ސަން މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ސާމިރު ސަޢީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 194/VTR/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން (194/VTR/2020)، އަނގަބަހުން ދިން ނަޞޭޙަތް ލިޔުމަށް ތިރިކޮށްފައި ނުވާތީ އިޞްލާޙީ ފިޔަވަޅެއް އަޅާފައިނުވާކަމަށާއި މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައަޅައި، ވަޒީފާއަށް ރުޖޫޢަކުރުމަށާއި ވަކިކުރި ތާރީޚުން ވަޒީފާ ހަމަޖެހޭ ތާރީޚާ ހަމައަށް އުޖޫރަ ދިނުމަށް (ނޯޓިސްއާއި ޗުއްޓީގެ ފައިސާ އުނިކޮށް) ނިންމިއެވެ.
- ވާޤިޢާ
- ކުންފުނީގެ މެނޭޖަރ، އެޑްމިން އެންޑް އެޗް.އާރު މަޤާމުގައި ހުރި މުވައްޒަފަކު، މަސައްކަތަށާއި ޙާޟިރީއަށް ފަރުވާކުޑަކުރުމުން އަނގަބަހުން ނަޞޭޙަތްދިނުމަށްފަހުވެސް އިޞްލާޙު ނުވާތީ ކަމަށް ބުނެ، ނޯޓިސްގެ ބަދަލުގައި މުސާރަ ދީގެން ވަޒީފާއިން ވަކިކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރި މުވައްޒަފު ވަޒީފާއަށް ރުޖޫޢަކުރުމަށް އަމުރުކުރުމުގައި އެކަމަށް ހުރަސްއަޅާ ޙާލަތްތަކަށް ރިޢާޔަތްކުރެވިފައިވޭތޯއާއި، ޙާޟިރީ ރިޕޯޓު ހެއްކެއްގެ ގޮތުގައި ވަޒަން ނުކުރުން ރަނގަޅުތޯއާއި، ވަކިކުރި ތާރީޚުން ވަޒީފާ ހަމަޖެހޭ ތާރީޚާ ހަމައަށް މުސާރަ ދިނުމަށް ނިންމުމުގައި ގެއްލުން ކުޑަކުރުމުގެ ޒިންމާއަށް ރިޢާޔަތްކުރަންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތަކަށް (ކުދި ކުންފުންޏަކަށްވުން، އެހެން މީހަކު ނެގުން، ކޮވިޑްގެ މާލީ ޙާލަތު، އިތުބާރު ގެއްލުން) ރިޢާޔަތްނުކުރާކަމަށާއި، ޙާޟިރީ ރިޕޯޓަށް ރިޢާޔަތްނުކުރުމަކީ ހެއްކާބެހޭ ޤާނޫނާ ޚިލާފުކަމަށާއި، ގެއްލުން ކުޑަކުރުމުގެ އުޞޫލަށް ރިޢާޔަތްނުކޮށް މުސާރަ ދިނުމަށް ނިންމިކަމަށާއި، ދަޢުވާގައި އެދިފައިނުވާ ގޮތަކަށް ނިންމިކަމަށެވެ. މުވައްޒަފު ބުނީ މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމްނުކޮށް ވަކިކުރިކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކުންފުނިން ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތެއް ސާބިތުކޮށްދީފައިނުވާތީ، އަދި ތަޙުޤީޤެއް ނުކުރެވި އިޞްލާޙީ ފިޔަވަޅަކުން ރަނގަޅުކުރެވިދާނެ ފަރުވާކުޑަކަމުގެ ކަންތައްތަކުން އިތުބާރު މުޅިން ގެއްލިފައިނުވާތީ ރުޖޫޢަކުރުމަށް ހުރަސެއް ނެތެވެ. ޙާޟިރީ ރިޕޯޓަކީ ޓްރައިބިއުނަލުގެ އެދުމުގެ މަތިން ހުށަހެޅި ލިޔުމެއް ކަމުން، ކުންފުނިން ހެއްކެއް ނުވަތަ ދިފާޢެއްގެ ގޮތުގައި ހުށަހެޅި ލިޔުމެއް ނޫނެވެ. ގެއްލުން ކުޑަކުރުމުގެ ޒިންމާ އަދާކުރިކަން ސާބިތުކުރުމަކީ މުވައްޒަފުގެ ޒިންމާ ކަމުން، ބަދަލުން އުނިނުކުރުމަކީ ގޯހެއް ކަމަށް ފެނި، މުވައްޒަފު ހައިކޯޓުގައި އެދުނު 3 މަހުގެ އުޖޫރަ ދިނުމަށް ނިންމިއެވެ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި: ވަޒީފާ އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް އުޖޫރަ ދިނުމަށް ޓްރައިބިއުނަލުން ނިންމި ބައި ބާޠިލުކޮށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 3 މަހުގެ އުޖޫރަ (30,900 ރުފިޔާ) ދިނުމަށް ކަނޑައެޅި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން، ވަޒީފާއިން ވަކިކުރި އިރު މުވައްޒަފު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް އެންގުމުގެ އަމުރަކީ އަދާލަތުގެ ޙައްލެއް ކަމުގައިވާ، ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރާ އެއް ސިފައެއްގެ އަމުރެކެވެ. އެހެންކަމުން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް އަމުރެއް ނެރުމުގެ ކުރިން އެ އަމުރެއް ނެރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫޢަކުރުމަކީ ޢަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބަލަންވާނެއެވެ.
HN2 ވަޒީފާ އިޢާދަކުރުމަށް ހުރަސް އެޅެނީ ތަނުގެ މަޤާމު އުވާލުން / މަސައްކަތް ހުއްޓާލުން ފަދަ ބޮޑެތި ބަދަލުތައް އައުމުން ކަމުގައި ބެލެވެއެވެ. ވަޒީފާއިން ވަކިކުރި މުވައްޒަފުގެ ބަދަލުގައި މުވައްޒަފެއް ނެގުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ހުރަސް އެޅޭ ފަދަ ކަމެއްގެ ގޮތުގައި މުޠުލަޤަށް މާނަކުރާނަމަ، އެކަށީގެންވާ ސަބަބެއް ނެތި، މުވައްޒަފުން ވަކިކޮށް ބަދަލުގައި އެހެން މުވައްޒަފުން ނެގުމުގެ ނުރަނގަޅު ދޮރެއް ހުޅުވިގެންދާނެ ކަމެކެވެ. އެހެންނަމަވެސް، ތަނުގެ އޮނިގަނޑު އޮތް ގޮތާއި މާލީ ޙާލަތާއި ގުޅުވައި އެކަށީގެންވާ ސަބަބެއް އޮތްނަމަ އެކަމަށް ރިޢާޔަތްކޮށް މިއީ ވަޒީފާ އަނބުރާ އިޢާދަކުރުމަށް ހުރަސްއެޅިދާނެ ފަދަ ކަމެކެވެ.
HN3 ވަޒީފާ ދޭފަރާތުން ވަކާލާތުކުރާނީ ވަކިކުރެވިފައިވާ މުވައްޒަފުގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމަށް ކަމުގައިވީ ހިނދު، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމުގެ ހަގީގަތް ވަރަށް ފަރުވާތެރިކަމާއެކު ވަޒަންކޮށް، އެ ބުނާ ބުނުމަކީ ބުއްދީގެ ހަމަތަކުގެ މަތިން ދެކޮޅުޖެހޭ، ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާ ކޮށްގެން ބުނާ ބުނުމެއްތޯ ބަލަންވާނެއެވެ. ވަޒީފާއިން ވަކިކުރާ މުވައްޒަފަކު އަލުން ވަޒީފާއަށް ނެގުމަށް ވަޒީފާދޭ ފަރާތުން ފަސްޖެހޭ ފަސްޖެހުމަކީ ވަޒީފާއަށް ރުޖޫއަ ނުކުރަންޖެހޭ މަގުބޫލު އުޒުރެއް ނޫނެވެ. އަދި އެގޮތަށް ފަސްޖެހޭ ފަސްޖެހުމަކީ ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ ގުޅުމުގެ އިތުބާރު މުޅިގެން ގެއްލިފައިވާ ކަމަށް ބަލަންޖެހޭ ސަބަބެއްވެސް ނޫނެވެ.
HN4 މުވައްޒަފު މަސައްކަތަށް ފަރުވާތެރިނޫން ކަމަށް ހެކިވެރިން ފާހަގަކޮށްފައިވީނަމަވެސް، އެކަންތައްތަކަކީ އިދާރީ ތަޙްޤީޤެއްކޮށް އެކަމާމެދު ބަހެއް ބުނުމުގެ ފުރުސަތު މުވައްޒަފަށް ލިބިފައިވާ ކަންތައްތަކެއް ނޫންނަމަ، އަދި އެއީ މުވައްޒަފުގެ އިތުބާރަށް ފުން ލޮޅުމެއް އަންނަ މިންވަރުގެ ފާޅުވެގެންވާ ބޮޑު ޣައިރުސުލޫކީ ކުށްތަކެއް ނޫން، އެކަށީގެންވާ ގޮތެއްގައި އިސްލާޙީ ފިޔަވަޅު އެޅުނު ނަމަ ރަނގަޅުކުރުމުގެ ފުރުސަތު ލިބޭނެ ކަންތައްތަކެއް ކަމުގައިވާނަމަ، އެ ހެކިބަހުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމުގައި ބަލައި ވަޒީފާ އިޢާދަކުރުމަށް ހުރަސް އެޅޭކަމުގައި ނުބެލެވެއެވެ.
HN5 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެދުމުގެ މަތިން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުމަކީ ފަރާތަކުން ވަކި ކަމެއް ސާބިތުކުރުމަށް ހުށަހެޅި ހެއްކެއް ނޫން ކަމުން، އަދި އެ ލިޔުމަށް ރިޢާޔަތްކޮށް ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސްއެޅޭ ކަމަށް ބުނެ ދަފުޢެއް ޓްރައިބިއުނަލް މަރުޙަލާގައި ފާހަގަކޮށްފައިނުވާނަމަ، އެ ލިޔުން ހެއްކެއްގެ ގޮތުގައި ވަޒަންނުކުރި ނުކުރުމަށް އިސްތިއުނާފު މަރުޙަލާގައި ގޮތެއް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.
HN6 ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން އަމުރުކުރާއިރު، އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި ޢިނާޔަތްތައް އެ ޓްރައިބިއުނަލުން ނުވަތަ އެކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ދޭން އަމުރު ކުރުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، މުޅި މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ.
HN7 ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުގެ މައްޗަށް ގެއްލުން ކުޑަކުރުމުގެ ޒިންމާއެއް އޮތްކަމަށާއި، އެބައި އުނިކޮށްދިނުމަށް ވަޒީފާދޭ ފަރާތުން އެދިފައިވާ ޙާލަތުގައި، ޒިންމާ އަދާކުރިކަން ނުވަތަ ނޫންކަން، ޒިންމާ އަދާ ކުރިނަމަވެސް އެކަށީގެންވާ ވަޒީފާއެއް ނުލިބުން ފަދަ ހުރަސްތަކެއް ކުރިމަތިވިކަން ސާބިތުކޮށްދިނުމަކީ، ވަކިކުރެވުނު މުވައްޒަފުގެ ޒިންމާއެކެވެ. އެފަދައިން ސާބިތުކޮށްނުދެވޭކަމަށް ވާނަމަ ބަދަލުގެ މިންވަރު ކުޑަކުރަންޖެހޭ ކަމުގައި ދެކެމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު:
ތަޢާރުފު:
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 194/VTR/2020 މައްސަލަ އިސްތިއުނާފުކޮށް ސަން މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ސަން މީޑިއާ" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] ސާމިރު ސަޢީދު (މީގެ ފަހުން "ސާމިރު ސަޢީދު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުޙަލާ:
3ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 194/VTR/2020 މައްސަލައަކީ، ސާމިރު ސަޢީދުގެ ފަރާތުން އެޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުގެ މައްސަލައެކެވެ. އެގޮތުން ޓްރައިބިއުނަލް އަށް ހުށަހެޅުނު ޝަކުވާއަކީ، ސަން މީޑިއާ ގްރޫޕްގެ މެނޭޖަރ، އެޑްމިން އެންޑް އެޗް.އާރު މަޤާމު އަދާކުރަމުންދަނިކޮށް، 1 ޖުލައި 2020 ދުވަހު ސަން މީޑިއާގެ ފަރާތުން ސާމިރު ސަޢީދު ވަޒީފާއިން ވަކިކުރިކަމަށް ބަޔާންކޮށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އެސިޓީގައި ސާމިރު ސަޢީދު ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ސާމިރު ސަޢީދުއާ ޙަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ބަރާބަރަށް ކުރެވެމުން ނުދާތީ، އަދި އެކަންކަން އިޞްލާޙު ކުރުމަށް އެކިފަހަރު މަތިން ނަސޭޙަތްތެރިވުމަށްފަހުވެސް، ސާމިރު ސަޢީދުގެ ކަންކަން އިޞްލާޙުވެފައިނުވާތީ، ސާމިރު ސަޢީދު އެ މަޤާމުގައި ބަހައްޓައިގެން ސަން މީޑިއާ ހިންގުމަށް ދަތިވެފައިވާތީ، އެ ވަޒީފާއަށް އެހެން މީހަކު ނެގުމަށްޓަކައި، ސާމިރު ސަޢީދު އެވަޒީފާއިން ވަކިކުރަން ސަން މީޑިއާއިން ވަނީ ނިންމާފައިވާކަމަށެވެ.
4ސާމިރު ސަޢީދުގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައިވާ ފަރުވާއަކީ، ސަން މީޑިއާގެ ބަޔާންކުރެވުނު ނިންމުމަކީ، ބާޠިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާ އިޢާދަކުރުމަށާއި، މުސާރައާއި ޢިނާޔަތާއި ގެއްލުމުގެ ބަދަލު ލިބިދިނުމަށެވެ.
5ސާމިރު ސަޢީދުގެ ފަރާތުން ހުށަހެޅި މައްސަލައަށް އިންކާރުކުރަމުން ސަން މީޑިއާގެ ފަރާތުން ބުނެފައިވަނީ، ސާމިރު ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ، ސާމިރު ސަޢީދުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ތަކުރާރުކޮށް ފަރުވާކުޑަކުރަމުން ގެންދާތީކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއަށް އެތައް ފަހަރަކު ވަނީ އަނގަބަހުން ނަޞޭޙަތްތެރިވެ، އިޞްލާޙްވުމުގެ ފުރުސަތު ދެވިފައިކަމަށާއި، ސާމިރު ސަޢީދު ޙާޟިރީއަށް ފަރުވާ ކުޑަކުރާތީ އާއި ޙަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ނުކުރާތީ އެކަންކަން އިޞްލާޙްކުރުމަށް ކުންފުނީގެ ސީ.އީ.އޯ އަދި ޗީފް ފައިނޭންޝަލް އޮފިސަރ ސާމިރު ސަޢީދު އަށް އެކިފަހަރު މަތިން ނަޞޭޙަތް ދިނުމުންވެސް ސާމިރު ސަޢީދު އެކަންކަން އިޞްލާޙް ކޮށްފައިނުވާތީކަމަށާއި، ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ވަޒީފާގެ މުއްދަތަށް ބަލައި، ނޯޓިސްގެ ގޮތުގައި ދޭންޖެހޭ 1 މަސްދުވަހުގެ ބަދަލުގައި އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން އެމުއްދަތަށް ދޭންޖެހޭ މުސާރަ ދިނުމަށްފަހު ކަމަށެވެ.
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 194/VTR/2020 މައްސަލައިގެ ނިންމުމުގައި ކަނޑައަޅާފައިވަނީ އަންނަނިވި ފަދައިންނެވެ.
"ސާމިރު ސަޢީދު ވަޒީފާއިން ވަކިކުރި ލިޔުމުގައި ބަޔާންކޮށްފައިވާ ފަދައިން، 01 ޖުލައި 2020 ގައި އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ތަކުރާރުކޮށް ފަރުވާ ކުޑަކުރަމުން ގެންދާތީކަމަށާއި، އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގެ ކުރިން އަނގަބަހުން އެތައް ފަހަރަކު ނަސޭޙަތްތެރިވެ، އިސްލާޙުވުމުގެ ފުރުސަތު ދީފައިވާކަމަށާއި، އެގޮތުން ސާމިރު ސަޢީދު ޙާޟިރީއަށް ފަރުވާކުޑަކުރާތީއާއި، ޙަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ނުކުރާތީ، އެކަންކަން އިސްލާޙްކުރުމަށް ކުންފުނީގެ ސީ.އީ.އޯ އަދި ޗީފް ފައިނޭންޝަލް އޮފިސަރ (ސީ.އެފް.އޯ) މައްސަލަ ހުށަހެޅި ފަރާތަށް އެކިފަހަރު މަތިން އަނގަބަހުން ނަސޭޙަތްދިނުމުންވެސް އެކަންކަން އިސްލާޙްކޮށްފައިނުވާކަމަށާއި،
ސާމިރު ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން، ވަޒީފާ އަދާކޮށްފައިވާ މުއްދަތަށް ބަލައި، ނޯޓިސް ގޮތުގައި ދޭންޖެހޭ 01 (އެކެއް) މަސްދުވަހުގެ ބަދަލުގައި، އެޤާނޫނުގެ 25 ވަނަ މާއްދާގައި ހުއްދަކޮށްފައިވާ ފަދައިން ދޭންޖެހޭ މުސާރަދިނުމަށްފަހުކަމަށާއި، އަހަރީ ޗުއްޓީއަށްވާ ފައިސާ ދިނުމަށްފަހުކަމުގައި ބަޔާންކޮށް މި މައްސަލަ ރައްދުވި ސަން މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަވާބުދާރީވެފައިވާއިރު،
ސާމިރު ސަޢީދު ވަޒީފާއިން ވަކިކުރުމުގެ ކުރިން އެފަރާތަށް ނަސޭޙަތް ދިނުމުގެ ގޮތުން އަނގައިން ބުނެލާ ބުނުމަކީ ނަސޭޙަތެއްކަމަށް ބުރަނުވެވޭތީ، ސާމިރު ސަޢީދާމެދު އެއްވެސް އިސްލާޙީ ފިޔަވަޅެއް އަޅާފައިނުވާކަމަށް ކަނޑައަޅައި، ސާމިރު ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރެވިފައިނުވާކަމަށް ބުރަވެވޭތީ، ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި އަދި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައަޅައި، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ސާމިރު ސަޢީދު ވަކިކުރި ކުރުމަކީ "އަންފެއަރ ޑިސްމިސަލް" unfair Dismissal އެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ސާމިރު ސަޢީދުގެ ވަޒީފާއަށް އަނބުރާ ރުޖޫއަ ކުރުމަށާއި، އެފަރާތަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި،
ސާމިރު ސަޢީދު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާގައި ސާމިރު ސަޢީދު ހުރިނަމަ އެފަރާތަށް ޙައްޤުވާނޭ އުޖޫރަ ނަގައިދިނުމަށް ކަނޑައަޅައި، އެހެންނަމަވެސް ސާމިރު ސަޢީދަށް ނުޙައްޤު މަންފާ (unjust enrichment) އެއް ލިބުމުގެ ފުރުސަތު ނަފީކުރުމުގެ މަޤްޞަދުގައި، އިސްވެ ބަޔާންކުރެވުނު އުޖޫރައަށްވާ ފައިސާގެ ޖުމްލައިގެ ތެރެއިން ސާމިރު ސަޢީދު ވަޒީފާއިން ވަކިކުރިއިރު ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ސާމިރު ސަޢީދަށް 01 (އެކެއް) މަސްދުވަހުގެ ނޯޓިސްގެ ގޮތުގައި ދީފައިވާ -/10,300ރ. (ދިހަހާސް ތިންސަތޭކަ ރުފިޔާ) އާއި، އަހަރީ ޗުއްޓީގެ ބާކީ 30 (ތިރީސް) ދުވަހަށްޖެހޭ -/10,300ރ. (ދިހަހާސް ތިންސަތޭކަ ރުފިޔާ) އުނިކުރުމަށް ކަނޑައަޅައި، އިސްވެބަޔާންކޮށްފައިވާ އުނިކުރުންތަކަށްފަހު،
ސާމިރު ސަޢީދަށް ޙައްޤުވާ އަދަދުތަކުގެ ޖުމްލައަށްވާ ފައިސާއަކީ ސަން މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސާމިރު ސަޢީދަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި،
އިސްވެބަޔާންކުރެވުނު އެންމެހައި ކަންތައްތައް މިއަދު (12 ސެޕްޓެމްބަރު 2021) އިން ފެށިގެން (ރަސްމީ ބަންދުނޫން) 21 (އެކާވީސް) ދުވަހުގެތޭރޭ ފުރިހަމައަށް ތަންފީޛުކުރުމަށްފަހު، އެކަން ހަމަޖެހޭތާ (ރަސްމީ ބަންދުނޫން) 03 (ތިނެއް) ދުވަހުގެތެރޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މި މައްސަލަ ރައްދުވި ސަން މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކޮށް މިމައްސަލަ ނިންމައިފީމެވެ."
7ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
7.1 ވަޒީފާއިން ވަކިކުރެވުނު މާއްދާ ބަޔާންކޮށްފައި ނެތްނަމަވެސް، ނޯޓިސްގެ ބަދަލުގައި ފައިސާދީފައިވާކަން އެނގެން އޮތުމުން، އަދި އެކަމަށް ސާމިރު ސަޢީދުގެ ފަރާތުން އިޢުތިރާޒް ކޮށްފައި ނެތުމުން، މިފަދައިން ވަކިކުރެވޭ މުވައްޒަފުން ވަކިކުރަން ޖެހޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް؛
7.2 ސަން މީޑިއާގެ ފަރާތުން ހުށަހެޅި ސާމިރު ސަޢީދުގެ "ޙާޟިރީ ރިޕޯޓް" އަކީ 26 ޖޫން 2019 އިން ފެށިގެން 25 މާރިޗު 2020 ގެ ނިޔަލަށް އޮތް ރިޕޯޓެއް ނަމަވެސް ޙާޟިރީއާއި ގުޅިގެން ސާމިރު ސަޢީދު އާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، މައްސަލަ ނިންމުމުގައި މިރިޕޯޓަށް ރިޢާޔަތްކޮށްފައިނުވާކަމަށް؛
7.3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/67 ޤަޟިއްޔާގެ 2 ވަނަ ނުކުތާގައި ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ސާމިރު ސަޢީދު އަށް އަނގަބަހުން ދީފައިވާ ނަސޭޙަތްތައް ލިޔުމަށް ތިރިކުރެވިފައިނުވާތީ، ނަސޭޙަތްތެރިވެވުނުކަމަށް ނުބެލެވޭކަމަށް، އެހެންކަމުން މައުޟޫއީ އަދުލުވެރިކަން ޤާއިމްނުކުރެވޭކަމަށް؛
7.4 ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ސަން މީޑިއާގެ ފަރާތުން ފުރިހަމަކޮށްފައި ނުވާތީ، ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރެވިފައިނުވާކަމަށް؛ މިއެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި ދެފަރާތުގެ ވާހަކަ:
8ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 194/VTR/2020 މައްސަލަ އިސްތިއުނާފުކޮށްފައިވަނީ އަންނަނިވި ނުކުތާތަކުގެ މައްޗަށް ބިނާކޮށެވެ.
8.1 ފުރަތަމަ ނުކުތާއަކީ؛ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރިއިރު ހުރި މަޤާމަށް އަނބުރާ އިޔާދަކުރުމަށް ނިންމެވީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާއި، އެކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން އިސްތިޤުރާރުވެފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމެއްނެތިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8.1.1 މިނުކުތާގެ ތަފްސީލުގައި ސަން މީޑިއާގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސާމިރު ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ، ޙާޟިރީއަށް ފަރުވާ ކުޑަކުރުމާއި، އޮފީސް ތެރޭގައި އާދައިގެ މަތިން ކުރަންޖެހޭ ކަންކަން ކުރުމުގައި ފަރުވާ ކުޑަކުރަމުންދާތީ، އެކަންކަން ރަނގަޅު ކުރުމަށް ނަޞޭޙަތްތެރިވުމަށްފަހުކަމަށާއި، މުވައްޒަފަކަށް ނަޞޭޙަތް ދޭން އޮންނާނެ ވަކިގޮތެއް ޤާނޫނުގައި ބަޔާންކޮށްފައިނުވާކަމަށާއި، ސާމިރު ސަޢީދު އަށް ނަޞޭޙަތް ތެރިވެފައިވާކަން ޓްރައިބިއުނަލަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުން ސާބިތުވާކަމަށާއި، ނަމަވެސް އެކަމަށް ބުރަދަން ދީފައިނުވުމުން އެއީ ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ ރޫހާވެސް ޚިލާފުކަމެއްކަމަށް ދެކޭ ކަމަށެވެ. ވަޒީފާގެ މައްސަލަތަކުގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް އެދިފައިވާ ޢަމަލުކުރަންޖެހޭ އުޞޫލު މޯލްޑިވްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށާއި، އެއުސޫލުތައް ޓްރައިބިއުނަލްގައި ފާހަގަކުރުމުންވެސް އެކަންކަން މައްސަލަ ތަތުބީޤު ކޮށްފައިނުވާކަމަށެވެ. އެހެންކަމުން ސާމިރުއަށް ވަޒީފާ އިއާދަކުރުމަށް ނިންމި ނިންމުން ބަދަލު ކުރަންޖެހޭކަމަށް ދެކޭކަމަށެވެ.
8.2 ދެވަނަ ނުކުތާއަކީ؛ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޙާޟިރީ ރިކޯޑު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވީނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޙާޟިރީއާ ގުޅިގެން އިޞްލާޙީ ފިޔަވަޅެއް އަޅާފައިނުވާކަމަށްބުނެ، ޙާޟިރީ ރިކޯޑަށް ރިޢާޔަތްކުރައްވާފައިނުވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާއާ ޚިލާފަށްކަމަށްވުން، އަދި މައްސަލަ ނިންމުމުގައި ހުށަހެޅިފައިވާ ހެކި ވަޒަންކުރުމާގުޅޭ ޢާންމު އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8.2.1 މިނުކުތާގެ ތަފްސީލުގައި ސަން މީޑިއާ އިން ބުނެފައިވަނީ، ސާމިރު ސަޢީދު ޙާޟިރީއަށް ފަރުވާކުޑަކުރިކަން ސާބިތުކުރުމަށް އެޓެންޑެންސް ރިޕޯޓް ހުށަހެޅި ކަމަށާއި، ނަމަވެސް މިލިޔުމަށް ރިޢާޔަތްނުކުރުމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ އެރިޕޯޓާ ގުޅިގެން އިސްލާޙީ ފިޔަވަޅެއް އަޅާފައިނުވާތީކަމަށާއި، ނަމަވެސް މިރިޕޯޓަށް ސާމިރު ސަޢީދުގެ ފަރާތުން އިންކާރުކޮށްފައިނުވާކަމަށާއި، މިރިޕޯޓަކީ ސާމިރު ސަޢީދުގެ އަޚްލާޤު ރަނގަޅު ނޫންކަން ދަލާލަތު ކޮށްދޭ އެއްޗެއްކަމަށާއި، ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ވަޒީފާ ރުޖޫޢަކުރާއިރު ސާމިރު ސަޢީދުގެ މަސައްކަތުގެ އަޚްލާޤު ބަހައްޓާފައިވާގޮތަށް ރިޢާޔަތްކުރެވެން ޖެހޭނެކަމަށް ދެކޭކަމަށާއި، އެގޮތުން މިޙާޟިރީ ރިޕޯޓަކީ މައްސަލައިގެ ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ މުހިންމު ލިޔުމެއްކަމަށެވެ.
8.3 ތިންވަނަ ނުކުތާއަކީ؛ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ހަމަޖައްސައިދޭ ދުވަހާއި ހަމައަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމުގައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8.3.1 މިނުކުތާގެ ތަފްސީލުގައި ސަން މީޑިއާގެ ފަރާތުން ބުނެފައިވަނީ، ވަޒީފާއިން ވަކިކުރެވޭ މައްސަލަތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދިފައިވާނެކަމަށާއި، ވަޒީފާއިން ވަކިކުރި ފަހުން އާމްދަނީ އެއް ލިބިފައިވާކަން/ ލިބެމުންދާކަން ސާފުކޮށްދިނުމަށް ސަން މީޑިއާގެ ފަރާތުން އެދިފައިވާނެކަމަށާއި، އެކަންކަން ސާފުކުރުމަކީ ސާމިރުގެ ޒިންމާއެއްކަމަށް ދެކޭކެމަށާއި، ނަމަވެސް އެކަން ސާބިތުކުރުމުގެ ބުރަ ސަން މީޑިއާގެ ފަރާތަށް ފުރޮޅާލުމަކީ މަތީ މަރުޙަލާގެ ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތެއް ނޫންކަމަށް ދެކޭކަމަށެވެ. އެހެންކަމުން، ސާމިރު އަށް ވަޒީފާ ހަމަޖައްސައިދޭ ދުވަހަށް ހިނގާ މުއްދަތުގައި އޭނާއަށް މުސާރައާއި ޢިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ބަދަލުކުރަންޖެހޭކަމަށް ދެކޭކަމަށެވެ.
8.4 ހަތަރުވަނަ ނުކުތާއަކީ؛ މަދަނީ މައްސަލަތަކުގައި ފައިސަލާކުރުމުގައި ޢަމަލުކުރި ގޮތާއި ޚިލާފަށް އަދި ދަޢުވާކުރި ފަރާތުން ދަޢުވާގެ ސީޣާގައި އެދިފައިވާގޮތާ ޚިލާފަށް މައްސަލަ ނިންމައިފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8.4.1 މިނުކުތާގެ ތަފްސީލުގައި ސަން މީޑިއާގެ ފަރާތުން ބުނެފައިވަނީ، ސާމިރުގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައިވަނީ އޭނާއަށް ލިބެންޖެހޭ އެންމެހައި ފައިސާ (އިނާޔަތްތަކާއި މުސާރަ) 01 މަސްދުވަސް ތެރޭ ދެއްކުމަށް ސަން މީޑިއަށް އަމުރުކޮށްދިނުމަށްކަމަށެވެ. ނަމަވެސް ޓްރައިބިއުނަލުން ނިންމާފައިވަނީ މައްސަލަ ނިންމޭ ދުވަހުން ފެށިގެން 21 ދުވަސްތެރޭ ދެއްކުމަށެވެ. އެހެންކަމުން މިއީ ހައިކޯޓުގެ އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު ޤަޟިއްޔާގެ ދަޢުވާގެ ސީޣާގައި އެދިފައިނުވާ ކަމެއްގެ މައްޗަށް ފައިސަލާކުރުންކަމަށްވާތީ މިނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ނުދެކޭކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
9މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖްރާއީ އަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައިކަމާއި، މިއުޞޫލަކީ އިންޓަރނޭޝަނަލް ލޭބަރ އޮގަނިޒޭޝަން (އައި.އެލް.އޯ) ގެ ޓާރމިނޭޝަން އޮފް އެމްޕްލޮއިމެންޓް ކޮންވެންޝަން 1982 ގައިވެސް ބަޔާންކޮށްފައިވާ އުޞޫލެއްކަމަށާއި، ސާމިރު ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ ސާމިރު ސަޢީދުގެ އަޚްލާޤު ދަށްވެގެން ކަމަށްބުނާއިރު، މުވައްޒަފެއްގެ އަޚްލާޤު ދަށްވެއްޖެނަމަ ޢަމަލުކުރަންޖެހޭ ގޮތް ވަރަށް ޞަރީޙަކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނިކޮށް، އަދި ޚާއްސަކޮށް ހައިކޯޓުގެ ނަންބަރު 2013/HC-A/67 ޤަޟިއްޔާގައި އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ ގޮތް ކަނޑައަޅާފައިވަނިކޮށް، އެއާ ޚިލާފަށް ޢަމަލުކޮށްފައިވާކަން އިސްތިއުނާފުކުރާ ފަރާތުގެ ބަހުންނާއި ހުށަހެޅުނު ހެކިތަކުން އެނގެން އޮތުމުން، ސާމިރު ސަޢީދުގެ ވަޒީފާ އިއާދަކުރުމަށް ނިންމި ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާއި، އެކަމާ ގުޅޭގޮތުން ކޯޓުތަކުން އިސްތިޤުރާރުވެފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމެއް ނެތިކަމަށް ބަލާނެ ޖާގައެއް ނެތްކަމަށް ދެކޭކަމަށެވެ. އަދި ސާމިރު ސަޢީދުގެ "ޙާޟިރީ ރިޕޯޓް" އަށް ފަރުވާކުޑަ ނޫންކަން ޝަފަހީ ހެކިންގެ ހެކިބަހުން އެނގެން އޮތުމުން، ޓްރައިބިއުނަލުން އެރިޕޯޓަށް ރިޢާޔަތްނުކުރުމަކީ ހެއްކާބެހޭ ޤާނޫނާއި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ސުވާލު އުފެއްދުމުގެ ޖާގައެއް ނެތްކަމުގައި ދެކޭކަމަށެވެ. ސާމިރު ސަޢީދުގެ ފަރާތުން އެދެނީ އަދުލުވެރި ޙައްލެއްކަމުން، ވަޒީފާ އިއާދަކުރުމަށް އިއުތިރާޒްކުރާނަމަ ދެފަރާތުން މަޝްވަރާ ކުރުމަށްފަހު އެއްބަސްވެވޭ ޙައްލަކަށް އައުމަށް ސާމިރުގެ ފަރާތުން އިއުތިރާޒް ނުކުރާކަމަށެވެ.
ދެފަރާތުން އެދޭގޮތް:
10އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ކަނޑައަޅައިދީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމަކީ "އަންފެއަރ ޑިސްމިސަލް" އެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި، އެފަރާތަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 194/VTR/2020 މައްސަލައިގައި ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް، ނުވަތަ އެ ނިންމުމަށް ބަދަލު ގެންނަވާ، މައްސަލަ ނިންމައި ދިނުމަށެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފީ މިމައްސަލައިގައި ޙުކުމެއް ކުރައްވަންދެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 194/VTR/2020 މައްސަލައިގެ ނިންމުން ތަންފީޛުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.
11އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް ކަމަށް ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 194/VTR/2020 މައްސަލައިގެ ނިންމުން ބާޠިލްކުރާނެ ތަނެއް ނެތްކަމުގައި ކަނޑައަޅާ ދިނުމާއެކު މައްސަލަ ނިންމައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
12ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އިސްތިއުނާފީ ބަހުޘް ބިނާކޮށްފައިވަނީ، މިމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނަގާދީފައިވާ ފަރުވާތަކާއި ގުޅިގެންނާއި، މައްސަލައާ ގުޅިގެން ހުށަހެޅުނު ހެކި ބަލައިނުގަތުމުގެ މައްޗަށެވެ.
ވަޒީފާ އަނބުރާ ރުޖޫޢަކުރުން
13އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، ސަން މީޑިއާގެ ފަރާތުން ފާހަގަކުރާ މައިގަނޑު ބަހުޘަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ވަޒީފާ އިޢާދަކުރުމުގައި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން މައްސަލައިގައި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އެގޮތުން، ސާމިރު ސަޢީދަކީ ތަނުގެ އެޗް.އާރު މެނޭޖަރުކަމާއި، އޭނާއާމެދު ފިޔަވަޅު އެޅޭނެ ވަކި އުޞޫލެއް ނެތުމުން އެކަން ލިޔުމަށް ތިރިކުރެވިފައިނުވި ނަމަވެސް މައްސަލައާ ގުޅިގެން ހުށަހެޅުނު ހެކިންގެ ބަހުން މިކަން ސާބިތުވާކަމަށާއި، އަދި ޙާޟިރީއަށް ފަރުވާކުޑަކޮށްފައިވާކަން ވެސް ހުށަހެޅުނު ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އެހެންނަމަވެސް ވަޒީފާ އިޢާދަކުރުމުގައި މިކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
14HN1ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ މާނަކުރަމުން ވަޒީފާއިން ވަކިކުރި އިރު މުވައްޒަފު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް އެންގުމުގެ އަމުރަކީ އަދާލަތުގެ ޙައްލެއް ކަމުގައިވާ، ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރާ އެއް ސިފައެއްގެ އަމުރެއްކަމަށާއި، އެހެންކަމުން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް އަމުރެއް ނެރުމުގެ ކުރިން އެ އަމުރެއް ނެރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫޢަކުރުމަކީ ޢަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބަލަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
15މީގެ އިތުރުން، ވަޒީފާ އަނބުރާ އިޢާދަކުރުމަށް ހުރަސް އެޅިދާނެ އެހެން ސަބަބެއްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ އެއް ސަބަބަކީ، ސާމިރު ސަޢީދާ މެދު ލިޔުމުން އިސްލާޙީ ފިޔަވަޅު އެޅިފައިނުވަނީ އެފަރާތަކީ އެޗް.އާރުގެ އެންމެ އިސް ފަރާތް ކަމުގައިވާތީ ކަމަށާއި، އެހެންނަމަވެސް އެފަރާތުގެ ސުޕަވައިޒަރުން ޓްރައިބިއުނަލުގައި އަދާ ކުރި ހެކިބަހުން އެފަރާތަށް ތަކުރާރުކޮށް އަނގަބަހުން ނަސޭހަތްތެރިވެފައިވާ ކަން އެނގޭކަމަށެވެ. އެހެންކަމުން މިއީ ވަޒީފާ އަނބުރާ އިޢާދަކުރުމަށް ހުރަސް އަޅާ ސަބަބެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ.
16ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސް އަޅާފާނޭ ނުވަތަ ވަޒީފާއަށް ރުޖޫޢަކުރުމަކީ އަމަލީ ގޮތުން ކުރެވެން ނެތް ކަމެއްކަމަށް ބެލެވިދާނެ ބައެއް ޙާލަތްތައް ކަމުގައި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.
އަނބުރާ އިއާދަނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން؛
ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވުން؛
ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން؛
ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން؛
17މިމައްސަލައިގައި ހިމެނޭ ކުންފުންޏަކީ ކުދި ފަންތީގެ ކުންފުންޏެއްކަމާއި، ކުންފުނީގެ އެޗް.އާރ މަޤާމަށް މީހަކު ނަގާފައިވާ ކަމަށާއި، އެހެންކަމުން އެމަޤާމަށް އަނބުރާ ރުޖޫޢަކުރުމަކީ، އަމަލީ ގޮތުން ކުރެވެން ނެތްކަމެއްކަމަށް ބަޔާންކޮށްފައިވީނަމަވެސް އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ. އަދި ކޮވިޑް ޙާލަތުގެ ސަބަބުން އެފަދަ މާލީ ތަނަވަސްކަމެއް ކުންފުނީގައި ނެތްކަމަށް ބުނިނަމަވެސް އެކަމަށްވެސް ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ.
18މިއީ ސުޕްރީމް ކޯޓުގެ ޙަވާލާދެވުނު މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަޔާންކުރާ ފަދަ ޙާލަތަކަށްވާ ގޮތެއް މިއިސްތިއުނާފުގައި ސަން މީޑިއާގެ ފަރާތުން ބަޔާންކޮށްދީފައިނުވެއެވެ. އެޤަޟިއްޔާގައި، ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ޙާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ނެގެން ނެތުމަކީ، ވަޒީފާ އިޢާދަކުރުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން ތަފްސީލުގައި ބަޔާންކޮށްފައިވަނީ، މުވައްޒަފަކު ވަޒީފައިން ވަކިކުރުމާއި އަލުން އެ މުވައްޒަފަކު ވަޒީފާއަށް ރުޖޫޢަކުރުމާ ދެމެދުގައި ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ހެޔޮނޫން ބަދަލުތަކެއް އައިސްފައިވާ ވަގުތެއްގައި އެ މުވައްޒަފު ވަޒީފާއަށް ރުޖޫޢަކުރަން އަމުރުކުރުމަކީ، އެންމެ ރަނގަޅުގޮތްތޯ ވިސްނާލުމަކީ ވެސް ރަނގަޅު ގޮތެއް ކަމަށެވެ. ބައެއް ފަހަރު، ކުރިން އެ މުވައްޒަފު ވަޒީފާ އަދާކުރަމުންދިޔަ ޑިޕާޓްމެންޓް އުވާލުމުގެ ސަބަބުން ނުވަތަ އެ މަސައްކަތެއް އެތަނަކުން ހުއްޓާލުމުގެ ސަބަބުން އެ މުވައްޒަފު ތަމްރީނުވެފައިވާ ނުވަތަ ޚާއްސަވެފައިވާ ދާއިރާއިން ކުރާނެ މަސައްކަތެއް އެތަނުގައި އޮތްތޯ ބެލުމަކީވެސް ރަނގަޅު ކަމެއް ކަމަށް އެޤަޟިއްޔާގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.
19HN2ސުޕްރީމް ކޯޓުގެ މިފާހަގަކުރުމަށް ބަލާއިރު، ވަޒީފާ އިޢާދަކުރުމަށް ހުރަސް އެޅެނީ ތަނުގެ މަޤާމު އުވާލުން /މަސައްކަތް ހުއްޓާލުން ފަދަ ބޮޑެތި ބަދަލުތައް އައުމުން ކަމުގައި ބެލެވެއެވެ. ވަޒީފާ އިން ވަކި ކުރި މުވައްޒަފުގެ ބަދަލުގައި މުވައްޒަފެއް ނެގުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ހުރަސް އެޅޭ ފަދަ ކަމެއްގެ ގޮތުގައި މުޠުލަޤަށް މާނަކުރާނަމަ، އެކަށީގެންވާ ސަބަބެއް ނެތި، މުވައްޒަފުން ވަކިކޮށް ބަދަލުގައި އެހެން މުވައްޒަފުން ނެގުމުގެ ނުރަނގަޅު ދޮރެއް ހުޅުވިގެންދާނެ ކަމެކެވެ. އެހެންނަމަވެސް، ތަނުގެ އޮނިގަނޑު އޮތް ގޮތާއި މާލީ ޙާލަތާއި ގުޅުވައި އެކަށީގެންވާ ސަބަބެއް އޮތްނަމަ އެކަމަށް ރިޢާޔަތްކޮށް މިއީ ވަޒީފާ އަނބުރާ އިޢާދަކުރުމަށް ހުރަސްއެޅިދާނެ ފަދަ ކަމެކެވެ.
20އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ގޮތާ ޚިލާފަށް، ތަނުގެ ޙާލަތާއި އައު މުވައްޒަފަކު ނެގިފައިވުމާ ގުޅޭގޮތުން އެޓްރައިބިއުނަލުން ދެކޭ ގޮތް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ސާމިރު ސަޢީދުގެ މަޤާމު އެހެން މުވައްޒަފަކާ ޙަވާލުކުރެވުނުކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހެޅި ސިޓީގައި އަލަށް ޢައްޔަންކުރެވުނު މަޤާމަކީ "އެސިސްޓަންޓް މެނޭޖަރ، އެޑްމިން އެންޑް ފައިނޭންސް" ގެ މަޤާމު ކަމަށާއި، ސާމިރު ސަޢީދު އަދާ ކުރަމުން ދިޔަ މަޤާމަކީ "އެޑްމިން އެންޑް އެޗް. އާރު" ގެ މަޤާމުކަމަށް ވާތީ، އެމަސްއޫލިއްޔަތު އަދާކުރުމަށް މުވައްޒަފަކު އައްޔަނުކޮށްފައިވާކަމަށް ބުރަނުވެވޭ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ކުންފުނީގެ މާލީ ޙާލަތު އެނގޭނެ ލިޔުމެއް ވެސް ހުށަހަޅާފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ. ޓްރައިބިއުނަލްގެ މިފާހަގަކުރުމާ ގުޅިގެން ވާޤިއީގޮތުން މިއިސްތިއުނާފުގައި ބަހުޘެއް އުފައްދާފައިނުވެއެވެ.
21މިމައްސަލައިގައި ވަޒީފާ އިޢާދަކުރުމުގައި ރިޢާޔަތްނުކުރާ އިތުރު ކަމެއްގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ އެއްކަމަކީ، މަސައްކަތަށް ފަރުވާ ކުޑަވެގެން އިސްތިއުނާފު ރައްދުވާ ފަރާތަށް ތަކުރާރުކޮށް އަނގަބަހުން ނަސޭޙަތްތެރިވެފައިވާ ކަމަށް ޓްރައިބިއުނަލްގައި ހެކިވެރިން ހެކިބަސް އަދާކޮށްފައިވާއިރު މިކަމަށް ރިޢާޔަތްކޮށްފައިނުވުމެވެ.
22HN3ސުޕްރީމް ކޯޓުގެ ޙަވާލާދެވުނު މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"ވަރަށް ގިނަ ފަހަރަށް ވަޒީފާ ދޭފަރާތުން ވަކާލާތުކުރާނީ ވަކިކުރެވިފައިވާ މުވައްޒަފުގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމަށް ކަމުގައިވީ ހިނދު، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމުގެ ހަގީގަތް ވަރަށް ފަރުވާތެރިކަމާއެކު ވަޒަންކޮށް، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމަކީ ބުއްދީގެ ހަމަތަކުގެ މަތިން ދެކޮޅުޖެހޭ، ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާ ކޮށްގެން ބުނާ ބުނުމެއްތޯ ބަލަންވާނެއެވެ. ވަޒީފާދޭ ފަރާތުން ވަޒީފާއިން ވަކިކުރާ މުވައްޒަފަކު އަލުން ވަޒީފާއަށް ނެގުމަށް ވަޒީފާދޭ ފަރާތުން ވަރަށް ގިނަފަހަރަށް ފަސްޖެހޭނެ ކަމަށެވެ. އެގޮތަށް ފަސްޖެހޭ ފަސްޖެހުމަކީ ވަޒީފާއަށް ރުޖޫއަ ނުކުރަންޖެހޭ މަގުބޫލު އުޒުރެއް ނޫން ކަމަށެވެ. އަދި އެގޮތަށް ފަސްޖެހޭ ފަސްޖެހުމަކީ ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ ގުޅުމުގެ އިތުބާރު މުޅިގެން ގެއްލިފައިވާ ކަމަށް ބަލަންޖެހޭ ސަބަބެއްވެސް ނޫނެވެ."
23HN4މިއުޞޫލު މިމައްސަލައަށް ތަޠްބީޤުކުރާއިރު، ސާމިރު ސަޢީދު މަސައްކަތަށް ފަރުވާތެރިނޫން ކަމަށް ހެކިވެރިން ފާހަގަކޮށްފައިވީނަމަވެސް، މިކަންތައްތަކަކީ އިދާރީ ތަޙްޤީޤެއްކޮށް އެކަމާމެދު ބަހެއް ބުނުމުގެ ފުރުސަތު ސާމިރު ސަޢީދަށް ލިބިފައިވާ ކަންތައްތަކެއް ނޫން ކަން އެނގެއެވެ. އަދި، ފާހަގަކޮށްފައިވާ ކަންތައްތަކަކީ ނުވަތަ ކުށްތަކަކީ އެޢަމަލެއްގެ ސަބަބުން މުވައްޒަފުގެ އިތުބާރަށް ފުން ލޮޅުމެއް އަންނަ މިންވަރުގެ ފާޅުވެގެންވާ ބޮޑު ޣައިރުސުލޫކީ ކުށްތަކެއް ކަމަށް ފާހަގަނުކުރެވޭ އަދި އެކަންކަމާމެދު އެކަށީގެންވާ ގޮތެއްގައި އިސްލާޙީ ފިޔަވަޅު އެޅުނު ނަމަ ރަނގަޅުކުރުމުގެ ފުރުސަތު ލިބޭނެ ކަންތައްތަކެއް ކަމުގައި ބެލެވެއެވެ. އެހެންކަމުން، މަސައްކަތަށް ފަރުވާ ކުޑަ ކަމަށް ހެކިވެރިން ޓްރައިބިއުނަލްގައި އަދާ ކުރި ހެކިބަހުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމުގައި ބަލައި ވަޒީފާ އިޢާދަކުރުމަށް ހުރަސް އެޅޭކަމުގައި ނުބެލެވެއެވެ.
24މިމައްސަލައިގައި މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސާމިރު ސަޢީދު ބަޔާންކޮށްފައިވަނީ، އެފަރާތުން ވަޒީފާ އަނބުރާ ބޭނުން ނުވާކަމަށެވެ. އެހެންކަމުން، ޓްރައިބިއުނަލްގެ ނިންމުން ތަންފީޛުކުރުމުގައި ސާމިރު ސަޢީދު ބޭނުންވާގޮތަށް ރިޢާޔަތްކޮށް ގޮތެއް ނިންމުމަށް ހުރަހެއް އޮތް ކަމުގައި ނުދެކެމެވެ.
ޙާޟިރީ ރެކޯޑަށް ރިޢާޔަތްނުކުރުން
25އިސްތިއުނާފީ ދެވަނަ ނުކުތާގައި ސަން މީޑިއާގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސާމިރު ސަޢީދު ޙާޟިރީއަށް ފަރުވާކުޑަކުރިކަން ސާބިތުކުރުމަށް އެޓެންޑެންސް ރިޕޯޓް ހުށަހެޅި ކަމަށާއި، މިރިޕޯޓަކީ ސާމިރު ސަޢީދުގެ އަޚްލާޤު ރަނގަޅު ނޫންކަން ދަލާލަތު ކޮށްދޭ އެއްޗެއްކަމަށާއި، ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ވަޒީފާ ރުޖޫޢަކުރާއިރު ސާމިރު ސަޢީދުގެ މަސައްކަތުގެ އަޚްލާޤު ބަހައްޓާފައިވާގޮތަށް ރިޢާޔަތްކުރެވެން ޖެހޭނެކަމަށް ދެކޭކަމަށާއި، އެގޮތުން މިޙާޟިރީ ރިޕޯޓަކީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ މުހިންމު ލިޔުމެއްކަމަށް ދެކޭ ކަމަށެވެ.
26HN5ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، ސާމިރު ސަޢީދުގެ ޙާޟިރީ ރިޕޯޓަކީ ސާމިރު ސަޢީދު ޙާޟިރީއަށް ފަރުވާ ކުޑަކުރިކަން ސާބިތުކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ލިޔުމެއް ނޫނެވެ. އެހެން ނަމަވެސް އެލިޔުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެދުމުގެ މަތިން ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ ލިޔުމެކެވެ.
27އެހެންކަމުން، މިލިޔުމަކީ އިސްތިއުނާފުކުރާ ފަރާތުން ވަކި ކަމެއް ސާބިތުކުރުމަށް އެޓްރައިބިއުނަލަށް ހުށަހެޅި ހެއްކެއް ނޫނެވެ. އަދި، އެލިޔުން ހުށަހެޅުމުގައިވެސް، މައްސަލައިގެ ދިފާޢު ބިނާކުރުމުގައިވެސް ޙާޟިރީއަށް ރިޢާޔަތްކޮށް ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސްއެޅޭ ކަމަށް ބުނެ ދަފުޢެއް ޓްރައިބިއުނަލް މަރުޙަލާގައި ފާހަގަކޮށްފައިވާކަން އެނގެން ނެތެވެ. މިލިޔުމުގެ ސައްޚަކަމާމެދު މިކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ސުވާލު އުފައްދާފައިވާއިރު، މިލިޔުމަކީ އިސްތިއުނާފު ކުރާ ފަރާތުން ހެއްކެއް އަދި ދަފުޢެއް ގޮތުގައި ހުށަހެޅި ލިޔުމެއް ނޫން ކަމުން، މިލިޔުން ހެއްކެއްގެ ގޮތުގައި ވަޒަންނުކުރި ނުކުރުމަށް މިމަރުޙަލާގައި ގޮތެއް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.
ބަދަލުގެ މިންވަރު
28އިސްތިއުނާފީ ތިންވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދިފައިވާނެކަމަށާއި، ވަޒީފާއިން ވަކިކުރި ފަހުން އާމްދަނީ އެއް ލިބިފައިވާކަން/ ލިބެމުންދާކަން ސާފުކޮށްދިނުމަށް ސަން މީޑިއާގެ ފަރާތުން އެދިފައިވާނެކަމަށާއި، އެކަންކަން ސާފުކުރުމަކީ ސާމިރު ސަޢީދުގެ ޒިންމާއެއްކަމަށް ދެކޭކެމަށާއި، ނަމަވެސް އެކަން ސާބިތުކުރުމުގެ ބުރަ ސަން މީޑިއާގެ ފަރާތަށް ފުރޮޅާލުމަކީ މަތީ މަރުޙަލާގެ ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތެއް ނޫންކަމަށް ދެކޭކަމަށެވެ. އެހެންކަމުން، ސާމިރު ސަޢީދު އަށް ވަޒީފާ ހަމަޖައްސައިދޭ ދުވަހާ ހަމައަށް ހިނގާ މުއްދަތުގައި އޭނާއަށް މުސާރައާއި ޢިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން އެޤަޟިއްޔާއާ ޚިލާފުކަމަށެވެ.
29HN6ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން އަމުރުކުރާއިރު، އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި ޢިނާޔަތްތައް އެ ޓްރައިބިއުނަލުން ނުވަތަ އެކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ދޭން އަމުރު ކުރުމަކީ، ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް، މުޅި މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
30ބަދަލުގެ މިންވަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި، ޝަރުޢީ ކޯޓުތަކުން ކަނޑައެޅުމުގައި ހުށަހެޅޭ ކޮންމެ މައްސަލައެއްގައި އެ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ރިޢާޔަތް ކުރެވިދާނެ ކަންތައްތައް ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ. މިކަންތައްތަކުގެ ތެރެއިން މިއިސްތިއުނާފުގައި ބަހުޘް އުފައްދާފައިވަނީ، ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ ބެލުމުގެ މައްޗަށެވެ.
31HN7މިމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، ސާމިރު ސަޢީދުގެ މައްޗަށް ގެއްލުން ކުޑަ ކުރުމުގެ ޒިންމާއެއް އޮތްކަމަށާއި، އެބައި އުނިކޮށްދިނުމަށް ސަން މީޑިއާގެ ފަރާތުން އެދިފައިވެއެވެ. މިޙާލަތުގައި މިޒިންމާއާ މެދު ދެކޭ ގޮތެއް ބަޔާންކޮށް، ޒިންމާ އަދާކުރިކަން ނުވަތަ ނޫންކަން، ޒިންމާ އަދާ ކުރިނަމަވެސް އެކަށީގެންވާ ވަޒީފާއެއް ނުލިބުން ފަދަ ހުރަސްތަކެއް ކުރިމަތިވިކަން ސާބިތުކޮށްދިނުމަކީ، ސާމިރު ސަޢީދުގެ ޒިންމާއެކެވެ. އެފަދައިން ސާބިތުކޮށްނުދެވޭކަމަށް ވާނަމަ ބަދަލުގެ މިންވަރު ކުޑަކުރަންޖެހޭ ކަމުގައި ދެކެމެވެ.
32މިމައްސަލައާ ގުޅިގެން މިކޯޓުގައި ދެފަރާތުން ދާއްކާފައިވާ ވާހަކަތަކުންނާއި ލިޔެކިޔުންތަކުން، 1 ޖަނަވަރީ 2022 އިން ފެށިގެން ސާމިރު ސަޢީދު ވަޒީފާ އަދާކުރަމުންދާކަން އެނގެއެވެ. މީގެ އިތުރުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 3 މަސްދުވަހުގެ މުސާރައާއި ޢިނާޔަތް ލިބުމަށް އެދޭ ކަމަށް ސާމިރު ސަޢީދުގެ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
33އެހެންކަމުން، މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުޙަލާގައި ހިނގިއިރު، ގެއްލުން ކުޑަކުރުމުގެ ޒިންމާ އަށް ބިނާކޮށް، ބަދަލުގެ މިންވަރު ކަނޑައެޅުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާއިރު، ސާމިރު ސަޢީދު އެހެން ވަޒީފާއެއް އަދާކުރިކަން ސާބިތުނުކޮށްދެވޭތީ، ބަދަލުގެ މިންވަރުން އުނިކޮށްފައިނުވަނީ ގޯސްކަމަށް ފެންނާތީ، ޓްރައިބިއުނަލްގެ ނިންމުމުގައި ވަޒީފާ އަލުންހަމަޖެހޭ ތާރީޚާ ހަމައަށް އުޖޫރަ ނަގައިދިނުމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، މިކޯޓުގެ އަޑުއެހުމުގައި ސާމިރު ސަޢީދުގެ ފަރާތުން އެދިފައިވާ ފަދައިން ސާމިރު ސަޢީދަށް 3 މަސް ދުވަހުގެ އުޖޫރަ ދިނުމަށް އަންގަން ފެނެއެވެ.
ނިންމަން ފެންނަ ގޮތް
34އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން؛
34.1 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 194/VTR/2020 މައްސަލައިގެ ނިންމުމުގައި ސާމިރު ސަޢީދަށް ވަޒީފާ އަލުން ހަމަޖެހޭ ތާރީޚާއި ހަމައަށް އުޖޫރަ ނަގައިދިނުމަށް ކަނޑައަޅައިފައި ބައި ބާޠިލްކޮށް؛ އަދި
34.2 ބަދަލުގެ މިންވަރުގެ ގޮތުގައި 3 މަސްދުވަހުގެ އުޖޫރަށްވާ -/30,900ރ. (ތިރީސްހާސް ނުވަސަތޭކަ ރުފިޔާ) އަކީ ސަން މީޑިއާގެ ފަރާތުން ސާމިރު ސަޢީދަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު:
35ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު:
36ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
37މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 194/VTR/2020 މައްސަލަ އިސްތިއުނާފުކުރުމަށް ސަން މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، […] ސާމިރު ސަޢީދު އަށް ވަޒީފާ އަލުން ހަމަޖެހޭ ތާރީޚާއި ހަމައަށް އުޖޫރަ ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފައިވާ ބައި ބާޠިލްކޮށް، ސާމިރު ސަޢީދަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި -/30,900ރ. (ތިރިސްހާސް ނުވަސަތޭކަ) ރުފިޔާ ނަގައިދިނުމަށް ޝަރީޢަތުން ކަނޑައަޅައި، މިއަދު (18 މޭ 2025) އިން ފެށިގެން 30 ދުވަހުގެ ތެރޭގައި، މިފައިސާ ސާމިރު ސަޢީދުއާ ޙަވާލުކުރުމަށް ސަން މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް އަންގައި، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު މުޙައްމަދު ފައިޞަލް
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު މުޙައްމަދު ސަލީމް
ފުޓްނޯޓު
- އިސްތިއުނާފަށް ހުށަހެޅި ފަހުން ސަން މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ނަން 08 ނޮވެމްބަރު 2022 ދުވަހު "ސަން ސިޔާމް މީޑިއާ ޕްރައިވެޓް ލިމިޓެޑް" ގެ ނަމަށް ބަދަލުވެފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓަށް މެއިލް ކޮށްފައިވޭ. ރަޖިސްޓްރޭޝަން ނަންބަރު C-0406/2011
- […]
- ސަން މީޑިއާގެ ނަންބަރު SMG/HR/LET/2020/21
- ސަން މީޑިއާގެ ނަންބަރު SMG/HR/LET/2020/21
- ސާމިރު ސަޢީދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "މައްސަލަ ހުށަހަޅާ ފޯމް" ގެ ޕޮއިންޓް 9
- ސަން މީޑިއާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "ޖަވާބު ފޯމް" ގެ ޕޮއިންޓް 4.4 އަދި 4.6
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 14-ޞަފްޙާ 11
- 25 އޭޕްރީލް 2021 ދުވަހު ސަން މީޑިއާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޙާޟިރީ ރިޕޯޓް
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 11-ޞަފްޙާ 9
- "މުވައްޒަފަކަށް އަނގަބަހުން ދެވޭ ނަޞޭޙަތަކީ މުވައްޒަފަކަށް އެކަން އެނގުނުކަން އެނގޭފަދަ ގޮތަކަށް އެކަމުގެ ރިކޯޑް ބެލެހެއްޓޭނެފަދަ ކަމެއްކަމާއި، މުވައްޒަފަކަށް ނަޞޭޙަތް ދިނުން އެއީ އެމުވައްޒަފަކާމެދު އެޅޭ އިޞްލާޙީ ފިޔަވަޅެއްގެ ގޮތުގައި ބެލެވޭކަން ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މުވައްޒަފަކަށް ދެވޭ ނަޞޭޙަތުގެ މައްޗަށް ބުރަވެވޭއިރު، ނަޞޭޙަތް ދިނުމުގައި ހަރުދަނާ އުޞޫލެއް ގެންގުޅުމަކީ ވަޒީފާދޭ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އަނގަބަހުން ނަޞޭޙަތް ދިނުމުގައި އެފަދަ ހަރުދަނާ އުޞޫލެއް ޤާއިމްކުރެވިފައިނުވާނަމަ، މުވައްޒަފެއް ގާތުގައި ކަމެއް ރަނގަޅުކުރުމަށް އަނގަބަހުން ބުނެލާ ބުނުމަކީ އޭނާއަށް ދެވުނު ނަޞޭޙަތެއް ގޮތުގައި ވަޒީފާދޭ ފަރާތުން ބެލުމަށް ފުރުޞަތު އޮންނާނެކަމާއި، ނަމަވެސް އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާ، އަދި 21 ވަނަ މާއްދާގެ މަޤްޞަދަށްޓަކައި މުވައްޒަފަކަށް ނަޞޭޙަތްތެރިވެވުނުކަމަށް ބުނެ ދެއްކިދާނެ ޙުއްޖަތެއްކަމަށް ބެލެވޭނެ ހަމައެއް ނޫންކަން"
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 15.3 އަދި 15.4 ޞަފްޙާ 13
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 16.3 ޞަފްޙާ 15
- ޤާނޫނު ނަންބަރު 24/76
- ސަން މީޑިއާގެ ފަރާތުން އިސްތިއުނާފީ ފޯމުގެ ނަންބަރު 10- "އެދޭގޮތް" / 14 އޮކްޓޯބަރު 2021 ވަނަ ދުވަހު ސަން މީޑިއާގެ ފަރާތުން "ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރަށް އެދޭ ފޯމް" އިން ހުށަހެޅުމުން، 26 އޮކްޓޯބަރު 2021 ވަނަ ދުވަހު "ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު" ނެރެފައި.
- ސާމިރު ސަޢީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ދަޢުވާގެ ޖަވާބު ފޯމުގެ 5- "އެދޭގޮތް"
- ޤާނޫނު ނަންބަރު 2/2008
- 2019/SC-A/36
- 2019/SC-A/36
- 2019/SC-A/36 ގެ ޕްރެގްރާފް 25
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ
- އެބައި ގެ ޕެރެގްރާފް 26
- 2019/SC-A/36
- ސަން މީޑިއާގެ ނަންބަރު SMG/ADM/LET/2020/21 (01 ޖުލައި 2020)- ސަން މީޑިއާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމުގެ ޑޮކިއުމެންޓް 7
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 18.2 ވަނަ ޕެރެގްރާފް
- 2019/SC-A/36
- އެބައި ގެ ޕެރެގްރާފް 30
- ޤާނޫނު ނަންބަރު 24/76
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 22 އޭޕްރީލް 2021 ގެ މަޙްޟަރު ބަޔާން ޞަފްޙާ 6 އާއި 25 އޭޕްރީލް 2021 ގެ އީމެއިލް
- 06 ޖޫން 2024 ވަނަ ދުވަހުގެ މިކޯޓުގެ މަޙްޟަރު ބަޔާން
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) އަދި ސުޕްރީމް ކޯޓުގެ 2013/SC-A/20
- 2019/SC-A/36
- ޤާނޫނު ނަންބަރު 2/2008
- 2019/SC-A/36
- 2019/SC-A/27
- ޚުލާސާ ބަޔާން
- ޖަނަވަރީ 2022 އިން 20 ނޮވެމްބަރު 2022 ނިޔަލަށް ފޫޓްމާރކް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތްކުރަމުން ގެންދިޔަކަން ސާބިތުވާ ލިޔުމާއި 1 ޑިސެމްބަރު 2022 އިން ފެށިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގައި މަސައްކަތްކުރައްވަމުން ގެންދަވާކަން އިނގޭނެ ލިޔުން މިކޯޓަށް ހުށަހަޅާފައިވޭ.
- 28 ނޮވެންބަރު 2024 ގެ ހައިކޯޓުގެ މަޙްޟަރު ބަޔާން
- މަހަކު -/10,300ރ. (ދިހަހާސް ތިންސަތޭކަ ރުފިޔާ) ގެ ރޭޓުން – މިއީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި 01 މަސް ދުވަހުގެ ނޯޓިސްގެ ގޮތުގައި ދެވިފައިވާ މިންވަރު ކަމަށް ކަނޑައަޅާފައިވާ ޢަދަދު –( ނިންމުން 4 ވަނަ ޕެރެގްރާފް) މި މިންވަރާ މެދު އެއްވެސް ފަރާތަކުން ބަހުސެއް އުފައްދާފައިނުވޭ
- މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)
- މިހާރު "ސަން ސިޔެމް މީޑިއާ ޕްރައިވެޓް ލިމިޓެޑް" (ރަޖިސްޓްރޭޝަން ނަންބަރު C-0406/2011)
- އެބައި.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ، 21 ވަނަ މާއްދާ، 22 ވަނަ މާއްދާ، 25 ވަނަ މާއްދާ، 29 ވަނަ މާއްދާ އަދި 29 ވަނަ މާއްދާގެ (ހ) ގެ (1)
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
- ސުޕްރީމް ކޯޓު 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު)
- ސުޕްރީމް ކޯޓު 2019/SC-A/27 (ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް)
- ސުޕްރީމް ކޯޓު 2013/SC-A/20
- ހައިކޯޓު 2013/HC-A/67
- ހައިކޯޓު 2011/HC-A/134
- އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު (ހައިކޯޓު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.