ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 14 · 2022/SC-A/37ސުޕްރީމް ކޯޓު · 17 އޭޕްރީލް 2023

އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 17 އޭޕްރީލް 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/363 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-52/91، މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އޭޑީކޭ އެންޓަރޕްރައިސަސް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/37 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މީރާ") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

01 އެޕްރީލް 2013 އިން 31 މާރޗް 2014 އަށް ނިމުނު މާލީ އަހަރު ވިޔަފާރީގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ ޓެކުހާއި ގުޅޭގޮތުން މީރާ އިން އޭޑީކޭ އެންޓަރޕްރައިސަސްގެ މާލީ ހިސާބުކިތާބުގެ އޮޑިޓެއްކޮށް ބިޒްނަސް ޕްރޮފިޓް ޓެކްސް އޮޑިޓް ރިޕޯޓެއް (މީގެ ފަހުން "އޮޑިޓް ރިޕޯޓު") އެކުލަވާލާ، އެ އޮޑިޓް ރިޕޯޓާއި މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓެއް (މީގެ ފަހުން "ނޯޓާ") އޭޑީކޭ އެންޓަރޕްރައިސަސް އަށް ފޮނުވިއެވެ. އެ އޮޑިޓް ރިޕޯޓާއި ނޯޓާގައި ބަޔާންކޮށްފައިވާ ގޮތުން އޭޑީކޭ އެންޓަރޕްރައިސަސް އިން ޓެކުހުގެ ގޮތުގައި އިތުރު ފައިސާ ދައްކަންޖެހެއެވެ.

މީރާގެ މި ނިންމުމާ ގުޅިގެން އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން މީރާ އަށް ނޯޓިސް އޮފް އޮބްޖެކްޝަންއެއް ހުށަހެޅިހިނދު، އޭގައިވާ ކަންކަން ބެލުމަށްފަހު މީރާ އިން ތައްޔާރު ކޮށްފައިވާ އޮބްޖެކްޝަން ރިވިއު ރިޕޯޓު މެދުވެރިކޮށް އޭޑީކޭ އެންޓަރޕްރައިސަސްގެ ހުށަހެޅުންތައް ބަލައިނުގަންނަ ކަން މީރާ އިން އޭޑީކޭ އެންޓަރޕްރައިސަސް އަށް އެންގިއެވެ. މީރާގެ އެ ނިންމުމާމެދު އޭޑީކޭ އެންޓަރޕްރައިސަސް އިން ހިތްހަމަ ނުޖެހޭނަމަ، ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު، މީރާގެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް (މީގެ ފަހުން "ޓްރައިބިއުނަލް") އިސްތިއުނާފު ކުރުމުގެ ޙައްޤު އޭޑީކޭ އެންޓަރޕްރައިސަސް އަށް ލިބިގެންވާ ކަމުގައި އޮބްޖެކްޝަން ރިވިއު ރިޕޯޓާއެކު މީރާ އިން ފޮނުވި ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

އެހެންކަމުން، ބުނެވުނު އޮޑިޓް ރިޕޯޓާއި، ނޯޓާ އާއި، އޮބްޖެކްޝަން ރިވިއު ރިޕޯޓުން، އޭޑީކޭ އެންޓަރޕްރައިސަސް އިން ޓެކުހުގެ ގޮތުގައި ދެއްކުމަށް އަންގައިވާ އަދަދަކީ އެ ކުންފުނިން މީރާ އަށް ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް ބުނެ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން މީރާގެ މައްޗަށް ރައްދުވާ ގޮތަށް އޭޑީކޭ އެންޓަރޕްރައިސަސް އިން ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަ

އޭޑީކޭ އެންޓަރޕްރައިސަސް އިން ހުށަހެޅި މައްސަލަ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2016/009 މައްސަލައިގެ ގޮތުގައި ބަލައި ނިންމާފައިވަނީ އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރުގެ އަގު ދެނެގަތުމުގައި މީރާ އިން އަމަލު ކޮށްފައިވާ ގޮތް ބަދަލު ކުރަން އަންގާނެ ތަނެއް ނެތް ކަމަށާއި، ކެޕިޓަލް އެލަވަންސާއި އެކަމާ ގުޅުންހުރި އިލްތިޒާމްތަކަކީ އިމާރާތުގެ އަގުގެ މައްޗަށް ތަރައްތުބުވެގެން އަންނާނެ ކަންކަމަށްވާތީ، އިމާރާތުގެ އަގާއި ކެޕިޓަލް އެލަވަންސް ހިސާބު ކުރުމުގައި މީރާ އިން އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

ޓްރައިބިއުނަލުން އެ ނިންމުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތް ކޮށްގެން ކަން ނިންމުމުގައި ބަޔާން ކޮށްފައިވެއެވެ.

(ހ) ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 46 ވަނަ މާއްދާގައި ޤާނޫނަށް ޢަމަލު ކުރަން ފަށާ ދުވަހު ހަރުމުދާ އަގުކުރާނެ ގޮތް ބަޔާން ކޮށްފައިވާއިރު، ކެޕިޓަލް އެލަވަންސްގެ ބޭނުމަށް އިމާރާތުގެ އަގު ކަނޑައަޅާއިރު ބަލަންޖެހޭނީ އެ ދެ އިމާރާތް ކުރުމަށް ހިނގި ޚަރަދުތައް ކަމާއި، އޭޑީކޭ އެންޓަރޕްރައިސަސް އިން މޯލްޑިވްސް ވެލުއަރސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެން ހޯދާފައިވާ އަގަކީ އިމާރާތުގެ މާކެޓް ވެލިއު ކަމާއި އެއީ ޤާނޫނުގައި ބުނާފަދަ އަގުކުރުމެއް ނޫންކަން.

(ށ)ކެޕިޓަލް އެލަވަންސް ހިސާބު ކުރެވޭނީ މުދާ ގަތް އަގުންކަން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 50 ވަނަ މާއްދާގައިވާ ފަދައިން ކަމަށާއި، ވެލުއޭޝަންއިން ހޯދާފައިވާ "Fair Value" (ވެލުއޭޝަން ރިޕޯޓުގައި ބަޔާންކުރާ ގޮތުންނަމަ މިއީ ގަންނަ ފަރާތްތަކުގެ މެދުގައި މުދާ ބަދަލު ކުރެވޭ އަގު) އަކީ އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރަށް ކޮށްފައިވާ އަސްލު ޚަރަދެއް ނޫން ކަމަށާއި، އެ ކައުންޓިންގ ބޭނުމަށް އެއީ ވެލިއު ކުރި ދުވަހާ ހަމައަށް ބާޒާރުގެ އަގު (Market Value) ކަމަށާއި، ފެއަރ ވެލިއުއަކީ މުދާ ގަތް އަގުކަމަށް ނުބެލެވޭކަން.

(ނ)ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުޏާބެހޭ ޤާނޫނު) ގެ 63 ވަނަ މާއްދާގެ (ހ) އިން އަދި 66 ވަނަ މާއްދާއިންވެސް ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުންޏެއްގެ އަހަރީ ހިސާބުތައް ފުރިހަމައަށް ބެލެހެއްޓުން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމުކޮށްފައި ނުވާކަމަށް، އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމުގައި ޤާނޫނީ ބުރަދަނެއް ނެތްކަން.

(ރ)ޤާނޫނީ ހަމަތަކުން ބަލާއިރު އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން 2009 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅި ފައިނޭންޝިއަލް ސްޓޭޓްމަންޓުގައި އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރުގެ އަގު ކަމަށް ހިމަނާފައިވާ އަގަކީ ފުރިހަމައަށް ބެލެވިފައިވާ އެންމެ ފުރިހަމަ އަގެއް ކަމުގައި ބަލަންޖެހޭ ކަމާއި، ޤާނޫނަށް ޢަމަލު ކުރަން ފަށާ ދުވަހު ހަރުމުދާ އަގުކުރާނެ ގޮތް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވީނަމަވެސް، އެ މާއްދާގައި މުދަލުގެ އަގުގެ އަންދާޒާއެއް ހެދި ދާނެކަމަށް ބަޔާން ކޮށްފައިވަނީ މުދާ ގަތް އަގު ނޭނގޭ ޙާލަތުގައި ކަމަށްވެފައި، އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރުގެ ފުރިހަމަ އަގު އެނގެން އޮތަތީ، އެ އިމާރާތްތަކުގެ އަންދާޒާ އަގެއް ހެދުމުގެ ޤާނޫނީ ހުއްޖަތެއް ނެތްކަން.

(ބ)ކުންފުނީގެ ޑިރެކްޓަރުންގެ އަމިއްލަ ހައިސިއްޔަތުން އިމާރާތަށް ކޮށްފައިވާ ޚަރަދުތައް ރެކޯޑް ކޮށްފައި ނެތުމާއި، އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރުގެ އެންމެ ފުރިހަމަ އަގު ލިޔެކިޔުމުން އެނގޭ ގޮތަށް ބަލަހައްޓާފައި ނެތުމަކީ އޭޑީކޭ އެންޓަރޕްރައިސަސްގެ ޒިންމާއިން ބަރީޢަވުމަށް އޮތް ހުއްޖަތެއް ނޫންކަމަށާއި، ރެކޯޑްތައް ބެލެހެއްޓުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ގަވާއިދު ވުޖޫދުވުމުގެ ކުރިންވެސް އޭޑީކޭ އެންޓަރޕްރައިސަސްގެ މައްޗަށް ކުންފުންޏާބެހޭ ޤާނޫނުން ލާޒިމުކުރާ ކަމަކަށްވެފައި، އެކަން ނުކޮށް ދޫކޮށްލުމަށް ފަހު، ވެލުއޭޝަން ރިޕޯޓެއް ތައްޔާރު ކުރުމަކުން އެ ފަރާތުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރެވުނީ ކަމުގައި ނުބެލެވޭކަން.

(ޅ)އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަށް އިހުމާލުވުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ބަޔާން ކޮށްފައިވާ ޢަދަދަކީ ޞައްޙަ ޢަދަދެއް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/404 ޤަޟިއްޔާގައި "ޓެކްސް ގެ ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތުން، އޭނާ ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހަށް ނުދައްކައިފިނަމަ، އެ ކުރަނީ ކުށެއް ކަމުގައި ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ޢަދަދެއްގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) އިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނަމަ ކަމަށް ބަޔާން ކޮށްފައިވާކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގޭ" ކަމަށް އޮތުމުން، ޖޫރިމަނާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމާއި ޓެކުހުގެ ފައިސާ ދައްކާ ޚަލާޞް ކުރުމާ ހަމައަށް ޖޫރިމަނާ އަރަމުންދާނެ ކަން.

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2016/009 މައްސަލައިގެ ނިންމުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/363 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަށް ތާއިދުކޮށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާ ކޮށްގެން ކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

(ހ)ވިޔަފާރި ފައިދާއިން ޓެކްސް ނުގުމުގެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިންވެސް ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުނިތަކުގެ ހިސާބުތަކާއި ޚަރަދުތަކުގެ ތަފްސީލް ބެލެހެއްޓުން ލާޒިމު ކޮށްފައިވާ ކަން.

(ށ)އޭޑީކޭ އެންޓަރޕްރައިސަސްގެ ހިންގާ ގަވާއިދުގެ 26 ވަނަ މާއްދާއިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މައްޗަށް ލާޒިމުކުރާ ކަންކަމުގެ ތެރޭގައި ކުންފުންޏަށް ލިބޭ ހުރިހާ ފައިސާއަކާއި ޚަރަދުކުރެވޭ ހުރިހާ ފައިސާއެއްގެ އަދަދު އަދި އެ ފައިސާ ލިބުނު ނުވަތަ ޚަރަދު ކުރެވުނު ގޮތުގެ ތަފްޞީލް ބެލެހެއްޓުމާއި އެކަން ބަލަހައްޓަމުންދޭތޯ ކަށަވަރު ކުރުމާއި، ކުންފުނީގެ މުދަލާއި އަދި ކުންފުނީގެ އިލްތިޒާމްތަކާބެހޭ ތަފްސީލް ބެލެހެއްޓުން ހިމެނޭކަން.

(ނ)ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އަދި އޭޑީކޭ އެންޓަރޕްރައިސަސްގެ ހިންގާ ގަވާއިދުގެ ދަށުން ކުންފުނީގެ ޚަރަދުތަކުގެ ތަފްޞީލް ބެލެހެއްޓުން ލާޒިމް ކޮށްފައި ވަނިކޮށް، އަދި އޭޑީކޭ ބިލްޑިންގ އާއި އޭޑީކޭ ޓަވަރުގެ އަގު އެނގޭ ގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އޭޑީކޭ އެންޓަރޕްރައިސަސް އިން 2009 ވަނަ އަހަރުގެ މާލީ ހިސާބު ހުށަހެޅުމުގެ މާފަހުން، ކުންފުނީގެ ޑިކެރްޓަރުން އަމިއްލަ ހައިސިއްޔަތުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލުތަކާއި ކުންފުނީގެ ހަރަދުތަކުގެ ތަފްސީލް ބެލެހެއްޓިފައި ނެތުމުން ކަމަށް ބުނެ، އޭޑީކޭ ބިލްޑިންގ އާއި އޭޑީކޭ ޓަވަރުގެ ވެލުއޭޝަން ރިޕޯޓެއް 2011 ވަނަ އަހަރުގައި ހަދައި، އަންދާޒީ އަދަދުތަކެއް ހޯދުމަކީ އެ އަދަދުތައް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ބޭނުމަށް ބޭނުން ކުރެވިދާނެ ޤާނޫނީ ސަބަބެއް ނޫންކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/363 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން މައިގަނޑު 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

(ހ)ފުރަތަމަ ސަބަބަކީ، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ހެކި ވަޒަން ކުރުމުގައި ޢަމަލު ކުރަންޖެހޭ ކަމަށް ބަޔާން ކޮށްފައިވާ އުސޫލާ ޚިލާފަށް ކަމަށާއި، މައްސަލައިގެ ހެކިތަކުން ނެރެފައިވާ ދޭހައަކީ ރަނގަޅު ދޭހައެއް ނޫން ކަމަށާއި، މައްސަލައިގެ ވާޤިއާތައް ކަނޑައަޅާފައިވަނީ ޙަޤީޤަތާ ޚިލާފަށް ކަމުގައި ބުނެ ހުށަހެޅި ސަބަބު.

(ށ)ދެވަނަ ސަބަބަކީ، ސުޕްރީމް ކޯޓުން ނިންމާފައިވާ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި މައްސަލައިގެ ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާން ކުރުމަށް ނިޔާވެރިޔާއަށް އޮންނަ ޒިންމާ ކަމަށް ބަޔާން ކޮށްފައިވާ ޒިންމާތައް އަދާކުރުމެއް ނެތި، ދެކޮޅު ނުޖެހޭ ނަތީޖާތަކެއް ނުކުން ގޮތަށް ވިޔަފާރީގެ ފައިދާއިން ޓްކެސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ނ) މާނަކޮށްފައިވާ ކަމުގައި ބުނެ ހުށަހެޅި ސަބަބު.

ފުރަތަމަ އިސްތިއުނާފީ ނުކުތާ

އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި އެ ކުންފުނީގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ، މައްސަލައިގެ ވާޤިޢާތައް ކަނޑައަޅާފައިވަނީ ހަގީގަތާއި ޚިލާފަށް ކަމަށެވެ. މިގޮތުން ހެކި ވަޒަން ކުރުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކޮށްފައި ނުވާ ކަމަށާއި، ހެކިތަކުން ނެރެފައިވާ ދޭހައަކީ ރަނގަޅު ދޭހައެއް ނޫން ކަމުގައި އެ ކުންފުނިން ބުނެއެވެ.

އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ބުނާ ގޮތުގައި މި މައްސަލަ ފެށިފައިވަނީ އޭޑީކޭ ބިލްޑިންގ އާއި އޭޑީކޭ ޓަވަރުގެ ކެޕިޓަލް އެލަވަންސް އެ ކުންފުނިން ހިސާބު ކޮށްފައިވަނީ އިމާރާތްތަކުގެ ފެއަރ ވެލިއު އިން ކަމަށް މީރާ އިން ބުނާ ބުނުމުގެ މައްޗަށް ކަމުގައިވާއިރު، އެ ކުންފުނީގެ ފަރާތުން ކެޕިޓަލް އެލަވަންސް ހިސާބު ކޮށްފައިވަނީ ފެއަރ ވެލިއު އާއެކު ވެލުއޭޝަން ރިޕޯޓުގައި ހިމަނާފައިވާ ޑިޕްރިޝިއޭޓަޑް ރިޕްލޭސްމަންޓް ކޯސްޓް އިން ކަމަށެވެ.

އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި މީރާގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ޓްރައިބިއުނަލްގައި ހެކިތައް ތަރުޖީހު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބަޔާންކޮށް އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ހައިކޯޓުގައި ފާހަގަކުރި ނުކުތާއާ ސުޕްރީމް ކޯޓުގައި ފާހަގަކުރާ ނުކުތާއަކީ މުޅިން ތަފާތު ދެ ނުކުތާއެއް ކަމުގައެވެ. އެގޮތުން އެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާގައި ފާހަގަ ކޮށްފައިވަނީ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ބަލާފައިވަނީ ވެލުއޭޝަން ރިޕޯޓާއި ބިލް އޮފް ކުއަންޓިޓީސްގެ (ބީ.އޯ.ކިޔު) ބަދަލުގައި އެ ފަރާތުގެ މާލީ ހިސާބުތަކަށް ކަމުގައެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ފާހަގަކުރާ ނުކުތާއަކީ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ކެޕިޓަލް އެލަވަންސް ހިސާބު ކޮށްފައިވަނީ ވެލުއޭޝަން ރިޕޯޓުގައި ބަޔާންކުރާ ޑިޕްރިޝިއޭޓެޑް ރިޕްލޭސްމަންޓް ކޮސްޓުގެ ބަދަލުގައި ފެއަރ ވެލިއުއަށް ބަލައިގެން ކަމަށް ދެކިގެން ކަމަށެވެ. އަދި ޓްރައިބިއުނަލުން ވާޤިޢާތައް ތަރުޖީހު ކޮށްފައިވާ ގޮތް އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ހައިކޯޓުގައި ތަޢުނު ކޮށްފައި ވީނަމަވެސް، އެ ވާޤިޢާތައް ކަނޑައެޅި ގޮތް އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ހައިކޯޓުގައި ތަޢުނު ކޮށްފައި ނުވާތީ، މި ނުކުތާއާމެދު މި މަރުހަލާގައި ގޮތް ކަނޑައެޅިދާނެ ކަމަށް ނުދެކޭ ކަމަށެވެ.

އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއާމެދު އަހުރެން ދެކޭ ގޮތެއް ބަޔާން ކުރުމުގެ ކުރިން، އެ ކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ހިނގި މަރުހަލާގައި މި ނުކުތާ ނަގައި، އެކަމާގުޅޭ ޤާނޫނީ ބަހުސްތަކެއް ހުށަހަޅާފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާންޖެހޭ ކަމުގައި ދެކެމެވެ.

އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު، ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ހެކި ވަޒަން ކުރުމާއި މައްސަލައިގެ ވާގިޔާތަކާ ގުޅޭ ގޮތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާގައި އެ ކުންފުނިން ފާހަގަ ކޮށްފައި އޮތީ، ޓްރައިބިއުނަލް އިން މައްސަލަ ނިންމުމުގައި ހުށަހަޅާފައިވާ ވާޤިޢާތަކާއި ހެކިތައް ތަރުޖީހުކޮށް، އެއަށް ބުރަދަން ދީފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ މާއްދާ އާއި 39 ވަނަ މާއްދާ އާ ޚިލާފަށް ކަމަށެވެ. އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމުގައި ޑިޕްރިޝިއޭޓެޑް ރިޕްލޭސްމަންޓް ކޮސްޓަށް ހަވާލާ ދީފައިވާ ކަން ފާހަގަ ވާން ނެތްނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ އިސްތިއުނާފީ ނުކުތާއާ ގުޅިގެން އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ދެއްކި ވާހަކަތަކުގެ ތެރޭގައި ޑިޕްރިޝިއޭޓެޑް ރިޕްލޭސްމަންޓް ކޮސްޓަށް ހަވާލާދީ، ކެޕިޓަލް އެލަވަންސް ހިސާބު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ހައިކޯޓު މަރުހަލާގައި އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބެލުމުން، އެ ކުންފުނީގެ ފަރާތުން ބީ.އޯ.ކިޔު އަށް ހަވާލާދީ ވާހަކަ ދައްކާފައިވަނީ އިމާރާތުގެ އަގުކަމުގައި މީރާ އިން ގަބޫލުކުރާ އަގާއި ބީ.އޯ.ކިޔު އާ ހުރި ފަރަގު ދެއްކުމުގެ ގޮތުންކަން ފާހަގަވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި މިވާ ނުކުތާގައި ހުށަހަޅާފައިވާ ތަފްސީލުތަކާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައުޟޫއުގެ މައްޗަށް ވާހަކަ ދައްކާފައި ނުވުމަކީ، ހައިކޯޓަށް ހުށަހަޅާފައިނުވާ އައު ކަމެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވުން ކަމުގައި އަހުރެން ނުދެކެމެވެ. އަދި މި ސަބަބަށްޓަކައި މި ނުކުތާއާމެދު އަހުރެން ދެކޭގޮތް ބަޔާން ކުރާނަމެވެ.

އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ބަޔާންކުރާ ގޮތުގައި، ވެލުއޭޝަން ރިޕޯޓުން ފެއަރ ވެލިއު ފެންނަން އޮތްނަމަވެސް، ކެޕިޓަލް އެލަވަންސް ހިސާބު ކޮށްފައިވަނީ އެ އަދަދުން ކަމުގައި ނުވާތީ، އެ ކުންފުނީގެ ފަރާތުން ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ ވާގިޔާތަކާއި ހެކިތައް ތަރުޖީހުކޮށް އެ ތަކެއްޗަށް ބުރަދަން ދިނުމުގައި އޮޅުން އަރާފައިވެއެވެ. މި ކަންކަން އެ ކުންފުނީގެ ފަރާތުން ހައިކޯޓުގައިވެސް ފާހަގަ ކުރިނަމަވެސް، ހައިކޯޓުގެ ނިންމުމުން ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކަން މިހެން ހިނގާފައިވުމުގެ ސަބަބުން، މައްސަލަ ފެށިގެން އައިސްފައިވާ ގޮތާމެދު އޮޅުން އަރާފައިވާ ކަމަށްވެސް އޭޑީކޭ އެންޓަރޕްރައިސަސް އިން ބުނެއެވެ.

މި ޚުޞޫމަތުގެ ފެށުމަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެއީ އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރުގެ އަގަށް ބިނާކޮށް ކެޕިޓަލް އެލަވަންސް ހިސާބު ކުރިއިރު، އޭޑީކޭ އެންޓަރޕްރައިސަސް އިން ބޭނުން ކޮށްފައިވަނީ އެ އިމާރާތްތައް ވެލިއު ކުރުމަށްފަހު ނެރެފައިވާ އަދަދު ތަކަކަށްވުމެވެ. މީރާ އިން ބުނާ ގޮތުގައި މިފަދައިން ކެޕިޓަލް އެލަވަންސް ހިސާބު ކުރުމަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާ އާއި ޚިލާފު ކަމެކެވެ. އެއިގެ ރައްދުގައި، އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ބުނަނީ އެ ކުންފުނީގެ ފަރާތުން ވެލުއޭޝަން ހަދާފައިވަނީ ދިވެހިރާއްޖޭގައި ޓެކުހުގެ ނިޒާމު އަލަށް ތައާރަފުވެގެން އައުމާ ގުޅިގެން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 79 ވަނަ މާއްދާގެ (ނ) އިން، ފުރަތަމަ ޓެކްސް އަހަރުގެ ޓެކްސް ބަޔާން ހުށަހެޅުމަށް "ސްޕެޝަލް ޕަރޕަސް ފައިނޭންޝަލް ސްޓޭޓްމަންޓްސް" ތައްޔާރު ކުރުމުގެ ފުރުސަތު ލިބިދީފައި އޮތުމުން، އެ ކުންފުނީގެ ފަރާތުން ޓެކުހުގެ ނިޒާމަށް ތައްޔާރުވެ، އެއާ އެއްގޮތަށް އަމަލު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވެލުއޭޝަން ރިޕޯޓަކީ ޓެކުހުގެ ބޭނުމަށް ހެދުނު ރިޕޯޓެއް ކަމުން، އޭޑީކޭ ބިލްޑިންގ އާއި އޭޑީކޭ ޓަވަރުގެ ކެޕިޓަލް އެލަވަންސް އެ ރިޕޯޓުގެ މައްޗަށް ބިނާކުރުމުގެ ޤާނޫނީ ހުރަހެއް އޮވެގެން ނުވާނެކަމަށެވެ.

މީރާ އިން ދެކޭ ގޮތުގައި އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރުގެ އަގު ދެނެގަތުމުގައި މީރާ އިން އަމަލު ކޮށްފައިވާ ގޮތް ބަދަލު ކުރަން އަންގާނެ ތަނެއް ނެތެވެ. އެއީ ކެޕިޓަލް އެލަވަންސާއި އެކަމާ ގުޅުންހުރި އިލްތިޒާމްތަކަކީ އިމާރާތުގެ އަގުގެ މައްޗަށް ތަރުތީބުވެގެން އަންނަ ކަންކަމަށްވެފައި، ވިޔަފާރި ފައިދާއިން ޓެކްސް ނުގުމުގެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިންވެސް ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުނިތަކުގެ ހިސާބުތަކާއި ޚަރަދުތަކުގެ ތަފްސީލް ބެލެހެއްޓުން ލާޒިމުކޮށްފައި ވާތީ އާއި، ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން 2009 ވަނަ އަހަރު ހުށަހަޅާފައިވާ މާލީ ހިސާބުތަކުން އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރުގެ އަގު އެނގެން އޮތުމުންނެވެ. މީރާ އިން ބުނާ ގޮތުގައި އިމާރާތުގެ އަގާއި ގުޅުވާ ކެޕިޓަލް އެލަވަންސް ހިސާބު ކުރުމުގައި މީރާ އިން އަމަލު ކޮށްފައިވަނީ ރަނގަޅަށެވެ.

އެހެންކަމުން، ފުރަތަމަ ޖަވާބު ދޭންޖެހޭ ސުވާލަކީ، ވިޔަފާރީގެ ފައިދާއިން ޓްކެސް ނެގުމުގެ ގަވާއިދުގެ ދަށުން "ސްޕެޝަލް ޕަރޕަސް ފައިނޭންޝަލް ސްޓޭޓްމަންޓްސް" ތައްޔާރު ކުރުމުގެ ފުރުސަތު ލިބިދީފައި އޮތުމަކީ، އަދި އެ ބޭނުމަށްޓަކައި އޭޑީކޭ ބިލްޑިންގ އާއި އޭޑީކޭ ޓަވަރުގެ ވެލުއޭޝަން ރިޕޯޓެއް ތައްޔާރު ކޮށްފައި އޮތުމަކީ ކެޕިޓަލް އެލަވަންސް ހިސާބު ކުރުމުގެ ބޭނުމަށްޓަކައި، އެ ވެލުއޭޝަން ރިޕޯޓު ބޭނުން ކުރެވިދާނެ ހާލަތެއް ކަމާމެދު އުފެދޭ ސުވާލެވެ. އެ ނޫން ގޮތަކަށް ބުނާނަމަ، ސްޕެޝަލް ޕަރޕަސް ފައިނޭންޝަލް ސްޓޭޓްމަންޓްސް އެކުލަވާލުމުގައި އޭޑީކޭ ބިލްޑިންގ އާއި އޭޑީކޭ ޓަވަރުގެ ވެލުއޭޝަން ރިޕޯޓެއް ހަދައި، އެ އިމާރާތްތަކުގެ މާކެޓް ވެލިއު އާއި، ފެއަރ ވެލިއު އާއި ޑިޕްރިޝިއޭޓަޑް ރިޕްލޭސްމަންޓް ކޯސްޓް ހޯދުމަށްފަހު، އެ ރިޕޯޓުގައިވާ އިމާރާތުގެ އަގުކަމަށް ބުނާ އަންދާޒާގެ މައްޗަށް ބިނާކޮށް އޭޑީކޭ އެންޓަރޕްރައިސަސް އަށް ކެޕިޓަލް އެލަވަންސް ހިސާބުކޮށް، އުނިކުރެވިދާނެ ތޯއެވެ؟

ޤާނޫނުގެ ދަށުން ސްޕެޝަލް ޕަރޕަސް ފައިނޭންޝަލް ސްޓޭޓްމަންޓްސް އެކުލަވާލުމާ ގުޅިގެން މައްސަލައިގެ ހަސްމުންގެ މެދުގައި ހުސޫމާތެއް ނެތެވެ. އެހެންކަމުން، ކެޕިޓަލް އެލަވަންސް ހިސާބު ކުރުމާމެދު ޤާނޫނުގައި ބަޔާން ކޮށްފައި އޮތް އެއްޗަކަށް ބަލާލާނަމެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން ޓެކްސް އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބު ކުރުމުގައި  (އެހެން ކަންކަން ހިމެނޭ ގޮތުން) ގަވާއިދަކުން ހުއްދަކުރާ އެންމެ ބޮޑު މިންވަރަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ. އަދި މިގޮތުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ ހަތަރުވަނަ ބާބު ކެޕިޓަލް އެލަވަންސްއާ ގުޅޭ ކަންކަމަށް ހާއްސަ ކޮށްފައިވެއެވެ. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައި ޤާނޫނަށް ޢަމަލު ކުރަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ހަރުމުދަލެއްގެ އަގު ކަނޑައަޅާނެ ގޮތް ބަޔާން ކުރެއެވެ. އަދި އެފަދައިން އަގު ކަނޑައެޅުމުގެ ބޭނުމަށް މުދާ ގަތް އަގު އެނގެން ނެތްނަމަ، މުދަލުގެ އަގުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެ ކަމުގައި އެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައި އޮވެއެވެ.

އެހެންކަމުން، ކެޕިޓަލް އެލަވަންސް ހިސާބުކޮށް އުނިކުރުމުގެ ބޭނުމަށްޓަކައި ބަލަންޖެހޭ މައިގަނޑު އެކައްޗަކީ މުދާ ގަތް އަގު ކަމުގައިވެފައި، ޓެކުހުގެ ނިޒާމު ތައާރަފު ކުރުމުގެ ކުރިން އޭޑީކޭ ބިލްޑިންގ އާއި އޭޑީކޭ ޓަވަރުގެ އަގުގެ ގޮތުގައި އޭޑީކޭ އެންޓަރޕްރައިސަސް އިން ބަޔާން ކޮށްފައިވާ އަދަދުތައް އެނގޭނެ ލިޔެކިޔުން އެ ކުންފުނީގެ ފަރާތުން ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާތީ، މިއީ އެކަށީގެންވާ އަންދާޒާއެއް ހަދައި، އެ ތަންތަނުގެ އަގުގެ ކަނޑައަޅަންޖެހޭފަދަ ހާލަތެއް ކަމުގައި ނުދެކެމެވެ. އެހެނީ، އިމާރާތްތައް ވެލުއޭޓްކޮށް އެ ތަންތަނުގެ އަންދާޒާ އަގެއް ކަނޑައަޅަންޖެހޭ ހާލަތް މެދުވެރިވަނީ އިމާރާތްތަކުގެ އަގު އެނގެން ނެތް ހާލަތުގައި ކަމަށްވާތީއެވެ.

މީގެ މާނައަކީ ޓެކުހުގެ ބޭނުމަށްޓަކައި ސްޕެޝަލް ޕަރޕަސް ފައިނޭންޝަލް ސްޓޭޓްމަންޓްސް ހެދުމުގެ ދޮރު ހުޅުވިފައި އޮތްނަމަވެސް، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށާއި ގަވާއިދަށް ބެލުމުން، ކެޕިޓަލް އެލަވަންސް ހިސާބުކޮށް އުނިކުރުމުގެ ބޭނުމަށްޓަކައި ބޭނުން ކުރެވޭނީ މުދާ ގަތް އަގުކަމެވެ. އަދި ކެޕިޓަލް އެލަވަންސްގެ ބޭނުމަށްޓަކައި މުދަލުގެ ވެލުއޭޝަން ހެދުމުގެ ފުރުސަތު އޮންނަނީ އެ އަގު އެނގެން ނެތްނަމަ ކަމެވެ.

މި ބަޔާން ކުރެވުނު ސަބަބަށްޓަކައި، އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ކެޕިޓަލް އެލަވަންސް ހިސާބު ކޮށްފައިވަނީ ވެލުއޭޝަން ރިޕޯޓުން ފެންނަން އޮތް ފެއަރ ވެލިއުގެ މައްޗަށް ކަމަށް ބަލައިގެން ކަމުގައި ވުމަކުން، ނުވަތަ ޑިޕްރިޝިއޭޓެޑް ރިޕްލޭސްމަންޓް ކޮސްޓަށް ހަވާލާދީ ކަމުގައިވުމަކުން ނަތީޖާ ތަފާތެއް ނުވެއެވެ. އަދި އެ ބިނާގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހެކި ވަޒަން ކުރުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކޮށްފައި ނުވާ ކަމަށް ކަނޑައެޅިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާ

އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގައި އެ ކުންފުނީގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާން ކުރުމަށް ނިޔާވެރިޔާއަށް އޮންނަ ޒިންމާ ކަމަށް ބަޔާން ކޮށްފައިވާ ޒިންމާތައް އަދާކުރުމެއް ނެތި ކަމުން، ހައިކޯޓުގެ ނިންމުމަކީ ސުޕްރީމް ކޯޓުން ނިންމާފައިވާ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން މައްސަލައާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައާއި، ހައިކޯޓުގެ ނިންމުމުގައިވާ ފަދައިން ވިޔަފާރީގެ ފައިދާއިން ޓްކެސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ނ) މާނަކުރުމުން ދެކޮޅު ނުޖެހޭ ނަތީޖާތަކެއް ނުކުންނަ ކަމަށެވެ.

މި ނުކުތާ ތަފްސީލު ކުރަމުން އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ބުނެފައިވަނީ، އިމާރާތް ކުރުމަށް ކުރެވުނު ޚަރަދު ބެލެހެއްޓިފައި ނެތުމުން އެ އަދަދު އަންދާޒާ ކުރުމަކީ، އެ އަންދާޒާ އަދަދު ވިޔަފާރީގެ ފައިދާއިން ޓްކެސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ބޭނުމަށްޓަކައި ބޭނުން ކުރެވިދާނެ ޤާނޫނީ ސަބަބެއް ނޫން ކަމަށް ހައިކޯޓުގެ ރިޕޯޓުގައި ބަޔާން ކުރުމުގެ އިތުރުން، އެ ފަދައިން ނިންމި ސަބަބު ތަފްސީލުކޮށްފައި ނުވާ ކަމަށެވެ. އަދި އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން މައްސަލައާ ހަވާލާދީ، ފަނޑިޔާރު ހުކުމަށް ވާސިލުވި ސަބަބު ބަޔާން ކުރަންޖެހޭ ކަމުގަ އާއި، އެ ފަދައިން ސަބަބުތައް ބަޔާން ކޮށްފައި ނުވާނަމަ ފަނޑިޔާރު އެކަށީގެންވާ މިންވަރަކަށް މައްސަލަ ބެލިކަން ކަށަވަރު ނުކުރެވުމުގެ އިތުރުން މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާ ހަސްމަށް އޭނާ ތައުނު ކުރަން ބޭނުންވާ ނުކުތާ ފާހަގަ ކުރެވޭނެ ގޮތެއް ނުއޮންނާނެ ކަމުން، ފަނޑިޔާރު ހުކުމަށް ވާސިލުވި ސަބަބުތައް ލިޔެ ބަޔާން ކޮށްފައި ނުވާނަމަ އެ ޝަރީޢަތަކީ ސައްހަ ޝަރީއަތެއް ކަމުގައި ނުބެލެވޭނެ ކަމުގައިވެސް އެ ކުންފުނިން ބަޔާން ކުރެއެވެ. މީގެ އިތުރުން، ހައިކޯޓުގެ ނިންމުމުގައި ހުކުމަށް ވާސިލުވި ސަބަބުތައް ބަޔާން ކޮށްފައި ނެތުމުން އެތަކެއް ސުވާލުތަކެއް އުފެދޭ ކަމުގައިވެސް އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ބަޔާން ކުރެއެވެ.

ހައިކޯޓު މަރުހަލާއަށް މައްސަލަ ހުށަހެޅުމުގެ ބިނާއަކީ އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރުގެ އަގާއި ކެޕިޓަލް އެލަވަންސް ހިސާބު ކުރުމުގައި މީރާ އިން ޢަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ބަޔާން ކޮށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ކަމުގައިވެފައި، އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަކީ ވިޔަފާރީގެ ފައިދާއިން ޓްކެސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ނ) އާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ މާއްދާ އާއި 39 ވަނަ މާއްދާ އާ ޚިލާފު ނިންމުމެއް ކަމުގައި ބުނެ ކަމުގައިވާއިރު، މި ނުކުތާއަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިވާ ގޮތަށް ބަލާއިރު ހައިކޯޓުން މައްސަލަ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާން ކޮށްފައިވާ ކަމަށް އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި މީރާ އިން ފާހަގަ ކޮށްފައިވެއެވެ. މިގޮތުން:

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާއިން އަންދާޒާ އަގެއް ހޯދުމުގެ ފުރުސަތު ހުޅުވާފައިވަނީ މުދާ ގަތް އަގު އެނގެން ނެތްނަމަ ކަމުގައާއި، މުދަލުގެ އަގު އެނގެން އޮތްނަމަ، އެފަދަ އަންދާޒާއެއް ކަނޑައެޅޭނެ ކަމަށް އެ މާއްދާ ތަސައްވުރު ނުކުރާ ކަމަށާއި؛

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިއްސުރެ، ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން، ކުންފުނިތަކުގެ ހިސާބުތަކާއި ޚަރަދުތައް ބެލެހެއްޓުން ލާޒިމު ކޮށްފައިވާ ކަމަށާއި؛

އޭޑީކޭ އެންޓަރޕްރައިސަސްގެ ހިންގާ ގަވާއިދުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މައްޗަށް ފައިސާއާގުޅޭ ކަންކަން ބެލެހެއްޓުމަށާއި އެ ކަންކަން ބަލަހައްޓަމުންދާ ކަން ކަށަވަރު ކުރުމަށް ޒިންމާތަކެއް މަތިކޮށްފައިވާ ކަމަށާއި؛

އައި.އޭ.އެސް 8 މިންގަނޑުގެ 42 ވަނަ މާއްދާގައިވާ ގޮތުން، މާލީ ހިސާބުތައް އިސްލާހު ކުރުމަކީ ވަކި އުސޫލެއްގެ ދަށުން ލިބިދޭ ފުރުސަތެއްކަން ސާފުކޮށް އެނގެން އޮންނަކަން؛

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި ފާހަގަ ކޮށްފައިވާ ކަމަށް މީރާ އިން ބުނެއެވެ. އަދި ކުންފުނީގެ ޑިރެކްޓަރުން އަމިއްލަ ހައިސިއްޔަތުން ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލް ބެލެހެއްޓިފައި ނެތުމުން ކަމަށް ބުނެ، އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރުގެ ވެލުއޭޝަން ރިޕޯޓެއް 2011 ވަނަ އަހަރުގައި ހަދައި، އަންދާޒީ އަދަދުތަކެއް ހޯދުމަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް ބޭނުން ކުރެވިދާނެ ޤާނޫނީ ސަބަބެއް ނޫން ކަމަށް ހައިކޯޓުން ބަޔާން ކޮށްފައިވަނީ، އެފަދައިން ބަޔާން ކުރުމުގެ ކުރިއަށް ހުރި ޕެރެގްރާފްގައި ބަޔާން ކޮށްފައިވާ ވާހަކަތަކަށް ހަވާލާދީ ކަމުގައެވެ.

މި ނުކުތާއާ ގުޅިގެން ހަސްމުން ދައްކާފައިވާ ވާހަކަތަކަށާއި ހައިކޯޓުގެ ޝަރީއަތް ނިމުނުގޮތަށް ބަލާއިރު، އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން އޭޑީކޭ ބިލްޑިންގ އަދި އޭޑީކޭ ޓަވަރުގެ އަގު އެނގޭގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ކުންފުނީގެ މާލީ ހިސާބުތައް ހުށަހެޅުމުގެ ފަހުން، އިމާރާތް ކުރުމަށް ކުރެވުނު ޚަރަދު ބެލެހެއްޓިފައި ނެތްކަމަށް ބުނެ އެ އަދަދު އަންދާޒާ ކުރުމަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ބޭނުމަށްޓަކައި ބޭނުން ކުރެވިދާނެ ޤާނޫނީ ސަބަބެއް ނޫންކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާން ކޮށްފައިވަނީ، މީރާ އިން ބަޔާން ކޮށްފައިވާ ފަދައިން، އެއިގެ ކުރިން ބަޔާން ކޮށްފައިވާ ކަންކަމާއި ހަވާލާދީ ކަމުގައި އަހުރެންވެސް ދެކެމެވެ. އެކަން އެ ޕެރެގްރާފް ފެށުމުގައި ބަޔާން ކޮށްފައިވާ ކަންކަމުންވެސް ސާފެވެ.

އެހެންކަމުން، މިއީ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން މައްސަލައިގައި ހަވާލާދީފައިވާ ފަދައިން ފަނޑިޔާރު ހުކުމަށް ވާސިލުވި ސަބަބު އެނގެން ނެތް ހާލަތެއް ކަމުގައި ކަނޑައެޅޭނެ ކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

އިސްވެ ބަޔާންކުރި ކަންކަން އެގޮތުގައި ހުރުމުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/363 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ކަނޑައަޅާން އަހުރެންނަކަށް ނުފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/363 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ