މުޙައްމަދު ނިޡާމް ވ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖުޑީޝަލް ސަރވިސް ކޮމިޝަން)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/224
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 87/VTR/2020 މައްސަލައިގެ ނިންމުން ހައިކޯޓުން (2021/HC-A/224) އަޣްލަބިއްޔަތުން ބާޠިލުކުރިއެވެ. ރިޔާސަތު ފަނޑިޔާރު ނިންމީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަމަށާއި ގެއްލުމުގެ ބަދަލު ކަނޑައެޅުމަށް ޓްރައިބިއުނަލަށް ތަޙުވީލުކުރުމަށެވެ. ދެވަނަ ފަނޑިޔާރު ނިންމީ ތުހުމަތު ސާބިތުނުވާތީ މައުޟޫޢީ ޢަދުލުވެރިކަން ނެތް ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށެވެ.
- ވާޤިޢާ
- ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނިޡާމް، ތަފާތު ނަމެއްގައި ފޭސްބުކްގައި ސިޔާސީ ޕޯސްޓްތައް (13–27 ޖޫން 2019) ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ޑިޕާޓްމަންޓަށް ހުށަހެޅިއެވެ. ބަޔާން ނެގުމަށްފަހު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 19 އަދި 242 ވަނަ މާއްދާއާ ޚިލާފުވާތީ، 212 (ނ) (20)، 213 އަދި 93 ވަނަ މާއްދާގެ ދަށުން 5 ޑިސެންބަރު 2019 ގައި ނޯޓިސް ނުދީ ވަކިކުރިއެވެ. 212 (ނ) (20) އިތުރުކުރީ 31 އޮކްޓޯބަރު 2019 ގައެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޝަރުޢީ ދާއިރާގެ މުވައްޒަފަކު ފޭސްބުކްގައި ސިޔާސީ ޕޯސްޓްތައް ކުރިކަމުގެ ސަބަބުން ނޯޓިސް ނުދީ ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވޭތޯ؛ ހެކްކުރިކަމުގެ ދަފްޢު ސާބިތުކުރުމުގެ ބުރަ؛ ވުޖޫދުގައި ނުވާ ނަންބަރަކަށް ހަވާލާދިނުމުގެ ނަތީޖާ؛ އަދި ޓްރައިބިއުނަލަށް ތަޙުވީލުކުރުމުގައި ކޯޓުތަކުގެ ޤާނޫނުގެ 34 އަދި 46 ވަނަ މާއްދާއަށް ހައިކޯޓުން ރިޢާޔަތްކުރަންޖެހޭ ގޮތް.
- ޚަޞްމުންގެ ހުށަހެޅުންތައް
- މުޙައްމަދު ނިޡާމް ބުނީ، ހައިކޯޓުގެ ނިންމުމަކީ ކޯޓުތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށާއި، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށާއި، ޝާއިޢުނުކުރާ ނަންބަރަކަށް ހަވާލާދީފައިވާ ކަމަށެވެ. ޑިޕާޓްމަންޓުން ބުނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 އަދި 27 ވަނަ މާއްދާއަށްވުރެ ބުރަ މިންގަނޑެއް ހައިކޯޓުން ތަޠުބީޤުކޮށް، ދަފްޢު ސާބިތުކުރުމުގެ އުޞޫލާ ޚިލާފުވެ، ޓްރައިބިއުނަލުން ބަލަންވީ ޤާނޫނީ އުޞޫލު ކަނޑައަޅާނުލައި ތަޙުވީލުކުރި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކޯޓުން ކަނޑައެޅީ، ވަކިކުރުމުގެ ބާރު ޑިޕާޓްމަންޓަށް ލިބިގެންވާކަމަށާއި، ތުހުމަތު އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށެވެ. އޭނާގެ ކޮންޓްރޯލް އޮތް އެކައުންޓަކުން ޕޯސްޓްތައް ކުރިކަން މަދަނީ މިންގަނޑުން ސާބިތުވުމުން، ހެކްކުރިކަމުގެ ދަފްޢު ސާބިތުކުރުމުގެ ބުރަ އޭނާއަށް ބަދަލުވި ނަމަވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ. ޝަރުޢީ ދާއިރާގެ މުވައްޒަފުން ސިޔާސީ ޚިޔާލު ފާޅުކުރުމުގައި ސަމާލުވާން ޖެހޭތީ، މިއީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރެވޭ ޢަމަލެކެވެ. އެ އުޞޫލު 212 (ނ) (18) ގައި ކުރިންވެސް އޮތުމުން ނަންބަރު ގޯސްވުމަކުން ނިންމުން ބާޠިލެއް ނުވެއެވެ. ހައިކޯޓުން ޓްރައިބިއުނަލުން ބަލަންވީ ޤާނޫނީ އުޞޫލު ކަނޑައަޅާފައި ނުވާތީ ހައިކޯޓުގެ ނިންމުން ބާޠިލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު (2021/HC-A/224)؛ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 87/VTR/2020 މައްސަލައިގެ ނިންމުން ޤާއިމު (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައި އޮންނަންޖެހެއެވެ. މައުޟޫޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިގެން ކަމުގައިވުމެވެ. އިޖުރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަމެއްގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކުން ދިނުމާއެކު، އެ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެ މުވައްޒަފަކަށް ދިނުމެވެ.
HN2 ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގައި "ކޯޓުތަކަށް އިދާރީ މުވައްޒަފުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން" ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތްކުރާއިރު، ޝަރުޢީ ދާއިރާގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނެޗުރަލް ޖަސްޓިސްގެ އުސޫލުތައް ނެގެހެއްޓުމާއެކު ޑިޕާޓްމަންޓުން ސީދާ ޢަމަލުކުރުމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާ އެއްގޮތަށް ކުރެވޭ ކަމެއް ކަމުގައިވާތީ، ޤާނޫނީ އުޞޫލަކާ ޚިލާފު ގޮތެއް ނޫނެވެ.
HN3 ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި ވަޒީފާއިން ވަކިކުރެވުނު ސަބަބު ސާބިތު ކޮށްދޭންޖެހެނީ މަދަނީ މިންގަނޑުންނެވެ.
HN4 ތުހުމަތު ބިނާކުރާ ޕޯސްޓްތަކަކީ މުވައްޒަފުގެ ކޮންޓްރޯލް އޮތް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓްތަކެއްކަން މަދަނީ މިންގަނޑުން ސާބިތު ކޮށްދިނުމުގެ ޒިންމާ އޮތީ ވަޒީފާދޭ ފަރާތަށެވެ. އެ ޒިންމާ އަދާކުރުމުން، އަޙްމަދު ނާޝިދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ޕޯސްޓްތައް ކޮށްފައިވަނީ އެކައުންޓް ހެކްކޮށްގެން ކަމަށް ބުނެ މުވައްޒަފު ނެގި ދިފާޢު ސާބިތުކޮށްދިނުމުގެ ޒިންމާ ފުރޮޅިގެން ދަނީ މުވައްޒަފުގެ މައްޗަށެވެ.
HN5 ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. އެހެންނަމަވެސް، ފާޅުކަން ބޮޑު ގޮތެއްގައި ސިޔާސީގޮތުން ޚިޔާލުތައް ފާޅުކުރުމުގައި ޝަރުޢީ ދާއިރާގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެއެވެ. ޚާއްޞަކޮށް، ޚިޔާލު ފާޅުކުރުމުގެ ޙައްޤު ބޭނުންކުރުމުގައި، ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި، އަދި ޝަރުޢީ ދާއިރާއަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް ޝަރުޢީ ދާއިރާގެ މުވައްޒަފުން އިސްކަންދޭންޖެހޭނެއެވެ.
HN6 ޝަރުޢީ ދާއިރާގެ މުވައްޒަފަކު، ފާޅުކަން ބޮޑު ގޮތެއްގައި ސިޔާސީ ޕާޓީއަކަށް ކެމްޕޭން ކުރުމާއި، ވަކި ފަރާތަކަށް ތާއީދުކޮށް ނުވަތަ ވަކި ފަރާތަކަށް ލިބިފައިވާ ތާއީދާ ދެކޮޅަށް ތަޢައްޞުބުވާ ގޮތަށް ޚިޔާލު ފާޅުކުރުން ނުވަތަ ވަޒީފާގެ ހައިސިއްޔަތު ބޭނުންކޮށްގެން ސިޔާސީ ފިކުރުތައް ކުރިއެރުވުމަކީ، ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަމާ މެދު ސުވާލު އުފެދި، ޝަރުޢީ ދާއިރާގެ ވަކިފަރާތަކަށް ނުޖެހުމުގެ ސިފައާއި ޢަދުލުވެރިކަމުގެ ސިފައާ މެދު އޮންނަ ތަޞައްވުރު ކުޑަވެދާނެ ކަމެކެވެ. ސަބަބަކީ، ޝަރުޢީ ދާއިރާއަކީ، ސިޔާސީގޮތުން ވަކި ފަރާތަކަށް ނުޖެހި ދެމިއޮންނަންޖެހޭ ދާއިރާއަކަށްވެފައި އެކަން އެގޮތުގައި ދެމެހެއްޓޭނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންވެސް ހިމެނޭހެން ޝަރުޢީ ދާއިރާއަށް ނިސްބަތްވާ އެންމެން އެގޮތުގައި ދެމިތިބިކަން އެބައިމީހުންގެ ޢަމަލުން ދައްކުވައިދީގެން ކަމުގައި ވާތީ އެވެ.
HN7 ޢަމަލެއް ހިންގި ވަގުތު ޢަމަލުކުރެވެމުންދާ ގަވާއިދެއްގައި އެ ޢަމަލާމެދު އަޅާނެ ފިޔަވަޅު ނުވަތަ ޢަމަލުކުރާނެ އުޞޫލު ބަޔާންވެފައި ނުވަނީސް ނުވަތަ އެފަދަ އުސޫލެއް ވުޖޫދުގައި ނެތީސް ވަޒީފާދޭ ފަރާތުން އަމިއްލައަށް އުފައްދައިގެން ވަޒީފާއިން ވަކިކުރުން ޞައްޙަކުރުމަށްޓަކައި ނުވަތަ ވަޒީފާއިން ވަކިކުރި ޙާލަތާ ނުގުޅޭ މާއްދާއެއްގެ ދަށަށް ފަހުން އެ ޢަމަލެއް ގެނެސްގެން، މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރެވޭނެއެވެ.
HN8 މުވައްޒަފުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ނުވަތަ ޣައިރު ސުލޫކީ ޢަމަލުތަކަކީ، އެ ވަގުތަކު ޢަމަލުކުރެވޭ ގަވާއިދުގެ ދަށުން މަނާކަމަކަށްވެފައި އެކަމުގެ ޤާނޫނީ ނަތީޖާއަކީ ކޮބައިކަން ނުވަތަ އެޅޭނެ ފިޔަވަޅަކީ ކޮބައިކަން ވަޒީފާއިން ވަކިކުރި ލިޔުމުގައި އޮތް ބީދައިން ކުރިންސުރެ އެ ގަވާއިދުގެ އެހެން ނަންބަރެއްގައިވިޔަސް ކަނޑައެޅިފައިވާނަމަ، ވަޒީފާއިން ވަކިކުރި ލިޔުމުގައި ހަވާލާދީފައިވާ ނަންބަރު ގޯސްވުމުގެ މައްޗަށް އެކަނި ބިނާކޮށް، އެ ނިންމުން ޤާނޫނީ ގޮތުން ގޯސްކަމަށް ކަނޑައެޅިނުދާނެއެވެ.
HN9 މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރާ ޙާލަތުގައި ދެވޭ އެންމެ އަސާސީ ޙައްލަކީ ވަޒީފާއަށް ރުޖޫޢަކުރުން ކަމަށް ވާއިރު، ވަޒީފާއިން ވަކިކުރުން ބިނާވީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ނިންމައި މައްސަލަ އަލުން ބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަޙުވީލުކުރެވޭ ޙާލަތުގައި، އެކަށީގެންވާ ޙައްލަކީ ނުވަތަ ފަރުވާއަކީ ކޮބައިކަން ކަނޑައެޅުމުގެ ޤާނޫނީ ބާރު ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާއިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެހެންނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ ބާރު ތަޠުބީޤުކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނުންނާއި ތަޙުވީލުކުރެވޭ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށެވެ.
HN10 ކޯޓުތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި މައްސަލައެއް ނިމުނުގޮތް ކަމުގައިވާނީ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރުން ވަކިވަކިން އިއްވި ޙުކުމްތަކުގެ އަޣުލަބިއްޔަތު ނިސްބަތްވާގޮތް ކަމަށް އޮންނަ އޮތުމަށާއި، އެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ނ) ގައި ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ އަލުން ބަލަންވާނީ "ހައިކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލާ އެއްގޮތަށް" ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމުން، ހައިކޯޓުން ދަށުކޯޓަށް ނުވަތަ ޓްރައިބިއުނަލަށް މައްސަލައެއް ތަޙުވީލުކުރާ ހިނދު، އެ މައްސަލައެއް އަލުން ބަލަންވީ ތަރަޙަ އަދި ޤާނޫނީ އުޞޫލު ހައިކޯޓުން ކަނޑައަޅާފައި އޮންނަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ފަތުޙުﷲ އިސްމާޢީލް، އާމިނަތު ޞިބާ ޝަފީޤް، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ، އައިއެލްއެސް އެސޯސިއޭޓްސް ލ.ލ.ޕ
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަބްދުލްޣަނީ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްޣަނީ މުޙައްމަދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
[2026]SC 51
2023/SC-A/22
2023/SC-A/25
ޝަރީޢަތް ނިމުނުގޮތް
މުޙައްމަދު ނިޡާމް ވ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖުޑީޝަލް ސަރވިސް ކޮމިޝަން)
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ނިމުނު ތާރީޚު
24 ނޮވެމްބަރ 2026
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2021/HC-A/224
2023/SC-A/22
މައްސަލަ ހުށަހެޅި ފަރާތް: މުޙައްމަދު ނިޡާމް، […] ކ. މާލެ
މައްސަލަ ރައްދުވާ ފަރާތް: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖުޑީޝަލް ސަރވިސް ކޮމިޝަން)
ޤާނޫނީ ވަކީލު: ފަތުޙުﷲ އިސްމާޢީލް، ސީޓީއެލް ސްޓްރެޓެޖީސް؛ އާމިނަތު ޞިބާ ޝަފީޤް، އައި.އެލް.އެސް އެސޯސިއޭޓްސް އެލް.އެލް.ޕީ
2023/SC-A/25
މައްސަލަ ހުށަހެޅި ފަރާތް: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖުޑީޝަލް ސަރވިސް ކޮމިޝަން)
ޤާނޫނީ ވަކީލު: ފަތުޙުﷲ އިސްމާޢީލް، ސީޓީއެލް ސްޓްރެޓެޖީސް؛ އާމިނަތު ޞިބާ ޝަފީޤް، އައި.އެލް.އެސް އެސޯސިއޭޓްސް އެލް.އެލް.ޕީ
މައްސަލަ ރައްދުވާ ފަރާތް: މުޙައްމަދު ނިޡާމް، […] ކ. މާލެ
މަދަނީ – ވަޒީފާއާބެހޭ މައްސަލަ – މައުޟޫޢީ ޢަދުލުވެރިކަން - އިޖުރާއީ ޢަދުލުވެރިކަން – ނޯޓިސް ނުދީ ވަކިކުރުން – ޝަރުޢީ ދާއިރާގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން - ދަފްޢު ސާބިތުކޮށްދިނުން – ވަޒީފާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ތަޙުވީލުކުރުން - ކޯޓުތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާއާއި 46 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވޭތޯ ބެލުން - ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާ
މުޙައްމަދު ނިޡާމް ވ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖުޑީޝަލް ސަރވިސް ކޮމިޝަން) [2026] SC 51
އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/224 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި […] / މުޙައްމަދު ނިޡާމް ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން ބަލާފައިވާ މި ކޯޓުގެ ނަންބަރު 2023/SC-A/22 ޤަޟިއްޔާއާއި،
2ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ބަޔާންކުރެވުނު ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖުޑީޝަލް ސަރވިސް ކޮމިޝަން) ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ މި ކޯޓުގެ ނަންބަރު 2023/SC-A/25 ޤަޟިއްޔާއާއި، ދެ ޤަޟިއްޔާ ބެލުމަށްފަހު އެކުލަވާލާ ރިޕޯޓެވެ.
3ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/22 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖުޑީޝަލް ސަރވިސް ކޮމިޝަން) (މީގެ ފަހުން: "ޑިޕާޓްމަންޓް") އެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/25 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މުޙައްމަދު ނިޡާމް އެވެ.
4މި ދެ ފަރާތުންވެސް އިސްތިއުނާފު ކޮށްފައިވަނީ އެއް ޤަޟިއްޔާއެއް ކަމަށްވެފައި، އެތަނުން އެއް ޤަޟިއްޔާގައި ގޮތް ކަނޑައެޅިގެންދާ ހިނދު، އަނެއް ޤަޟިއްޔާއާ މެދުވެސް ގޮތް ކަނޑައެޅިގެން ދާނެތީ، މިއީ މި ދެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
520 ޖަނަވަރީ 2019 ގައި މުޙައްމަދު ނިޡާމް، "ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް" ގެ ވަޒީފާ ހައިކޯޓުގައި އަދާކުރަން ފެށިއެވެ.
6މުޙައްމަދު ނިޡާމް ސޯޝަލް މީޑިއާގެ ވަސީލަތެއް ކަމަށްވާ ފޭސްބުކްގައި ތަފާތު ނަމެއް ބޭނުންކޮށްގެން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ތަފާތު ޕޯސްޓްތައް ކުރަމުން ގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ތުހުމަތުކޮށް ޑިޕާޓްމަންޓަށް ހުށަހެޅިއެވެ.
7ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން އެދިފައިވަނީ މުޙައްމަދު ނިޡާމްއާ ގުޅޭ މައްސަލަ 22 އެޕްރީލް 2019 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކޮމިޓީއަށް ރިޕޯޓް ކުރުމަށެވެ.
8މީގެ އިތުރުން ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމުގެ ދަށުން ނަން ހާމަނުކޮށް މުޙައްމަދު ނިޡާމްއާ ގުޅޭގޮތުން މިފަދަ އިތުރު ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ޑިޕާޓްމަންޓްގެ ހިއުމަން ރިސޯސް ކޮމިޓީގެ ޔައުމިއްޔާ (24 ނޮވެންބަރު 2019) ގައި ބުނެފައިވެއެވެ.
9ބަޔާންކުރެވުނު ޔައުމިއްޔާ (24 ނޮވެންބަރު 2019) ގައި މުޙައްމަދު ނިޡާމްގެ ޢަމަލަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 19 ވަނަ މާއްދާގެ (ށ) އާއި (ނ) ޚިލާފު ޢަމަލެއްކަމަށާއި ފޭސްބުކް އެކައުންޓްގައި ޝެއަރކޮށްފައި ހުރި ބައެއް ޕޯސްޓްތަކަށްބަލާއިރު، ވަކި ސިޔާސީ ޕާޓީއެއް ނުވަތަ ކެންޑިޑޭޓެއްގެ ކުރިއެރުމަށް ހުރަސް އެޅުމުގެ ނިޔަތާއި މަޤްޞަދު އޮތްކަމަށް ބެލެވޭކަމަށް ބަޔާންކޮށްފައިވެއެވެ.
10އަދި ބުނެވުނު ޔައުމިއްޔާގައި، މުޙައްމަދު ނިޡާމްގެ ޢަމަލަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 242 ވަނަ މާއްދާއާ ޚިލާފު ޢަމަލެއް ކަމަށާއި މިފަދަ ޢަމަލެއް ކުރުމަކީ އެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަންބަރުގެ ދަށުން ފުރަތަމަ ފަހަރުންވެސް ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ކުށެއްކަމަށް ކޮމިޓީއަށް ޤަބޫލުކުރެވޭ ކަމަށާއި މުޙައްމަދު ނިޡާމް އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ ވަޒީފާދޭ ފަރާތަށާއި އަދި ވަޒީފާ އަދާކުރާ ތަނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުޞަތު އޮތުމާއެކު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 213 ވަނަ މާއްދާގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް 93 ވަނަ މާއްދާ ގެ ދަށުން އިތުރު ނޯޓިހެއް ދިނުމަކާ ނުލައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުން މުޙައްމަދު ނިޡާމް ވަކިކުރުމަށް ކޮމިޓީއަށް ފެންނަކަމަށް ބަޔާންކޮށްފައިވެއެވެ.
11ހައިކޯޓުގެ "ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް" ގެ ވަޒީފާ އިން މުޙައްމަދު ނިޡާމް ވަކިކޮށްފައިވަނީ 05 ޑިސެންބަރު 2019 ގައެވެ.
12މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި ހަވާލާދިފައިވަނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 19 ވަނަ މާއްދާގެ (ށ) އާއި (ނ) އަދި 242 ވަނަ މާއްދާއާ ޚިލާފުވެފައިވާތީ އެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަންބަރާއި 213 ވަނަ މާއްދާގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް 93 ވަނަ މާއްދާގެ ދަށުންކަން ވަޒީފާއިން ވަކިކުރި ޗިޓުން އެނގެއެވެ.
ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
13ހައިކޯޓުގެ ނަންބަރު 2021/HC-A/224 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ނިޡާމް އަދި ޑިޕާޓްމަންޓުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ވަކިވަކިން ބަޔާންކުރަމެވެ. މިގޮތުން، މުޙައްމަދު ނިޡާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
13.1 ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާއާ ޚިލާފަށްކަން؛
13.2 ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 އަދި 2 ވަނަ ނަންބަރާ ޚިލާފަށްކަން؛
13.3 ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަދި ހައިކޯޓުން މި މައްސަލަ ނިންމެވިއިރުވެސް މުޙައްމަދު ނިޒާމް ވަޒީފާއިން ވަކިކޮށްފައިވަނީ "ނެޗުރަލް ޖަސްޓިސް" އަދި "ޑިއު ޕްރޮސެސް" ގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަންވެސް ކަނޑައަޅާފައި ނުވާކަން؛
13.4 ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައި ނުވާކަން؛ މިއެވެ.
14ހައިކޯޓުގެ ނަންބަރު 2021/HC-A/224 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޑިޕާޓްމަންޓުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
14.1 ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނެތްކަމަށް ނިންމާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އާއި 27 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑަށްވުރެ ބުރަ މިންގަނޑެއް މައްސަލައަށް ތަޠުބީޤުކޮށްގެން ކަމުގައިވުން؛
14.2 ސާބިތުކުރުމުގެ ބުރައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމައިފައިވާ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ މައްސަލައިގައި ކަނޑައަޅައިފައިވާ ދަފްޢު ސާބިތުކުރުމުގެ އުސޫލުތަކާ ޚިލާފަށް މައްސަލަ ނިންމައިފައިވުން.
14.3 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 34 ވަނަ މާއްދާގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ޙުކުމްތަކުގެ އަޣުލަބިއްޔަތުން މައްސަލަ ނިންމަން އޮންނަ އުސޫލާއި، ހަމަ އެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަދި (ނ) ލާޒިމުކުރާ، ތަޙުވީލުކުރާ މައްސަލަތައް ބެލުމަށް ޤާނޫނީ އުސޫލު ކަނޑައެޅުމާ ގުޅޭ އުސޫލާ ޚިލާފަށް މައްސަލައިގެ ޙުކުމްކޮށްފައިވުން.
އިސްތިއުނާފު ނުކުތާތަކަށް ދީފައިވާ ރައްދު
15މުޙައްމަދު ނިޡާމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކާ ގުޅިގެން ޑިޕާޓްމަންޓުން މައިގަނޑު ގޮތެއްގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
15.1 ހައިކޯޓުގެ ނިންމުމަކީ ޓްރައިބިއުނަލްއަށް ތަޙުވީލުކޮށްފައިވާ މައްސަލައަކަށް ވާއިރު، ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓްރައިބިއުނަލުން ބަލަންޖެހޭ ޤާނޫނީ އުޞޫލު ހައިކޯޓުން ކަނޑައަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު، ޓްރައިބިއުނަލުން ބަލަންވީ ކަންތައް ހައިކޯޓުގެ ޙުކުމުން މުޅިން ސާފު ނުވާކަން؛
15.2 މުޙައްމަދު ނިޡާމްގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާގައި މުޙައްމަދު ނިޡާމް ފާހަގަކުރާ ކަންކަން މުޅިން ސާފު ނޫންކަމަށާއި، ހައިކޯޓުން މުޙައްމަދު ނިޒާމަށް ލިބެންޖެހޭ ޤާނޫނީ ޙައްލު ކަނޑައަޅައި އެ ޙައްލު ލިބިދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ތަޙުވީލު ކޮށްފައިވާކަން؛ އަދި މިނުކުތާގައި ހުށަހަޅާ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުނުވާތީ، މި ނުކުތާއަކީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅޭގޮތަށް އޮތް ނުކުތާއެއް ނޫންކަން؛
15.3 މުޙައްމަދު ނިޡާމްއަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން އިތުރު ހުށަހެޅުންތައް ހުށަހެޅުމަށް ނުވަތަ އިތުރު ހެކި ހުށަހެޅުމަށް ނުވަތަ އިތުރު ވަގުތު ބޭނުންވެގެން މުޙައްމަދު ނިޡާމްގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާތީ ތަޙުޤީޤު ގެންދެވިފައިވަނީ ދިފާޢުވުމަށް އެކަށީގެންވާ ފުރުސަތު ދީގެންކަމުގައި ބަލަންޖެހޭ ކަން؛
15.4 ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އިދާރީ ފިޔަވަޅުއެޅުމަކީ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތެއްކަން؛
15.5 ޝަރުޢީދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގެ (20) ނަންބަރުގައި އޮތް ކުށްތައް ޝާއިޢުކޮށްފައި ނުވާތީ، އެއީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާއާ ޚިލާފު މާއްދާއެއްކަމަށް މުޙައްމަދު ނިޡާމްގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާއަކީ މުޅިން އަލަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާއަކަށްވާތީ، މި ނުކުތާ ސުޕްރީމް ކޯޓަށް ބަލައި ނުގަނެވޭނެކަން؛
15.6 އަދި މިއީ ދުސްތޫރީ މައްސަލައަކަށް ނުވާތީ މުވައްޒަފުންގެ ޤަވާއިދުގެ ދުސްތޫރިއްޔަތާމެދު ސުޕްރީމް ކޯޓުގެ މަރުޙަލާގައި ބަހުސް ކުރުމުގެ ފުރުސަތު ނެތްކަން؛ މިއެވެ.
16ޑިޕާޓްމަންޓުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކާ ގުޅިގެން މުޙައްމަދު ނިޡާމް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާ އާ ޚިލާފު ނިންމުމެއްކަމަށެވެ.
ގޮތްކަނޑައަޅަންޖެހޭ ނުކުތާ
17މި ކޯޓުގެ ނަންބަރު 2023/SC-A/22 ޤަޟިއްޔާއާއި ނަންބަރު 2023/SC-A/25 ޤަޟިއްޔާއާ ގުޅިގެން ދެފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށާއި މި ކޯޓުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހެނީ އަންނަނިވި މައިގަނޑު ނުކުތާތަކަށް ކަމުގައި ދެކެމެވެ. އަދި މި ނުކުތާތަކަށް ގޮތް ކަނޑައެޅިގެން ދިއުމުން މި ދެ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ ނުކުތާތަކަށް ޖަވާބު ލިބިގެންދާނެކަމުގައި ދެކެމެވެ.
17.1 ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާ ގުޅޭގޮތުންނާއި އިޖުރާއީ ޢަދުލުވެރިކަމާ ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވާގޮތް ރަނގަޅުތޯ؛ އާއި
17.2 ވަޒީފާއިން ވަކިކުރި ސަބަބު ރަނގަޅު ނޫންކަމަށްބުނެ ފާހަގަކުރި ދަފްޢު ސާބިތުކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ހައިކޯޓުން ތަޠްބީޤު ކޮށްފައިވަނީ ރަނގަޅަށްތޯ؛ އާއި
17.3 ވަޒީފާއިން ވަކިކުރަން މެދުވެރިވި ހާދިސާ ހިނގި އިރު، ވުޖޫދުވެފައި ނުވާ ނުވަތަ ޝާޢިއުކޮށްފައި ނުވާ މާއްދާއަކަށް ހަވާލާދީ ވަޒީފާއިން ވަކިކޮށްފައި އޮތުމުގެ ޤާނޫނީ ނަތީޖާއަކީ ކޮބައިތޯ؛
17.4 އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 34 ވަނަ މާއްދާއާއި އެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަދި (ނ) ލާޒިމުކުރާ އުސޫލުތައް ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާއިމްކޮށްފައި ވޭތޯ؛ މި އެވެ.
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން
18HN1މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައި އޮންނަންޖެހެއެވެ. މައުޟޫޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިގެން ކަމުގައިވުމެވެ. އިޖުރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަމެއްގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކުން ދިނުމާއެކު، އެ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެ މުވައްޒަފަކަށް ދިނުމެވެ.
19މި މައްސަލައިގައި މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިވޭތޯ ބަލާއިރު، މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ތަޙުޤީޤުކޮށްދިނުމަށް އެދި ޑިޕާޓްމަންޓްއަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނާއި ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ނަން ހާމަނުކޮށް މުޙައްމަދު ނިޡާމްއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ބަލާފައިވާ މައްސަލައެކެވެ.
20މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ ތެރެއިން ރިޔާސަތު ފަނޑިޔާރު ފިޔަވައި އަނެއް ދެ ފަނޑިޔާރުން ނިންމާފައިވެއެވެ. މިގޮތުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށް އޭގެތެރެއިން އެއް ފަނޑިޔާރު ނިންމި މައިގަނޑު ސަބަބަކީ، މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ތަޙުޤީޤު ކުރުމަށް އެދި ޑިޕާޓްމަންޓަށް ހުށަހެޅި މައްސަލައަކަށްވެފައި، ޑިޕާޓްމަންޓުން މަސްއޫލިއްޔަތު އަދާކުރަމުންދާ މިންވަރު ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއްކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 121 ވަނަ މާއްދާއިން އެނގެން އޮތުމެވެ. އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށް އޭގެތެރެއިން އަނެއް ފަނޑިޔާރު ނިންމި މައިގަނޑު ސަބަބަކީ، ނެޗުރަލް ޖަސްޓިސްގެ ހަމަތަކާ އެއްގޮތަށް، މުވައްޒަފާމެދު ކުރެވުނު ތުހުމަތަކީ ކޮބައިކަން ބަޔާންކޮށްދީ، ޖަވާބުދާރީވުމަށް ފުރުސަތު ދެވިގެން ހިންގިފައިވާ ތަޙުޤީޤެއްގެ މައްޗަށް ފިޔަވަޅު އަޅާފައިވާތީއާއި ޖުޑީޝަރީ ކޮމިޓީގެ ރިކުއެސްޓަށް ތަޙުޤީޤުކޮށް މައްސަލަ ބެލުމުގައި އެ ނޫން ގޮތަކަށް މީގެކުރިން ވަޒީފާދޭ ފަރާތުން ޢަމަލުކޮށްފައިވާކަން އެނގެން ނެތުމެވެ.
21މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގެ ފިޔަވަޅު އެޅުމުގައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 228 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް ޑިޕާޓްމަންޓުން ޢަމަލުކޮށްފައިވާ ކަމަށް މުޙައްމަދު ނިޡާމް ބުނެފައިވެއެވެ. މިގޮތުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 228 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "މި ޤަވާޢިދުގެ 227 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން، ޝަރުޢީދާއިރާގެ މުވައްޒަފަކު މިޤަވާއިދާ ޚިލާފުވުމުން، ނުވަތަ ވަޒީފާއާގުޅޭގޮތުން މުވައްޒަފުންކުރާ ޝަކުވާގެ މައްސަލަތައް އެންމެ ފުރަތަމަ ބަލާނީ، މުވައްޒަފު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުންނާބެހޭ އިސް ވެރިޔާއެވެ. ނުވަތަ އޭނާ ކަނޑައަޅާ ފަރާތެކެވެ." މިފަދައިންނެވެ.
22އަދި ބުނެވުނު މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، "މުވައްޒަފަކު ހުށަހަޅާ ނުވަތަ މުވައްޒަފަކާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާއަކާގުޅޭ މައްސަލައެއް ބެލުމަށްފަހު އެމައްސަލައެއްގެ ކުޑަ ބޮޑުމިނަށް ރިޢާޔަތްކޮށް، މި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅު އަޅަނީ އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓު ނުވަތަ އިދާރާގެ މުވައްޒަފުންނާބެހޭ އިސްވެރިޔާ ނުވަތަ އޭނާ އެކަމަށް ކަނޑައަޅާފައިވާ ފަރާތުންނެވެ." މިފަދައިންނެވެ.
23އިސްތިއުނާފުކުރެވިފައިވާ ހައިކޯޓުގެ ޤަޟިއްޔާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ނިންމާފައިވަނީ އެ ޤަޟިއްޔާ ބެލި ރިޔާސަތު ފަނޑިޔާރެވެ. އެގޮތަށް އެ ފަނޑިޔާރު ރައުޔު ބިނާކުރި ސަބަބަކީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 228 ވަނަ މާއްދާގެ (ހ) ގައި މި ފަދަ މައްސަލަތައް އެންމެ ފުރަތަމަ ބަލަންޖެހޭނީ އެމުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއަކުން ކަމުގައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ޑިޕާޓްމަންޓުން ޢަމަލުކޮށްފައި ނުވުމެވެ.
24މި މައްސަލައިގައި މުޙައްމަދު ނިޡާމް ޑިޕާޓްމަންޓަށް ހާޒިރުކޮށް 27 އޮކްޓޫބަރު 2019 ގައި އޭނާގެ ބަޔާން ނެގުމުގެ ކުރިން، އަދި 24 ނޮވެންބަރު 2019 ގައި ޑިޕާޓްމަންޓުގެ ހިއުމަން ރިސޯސް ކޮމިޓީއިން މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމަށް ފެންނަކަމަށް ނިންމުމުގެ ކުރިން، 03 ސެޕްޓެންބަރު 2019 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުއަށް ދެވަނަ އިޞްލާޙު ގެނެވި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ބުނެވުނު ޤާނޫނުގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށަށް ބަދަލުކޮށްފައި ވެއެވެ.
25HN2ބުނެވުނު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 1-21 ވަނަ މާއްދާ (ރ) ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން އެ އަކުރުގެ 2 ވަނަ ނަންބަރުގައި "ކޯޓުތަކަށް އިދާރީ މުވައްޒަފުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން" މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތްކުރާއިރު، މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި ޑިޕާޓްމަންޓުން ޢަމަލުކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ބަޔާންކުރެވުނު މާއްދާއާ އެއްގޮތަށް ކަމުގައިވާތީ، މުޙައްމަދު ނިޒާމްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ޠަބީޢަތަށާއި އެ މައްސަލަ ތަޙްޤީޤުކޮށް ވަކި މުއްދަތެއްގައި ރިޕޯޓު ފޮނުވަން އަންގާފައިވަނީ، ޑިޕާޓްމަންޓުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރަމުންދާގޮތް ބެލުމުގެ ޒިންމާ ޤާނޫނީގޮތުން ޙަވާލުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ކަމުގައިވާތީ، ނެޗުރަލް ޖަސްޓިސްގެ އުސޫލުތައް ނެގެހެއްޓުމާއެކު ޑިޕާޓްމަންޓުން ޢަމަލުކޮށްފައިވާ ގޮތަކީ ޤާނޫނީ އުޞޫލަކާ ޚިލާފު ގޮތެއްކަމުގައި އަހުރެންނަކަށް ބުރައެއް ނުވެވެއެވެ.
26އެހެންކަމުން، މި މައްސަލައިގައި މުޙައްމަދު ނިޡާމްއަށް ކުރެވިފައިވާ ތުހުމަތަކީ ކޮބައިކަމާއި، އެ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށް ފުރުސަތު ދެވުނުކަމާއި، އެ މައްސަލަ އިދާރީ ގޮތުން ތަޙުޤީޤު ކުރެވުނުކަން 27 އޮކްޓޯބަރު 2019 ގައި މުޙައްމަދު ނިޡާމް ޑިޕާޓްމަންޓަށް ދީފައިވާ ބަޔާނުންނާއި، 24 ނޮވެންބަރު 2019 ވަނަ ދުވަހު ބޭއްވުނު ޑިޕާޓްމަންޓުގެ ހިއުމަން ރިސޯސް ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެން އޮންނާތީ، މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމުގައި އަހުރެން ދެކެމެވެ.
27މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުން ނިންމާފައިވާ ސަބަބަކީ، މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރި ސަބަބުކަމަށްވާ ބަޔާންކުރެވުނު ފޭސްބުކް ޕޯސްޓްތައް ކޮށްފައިވާ އެކައުންޓަކީ މުޙައްމަދު ނިޡާމްގެ ނަމުގައި އޮތް އެކައުންޓަކަށް ނުވެފައި، އެ އެކައުންޓަކީ، ސީދާ މުޙައްމަދު ނިޡާމް ބޭނުންކުރަމުންދާ އެކައުންޓެއްކަން އެނގެން ނެތުމެވެ.
28ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށްދިނުމުގެ ޒިންމާ އަދާކުރާނެ އުޞޫލު ބަޔާންކޮށްދީފައިވެއެވެ. މިގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވަނީ، "މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެއެވެ." މިފަދައިންނެވެ.
29މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ކުރިން މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ހައިކޯޓުން ނިންމި ނިންމުން ބިނާކުރި އުޞޫލު ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްތޯ ބަލަންޖެހެއެވެ. އެހެންކަމުން، މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ވުމާމެދު އަހުރެން ދެކޭގޮތް، މި މައްސަލައިގައި މުޙައްމަދު ނިޡާމްގެ ފަރާތުން ހުށަހެޅި ދަފްޢު ސާބިތުކޮށްދެވިފައިވޭތޯ ބެލުމަށްފަހު މި ރައުޔުގެ ފަހުގެ ޕެރެގްރާފްތަކުގައި އަހުރެން ބަޔާންކުރާނަމެވެ.
ވަޒީފާއިން ވަކިކުރި ސަބަބު ނަފީކުރުމަށް ހުށަހެޅި ދަފްޢު ސާބިތުވޭތޯ ބެލުން
30މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރި ސަބަބުކަމަށް ޑިޕާޓްމަންޓުން ބުނާ ސަބަބު ނަފީކުރުމަށް މުޙައްމަދު ނިޡާމް ހުށަހެޅި ދަފްޢު ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް ޑިޕާޓްމަންޓުން ފާހަގަކުރެއެވެ. އަދި އެ ދަފްޢު ސާބިތުކުރުމުގެ ޒިންމާ އޮތް ފަރާތަކީ ކޮބައިކަން ސާފުވާގޮތަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނުވާކަމާއި، އަދި ދަފްޢު ސާބިތުކުރުމުގެ އުސޫލު ތަޠްބީޤު ކޮށްފައިވާ ގޮތާމެދުވެސް ޑިޕާޓްމަންޓުން މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ސުވާލު އުފައްދާފައިވެއެވެ.
31މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކުރުމަށް ޑިޕާޓްމަންޓުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި ލިޔުންތަކުގެ ތެރޭގައި، 27 އޮކްޓޫބަރު 2019 ގައި މުޙައްމަދު ނިޡާމް ޑިޕާޓްމަންޓަށް ދީފައިވާ ބަޔާނާއި، 24 ނޮވެންބަރު 2019 ވަނަ ދުވަހު ބޭއްވުނު ޑިޕާޓްމަންޓުގެ ހިއުމަން ރިސޯސް ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ހިމެނެއެވެ.
32މި ލިޔުންތަކަށް ބަލާއިރު، މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބަކީ، އޭނާގެ ފޭސްބުކު އެކައުންޓުން 13 ޖޫން 2019 އިން ފެށިގެން 27 ޖޫން 2019 ގެ ނިޔަލަށް އެކި ދުވަސްތަކުގެ މަތިން ޖޭއެސްސީ އަށާއި، ސިޔާސީ އެކި ފަރާތްތަކަށް ނިސްބަތްކޮށް އެކަށީގެންނުވާ ބަސްމަގު ބޭނުންކޮށްގެން ކޮށްފައިވާ ސިޔާސީ ޕޯސްޓުތަކަކީ މުޙައްމަދު ނިޡާމް ކޮށްފައިވާ ޕޯސްޓްތަކެއްކަމަށް ބަލައިގެންނެވެ. މި ޕޯސްޓްތައް ކޮށްފައިވަނީ، މުޙައްމަދު ނިޡާމް ކަމަށް ޑިޕާޓްމަންޓުން ތުހުމަތު ކުރެއެވެ. އެ ފަރާތުގެ ތުހުމަތު ބިނާކުރާ ސަބަބަކީ، ބަޔާންކުރެވުނު ފޭސްބުކް އެކައުންޓްގެ ޕްރޮފައިލް ފޮޓޯގައި މުޙައްމަދު ނިޡާމްގެ ދަރިންގެ ފޮޓޯ ހުރުމާއި، އެ އެކައުންޓުން އޭނާގެ ދަރިންގެ ފޮޓޯއާއި ލައިވް އިވެންޓްތަކާއި ސްވީޓް މެމޮރީސްތަކާއި އޭނާގެ މާސްޓަރސް ޑިގްރީގެ ތީސީސްގެ ކަވަރު ފޮޓޯފަދަ ސީދާ މުޙައްމަދު ނިޡާމް އަށް ނިސްބަތްކުރެވޭ ޒާތީ ފޮޓޯތައް ޝެއަރކޮށްފައި ހުރުމެވެ. އެ ދުވަސްވަރު މުޙައްމަދު ނިޡާމްގެ އެކައުންޓުން ބަޔާންކުރެވުނުފަދަ އޭނާގެ އަމިއްލަ ކަންކަމާގުޅޭ ޕޯސްޓް ކުރިކަން މުޙައްމަދު ނިޡާމް 27 އޮކްޓޫބަރު 2019 ގައި ޑިޕާޓްމަންޓަށް ދީފައިވާ ބަޔާނުން ސާފުވެއެވެ. މި ގޮތުން، މި ބަޔާނުގައި، "...އަޅުގަނޑު ފޭސްބުކް ބޭނުން ކުރަން ފެށީ 2008 ވަނަ އަހަރު ތެރޭގައެވެ. އަދި 2009 އަދި 2010 ވަނަ އަހަރުގެ ތެރޭގައި ކިޔެވުމަށްޓަކައި މެލޭޝިއާގައި އަޅުގަނޑު ހުރި ދުވަސްވަރުވެސް ފޭސްބުކް ބޭނުންކޮށްފައިވާނެއެވެ. އެހެންނަމަވެސް އޭގެ ފަހުން އަޅުގަނޑުގެ ފޭސްބުކް އެކައުންޓްވަނީ ހެކްކޮށްފައެވެ. އަދާލަތު ޕާޓީއަށް އަޅުގަނޑު ސޮއިކުރިކަމަށްބުނެ، އަޅުގަނޑަށް ނޭނގި ބަޔަކު މީހުން އެ އެކައުންޓްގެ ސްޓޭޓަސް އަޕްޑޭޓްކުރުމާ ގުޅިގެން އެ އެކައުންޓްގެ ކޮންޓްރޯލް މިހާރު އަޅުގަނޑަށް ގެއްލިފައިވާ ކަމަށާއި، އެކަމަށް އެއްވެސް ޙައްލެއް އޮތްތޯ ބެލުމަށް އެ އެކައުންޓުން އަޅުގަނޑު ޕޯސްޓްކޮށްފައިވާނެއެވެ. އެދުވަސްވަރު އަޅުގަނޑު އުޅުނީ ސިފައިންގެ ވަޒީފާގައެވެ..." މިފަދައިން ބުނެފައިވެއެވެ.
33މުޙައްމަދު ނިޡާމް ޑިޕާޓްމަންޓަށް ދީފައިވާ ބަޔާނުންވެސް އެނގޭފަދައިން، ޑިޕާޓްމަންޓުން ސަބަބު ބަޔާންކޮށް މުޙައްމަދު ނިޡާމްއަށް ކުރި ތުހުމަތާ ގުޅިގެން މުޙައްމަދު ނިޡާމް ކުރިމަތިކުރުވި ދަފްޢުއަކީ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވުމެވެ. މިގޮތުން، އެކައުންޓް ހެކްކުރުމާގުޅޭ ގޮތުން މުޙައްމަދު ނިޡާމް ދީފައިވާ ބުނެވުނު ބަޔާނުގައި ބަޔާންކޮށްފައިވަނީ، "...އަޅުގަނޑުގެ އެކައުންޓް ހެކްކޮށް ދަރިންގެ ފޮޓޯލައިފައި ފޭސްބުކް އެކައުންޓް ބޭނުންކުރަމުން ގެންދާކަން އަޅުގަނޑަށް އެނގިފައިވީނަމަވެސް، ރަސްމީ ސިފައެއްގައި އެއްވެސް އިދާރާއަކަށް ނުވަތަ ފަރާތަކަށް މިކަން ރިޕޯޓް ކޮށްފައެއް ނުވާނެއެވެ. ސަބަބަކީ، އަޅުގަނޑަށް އެނގިފައިވާ ގޮތުން، މިހާތަނަށް މިފަދައިން ހެކްކޮށްގެން ރިޕޯޓު ކުރާ މައްސަލަތައް ބަލާފައި ނުވެއެވެ." މިފަދައިންނެވެ.
34ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި "ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކަށީގެންވާ ސަބަބެއް އޮވެގެން، މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭން ޖެހޭނީ، މިބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީއަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ގަޒިއްޔާތަކުގައި އެކަށައަޅައި، އެކަން ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އާންމު ގާނޫނުގައި އިސްތިގުރާރުވެފައި ވެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
35މި މައްސަލައިގައި މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ޕޯސްޓްތައް ކޮށްފައިވަނީ މުޙައްމަދު ނިޡާމް އުފެއްދި ފޭސްބުކް އެކައުންޓަކުން ކަމާމެދު މުޙައްމަދު ނިޡާމް ޚިލާފެއް އުފައްދާފައި ނުވެއެވެ. މުޙައްމަދު ނިޡާމް ޚިލާފު އުފައްދާފައިވަނީ އެ އެކައުންޓުން މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ ޕޯސްޓްތައް (މި ޕޯސްޓްތަކުގެ ކޮންޓެންޓްތައް ޓްރައިބިއުނަލްގެ ރިޕޯޓުގައާއި ހައިކޯޓުގެ ރިޕޯޓުގައި ހިމެނިފައިވާ) ކުރީ މުޙައްމަދު ނިޡާމް ކަމާމެދުގައެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން މުޙައްމަދު ނިޡާމްގެ ދިފާޢަކީ އެ އެކައުންޓަކީ އޭނާގެ ނަމުގައި އޮތް އެކައުންޓަކަށް ނުވެފައި، އެ އެކައުންޓަކީ ހެކްކޮށްފައިވާ އެކައުންޓެއް ކަމަށް ބުނުމެވެ.
36HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި ވަޒީފާއިން ވަކިކުރެވުނު ސަބަބު ސާބިތު ކޮށްދޭންޖެހެނީ މަދަނީ މިންގަނޑުންނެވެ.
37HN4މަދަނީ މައްސަލަތަކުގައި ދަފްޢު ސާބިތު ކުރުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން އެނގެން އޮންނަ އޮތުމެވެ." މިފަދައިންނެވެ.
38މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ ޕޯސްޓްތަކަކީ މުޙައްމަދު ނިޡާމްގެ ކޮންޓްރޯލް އޮތް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓްތަކެއްކަން މަދަނީ މިންގަނޑުން ސާބިތު ކޮށްދިނުމުގެ ޒިންމާ އޮތީ ޑިޕާޓްމަންޓަށެވެ. މި ޒިންމާ އެ ޑިޕާޓްމަންޓުން އަދާކޮށްފައިވޭތޯ ބަލާއިރު، މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ ޕޯސްޓްތައް ކޮށްފައިވަނީ މުޙައްމަދު ނިޡާމް އުފެއްދި އެކައުންޓަކުންކަމަށް މުޙައްމަދު ނިޒާމް ޑިޕާޓްމަންޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓްތަކަށް ބަލާއިރު، ބަޔާންކުރެވުނު ސިޔާސީ ޕޯސްޓްތައް ފިޔަވައި، އެ އެކައުންޓްގެ ޕްރޮފައިލް ފޮޓޯގައި މުޙައްމަދު ނިޡާމްގެ ދަރިންގެ ފޮޓޯ ހުރުމާއި، އެ އެކައުންޓުން އޭނާގެ ދަރިންގެ ފޮޓޯއާއި ލައިވް އިވެންޓްތަކާއި ސްވީޓް މެމޮރީސްތަކާއި އަދި ދަރިން ބޮޑެތިވެގެން ވާންބޭނުންވަކީ ކޮން މަސައްކަތެއްކުރާ ބަޔަކަށްކަމާއި، އޭނާގެ މާސްޓަރސް ޑިގްރީގެ ތީސީސްގެ ކަވަރ ފޮޓޯ ފަދަ ސީދާ މުޙައްމަދު ނިޒާމް އަށް ނިސްބަތްކުރެވޭ ފޮޓޯތައް ޝެއަރކޮށްފައި ހުރުމުން އެ އެކައުންޓުން ކޮށްފައިވާ ބަޔާންކުރެވުނު ސިޔާސީ ޕޯސްޓްތަކަކީވެސް މުޙައްމަދު ނިޡާމް އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓްތައްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިސްޓްރޭޝަނުން ޤަބޫލުކުރެއެވެ. އަދި ޙަވާލާ ދެވުނު ފޭސްބުކް އެކައުންޓަކީ މުޙައްމަދު ނިޡާމް އުފެއްދި އެކައުންޓެއްކަމަށް ޑިޕާޓްމަންޓަށް އޭނާ ދީފައިވާ ބަޔާނުގައި އެއްބަސްވެފައި ވެއެވެ. އޭނާގެ ދިފާޢަކަށްވީ އެ އެކައުންޓް ހެކްކޮށްފައިވާކަމަށް ބުނުމެވެ. އެކަމަކު އެ އެކައުންޓުގެ ކޮންޓްރޯލް އެއްކޮށް ގެއްލިފައިވާކަމަކަށް އޭނާ ބުނެފައިނުވެއެވެ. އަދި އެކައުންޓުން ބަޔާންކުރެވުނު ޕޯސްޓްތައް ކުރަމުން ގެންދާކަން އޭނާއަށް އެނގިފައިވާކަމަށާއި އެކަން އޭނާގެ އަންހެނުންނާވެސް ހިއްސާކުރި ކަމަށެވެ. އެކައުންޓް "ހެކްކޮށްފައިވާކަމަށް" މުޙައްމަދު ނިޡާމް ބުނެފައި ވީނަމަވެސް އޭގެ ފަހުންވެސް މުޙައްމަދު ނިޒާމް އެ އެކައުންޓުން ޕޯސްޓްކުރި ކަމަށް ބުނެފައިވާ ބުނުމުންވެސް އެކައުންޓުގެ ކޮންޓްރޯލް މުޙައްމަދު ނިޡާމް އަށް ގެއްލިފައިނުވާކަން އެނގެއެވެ.
39ދެން އޮތީ މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ ޕޯސްޓްތައް ކޮށްފައިވަނީ އެކައުންޓް ހެކްކޮށްގެންކަމަށް ބުނެ މުޙައްމަދު ނިޡާމް ނެގި ދަފްޢު ސާބިތު ކޮށްދިނުމުގެ ބުރައެވެ. ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ޕޯސްޓްތައް ކޮށްފައިވަނީ އެކައުންޓް ހެކްކޮށްގެން ކަމަށް ބުނެ މުޙައްމަދު ނިޡާމް ނެގި ދިފާޢު ސާބިތުކޮށްދިނުމުގެ ޒިންމާ މިހާހިސާބުން ފުރޮޅިގެން ގޮސްފައިވަނީ މުޙައްމަދު ނިޡާމްގެ މައްޗަށެވެ.
40އެކައުންޓް ހެކްކޮށްފައިވާ ކަމަށް ބުނާބުނުން ފިޔަވައި މުޙައްމަދު ނިޡާމް ފާހަގަކުރި ދަފްޢު ސާބިތުކޮށްދިނުމުގެ ގޮތުން މި މައްސަލައިގައި މުޙައްމަދު ނިޡާމްގެ ފަރާތުން އެއްވެސް ހެއްކެއް ޑިޕާޓްމަންޓަށާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހަޅާފައި ނުވެއެވެ. އަދި އޭނާ ބުނެފައިވަނީ، އެ އެކައުންޓް ހެކްކޮށް އެފަދަ ޕޯސްޓްތަކެއް ކުރަމުންދާކަން އެނގިފައިވީނަމަވެސް، އެކަން ކަމާބެހޭ އެއްވެސް ފަރާތަކަށް ރިޕޯޓުކޮށްފައި ނުވާނެކަމަށެވެ.
41މި މައްސަލައިގައި ހަވާލާދޭ ފޭސްބުކް ޕޯސްޓްތަކަކީ ހަމަ ޙަޤީޤަތުގައިވެސް މުޙައްމަދު ނިޡާމް ކުރި ޕޯސްޓަކެއްތޯ ނުވަތަ ނޫންތޯ ބަލާ އިރު، އަންނަނިވި ވާޤިޢީ ސުވާލުތައް އަހުރެންނަށް އުފެދެއެވެ.
42ފުރަތަމަ ސުވާލަކީ؛ ހެކްކޮށްފައިވާކަމަށް މުޙައްމަދު ނިޒާމް ބުނާ ފޭސްބުކް އެކައުންޓަކީ މުޙައްމަދު ނިޡާމް އުފެއްދި އެކައުންޓަކަށްވާއިރު، އަދި އެ އެކައުންޓުގައި ފެންނަންހުރީ މުޙައްމަދު ނިޡާމްގެ އަމިއްލަ ދަރިންނާއި އަމިއްލަ ޒާތީ ދިރިއުޅުމަށް ނިސްބަތްވާ ފޮޓޯއާއި މަޢުލޫމާތު ކަމުގައިވާއިރު، އެފަދަ އެކައުންޓަކުން ދަށްފެންވަރުގެ ސިޔާސީ ޕޯސްޓްތަކެއް ޢާންމުވަމުންދާ އިރު، ސަބަބުވެރި އިންސާނަކު އެކަން އެގޮތަށް ވުމަށް ދޫކޮށްލައިގެން ހުރެދާނެ ހެއްޔެވެ؟
ދެވަނަ ސުވާލަކީ؛ ހެކް ކޮށްފައިވާ އެކައުންޓެއްކަމަށް މުޙައްމަދު ނިޡާމް ބުނާ އެ އެކައުންޓް ހެކްކުރި ފަހުން، އެ އެކައުންޓަށް ވަދެ މުޙައްމަދު ނިޡާމް އަމިއްލައަށް އެ އެކައުންޓުން ޕޯސްޓު ކުރިކަމަށް އޭނާ ބުނެފައިވާއިރު، އެ އެކައުންޓްގެ ކޮންޓްރޯލް ހޯދުމަށް ޕާސްވޯޑް ބަދަލުކުރުން ފަދަ ކަމެއް މުޙައްމަދު ނިޡާމް ކޮށްފައި ނުވަނީ ކީއްވެބާއެވެ؟
43ތިންވަނަ ސުވާލަކީ؛ މި މައްސަލަ ފެންމަތިވީ ވަގުތު މުޙައްމަދު ނިޡާމްއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގައިވާއިރު، ޝަރުޢީ ދާއިރާގެ އެފަދަ އިސް މަޤާމެއްގައި ހުރެމެ، މުޙައްމަދު ނިޡާމްގެ އެކައުންޓް ހެކްކޮށް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައި ބުނާ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަމަށް އަސަރުކުރާފަދަ އަދި ޒާތީ ތަޢައްޞުބު އެކުލެވިގެންވާ ޕޯސްޓްތަކެއް ތަކުރާރުކޮށް އެތައް ދުވަހެއްގެ މަތިން ކުރަމުންދިޔަ އިރު، އެކަން ހުއްޓުވުމަށް މަސައްކަތްކޮށް އެކަން ކަމާބެހޭ ފަރާތުގެ ސަމާލުކަމަށް ގެނެސްފައި ނުވަނީ ކީއްވެ ހެއްޔެވެ؟ ނުވަތަ އެންމެ ކުޑަމިނުން އޭނާ ވަޒީފާ އަދާކުރަމުންދިޔަ ކޯޓަށް ރަސްމީކޮށް އެކަން އަންގައި، އެކަމުން އޭނާއަށް ކުރިމަތިވެދާނެ ތުހުމަތަކުން ބަރީއަވާން މަސައްކަތް ކޮށްފައިނުވަނީ ކީއްވެ ހެއްޔެވެ؟
މި ސުވާލުތަކުގެ ޖަވާބުތަކާމެދު އަހުރެން ވިސްނާއިރު، އެ ޖަވާބުތަކަކީ، މުޙައްމަދު ނިޡާމް އަށް ފަހިވާގޮތަށް އޮތް ޖަވާބު ތަކެއްކަމަކަށް އަހުރެނަކަށް ޤަބޫލެއް ނުކުރެވެއެވެ.
44ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމަށް ޢަދުލުވެރި ސަބަބެއް އޮތްކަމުގައި ބެލެވޭނީ ދެ ޙާލަތެއްގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކުރުމާއި، އަދި ޚިޔާނާތެއް ވެފައިވުމެވެ.
45ބުނެވުނު ޤަޟިއްޔާގައި ޣައިރު ސުލޫކީ ޢަމަލާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ކޮންމެކޮންމެ ޣައިރުސުލޫކީ އަމަލަކީ (misconduct) އެ އަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހުއްދަކުރާ ކަމަކަށްނުވެ ހިނގައިދާނެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފުކުރި އަމަލަކީ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއް (gross misconduct) ކަމަށް ވާނަމައެވެ. އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއްކަމަށް ބެލެވޭނީ، މުވައްޒަފުކުރި އަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަމަލެއް ކަމަށް ވާނަމައެވެ. މުވައްޒަފުގެ ޣައިރުސުލޫކީ އަމަލަކީ (1) ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށް ވާނަމަ، ނުވަތަ (2) އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވާނަމަ، ނުވަތަ (3) އެ ކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއް ކަމަށް ވާނަމަ، އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނެ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކަމަށް ބެލެވިދާނެއެވެ." މި ފަދައިން ބަޔާން ކޮށްފައިވެއެވެ.
46އަދި ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނެ ފާޅުކަންބޮޑު ޣައިރުސުލޫކީ ޢަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްއޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ ޢަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށާއި، ޣައިރު ސުލޫކީ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް ބުނެވުނު އިސްމާޢީލް މަސްޢޫދު ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
47ޝަރުޢީ ދާއިރާގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މުވައްޒަފުންގެ އަޚްލާޤު ބަހައްޓަންޖެހޭގޮތް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) އަދި (ނ) އާއި 242 ވަނަ މާއްދާއިން ސާފުވެއެވެ. މިގޮތުން ބުނެވުނު ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުން ރަސްމީ މަސައްކަތުގައާއި ދިރިއުޅުމުގެ އެހެން ކަންތައްތަކުގައި އުޅޭއިރު ޢަމަލުތައް ބަހައްޓަންވާ ގޮތްތަކެވެ. އެގޮތުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޢަމަލުތައް ބަހައްޓަންޖެހޭނީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އަބުރާއި، ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ހިފެހެއްޓޭފަދަ ގޮތަށްކަން މި އަކުރުގައި ބުނެފައިވެއެވެ. އަދި އެ މާއްދާގެ (ނ) ގައި ޝަރުޢީ ދާއިރާގެ އެއްވެސް މުވައްޒަފަކު އާންމު ރައްޔިތުންގެ ކުރިމަތީގައި ޝަރުޢީ ދާއިރާގެ ޤަދަރު ކުޑަވާފަދަ އެއްވެސް ޢަމަލެއް ނުވަތަ އެއްވެސް ކަމެއް ނުވަތަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
48ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ސިޔާސީ ޕާޓީއެއްގެ ނުވަތަ ކެނޑިޑޭޓެއްގެ ކާމިޔާބީއަށާއި ކުރިއެރުމަށާއި އަދި އެފަދަ ފަރާތެއްގެ ކުރިއެރުމަށް ހުރަސްއެޅުމަށް ކުރާ ކޮންމެ ކަމަކީ މި އުސޫލުގެ ބޭނުމަށްޓަކައި ސިޔާސީ ޙަރަކާތްކަމުގައި ބެލެވޭނެކަމަށެވެ.
49HN5ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށް އަހުރެންވެސް ޤަބޫލުކުރަމެވެ. އެހެންނަމަވެސް، ބަޔާންކުރެވުނު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ މާއްދާތަކުން އެނގެނީ، ފާޅުކަން ބޮޑު ގޮތެއްގައި ސިޔާސީގޮތުން ޚިޔާލުތައް ފާޅުކުރުމުގައި ޝަރުޢީ ދާއިރާގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމެވެ. ޚާއްޞަކޮށް، ޚިޔާލު ފާޅުކުރުމުގެ ޙައްޤު ބޭނުންކުރުމުގައި، ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި، އަދި ޝަރުޢީ ދާއިރާއަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް ޝަރުޢީ ދާއިރާގެ މުވައްޒަފުން އިސްކަންދޭންޖެހޭނެ ކަމެވެ.
50HN6މިސާލަކަށް، ޝަރުޢީ ދާއިރާގެ މުވައްޒަފަކު، ފާޅުކަން ބޮޑު ގޮތެއްގައި ސިޔާސީ ޕާޓީއަކަށް ކެމްޕޭން ކުރުމާއި، ވަކި ފަރާތަކަށް ތާއީދުކޮށް ނުވަތަ ވަކި ފަރާތަކަށް ލިބިފައިވާ ތާއީދާ ދެކޮޅަށް ތަޢައްޞުބުވާ ގޮތަށް ޚިޔާލު ފާޅުކުރުން ނުވަތަ ވަޒީފާގެ ހައިސިއްޔަތު ބޭނުންކޮށްގެން ސިޔާސީ ފިކުރުތައް ކުރިއެރުވުމަކީ، ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަމާ މެދު ސުވާލު އުފެދި، ޝަރުޢީ ދާއިރާގެ ވަކިފަރާތަކަށް ނުޖެހުމުގެ ސިފައާއި ޢަދުލުވެރިކަމުގެ ސިފައާ މެދު އޮންނަ ތަޞައްވުރު ކުޑަވެދާނެ ކަމެކެވެ. ސަބަބަކީ، ޝަރުޢީ ދާއިރާއަކީ، ސިޔާސީގޮތުން ވަކި ފަރާތަކަށް ނުޖެހި ދެމިއޮންނަންޖެހޭ ދާއިރާއަކަށްވެފައި އެކަން އެގޮތުގައި ދެމެހެއްޓޭނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންވެސް ހިމެނޭހެން ޝަރުޢީ ދާއިރާއަށް ނިސްބަތްވާ އެންމެން އެގޮތުގައި ދެމިތިބިކަން އެބައިމީހުންގެ ޢަމަލުން ދައްކުވައިދީގެން ކަމުގައި ވާތީ އެވެ.
51އެހެންކަމުން މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކޮށްފައިވަނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި އެ މުވައްޒަފުން ކުރުން މަނާކުރެވިފައިވާ ނުވަތަ ކޮށްގެންނުވާނެ ކަމެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް އޭނާ ކޮށްފައިވާތީކަމާއި، އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ، އަދި ޝަރުޢީ ދާއިރާގެ މުވައްޒަފެއްގެ ފަރާތުން އެއްވެސް ޙާލެއްގައި ފެނިގެންނުވާނެ ސުލޫކީގޮތުން ދަށްފަންތީގެ ޢަމަލެއްކަން މަދަނީ މިންގަނޑުން ބަލާއިރު އަހުރެންނަށް ޤަބޫލުކުރެވެއެވެ.
ހާދިސާ ހިނގިއިރު ވުޖޫދުވެފައި ނުވާ މާއްދާއަކަށް ހަވާލާދީ ވަޒީފާއިން ވަކިކުރުން
52ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގެ (20) ނަންބަރުގައި އޮތް ކުށްތައް ޝާއިޢުކޮށްފައި ނުވާތީ، އެއީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާއާ ޚިލާފު މާއްދާއެއް ކަމަށް މުޙައްމަދު ނިޡާމްގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާއަކީ މުޅިން އަލަށް ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާއެއްކަމަށް، ޑިޕާޓްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި ވުޖޫދުގައި ނުވާ ނުވަތަ ޝާއިޢުކޮށްފައި ނުވާ މާއްދާއަކަށް ހަވާލާދީފައިވާ ކަމުގައި އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއާއި ހައިކޯޓު ގައި ފާހަގަކޮށްފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަދި ހައިކޯޓުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. މި ނުކުތާއަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއާއި ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި ވެސް މުޙައްމަދު ނިޡާމްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަކަށްވާތީ، މިނުކުތާއާމެދު މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަކަށް ހުރަހެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
53މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކޮށްފައިވަނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަންބަރާއި 213 ވަނަ މާއްދާގެ 02 ވަނަ ނަންބަރަށް ރިޢާޔަތްކޮށް އެ ޤަވާޢިދުގެ 93 ވަނަ މާއްދާގެ ދަށުންނެވެ.
54ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 212 ވަނަ މާއްދާގައި ބަޔާންކުރަނީ ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އެޅުމުގައި ވަޒީފާގެ ކުށުގެ ދަރަޖަތައް ގިންތި ކުރެވޭނެ ގޮތްތަކެވެ. މިގޮތުން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ވަޒީފާގެ ދަރަޖަ 3 ގެ ކުށްތަކެވެ. މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ، އެކުށެއްގެ ކުޑަބޮޑު މިނަށް ބަލައި، ވަޒީފާގެ ފަންތި ދަށް ކުރުން، ވަޒީފާއަށް ނުކުތުން މަނާ ކުރުން ނުވަތަ އެންމެ ފުރަތަމަ ފަހަރުންވެސް ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި މި މާއްދާގެ (ނ) ގެ 20 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، "މި ޤަވާޢިދުގައި މަނާކަމެއް ކަމުގައި ބުނެފައިވާ ކޮންމެ ކަމެއް ކުރުން." މިފަދައިންނެވެ.
55ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 213 ވަނަ މާއްދާގައި ވަނީ މުވައްޒަފަކު ވަޒީފާގެ ޒިންމާ ނުއުފުލުމުގެ ސަބަބުން ނުވަތަ މަސައްކަތުގެ އަޚުލާޤު އެކަށީގެންވާ މިންވަރަށް ނުބެހެއްޓުމުގެ ސަބަބުން ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށާއި މަޞްލަޙަތަށް އެކަށީގެންވާކަމެއް ނޫންކަމަށް ކޯޓަށް ނުވަތަ އިދާރާއަށް ނުވަތަ ޑިޕާޓްމަންޓަށް ފެނިއްޖެނަމަ ނޯޓިހެއް ދިނުމަކާ ނުލައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކެވެ. މި ގޮތުން މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވަނީ، "ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބުން" މިފަދައިންނެވެ.
56ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "މުވައްޒަފުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ކޯޓަކަށް ނުވަތަ އިދާރާއަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފެނިއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެދްމިނިސްޓްރޭޝަނަށް ލިބިގެން ވެއެވެ." މިފަދައިންނެވެ.
57ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަންބަރު އިސްލާޙުކުރެވިފައިވަނީ 31 އޮކްޓޯބަރ 2019 ގައި ޑިޕާޓްމަންޓްގެ 12/2019 ވަނަ ޢާންމު ސިޓީއިންނެވެ. މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ ޕޯސްޓްތައް ކޮށްފައިވަނީ އޭގެ ކުރީގެ ތާރީޚެއް ކަމަށްވާ 13 ޖޫން 2019 އިން ފެށިގެން 27 ޖޫން 2019 ގެ ނިޔަލަށެވެ. މުޙައްމަދު ނިޡާމް ޑިޕާޓްމަންޓްއަށް ބަޔާންދީފައި ވަނީވެސް ބުނެވުނު 212 ވަނަ މާއްދާއަށް އިޞްލާޙު ގެނައުމުގެ ކުރިން 27 އޮކްޓޯބަރު 2019 ގައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ 5 ޑިސެންބަރު 2019 ގައެވެ. 31 އޮކްޓޯބަރު 2019 ގައި 212 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަންބަރު އިޞްލާޙުގައި ހިމެނުމުގެ ކުރިން 212 ވަނަ މާއްދާގެ (ނ) ގައި 20 ވަނަ ނަންބަރެއް ނެތެވެ. އޮތީ އެ އަކުރުގެ 18 ވަނަ ނަންބަރާ ހަމައަށެވެ.
58ބަޔާންކުރެވުނު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) އަށް އިޞްލާޙު ގެނެވިފައިވަނީ ބަޔާންކުރެވުނު ފޭސްބުކް އެކައުންޓުން މި މައްސަލައިގައި ހަވާލާދޭ ޕޯސްޓްތައް ކޮށްފައިވާ ތާރީޚުތަކުގެ ފަހުންނެވެ. މިގޮތުން، އެ މާއްދާގައި ބުނާ ފުރަތަމަ ފަހަރުންވެސް ވަޒީފާއިން ވަކިކުރެވޭނެ ޙާލަތު ބުނެވުނު މާއްދާއަށް އިޞްލާޙު ގެނައުމުގެ ކުރިން ވުޖޫދުގައި އޮތްތޯ ބަލާއިރު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގައި ފުރަތަމަ ފަހަރުން ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތު ބަޔާން ކޮށްފައި ވެއެވެ. އަދި އެ އަކުރުގެ 18 ވަނަ ނަންބަރުގައި "މި ޤަވާޢިދުގައި މަނާކަމެއް ކަމުގައި ބުނެފައިވާ ކޮންމެ ކަމެއް ކުރުން." މިފަދައިން ބަޔާންކޮށްފައި ވެއެވެ. މިއީ ފަހުން 212 ވަނަ މާއްދާގެ (ނ) އިސްލާހުކުރެވި ހިމެނުނު 20 ވަނަ ނަންބަރުގައިވެސް ބަޔާންވެފައިވާ ޢިބާރާތެވެ.
59HN7ޤާނޫނުގައި ކުށެއް ކަމަށް ކަނޑައެޅިފައިނުވާ ކަމަކަށް ފަހުން ހަދާ ޤާނޫނަކުން އަދަބު ނުދިނުމުގެ އުސޫލަކީ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އުސޫލެކެވެ. މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރި ލިޔުމުގައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަންބަރަށް ރިޢާޔަތްކޮށްފައި އޮތްނަމަވެސް، މި މައްސަލައިގައި މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރަން މެދުވެރިވި ސަބަބު (ފޭސްބުކްގައި ސިޔާސީ ޕޯސްޓްތަކެއްކުރުން) އުފަންވެފައިވަނީ، ބުނެވުނު މާއްދާގެ (ނ) އަށް 20 ވަނަ "ނަންބަރު" އިތުރުކުރުމުގެ ކުރިންނެވެ.
60ޢަމަލެއް ހިންގި ވަގުތު ޢަމަލުކުރެވެމުންދާ ގަވާއިދެއްގައި އެ ޢަމަލާމެދު އަޅާނެ ފިޔަވަޅު ނުވަތަ ޢަމަލުކުރާނެ އުޞޫލު ބަޔާންވެފައި ނުވަނީސް ނުވަތަ އެފަދަ އުސޫލެއް ވުޖޫދުގައި ނެތީސް ވަޒީފާދޭ ފަރާތުން އަމިއްލައަށް އުފައްދައިގެން ވަޒީފާއިން ވަކިކުރުން ޞައްޙަކުރުމަށްޓަކައި ނުވަތަ ވަޒީފާއިން ވަކިކުރި ޙާލަތާ ނުގުޅޭ މާއްދާއެއްގެ ދަށަށް ފަހުން އެ ޢަމަލެއް ގެނެސްގެން، މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވިދާނެ ކަމަކަށް އަހުރެން ނުދެކެވެ.
61HN8އެހެންނަމަވެސް، މުވައްޒަފުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ނުވަތަ ޣައިރު ސުލޫކީ ޢަމަލު ތަކަކީ، އެ ވަގުތަކު ޢަމަލުކުރެވޭ ގަވާއިދުގެ ދަށުން މަނާކަމަކަށްވެފައި އެކަމުގެ ޤާނޫނީ ނަތީޖާއަކީ ކޮބައިކަން ނުވަތަ އެޅޭނެ ފިޔަވަޅަކީ ކޮބައިކަން ވަޒީފާއިން ވަކިކުރި ލިޔުމުގައި އޮތް ބީދައިން ކުރިންސުރެ އެ ގަވާއިދުގެ އެހެން ނަންބަރެއްގައިވިޔަސް ކަނޑައެޅިފައިވާނަމަ، ވަޒީފާއިން ވަކިކުރި ލިޔުމުގައި ހަވާލާދީފައިވާ ނަންބަރު ގޯސްވުމުގެ މައްޗަށް އެކަނި ބިނާކޮށް، އެ ނިންމުން ޤާނޫނީ ގޮތުން ގޯސްކަމަށް ކަނޑައެޅިދާނެ ކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެއެވެ.
62އެހެންކަމުން، މި މައްސަލައަށް ބަލާއިރު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) އަށް އިޞްލާޙު ގެނެސް މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރި ލިޔުމުގައި ހަވާލާދީފައިވަނީ އެ އަކުރުގެ 20 ވަނަ ނަންބަރަށް ކަމަށް ވީނަމަވެސް، އެ ނަންބަރުގައި ކަނޑައެޅިފައިވާ އުސޫލަކީ، މި މައްސަލައިގައި މުޙައްމަދު ނިޡާމްއަށް ތުހުމަތު ކުރެވުނު ޢަމަލު ހިނގިއިރުވެސް އެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގެ 18 ވަނަ ނަންބަރުގައި ވުޖޫދުވެ އޮތް އުޞޫލަކަށްވާތީ، ނަންބަރު ބަޔާންކުރުމުގައި ހެދިފައިވާ އިޖުރާއީ ގޯހުގެ މައްޗަށް އެކަނި ބުރަވެ މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރިކުރުން ގޯސް ކަމަށް ކަނޑައެޅިދާނެކަމަކަށް އަހުރެން ނުދެކެމެވެ.
ކޯޓުތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާއާއި 46 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވާތޯ ބެލުން
63ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/224 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް މުޙައްމަދު ނިޡާމްގެ ފަރާތުން މި ކޯޓުގައި ފާހަގަކުރިއެވެ. އަދި ޑިޕާޓްމަންޓުގެ ފަރާތުން ފާހަގަކުރި ގޮތުގައި، ހައިކޯޓުން ނިންމާފައިވަނީ ޓްރައިބިއުނަލްއަށް މައްސަލަ ތަޙުވީލުކުރަން ކަމުގައި ވާއިރު، ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާގޮތަށް، ޓްރައިބިއުނަލުން ބަލަންޖެހޭ ޤާނޫނީ އުޞޫލު ހައިކޯޓުގެ ޙުކުމުން މުޅިން ސާފު ނުވާކަމަށެވެ.
64ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ހައިކޯޓުން މައްސަލަތައް ބަލައި ނިންމާނީ، އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އަދި އެ މަޖިލީހުން ބަލާ ކޮންމެ މައްސަލައެއްގައިމެ އެ މަޖިލީހުގައި ހިމެނޭ ކޮންމެ ފަނޑިޔާރަކު އޭނާގެ ޙުކުމް އެ މަޖިލީހުގައި ވަކިން އިއްވަންވާނެއެވެ. އަދި އެ މައްސަލައެއް ނިމުނުގޮތް ކަމުގައިވާނީ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރުން ވަކިން އިއްވި ޙުކުމްތަކުގެ އަޣުލަބިއްޔަތު ނިސްބަތްވާގޮތެވެ." މިފަދައިންނެވެ.
65މި މައްސަލައަށް ބަލާއިރު، ހައިކޯޓުގެ އަޣުލަބިއްޔަތު ނިންމުން ބިނާވި ފުރަތަމަ ފަނޑިޔާރުގެ ރައުޔުގައި، މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަންވެސް ޤާއިމްކޮށްފައި ނުވެއެވެ. އެހެންކަމުން މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ބާޠިލްކުރަންޖެހޭކަމަށް ބަޔާންކުރުމަށްފަހު، މުޙައްމަދު ނިޡާމް އަށް ލިބެންޖެހޭ ފަރުވާއަކީ ކޮބައިކަން ކަނޑައެޅުމަށްޓަކައި ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލަ ތަޙްވީލުކުރުމަށް ނިންމާފައިވެއެވެ. އަދި އިސްތިއުނާފު ކުރެވިފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔުގައި ޝާމިލްވާ ދެވަނަ ފަނޑިޔާރުގެ ރައުޔުގައި މި މައްސަލައިގެ ތަޙުޤީޤު ހިންގުމުގައި އިޖުރާއީ އައިބެއް އެކުލެވިފައިވުމަކީ މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ނުކުރެވޭ ކަމުގައި ބަލަންޖެހޭ ސަބަބެއް ކަމުގައި ނުދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.
66އަދި މުވައްޒަފު ވަޒީފާއިން އަދާކުރާ ތަނުން ކުރާ މަސައްކަތުގެ ބާވަތާއި، މުވައްޒަފުގެ މަޤާމާއި މަސްއޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާއި ގުޅިގެން ޣައިރު ސުލޫކީ ޢަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ސުޕްރީމް ކޯޓުގެ ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާއާ ޙަވާލާދީ ބަޔާންކުރުމަށްފަހު، ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 78 ވަނަ ޕެރަގްރާފުގައި، "..މި މައްސަލައިގައި ތަޙްޤީޤަށް ސާބިތުވެފައިވަނީ، މުޙައްމަދު ނިޡާމްގެ އެކައުންޓެއްކަމަށް ބެލެވޭ ސޯޝަލް މީޑިއާ ގެ އެކައުންޓަކުން އޮފީހުގެ / ދާއިރާގެ އިތުބާރު ގެއްލޭގޮތަށް ކުރެވެމުންދިޔަ ޕޯސްޓްތަކަކާއި ގުޅިގެން އެކަން ރިޕޯޓުކޮށް ފިޔަވަޅު އަޅާފައި ނުވުމެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރެވޭ ފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ މައްސަލައެއް ކަމުގައި ނުދެކެމެވެ. އެހެންކަމުން މުޙައްމަދު ނިޡާމް އެދިފައިވާ ފަދައިން އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ ރިޕޯޓުގެ 81 ޕެރަގްރާފުގައި، "..ވަޒީފާއިން ވަކިކުރި މުވައްޒަފު ކަންކުރިގޮތުން ވަޒީފާ ދިން ފަރާތުގެ ތުހުމަތަކަށް ބާރުލިބިދޭ އެއްވެސް ޢަމަލެއް ހިނގާފައިވޭތޯ މި މައްސަލައަށް ބަލާއިރު، މުޙައްމަދު ނިޡާމްގެ އެކައުންޓެއްކަމަށް ބެލެވޭ ސޯޝަލް މީޑިއާ އެކައުންޓަކުން އޮފީހުގެ / ދާއިރާގެ އިތުބާރު ގެއްލޭގޮތަށް ކުރެވެމުން ދިޔަ ޕޯސްޓްތަކަކާއި ގުޅޭ މަޢުލޫމާތު އެނގިހުރެ އެކަން ރިޕޯޓުކޮށް ފިޔަވަޅު އަޅާފައިނުވާކަން އެނގެއެވެ. އެހެންކަމުން، އުފެދުނު ތުހުމަތާ ގުޅިގެން މުޙައްމަދު ނިޡާމް ޢަމަލުކޮށްފައިވާ ގޮތުން ތުހުމަތަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިބޭ ކަމުގައި ދެކެމެވެ. އަދި މި ޢަމަލުގެ ސަބަބުން އެފަރާތާއި މެދު އޮތް އިތުބާރު ހީނަރުވާނެކަމުގައި ބެލެވެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު، މުޙައްމަދު ނިޡާމް އެދޭ ފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށްޓަކައި އެ މައްސަލަ ޓްރައިބިއުނަލަށް ތަޙްވީލުކުރުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.
67އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތު ނިންމުމަކީ މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަމެވެ. އެހެންނަމަވެސް، ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކުރެއްވި ހައިކޯޓު ދެ ފަނޑިޔާރުންގެ ރައުޔުގައި، މި މައްސަލައިގައި ދޭންޖެހޭ އެކަށީގެންވާ ޙައްލު ނުވަތަ ފަރުވާއާމެދު މި ދެ ފަނޑިޔާރުންގެ ރައުޔު ތަފާތުވެފައިވާކަން އެ ދެ ރައުޔު އެކުއެކީ ކިޔާލުމުން ދޭހަވެއެވެ.
68ވީމާ ހައިކޯޓުގެ ނަންބަރު 2021/HC-A/224 ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔުގައި ހިއްސާވާ ދެ ފަނޑިޔާރުންގެ ނިންމުމަށް ބަލައި ޓްރައިބިއުނަލް އިން ދެވޭނެ ފަރުވާއަކީ ކޮބައިކަން އަހުރެންނަކަށް ސާފެއް ނުވެއެވެ.
69ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަމަށް ހައިކޯޓަށް ބުރަވެވޭ ޙާލަތުގައި، ވަޒީފާއިން ވަކިކުރެވުނު ފަރާތަށް ލިބިދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ މުޅި ސުވާލު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދޫކޮށްލުމީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ، ނުވަތަ އެ ޙާލަތުގައި ހައިކޯޓުން އެކަށީގެންވާ ޙައްލެއް ކަނޑައަޅައި އެ ނިންމުމަށް ވާސިލުވި ޤާނޫނީ ސަބަބު ނުވަތަ އަސާސްތަކާއި އަދި ޓްރައިބިއުނަލުން އަލުން އެމައްސަލަ ބެލުމުގައި ރިޢާޔަތްކުރަންވީ ކަންތައްތަކާއި ގޮތް ކަނޑައަޅަންވީ ވަކި ދާއިރާއެއް ސާފުވާގޮތަށް ބަޔާންކޮށްދޭން ޖެހޭނެތޯ މިއީ އުފެދޭ ސުވާލެކެވެ.
70ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގައި، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުން މުވައްޒަފަށް ލިބިދޭ ޤާނޫނީ ޙައްލުތައް ކަމަށް ބަޔާންކޮށްފައިވަނީ،
(1) އެ މުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން އިޢާދަކުރުމާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކުރުން؛
(2) މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުން، އަދި އެއަމުރުގައި ބަޔާންވެގެންވާ ނުވަތަ ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު އެއްބަސްވެވޭ ޝަރްޠުތަކަކާއި މާއްދާތަކަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ވަކި ތާރީޚަކުން ފެށިގެން އެވަޒީފާއާ ހަވާލުވުމަށް އަމުރުކުރުން؛
(3) އަދި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ބަދަލުދިނުމަށް އަމުރުކުރުން؛ މި ކަންކަން ކަމެވެ.
71ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި މައްސަލަ ހުށަހަޅާ ފަރާތަކަށް މިއިން ހައްލެއް [ވަޒީފާއާ ބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބުނާ] ޓްރައިބިއުނަލަށް ހޯދައި ދެވޭނީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލުގައި ސާބިތުވެއްޖެ ނަމަ ކަމަށެވެ. އަދި ބުނެވުނު ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި، "ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) އިން އެނގެނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުން ކަމެވެ. މި މާއްދާގައި މި ބުނާ އަސާސީ ހައްލުގެ މާނަ އަކީ އިސްތިސްނާއީ ހާލަތެއް ނެތް ނަމަ އެ މުވައްޒަފަކު ވަކިކުރި އިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުމެވެ. ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
72ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސް އަޅާފާނޭ ނުވަތަ ވަޒީފާއަށް ރުޖޫޢަކުރުމަކީ ޢަމަލީ ގޮތުން ކުރެވެން ނެތް ކަމެއް ކަމަށް ބެލެވިދާނެ ބައެއް ޙާލަތްތައްވެސް ބަޔާން ކޮށްފައިވެއެވެ. އެ ޙާލަތްތަކަކީ؛
(1) އަނބުރާ އިއާދަނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން؛
(2) ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން؛
(3) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން؛
(4) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން؛ މިއެވެ.
73ކުރިންވެސް އަހުރެން ބަޔާންކުރި ފަދައިން، މި މައްސަލައަކީ، މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ބަލައި، މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައި ނުވާކަމަށް ހައިކޯޓުގެ އަޣުލަބިއްޔަތުން ނިންމާފައިވާ މައްސަލައެވެ. އަދި މި ނިންމުމާމެދު ސުވާލު އުފެދެނީ މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ހައިކޯޓުން ނިންމި ނަމަވެސް، މި ޙާލަތުގައި އޭނާއަށް ދޭންޖެހޭ ފަރުވާއާމެދު އަޣުލަބިއްޔަތު ނިންމުން ބިނާވި ރައުޔު ދެއްވި ފަނޑިޔާރުންގެ މެދުގައިވެސް ޚިލާފު އޮތުމުންނެވެ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ބަޔާންވެފައިވާ އިސްވެ ބުނެވުނު އުޞޫލަކީ، މި މައްސަލަ ހައިކޯޓުން ނިންމި އިރުވެސް ކަނޑައެޅިފައި އޮތް އުޞޫލެކެވެ. މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ހައިކޯޓުގައި ރައުޔު ލިޔެފައިވާ ދެ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރުގެ ރައުޔަކީ މި މައްސަލައިގައި ވަޒީފާއަށް ރުޖޫޢަކުރުމުގެ ބަދަލުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމެވެ. އެ ރައުޔުގައި ވަޒީފާއަށް ރުޖޫޢަކުރުމަށް ފަނޑިޔާރަށް ނުފެނުނު ސަބަބުގެ ގޮތުގައި އަހުރެންނަށް ފާހަގަވީ، މުޙައްމަދު ނިޡާމްގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން މުޙައްމަދު ނިޡާމް ޢަމަލުކޮށްފައިވާ ގޮތުން ތުހުމަތަށް ކޮންމެވެސް މިންވަރެއްގެ ބާރެއް ލިބޭ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުމެވެ. އަދި މިކަމުގެ ސަބަބުން މުޙައްމަދު ނިޡާމްއާ މެދު އޮތް އިތުބާރު ހީނަރުވާނެކަމުގައި ފަނޑިޔާރަށް ޤަބޫލުކުރެވުމެވެ.
74އަޣުލަބިއްޔަތު ރައުޔުގެ ދެވަނަ ފަނޑިޔާރުގެ ރައުޔުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައި ނުވާކަމަށް ބަޔާންކުރި ސަބަބަކީ މުޙައްމަދު ނިޡާމްގެ މައްޗަށް ކުރެވުނު ތުހުމަތު ސާބިތު ނުވުމެވެ. އަދި އަޣުލަބިއްޔަތު ރައުޔުގެ ދެވަނަ ފަނޑިޔާރު ގެ ރައުޔުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވުމާގުޅިގެން ރިޔާސަތުން ފާހަގަކުރި ސަބަބުތަކަށް ތާއީދު ކޮށްފައިވެސް ވެއެވެ.
75އަޣްލަބިއްޔަތު ރަޔުގައި ހިމެނޭ ދެވަނަ ފަނޑިޔާރުގެ ރައުޔުގައި ބަޔާންކޮށްފައިވަނީ، މި މައްސަލައިގައި މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމް ކުރެވިފައި ނުވިނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ކޮށްފައިވާކަމަށެވެ.
76ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް [2023] SC 28 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "މައުލޫއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވުމުގެ މާނައަކީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައިވުމެވެ. އަދި އެކަށީގެންވާ ސަބަބެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ހާލަތުގައި، ވަޒީފާ ދޭ ފަރާތުން އިޖުރާއީ ގޮތުން ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަކުން މައްސަލައިގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެތީއެވެ." މިފަދައިންނެވެ.
77HN9އަދި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރާ ޙާލަތުގައި ދެވޭ އެންމެ އަސާސީ ޙައްލަކީ ވަޒީފާއަށް ރުޖޫޢަކުރުން ކަމަށް ވާއިރު، ވަޒީފާއިން ވަކިކުރުން ބިނާވީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ނިންމައި މައްސަލަ އަލުން ބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަޙުވީލުކުރެވޭ ޙާލަތުގައި، އެކަށީގެންވާ ޙައްލަކީ ނުވަތަ ފަރުވާއަކީ ކޮބައިކަން ކަނޑައެޅުމުގެ ޤާނޫނީ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަން ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާއިން އެނގެއެވެ. އެހެންނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ ބާރު ތަޠުބީޤުކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނުންނާއި ތަޙުވީލުކުރެވޭ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށެވެ.
78HN10ކުރިންވެސް ބަޔާންކުރި ފަދައިން މައުޟޫޢީ ގޮތުން މައްސަލަ ބެލުމުގައި ހައިކޯޓުން ޢަމަލުކުރާނެ އުޞޫލު ބަޔާންކުރަނީ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ށ) ގައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރާނީ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މާއްދާގެ (ނ) ގައި ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ އަލުން ބެލުމުގައި، މި މާއްދާގައިވާ ގޮތުގެމަތިން، "ހައިކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލާ އެއްގޮތަށް" މިފަދައިން ބަޔާންވެފައިވުމުން، ހައިކޯޓުން ދަށުކޯޓަށް ނުވަތަ ޓްރައިބިއުނަލަށް މައްސަލައެއް ތަޙުވީލުކުރާ ހިނދު، އެ މައްސަލައެއްގައި ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން އެ މައްސަލައެއް އަލުން ބަލަންވީ ޤާނޫނީ އުޞޫލު ކަނޑައެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެނގެއެވެ.
79އެހެންކަމުން، ކޯޓުތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި މައްސަލައެއް ނިމުނުގޮތް ކަމުގައިވާނީ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރުން ވަކިވަކިން އިއްވި ޙުކުމްތަކުގެ އަޣުލަބިއްޔަތު ނިސްބަތްވާގޮތް ކަމަށް އޮންނަ އޮތުމަށާއި، ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ނ) ގައި ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ އަލުން ބެލުމުގައި، މި މާއްދާގައިވާ ގޮތުގެމަތިން، ހައިކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލާ އެއްގޮތަށް، މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމުން، ދަށުކޯޓަށް ނުވަތަ ޓްރައިބިއުނަލްއަށް ތަޙުވީލުކުރެވޭ މައްސަލަތަކުގައި ބަލަންވީ ތަރަޙަ އަދި ޤާނޫނީ އުޞޫލު ހައިކޯޓުން ކަނޑައަޅާފައި އޮންނަންވާނެކަން އަހުރެންނަށް ސާފުވެއެވެ.
80އެހެންކަމުން، މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ، ކޯޓުތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާއާއި ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ނ) އާ އެއްގޮތް ނިންމުމެއްކަމުގައި އަހުރެންނަށް ބުރައެއް ނުވެވެއެވެ.
އެދޭގޮތް ބަދަލުވުން
81މި މައްސަލައިގައި މުޙައްމަދު ނިޡާމްގެ ފަރާތުން އެދޭގޮތް ބަދަލުވެފައިވާ ކަމަށް މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، މުޙައްމަދު ނިޡާމް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އިސްވެ ފާހަގަކުރެވުނު ފަދައިން މި މައްސަލައިގައި މުޙައްމަދު ނިޡާމް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް އަހުރެންނަށް ބުރަވެވޭތީ، މި ނުކުތާއަށް ރިޢާޔަތް ކުރުމަކުން މުޅި މައްސަލައިގައި ވާޞިލުވެވޭ ނަތީޖާއަށް އަންނާނެ ބަދަލެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އެހެންކަމުން، މި މައްސަލައިގެ ތެރެއިން މި ނުކުތާއާމެދު ގޮތެއް ކަނޑައެޅިދާނެ ކަމަކަށްވެސް އަހުރެން ނުދެކެވެ.
ނަތީޖާ
82ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/224 ޤަޟިއްޔާއިން ވަޒީފާއާއިބެހޭ ޓްރައިބިއުނަލުގެ ނަންބަރު 87/VTR/2020 މައްސަލަގެ ނިންމުން ބާޠިލްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަކަށް އަހުރެން ނުދެކެމެވެ.
83އަދި ވަޒީފާއާއިބެހޭ ޓްރައިބިއުނަލުގެ ނަންބަރު 87/VTR/2020 މައްސަލަގެ ނިންމުމަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް އަހުރެން ދެކެމެވެ.
84އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/224 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، ސުޕްރީމް ކޯޓުގެ މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
85މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
86މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/224 ޤަޟިއްޔާއިން ވަޒީފާއާއިބެހޭ ޓްރައިބިއުނަލުގެ ނަންބަރު 87/VTR/2020 މައްސަލައިގެ ނިންމުން ބާޠިލްކުރިކުރުން، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތް ނުވާތީ، ހައިކޯޓުގެ އެ ނިންމުން ބާޠިލްކަމަށް ކަނޑައަޅައި، ވަޒީފާއާއިބެހޭ ޓްރައިބިއުނަލުގެ ނަންބަރު 87/VTR/2020 މައްސަލައިގެ ނިންމުމަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިން
ޢަބްދުލްޣަނީ މުޙައްމަދު (ރިޔާސަތު)
މުޙައްމަދު އިބްރާހީމް
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ
- 13 ޖޫން 2019 އިން ފެށިގެން 27 ޖޫން 2019 އަށް ކޮށްފައިވާ 10 ޕޯސްޓެއް ކޮށްފައިވާކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިއުމަން ރިސޯސް ކޮމިޓީގެ ޔައުމިއްޔާއިން އެނގެއެވެ.
- ޤާނޫނު ނަންބަރު 16/2019
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 22/2010
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 (ސިވިލް ސަރވިސް ކޮމިޝަން ވ. އަޙްމަދު ވާޞިފް) ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/68 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ.އާދަމް ޒަމީލް) ޤަޟިއްޔާ
- ޤާނޫނު ނަންބަރު 16/2019
- ޤާނޫނު ނަންބަރު 10/2008
- ޤާނޫނު ނަންބަރު 11/2019
- ޤާނޫނު ނަންބަރު 2/2008
- ޖުމްލަ 10 ޕޯސްޓް 24 ނޮވެންބަރު 2019 ވަނަ ދުވަހު ބޭއްވުނު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިއުމަން ރިސޯސް ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާގައި ބަޔާންކޮށްފައިވެއެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ގަޒިއްޔާ
- އބމ، ޕެރެގްރާފް 32
- ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިންނެވެ.
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 87/VTR/2020 މައްސަލައިގައި 19 ޖުލައި 2020 ގައި މުޙައްމަދު ނިޡާމް ހުށަހެޅި ފުރަތަމަ ބަޔާނުގެ 4.2.2
- ހައިކޯޓުގެ ނަންބަރު 2021/HC-A/224 ޤަޟިއްޔާގައި 05 ޖޫން 2022 މަޙްޟަރު ބަޔާނުގެ 4 ވަނަ ޞަފްޙާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/22 ޤަޟިއްޔާގެ އިސްތިއުނާފު ފޯމުގެ 7.4 ގެ 5ވަނަ ނަންބަރު. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/22,25 ޤަޟިއްޔާގައި 8 މާރިޗު 2026 ގެ މަޙްޟަރުބަޔާނުގެ 27 ވަނަ ޞަފްޙާ
- ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ "ވަކި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތީސް އެ ކަމެއް ކުރި މީހަކަށް ނުވަތަ އެ ކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެން އަދަބު ދީގެނެއް ނުވާނެއެވެ. އަދި ކުށެއް ކުރިއިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބަށްވުރެ ބޮޑު އަދަބެއް އެ ކުށް ކުރި މީހަކަށް ދީގެނެއް ނުވާނެއެވެ. ކުށެއް ކުރުމާ، އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބެވެ." މިފަދައިންނެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/22 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 2/2008
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/86 ޤަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23، 27 އަދި 29 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 34 ވަނަ މާއްދާ އަދި 46 ވަނަ މާއްދާގެ (ށ) އަދި (ނ)
- ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21-1 ވަނަ މާއްދާގެ (ރ) (ޤާނޫނު ނަންބަރު 11/2019 ގެ ދެވަނަ އިޞްލާޙު)
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 19 ވަނަ މާއްދާގެ (ށ) އަދި (ނ)، 93 ވަނަ މާއްދާ، 212 ވަނަ މާއްދާގެ (ނ) ގެ 18 އަދި 20 ވަނަ ނަންބަރު، 213 ވަނަ މާއްދާ، 228 ވަނަ މާއްދާގެ (ހ) އަދި (ށ) އަދި 242 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27، 59 އަދި 61 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު)
- ސިވިލް ސަރވިސް ކޮމިޝަން ވ. އަޙްމަދު ވާޞިފް (2014/SC-A/08)
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް (2019/SC-A/68)
- އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (2014/SC-A/27)
- އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ (2010/SC-A/02)
- ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން (2019/SC-A/22)
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން (2018/SC-A/49)
- އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް [2023] SC 28 (2021/SC-A/86)
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.