ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ވ. ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2022/HC-A/491
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން، އެއްބަސްވުމުގެ ޙަޤީޤީ މަޤުޞަދަކީ މުދަލާއި ޚިދުމަތުގެ އަގު އަދާކުރުން ކަމަށާއި ޑިބެންޗަރ ދޫކޮށްފައިނުވާ ޙާލަތުގައި ޙިއްޞާ ބަދަލުކުރަން އަމުރުކުރާނެ ސަބަބެއް ނެތްކަމަށް ނިންމިއެވެ. ހައިކޯޓުގައި އިސްތިއުނާފު ބަލަމުންދަނިކޮށް ޙިއްޞާ ރައްކާތެރިކުރުމަށް އެދުނު ވަގުތީ އަމުރު، މައުޟޫޢީ ޙައްޤެއް ނުދައްކާތީއާއި، މައުޟޫޢުގައި ގޮތް ކަނޑައެޅޭތީއާއި، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުދައްކާތީ ހައިކޯޓުން ނުނެރެއެވެ.
- ވާޤިޢާ
- ޔޮންސަން އިންޖިނިއަރިންގ އާއި ކަނިފުށި އިންވެސްޓްމަންޓާ ދެމެދު 13 ފެބްރުއަރީ 2013 ގައި ވެފައިވާ "ޑީޑް އޮފް ޑިބެންޗަރ ފޯރ ޑިފަރޑް ޕޭމަންޓް ޓަރމްސް" އާ ޚިލާފުވެފައިވާކަމަށް ބުނެ، 2,159,745.45 ޑޮލަރު ދައްކަންޖެހޭކަމަށާއި އެ ޢަދަދަށްވާ ކަނިފުށީގެ ޙިއްޞާ ޔޮންސަނަށް ބަދަލުކުރުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެއްބަސްވުމެއްގެ ދަށުން ޙިއްޞާ ބަދަލުކުރުމަށް އެދޭ އިސްތިއުނާފެއް ހައިކޯޓުގައި ބަލަމުންދާއިރު، އަނެއް ފަރާތުގެ ޙިއްޞާތައް ރައްކާތެރިކުރުމަށް ވަގުތީ އަމުރެއް ނެރެނުދިނުމަށް ހައިކޯޓުން ނިންމުމަކީ ނެކްސްބިޒް ޤަޟިއްޔާގެ ޝަރުޠުތައް (ފާޅުކަން ބޮޑު މައުޟޫޢީ ޙައްޤެއް/ޤާނޫނީ މަރުކަޒެއް، މައުޟޫޢުގައި ގޮތް ނުކަނޑައެޅުން، ތަދާރުކުނުކުރެވޭ ގެއްލުން) އާ ޚިލާފު ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޔޮންސަނުން ބުނީ ހައިކޯޓުގެ ނިންމުމަކީ ނެކްސްބިޒް އާއި އަޒްރޯވާ ޤަޟިއްޔާތަކުގެ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށާއި، ޙިއްޞާގެ އަގު ކެނޑުމުގެ ނުވަތަ ނެތިދިއުމުގެ ފާޅު އިޙްތިމާލެއް އޮތްކަމަށެވެ. ކަނިފުށިން ބުނީ ކާމިޔާބުވުމުގެ ޙަޤީޤީ އިޙްތިމާލެއް ނުވަތަ އިޢާދަނުކުރެވޭ ގެއްލުމެއް ނުދައްކާ ކަމަށާއި، އަމުރުން މައުޟޫޢީ ޙައްޤު ކަށަވަރުކޮށްދެވޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އެއްބަސްވުމުގައިވާ ޙިއްޞާ ބަދަލުކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައިވާކަން ސާފުނުވާތީ ފާޅު މައުޟޫޢީ ޙައްޤެއް ނުފެނެއެވެ؛ އަމުރު ނެރުމަކީ އިސްތިއުނާފުގެ މައުޟޫޢުގައި ގޮތް ކަނޑައެޅުމެވެ؛ ދަޢުވާއަކީ ފައިސާގެ މުޢާމަލާތަކުން ފެށޭ ދަޢުވާއަކަށްވާތީ ތަދާރުކުނުކުރެވޭ ގެއްލުމެއް ނެތެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ވަގުތީ އަމުރާގުޅޭ ނިންމުން ޤާއިމް، އިސްތިއުނާފު ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް (legal status) އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތުމަކީ ނެކްސްބިޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ތިން ޝަރުޠުގެ ތެރެއިން އެއް ޝަރުޠެވެ؛ އެކަން މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ނުފީނައި، ވާޤިޢާތަކުން ސާފުވާންޖެހެއެވެ.
HN2 އެއްބަސްވުމުގެ ދަށުން ޙިއްޞާ ބަދަލުކުރުމަށް ވާޞިލުވެވޭނީ އެއްބަސްވުމުގައިވާ ޝަރުޠުތައް (ޑިބެންޗަރ ދޫކުރުމާއި މުއްދަތުގައި ފައިސާ އަދާނުކުރުން) ފުރިހަމަވުމުން ކަމަށްވާއިރު، އެ ޝަރުޠުތައް ފުރިހަމަވެފައިވާކަން ސާފުނުވާނަމަ، ޙިއްޞާތަކުގެ މައްޗަށް ފާޅުކަން ބޮޑު ގޮތެއްގައި ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަމަށް ނުބެލެވޭނެއެވެ.
HN3 ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރޭ ވަގުތީ އަމުރުގައި، އަސްލު މައްސަލައިގައިވާ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރާ ގޮތަކަށް އެ ޙައްޤު ޘާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ނުލިބެއެވެ؛ އެފަދަ އަމުރަކީ މައްސަލަ ބެލުމުގެ ކުރިން މައުޟޫޢީ ޙައްޤަށް ދާއިމީ ޙިމާޔަތް ކުރިއާލައި ދިނުމެވެ. އިސްތިއުނާފުގެ މައުޟޫޢަކީ ޙިއްޞާ ލިބެންޖެހޭތޯ ކަމަށްވާއިރު ޙިއްޞާ ރައްކާތެރިކުރުމުގެ ވަގުތީ އަމުރު ނުނެރުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ.
HN4 ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހެނީ، އަމުރަކާ ނުލައި އަސްލު ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، އާދައިގެ އިޖުރާއާތުގެ ދަށުން ދަޢުވާ ފުރިހަމަކުރުމުން ތަދާރުކު ނުކުރެވޭ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ އެދޭ ފަރާތް ކުރިމަތިލާން ޖެހޭތޯއެވެ.
HN5 ޙިއްޞާ ބަދަލުކުރުމުގެ ދަޢުވާ ފެށިގެން އަންނަނީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ވަކި ޢަދަދެއްގެ ފައިސާ ނުދެއްކުމުން ކަމަށްވާއިރު، ފައިސާ ދެއްކުމުން ޙިއްޞާއާމެދު ބަހުސްކުރުމުގެ ޖާގަ ނުލިބޭނެތީ، ޙިއްޞާ ނުލިބުމަކީ ފައިސާއިން ފޫބެދޭނެ ނުވަތަ އިޞްލާޙުކުރެވޭނެ ގެއްލުމެއް ނޫން، ތަދާރުކު ނުކުރެވޭ ގެއްލުމެއްކަމަށް ނުބެލެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 5 މާރިޗު 2023 · ރަޖިސްޓްރީކުރީ 29 މޭ 2023 · ނިމުނީ 6 ނޮވެމްބަރު 2024 (17.3 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 56 2023/SC-A/24 ޝަރީޢަތް ނިމުނުގޮތް ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ވ. ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 06 ނޮވެމްބަރ 2024
އިސްތިއުނާފު ކުރެވުނު ނިންމުން 95-B7/CHT/2023/741 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީއެލްއޭ ޕަރޓްނަރސް އެލްއެލްޕީ ޤާނޫނީ ވަކީލު: 1- ނަޖުވާ ނަސީމް، ޗެމްބަރސް އިން، 2- ޢާއިޝަތު އިބްތިހާލް، ޗެމްބަރސް އިން
ވަގުތީ އަމުރު – މައުޟޫޢީ ޙައްޤު – ޤާނޫނީ މަރުކަޒު – ތަދާރުކުނުކުރެވޭ ގެއްލުން - ޙިއްޞާ ބަދަލުކުރުން
ފިހުރިސްތު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 1
ތަޢާރުފު 1
ކަން ހިނގާފައިވާ ގޮތް 1
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް 4
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު 5
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން 6
މައުޟޫޢީ ޙައްޤު 7
އިސްތިއުނާފީ ސުވާލަކާމެދު ގޮތެއް ނިންމުން 10
ތަދާރުކު ނުކުރެވޭ ގެއްލުން 11
މައްސަލަ ނިންމަން ފެންނަ ގޮތް 13
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 13
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 13
ޙުކުމް 14
` ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ވ. ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް [2024] SC 56 ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2022/HC-A/491 ނަންބަރު ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު 95-B7/CHT/2023/741 (22 ފެބްރުއަރީ 2023) "ވަގުތީ އަމުރާ ގުޅޭ ނިންމުން" އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ1 ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާ މައްސަލައެކެވެ. މި އިސްތިއުނާފު ރައްދުވަނީ ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ.2
ކަން ހިނގާފައިވާ ގޮތް
2ޔޮންސަން އިންޖިނިއަރިންގ އާއި ކަނިފުށި އިންވެސްޓްމަންޓާ ދެމެދު 13 ފެބްރުއަރީ 2013 ގައި "ޑީޑް އޮފް ޑިބެންޗަރ ފޯރ ޑިފަރޑް ޕޭމަންޓް ޓަރމްސް" ގެ ނަމުގައި އެއްބަސްވުމެއް ވެފައިވެއެވެ. އަދި މި އެއްބަސްވުމާ ކަނިފުށި އިންވެސްޓްމަންޓް އިން ޚިލާފުވެފައިވާ ކަމުގައި ބުނެ ޔޮންސަން އިންޖިނިއަރިންގ އިން ކަނިފުށި އިންވެސްޓްމަންޓްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.3
3ސިވިލް ކޯޓަށް ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ހުށަހެޅި ދަޢުވާގައި އެދިފައިވަނީ، ކަނިފުށި އިންވެސްޓްމަންޓުން ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށާއި، 27 އޮގަސްޓް 2020 ގެ ނިޔަލަށް ކަނިފުށި އިންވެސްޓްމަންޓުން ދައްކަންޖެހޭ USD 2,159,745.45 (ދެ މިލިއަން އެއްލައްކަ ފަންސާސް ނުވަހާސް ހަތްސަތޭކަ ސާޅީސްފަހެއް އެމެރިކާ ޑޮލަރު ސާޅީސްފަހެއް ސެންޓް) ދައްކަން ޖެހޭ ކަމުގައި ކަނޑައަޅައި ދިނުމަށެވެ. އަދި ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމް ކުރުމާ ހަމައަށް ކަނިފުށި އިންވެސްޓްމަންޓުން ދައްކަންޖެހޭ ފައިސާގެ ޢަދަދަށްވާ މިންވަރަށް ކަނިފުށީގެ ހިއްސާ ޔޮންސަން އިންޖިނިއަރިންގގެ މައްޗަށް ބަދަލު ކުރުމަށް ކަނިފުށި އިންވެސްޓްމަންޓްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
4ސިވިލް ކޯޓުން މި މައްސަލަ ނިންމަމުން ފާހަގަކޮށްފައިވަނީ، ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ހަގީގީ މަގުސަދަކީ މުދަލާއި ޚިދުމަތުގެ އަގު އަދާކުރުން ކަމުގައެވެ.4 އަދި އެއްބަސްވުމުގެ ދަށުން ޔޮންސަން އިންޖިނިއަރިންގ އަށް ލިބެންޖެހޭ ފައިސާ ހޯދައިގެން އެއްބަސްވުމުގެ މަގުސަދު ހާސިލުވުމުގެ ފުރުސަތު ވެސް އޮތްކަމުގައެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ކަނިފުށި އިންވެސްޓްމަންޓުން ޑިބެންޗަރ ދޫކޮށްފައިނުވާ ހާލަތުގައި ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާތަކެއް ޔޮންސަން އިންޖިނިއަރިންގ އަށް ބަދަލު ކުރުމަށް އަމުރުކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމުގައެވެ.
5ސިވިލް ކޯޓުން ޔޮންސަން އިންޖިނިއަރިންގ އަށް މައްސަލަ ކާމިޔާބު ނުވުމުން ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި މި އިސްތިއުނާފީ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާތައް ރައްކާތެރިކުރުމަށްޓަކައި5 ވަގުތީ އަމުރެއް ނެރެދިނުމަށް ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން އެދިފައިވެއެވެ.6
6ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ހައިކޯޓުގައި ނެރެދިނުމަށް އެދުނު އަމުރު ހައިކޯޓުން ނެރެދީފައި ނުވެއެވެ. މި ނިންމުމަށް ވާސިލުވުމުގައި ހައިކޯޓުން ފާހަގަކޮށްފައިވަނީ ވަގުތީ އަމުރަކަށް އެދިފައިވާ ހިއްސާތަކާ ގުޅޭ ގޮތުން ޔޮންސަން އިންޖިނިއަރިންގގެ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްކަން އެ ކުންފުންޏަށް ދެއްކިފައިނުވާ ކަމުގައެވެ. މީގެ އިތުރަށް މި ވަގުތީ އަމުރު ނެރެދިނުމަކީ، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާގެ މައްޗަށް ޔޮންސަން އިންޖިނިއަރިންގގެ ހައްގެއް އޮތްކަމަށް ބެލެވޭފަދަ ގޮތަކަށް ހައިކޯޓުން ނިންމުމެއް ނިންމުން ކަމުގައިވާއިރު، އެ ނިންމުމަކީ މައުޟޫޢީ އިސްތިއުނާފުގައިވާ ސުވާލަކާމެދު ގޮތެއް ކަނޑައެޅިދާނެ ފަދަ ގޮތަކަށް ވަގުތީ އަމުރެއް ނެރެދިނުން ކަމުގައިކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެ ނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް ނުވަތަ ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްކަމަށް ބެލެވޭ ފަދަ ޤާނޫނީ ސަބަބެއް މި މައްސަލައިގައި ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ހުށަހަޅާފައިނުވާ ކަމުގައި ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް
7ހައިކޯޓުން ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން އެދުނު ވަގުތީ އަމުރު ނެރެ ނުދިނުމަށް ނިންމުމުން އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ކުންފުނީގެ ފަރާތުން އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ފާހަގަ ކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
(ހ) ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ބާވަތަށާއި، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާތަކުގެ މައްޗަށް ޙައްޤެއް އޮތްކަމާމެދު ޤާނޫނީ ބަހުސެއް އުފައްދާފައި އޮތުމަކީ، ވަގުތީ އަމުރަށް އެދިފައިވާ ހިއްސާތަކާ ގުޅޭ ގޮތުން ޔޮންސަން އިންޖިނިއަރިންގ އަށް މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްކަން ދެއްކިފައިނުވާ ހަމައެކަނި ސަބަބުކަމަށް ނިންމާފައިވާ ނިންމުމަކީ، ވަގުތީ އަމުރެއް ނެރުމުގައި ސުޕްރީމް ކޯޓުގެ ނެކްސްބިޒް7 މައްސަލައިގައި ކަނޑައަޅާފައިވާ ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތުމުގެ އުސޫލާއި، ހައިކޯޓުގެ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް8 މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެއްކަން.
(ށ) މި މައްސަލައިގައި ނެރެދިއުމަށް އެދިފައިވާ ހިއްސާތައް ރައްކާތެރިކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަކީ ދަޢުވާގެ މައުޟޫޢާ ގުޅޭ ގޮތުން ވަގުތީ އަމުރެއް ނެރެދިނުން ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް މައްސަލައިގައި ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކާ ޚިލާފަށްކަން.
(ނ) މި މައްސަލައިގައި ވަގުތީ އަމުރު ނެރެ ނުދިނުމުން އޮތް އިތުރު ނުރައްކަލެއް ނުވަތަ ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްކަން ޔޮންސަން އިންޖިނިއަރިންގ އަށް ދެއްކިފައިނުވާ ކަމަށް ކަނޑައަޅާފައިވާ ނިންމުމަކީ، އެ ކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ނެކްސްބިޒް މައްސަލައިގައި9 ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.
8މަތީގައި މި ފާހަގަކުރި އިސްތިއުނާފީ ނުކުތާތައް ފާހަގަ ކުރުމަށް ފަހު ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ވަގުތީ އަމުރު ނެރެނުދިނުމަށް ނިންމާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ. އަދި ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން އެދިފައިވާ ފަދައިން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
9ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ކަނިފުށި އިންވެސްޓްމަންޓްގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
(ހ) އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ކަނިފުށި އިންވެސްޓްމަންޓްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރަކީ ދަޢުވާކުރާ ފަރާތުގެ މައުޟޫޢީ ޙައްޤަކަށް ޤަޟާއީ ހިމާޔަތް ލިބުމުގެ ކުރިން ކުރިމަތިވެދާނެ އިޢާދަ ނުކުރެވޭފަދަ ގެއްލުމަކަށް ދެވޭ ވަގުތީ ހިމާޔަތެއް ކަމުގައިވާއިރު، އެފަދަ ގެއްލުމެއް އޮތްކަން ޔޮންސަން އިންޖިނިއަރިންގ އަށް މި މައްސަލައިގައި ދެއްކިފައި ނުވާކަމުގައެވެ. މި ގޮތުން މި މައްސަލައިގައި ކޮށްފައިވާ ދަޢުވާ ކާމިޔާބުވާނެ ކަމުގެ އަސާސީ އަދި ހަގީގީ އިހުތިމާލެއް މި މައްސަލައިގައި ޔޮންސަން އިންޖިނިއަރިންގ އަށް ދެއްކިފައި ނުވާކަމުގައެވެ. އަދި މި އުސޫލަކީ މައުޟޫޢީ ޙައްޤެއް އޮތްކަން ހާމަކުރުމަށްޓަކައި ވަގުތީ އަމުރަށް އެދޭ ފަރާތުން ދައްކުވައިދޭންޖެހޭ ހަމައެކަނި ކަންތައް ކަމުގައި ހައިކޯޓުގެ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް)10 މައްސަލައިގައި ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުކަމުގައިވާއިރު، މި ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ނުދެކޭ ކަމަށެވެ.
(ށ) ދެވަނަ ނުކުތާގެ ރައްދުގައި ކަނިފުށި އިންވެސްޓްމަންޓް އިން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ނެރެދިނުމަށް ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރު ނެރެދީފި ނަމަ، އެކަން ވެގެންދާނީ، ވަގުތީ އަމުރެއްގެ ޒަރީޢާއިން ޔޮންސަން އިންޖިނިއަރިންގގެ ދައުވާގައިވާ މައުޟޫޢީ ޙައްޤު ކަށަވަރުކޮށްދިނުން ކަމުގައިވާއިރު، ވަގުތީ އަމުރުން މައުޟޫޢީ ދަޢުވާގެ މައުޟޫޢުގައި ގޮތެއް ނިންމިދާނެ ކަމަށްޓަކައި، އެ އަމުރު ނެރެނުދިނުމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްކަމުގައެވެ.
(ނ) ތިންވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި ކަނިފުށި އިންވެސްޓްމަންޓް އިން ފާހަގަ ކޮށްފައިވަނީ، ވަގުތީ އަމުރު ނެރެނުދީފިނަމަ، ޔޮންސަން އިންޖިނިއަރިންގ އަށް ވެދާނެ ގެއްލުމެއް އެ ފަރާތުން ހައިކޯޓުގައި ދައްކާފައިނުވާ ކަމުގައްޔާއި، އަމުދުން އެފަދަ ގެއްލުމެއް ކުރިމަތިވުމުގެ އިހުތިމާލެއް ވެސް މި މައްސަލައިގައި ނެތްކަމުގައެވެ.
10މި ކަންކަން ފާހަގަ ކުރުމަށް ފަހު، ކަނިފުށި އިންވެސްޓްމަންޓް އިން އެދިފައިވަނީ ވަގުތީ އަމުރު ނެރެދެވެން ނެތްކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ދިނުމަށެވެ.
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
11ސުޕްރީމް ކޯޓުގެ ނެކްބިޒް މައްސަލައިގައި11ވާ ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ އުސޫލުތަކާ ހަވާލާދީ ޔޮންސަން އިންޖިނިއަރިން އިން ހުށަހަޅާފައިވާ ތިން އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ވަކިވަކިން ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ. މި ގޮތުން އެ ނުކުތާތަކުގެ ތަރުތީބުން އެންމެ ފުރަތަމަ ގޮތެއް ކަނޑައަޅާނީ، މި މައްސަލައިގައި މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމާމެދުގައެވެ. އެއަށްފަހު، "މައުޟޫޢުގައި ގޮތް ކަނޑައެޅުމާމެދު" ހައިކޯޓުން ނިންމާފައިވާ ނިންމުމާމެދު ގޮތެއް ނިންމާނަމެވެ. އަދި އެންމެ ފަހު ނުކުތާއެއްގެ ގޮތުން ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްކަމުގައި ބުނެ ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާއާމެދު ދެކޭ ގޮތް ހާމަކުރާނަމެވެ.
މައުޟޫޢީ ޙައްޤު
12HN1ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުމަކީ، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ހުރިހަމަވާންޖެހޭނެ ކަމުގައި ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައިގައި12 ކަނޑައަޅާފައިވާ ތިން ޝަރުޠުގެ ތެރެއިން އެއް ޝަރުޠެވެ.
13ނެކްސްބިޒް މައްސަލައިގެ13 މި އުސޫލުތަކަށް ބަލާއިރު، ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤު ނުވަތަ ޤާނޫނީ މަރުކަޒު (legal status) އަމުރަށް އެދޭ ފަރާތަށް ލިބިފައިވުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮންނަންޖެހެއެވެ. އެކަން މައްސަލައިގެ ވާޤިޢާތަކުން ސާފުވާންޖެހެއެވެ. ސުޕްރީމް ކޯޓުން ނިންމާފައިވާ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް14 މައްސަލައިގައި އިޝާރާތްކޮށްފައިވާ ގޮތަށް މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ނުފީނައި އެކަން ފެންނަންޖެހޭނެއެވެ.
14އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޔޮންސަންގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ބާވަތާއި، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާގެ މައްޗަށް ހައްޤެއް އޮތްކަމާމެދު ޤާނޫނީ ބަހުސް އުފައްދާފައިވުމުން ވަގުތީ އަމުރަކަށް އެދިފައިވާ ހިއްސާތަކާ ގުޅޭ ގޮތުން ޔޮންސަން އިންޖިނިއަރިންގެ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްކަން އެ ކުންފުންޏަށް ދެއްކިފައިނުވާ ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމުގައެވެ. އެ ނިންމުން ސުޕްރީމް ކޯޓުގެ ނެކްސްބިޒް މައްސަލަ15 އާއި، ހައިކޯޓުގެ އަޒްރޯވާ މޯލްޑިވްސް މައްސަލައިގައި16 އެ ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފު ކަމުގައެވެ.
15ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ޔޮންސަން އިންޖިނިއަރިންގ އިން ފާހަގަ ކޮށްފައިވާ ފަދައިން ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ބާވަތާއި، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާގެ މައްޗަށް ހައްޤެއް އޮތްކަމާމެދު ޤާނޫނީ ބަހުސް އުފައްދާފައިވުމުން ވަގުތީ އަމުރަކަށް އެދިފައިވާ ހިއްސާތަކާ ގުޅޭ ގޮތުން ޔޮންސަން އިންޖިނިއަރިންގގެ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްކަން އެ ކުންފުންޏަށް ދެއްކިފައިނުވާ ކަމުގައި ހައިކޯޓުން ނިންމާފައިވެއެވެ.17
16މި ނުކުތާގައި ދެ ފަރާތުން ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި ޚުޞޫމަތް އުފެދިފައިވަނީ ދެ ފަރާތުގެ ދެމެދުގައި 13 ފެބްރުއަރީ 2013 ގައި ސޮއިކޮށްފައިވާ "ޑީޑް އޮފް ޑިބެންޗަރ ފޯރ ޑިފަރޑް ޕޭމަންޓް ޓަރމްސް" އެއްބަސްވުމުގެ ދަށުން ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާ ޔޮންސަން އިންޖިނިއަރިންގ އަށް ބަދަލު ކުރުމާމެދުގައެވެ. މިކަން މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ ފޯމުން ސާފުވެއެވެ.
17HN2ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަށް ބަލާއިރު، ހިއްސާ ބަދަލު ކުރުމާ ހަމައަށް ވާސިލުވެވޭނެ ހަރުފަތްތަކެއް އެ އެއްބަސްވުމުގައި ބަޔާންވެފައިވެއެވެ. މި ގޮތުން ހިއްސާ ބަދަލު ކުރެވޭނީ، އެއްބަސްވުމުގެ 2.3 ވަނަ މާއްދާގެ ދަށުން ޔޮންސަން އިންޖިނިއަރިންގއަށް ދޫކުރާ ކަނިފުށި އިންވެސްޓްމަންޓްގެ ޑިބެންޗަރއަށްވާ ފައިސާ އެއްބަސްވުމުގައިވާ މުއްދަތުގައި، ކަނިފުށި އިންވެސްޓްމަންޓް އިން އަދާނުކުރުމުންކަން އެ އެއްބަސްވުމުގެ 06 ވަނަ މާއްދާ އިން އެނގެއެވެ. އަދި އެއްބަސްވުމުގެ 2.3 ވަނަ މާއްދާގެ (ބީ) ގައި ކަނިފުށި އިންވެސްޓްމަންޓްގެ ޑިބެންޗަރ ޔޮންސަން އިންޖިނިއަރިންގއަށް ދޫކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި ކަން ފުރިހަމަވެފައިވާކަން މި ނުކުތާއާ ގުޅިގެން ދެކެވުނު ވާހަކަތަކުންނާއި، ޝަރީޢަތުން ކުރި ސުވާލުތަކަށް ވަގުތީ އަމުރަށް އެދިފައިވާ ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ދީފައިވާ ޖަވާބުތަކުން ސާފެއް ނުވެއެވެ.
18މީގެ އިތުރަށް ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމަކީ މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށްޓަކައި ކުރެވުނު އެއްބަސްވުމެއް ކަމުގައި އިސްތިއުނާފު ރައްދުވާ ކަނިފުށި އިންވެސްޓްމަންޓްގެ ފަރާތުން ތަކުރާރުކޮށް ފާހަގަކުރާ ނުކުތާއަށް ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން އެކަށީގެންވާ ރައްދެއް ދީފައިނުވެއެވެ. މި ގޮތުން މި އެއްބަސްވުމުގެ ދަށުން ހިއްސާ ބަދަލު ކުރުމުގެ ކަންކަން ފެށިގެންދާނީ އެއްބަސްވުމުގައިވާ ފައިސާގެ އަދަދު ދައްކައި ޚަލާޞް ނުކުރެވިއްޖެ ހާލަތުގައި ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ބުނުމަށް ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ދީފައިނުވެއެވެ.
19މިކަންކަން މިހެން ހުރުމުން،ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް މި މައްސަލައިގައި ޔޮންސަން އިންޖިނިއަރިންގ އަށް ލިބިފައިވާކަމުގައި އަހުރެންނަށް ނުފެނެއެވެ. އަދި މި ނުކުތާއާ ގުޅިގެން ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމުގައި ނުދެކެމެވެ.
އިސްތިއުނާފީ ސުވާލަކާމެދު ގޮތެއް ނިންމުން
20މި މައްސަލައިގައި ނެރެދިއުމަށް އެދިފައިވާ ހިއްސާތައް ރައްކާތެރިކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަކީ ދަޢުވާގެ މައުޟޫޢާ ގުޅޭ ގޮތުން ވަގުތީ އަމުރެއް ނެރެދިނުން ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް މައްސަލައިގައި18 ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކާ ޚިލާފަށްކަމުގައި ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ.
21ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، މި މައްސަލައިގައި އެ ކުންފުނީގެ ފަރާތުން އެދިފައިވާ ފަދައިން ވަގުތީ އަމުރު ނެރެދިނުމަކީ، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާގެ މައްޗަށް ޔޮންސަން އިންޖިނިއަރިންގގެ ހައްގެއް އޮތްކަމަށް ބެލެވޭފަދަ ގޮތަކަށް އެ ކޯޓުން ގޮތެއް ނިންމުން ކަން ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.19
22HN3ސުޕްރީމް ކޯޓުގެ ނެކްސްބިޒް މައްސަލައަށް20 ބަލާއިރު، "ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި އަސްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ހައްޤަށް ނުވަތަ ޤާނޫނީ މަރްކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް އެ ހައްޤު ޘާބިތުކޮށް ނުވަތަ ނަފީކޮށް ވަޤުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާ" ކަމުގައި ބަޔާންކޮށްފައިވެއެވެ.21 އަދި އިތުރަށް މި އުސޫލާ ޚިލާފަށް އަމުރު ނެރެފިނަމަ، އެކަން ވެގެންދާނީ، "އެ މައްސަލަ ބެލުމުގެ ކުރިން، މައްސަލައިގައި ހިމެނޭ މައުޟޫޢީ ހައްޤަށް ނުވަތަ ޤާނޫނީ މަރްކަޒަށް ދާއިމީ ހިމާޔަތް ކުރިއާލައި ދެވުން" ކަމުގައި އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.22
23މި އުސޫލު ކުރިމަތީގައި މި އޮތް މައްސަލައަށް ތަޠުބީޤު ކުރާއިރު، އިސްތިއުނާފު ކުރެވިފައިވާ މި މައްސަލަ ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅަމުން އެދިފައިވަނީ، ކަނިފުށި އިންވެސްޓްމަންޓްގެ ފަރާތުން އެ ކުންފުންޏަށް ލިބެންޖެހޭނެކަމަށް އެ ކުންފުނިން ބުނާ ފައިސާގެ އަދަދަށްވާ، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާ ޔޮންސަން އިންޖިނިއަރިންގ އަށް ބަދަލުކުރުމަށް ކަނިފުށި އިންވެސްޓްމަންޓްގެ މައްޗަށް އަމުރުކޮށް ދިނުމަށްކަން އެނގެއެވެ. އަދި ސިވިލް ކޯޓުން ޔޮންސަން އިންޖިނިއަރިންގ އިން އެދިފައިވާ ގޮތަށް އަމުރުކުރާނެ ތަނެއް ނެތްކަމުގައި ނިންމުމުން އެ ނިންމުން ބާޠިލު ކޮށްދިނުމަށް ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރަމުން ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން އެދިފައިވެއެވެ.
24ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައިގަނޑު އެއް ބަހުސަކީ ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާތައް ޔޮންސަން އިންޖިނިއަރިންގ އަށް ލިބެންޖެހޭނެ ކަމުގައްޔާއި، އަދި އެކަމުގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ޔޮންސަން އިންޖިނިއަރިންގ އިން ފާހަގަކުރާއިރު، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާއަކީ، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ، ޔޮންސަން އިންޖިނިއަރިންގގެ ޙައްޤެއް ކަމުގައި އެ ކުންފުނިން ބުނާއިރު، އެކަން އެ ކުންފުންޏަށް ސާބިތުކޮށް ނުދެވެއެވެ. ގަބޫލުކުރެވޭ މިންވަރަށް އެ ވާޤިޢާތައް ކޯޓަށް ސާފުކޮށް ނުދެވެއެވެ. ވުމާއެކު، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ނުދެކެމެވެ.
ތަދާރުކު ނުކުރެވޭ ގެއްލުން
25އިސްތިއުނާފީ ތިންވަނަ ނުކުތާގައި ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާއާ ގުޅުމެއް ނެތް އެހެން އިތުރު ނުރައްކަލެއް ނުވަތަ ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްކަން ވަގުތީ އަމުރު ނެރެދިނުމުގެ ބޭނުމަށް ޔޮންސަން އިންޖިނިއަރިންގ އަށް ދެއްކިފައިނުވާކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައިގައި23 ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމުގައެވެ. އިތުރަށް މި ނުކުތާގައި ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ފާހަގަކޮށްފައިވަނީ، މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާތަކުގެ އަގު އެއްކޮށް ކަނޑުވާލުމުގެ ނުވަތަ ހިއްސާތަކަކީ ވުޖޫދުގައި ނެތް އެއްޗަކަށް ހެދުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްކަމުގައެވެ. އެހެނީ، ހިއްސާތަކުން މުޢާމަލާތް ކުރުމަކީ ޤާނޫނީ ގޮތުން ހިއްސާދާރުންނަށް ލިބިފައިވާ ބާރެއްކަމުގައެވެ.
26HN4މި ނުކުތާއާ ގުޅޭ އުސޫލު ބަޔާންކުރަމުން ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައިގައި24 ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަން ވަގުތީ އަމުރު ނެރެދިނުމުގައި ބަލަންޖެހޭނެ ކަމުގައެވެ.25 އަދި މި މަފްހޫމަކީ، މައުޟޫޢީ ދަޢުވާ އާދައިގެ އިޖުރާއަތުގެ ދަށުން ފުރިހަމަކޮށްފި ނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުންކަން އެ މައްސަލައިގައި ތަފުސީލުކޮށްދީފައިވެއެވެ.26
27HN5މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާ ލިބެންޖެހޭނެކަމުގައި ބުނެ ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ދަޢުވާކުރަނީ ކުރިންވެސް އިޝާރާތްކުރި ފަދައިން އެއްބަސްވުމަކާ ޙަވާލާދީއެވެ. މި އެއްބަސްވުމާ ޙަވާލާދީ ޔޮންސަން އިންޖިނިއަރިންގގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާގައި ބަޔާންވެފައިވަނީ، އެއްބަސްވުމުގެ ދަށުން ކަނިފުށި އިންވެސްޓްމަންޓް އިން އެ ކުންފުންޏަށް ދައްކާ ޚަލާޞް ކުރަންޖެހޭ ވަކި ޢަދަދެއްގެ ފައިސާ ދައްކާފައިނުވާތީ، ކަނިފުށި އިންވެސްޓްމަންޓްގެ ހިއްސާ އެ ކުންފުންނަށް ބަދަލުކޮށް ދިނުމަށެވެ. ކަން މިހެން އޮތުމުން ހިއްސާ ބަދަލުކުރުމުގެ މަރުޙަލާ ފެށިގެން އަންނަނީ ފައިސާގެ މުޢާމަލާތަކާ ގުޅިގެންކަން ސާފުވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިވާ ނަމަ، ހިއްސާއާމެދު ބަހުސްކުރުމުގެ ޖާގަ ނުލިބޭނެކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ވުމާއެކު މިހާލަތުގައި ހިއްސާ ނުލިބުމަކީ ފޫނުބެދޭވަރުގެ ގެއްލުމެއް ލިބުންކަމުގައި އިސްލާހުކޮށް ރަނގަޅު ނުކުރެވޭނެ ގެއްލުމެއްކަމުގައި ބަލާނެ ޖާގައެއް ނެތެވެ.
28ކަން މިހެން އޮތުމުން މި ނުކުތާއާ ގުޅިގެން ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
29މަތީގައި މި ބަޔާންކުރި ކަންކަމުގެ އަލީގައި، މި މައްސަލަ އިސްތިއުނާފު ކުރަމުން ޔޮންސަން އިންޖިނިއަރިންގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ހައިކޯޓުގެ ނަންބަރު
2022/HC-A/491 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު 95/B7/CHT/2023/741 (22 ފެބްރުއަރީ 2023) "ވަގުތީ އަމުރާ ގުޅޭ ނިންމުން" އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބަލާނެތަނެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
31މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު
2022/HC-A/491 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު 95/B7/CHT/2023/741 (22 ފެބްރުއަރީ 2023) "ވަގުތީ އަމުރާ ގުޅޭ ނިންމުން" އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބަލާނެތަނެއް ނެތްކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު މަޙާޒު ޢަލީ ޒާހިރު ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
1 ރަޖިސްޓްރީ ނަންބަރު 198401111G
2 ރަޖިސްޓްރީ ނަންބަރު C-0733/2006
3 ސިވިލް ކޯޓުގެ ނަންބަރު 2687/Cv-C/2020 ޤަޟިއްޔާ
4 އބމ ގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ބ)، ޞަފުޙާ ނަންބަރު 5.
5 ރައްކާތެރިކުރުމަށް ކަމަށް އިޝާރާތްކޮށްފައި އެވަނީ (އަމުރުން އެދުނު ވަކިކަންކަން) މި ކަންކަމަށް ޖުމުލަ ގޮތެއްގައި އިޝާރާތް ކުރުމުގެ ގޮތުންނެވެ.
6 މި އަމުރުގައި އެދިފައިވަނީ، "އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ނިމުމުގެ ކުރިން، މައްސަލައިގައި އެދިފައިވާ މިންވަރަށްޖެހޭ، ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ހިއްސާތަކުގެ އަގު ދަށްވާނެފަދަ ނުވަތަ އެ ޙިއްޞާތަކުގެ މިލްކުވެރިކަން ގެއްލިގެން ހިނގައިދާނެފަދަ ނުވަތަ ބަދަލުވެދާނެފަދަ ނުވަތަ އެ ޙިއްޞާތަކުގެ މައްޗަށް ވަގުތީ އަމުރަށްއެދޭ ފަރާތަށްއޮތް ޙައްޤަށް ހުރަސްއެޅިދާނެ ނުވަތަ އުނިކަމެއް އައިސްދާނެފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށް، ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ރައުސުލްމާލާއި އެ ކުންފުނީގެ ޙިއްޞާގެ ޢަދަދާއި ޙިއްޞާގެ މިންވަރަށް ބަދަލު ގެނައުމާއި، ޙިއްޞާ ވިއްކުމާޢި، ބަދަލުކުރުމާއި، އެކަށައެޅުމާއި، ކުންފުނީގެ ނަމުގައި އެހެނިހެން ޤާނޫނީ ޝަޚްޞުތަކުން ޙިއްޞާ ގަތުމާއި، ޙިއްޞާގެ ވެލިއު ޑިޕްރިޝިއޭޓް ކުރުމާއި، ޙިއްޞާތަކަކީ ނޮމިނަލް ޙިއްޞާތަކެއްކަމުގައި ކަނޑައެޅުމާއި، ކުންފުނީގެ އެސެޓްތައް ޑިސްޕޯސްކުރުން، މި މައްސަލައިގައި ނިހާޢީ ޙުކުމެއް ކުރެވެންދެން އެކަންކަން ހުއްޓުވުމުގެ އަމުރެއްކޮށް، ކަނިފުށި އިންވެސްޓްމަންޓްގެ ޙިއްޞާދާރުންގެ ޙިއްޞާ އެހެން ފަރާތަކަށް ބަދަލުކުރުމާއި، ވިއްކުމާއި، ދިނުމުގެ ހުއްދަ އެ ކުންފުނީގެ ފަރާތުން ދިނުން ހުއްޓުވުމުގެ އަމުރެއް ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްދިނުމެވެ." ހައިކޯޓުގެ ވަގުތީ އަމުރާގުޅޭ ނިންމުން، 05 ވަނަ ނަންބަރު، 3 ވަނަ ޞަފުޙާ.
7 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން (2012/SC-A/21)
8 އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް) (2021/HC-A/310)
9 ފުޓްނޯޓް 7
10 އބމ
11 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން
12 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން
13 އބމ
[2021] SC 2814
15 ފުޓް ނޯޓު 12
16 ފުޓް ނޯޓު 8
17 ހައިކޯޓު ނަންބަރު 95-B7/CHT/2023/741 "ވަގުތީ އަމުރާގުޅޭ ނިންމުން"، ފާހަގަކުރެވުނު ނުކުތާތަކުގެ 15.3، ޞަފުޙާ 9.
18 ފުޓް ނޯޓް 7
19 ހައިކޯޓު ނަންބަރު 95-B7/CHT/2023/741 "ވަގުތީ އަމުރާގުޅޭ ނިންމުން"، ފާހަގަކުރެވުނު ނުކުތާތަކުގެ 15.4، ޞަފުޙާ 9 އަދި 10.
20 ފުޓްނޯޓު 7
21 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޝަރީޢަތް ނިމުނު ގޮތް، ފާހަގަކުރެވުނު ނުކުތާތަކުގެ (ބ) ފަސްވަނަ ނުކުތާ، ޞަފުޙާ 9
22 އބމ
23 ފުޓްނޯޓް 7
24 އބމ
25 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން، ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާގެ (ށ)، ޞަފުޙާ 6
26 އބމ
2023/SC-A/24 [2024] SC 56
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- 2021/HC-A/310 (އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް))
- [2021] SC 28 (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.