ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/08ސުޕްރީމް ކޯޓު · 13 ޖަނަވަރީ 2020

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 ޖަނަވަރީ 2020ބާވަތް: ވަޒީފާއާބެހޭ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/08

ދަޢުވާކުރާ ފަރާތް: ސިވިލް ސަރވިސް ކޮމިޝަން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް)

ދަޢުވާ ލިބޭ ފަރާތް: އަޙުމަދު ވާޞިފް

މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 18 ޑިސެމްބަރު 2013

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 ޖެނުއަރީ 2014

ނިމުނު ތާރީޚް: 13 ޖެނުއަރީ 2020

މައްސަލަ ނިންމި ގަޑި: 13:44

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު،ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޙުސްނުއް ސުޢޫދު

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2010/HC-A/251

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 ޑިސެމްބަރު 2010

ނިމުނު ތާރީޚް: 09 އޮކްޓޫބަރު 2013

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ސިވިލް ސަރވިސް ކޮމިޝަން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، އަޙުމަދު ވާޞިފް އެވެ.

އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 151/VTR/2010 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ، އަޙުމަދު ވާޞިފްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތަކީ، ސިވިލް ސަރވިސް ކޮމިޝަން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް) އެވެ.

ފާހަގަކުރެވުނު ނުކުތާތައް:

01- ވަޒީއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 151/VTR/2010 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ، އަޙުމަދު ވާޞިފް 18 އޮގަސްޓް 2001 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގެ ޕްރިޒަންސް އޮފިސަރ (ޓްރޭނީ) ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އަޙުމަދު ވާޞިފަށް އެނގުމަކާ ނުލައި، ޖަލުގައި ހުރި ކުށްވެރިޔަކު، ދޫކޮށްލަންޖެހޭ ދުވަހުގެ 1 (އެކެއް) ދުވަސް ބާކީ އޮއްވައި ދޫކޮށްލި މައްސަލައިގައި، އެ މައްސަލަ ތަޙްޤީޤުކޮށް ބެލުމަކާ ނުލައި، އަޙުމަދު ވާޞިފް ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކޮށްފައިވާ ޢަމަލެއްކަމަށް ބަލައި، ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރި ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތަކުން މަޙްރޫމުވާގޮތަށް ކަމަށް ދެކި، ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގައިވާ ގޮތުގެމަތިން ބަލައިދިނުމަށް އެދި، ސިވިލް ސަރވިސް ކޮމިޝަންއަށް ރައްދުވާގޮތަށް 27 މޭ 2010 ގައި އަޙުމަދު ވާޞިފް ހުށަހަޅާފައިވާ މައްސަލައެއް ކަމާއި،

އެ މައްސަލަ ނިންމާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، އަޙުމަދު ވާޞިފް، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ޕްރިޒްން އޮފިސަރ (ޓްރޭނީ) އެއްގެ މަޤާމުން 10 މެއި 2010 ވަނަ ދުވަހު ވަކިކޮށްފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އާއި 51 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތަކުން މަޙުރޫމްވާގޮތަށް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވީނަމަވެސް، އަޙުމަދު ވާޞިފް ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާ ޑިއުޓީ އޮފިސަރަކަށް ހުރެ، މާލޭ ޖަލުން ޤައިދީއަކު ދޫކޮށްލަންޖެހޭ މުއްދަތުން 1 (އެކެއް) ދުވަސް ބާކީ އޮއްވައި ޤައިދީއަކު ދޫކޮށްލިކަން ސާބިތުވެފައިވާތީ، އެކަމުގެ ސަބަބުން އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނޭކަމެއް ނޫންކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ފެންނާތީ، ޤާނޫނު ނަންބަރު 2007/05 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައިވާގޮތުގެ މަތީން، ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނޯޓިހެއް ދިނުމަކާނުލާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާތީ އާއި، އަޙުމަދު ވާޞިފް ވަޒީފާއިން ވަކިކުރި ސަބަބަކީ ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއިން ލާޒިމްކުރާ، އެކަށީގެންވާ ސަބަބެއްކަން ސިވިލް ސަރވިސް ކޮމިޝަނުން ސާބިތުކޮށްދީފައިވާތީ، އަޙުމަދު ވާޞިފްއަށް އަލުން އަނބުރާ ވަޒީފާދޭން އަމުރުކުރާނެ ތަނެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި" މައްސަލަ ނިންމަވާފައިވާކަން އެ މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 151/VTR/2010 މައްސަލަ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ އަޙުމަދު ވާޞިފްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 151/VTR/2010 މައްސަލާގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 151/VTR/2010 މައްސަލާގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގައި އަޙުމަދު ވާޞިފް އަދާކުރަމުންދިޔަ ފެންވަރުގެ ވަޒީފާއެއް މިއަދު (09 އޮކްޓޯބަރ 2013) އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަޙުމަދު ވާޞިފްއަށް ދިނުމަށާއި އަޙުމަދު ވާޞިފްއަކީ އެއްވެސް ޙާލަތެއްގައި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި 2010 މެއި 10 ވަނަ ދުވަހުން ފެށިގެން އަޙުމަދު ވާޞިފް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގެ ވަޒީފާ ދިނުމާ ހަމައަށް އެ މުއްދަތުގައި އަޙުމަދު ވާޞިފްއަށް ލިބެންވާ މުސަރައާއި ޢިނާޔަތްތައް މިއަދު (09 އޮކްޓޯބަރ 2013) އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަޙުމަދު ވާޞިފްއަށް ލިބިދިނުމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއަށް އަންގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔަރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށް" މައްސަލަ ނިންމާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް) ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައިގަނޑު 02 (ދޭއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، މާލޭ ޖަލުގައި ހުރި ޤައިދީއެއް ކަމުގައިވާ މޫސާ ފަތުޙީ ބަންދުން ދޫކުރަންޖެހޭ ތާރީޚުގެ 01 ދުވަސް ކުރިން އަޙުމަދު ވާޞިފް އެ ޤައިދީ ދޫކޮށްލާފައިވާކަން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކުރައްވާފައިވާ ތަޙްޤީޤުން އެނގެން އޮވެމެ، ޖަލުގެ ލިޔުންތަކުން އެކަމަށް ދަލާލަތު ކުރާ ކިތާބީ ހެކި ހުށަހަޅާފައިވާއިރުވެސް، އެކަންކަމަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދެވަނަ ނުކުތާއަކީ، ހައިކޯޓުގެ ޤަޟިއްޔާގެ 03 ވަނަ ނަންބަރުގެ (ރ) ގައި މޫސާ ފަތުޙީ ދޫކޮށްލަންޖެހެނީ 22 ޖެނުއަރީ 2010 ވާ ހުކުރު ދުވަހު ކަމަށާއި އެ ދުވަހު އެންމެ އިސްކޮށް ތިބޭނީ ޑިއުޓީ އޮފިސަރުން ކަމަށާއި، ޤައިދީން ދޫކޮށްލަން ޖެހޭ ހުރިހާ ކަމެއްގެ ޒިންމާއެއް ނަގަން ޖެހޭނީ ޑިއުޓީ އޮފިސަރުންނަށް ކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނެފައިވާއިރުވެސް، މޫސާ ފަތުޙީ ދޫކޮށްލާފައިވަނީ 21 ޖެނުއަރީ 2010 ގައި ކަން ބަޔާންތަކުން އެނގޭ ކަމަށާއި ބަންދު ދުވަސް ނޫން ދުވަސްތަކުގައި ޤައިދީ ދޫކޮށްލުމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމާނީ ޑިއުޓީ އޮފިސަރުން ނޫން ކަމާއި، އަޙުމަދު ވާޞިފް އަކީ ޑިއުޓީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހެއްކަންވެސް އެނގެން ނެތްއިރު އަދި ޑިއުޓީ އޮފިސަރަކަށް ހުންނަ މީހަކީވެސް ސުޕްރިންޓެންޑެންޓްގެ ދަށުން މަސައްކަތްކުރަންޖެހޭ މީހެއްކަން އެނގޭކަމަށް ފާހަގަކޮށްފައިވުމުން، މައްސަލައިގެ ޙަޤީޤީ ފެކްޓްސް (facts) އަށް ރިޢާޔަތްކުރުމަކާއި ނުލައި، މައްސަލައިގެ ނިންމުމަށް ވާސިލުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރި ސިވިލް ސަރވިސް ކޮމިޝަން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް) ގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން މައްސަލައިގައި ހިމެނޭ ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި ޤަޟިއްޔާއާ ގުޅުންހުރި އެންމެހައި ލިޔުންތަކަށާއި، ކަމާގުޅުންހުރި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 151/VTR/2010 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، އަޙުމަދު ވާޞިފް ވަޒީފާއިން ވަކިކުރީ 10 މެއި 2010 ގައިކަމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު (2)CSC/2010/1115 "ވަޒީފާ ވަކިކުރެއްވި ޗިޓު" ގައި ވަޒީފާއިން ވަކިކުރި ސަބަބުކަމަށް ބަޔާންކުރެވިފައިވަނީ އަޙުމަދު ވާޞިފް މާލޭ ޖަލުގައި ހުރި ޤައިދީއެއް ބަންދުގެ މުއްދަތު ހަމަވުމުގެ އެއް ދުވަސްކުރިން ޤައިދީން ދޫކުރުމަށް ހަމަޖެހިފައިވާ ގަވާއިދާ ޚިލާފަށް ދޫކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްދިނުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން އެދުމާއި ގުޅިގެން އަޙުމަދު ވާޞިފް ކޮށްފައިވާ ޢަމަލަކީ ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)، (ށ) އަދި (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރެވޭނެ ކަމަކަށްވާތީކަމަށް އެ ލިޔުމުގައި ބަޔާންކުރެވިފައިވާކަމާއި،

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވަނީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައްކަމާއި، އެ އަކުރުގެ (3) ވަނަ ނަންބަރުގައި އެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވެއްޖެނަމަ، ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެކަން އެނގެން އޮންނަކަމާއި،

ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައްކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ ނުކުތާތަކަށް ބެލިއިރު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލާގައި ކަން ހިނގާދިޔަ ގޮތްކަމަށް ބުނެ ހުށަހަޅާފައިވާ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ނުކުރާކަމަށް ބުނެ ފާހަގަކުރާ ކަންތައްކަމާއި، އެގޮތުން، މާލޭ ޖަލުގައި ހުރި ޤައިދީއެއް ކަމުގައިވާ މޫސާ ފަތުޙީ ބަންދުން ދޫކުރަންޖެހޭ ދުވަހުގެ 01 (އެކެއް) ދުވަސް ކުރިން އަޙުމަދު ވާޞިފް އެ ޤައިދީ ދޫކޮށްލާފައިވާކަން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކޮށްފައިވާ ތަޙްޤީޤުން އެނގެން އޮންނަކަމަށާއި، ޖަލުގެ ލިޔުންތަކުން އެކަމަށް ދަލާލަތު ކުރާ ކިތާބީ ހެކި ހުށަހަޅާފައިވާކަމަށާއި، އަދި ހައިކޯޓުން މި މައްސަލަ ނިންމިއިރު، މައްސަލައިގެ ޙަޤީޤީ ވާޤިއާތަކަށް ރިޢާޔަތް ނުކުރާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާކަމާއި،

މި މައްސަލައާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއިން ކުރި ތަޙުޤީޤުގައި، މި މައްސަލައާ ގުޅިގެން މާލޭ ޖަލުގެ ބައެއް މުވައްޒަފުން ބަޔާން ދީފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ހަމަ އެ މުވައްޒަފުން އޭގެ ފަހުން، މި މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުކުރެވި، ޓްރައިބިއުނަލްގައިވެސް ބަޔާން ދީފައިވާކަން ފާހަގަކުރެވޭކަމާއި،

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ "ޖަލުން ނެރުމަށް އެދޭ ފޯމު" ނަންބަރު 10858 ގައި މޫސާ ފަތުޙީ 22 ޖެނުއަރީ 2010 ގައި މުއްދަތު ހަމަވާތީވެ ތަކެއްޗާއެކު މާލޭ ޖަލުން ދޫކުރުމަށް ހަމަޖެހިފައިވާކަން އެނގެން އޮންނަކަމާއި،

24 ޖެނުއަރީ 2010 ގެ މާލޭ ޖަލުގެ މެމޯ ނަންބަރު MLP/Memo/2010/035 ގައި 22 ޖެނުއަރީ 2010 ގައި މޫސާ ފަތުޙީ މިނިވަންވާތީ، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް އިން އޭނާ މިނިވަން ވެގެން ދޫކޮށްލުމުގެ ކުރިން ސޮއި ކުރަންޖެހޭ ލިޔެކިއުންތައް ހިފައިގެން ޓީ.ޕީ.އޯ (ޓްރެއިނީ ޕްރިޒަންސް އޮފިސަރ) ޢަބްދުއްސައްތާރު މުޙައްމަދުފުޅު 21 ޖެނުއަރީ 2010 ގެ ހަވީރު 17:15 ކަންހާއިރު މާލޭ ޖަލަށް އައިސް އެޤައިދީ ކޮބައިތޯ ސުވާލު ކުރުމުން އޮފިސަރެއްގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި، އޭނާ ވަނީ 21 ޖެނުއަރީ 2010 ގައި ދޫކޮށްލާފައިކަމަށާއި، އެހެންކަމުން އެކަން ހިނގާދިޔަ ގޮތް އޮޅުންފިލުވުމަށްޓަކައި އެ ޑިޔުޓީގައި ޑީ.އޯ (ޑިޔުޓީ އޮފިސަރ) އަކަށް ހުރި ޓީ.ޕީ.އޯ އަޙުމަދު ވާޞިފްގެ ބަޔާން ނެގުމަށްފަހު އެ މެމޯއާއެކު ފޮނުވިކަމަށާއި، އަދި އެކަން ބަލައި އޭނާއާ މެދު ޢަމަލު ކުރަންވީ ގޮތް އަންގައިދިނުމަށް އެދި ޑީ.އެސް.ޕީ މޫސާ އާޒިމްއަށް އެސް.ޕީ.އޯ މުޙައްމަދު ޠަލާލް މެމޯއެއް ފޮނުވިކަމާއި،

އިސްވެ ޙަވާލާދިން މެމޯގައި ފާހަގަކޮށްފައިވާ އަޙުމަދު ވާޞިފްގެ ބަޔާނުގައި އަޙުމަދު ވާޞިފް 21 ޖެނުއަރީ 2010 ގެ 08:00 އިން 17:00 އަށް އަދާކުރި ޑިޔުޓީގައި މޫސާ ފަތުޙީ ގޮޅިންނެރެ ދޫކޮށްލާފައިނުވާނެ ކަމަށާއި، އަދި އޭނާއަކީ ޤައިދީއެއް ދޫކޮށްލުމަށް އޯޑަރ ދެވޭ ފެންވަރުގެ އޮފިސަރެއްވެސް ނޫންކަމަށް ބުނެ އަޙުމަދު ވާޞިފް އެ ބަޔާނުގައި ސޮއިކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެ ބަޔާނުގެ ތާރީޚަކީ 24 ޖެނުއަރީ 2010 ކަން ފާހަގަކުރެވޭކަމާއި،

މި މައްސަލައާ ގުޅިގެން 2010 ވަނަ އަހަރުގެ ކުރީ ކޮޅުގެ އެކި ތާރީޚުތަކުގައި އެކި ފަރާތްތަކުގެ ބަޔާން މާލޭ ޖަލުން ނަގާފައިވާކަމާއި، އެގޮތުން އަޙުމަދު ވާޞިފް ދިންކަމަށް ބުނާ ބަޔާނެއް، އެހެންނަމަވެސް ސޮއިނުކުރާ އަދި އެ ބަޔާނުގެ ތާރީޚު އެނގެން ނެތް ބަޔާނެއްގައި،22 ޖެނުއަރީ 2010 ގައި ދޫކޮށްލުމަށް ހަމަޖެހިފައިވާ މޫސާ ފަތުޙީގެ ތަކެތި ނެގުމަށްޓަކައި ޓީ.ޕީ.އޯ އުޘްމާން އިބްރާހީމް އަދި ޓީ.ޕީ.އޯ ޙުސައިން ނަދީމް އާ އަޙުމަދު ވާޞިފް ޙަވާލުކުރިކަމަށާއި، އަދި އެކަން "ޠަލާލް ސަރ" އަށް އެންގުމުން، އެކަންކުރިންވެސް ކުރަމުންދާ ގޮތަށް ކުރިއަށް ގެންދިޔުމަށް "ޠަލާލް ސަރ" ބުނެފައިވާކަމަށާއި، އަދި މޫސާ ފަތުޙީގެ ތަކެތި ނެގުމަށްފަހު މޫސާ ފަތުޙީ ދޫކޮށްލުމަށް ޙުސައިން ނަދީމުއާ އަޙުމަދު ވާޞިފް ޙަވާލުކުރިކަމަށާއި، އަދި ޖަލުން ދޫކޮށްލާއިރު ސޮއިކުރަންޖެހޭ ލިޔެކިއުންތަކުގައި މޫސާ ފަތުޙީ ލައްވާ ސޮއި ނުކުރެވުނީ އެވަގުތު އެކަންތައް ކުރަން ހަނދާން ނެތުމުން ކަމަށާއި، އަދި ފަހުން "ޠަލާލް ސަރ" ގެ އެންގުމަށް މޫސާ ފަތުޙީ ދިރިއުޅޭ ގެއަށްގޮސް އޭނާ ލައްވާ އަޙުމަދު ވާޞިފް އެ ލިޔުންތަކުގައި ސޮއިކުރުވީކަމަށް އެ ބަޔާނުގައިވާކަމާއި،

11 މާރޗް 2010 ގައި މުޙައްމަދު ޠަލާލް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއަށް ދީފައިވާ ބަޔާނުގައި، އޭނާއަކީ މާލޭ ޖަލުގެ ޗީފް ސުޕްރިންޓެންޑެންޓްގެ ވަޒީފާ އަދާކުރާ މުވައްޒަފެއްކަމަށާއި، 22 ޖެނުއަރީ 2010 ވީ ހުކުރު ދުވަހު ޓީ.ޕީ.އޯ އަބްދުއްސައްތާރު، މުޙައްމަދު ޠަލާލްއަށް ގުޅާފައި ބުނީ އެ ދުވަހު ދޫކޮށްލުމަށް ހަމަޖެހިފައިވާ މޫސާ ފަތުޙީ ދޫކޮށްލުމުގެ ކުރިން ސޮއިކުރުވަންޖެހޭ ލިޔެކިޔުންތަކުގައި ސޮއިކުރުވަން ބެލިއިރު އޭނާ މާލޭ ޖަލުގައި ނެތްކަމަށާއި އަދި އޭނާ ދޫކޮށްލާފައިވާކަމަށާއި، އަދި މިކަމާ ގުޅިގެން އަޙުމަދު ވާޞިފްއަށް ގުޅައި ބަންދު މީހާ އެއް ދުވަސް ކުރިން ދޫކޮށްލީ ކީއްވެގެންތޯއާއި ދޫކޮށްލުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔެކިއުންތަކުގައި ސޮއި ނުކުރުވީ ކީއްވެގެންތޯ ސުވާލުކުރިކަމަށާއި، ލިޔެކިއުންތަކުގައި ސޮއިނުކުރެވުނީ ހަނދާން ނެތިގެންކަމަށާއި އަދި ބަންދު މީހާ ދޫކޮށްލެވިފައިވަނީ އޮޅުމަކުންކަމަށާއި، 21 ޖެނުއަރީ 2010 ގައި އޭނާ ދޫކޮށްލެވިފައިވީނަމަވެސް، 22 ޖެނުއަރީ 2010 ގެ ތާރީޚު ޖެހުމަށްފަހު އޭނާ ލައްވާ ސޮއިކުރުވާނެކަމަށް އަޙުމަދު ވާޞިފް މުޙައްމަދު ޠަލާލް ގާތު ބުނިކަމަށާއި، އެކަމަކު އެކަމަކީ އެގޮތަށް ކުރެވޭނެ ކަމެއް ނޫންކަމަށް މުޙައްމަދު ޠަލާލް އަޙުމަދު ވާޞިފް ގާތުގައި ބުނުމުން، މިކަން އެނގޭނީ އަޙުމަދު ވާޞިފަށާއި، ސައްތާރަށާއި އަދި މުޙައްމަދު ޠަލާލްއާ މި ތިން މީހުންނަށް އެކަނި ކަމަށާއި، އަދި މިކަމަކީ އަޙުމަދު ވާޞިފަށް ކުރެވުނު ކުށެއްކަމުގައިވާތީ، އަޙުމަދު ވާޞިފަށް މަޢާފުކޮށްދިނުމަށްފަހު މިކަން ނިންމާލަ ދިނުމަށް އަޙުމަދު ވާޞިފް މުޙައްމަދު ޠަލާލްގެ ކިބައިން އެދުނުކަމަށް މުޙައްމަދު ޠަލާލް ބަޔާން ދީފައިވާކަމާއި،

13 މާރޗް 2010 ގައި މާލޭ މުނިސިޕަލްޓީ ދަފްތަރު ނަންބަރު 5448، އަބްދުއްސައްތާރު މުޙައްމަދުފުޅު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއަށް ދީފައިވާ ބަޔާނުގައި، (ހާދިސާ ހިނގާދިޔައީ 21 ޖެނުއަރީ 2010 ގައި ކަމުގައިވީނަމަވެސް) 22 ފެބްރުއަރީ 2010 ގައި މާލޭ ޖަލުން ދޫކުރަންޖެހޭ މީހެއް (މޫސާ ފަތުޙީ) ގެ ޗިޓު ޑިޕާޓްމަންޓްގެ އޭ ސެކްޝަނުން ޙަވާލުކުރުމުން، އެ ޗިޓު ހިފައިގެން 21 ފެބްރުއަރީ 2010 ވީ ބުރާސްފަތި ދުވަހުގެ ހަވީރު މާލޭ ޖަލަށް ޢަބްދުއްސައްތާރު ދިޔަކަމަށާއި، އަދި އެމީހާ ދޫކޮށްލުމަށް ހަމަޖެހިފައިވަނީ ޖެހިގެން އައި ދުވަހުގައިކަމުން މާލޭ ޖަލުގައި ޢަބްދުއްސައްތާރު ތަކެތި ބަހައްޓައިގެން ގެންގުޅޭ ފައިލް ތެރެއަށް ޗިޓުލާފައި، އެ ފައިލު ޖަލުގެ ކޮންޓްރޯލް ރޫމް ތެރޭގައި މޭޒެއްގެ މަތީގައި ބާއްވާފައި އެތެރެއަށް ދާން ހިނގައިގަތުމުން، ކޮންޓްރޯލް ރޫމްގައި ޑިޔުޓީއަށް އިން އޮފިސަރ ބުނީ މޫސާ ފަތުޙީ ދެންމެއަކު ދޫކޮށްލާފައިވާކަމަށާއި، އެހެން ބުނުމުން، އެގޮތަށް ދޫނުކުރެވޭނެކަމަށާއި، ޢަބްދުއްސައްތާރު ހިފައިގެން އައި ޗިޓުގައި އޭނާ ސޮއިވެސް ކުރަންޖެހޭނެ ކަމަށް ޢަބްދުއްސައްތާރު ބުނިކަމަށާއި، ދެން އެވަގުތު ޑީ.އޯ އަކަށް އިން އަޙުމަދު ވާޞިފްއާ ބައްދަލުކޮށް މޫސާ ފަޠުޙީ ދޫކޮށްލީ ކީއްވެގެންތޯއާއި ޖަލުން ނެރޭ ޗިޓު އޮއްވައި އިޤުރާރެއްގައި ސޮއިކޮށްފައި ނޫނީ އޭނާ ދޫނުކުރެވޭނެކަމަށް ބުނުމުން، އަޙުމަދު ވާޞިފް ބުނެފައިވަނީ ޤައިދީ ދޫކޮށްލާފައިވަނީ ޠަލާލް ސަރ ބުނެގެންކަމަށާއި، އަދި މިކަން ގަވާއިދަށް އެޅުވޭނެ ގޮތަކަށް ހަމަޖައްސައިދިނުމަށް އަޙުމަދު ވާޞިފް އެދުނުކަމަށާއި، އޭނާ މިވާހަކަތައް ދެއްކީ ވައި އަޑުން އެހެން މީހަކަށް އަޑުނީވޭ ކަހަލަ ގޮތަކަށްކަމަށް ޢަބްދުއްސައްތާރު ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، ދެން ޢަބްދުއްސައްތާރު ގުޅީ މާލޭ ޖަލު ކަންތަކާ ޙަވާލުވެހުރި މުޙައްމަދު ޠަލާލްއަށްކަމަށާއި، އަޙުމަދު ވާޞިފް ގާތު ބަންދު މީހާ އެދުވަހު ދޫކުރަން ނުބުނާކަމަށް މުޙައްމަދު ޠަލާލް ޢަބްދުއްސައްތާރު ގާތު ބުނިކަމަށާއި އަދި ބަންދު މީހާ ހޯދައިގެން ގެނެސް ލިޔުންތަކުގައި ގަވާއިދަށް އެޅުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އަޙުމަދު ވާޞިފް ގާތު ބުނުމަށް މުޙައްމަދު ޠަލާލް ޢަބްދުއްސައްތާރު ގާތު ބުނިކަމަށާއި، އަދި އެގޮތަށް އަޙުމަދު ވާޞިފް ގާތު ޢަބްދުއްސައްތާރު ބުނުމަށްފަހު، ފަހުން ކަންހިނގާ ދިޔަގޮތެއް ނޭނގޭކަމަށް ބުނެ ޢަބްދުއްސައްތާރު ބަޔާންދީފައިވާކަން ފާހަގަކުރެވޭކަމާއި،

27 ޖެނުއަރީ 2010 ގައި އުޘްމާން އިބްރާހީމް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއަށް ދީފައިވާ ބަޔާނުގައި، 21 ޖެނުއަރީ 2010 ގައި އުޘްމާން އިބްރާހީމް މެންދުރު ނަމާދަށް ހުއްޓާ އަޙުމަދު ވާޞިފް އުޘްމާން އިބްރާހީމްއަށް ގުޅިކަމަށާއި، އަދި ނަމާދުން ފޭބިތަނާހެން އަޙުމަދު ވާޞިފް އަނެއްކާ ގުޅުމުން އުޘްމާން އިބްރާހީމް ފޯނު ނެގިކަމަށާއި އަދި ފޯނު ނެގުމުން އަޙުމަދު ވާޞިފް ބުނެފައިވަނީ އެދުވަހު މިނިވަންވާ ބަންދު މީހަކު ހުރުމުން އޭނާގެ ތަކެތި ދިނުމަށް އައުމަށްކަމަށާއި، ދެން އުޘްމާން އިބްރާހީމް ޖަލަށް ދިޔައިރު ޙުސައިން ނަދީމް ޑީ.އޯ ރޫމްގައި ތަކެތި ހޯދުމަށް އުޅުނުކަމަށާއި، އަދި އުޘްމާން އިބްރާހީމްވެސް މީނާގެ ތަކެތި ހޯދުމަށް ބެލިއިރު ކެބިންގައި ނެތްކަމަށާއި، އަދި އޭނާއަކީ އޭގެ ކުރީ ދުވަހެއްގައި އައްސޭރި ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ މީހަކަށްވާތީވެ، އޭނާގެ ތަކެތި ހުރީ އެދުވަހު ނަގާފައިކަމަށާއި، އަދި އުޘްމާން އިބްރާހީމް އެތަކެތި ޙަވާލުކުރުމުން، އަޙުމަދު ވާޞިފް ބަންދު މީހާއާ އެތަކެތި ޙަވާލުކުރުމަށްފަހު އޭނާ ލައްވާ ތަކެތި ލިބުނުކަމަށް ސޮއިކުރުވިކަމަށާއި، އަދި ބަންދު މީހާ ފޮނުވާލުމަށްފަހު ފަތްޖަހާލާފައިވާ ޗިޓެއް އުޘްމާން އިބްރާހީމް އަތަށް އަޙުމަދު ވާޞިފް ދިންކަމަށާއި، އަދި އެ ޗިޓު އޮތްގޮތަށް މޭޒުމަތީ ހުރި ކަރުދާސްތަކެއް ކައިރީ ބާއްވާފައި ޑީ.އޯ ރޫމުން ނިކުތީކަމަށް އުޘްމާން އިބްރާހީމް ބަޔާންދީފައިވާކަން ފާހަގަކުރެވޭކަމާއި،

01 ފެބްރުއަރީ 2010 ގައި ޙުސައިން ނަދީމް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއަށް ދީފައިވާ ބަޔާނުގައި، 21 ޖެނުއަރީ 2010 ގައި ޙުސައިން ނަދީމް ހުރި ޝިފްޓްގެ އިން ޗާރޖް ޓީ.ޕީ.އޯ އަޙުމަދު ވާޞިފް އެއްވެސް ބަންދު މީހަކު ދޫކޮށްލުމަށްޓަކައި ޙުސައިން ނަދީމުއާ ޙަވާލުކޮށްފައިނުވާކަމަށާއި، އަދި ޙުސައިން ނަދީމްގެ އެދުވަހުގެ ޑިޔުޓީ ޕޮއިންޓަކީ މާލޭ ޖަލުގެ މެޑިކަލްކަމަށާއި، މޫސާ ފަތުޙީ ދޫކޮށްލި ދުވަސް ހުރިހާ ލިޔެކިއުމަކުން އެނގެން ހުންނާނެކަމަށް ބުނެ ބަޔާން ދީފައިވާކަން ފާހަގަކުރެވޭކަމާއި،

04 މާރޗް 2010 ގައި ޙައްވާ ނަސްވާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއަށް ދީފައިވާ ބަޔާނުގައި، 21 ޖެނުއަރީ 2010 ގައި ޙައްވާ ނަސްވާ އެޑްމިން ސެކްޝަނުގައި އިންދާ ޓީ.ޕީ.އޯ އަޙުމަދު ވާޞިފް އެޑްމިންއަށް ވަދެ ދޫކޮށްލާ މީހެއްގެ ޗިޓު އެބައިންހޭ އެހުމުން، ދޫކޮށްލާ މީހެއްގެ ޗިޓު އަތުވެއްޖެނަމަ ނޯޓިސް ބޯޑުގައި އިންނާނެކަމަށް ޙައްވާ ނަސްވާ ބުނިކަމަށާއި، ދެން އަޙުމަދު ވާޞިފް ނޯޓިސް ބޯޑު ކައިރިއަށްގޮސް ބޯޑުގައި އިން ޗިޓެއް ނެގުމުން، އެ ޗިޓުގެ އަޞްލު ނުގެންދިޔުމަށާއި، ބޭނުމިއްޔާ ކޮޕީއެއް ނަގައިގެން ގެންދިޔުމަށް ޙައްވާ ނަސްވާ ބުނިކަމަށާއި، ދެން އަޙުމަދު ވާޞިފް އެ ޗިޓުގެ ކޮޕީއެއް ނަގައިގެން އެޑްމިން ސެކްޝަނުން ނިކުމެގެން ދިޔައީކަމަށް ޙައްވާ ނަސްވާ ބަޔާންދީފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ނުކުތާގައި ހާދިސާ ހިނގާދިޔަ ދުވަހު ކަންހިނގާދިޔަ ގޮތާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއަށް ބަޔާން ދީފައިވަނީ ހާދިސާ ހިނގިފަހުން އެތައް ދުވަހެއް ފާއިތުވިފަހުންކަން ޝަރީޢަތަށް ފާހަގަކުރެވޭކަމާއި، އަދި އިސްވެ ފާހަގަކުރެވުނު ބަޔާންތަކުގައި ހާދިސާ ހިނގާދިޔަގޮތާ މެދު ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެއްވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، ބަންދު މީހާ ދޫކޮށްލުމުގެ ޗިޓު ހިފައިގެން ދިޔަ ޢަބްދުއްސައްތާރު މުޙައްމަދުފުޅު މާލޭ ޖަލަށް 21 ވީ ބުރާސްފަތި ދުވަހު ދިޔައިރު، މޫސާ ފަތުޙީ ވަނީ ދޫކޮށްލާފައިކަމަށް ޢަބްދުއްސައްތާރު މުޙައްމަދުފުޅުގެ ބަޔާނުން އެނގެން އޮންނައިރު، ޢަބްދުއްސައްތާރު މުޙައްމަދުފުޅަށް މޫސާ ފަތުޙީ ދޫކުރިކަން އެނގިގެން މުޙައްމަދު ޠަލާލްއަށް ގުޅާފައިވަނީ 22 ޖެނުއަރީ 2010 ވީ ހުކުރު ދުވަހުގައިކަމަށް މުޙައްމަދު ޠަލާލް ބަޔާންދީފައިވާކަމާއި،

ޢަބްދުއްސައްތާރު މުޙައްމަދުފުޅު ޗިޓު ހިފައިގެން ދިޔައިރު މުސާ ފަތުޙީ ދޫކޮށްލާފައިވާ ކަމަށް ބުނެފައިވާއިރު، ޙައްވާ ނަސްވާގެ ބަޔާނުން ނޯޓިސް ބޯޑުގައި އިން ކޮންމެވެސް ޗިޓެއްގެ ފޮޓޯކޮޕީ ނަގައިގެން އަޙުމަދު ވާޞިފް ގެންދިޔަކަމަށް ބުނެފައިވާކަމާއި، އެހެންނަމަވެސް، ޙައްވާ ނަސްވާގެ ބަޔާނުގައިވެސް އެއީ މި މައްސަލައާ ގުޅުންހުރި ޗިޓެއްކަމެއް ނުވަތަ ނޫންކަމެއް ސާފުކޮށްދެވިފައިނުވާކަމާއި، އަދި އުޘްމާން އިބްރާހީމްގެ އަތަށް ފަތްޖަހާފައިވާ ޗިޓެއް އަޙުމަދު ވާޞިފް ދިންކަމަށް އުޘްމާން އިބްރާހީމް ބުނާއިރު، އެ ޗިޓުގައި ލިޔެވިފައި އޮތް އެއްޗެއް އުޘްމާން އިބްރާހީމްވެސް ނުބަލާކަން ފާހަގަކުރެވޭކަމާއި،

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މުޙައްމަދު ޠަލާލްއާއި، ޢުޘްމާން އިބްރާހީމްއާއި، ޙައްވާ ނަސްވާއާއި ޢަބްދުއްސައްތާރު މުޙައްމަދުފުޅު އަދި ޙުސައިން ނަދީމް ހެކިންގެ ގޮތުގައި ހާޒިރުކުރެވި ބަޔާންދީފައިވާއިރު، ޢުޘްމާން އިބްރާހީމް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއަށް ދިން ބަޔާން ތަފްޞީލުކުރަމުން ބުނެފައިވަނީ އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ މެނޭޖްމަންޓްގައި، ދޫކޮށްލާ މީހުންގެ ތަކެއްޗާއި އެއްޗެހި ބަލަހައްޓާ ބައިގައިކަމަށާއި، އޭނާއަށް އަޙުމަދު ވާޞިފް ފޯނުކުރުމުން އޭނާ ދިޔައީ އަވަހަށް ތަކެތި ހޯދައިދޭންކަމަށާއި، ދިޔައިރު އެވަގުތު ޑީ.އޯ ރޫމްގައި ޝިފްޓުގައި މަސައްކަތްކުރާ ޙުސައިން ނަދީމް ތަކެތި ހޯދާކަމަށާއި، އޭގެ ކުރިން މެނޭޖްމަންޓްގައި ހުރި އިބްރާހީމް އަފީފް ހުއްޓާ އައްސޭރި ޖަލަށް ފޮނުވާލަން މޫސާ ފަތުޙީގެ ނަން އިނދެގެން އެދުވަހު ތަކެތި ދޭންވެގެން ކެބިންއިން ނެރެފައި އެތަނުގައި ހުރި ކަބަޑަކަށް ލާފައިހުރިކަމަށާއި، އެވަގުތު ކެބިން އިން އެ ތަކެތި ނުފެނުނުކަމަށާއި، އެހެންނަމަވެސް ފަހުން ކަބަޑުން އެތަކެތި ފެނިގެން އަޙުމަދު ވާޞިފްމެންނަށް ފޯމާއެއްކޮށް ޤައިދީއާ ހަވާލުކޮށްލުމަށް އުޘްމާން އިބްރާހީމް ޙަވާލުކުރިކަމަށާއި، އަދި މޫސާ ފަތުޙީ ދޫކޮށްލީ އަޙުމަދު ވާޞިފްކަމެއް ބުނަން ނޭނގޭކަމަށާއި، ކޮންމެ މީހަކު އަޔަސް ފޯމާއެކު އެއްޗެހި ޙަވާލުކުރާކަމަށާއި، މީގެ އިތުރުން އުޘްމާން އިބްރާހީމްއަކީވެސް ކުރިން އިން ޗާރޖްކަން ކުރި މީހެއްކަމަށާއި، ޢާންމުކޮށް މީހަކު ދޫކޮށްލަން ޖެހިއްޖެއްޔާ ހެޑް އޮފީހުން އަންނަކަމަށާއި، އެ ދޭތެރޭ ކޯޓު މަސައްކަތް ކުރަން ތިބޭ އޮފިސަރުން ލާފައި އެމީހުން ލައްވާ އެ މަސައްކަތް ކުރުވާކަމަށާއި، އެމީހުން އަންނަނީ އިޤްރާރާއި އެއްޗެތި ހިފައިގެން ކަމަށާއި، އަދި އެމީހުން އައުމުން ޤައިދީ އެމީހުންނާ ޙަވާލުކޮށްލަނީ ކަމަށާއި، އިން ޗާރޖު އެކަމެއް ނުކުރާކަމަށާއި، އަދި މިހާތަނަށް އުޘްމާން އިބްރާހީމް އިން ޗާރޖަކަށް ހުރިއިރު އެފަދަ ކަމެއް ނުކުރާކަމަށާއި، އަދި އެއްވެސް އިރެއްގައި އަޙުމަދު ވާޞިފް އެތަނުގައި އުޅުނުއިރު މީހުން ދޫކުރާކަން އެނގިފައިނުވާކަމަށާއި،

މޫސާ ފަތުޙީގެ ތަކެތި ދޫކުރަން އެދުވަހު ފޯނުކުރީ އަޙުމަދު ވާޞިފްކަމަށާއި، އަދި އޭނާއަކީ އެދުވަހު ހުރި އިން ޗާރޖްކަމަށާއި، މީހުން ދޫކުރުމުގައި ޢާންމުގޮތެއްގައި އިން ޗާރޖް ގުޅާކަމަށާއި، އެކަމަކު ތަކެތި ޙަވާލުކުރުމަށް، ޢާންމުކޮށް، ދޫކުރާކަމުގެ ޗިޓެއް އެތަނަށް ނުގެންނަކަމަށާއި، އެދުވަހު އަޙުމަދު ވާޞިފް، އުޘްމާން އިބްރާހީމްގެ އަތަށް ފަތްޖަހާފައިވާ ޗިޓެއްދިންކަމަށާއި، އެދުވަހު އެއީ ކޮން އެއްޗެއްކަން ނުބެލިނަމަވެސް، އޭގެ އަނެއް ދުވަހު އެ ކަރުދާސްކޮޅު ހުޅުވައިގެން ބެލިއިރު އެއީ ދޫކޮށްލި ޗިޓުކަމަށާއި،

ތަކެތި ދޫކުރާ ފޯމުގައި ސޮއި ކުރާނީ ތަކެތީގެ ވެރިފަރާތުން ކަމަށާއި، ނަމަވެސް ތަކެތި ނެގޭއިރުގައި އެތަކެއްޗާ ޙަވާލުވީ ކޮން އޮފިސަރެއްކަން ސޮއިކުރާކަމަށާއި، މޫސާ ފަތުޙީގެ ތަކެއްޗާ ޙަވާލުވީ ސީދާ އަޙުމަދު ވާޞިފްކަން ހީނުވާކަމަށާއި، ޙަވާލުވީ ކޮން އޮފިސަރެއްކަން ނޭނގޭކަމަށާއި، މޫސާ ފަތުޙީ ކުރިން އޮތީ އައްސޭރި ޖަލަށް ގެންދަންކަމުން، އުޘްމާން އިބްރާހީމްގެ ކުރިން ހުރި މެނޭޖްމަންޓުން ތަކެތި ހުރީ ކެބިނުން ނެރެ ކަބަޑަކަށްލާފައި އެ ދުވަހު ގެންދަންވެސް ސޮއިކޮށްފައިކަމަށް އުޘްމާން އިބްރާހީމް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،

މުޙައްމަދު ޠަލާލް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުކުރެވި ނެގުނު ބަޔާނުގައި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއަށް ދީފައިވާ ބަޔާނަކީ ޞައްޙަ ތެދު ބަޔާނެއްކަމަށް ބުނެފައިވާކަމާއި، އަދި އެ ބަޔާނުގައި އަޙުމަދު ވާޞިފްއަށް ކުށެއްކުރެވުނުކަމަށާއި އަދި އެކަން އެނގޭނީ ހަމަ އެކަނި 3 މީހުންނަށްކަމަށް ބުނި ބުނުން ތަފްޞީލުކޮށްދިނުމަށް މުޙައްމަދު ޠަލާލްގެ ކިބައިން އެދުމުން، ކަން ހިނގާދިޔައީ އެ ބަޔާނުގައި އޮތްގޮތަށްކަމަށާއި، ތަފްޞީލުކޮށްދޭނެ އިތުރުކަމެއް ނެތްކަމަށާއި، މީހުން ބަންދުކުރާއިރުގައާއި މީހުން ބަންދުން ދޫކުރާއިރުގައި ޢަމަލުކުރެވެމުންދާ އުޞޫލަކީ ކޮބައިތޯ އެހުމުން، އެއީ މުޙައްމަދު ޠަލާލް ކުރާކަމެއް ނޫންކަމަށާއި އެ ސުވާލު ޑިޕާޓްމަންޓްއާ ކުރުމަށް މުޙައްމަދު ޠަލާލް ބުނެފައިވާއިރު، މި މައްސަލާގެ ހާދިސާ ހިނގިއިރު މުޙައްމަދު ޠަލާލްއަކީ އޭރު މާލޭ ޖަލުގެ ޗީފް ސުޕްރިންޓެންޑެންޓްކަމާއި އަދި މި މައްސަލާގެ ހާދިސާއާ ގުޅިގެން ބަޔާންދީފައިވާ އެކި އޮފިސަރުންނަށްވުރެ މަޤާމުގެ ގޮތުންވެސް އިސް ފަރާތެއްކަން ޝަރީޢަތަށް ފާހަގަކުރެވޭކަމާއި،

މީގެ އިތުރުން މުޙައްމަދު ޠަލާލް ޓްރައިބިއުނަލްގައި ބުނެފައިވަނީ މީހުން ބަންދުކޮށް ދޫކުރަނީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއިން ޗިޓު އައީމާކަމަށާއި، މީހަކު ދޫކުރާއިރުގައި ލިޔެކިއުމުގައި ސޮއިކުރުވާކަމަށާއި، އެކަމަކު އެއީވެސް ޑިޕާޓްމަންޓުން ފޮނުވާ ލިޔުމެއްކަމަށާއި، ޖަލުގެ ޗީފް ސުޕްރިންޓެންޑެންޓް ނެތް ކޮންމެ ޙާލަތެއްގައި މުޅި ޖަލު އޯވަރޯލްކޮށް ކޮންޓްރޯލް ކުރަން ހުންނަނީ ޑިޔުޓީ އިން ޗާރޖް އޮފިސަރކަމަށާއި، އަދި އެ ދުވަހު އިން ޗާރޖްއަކަށް ހުރީ އަޙުމަދު ވާޞިފްކަމަށް މުޙައްމަދު ޠަލާލް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި،

ޙައްވާ ނަސްވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވެ ދިން ބަޔާނުގައި، ޤައިދީން ދޫކުރުމުގައި އެއްވެސް ދައުރެއް އޭނާ އަދާ ނުކުރާކަމަށާއި، އޭނާ އިންނަނީ އެޗް.އާރު ގައިކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،

ބަންދު މީހާ ދޫކޮށްލާ ޗިޓު ހިފައިގެން އެތަނަށް 21 ވީ ބުރާސްފަތި ދުވަހު ދިޔަ ޢަބްދުއްސައްތާރު މުޙައްމަދުފުޅު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި، މޫސާ ފަތުޙީ އެއް ދުވަސްކުރިން ދޫކޮށްލީ ކީއްވެގެންތޯ އަޙުމަދު ވާޞިފްއާ ސުވާލުކުރުމުން އޭނާ ދޫކޮށްލީ "ޠަލާލް ސަރ" ބުނެގެންކަމަށާއި، އެކަންތައް ސިއްރުކޮށްދިނުމަށް އެދުނުކަމަށާއި، މުޙައްމަދު ޠަލާލްއާ ގުޅުމުން އޭނާ ބުނީ ޖަލުގެ ގަވާއިދާ އެއްގޮތަށް ކަންތައް ކުރުމަށްކަމަށާއި، މޫސާ ފަތުޙީ ދޫކޮށްލަން ނުބުނާކަމަށް މުޙައްމަދު ޠަލާލް ބުނިކަމަށާއި، ޑީ.އޯ ގެ ޒިންމާއަކީ، ދޫކޮށްލަންޖެހޭ މީހެއްގެ ލިޔުން ހިފައިގެން ހެޑް އޮފީހުން އައިމަ، ދޫކޮށްލާ ޤައިދީ ލައްވާ އެ ލިޔުމުގައި ސޮއިކުރުވައި، އޭނާގެ ސާމާނާއި އެއްޗެތި ބަލާފައި، ޖަލުން ނެރޭ ޗިޓު ފުރިހަމަކޮށްފައި، ޢަބްދުއްސައްތާރު މުޙައްމަދުފުޅާ ހަމައަށް ގެނެސްދިނުންކަމަށާއި، ޢަބްދުއްސައްތާރު މުޙައްމަދުފުޅު ހަމައެކަނި ސޮއިކޮށްލާފައި އިނގިލީގެ ނިޝާން ޖަހަނީކަމަށް ޢަބްދުއްސައްތާރު މުޙައްމަދުފުޅު ބުނެފައިވާކަން ފާހަގަކުރެވެން އޮންނަކަމާއި، އަދި އެ ދުވަހު އަޙުމަދު ވާޞިފް ޤައިދީއަކު ޢަބްދުއްސައްތާރު މުޙައްމަދުފުޅު ކައިރިއަށް ނުގެންނަކަމަށް ޢަބްދުއްސައްތާރު މުޙައްމަދުފުޅު ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،

ޙުސައިން ނަދީމް 16 އޮގަސްޓް 2010 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި 21 ޖެނުއަރީ 2010 ގައި މީހަކު ދޫކޮށްލާފައިނުވާނެކަމަށާއި، އެކަމަކު 22 ޖެނުއަރީ 2010 ގައި ޙުސައިން ނަދީމް، މޫސާ ފަތުޙީ ދޫކޮށްލިކަމަށާއި، އަދި ދޫކުރިކަން ލިޔެކިއުމުން އެނގެން ހުންނާނެކަމަށާއި، ޝިފްޓުގެ އިސް މީހުން ތިބޭކަމަށާއި، އެއީ އަޙުމަދު ރިޒާ އާއި ޙަސަން ޢަލީ އާއި އަދި އަޙުމަދު ވާޞިފްކަމަށާއި، މޫސާ ފަތުޙީ ދޫކޮށްލުމަށް އެންގީ ވަކި ކާކުކަމެއް ނޭނގޭކަމަށާއި، އެ ދުވަސްވަރު ޙުސައިން ނަދީމް އުޅުނީ މެޑިކަލްގައިކަމަށާއި، މެޑިކަލް ކަމަކީ ކާންދީ ނިންމުމަށްފަހު ބޭސްބެހުން ކަމަށާއި، އޭގެ ކުރިން އިން ޗާރޖް ބުނާ ހުރިހާ ކަމެއް ކުރަންޖެހޭނެކަމަށާއި، މޫސާ ފަތުޙީ ދޫކުރިއިރު އެ ގަޑީގައި ގޭޓްހައުސްގައި ހުރީ ޙުސައިން ނަދީމްކަމަށާއި، ދޫކުރުމަށްފަހު ފޮތުގައި ސޮއިކުރީ ޙުސައިން ނަދީމްކަމަށާއި، އެކަމަކު އެއީ 22 ވަނަ ދުވަހުކަމަށާއި، ގޭޓްހައުސް އޮކަރަންސް ފޮތުގައި21 ޖަހާފައި ފަހުން 22 އަށް ޙުސައިން ނަދީމް ބަދަލުނުކުރާކަމަށާއި، ޙުސައިން ނަދީމްއަށްވެސް ޖަލުން މީހުން ދޫކުރާ ޢާންމު އުޞޫލު ނޭނގޭކަމަށާއި، ގޭޓްހައުސްގައި ހުރެ ޤައިދީ ދޫކޮށްލިއިރު އޭނާ ދޫކޮށްލުމަށް ވަކި މީހަކު ބުނިކަމެއް ނޭނގޭ ކަމަށާއި، ޤައިދީ ގޮވައިގެން މީހަކު ގޭޓް ކައިރިއަށް އާދޭތޯ ސުވާލުކުރުމުން މީހަކު ދޫކޮށްލާނީ ޗިޓެއް އައުމުންކަމަށާއި، އަދި ޗިޓު ގޭޓުގައި އޮންނާނެތޯ ސުވާލު ކުރުމުން އެކަމެއްވެސް ނޭނގޭކަމަށް ޙުސައިން ނަދީމް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، ޙުސައިން ނަދީމް ޑިޕާޓްމަންޓަށް ދިން ބަޔާނުގައި އަޙުމަދު ވާޞިފް ބަންދުން ދޫކޮށްލާ މީހަކު ޙުސައިން ނަދީމްއާ ހަމައަށް ނުގެންނަކަމަށް ބުނެފައިވާއިރު، ދޫކޮށްލާ މީހާ ގޮވައިގެން މުވައްޒަފަކު އަންނާނެކަމަށާއި އެއީ ކާކުކަމެއް ނޭނގޭކަމަށާއި، ޙުސައިން ނަދީމް ހުރީ އެތެރޭގައި ކަމަށާއި އަދި އެތަނުން ބޭރު ނުފެންނާނެކަމަށާއި، މީހަކު ދޫކޮށްލުމުގެ ކުރިން ޗިޓެއް ނުބަލާކަމަށާއި، އެކަންތައް ކުރަނީ މަތީ އިން ޗާޖުންކަމަށާއި، މޫސާ ފަތުޙީ ދޫކޮށްލިއިރު ގޭޓުގައި ޙުސައިން ނަދީމްވެސް ހުރިކަމަށާއި، އަދި އެހެންމީހުންވެސް ތިބި ކަމަށާއި އެކަމަކު ތިބީ ކޮން ބައެއްކަން ނޭނގޭކަމަށް ޙުސައިން ނަދީމް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،

މޫސާ އާޒިމް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 16 އޮގަސްޓް 2010 ގައި ދީފައިވާ ބަޔާނަށް ބެލިއިރު، ޖަލުން މީހަކު ދޫކޮށްލުމަށް ކަނޑައެޅިފައި އޮންނަ އުސޫލަކީ އެންމެ ފުރަތަމަ ހެޑް އޮފީހުން މީހަކު ދޫކޮށްލުމަށްޓަކައި ޗިޓެއް ތައްޔާރުކުރުން ކަމަށާއި، އަދި ބަންދު ދުވަހަކަށް ވާނަމަ، އެކަން ކުރާނީ ޖަލުގެ ޑީ.އޯކަމަށާއި، އެހެންނޫންނަމަ ހެޑް އޮފީހުން އޮފިސަރަކު ދާނެކަމަށާއި، އަދި އޭނާ ދިޔުމުން، ބަޔާނެއްގައި ސޮއިކުރުވާފައި ޤައިދީ ދޫކޮށްލަނީ ކަމަށާއި، އެ ޙާލަތުގައި ހެޑް އޮފީހުން އަންނަ އޮފިސަރާއި ޑީ.އޯއާ ގުޅިގެން އެކަން ކުރިއަށް ގެންދެވޭނެކަމަށާއި، އަދި މިއީ ޖަލުތަކުގައި ޢާންމުކޮށް ޢަމަލުކުރާ ގޮތްކަމަށާއި، އަދި ގޭޓް އޮކަރަންސް ފޮތުގައި ޖަލަށް މީހަކު ވަނަސް، މީހަކު އަޔަސް ނުވަތަ މީހަކު ދޫކުރިޔަސް މި ހުރިހާ ވާހަކަތަކެއް ލިޔެވޭނެކަމަށާއި، ސެލްއިން ޤައިދީ ނެރެން އަންގާނީ ޑީ.އޯކަމަށާއި، ތަކެތި ޙަވާލުކުރަން އަންގާނީ ޑީ.އޯކަމަށާއި އަދި ގޭޓުން މީހަކު ދޫކޮށްލަން އަންގާނީވެސް ޑީ.އޯކަމަށާއި، އަދި މި ހާދިސާ 21 ވަނަ ދުވަހު ހިނގިކަން މޫސާ އާޒިމްއަށް އެނގުނީވެސް އެދުވަހު އަޙުމަދު ވާޞިފް މޫސާ އާޒިމްއަށް ގުޅައި އެ ވާހަކަ ދެއްކުމުންކަމަށް މޫސާ އާޒިމް ބުނެފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލަ ބެލި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 151/VTR/2010 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި، މި މައްސަލައާ ގުޅޭ އިތުރު ލިޔެކިއުންތައް ހުށަހެޅުނުކަން އެނގެން އޮންނަކަމާއި، އެގޮތުން، "ޖަލު ޔުނިޓްތަކުގެ އޮކިޔުރަންސް ފޮތް" ގައި 21 ޖެނުއަރީ 2010 ގެ 13:15 ގައި މޫސާ ފަތުޙީ ތަންފީޒު ކުރަމުން ދިޔަ ޙުކުމުގެ މުއްދަތު ހަމަވެގެން ދޫކޮށްލުމަށްޓަކައި 10 ނަންބަރު ގޮޅިން ނެރެވުނުކަމަށް ޝިރާޒް ( ޝިރާޒް ޙަބީބް) ފޮތުގައި ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި، އަދި "ގޭޓްހައުސް އޮކިޔުރަންސް ފޮތް" ގައި މޫސާ ފަތުޙީ ޖަލުން ނެރުނުކަން އެނގެން އޮންނަކަމާއި، އަދި ޖަލުން ނެރުނު ސަބަބަކީ މިނިވަންވެގެންކަމަށް އެ ފޮތުގައި ލިޔެވިފައިވާކަން އެނގެން އޮންނަކަމާއި، މޫސާ ފަތުޙީ ޖަލުން ނެރުނު ތާރީޚު ޖަހާ ބައިގައި "22-01-10" ކަން ނުވަތަ "21-01-10" ކަން ތާރީޚަށް ބަދަލު ގެނެވިފައި އޮތުމުގެ ސަބަބުން ސާފު ނުވާކަން ފާހަގަކުރެވޭކަމާއި، އަދި މިނިވަންވި ވަގުތުކަމަށް އޮތީ 13:35 ކަން ބަޔާންކުރެވިފައިވާކަމާއި،

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ "ޖަލުން މީހަކު ދޫކޮށްލުމުގައި ޢަމަލުކުރާ ގޮތް" މި ލިޔުމުގައި ޖަލުގައި ހުރި މީހެއްގެ ޙުކުމް ހަމަވާނަމަ ހެޑް އޮފީހުން މީހާ ދޫކޮށްލާއިރު ދޫކުރަން ހަމަޖެހިފައިވާ ދުވަހު ސޮއިކުރުވާ ލިޔުމާއި ޖަލުން މީހާ ނެރުމަށް ހުއްދަދޭ ލިޔުން ތައްޔާރުކުރުމަށްފަހު ހެޑް އޮފީހުގެ އޮފިސަރުން އެ ލިޔުން ގެންގޮސް އެދުވަހަކު ދޫކުރަން ހަމަޖެހިފައިވާ މީހާ ދޫކުރަމުން ގެންދާނެކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި މާލެއިން ބޭރުގައި ހުރި ޖަލަކުންވެސް މުއްދަތު ހަމަވެގެން މީހަކު ދޫކުރާނަމަ އެމީހަކު ގެންދާނީ މާލެ ޖަލަށް ކަމާއި، މީހަކު ދޫކުރާނީވެސް ޑިޕާޓްމަންޓްގެ އޮފިސަރުން މާލޭ ޖަލަށް ގޮސް އިޤުރާރު ފޯމުގައި ސޮއިކުރުވުމަށްފަހުގައި ކަމަށް އެ ލިޔުމުގައި ބަޔާންކުރެވިފައިވާކަމާއި، ބަންދުން ދޫކުރަންޖެހޭ މީހާ ދޫކުރަންޖެހޭނީ ބަންދު ދުވަހެއްގައި ކަމަށް ވަނީނަމަ، ބަންދު ދުވަހުގެ ކުރިން އޮފީސް ހުޅުވިފައި ހުންނަ ދުވަހު ދޫކުރެވޭ މީހާއާ ބެހޭ ހުރިހާ ލިޔުމެއް މާލޭ ޖަލަށް ފޮނުވޭނެކަމަށާއި އަދި ބަންދު ދުވަހެއްގައި ދޫކުރާ މީހާ ދޫކުރާނީ މާލޭ ޖަލުގެ އޮފިސަރުންކަމަށް އެ ލިޔުމުގައި ބަޔާންކުރެވިފައި އޮތުމުގެ އިތުރުން، ޖަލުން އެއްވެސް މީހަކު ނެރެވޭނީ އޮފީސް ހިންގުމާ ޙަވާލުވެ ހުންނަ މީހެއްގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހުގައިކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ، އަޙުމަދު ވާޞިފް ވަޒީފާއިން ވަކި ކުރި ޗިޓުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަން އެނގެން އޮންނަކަމާއި، ބުނެވުނު މާއްދާގެ ދަށުން ވަޒީފާ އަދާކުރާ ފަރާތެއް ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެކަން އެނގޭކަމާއި، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާ އަދާކުރާ ފަރާތެއް ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،

އެ މާއްދާގެ (ހ) ގައި ބަޔާންކުރާ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި، ނުވަތަ ވަޒީފާ އަދާކުރާ ފަރާތުން ޚިޔާނާތްތެރިވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) ގައި ބަޔާންކުރެވިފައިވާކަމާއި،

7 އޮގަސްޓް 2008 ގައި ތަސްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރެވިފައިވާކަމާއި، އެ ބާބުގައި ހިމެނޭ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އެއީ އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދެވިފައިވާ ކަންތައްތައްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާއިރު، އެ ބާބުގައި ހިމެނޭ 37 ވަނަ މާއްދާގައި މަސައްކަތްކުރުމުގެ ޙައްޤު އެއީ އަސާސީ ޙައްޤެއްކަމަށް ބަޔާންކުރެވިފައިވާކަމާއި، އެ ބާބުގައި ހިމެނޭ ޙައްޤުތަކާއި މިނިވަންކަން ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މާނަކުރުމުގައްޔާއި، ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި، މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަމާއި،

ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުން މަނާކުރާކަން ފާހަގަކުރެވޭކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމަކީ ޢަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި ކުރެވޭކަމެއްކަން ކަށަވަރުކުރުމަކީ އިނގިރޭސި ވިލާތް، އޮސްޓްރޭލިއާ، ނިއުޒިލަންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖަތަމަޢުތަކުގައިވެސް ޢަމަލުކުރަމުން އަންނަ އުޞޫލެއްކަމާއި، އަދި ވަޒީފާއާބެހޭ ޢާންމު ކަންކަން ތަންޒީމުކުރަމުން އަންނަ އެކުވެރި ދައުލަތްތަކުގެ ގެ އޭޖެންސީއެއް ކަމުގައިވާ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158( އާއި ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައިވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އާއި އިޖުރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމްކުރެވިފައި އޮންނަންވާނެ ކަމަށް ކަނޑައެޅި ބަޔާންކުރެވިފައިވާ ކަމާއި، އަދި ބުނެވުނު ކޮންވެންޝަން އާއި ރިކޮމެންޑޭޝަންގައި ހިމެނިފައިވަނީ ފިންލެންޑް، ފްރާންސް، ލަކްސްއެމްބާރގް، ޕޯޗުގަލް، ސްޕެއިން، އަދި ސްވީޑަން ފަދަ ތަރައްޤީވެފައިވާ ދީމިޤްރާޠީ މުޖްތަމަޢުތަކުގައިވެސް ބަލައިގަނެ ޢަމަލުކުރަމުން އަންނަ އުޞޫލުތަކެއްކަން ފާހަގަކުރެވޭކަމާއި،

އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ ކަނޑައެޅުމަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވޭތޯ ކަނޑައަޅަންވާނެކަމާއި،

މައުޟޫޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކުރުމަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކުރެވި ވަޒީފާއިން ވަކިކުރުންކަމާއި، އިޖުރާޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖުރާޢާތަކީ ޢަދުލުވެރި އިޖުރާޢާތަކަށް ވުންކަމާއި، އެގޮތުން، މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު އެ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ފޯރުކޮށްދިނުމަށްފަހު، ތުހުމަތުކުރެވުނު ކަމާ ގުޅިގެން ދިފާޢުވުމަށް ވަޒީފާދޭ ފަރާތުން ފުރުޞަތު ދޭންވާނެކަމާއި، އަދި އެގޮތަށް ވަކިކުރެވޭ ކުރުމަކީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވި ނިންމި ނިންމުމެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ އުޞޫލަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ، ހުށަހެޅިފައި މިވާ މައްސަލާގައި ހިމެނޭ ލިޔެކިއުންތަކަށާއި އެކި ފަރާތްތަކުގެ ބަޔާންތަކަށް ރިޢާޔަތް ކުރާއިރު، މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަކީ، މޫސާ ފަތުޙީ މިނިވަންކުރެވިފައިވަނީ 21 ޖެނުއަރީ 2010 ގައި ކަމާއި، ޔުނިޓުން ނުވަތަ ގޮޅިން ނެރުނު ވަގުތަކީ 13:15 ކަމުގައިވާއިރު، ގޭޓް ހައުސްއިން ނެރުނީ ހަމަ އެ ދުވަހުގެ 13:35 ގައި ކަމާއި، އަދި ޖެނުއަރީ 21 ވީ ބުރާސްފަތި ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއް ނޫންކަން އެނގެން އޮންނަކަމާއި،

ޖަލުގެ ޗީފް ސުޕްރިންޓެންޑެންޓް ނެތް ކޮންމެ ޙާލަތެއްގައި މުޅި ޖަލު އޯވަރޯލްކޮށް ކޮންޓްރޯލް ކުރަން ހުންނަނީ ޑިޔުޓީ އިން ޗާރޖް އޮފިސަރކަމަށް މުޙައްމަދު ޠަލާލް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާއިރު، ޖަލުން މީހަކު ދޫކުރުމުގައި ޢަމަލުކުރާ ގޮތާބެހޭ ގޮތުން މޫސާ އާޒިމްވެސް އަދި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ "ޖަލުން މީހަކު ދޫކޮށްލުމުގައި ޢަމަލުކުރާގޮތް" ބަޔާންކުރާ ލިޔުމުގައިވެސް، ބަންދު ނޫން ދުވަހެއްގައި ޖަލުން މީހަކު ދޫކޮށްލެވޭނީ ޑިޕާޓްމަންޓުގެ ނުވަތަ ހެޑް އޮފީހުގެ މުވައްޒަފަކު ޖަލަށް ގޮސްގެންކަން އެނގެން އޮންނަކަމާއި، ބަންދު ދުވަހެއްގައި ދޫކުރާ މީހާ ދޫކުރާނީ މާލޭ ޖަލުގެ އޮފިސަރުންކަމާއި އަދި ޖަލުން އެއްވެސް މީހަކު ނެރެވޭނީ އޮފީސް ހިންގުމާ ޙަވާލުވެ ހުންނަ މީހެއްގެ ހުއްދަ ލިޔުމަކުން ލިބިގެންކަން އެނގެން އޮންނަކަމާއި، ހާދީސާ ހިނގާދިޔައީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ރަސްމީ ގަޑީގައި ކަމުގައިވާއިރު، 21 ވީ ބުރާސްފަތި ދުވަހު ޖަލު ބެލެހެއްޓުމުގެ ކަންތައް އަޙުމަދު ވާޞިފްއާ ޙަވާލުކުރެވުނުކަން އެނގޭ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާކަން ފާހަގަކުރެވޭކަމާއި،

މީގެ އިތުރުން، މޫސާ ފަތުޙީ އެއް ދުވަސްކުރިން މިނިވަން ކުރުމުގައި ޢަމަލީ ގޮތުން އަޙުމަދު ވާޞިފް ބައިވެރިވި މިންވަރަށް ރިޢާޔަތްކުރާއިރު، ލިޔެކިއުންތަކުން ދައްކާ ގޮތުގައި ޖަލު ޔުނިޓްތަކުގެ އޮކަރަންސް ފޮތުގައި 21 ޖެނުއަރީ 2010 ގެ 13:15 ގައި މޫސާ ފަތުޙީގެ ތަންފީޒު ކުރަމުން ދިޔަ ޙުކުމުގެ މުއްދަތު ހަމަވެގެން އޭނާ ޖަލުގެ 10 ނަންބަރު ގޮޅިން ނެރުނުކަމަށް ސޮއިކޮށްފައިވަނީ ޝިރާޒް ޙަބީބް ކަމުގައި ވާއިރު، ޝިރާޒް ޙަބީބްގެ އެއްވެސް ބަޔާނެއް ނަގާފައިނުވާކަން ފާހަގަކުރެވޭކަމާއި،

މޫސާ ފަތުޙީ ދޫކޮށްލިއިރު ގޭޓްހައުސްގައި ހުރި ޙުސައިން ނަދީމްގެ ބަޔާންތަކުން، އޭނާއަށް އެކަން ކުރަން އަޙުމަދު ވާޞިފް ނާންގާކަމަށް ބުނެފައިވާކަމާއި، ޤައިދީއަކު ޖަލުން ބޭރަށް ނެރުނުއިރު، މީހުން ޖަލުން މިނިވަންކުރުމުގައި ޢަމަލުކުރާ އުޞޫލު ނޭނގޭކަމަށާއި އަދި މޫސާ ފަތުޙީ މިނިވަންކުރީ ކާކު ބުނެގެންކަންވެސް ނޭނގޭކަމަށް ޙުސައިން ނަދީމް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،

އަޙުމަދު ވާޞިފް ޢަމަލީގޮތުން މިކަމުގައި އުޅުނު މިންވަރު ދަލީލުކޮށްދޭ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާއިރު، އޭނާއަށް އޮޅުމަކުން އެކަން ކުރެވުނީކަމަށް އޭނާ ބުނިކަމަށް ބުނެ އެހެނިހެން ފަރާތްތަކުން ބަޔާން ދީފައިވާކަމާއި، އެހެންނަމަވެސް، މާލޭ ޖަލުން އޮޅުމަކުން އެއް ދުވަސް ކުރިން މީހަކު ދޫކުރެވިފައިވާކަމަށް އަޙުމަދު ވާޞިފް ތަނުގެ ބައެއް އެހެން މުވައްޒަފުން ކައިރީގައި ބުނިކަމުގައިވީ ނަމަވެސް، ޖަލުން މީހަކު ދޫކުރުމުގެ އެކި މަރުޙަލާތަކުގައި ބައިވެރިވާ އެކި މުވައްޒަފުން ތިބިއިރު، އޭގެން މުވައްޒަފެއްގެ ބަޔާނުންވެސް މޫސާ ފަތުޙީ މިނިވަންކުރުމަށް އަޙުމަދު ވާޞިފް އެމީހުންނަށް ކަނޑައެޅިގެން އަންގާފައިވާކަން އެނގެން ނެތްކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި މި ދެކެވެނީ މާލޭ ޖަލުގެ ވާހަކަ ކަމުގައިވާއިރު، އެ ޖަލުގައި މީހަކު ދޫކޮށްލުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ސާފުކޮށް ކިޔައިދެވުނު، ތަނުގެ އިސްކޮށް ހަރަކާތްތެރިވި މުޙައްމަދު ޠަލާލް ހިމެނޭގޮތަށް، އެއްވެސް މުވައްޒަފަކު ނެތްކަން ފާހަގަކުރެވޭކަމާއި، މީހުން ދޫކުރަން އެންގުމުގެ ބާރު އޮންނަނީ ކޮންކޮން މުވައްޒަފުންނަށް ކަމެއް ތަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ސާފުކޮށް ބުނެދެވިފައި ނުވާއިރު، މޫސާ ފަޠުހީ ޖަލުން މިނިވަންކުރުމުގައި އެކި މަރުޙަލާތަކުގައި ބައިވެރިވި، ލިޔެކިއުންތަކުން އެނގެން ހުރި، އެއްވެސް މުވައްޒަފެއްގެ މައްޗަށް ފިޔަވަޅު އަޅާފައިނުވާކަން އެނގޭކަމާއި،

ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 9 ވަނަ މާއްދާގައި ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން މައްސަލަ ތަޙްޤީޤު ކުރެވި އަޙުމަދު ވާޞިފްގެ މައްޗަށް ފިޔަވަޅު އެޅުމުން، އެފަދަ ކަމެއް ސާބިތުވާވަރުގެ ކަމެއް ޝަރީޢަތަށް ހުށަހަޅާފައިނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރުމަކީ، ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ ބާރު ހަނިކުރުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނިނަމަވެސް،

ވަޒީފާއާބެހޭ ޤާނޫނަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައްޗަށް ހިނގާ ޤާނޫނެއް ކަމުގައިވާއިރު، އެ ޤާނޫނާ ޙަވާލާދީ، އެ ޤާނޫނުގެ ދަށުން ނިންމާ ނިންމުންތަކަކީ ތަޢުނުކުރުމުގެ އިތުރު ފުރުޞަތެއްނެތި، ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދެވޭ މުޠުލަޤު ބާރެއް ނޫންކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށާއި، މުޅި ޤާނޫނުގެ ރޫޙަށް ބެލުމުން އެނގެން އޮންނަކަމާއި،

އެހެންކަމުން، މޫސާ ފަތުޙީ އެއް ދުވަސްކުރިން ޖަލުން މިނިވަންވެފައިވަނީ އަޙުމަދު ވާޞިފްގެ ބެލުމުގެ ދަށުން ނުވަތަ އަޙުމަދު ވާޞިފްގެ އިހުމާލުންކަމަށް ކަނޑައަޅައި، އަޙުމަދު ވާޞިފް ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި އެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވެގެންކަމަށް ނިންމި ނިންމުމުގައި، އަޙުމަދު ވާޞިފް ގަވާއިދާ ނުވަތަ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ކޮށްފައިވާ ޢަމަލަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނެތުމުގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ފަދަ އެހެން ޢަމަލެއްވެސް އަޙުމަދު ވާޞިފް ކުރިކަމަށް ސާބިތުކޮށްދެވިފައި ނެތުމުން، އަޙުމަދު ވާޞިފް ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރެވިގެން ނޫންކަން އެނގެން އޮންނަކަމެވެ.

ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ހަރުދަނާ ޤާނޫނީ ހުއްޖަތެއް އިސްތިއުނާފުކުރާ ފަރާތަށް ހުށަހެޅިފައިވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހި ސިވިލް ސަރވިސް ކޮމިޝަން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް)ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު އަޒްމިރާލްދާ ޒާހިރު ޙުސްނުއް ސުޢޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ