ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/130

ޢާސިމާ އިބްރާހީމް ވ. ސިވިލް ސަރވިސް ކޮމިޝަން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 22 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 22 ނޮވެމްބަރު 2026ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 214/VTR/2020ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 214/VTR/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން (214/VTR/2020) ނިންމީ، ތަފާތުކޮށްފައިވަނީ ކޮން ދާއިރާއަކުން، ކޮން ގޮތަކަށްކަން މައްސަލަ ހުށަހެޅި ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީއާއި، ކޯސް ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭކަން ނޭނގޭތީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ފަދަ ތަފާތުކުރުމެއް ކޮށްފައިވާކަމަށް ބުރަވެވެން ނެތްކަމަށެވެ.
ވާޤިޢާ
ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ މުވައްޒަފަކު މަތީ ތަޢުލީމު ޙާޞިލުކުރުމަށް މުސާރަ ލިބޭ ޗުއްޓީ (ޕޭ-ލީވް) އަށް އެދުނު ނަމަވެސް، ބަޖެޓުގެ ދަތިކަމުގެ ސަބަބުން އެ ޗުއްޓީ ހަމަޖައްސައި ނުދީ، އޭނާ ނޯޕޭލީވްގައި ކިޔަވަން ދިޔައެވެ. އިދާރާއިން އެހެން މުވައްޒަފުންނަށް ޕޭ-ލީވް ދީފައިވާތީ، އެއީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފު ތަފާތުކުރުމެއް ކަމަށް ބުނެ، 2 އަހަރުގެ މުސާރައާއި އިނާޔަތްތައް ސިވިލް ސަރވިސް ކޮމިޝަނުން ނަގައިދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަފާތުކުރުމުގެ ޝަކުވާއެއްގައި ތަފާތުކުރުން ބިނާކުރި ސަބަބު ބަޔާންކޮށް ސާބިތުކުރަންޖެހޭނީ ކޮން ފަރާތަކުންތޯ، އަދި އެމާއްދާގެ (ރ) ގެ ދަށުން ވަޒީފާދޭ ފަރާތަށް ސާބިތުކުރުމުގެ ޒިންމާ ފުރޮޅޭނީ ކޮން އިރަކުތޯ؛ އަދި ޓްރައިބިއުނަލުން އަމިއްލަ އިސްނެގުމުގައި ނުކުތާއެއް ފާހަގަކޮށް މައްސަލަ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަފާތުކުރުމުގެ ސަބަބު ސާބިތުކުރުމުގެ ޒިންމާ ވަޒީފާދޭ ފަރާތުގައިވާކަމާއި، ޓްރައިބިއުނަލުން އަމިއްލަ އިސްނެގުމުގައި 2013/HC-A/364 ގެ އުޞޫލު ތަޠުބީޤުކުރީ ފުރުޞަތު ނުދީ ކަމަށްވާތީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވާކަމާއި، ނިންމުން ބިނާކޮށްފައިނުވާ ސަބަބެއް (ޓްރެއިނިންގ ރިކުއަރމަންޓް) ބެލުމަކީ ޖުޑީޝަލް ރިވިއުގެ އުޞޫލާ ޚިލާފު ކަމެއް ކަމަށެވެ. ސިވިލް ސަރވިސް ކޮމިޝަނުން ބުނީ، ތަފާތުކުރުމުގެ ސަބަބު ބަޔާންކުރަންޖެހޭނީ ޝަކުވާކުރާ ފަރާތުން ކަމާއި، ޕޭ-ލީވް ދިނުމަކީ ލާޒިމް ކަމެއް ނޫންކަމާއި، ކޯސް ޓްރެއިނިންގ ރިކުއަރމަންޓުގައި ނުހިމެނޭކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ފާހަގަކުރީ، އިސްތިއުނާފުކުރި ފަރާތާއި ޕޭ-ލީވް ލިބުނު މުވައްޒަފާ ހަމަހަމަ ޙާލަތެއްގައި ނުތިބޭތީ ތަފާތުކުރުމެއް ނުފެންނަކަމާއި، ތަފާތުކުރުން ބިނާކުރި ސަބަބު ބުނެދެވިފައިނުވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަޒީފާދޭ ފަރާތަށް ޒިންމާ ފުރޮޅިގެން ނުދާކަމާއި، ޓްރައިބިއުނަލުން އެކަމާ ބެހޭގޮތުން ތަކުރާރުކޮށް ސުވާލުކޮށް ފުރުޞަތު ދީފައިވާތީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވާކަމަށް ނުފެންނަކަމާއި، ތިންވަނަ ނުކުތާގައި ޤާނޫނީ ބަހުސެއް ސާފުނުވާކަމެވެ. އެހެންކަމުން ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލެއް ނުގެނެވުނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 233 އަދި 237 ވަނަ މާއްދާތަކަށް ބަލާއިރު، ޕޭ-ލީވެއްގެ ދަށުން މުވައްޒަފުން ތަމްރީނަށް ފޮނުވޭނީ އެތަމްރީނަކީ އެއިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ ތަމްރީނަކަށްވުން ނުވަތަ އެފަރާތުން އަދާކުރާ މަޤާމާގުޅޭ ތަމްރީނަކަށްވުމާއި އެ ތަމްރީނުގެ މުއްދަތު 1 އަހަރު ދުވަހަށް ވުރެ ދިގު ނުވުމާއެކު އެތަމްރީނުގެ ޚަރަދު ބަޖެޓްގައި ހިމެނިފައިވާ ނަމައެވެ.

HN2 ވަޒީފާއާގުޅޭ ކަންކަމުގައާއި ވަޒީފާގެ މާހައުލުގައި ތަފާތުކުރުން މަނާކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކާއި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ތަފާތުކޮށްފައިވާ ނަމައެވެ. އަދި އެތަފާތުކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތި އެއްހަމައިގައި ތިބި މީހުންގެ މެދުގައި ކޮށްފައިވާ ތަފާތުކުރުމަކަށް ވާންވާނެއެވެ. ހަމަހަމަނޫން މީހުންގެ މެދުގައި ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ތަފާތުކުރުމަކީ، އެމާއްދާގެ (ށ) އާއި (ނ) އަދި (ބ) އިން އިސްތިސްނާ ލިބިގެންވާ ޙާލަތްތަކެކެވެ.

HN3 މުވައްޒަފުންނަށް ޕޭ-ލީވް ހަމަޖައްސައިދިނުމަކީ، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމްކަމެއް ނޫނެވެ. އެއީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތުގެ އިޚްތިޔާރު ލިބިގެންވާ ކަމެކެވެ.

HN4 ޢާންމު އުސޫލުން މަދަނީ ހުޞޫމާތުތަކުގައި ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ އެމައްސަލަ ހުށަހެޅި ފަރާތުންނެވެ. މަދަނީ މައްސަލައެއް ސާބިތުކުރެވޭނެ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑު (balance of probablity) އެވެ.

HN5 ވަޒީފާއާގުޅޭ ގޮތުން ތަފާތުކޮށްފައިވާކަމަށް ހުށަހަޅާ ޝަކުވާއެއް ބެލުމުގައި 3 (ތިނެއް) ޝަރުޠެއް ފުރިހަމަވޭތޯ ބަލަންވާނެއެވެ. އެއީ: ތަފާތުކުރުން މަނާކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް އޮތްތޯ؛ ތަފާތުކުރުން ގެންގުޅެފައިވަނީ ކޮން ކަމަކަށް ނުވަތަ ކޮން ސަބަބެއްގެ މައްޗަށް ބިނާކޮށްގެންތޯ؛ ތަފާތުކުރުމުގެ ސަބަބުން ޝަކުވާކުރި ފަރާތުގެ ޙައްޤަކަށް ނުވަތަ މަޞްލަޙަތަށް އުނިކަމެއް ނުވަތަ ގެއްލުމެއް ލިބިފައިވޭތޯ، މިއެވެ.

HN6 ވަޒީފާދޭފަރާތުން ތަފާތު ގެންގުޅެފައިވާކަމަށް ކަނޑައަޅޭނީ، (1) ތަފާތުކުރުމުގެ ޙާލަތު؛ އަދި (2) އެތަފާތުކުރުން ބިނާކުރި ސަބަބު ސާބިތުވާނަމައެވެ. ވަޒީފާއާ ގުޅިގެން ތަފާތުކުރުން ގެންގުޅެފައިވާކަމަށް ބުނެ ހުށަހަޅާ ޝަކުވާއެއް ސާބިތުވާކަމަށް ކަނޑައެޅޭނީ، ތަފާތުކުރެވޭ ޙާލަތުގެ ޝަރުޠާއި ސަބަބުގެ ޝަރުޠު ފުރިހަމަ ވެގެންނެވެ. މިޝަރުޠުތައް ފުރިހަމަ ނުވާނަމަ، ތަފާތުކުރުން ސާބިތުވާކަމަށް ކަނޑައެއް ނޭޅޭނެއެވެ.

HN7 ވަޒީފާގެ މާހައުލުގައި ތަފާތުކޮށްފައިވާކަމަށް ހުށަހަޅާ މައްސަލަ ސާބިތު ކުރުމުގެ ދެ މަރުހަލާއެއް (two-stage approach) ވެއެވެ. އެއީ، (1) މައްސަލަ ހުށަހަޅާ ފަރާތުން މައްސަލައިގެ ވާޤިޢާތަކާއި އެވާޤިޢާތަކުން ވަޒީފާދޭފަރާތުން އެފަރާތާމެދު ތަފާތުކޮށްފައިވާކަން ފުރަތަމަ ނަޒަރުން (prima facie) ސާބިތުވާ މިންވަރަށް ހެކި ހުށަހެޅުމެވެ. (2) ބުނެވި ދިޔަ މިންގަނޑުން ތަފާތުކޮށްފައިވާކަން ސާބިތުކޮށް ދިނުމުން އެކަން އެނޫން ގޮތަކަށް އޮތްކަން ސާބިތުކުރުމުގެ މަސްޢޫލިއްޔަތު ވަޒީފާދޭފަރާތަށް ބަދަލުވެގެން ދިއުމެވެ. ޝަކުވާކުރާ ފަރާތަށް ތަފާތުކޮށްފައިވާކަމަށް ފުރަތަމަ ނަޒަރުން ބެލެވޭ މިންވަރަށް ހެކި ހުށަނޭޅިއްޖެނަމަ، އެކަން އެނޫން ގޮތަކަށް ހިނގާފައިވާކަން ސާބިތުކޮށްދިނުމުގެ މަސްޢޫލިއްޔަތު ވަޒީފާދޭ ފަރާތަށް މަތިނުކޮށް މައްސަލަ ސާބިތުނުވާކަމަށް ނިންމިދާނެއެވެ.

HN8 ވަޒީފާދޭފަރާތުގެ މައްޗަށް ތަފާތުކޮށްފައިނުވާކަން ނުވަތަ ތަފާތުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ޒިންމާ ފުރޮޅޭނީ މައްސަލަ ހުށަހަޅާ ފަރާތާމެދު ތަފާތުކޮށްފައިވާކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހެޅުމުންނެވެ. ވަޒީފާދޭ ފަރާތުން ތަފާތުކޮށްފައިވާކަމަށް ހަމައެކަނި ބުނެލާ ބުނެލުމަކުން ތަފާތުކޮށްފައިވާ ކަމަށް ކަނޑައެއް ނޭޅޭނެއެވެ.

HN9 ވަޒީފާދޭ ފަރާތުން ތަފާތުކޮށްފައިވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ކޮން ސަބަބަކާ ގުޅުވައިގެންކަން ބުނެދެވިފައިނުވާނަމަ، އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަފާތުނުކުރާކަން ނުވަތަ ތަފާތުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ޒިންމާ ވަޒީފާދޭ ފަރާތުގެ މައްޗަށް ފުރޮޅިގެން ނުދާނެއެވެ.

HN10 ޚަސްމުންގެ ފަރާތުން ފާހަގަކޮށްފައިނުވާ އަދި ހުށަހެޅިފައިވެސް ނުވާ ކަމެއް މައްސަލަ ބަލާ ފަރާތުގެ އަމިއްލަ އިސްނެގުމަށް ބެލުމަކީ ޢާންމު އުސޫލެއްގެ ގޮތުން ރަނގަޅު ކަމެއް ކަމުގައި ނުވިނަމަވެސް، ޢަދުލު އިންޞާފު ޤާއިމް ކުރުމަށްޓަކައި ކޮންމެހެން ބަލަންޖެހޭ ނުކުތާއެއް މައްސަލަ ބަލާ ފަރާތުގެ އަމިއްލަ އިސްނެގުމަށް ބެލިދާނެއެވެ. ފާހަގަވާ ނުކުތާއަށް ރިޢާޔަތްކުރުމުން އެއީ މުޅި މައްސަލައިގެ ނިންމުމަށް އަސަރު ކުރާކަމެއް ކަމުގައިވާނަމަ، އެކަމާގުޅޭ ގޮތުން ޚަޞްމުންގެ ފަރާތުން ދައްކަން ބޭނުންވާ ވާހަކައާއި ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ދޭންވާނެއެވެ.

HN11 ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަފާތުކޮށްފައިވާކަމަށް މުވައްޒަފަކު ޝަކުވާއެއް ހުށަހަޅާނަމަ، ތަފާތުކޮށްފައިވަނީ ވަޒީފާގެ ކޮން ކަމަކާ ގުޅިގެންކަން ބުނެދިނުމުގެ އިތުރުން، 4 ވަނަ މާއްދާގެ (ހ) ގައި މަނާކޮށްފައިވާ ތަފާތުކުރުން ބިނާކުރާ ސަބަބު ބަޔާންކޮށްދިނުމަކީ ޝަކުވާ ހުށަހަޅާ މުވައްޒަފު ކުރަންޖެހޭ ކަމެކެވެ. އެފަދަ ޝަކުވާއަކީ ކޮބައިކަން ސާފުވެގެން މެނުވީ ވަޒީފާދޭ ފަރާތަކަށް ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިފާޢު ނުވެވޭނެއެވެ.

HN12 މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވުމަކީ ދަށު ކޯޓުގެ މައްޗަށް ލާޒިމްކަމެކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާގުޅޭ މައްސަލަތައް ބެލުމަށް ޤާއިމް ކޮށްފައިވާ ފުރަތަމަ މަރުހަލާގެ ކޯޓުތަކާ އެއްދަރަޖައިގައިވާ ތަނެކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި، މަތީމަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ތަބާވުމުން އެޓްރައިބިއުނަލް އިސްތިސްނާ ނުވެއެވެ.

HN13 ޖުޑީޝަލް ރިވިއު މައްސަލައެއް ބެލިގެންދާނީ، ދައުލަތުގެ އިދާރާ (public body) އަކުން ނިންމާ ނިންމުމެއް ނުވަތަ ކުރާކަމެއް އެއީ ޤާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްތޯ ނުވަތަ ނޫންތޯ ކަމާއި، އަދި އެނިންމުން ނިންމުމުގައި ޝަކްލީ ގޮތުންނާއި އިޖްރާޢީ ގޮތުން ފުރިހަމަވާންޖެހޭ ކަމެއް ފުރިހަމަ ކޮށްފައިވޭތޯ ނުވަތަ ނޫންތޯ ކަމާމެދުގައެވެ.

HN14 ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފުން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ޕޭލީވް ހަމަޖައްސައިދިނުމުގައި، އެމުވައްޒަފު ކިޔެވުމަށް ދާ ކޯހަކީ އެއިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ ކޯހެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަކީ ސިވިލް ސަރވިސް ގަވާއިދުގެ ދަށުން ދައުލަތުގެ އިދާރާގެ މައްޗަށް ޝަރުޠުކޮށްފައިވާ ކަމެކެވެ. ޓްރެއިނިންގ ރިކުއަރމަންޓުގައި ނުހިމެނޭ ކޯހަކަށް ޕޭލީވް ހަމަޖައްސައިދިނުމަކީ އެޤަވާއިދާ ޚިލާފު ކަމެއްކަމުގައި ނޫނީ ނުވާނެއެވެ. ދައުލަތުގެ އިދާރާގެ ބަޖެޓް ހަމަޖެހިފައިވީ ނަމަވެސް ކޯހަކަށް މުވައްޒަފަކު ފޮނުވުމަށް ނިންމުމުގައި އެކޯހަކީ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ ކޯހެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ އެ އިދާރާގެ މައްޗަށް ޤާނޫނުން ލާޒިމްކަމެކެވެ.

HN15 ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ، އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ. އިސްތިއުނާފީ ނުކުތާގައި އުފެދޭ ޤާނޫނީ ބަހުސެއް ސާފުނުވާނަމަ، އެ ނުކުތާ ބަލައިނުގަނެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މަރްޔަމް ޝުނާނާ، ޝުނާނާ އެންޑް ކޯ އެލްއެލްޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޙަސްނާ ޙަބީބު
ބެންޗު
ޢަބްދުއްރައޫފު އިބްރާހީމް، ދީބާނާޒް ފަހުމީ، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް
ވަކި ރައުޔު
ދީބާނާޒް ފަހުމީ

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް […] / ޢާޞިމާ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަނެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ

2[…] / ޢާޞިމާ އިބްރާހީމް، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ސޮފްޓްވެއަރ ޑިޒައިން އިންޖިނިއަރ މަޤާމުގެ ވަޒީފާ އަދާކުރަމުން ދަނިކޮށް 2015 ގައި، މަތީ ތަޢުލީމް ޙާޞިލް ކުރުމަށްޓަކައި މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައިދިނުމަށް އެދުމުން މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައި ދޭނެކަމަށް، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަންގާފައި ވަނިކޮށް، މަތީ ތަޢުލީމް ޙާޞިލް ކުރުމަށް ހަމަޖެހުނު ޔުނިވަރސިޓީއިން އޮފަރ ލެޓަރ ލިބިފައި ނުވާތީ، 2016 ވަނަ އަހަރު އޮފަރ ލެޓަރ ލިބި، މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައިދިނުމަށް ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގައި އެދުނު ނަމަވެސް، 2017 ވަނަ އަހަރު މަތީ ތަޢުލީމް ޙާސިލް ކުރުމަށްޓަކައި ޢާޞިމާ އިބްރާހީމް ރާއްޖެއިން ބޭރަށް ދިޔައިރުވެސް، މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައި ދީފައިނުވާތީއާއި 2016 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގައި ބަޖެޓް ނެތުމުގެ ސަބަބުން މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައި ދެވެން ނެތްކަން 2018 ވަނަ އަހަރު ޢާޞިމާ އިބްރާހީމަށް އަންގާފައިވަނިކޮށް، 2018 ވަނަ އަހަރު އަދި ޢާޞިމާ އިބްރާހީމް މަތީ ތަޢުލީމު ޙާސިލްކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހެން ބައެއް މުވައްޒަފުންނަށް މަތީ ތަޢުލީމް ޙާޞިލުކުރުމަށްޓަކައި މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައި ދީފައިވާތީ، ޢާޞިމާ އިބްރާހީމަށް މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައިދީފައި ނުވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ސިވިލް ސަރވިސް ކޮމިޝަނުން، މިމައްސަލައިގައި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއިން ތަފާތު ކުރުން ގެންގުޅެފައިވާކަމަށް ބެލެވެން ނެތްކަމަށް ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި ޢާޞިމާ އިބްރާހީމް، މަތީ ތަޢުލީމް ހާސިލްކުރުމަށް ހޭދަވި 02 (ދޭއް) އަހަރުގެ މުއްދަތަށް މުސާރަ ލިބޭ ޗުއްޓީގެ ގޮތުގައި ލިބެންވާ މުސާރައާއި އިނާޔަތްތަކަށްވާ ޖުމްލަ 220,320/00ރ (ދެލައްކަ ވިހިހާސް ތިންސަތޭކަ ވިހި ރުފިޔާ) އެކީ އެއްފަހަރާ ޢާޞިމާ އިބްރާހީމަށް ނަގައިދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަމުރުކޮށްދިނުމަށް އެދި ޢާޞިމާ އިބްރާހީމުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ މައްސަލަ ނިންމިގޮތް

3ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލައިގައި ބަލައި ނިންމާފައިވަނީ؛

"...ޢާޞިމާ އިބްރާހީމް، މަތީ ތަޢުލީމު ޙާސިލްކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ފަރާތުން ހަމަޖައްސައި ދީފައިނުވަނީ 2016 ވަނަ އަހަރުން ފެށިގެން އިދާރާތަކަށް ބަޖެޓްގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާތީ ކަމަށާއި، ޢާޞިމާ އިބްރާހީމް މުސާރަ ލިބޭ ޗުއްޓީއަށް އެދި ހުށަހެޅި ފަހުން، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ފަރާތުން މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައި ދީފައިވަނީ 2019 ވަނަ އަހަރު އެންމެ މުވައްޒަފަކަށް ކަމަށްވާތީ ޢާޞިމާ އިބްރާހީމަށް މުސާރަ ލިބޭ ޗުއްޓީ ދިނުމުގައި އިދާރާއިން ތަފާތުކުރުންތަކެއް ގެންގުޅެފައިވާކަމަށް ބަލާނެ ހަމައެއް ނެތްކަން ފާހަގަކޮށް މި މައްސަލަށް މައްސަލަ ރައްދުވި ފަރާތުން ޖަވާބުދާރީ ވެފައިވާއިރު، މައްސަލަ ހުށަހެޅި ފަރާތް މަތީ ތަޢުލީމް ޙާސިލްކުރުމުގެ ބޭނުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި، އެފަރާތް ފުރިހަމަ ކުރަން ހަމަޖެހިފައިވާ ކޯހުގެ މުއްދަތަށް މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައި ދިނުމަށް އެދުމުން މައްސަލަ ރައްދުވި ފަރާތުން އެޗުއްޓީ މައްސަލަ ހުށަހެޅި ފަރާތަށް ހަމަޖައްސައިނުދީ އެހެން މުވައްޒަފުންނަށް ހަމަޖައްސައި ދީފައިވުމީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާފަދަ ތަފާތު ކުރުންކަން މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކުރާއިރު، މައްސަލަ ހުށަހެޅި ފަރާތަށް މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައި ދީފައިނުވަނީ 2016 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބަޖެޓުގެ ދަތިކަން ދިމާވުމާ ގުޅިގެން ކަމާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 233 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި މުވައްޒަފުން ތަމްރީނުތަކަށް ފޮނުވުމުގައި މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ޕްލޭން (ޓްރެއިނިންގ ރިކުއަރމަންޓް) އެއް އެކުލަވާލާފައި އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެގަވާއިދުގެ 237 ވަނަ މާއްދާގައި މުސާރައާއި އެލަވަންސް ނުވަތަ މުސާރައާއި އެއްވަރުގެ އެލަވަންސް ލިބޭ ގޮތަށް މުވައްޒަފަކު ކިޔެވުމަށް ވީއްލޭނީ އެމުވައްޒަފަކު ތަމްރީނުކުރުމަށް އެކަށައަޅާ ތަމްރީނަކީ، ތަމްރީނު ޕްލޭންގައި ހިމެނިފައިވާ ތަމްރީނަކަށްވާނަމަ ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތް ފުރިހަމަ ކުރަން ބޭނުންވި ކޯހަކީ ތަމްރީން ޕްލޭނުގައި ހިމަނާފައިވާ ކޯހެއްކަން ނުވަތަ ނޫންކަން އެނގެން ނެތްކަމާއި، އަދި އެ މުއްދަތުގެ ތެރޭގައި ބަޖެޓުގެ ދަތިކަން މައްސަލަ ރައްދުވި ފަރާތަށް ކުރިމަތިވެފައިވާކަން އެނގެން ނެތްކަމާއި، މައްސަލަ ހުށަހެޅި ފަރާތާއި މުސާރަ ލިބޭ ޗުއްޓީއަށް ގޮސްފައިވާ އެހެން މުވައްޒަފުންނާ ތަފާތުކޮށްފައިވަނީ ކޮން ދާއިރާއަކުން، ކޮން ގޮތަކަށްކަން މައްސަލަ ހުށަހެޅި ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމާއި، އެހެންކަމުން،މައްސަލަ ހުށަހެޅި ފަރާތަށް މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައި ދީފައިނުވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާފަދައިން ތަފާތުކޮށްގެންކަމަށް ބުރަވެވެން ނެތަތީ، މި މައްސަލައިގައި ޢާޞިމާ އިބްރާހީމްގެ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ކުރާނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލަ އިސްތިއުނާފުކުރުމަށް ޢާޞިމާ އިބްރާހީމްގެ ފަރާތުން އަންނަނިވި 03 (ތިނެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާތަކަކީ:-

4.1 އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދަޢުވާއަކީ އިސްތިއުނާފުކުރާ ފަރާތަށް ޕޭ-ލީވް ދިނުމެއް ނެތި އެހެން ފަރާތްތަކަށް ޕޭ ލީވް ދިނުމަކީ މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި ތަފާތުކުރުންކަމަށް ވާއިރު، މި ތަފާތުކުރުން ގެނެވިފައިވާ ހަމައެކަނި ސަބަބަކީ އިސްތިއުނާފުރައްދުވާ ފަރާތުގެ ބަޖެޓް ހަމަޖެހިފައިނުވާ ކަމަށް ބުނެކަން އެނގެން އޮތްއިރު، ތަފާތުކޮށްފައިވަނީ ކޮން ދާއިރާއަކުން، ކޮން ގޮތަކުންކަން މައްސަލަ ހުށަހެޅި ފަރާތުން ސާބިތުކޮށްދީފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 6.2 ގައި ނިންމާފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛

4.2 ތަފާތުކޮށްފައިވަނީ ކޮން ގޮތަކުން ކަމެއް ބަޔާންކޮށް، ދަޢުވާ ސާފުނުވާކަމަށް ބަޔާންކޮށް ދިފާއީ ދަޢުވާއެއް ނުވަތަ ނުކުތާއެއް ވެސް އިސްތިއުނާފުރައްދުވާ ފަރާތުން ނަގާފައިނުވާކަމާއި، އަދި ދަޢުވާ ސާފުވުމުން ދަޢުވާއަށް އިންކާރުކޮށް އެތަފާތުކޮށްފައިވާ ސަބަބު ހުށަހަޅާފައިވާއިރު، މައްސަލަ ބެއްލެވި މެންބަރުގެ އަމިއްލަ އިސް ނެގުމުގައި، ހައިކޯޓުގެ ނަންބަރު 2013/HC-A/364 އާ ހަވާލާދީ ތަފާތުކޮށްފައިވަނީ ކޮން ގޮތަކުންކަމާއި ކޮން ދާއިރާއަކުންކަން ސާބިތުކޮށްދީފައިނުވާ ކަމުގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމާފައިވަނީ އެކަމާމެދު އިސްތިއުނާފުކުރާ ފަރާތުން ދެކޭ ގޮތެއް ބަޔާންކޮށް ފުރުސަތު ދިނުމެއްނެތި ކަމަށްވާތީ އެނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ޚިލާފު ނިންމުމެއްކަމާއި އަދި ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގެ ޤާނޫނީ ސަބަބަށް ފުރިހަމަ ރިޢާޔަތް ކުރެއްވުމެއް ނެތި ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ؛

4.3 އިސްތިއުނާފުކުރާ ފަރާތަށް ޕޭ-ލީވް ނުދިނުމަށް އިސްތިއުނާފުރައްދުވާ ފަރާތުން ނިންމި ނިންމުން ބިނާކުރި ހަމައެކަނި ސަބަބަކީ ބަޖެޓް ނެތްކަމަށް ބުނެކަމާއި، އެނިންމުމަކީ ޓްރޭނިންގ ރިކުއަރމަންޓާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ނޫންކަން އެނގެން އޮތްއިރު، އެނިންމުން ބިނާކޮށްފައިވާ ސަބަބުނޫން އެހެން ސަބަބެއްކަމަށް ވާ ޓްރޭނިންގ ރިކުއަރމަންޓްގައި ކޯސް ހިމެނިފައިވާކަން އެނގެން ނެތްކަމަށް މައްސަލަ ބެއްލެވި މެންބަރު ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ "ޖުޑީޝަލް ރިވިއުގެ" އުސޫލާއި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ، އެވެ.

އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ

5އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި، އެނުކުތާތަކާގުޅޭ ގޮތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތަފްސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. އެވާހަކަތައް މަޙްޟަރު ކުރެވި، މި މައްސަލަ ނިންމުމަށް ފަހު ދޫކުރެވޭ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭނެތީ، އެފަރާތުން ދެއްކި ވާހަކަތަކުން ފާހަގަވި ކަންކަން ޚުލާޞާ ގޮތެއްގައި ތިރީގައި ބަޔާންކުރަމެވެ.

5.1 އިސްތިއުނާފުކުރާ ފަރާތުން ކުރި ދަޢުވާއަކީ އެފަރާތުން ޕޭ-ލީވްއަށް އެދުނު އަހަރު ޕޭ-ލީވްއަށް އެދުނު އެހެން މުވައްޒަފަކަށް ޕޭ-ލީވް ހަމަޖައްސައިދިންއިރު، އެފަރާތަށް ޕޭ-ލީވް ހަމަޖައްސައި ނުދިނުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ތަފާތު ކުރުމެއްކަމަށް ބުނެ ކުރި ދަޢުވާއެއް ކަމާއި، އެދަޢުވާގައި ތަފާތުކޮށްފައިވާ ގޮތާއި އެކަމުގެ ތަފްސީލު ބަޔާންކޮށް ހުށަހަޅާފައިވާނެކަމާއި އިސްތިއުނާފުރައްދުވާ ފަރާތުން ދަޢުވާއަށް އިންކާރުކޮށް ޕޭ-ލީވް ހަމަޖައްސައި ދީފައިނުވަނީ ބަޖެޓްގެ ދަތިކަން ހުރެގެންކަމަށް ބުނެފައިވާކަމާއި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގައި ތަފާތުކޮށްފައިވާ ކަމުގެ ދަޢުވާއެއް ހުށަހަޅައިފިނަމަ، ތަފާތު ނުކުރެވޭކަމަށް ނުވަތަ ތަފާތު ގެނައީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްގެންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމެވެ.

5.2 ތަފާތުކުރުން ގެނެވިފައިވާ ހަމައެކަނި ސަބަބަކީ އިސްތިއުނާފުރައްދުވާ ފަރާތުގެ ބަޖެޓް ހަމަޖެހިފައި ނުވާކަމަށް ބުނެކަން އެނގެން އޮތްއިރު، ތަފާތުކޮށްފައިވަނީ ކޮން ދާއިރާއަކުން، ކޮން ގޮތަކުންކަން މައްސަލަ ހުށަހެޅި ފަރާތުން ސާބިތުކޮށްދީފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމެވެ.

5.3 ތަފާތުކޮށްފައިވަނީ ކޮން ދާއިރާއަކުން، ކޮން ގޮތަކުންކަން ބަޔާންކޮށް ދަޢުވާ ސާފުނުވާކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބަޔާންކޮށްފައިނުވާ ހިނދު، މައްސަލަ ބެއްލެވި މެންބަރުންގެ އަމިއްލަ އިސް ނެގުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާއާ ޙަވާލާދީ ތަފާތުކޮށްފައިވާ ގޮތާއި އަދި ދާއިރާ ސާފުކޮށްދޭން ޖެހޭކަމަށް ބަޔާންކޮށްފައިވާ އުޞޫލުގެ ޤާނޫނީ ސަބަބަކީ ދަޢުވާ ސާފުވެގެން މެނުވީ، ދަޢުވާއަށް ޖަވާބުދާރީ ނުވެވޭނެކަމަށް ވާއިރު، އެޤާނޫނީ ސަބަބަށް ރިޢާޔަތްކުރުމެއް ނެތި އަދި ދަޢުވާ ސާފުނުވާކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިނުވާހިނދު ވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާއާއި މި މައްސަލައާ ތަފާތުވާއިރު އަދި ހައިކޯޓުގެ ޤަޟިއްޔާ މި މައްސަލައަށް ތަތުބީޤު ކުރެވޭނެ ޤާނޫނީ ހަމައެއް ނެތަތީ، ޓްރައިބިއުނަލްގެ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމެވެ.

5.4 އިސްތިއުނާފުކުރާ ފަރާތަށް ޕޭ-ލީވް ނުދިނުމަށް ނިންމި ނިންމުން ބިނާކުރި ހަމައެކަނި ސަބަބަކީ ބަޖެޓް ނެތްކަމަށް ބުނެކަން ޕޭ-ލީވް ނުދެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތަށް އަންގާފައިވާ އެންގުމުން އެނގެން އޮންނަކަމާއި، މި މައްސަލަ ހުށަހަޅާފައިވަނީ އެ ނިންމުން ބިނާކުރި ސަބަބު ރިވިއުކޮށް ދިނުމަށް އެދި ކަމަށް ވީހިނދު، މިއީ ޖުޑީޝަލް ރިވިއުގެ އުޞޫލުގެ ދަށުން ހުށަހެޅި މައްސަލައެއްކަމާއި މައްސަލައިގައި ސާބިތުކޮށް ދޭންޖެހޭނީ އެނިންމުން ބިނާކުރި ސަބަބު ޞައްޙަ ކަމަށްކަމުގައި ވީހިނދު، އެނިންމުން ބިނާކޮށްފައިނުވާ އައު އިތުރު ސަބަބުތައް ނެގޭނެ ޤާނޫނީ ހަމައެއް ނޯންނާނެކަމާއި، މައްސަލަ ހުށަހެޅި ފަރާތުން ފުރިހަމަ ކުރުމަށް ގަސްތުކުރި ކޯސް ޓްރެއިނިންގ ރިކުއަރމަންޓްގައި ހިމަނާފައިނުވާކަން އެނގެން ނެތްކަމަށް ކަނޑައަޅާފައިވަނީ، ޖުޑީޝަލް ރިވިއުއާއި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

6އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލައިގެ ނިންމުން ބިނާކޮށްފައިވާ ސަބަބު ސައްޙަ ނޫންކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލައިގެ ނިންމުން ބާޠިލްކޮށް، އިސްތިއުނާފުކުރާ ފަރާތް މަތީ ތަޢުލީމް ޙާޞިލުކުރުމަށް ދިޔަ މުއްދަތުގައި ޕޭ-ލީވްގެ ގޮތުގައި ލިބެންވާ 220,320.00ރ (ދެލައްކަ ވިހިހާސް ތިންސަތޭކަ ވިހި ރުފިޔާ) އެކީ އެއްފަހަރާ އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭކަމުގައި ކަނޑައަޅައި ދިނުމަށެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން ދެއްކި ވާހަކަތައް

7އިސްތިއުނާފުކުރާ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި އެނުކުތާތަކާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ރައްދުގައި އިސްތިއުނާފުރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުން ފާހަގަކުރެވުނު ކަންކަން ޚުލާޞާ ގޮތެއްގައި ތިރީގައި ބަޔާންކުރަމެވެ.

7.1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލު މި މައްސަލައިގައި ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި ނުވާކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ވަޒީފާއާގުޅޭ ކަންކަމުގައި ތަފާތުކުރުން މަނާކަމަކަށްވާ ސަބަބުތައް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތާމެދު ތަފާތުކޮށްފައިވަނީ ކޮން ސަބަބެއްގެ މައްޗަށް ބިނާކޮށްކަން އިސްތިއުނާފުކުރާ ފަރާތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެދެވިފައި ނުވާކަމެވެ.

7.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަފާތުކޮށްފައިވާކަމަށް މުވައްޒަފަކު ޝަކުވާއެއް ހުށަހަޅާނަމަ، ތަފާތުކޮށްފައިވަނީ ވަޒީފާގެ ކޮން ކަމަކާ ގުޅިގެންކަން ބުނެ ދިނުމުގެ އިތުރުން، ތަފާތުކުރުން ބިނާކުރި ސަބަބުވެސް ބަޔާންކޮށް ދިނުމަކީ ޝަކުވާ ހުށަހަޅާ މުވައްޒަފު ކުރަންޖެހޭ ކަމެއްކަމާއި، މިކަންކަން ސާފުވެގެން މެނުވީ ވަޒީފާދޭ ފަރާތަކަށް، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިފާޢު ނުވެވޭނެކަން އެނގޭކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން، އެފަރާތަށް ޕޭލީވް ދިނުމެއްނެތި އެހެން ފަރާތްތަކަށް ޕޭލީވް ދީފައިވާކަމަށް ބަޔާންކުރުން ފިޔަވައި، އިސްތިއުނާފުރައްދުވާ ފަރާތުން ތަފާތުކުރުން ބިނާކުރި ސަބަބު އިސްތިއުނާފުކުރާ ފަރާތަށް ތަފްޞީލުކޮށް ދެވިފައިނުވާ ކަމެވެ.

7.3 އެކި ސަބަބުތަކަށްޓަކައި، މުވައްޒަފުންނަށް މުސާރަ ލިބޭ ޗުއްޓީ ދިނުމާއި ނުދިނުމުގެ އިޚްތިޔާރު ވަޒީފާ ދޭފަރާތުގެ ހައިޞިއްޔަތުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދުގެ ތަރަހައިގެ ތެރެއިން އިސްތިއުނާފުރައްދުވާ ފަރާތަށް ލިބިދީފައިވާ ކަމާއި، އެހެންކަމުން، މުވައްޒަފަށް ޕޭލީވް ދިނުމަކީ، އެހެން މުވައްޒަފަކަށް ޕޭލީވް ދިނުމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގެ ދަށުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމްކަމެއް ނޫންކަމެވެ.

7.4 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 231 ވަނަ މާއްދާގެ (ނ) ގައި، ތަމްރީނު ކުރުމަށް މުވައްޒަފުން ހޮވުމާއި ތަމްރީނަށް ފަހު ޚިދުމަތް ކުރުންފަދަ އެންމެހައި ކަންކަން ބަލަހައްޓައި އިންތިޒާމު ކުރާނީ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ލަފާގެ މަތިން އެ އިދާރާއަކުން ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެގަވާއިދުގެ 233 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި މުވައްޒަފުން ތަމްރީންތަކަށް ފޮނުވުމުގައި މުވައްޒަފުން ތަމްރީނު ކުރުމަށް ބޭނުންވާ ޕްލޭނެއް އެކުލަވާލާފައި އޮންނަންވާނެ ކަމާއި، އެ ގަވާއިދުގެ 237 ވަނަ މާއްދާގައި އެ ޕްލޭނަށް ދާނެ ޚަރަދު ކުރިއަށް އޮތް މާލީ އަހަރުގެ ބަޖެޓްގައި ހިމަނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމާއި، ކިޔެވުމަށްޓަކައި މުސާރައާއި އެލަވަންސް ލިބޭ ގޮތަށް މުވައްޒަފުން ތަމްރީންކުރާއިރު، އެތަމްރީނަކީ މުވައްޒަފުން ތަމްރީންކުރުމަށް އެކަށައަޅާ ތަމްރީން ޕްލޭނުގައި ހިމެނިފައިވާ ތަމްރީނަކަށް ވާންވާނެކަމަށް ބަޔާންކޮށްފައިވާއިރު އިސްތިއުނާފުކުރާ ފަރާތުން ކިޔެވުމަށްޓަކައި މުސާރައާއި އެލަވަންސް ލިބޭ ގޮތަށް ވީއްލައިދިނުމަށް އެދުނުއިރު، އެފަރާތުން ފުރިހަމަ ކުރުމަށް ނިންމާފައިވާ ކޯހަކީ އިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓްގައި ހިމެނިފައިވާ ކޯހެއް ނޫންކަމާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަކުރިއަށް ދިޔައިރު ކޮމިޝަނުން މިކަންކަން ފާހަގަކޮށްފައިވާނެކަން ބަޔާންތަކުން އެނގެން އޮތްއިރު އެކަންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވުމަކީ، ޖުޑީޝަލް ރިވިއުގެ ހަމަތަކާއި ޚިލާފުވިކަމަށް ނުބެލެވޭނޭކަމެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް

8ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައި ދީފައިނުވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަފާތުކޮށްފައިވާކަމަށް ބުރަވެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އެނިންމުން ބާޠިލް ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ފާހަގަ ކުރެވުނު ކަންކަން

9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފުރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.

މުވައްޒަފުންގެ މެދުގައި ތަފާތުނުކުރުން

10މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތާމެދު އެފަރާތުން ވަޒީފާއަދާކުރަމުންދާ، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ.) އިން ތަފާތުކޮށްފައިވާކަމަށް ބުނެފައިވަނީ، އެފަރާތުން މަތީ ތަޢުލީމުގެ ހާސިލްކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމަށް ޕޭ-ލީވް ހަމަޖައްސައިދިނުމަށް އެދިފައިވަނިކޮށް، އެފަރާތަށް ޕޭ-ލީވް ހަމަޖައްސައިނުދީ، އެހެން ފަރާތަކަށް ޕޭ-ލީވް ހަމަޖައްސައި ދީފައިވުމާއި، އަދި ޕޭ-ލީވް ހަމަޖައްސައިނުދިން ސަބަބެއްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުގެ ބަޖެޓު ހަމަޖެހިފައިނުވާތީކަމަށް ބުނެފައިވީނަމަވެސް، އެއަހަރުގެ ތެރޭގައި އެހެން މުވައްޒަފުންނަށް ޕޭ-ލީވް ހަމަޖައްސައިދީފައިވުމުން އެފަރާތަށް ޕޭ-ލީވް ހަމަޖައްސައިދީފައިނުވަނީ ބަޖެޓް ނެތިގެން ނޫންކަމަށް ބެލެވޭތީކަން އެނގެއެވެ.

11މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން އެންމެ ފުރަތަމަ ޕޭލީވް ހަމަޖައްސައިދިނުމަށް އެދިފައިވަނީ، ޔުނިވަރސިޓީ އޮފް ބޮޓްސްވާނާއިން 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ފަށަން ހަމަޖެހިފައިވާ "މާސްޓަރ އިން ޕްރޮޖެކްޓް މެނޭޖްމަންޓް" ކޯހަށް ކުރިމަތިލާފައިވާތީ އެކޯހުގައި ކިޔަވަމުންދާ މުއްދަތުގައި މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައި ދިނުމަށެވެ. އެފަރާތުން އެދިފައިވާ ފަދައިން މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައިދިނުމަށް މެނޭޖްމަންޓުން ނިންމާފައިވާކަން އެއިދާރާގެ މުވައްޒަފުންގެ މެދުގައި ބަދަލުކޮށްފައިވާ އީ-މެއިލުން އެނގެން އޮތް ނަމަވެސް، އެޔުނިވަރސިޓީން އެކްސެޕްޓެންސް ލެޓަރ ލިބިފައިނުވާތީ، އެކޯހުގައި ކިޔަވަން ނުދާނެކަން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް އަންގާފައިވެއެވެ. އަދި އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު ޔުނިވަރސިޓީ އޮފް ޖޮހަނެސްބާގްއިން ފެށުމަށް ހަމަޖެހިފައިވާ "ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އިންފޮމޭޝަން ސިސްޓަމްސް އޮޑިޓިންގ" ކޯސް ހެދުމަށް އިސްތިއުނާފުކުރާ ފަރާތް ހޮވިފައިވާތީ، އެކޯހުގެ މުއްދަތަށް މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި 13 ނޮވެންބަރު 2016 ގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ހުށަހަޅާފައިވެއެވެ. އެސިޓީގައި އެދިފައިވާ ޕޭލީވް ހަމަޖައްސައި ދިނުމާމެދު ގޮތެއް ނިންމުމުގެ ކުރިން އެކޯހުގެ ކިޔެވުމަށް އިސްތިއުނާފުކުރާ ފަރާތުން 2017 ވަނަ އަހަރު ރާއްޖެއިން ބޭރަށް ގޮސްފައިވެއެވެ. އެފަރާތުން އެކޯހުގައި ކިޔެވުމަށް ރާއްޖެއިން ބޭރަށް ދިޔައީ ނޯޕޭލީވެއް ނަގައިގެންނެވެ. އަދި އެނޯޕޭލީވްގެ މުއްދަތުގައި ކޯހުގެ ކިޔެވުން ނުނިމޭތީ އެމުއްދަތު އިތުރުކޮށް ދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދުމުން ނޯޕޭލީވްގެ މުއްދަތު އިތުރުކޮށް ދީފައިވެއެވެ.

12އިސްތިއުނާފުކުރާ ފަރާތުން ކިޔެވުމަށް ރާއްޖެއިން ބޭރަށް ދިއުމަށްފަހު، ޕޭލީވް ހަމަޖައްސައިދިނުމަށް އެދި 16 އޭޕްރީލް 2018 ގައި ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން އެން.ސީ.އައި.ޓީން ނިންމާފައިވަނީ މުސާރަ ލިބޭ ޗުއްޓީއެއް ހަމަޖައްސައި ދެވެންނެތް ކަމަށެވެ. އެނިންމުން ނިންމި ސަބަބަކީ، 2018 ވަނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުން އެކަމަށް ތަންނުދޭތީކަން އެނގެއެވެ.

13ޕޭލީވް ހަމަޖައްސައިދިނުމުގައި އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތާމެދު ތަފާތުކޮށްފައިވާކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދި ހުށަހެޅި ޝަކުވާއާ ގުޅިގެން، އެކަން ހިނގާދިޔަ ގޮތް ބެލުމަށްފަހު، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން ތައްޔާރުކޮށްފައިވާ ކަންހިނގާ ދިޔަ ގޮތުގެ ރިޕޯޓަށް ބަލާއިރު، އެއިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓް މުރާޖަޢާކޮށް، އިސްތިއުނާފުކުރާ ފަރާތް ފުރިހަމަކޮށްފައިވާ ކޯސް ޓްރެއިނިންގ ރިކުއަރމަންޓްގައި ހިމެނިފައިނުވާކަމާއި 2016 ވަނަ އަހަރުން ފެށިގެން އިދާރާތަކަށް ބަޖެޓްގެ ދަތިކަން ދިމާވެފައިވާތީ، އިސްތިއުނާފުކުރާ ފަރާތަށް މުސާރަ ލިބޭ ޗުއްޓީ ހަމަޖެހިފައިނުވާކަމާއި 2016 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން މަތީ ތަޢުލީމް ހާސިލްކުރުމަށް މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައިދީފައިވަނީ 2019 ވަނަ އަހަރު އެންމެ މުވައްޒަފަކަށް ކަމާއި، އެ މުވައްޒަފު ކިޔެވުމަށް ހަމަޖެހުނު ކޯހަކީ އެއިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ ކޯހެއްކަމާއި އަދި އެކޯހުގައި ކިޔަވަން އެފަރާތުން ގޮސްފައިވަނީ ބަޖެޓް ހަމަޖެހިގެންކަމަށް ބަޔާންކޮށްފައިވެއެވެ.

14HN1ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައި،ކިޔެވުމަށްޓަކައި މުސާރަ/މުސާރައާ އެއްވަރުގެ އެލަވަންސެއް (ޕޭ-ލީވް) ލިބޭ ގޮތަށް މުވައްޒަފުން ވީއްލިދާނެކަމާއި، މިގޮތުން ކިޔެވުމަށް ޕޭ-ލީވް ހަމަޖައްސައިދެވިދާނެ ދެ ގޮތެއްވާކަމާއި، އެއީ (1) މުވައްޒަފު ފުރިހަމަކުރަން ބޭނުންވާ ތަމްރީނަކީ އެއިދާރާއެއްގެ ޓްރެއިނިންގ ރިކުއަރމެންޓުގައި ހިމެނޭ ތަމްރީނަކަށް ވުމާއެކު، އެތަމްރީނުގެ މުއްދަތު 1 (އެކެއް) އަހަރު ދުވަސް، ނުވަތަ އެއަށްވުރެ ކުރުވުން؛ އަދި (2) އެމުވައްޒަފު އަދާކުރާ މަޤާމާގުޅޭ ނުވަތަ އެއިދާރާގެ މުވައްޒަފުން ތަމްރީނުކުރުމަށް ކަނޑައަޅާފައިވާ ޕްލޭނުގައި ހިމެނޭ ތަމްރީނަކަށްވުމެވެ. ކޮންމެ އިދާރާއަކަށް މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ޕްލޭން (ޓްރެއިނިންގ ރިކުއަރމަންޓް) އެއް އެކުލަވާލާފައި އޮންނަންވާނެކަމާއި، އެޕްލޭންގައިވާ ގޮތުގެމަތިން މުވައްޒަފުން ތަމްރީނުކުރުމަށްދާނެ ޚަރަދު ކުރިއަށް އޮތް މާލީ އައު އަހަރުގެ ބަޖެޓްގައި ހިމަނަންވާނެކަމަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 233 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވެއެވެ. އިސްވެ ބަޔާންވެ ދިޔަ ސިވިލް ސަރވިސްގެ ގަވާއިދުގެ މާއްދާތަކަށް ބަލާއިރު، ޕޭ-ލީވެއްގެ ދަށުން މުވައްޒަފުން ތަމްރީނަށް ފޮނުވޭނީ އެތަމްރީނަކީ އެއިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ ތަމްރީނަކަށްވުން ނުވަތަ އެފަރާތުން އަދާކުރާ މަޤާމާގުޅޭ ތަމްރީނަކަށްވުމާއި އެ ތަމްރީނުގެ މުއްދަތު 1 އަހަރު ދުވަހަށް ވުރެ ދިގު ނުވުމާއެކު އެތަމްރީނުގެ ޚަރަދު ބަޖެޓްގައި ހިމެނިފައިވާ ނަމައެވެ. އިސްތިއުނާފުކުރާ ފަރާތުން ކިޔެވުމަށް ދިޔަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ކޯހަކީ ވަޒީފާދިން ފަރާތުގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ ކޯހެއް ނޫނެވެ. އަދި އެކޯހުގައި ކިޔަވަން ދިޔަ އަހަރުގެ ބަޖެޓްގައި އެކޯހުގައި ކިޔެވުމަށް ޕޭލީވް ހަމަޖައްސައިދިނުމަށް ބަޖެޓްކުރެވިފައިނުވެއެވެ. އޭގެ އިތުރުން އެކޯހަކީ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ކޯހަކަށްވުމުން ޕޭ-ލީވް ހަމަޖައްސައިދިނުމަށް ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ނުވާކަން ފާހަގަކުރެވެއެވެ.

15އިސްތިއުނާފުކުރާ ފަރާތަށް ޕޭލީވް ހަމަޖައްސައިނުދީ އެހެން މުވައްޒަފުންނަށް ޕޭލީވް ހަމަޖައްސައިދީފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީ ނަމަވެސް، އެފަރާތުން މަތީތަޢުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ދިޔަ އަހަރު އެ އިދާރާގެ އެއްވެސް މުވައްޒަފަކު ޕޭލީވެއްގެ ދަށުން މަތީ ތަޢުލީމު ޙާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިނުވާކަމާއި، 2016 ވަނަ އަހަރުގެ ފަހުން އެއިދާރާއިން ކިޔެވުމަށް ޕޭލީވެއް ހަމަޖައްސައިދީފައިވަނީ 2019 ވަނަ އަހަރު އެންމެ މުވައްޒަފަކަށްކަމާއި، އެމުވައްޒަފު ކިޔެވުމަށް ދިޔަ ކޯހަކީ އެއިދާރާގެ ބަޖެޓްގައި ހަމަޖެހިފައިވާ އަދި އެއިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ 1 (އެކެއް) އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއްގެ ކޯހެއްކަން އެނގެއެވެ.

16ވަޒީފާއާގުޅޭ ކަންކަމުގައި ތަފާތުކުރުން މަނާކޮށް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ.

ތަފާތު ނުކުރުން

4 (ހ) ވަޒީފާ ދިނުމުގަޔާއި، އުޖޫރަ ކަނޑައެޅުމުގަޔާއި، އުޖޫރަ އިތުރު ކުރުމުގަޔާއި، ތަމްރީނު ދިނުމުގަޔާއި، ވަޒީފާގެ ޝަރްޠުތަކާއި ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގަޔާއި، ވަޒީފާއިން ވަކި ކުރުމުގަޔާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ޤާނޫނާއި ޚިލާފުނުވާ ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބަކާ ހުރެ ނިކަމެތިވެފައިވާ ފަރާތްތަކާއި، އިޖްތިމާޢީގޮތުން ނިކަމެތިކަން ފޯރާފައިވާ ފަރާތްތަކުގެ ޙާލަތަށް ލުއިފަސޭހަކަމެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ވަކިއުސޫލެއް ހަމަޖައްސައިދިނުން، ނުވަތަ ވަކި ޕްރޮގްރާމެއް ނުވަތަ ވަކި ޙަރަކާތެއް ހިންގުމަކީ ހަމަހަމަ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) ވަޒީފާއެއް އަދާކުރުމަށް ބޭނުންވާ ތަޢްލީމީ ފެންވަރާއި، ހުނަރާއި، ތަޖުރިބާއާ އަދި މިނޫންވެސް މަސައްކަތާ ސީދާ ގުޅުންހުރި ކަންތައްތަކުގެ މައްޗަށް ބެލުން މި މާއްދާގެ (ހ) އިން ހުރަހެއްނާޅައެވެ.

(ރ) ވަޒީފާދޭ ފަރާތުން މި މާއްދާގެ (ހ) އާ ޚިލާފުވެއްޖެ ކަމުގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭ ކަމަށް ނުވަތަ ތަފާތު ގެނައީ، މި މާއްދާގެ (ހ) އާ ޚިލާފުނުވާ ގޮތުގެ މަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ބ) ވަޒީފާދޭ ފަރާތުން، ވަޒީފާއަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަން ދިނުމަކީ، މި މާއްދާގައި ބުނެފައިވާ ތަފާތުކުރުން ކަމުގައެއް ނުބެލެވޭނެއެވެ.

17HN2މި މާއްދާގެ (ހ) ގެ ޢިބާރާތަށް ބަލާއިރު، ވަޒީފާއާގުޅޭ ކަންކަމުގައާއި ވަޒީފާގެ މާހައުލުގައި ތަފާތުކުރުން މަނާކޮށްފައިވަނީ އެމާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކާއި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ތަފާތުކޮށްފައިވާ ނަމައެވެ. އަދި އެތަފާތުކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތި އެއްހަމައިގައި ތިބި މީހުންގެ މެދުގައި ކޮށްފައިވާ ތަފާތުކުރުމަކަށް ވާންވާނެކަމާއި، ހަމަހަމަނޫން މީހުންގެ މެދުގައި ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ތަފާތުކުރުމަކީ، މިމާއްދާގެ (ށ) އާއި (ނ) އަދި (ބ) އިން އިސްތިސްނާ ލިބިގެންވާ ޙާލަތްތަކެއްކަން އެނގެއެވެ.

18HN3މުވައްޒަފުންނަށް ޕޭ-ލީވް ހަމަޖައްސައިދިނުމަކީ، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމްކަމެއް ނޫނެވެ. އެއީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތުގެ އިޚްތިޔާރު ލިބިގެންވާ ކަމެކެވެ. މިމައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތުގެމަތިން ޕޭ-ލީވް ހަމަޖައްސައިނުދީ، އެހެން މުވައްޒަފަކަށް ޕޭލީވް ހަމަޖައްސައި ދިނުމުގައި، އިސްތިއުނާފުކުރާ ފަރާތާއި އެމުވައްޒަފާ ދެ މީހުންނަކީ ޕޭލީވް ހަމަޖައްސައިދިނުމަށް އެދުނު ވަގުތުގެ ގޮތުންނާއި ކިޔަވަންދިޔަ ކޯހުގެ/ތަމްރީނުގެ ގޮތުން ހަމަހަމަ ޙާލަތެއްގައި ތިބި ދެ މީހުން ނޫންކަން އިސްވެ ބަޔާންވެދިޔަ ކަންކަމަށް ބެލުމުން އެނގެއެވެ.

19އެހެންކަމުން، މިމައްސަލައިގައި އެން.ސީ.އައި.ޓީން ޕޭލީވް ހަމަޖައްސައިދިނުމުގައި އިސްތިއުނާފުކުރާ ފަރާތާއި އެހެން މުވައްޒަފުންނާމެދު، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ތަފާތުކޮށްފައިވާ ކަމަށް އަހުރެންނަކަށް ނުފެނެއެވެ.

ތަފާތުކުރުން ސާބިތުކުރުމާއި، ސާބިތުކުރުމުގެ ބުރަ އުފުލުން

20HN4ޢާންމު އުސޫލުން މަދަނީ ހުޞޫމާތުތަކުގައި ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ އެމައްސަލަ ހުށަހެޅި ފަރާތުންނެވެ. ދަޢުވާ ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމާއި އެގޮތުން ފުރަތަމަ ބަޔަކީ ދަފްޢު އުފުލާފަރާތުން އެކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުންކަމާއި އަދި ދެވަނަ ބަޔަކީ ދެފަރާތުން ހުށަހަޅާފައިވާ ހެއްކަކީ އެހެކިތައް ވަޒަންކުރާއިރު، ހުށަހަޅާފައިވާ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަށްވުންކަމާއި، މަދަނީ މައްސަލައެއް ސާބިތުކުރެވޭނެ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑު (balance of probablity) ކަން އެނގެއެވެ.

21HN5ވަޒީފާއާގުޅޭ ގޮތުން ތަފާތުކޮށްފައިވާކަމަށް ހުށަހަޅާ ޝަކުވާއެއް ބެލުމުގައި 3 (ތިނެއް) ޝަރުޠެއް ފުރިހަމަވޭތޯ ބަލަންވާނެއެވެ. އެއީ:-

21.1 ތަފާތުކުރުން މަނާކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް އޮތްތޯ؛

21.2 ތަފާތުކުރުން ގެންގުޅެފައިވަނީ ކޮން ކަމަކަށް ނުވަތަ ކޮން ސަބަބެއްގެ މައްޗަށް ބިނާކޮށްގެންތޯ؛

21.3 ތަފާތުކުރުމުގެ ސަބަބުން ޝަކުވާކުރި ފަރާތުގެ ޙައްޤަކަށް ނުވަތަ މަޞްލަޙަތަށް އުނިކަމެއް ނުވަތަ ގެއްލުމެއް ލިބިފައިވޭތޯ، މިއެވެ.

22HN6ވަޒީފާދޭފަރާތުން ތަފާތު ގެންގުޅެފައިވާކަމަށް ކަނޑައަޅޭނީ، (1) ތަފާތުކުރުމުގެ ޙާލަތު؛ އަދި (2) އެތަފާތުކުރުން ބިނާކުރި ސަބަބު ސާބިތުވާނަމައެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެއަކުރުގެ "ވަޒީފާ ދިނުމުގަޔާއި"، އިން ފެށިގެން "ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި"، އާ ހަމައަށް ބަޔާންކޮށްފައިވަނީ ތަފާތުކުރުން މަނާކުރާ ޙާލަތްތަކެވެ. އަދި އެއަކުރުގެ "މީހާގެ ނަސްލަށް" މިޢިބާރާތުން ފެށިގެން "ހުރި ނުކުޅެދުންތެރިކަމަށް ބަލައި"، އާ ހަމައަށް ބަޔާންކޮށްފައިވަނީ ތަފާތުކުރުން ބިނާކުރި ސަބަބުތައް ނުވަތަ ސިފަތަކެވެ. ވަޒީފާއާ ގުޅިގެން ތަފާތުކުރުން ގެންގުޅެފައިވާކަމަށް ބުނެ ހުށަހަޅާ ޝަކުވާއެއް ސާބިތުވާކަމަށް ކަނޑައެޅޭނީ، ތަފާތުކުރެވޭ ޙާލަތުގެ ޝަރުޠާއި ސަބަބުގެ ޝަރުޠު ފުރިހަމަ ވެގެންނެވެ. މިޝަރުޠުތައް ފުރިހަމަ ނުވާނަމަ، ތަފާތުކުރުން ސާބިތުވާކަމަށް ކަނޑައެއް ނޭޅޭނެއެވެ.

23ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމުމުގައި، އިސްތިއުނާފުކުރާ ފަރާތާއި ޕޭލީވް އަށް ގޮސްފައިވާ އެހެން މުވައްޒަފުންނާމެދު ތަފާތުކޮށްފައިވަނީ ކޮން ދާއިރާއަކުން، ކޮން ގޮތަކަށްކަން ސާބިތުކޮށްދީފައިނުވާ ކަމަށް ނިންމާފައިވާއިރު، ވަޒީފާއާގުޅޭ ކަންކަމުގައި ތަފާތުކުރުން ގެންގުޅެފައިވާކަމަށް ބުނެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ ތަފާތުކުރުން ނުގެންގުޅޭކަން ނުވަތަ ތަފާތުކޮށްފައިވަނީ އެމާއްދާއާ ޚިލާފުނުވާ ގޮތަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭނީ ވަޒީފާދޭ ފަރާތުންކަން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އިން އެނގޭތީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން އެމާއްދާއާ ޚިލާފުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އަދި މުވައްޒަފަކާމެދު ތަފާތުކުރުން ގެންގުޅެފައިވަނީ ކޮން ސަބަބަކާ ގުޅިގެން ނުވަތަ ކޮން ކަމަކާ ގުޅިގެންކަން ބުނެދިނުމަކީ ޝަކުވާކުރާ ފަރާތުގެ ޒިންމާއެއް ނޫންކަމަށާއި އެއީ ވަޒީފާދޭފަރާތުގެ ޒިންމާއެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް، އެކަމަށް އިންކާރުކޮށް، ވަޒީފާދޭފަރާތުން ތަފާތުކޮށްފައިވަނީ ކޮން ސަބަބެއް އޮވެގެން ނުވަތަ ކޮން ކަމަކާ ގުޅުވައިގެންކަން ޝަކުވާ ހުށަހަޅާ ފަރާތުން ބަޔާންކޮށް ދޭންޖެހޭނެކަމަށާއި، ތަފާތުކޮށްފައިވާކަމަށް ހަމައެކަނި ބުނެލުމަކުން ނުފުދޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. މި މައްސަލައިގެ ޚަޞްމުންގެ ދެމެދުގައި ޚިލާފު އުފެދިފައިވަނީ ތަފާތުކުރުން ގެންގުޅެފައިވާ ގޮތާ ގުޅޭގޮތުންނެއްނޫނެވެ. އެއާޚިލާފަށް ތަފާތުކޮށްފައިވާކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނެ ފަރާތަކާމެދުކަން އެނގެއެވެ.

24HN7ވަޒީފާގެ މާހައުލުގައި ތަފާތުކޮށްފައިވާކަމަށް ހުށަހަޅާ މައްސަލަ ސާބިތު ކުރުމުގެ ދެ މަރުހަލާއެއް (two-stage approach) ވެއެވެ. އެއީ، (1) މައްސަލަ ހުށަހަޅާ ފަރާތުން މައްސަލައިގެ ވާޤިޢާތަކާއި އެވާޤިޢާތަކުން ވަޒީފާދޭފަރާތުން އެފަރާތާމެދު ތަފާތުކޮށްފައިވާކަން ފުރަތަމަ ނަޒަރުން (prima facie) ސާބިތުވާ މިންވަރަށް ހެކި ހުށަހެޅުމެވެ. (2) ބުނެވި ދިޔަ މިންގަނޑުން ތަފާތުކޮށްފައިވާކަން ސާބިތުކޮށް ދިނުމުން އެކަން އެނޫން ގޮތަކަށް އޮތްކަން ސާބިތުކުރުމުގެ މަސްޢޫލިއްޔަތު ވަޒީފާދޭފަރާތަށް ބަދަލުވެގެން ދިއުމެވެ. މިގޮތުން، ވަޒީފާދޭ ފަރާތަށް އެކަށީގެންވާ ދިފާޢުއެއް ނުވަތަ ޖަވާބު ނުދެވިއްޖެނަމަ، ތަފާތުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ޤާނޫނާ ޚިލާފަށްކަމަށް ނިންމިދާނެއެވެ. އަދި ޝަކުވާކުރާ ފަރާތަށް އެމައްސަލައިގެ ވާޤިޢާއިން ތަފާތުކޮށްފައިވާކަމަށް ފުރަތަމަ ނަޒަރުން ބެލެވޭ މިންވަރަށް ހެކި ހުށަނޭޅިއްޖެނަމަ، އެކަން އެނޫން ގޮތަކަށް ހިނގާފައިވާކަން ސާބިތުކޮށްދިނުމުގެ މަސްޢޫލިއްޔަތު ވަޒީފާދޭ ފަރާތަށް މަތިނުކޮށް މައްސަލަ ސާބިތުނުވާކަމަށް ނިންމިދާނެއެވެ. ވަޒީފާދޭފަރާތާ ދެކޮޅަށް ވަޒީފާއާގުޅޭ ގޮތުން ތަފާތުކޮށްފައިވާކަމަށް ބުނެ ހުށަހަޅާ ޝަކުވާ ސާބިތުކޮށްދިނުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. އަދި ޝަކުވާ ހުށަހަޅާ މުވައްޒަފަށް ބައެއް ފަހަރު ތަފާތުކޮށްފައިވާ ޙާލަތާއި އެތަފާތުކުރުން ބިނާކޮށްފައިވާ ސަބަބުގެ ޝަރުޠު ވަކިކޮށް ބުނެދޭން ނޭނގުނު ނަމަވެސް، ތަފާތުކޮށްފައިވާކަމަށް ބުނެ ހުށަހަޅާ ޝަކުވާއެއްގެ ވާޤިޢާތަކުން ޙާލަތުގެ ޝަރުޠާއި، ތަފާތުކުރުން ބިނާކޮށްފައިވާ ސަބަބުގެ ޝަރުޠު އޮތްތޯއާއި އަދި ފުރަތަމަ ނަޒަރުން ބަލާ މިންގަނޑުން އެކަން ޤާއިމްވޭތޯ އެމައްސަލަ ބަލާ ފަރާތަށް ބެލިދާނެކަމަށް ފެނެއެވެ.

25ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގައި، ވަޒީފާދޭ ފަރާތުން ތަފާތުކޮށްފައި ވާކަމަށް ބުނެ ހުށަހަޅާ ޝަކުވާއެއް ބެލުމުގައި، ތަފާތު ނުކުރާކަން ނުވަތަ ތަފާތުކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ލައިގެންކަން ސާބިތުކޮށް ދިނުމުގެ ޒިންމާ އުފުލަންޖެހޭނީ ވަޒީފާދޭ ފަރާތުންކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ވަޒީފާދޭ ފަރާތުން އެޒިންމާ އަދާކުރަންޖެހޭ ވަގުތެއް/ އެފަރާތަށް އެޒިންމާ ފުރޮޅިގެންދާނީ ކޮން އިރަކުކަމެއް މިއަކުރުން ސާފުނުވެއެވެ. އެކަމާގުޅޭ ގޮތުން މިކޯޓުގެ ޢަލީ ޢާޡިމް ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ،

"އެހެންކަމުން، 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަފާތުކޮށްފައިވާ ކަމަށް މުވައްޒަފަކު ޝަކުވާއެއް ހުށަހަޅާނަމަ ތަފާތުކޮށްފައިވަނީ ވަޒީފާގެ ކޮން ކަމަކާ ގުޅިގެންކަން ބުނެ ދިނުމުގެ އިތުރުން 4 ވަނަ މާއްދާގެ (ހ) ގައި މަނާކޮށްފައިވާ ތަފާތު ކުރުން ބިނާކުރި ސަބަބުވެސް ބަޔާންކޮށް ދިނުމަކީ ޝަކުވާ ހުށަހަޅާ މުވައްޒަފު ކުރަންޖެހޭ ކަމެއް ކަމާއި، އެގޮތުން އެފަދަ ޝަކުވާއަކީ ކޮބައިކަން ސާފުވެގެން މެނުވީ ވަޒީފާދޭ ފަރާތަކަށް ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިފާޢު ނުވެވޭނެކަން އެނގޭކަމާއި، މިގޮތަށް ބަޔާން ކުރުމަށްފަހު، އެނުކުތާގައި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަފާތު ކުރުން ބިނާކުރި ސަބަބު ޢަލީ ޢާޡިމަށް ބުނެދެވިފައި ނެތުމުން އެކަމާމެދު ގޮތެއް ކަނޑައެޅުމުގެ ޖާގަ ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަމަށެވެ. މިގޮތަށެވެ.

26މި މައްސަލައިގެ އަޑުއެހުމުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މި މައްސަލަ ބެއްލެވި މެންބަރު އިސްތިއުނާފުކުރާ ފަރާތާމެދު ވަޒީފާދިން ފަރާތުން ތަފާތުކޮށްފައިވާކަމަށް ބުނަނީ ކޮން ކަމެއް ނުވަތަ ކޮން ސަބަބަކާ ގުޅިގެންކަން ސާފުކޮށްދިނުމަށް ސުވާލުކުރުމާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ގޮތަށް ބުނެފައިވެއެވެ.

"އެ ދެން ޒާތީ ކަމަކަށްވެސް ވެދާނެ. ސިޔާސީކަމަކަށްވެސް ވެދާނެ. އަޅުގަނޑަކަށް އެހެން ސީދާ ދަންނަވާކަށް ނޭނގޭ. ތަފާތުކުރީ ކޮން ސަބަބަކާއި ހުރެގެންކަމެއް..."

"ކުރިންވެސް ދެންނެވިހެން ސީދާ އެއީ ކޮން ސަބަބެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ... ސިޔާސީ ކަމެއް ކަމެއް. ނުވަތަ ޒާތީ ކަމެއްކަމެއް ސީދާ ދަންނަވާކަށް ނޭނގެ. ސީދާ ކޮން ކަމަކާއި ގުޅިގެން ކަމެއް ތަފާތުކޮށްފައިވަނީ. އެކަމަކު އަޅުގަނޑުމެންނަށް ޔަޤީނޭ ތަފާތުކޮށްފައިވާނެކަން."

27އެސުވާލުތަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ޖަވާބުތަކަށް ބަލާއިރު، ވަޒީފާދޭފަރާތުން ތަފާތުކޮށްފައިވާ ސަބަބެއް ނުވަތަ ކަމެއް ކަނޑައެޅިގެން ބުނަން ނޭނގުނު ނަމަވެސް، ތަފާތުކޮށްފައިވާ ކަމަށް ބެލެވޭ ޙާލަތްތަކެއްވާ ކަމަށް ބަޔާންކުރަމުން "ޒާތީ ކަމެއް" ނުވަތަ "ސިޔާސީ ކަމެއް" ވެދާނެކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތަށް ބުނެފައިވީނަމަވެސް، އޭގެ ތަފްސީލު އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަން ފާހަގަކުރެވެއެވެ.

28HN8ވަޒީފާދޭފަރާތުގެ މައްޗަށް ތަފާތުކޮށްފައިނުވާކަން ނުވަތަ ތަފާތުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ޒިންމާ ފުރޮޅޭނީ މައްސަލަ ހުށަހަޅާ ފަރާތާމެދު ތަފާތުކޮށްފައިވާކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހެޅުމުންނެވެ. މައްސަލަ ހުށަހަޅާ ފަރާތުން ވަޒީފާދޭ ފަރާތުން ތަފާތުކޮށްފައިވާކަމަށް ހަމައެކަނި ބުނެލާ ބުނެލުމަކުން އެފަރާތާމެދު ތަފާތުކޮށްފައިވާ ކަމަށް ކަނޑައެއް ނޭޅޭނެއެވެ. ހަމައެފަދައިން ޤާނޫނުގައި ތަފާތުކުރުން މަނާކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްކަމަށް ހަމައެކަނި ބުނާބުނުމަކުން ނުފުދޭކަމާއި އެކަން ހިނގާފައިވާކަމަށް ބުރަވެވޭ މިންވަރަށް އިތުރު ހެކިތައް ހުށަހަޅަން ޖެހޭނެއެވެ. ތަފާތުކުރުންތަކުގެ މައްސަލަތަކުގައި ސާބިތުކުރުމުގެ މަސްއޫލިއްޔަތު (burden of proof) އޮންނާނެ ގޮތާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ކޯޓް އޮފް އެޕީލުގެ އައިޖެން ލިމިޓެޑް ވ. ވޮންގ މައްސަލައިގައި، އެއް ޙާލަތެއްގައި ތިބި މުވައްޒަފުންގެ މެދުގައި އުޞޫލުން ބޭރުން ތަފާތުކުރެވިފައިވާކަން (prima facie evidence) ޕްރިމަ ފޭސީ މިންގަނޑުން ހެކި ހުށަހަޅައި ސާބިތުކޮށްދެވިއްޖެނަމަ، އެކަން ނުކުރާކަން ނުވަތަ އެނޫން ގޮތަކަށް އޮތްކަން ސާބިތުކުރުމުގެ މަސްއޫލިއްޔަތު ވަޒީފާދޭ ފަރާތަށް ބަދަލުވެގެންދާނެ ކަމާއި، ވަޒީފާދޭ ފަރާތުން މައްސަލައިގެ މަސްއޫލިއްޔަތުން ބަރީޢަވާނީ، ތަފާތުކުރެވުނީ ނަސްލީ ސަބަބުތަކަށްޓަކައި ނޫންކަން ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ބޮޑަށް ބުރަވެވޭ މިންގަނޑުން (balance of probabilities) ސާބިތުކޮށްދީގެންކަމަށް ކަނޑައަޅާފައިވެއެވެ. އަދި އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ ރޯޔަލް މެއިލް ގްރޫޕް ލިމިޓެޑް ވ. އެފޯބީ މައްސަލައިގައި، ސާބިތުކުރުމުގެ ޒިންމާ ވަޒީފާދޭ ފަރާތަށް ފުރޮޅޭނީ ތަފާތުކޮށްފައިވާކަމަށް ބުނެ ހުށަހަޅާ މައްސަލައިގެ ވާޤިޢާތައް މައްސަލަ ހުށަހަޅާ ފަރާތުން ސާބިތުކޮށް ދިނުމުންކަމަށް ކަނޑައަޅާފައިވެއެވެ.

29HN9މިކޯޓުގެ ޢަލީ ޢާޡިމް ވ.އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، މި މައްސަލައިގައި ވަޒީފާދޭ ފަރާތުން އިސްތިއުނާފުކުރާ ފަރާތާމެދު ތަފާތުކޮށްފައިވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ކޮން ސަބަބަކާ ގުޅުވައިގެންކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާތީ، އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިއުނާފުކުރާ ފަރާތާމެދު ތަފާތުނުކުރާކަން ނުވަތަ ތަފާތުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ޒިންމާ ވަޒީފާދޭ ފަރާތުގެ މައްޗަށް މިޙާލަތުގައި އަދި ފުރޮޅިގެން ނުދާނެއެވެ.

30އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 6.2 ގައި ތަފާތުކޮށްފައިވަނީ ކޮން ދާއިރާއަކުން، ކޮން ގޮތަކުންކަން މައްސަލަ ހުށަހެޅި ފަރާތުން ސާބިތުކޮށްދީފައިނުވާކަމަށް ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް އަދި މިކޯޓުގެ އިސްވެ ބުނެވުނު ޢަލީ ޢާޡިމް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ކަމަކަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ.

މައްސަލަ ބަލާ ފަރާތުން އަމިއްލަ އިސްނެގުމުގައި ކަންކަން ފާހަގަކުރުން

31މިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާއާ ހަވާލާދީ، ތަފާތުކޮށްފައިވަނީ ކޮން ގޮތަކުން ކަމާއި ކޮން ދާއިރާއަކުންކަން ސާބިތުކޮށްދީފައި ނުވާކަމުގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމާފައިވަނީ، މި މައްސަލަ ބެއްލެވި މެންބަރުގެ އަމިއްލަ އިސް ނެގުމުގައި އެކަން ފާހަގަކޮށްގެންކަމާއި އަދި އެކަމާގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ދެކޭ ގޮތެއް ބަޔާންކުރުމަށް ފުރުސަތު ދިނުމެއްނެތި ކަމަށްވާތީ، އެނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ޚިލާފު ނިންމުމެއް ކަމަށާއި އަދި އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ ސަބަބަށް ފުރިހަމަ ރިޢާޔަތް ކުރެއްވުމެއްނެތި ނިންމާފައިވާ ނިންމުމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން މިކޯޓުގައި ބުނެފައިވެއެވެ.

32ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވަނީ،

(ހ) ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކު ގައެވެ. މިފަދައިންނެވެ.

33ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި އިންޞާފުވެރި ޝަރީޢަތެއް ލިބިދިނުމުގެ ޙައްޤު ލިބިގެންވާކަމާއި، އަދި ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރި ކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަ ކަމާއެކުގައިކަން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގެއެވެ.

34އިންސާފުވެރި ޝަރީޢަތެއްގައި ހިމެނެންޖެހޭ ކަންކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، މީހެއްގެ މައްޗަށް އިންސާފުން ޝަރީޢަތް ކުރެވުމަކީ އަސާސީ އިންސާނީ ޙައްޤެއްކަމާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ބަޔާންކޮށްފައިވާ މި އުޞޫލުތަކަކީ، އިންސާފު ހޯދަން އަންނަ ފަރާތްތަކަށް ފަނޑިޔާރުން ޢަމަލު ކުރަނީ އިންސާފުންކަން ދޭހަކޮށްދިނުމަށް ފަނޑިޔާރު ތަބާވާންޖެހޭ އެންމެ އަސާސީ މިންގަނޑު ކަމާއި، ޢަދުލުވެރި ކަމާއެކު ޝަރީޢަތް ކުރުމަކީ މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުޞަތުދީ، އަދި އަނެއް ފަރާތުން ހުށަހަޅާ ކަންކަން ތައުނު ކުރުމަށް ފުރުޞަތު ދިނުމާއެކު، މައްސަލައިގެ ހުރިހާ ފަރާތަކާމެދުވެސް ހަމަހަމަ ކަމާއެކު ޢަމަލު ކުރުން ކަމާއި، މި މަފްހޫމްގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ކޮބައިކަން އެ މީހަކަށް ނާންގައި، އެ ދަޢުވާއަށް ޖަވާބުދާރީވާން ނުވަތަ ދިފާޢުވާން ފުރުޞަތު ދިނުމެއް ނެތި، ފަނޑިޔާރަކަށް ޙުކުމެއް ނުކުރެވޭނެ ކަމާއި، އަދި މައްސަލަ ބަލާ ފަނޑިޔާރަކީ އެ މައްސަލައާ ގުޅިގެން އެއްވެސް މަޞްލަޙަތެއް، ނުވަތަ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާ އެއްވެސް ގުޅުމެއް އޮތް މީހަކަށް ވެގެންނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

35ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ ޔޫސުފް ރިޟާ ޤަޟިއްޔާގައި، ޤާނޫނުއަސާސީއާއި ޝަރުޢީ ނިޒާމު އެޤާނޫނުތަކުގެ މައްޗަށް ތަރުތީބުވެފައިވާ ޤާނޫނުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމްގެ އަސާސީ ސިފަތަކުގެ މައްޗަށް ކަމާއި، އިންކިއުސްޓޯރިއަލް ނިޒާމުގެ ސިފަތަކާ އެއްގޮތްކަމަށް ބެލެވޭ އިޖުރާއީ ޤާނޫނެއް ނެތްއިރު، އިންކުއިސްޓޯރިއަލް ނިޒާމާ އެއްގޮތަށް ޢަމަލު ކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށް ދަލާލަތުކޮށް ދޭ އެއްވެސް ޤާނޫނެއް ނެތް ކަމާއި، ފަނޑިޔާރުގެ ޒިންމާއަކީ ޢަދުލު އިންސާފު ގާއިމް ކުރުން ކަމާއި އެކަން ކުރުމުގައި ރިޢާޔަތް ކުރަން ޖެހޭނީ ޤާނޫނުތަކަށް ކަމެވެ. އެ ޤަޟިއްޔާގެ 68 ވަނަ ނުކުތާގައި، ފަނޑިޔާރުންގެ ދައުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓުން ކަމަށާއި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ޢަމަލު ކުރަންޖެހެނީ ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ކަމުގައިވާއިރު، އެކަމަކީ މައްސަލައިގެ ޚަޞްމަކު ފާހަގަ ނުކުރާ ނުކުތާއެއް ކަމުގައި ބުނެ ޤާނޫނާ ޚިލާފަށް ފަނޑިޔާރަކަށް ޙުކުމެއް ނުކުރެވޭނެ ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި އެ ޤަޟިއްޔާގެ 69 ވަނަ ނުކުތާގައި، މައްސަލައެއް ބެލުމުގެ ތެރޭގައި މައްސަލައިގެ ޚަޞްމުން ފާހަގަ ނުކުރާ، އެހެން ނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމަކާ ގުޅިގެން ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމަކާމެދު މައްސަލައިގެ ޚަޞްމުން ދެކޭގޮތް ހޯދައި، ޚަޞްމުން އެދޭނަމަ އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތައް ޖަދަލުކޮށް ތައުނު ކުރުމުގެ ފުރުޞަތު ދެވެންވާނޭ ކަމުގައި ކަނޑައަޅާފައިވެއެވެ.

36HN10ޢާންމު އުސޫލުން މައްސަލައެއް ބަލައި ގޮތެއް ކަނޑައެޅޭނީ އެ މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށްގެންނެވެ. ޚަސްމުންގެ ފަރާތުން ފާހަގަކޮށްފައިނުވާ އަދި ހުށަހެޅިފައިވެސް ނުވާ ކަމެއް މައްސަލަ ބަލާ ފަރާތުގެ އަމިއްލަ އިސްނެގުމަށް ބެލުމަކީ ޢާންމު އުސޫލެއްގެ ގޮތުން ރަނގަޅު ކަމެއް ކަމުގައި ނުވިނަމަވެސް، ޢަދުލު އިންޞާފު ޤާއިމް ކުރުމަށްޓަކައި ކޮންމެހެން ބަލަންޖެހޭ ނުކުތާއެއް މައްސަލަ ބަލާ ފަރާތުގެ އަމިއްލަ އިސްނެގުމަށް ބެލިދާނެއެވެ. މިގޮތުން، ފާހަގަވާ ނުކުތާއަށް ރިޢާޔަތްކުރުމުން އެއީ މުޅި މައްސަލައިގެ ނިންމުމަށް އަސަރު ކުރާކަމެއް ކަމުގައިވާނަމަ، އެކަމާގުޅޭ ގޮތުން ޚަޞްމުންގެ ފަރާތުން ދައްކަން ބޭނުންވާ ވާހަކައާއި ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ދޭންވާނެއެވެ.

37ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 106 ވަނަ މާއްދާގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައެއް ބަލައި ނިންމުމުގައި މައްސަލަ ބެލި މެންބަރަކަށް ފެނުނު ގޮތް ބަޔާންކޮށްފައި އޮންނަންވާނެ ކަމާއި އެގޮތުން، މައްސަލައާގުޅޭ ގޮތުން ފާހަގަ ކުރެވުނު ނުކުތާތަކާއި ޤާނޫނާއި ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ އަލީގައި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި މައްސަލަ ބަލާ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކާއި ހެކިން ދައްކާފައިވާ ވާހަކަތަކާމެދު ދެކޭ ގޮތާއި މައްސަލަ ނިންމި ގޮތަށް ވާސިލުވުމުގައި ވިސްނައިފައިވާ ކަންތައްތަކާއި ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގައިދިނުމަށް އަމުރެއް ކުރާނަމަ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކަނޑައެޅުމުގައި ބަލައިފައިވާ ކަންތައްތަކާއި އެ މެންބަރަކަށް ފެންނަ މުހިއްމު އެނޫން ނުކުތާތައް ވެސް ބަޔާންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

38HN11މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާ މިކޯޓުގެ ޢަލީ ޢާޡިމް ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަފާތުކޮށްފައިވާކަމަށް މުވައްޒަފަކު ޝަކުވާއެއް ހުށަހަޅާނަމަ، ތަފާތުކޮށްފައިވަނީ ވަޒީފާގެ ކޮން ކަމަކާ ގުޅިގެންކަން ބުނެދިނުމުގެ އިތުރުން، 4 ވަނަ މާއްދާގެ (ހ) ގައި މަނާކޮށްފައިވާ ތަފާތުކުރުން ބިނާކުރާ ސަބަބު ބަޔާންކޮށްދިނުމަކީ ޝަކުވާ ހުށަހަޅާ މުވައްޒަފު ކުރަންޖެހޭ ކަމެއް ކަމާއި، އަދި އެފަދަ ޝަކުވާއަކީ ކޮބައިކަން ސާފުވެގެން މެނުވީ ވަޒީފާދޭ ފަރާތަކަށް ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިފާޢު ނުވެވޭނެކަމަށް ބަޔާންކުރާ އުސޫލެވެ.

39މި މައްސަލަ ބެލުމުގައި އިސްތިއުނާފުކުރާ ފަރާތާމެދު ތަފާތުކުރީ ކޮން ސަބަބަކާ ނުވަތަ ކޮން ކަމަކާ ގުޅިގެން ކަން ސާފުކުރުމަށްޓަކައި މައްސަލަ ބެލި މަޖިލީހުގެ މެންބަރު ތަކުރާރުކޮށް އިސްތިއުނާފުކުރާ ފަރާތާ ސުވާލުކޮށްފައިވާކަން އެނގޭއިރު، އިސްތިއުނާފުކުރާ ފަރާތާމެދު ތަފާތުކޮށްފައިވަނީ ކޮންސަބަބެއް ނުވަތަ ކޮންކަމަކާ ގުޅިގެންކަން އެފަރާތަށް ބަޔާންކޮށްދެވިފައިނުވެއެވެ. އަދި މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް، އެފަރާތާމެދު ތަފާތުކޮށްފައިވަނީ ކޮން ސަބަބަކާ ގުޅުވައިގެންކަން ބުނެދެވިފައިނުވެއެވެ.

40HN12މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވުމަކީ ދަށު ކޯޓުގެ މައްޗަށް ލާޒިމްކަމެކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާގުޅޭ މައްސަލަތައް ބެލުމަށް ޤާއިމް ކޮށްފައިވާ ފުރަތަމަ މަރުހަލާގެ ކޯޓުތަކާ އެއްދަރަޖައިގައިވާ ތަނެކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި، މަތީމަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ތަބާވުމުން އެޓްރައިބިއުނަލް އިސްތިސްނާ ނުވެއެވެ. ވަޒީފާގެ މާހައުލުގައި ތަފާތުކުރުމާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާއެއްގައި ތަފާތުކުރުމުގެ ހާލަތް އޮތްކަން ބަޔާންކޮށްދިނުމުގެ އިތުރުން ތަފާތުކުރެވުނީ ކޮން ކަމަކާ ނުވަތަ ސަބަބަކާ ލައިގެންކަން ބަޔާންކޮށްދިނުމަކީ ޝަކުވާކުރާ ފަރާތުން ކުރަންޖެހޭ ކަމެއްކަމަށް މިކޯޓުގެ ޢަލީ ޢާޡިމް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތާމެދު ވަޒީފާދިން ފަރާތުން ތަފާތުކޮށްފައިވާ ސަބަބު ސާފުކޮށް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބޭއްވުނު މި މައްސަލައިގެ އަޑުއެހުންތަކުގައި އިސްތިއުނާފުކުރާ ފަރާތަށް ތަކުރާރުކޮށް ސުވާލުކޮށް އެކަމާގުޅޭ ގޮތުން ވާހަކަ ދައްކައި ޖަވާބުދާރީވުމުގެ ފުރުސަތު ލިބިދިނުމަށް ފަހުގައިކަން އެނގޭތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް، އަދި މިކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ފުރިހަމައަށް ރިޢާޔަތްނުކޮށް، ކަމަށް ބަލާނެ ތަނެއް އޮތްކަމަކަށް އަހުރެންނަކަށް ނުފެނެއެވެ.

ނިންމުން ބިނާކުރި ސަބަބުނޫން އެހެން ކަންކަމަށް ބެލުން

41އިސްތިއުނާފުކުރާ ފަރާތަށް ޕޭ-ލީވް ނުދިނުމަށް އިސްތިއުނާފުރައްދުވާ ފަރާތުން ނިންމި ނިންމުން ބިނާކުރި ހަމައެކަނި ސަބަބަކީ ބަޖެޓް ނެތްކަމަށް ބުނެކަމާއި، އެނިންމުމަކީ ޓްރޭނިންގ ރިކުއަރމަންޓަކާ ގުޅިގެން ނިންމާފައި ނިންމުމެއް ނޫންކަން އެނގޭއިރު، އެނިންމުން ބިނާކޮށްފައިވާ ސަބަބުނޫން އެހެން ސަބަބެއް ކަމަށްވާ ޓްރޭނިންގ ރިކުއަރމަންޓްގައި ކޯސް ހިމެނިފައިވާކަން އެނގެން ނެތްކަމަށް މައްސަލަ ބެއްލެވި މެންބަރު ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ "ޖުޑީޝަލް ރިވިއުގެ" އުސޫލާއި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

42ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރުމީލާ ޝަރީފް ވ.ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، ޖުޑީޝަލް ރިވިއުއަކީ ދައުލަތުގެ އިދާރާ (public body) އަކުން ނިންމާ ނިންމުމެއް ނުވަތަ ކުރާކަމެއް އެއީ ޤާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްކަން ނުވަތަ ނޫންކަން ކަނޑައަޅާދިނުން އެދި ހުށަހެޅުމުން، ކޯޓުން އެކަމަކާމެދު ގޮތް ކަނޑައެޅުމަށް ހިންގާ ބާވަތުގެ ޝަރީޢަތަށް ކިޔާ ނަމެއްކަން ފާހަގަކުރަމެވެ. ޖުޑީޝަލް ރިވިއުގެ މައްސަލަތަކުގައި ބެލިގެންދާނީ ކަން ކުރި ނުވަތަ ނިންމި ގޮތް އެއީ އެކަމުން ރަނގަޅު ނުވަތަ އެކަށޭނަ ނަތީޖާއެއް ނިކުންނަ ކަމެއް ނުވަތަ ނޫންކަމުގެ މައްޗަކަށް ނޫނެވެ. ޖުޑީޝަލް ރިވިއުގައި ބެލޭނީ އެ ނިންމުމެއް ނިންމި ގޮތުގެ ނުވަތަ ކަންކުރި ގޮތުގެ އިޖްރާއަތު ރަގަޅުކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަމެވެ. މިފަދައިން ބަޔާންކޮށްފައިވެއެވެ.

43ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ވިސާމް ވ.ޖުޑީޝަލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި، ޖުޑީޝަލް ރިވިއު މައްސަލައެއް ބެލުމުގެ އުސޫލު ކަނޑައަޅަމުން ބަޔާންކޮށްފައިވަނީ،

ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން ނިންމާ ނިންމުންތަކާއި ޤަރާރުތަކުގެ މަޝްރޫޢިއްޔަތާއި ދުސްތޫރިއްޔަތު އަދި ޞައްހަކަން ޖުޑީޝަލް ރިވިޔު އުޞޫލުން ބެލުމުގައި އަންނަނިވި މިންގަނޑުތަކަށް ރިޢާޔަތްކުރަންވާނެ ކަމަށެވެ.

(ހ) އެނިންމުމެއް ނިންމީ ނުވަތަ އެ އެންގުމެއް އެންގީ އެނިންމުމެއް ނިންމުމުގެ އިޙްތިޞާޞް ޤާނޫނީ ގޮތުން އޮތް ފަރާތަކުންތޯ؟

(ށ) އެ ނިންމުމެއް ނިންމުމުގައި ނުވަތަ އެ އެންގުމެއް އެންގުމުގައި ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ޝަކްލީ (ފޯރމަލިޓީ) ގޮތުންނާއި އިޖްރާއީ (ޕްރޮސީޖަރަލް) ގޮތުން ތަބާވުން ލާޒިމް ކޮށްފައިވާ ކަންތައްތަކަށް ތަބާ ވެފައިވޭތޯ؟

(ނ) އެ ނިންމުމަކީ އެ ނިންމުމެއް ނިންމިއިރު،ޢަމަލު ކުރެވޭ އެއްވެސް ޤާނޫނަކާ ޚިލާފު ޢަމަލެއްތޯ؟

(ރ) އެ ނިންމުމެއް ނިންމުމުގައި އިޚްތިޔާރީ ބާރުގެ ބޭނުން ނުރަނގަޅު ގޮތުގައި ނުވަތަ ނާޖާއިޒް ގޮތުގައި ބޭނުންކޮށް ޤާނޫނީ ގޮތުން އެ މަގްސަދަކަށްޓަކައި އެނިންމުން އޮންނަން ޖެހޭ އިންތަކުން އެނިންމުން ބޭރު ވެފައިވޭތޯ؟

(ބ) އެނިންމުން ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއްގެ މައްޗަށް ކަމަށް ވާނަމަ އެ ޙަޤީޤަތް އެގޮތަށް ހުރިތޯ؟

(ޅ) އަދި އެނިންމުން ބިނާކުރި ޤާނޫނީ ސަބަބުތައް ޞައްޙަތޯ؟ އެވެ.

44ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޢާޞިމާ އިބްރާހީމްގެ ފަރާތުން ހުށަހެޅި މައްސަލައަކީ، އޭނާ ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލް ކުރުމަށްޓަކައި ޕޭލީވް ހަމަޖައްސައިދިނުމަށް އެދިފައިވަނިކޮށް އޭނާއަށް ޕޭލީވް ހަމަޖައްސައިނުދީ އެހެން މުވައްޒަފުންނަށް ޕޭލީވް ހަމަޖައްސައިދިން ދިނުމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެއްކަމަށް ކަނޑައަޅައި ދިނުމަށާއި، މި މައްސަލައިގައި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއިން ތަފާތުކުރުން ގެންގުޅެފައި ވާކަމަށް ބެލެވެން ނެތްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އޭނާ ކިޔަވަން ހޭދަވި މުއްދަތުގައި ޕޭލީވްގެ ގޮތުގައި ލިބޭނެ ފައިސާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެއެވެ.

45HN13HN14މި މައްސަލައިގައި އިސްތިއުނާފުކުރާފަރާތަށް ޕޭލީވް ހަމަޖައްސައިނުދިނުމަށް އިސްތިއުނާފުރައްދުވާ ފަރާތުން ނިންމިނިންމުން ބިނާކޮށްފައިވާ ހަމައެކަނި ސަބަބަކީ، އެފަރާތުގެ ބަޖެޓް ނެތުމުން ކަމާއި، ޓްރެއިނިންގ ރިކުއަރމަންޓުގައި އެ ކޯސް ހިމެނިފައިވުން ނުވަތަ ނުވުމުގެ މައްޗަށް ނޫންކަމާއި، އެހެންކަމުން އެނިންމުން ބިނާކޮށްފައިނުވާ ސަބަބެއްގެ މައްޗަށް މިމައްސަލަ ނިންމުމަކީ (ޓްރެއިނިންގ ރިކުއަރމަންޓުގައި އެކޯސް ހިމެނިފައި ނެތްކަމަށް) ސުޕްރީމް ކޯޓުގެ ޖުޑީޝަލް ރިވިއު އުސޫލާއި އަދި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، ޖުޑީޝަލް ރިވިއު މައްސަލައެއް ބެލިގެންދާނީ، ދައުލަތުގެ އިދާރާ (public body) އަކުން ނިންމާ ނިންމުމެއް ނުވަތަ ކުރާކަމެއް އެއީ ޤާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްތޯ ނުވަތަ ނޫންތޯ ކަމާއި، އަދި އެނިންމުން ނިންމުމުގައި ޝަކްލީ ގޮތުންނާއި އިޖްރާޢީ ގޮތުން ފުރިހަމަވާންޖެހޭ ކަމެއް ފުރިހަމަ ކޮށްފައިވޭތޯ ނުވަތަ ނޫންތޯ ކަމާމެދުގައި ކަމާއި، ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފުން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ޕޭލީވް ހަމަޖައްސައިދިނުމުގައި، އެމުވައްޒަފު ކިޔެވުމަށް ދާ ކޯހަކީ އެއިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ ކޯހެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަކީ ސިވިލް ސަރވިސް ގަވާއިދުގެ ދަށުން ދައުލަތުގެ އިދާރާގެ މައްޗަށް ޝަރުޠުކޮށްފައިވާ ކަމެއްކަން އެނގޭކަމާއި، ޓްރެއިނިންގ ރިކުއަރމަންޓުގައި ނުހިމެނޭ ކޯހަކަށް ޕޭލީވް ހަމަޖައްސައިދިނުމަކީ އެޤަވާއިދާ ޚިލާފު ކަމެއްކަމުގައި ނޫނީ ނުވާނެއެވެ. އެހެންކަމުން، މަތީ ތައުލީމު ނުވަތަ އިތުރު ޓްރެއިނިންގ ހެދުމަށްޓަކައި މުވައްޒަފުންނަށް ޕޭލީވް ހަމަޖައްސައިދިނުމަށް ދައުލަތުގެ އިދާރާގެ ބަޖެޓް ހަމަޖެހިފައިވީ ނަމަވެސް ކޯހަކަށް މުވައްޒަފަކު ފޮނުވުމަށް ނިންމުމުގައި އެކޯހަކީ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ ކޯހެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ އެ އިދާރާގެ މައްޗަށް ޤާނޫނުން ލާޒިމްކަމެކެވެ.

46މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ޕޭލީވް ހަމަޖައްސައިދިނުމަށް އެދި 2015 ވަނަ އަހަރު ފޮނުވާފައިވާ ސިޓީއާއެކު ސަޕޯޓިންގ ޑޮކިއުމަންޓެއް ހުށަހަޅާފައިނުވާތީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޗް.އާރު.އެމް.ޑީ. ކޮމިޓީއަށް އެކަން ހުށަހަޅާފައިނުވާކަމާއި، އެސިޓީއަށް ޖަވާބެއް ނުދެވި އަދި އެކޮމެޓީއަށް ނުފޮނުވި ގިނަދުވަސް ވެފައިވަނީ "މުވައްޒަފުންނަށް ޕޭލީވް، ނޯޕޭލީވް އަދި ސްޕޮންސަރ ދިނުމާބެހޭ އުސޫލު" ގައިވާ ބައެއް ކަންތައްތައް (ޓްރެއިނިންގ ރިކުއަރމަންޓް) ފުރިހަމަނުވުމާ ގުޅިގެންކަމާއި އިސްތިއުނާފުކުރާ ފަރާތުން 2017 ވަނަ އަހަރު މުސާރަލިބޭ/ނުލިބޭ ޗުއްޓީއަކަށް އެދުނުއިރުވެސް އެ މަސައްކަތްކުރަމުން ދިޔަކަމާއި އެފަރާތަށް މުސާރަ ލިބޭ ޗުއްޓީއެއް ހަމަޖައްސައިދެވެން ނެތް ނަމަވެސް، މުސާރަ ނުލިބޭ ޗުއްޓީއެއް ހަމަޖައްސައިދީ އެކަން 23 އޭޕްރީލް 2017 ގައި އަންގާފައިވާކަން މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައިނުދިނުމުން، އެ މައްސަލަ ބަލައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއާ ގުޅިގެން އެކަން ބެލުމަށްފަހު، އެން.ސީ.އައި.ޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުން އެނގެން އޮވެއެވެ.

ޢާޞިމާ އިބްރާހީމަށް މުސާރަލިބޭ ޗުއްޓީއެއް ހަމަޖައްސައި ދެވެން ނެތީ 2018 ވަނަ އަހަރުގެ ބަޖެޓް އެކަމަށް ތަންނުދޭތީކަމަށް އެން.ސީ.އައި.ޓީން 30 އެޕްރީލް 2018 ގައި ޢާޞިމާ އިބްރާހީމަށް ދިން ޖަވާބަކީ، ޢާޞިމާ އިބްރާހީމްގެ ފަރާތުން 16 އޭޕްރީލް 2018 ގައި ފޮނުވާފައިވާ ސިޓީއަކަށް ޙަވާލާދީ ދީފައިވާ ޖަވާބެއްކަމާއި، އެއީ އެފަރާތުން މަތީތައުލީމު ޙާޞިލްކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ޕޭލީވް ހަމަޖައްސައިދިނުމަށް އެދި 12 މެއި 2015 އަދި 13 ނޮވެންބަރު 2016 ގައި ފޮނުވި ސިޓީތަކާ ގުޅިގެން ދީފައިވާ ޖަވާބެއްނޫނެވެ.

47ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރަމުންދާ މުވައްޒަފަކު އިތުރު ތަމްރީނު ހެދުމަށްޓަކައި އެތަމްރީނު ހެދުމަށް ދާ މުއްދަތުގެ ތެރޭގައި ޕޭ-ލީވެއް ހަމަޖައްސައިދިނުމަށް އެދި ހުށަހެޅުމުން އެލީވް ހަމަޖައްސައި ދިނުމުގައި ޢަމަލުކުރަންޖެހޭގޮތް، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެމާއްދާގައިވާ ގޮތުން ޕޭ-ލީވެއްގެ ދަށުން މުވައްޒަފުން ތަމްރީނަށް ފޮނުވޭނީ އެތަމްރީނަކީ އެއިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ ތަމްރީނަކަށްވުމާއި އެތަމްރީނުގެ ޚަރަދު ބަޖެޓްގައި ހިމެނިފައިވާނަމައެވެ. އިސްތިއުނާފުކުރާ ފަރާތުން ބައިވެރިވި ކޯސް އެއިދާރާގެ ޓްރެއިނިންގ ރިކުއަމަންޓްގައި ހިމެނިފައި ނެތުމުން ޓްރެއިނިންގ ރިކުއަރމަންޓުގައި އެކޯސް ހިމެނުމަށް މަސައްކަތް ކުރެވިފައިވީ ނަމަވެސް، ޓްރެއިނިންގ ރިކުއަމަންޓަށް އެކޯސް އިތުރުކުރެވިފައި ނުވާކަން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން ތައްޔާރުކޮށްފައިވާކަން ހިނގާދިޔަ ގޮތުގެ ރިޕޯޓުން އެނގެއެވެ.

އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރުން

48HN15ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ ބުނާ ގޮތުން ޓްރައިބިއުނަލު/ދަށުކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނެ އެއް ހާލަތަކީ، ދަށުކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުންނަ ހާލަތެވެ. މި މާއްދާއަށް ރިޢާޔަތްކޮށް، ޝަރީޢަތް ކުރާ ފުރަތަމަ މަރުޙަލާގައި އިއްވާ ޙުކުމްތަކާއި ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހާލަތުތައް ތަފުސީލު ކުރަމުން، މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން ނިންމާފައިވާ، އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ނިންމުމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ.".

އެނިންމުމުގައި ސުޕްރީމް ކޯޓުން އިތުރަށް ބުނެފައިވަނީ، ކޯޓުތަކުގެ ގާނޫނުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންވާނީ ހަމައެކަނި އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަދޭ އޮޅިގަނޑު ގިރާކުރެވޭ މައްސަލަތަކުގައި އެކަނި ކަމަށެވެ. އަދި އިސްތިއުނާފީ ދައުވާއަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންޖެހޭ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ކަމަށް ކަނޑައަޅާނީ އިސްތިއުނާފު ކުރަން ހުށަހަޅާފައިވާ ނުކުތާގައި އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބު ކުރެވޭނޭކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ގާނޫނީ ބަހުސެއް ހިމެނޭކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާ ނަމަ ކަމުގައި އެ މައްސަލައިގެ ނިންމުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ. އެ އޮޅިގަނޑު ގިރާނުކުރެވޭ މައްސަލަތަކުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާ އާއި ފަނޑިޔާރުންގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ސުޕްރީމް ކޯޓުން އެ މައްސަލައިގައި އިތުރަށް ކަނޑައަޅާފައި ވެއެވެ.

49މި މައްސަލަ އިސްތިއުނާފުކުރަމުން ޢާޞިމާ އިބްރާހީމުގެ ފަރާތުން ފާހަގަކޮށްފައިވާ 3 ވަނަ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ނިންމުމުގައި ޓްރެއިނިންގ ރިކުއަރމަންޓުގައި އެކޯސް ހިމެނިފައިނެތް ކަމަށް އެމައްސަލަ ބެއްލެވި މެންބަރު ނިންމިނިންމުން، ސުޕްރީމް ކޯޓުގެ "ޖުޑީޝަލް ރިވިއު" އުސޫލާއި އަދި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އާ ޚިލާފުވާކަމަށް ޢާޞިމާ އިބްރާހީމުގެ ފަރާތުން ބުނާއިރު، އެނިންމުން ސުޕްރީމް ކޯޓުގެ ޖުޑީޝަލް ރިވިއު އުސޫލާއި އަދި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އާ ޚިލާފުވާ ގޮތެއް އަދި އެނިންމުން ޚިލާފުވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޖުޑީޝަލް ރިވިއުގެ ކޮން އުޞޫލަކާ ކަމެއް ބުނެދެވިފައި ނުވެއެވެ. އަދި އެކަން ޚިލާފުވާ ގޮތެއް ނުވަތަ ޤާނޫނީ ގޮތުން ގޯސް ނިންމުމެއްކަން ބުނެދިނުމުގެ ގޮތުން އިތުރު ވާހަކަ ދައްކާފައިނުވާކަން ފާހަގަ ކުރެވެއެވެ.

50ކަންމިހެން އޮތުމުން، މިމައްސަލަ އިސްތިއުނާފު ކުރަމުން ޢާޞިމާ އިބްރާހީމުގެ ފަރާތުން ފާހަގަ ކޮށްފައިވާ 3 ވަނަ ނުކުތާގައި އުފެދޭ ޤާނޫނީ ބަހުސެއް ސާފުނުވާތީ، މިއިސްތިއުނާފީ ނުކުތާ ބަލައިގަތުމަށް އަހުރެންނަކަށް ނުފެނެއެވެ.

ނިންމަން ފެންނަ ގޮތް

51މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު

52މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔުގެ 28 ވަނަ ނުކުތާ ފިޔަވައި އެހެން ނުކުތާތަކާއި ނިންމުމަށް ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

53މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

54މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ދީބާނާޒް ފަހުމީ

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން

ފުޓްނޯޓު

  1. […]
  2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު
  3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 214/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު
  4. ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ނަންބަރު 164-H/INDIV/2018/34 (30 އެޕްރީލް 2018) ސިޓީ
  5. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ
  7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ޤަޟިއްޔާ
  8. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާ
  9. ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ތިންވަނަ ނުކުތާގެ (14 ވަނަ ޞަފްޙާ) ގެ ފުރަތަމަ ޕެރެގްރާފްގައި.
  10. 14 ވަނަ ޞަފްޙާގެ ދެވަނަ ޕެރެގްރާފްގައި.
  11. 10 ޖަނަވަރީ 2021 ގައި ބޭއްވުނު 2 ވަނަ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގައި.
  12. 24 ޖަނަވަރީ 2021 ގައި ބޭއްވުނު 3 ވަނަ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގައި.
  13. Section 3 (1) of S.I. No. 337/2001 - European Communities (Burden of Proof in Gender Discrimination Cases) Regulations, 2001, section 85A (1) of Irish Employment Equality Act 1998
  14. Valpeters v Melbury Developments (2010) 21 E.L.R. 64
  15. Margetts v Graham Anthony Limited EDA038
  16. Igen Ltd v Wong (2005)EWCA civ 142
  17. Royal Mail Group Ltd v Efobi (2021) UKSC 33
  18. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު [2021] SC 18 ޤަޟިއްޔާ
  19. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާ
  20. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 ޤަޟިއްޔާ
  21. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/31 ޤަޟިއްޔާ
  22. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91
  23. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
  24. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
  25. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ