ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2014/SC-A/37

ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޙަސަން ޒަރީރު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 މާރިޗު 2018ދަށު ކޯޓު: ހައިކޯޓު 2013/HC-A/251ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2013/HC-A/251، 187/VTR/2012
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރިކަމަށް ބުނެ ހުށަހެޅުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން (187/VTR/2012) ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ބަދަލު ދިނުމަށް ނިންމިއެވެ. ހައިކޯޓުން (2013/HC-A/251) އެ ނިންމުން ދެމެހެއްޓިއެވެ.
ވާޤިޢާ
މުވައްޒަފު ރިސޯޓެއްގައި އޮފީސް އެސިސްޓެންޓެއްގެ ގޮތުގައި ހުރީ 2 އަހަރުގެ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މުއްދަތު ހަމަވުމުގެ ކުރިން، އިޤްތިޞާދީ ހީނަރުކަމާ ގުޅިގެން ރިޑަންޑަންޓް ކުރެވުނު ކަމަށް ބުނެ 4 ޖުލައި 2012 ގައި ވަކިކުރިއެވެ. ރިޑަންޑެންސީ ސާބިތުކުރާ ހެއްކެއް ކުންފުނިން ހުށަނާޅައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރިޑަންޑެންސީގެ ޙާލަތު މެދުވެރިވެގެންކަމަށް ބުނެ، މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު ހަމަވުމުގެ ކުރިން، އެ ޙާލަތު ސާބިތުކުރާ ހެއްކެއް ހުށަނާޅައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި 27 ވަނަ މާއްދާއާ އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެން ކުރި ވަކިކުރުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ހައިކޯޓުން ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ރ) އާއި 22 ވަނަ މާއްދާ މާނަކޮށްފައިވަނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް ކަމަށާއި، ޙުކުމް އެ މާއްދާތަކާ ޚިލާފު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއްނެތި ވަކިކުރުން މަނާކަމީ މުއްދަތު ކަނޑައެޅިފައިވާ އަދި ނުވާ ހުރިހާ އެއްބަސްވުމަކަށް ހިނގާ އުޞޫލެކެވެ. ރިޑަންޑެންސީއަކީ ނަހަމަ ވަކިކުރުމުގެ ޒަރީޢާއަކަށް ނުވާނެއެވެ. އެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ބުރަ އޮތީ ވަޒީފާދޭ ފަރާތުގައި ކަމުން، ހެއްކެއް ނެތުމުން ވަކިކުރީ ޤާނޫނާ ޚިލާފަށެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ 2013/HC-A/251 ޙުކުމް ޤާއިމްކުރި: މުވައްޒަފު ވަޒީފާއިން ވަކިކުރީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައަޅައި، ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން އެއްބަސްވުމުގެ ބާކީ މުއްދަތާއި އިތުރު 2 މަހުގެ މުސާރައާއި ސަރވިސް ޗާޖް (ނޯޓިހުގެ ގޮތުގައި ދީފައިވާ ފައިސާ އުނިކޮށް) ބަދަލުގެ ގޮތުގައި ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން (187/VTR/2012) ނިންމި ނިންމުމަށް ބަދަލުގެނައުމަށް ސަބަބެއް ނެތްކަމަށް ހައިކޯޓުން ކުރި ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ކަނޑައަޅައި، އެ ޙުކުމަށް ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކުރެއްވި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އެކަށީގެންވާ ސަބަބަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެކަމަށް ދޭހަވާ އެއްވެސް ނައްޞެއް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައި ޝާމިލުވެފައި ނެތުމުން، ވަޒީފާއާބެހޭ ގާނޫނު ހިންގޭ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ރިޢާޔަތްކުރަންޖެހޭ ޢާންމު އުޞޫލަކީ އެކަށީގެންވާ ސަބަބެއްނެތި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުން މަނާކުރުމެވެ. މި ޢާންމު އުޞޫލަކީ އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުންތަކުގެ މައްޗަށާއި، ވަކިމުއްދަތެއް ކަނޑައެޅިފައި ނުވާ ވަޒީފާގެ އެއްބަސްވުންތަކުގެ މައްޗަށްވެސް ތަޠްބީޤުކުރެވޭ އުޞޫލެކެވެ.

HN2 ވަޒީފާގެ ވަކިމުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަދާކުރާ މުވައްޒަފަކު އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ވަޒީފާއިން ވަކިކުރެވޭނީ ޤާނޫނު ހުއްދަކުރާ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ.

HN3 ވަޒީފާގެ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮތުމުގެ އިތުރުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުމާ ގުޅޭގޮތުން ނުވަތަ ނޯޓިސްގެ ބަދަލުގައި ނޯޓިސްގެ މުއްދަތަށް މުސާރައާއި ޢިނާޔަތްތައް ދިނުމާ ގުޅޭގޮތުން ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާއާއި 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

HN4 ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތްތަކުގައި، ނޯޓިހެއް ދިނުމަކާ ނުލައި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކަށް ރިޢާޔަތްކޮށް ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

HN5 ރިޑަންޑަންސީގެ ސަބަބަކީ "ތަޢައްސުފީ" (arbitrary) ގޮތަކަށް ނަހަމަގޮތުގައި ވަކި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ މަޤުޞަދުގައި ބޭނުންކުރެވޭ ޒަރީޢަތަކަށް ވެގެން ނުވާނެއެވެ. އެހެންކަމުން ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަމަށް ބުނެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެފަދަ ޙާލަތެއް ޙަޤީޤަތުގައިވެސް މެދުވެރިވެފައިވޭތޯ ކަށަވަރުކުރުމާއެކު، އެ ސަބަބުގެ މައްޗަށް ބިނާކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރެވޭ އުޞޫލުތަކާއި އިޖްރާއާތުތަކީ ހެޔޮނިޔަތުގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއް ނެތި، ޢަދުލުވެރިކަމާއެކު މައުޟޫޢީ މިންގަޑަކުން އެއްހަމަޔަކުން ތަޠްބީޤުކުރެވޭ އިޖްރާއާތުތަކަކާއި އުޞޫލުތަކަކަށް ނުވާނަމަ، އެއީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެން ވަޒީފާއިން ވަކިކުރި ކުރުމެއް ކަމުގައި ޤާނޫނީގޮތުން ނުބެލެވޭނެއެވެ.

HN6 މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ވަޒީފާދޭ ފަރާތެވެ. އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ބެލެވޭނެކަމަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، އާދަމް މުޙައްމަދު ޢަބްދުﷲ
ރިޔާސަތު
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 372014/SC-A/

ދަޢުވާކުރާ ފަރާތް: ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: ޙަސަން ޒަރީރު، ފިފްޓީފްލާވަރ، ބ. ކަމަދޫ

މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2013/HC-A/251

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

މައްސަލައިގެ ޚުލާޞާ

[1]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/251 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ބ. ކަމަދޫ، ފިފްޓީފްލާވަރ، ޙަސަން ޒަރީރުއެވެ.

[2]ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/251 ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 187/VTR/2012 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2013/HC-A/251 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ބ. ކަމަދޫ / ފިފްޓީފްލާވަރ، ޙަސަން ޒަރީރުއެވެ.

ފާހަގަކުރެވުނު ނުކުތާތައް

[3]މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/251 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 187/VTR/2012 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

[4]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 187/VTR/2012 މައްސަލައަށް ބަލާއިރު، އެ މައްސަލައަކީ، ބ. ކަމަދޫ، ފިފްޓީފްލާވަރ، ޙަސަން ޒަރީރު، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އޮފީސް އެސިސްޓެންޓްގެ މަޤާމު އަދާކުރަމުން ދަނިކޮށް އެ މަޤާމުން 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 04 ވަނަ ދުވަހު ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ، ގެއްލުނު ވަޒީފާ އަނބުރާ ލިބިދިނުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް އެދި، 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 02 ވަނަ ދުވަހު ޙަސަން ޒަރީރުގެ ފަރާތުން ހުށަހެޅުމުން އެ ޓްރައިބިއުނަލުން ބަލައި ނިންމާފައިވާ މައްސަލައެއްކަމާއި، އެ މައްސަލައިގެ ނިންމުމަށް ބަލާއިރު، މައްސަލަ ހުށަހެޅި ޙަސަން ޒަރީރު ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަކިކުރިކަން އެންގުމުގެ ގޮތުން ދީފައިވާ ލިޔުމުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކާ ގުޅިގެން ރިސޯޓަށް އަންނަ ފަރާތްތައް މަދުވެފައިވާތީ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ރިޑަންޑަންޓް ކުރެވިގެންކަމަށް ބަޔާންކޮށްފައި ވީހިނދު، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މައްސަލަ ރައްދުވި ކުންފުނިން މުވައްޒަފުން މަދުކުރަން ޖެހުނުކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައި ނުވާކަމަށް ބުރަވެވޭތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ޙަސަން ޒަރީރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާ އަނބުރާ ލިބިދިނުމަށް ޙަސަން ޒަރީރު އެދުނުނަމަވެސް، މައްސަލަ ރައްދުވާ ފަރާތާއި ޙަސަން ޒަރީރުއާ ދެމެދު 2010 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްކަން އެނގެން އޮތުމުން، ޙަސަން ޒަރީރު އެދުނު ފަދައިން އޭނާ ހުރި ވަޒީފާއަށް ރުޖޫޢަކުރާފަދަ އަމުރެއް މި މައްސަލައިގައި ކުރާނެ ތަނެއް ނެތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލުގެ ގޮތުގައި 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 05 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހާ ހަމައަށް މުސާރައާއި ސަރވިސް ޗާޖްގެ ގޮތުގައި ޖެހޭ މިންވަރާއި، އިތުރު 02 (ދޭއް) މަސް ދުވަހުގެ މުއްދަތަށް ޖެހޭ މުސާރައާއި ސަރވިސް ޗާޖް، ބަދަލުގެ ގޮތުގައި ކަނޑައަޅައި، އެ މިންވަރުގެ ތެރެއިން އޭނާ ވަޒީފާއިން ވަކިކުރިއިރު ނޯޓިހުގެ ގޮތުގައި ދީފައިވާ 3,500.00 (ތިންހާސް ފަސްސަތޭކަ) ރުފިޔާ އުނިކުރުމަށްފަހު ޖެހޭ މިންވަރު، 2013 ވަނަ އަހަރުގެ ޖޫން މަހުގެ 03 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޙަސަން ޒަރީރަށް އެކީ އެއްފަހަރާ ދީ ޚަލާސްކުރުމަށް ފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް އަންގައި، އިޝާރާތްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 187/VTR/2012 މައްސަލަ ނިންމާފައިވާކަން އެނގެން އޮވެއެވެ.

[5]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިސްވެ ޙަވާލާދެވުނު ނަންބަރު 187/VTR/2012 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތަށް ނޫންކަމަށް ބުނެ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2013/HC-A/251 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 187/VTR/2012 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ގޮތް ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2013/HC-A/251 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.

[6]ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2013/HC-A/251 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛ އިލްތިމާސްކުރެވޭ ހައިކޯޓުގެ ނަންބަރު 2013/HC-A/251 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ރ) އަދި 22 ވަނަ މާއްދާ މާނަކޮށްފައިވަނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި، އަދި އެ ޤަޟިއްޔާގައި މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) އަދި 22 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބާއި، މި ސަބަބުތައްކަން އެނގެން އޮންނައިރު، މި ސަބަބުތަކާމެދު އިލްތިމާސްކުރާފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައިގައި ހިމެނޭ ވަޤާއިޢުތަކުގެ މައްޗަށް ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2013/HC-A/251 ޤަޟިއްޔާގައި ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތުގެ މައްޗަށް ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި، ބ. ކަމަދޫ، ފިފްޓީފްލާވަރ، ޙަސަން ޒަރީރުއާ ދެމެދު 24 ސެޕްޓެންބަރު 2010 ގައި ކުރެވުނު ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގެ މުއްދަތަކީ މީލާދީ ގޮތުން 02 އަހަރު ދުވަސް ކަމާއި، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ދެފަރާތް އެއްބަސްވާ ގޮތެއްގެމަތިން އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމާއި، އެއްބަސްވުމުގެ މުއްދަތު ފާއިތުވުމަށްފަހު އެއްބަސްވުން އައުކުރާނަމަ ދެފަރާތް އެއްބަސްވާ ގޮތެއްގެމަތިން އެއްބަސްވުން އައުކުރެވިދާނެކަމަށް ބުނެވިދިޔަ އެއްބަސްވުމުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އަދި ވަޒީފާ އަދާކުރާ ފަރާތުން އެއްބަސްވުމުގެ މާއްދާއަކާ ޚިލާފުވެއްޖެނަމަ ލިޔުމަކުން ނޯޓިސް ދިނުމާއެކު އެފަރާތް ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބުނެވިދިޔަ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ނޯޓިސް ދިނުމަކާނުލާވެސް ވަޒީފާއިން ވަކިކުރެވިދާނެ ޚާއްޞަ ޙާލަތްތަކެއް އެ އެއްބަސްވުމުގެ 21.2 ގައި ބަޔާންކޮށްފައިވާކަމާއި؛ އެ ޙާލަތްތަކަކީ: "ވައްކަންކުރުމާއި، އޮޅުވާލުމާއި، ކުންފުނީގެ ރައުޔާ ޚިލާފަށް އޮޅުވާލައި މަކަރުހެދުމާއި، މަސައްކަތުގައި ޝައުޤުވެރިކަން ނެތުމާއި، އަމާޒެއް މަޤްޞަދެއް ނެތުމާއި، އަޅާލުމާއި ފަރުވާތެރިކަން ނެތުމާއި، ވަޒީފާގެ ބައިވެރިންނާ އިދިކޮޅު މިޒާޖެއް ހުރުމާއި، ވަޒީފާއަށް ފަރުވާތެރި ނުވުމާއި، މަސައްކަތުގައި ޒިންމާދާރުކަން ނެތުމާއި، ރާއްޖޭގެ ޤާނޫނާ ޚިލާފުވުމާއި، އަނިޔާވެރި އެއްވެސް ޢަމަލެއް ހިންގުމާއި، ކުންފުނީގެ ނަން ހަޑިވެ ބަދުނާމުވާފަދަ ޢަމަލެއް ހިންގުމާއި، ޙަވާލުކުރެވޭ ކަންތައްތައް ކުރުމުގައި ފާހަގަކުރެވޭ މިންވަރަށް ގަޔާވުމާއި އަޅާލުންތެރިކަން ނެތުމާއި" މި ޙާލަތްތައްކަން އެނގެން އޮންނައިރު، ބުނެވިދިޔަ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން 04 ޖުލައި 2012 ވަނަ ދުވަހު ޙަސަން ޒަރީރު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކުރި ކުރުން ބިނާކޮށްފައިވާ އަސާސަކީ އެއްބަސްވުމުގެ މާއްދާއަކާ ޚިލާފުވިކަމަށް ބަލައި އެއްބަސްވުމުގެ 18 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ނުވަތަ އެއްބަސްވުމުގެ 21 ވަނަ މާއްދާގެ 2 ގައި ބުނެފައިވާ ފަދަ ޙާލަތެއް މެދުވެރިވެގެން ނޫންކަމާ، ނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޔޫރަޕަށް އައިސްފައިވާ އިޤްތިޞާދީ ހީނަރުކަމެއްގެ ސަބަބުން އެ ރިސޯޓުގެ އޮކިއުޕެންސީ ދަށަށް ދިއުމާގުޅިގެން އެ ރިސޯޓު ހިންގުމަށް ހިނގާ ޚަރަދުތައް ކުޑަކުރަންޖެހުމާ ގުޅިގެން އެ ރިސޯޓަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވާތީ ކަމަށް، ޙަސަން ޒަރީރު ވަޒީފާއިން ވަކިކޮށް 04 ޖުލައި 2012 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ފަރާތުން ފޮނުވާފައިވަ ސިޓީގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގައި، ވަޒީފާއާބެހޭ އަސާސީ އުޞޫލުތަކާއި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތަކާއި، އަދި މިނޫންވެސް ވަޒިފާއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާބެހޭ އުޞޫލުތައް ކަނޑައަޅާފައިވާ ޤާނޫނުކަމުގައިވާ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ބަޔާންވެގެންވާ އުޞޫލުތަކަށް ބަލާއިރު، އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި، އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި، ވަޒީފާ އަދާކުރާ މުވައްޒަފުންގެ މައްޗަށް ހިންގޭނީ އެ ޤާނޫނު ކަމުގައި ބަޔާންކޮށްފައިވާ ކަމާ، އަދި، ވަޒީފާ އަދާކުރާ ފަރާތަށް އެ ޤާނޫނުގެ ދަށުން ލިބިދީފައިވާ ޙައްޤެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އެފަދަކަމަކަށް އުނިކަމެއް ލިބޭގޮތަށް ޤަވާޢިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، އެއްވެސް މާއްދާއެއް ހިމެނިގެންވާނަމަ، އެ މާއްދާއެއް ވާނީ ބާޠިލު މާއްދާއަކަށް ކަމަށް، ބުނެވިދިޔަ ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، "މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް ފަހުގައިވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅުގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެ" ކަމަށް އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތުމުންނާއި، އެކަށީގެންވާ ސަބަބަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެކަމަށް ދޭހަވާ އެއްވެސް ނައްޞެއް އެ ޤާނޫނުގައި ޝާމިލުވެފައި ނެތުމުން، ވަޒީފާއާބެހޭ ގާނޫނު ހިންގޭ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ރިޢާޔަތްކުރަންޖެހޭ ޢާންމު އުޞޫލަކީ އެކަށީގެންވާ ސަބަބެއްނެތި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުން މަނާކުރުންކަން ރަނގަޅަށް އެނގެން އޮންނަކަމާއި، މި ޢާންމު އުޞޫލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުންތަކުގެ މައްޗަށާއި، ވަކިމުއްދަތެއް ކަނޑައެޅިފައި ނުވާ ވަޒީފާގެ އެއްބަސްވުންތަކުގެ މައްޗަށްވެސް ތަޠްބީޤުކުރެވޭ އުޞޫލެއްކަމާ؛ އެހެންކަމުން ވަޒީފާގެ ވަކިމުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަދާކުރާ މުވައްޒަފަކު އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ވަޒީފާއިން ވަކިކުރެވޭނީ ޤާނޫނު ހުއްދަކުރާ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމާއި، އަދި ވަޒީފާގެ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮތުމުގެ އިތުރުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުމާ ގުޅޭގޮތުން ނުވަތަ ނޯޓިސްގެ ބަދަލުގައި ނޯޓިސްގެ މުއްދަތަށް މުސާރައާއި ޢިނާޔަތްތައް ދިނުމާ ގުޅޭގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާއި 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމާއި، ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތްތަކުގައި ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކަށް ރިޢާޔަތްކޮށް ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމާއި، މިކަންކަން ބަޔާންވެދިޔަ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި، 21 ވަނަ މާއްދާ އާއި، 22 ވަނަ މާއްދާއާއި، 23 ވަނަ މާއްދާއާއި، އަދި 25 ވަނަ މާއްދާ އިން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު އުޞޫލުތަކުގެ އަލީގައި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި، ބ. ކަމަދޫ، ފިފްޓީފްލާވަރ، ޙަސަން ޒަރީރުއާ ދެމެދު24 ސެޕްޓެންބަރު 2010 ގައި ދެ (02) އަހަރުގެ މުއްދަތަށް ކުރެވުނު ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއެއްބަސްވުން ނިމުމަކަށް ގެނެސް، އެ އެއްބަސްވުމުގެ ދަށުން ޙަސަން ޒަރީރު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލިއިރު، ބުނެވިދިޔަ ވަޒީފާއިން ޙަސަން ޒަރީރު ވަކިކޮށްފައިވާ ސަބަބަކީ ޔޫރަޕަށް އައިސްފައިވާ އިޤްތިޞާދީ ހީނަރުކަމެއްގެ ސަބަބުން އެ ރިސޯޓުގެ އޮކިއުޕެންސީ ދަށަށްދިއުމާ ގުޅިގެން އެ ރިސޯޓު ހިންގުމަށް ހިނގާ ޚަރަދުތައް ކުޑަކުރަންޖެހުމާ ގުޅިގެން އެ ރިސޯޓަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވާތީ ކަމަށް މި މައްސަލަ އިލްތިމާސްކުރާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު، އެ ސަބަބަކީ "ތަޢައްސުފީ" (arbitrary) ގޮތަކަށް ނަހަމަގޮތުގައި ވަކި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ މަޤުޞަދުގައި ބޭނުންކުރެވޭ ޒަރީޢަތަކަށް ވެގެން ނުވާނެކަމާ، އެހެންކަމުން ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަމަށް ބުނެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެފަދަ ޙާލަތެއް ޙަޤީޤަތުގައިވެސް މެދުވެރިވެފައިވޭތޯ ކަށަވަރުކުރުމާއެކު، އެ ސަބަބުގެ މައްޗަށް ބިނާކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޢަމަލުކުރެވޭ އުޞޫލުތަކާއި އިޖްރާއާތުތަކީ ހެޔޮނިޔަތުގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއް ނެތި، ޢަދުލުވެރިކަމާއެކު މައުޟޫޢީ މިންގަޑަކުން އެއްހަމަޔަކުން ތަޠްބީޤުކުރެވޭ އިޖްރާއާތުތަކަކާއި އުޞޫލުތަކަކަށް ނުވާނަމަ، އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެން ވަޒީފާއިން ވަކިކުރި ކުރުމެއް ކަމުގައި ޤާނޫނީގޮތުން ނުބެލެވޭނެކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ވަޒީފާދޭ ފަރާތްކަމަށާ، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ބެލެވޭނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޙަސަން ޒަރީރު، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ހިންގާ ޕެރެޑައިސް އައިލަންޑް ރިސޯޓުގެ އޮފީސް އެސިސްޓެންޓެއްގެ މަޤާމު އަދާކުރަމުން ދަނިކޮށް، އެ މަޤާމުން 4 ޖުލައި 2012 ގައި ވަކިކުރެވުނީ ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަމަށް އެ ކުންފުނީގެ ފަރާތުން ބުނާ ބުނުން ފިޔަވައި، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ނުވަތަ ދަލީލެއް ހުށަހަޅާފައި ނުވާކަން ހައިކޯޓުގެ ނަންބަރު 2013/HC-A/251 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 187/VTR/2012 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ ކަމެވެ.

[7]އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 187/VTR/2012 މައްސަލައިގައި،ބ. ކަމަދޫ، ފިފްޓީފްލާވަރ، ޙަސަން ޒަރީރު، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އޮފީސް އެސިސްޓެންޓްގެ މަޤާމު އަދާކުރަމުން ދަނިކޮށް އެ މަޤާމުން 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 04 ވަނަ ދުވަހު ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2013/HC-A/251 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މި މައްސަލަ އިލްތިމާސްކުރި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަކީ ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ސަބަބުތަކެއް ނޫންކަން އެނގެއެވެ.

ޙުކުމް

[8]ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެމަތިން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 187/VTR/2012 މައްސަލައިގައި، އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނަންބަރު 2013/HC-A/251 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމަކަށްވާތީ، އެ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

[9]ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

[10]ފަނޑިޔާރު ޢަބްދުﷲ ޢަރީފް

[11]ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އަދި (ރ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ