ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވ. މުޙައްމަދު އަޒްލީން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 107/VTR/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މުވައްޒަފު ވަޒީފާއިން ވަކިކުރި ލިޔުމުގައި ވަކިކުރި ސަބަބަކަށް ހަމައެކަނި ކުންފުނީގެ ގަވާއިދުގެ މާއްދާއެއް ބަޔާންކޮށްފައިވުމުން، ވަކިކުރި ސަބަބު މުވައްޒަފަށް އަންގާފައިނުވާތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުން ރަނގަޅުތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުޓްރައިބިއުނަލްގެ ނިންމުން ބާޠިލު (ގެއްލުމުގެ ބަދަލު ދިނުމަށް ކުރި އަމުރު ވެސް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޢަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކޮށް ކުރާ ކަމަކަށް ވާންޖެހޭނެއެވެ؛ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ދެކަންވެސް ޤާއިމުވާންޖެހޭނެއެވެ. މައުޟޫޢީ ޢަދުލުވެރިކަމަކީ ވަކިކުރި ސަބަބު އެކަށީގެންވާ ޢަދުލުވެރި ސަބަބަކަށް ވުމެވެ؛ އިޖުރާއީ ޢަދުލުވެރިކަމަކީ ވަކިކުރުމުގެ ކުރިން ފުރިހަމަކުރި އިޖުރާއަތު ޢަދުލުވެރި އިޖުރާއަތަކަށް ވުމެވެ.
HN2 އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވިކަމަށް ޢާންމު ޙާލަތްތަކުގައި ބެލެވޭނީ، ތުހުމަތުގެ މަޢުލޫމާތު މުވައްޒަފަށް ދިނުމަށްފަހު، ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްފަހު، އިދާރީ ތަޙްޤީޤަކަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ޝަރުޠުތައް ފުރިހަމަވާކަމަށް ފެނިގެން ވަކިކޮށް، ވަކިކުރި ސަބަބުތަކާއެކު އެކަން މުވައްޒަފަށް އަންގާފައިވާނަމައެވެ.
HN3 ވަކިކުރެވޭ ސަބަބު މުވައްޒަފަށް އެނގިފައިވުން ނުވަތަ އޭރަކު ދެވެން ހުރި މިންވަރަކުން އެ މަޢުލޫމާތު ދެވިފައިވުމަކީ އިޖުރާއީ ޢަދުލުވެރިކަމުގެ އަސާސީ ޝަރުޠެކެވެ؛ އެކަން ބެލެންވާނީ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، ކޮންމެ މައްސަލައެއްގެ ޙަޤީޤަތްތައް ވަކިން ވަޒަންކޮށްގެންނެވެ.
HN4 މުވައްޒަފުގެ މައްޗަށް ކުރެވުނު ތުހުމަތުތައް ތަޙްޤީޤު ރިޕޯޓުން އެނގެން އޮވެ، އެ ތުހުމަތުތަކާ ގުޅިގެން މުވައްޒަފާ ސުވާލުކޮށް ބަޔާން ނަގާފައިވާނަމަ، ވަކިކުރި ލިޔުމުގައި ހަމައެކަނި ގަވާއިދުގެ މާއްދާއަކަށް ހަވާލާދީފައިވުމަކީ ވަކިކުރި ސަބަބު މުވައްޒަފަށް ނޭނގޭކަމަށް ބެލެވޭނެ ސަބަބެއް ނޫނެވެ.
HN5 އެހެންކަމުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ދިނުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ބާޠިލެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ސަލީމް، ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
ތަޢާރަފު
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2019 މައްސަލަ އެ ޓްރައިބިއުނަލުން ބަލައި ނިންމި ނިންމުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި، ފެނަކަ ކޯޕަރޭޝަން ލިމިޑެޓް (މީގެ ފަހުން " ފެނަކަ ކޯޕަރޭޝަން" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2021/HC-A/246 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައިގެ ނިޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ސ. ހުޅުދޫ/ ބުލްބުލާގެ، މުޙައްމަދު އަޒްލީން (މީގެ ފަހުން "މުޙައްމަދު އަޒްލީން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. ކަންހިނގާފައިވާ ގޮތުގެ ޚުލާޞާ:
3މުޙައްމަދު އަޒްލީންއަކީ 2014 ނޮވެންބަރު 30 އިން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ ސ. ހުޅުމީދޫ ބުރާންޗުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމު އަދާކުރަމުން ދިޔަ ފަރާތެކެވެ.
4އެ ކުންފުނިން ބަލަމުން ގެންދިޔަ މައްސަލައަކާ ގުޅިގެން 2019 ޖަނަވަރީ 24 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް މުޙައްމަދު އަޒްލީން ވަޒީފާއިން ސަސްޕެންޑްކުރިއެވެ. އަދި އެމައްސަލަ ބަލައި ނުނިމޭތީ އެ ސަސްޕެންޝަނުގެ މުއްދަތު 2019 ފެބްރުވަރީ 07 އިން ފެށިގެން 16 ދުވަހުގެ މުއްދަތަށް އިތުރު ކުރިކަން އެކުންފުނިން މުޙައްމަދު އަޒްލީނަށް އެންގިއެވެ. އެ ސަސްޕެންޝަނުގެ މުއްދަތު 2019 ފެބްރުވަރީ 22 ވަނަ ދުވަހު ހަމަވުމުން 2019 ފެބްރުވަރީ 24 އިން ފެށިގެން އަލުން އޮފީހަށް ނުކުތުމަށް 2019 ފެބްރުވަރީ 24 ގައި މުޙައްމަދު އަޒްލީނަށް އެންގިއެވެ.
5ފެނަކަ ކޯޕަރޭޝަނުގައި މުޙައްމަދު އަޒްލީން އަދާކުރަމުންދިޔަ ވަޒީފާއިން 2019 ފެބްރުވަރީ 28 ގައި އޭނާ ވަކިކޮށްފައިވެއެވެ. ވަޒީފާއިން ވަކިކުރި ސަބަބު ކަމަށް ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވަނީ؛ "ފެނަކަ ކޯޕަރޭޝަން ލިމިޑެޓުގެ މުވައްޒަފުންގެ ގަވާއިދު 2015 ގެ 34.8 މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މި މުވައްޒަފު ކުންފުނީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ، މިކުންފުންޏަށް ގެއްލުން ލިބިދާނެ ކަމަށް ފެންނާތީ" ކަމަށް މިފަދައިންނެވެ.
6މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ މުޙައްމަދު އަޒްލީންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
7މުޙައްމަދު އަޒްލީންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ؛ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމާއި، ވަޒީފާ އިޢާދަކޮށްދިނުމަށާއި، އަދި ވަޒީފާއިން ކަނޑާލި ދުވަހުން ފެށިގެން އަލުން ވަޒީފާ އިޢާދަކޮށްދިނުމާ ހަމައަށް އެ މުއްދަތުގައި ލިބެންޖެހޭ މުސާރައާ ޢިނާޔަތްތައް ލިބިދިނުމަށާއި ގެއްލުމުގެ ބަދަލު ދިނުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
8މުޙައްމަދު އަޒްލީންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އެ ޓްރައިބިއުނަލުގެ ނަންބަރު 107/VTR/2019 މައްސަލައިން ބަލައި ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނީ؛ "....މުޙައްމަދު ޢަޒްލީން ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބުތަކެއް އޮވެގެންކަމަށް ބުނެ، އެކަން މައްސަލަ ރައްދުވި ފަރާތުން ސާބިތުކޮށްދީފައި ވާތީ، މުޙައްމަދު ޢަޒްލީން ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) ޤާއިމުކުރެވިފައިވާ ކަމަށް ކަނޑައަޅައި، އެހެންނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާތީ، މުޙައްމަދު ޢަޒްލީން ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުނުކޮށް ކަމަށް ކަނޑައަޅައި، އިސްވެބަޔާންކުރެވުނު ފަދައިން އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، މުޙައްމަދު ޢަޒްލީންއަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރެވުނުއިރު އަސާސީ މުސާރައިގެ ގޮތުގައި މަހަކަށް ލިބެމުންދިޔަ - 10,500/ ރ. (ދިހަ ހާސް ފަސްސަތޭކަ ރުފިޔާ) ގެ ނިސްބަތުން 3 (ތިނެއް) މަސްދުވަހުގެ އަސާސީ މުސާރަ އަށްވާ -31,500ރ. (ތިރީސް އެއްހާސް ފަސްސަތޭކަ ރުފިޔާ) ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މުޙައްމަދު ޢަޒްލީންއަށް ދޭންޖެހޭ ކަމަށް ކަނޑައަޅައި، މިފައިސާ މިއަދު (18 މާރިޗު 2021) އިން ފެށިގެން ރަސްމީ ބަންދު ނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި މުޙައްމަދު ޢަޒްލީންއަށް އެކީ އެއްފަހަރާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ ރަސްމީ ބަންދު ނޫން 05 (ފަހެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް އަންގައި، އަމުރުކޮށް..." މިފަދައިންނެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް:
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2019 މައްސަލަ އިސްތިއުނާފުކުރުމަށް އެދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
9.1 ފުރަތަމަ ނުކުތާއަކީ؛ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2019 މައްސަލައިގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ޤަޞިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 05 ގެ (ބ) ގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
9.2 ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއް ނެތިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2019 މައްސަލައިގައި ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10ބަޔާންވެދިޔަ ދެ ނުކުތާ ފާހަގަކޮށް އިސްތިއުނާފުކުރާ ފަރާތުން މިކޯޓުގައި އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2019 މައްސަލައިގައި މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަ ކޮށްފައިނުވާކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، އިޖުރާއީ އަދުލުވެރިކަން ފުރިހަމަކޮށްފައިނުވާ ކަމަށް ނިންމިނިންމުން ބާޠިލްކޮށް ދިނުމަށާއި އަދި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަ ކޮށްފައިނުވާތީ ބަދަލުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާފައިވާ -31,500ރ. (ތިރީސް އެއްހާސް ފަސްސަތޭކަ ރުފިޔާ) އަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށެވެ. ދެފަރާތުން ހައިކޯޓުގައި ދެއްކި ވާހަކަތަކުގެ ޚުލާޞާ:
11އިސްތިއުނާފީ ނުކުތާތައް ތަފުޞީލުކޮށް ދެމުން އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގައި ޖުމްލަ ގޮތެއް ފާހަގަކޮށްފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 05 ގެ (ބ) ގައި ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން މުވައްޒަފެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަމާބެހޭ މަޢުލޫމާތު އެ މުވައްޒަފަކަށް ވަޒީފާދޭ ފަރާތަށް ފޯރުކޮށްދިނުމަށްފަހު، ތުހުމަތު ކުރެވުނު ކަމަކާ ގުޅިގެން ދިފާޢުވުމަށް ވަޒީފާދޭ ފަރާތުން ފުރުޞަތު ދޭންވާނެ ކަމަށާއި، އަދި އެ ގޮތަށް ވަކިކުރެވޭ ކުރުމަކީ، އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވި ނިންމި ނިންމުމެއްކަން ކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން، ވަޒީފާއާބެހޭ ގާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެޤަޝިއްޔާގައި ކަނޑައަޅުއްވާފައިވާ ކަމަށާއި، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފު ރައްދުވާ ފަރާތާ ގުޅޭ މައްސަލަ ތަޙުޤީޤުކޮށް ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިވާއިރު، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައި ނުވާކަމަށް ކަނޑައަޅާފައިވަނީ އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ނަންބަރު 2014/SC-A/08 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.
12އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހިންގުނު އިދާރީ ތަޙުޤީޤުގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމައި، އެ ފަރާތާއި ޙަވާލުކުރެވުނު ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމުގައި "މުވައްޒަފުންގެ ޤަވާޢިދު 2015 ގެ 34.8 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މުވައްޒަފު ކުންފުނީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ، ކުންފުންޏަށް ގެއްލުން ލިބިދާނެތީ ކަމަށް" މިފަދައިން ބަޔާންކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހިންގާފައިވާ ތަޙްޤީޤަށް ފެނި ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށް އިސްތިއުނާފު ރައްދުވާ ފަރާތަށް އެންގުމުގެ ގޮތުންކަން އެނގެން އޮންނައިރު، ވަޒީފާއިން ވަކިކުރެވުނު ސަބަބު މުވައްޒަފަށް އަންގާފައިވާ ކަމަށް ބުރަނުވެވޭ ކަމަށް ކަނޑައަޅައި މިމައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޝިއްޔާ ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
13އަދި މި މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 06 ވަނަ ނުކުތާގައި، ހެކިވެރިން ހެކިބަސް އަދާކުރި ގޮތާއި އަދި މުޙައްމަދު އަޒްލީން އަށް މި މައްސަލައާ ގުޅިގެން ކުރި ތުހުމަތުތައް އިއްވިފައިވާ ކަމާއި، މިކަންތައްތައް ބަޔާންކޮށް ހެކިވެރިންގެ ހާޝިރުގައި ތަޙްޤީޤަށް ޖަވާބުދާރީ ވެފައިވާކަން ވެސް ބަޔާންކޮށްފައިވާ ކަމަށާއި، ވަޒީފާއިން ވަކިކުރި ޗިޓުގައި ވަޒީފާއިން ވަކި ކުރެވުނު ސަބަބަކީ ފެނަކަ ކޯޕަރޭޝަންގެ ޤަވާޢިދުގައި ވަކި މާއްދާއަކަށް ޙަވާލާދީފައި ވުމަކުން އެފަރާތަށް އެފަރާތުގެ ވަޒީފާއިން ވަކި ކުރެވުނު ސަބަބު އަންގާފައި ނުވާކަމަށް ބެލެވޭނެ ހަމައެއް އޮތް ކަމަކަށް ނުފެންނަކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
14އިސްތިއުނާފު ރައްދުވާ މުޙައްމަދު އަޒްލީންގެ ފަރާތުން އިސްތިއުނާފުގެ ރައްދުގައި ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށް ކަމަށާއި އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ސަބަބަކީ ވެސް އެއީ ކަމަށާއި، އޭނާ ކުރި އެއްވެސް ކަމެއް އަދި އޭނާގެ މައްޗަކަށް ކިތާބީ ހެއްކެއް ވެސް ފެންނަން ނެތް ކަމަށާއި، މި މައްސަލަ ސާބިތު ކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހުށަހަޅާފައިވަނީ ބަޔަކު ދެއްކި ވާހަކައެއްގެ މައްޗަށް ރިޢާޔަތްކޮށްކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމުގައި ލިޔެފައިވަނީ ވަޒީފާއިން ވަކިކުރެވިފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށާއި އެ ބަލަމުންދާ މައްސަލައަކީ ކޮބައިކަމެއް މިހާތަނަށް ވެސް ނޭނގޭކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
15HN1މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމަކީ ޢަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި ކުރެވޭ ކަމަކަށް ވާންޖެހެއެވެ. އެގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވާންޖެހެއެވެ.
16މައުޟޫއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ނުވަތަ ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި ޢަދުލުވެރި ސަބަބެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމަކަށްވުމެވެ. އިޖުރާއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުމެވެ.7 7 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޝިއްޔާ
17އިސްތިއުނާފު ކުރެވިފައި މިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2019 މައްސަލައިގައި، ފެނަކަ ކޯޕަރޭޝަނުގައި މުޙައްމަދު އަޒްލީން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށް ކަނޑައަޅައި، އެހެންނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާތީ، މުޙައްމަދު އަޒްލީންއަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރެވުނުއިރު އަސާސީ މުސާރައިގެ ގޮތުގައި މަހަކަށް ލިބެމުންދިޔަ -10,500ރ. (ދިހަ ހާސް ފަސްސަތޭކަ ރުފިޔާ) ގެ ނިޞްބަތުން 3 (ތިނެއް) މަސްދުވަހުގެ އަސާސީ މުސާރަ ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވެއެވެ.
18މި އިސްތިއުނާފުގައި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ބަހުޘް އުފައްދާފައިވަނީ މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމާ މެދުގައެވެ.
19މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ބުނެ އިސްތިއުނާފުކުރާ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން، މި އިސްތިއުނާފުގައި ޙަވާލާދީފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ޤަޟިއްޔާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޟިއްޔާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ މައްޗަށެވެ.
20HN2އެގޮތުން، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ޤަޟިއްޔާތަކާއި އަދި އެނޫންވެސް މިބާވަތުގެ މައްސަލަތަކުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމާ ގުޅޭގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށާއި ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު އަންނަނިވި ކަންކަން އެފަދައިން ހުރިކަން އެޤަޟިއްޔާތަކުން އެނގެން އޮވެއެވެ.
20.1 އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުން ޢަދުލުވެރި ނިންމުމަކަށް ވާސިލުވުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ބެލުމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތުތައް ފުރިހަމަކުރުން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާގައި ބަޔާންކުރެއެވެ.
20.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ބަލާއިރު، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ބެލެވޭނީ އެންމެ ކުޑަމިނުން އަންނަނިވި ފަދައިން ޢަމަލުކޮށްފައިވާނަމަ ކަމަށް އެ ޤަޟިއްޔާގައ ފާހަގަކުރައްވާފައިވެއެވެ. އެއީ:
1. އެ މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު (އޭރަކު ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު) އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދިނުމަށްފަހު؛
2. އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އެމުވައްޒަފަކަށް ދިނުމަށްފަހު؛
3. އެމައްސަލައެއް އިދާރީގޮތުން ތަޙްޤީޤުކުރުމަށްފަހު؛
4. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިގެން، އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެ މުވައްޒަފަކަށް އަންގާފައިވާނަމައެވެ.
20.3 އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ޤަޝިއްޔާގައި ބަޔާންކޮށްފައިވަނީ، އިޖުރާއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުން ކަމަށާއި އެގޮތުން، މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމާބެހޭ މަޢުލޫމާތު އެމުވައްޒަފަކަށް ވަޒީފާދޭފަރާތުން ފޯރުކޮށްދިނުމަށްފަހު، ތުހުމަތުކުރެވުނު ކަންކަމާއި ގުޅިގެން ދިފާޢުވުމަށް ވަޒީފާދޭ ފަރާތުން ފުރުޞަތު ދޭންވާނެކަމަށެވެ.
20.4 މުވައްޒަފެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކާ ގުޅޭގޮތުން، އެންމެ ކުޑަމިނުން، އެ މުވައްޒަފުގެ މައްޗަށް ތުހުމަތެއްކޮށްފައިވާކަން އެ މުވައްޒަފަށް އެންގުމާއެކު، އެކަމާ ގުޅޭ ގޮތުން ތަހުޤީޤެއް ހިންގާކަން އެ މުވައްޒަފާއި މުޢާމަލާތުކުރުމާއިއެކު، އެ މުވައްޒަފާއި މެދު ކުރެވޭ ތުހުމަތާއި ގުޅޭ ގޮތުން އެ މުވައްޒަފާއި ސުވާލުކުރެވިފައި އޮންނަންވާނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/323 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ.
21އިސްވެ ބަޔާންކުރެވުނު އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، މިމައްސަލައިގައި މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމުގައި ފާހަގަކޮށްފައިވަނީ؛ "މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ވަޒަންކުރުމަށް މިމައްސަލައިގެ ވާޤިޢާތަކަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން މައްސަލަ އިދާރީ ގޮތުން ތަހުޤީޤުކޮށް މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިވީނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ ސަބަބެއްގެ ގޮތުގައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމީ ވަކި ޤާނޫނެއްގެ ނުވަތަ ގަވާއިދެއްގެ މާއްދާއެއްގެ ދަށުންކަމަށް ބަޔާންކޮށްފައި އޮތުމަކީ ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށްދިނުން ކަމުގައި ނުފެންނަކަމާއި، މި ގޮތަށް ބަޔާންކުރުމުގެ ބަދަލުގައި ވަޒީފާއިން ވަކިކުރެވުނު ސަބަބު ތަފުޞީލީ ގޮތެއްގައި މުވައްޒަފުންނަށް އަންގަންވާނެ ކަމަށް ބުރަވެވޭތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ސަބަބު އަންގާފައިވާ ކަމަށް ބުރަނުވެވޭތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށް ކަމަށް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ." މިފަދައިންނެވެ.
22އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައިގައި، މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރުމުގެ ކުރިން މައްސަލަ އިދާރީ ގޮތުން ތަހުޤީޤުކޮށްފައިވާ ކަމާއި އަދި މުޙައްމަދު އަޒްލީނަށް ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިވާކަން އެނގެން އޮތްނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ވަޒީފާއިން ވަކިކުރި ސަބަބު ތަފުޞީލީ ގޮތެއްގައި މުޙައްމަދު އަޒްލީނަށް އަންގާފައި ނުވާތީއެވެ. އެއީ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމުގައި ވަޒީފާއިން ވަކިކުރެވުނު ސަބަބު ބަޔާންކޮށްފައި ނުވާތީކަން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ވާސިލްވުމުގައި ބަޔާންކުރި ސަބަބުތަކަށް ބަލާއިރު އެނގެއެވެ.
23HN3މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭއިރު އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ ސަބަބު އެނގިފައި އޮތުން ނުވަތަ އެކަމުގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކުން މުވައްޒަފަކަށް ދެވިފައި އޮތުމަކީ މިބާވަތުގެ މައްސަލަތަކުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށް ބެލުމުގައި އަސާސީ ގޮތުން ފުރިހަމަ ވާންޖެހޭކަމެއްކަން ކުރިން ޙަވާލާ ދެވުނު ޤަޟިއްޔާތަކަށް ރިޢާޔަތްކުރާއިރު އެނގެއެވެ.
24ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/323 ޤަޟިއްޔާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމަށް ބެލުމުގައި، ވަޒީފާއިން ވަކިކުރި މުވައްޒަފަށް، ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކޮށްފައިވާ އިޖުރާއަތްތައް އެނގިފައިވާ ކަމަށް ބެލުމުގައި، ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުމުގައި، ކޮންމެ މައްސަލައެއްވެސް ވަކިން، އެ މައްސަލައިގެ ޙަޤީޤަތްތައް ވަޒަންކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
25HN4އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމަށް ބެލުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ އަލީގައި، މި މައްސަލައިގައި ވަޒީފާއިން ވަކިކުރި ސަބަބު މުޙައްމަދު އަޒްލީނަށް އެނގިފައިވޭތޯ ބަލާއިރު؛
25.1 މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރިކަން އަންގައި 28 ފެބްރުވަރީ 2019 ގައި ފެނަކަ ކޯޕަރޭޝަނުން ފޮނުވި އެކުންފުނީގެ ނަންބަރު FNK/A/TER/2019/97 "ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން" ގައި ވަޒީފާއިން ވަކިކުރި ސަބަބު ކަމުގައި ބަޔާންކޮށްފައިވަނީ؛ "ފެނަކަ ކޯޕަރޭޝަން ލިމިޑެޓުގެ މުވައްޒަފުންގެ ގަވާއިދު 2015 ގެ 34.8 މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މި މުވައްޒަފު ކުންފުނީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ، މިކުންފުންޏަށް ގެއްލުން ލިބިދާނެ ކަމަށް ފެންނާތީ" މިފަދައިންނެވެ.
25.2 ފެނަކަ ކޯޕަރޭޝަން ލިމިޑެޓުގެ މުވައްޒަފުންގެ ގަވާއިދު 2015 ގެ 34.8 މާއްދާގެ (ހ) ގެ (1) ގައި ބަޔާންކުރަނީ؛
34.8 ވަޒީފާއިން (ހ) ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ދާއިމީ ވަޒީފާގައި ހުރި މުވައްޒަފަކު ވަކިކުރެވޭނީ، އިޞްލާޙީ ފިޔަވަޅު އަޅައިގެން ރަނގަޅު ނުވެގެން ނުވަތަ އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކުން ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ކުންފުންޏަށް ނުފެންނަ ޙާލަތުގައެވެ. މިމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވާ ކަމަށް ބެލެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ. އަދި މި ޙާލަތްތަކުގައެވެ އަދި މި ޙާލަތްތައްކުގައި އިޞްލާޙީ ފިޔަވަޅެއް އެޅުމަކާނުލައި، އަދި އިންޒާރެއް ވެސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ލިބިގެންވެއެވެ.
1. ވަޒީފާގައި އިތުރަށް ބެހެއްޓުމުން ކުންފުންޏަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން.
25.3 މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބެއްގެ ގޮތުގައި އޭނާ ކުރި ޢަމަލު ކަމަށް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ފާހަގަކޮށްފައިވަނީ ؛ "ސ. ހުޅުމީދޫ ބައެއް ސަރަޙައްދުތަކަށް މީޓަރު މެދުވެރިނުކޮށް ކަރަންޓް ހިދުމަތް ގުޅާދިނުމާއި، އަދި ބައެއް ތަންތަނަށް ބިލްކުރުމަކާ ނުލައި ކަރަންޓްގެ ޚިދުމަތް ދިނުމާއި މައްސަލަ ހުށަހެޅި ފަރާތުގެ ޒިންމާގެ ދަށުގައިވާ ފެނަކައިގެ ކޭބަލްތަކެއް ސްޓޮކް ބަލަހައްޓާ ކުދިންނަށް ނޭނގި ގެންދިއުމާއި ކުންފުނީގެ ހެދިފައިވާ އުޞޫލުން ބޭރުން އެކިކަންކަމުގައި ބޭނުންކުރުމާއި ކުންފުނީގެ ވަޒީފާގައި ހުރެ އަމިއްލަ މަސްލަޙަތު ހިމެނޭ ވިޔަފާރި ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކަރަންޓް ދިނުމާއި ބެހޭގޮތުން ކުންފުނީގައި ހެދިފައިވާ އުޞޫލާއި ޚިލާފަށް ކަރަންޓް ހޯދުމަށް އެދުމާއި އަދި ކުންފުނިން ކުރިން ކަރަންޓް ދޫކުރި ބައެއް ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މީޓަރ ބޭނުން ކޮށްގެން އޮޅުވާލައިގެން އަދި މައްސަލަ ރައްދުވި ފަރާތަށް ކަރަންޓް މީޓަރުގެ އަސްލު އޮޅުވާލައި ކަރަންޓް ޚިދުމަތް ހޯދުމަށް މަސައްކަތްކުރުމާއި އަދި މިދެންނެވި މީޓަރަށް ކުރިން އަރާފައިވާ އައުޓްސްޓޭންޑިންގ ބިލްތައް ނުދައްކައި ބޭއްވުމަށް މައްސަލަ ހުށަހެޅި ފަރާތުން ފުރުޞަތު ދީފައިވަނީ ކުންފުނީގެ ގަވާއިދާ ޚިލާފަށް ކަމާއި އެކަން އެގޮތުގައި ކޮށްފައިވަނީ މައްސަލަ ހުށަހެޅި ފަރާތާއި މީޓަރުގެ ވެރިފަރާތާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމާއި އަދި، މައްސަލަ ހުށަހެޅި ފަރާތުގެ އަމިއްލަ މަސްލަހަތު އޮންނަ ގާތް ވަރާތްތަކުގެ ގެތަކުން ކަރަންޓް ކަނޑާނުލުމަށް ޓެކްނީޝަނުންނަށް އެންގުމާއި އަދި ވިޔަފާރި ބޭނުންތަކަށް ބޭނުންކުރަމުންދާ އިމާރާތްތަކަށް ބިޒްނަސް ކެޓަގަރީއިން ކަރަންޓް ދިނުމަށް ގަވާއިދު ލާޒިމް ކުރާއިރުވެސް މައްސަލަ ހުށަހެޅި ފަރާތުގެ ގާތް ގުޅުންއޮންނަ ފަރާތްތަކަށް ޑޮމެސްޓިކް ކެޓަގަރީގައި ކަރަންޓްގެ ޚިދުމަށް ދެމުންގެންދިއުމާއި ސިޔާސީ އެކި ބޭނުންތަކަށާއި އެކިއެކި އިވެންޓްތަކަށް ކުންފުނީގެ ކޭބަލްތައް ގެންގޮސް ވީނުވީއެއް ނޭނގި ގެއްލިފައިވާކަންފަދަ މައްސަލަތަކެއް ހުރިކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން" މިފަދައިންނެވެ.
25.4 މުޙައްމަދު އަޒްލީންގެ މައްޗަށް ކުރެވުނު އިސްވެ ފާހަގަކުރެވުނު ތުހުމަތުތަކާ ގުޅިގެން އިދާރީ ޤް ހިންގާފައިވާކަން ފެނަކަ ކޯޕަރޭޝަންގެ ނަންބަރު FNK-C(C1)/IR/2019/08 (06 ފެބުރުވަރީ (2019) "ތަހުޤީޤު ޚުލާޞާ ރިޕޯޓް" އިން އެނގެއެވެ.
25.5 ކުންފުނީގައި ހެދިފައިވާ އުޞޫލުތަކާއި ޚިލާފަށް މުޙައްމަދު އަޒްލީން އަމިއްލަ ނުފޫޒް ބޭނުންކޮށްގެން ސިޔާސީ ކަންކަމުގައި ހުޅުމީދޫ ބުރާންޗުގެ ތަކެތި ބޭނުންކުރުމަށް އަންގާ، އެ ތަކެތި ދޫކޮށްފައިވާކަން އެނގެން އޮންނަކަމަށް އެތަޙުޤީޤު ރިޕޯޓުގައި ފާހަގަކޮށް، އެތަޙުޤީޤަށް ފާހަގަކުރެވި ހޯދިފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް މުޙައްމަދު އަޒްލީން މަޤާމުގެ ހައިސިއްޔަތުން ކޮށްފައިވާ ޢަމަލުތަކަކީ ކުންފުންޏަށް އެ މުވައްޒަފު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ ގެއްލުން ލިބިދާނެ ފަރާތެއްކަމަށް ފާހަގަކޮށްފައިވެއެވެ.
25.6 ތަޙުޤީޤު ކުރިއަށް ދިޔައިރު އެތަޙުޤީޤަށް ޙާސިރުވުމަށް އެންގުމުން މުޙައްމަދު އަޒްލީނު ޙާޟިރުވެފައި ނުވާތީ މުޙައްމަދު އަޒްލީންގެ ބަޔާން ތަހުޤީޤު ޓީމަށް ނެގިފައި ނުވާކަމަށް ތަހުޤީޤުގެ ޚުލާޞާ ރިޕޯޓުގެ 1 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވެއެވެ.
25.7 ބުނެވިދިޔަ ތަޙުޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާރޓްމަންޓުން ކުރި ތަޙުޤީޤަށް މުޙައްމަދު އަޒްލީން ހާޟިރުކޮށް 12 ފެބްރުވަރީ 2019 ގައި އޭނާގެ ބަޔާން ނަގާފައިވެއެވެ. އެ ބަޔާނުގައި މުޙައްމަދު އަޒްލީން ހެކިވެރިންގެ ޙާސިރުގައި ސޮއިކޮށްފައިވެއެވެ. އެ ބަޔާނުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމާއި ގުޅިގެން އޭނާއާ ސުވާލުކޮށްފައިވާކަން އެ ބަޔާނުން އެނގެއެވެ.
25.8 އަދި މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޑެޓުގެ މުވައްޒަފުންގެ ގަވާއިދު 2015 ގެ 34.8 މާއްދާގެ (ހ) ގެ (1) ގައި ބަޔާންކުރާ ފަދައިން އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ކުންފުންޏަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް އިދާރީ ތަޙުޤީޤަށް ސާބިތުވެ މުޙައްމަދު އަޒްލީންގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމާ ގުޅިގެން އޭނާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްފަހުގައިކަން އެނގެއެވެ.
25.9 މުޙައްމަދު އަޒްލީން ބަޔާނެއް ދީފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކަންކަން ތަހުޤީޤުކޮށް އެކުލަވާލި ތަޙުޤީޤު ޚުލާސާ ރިޕޯޓުން ފާހަގަކުރެވިފައިވާ ކަންކަމާ ގުޅިގެންކަން އެބަޔާނުގައި ބަޔާންކޮށްފައި އޮތުމުން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމާއި އެ ތަޙުޤީޤުން ސާބިތުވިކަންކަމުގެ މަޢުލޫމާތު ތަހުޤީޤު ރިޕޯޓުން އެނގެން އޮންނާތީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމުގެ މަޢުލޫމާތު އޭނާއަށް އެނގިފައިވާކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
26އެހެންކަމުން، މުޙައްމަދު އަޒްލީންގެ މައްޗަށް ކުރެވުނު ތުހުމަތާއި އަދި އެތުހުމަތާއި ގުޅިގެން މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރި ސަބަބާއި އެކަމުގެ މަޢުލޫމާތު އޭނާއަށް އެނގިފައިވާތީ، މިޙާލަތުގައި މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި ލިޔުމުގައި، ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޑެޓުގެ މުވައްޒަފުންގެ ގަވާއިދު 2015 ގެ 34.8 މާއްދާގެ (ހ) ގެ (1) ގެ ދަށުން ކަމަށް އެކަނި ބަޔާންކޮށްފައި އޮތް އޮތުމަކީ، މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރި ސަބަބު އޭނާއަށް ނޭނގޭކަމަށް ބެލިދާނެފަދަ ސަބަބެއް ކަމަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. މައްސަލަ ނިންމަން ފެންނަގޮތް:
27HN5ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2019 މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް އަދި؛
280އެފަދައިން ކަނޑައެޅުމާއެކު މުޙައްމަދު އަޒްލީންއަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރެވުނުއިރު އަސާސީ މުސާރައިގެ ގޮތުގައި މަހަކަށް ލިބެމުންދިޔަ 10,500/-ރ. (ދިހަ ހާސް ފަސްސަތޭކަ ރުފިޔާ) ގެ ނިޞްބަތުން 3 (ތިނެއް) މަސްދުވަހުގެ އަސާސީ މުސާރަ އަށްވާ -31,500ރ. (ތިރީސް އެއްހާސް ފަސްސަތޭކަ ރުފިޔާ) ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން މުޙައްމަދު އަޒްލީނަށް ދިނުމަށް އަންގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2019 މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް މައްސަލަ ނިންމަން ފެނެއެވެ. އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު:
29މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ. އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:
31މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2019 މައްސަލައިގައި، މުޙައްމަދު އަޒްލީން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ނިންމާފައިވާ ނިންމުމާއި، އަދި އިޖުރާއީ ޢަދުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެ މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މިޤާޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ރަޖިސްޓަރީ ނަންބަރު: C-0462/2012
- އައިޑީ
- ފެނަކަ ކޯޕަރޭޝަންގެ ނަންބަރު FNK-A/MISC/2019/206 (23 ޖަނަވަރީ 2019 ) ސިޓީ
- ފެނަކަ ކޯޕަރޭޝަންގެ ނަންބަރު FNK-A/MISC/2019/387 ސިޓީ
- ފެނަކަ ކޯޕަރޭޝަންގެ ނަންބަރު FNK-A/MISC/2019/715 ސިޓީ
- ފެނަކަ ކޯޕަރޭޝަންގެ ނަންބަރު FNK-A/TER/2019/97 (28 ފެބްރުވަރީ 2019) ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޝިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ބ)
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 8.2
- އިޖުރާތަށް ވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/323 ޤަޝިއްޔާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމަށް ކަނޑައެޅުމުގައި ބެލުމުގައި ވަޒީފާއިން ވަކިކުރި ސަބަބު މުވައްޒަފަށް އެނގިފައިވާ ކަމަށް ބެލުމުގައި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށްފައިވޭ.
- އިސްތިއުނާފުކުރެވޭ މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "މައްސަލައިގެ ޖަވާބު ފޯމު".
- މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ) (ޓްރައިބިއުނަލުގެ ނިންމުމުގައި)
- ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދު 2015 ގެ 34.8 ވަނަ މާއްދާގެ (ހ) ގެ (1)
- ސުޕްރީމް ކޯޓުގެ 2014/SC-A/08
- ސުޕްރީމް ކޯޓުގެ 2017/SC-A/44
- ހައިކޯޓުގެ 2010/HC-A/208
- ހައިކޯޓުގެ 2010/HC-A/24
- ހައިކޯޓުގެ 2021/HC-A/323
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.