެއެވެ. މި ޙާލަތުގައި ވަގުތީ އަމުރު ނެރުމުގެ ބާރު ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް ލިބިދޭ މިންވަރަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ އާބިޓްރޭޝަންގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވެއެވެ.

ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއިން އެކުލަވާލާފައިވާ އާބިޓްރަލް ޓްރައިބިއުނަލަށް ވަގުތީ ފިޔަވަޅު އެޅުމަށް ލިބިގެންވާ ބާރު ދެނެގަތުމަށްޓަކައި ސިންގަޕޫރުގެ އިންޓަރނޭޝަނަލް އާބިޓްރޭޝަން ޤާނޫނަށް ބަލާލަން ޖެހެއެވެ. މި ގޮތުން ޖުމައިރާއިން ސިންގަޕޫރުގެ އާބިޓްރޭޝަން ޤާނޫނުގެ 12 ވަނަ މާއްދާގެ (1) ވަނަ ނަންބަރު ޝަރީޢަތަށް ހުށަހެޅި ކަމަށް ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 14 ވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ. ވަގުތީ ފިޔަވަޅު އަޅައިދިނުމަށް ޖުމައިރާއިން އެފަދައިން އެދިފައިވަނީ ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ޤާނޫނުގެ 12 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ (i)، (h) އަދި (d) ގައި ބުނާ ފަދަ ކަންކަމަށް އަމުރެއް ނެރުމުގެ ބާރު ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް ލިބިދީފައި ވާތީ ކަމަށް ބުނެއެވެ. އެއީ، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ (i) ގައިވާ ގޮތަށް ޕްރޮހިބިޓަރީ އިންޓަރިމް އިންޖަންކްޝަން (prohibitory interim injunction) އެއް ނެރެދިނުމަށާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ (h) ދަށުން، މެނޭޖްމަންޓް އެގްރީމްނަޓުގައި އެކުލެވޭ ރިސޯޓު ހިންގުމާބެހޭ ހުރިހާ ޙައްޤުތަކުގެ މައްޗަށް ފްރީޒިން އޯޑަރ (freezing order) އެއް ނެރެދިނުމަށާއި، އަދި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ (d) ދަށުން، ރިސޯޓު ހިންގުމާބެހޭ ހުރިހައި ޙައްޤުތަކާއި އަދި ދެ ފަރާތް ދެމެދުގައިވާ ޙާލަތު ދެމެހެއްޓުމަށެވެ. ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ރޫލްސް 2016 ގެ 30 ވަނަ މާއްދާގެ ދަށުން ވެސް ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް ލިބިގެންވެއެވެ.

ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތް ކުރެވޭ ކަންކަން

ވަގުތީ ފިޔަވަޅުތަކަކީ މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޟާޢީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައް ވީހައި ވެސް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކެވެ. މިފަދަ އަމުރަކަށް އެދޭ ފަރާތުގެ ކިބައިގައި 3 (ތިނެއް) ޝަރުޠެއް ފުރިހަމަ ވާންވާނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ހުށަހެޅުމުން ބެލުނު ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ. އެ ތިން ޝަރުޠަކީ:

ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުން.

ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއް ކަމުގައި ވުން.

ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހުން.

މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުނު ޖުމައިރާގެ ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތްތޯ ބަލާއިރު، މި ދެބަސްވުމުގެ މައުޟޫޢީ މައްސަލައަކީ، މެނޭޖްމެންޓު އެގްރީމެންޓުގެ 40.5.2 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް ހުށަހަޅައިގެން އެސެންޓަރުން ބަލަމުންދާ މައްސަލައެވެ.

ޖުމައިރާއަކީ މިފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ފަރާތެއް ތޯ ބަލާއިރު، ޖުމައިރާއަކީ މި މައްސަލައިގައި ހިމެނޭ ރިޒޯޓު މެނޭޖުކުރަމުން ދިޔަ ފަރާތަށް ވާތީ، އެ ހައިސިއްޔަތު އޮތް ކަމަށް ބެލެވެއެވެ.

ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ނުރައްކަލެއް، އަދި ގެއްލުމެއް އެއްވެސް ފަރާތަކަށް ލިބުމުގެ އިޙްތިމާލު އޮތްތޯ ބަލާއިރު، މި ނުރައްކަލާއި ގެއްލުން ވަޒަން ކުރުމުގައި ސިންގަޕޫރާއި އަދިވެސް ގިނަ ޤައުމުތަކެއްގައި ބޭނުންކުރާ ޓެސްޓަކީ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓެވެ. ސިންގަޕޫރުގެ ކޯޓް އޮފް އެޕީލްއިން ދިވެހިރާއްޖޭގެ އެއަރޕޯޓާގުޅޭ ގޮތުން ނިންމާފައިވާ މައްސަލައެއް ކަމަށްވާ ޖީ.އެމް.އާރު މާލެ އިންޓަރނޭޝަނަލް އެއާޕޯޓް ލިމިޓެޑްގެ މައްޗަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހުށައެޅުމުން ބެލުނު މައްސަލައިގައި ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ބޭނުން ކޮށްފައިވެއެވެ. މިގޮތުން އިސްތިއުނާފު ކޮށްފައިވާ މި މައްސަލައިގެ މައުޟޫޢަށް ފައިޞަލާ ކުރުމަށް ހުށަހެޅިފައިވާ ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއިން ވަގުތީ އަމުރެއް ނެރޭއިރު ބޭނުން ކުރާނެ ޓެސްޓަކީ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތި ވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަން ކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތި ވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތަކަށް ލިބިދާނެ ގެއްލުން ވަޒަން ކުރަން ޖެހޭނެއެވެ.

މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބުމުގެ އިޙްތިމާލު އޮތް ތުރާތަކާއި ގެއްލުންތަކާބެހޭ ގޮތުން ޝަރީޢަތުގައި ވާހަކަ ދައްކާފައިވެއެވެ. ވަގުތީ އަމުރު ނުނެރެފިނަމަ ޖުމައިރާއަށް މެނޭޖްމެންޓު އެގްރީމެންޓުގެ ދަށުން ލިބިދޭ އެންމެހައި ޙައްޤުތައް ގެއްލިގެން ދިޔުމަކީ ޖުމައިރާއަށް ލިބިގެންދާނެ ފޫނުބެއްދޭނެ ގެއްލުމެއް ކަމަށް ޖުމައިރާއިން ބުނެފައިވެއެވެ.

ވަގުތީ އަމުރު ނެރެފިނަމަ އެސް.ޕީ.އެޗްއަށް ފޫނުބެއްދޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް އެސް.ޕީ.އެޗްއިން ބުނެފައިވެއެވެ. ދެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެސް.ޕީ.އެޗްއިން ޖުމެއިރާއާއެކު ވެފައިވާ މެނޭޖްމަންޓް އެގްރިމެންޓް ބާޠިލުކޮށް ޓާމިނޭޝަން ނޯޓިސް ފޮނުވާފައި ވަނީ 31 މޭ 2020 ގައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރުގެ މައްސަލައިގައި ޙުކުމްކޮށްފައި ވަނީ އޭގެ ގާތްގަނޑަކަށް 6 (ހައެއް) މަސް ފަހުން 29 ނޮވެންބަރު 2020 ގައެވެ. އެއިރު އެސް.ޕީ.އެޗްއިން އެ ރިޒޯޓު ހިންގަން ތިންވަނަ ފަރާތަކާ ޙަވާލުކޮށް އެތަން ރީބްރޭންޑްކޮށް އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް، އެ ތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. ޚަރަދުކޮށްފައިވާ މިންވަރު 20 (ވިހި) މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އެސް.ޕީ.އެޗްއިން ބުނެފައިވެއެވެ. ހައިކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން 6 (ހައެއް) މަސް ކުރިން އޮތް ޙާލަތަށް ރުޖޫޢަކުރާނަމަ ބޮޑެތި ޚަރަދުތައް ދާނެ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ފޫނުބެއްދޭނެ ގެއްލުންތަކެއް އެސް.ޕީ.އެޗްއަށް ލިބިގެންދާނެ ކަމަށް އެސް.ޕީ.އެޗްއިން ބުނެފައިވެއެވެ. އަދި މިހާރު އެ ރިޒޯޓު މެނޭޖުކުރަމުންދާ ތިންވަނަ ފަރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އެސް.ޕީ.އެޗްއިން ބުނެފައިވެއެވެ. މި ކަމުގެ ސަބަބުން ރަށުގެ ހެޑްލީސް ޙައްޤުތައް ރަހުނުކޮށްފައިވާ ބޭންކުން ހެޑްލީސް ޙައްޤުތައް ވިއްކާލުމުގެ އިޙްތިމާލު އޮތުމުން މައްސަލައަށް ތަދައްޚުލްވި ގޭޓްވޭ މޯލްޑިވްސްއަށް ވެސް ފޫނުބެއްދޭނެ ގެއްލުންތަކެއް ލިބުމުގެ އިޙްތިމާލު އޮތް ކަމަށް އެ ފަރާތުން ވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުންތައް ވަޒަން ކުރާއިރު، ވަގުތީ އަމުރު ނުނެރުމުގެ ސަބަބުން ޖުމައިރާއަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުމަށްވުރެ، ވަގުތީ އަމުރު ނެރުމުގެ ސަބަބުން އެސް.ޕީ.އެޗްއަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުން އެތައް ގުނައެއް ބޮޑުކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަން ފާހަގަކުރެވެއެވެ.

ވަގުތީ އަމުރު ނެރުން ލަސްވި ލަސްވުމަށް ބަލާއިރު، މެނޭޖްމެންޓު އެގްރީމެންޓުގެ .340.5 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު ޖުމައިރާއަށް އޮތް ކަމާއި، ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް ވެސް މައްސަލަ އެއް ފަހަރު ހުށަހަޅައި ބާޠިލު ކުރުވުމަށްފަހު އަލުން ހުށަހެޅި ކަމާއި، ވަގުތީ އަމުރަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ވެސް ދެ ފަހަރު ހުށަހެޅިކަން ދެ ފަރާތުގެ ބަހުން އެނގެއެވެ. އެހެންކަމުން ވަގުތީ އަމުރު ނެރުން ލަސްވެފައިވަނީ ޖުމައިރާއިން ޢަމަލުކުރި ގޮތުންކަން އެނގެން އެބަ އޮތެވެ. މެނޭޖްމަންޓް އެގްރިމެންޓް ބާޠިލު ކުރުމުގެ ނޯޓިސް ދިންތާ ގާތްގަނޑަކަށް 6 (ހައެއް) މަސް ފަހުން ވަގުތީ އަމުރު ނެރުނުއިރު، ޙާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، 6 (ހައެއް) މަސްދުވަހުގެ ކުރީގެ ޙާލަތަށް ރުޖޫޢަވެ، އެ ޙާލަތު ދަމަހައްޓަން ވަގުތީ އަމުރުގައި އަންގާފައި އޮތް އިރު، އެކަން އެގޮތަށް ތަންފީޒުކުރާނަމަ އެސް.ޕީ.އެޗްއަށް ފޫނުބެއްދޭނެ ގެއްލުންތަކެއް ލިބޭނެ ކަމަކީ ފެންނަން އޮތް ޙަޤީޤަތެކެވެ. އެހެންކަމުން، މި ޙާލަތުގައި ހައިކޯޓުން ނެރެފައިވާ ފަދަ ވަގުތީ އަމުރެއް، އެ އަމުރު ނެރުމުން ލިބިދާނެ ގެއްލުމެއްގެ ބަދަލު ނަގައިދިނުމުގެ ޔަޤީންކަށަވަރު ކަމެއް ނެތި، ނުނެރެވޭނެ ކަމަށް އަހުރެން ދެކެމެވެ.

ވަގުތީ އަމުރު ނެރޭއިރު ޔަޤީންކަށަވަރުކަން ދިނުން

ވަގުތީ އަމުރު ނެރޭއިރު، ކުރަންޖެހިދާނެ ޚަރަދަކަށް ނުވަތަ ލިބިދާނެ ގެއްލުމެއްގެ ބަދަލު ނަގައިދިނުމުގެ ޔަޤީންކަށަވަރުކަމެއް ހޯދިދާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ އާބިޓްރޭޝަން ޤާނޫނުގެ 37 ވަނަ މާއްދާއަށް ބަލާއިރު:

އެ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ:

"މި ޤާނޫނުގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރުމުގައި، އެ ފިޔަވަޅަށް އެދޭ ފަރާތުން އެ ފިޔަވަޅާ ގުޅޭގޮތުން، އެކަށީގެންވާ މިންވަރެއްގެ ޔަޤީންކަށަވަރުކަން އާބިޓްރަލް ޓްރައިބިއުނަލަށް ދިނުމަށް އެ ޓްރައިބިއުނަލުން ކަނޑައަޅަންވާނެއެވެ. އަދި، އެފަދަ ޔަޤީންކަށަވަރުކަމެއް ހޯދުމަކާ ނުލައި، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރެދޭންވާނީ، އެއީ، އެވަގުތަށް ބޭނުމެއް ނެތް ކަމެއް ކަމުގައި އެ ޓްރައިބިއުނަލަށް ފެންނަ ހާލަތުގައި އެކަންޏެވެ."

މިހެންނެވެ.

އެ މާއްދާގެ (ށ) ގައި ބަޔާންވެގެން ވަނީ:

"މި މާއްދާގެ (ހ) ގައި "ޔަޤީންކަށަވަރުކަން ދިނުން" ކަމަށް ބުނެފައި އެވަނީ، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނިސްބަތްވާ ފަރާތުން ކުރަންޖެހިދާނެ ޚަރަދަކަށް ނުވަތަ އެފަރާތަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ނަގައިދޭންޖެހޭފަދަ ޙާލަތެއް އަތުވެއްޖެނަމަ، އެކަން ކުރުމަށް އެކަށޭނަ މިންވަރެއްގެ ފައިސާ އާބިޓްރަލް ޓްރައިބިއުނަލުގެ ބެލުމުގެ ދަށުގައި ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަށް އެދޭ ފަރާތުން ބެހެއްޓުމަށެވެ. ނުވަތަ އެ ފައިސާ ދައްކަންޖެހޭ ދުވަހު އެ ފައިސާ ދައްކާނެކަމުގެ ގެރެންޓީއެއް އެ ޓްރައިބިއުނަލުން ޤަބޫލުކުރާ ފަރާތެއްގެ ކިބައިން ހޯދައި، ލިބިގަތުމަށެވެ."

މިހެންނެވެ.

ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ޤާނޫނުގެ 12 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ (a) ގައި، ޔަޤީންކަށަވަރުކަން ހޯދުމުގެ ގޮތުން ސެކިއުރިޓީގެ ގޮތުގައި ފައިސާ ބެހެއްޓުމަށް އެންގުމުގެ ބާރު އާބިޓްރަލް ޓްރައިބިއުނަލްއަށް ލިބިގެންވާ ކަން ބަޔާންކޮށްފައިވެއެވެ.

އާންމު ގޮތެއްގައި ވަގުތީ އަމުރު ނެރެނީ މައުޟޫޢީ މައްސަލަ ބަލާ ކޯޓުން ނުވަތަ ޓްރައިބިއުނަލުންނެވެ. މި މައްސަލައިގެ ޙާލަތު ތަފާތެވެ. މި މައްސަލައިގެ މައުޟޫޢަށް ފައިޞަލާ ކުރުމަށް ހުށަހެޅިފައި ވަނީ ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށެވެ. ވަގުތީ އަމުރު ނެރެދިނުމަށް ހުށަހެޅުނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. ވަގުތީ އަމުރު ނެރެންޖެހެނީ މައްސަލައިގެ މައުޟޫޢަށް އެއްވެސް އަސަރެއް ނުކުރާ ގޮތަށެވެ.

ވަގުތީ އަމުރުގެ މައްސަލައިގެ ތެރޭގައި ދެ ފަރާތުން މައްސަލައިގެ މައުޟޫޢުގެ ވާހަކަ ދެއްކިޔަސް، މައްސަލައިގެ މައުޟޫޢު ހުށަހެޅިފައިވާ ޓްރައިބިއުނަލަށް މަޢުޟޫޢާގުޅޭ ގޮތުން އެނގޭ މިންވަރަށް ވަގުތީ އަމުރުގެ މައްސަލަ ބަލާ ކޯޓަށް މަޢުޟޫޢާގުޅޭ ގޮތުން ނޭނގިދާނެ އެވެ. މިގޮތުން މި ޙާލަތުގައި، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނިސްބަތްވާ ފަރާތުން ކުރަންޖެހިދާނެ ޚަރަދަކަށް ނުވަތަ އެ ފަރާތަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ނަގައިދޭން ޖެހޭފަދަ ޙާލަތެއް އަތުވެއްޖެނަމަ، އެކަން ކުރުމަށް އެކަށީގެންވާ މިންވަރެއްގެ ފައިސާ ކޯޓުގެ ބެލުމުގެ ދަށުގައި، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަށް އެދޭ ފަރާތުން ބަހައްޓާފައި ނުވަތަ އެ ފައިސާ ދައްކަންޖެހޭ ދުވަހު އެ ފައިސާ ދައްކާނެ ކަމުގެ ގެރެންޓީއެއް އެ ފަރާތުގެ ކިބައިން ހޯދުމެއް ނެތި، ވަގުތީ އަމުރު ނެރެވޭނީ އެފަދަ ޔަޤީންކަމެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ކޯޓަށް ފެންނަ ޙާލަތުގައި އެކަނިކަމާއި، މިމައްސަލައިގެ ޙާލަތަށް ބަލާއިރު، އެފަދަ ޔަޤީންކަމެއް އޮތުމުގެ ބޭނުން އިންތިހާއަށް ބޮޑު ކަމަށް އަހުރެން ދެކެމެވެ.

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ރާއްޖެއިން ބޭރުގައި ހިނގަމުންދާ އާބިޓްރޭޝަން މައްސަލަތަކުގައި ވަގުތީ އަމުރު ނެރެދިނުމަށް އެ ކަމުގައި މަޞްލަޙަތު އޮތް ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ އަމުރު ނެރުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާއިން ލިބިދޭ ކަމާއި، އެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވަނީ އެ މައްސަލައެއް ބަލަމުންދާ ރާއްޖެއިން ބޭރުގެ ޓްރައިބިއުނަލަށް ލިބިދޭ ނިސްބަތަށް ކަމާއި، ވަގުތީ އަމުރު ނެރުމުގައި މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުމުގެ މިންވަރަށް ރިޢާޔަތް ކުރެވެން ޖެހޭނެ ކަމާއި، މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުންތައް ވަޒަން ކުރާއިރު، ވަގުތީ އަމުރު ނުނެރުމުގެ ސަބަބުން ޖުމައިރާއަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުމަށް ވުރެ، ވަގުތީ އަމުރު ނެރުމުގެ ސަބަބުން އެސް.ޕީ.އެޗްއަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުން އެތައް ގުނައެއް ބޮޑު ކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމާއެކު، މި ޙާލަތުގައި ހައިކޯޓުން ނެރެފައިވާ ފަދަ ވަގުތީ އަމުރެއް، އެ އަމުރު ނެރުމުން ލިބިދާނެ ގެއްލުމެއްގެ ބަދަލު ނަގައިދިނުމުގެ ޔަޤީންކަށަވަރުކަމެއް ނެތި ނުނެރެވޭނެތީ، ހައިކޯޓުގެ ނަންބަރު 2020/HC-A/165 ޤަޟިއްޔާގެ ނިންމުން ބާޠިލު ކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/165 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ، އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އެސް.ޕީ.އެޗް") ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ 06 (ހައެއް) ނުކުތާގެ ތެރޭގައި، ހައިކޯޓަށް ހުށަހެޅުނު މައްސަލައިގައި ގޮތް ކަނޑައެޅުމުގެ ބާރު އެ ކޯޓަށް ލިބިގެންވާކަމާމެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ ޤާނޫނީ ނުކުތާއެއް ހިމަނާފައިވާކަން ފާހަގަވެއެވެ. އެ ނުކުތާގައި ވަނީ، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބުނާ ހައިކޯޓުން އެކުލަވާލަންޖެހޭ އުސޫލު އެ ކޯޓުން އެކުލަވާލާފައި ނެތީސް، އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޖުމެއިރާ މޯލްޑިވްސް") އިން އެދުނު ފަރުވާ އެފަރާތަށް ލިބިދީފައިވަނީ، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާ އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާ އާއި، ޤާނޫނު މާނަކުރަންވާ ގޮތް ޤާނޫނުގެ ޞަރީޙަ އިބާރާތުން ބަޔާންކޮށްފައި އޮންނަ ގޮތާ ޚިލާފަށް ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް ޤާނޫނު މަނާ ނުކުރެވޭނެ ކަމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ކަމުގައެވެ.

އެހެންކަމުން، އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން، އެންމެ ފުރަތަމަ ބަލަންވާނީ ހިނގަމުންދާ އާބިޓްރޭޝަންއަކާއި ގުޅިގެން ހައިކޯޓަށް ލިބިފައިވާ ބާރުގެ މައްޗަށް އުފައްދާފައިވާ މި ސުވާލަށް ކަމުގައި ދެކެމެވެ. އަދި، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާއިން ހައިކޯޓަށް ލިބިދޭ ބާރަކީ ކޮބައިކަން ބެލުމަށް، އެންމެ ފުރަތަމަ، އެ މާއްދާގެ ނައްޞަށް (text) ބެލުން މުހިންމެވެ.

އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ.

(ހ) އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދޭ ޙާލަތުތަކުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދެވޭ ނިސްބަތަށް، އާބިޓްރޭޝަނުގައި ހިނގަމުންދާ އެ މައްސަލައާ ގުޅޭގޮތުން، ކޯޓުގެ އަމިއްލަ އިސްނެގުމުގައި، އެފަދަ އަމުރު ނެރުމުގެ ބާރު ކޯޓަށްވެސް ހަމަ އެ ނިސްބަތަށް ލިބިގެންވެއެވެ. އެއީ، އެ އާބިޓްރޭޝަން ހިނގަމުންދަނީ ދިވެހިރާއްޖޭން ބޭރުގައި ކަމުގައިވީނަމަވެހެވެ.

(ށ) އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުން ބޭނުންކުރާނީ، ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން އެ ކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

އިސްވެ ބަޔާންކުރި މާއްދާއަށް ޖުމުލަ ގޮތެއްގައި ބެލުމުން:

ހައިކޯޓަށް މި މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިޚްތިޞާސް ލިބިގެންވަނީ ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖޭން ބޭރުގައި ނަމަވެސް އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން ކަމާއި؛

މި މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތަކުގައި، ހައިކޯޓަށް ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު ލިބިގެންވަނީ، އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް އެ ބާރު ލިބިދޭ ޙާލަތުތަކުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދެވޭ ނިސްބަތަށް ކަމާއި؛

ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމަށް ކޯޓަށް މި މާއްދާގެ ދަށުން ލިބިދޭ ބާރު ކޯޓުން ބޭނުންކުރަންވާނީ ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން އެ ކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމާއި؛

ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު މި މާއްދާގެ ދަށުން ކޯޓަށް ލިބިގެންވަނީ ކޯޓުގެ އަމިއްލަ އިސްނެގުމުގައި އަމުރު ނެރުމަށް ކަން އެނގެން އޮވެއެވެ.

ދިވެހިރާއްޖެއާއި ދުނިޔޭގެ ގިނަ ޤައުމުތަކުގެ އާބިޓްރޭޝަންގެ ޤާނޫނުތަކުގެ ބިނާ އެއްގެ ގޮތުގައި ބަލަނީUNCITRAL Model Law on International Commercial Arbitration (މީގެ ފަހުން "މޮޑެލް ލޯ") އެވެ. އެހެންކަމުން، ރާއްޖޭގައި އެކުލަވާލެވުނު އާބިޓްރޭޝަނުގެ ޤާނޫނު އާއި ބުނެވުނު މޮޑެލް ލޯ އާ އެއްގޮތް ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަވެއެވެ.

މިގޮތުން، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާއާއި އެންމެ އެއްގޮތް މާއްދާއެއްގެ ގޮތުގައި މޮޑެލް ލޯގައި އޮންނަނީ، އެ މޮޑެލް ލޯގެ އާޓިކަލް 17 J އެވެ. އެއިގައި އޮންނަނީ އަންނަނިވި ފަދައިންނެވެ.

A court shall have the same power of issuing an interim measure in relation to arbitration proceedings, irrespective of whether their place is in the territory of this State, as it has in relation to proceedings in courts. The court shall exercise such power in accordance with its own procedures in consideration of the specific features of international arbitration.

މޮޑެލް ލޯގެ އާޓިކަލް 17 J އަކީ މޮޑެލް ލޯ 1985 ވަނަ އަހަރު ފުރަތަމަ އެކުލަވާލެވުނު އިރު އޭގައި ހިމަނާފައިވާ މައްދާއެއް ނޫނެވެ. އެ މާއްދާ މޮޑެލް ލޯއަށް އިތުރުކުރެވުނީ 2006 ވަނަ އަހަރު ގެނެވުނު އިސްލާހުތަކާއެކު އެވެ. އަދި އެ މާއްދާ މޮޑެލް ލޯ ގައި ހިމެނުނީ، އާބިޓްރޭޝަން އެއްބަސްވުމެއް އޮތުމަކުން ކަމާބެހޭ ކޯޓަށް ވަގުތީ ހައްލު ހޯދާދިނުމަށް ލިބިގެންވާ ބާރަށް ބުރުލެއް ނާރާނެކަމާއި، ވަގުތީ ހައްލު ހޯދާދިނުމަށް އެދި އާބިޓްރޭޝަންގެ ބައިވެރިންނަށް ކަމާބެހޭ ކޯޓަށް ދިއުމުގެ ފުރުސަތު ލިބިގެންވާކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކަން އެނގެން އޮވެއެވެ.

އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާއާއި މޮޑެލް ލޯގެ އާޓިކަލް 17 J އިން، އެ ގައުމެއްގައި ނުވަތަ އެ ގައުމެއްގެ ބޭރުގައި ހިނގަމުންދާ އާބިޓްރޭޝަން މައްސަލައަކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދޭ ޙާލަތްތަކުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދެވޭ ނިސްބަތަށް، އަދި ކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އާބިޓްރޭޝަނުގައި ހިނގަމުންދާ އެ މައްސަލައާ ގުޅޭގޮތުން، އެފަދަ އަމުރު ނެރުމުގެ ބާރު ކޯޓަށް ވެސް ހަމަ އެ ނިސްބަތަށް ލިބިދެއެވެ. އެހެންކަމުން މި ދެ މާއްދާއަކީ ވަރަށް އެއްގޮތް ދެ މާދާކަމުގައިވާ ނަމަވެސް، މި ދެ މާއްދާގެ ދެމެދުގައި ވަރަށް ހައްސާސީ ފަރަޤެއް ވެއެވެ. އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާއާއި މޮޑެލް ލޯގެ އާޓިކަލް 17 J އާހުރި ތަފާތަކީ، މޮޑެލް ލޯގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ކޯޓުން އަމުރު ނެރެވޭނީ ކޯޓުގެ އަމިއްލަ އިސްނެގުމަށް ކަމަށް ބަޔާންކޮށްފައި ވުމެވެ.

ޤާނޫނެއްގައި އެކުލެވިގެންވާ ވަކި ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމުލައެއް މާނަ ކުރުމުގެ މައްޗަށް ބަލާއިރު، ޤާނޫނެއްގައި ބޭނުންކޮށްފައިވާ އެފަދަ ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައަކުން ދޭން ބޭނުން ވަނީ ކޮން މާނައެއްކަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައާއި، އެކަން އެގޮތުގައި ދެމެހެއްޓުމަށްވުރެ ރަނގަޅުގޮތެއް ނޯންނާނެކަމަށް ޤާނޫނީ ގޮތުން ބަލަންޖެހެއެވެ. އަދި، ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމުލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ވެސް ޤާނޫނީ ގޮތުން ބަލަންޖެހެއެވެ.

އެހެންކަމުން، ދިވެހިރާއްޖެއިން މި ޤާނޫނު އެކުލަވާލިއިރު، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ކޯޓުން ވަގުތީ ފިޔަވަޅު އަޅާނީ ކޯޓުގެ އިސްނެގުމަށް ކަމުގައި ޞަރީޙަބަހުން ބަޔާންކޮށްފައިވަނީ ވަކި ބައްޓަމަކަށް ރާއްޖޭގައި ޢަމަލުކުރާގޮތް ތަރުތީބު ކުރުމުގެ ގޮތުން ކަމުގައި ބަލަންޖެހެއެވެ.

އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅު އެޅޭނީ ކޯޓުގެ އަމިއްލަ އިސްނެގުމަށް ކަމުގައި ބަޔާންކުރުމަށްފަހު، ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން ކޯޓުން ޢަމަލުކުރުމަށް ކަނޑަޅާ އުސޫލުތައް އެކުލަވާލުމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ކޯޓުގެ އަމިއްލަ އިސްނެގުމުގައި ފިޔަވަޅު އެޅިދާނެ ޙާލަތްތަކާއި، އެކަންކަމާއި ގުޅޭ އިޖުރާއަތުތަކާއި އެހެނިހެން ތަފުސީލުތައް އެކުލަވާލާ އާންމު ކުރަންވާނެ ކަމަށް ބަޔާންކުރުމުގެ ނިޔަތުގައި ކަމަށްވެސް އަހުރެންނަށް ބުރަވެވެއެވެ.

އަދި މިހެން ކަމުން، އެސް.ޕީ.އެޗްގެ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބުނާ އުސޫލު އެކޯޓުން އެކުލަވާލުމެއް ނެތި، އެމާއްދާގެ ދަށުން ހައިކޯޓުން ފިޔަވަޅުއަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމުގެ ސުވާލާއި ހަމައަށް ދާން ނުޖެހޭކަމުގައިވެސް އަހުރެންނަށް ބުރަވެއެވެ. އެއީ، އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ތެރެއިން، ހައިކޯޓުން ވަގުތީ އަމުރު ނެރެދީފައިވަނީ ޖުމެއިރާ މޯލްޑިވްސްއިން އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާއަށް ޙަވާލާދީ، އެ މާއްދާގެ ދަށުން ވަގުތީ ހައްލަކަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ޙާލަތެއްގައި ކަމުން، އަދި އެ އަމުރު ނެރެފައިވަނީ ހައިކޯޓުގެ އަމިއްލަ އިސްނެގުމަށް ނޫންކަމުން، މިއީ، ބުނެވުނު 45 ވަނަ މާއްދާގެ ދަށުން އަމުރު ނެރުމަށް ހައިކޯޓަށް ލިބިދީފައިވާ ބާރުގެ ތަރަހައިގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމުގައި ޤާނޫނީ ގޮތުން ބެލޭނެ ޙާލަތެއް އޮތްކަމަށް ނުފެންނާތީއެވެ.

މިހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/165 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަންޖެހޭ ކަމަށް ދެކެމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވަނީ، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ޖުމެއިރާއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދުމުން އެ ކޯޓުން އެ އަމުރު ނެރެފައިވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ އެއްގޮތަށް ކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.

އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާވަނީ ދެ އަކުރަކަށް ބެހިފައިވެއެވެ. މި މާއްދާގެ ނައްޞަން ބަލާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ހިނގަމުންދާ އާރބިޓްރޭޝަނެއްގައި، އެއީ ދިވެހިރާއްޖޭގައި ކަމުގައިވިޔަސް އަދި، އެ ނޫން ގައުމެއްގައި ކަމުގައި ވިޔަސް ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ހޯދުމަށް އާރބިޓްރޭޝަން މައްސަލަ ބަލާ ޓްރައިބިއުނަލަށް ބާރު ލިބިފައިވާ މިންވަރަކަށް އެފަދަ ޓްރައިބިއުނަލަކުން އެ ބާރު ބޭނުން ކޮށްފާނެ ކޮންމެ ޙާލަތެއްގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް ވެސް އެ މަގުން އެ ކޯޓުގެ އިސްނެގުމަށް ނުވަތަ ފަނޑިޔާރުގެ އިސްނެގުމަށް އެ ބާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް، މި މާއްދާގެ (ހ) ދަށުން ލިބިދޭ ބާރު އެ ކޯޓުން ބޭނުންކުރަން ވާނީ، މި މާއްދާގެ (ށ) ގައި ބުނާ ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް، މި މާއްދާގައި އިޝާރަތްކޮށްފައިވާ އުސޫލު ދިވެހިރާއްޖޭގެ ހައިކޯޓުން އާންމު ކޮށްފައި ނުވެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފާހަކޮށްފައިވާ ފަދައިން، އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ނައްޞަށް ބެލުމުން، އެ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންދަނީ އެ ކޯޓުގެ އަމިއްލަ އިސްނެގުމަށް ކަމަށް އެނގެން އޮވެއެވެ. ދިވެހިރާއްޖޭގައި ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރޭގޮތުގެ މައްޗަށް ބަލާއިރު، ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ ހުށަހެޅުމެއް ނުވަތަ މައްސަލައެއްގައި މެނުވީ އެފަދަ އަމުރެއް ނެރުމެއް ނޯވެއެވެ. އަދި ހަމަ އެހެންމެ، ފަނޑިޔާރެއްގެ ކުރިމަތީ ނޯންނަ މައްސަލައެއްގައި އަމުދުން ކޯޓުން އިސްނެގުމަށް އެ ކަންކުރުމަކީ ނާދިރު ކަމެވެ. ދެން އުފެދޭ ސުވާލަކީ، އާރބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލުތައް ކަނޑައަޅާފައި ނެތީސް، ހިނގަމުންދާ އާރބިޓްރޭޝަނެއްގައި ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރެވިދާނެތޯ އާއި، އަމިއްލަ އިސްނެގުމަށް ނެރެން އޮންނަ އަމުރެއް ދޭދޭ ފަރަދުން އެދެފި ނަމަވެސް ނެރެވިދާނެ ތޯ އެވެ. މި ދެ ކަމަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

ފުރަތަމަ ކަމަކީ، އިޝާރަތްކުރެވިފައިވާ ފަދަ އުސޫލެއް ނެތް ކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނާއި، އާބިޓްރޭޝަން މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދުގެ ދަށުން، ހުށަހެޅިފައި އޮންނަ މައްސަލައެއްގައި އެ މައްސަލައާ ގުޅުން ހުރި ބައެއް އާރބިޓްރޭޝަނުގައި ހިންގަމުންދާ ކަމަށް ފަނޑިޔާރުގެ ސަމާލު ކަމަށް އައިސްފިނަމަ، އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަށް ލިބިދޭ ތަޤުދީރީ ބާރު ބޭނުން ހިފައި، އިސްނެގުމަށް ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ފަހަރުގައި ނާދިރު ޙާލަތެއްގައި ނެރެން ޖެހުމުގެ އިޙްތިމާލު އޮވެދާނެއެވެ. މިފަދަ ޙާލަތެއްގައި އިސްވެ ދެންނެވުނު އުސޫލު އާންމުކުރެފައި ނެތް ކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރެއް ނެރެވިދާނެކަމަށް ދެކެމެވެ.

ދެވަނަ ކަމަކީ، ދޭދޭ ފަރުދުންނަށް އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދެވިދާނެތޯ އާއި، އަދި މިފަދަ އަމުރެއް ނެރުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެން ވޭތޯއެވެ. މިކަމަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން އެ ކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލު އާއްމުކޮށްފި ހިނދަކު އެސޫލުގައި ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޖުރުއާތުގެ ތެރެއިން ދޭދޭ ފަރުދުންނަށް ވެސް، އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅެއް އެޅުމުގެ އަމުރަށް އެދުމުގެ ފުރުސަތު ފަހުކޮށްދީފައިވާނަމަ، އެ ފުރުސަތު އޮންނާނެކަމަށް ދެކެމެވެ. އެހެން ނޫންނަމަ އެފުރުސަތު ނޯންނާނެއެވެ.

ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ފާހަގަ ކުރައްވާފައިވާ ފަދައިން، އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާ އާއި ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް ލޯ (އަންސިޓްރަލް) އިން ކަޑައަޅާފައިވާ ނަމޫނާ ހަމަތަކުގެ މޮޑެލް ލޯގެ އާޓިކަލް 17 J އާ އަޅާކިޔާއިރު، އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާ އުފަންވެފައިވަނީ މިދެންނެވި މޮޑެލް ލޯގެ ތެރެއިން ކަން އެގެއެވެ. ނަމަވެސް، އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާ އާއި، މޮޑެލް ލޯގެ އާޓިކަލް 17 J އާ ތަފާތުވަނީ، އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ވަގުތީ ފިޔަވަޅު ބާރު ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަށް އޮންނަ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތުމެވެ. އެ ނޫނީ އެމާއްދާގެ ނައްސުގައި ތަފާތެއްނެތެވެ.

އާރބިޓްރޭޝަނުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ޅ)ގައި ޤާނޫނުގެ މަޤުޞަދުތައް ބަޔާންކުރުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް ލޯ (އަންސިޓްރަލް) އިން ކަޑައަޅާފައިވާ ނަމޫނާ ހަމަތަކާ އެއްގޮތުގެ މަތިން، ދިވެހިރާއްޖޭގައި އާބިޓްރޭޝަނުގެ ނިޒާމެއް ޤާއިމުކޮށް ތަރުތީބުކުރުން ބަޔާންކޮށްފައިވަތީވެ، އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާ މާނަކުރަން ޖެހިއްޖެނަމަ، ޤާނޫނުގެ މަޤުޞަދު ބެލުމަށްޓަށްތަކައި ރުޖޫޢަ ވާން ޖެހެނީ، މޮޑެލް ލޯގެ އެ މާއްދާގައި ބުނާ އެއްޗަކަށެވެ. އަދި މިފަދަ މާއްދާތައް ޤާނޫނުގައި ހިމަނައިގެން ޢަމަލު ކުރާ އެހެން ކޮމަންލޯ ނިޒާމު އޮންނަ ޤައުމުތަކުގައި މިފަދަ މާއްދާތައް ތަތުބީޤު ކުރާގޮތުގެ މައްޗަށް ވެސް ބެލިދާނެއެވެ. އިންޑިޔާ އާއި މެލޭޝިޔާ ފަދަ ޤައުމުތަކުގައި މިފަދަ މާއްދާތަކަށް ޢަމަލު ކުރާގޮތަށް ބަލާއިރު، ދޭދޭ ފަރުދުންނަށް ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަށް އެދުމުގެ ފުރުސަތު އޮވެއެވެ. އަދި މި ފުރުސަތުގެ ދަށުން އަމުރަށް އެދޭ ކަންކަމުގެ ބައެއް މިސާލުތަކަށް ބަލާއިރު، މައްސަލައެއްގެ ޚަރަދަށް ޒިންމާ ވާންޖެހޭ (ސެކިއުރިޓީ ފޯ ކޯސްޓްސް) އަމުރުތަކާއި ވަކި ލިޔުމެއް ނުވަތަ ބަޔާންނެއް ހާމަކުރަން އެދޭ އެފްޑެވިޓް އަމުރުތަކާއި، ރިސީވަރުން ޢައްޔަން ކުރުމުގެ އަމުރުތަކާއި، އާރބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައެއްގައި އުޅަނދެއް ހިފަހައްޓަން ޖެހިއްޖެނަމަ އެފަދަ އަމުރެއް ހޯދުމާއި، މުދަލު މިލްކުވެރިކަން ބަދަލު ކުރުމާއި، އެ މުދާ ރައްކާތެރިކުރުމާއި އަދި އާރބިޓްރޭޝަން ނިމޭއިރު އެފަދަ އަމުރެއް ނުނެރެފިނަމަ އާބިޓްރަލް އެވޯޑަކީ ތަންފީޒު ނުކުރެވި ބޭނުމެއްނެތް ދެލި ގަނޑަކަށް ބަދަލުވެދާނެ ކޮންމެ ޙާލަތެއްގައި އެދޭ އަމުރުތަކެވެ.

ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދެންވާނީ، ވަގުތީ ޙައްލެއް ލިބިދާނެ ޙާލަތެއްގައި، ވަގުތީ ފަރުވާ އެއް ހޯދުމަށެވެ. މިފަދަ އަމުރަކާ ގުޅިގެން ހިނގަމުންދާ އާރބިޓްރޭޝަނަށް ހިޔަނި ނޭޅޭނެ ފަދަ ކަންކަމުގައެވެ.

މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމުގެ ބުރަ މަތިކުރެވިފައިވަނީ، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދުނު ފަރާތުގެ މައްޗަށެވެ. ސާބިތުކުރުމަށް ހުށަހަޅާ ކަންކަމަކީ ހަރުދަނާ އަސާސްތަކުގެ މައްޗަށް ބިނާކޮށް ހުށަހަޅާ ކަންކަމަށް ވާންވާނެއެވެ. މިގޮތުން މިފަދަ މައްސަލަތަކުގައި ކޯޓުން އަމުރު ނެރުމުގައި، އިތުރު ޤާނޫނީ ބޮޑު ބަހުސަކަށް ނުގޮސް ހުށަހަޅާ ކަންކަމަކީ އެ ކަމުގެ ޙަޤީޤަތްތަކުގެ މައްޗަށް ނުފީނާ ފަނޑިޔާރަކަށް ވަގުތުން ގޮތެއް ކަނޑައެޅޭނެ ކަންކަމަށް ވާންވާނެ އެވެ. މާނައަކީ، އެފަދަ އަމުރަކަށް އެދުމުން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނައި، ހަމަ އެ ވަގުތު ފިޔަވަޅެއް ނާޅައިފިނަމަ، އެކަމުގެ ނަތީޖާ އެހެންގޮތަކަށް ބަދަލުވެ އިންސާފަށް ހުރަސް އެޅިދާނެފަދަ ކަންކަމަށް ވާންވާނެ އެވެ. ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގައި ބަލާ އަސާސީ ކަންކަމުގެ ތެރޭގައި ހިމެނެނީ، ހުށަހެޅިފައިވާ މައްސަލައިގައި ޤާނޫނީ ގޮތުން ސުވާލު އުފެދިފައިވާ ޙައްލެއް ބޭނުންވާ ޚުޞޫމަތެއް އޮތް ތޯ އާއި، ބަދަލު އެއީ ޢަދުލުވެރި ފަރުވާ ކަމަށް ނުވެދާނެ ތޯ އާއި އަދި ބެލެންސް އޮފް ކޮންވީނިއަސް އެވެ.

ހިނގަމުންދާ އާރބިޓްރޭޝަނެއްގައި، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދޭއިރު މަޙައްލެއް އިޚްތިޔާރުކުމުގައި ބަލާނީ، އެދޭ އަމުރު އެންމެ އަވަސް މިނެއްގައި ތަންފީޒުކުރުމަށް އެންމެ ފަސޭހަ މަޙައްލެއް ކަމުގައި އަހުރެން ދެކެމެވެ.

ހުށަހެޅިފައިވާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ 2020/HC-A/165 ނަންބަރު ޤަޟިއްޔާއިން އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރެފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ވިދިގެން އަންނަ ފޮޅުވަތްތަކުގައި ބަޔާންކުރާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އަހުރެން ދެކެމެވެ.

އާރބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ދޭދޭ ފަރުދުންނަށް އަމުރަކަށް އެދެވޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން އެ ކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމުގައި ވާތީވެ، އެފަދަ އުސޫލެއްނެތި ނެރޭ އަމުރަކީ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއާތުތަކާ އެއްގޮތަށް ނެރޭ އަމުރަކަށް ނުވާނެއެވެ.

ބަހުސްގެ ބޭނުމަށްޓަކައި ތަޙްލީލީ ނަޒަރުން ޖުމެއިރާއިން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރުމަށް އެދިފައިވާ ސަބަބާއި ޙާލަތަށް ބަލައި، އެ ފަރާތުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަށް އެދިފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އާރބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑަނޭޅި ދެވިދާނެ ފަރުވާއެއް ނޫން ކަމާއި އެހެންކަމުން، އެއީ ޤާނޫނީ ބޮޑު ބަހުސެއް އޮތް ކަމެއް ކަމުގައި އަހުރެން ދެކެމެވެ. މިގޮތުން ޖުމެއިރާއިން އެދިފައިވާ ކަންތަކުގެ ތެރޭގައި އެއްބަސްވުން ބާޠިލުކުރުމުގެ ކުރިން އޮތް ޙާލަތަށް ރުޖޫޢަކުރުމަށް އެދިފައިވާއިރު، ޖުމެއިރާއިން އެ ރިސޯޓުން ފޭބުމަށްފަހު އެ ރިސޯޓު މެނޭޖުމަންޓު އެހެން ފަރާތަކާ ޙަވާލުކޮށްފައިވާ ކަން ޖުމެއިރާގެ ބަހުން ވެސް އެނގެއެވެ. މި ދެންނެވި ތިންވަނަ ފަރާތުގެ މަޞްލަޙަތާއި އަދި އެ ފަރާތާއެކު އެސްޕީއެޗާއިން ވެފައިވާ އެއްބަސްވުމަކަށް ވެދާނެގޮތަކާއި، މި ހުރިހާ ކަމަކަށް ވިސްނަންޖެހުމަކީ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޤާނޫނީ ބޮޑު ބަހުސެއް އުފެދި އެ މައްސަލައިގެ ވާޤިޢާތަކުގެ ފުނަށް ފީނަން ޖެހުމެވެ. އެހެންކަމުން މިއީ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ގޮތެއް ކަނޑައެޅިދާނެ ކަންކަމެއް ނޫނެވެ.

ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން އެ ކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލު އާންމުކޮށްފައި އޮވެ، ޖުމެއިރާއިން އެދުނީ، ޖުމެއިރާއިން އެ ރިސޯޓު ދޫކޮށްފައި ދިޔައިރު، ބަހުސުގެ ބޭނުމަށްޓަކައި، މިސާލަކަށް ޙާލަތު ތަންދިންގޮތުން ތަކެތި ބޭލުމުގެ ހުއްދަ ނުލިބުން ނުވަތަ ޖުމެއިރާގެ ނަމުގައި އެ ރިސޯޓުގައި ޚިދުމަތް ދޭން މުވައްޒަފުން ތިބި ނަމަ، އެ މުވައްޒަފުންގެ މަޞްލަޙަތުގައި ފިޔަވަޅުތަކެއް އަޅަންޖެހޭ ފަދަ ކަމަކާއިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމައްޗަށް އައިސް، އެ ކަމާގުޅިގެން އެ ކޯޓުން ވަގުތީ ފިޔަވަޅު ނެރުމުގެ އަމުރެއް ނެރެފައި އޮތްނަ ނަމަ، އެފަދަ އަމަރުކީ ޞައްޙަ އަމުރެކޭ ބުނަން އަހުރެން ފަސް ނުޖެހޭނަމަވެ. އަދި މިފަދަ އަމުރެއް ޖުމެއިރާއިން ހޯދުމަށް އެންމެ މުނާސިބު މަޙައްލަކީ ވެސް ދިވެހިރާއްޖެއެވެ.

ބަޔާންވެދިޔަ ސަބަބުތައް އެހެންހުރުމާއެކު، މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ނިންމުމަށް ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/165 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ކަމަށް ނުވާތީ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/165 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ