ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 44 · 2023/SC-A/39, 2023/SC-A/40

އަޙްމަދު ތައުފީޤު ވ. ޢުމަރު ޒާހިރު ޢަބްދުއްޞަމަދު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 ނޮވެމްބަރު 2026ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2021/HC-A/187، 2021/HC-A/193
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އޭގައިވާ ކަންކަން އެނގިފައި ނުވާކަމަށް ބުނުމަކީ ބަލައިގަނެވޭ ބުނުމެއް ނޫންކަމަށާއި، އޮޅުވާލުން ސާބިތުކުރުމަށް ހެކިން ހާޒިރުކުރުމުގެ ފުރުޞަތު ދިނުމުންވެސް ހާޒިރު ނުކުރާތީ، ފީގެ ފައިސާ ދައްކަން ޖެހޭކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުން ދެ ޙުކުމް ދަމަހައްޓައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ނުރަނގަޅު ނުފޫޒުގެ ނުކުތާއަކީ ދަށު ކޯޓުގައި ނުދައްކާ އަލަށް ހުށަހެޅި ނުކުތާއެއްކަމުން ބަލައިނުގަތެވެ.
ވާޤިޢާ
މުވައްކިލަކު ތިންވަނަ ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރުމަށް ޤާނޫނީ ވަކީލަކާއެކު ވަކި ފީއެއް ކަނޑައަޅައި ދެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މައްސަލަ ދޫކޮށްލި ނަމަވެސް ނުވަތަ މައްސަލަ ބާޠިލުކުރި ނަމަވެސް ކަނޑައެޅިފައިވާ އަގު ދިނުމަށް އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ވިއެވެ. މުވައްކިލު ހާޒިރުނުވުމުން އެއް މައްސަލަ ބާޠިލުވެ، އަނެއް މައްސަލަ މުވައްކިލު އެދިގެން ބާޠިލުކުރުމުން، ވަކީލު ފީ ހޯދުމަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދިފާޢީ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަން އެދުނު ހެއްކާއި ދަލީލުތަކާމެދު ހައިކޯޓުން ނިންމި ގޮތް ރަނގަޅުތޯއާއި، ވަކީލާއި މުވައްކިލާ ދެމެދު ވެފައިވާ ޤާނޫނީ މަސައްކަތުގެ އެއްބަސްވުންތައް ވެފައިވަނީ ނުރަނގަޅު ނުފޫޒު ފޯރުވައިގެން ނުވަތަ ޙަޤީޤަތް އޮޅުވާލައިގެންތޯ (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13، 15، 16، 19، 20 (ނ) އަދި 22 ވަނަ މާއްދާ). އަދި ސުޕްރީމް ކޯޓަށް އަލަށް ހުށަހެޅި ނުކުތާއަކީ ބަލައިގަނެވިދާނެ ނުކުތާއެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ހުށަހެޅި ހެކިތަކަށް ރިޢާޔަތް ނުކޮށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް މައްސަލަ ނިންމި ކަމަށާއި، ލިޔަންކިޔަން ނޭނގުމާއި ބަލި ޙާލަތުގެ ފައިދާ ނަގައި ނުރަނގަޅު ނުފޫޒާއި އޮޅުވާލުމުން އެއްބަސްވުން ހެދި ކަމަށާއި، އަސްލު އެއްބަސްވުމަށް ނިމުން އައުމުން އެއްބަސްވުމަކީ ތަންފީޛު ނުކުރެވޭނެ އެއްބަސްވުމެއް ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ހައިކޯޓުން ނިންމީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބަލައިގެން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހެކިން ހާޒިރުކުރުމުގެ ފުރުޞަތު ދަށު ކޯޓުން ދީފައިވާތީ ހެއްކަށް ރިޢާޔަތް ނުކުރިކަމެއް ނެތެވެ. ބަލި ޙާލަތު ނުވަތަ ލިޔަންކިޔަން ނޭނގުމުގެ ސަބަބުން ސޮއިކުރި ވަގުތު ޤާބިލިއްޔަތު ނެތްކަމާއި އޮޅުވާލުން ހުރިކަން ސާބިތުކުރުމުގެ ޒިންމާ އަދާކޮށްފައި ނުވާތީ އެއްބަސްވުން ޞައްޙައެވެ. ދަށު ކޯޓުގައި ނުދައްކާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ބަލައިނުގަނެވޭނެއެވެ. އަސްލު އެއްބަސްވުމަށް ނިމުން އައުމަކީ ވަކީލުގެ ފީ ނުލިބެން ޖެހޭ ސަބަބެއް ނޫނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލު، ހައިކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ޞައްޙަކަން ތަޤްދީރު ކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރުންގެ ތަޤްދީރީ ބާރުގެތެރޭގައި ވާކަމެއްކަމުގައި ވީނަމަވެސް، މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންނަށް ލިބިގެންވާ އެފަދަ ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ޙައްޤު، ހަމަހަމަ ކަމާއެކު ވަކިފަރާތަކަށް ބުރަވުމަކާ ނުލައި، ޝަރީޢަތުން ޚަޞްމުންނަށް ލިބިދޭން ވާނެއެވެ. ހާޒިރުކޮށްދިނުމަށް އެދުނު ހެކީން ހާޒިރުކުރުމުގެ ފުރުޞަތު ދަށު ކޯޓުން ފަހިކޮށްދީފައިވާ ޙާލަތެއްގައި، ހެއްކާ ޤަރީނާއަށް ރިޢާޔަތް ނުކުރާކަމަށް ބުނެ ހުށަހަޅާ ނުކުތާގައި ހައިކޯޓުން ނިންމާ ނިންމުމަކީ ޤާނޫނީ އުޞޫލަކާ ޚިލާފު ނިންމުމެއް ނޫނެވެ.

HN2 ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން އެއްބަސްވުމެއްގައި ބައިވެރިވުމަށް ތަޞައްރަފު ފުދިފައި ހުރި މީހަކު، އެއްބަސްވުމެއްގައި ބައިވެރިވެ ސޮއިކުރުމަށްފަހު، އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެހެން ފަރާތެއްގެ އޮޅުވާލުމާއި ނުފޫޒުން ކަމުގައި ބުނާނަމަ، އެކަން ސާބިތުކޮށްދިނުމުގެ ޒިންމާއަކީ އެފަދައިން ބުނާފަރާތުގެ މައްޗަށް އޮންނާނެ ޒިންމާ އެކެވެ. އަދި އެކަން ސާބިތުވާން ނެތް ޙާލަތުގައި އެއްބަސްވުމެއްގައި ސޮއިކުރުމުގެ ނަތީޖާއަކީ، އަމިއްލަ ރުހުމާއި އިޚްތިޔާރުގައި އެއްބަސްވުމުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުމަށް އެއްބަސްވެ އެ އެއްބަސްވުމުގައި ޤާނޫނީ ގޮތުން ބަނދެވުމެވެ.

HN3 ކޮންޓްރެކްޓް ޤާނޫނުގެ ދަށުން، އެއްބަސްވުމުގެ ބައިވެރިއެއްގެ ބަލި ޙާލަތަކަށް ރިޢާޔަތްކޮށް އެއްބަސްވުން ޞައްޙަނޫން ކަމަށް ކަނޑައެޅޭނީ އެ އެއްބަސްވުމުގައި ސޮއިކުރި ވަގުތު، އެ އެއްބަސްވުމުގެ އެއް ބައިވެރިއަކަށް އެ މުޢާމަލާތުގެ ޙަޤީޤަތާއި ނަތީޖާ ދެނެގަތުމުގެ ނަފްސާނީ ނުވަތަ ބުއްދީގެ ޤާބިލިއްޔަތުކަން ނެތްކަން ސާބިތުވާ ޙާލަތުގައެވެ. ބައްޔެއްގެ ސަބަބުން މިނިވަންކަމާ އެކު އެއްބަސްވުމެއްގައި ބައިވެރިވުމަށް ނުކުޅެދޭ މިންވަރަށް ބުއްދިއަށް އަސަރުކޮށްފައިވާ ކަން ކޯޓުގައި ސާބިތުކޮށް ނުދެވޭ ހާ ހިނދަކު، އެ އެއްބަސްވުމަކީ ޞައްޙަ އަދި ތަންފީޛު ކުރެވޭނެ އެއްބަސްވުމެކެވެ.

HN4 ބުއްދީގެ ޤާބިލިއްޔަތުކަން ނެތުމަކީ ހީއެއްގެ މައްޗަށް ބިނާކޮށް ނިންމޭނެ ކަމެއް ނޫނެވެ. އެކަން ކޯޓަށް ސާބިތު ކޮށްދޭން ޖެހޭނީ ބުއްދީގެ ޤާބިލުކަން ނެތްކަމަށް ނުވަތަ ބައްޔެއްގެ ސަބަބުން އެއްބަސްވުމެއްގައި ބައިވެރިވެ އެއްބަސްވުމާ އެއްގޮތަށް ތަޞައްރުފު ކުރުމުގެ ޤާބިލުކަން ނެތް ކަމަށް ބުނާ ފަރާތުންނެވެ. ނުވަތަ ޤާނޫނީ ގޮތުން އެފަރާތް ތަމްސީލު ކުރާ ފަރާތުންނެވެ. ނަފްސާނީ ނުވަތަ ބުއްދީގެ ޤާބިލިއްޔަތުކަން ނެތްކަން ސާބިތު ކޮށްދޭން ޖެހޭނީ، އެ އެއްބަސްވުމުގައި ސޮއިކުރި ވަގުތުގައި އެކަން އޮތް ޙާލަތުގެ މައްޗަށެވެ. އަދި އެ ޤާބިލިއްޔަތު ނެތުމުން އެ އެއްބަސްވުމާ ގުޅޭގޮތުން ރަނގަޅު ނިންމުންތައް ނިންމުމަށް އެމީހާ ނުކުޅެދޭ މިންވަރުގެ މައްޗަށެވެ.

HN5 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ބުއްދި ސަލާމަތުންހުރި" މި ލަފުޒުން މީހަކު ބަލިވުމާއި އެމީހެއްގެ ބުއްދީގެ ޤާބިލިއްޔަތު ނެތުމާ ދެމެދު ވަރަށް ސާފު ތަފާތު ކުރުމެއް ފާހަގަވާން އޮތްކަން އެނގެން އޮވެއެވެ.

HN6 އައު ހެކި ނުވަތަ ހުށަހެޅުން ސުޕްރީމް ކޯޓުގެ މަރުޙަލާގައި އިސްތިސްނާ ޙާލަތުގައި ބަލައިގަނެވޭނީ، އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުން ދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްގެން ވެސް ލިބިފައި ނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށް ވުމާއި (Non-availability)، އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އެ މައްސަލައިގެ މައުޟޫއަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށް ވުމާއި (Relevance)، އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައި ނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށް ވުމެވެ (Credibility).

HN7 ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ އަލީގައި، ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ޙާލަތުގައި ޢަމަލުކުރަންޖެހޭނެ ޢާންމު އުޞޫލަކީ، އިސްތިއުނާފު ކުރެވޭ ޤާނޫނީ ބަޙުޘަކީ ދަށު މަރުޙަލާތަކުގައި ވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަޙުޘަކަށް ވުމެވެ. ސުޕްރީމް ކޯޓުގައި ފާހަގަ ކުރާ އައު ޤާނޫނީ ނުކުތާތައް ބަލައިގަނެވިދާނެ އުސޫލުތަކަކީ، ޢާންމު އުސޫލުތަކެއް ނޫނެވެ. އެއީ އިސްތިސްނާ ތަކެކެވެ. ދަށު މަރުޙަލާތަކުގައި ހުށަހެޅި ދިފާޢުތަކާއި ޤާނޫނީ ބަޙުޘްތަކާ ތަފާތު އައު ނުކުތާއެއް ހުށަހެޅެންވާނީ ވަރަށް އިސްތިސްނާ ޙާލަތެއްގައެވެ.

HN8 ވަކީލާއި މުވައްކިލުގެ ގުޅުމުގެ ސަބަބުން ނުފޫޒު ފޯރުވޭފަދަ މަޤާމެއްގައި ހުރެ ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޙަވާލާދީ ނުކުތާއެއް ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާނަމަ، އެ ނުކުތާ ހައިކޯޓަށް ބަލައިގަނެވޭނެ ތަނެއް ނެތެވެ. އަދި އެ ނުކުތާއާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުދެކެމެވެ.

HN9 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއަށް ބަލާއިރު ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ފުރިހަމަވުމުގައި ދެ ކަންތައް ފުރިހަމަ ވާން ޖެހޭނެއެވެ. ފުރަތަމަ ކަމަކީ، ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭ ގޮތުން، ނުވަތަ އެ މީހަކު ޤަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއް ކަމުގައި މަކަރުވެރި ގޮތަކަށް ދެއްކުން ނުވަތަ ވަކާލާތު ކުރުމެވެ. ދެވަނަ ކަމަކީ، އެ ފަދައިން ދެއްކުމުން ނުވަތަ ވަކާލާތު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އަނެކަކު އެކަމުގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އިތުބާރު ކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވުމެވެ.

HN10 މަދަނީ މުޢާމަލާތްތައް ޘާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ މުސްތަނަދު (written instrument) އެވެ. މުޢާމަލާތުގެ ބައިވެރިންގެ މެދުގައި އެ މުޢާމަލާތެއް ޘާބިތުކުރުމަށްޓަކާ އެކުލަވާލެވޭ "ޚާއްޞަ" މުސްތަނަދަކީ ދެވައްތަރެއްގެ ޙުއްޖަތް ޤާއިމުކުރެވޭ އެއްޗެކެވެ. ފުރަތަމަ ޙުއްޖަތަކީ މުސްތަނަދުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާ ހިނދަކު އެ މުސްތަނަދަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ދީފައިވާ މުސްތަނަދެއް ކަމުގައި ޤާއިމުވާ ޙުއްޖަތެވެ. ދެވަނަ ޙުއްޖަތަކީ އެ މުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިޢު (Facts) ތަކަކީ އޭގެ އިދިކޮޅު ޘާބިތު ނުކޮށްދެވޭހާ ހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާއިޢުތައް ކަމުގައި ޤާއިމުވާ ޙުއްޖަތެވެ.

HN11 އޮޅުވާލުމެއް ނުވަތަ ޙަޤީޤަތާ ޚިލާފު ޢަމަލެއް ނުވަތަ މަޢުލޫމާތެއް ދީފައިވާކަމަށް ބުނާ ފަރާތަށް އެކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު، އަނގަބަހުން ވާހަކަތަކެއް ދެކެވިފައިވާކަމަށް ހަމައެކަނި ބުނާ ބުނުމުގެ މައްޗަށް ބަރޯސާވެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއް ކަމަށް ކަނޑައެޅިދާނެ ކަމަކަށް ނުދެކެމެވެ.

HN12 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި، ކޮންޓްރެކްޓަކުން އޭގެ ބައިވެރިންނަށް ލާޒިމުކުރާ ޢަމަލެއް ކުރުން ދަތިވުމަކީ ނުވަތަ އެކަމަށް ހިނގާ ޚަރަދު ބޮޑުވުމަކީ އެ ޢަމަލެއް ކުރެވެންނެތީ ކަމަކަށް ނުބެލޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. އަދި އެ މާއްދާގެ (ނ) ގައި، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ އިހުމާލުން، ނުވަތަ އޭނާގެ އަމިއްލަ ކުށަކުން މެދުވެރިވާ ޙާލަތަކާހުރެ، އެ ކޮންޓްރެކްޓަކުން އޭނާގެ މައްޗަށް ލާޒިމުކުރާ ޢަމަލެއް ކުރެވެންނެތީ ކަމަކަށް އޭނާ ބަލައިގެން ނުވާނެ ކަމަށް އެހާމެ ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

HN13 ވަކީލު ޤާނޫނީ މަސައްކަތް ކޮށްދިން މައްސަލައާ ގުޅޭ، މުވައްކިލާއި ތިންވަނަ ފަރާތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމަށް ނިމުން އައިސްފައިވުމަކީ އޭގެޒާތުގައި ވަކީލަށް އޭނާކުރި މަސައްކަތަށް ކަނޑައެޅި އަގު ލިބެން ނުޖެހޭ ސަބަބެއް ނޫނެވެ. އަދި އެފަދަ އެއްބަސްވުމަކީ އެކަމުގެ ސަބަބުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ (ނ) އާއި 22 ވަނަ މާއްދާގެ ދަށުން ތަންފީޛު ނުކުރެވޭނެ އެއްބަސްވުމެއްކަމަށް ކަނޑައެޅިދާނެ އަސާސެއް ނެތެވެ.

HN14 ދަށު ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ވެސް ފާހަގަކުރުމުގެ ފުރުސަތު ލިބިފައި އޮތް ނުކުތާއެއް، ހައިކޯޓު އަދި ސިވިލް ކޯޓުގައި ފާހަގަ ނުކޮށް، އައު ޤާނޫނީ ބަޙުޘެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ މަރުޙަލާގައި ބަލައިގަނެވިދާނެ ކަމުގައި ނުދެކެމެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޢަބްދުލްޣަނީ މުޙައްމަދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޢަބްދުލްޣަނީ މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުލްޣަނީ މުޙައްމަދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2021/HC-A/193 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ހ. މެންގޯހައުސް، މާލެ، އަޙްމަދު ތައުފީޤް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2023/SC-A/39 ޤަޟިއްޔާއާއި 2023/SC-A/40 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ ދެ މައްސަލަ އެވެ. މި ދެ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 5378، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އެވެ.

2ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2021/HC-A/187 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 2054/Cv-C/2017 ޤަޟިއްޔާ އަޙްމަދު ތައުފީޤްގެ ފަރާތުން އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާ އެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2021/HC-A/193 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާ އަޙްމަދު ތައުފީޤްގެ ފަރާތުން އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާ އެވެ.

3މި މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެއް ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ކަމުގައިވާތީ، މި ދެ މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އެކުއެކީގަ އެވެ. އަދި މިއީ އެ ދެ މައްސަލައި ގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

4މި މައްސަލަ އިސްތިއުނާފު ކުރާ އަޙްމަދު ތައުފީޤްއާއި ބ. އޭދަފުށި، ޕޭންޓްލޭންޑް އަޙްމަދު ލަބީބު އާ ދެމެދު "ހ.މެންގޯހައުސް" އެވެ ކިޔާ ގޯތީގައި ޢިމާރާތެއް ކުރުމާ ގުޅޭގޮތުން މި ދެފަރާތުގެ ދެމެދުގައި ކުރެވުނު މުޢާމަލާތަކާ ގުޅިގެން، އަޙްމަދު ތައުފީޤްގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރުމަށް ބޭނުންވި ހިނދު، "ޤާނޫނީ ގޮތުން މަސައްކަތް ކޮށްދިނުމުގެ އެއްބަސްވުން" މި ނަމުގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު (ޤާނޫނީ ވަކީލު) އާއެކު 2 (ދެއެއް) އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ.

ފުރަތަމަ އެއްބަސްވުން

4.1. ފުރަތަމަ އެއްބަސްވުމަކީ 29 މޭ 2012 ގެ ތާރީޚުގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު (ޤާނޫނީ ވަކީލު) އާއި އަޙްމަދު ތައުފީޤް (މަސައްކަތް ހަވާލުކުރި ފަރާތް) އާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.

4.2. މި އެއްބަސްވުމުގެ "ޚުލާޞާ" (ތަޢާރަފް) ގައިވަނީ، "މި އެއްބަސްވުމަކީ، ހ.މެންގޯހައުސް އަޙްމަދު ތައުފީޤް ބ.އޭދަފުށީ ޕޭންޓްލޭންޑް އަޙްމަދު ލަބީބުގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ސިވިލް ކޯޓަށް ހުށަހަޅާ ފައިސާ ހޯދުމުގެ މައްސަލައިގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކޮށްދިނުމަށް އަލްފާޟިލް އަޙްމަދު ތައުފީޤް ހ.މެންގޯހައުސް (އައިޑީކާޑު ނަންބަރު A010527) އާއި، މއ.ވިލްނާ ޢުމަރު ޒާހިރު ޢަބްދުއްޞަމަދާއި ދެމެދު ވެވޭ އެއްބަސްވުމެކެވެ." މިފަދައިންނެވެ.

4.3. މި އެއްބަސްވުމުގެ ދަށުން ކުރުމަށް ހަވާލުކުރެވުނު މަސައްކަތުގެ އަގެއްގެ ގޮތުގައި ދެފަރާތުން އެއްބަސްވެފައިވާ އަގަކީ -/260,000ރ. (ދެލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) ކަމަށް ޙަވާލާ ދެވުނު އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

4.4. މި އެއްބަސްވުމުގެ 7 ވަނަ މާއްދާގައި "މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލު ކުރުމަށް ފަހު މައްސަލަ ދޫކޮށްލި ނަމަވެސް ނުވަތަ ޝަރީޢަތުން ބޭރުގައި ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރި ނަމަވެސް މަސައްކަތަށް ކަނޑައެޅިފައިވާ އަގު ދިނުމަށް އެއްބަސްވަމެވެ." މިފަދައިން ބަޔާންކޮށްފައި ވެއެވެ.

4.5. މި އެއްބަސްވުމުގެދަށުން އަޙްމަދު ތައުފީޤްގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓުގެ ނަންބަރު 1007/Cv-C/2012 ޤަޟިއްޔާ ހުށަހެޅިއެވެ. އެއީ 07 ޖޫން 2012 ގައެވެ. މި ޤަޟިއްޔާގައި އަޙްމަދު ތައުފީޤްގެ ފަރާތުން ޤާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އެވެ. މި ޤަޟިއްޔާ އެ ކޯޓުގައި ހިންގަމުން ގެންގޮސް، ކޯޓަށް ހާޒިރުވުމަށް އަޙްމަދު ތައުފީޤްއާ ޙަވާލުކުރެވުނު ނަންބަރު B2-CR-1/2015/1235 (02 ސެޕްޓެމްބަރ 2015) އަމުރުގައިވާ ތާރީޚާއި ގަޑިއަށް އަޙްމަދު ތައުފީޤް ހާޒިރުވެފައި ނުވާތީ، 06 ސެޕްޓެމްބަރ 2015 ގައި އެ ޤަޟިއްޔާ ބާޠިލުކޮށް ނިންމާފައި ވެއެވެ.

ދެވަނަ އެއްބަސްވުން

4.6. ދެވަނަ އެއްބަސްވުމަކީ، 15 ޖުލައި 2012 ގެ ތާރީޚުގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު (ޤާނޫނީ ވަކީލު) އާއި އަޙްމަދު ތައުފީޤް އާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.

4.7. މި އެއްބަސްވުމުގެ "ޚުލާޞާ" (ތަޢާރަފް) ގައިވަނީ، "މި އެއްބަސްވުމަކީ، ހ.މެންގޯހައުސް އަޙްމަދު ތައުފީޤް ބ.އޭދަފުށީ ޕޭންޓްލޭންޑް އަޙްމަދު ލަބީބުގެ މައްޗަށް ދަޢުވާކުރާ އެއްބަސްވުން ބާޠިލްކުރުމުގެ މައްސަލައިގައި ސިވިލް ކޯޓުން އެ މައްސަލަ ނިމެންދެން ޝަރުޢީ އަދި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކޮށްދިނުމަށް އަލްފާޟިލް އަޙްމަދު ތައުފީޤް ހ.މެންގޯހައުސް (އައިޑީކާޑު ނަންބަރު A010527) އާއި މއ.ވިލްނާ ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއާ ދެމެދު ވެވޭ އެއްބަސްވުމެކެވެ." މިފަދައިންނެވެ.

4.8. މި އެއްބަސްވުމުގެ ދަށުން ކުރުމަށް ހަވާލުކުރެވުނު މަސައްކަތުގެ އަގެއްގެ ގޮތުގައި ދެފަރާތުން އެއްބަސްވެފައިވާ އަގަކީ -/100,000ރ. (އެއްލައްކަ ރުފިޔާ) ކަމަށް ޙަވާލާ ދެވުނު އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

4.9. މި އެއްބަސްވުމުގެ 7 ވަނަ މާއްދާގައި "މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލު ކުރުމަށް ފަހު މައްސަލަ ދޫކޮށްލި ނަމަވެސް ނުވަތަ ޝަރީޢަތުން ބޭރުގައި ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރި ނަމަވެސް މަސައްކަތަށް ކަނޑައެޅިފައިވާ އަގު ދިނުމަށް އެއްބަސްވަމެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

4.10. ދެވަނަ އެއްބަސްވުމުގެ ދަށުން އަޙްމަދު ތައުފީޤްގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓުގެ ނަންބަރު 1324/Cv-C/2012 ޤަޟިއްޔާ ހުށަހެޅިއެވެ. އެއީ 24 ޖުލައި 2012 ގައެވެ. އެ ޤަޟިއްޔާ އެ ކޯޓުގައި ކުރިއަށް ދަނިކޮށް، އަޙްމަދު ތައުފީޤްގެ ފަރާތުން އެ ހިނދު އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެ 10 ޖެނުއަރީ 2016 ގައި ސިޓީއަކުން އެންގުމާ ގުޅިގެން އެ ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލްކޮށް 13 ޖެނުއަރީ 2016 ގައި މައްސަލަ ބާޠިލްކޮށްފައި ވެއެވެ.

ސިވިލް ކޯޓު މަރުޙަލާ

5ސިވިލް ކޯޓުގެ ނަންބަރު 2054/Cv-C/2017 ޤަޟިއްޔާ

5.1. މިއީ، 29 މޭ 2012 ގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއާއި އަޙްމަދު ތައުފީޤްއާ ދެމެދު ސޮއިކޮށްފައިވާ "ޤާނޫނީ ގޮތުން މަސައްކަތް ކޮށްދިނުމުގެ އެއްބަސްވުން" މި ނަމުގައިވާ އެއްބަސްވުމާއި އެއްގޮތަށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު މަސައްކަތްކުރަމުން ދަނިކޮށް، ސިވިލް ކޯޓުގެ ނަންބަރު 1007/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތަށް އަޙްމަދު ތައުފީޤް ކޯޓަށް ހާޒިރު ނުވުމުގެ ސަބަބުން މައްސަލަ ބާޠިލް ކޮށްފައިވާތީ، ބަޔާންކުރެވުނު އެއްބަސްވުމުގެ 07 ވަނަ މާއްދާއާއި ހަވާލާދީ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އަގުކަމުގައިވާ -/260,000ރ. (ދެލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) ހޯދުމަށް އަޙްމަދު ތައުފީޤްގެ މައްޗަށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ދަޢުވާކޮށް ހުށަހަޅާ މައްސަލައެވެ.

އަޙްމަދު ތައުފީޤްގެ ރައްދު

5.2. މި ދަޢުވާގައި ހަވާލާދޭ އެއްބަސްވުމަކީ އަޙްމަދު ތައުފީޤަށް އެ އެއްބަސްވުމުގައި އޮތީ ކޮން އެއްޗެއްކަން ސާފުނުވެ ސޮއިކުރުވާފައިވާ އެއްބަސްވުމެއް ކަމުގައި ބުނެ އަޙުމަދު ތައުފީޤް މިދަޢުވާއަށް އިންކާރުކުރިއެވެ.

ސިވިލް ކޯޓުން ނިންމިގޮތް

5.3. ސިވިލް ކޯޓުން މި މައްސަލަ ނިންމަމުން ފާހަގަކޮށްފައިވަނީ، އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، ސޮއިކުރިއިރު އެއްބަސްވުމުގައި އޮތް އެއްޗެއް ކިޔާފައި ނުވާކަމަށް ނުވަތަ އޭގައިވާ އެއްޗެއް އެނގިފައި ނުވާކަމަށް ބުނިނަމަވެސް، އެފަދަ ބުނުންތަކަކީ ރަނގަޅު ބުނުންތަކެއް ކަމުގައި ބަލައިގަތުމަކީ ކުރިއަރާފައިވާ ޖޫރިސްޑިކްޝަންތަކުން ބަލައިގަންނަ އުޞޫލެއް ނޫންކަން އެނގެން އޮންނަކަމަށެވެ.

5.4. އެހެންކަމުން 29 މޭ 2012 ގައި ސޮއިކޮށް، އަޙްމަދު ތައުފީޤްގެ އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމުގެ ޞައްޙަކަމާމެދު ސުވާލު އުފައްދަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

5.5. މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ އެއްބަސްވުމުގެ 7 ވަނަ މާއްދާއާއި ހަވާލާދީ އެ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންވެފައިވާ -/260,000ރ. (ދެލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) އަކީ އަޙްމަދު ތައުފީޤްގެ ފަރާތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށެވެ.

6ސިވިލް ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާ

6.1. މިއީ، 15 ޖުލައި 2012 ގައި ވެވުނު އެއްބަސްވުމުގެ ދަށުން އަޙްމަދު ތައުފީޤް ސިވިލް ކޯޓުގައި ދަޢުވާ ކުރި ނަންބަރު 1324/Cv-C/2012 ޤަޟިއްޔާގެ ޤާނޫނީ މަސައްކަތް ކުރަމުން ދަނިކޮށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އަށް އެނގުމަކާ ނުލައި އަޙްމަދު ތައުފީޤް ސިވިލް ކޯޓަށް ސިޓީއެއް ފޮނުވައި ބުނެވިދިޔަ ޤަޟިއްޔާ ބާޠިލުކޮށްފައި ވާކަމަށް ބުނެ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 07 ވަނަ މާއްދާއާއި ހަވާލާދީ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އަގުކަމުގައިވާ -/100,000ރ. (އެއް ލައްކަ ރުފިޔާ) ހޯދުމަށް އަޙްމަދު ތައުފީޤްގެ މައްޗަށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ކޮށްފައިވާ ދަޢުވާ އެކެވެ.

އަޙްމަދު ތައުފީޤްގެ ރައްދު

6.2. މި ދަޢުވާގައި ހަވާލާދޭ އެ އެއްބަސްވުމަކީ އަޙްމަދު ތައުފީޤް އެއްބަސްވެފައިވާ އެއްބަސްވުމެއް ނޫންކަމަށާއި ދެފަރާތުން އެއްބަސްވެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1324/Cv-C/2012 ޤަޟިއްޔާގައި ދަޢުވާލިބޭ (އަޙްމަދު ލަބީބު) ގެ ކިބައިން ލިބޭ ފައިސާއަކުން 10 ނުވަތަ 15 އިންސައްތަގެ ފައިސާ ދިނުމަށް ކަމަށްބުނެ އަޙުމަދު ތައުފީޤް މި ދަޢުވާއަށް އިންކާރުކުރި އެވެ.

ސިވިލް ކޯޓުން ނިންމިގޮތް

6.3. އެއްބަސްވުމެއްގައި ސޮއިކޮށް ފިންގަރޕްރިންޓް ޖަހާފައިވަނީ އަޙްމަދު ތައުފީޤްއަށް އޭގައި އޮތް އެއްޗެއް އޮޅުން ފިލުވައި ނުދީކަމަށްބުނެ އެކަން ސާބިތުކުރުމަށް ހެކީން ހާޒިރުކުރުމަށް އަޙްމަދު ތައުފީޤް އެދިފައިވާތީ، އެފުރުޞަތު ތަކުރާރުކޮށް ކޯޓުން ދިނުމުންވެސް ހެކީން ހާޒިރުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން، އަޙްމަދު ތައުފީޤްގެ ދަފްޢު އޭނާއަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.

6.4. އެހެންކަމުން މި ދަޢުވާގައިވާ -/100,000ރ. (އެއް ލައްކަ ރުފިޔާ) އަކީ އަޙްމަދު ތައުފީޤްގެ ފަރާތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އަށް އަދާކުރަންޖެހޭ ފައިސާއެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ޙުކުމްކޮށް މައްސަލަ ނިންމާފައި ވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު މަރުޙަލާ

7ސިވިލް ކޯޓުގެ ނަންބަރު 2054/Cv-C/2017 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާ އަޙްމަދު ތައުފީޤްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

7.1. މީގެ ތެރެއިން ސިވިލް ކޯޓުގެ ނަންބަރު 2054/Cv-C/2017 ޤަޟިއްޔާގެ އިސްތިއުނާފު ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާ އިން ނެވެ.

7.2. ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާ އިން ސިވިލް ކޯޓުގެ ނަންބަރު 2054/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ދަމަހައްޓާފައި ވެއެވެ.

7.3. ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ:

7.3.1 ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ބެލެވޭ ސަބަބުތައް ވާންވާނީ އެ ސަބަބުތަކާމެދު ވާހަކަ ދެކެވި އެ ސަބަބުތަކާމެދު ދަށު މަރުޙަލާގައި އެއްޗެއް ބުނުމުގެ ފުރުޞަތު ލިބިފައިވާ ސަބަބުތަކަކަށްކަން؛ އަދި

7.3.2 ދެފަރާތުގެ ގުޅުމުގެ ސަބަބުން ނުފޫޒު ފޯރުވުމުގެ މަޤާމެއް ވުޖޫދުވެފައިވާކަމަށް ބުނެ އަޙްމަދު ތައުފީޤް އިސްތިއުނާފީ މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކަކީ ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކެއް ނޫންކަން؛

7.3.3 އެހެންކަމުން އެކަމާމެދު އެކަށީގެންވާ ރައްދެއް ދިނުމުގެ ފުރުސަތު އެ މަރުޙަލާގައި ޢުމަރު ޒާހިރުއަށް ލިބިފައި ނުވާކަން؛ މިއެވެ.

7.4. ސިވިލް ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާގެ އިސްތިއުނާފު ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/193 ޤަޟިއްޔާ އިން ނެވެ.

7.5. ހައިކޯޓުގެ ނަންބަރު 2021/HC-A/193 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ދަމަހައްޓާފައި ވެއެވެ.

7.6. ހައިކޯޓުގެ ނަންބަރު 2021/HC-A/193 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ:

7.6.1 ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ބެލެވޭ ސަބަބުތައް ވާންވާނީ އެ ސަބަބުތަކާމެދު ވާހަކަ ދެކެވި އެ ސަބަބުތަކާމެދު ދަށު މަރުޙަލާގައި އެއްޗެއް ބުނުމުގެ ފުރުޞަތު ލިބިފައިވާ ސަބަބު ތަކަކަށް ކަން؛ އަދި

7.6.2 ދެފަރާތުގެ ގުޅުމުގެ ސަބަބުން ނުފޫޒު ފޯރުވުމުގެ މަޤާމެއް ވުޖޫދުވެފައި ވާކަމަށް ބުނެ އަޙްމަދު ތައުފީޤް އިސްތިއުނާފީ މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކަކީ ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކެއް ނޫންކަން؛ އަދި

7.6.3 އެކަމާމެދު އެކަށީގެންވާ ރައްދެއް ދިނުމުގެ ފުރުސަތު އެ މަރުޙަލާގައި ޢުމަރު ޒާހިރުއަށް ލިބިފައިނުވާކަން؛ މިއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

8ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2021/HC-A/193 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ތައުފީޤްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

8.1. ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2021/HC-A/193 ޤަޟިއްޔާގައި ވެސް އަޙްމަދު ތައުފީޤް ހުށަހަޅާފައިވާ ހެއްކާއި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ކުރުމެއް ނެތި، އަދި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ (ދ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި 42 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް މައްސަލަ ނިންމާފައިވުން.

8.2. ސިވިލް ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2054/Cv-C/2017 ޤަޟިއްޔާ ގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ދެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާގެ (ނ) އާއި، 22 ވަނަ މާއްދާގެ ދަށުން ތަންފީޛު ނުކުރެވޭނެ އެއްބަސްވުމެއް ކަމަށްވާތީ، އެކަމާގުޅިގެން އަޙްމަދު ތައުފީޤްގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ސިވިލް ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ނިންމެވުމުގައި ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެފައިވުން.

8.3. ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން އެއް މަސައްކަތަކަށް ދެ އެއްބަސްވުމެއް ހަދައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކޮށްފައި އެވަނީ، އެއް ވަގުތެއްގައި އެއް ސަބްޖެކްޓެއްގެ މައްޗަށް އެއް ޚަޞްމުންތަކެއް ހިމެނިގެން އެއް ކޯޓެއްގައި ދެ ޤަޟިއްޔާއެއް އެކުއެކުގައި ނުހިންގޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޙަސަން ވ. ޢަލީ ރަޝީދު އަދި އިތުރު ފަރާތެއް ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 އާ ޚިލާފަށް ކަމުގައިވުން.

އިސްތިއުނާފު ނުކުތާތަކަށް ދީފައިވާ ރައްދު

9މި މައްސަލައިގައި އިސްތިއުނާފު ކުރެވުނު ނުކުތާތަކުގެ ޖަވާބުގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން ބުނެފައިވަނީ:

9.1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2021/HC-A/193 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އުޞޫލުތަކަށް ބައްލަވައިގެން ކަމަށެވެ.

9.2. އަދި ސިވިލް ކޯޓުގެ އެ ޤަޟިއްޔާތަކުގައި ދައްކަންޖެހޭ އެންމެހައި ވާހަކައެއް ދައްކައި ހުށަހަޅަންޖެހޭ ހެކި ޤަރީނާ ހުށަހަޅާފައިވާތީ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ޙުކުމް ތަންފީޛުކުރުން ފަސްކޮށްދިނުމުގެ އަމުރު

10ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާއާއި ނަންބަރު 2021/HC-A/193 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ނަންބަރު 2054/Cv-C/2017 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެއްވުމަށް އަޙްމަދު ތައުފީޤްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ. މި އަމުރަށް އެދިފައިވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމަށް އަޙްމަދު ތައުފީޤްގެ ނަމުގައި ހުރި މުދާ ވިއްކާލައިފިނަމަ ނުވަތަ އޭނާގެ އާންމުދަނީ ހިފަހައްޓައިފިނަމަ މިއިން ކޮންމެ ކަމެއް ވެގެންދާނީ ޢިޔާދަ ނުކުރެވޭ ވަރުގެ ކަމަކަށެވެ. އަދި އެކަމުގެ ސަބަބުން ޤާނޫނުއަސާސީގެ 56 ވަނަ މައްދާއިން ލިބިދޭ އިސްތިއުނާފުގެ ޙައްޤަށް އުނިކަން ލިބޭނެ ކަމަށެވެ.

11ޙުކުމް ތަންފީޛު ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި އަޙްމަދު ތައުފީޤް ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 2054/Cv-C/2017 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާ ގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ލިބިދޭންޖެހޭކަމަށް ކަނޑައެޅި ފައިސާއާ މެދު ވަކިގޮތަކަށް ޢަމަލުކުރުމަށް މި ކޯޓުން އެންގުމުގެ ކުރިން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ސުޕްރީމް ކޯޓުގެ ގަވައިދުގެ 21 ވަނަ މާއްދާއަށާއި ސުޕްރީމް ކޯޓުގެ ނަންބަރު SCPD-11/2021 (02 ނޮވެންބަރު 2021) ޕްރެކްޓިސް ޑައިރެކްޝަންގެ 4 ވަނަ ނަންބަރަށް ހަވާލާދީ، 02 ނޮވެންބަރު 2023 ގައި ޙުކުމް ތަންފީޛު ފަސްކުރުމުގެ އަމުރެއް ނެރެދީފައިވެއެވެ.

ގޮތް ކަނޑައަޅަންޖެހޭ ނުކުތާ

12މި ދެ މައްސަލައިގައި ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ:

12.1. ދިފާޢީ ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅަން އެދުނު ހެއްކާއި ދަލީލުތަކާ މެދު ހައިކޯޓުން ނިންމާފައިވާގޮތް ރަނގަޅުތޯ؛

12.2. މި މައްސަލައިގައި ހަވާލާދޭ އެއްބަސްވުން ވެފައިވަނީ ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ނުވަތަ ޙަޤީޤަތް އޮޅުވާލައިގެންތޯ؛

12.3. މި ކޯޓަށް ހުށަހެޅި އައު އިސްތިއުނާފީ ނުކުތާއަކީ ކޯޓަށް ބަލައިގަނެވިދާނެ ނުކުތާއެއް ތޯ؛ މިއެވެ.

(ހ) ޝަރީޢަތަށް ހުށަހަޅާ ހެއްކަށް ރިޢާޔަތް ކުރުން

13ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2021/HC-A/193 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ، އަޙްމަދު ތައުފީޤް ހުށަހަޅާފައިވާ ހެއްކާއި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ކުރެއްވުމެއް ނެތި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި 42 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ (ދ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލާއި ޚިލާފަށް ކަމަށް އަޙްމަދު ތައުފީޤްގެ ފަރާތުން ބުނެއެވެ.

14މި ނުކުތާ ތަފްޞީލުކޮށްދެމުން އަޙްމަދު ތައުފީޤްގެ ފަރާތުން ބުނެފައިވަނީ، އަޙްމަދު ތައުފީޤްގެ ބަލި ޙާލަތާއި އެފަރާތަކީ ރަނގަޅަށް ލިޔަން ކިޔަން ނުދަންނަ ފަރާތެއްކަމާއި މި މައްސަލައިގައި ޙަވާލާދޭ އެއްބަސްވުމަކީ އޮޅުވައިލުމެއްގެ ތެރެއިން ޤާއިމުކޮށްފައިވާ ޞައްޙަނޫން އެއްބަސްވުމެއް ކަން ސާބިތުކުރުމަށް އަޙްމަދު ތައުފީޤްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޝަފަހީ ހެކިން ކޯޓަށް ޙާޟިރުކޮށްފައި ނުވުމަކީ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ކަމެއް ކަމަށެވެ.

15މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، ދެފަހަރެއްގެ މަތިން އަޙްމަދު ތައުފީޤްގެ ފަރާތުން ހެކިން ޙާޟިރުކުރުމަށް ބޭނުންވާކަން ހާމަކޮށްފައި ވެއެވެ. އެގޮތުން، 26 އޮކްޓޫބަރު 2017 ގައި، އެގްރީމެންޓަކީ ޞައްޙަގޮތުގައި ވެފައިވާ އެގްރީމެންޓެއް ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން ވ.މުޖާހިދު، މުޙައްމަދު ނަޞީރުގެ ނަން ހުށަހަޅާފައި ވެއެވެ.

16އަދި ފާއިތުވެދިޔަ 5 އަހަރު އަޙްމަދު ތައުފީޤްގެ ޞިއްޙީ ޙާލަތު ސާބިތުކުރުމަށް، ހއ. ކެލާ އިބްރާހީމް ރަޝީދު އަދި ޑރ. އިސްޙާޤު ޝަފީޤް (މެޑިކަލް އޮފިސަރ) ގެ ނަން ހުށަހަޅާފައި ވެއެވެ.

17އަދި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އާ އެކު ވެވުނު އެއްބަސްވުމުގެ ހެކީންކަން ސާބިތުކުރުމަށް އާދަމް ނަޞީރު، ފެހިކުރި، ދ. މީދޫ އާއި ޢަބްދުލްއަލިއްޔު މުޙައްމަދު އިނާޒު، މ. ސައިނިންސްޓަރ، ކ. މާލެ، މިފަރާތްތައް ސިވިލް ކޯޓުގެ ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް އެދިފައިވެއެވެ. އަދި އަޙްމަދު ތައުފީޤް މި ބަޔާންކުރި ހެކީންގެ ތެރެއިން ޑރ. އިސްޙާޤު ޝަފީޤް ފިޔަވައި ދެންތިބި ފަރާތްތައް ބަޔާންކުރެވުނު ކަންކަން ސާބިތުކުރުމަށް ސިވިލް ކޯޓުގެ ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް 12 ޑިސެންބަރު 2017 ގައި އެދިފައިވެއެވެ.

18HN1ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ (ދ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، "ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ޞައްޙަކަން ތަޤްދީރު ކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރުންގެ ތަޤްދީރީ ބާރުގެތެރޭގައި ވާކަމެއްކަމުގައި ވީނަމަވެސް، މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންނަށް ލިބިގެންވާ އެފަދަ ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ޙައްޤު، ހަމަހަމަ ކަމާއެކު ވަކިފަރާތަކަށް ބުރަވުމަކާ ނުލައި، ޝަރީޢަތުން ޚަޞްމުންނަށް ލިބިދޭން ވާނެކަން އެނގެން އޮންނަ" ކަމަށެވެ.

19ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ސިވިލް ކޯޓުން ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ އަޙްމަދު ތައުފީޤްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2021/HC-A/187,193 ޤަޟިއްޔާގައި ހުށަހެޅި މައިގަނޑު ސަބަބަކީ، މައްސަލައިގައި ހަވާލާދޭ 12 ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި، އަޙްމަދު ތައުފީޤްގެ ނިކަމެތިކަމާއި ނުކުޅެދުންތެރިކަމުގެ ނާޖާއިޒު މަންފާ ހޯދުމަށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ކުރާ މަސައްކަތެއް ކަމާއި އަދި އެއްބަސްވުމަކީ ޞައްޙަނޫން އެއްބަސްވުމެއްކަން ސާބިތު ކޮށްދިނުމަށްޓަކައި ޝަރީޢަތުގައި ދެއްކި ވާހަކަތަކަށް މައްސަލަ ނިންމެވުމުގައި ރިޢާޔަތް ނުކުރެއްވުމެވެ.

20ނަމަވެސް ބަޔާންކުރެވުނު ދެ ޤަޟިއްޔާއާ ގުޅިގެން 09 ނޮވެންބަރު 2022 ގައި ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވުމުގައި ސޮއިކުރި ފަރާތްތައް ހެކީންގެ ގޮތުގައި ހާޒިރު ކުރުމަށް ދަށު ކޯޓުން ފުރުޞަތު ދީފައިވާކަމާއި، ހެކިވެރިންނާ ގުޅޭގޮތް ނުވުމުގެ ސަބަބުން ހެކިވެރިން ހާޒިރުކުރެވޭގޮތް ނުވީކަމަށް އަޙްމަދު ތައުފީޤް އެއްބަސްވެފައިވެއެވެ.

21އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2054/Cv-C/2017 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާގައި އަޙްމަދު ތައުފީޤްގެ ފަރާތުން ހާޒިރުކޮށްދިނުމަށް އެދުނު ހެކީން ހާޒިރުކުރުމުގެ ފުރުޞަތު އަޙްމަދު ތައުފީޤަށް ކޯޓުން ދީފައިނުވަނީ ނޫންކަމާއި، އެ ފުރުޞަތު ސިވިލް ކޯޓުން އަޙްމަދު ތައުފީޤަށް ފަހިކޮށްދީފައިވާކަން އަޙްމަދު ތައުފީޤްގެ ބަހުން ސާފުވެއެވެ.

22ވީމާ، ހެއްކާ ޤަރީނާއަށް ރިޢާޔަތް ނުކުރާކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނީ އުޞޫލަކާ ޚިލާފުކަމަކަށް އަހުރެން ނުދެކެމެވެ.

(ށ) ނުރަނގަޅު ނުފޫޒު ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއްކަމަށް ބުނާބުނުން

23މި މައްސަލައިގައި ހަވާލާދޭ ދެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާގެ (ނ) އާއި، 22 ވަނަ މާއްދާގެ ދަށުން ތަންފީޛު ނުކުރެވޭނެ އެއްބަސްވުމެއް ކަމަށް ބުނެ، އަޙްމަދު ތައުފީޤްގެ ފަރާތުން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް، ހައިކޯޓުން މައްސަލަ ނިންމެވުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމަށް އަޙްމަދު ތައުފީޤްގެ ފަރާތުން ބުނެއެވެ.

24އަޙްމަދު ތައުފީޤްއާއި ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ތަންފީޒު ނުކުރެވޭނެ އެއްބަސްވުމެއް ކަމަށާއި، އަދި އެއީ ޞައްޙަނޫން ބާޠިލް އެއްބަސްވުމެއް ކަމަށް އަޙްމަދު ތައުފީޤް ބަޔާންކުރާ މައިގަނޑު ސަބަބަކީ އެއްބަސްވުން ހެދުމުގައި އޮޅުވާލުމާއި ނުރަނގަޅު ނުފޫޒު ބޭނުން ކޮށްފައިވުން ކަމަށް އަޙްމަދު ތައުފީޤްގެ ފަރާތުން ބަޔާންކުރެއެވެ.

25މި ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އަޙްމަދު ތައުފީޤްގެ ފަރާތުން އަލަށް ހުށަހެޅި ނުކުތާއެކެވެ.

މި ނުކުތާއާއި ގުޅިގެން ހައިކޯޓުގައި ވެސް އަޙްމަދު ތައުފީޤްގެ ފަރާތުން ފާހަގަކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވެސް ފާހަގަކުރި ކަންކަމެވެ. މިގޮތުން އެއްބަސްވުން ހެދުމުގައި މަކަރާއި އޮޅުވާލުން ހިމެނޭ ކަމަށް ބުނެ، އަޙްމަދު ތައުފީޤްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރި ކަންކަމަކީ، އަޙްމަދު ތައުފީޤް އަކީ ލިޔަންކިޔަން ނުދަންނަ މީހަކަށް ވުމާއި، އަޙްމަދު ތައުފީޤް އަކީ ބަލި މީހަކަށް ވާއިރު، އެ ޙާލަތުގެ ނާޖައިޒު ފައިދާ ނަގައިގެން ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެން އެއްބަސްވުމެއްގައި އޭނާ ބައިވެރިކުރުވީ ކަމަށެވެ. މިގޮތުން، ކޮންޓްރެކްޓްއާ ބެހޭ ޤާނޫނުގެ އިސްވެ ބަޔާންކުރެވުނު މާއްދާތަކާ ގުޅިގެން އަޙްމަދު ތައުފީޤްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އަންނަނިވި ކަންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާ: އަމިއްލަ އިޚްތިޔާރުނެތުން

26HN2HN3HN4HN5އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަމިއްލަ އިޚްތިޔާރުގައި ނޫންކަން ބަޔާންކޮށްދިނުމުގެ ގޮތުން އަޙްމަދު ތައުފީޤްގެ ފަރާތުން ބުނެފައިވަނީ، އެފަރާތަކީ އެއްފަރާތް ވާގިނެތިފައިވާ މީހެއްކަމަށާއި ލިޔަންކިޔަން ނުދަންނަ ފަރާތެއް ކަމަށެވެ.

26.1. އަޙްމަދު ތައުފީޤް އަކީ ރަނގަޅަށް ލިޔަންކިޔަން ނޭނގޭ މީހެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2054/Cv-C/2017 ޤަޟިއްޔާއާއި ގުޅިގެން 26 އޮކްޓޯބަރ 2017 ގައި އެ ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ތައުފީޤް ފާހަގަކޮށްފައި ވެއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާއާއި ގުޅިގެން 22 އޮކްޓޯބަރ 2017 ގައި ސިވިލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ވެސް އަޙްމަދު ތައުފީޤް އެފަދައިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ބުނެވުނު ތާރީޚު ތަކުގައި އަޙްމަދު ތައުފީޤްގެ ފަރާތުން ހުށަހެޅި ކަންކަން ސާބިތުކުރުމުގެ ގޮތުން ޝަފަހީ ހެކީން ސިވިލް ކޯޓަށް ހުށަހެޅުމަށް އެދުނުއިރު، ހާޒިރުކުރަން އެދުނު ފަރާތް ތަކުގެތެރޭގައި އަޙްމަދު ތައުފީޤަކީ ލިޔަންކިޔަން ނޭނގޭ މީހެއްކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ވާކަން އެނގޭކަށް ނެތެވެ.

26.2. އިސްވެ މި ބުނެވުނު 22 އޮކްޓޯބަރ 2017 އާއި 26 އޮކްޓޯބަރ 2017 ގެ ބަޔާނުގައި އަޙްމަދު ތައުފީޤް ތަކުރާރުކޮށް މި އެގްރީމެންޓްގައިވާ ކަންތައްތައް އޮޅުންފިލުވައި ދިނުމަށް އެދިފައި ވީނަމަވެސް އެގްރީމެންޓްގައި ހިމެނިފައިވާ ކަންކަން ކިޔައިދީފައި ނުވާކަމަށް އަޙްމަދު ތައުފީޤް ސިވިލް ކޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން މިހިސާބުން އަހުރެންނަށް އުފެދޭ ސުވާލަކީ، އަޙްމަދު ތައުފީޤް ބުނާފަދައިން އަޙްމަދު ތައުފީޤް އަކީ ލިޔަންކިޔަން ނޭނގޭ މީހެއް ނަމަ، އަދި އެގްރީމެންޓްގައި ބުނާ ކަންކަން ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން އަޙްމަދު ތައުފީޤް އަށް އޮޅުން ފިލުވައި ދީފައި ނުވާނަމަ، އެ އެއްބަސްވުމުގައި އަޙްމަދު ތައުފީޤް ސޮއިކުރީ ކީއްވެ ހެއްޔެވެ؟ ނުވަތަ ސޮއިކުރުމުގެ ކުރިން އެހެން މީހެއްގެ އެހީތެރިކަން ހޯދާފައި ނުވަނީ ކީއްވެ ހެއްޔެވެ؟

26.3. އަދި އަޙްމަދު ތައުފީޤް ބުނެފައިވާ ގޮތަށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އާއެކު ވެފައިވާ އެއްބަސްވުމަކީ، ނޫފޫޒު ފޯރުވުމާއި އޮޅުވާލުމުގެ ތެރެއިން ހަދާފައިވާ އެއްބަސްވުމެއް ކަމުގައި ވާނަމަ، އެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓަށް އަޙްމަދު ތައުފީޤްގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު 1007/CV-C/2012 ޤަޟިއްޔާއާއި ނަންބަރު 1324/CV-C/2012 ޤަޟިއްޔާގެ ދަޢުވާ ފޯމުގައި އަޙްމަދު ލަބީބުގެ ފަރާތުން ސޮއިކޮށް، އެ މައްސަލައިގައި އަޙްމަދު ތައުފީޤްގެ ފަރާތުން ވަކީލެއްގެ ގޮތުގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ޢައްޔަން ކޮށްފައިވަނީ ކީއްވެ ހެއްޔެވެ؟ އަދި އެ މައްސަލަތަކުގެ ޞީޣާ ގައި ބަޔާން ކޮށްފައިވާ ފައިސާގެ ޢަދަދުތަކުގެ ތެރޭގައި، "މިފައިސާ ހޯދުމަށް ޤާނޫނީގޮތުން ކުރާ މަސައްކަތައް ޚަރަދުވާ -/260,000ރ. (ދެލައްކަ ފަސްދޮޅަސްހާސް ރުފިޔާ)" އަދި "މި މަސައްކަތަށް ޤާނޫނީ ގޮތުން ޚަރަދުވާ -/100,000ރ. (އެއްލައްކަ ރުފިޔާ)" މިގޮތަށް ލިޔެފައިވާއިރު، އެއީ ޙަޤީޤަތާ ޚިލާފު ކަމަކަށް ވާނަމަ އެކަން ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ތައުފީޤްގެ ފަރާތުން އިޞްލާޙް ނުކުރީ ކީއްވެ ހެއްޔެވެ؟ އަދި ސިވިލް ކޯޓަށް އަޙްމަދު ތައުފީޤް ހާޒިރު ނުވުމުންނާއި އަޙްމަދު ތައުފީޤް އަމިއްލައަށް އެދިގެން ބާޠިލްކުރި އެ ދެ ޤަޟިއްޔާ ބާޠިލްކުރުމުގެ ކުރިން، 4 (ހަތަރެއް) ތާރީޚެއްގެ މަތިން އަޙްމަދު ތައުފީޤް ސިވިލް ކޯޓަށް ހާޒިރުވެ ބަޔާން ދީފައިވާއިރު، އެއިން އެއްވެސް ފަހަރަކު މިފަދަ ކަމެއް ފާހަގަކޮށްފައި ނުވަނީ ކީއްވެބާ އެވެ؟

26.4. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ކޮންޓްރެކްޓެއް ކުރެވޭ ގޮތްކަމަށް ބަޔާންކޮށްފައިވަނީ، އެ ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީ ކަމަށެވެ. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި، ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅާ ބުނެވިދާނެ ކަމަށާއި، ނުވަތަ ޢަމަލުކުރާ ގޮތަކުން ޤަބޫލު ކުރާކަން އެންގުނީކަމަށް ބެލިދާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

26.5. ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން އެއްބަސްވުމެއްގައި ބައިވެރިވުމަށް ތަޞައްރަފު ފުދިފައި ހުރި މީހަކު، އެއްބަސްވުމެއްގައި ބައިވެރިވެ ސޮއިކުރުމަށްފަހު، އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެހެން ފަރާތެއްގެ އޮޅުވާލުމާއި ނުފޫޒުން ކަމުގައި ބުނާނަމަ، އެކަން ސާބިތުކޮށްދިނުމުގެ ޒިންމާއަކީ އެފަދައިން ބުނާފަރާތުގެ މައްޗަށް އޮންނާނެ ޒިންމާ އެކެވެ. އަދި އެކަން ސާބިތުވާން ނެތް ޙާލަތުގައި އެއްބަސްވުމެއްގައި ސޮއިކުރުމުގެ ނަތީޖާއަކީ، އަމިއްލަ ރުހުމާއި އިޚްތިޔާރުގައި އެއްބަސްވުމުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުމަށް އެއްބަސްވެ އެ އެއްބަސްވުމުގައި ޤާނޫނީ ގޮތުން ބަނދެވުމެވެ.

26.6. މަޖުބޫރުކަމެއްނެތި އެއްބަސްވުމަށް ރުހި ޤަބޫލުވުމާ ގުޅޭގޮތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ:

(ހ) ކޮންޓްރެކްޓެއްގައި އެއްބަސްވާ މީހުން ރުހި ޤަބޫލު ވާންވާނީ އެއްވެސް މަޖްބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައެވެ. އަދި އެމީހުންނަކީ، ކޮންޓްރެކްޓް ކުރުމަށް ޤާނޫނު ޤަބޫލު ކުރާފަދަ މީހުން ކަމުގައި ވާންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނާ، ޤާނޫނު ޤަބޫލު ކުރާފަދަ މީހުންނަކީ ބުއްދި ސަލާމަތުން ހުރި، އުމުރުން 16 އަހަރު ފުރިފައިވާ މީހުންނެވެ. މިފަދައިންނެވެ.

26.7. މި މައްސަލައިގައި 2012 ވަނަ އަހަރު އެއްބަސްވުމުގައި ސޮއިކުރި ވަޤުތު، އެ އެއްބަސްވުމުގައި ސޮއިކުރީ އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށް އަޙްމަދު ތައުފީޤް ބުނާ ބުނުން ފިޔަވައި މިކަމަށް ބާރުދޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާ އެއްވިޔަސް ހުށަހަޅާފައި ވާކަން އެނގޭކަށް ނެތެވެ.

26.8. ދިވެހިރާއްޖޭގެ ކޮންޓްރެކްޓް ޤާނޫނުގެ ދަށުން، އެއްބަސްވުމުގެ ބައިވެރިއެއްގެ ބަލި ޙާލަތަކަށް ރިޢާޔަތްކޮށް އެއްބަސްވުން ޞައްޙަނޫން ކަމަށް ކަނޑައެޅޭނީ އެ އެއްބަސްވުމުގައި ސޮއިކުރި ވަޤުތު، އެ އެއްބަސްވުމުގެ އެއް ބައިވެރިއަކަށް އެ މުޢާމަލާތުގެ ޙަޤީޤަތާއި ނަތީޖާ ދެނެގަތުމުގެ ނަފްސާނީ ނުވަތަ ބުއްދީގެ ޤާބިލިއްޔަތުކަން ނެތްކަން ސާބިތުވާ ޙާލަތުގައެވެ.

26.9. ބުއްދީގެ ޤާބިލިއްޔަތުކަން ނެތުމަކީ ހީއެއްގެ މައްޗަށް ބިނާކޮށް ނިންމޭނެ ކަމެއް ނޫނެވެ. އެކަން ކޯޓަށް ސާބިތު ކޮށްދޭން ޖެހޭނީ ބުއްދީގެ ޤާބިލުކަން ނެތްކަމަށް ނުވަތަ ބައްޔެއްގެ ސަބަބުން އެއްބަސްވުމެއްގައި ބައިވެރިވެ އެއްބަސްވުމާ އެއްގޮތަށް ތަޞައްރުފު ކުރުމުގެ ޤާބިލުކަން ނެތް ކަމަށް ބުނާ ފަރާތުންނެވެ. ނުވަތަ ޤާނޫނީ ގޮތުން އެފަރާތް ތަމްސީލު ކުރާ ފަރާތުންނެވެ.

26.10. ނަފްސާނީ ނުވަތަ ބުއްދީގެ ޤާބިލިއްޔަތުކަން ނެތްކަން ސާބިތު ކޮށްދޭންޖެހޭނީ، އެ އެއްބަސްވުމުގައި ސޮއިކުރި ވަގުތުގައި އެކަން އޮތް ޙާލަތުގެ މައްޗަށެވެ. އަދި އެ ޤާބިލިއްޔަތު ނެތުމުން އެ އެއްބަސްވުމާ ގުޅޭގޮތުން ރަނގަޅު ނިންމުންތައް ނިންމުމަށް އެމީހާ ނުކުޅެދޭ މިންވަރުގެ މައްޗަށެވެ.

26.11. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ބުއްދި ސަލާމަތުންހުރި" މި ލަފުޒުން މީހަކު ބަލިވުމާއި އެމީހެއްގެ ބުއްދީގެ ޤާބިލިއްޔަތު ނެތުމާ ދެމެދު ވަރަށް ސާފު ތަފާތު ކުރުމެއް ފާހަގަވާން އޮތްކަން އެނގެން އޮވެއެވެ.

26.12. އަޙްމަދު ތައުފީޤްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އޭނާގެ ބަލި ޙާލަތާގުޅޭ ލިޔުންތަކަށް ބަލާއިރު، މި ލިޔުންތަކަކީ 2016 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދުގެ ތާރީޚު ތަކަށް ނިސްބަތްވާ ލިޔެކިޔުން ތަކެއް ކަމުން، އަޙްމަދު ތައުފީޤްއާއި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އާ ދެމެދު 29 މޭ 2012 ގައި އާއި 15 ޖުލައި 2012 ގައި ޙަވާލާދެވިފައިވާ ދެ އެއްބަސްވުން ޤާއިމު ކުރެވުނު އިރު، އަޙްމަދު ތައުފީޤް އަކީ އޭނާގެ ބަލި ޙާލަތު ހުރިގޮތުން އެއްބަސްވުމެއް ޤާއިމުކުރުމަށް ނުކުޅެދޭ މީހެއްކަން ނުވަތަ އެއްބަސްވުމުގައި ވާ އެއްޗެއް ފަހުމްވުމުގެ ޤާބިލުކަން ނެތް މީހެއްކަން އެނގޭނެ އިތުރު ގޮތެއް ނެތެވެ.

26.13. އެހެނީ، ބައްޔެއްގެ ސަބަބުން މިނިވަންކަމާ އެކު އެއްބަސްވުމެއް ގައި ބައިވެރިވުމަށް ނުކުޅެދޭ މިންވަރަށް ބުއްދިއަށް އަސަރުކޮށްފައިވާ ކަން ކޯޓުގައި ސާބިތުކޮށް ނުދެވޭ ހާ ހިނދަކު، އެ އެއްބަސްވުމަކީ ޞައްޙަ އަދި ތަންފީޛު ކުރެވޭނެ އެއްބަސްވުމެއް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވޭތީ އެވެ.

26.14. އެހެންކަމުން، އަޙްމަދު ތައުފީޤް އަކީ ލިޔަންކިޔަން އެނގޭ މީހެއްނޫން ކަމަށާއި، އޭނާއަކީ އެއްބަސްވުން ވެވުނުއިރު ބަލި ޙާލަތުގެ ސަބަބުން އެއްބަސްވުމެއްގައި ބައިވެރިވުން ޞައްޙަ ނުވާނެ މީހެއްކަމަށް އޭނާ ބުނާ ބުނުން ފިޔަވައި މިކަމަށް ބާރުދޭ ހެއްކެއް ނުވަތަ ޤަރީނާއެއް އަޙްމަދު ތައުފީޤްގެ ފަރާތުން ހުށަހަޅާފައި ނެތްކަމަށް ޓަކައި ހައިކޯޓުން މި ނުކުތާގައި ނިންމާފައިވާ ނިންމުން ރަނގަޅުކަމުގައި އަހުރެންނަށް ބުރަވެއެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ: ނުރަނގަޅު ނުފޫޛު

27HN6HN7HN8ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޙަވާލާދީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މި ނުކުތާ ހައިކޯޓުން ބަލައިގަނެފައެއް ނުވެއެވެ.

27.1. މި ނުކުތާ ބަލައި ނުގަންނަން ނިންމި ސަބަބަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޙަވާލާދީ ވަކީލުއާއި މުވައްކިލުގެ ގުޅުމުގެ ސަބަބުން ނުފޫޒު ފޯރުވުމުގެ މަޤާމެއް ވުޖޫދުވެފައިވާ ކަމަށް އަޙްމަދު ތައުފީޤް ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރި ނުކުތާ އަކީ ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާ އަކަށް ނުވުމުން، މި ނުކުތާ އާ މެދު ސިވިލް ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އަށް ލިބިފައި ނެތުމެވެ.

27.2. ސުޕްރީމް ކޯޓުގެ ސެންޓަރ އެންޓަރޕްރައިސެސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ޤަޟިއްޔާއާ ޙަވާލާދީ މި ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަންނަން ޖެހޭ ސަބަބެއް ކަމަށް އަޙްމަދު ތައުފީޤްގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ، މި ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު ނުދީފި ނަމަ އެފަރާތަށް ނުފޫޒު ފޯރުވެން ހުރި މީހާގެ ފަރާތުން އަޙްމަދު ތައުފީޤްގެ ކިބައިގައިވާ ނުކުޅެދުންތެރި ކަމުގެ (ރަނގަޅަށް ލިޔަންކިޔަން ނޭގުން) ފައިދާ ނާޖާއިޒު ގޮތުގައި ނަގައި، ނުޙައްޤުން، ބޭއިންސާފުން ފައިސާ ދައްކަން ޖެހުން ކަމަށެވެ.

27.3. ބަޔާންކުރެވުނު ސެންޓަރ އެންޓަރޕްރައިސެސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އައު ހުށަހެޅުންތައް ހުށަހަޅައި އެކަން ކަމާމެދު ބަހުސް ކުރުމުގެ ފުރުޞަތު ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ މަރުޙަލާގައިވެސް ދެވިދާނެ ކަމަށް ބަޔާންކޮށްފައި ވަނީ، ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާ ޙަވާލާދީ އެވެ.

27.4. މިގޮތުން އާމިނަތު ނާޒްލީ ޤަޟިއްޔާ ގައި އައު ހެކި ނުވަތަ [ހުށަހެޅުން] އިސްތިސްނާ ޙާލަތުގައި ބަލައި ގަނެވޭނެ އުންޞުރުތައް ކަމަށް ބަޔާން ކޮށްފައި ވަނީ؛

27.4.1 އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުން ދިޔަ އިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްގެން ވެސް ލިބިފައި ނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށް ވުން. (Non-availability)؛

27.4.2 އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫ އަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށް ވުން. (Relevance)؛

27.4.3 އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަ ކަމާމެދު ސުވާލު އުފެދިފައި ނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށް ވުން. (Credibility)؛ މިއެވެ.

27.5. ސުޕްރީމް ކޯޓުގެ މަރުޙަލާގައި އައު ހުށަހެޅުންތައް ނުވަތަ ޤާނޫނީ ބަޙުޘް ބަލައިގަތުމާމެދު ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "...ސުޕްރީމް ކޯޓު މަރުޙަލާގައި، ހައިކޯޓަށް ހުށަނާޅައި އައު ޤާނޫނީ ބަޙުޘަކަށް ފުރުޞަތު ދެވުމުގެ އިޙުތިމާލު އުފަންވެދާނެ ޙާލަތްތަކެއް ހުރެދާނެއެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ މުޖްތަމަޢުތަކުގައި، މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް އެ ޤައުމުތަކުގެ އިޖުރާއަތާބެހޭ ޤާނޫނުތަކުގައި ބަޔާންކުރެވިފައިވެއެވެ. ދިވެހިރާއްޖޭގައި ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ވިޔަސް އައު ޤާނޫނީ ނުކުތާތައް އެންމެ މަތީ މަރުޙަލާ ކޯޓުން ބަލައިގަނެވިދާނެ ޙާލަތްތައް ބަޔާންކޮށްފައިނެތް ނަމަވެސް، އިންޞާފަށް ވާޞިލުވުމަށްޓަކައި، އައު ޤާނޫނީ ބަޙުޘަކަށް ފުރުޞަތު ހުޅުވާލެވިދާނެ ޙާލަތްތައް ހުންނަންޖެހޭނެކަމަށް ދެކެމެވެ. އެގޮތުން؛ (1) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ (2) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވާނަމަ، އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަތުމުގައި ހުރަހެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އައު ހެކި ނުވަތަ އައު ނުކުތާއަކަށް ރިޢާޔަތް ކުރާނަމަ، އެ ކަމަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިޢާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށު ކޯޓަށް ހުށަ ނޭޅުނު ސަބަބާއި އަދި މި ނޫންވެސް މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމަކީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތް ކުރެވިދާނެ ކަންކަމެވެ." މިފަދައިންނެވެ.

27.6. ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް [2022] SC 41 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "... ކަޕޫރުﷲ ޔޫސުފް މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަ ކުރައްވާފައިވާ ފަދައިން ސުޕްރީމް ކޯޓުގައި ފާހަގަ ކުރާ އައު ޤާނޫނީ ނުކުތާތައް ބަލައިގަނެވިދާނެ އުސޫލުތަކަކީ، ޢާންމު އުސޫލުތަކެއް ނޫނެވެ. އެއީ އިސްތިސްނާ ތަކެކެވެ. ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޢާންމު އުސޫލުތައް ބަޔާންވެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ ގައެވެ. މި ޢާންމު އުސޫލުތަކުގެ ޚުލާޞާއަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ އެ ނިންމުމަށް ވާސިލުވުމުގައި ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތި ވުމެވެ. މިއިން ކޮންމެކަމެއް ކުރިމަތިވި ނަމަވެސް، ޢާންމު ގޮތެއްގައި އެކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެއެވެ. ނުވަތަ އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެއެވެ. އެހެންކަމުން، ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ އަލީގައި، ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ޙާލަތުގައި ޢަމަލުކުރަންޖެހޭނެ ޢާންމު އުޞޫލަކީ، އިސްތިއުނާފު ކުރެވޭ ޤާނޫނީ ބަޙުޘަކީ ދަށު މަރުޙަލާ ތަކުގައި ވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަޙުޘަކަށް ވުމެވެ. ދަށު މަރުޙަލާ ތަކުގައި ހުށަހެޅި ދިފާޢުތަކާއި ޤާނޫނީ ބަޙުޘްތަކާ ތަފާތު އައު ނުކުތާއެއް ހުށަހެޅެންވާނީ ވަރަށް އިސްތިސްނާ ޙާލަތެއްގައެވެ." މިފަދައިންނެވެ.

27.7. އައު ޤާނޫނީ ބަހުސެއް ނުވަތަ އައު ހުށަހެޅުންތައް ބަލައިގަތުމާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ބަޔާންކުރެވުނު ނިންމުންތަކުގެ އަލީގައި މި ނުކުތާއަކީ މި ކޯޓަށް ބަލައިގަނެވިދާނެ ނުކުތާއެއްތޯ ބަލާއިރު، ވަކީލު އޭނާގެ މުވައްކިލުގެ މައްޗަށް ނުރަނގަޅު ނުފޫޒު ފޯރުވާފައިވާ ސަބަބެއްކަމަށް އަޙްމަދު ތައުފީޤްގެ ފަރާތުން މި ނުކުތާގައިވެސް ބަޔާންކުރި ސަބަބަކީ ކުރިންވެސް ބަޔާންކުރި ފަދައިން އަޙްމަދު ތައުފީޤްގެ ބަލި ޙާލަތާއި ރަނގަޅަށް ލިޔަންކިޔަން ނޭގުމުގެ ފައިދާ ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ނާޖާއިޒު ގޮތުގައި ނެގުންކަމަށް ބުނެއެވެ.

27.8. އަޙްމަދު ތައުފީޤްއަށް ލިޔަންކިޔަން ނޭނގުމާ ގުޅޭގޮތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދާއި އަޙްމަދު ތައުފީޤް ވެސް ސިވިލް ކޯޓުގައި ވާހަކަ ދައްކާފައި ވެއެވެ. މިގޮތުން 22 ނޮވެންބަރު 2017 ގައި ސިވިލް ކޯޓަށް ހުށަހެޅި ބަޔާނުގެ 5 ވަނަ ނުކުތާ އަދި 25 ޖުލައި 2018 ގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ސިވިލް ކޯޓަށް ހުށަހެޅި ބަޔާނުގެ 8 ވަނަ ނުކުތާގައި "...ދަޢުވާ ލިބޭ ފަރާތުން ކޮންމެ ލިޔުމެއްގައިވެސް ސޮއިކުރަނީ އެފަރާތުން އެލިޔުމަކަށް ބަލާ ކިޔުމަށްފަހުގައިކަން ފާހަގަކުރަމެވެ." މިފަދައިން ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ބުނެފައި އޮންނަ އޮތުމަށް ސީދާގޮތުން އަޙްމަދު ތައުފީޤް ރައްދުދީފައި އޮތްކަން އެނގޭކަށް ނެތެވެ.

27.9. މި މައްސަލައިގައި ހަވާލާ ދެވިފައިވާ އެއްބަސްވުންތަކަކީ ވަކީލުއާއި މުވައްކިލުގެ ގުޅުމުގެ ސަބަބުން ނުފޫޒު ފޯރުވޭފަދަ މަޤާމެއްގައި ހުރެ ސޮއިކޮށްފައިވާ އެއްބަސްވުންތަކެއް ކަމަށް ބުނެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޙަވާލާދީ ސިވިލް ކޯޓަށް މި ނުކުތާ ހުށަހަޅާފައި ނުވެއެވެ.

27.10. އެހެންކަމުން، މި ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެވޭނެ ތަނެއް ނެތްކަމަށް އެ ކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް ބުރަވެވޭތީ، މި ނުކުތާއާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެކަމަށް އަހަރެން ނުދެކެމެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ: ޙަޤީޤަތް އޮޅުވާލުން

28HN9HN10HN11މި ނުކުތާގައި އަޙްމަދު ތައުފީޤް ބުނެފައިވަނީ، ބ.އޭދަފުށީ ޕޭންޓްލޭންޑް އަޙްމަދު ލަބީބުއާއި އަޙްމަދު ތައުފީޤްއާ ދެމެދު ހ.މެންގޯހައުސް ޢިމާރާތް ކުރުމަށް ޤާއިމު ކޮށްފައިވާ އެއްބަސްވުމަށް ނިމުން ގެނައުމުގެ ކަންކަން ކުރުމަށް ދެފަރާތް ދެމެދުގައި މަޝްވަރާކޮށް އެއްބަސްވެވުނު ގޮތާ ޚިލާފަށް، ދެ އެއްބަސްވުމެއް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ތައްޔާރުކޮށްފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި، އަޙްމަދު ތައުފީޤްގެ ފަރާތުން އެއްބަސްވެފައިވާ ގޮތަކީ، އަޙްމަދު ލަބީބުގެ އަތުން ގެއްލުމުގެ ބަދަލު ލިބުމުން، އެ ފައިސާގެ ތެރެއިން 10 (ދިހައެއް) ނުވަތަ 15 (ފަނަރަ) ޕަސެންޓް ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ދިނުމަށް ކަމަށެވެ. މި ނުކުތާއަކީ ސިވިލް ކޯޓުގެ މަރުޙަލާގައި ވެސް އަޙްމަދު ތައުފީޤްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާ އެކެވެ.

28.1. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ގަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތު ކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު ހިނގީކަމަށް ބެލޭނެ އެވެ." މި ފަދައިންނެވެ.

28.2. ސުޕްރީމް ކޯޓުގެ އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް [2021] SC 66 ޤަޟިއްޔާގައި ކޮންޓެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއަށް ބަލާއިރު ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ފުރިހަމަވުމުގައި އަންނަނިވި ދެ ކަންތައް ފުރިހަމަ ވާން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

28.2.1 ފުރަތަމަ ކަމަކީ، ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭ ގޮތުން، ނުވަތަ އެ މީހަކު ޤަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއް ކަމުގައި މަކަރުވެރި ގޮތަކަށް ދެއްކުން ނުވަތަ ވަކާލާތު ކުރުމެވެ.

28.2.2 ދެވަނަ ކަމަކީ، އެ ފަދައިން ދެއްކުމުން ނުވަތަ ވަކާލާތު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އަނެކަކު އެކަމުގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އިތުބާރު ކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވުމެވެ.

28.3. ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން އަޙްމަދު ތައުފީޤް މި މައްސަލައިގައި ހަވާލާދޭ ދެ އެއްބަސްވުމުގައި ބައިވެރި ކުރުވާފައި ވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާން ވެފައިވާ ގޮތުގެ މަތިން ޙަޤީޤަތް އޮޅުވާލައިގެން ކަމަށް ބުނާ ބުނުން ސާބިތު ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ޙަޤީޤަތާ ޚިލާފަށް ދެއްކި ވާހަކައަކީ ނުވަތަ ކޮށްފައިވާ ޙަޤީޤަތާ ޚިލާފު ޢަމަލަކީ ކޮބައިކަން ޝަރީޢަތަށް ސާފުކޮށްދެވިފައިވާ ނުވާތީއާއި، ޙަޤީޤަތާ ޚިލާފު ކަމެއް ތެދެއްކަމަށް މަކަރުވެރި ގޮތަކަށް ދައްކައި އެ ކަމުގެ މައްޗަށް ބަރޯސާވެ އެ ކަމުގެ މައްޗަށް އިތުބާރު ކޮށްގެން ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އާއެކު އަޙްމަދު ތައުފީޤް އެއްބަސްވުން ޤާއިމު ކޮށްފައިވާ ކަން އަޙްމަދު ތައުފީޤްއަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

28.4. ހައިކޯޓުގެ މި ނިންމުން ބިނާ ކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ [2021] SC 98 ޤަޟިއްޔާގައި "ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ބޭނުންކުރާ ފަރާތަކުން އަންނަނިވި ކަންކަން ސާބިތު ކޮށްދޭންޖެހެ އެވެ.

(1) ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އޮތުން (a false representation)

(2) އެއީ ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއްކަން އެ ކަމެއް ހުށަހަޅާ މީހަކަށް އެނގިހުރެ ނުވަތަ ޤަބޫލު ކޮށްގެން ހުރެ، އެއީ ތެދެއްކަމަށް މަކަރުވެރި ގޮތަކަށް ދެއްކުން

(3) އަދި އެކަމުގެ ނުވަތަ އެއްޗެއްގެ މައްޗަށް އިތުބާރު ކޮށްގެން ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ ކޮންޓްރެކްޓްގައި ބައިވެރިވުން؛

ބަޔާންވެދިޔަ ކަންކަން ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ޝަރީޢަތުގައި ސާބިތުކޮށް ދެވިއްޖެނަމަ، އެއްބަސްވުން ބިނާވަނީ މަކަރުވެރި ގޮތަކަށް ޙަޤީޤަތާ ޚިލާފަށް އޮޅުވާލައިފައިވާ އޮޅުވާލުން ތަކެއްގެ މައްޗަށްކަން ކަނޑައެޅިދާނެ އެވެ. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި ޙަވާލާދީ، އެ ކޮންޓްރެކްޓް ބާޠިލުކަމަށް ކަނޑައެޅިދާނެ އެވެ." މިފަދައިން ކަނޑައަޅާފައި އޮންނަ އޮތުމުގެ މައްޗަށެވެ.

28.5. މި މައްސަލައިގައި ހަވާލާދޭ ދެ އެއްބަސްވުމަކީ ޙަޤީޤަތާ ޚިލާފަށް އޮޅުވާލައިގެން ވެފައިވާ ދެ އެއްބަސްވުން ކަމަށް އަޙްމަދު ތައުފީޤް ބުނާ ސަބަބަކީ، މި ދެ އެއްބަސްވުމާއި ގުޅިގެން ޙަވާލާ ދެވިފައިވާ ދެ މައްސަލަ (އަޙްމަދު ތައުފީޤްގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރި ނަންބަރު 1007/Cv-C/2012 ޤަޟިއްޔާއާއި 1324/Cv-C/2012 ޤަޟިއްޔާ) ގައި ޤާނޫނީ ވަކީލުގެ މަސައްކަތަށް ކަނޑައެޅި ފައިސާގެ ޢަދަދަކީ ބުނެވުނު ދެ މައްސަލައިގައި ބަޔާންކުރާ ފައިސާގެ ވަކި ޕަސަންޓެއް ވަކީލަށް ދިނުން ކަމަށް ވާއިރު، އެއްބަސްވުމުގައި ވަކި ޢަދަދެއް ހިމެނުމެވެ. މިގޮތުން މި ވާހަކަތައް ސިވިލް ކޯޓު، ހައިކޯޓު އަދި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އަޙްމަދު ތައުފީޤް ދައްކާފައިވެއެވެ. އެހެންނަމަވެސް އެއްބަސްވެވުނު ފައިސާގެ ޢަދަދުކަމަށް ސިވިލް ކޯޓުގެ ޝަރީޢަތުގައި އަޙްމަދު ތައުފީޤް ބުނެފައިވަނީ 5 ނުވަތަ 10 ޕަސެންޓް ދޭނެ ކަމަށް ބުނިކަމަށެވެ. ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި ބުނެފައިވަނީ 10 ނުވަތަ 15 ޕަސަންޓް ދިނުމަށް އަނގަބަހުން އެއްބަސްވެވުނު ކަމަށެވެ.

28.6. މި އެއްބަސްވުންތައް ވެފައިވާކަމާ މެދު ދެފަހަރު ދެގޮތަކަށް އަޙްމަދު ތައުފީޤް ސިވިލް ކޯޓުގައިވެސް ފާހަގަކޮށްފައި ވާކަން އެނގެން އޮވެއެވެ. 12 ޑިސެންބަރު 2017 ގައި އަޙްމަދު ތައުފީޤް ސިވިލް ކޯޓަށް ދީފައިވާ ބަޔާނުގެ 5 ވަނަ ނުކުތާގައި ".. ދަޢުވާކުރާ ފަރާތުން ވިދާޅުވާ 2 އެއްބަސްވުމަކީ ހަމަޔަޤީނުންވެސް އަޅުގަނޑުމެން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއް ނޫނެވެ." މިފަދައިން ބަޔާންކުރުމަށްފަހު ހަމަ މި ބަޔާނުގެ 5 ވަނަ ނުކުތާގެ (ހ) ގައި "...އަޅުގަނޑުގެ ހަމަބުއްދި ސަލާމަތުންވާ ޙާލު މިހާރު ހުށަހެޅިފައިވާ 2 މައްސަލާއާ ހަމައަށް ސޮއި ކުރެވިފައި ވާނީ އަޅުގަނޑަށް އެނގިގެން ހަމައެކަނި 1 އެއްބަސްވުން ކަމަށްވުން، އަދި ހަމައެހެންމެ އެއްބަސްވުމުގައި ކަނޑައެޅިގެން ވަކިމިންވަރެއްގެ ފައިސާއެއް ދޭން ކަނޑައަޅާ ބަޔާންކޮށް އަޅުގަނޑަށް އަންގާދީފައި ނެތުމާއި އަދި އޭގެފަހުން އިތުރު އެއްވެސް އެއްބަސްވުމެއް ވެވިފައިނުވާކަން. ށ. ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ އެއްބަސްވުންތަކުގެ ކޮޕީ ގައި ހެކީން ސޮއިކުރިކަން އަޅުގަނޑުގެ ދެލޮލަށް ފެނިފައި ނުވުމާއި އަދި ސޮއިކުރިއަސް އެކަން ކޮށްފައި އެވަނީ ސިއްރުން އަޅުގަނޑުގެ ގައިރު ހާޒިރުގައިކަން، ނ. އަދި ދަޢުވާކުރާ ފަރާތާއި ކުރެވިފައިވާ ހަމައެކަނި އެއްބަސްވުމުގައި ސޮއިކުރި ދުވަހު އެބައްދަލުވުމުގެ މަޖިލީހުގައި ތިބި މުޅިޖުމްލަ 3 މީހުންކަން، އަދި އެއީ އަޅުގަނޑާއި އަދި އަޅުގަނޑުގެ ރަހުމަތްތެރިއަކާއި ދަޢުވާކުރާ ފަރާތް އެކަނިކަން، މިބަޔާންކުރެވިފައިވާ 3 މީހުންގެ އިތުރު އެއްވެސް މީހަކު އެބައްދަލުވުމުގައި ނުވާކަން.." މިފަދައިންނެވެ.

28.7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ "މަދަނީ މުޢާމަލާތްތައް ޡާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ މުސްތަނަދު (written instrument) ކަމާއި، މިފަދަ މުސްތަނަދު ތަކުގެ ތެރެއިން މުޢާމަލާތުގެ ބައިވެރިންގެ މެދުގައި އެ މުޢާމަލާތެއް ޘާބިތުކުރުމަށްޓަކާ އެކުލަވާލެވޭ "ޚާއްޞަ" މުސްތަނަދަކީ ދެވައްތަރެއްގެ ޙުއްޖަތް ޤާއިމުކުރެވޭ އެއްޗެއްކަމާއި، ފުރަތަމަ ޙުއްޖަތަކީ މުސްތަނަދުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާ ހިނދަކު އެ މުސްތަނަދަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ދީފައިވާ މުސްތަނަދެއް ކަމުގައި ޤާއިމުވާ ޙުއްޖަތް ކަމާއި، ދެވަނަ ޙުއްޖަތަކީ އެ މުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިޢު (Facts) ތަކަކީ އޭގެ އިދިކޮޅު ޘާބިތު ނުކޮށްދެވޭހާ ހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާއިޢުތައް ކަމުގައި ޤާއިމުވާ ޙުއްޖަތްކަން އެނގެން އޮންނަކަމެވެ." މިފަދައިންނެވެ.

28.8. އޮޅުވާލުމެއް ނުވަތަ ޙަޤީޤަތާ ޚިލާފު ޢަމަލެއް ނުވަތަ މަޢުލޫމާތެއް ދީފައިވާކަމަށް ބުނާ ފަރާތަށް އެކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު، އަނގަބަހުން ވާހަކަތަކެއް ދެކެވިފައިވާކަމަށް ހަމައެކަނި ބުނާ ބުނުމުގެ މައްޗަށް ބަރޯސާވެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއް ކަމަށް ކަނޑައެޅިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ. އެހެންކަމުން، މި ނުކުތާގައި ހައިކޯޓުން ނިންމި ނިންމުން ރަނގަޅުކަމުގައި އަހުރެން ދެކެމެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ (ނ) އަދި 22 ވަނަ މާއްދާ ގެ ދަށުން ތަންފީޒު ނުކުރެވޭނެ އެއްބަސްވުން

29HN12HN13ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ތިރީގައިމިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރި ވެއްޖެނަމަ، ބެލޭނީ، އެކޮންޓްރެކްޓަކީ އެމައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމުގައެވެ.

(ހ) ކޮންޓްރެކްޓެއްގައިވާ ޝަރްޠުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުވާ ކަންތައްތައްކޮށް ނިންމުން.

(ށ) ކޮންޓްރެކްޓެއްގެ ބައިވެރިން އެ ކޮންޓްރެކްޓަކީ، އެމައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމަށް އެއްބަސްވުން.

(ނ) ޤާނޫނެއް ހިންގަން ޖެހުމުގެ ސަބަބުން ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭން އަމުދުން ނެތުން. ނުވަތަ ކޮންޓްރެކްޓްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން ޢަމަލުކުރެވެން ނެތުން. މިފަދައިންނެވެ.

29.1. ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، "އެނޫންގޮތަކަށް ކޮންޓްރެކްޓްގައި ބުނެފައި ނުވާނަމަ، ބައިވެރިން ޢަމަލުކުރަންވާނީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައެވެ." މިފަދައިންނެވެ.

29.2. ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 22 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ، (ހ) ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން، ނުވަތަ ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރުމަކީ ވެވެން ނެތް ކަމަކަށް ވެއްޖެ ހިނދެއްގައި ބެލޭނީ، އެކޮންޓްރެކްޓް ނިމުމަކަށް ދިޔައީ ކަމުގައެވެ.

(ށ) ކޮންޓްރެކްޓަކުން އޭގެ ބައިވެރިންނަށް ލާޒިމުކުރާ ޢަމަލެއް ކުރުން ދަތިވުމަކީ ނުވަތަ އެކަމަށް ހިނގާ ޚަރަދު ބޮޑުވުމަކީ އެޢަމަލެއް ކުރެވެންނެތީ ކަމަކަށް ނުބެލޭނެ އެވެ.

(ނ) ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ އިހުމާލުން، ނުވަތަ އޭނާގެ އަމިއްލަ ކުށަކުން މެދުވެރިވާ ޙާލަތަކާހުރެ، އެކޮންޓްރެކްޓަކުން އޭނާގެ މައްޗަށް ލާޒިމުކުރާ ޢަމަލެއް ކުރެވެންނެތީ ކަމަކަށް އޭނާ ބަލައިގެން ނުވާނެއެވެ. މިފަދައިންނެވެ.

29.3. މަތީގައި ބަޔާންކުރެވުނު މާއްދާތަކާ ޙަވާލާދީ މި ނުކުތާގައި އަޙްމަދު ތައުފީޤް މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އަޙްމަދު ލަބީބުއާއި އަޙްމަދު ތައުފީޤްއާއި ދެމެދު ހަދާފައިވާ އެއްބަސްވުމަށް 01 އޯގަސްޓް 2019 ގައި ނިމުން އައިސްފައިވާތީ، މި މައްސަލައިގައި ހަވާލާދޭ ޢުމަރު ޒާހިރު ޢަބްދުއްޞަމަދާ އެކު އަޙްމަދު ތައުފީޤް ވެފައިވާ އެއްބަސްވުމަކީ ނުވަތަ އެއްބަސްވުންތަކަކީ މިހާރު ތަންފީޛުކުރެވެން ނެތް، އެއްބަސްވުމުގެ މަޤުޞަދު ޙާޞިލުކުރެވެން ނެތް އެއްބަސްވުމެއް ކަމަށް ބަލަންޖެހޭ ކަމަށެވެ.

29.4. އަދި އަޙްމަދު ލަބީބުއާ އެކު ހަދާފައިވާ އެއްބަސްވުން ނިމިގެން ދިޔައިރުވެސް، އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން އުފަންވި މައްސަލައަށް ޤާނޫނީ ޙައްލެއް ލިބިފައި ނުވާތީ، މި މައްސަލައިގައި ޙަވާލާދޭ ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޙްމަދު ތައުފީޤްގެ މައްޗަށް ޙުކުމް ކުރުމަކީ ކޮންޓްރެކްޓަބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގެ ރޫޙާ ޚިލާފު ކަމެއް ކަމަށެވެ.

29.5. މިގޮތުން، މި މައްސަލައިގައި ބަޔާންކުރާ އަޙްމަދު ތައުފީޤްއާއި ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއާއި ދެމެދު ވެފައިވާ ދެ އެއްބަސްވުމަކީ ޤާނޫނީ މަސައްކަތް ކުރުމަށް ނުވަތަ އަޙްމަދު ތައުފީޤްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއްގައި އަޙްމަދު ތައުފީޤްގެ ޤާނޫނީ ވަކީލުގެ ގޮތުގައި މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމެއް ކަން އެނގެން އޮވެއެވެ.

29.6. މި މައްސަލައި ގައި ޙަވާލާދޭ ދެ އެއްބަސްވުމުގެ ތެރެއިން 29 މޭ 2012 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ޤާނޫނީ މަސައްކަތް ކޮށްދީފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1007/Cv-C/2012 ޤަޟިއްޔާގައި ކަން އެ ޤަޟިއްޔާއަށް ބެލުމުން އެނގެއެވެ. އަދި 15 ޖުލައި 2012 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ޤާނޫނީ މަސައްކަތް ކޮށްދީފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1324/Cv-C/2012 ޤަޟިއްޔާގައި ކަން އެ ޤަޟިއްޔާއަށް ބެލުމުން އެނގެއެވެ. އަދި މި ދެ ޤަޟިއްޔާގައި ހަވާލާދޭ އެއްބަސްވުމުގައި ބުނާ ޤާނޫނީ ފީއާއި ބުނެވުނު ސިވިލް ކޯޓުގެ ދެ ޤަޟިއްޔާގައި ދަޢުވާގެ ޞީޣާގައި ބަޔާންކުރާ ވަކީލު ފީގެ ޚަރަދާ ދިމާވެ އެވެ.

29.7. 29 މޭ 2012 އަދި 15 ޖުލައި 2012 ގައި އަޙްމަދު ތައުފީޤްއާއި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ވެފައިވާ ދެ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި "މިއެއްބަސްވުމުގެ ދަށުން މަސައްކަތް ޙަވާލުކުރުމަށްފަހު މައްސަލަ ދޫކޮށްލި ނަމަވެސް ނުވަތަ ޝަރީޢަތުން ބޭރުގައި ދެފަރާތުން ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރި ނަމަވެސް އަދި މައްސަލަ ޙަވާލުކުރި ފަރާތުގެ އިޙުމާލުން މައްސަލަ ބާޠިލުކުރި ނަމަވެސް މަސައްކަތަށް ކަނޑައެޅިފައިވާ އަގު ދިނުމަށް އެއްބަސްވަމެވެ" މިފަދައިން ބަޔާންކޮށްފައިވެއެވެ.

29.8. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި، ކޮންޓްރެކްޓަކުން އޭގެ ބައިވެރިންނަށް ލާޒިމުކުރާ ޢަމަލެއް ކުރުން ދަތިވުމަކީ ނުވަތަ އެކަމަށް ހިނގާ ޚަރަދު ބޮޑުވުމަކީ އެ ޢަމަލެއް ކުރެވެންނެތީ ކަމަކަށް ނުބެލޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. އަދި އެ މާއްދާގެ (ނ) ގައި، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ އިހުމާލުން، ނުވަތަ އޭނާގެ އަމިއްލަ ކުށަކުން މެދުވެރިވާ ޙާލަތަކާހުރެ، އެ ކޮންޓްރެކްޓަކުން އޭނާގެ މައްޗަށް ލާޒިމުކުރާ ޢަމަލެއް ކުރެވެންނެތީ ކަމަކަށް އޭނާ ބަލައިގެން ނުވާނެ ކަމަށް އެހާމެ ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

29.9. އެހެންކަމުން، އަޙްމަދު ލަބީބުއާއި އަޙްމަދު ތައުފީޤްއާއި ދެމެދު ހަދާފައިވާ އެއްބަސްވުމަށް 01 އޯގަސްޓް 2019 ގައި ނިމުން އައިސްފައިވުމަކީ އޭގެޒާތުގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް އޭނާކުރި މަސައްކަތަށް ކަނޑައެޅި އަގު ލިބެން ނުޖެހޭ ސަބަބެއް ކަމަށް އަހުރެންނަށް ބުރައެއް ނުވެވެއެވެ. އަދި މި މައްސަލައިގައި ހަވާލާދެވިފައިވާ ދެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ (ނ) އާއި 22 ވަނަ މާއްދާގެ ދަށުން ތަންފީޛު ނުކުރެވޭނެ އެއްބަސްވުމެއްކަމަށް ކަނޑައެޅިދާނެ އެއްވެސް އަސާސެއްވެސް އަހުރެންނަކަށް ފެންނާކަށް ނެތެވެ.

(ނ) ސުޕްރީމް ކޯޓުގެ މަރުޙަލާގައި ހުށަހަޅާ އައު ޤާނޫނީ ބަހުސް

30HN14ނުޙައްޤުން ފައިސާ ހޯދުމަށް، އެއް މަސައްކަތަކަށް ދެ އެއްބަސްވުމެއް ހަދައި އެއް ވަގުތެއްގައި އެއް ސަބްޖެކްޓެއްގެ މައްޗަށް އެއް ޚަޞްމުން ތަކެއް ހިމެނިގެން އެއް ކޯޓެއްގައި ދެ ޤަޟިއްޔާއެއް އެކުއެކުގައި ހިންގާފައިވަނީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޙަސަން ވ. ޢަލީ ރަޝީދު އަދި އިތުރު ފަރާތެއް ޤަޟިއްޔާއިން ކަނޑައަޅާފައިވާ، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޤަޟިއްޔާއެއް، ހަމަ އެ މަރުޙަލާގެ އެހެން ކޯޓެއްގައި ދެވަނަ ފަހަރަށް ޝަރީޢަތަށް ހުށަހެޅުން މަނާކުރާ އުޞޫލާ ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި ޚިލާފަށް ކަމުގައި އަޙްމަދު ތައުފީޤްގެ ފަރާތުން ބުނެއެވެ. މި ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓު އަދި ސިވިލް ކޯޓުގައިވެސް އަޙްމަދު ތައުފީޤް ފާހަގަކޮށްފައިވާ ނުކުތާއެއް ނޫނެވެ.

31މި ރައުޔުގެ 27.4 ވަނަ ޕެރެގްރާފުން ފެށިގެން 27.6 ވަނަ ޕެރެގްރާފާ ހަމައަށް ބަޔާންކޮށްފައިވާ އައު ޤާނޫނީ ބަހުސަށް ފުރުސަތު ދިނުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކުރާއިރު، މި ނުކުތާ އަކީ ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ވެސް ފާހަގަކުރުމުގެ ފުރުސަތު ލިބިފައި އޮތް ނުކުތާއެއް ކަމަށް ފެންނާތީ މި ނުކުތާ ސުޕްރީމް ކޯޓުގެ މަރުޙަލާގައި ބަލައިގަނެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަގޮތް

32އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2021/HC-A/193 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެމަތިން މި ދެ މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

33މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

34މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/187 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2021/HC-A/193 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު

ޢަބްދުލްޣަނީ މުޙައްމަދު

(ރިޔާސަތު)

މުޙައްމަދު އިބްރާހީމް

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A010527
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A046312
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A079010
  4. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02
  5. ޤާނޫނު ނަންބަރު 13/2010
  6. ޤާނޫނު ނަންބަރު 4/91
  7. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07 ޤަޟިއްޔާ
  8. ޤާނޫނު ނަންބަރު 13/2010
  9. ޤާނޫނު ނަންބަރު 13/2010
  10. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02
  11. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02
  12. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
  13. ޤާނޫނު ނަންބަރު 13/2010
  14. ހައިކޯޓުގެ ނަންބަރު 2021/HC-A/187,193 ޤަޟިއްޔާ އާގުޅިގެން 03 މާރިޗް 2022 ގައި ހައިކޯޓުގެ ޝާރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގެ 5-4 ވަނަ ޞަފްޙާ
  15. ޤާނޫނު ނަންބަރު 4/91
  16. އބމ
  17. އބމ
  18. އބމ
  19. އބމ
  20. އބމ
  21. 2019/SC-A/13, 2021/SC-A/52, [2021]SC 99
  22. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާ
  23. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާ
  24. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ
  25. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/109 ޤަޟިއްޔާ
  26. އބމ
  27. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/69 ޤަޟިއްޔާ
  28. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާ
  29. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
  30. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07 ޤަޟިއްޔާ
  31. ޤާނޫނު ނަންބަރު 13/2010
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ