އާމިނަތު ޢަރޫޝާ ވ. މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރުމަކީ ޤާނޫނާ ޚިލާފްކަމަށް ކަނޑައަޅައި، ވަޒީފާއަށް އަނބުރާ ހަމަޖެއްސުމާއި، ވަކިކުރި ތާރީޚުން ޓްރައިބިއުނަލުން ނިންމާތާ ހަމައަށް މުސާރަ ދިނުމަށް އަމުރުކުރިއެވެ. ދައުލަތުގެ އިސްތިއުނާފުގައި ހައިކޯޓުން ޓްރައިބިއުނަލުގެ ނިންމުން ބާޠިލުކުރިއެވެ.
- ވާޤިޢާ
- އާމިނަތު ޢަރޫޝާ 11 އެޕްރީލް 2012 ގައި މިލަދޫ ކައުންސިލުގެ ދަށުން ހިނގާ ޕްރީސްކޫލުގައި ވަގުތީ ޓީޗަރެއްގެ ގޮތުގައި ވަޒީފާއަށް ޢައްޔަންކުރެވި، 14 އޮގަސްޓް 2014 ގައި އިޢުލާނުގެ ޝަރުޠު ނުފުރިހަމަވެ ހަމަޖެހުނު ކަމަށް ބުނެ ވަޒީފާއިން ވަކިކުރެވުނެވެ. ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ މުއްދަތު ކަނޑައެޅިފައި ނެތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާގެ އެއްބަސްވުމުގައި ވަގުތީ ވަޒީފާއެއްކަމަށް ބަޔާންކޮށް މުއްދަތު ނުކަނޑައެޅުނު މުވައްޒަފަކު ނޯޓިސް ނެތި ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދިން ރުޖޫޢަ ކުރުމުގެ ޙައްލާއި ބަދަލު ދެމި ހުންނާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އާމިނަތު ޢަރޫޝާ ބުނީ ވަޒީފާގެ އެއްބަސްވުމަކީ މުއްދަތު ނެތް އެއްބަސްވުމަކަށްވާތީ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ދާއިމީ ވަޒީފާއެއްކަމާއި، ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމާއި، ހައިކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއާ ޚިލާފްކަމެވެ. ދައުލަތުން ބުނީ އިޢުލާނާއި އެއްބަސްވުމުން ވަޒީފާއަކީ ވަގުތީ ވަޒީފާއެއްކަމާއި، ޝަރުޠު ނުފުރިހަމަ ފަރާތެއް ޤާނޫނާ ޚިލާފަށް ހަމަޖެހިފައިވާތީ ވަކިކުރުމުގައި މައްސަލައެއް ނެތްކަމެވެ.
- ކޯޓުގެ ސަބަބުތައް
- ވަކިކުރުމުގެ އެކަށީގެންވާ ސަބަބު ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމުގައި ވުމާއެކު، ކައުންސިލުން ޝަރުޠު ނުފުރިހަމަވަމުން ބަލައިގަނެ ވަޒީފާ ދީފައިވާތީ ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއްކަމަށް ނުބެލެވޭ. މުއްދަތު ނެތް އެއްބަސްވުމެއްގެ ނަތީޖާއަކީ ނޯޓިސް ނުވަތަ ނޯޓިހުގެ ފައިސާ ނުދިނުމުން އިޖުރާއީ ޢަދުލުވެރިކަންވެސް ނެތެވެ. ރުޖޫޢަ ކުރުމަށް ހުރަސް އަޅާ ޙާލަތެއް ނެތުމުން ޓްރައިބިއުނަލްގެ ރުޖޫޢަ ކުރުމުގެ ޙައްލަށް ތާއީދުކޮށް، ވަޒީފާ ރުޖޫޢަ ނުކުރެވިއްޖެނަމަ އެއްފެންވަރުގެ ވަޒީފާއެއް ދިނުމާއި، ޓްރައިބިއުނަލުން ދިން މުސާރައިގެ ބަދަލުގައި [2021] SC 07 އަށް ރިޢާޔަތްކޮށް 6 މަސްދުވަހުގެ އަސާސީ މުސާރަ ދިނުމަށް ކަނޑައެޅުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2015/HCA/131
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު؛ ވަޒީފާއިން ވަކިކުރުމަކީ ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައި ވަޒީފާ ނުވަތަ އެއްފެންވަރުގެ ވަޒީފާއެއް ދިނުމާއި 6 މަސް އަސާސީ މުސާރަ ދިނުމަށް އަމުރު
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރު ކުރަންޖެހެއެވެ؛ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއިން އެނގެއެވެ. (ޕެރ. 14)
ވަޒީފާއަށް އެދި ހުށަހެޅުނު ހުށަހެޅުން އިޢުލާނުގައިވާ ޝަރުޠު ފުރިހަމަ ނުވާކަމުގައި ނިންމައި ބަލައި ނުގަތުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިފައި ވީނަމަވެސް، އެ އިޚްތިޔާރުގެ ބޭނުން ނުހިފައި ބަލައިގަނެ ވަޒީފާ ހަމަޖައްސައިދީފައިވާނަމަ، އިޢުލާނުގައި ބުނެފައިވާ ޝަރުޠު ފުރިހަމަކުރި ފަރާތެއްގެ ގޮތުގައި ވަޒީފާދޭ ފަރާތުން ގަބޫލުކުރީ ކަމުގައި ބަލަންޖެހެއެވެ. (ޕެރ. 19)
ވަޒީފާގެ އެއްބަސްވުމުގައި، އެ ވަޒީފާއަކީ ވަގުތީ ވަޒީފާއެއްކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ވަގުތީ ވަޒީފާގެ މުއްދަތެއް ކަނޑައަޅާފައި ނުވާނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އާއި (އ) ގައި ބަޔާންކޮށްފައިވާ ކަންކަން އެ ވަޒީފާގެ އެއްބަސްވުމުގެ މައްޗަށް ހިނގާނެ ހާލަތެއް ނޫނެވެ. (ޕެރ. 25)
ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ މުއްދަތު ކަނޑައަޅާފައި ނުވުމުގެ މައްޗަށް ތަރުތީބުވެގެން އަންނަ އެއް ނަތީޖާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާ ދިން ފަރާތުން ވަކިކުރެވޭ މުވައްޒަފަށް އެ މާއްދާގައިވާ ފަދައިން ނޯޓިސް ދިނުމެވެ؛ ނުވަތަ އެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިހުގެ މުއްދަތަށްޖެހޭ ފައިސާ ދިނުމެވެ. (ޕެރ. 27)
ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ މުއްދަތު ކަނޑައަޅާފައި ނުވާނަމަ، އަދި ދެ ފަރާތުގެ ޢަމަލުން އެ ވަޒީފާއަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާއެއްކަން ދޭހަނުވާނަމަ، އެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއް ކަމުގައި ބަލަންޖެހޭނެއެވެ؛ މި ހާލަތުގައި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ނުވަތަ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއެއްކަމުގައި ބެލުމަށް އިތުރު ހެއްކެއް ބޭނުންވާނެ ކަމަކަށް ނުދެކެމެވެ. (ޕެރ. 31)
ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހަޅާ ފަރާތަކަށް ތިން ބާވަތެއްގެ ޙައްލު ދިނުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ؛ އެއީ، އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން؛ ނުވަތަ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ ބަދަލު ދިނުންނެވެ. (ޕެރ. 35)
މައްސަލަ ހުށަހަޅާ ފަރާތަކަށް މިއިން ޙައްލެއް ޓްރައިބިއުނަލަށް ހޯދައި ދެވޭނީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލުގައި ސާބިތުވެއްޖެ ނަމައެވެ. (ޕެރ. 36)
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އިން އެނގެނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުން ކަމެވެ؛ އެ އަސާސީ ޙައްލުގެ މާނައަކީ އިސްތިސްނާއީ ޙާލަތެއް ނެތްނަމަ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުމެވެ، ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމެވެ. (ޕެރ. 37)
ވަޒީފާއިން ވަކިކުރިއިރު މުވައްޒަފު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އެންގުމުގެ އަމުރަކީ އަދާލަތުގެ ޙައްލެއް (Equitable remedy) ކަމުގައިވާ، ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރާ (Specific performance) އެއް ސިފައެއްގެ އަމުރެކެވެ؛ އެހެންކަމުން އެ އަމުރަށް ހުރަސް އަޅާ ބައެއް ޙާލަތްތަކެއް ހުންނާނެއެވެ. (ޕެރ. 38)
ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އަމުރެއް ނެރުމުގެ ކުރިން، އެ އަމުރެއް ނެރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބަލަންވާނެއެވެ. (ޕެރ. 38)
ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާފާނޭ ނުވަތަ ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން ނެތް ކަމަށް ބެލެވިދާނެ ބައެއް ޙާލަތްތަކަކީ: އަނބުރާ އިޢާދަ ނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން؛ ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާ ދިނުމަށް އަމުރުކުރާ ތާރީޚާދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން؛ ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން؛ ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ޙާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުންނެވެ. (ޕެރ. 39)
ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ބާރު އަޅާ ބައެއް ޙާލަތްތަކަކީ: މުވައްޒަފުކުރި ޣައިރު ސުލޫކީ އަމަލަކީ އެފަދަ ފުރަތަމަ އަމަލުކަމަށްވެފައި، އެ ޙާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ޙައްލަކީ އެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ޙާލަތްތަކެވެ؛ އެ ވަޒީފާއަށް އެ މުވައްޒަފު ރުޖޫއަ ނުކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ މުވައްޒަފުގެ ހުރި ޚާއްޞަ ޙާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަޙީލު ކަމަކަށް ވުމެވެ؛ ވަޒީފާއަށް ރުޖޫއަ ނުކޮށްފިނަމަ، އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުން ކަމަށް ދޭހަވާނޭ ޙާލަތްތަކެވެ. (ޕެރ. 40)
ވަޒީފާ ރުޖޫޢަކުރުމުގެ ޙައްލަކީ، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްލު ކަމުގައި ވީނަމަވެސް، ޢަމަލީ ގޮތުން ވަޒީފާ ރުޖޫޢަ ނުކުރެވިއްޖެ ޙާލަތެއްގައި ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއާ އެއްފެންވަރެއްގެ ވަޒީފާއެއް ދިނުމަކީ ޢަދުލުވެރި ހައްލެއް ކަމުގައި ދެކެމެވެ. (ޕެރ. 42)
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގެ ދަށުން ޢަދުލުވެރި ބަދަލެއްގެ ގޮތުން ފައިސާ ދިނުމުގައި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް މުވައްޒަފަށް ހައްޤުވާ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމުގައި، ހަމައެކަނި އެ މުއްދަތަށް ބެލުމަކީ އެންމެ އިންސާފުވެރި ގޮތްކަމުގައި ނުދެކެމެވެ؛ އެހެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތަކަކީ ޤާނޫނުގައިވާ ގޮތުގެ މަތިން އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިގެންވާ ނިންމުންތަކެއް ކަމުގައިވާއިރު، އިސްތިއުނާފީ މަރުޙަލާއަކީވެސް ޓްރައިބިއުނަލްގެ މަރުޙަލާއެކޭ އެއްފަދައިން މައްސަލައާމެދު ގޮތެއް ނިންމުމުގައި ހޭދަވާ ޤާނޫނު ހުއްދަކުރާ މަރުޙަލާއެކެވެ. (ޕެރ. 44)
މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމަކާ ނުލައި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަށް، ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ އަސާސީ މުސާރަ 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ލިބި ދިނުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގެ ދަށުން ނަގައިދެވޭނެ ޢަދުލުވެރި ބަދަލެއް ކަމުގައި ދެކެމެވެ. (ޕެރ. 45-46)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ކ) އާއި (އ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 އާއި 25 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 01 އާއި 03 ވަނަ ނަންބަރު، އަދި (ނ)، (ރ)، (ށ)
- ޤާނޫނު ނަންބަރު 14/2008 (ވަޒީފާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާ (އިސްތިއުނާފުކުރާ ފަރާތުން ބަރޯސާވި)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދު 2020 ގެ 61 ވަނަ މާއްދާގެ (ހ)
- [2021] SC 07 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ)
- 2014/SCA/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- 2018/SCA/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- 2017/SCA/14 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް)
ފަނޑިޔާރުން
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HCA/131 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ، އާމިނަތު ޢަރޫޝާ ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާއަށެވެ.
ދައުލަތް ތަދައްޚުލު ކުރުވުން
2މި މައްސަލަ ކުރިއަށް ގެންދިއުމަށް 2020 އޮގަސްޓް 30 ވަނަ ދުވަހު މި ކޯޓުގައި ދުރުން ކުރިއަށް ގެންދެވުނު ޝަރީޢަތުގެ މަޖިލީހުގައި، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތް ތަމްސީލު ކޮށްފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުން ކަމަށާއި، މި މައްސަލައިގައި ޤާނޫނީ އެހީތެރިކަމެއް ލިބުމަށް އެދި، މިލަދޫ ކައުންސިލްގެ އިދާރާއިން މިނިސްޓްރީ އޮފް ފިނޭންސްގައި އެދިފައިވާ ކަމަށާއި، ނަމަވެސް، މިލަދޫ ކައުންސިލްގެ އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓުގައި މިނިސްޓްރީ އޮފް ފިނޭންސް އިން އެ ފައިސާ ހިމަނާފައި ނުވާތީ، އެ ކައުންސިލަށް ޤާނޫނީ އެހީތެރިކަމެއް ހޯދިފައިނުވާ ކަމަށާއި، ޤާނޫނީ ނަޒަރަކުން މި މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރިކަމަށް ކައުންސިލްގެ ފަރާތުން ބުނެފައިވެއެވެ.
3މި މައްސަލައަކީ ދައުލަތުގެ އިދާރާއެއްގެ މައްޗަށް ދަޢުވާ ކޮށްފައިވާ މައްސަލައެއް ކަމަށްވެފައި، މިލަދޫ ކައުންސިލްގެ އިދާރާގައި ޤާނޫނީ އެހީތެރިކަމެއް ހޯދުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން މި މައްސަލައިގައި ދައުލަތުގެ އިދާރާއެއް ތަމްސީލު ނުކުރެވި އިންސާފަށް ވާސިލުވުމުގައި ހުރަސްތަކެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދު 2020 ގެ 61 ވަނަ މާއްދާގެ (ހ) ގެ ދަށުން، މި މައްސަލައަށް، އެޓަރނީ ޖެނެރަލްގެ އޮފީސް ތަދައްޚުލު ކުރުވުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމިއެވެ. ވުމާއެކު، މި މައްސަލަ ކުރިއަށް ގެންދެވުނީ އެޓަރނީ ޖެނެރަލްގެ އޮފީސް މި މައްސަލައަށް ތަދައްޚުލު ކުރުވައިގެންނެވެ.
މައްސަލައިގެ ފަސްފަހަތް
4އާމިނަތު ޢަރޫޝާ، ނ. މިލަދޫ ކައުންސިލްގެ އިދާރާގެ ދަށުން ހިނގަމުންދާ ޕްރީސްކޫލުގެ ޕްރީ ސުކޫލު ޓީޗަރެއްގެ ވަޒީފާ 11 އެޕްރީލް 2012 އިން ފެށިގެން އަދާކުރަމުން ދަނިކޮށް 14 އޯގަސްޓް 2014 ގައި ވަޒީފާއިން ވަކިކޮށްފައިވެއެވެ.
5އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު ބަޔާންކޮށްފައިވަނީ ވަޒީފާއިން ވަކިކުރިކަން އަންގައި މިލަދޫ ކައުންސިލުން ފޮނުވި ސިޓީގައެވެ. މި ސިޓީގައި ބަޔާންކޮށފައިވަނީ، "17 މާރޗް 2012 ވަނަ ދުވަހު މި ކައުންސިލުން ކޮށްފައިވާ ނަންބަރު (I)292/2012/002 އިޢުލާނާ ގުޅިގެން ޕްރީ ސުކޫލު ޓީޗަރެއްގެ މަޤާމު ހަމަޖެއްސުމުގައި ތިޔަ ފަރާތަށް ވަޒިފާ ހަމަޖައްސާފައިވަނީ އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުޠާ ޚިލާފަށް ކަމަށް މި ކައުންސިލުގެ 12 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. އަދި އެ ޖަލްސާއިން ނިންމާފައިވަނީ ޤަވާޢިދާ ޚިލާފަށް ވަޒީފާ ހަމަޖައްސާފައިވާ ފަރާތްތައް ވަކިކޮށް އަލުން އެ މަޤާމަށް އިޢުލާން ކުރުމަށެވެ. ވީމާ، 14 އޮގަސްޓް 2014 އިން ފެށިގެން ތިޔަ ފަރާތަށް ހަމަޖައްސާފައިވާ ޕްރީ ސުކޫލް ޓީޗަރުކަމުގެ ވަޒީފާއިން ވަކިކުރެވޭނެ ވާހަކަ ދަންނަވަމެވެ." މި ފަދައިންނެވެ.
6އާމިނަތު ޢަރޫޝާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުން، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާއި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި، އާމިނަތު ޢަރޫޝާ އަދާކުރަމުންދިޔަ ވަޒީފާ ދާއިމީ ވެފައިވާކަމަށް ކަނޑައަޅައި ދިނުމަށާއި، އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ހޯދުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިމޭ ތާރީޚާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށް އެދޭކަމުގައި ބުނެ އާމިނަތު ޢަރޫޝާގެ ފަރާތުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މި މައްސަލަ ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 101/VTR/2014 މައްސަލައިގެ ގޮތުގައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް
7އާމިނަތު ޢަރޫޝާ ހުށަހެޅި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމާފައިވަނީ، މިލަދޫ ކައުންސިލްގެ އިދާރާގެ ދަށުން ހިނގަމުންދާ މިލަދޫ ޕްރީ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާއިން 14 އޯގަސްޓް 2014 ގައި އާމިނަތު ޢަރޫޝާ ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމުގައިވާތީ، އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ހުރި ވަޒީފާގައި ދެމެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އާމިނަތު ޢަރޫޝާއަށް ލިބެންޖެހޭ ފައިސާ އެކީ އެއްފަހަރާ އާމިނަތު ޢަރޫޝާއަށް ދިނުމަށް އަމުރުކޮށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމި ގޮތް
8ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 101/VTR/2014 މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ދެކި، ދައުލަތު (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2015/HCA/131 ޤަޟިއްޔާއިންނެވެ.
9ބުނެވިޔަ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި ހައިކޯޓުން ފާހަގަކޮށްފައިވަނީ، މިލަދޫ ޕްރީސްކޫލުގެ ވަޒީފާއަށް މީހުން ބޭނުންވެގެން މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ ނަންބަރު (I)292/2012/002 (17 މާރިޗު 2012) އިޢުލާނާއި، އާމިނަތު ޢަރޫޝާގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާނުންވެސް އާމިނަތު ޢަރޫޝާއަށް މިލަދޫ ކައުންސިލްގެ ފަރާތުން 2012 އެޕްރީލް 11 ވަނަ ދުވަހު ދީފައިވަނީ ވަގުތީ ވަޒީފާއެއްކަން އެނގެން އޮންނަކަމަށާއި، އެއީ ނ. މިލަދޫ ޕްރީސްކޫލުގެ ވަގުތީ މުދައްރިސްގެ ވަޒީފާކަން އެނގެން އޮންނައިރު، އާމިނަތު ޢަރޫޝާގެ ވަޒީފާ 2012 ޖުލައި 15 ގައި ދާއިމީ ކޮށްފައިވާކަން އެނގޭނެ ޗިޓެއް އާމިނަތު ޢަރޫޝާގެ ފަރާތުން ހުށަހަޅާފައިވާކަން އެނގެން އޮންނަކަމަށެވެ. އަދި އެ ޗިޓަކީ މިލަދޫ ކައުންސިލްގެ އިދާރާގައިވެސް އަދި މިލަދޫ ޕްރީސްކޫލުގެ ލިޔެކިޔުން ތަކުގައިވެސް ފެންނަން ނެތް ލިޔުމެއްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމަށެވެ. އެހެންކަމުން އާމިނަތު ޢަރޫޝާގެ ވަޒީފާ ދާއިމީ ކޮށްފައިވަނީ އެ މަޤާމަށް މީހުން ހޯދުމަށް ކުރި އިޢުލާނުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ހަމަތަކާއި ޝަރުތުތަކާ އެއްގޮތަށްކަމަށް ބެލެވެން ނެތުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 101/VTR/2014 މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދު
10ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HCA/131 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އާމިނަތު ޢަރޫޝާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އަންނަނިވި ތިން ނުކުތާ ހުށަހަޅާފައިވެއެވެ.
10.1- ފުރަތަމަ ނުކުތާއަކީ، އާމިނަތު ޢަރޫޝާ އާއި މިލަދޫ ކައުންސިލްގެ އިދާރާއާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަން އެ އެއްބަސްވުމަށް ބެލުމުން އެނގޭކަމަށާއި، 11 އެޕްރީލް 2012 އިން ފެށިގެން 14 އޯގަސްޓް 2014 ގައި ވަޒީފާއިން ވަކިކުރުމާ ހަމައަށް އާމިނަތު ޢަރޫޝާ އެ ވަޒީފާގައި ދެމިހުރިކަން އެނގެންހުރިކަމާއި، މިކަންކަން މިހެން ހުރުމުން، އާމިނަތު ޢަރޫޝާ އާއި މިލަދޫ ކައުންސިލްގެ އިދާރާއާ ދެމެދު ޢަމަލުކޮށްފައިވާ ގޮތުން އާމިނަތު ޢަރޫޝާ އަދާކުރަމުން ދިޔަ ވަޒީފާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އާއި (އ) ގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުގެ ދަށުން، ވަކި މުއްދަތަކަށް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައި ޤާނޫނީ ގޮތުން ބަލަން ޖެހޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10.2- ދެވަނަ ނުކުތާއަކީ، އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން ދައުލަތަށް ބުނެދެވިފައި ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10.3- ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުން، އެ މައްޗަށް ބިނާވެފައިވާ އެއްކަމެއް ގޮތުގައި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވޭ ނުކުތާގެ (ރ) ގައި ފާހަގަކޮށްފައިވަނީ، އާމިނަތު ޢަރޫޝާގެ ފަރާތުން ހުށަހަޅާފައިވާ ކައުންސިލްގެ ވަޒީފާ ދާއިމީވިކަމުގެ ލިޔުމަކީ މިލަދޫ ކައުންސިލްގެ ލިޔެކިޔުންތަކުން ފެންނަންނެތް ލިޔުމެއްކަމަށް ދައުލަތުން ބުނެފައިވާ ބުނުމުގެ މައްޗަށްކަމަށްވާއިރު، މި ލިޔުމަކީ ކައުންސިލްގެ ސިއްކަޖަހައި، ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޢަލީ ސޮއިކޮށްފައިވާ ލިޔުމެއްކަމަށާއި، މި ލިޔުން ކައުންސިލްގެ އިދާރާގައި ނެތުމަކީ އާމިނަތު ޢަރޫޝާ ކުރި ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކުން ވީކަމެއް ނޫންކަމުން، މި ލިޔުމުގެ ޞައްޙަކަން ކަށަވަރު ކުރުމަކާ ނުލައި ހައިކޯޓުން މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11އާމިނަތު ޢަރޫޝާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން އަންނަނިވި ކަންކަން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
11.1- ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) މި މައްސަލައަށް ތަޠުބީޤުކުރެވޭ ޙާލަތައް ބަލާއިރު، އާމިނަތު ޢަރޫޝާ އަދާކުރަމުންދިޔަ ވަޒީފާއަށް މުވައްޒަފަކު ހޯދުމަށްޓަކައި ކޮށްފައިވާ އިޢުލާނަކީ ވަގުތީ މުވައްޒަފެއް ހޯދުމަށް ކުރެވިފައިވާ އިޢުލާނެއްކަމަށާއި، އާމިނަތު ޢަރޫޝާ ވަޒީފާއަށް ޢައްޔަންކުރެވި ދެފަރާތުގެ މެދުގައި ސޮއިކޮށްފައިވާ ވަޒީފާގެ ބަޔާނާއި ވަޒީފާގެ އެއްބަސްވުމަށް ބަލާއިރުވެސް އެ ވަޒީފާގެ ބާވަތަކީ "ވަގުތީ" ވަޒީފާއެއްކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާކަން.
11.2- ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއްކަމަށް އެނގެން އޮތްއިރު، އަދި އެ އެއްބަސްވުމަކީ ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ނުވާއިރު، އެ އެއްބަސްވުމަށާއި ވަޒީފާގެ ބަޔާން އަދި އެ ވަޒީފާއަށް މުވައްޒަފަކު ހޯދުމަށް ކުރެވުނު އިޢުލާނަށް ރިޢާޔަތްކުރުމުން، އެ އެއްބަސްވުމުގެ މަޤްޞަދަކީ ނުވަތަ ނަތީޖާއަކީ އާމިނަތު ޢަރޫޝާ ދާއިމީ ގޮތެއްގައި އެ ވަޒީފާ އަދާކުރުންމަތީ ދެމިހުރުން ނޫންކަން ސާފުކޮށް އެނގެން އޮތުމުން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އަށް މި މައްސަލަ ތަޠުބީޤު ނުކުރެވޭނެކަން.
11.3- އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކުރެވިފައިވާ ސަބަބަކީ، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތެއް ކަމަށްވާއިރު، އެ ފަރާތަށް ވަޒީފާ ހަމަޖައްސައިދީ، އެއްވެސް އުސޫލެއް ނެތި އެ ވަޒީފާ ދާއިމީކޮށްފައިވަނީ ޤާނޫނާ ޤަވާޢިދާ ޚިލާފަށް ކަމުގައި ވާތީއާއި، އެކަން އެގޮތަށް ކޮށްފައިވަނީ މިލަދޫ ކައުންސިލްގެ މެންބަރުންނާއި ކައުންސިލް އިދާރާގައި އެއިރު މަސައްކަތްކުރި މުވައްޒަފުން ނަހަމަ ގޮތުގައި މަޤާމުގެ ބޭނުން ކޮށްގެން ކަމުގައި ބެލެވެން އޮތުމުންނާއި، އެ ކަންކަން ސާބިތުކޮށްދިނުމަށް އެ ކަންކަމާގުޅޭ ލިޔެކިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ދައުލަތުން ހުށަހަޅާފައިވާނޭކަން.
11.4- ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިދެވެނީ، އެ ވަޒީފާއަކީ ޤާނޫނީ ހަމަތަކުގެ މަތިން އެ މީހަކަށް ހަމަޖެހިފައިވަ ވަޒީފާއެއްކަމުގައި ވާނަމަކަމަށާއި، ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފެއްގެ މައްޗަށް އެ ވަޒީފާއަކާބެހޭ ޚާއްސަ ޤާނޫނާއި ޤަވާޢިދުތައް ހިނގަމުންދާނެތީ، ޤާނޫނާ ޤަވާއިދާ އެއްގޮތަށް ވަޒީފާއިން ވަކިކުރުމަކީ އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާ އަސާސީ ޙައްޤެއް ގެއްލިގެން ދިއުން ނޫންކަން.
މައުޟޫޢީ ޢަދުލުވެރިކަން
12އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކޮށްފައިވަނީ، އާމިނަތު ޢަރޫޝާ އަދާކުރަމުންދިޔަ ޕްރީ ސުކޫލް ޓީޗަރެއްގެ މަޤާމު، އާމިނަތު ޢަރޫޝާއަށް ހަމަޖައްސާފައިވަނީ، އެ މަޤާމަށް މީހަކު ހޯދުމަށް 1 މާރޗް 2012 ވަނަ ދުވަހު މިލަދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވާ ޝަރުޠު އާމިނަތު ޢަރޫޝާގެ ކިބައިގައި ފުރިހަމަވެފައިނެތީސް، އެ މަޤާމަށް އާމިނަތު ޢަރޫޝާ ހަމަޖައްސާފައިވާތީކަން އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކުރެވޭނެކަން އަންގައި 20 ޖުލައި 2014 ވަނަ ދުވަހު، އެ ކައުންސިލުން އާމިނަތު ޢަރޫޝާއަށް ފޮނުވާފައިވާ އެ ކައުންސިލުގެ ނަންބަރު 292HR/INDIV/2014/77 (20 ޖުލައި 2014) ގެ ސިޓީއިން އެނގެއެވެ.
13މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވަނީ އާމިނަތު ޢަރޫޝާ ވަޒީފާއަށްއެދި ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް 04 ގެ ސެޓްފިކެޓެއް ހުށަހަޅާފައި ނުވާކަމަށާއި، އެ ފަދަ ސެޓްފިކެޓެއް މިލަދޫ ކައުންސިލަށް އާމިނަތު ޢަރޫޝާ ހުށަހަޅާފައިވަނީ ވަޒީފާ ހަމަޖެހުނު ފަހުންކަމަށެވެ.
14HN1ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރު ކުރަންޖެހެއެވެ. މިގޮތުން، ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއިން އެނގެއެވެ.
15މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިލަދޫ ޕްރީސްކޫލަށް ވަގުތީ މުވައްޒަފެއް ބޭނުންވެގެން މިލަދޫ ކައުންސިލުގެ އިދާރާގެ ފަރާތުން އެ ކައުންސިލުގެ ނަންބަރު (I)292/2012/002 (17 މާރޗް 2012) އިޢުލާނުން ޢާންމުކޮށް އިޢުލާންކޮށްފައިވެއެވެ.
16މިލަދޫ ޕްރީސްކޫލުގެ ވަގުތީ މުވައްޒަފެއްގައި ހުންނަންޖެހޭ ފެންވަރު ނުވަތަ ޝަރުތުކަމުގައި އެ ޢިއުލާނުގައި ބަޔާންކޮށްފައިވާ ހަމައެކަނި ޝަތުޠަކީ، އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ޕްރީސްކޫލް ޓީޗިންގ އެޑްވާންސް ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތެއްކަމުގައި ވުމެވެ. މިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގައި އާމިނަތު ޢަރޫޝާ 30 ޖޫން 2014 ވަނަ ދުވަހު ސޮއިކޮށްފައިވާ މިލަދޫ ކައުންސިލް އިދާރާއަށް ދީފައިވާ ބަޔާނުގައި، 21 މާރިޗު 2012 ގައި އާމިނަތު ޢަރޫޝާ ވަޒީފާއަށް އެދި ހުށަހެޅި ތަޢުލީމީ ސެޓްފިކެޓްތަކުގެ ތެރޭގައި ލެވެލް 4 ގެ ސެޓްފިކެޓް ނުހިމެނޭކަމަށާއި، ލެވެލް 4 ގެ ސެޓްފިކެޓް ހުށަހަޅާފައިވަނީ ވަޒީފާ ހަމަޖެހުނުފަހުން ގާތްގަނޑަކަށް 01 (އެކެއް) މަސް ދުވަހުގެ ތެރޭގައިކަމަށް ބަޔާންކޮށްފައިވެއެވެ.
17މި ސެޓްފިކެޓްގެ ބަދަލުގައި އާމިނަތު ޢަރޫޝާ ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކާއެކު ހުށަހަޅާފައިވަނީ "އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޯރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް" އިން ދޫކޮށްފައިވާ 2011 ޑިސެންބަރު 08 ވަނަ ދުވަހުގެ ތާރީޚު ޖަހާފައިވާ ލިޔުމެކެވެ. މި ލިޔުމުގައި އާމިނަތު ޢަރޫޝާއަކީ "ސެޓްފިކެޓް 4 އިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން" ފުރިހަމަ ކޮށްފައިވާ ފަރާތެއްކަމަށް ބަޔާން ކޮށްފައިވެއެވެ. މި ނުކުތާ ޝަރުޢީ ހުރިހާ މަރުޙަލާއެއްގައި އާމިނަތު ޢަރޫޝާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
18އާމިނަތު ޢަރޫޝާ ފުރިހަމަކޮށްފައިވާ "ސެޓްފިކެޓް 4 އިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން" ޕްރޮގްރާމުގެ ސެޓްފިކެޓަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސެޓްފިކެޓެއްކަން ކޯސް ނިންމުމަށްފަހު ދޫކޮށްފައިވާ ސެޓްފިކެޓްގައި މޯލްޑިވިސް ކޮލިފިކޭޝަންސް އޮތީރިޓީއިން ޖަހާފައިވާ ތައްގަނޑުން އެނގެއެވެ. އަދި މި ސެޓްފިކެޓުން މި ޕްރޮގްރާމު ހިންގާފައިވަނީ ވަޒީފާއަށްއެދި ހުށަހެޅުމުގެ ކުރިން 2010 އޮގަސްޓް މަހުން ފެށިގެން 2011 ސެޕްޓެމްބަރ ގެ ނިޔަލަށް ކަންވެސް އެނގެއެވެ.
19HN2ޕްރީ ސުކޫލު ޓީޗަރުކަމުގެ ވަޒީފާއަށް އެދި ކޯސް ނިންމި ކަމުގެ ލިޔުމާއެކު އާމިނަތު ޢަރޫޝާ މިލަދޫ ކައުންސިލަށް ހުށަހެޅި ހުށަހެޅުން އިޢުލާނުގައިވާ ޝަރުޠު ފުރިހަމަ ނުވާކަމުގައި ނިންމައި ބަލައި ނުގަތުމުގެ އިޚްތިޔާރު މިލަދޫ ކައުންސިލަށް ލިބިފައި ވީނަމަވެސް، އެ އިޚްތިޔާރުގެ ބޭނުން ނުހިފައި އެ ކައުންސިލުން ބަލައިގަނެ އާމިނަތު ޢަރޫޝާއަށް ވަޒީފާ ހަމަޖައްސައިދީފައިވެއެވެ. މިހެންވުމުން، އިޢުލާނުގައި ބުނެފައިވާ ލެވެލްގެ ސެޓްފިކެޓެއް ހުށަހަޅާފައި ނެތް ނަމަވެސް، އާމިނަތު ޢަރޫޝާއަކީ އެ ލެވެލްގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ ފަރާތެއްގެ ގޮތުގައި ކައުންސިލުން ގަބޫލުކުރީ ކަމުގައި ބަލަންޖެހެއެވެ. އަދި ފަހުން އެ ކޯސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އެ އިދާރާއަށް ހުށަހަޅުމުން ކުރީގެ ލިޔުމަށް ބާރުލިބި، އާމިނަތު ޢަރޫޝާއަކީ އިޢުލާނުގައި ބުނެފައިވާ ތަޢުލީމީ ފެންވަރު ހުރި ފަރާތެއްކަން އިތުރަށް ކަށަވަރުވެގެން ދެއެވެ.
20ކަން މިހެން އޮތުމުން، އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ނުބެލެވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކޮށްފައިނުވެއެވެ.
ވަޒީފާގެ މުއްދަތު
21އާމިނަތު ޢަރޫޝާ އާއި މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާއާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމަށާއި 11 އެޕްރީލް 2012 އިން ފެށިގެން 14 އޯގަސްޓް 2014 އާ ހަމައަށް އާމިނަތު ޢަރޫޝާ އެ ވަޒީފާގައި ދެމިހުރިކަމަށާއި، އާމިނަތު ޢަރޫޝާ އާއި މިލަދޫ ކައުންސިލްގެ އިދާރާއާ ދެމެދު ޢަމަލުކޮށްފައިވާ ގޮތުން އާމިނަތު ޢަރޫޝާ އަދާކުރަމުން ދިޔަ ވަޒީފާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އާއި (އ) ގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުގެ ދަށުން، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭކަމަށް އާމިނަތު ޢަރޫޝާ ދެކެއެވެ.
22ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކުރާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވަނީ، "ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމުލަ މުއްދަތު ދެ އަހަރަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތުން، އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫން ކަމުގައި ބަލަންޖެހޭނެއެވެ." މިފަދައިންނެވެ.
23މީގެ އިތުރުން 13 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައިވަނީ، "ވަކިމުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މަޤުޞަދަކީ ނުވަތަ ނަތީޖާއަކީ ވަޒީފާއަދާކުރާ ތާނގައި އާދައިގެމަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް، ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުން ކަމުގައިވާނަމަ، އެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބަލަންޖެހޭނެއެވެ." މި ފަދައިންވެ.
24ބުނެވިދިޔަ އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު، އާމިނަތު ޢަރޫޝާގެ ވަޒީފާގެ އެއްބަސްވުމުގައި އެ ވަޒީފާއަކީ ވަގުތީ ވަޒީފާއެއްކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ މުއްދަތެއް ބަޔާންކޮށްފައި ނުވެއެވެ. އަދި އެއްބަސްވުމުގެ ބޭރުންވެސް ދެ ފަރާތުގެ ޢަމަލުން ނުވަތަ އެނޫން ގޮތަކުންވެސް އާމިނަތު ޢަރޫޝާ އަދާކުރަމުންދިޔަ ވަޒީފާއަކީ، ދާއިމީ ސިފައެއްގައި ވަޒީފާގައި ނުހުރެވޭނެ ވަޒީފާއެއްކަން ދޭހަވާ ކަމެއް މި މައްސަލައިގެ ވާޤިޢާތަކުން ފާހަގަ ނުކުރެވެއެވެ.
25HN3ކަންމިހެން އޮތްއިރު، ވަޒީފާގެ އެއްބަސްވުމުގައި، އެ ވަޒީފާއަކީ ވަގުތީ ވަޒީފާއެއްކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ވަގުތީ ވަޒީފާގެ މުއްދަތެއް ކަނޑައަޅާފައި ނުވެއެވެ. ވުމާއެކު މިއީ، ވަޒީފާއާބެހޭ ޤާނުނުގެ 13 ވަނަ މާއްދާގެ (ކ) އާއި (އ) ގައި ބަޔާންކޮށްފައިވާ ކަންކަން، އާމިނަތު ޢަރޫޝާއާއި މިލަދޫ ކައުންސިލާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މައްޗަށް ހިނގާނެ ހާލަތެއް ނޫނެވެ.
26ވާހަކަ ދެކެވޭ ވަޒީފާގެ އެއްބަސްވުމުގައި، ވަޒީފާގެ މުއްދަތެއް ކަނޑައަޅައި، ވަގުތީ ގޮތުން ވަޒީފާއެއްގައި ގެންގުޅޭ ވަގުތީ މުއްދަތު ކަމުގައި 03 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާއިން ލިބިދެވޭ އިޚްތިޔާރުގެ ބޭނުން މިލަދޫ ކައުންސިލުން ހިފިނަމަ، ނުވަތަ ވަޒީފާއާބެހޭ ޤާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުންތަކުގެ ދަށުން ވަޒީފާއަދާ ކުރާ ފަރާތްތަކަށް މުސާރަ ދިނުމާއި ނޯޓިސް ދިނުންފަދަ ކަންކަމުގައި ދީފައިވާ އިޚްތިޔާރެއްގެ ބޭނުން ހިފާފައިވީނަމަ، އެކަމުގެ މައްޗަށް ނުކުންނާނެ ޤާނޫނީ ނަތީޖާ ތަފާތުވީހެވެ.
އިޖުރާއީ ޢަދުލުވެރިކަން
27HN4ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ މުއްދަތު ކަނޑައަޅާފައި ނުވުމުގެ މައްޗަށް ތަރުތީބުވެގެން އަންނަ އެއް ނަތީޖާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާ ދިން ފަރާތުން ވަކިކުރެވޭ މުވައްޒަފަށް އެ މާއްދާގައިވާ ފަދައިން ނޯޓިސް ދިނުމެވެ. ނުވަތަ އެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިހުގެ މުއްދަތަށްޖެހޭ ފައިސާ ދިނުމެވެ.
28މި އުސޫލުތައް މި މައްސަލައިގެ ވާޤިޢާތަކަށް ތަޠުބީޤުކުރާއިރު، އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކުރުމުގައި، މިލަދޫ ކައުންސިލުން އާމިނަތު ޢަރޫޝާއަށް ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދިނުން ލާޒިމު ނޯޓިހެއް ދީފައިނުވެއެވެ. ނުވަތަ ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިހުގެ މުއްދަތަށްޖެހޭ ފައިސާވެސް އާމިނަތު ޢަރޫޝާއަށް ލިބިދީފައިނުވެއެވެ.
29ވުމާއެކު މި މައްސަލައިގައި އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވެއެވެ.
ވަޒީފާ ދާއިމީ ކުރިކަމުގެ ޗިޓު
30އާމިނަތު ޢަރޫޝާގެ ވަޒީފާ ދާއިމި ވެފައިވާކަން އަންގައި ދިނުމުގެ ގޮތުން "ވަޒީފާ ދާއިމީކުރެއްވި ޗިޓް" ގެ ނަމުގައި މިލަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 292/2012/003 (15 ޖުލައި 2012) ޗިޓް އާމިނަތު ޢަރޫޝާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ. ނަމަވެސް މި ޗިޓަކީ އެ ކައުންސިލްގެ ލިޔެކިޔުންތަކުން ފެންނަން ނެތް ލިޔުމެއްކަމުގައިވާތީ މި ލިޔުމަކީ ޞައްޙަ ލިޔުމެއް ނޫންކަމުގައި ދައުލަތުގެ ފަރާތުން ބުނެއެވެ.
31HN5ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ މުއްދަތު ކަނޑައަޅާފައި ނުވާނަމަ، އަދި ދެ ފަރާތުގެ ޢަމަލުން އެ ވަޒީފާއަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާއެއްކަން ދޭހަނުވާނަމަ، އެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއް ކަމުގައި ބަލަންޖެހޭނެއެވެ. މި ހާލަތުގައި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ނުވަތަ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއެއްކަމުގައި ބެލުމަށް އިތުރު ހެއްކެއް ބޭނުންވާނެ ކަމަކަށް އަހުރެން ނުދެކެމެވެ. އެހެނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ވަރަށް ތަފުސީލުކޮށް ވަޒީފާގެ އެއްބަސްވުމުގައި، މުއްދަތު ކަނޑައެޅުމާބެހޭ އުސޫލުތަކާއި އިފްތިރާޟުތައް ބަޔާންކޮށް، އެކަންކަމުގެ މައްޗަށް އަންނާނެ ނަތީޖާތައް ބަޔާން ކުރުމުގެ މަޤުޞަދަކީ، ވަޒީފާގެ އެއްބަސްވުމަށް ޢަމަލު ކުރަން ފަށާއިރު، ވަޒީފާގެ އެންމެހައި ކަންކަން ދެ ފަރާތަށްމެ ސާފުވެފައި އޮތުމެވެ.
32ކަންމިހެން އޮތުމުން ވަޒީފާ ދާއިމީ ކުރިކަމަށް ދަލާލަތު ކޮށްދިނުމަށް ވަޒީފާ ދާއިމީ ކުރި ޗިޓަކީ ވާހަކަ ދެކެވޭ ވާޤިޢާއާ ގުޅުން ހުރި (Relevant) ހެއްކެއް ކަމުގައި އަހުރެން ނުދެކެމެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދީފައިވާ ޙައްލު
33އާމިނަތު ޢަރޫޝާ މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އެދިފައިވަނީ އޭނާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދީފައިވާ ޙައްލު އެ ގޮތުގައި ދަމަހައްޓައި ދިނުމަށެވެ.
34ޓްރައިބިއުނަލުން އާމިނަތު ޢަރޫޝާއަށް ދިފައިވާ ޙައްލަކީ މިލަދޫ ޕްރީ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާއިން 14 އޯގަސްޓް 2014 ގައި ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމުގައިވާތީ، އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ހުރި ވަޒީފާގައި ދެމެހެއްޓުމަށާއި އާމިނަތު ޢަރޫޝާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އާމިނަތު ޢަރޫޝާއަށް ލިބެންޖެހޭ ފައިސާ އެކީ އެއްފަހަރާ ދިނުމަށެވެ.
ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙައްލުތައް
35HN6ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހަޅާ ފަރާތަކަށް ތިން ބާވަތެއްގެ ޙައްލު ދިނުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެއީ:
35.1- އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން؛ ނުވަތަ
35.2- މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ
35.3- ބަދަލު ދިނުން. މިއެވެ.
36HN7މައްސަލަ ހުށަހަޅާ ފަރާތަކަށް މިއިން ޙައްލެއް ޓްރައިބިއުނަލަށް ހޯދައި ދެވޭނީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލުގައި ސާބިތުވެއްޖެ ނަމައެވެ.
37HN8ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އިން އެނގެނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުން ކަމެވެ. މި މާއްދާގައި މި ބުނާ އަސާސީ ޙައްލުގެ މާނަ އަކީ އިސްތިސްނާއީ ޙާލަތެއް ނެތްނަމަ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުމެވެ. ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށެވެ.
38HN9HN10ވަޒީފާއިން ވަކިކުރިއިރު މުވައްޒަފު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އެންގުމުގެ އަމުރަކީ އަދާލަތުގެ ޙައްލެއް (Equitable remedy) ކަމުގައިވާ، ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރާ(Specific performance) އެއް ސިފައެއްގެ އަމުރެކެވެ. އެހެންކަމުން އަދާލަތުގެ ޙައްލެއް ކަމުގައިވާ، ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރާ އެއް ފަދައިން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ބައެއް ޙާލަތްތަކެއް ހުންނާނެއެވެ. އެކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގެ ފަހު ޖުމްލައިން ސާފުކޮށް އެނގެއެވެ. އެހެންކަމުން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އަމުރެއް ނެރުމުގެ ކުރިން އެ އަމުރެއް ނެރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބަލަންވާނެއެވެ.
39HN11އިސްވެ މި ބަޔާންކުރި ފަދައިން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާފާނޭ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން ނެތް ކަމަށް ބެލެވިދާނެ ބައެއް ޙާލަތްތައް ތިރީގައި މިވަނީއެވެ.
39.1- އަނބުރާ އިޢާދަ ނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން؛
39.2- ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާ ދިނުމަށް އަމުރުކުރާ ތާރީޚާދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން؛
39.3- ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން؛
39.4- ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ޙާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން.
40HN12ހަމަ އެގޮތަށް، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ބާރު އަޅާ ޙާލަތްތައް ވެސް އެ މައްސަލައެއްގައި ހުރެދާނެއެވެ. އެފަދަ ބައެއް ޙާލަތްތަކަކީ:
39.1- މުވައްޒަފުކުރި ޣައިރު ސުލޫކީ އަމަލަކީ އެފަދަ ފުރަތަމަ އަމަލުކަމަށްވެފައި، އެ ޙާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ޙައްލަކީ އެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ޙާލަތްތައް؛
39.2- އެ ވަޒީފާއަށް އެ މުވައްޒަފު ރުޖޫއަ ނުކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ މުވައްޒަފުގެ ހުރި ޚާއްޞަ ޙާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަޙީލު ކަމަކަށް ވުން؛
39.3- ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަ ނުކޮށްފިނަމަ، އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުން ކަމަށް ދޭހަވާނޭ ޙާލަތްތައް.
41މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އާމިނަތު ޢަރޫޝާއަށް ފޯރުކޮށްދީފައިވާ ވަޒީފާ ރުޖޫޢަކޮށްދިނުމުގެ ޙައްލަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ ޙައްލެވެ. މި ޙައްލު އެ ގޮތުގައި ދެމެހެއްޓޭނެކަން ނުވަތަ ނޫންކަން ބެލުމުގެ ގޮތުން މި ރައުޔުގެ 39 ވަނަ ޕެރެގްރާފްގައިވާ ވަޒީފާއަށް ރުޖޫޢަ ކުރުމަށް ހުރަސް އަޅާފާނެ ނުވަތަ ވަޒީފާއަށް ރުޖޫޢަކުރުމަކީ ޢަމަލީ ގޮތުން ކުރެވެން ނެތްކަމަށް ބެލެވިދާނެ ހާލަތްތަކާއި، 40 ވަނަ ޕެރެގްރާފުގައިވާ ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރުއަޅާ ޙާލަތްތައް އަޅައި ކިޔާއިރު، ތިރީގައިވާ ސަބަބުތަކަށްޓަކައި، އާމިނަތު ޢަރޫޝާގެ ވަޒީފާ ރުޖޫޢަ ކުރަންޖެހޭކަމުގައި އަހުރެން ދެކެމެވެ.
40.1- މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލާއިރު، އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ކުރި ކުށެއް ނުވަތަ ކުރިމަތި ކުރުވި ކަމެއް އޮވެގެން ނުވަތަ އޭނާގެ ކިބައިން ޣައިރު ސުލޫކީ ޢަމަލެއް ފާހަގަ ކުރެވިގެން އެކަމުގެ މައްޗަށް އެޅި ފިޔަވަޅެއްގެ ސަބަބުންނެއް ނޫނެވެ. މި ޙާލަތަކީ ވަޒީފާއާބެހޭ ޤާނޫނާއި، ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، އާމިނަތު ޢަރޫޝާގެ ވަޒީފާގެ މުއްދަތުގައި އޭނާއާމެދު ފިޔަވަޅެއް އެޅިގެންވާނެ ޙާލަތެއް ކަމުގައިނުވާތީ، މި ހާލަތުގައި އޭނާ އެހުރި މަޤާމުގައި އެ ގޮތުގައި ދެމިހުންނަން ޖެހޭނެއެވެ.
40.2- މި މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި އިތުބާރު ގެއްލޭފަދަ ކަންތައްތަކެއް ފާހަގަ ކުރެވިފައިނުވެއެވެ. އަދި އާމިނަތު ޢަރުޝާގެ މައްޗަށް އިތުބާރެއް ނެތްކަމުގައި ބުނެ އެ ފަދަ ކަމެއް މިލަދޫ ކައުންސިލުގެ ފަރާތުން ފާހަގަ ކޮށްފައި ނުވެއެވެ.
40.3- އާމިނަތު ޢަރޫޝާ އަދާކުރަމުންދިޔަ ވަޒީފާއަށް ބަލާއިރު، އެ ވަޒީފާއަކީ ވަޒީފާއަދާ ކުރާފަރާތުގެ ކިބައިގައި ތަޢުލީމީ ގޮތުން ވަކި ފެންވަރެއް ހުރުން ލާޒިމު ވަޒީފާއަކަށްވެފައި، އެ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ އެހެން ވަޒީފާއެއް އާމިނަތު ޢަރޫޝާ ވަޒީފާ އަދާކުރަމުންދިޔަ ރަށުން ލިބުމުގެ ފުރުސަތަކީ ހަނި ފުރުސަތެކެވެ.
40.4- އާމިނަތު ޢަރޫޝާ ވަޒީފާއިން ޤާނޫނާ ޚިލާފަށް ވަކި ކޮށްފައި މިވަނީ ދައުލަތުގެ އިދާރާއަކުންނެވެ. މި ހާލަތުގައި ވަޒީފާއިން ވަކިކުރި ފަރާތަކީ، ވަޒީފާއިން ވަކި ކުރިފަހުން ގިނަ ދުވަސްތަކެއް ހޭދަވި ނަމަވެސް، އަލުން ވަޒީފާ އުފައްދައިގެން ނަމަވެސް ވަޒީފާ ދިނުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައި ދެކެމެވެ. ވުމާއެކު މިހާލަތުގައި ވަޒީފާއިން ވަކިކުރި ފަހުން ގިނަ ދުވަސް ހޭދަވެފައިވުމަކީ ވަޒީފާއަށް އިޢާދަކުރުމަށް އެ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާއެއް ދިނުމަށް ހުރަސްއަޅާ ސަބަބެއް ނޫނެވެ.
40.5- އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒީފާއިން މީހަކު ވަކިކުރުމުގައި އޮންނަ އިޖުރާއަތުގެ ބޭރުންނެވެ. މި ހާލަތުގައި ވަޒީފާ ރުޖޫޢަނުކުރުމަކީ އެ އެކަށީގެންނުވާ އަމަލު ބަލައިގަތުން ކަމުގައިވާނެއެވެ. މީގެ އިތުރަށް އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަށް ލިބެންވާނެކަމަށް ޤާނޫނުގައި ބަޔާންކުރާ އަސާސީ ޙައްޤުން އާމިނަތު ޢަރޫޝާ މަޙުރޫމު ކުރުން ކަމުގައިވާނެއެވެ.
42HN13ކުރިން ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ވަޒީފާ ރުޖޫޢަކުރުމުގެ ޙައްލަކީ، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްލު ކަމުގައި ވީނަމަވެސް، ޢަމަލީ ގޮތުން އާމިނަތު ޢަރޫޝާގެ ވަޒީފާ ރުޖޫޢަ ނުކުރެވިއްޖެ ޙާލަތެއްގައި އާމިނަތު ޢަރޫޝާ އަދާކުރި ވަޒީފާއާ އެއްފެންވަރެއްގެ ވަޒީފާއެއް ދިނުމަކީ ޢަދުލުވެރި ހައްލެއް ކަމުގައި ދެކެމެވެ.
ޓްރައިބިއުނަލުން ނަގައިދީފައިވާ ބަދަލުގެ މިންވަރު
43ވަޒީފާއާބެހޭ ޓްރައިބިއުނަލުން އާމިނަތު ޢަރޫޝާއަށް ފޯރުކޮށްދީފައިވާ ޙައްލުގެ ތެރޭގައި ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އާމިނަތު ޢަރޫޝާއަށް ލިބެންޖެހޭ ފައިސާ އެކީ އެއްފަހަރާ އާމިނަތު ޢަރޫޝާއަށް ދިނުން ހިމެނެއެވެ. މިފަދައިން ފައިސާގެ ޢަދަދެއް ނަގައިދީފައި މިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގެ ދަށުން ކަމުގައި ބުރަވެއެވެ. އެހެނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގައި ބަދަލު ނަގައި ދިނުމުގެ އުސޫލެއް ބަޔާންވެފައި ނުވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގެ ދަށުން ޢަދުލުވެރި ބަދަލެއްގެ ގޮތުގައި ފައިސާގެ މިންވަރެއް ނެގުމުގައި ރިޢާޔަތް ކުރެވިދާނެ ކަންކަން އެ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންވެފައިވެއެވެ.
44HN14ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގެ ދަށުން ޢަދުލުވެރި ބަދަލެއްގެ ގޮތުން ފައިސާ ދިނުމުގައި ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒިފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް މުވައްޒަފަށް ހައްޤުވާ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމުގައި، ހަމައެކަނި އެ މުއްދަތަށް ބެލުމަކީ އެންމެ އިންސާފުވެރި ގޮތްކަމުގައި ނުދެކެމެވެ. އެހެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތަކަކީ، އެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ޤާނޫނުގައިވާ ގޮތުގެ މަތިން އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިގެންވާ ނިންމުންތަކެއް ކަމުގައިވާއިރު، އިސްތިއުނާފީ މަރުޙަލާއަކީވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުޙަލާއެކޭ އެއްފަދައިން މައްސަލައާމެދު ގޮތެއް ނިންމުމުގައި ހޭދަވާ ޤާނޫނު ހުއްދަކުރާ މަރުޙަލާއެކެވެ.
45HN15ކަންމިހެން ހުރުމުން މީގެ ކުރިން މި މައުޟޫޢުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ރުޖޫޢަވާން ގަސްތުކުރަމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގެ ދަށުން ބަދަލު ކަނޑައެޅުމުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގެ 27 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އުސޫލު އަހުރެން ބަލައިގަންނަމެވެ. އެ މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ނިންމަވާފައިވަނީ، އެ މައްސަލައިގައި ވަޒީފާއިން ވަކިކުރެވުނު މުޙައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ، މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމަކާ ނުލައި ކަމުގައިވާތީ، އޭނާއަށް 06 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރައަށްވާ ފައިސާ ލިބިދިނުމަށް ފެންނަ ކަމަށެވެ.
46އަހުރެންގެ ކުރިމަތީގައި މި އޮތް މައްސަލައިގައި، އާމިނަތު ޢަރޫޝާވެސް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމަކާ ނުލައި ކަމުގައިވާތީ، އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މި މައްސަލަ ޓްރައިބިއުނަލުން ނިންމުމާ ހަމައަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެކީ އެއްފަހަރާ ލިބިދިނުމުގެ ބަދަލުގައި، އާމިނަތު ޢަރުޝާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރިއިރު، އޭނާއަށް ލިބެމުންދިޔަ އަސާސީ މުސާރަ، 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ލިބި ދިނުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގެ ދަށުން ނަގައިދެވޭނެ ޢަދުލުވެރި ބަދަލެއް ކަމުގައި އަހުރެން ދެކެމެވެ.
47ކަންމިހެން ހުރުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އާމިނަތު ޢަރޫޝާއަށް ފޯރުކޮށްދީފައިވާ ވަޒީފާ ރުޖޫޢަކުރުމުގެ ޙައްލަށް އަހުރެން ތާއީދުކުރަމެވެ. އަދި ޓްރައިބިއުނަލުން ނަގައިދީފައިވާ ފައިސާގެ މިންވަރުގެ ބަދަލުގައި އާމިނަތު ޢަރޫޝާ ވަޒީފާއިން ވަކިކުރިއިރު، ލިބެމުންދިޔަ އަސާސީ މުސާރަ، 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ލިބި ދިނުމަކީ ޢަދުލުވެރި ބަދަލެއް ކަމުގައި އަހުރެން ދެކެމެވެ.
48އަދި މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
49މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
50މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HCA/131 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ނ. މިލަދޫ ޕްރީ ސްކޫލުގައި އާމިނަތު ޢަރޫޝާ އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމުގައި ކަނޑައަޅައި މިއަދު (01 އޭޕްރިލް 2021) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އާމިނަތު ޢަރޫޝާ އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާއެއް މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލުން އާމިނަތު ޢަރޫޝާއަށް ހަމަޖެއްސުމަށާއި، އާމިނަތު ޢަރޫޝާއަށް ވަޒީފާއިން ވަކިކުރިއިރު، ލިބެމުންދިޔަ އަސާސީ މުސާރަ 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް އާމިނަތު ޢަރޫޝާއަށް ދިނުމަށް، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު
މަޙާޒު ޢަލީ ޒާހިރު
ޙުސްނުއްސުޢޫދު
(ރިޔާސަތު)
ފުޓްނޯޓު
- މިލަދޫ ކައުންސިލްގެ ނަންބަރު 292HR/INDIV/2014/77 (20 ޖުލައި 2014) ގެ ސިޓީ
- ޤާނޫނު ނަންބަރު 2/2008
- ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ތިންވަނަ ނުކުތާ (ނ)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 101/VTR/2014 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04 ވަނަ ނުކުތާ، 09 ވަނަ ޞަފުޙާ
- ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 24 ޖުލައި 2014 ގައި އަދި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 28 ސެޕްޓެމްބަރ 2016 ގައި އާމިނަތު ޢަރޫޝާގެ ފަރާތުން ހުށަހަޅާފައިވާ ބަޔާން
- މިއީ ޤާނޫނު ނަންބަރު 14/2008 (ވަޒީފާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ން މި އަކުރު އިސްލާހު ކޮށްފައިވާ ގޮތެވެ. މި އިސްލާހަށް ޢަމަލު ކުރަން ފަށާފައިވަނީ މި އިޞްލާޙު ތަޞްދީޤު ކުރެވުނު ދުވަސްކަމުގައިވާ 13 އޮކްޓޯބަރ 2008 ގައެވެ.
- މިނުކުތާގެ ދަށުން މި ފާހަގަ ކުރަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SCA/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް) އަދި 2018/SCA/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ގައި ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔުގައި (މައްސަލައިގައި ހިމެނުނު އެހެން ފަނޑިޔާރުންގެ ތާއީދާއެކު) ފާހަގަކުރައްވާފައިވާ ކަންކަން ސުޕްރީމް ކޯޓުގެ ނަންބަރު 2017/SCA/14 ޤަޟިއްޔާ (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް) ގައިވެސް ފަނޑިޔާރުން ފާހަގަ ކުރައްވާފައިވެއެވެ.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)
- [2021] SC 07
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.