—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/07
ދަޢުވާކުރާ ފަރާތް: އިބްރާހީމް ޙަސަން، ލިލީގެ
ދަޢުވާ ލިބޭ ފަރާތް: 1- ޢަލީ ރަޝީދު
2- ޙަސަން ޝަރީފް
މައްސަލައިގެ ބާވަތް: އެއްބަސްވުމާއި ޚިލާފުވުމުން ޖުރިމަނާ ފައިސާ ނަގައިދިނުން
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 08 އެޕްރީލް 2012
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 އެޕްރީލް 2012
ނިމުނު ތާރީޚް: 27 މާރޗް 2014
މައްސަލަ ނިންމި ގަޑި:15:00
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދު ﷲ ސަޢީދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދު ﷲ .
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-A/39
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 03 ފެބްރުއަރީ 2011
ނިމުނު ތާރީޚް: 29 ނޮވެމްބަރ 2011
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 39/HC-A/2011 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، އިބްރާހީމް ޙަސަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ޢަލީ ރަޝީދު އާއި، ޙަސަން ޝަރީފް އެވެ.
އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 39/HC-A/2011 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ އިންސާފުވެރި ގޮތަކަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، އިބްރާހީމް ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ ނަންބަރު 39/HC-A/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެ އެވެ.
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއަކީ ޢަލީ ރަޝީދު، އަދި ޙަސަން ޝަރީފް އާއި، އިބްރާހީމް ޙަސަން އާއި ދެމެދު، 23 ފެބްރުއަރީ 2007 ވަނަ ދުވަހު ކޮށްފައިވާ އެގްރިމެންޓުގައި ބުނެފައިވާ މުއްދަތުގައި ޢަލީ ރަޝީދުއާއި، ޙަސަން ޝަރީފްއަށް ޙަވާލުކުރަންޖެހޭ ރަޖިސްޓްރީ ނަންބަރު (06-I)P7841A-02 ޕްރިންސެސް އުޝްވާ (އީކްއޭޓާރ) ނަމަކަށް ކިޔާ ސަފާރީ އުޅަނދު އިބްރާހީމް ޙަސަން ޙަވާލުކޮށްފައި ނުވާތީ، އެ އެގްރިމެންޓާ އިބްރާހީމް ޙަސަން ޚިލާފްވެފައިވާ ކަމަށްބުނެ، އިބްރާހީމް ޙަސަންގެ މައްޗަށް ޢަލީ ރަޝީދު އާއި، ޙަސަން ޝަރީފް ދަޢުވާކުރުމުން ބެލިފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، ބުނެވިދިޔަ ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ އިންސާފުވެރި ގޮތަކަށް ނޫންކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، އިބްރާހީމް ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 39/HC-A/2011 ޤަޟިއްޔާގެ ޙުކުމުގައި ".... ޕްރިންސެސް އުޝްވާ (އީކްއޭޓަރ) ނަމަކަށް ކިޔާ ސަފާރީ އުޅަނދު ކުއްޔަށް ހިފުމަށްޓަކައި 23 ފެބްރުއަރީ 2007 ދުވަހު އިބްރާހީމް ޙަސަންއާއި އެކު ޢަލީ ރަޝީދާއި ޙަސަން ޝަރީފް އެއްބަސްވެ ސޮއިކޮށްފައިވާ އެގްރިމެންޓުގެ 04 ވަނަ މާއްދާގެ ދަށުން އިބްރާހީމް ޙަސަން 01 ނޮވެމްބަރ 2007 ދުވަހު އެ އުޅަނދު ޢަލީ ރަޝީދާއި ޙަސަން ޝަރީފާއި ޙަވާލުކުރަންޖެހޭއިރު، އެ މުއްދަތުގައި ޙަވާލުނުކުރެވިއްޖެނަމަ އެ މާއްދާގެ (ހ) ގެ ދަށުން އެ އުޅަނދު ޙަވާލުނުކުރެވި ފާއިތުވާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި US$3,000 (ތިންހާސް އެމެރިކާ ޑޮލަރު( އިބްރާހީމް ޙަސަން، ޢަލީ ރަޝީދާއި ޙަސަން ޝަރީފަށް ދައްކަންޖެހޭ ކަމުގައި އެ މާއްދާގައި ބުނެފައިވާއިރު އެ ތާރީޚް ފަހަނަޅާ ދިޔައިރުވެސް އިބްރާހީމް ޙަސަންގެ ފަރާތުން އުޅަނދު ޙަވާލުކޮށްފައި ނުވާތީ މަދަނީ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާގެ ޙުކުމުގައި އެ ޤަޟިއްޔާ ޝަރީޢަތަށް ހުށަހެޅުނު ތާރީޚާއި ހަމައަށް ހިނގާފައިވާ 17 ދުވަހަށް ޖޫރިމަނާގެ ގޮތުގައި US$51,000 (ފަންސާސްއެއްހާސް އެމެރިކާ ޑޮލަރު) ކަނޑައަޅާ 01 މަސް ދުވަހުގެ ތެރޭގައި އެ އުޅަނދު ޙަވާލުކުރުމަށް އިބްރާހީމް ޙަސަންއަށް އަންގައި އެ މުއްދަތުގައި ޙަވާލުނުކޮށްފިނަމަ އެއްބަސްވުމުގައިވާ ގޮތުގެމަތިން ޖޫރިމަނާވަމުން ދާނެކަމަށް ކަނޑައަޅާ ކުރެއްވި ޙުކުމަށް ހައިކޯޓުގެ ނަންބަރު 2008/HC-A/129 ޤަޟިއްޔާއިން ތާޢީދުކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާގެ ޙުކުމުގައި އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) އަށް ޢަމަލުކޮށް ނިމުނީކަމަށް ބަލައި ޖޫރިމަނާގެ ފައިސާ ވަކި މުއްދަތަކަށް ހިމަނާ ވަކި މުއްދަތަކަށް އިސްތިސްނާވާގޮތަށް ހިސާބުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ކޮންޓްރެކްޓުގެ މަޤްޞަދާއި ޚިލާފަށްކަމަށް މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، އެ ޤަޟިއްޔާގެ ޙުކުމުގައި އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވާ ގޮތާއި އޭގެ ދަށުން ޖޫރިމަނާކުރައްވާ ދުވަސްތައް ކަނޑައަޅާ ހިސާބުކޮށްފައިވާ ގޮތް ބާޠިލްކޮށް އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދު ޙަވާލުނުކުރެވި ފާއިތުވާ ކޮންމެ ދުވަހަކަށް ދުވާލަކަށް US$3,000 (ތިންހާސް އެމެރިކާ ޑޮލަރު) މަގުން ޖޫރިމަނާ ހިސާބުކޮށް އަލުން އެކަން ކަނޑައެޅުމަށް ސިވިލް ކޯޓަށް އަންގާ އެ ޤަޟިއްޔާގެ ޙުކުމުގައި އުޅަނދު ބޭނުންކުރުމަށް ބޭނުންވާ ލިޔުންތަކާއި އިންޝުއަރެންސްގެ ކަންތައްތައް ފުރިހަމަކޮށް އުޅަނދު މާލެ ފަޅަށް ގެނެސް ތަޅުދަނޑި އާއިއެކު އުޅަނދު ޙަވާލުކުރުމަށް އަންގަވާ ޙުކުމުގައި ކަނޑައަޅުއްވާފައިވާ އެބަޔަށް މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާޢީދުކޮށް އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ". މިފަދައިން ކަނޑައަޅައިފައި ވެއެވެ.
އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާއަކީ، ޢަލީ ރަޝީދު ، އަދި ޙަސަން ޝަރީފް ( ސޯސަންގެ ) އާއި، އިބްރާހީމް ޙަސަން (ލިލީގެ ) އާއި ދެމެދު 23 ފެބްރުއަރީ 2007 ވަނަ ދުވަހުކޮށްފައިވާ އެގްރިމެންޓުގައިވާ ގޮތުގެމަތިން ޢަލީ ރަޝީދުއާއި، ޙަސަން ޝަރީފާއި ރަޖިސްޓްރީ ނަންބަރު (06-I)P7841A-02 ޕްރިންސެސް އުޝްވާ (އީކްއޭޓާރ) ނަމަކަށް ކިޔާ ސަފާރީ އުޅަނދު ޙަވާލުކުރުމަށް ކަނޑައަޅާފައިވާ ތާރީޚް ކަމުގައިވާ 01 ނޮވެމްބަރ 2007 ފާއިތުވިއިރު، އިބްރާހީމް ޙަސަން އެ އުޅަނދު ޙަވާލުކޮށްފައި ނުވުމުގެ ސަބަބުން ކުއްޔަށް ހިފާ ފަރާތަށް ބޮޑެތި ގެއްލުންތަކެއް ލިބޭތީ، މިހާރުން މިހާރަށް އުޅަނދުގެ މަސައްކަތް ފުރިހަމަކޮށް ކުއްޔަށް ހިފި ފަރާތާއި ޙަވާލުކޮށް ދިނުމަށާއި، ބުނެވިދިޔަ އެއްބަސްވުމުގައި 01 ނޮވެމްބަރ 2007 ގެ ފަހުން އުޅަނދު ޙަވާލުނުކުރެވި ދާ ކޮންމެ ދުވަހަކަށް US$3,000 (ތިންހާސް އެމެރިކާ ޑޮލަރު) ޖޫރިމަނާގެ ގޮތުގައި އުޅަނދު ހިފާ ފަރާތަށް ދެއްކުމަށް އެއްބަސްވެފައިވާތީ، 01 ނޮވެމްބަރ 2007 ދުވަހުން ފެށިގެން އުޅަނދު ޙަވާލުކުރާ ދުވަހާ ހަމައަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކުލީގެ ތެރެއިން ކެނޑޭގޮތަށް ކަނޑައަޅައިދިނުމަށް އެދި އިބްރާހީމް ޙަސަން (ލިލީގެ ) ގެ މައްޗަށް، ޢަލީ ރަޝީދު ދަޢުވާ ކުރުމުން ބެލިފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، ބުނެވިދިޔަ މަދަނީ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާގައި "...... އިބްރާހީމް ޙަސަން އާއި، މ. ގޯނބިލިމާގެ ޢަލީ ރަޝީދާއި، ޙަސަން ޝަރީފްއާއި ދެމެދު 23 ފެބްރުއަރީ 2007 ގައި ކުރެވިފައިވާ އެގްރިމެންޓުގެ ދަށުން އިބްރާހީމް ޙަސަންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު P781A-02-6-1 "އީކުއޭޓަރ" ނަމަކަށް ކިޔާ ސަފާރީ ބޯޓުގެ މަސައްކަތް ނިންމާ ކުއްޔަށް ހިފާ ފަރާތާއި އުޅަނދު ޙަވާލުކުރަންޖެހޭ ތާރީޚަކީ 01 ނޮވެމްބަރ 2007 ކަމާއި، މި މުއްދަތުގައި މަސައްކަތް ނިންމާ އުޅަނދު ޙަވާލުނުކުރެވިއްޖެނަމަ، ޙަވާލުނުކުރެވި ލަސްވާ ކޮންމެ ދުވަހަކަށް US$3,000 (ތިންހާސް އެމެރިކާ ޑޮލަރު) އުޅަނދުގެ ވެރިފަރާތުން ކުއްޔަށް ހިފި ފަރާތަށް ދޭންޖެހޭނެ ކަމަށް އެގްރިމެންޓުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތުމާއިއެކު، މި އުޅަނދުގެ މަސައްކަތް ނުނިމި ލަސްވެފައިވަނީ އެގްރިމެންޓްގައި ބަޔާންކޮށްފައިވާ ފަދަ މަޤްބޫލު ސަބަބެއް ދިމާވެގެންކަން ނުވަތަ ކުއްޔަށްހިފި ފަރާތުގެ އެއްވެސް އިހުމާލެއް އޮވެގެންކަން ޝަރީޢަތަށް ސާބިތުނުވާތީ، 01 ނޮވެމްބަރ 2007 އިން ފެށިގެން މި މައްސަލަ ޝަރީޢަތަށް ހުށަހެޅުނު ދުވަހާއި ހަމައަށް ބަޔާންވެދިޔަ އެގްރިމެންޓްގެ 04 ވަނަ މާއްދާގެ (ހ) ގައިވާފަދައިން ޖޫރިމަނާގެ ގޮތުގައި 17 (ސަތާރަ) ދުވަހަށް US$51,000 (ފަންސާސް އެއްހާސް އެމެރިކާ ޑޮލަރު) މ. ގޯނބިލިމާގެ ޢަލީ ރަޝީދަށާއި، ޙަސަން ޝަރީފަށް ދަޢުވާ ލިބޭ އިބްރާހީމް ޙަސަން ދޭންޖެހޭނެ ކަމަށާއި، ދަޢުވާކުރާ ފަރާތަށް އުޅަނދު ލިބި ކުލި ހިނގަން ފެށުމުން މި ފައިސާއަކީ މަހު ކުލިން ކެނޑޭނެ ފައިސާއެއް ކަމަށާއި، އަދި މި އުޅަނދަކީ އޭގެ މަސައްކަތް އަދި މިހާތަނަށްވެސް ނިމިފައިވާ އުޅަނދަކަށް ނުވުމާއެކު، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނުނިމިއްޖެނަމަ މަސައްކަތް ނިންމުމަށްޓަކައި ކުއްޔަށް ހިފި ފަރާތާއި އުޅަނދު ޙަވާލުކުރަންޖެހޭނެކަމަށް އެގްރިމެންޓްގައި ބަޔާންކޮށްފައި ނެތުމާއެކު، އުޅަނދުގެ ވެރިފަރާތުގެ ނުޤަބޫލުގައި މި އުޅަނދުގެ މަސައްކަތް ނިންމުމަށްޓަކައި ކުއްޔަށް ހިފި ފަރާތާއި އުޅަނދު ޙަވާލުކުރަން ޝަރީޢަތުން އަންގާނެ ތަނެއް ނެތް ކަމަށާއި، މި ދެފަރާތުގެ ދެމެދު ކުރެވިފައިވާ އެގްރިމެންޓުގެ އެއްވެސް މާއްދާއަކާއި ދަޢުވާކުރާ ފަރާތުން ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުނުވުމާއެކު، ކުއްޔަށްދޭ ފަރާތުން މިހާރު މި އެގްރިމެންޓް ބާޠިލްކުރަން ބޭނުންވާކަމަށް ބުނެ ހުށަހަޅާ ސަބަބަކީ މިއެގްރިމެންޓް ބާޠިލްކުރަންޖެހޭފަދަ މަޤުބޫލު ސަބަބެއްކަން ޝަރީޢަތަށް ސާބިތުނުވާތީ، މި އެގްރިމެންޓު ނިމުމަކަށް ގެނައުމަށް އަދި ޝަރީޢަތުން އަންގާނެ ތަނެއް ނެތް ކަމަށާއި، މި ދެފަރާތުގެ ދެމެދު ކުރެވިފައިވާ އެގްރިމެންޓާއި އެއްގޮތަށް އުޅަނދު ކުއްޔަށް ހިފި ފަރާތުން އޭގެ މަންފާ ޙާޞިލްކުރުމަށްޓަކައި އުޅަނދުގެ މަސައްކަތް އެގްރިމެންޓުގައިވާ ގޮތުގެ މަތިން ފުރިހަމަ ކުރުމަށްފަހު 25 މާރޗް 2008 ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ކުއްޔަށް ހިފި ފަރާތާއި މިއުޅަނދު ޙަވާލުކުރުމަށާއި، އަދި މި މުއްދަތުގައި އުޅަނދު ޙަވާލުނުކުރެވިއްޖެނަމަ، ޙަވާލުނުކުރެވިދާ ދުވަސްތަކަށް އެގްރިމެންޓްގައިވާ ފަދައިން ޖޫރިމަނާވަމުން ދާނެކަން ދަޢުވާލިބޭ އިބްރާހީމް ޙަސަނަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިން ކަނޑައަޅައި ކޮށްފައިވާ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވާކަން ހައިކޯޓުގެ ނަންބަރު 2008/HC-A/129 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ޚަޞްމުންގެ މެދުގައި އުފެދޭ ޚުޞޫމަތްތަކަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމުގެތެރެއިން ޤަޟާއީ ޙިމާޔަތް ލިބި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޤާނޫނީ މަރްކަޒުތައް އިސްތިޤްރާރު ވެގެންދިއުމުގެ ޟަރޫރަތްތެރިކަމަށްޓަކާ، އެއްފަހަރު ފައިޞަލާކުރެވި ޤަޟާއީ "ޙުއްޖިއްޔަތު" ލިބިގެންވާ ޙުކުމަކާގުޅޭ މައްސަލައެއް ދެވަނަ ފަހަރަށް ޝަރީޢަތަށް ހުށަހެޅުން މަނާކުރާ މަބްދަޢަކީ މަދަނީ އިޖްރާއާތުގެ ޢާންމު މަބްދަޢެއްކަމާ މިގޮތުން ދަޢުވާއެއްގައި ފައިޞަލާކޮށް ކުރެވޭ ޙުކުމާއި ވިދިގެން، އެ ޙުކުމްކުރި ފަނޑިޔާރެއްގެ ނުވަތަ ކޯޓެއްގެ ވިލާޔަތުން އެ ދަޢުވާ ބޭރުވެގެން ދިއުމުން (preclusion)، އަލުން އެ ދަޢުވާ އެ ފަނޑިޔާރެއްގެ ނުވަތަ އެ ކޯޓެއްގެ ކުރިމައްޗަށް ފައިޞަލާކުރުމަށް ހުށަހެޅުމަކީ މަދަނީ އިޖްރާއާތުގެ ޢާންމު އުޞޫލުތަކާއި ޚިލާފުކަމެއްކަމާ، އެހެންނަމަވެސް އެފަދަ ދަޢުވާއެއް މަދަނީ އިޖްރާއާތުގެ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން، މަތީ ކޯޓެއްގައި ޠަޢުނުކުރުމަކީ އިސްވެދިޔަ ޢާންމު އުޞޫލާއި ތަޢާރުޟުވާކަމެއް ނޫންކަމާއި، އަދި ޠަޢުނުކުރުމުގެ މަރްޙަލާތައް ނިމި، ނުވަތަ އެއްވެސްގޮތަކުން އިސްތިއުނާފު ނުވަތަ އިލްތިމާސް ނުކުރެވޭ ފައިޞަލާކުރަނިވި ޙުކުމަކަށް ވުމުގެ ސަބަބުން، ކަނޑައެޅި ނިޔާގެ ބާރު (force de la chose jugée / res judicata) ލިބިގެންވާ ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެން ނުވާކަން އެނގެން އޮންނައިރު، ބުނެވިދިޔަފަދައިން ފައިޞަލާކުރަނިވި ޙުކުމުގެ ޙުއްޖިއްޔަތު ދެމިގެންދާނީ އެ ޙުކުމުން ފައިޞަލާކުރެވުނު ދަޢުވާގައި ހިމެނޭ ޚަޞްމުންގެ މައްޗަށާއި، ފައިޞަލާކުރެވުނު ދަޢުވާގެ 'މަޙައްލު' (subject matter) ގެ މައްޗަށާއި، އަދި އެ ދަޢުވާގެ ސަބަބު (Cause of Action) ނުވަތަ ދަޢުވާ ކުރާފަރާތުން ހުށަހަޅާ ޤާނޫނީ ވަޤާއިޢު (Facts) ތަކުގެ މައްޗަށްކަން އެނގެންއޮންނަކަމާއި، މިގޮތުން ކޯޓަށް އަލުން ބެލުމަށް ހުށަހެޅޭ މައްސަލައިގެ 'މަޙައްލު' އަކީ ފައިޞަލާކުރަނިވި ޙުކުމެއްގެ 'މަޙައްލު' އާއި ތަފާތު 'މަޙައްލު' އަކަށް ވާނަމަ، ނުވަތަ އެ މައްސަލާގައި ހިމެނޭ ޚަޞްމުންނަކީ ފައިޞަލާކުރަނިވި ޙުކުމަކުން ނިންމި މައްސަލައެއްގައި ހިމެނޭ ޚަޞްމުންނާއި ތަފާތު ޚަޞްމުންނަށްވާނަމަ، ނުވަތަ އެ މައްސަލައިގެ ޤާނޫނީ ވަޤާއިޢުތަކަކީ ފައިޞަލާކުރަނިވި ޙުކުމަކުން ނިންމި މައްސަލައެއްގެ ޤާނޫނީ ވަޤާއިޢުތަކާއި ތަފާތު ވަޤާއިޢުތަކެއްނަމަ އެ މައްސަލައެއް ޝަރުޢީ ކޯޓަކުން ބެލުމުގެ އިޖުރާއީ ހުރަހެއް ނުވާކަން ތަފާތު ޤާނޫނީ ނިޒާމުތަކުގައި ތަޠްބީޤުކުރެވޭ މަދަނީ އިޖުރާއާތުގެ ޢާންމު މަބްދަޢުތަކަށް ބެލުމުން އެނގެން އޮވެއެވެ.
އިސްވެ ބަޔާންވެދިޔަ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޤަޟާއީ ޙުއްޖިއްޔަތު ލިބިފައިވާ މަދަނީ ޙުކުމްތަކާއި، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ފައިޞަލާކުރަނިވި މަދަނީ ޙުކުމްތަކަކީ އޭގެޒާތުގައި ތަންފީޒީ ބާރު ލިބިގެންވާ ޙުކުމްތަކެއްކަމާއި، އެފަދަ ޙުކުމެއް ތަންފީޒުކޮށްދިނުމަށް އެދި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުން އެ ޙުކުމުން ފައިޞަލާކޮށްފައިވާ ކަންތައްތައް ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފިޔަވައި، އެ ޙުކުމުން ފައިޞަލާކޮށްފައިވާ ކަންތައްތައް ޝަރީޢަތުގެ މަޖިލީހެއްގައި އަލުން ބަލައި ފައިޞަލާކުރުމަކީ މަދަނީ އިޖުރާއާތުގެ އުޞޫލުތަކާއި ޚިލާފު ކަމެއްކަމާ، އަދި އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2/2010 ޢާއްމު ސިޓީއިން ޤާއިމުކޮށްފައިވާ އުޞޫލާވެސް ޚިލާފުކަމެއްކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް ތަންފީޒީ ބާރުލިބިފައިވާ ޙުކުމްތައް ތަންފީޒުކުރުމުގައި، ތަންފީޒުކުރުމަށް ލާޒިމުވާ ޝަރުޠެއް ނުވަތަ އިޖުރާއާތަކާ ގުޅިގެން އުފެދޭ ޚުޞޫމަތްތަކަށް ޤަޟާއީ އަވަސް ޙައްލު ހޯދައިދިނުމަކީ ކަމާބެހޭ ތަންފީޒީ ކޯޓުގެ އިޚްތިޞާޞެއްކަން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާގެ ޙުކުމަށް ހައިކޯޓުގެ ނަންބަރު 2008/HC-A/129 ޤަޟިއްޔާއިން ތާޢީދުކޮށް، ކަނޑައެޅި ނިޔާގެ ބާރުލިބިފައިވާ ފައިޞަލާކުރަނިވި ޙުކުމް ތަންފީޒުކޮށްދިނުމަށް އެދި މ. ގޯނބިލިމާގެ ޢަލީ ރަޝީދު މަދަނީ ކޯޓުގައި، އެ ކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާއިން ކުރި ދަޢުވާގެ ޙުކުމުގައި ".. 15 ޖޫން 2010 ގައި ދަޢުވާ ކުރާ ޢަލީ ރަޝީދު އަގުކޮމިޓީގެ ޙާޟިރުގައި އުޅަނދާއި ޙަވާލުވެފައިވާ ކަމަށް ބުނެ ލިޔުމުގައި ސޮއިކޮށްފައިވާތީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1984 ގެ ޤަޟިއްޔާގެ ޙުކުމުގެ ދަށުން 15 ޖޫން 2010 އިން ފެށިގެން ރަޖިސްޓަރީ ނަންބަރު P7841 A-02-06-1 "އީކުއޭޓަރ" މިހާރުގެ ނަމުންނަމަ "ޕްރިންސަސް އުޝްވާ" ސަފާރީ އުޅަނދު ދަޢުވާ ކުރާ ޢަލީ ރަޝީދާއި ޙަވާލުކުރެވިފައިވާ ކަމަށް ކަނޑައަޅައި، އަދި މަދަނީ ކޯޓުގެ ނަންބަރު 2007/MC/1984 ޤަޟިއްޔާގެ ޙުކުމުގައި ރަޖިސްޓަރީ ނަންބަރު P7841 A-02-06-1 "އީކުއޭޓަރ" މިހާރުގެ ނަމުންނަމަ "ޕްރިންސަސް އުޝްވާ" ސަފާރީ އުޅަނދު ޙަވާލުކުރަންޖެހޭ މުއްދަތުގައި ޙަވާލު ނުކުރެވިއްޖެނަމަ، ޙަވާލު ނުކުރެވިދާ ދުވަސްތަކަށް އެގްރިމެންޓުގައިވާ ފަދައިން ޖޫރިމަނާ ވަމުންދާނެ ކަމަށް، ދަޢުވާ ލިބުނު އިބްރާހީމް ޙަސަނަށް އަންގަވާފައިވާތީ، ޖޫރިމަނާގެ ފައިސާއަކީ މަހު ކުލިން ކެނޑޭގޮތަށް އެގްރިމެންޓުގައި ކަނޑައެޅިފައިވާ ފައިސާއެއްކަމުން، އެގްރިމެންޓުގައިވާ ގޮތުގެ މަތިން އެ ފައިސާގެ މައްސަލަ ޙައްލުވެގެންދާނެތީވެ، މި ޤަޟިއްޔާގެ ތެރޭގައި ޖޫރިމަނާގެ ފައިސާއާމެދު ވަކި ގޮތެއް ކަނޑައަޅައިދެވެން ނެތްކަމަށް ޙުކުމްކޮށް މައްސަލަ ނިންމީމެވެ." މިފަދައިން ކަނޑައަޅާފައި ވެއެވެ.
'އަމުރުކުރަނިވި ނުވަތަ ލާޒިމްކުރަނިވި ޤާނޫނީ ޤާޢިދާ' (القاعدة الآمرة/peremptory rule) އަކާއި ނުވަތަ މުޖުތަމަޢުގެ "ނިޒާމުލް ޢާންމު" ނުވަތަ "އާދާބުލް ޢާންމާ" (نظام العام والآداب العامة/ Public Order and Public Decency) އާއި ގުޅިފައިވާ ޤާނޫނީ ޤާޢިދާއަކާއި ޚިލާފު ނުވާގޮތަށް، ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް، ރަނގަޅު ނިޔަތުގައި (good faith/bona fide) ތަންފީޒު ކުރުމަކީ، އިސްލާމީ ޝަރީޢަތުގެ އަސާސީ ޤާޢިދާއެއްކަމަށްވާ "ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ" (قاعدة الوفاء بالعهد) ގެ އިތުރުން، ވަޟްޢީ ނިޒާމްތަކުގައިވެސް އިސްތިޤްރާރުވެފައިވާ ޤާނޫނީ މަބްދައެއްކަމަށްވާ "ޕެކްޓާ ސަންޓް ސަރވެންޑާ" (Pacta sunt servanda) ގެ މަބްދައުގެ މަތިން، އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވެގެންވާ ކަމެއްކަން އެނގެން އޮންނައިރު، ދެފަރާތަށް ލާޒިމުވެގެންވާ މަދަނީ ކޮންޓްރެކްޓްތަކުގައި، ކޮންޓްރެކްޓުގައި ހިމެނޭ ފަރާތެއް ކޮންޓްރެކްޓުގެ އިލްތިޒާމްތައް އަދާނުކުރާކަމަށް ބުނެ، އެއްފަރާތުން (Unilaterally) ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގު ބާރު ކޮންޓްރެކްޓުގެ އަނެއްފަރާތަށް ލިބިގެންވަނީ ކޮންޓްރެކްޓުގައި ދެފަރާތުން އެފަދައިން އެއްބަސްވެފައިވާނަމަ ކަމާއި، އެފަދައިން އެއްބަސްވެފައިނުވާ ޙާލަތުގައި، ބުނެވިދިޔަ ސަބަބަށްޓަކާ ކޮންޓްރެކްޓް ފަސްޚް (rescind) ކުރުމަށް އެދި ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ޙައްޤު ކޮންޓްރެކްޓުގެ އަނެއްފަރާތަށް ލިބިގެންވާކަމާއި، ނަތީޖާއެއްގެ ގޮތުން ކޮންޓްރެކްޓް ފަސްޚް ކުރަން ކޯޓުން ނިންމައިފިނަމަ، ކޮންޓްރެކްޓު ތަންފީޒުކުރުމުގައި އިހުމާލުވެފައިވާ ފަރާތެއްގެ މައްޗަށް ބަދަލުދިނުމަށްވެސް ޙުކުމްކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން އެނގެން އޮންނަކަމާ، އަދި މީގެއިތުރުން، ކޮންޓްރެކްޓުގެ އިލްތިޒާމްތައް އެ ކޮންޓްރެކްޓުގެ އެއްފަރާތުން ތަންފީޒުނުކުރާހާ ހިނދަކު، އަނެއްފަރާތުގެ އިލްތިޒާމްތައްވެސް ތަންފީޒުނުކޮށް ހުއްޓާފައި ބޭއްވުން (exception non adimpleti contractus) ހުއްދަވެގެންވާކަމާ، ނަމަވެސް އެފަދައިން ކޮންޓްރެކްޓުގެ އިލްތިޒާމްތައް ހުއްޓާފައި ބޭއްވުމުގެ ޞައްޙަކަން ވަޒަންކޮށް ތަޤްދީރުކުރުމުގެ ބާރު ކަމާބެހޭ ކޯޓަށް އަބަދަށްވެސް ލިބިގެންވާކަން މަދަނީ ކޮންޓްރެކްޓާއި ބެހޭ ޤާނޫނީ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
މި މައްސަލާގައި ދަޢުވާކުރާ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާގައި ނިންމާފައިވާ ކަންތައް، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއިން އިސްތިއުނާފީ ނަޒަރަކުން އަލުން ބަލައި ފައިޞަލާކޮށް، އެ ޤަޟިއްޔާގައި ނިންމާފައިވާ ކަންތައްތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި، އަދި އެއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ) 38 ވަނަ މާއްދާއާއި، ޤާނޫނީ އުޞޫލުތަކާއި ޚިލާފުކަމެއްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ބުނެވިދިޔަ ދެ ޤަޟިއްޔާއަކީ ތަފާތު ދެ ޤަޟިއްޔާކަން އެނގޭކަމާއި އެހެނީ މަދަނީ ކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާއަކީ، އެ ކޯޓުގެ ނަންބަރު 2007/MC/1984 ޤަޟިއްޔާ ތަންފީޒު ކޮށްދިނުމަށް އެދި، ޢަލީ ރަޝީދުގެ ފަރާތުން، އިބްރާހީމް ޙަސަންގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއަކީ، ޢަލީ ރަޝީދު، އަދި ޙަސަން ޝަރީފް އާއި، އިބްރާހީމް ޙަސަން އާއި ދެމެދު 23 ފެބްރުއަރީ 2007 ވަނަ ދުވަހު ކޮށްފައިވާ އެގްރިމެންޓުގައި ބުނެފައިވާ މުއްދަތުގައި ޢަލީ ރަޝީދުއާއި، ޙަސަން ޝަރީފްއަށް ޙަވާލުކުރަންޖެހޭ ސަފާރީ އުޅަނދު އިބްރާހީމް ޙަސަން ޙަވާލުކޮށްފައި ނުވާތީ، އެ އެގްރީމެންޓާ އިބްރާހީމް ޙަސަން ޚިލާފުވެފައިވާކަމަށް ބުނެ، އިބްރާހީމް ޙަސަންގެ މައްޗަށް ޢަލީ ރަޝީދު އާއި، ޙަސަން ޝަރީފް ދަޢުވާކުރުމުން ބެލުނު މައްސަލައެއް ކަމާއި، އެއީ އެއްވެސް ޙާލެއްގައި މަދަނީ ކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފީ ނަޒަރަކުން ބަލާފައިވާ ޤަޟިއްޔާ އެއް ނޫންކަން އެ ޤަޟިއްޔާގެ ވަޤާއިޢުތަކަށާއި އުންޞުރުތަކަށް ބެލުމުން ރަނގަޅަށް އެނގެން އޮންނަކަމާ، އެހެންކަމުން އިސްވެދިޔަ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއަކީ، އެ ކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާއިން ފައިޞަލާކުރެވުނު ޙުކުމާގުޅޭ މައްސަލަ އަލުން އެ ކޯޓުގެ ކުރިމައްޗަށް މަދަނީ އިޖުރާއާތުގެ ޢާންމު އުޞޫލުތަކާއި ޚިލާފަށް، ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެއް ނޫންކަން އެނގެން އޮންނަކަމާއި އަދި ހަމައެފަދައިން، ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާގެ ޙުކުމަށް ހައިކޯޓުގެ ނަންބަރު 129/HC-A/2008 ޤަޟިއްޔާއިން ތާޢީދުކޮށް ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ފައިޞަލާކުރަނިވި ޙުކުމުން ނިންމާފައިވާ މައްސަލަ އަލުން ޝަރުޢީ ކޯޓެއްގައި ބެލުން މަނާކުރާ އުޞޫލާ ޚިލާފަށް، އެ މައްސަލަ އަލުން ބަލާފައިވާ ޤަޟިއްޔާއެއްވެސް ނޫންކަން މި ދެ ޤަޟިއްޔާގެ ދައުވާގެ ޢުންޞުރުތަކަށް ބެލުމުން އެނގެން އޮންނަ ކަމާއި އެހެނީ، މި ދެ ޤަޟިއްޔާގެވެސް ދަޢުވާގެ މަޙައްލަކީ ޢަލީ ރަޝީދު، އަދި ޙަސަން ޝަރީފް އާއި، އިބްރާހީމް ޙަސަން އާއި ދެމެދު 23 ފެބްރުއަރީ 2007 ވަނަ ދުވަހު ކޮށްފައިވާ އެގްރިމެންޓުގައި ބުނެފައިވާ މުއްދަތުގައި ޢަލީ ރަޝީދުއާއި، ޙަސަން ޝަރީފްއަށް ޙަވާލުކުރަންޖެހޭ ސަފާރީ އުޅަނދު އިބްރާހީމް ޙަސަން ޙަވާލުކޮށްފައި ނުވުމުން، އެގްރިމެންޓުގެ ދަށުން އުޅަނދު ކުއްޔަށް ހިފާ ފަރާތަށް ލިބިދޭންޖެހޭ ޙައްޤުތައް ހޯދައި ދިނުންކަމުގައި ވީނަމަވެސް، މި ދެ ދަޢުވާގައި ހިމެނޭ ޚަޞްމުން ތަފާތުކަމާއި، މިގޮތުން މަދަނީ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގެ ޚަޞްމުންނަށް ބަލާއިރު، އެ ޤަޟިއްޔާގައި ހިމެނޭ ޚަޞްމުންނަކީ، އެ ޤަޟިއްޔާގައި ދަޢުވާކުރާ ޢަލީ ރަޝީދު އާއި، އެ ޤަޟިއްޔާގައި ދަޢުވާލިބޭ އިބްރާހީމް ޙަސަން ކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާގައި ހިމެނޭ ޚަޞްމުންނަކީ، އެ ޤަޟިއްޔާގައި ދަޢުވާކުރާ ޢަލީ ރަޝީދު އާއި، ޙަސަން ޝަރީފް އާއި، އެ ޤަޟިއްޔާގައި ދަޢުވާލިބޭ އިބްރާހީމް ޙަސަންގެ އިތުރުން އެ ޤަޟިއްޔާގައި ތަދައްޚުލްވި އޮއޭސިސް ހޮލިޑޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަން އެނގެން އޮންނަކަމާއި އަދި މީގެއިތުރުން މި ދެ ޤަޟިއްޔާގައި ހިމެނޭ ވަޤާއިޢުތަކަކީވެސް މުޅިން އެއް ވަޤާއިޢުތަކެއް ނޫންކަން ޙަވާލާދެވުނު ދެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބެލުމުން ސާފުކޮށް އެނގެން އޮވެއެވެ.
ޢަލީ ރަޝީދު ، އަދި ޙަސަން ޝަރީފް ( ސޯސަންގެ ) އާއި، އިބްރާހީމް ޙަސަން (ލިލީގެ ) އާއި ދެމެދު 23 ފެބްރުއަރީ 2007 ވަނަ ދުވަހުކޮށްފައިވާ، އިސްވެ އިޝާރާތްކުރެވުނު އެގްރިމެންޓަށް ބަލާއިރު، އެ އެގްރިމެންޓަކީ އިބްރާހީމް ޙަސަން (ލިލީގެ ) ގެ މިލްކެއްކަމަށްވާ އީކްއޭޓަރ ނަމަކަށް ކިޔާ ސަފާރީ ދޯނި ޢަލީ ރަޝީދު އާއި، ޙަސަން ޝަރީފް ( ސޯސަންގެ ) އަށް، ޓޫރިސްޓް ޚިދުމަތްދޭ އުޅަނދެއް ގޮތުގައި ބޭނުންކުރުމަށްޓަކައި، ކުއްޔަށްދިނުމާ ބެހޭގޮތުން ކުރެވިފައިވާ އެގްރިމެންޓެއްކަން އެނގެން އޮންނަކަމާއި، މި އެގްރިމެންޓުގެ މުއްދަތަކީ ޖުމްލަ 50 މަސް ދުވަސްކަމަށާއި، އެއީ 1 ނޮވެމްބަރ 2007 އިން ފެށިގެން 5 އަހަރު ވަންދެން، ޖޫން މަހާއި ޖުލައި މަސް ނުހިމެނޭ ގޮތަށް ކޮންމެ އަހަރަކު 10 މަސް ދުވަސް ކަމަށް އެގްރީމެންޓުގެ 4 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި އަދި 1 ނޮވެމްބަރ 2007 އާއި ހަމަޔަށް ބުނެވިދިޔަ އުޅަނދު ނިންމާ ޙަވާލުނުކުރެވިއްޖެނަމަ، ޙަވާލުނުކުރެވި ފާއިތުވާ ކޮންމެ ދުވަހަކަށް ޖޫރިމާނާގެ ގޮތުގައި US$3,000 (ތިންހާސް އެމެރިކާ ޑޮލަރު) ކުއްޔަށްދޭ ފަރާތުން ކުއްޔަށްހިފި ފަރާތަށް ދައްކަންޖެހޭނެކަމަށާއި، ނަމަވެސް ކުއްޔަށްހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ ކަނޑައެޅިފައިވާ ތާރީޚުތަކުގައި ނުލިބުމުގެ ސަބަބުން ލަސްވާ ލަސްވުމަށް ކުއްޔަށްދޭ ފަރާތުން ޒިންމާވާން ނުޖެހޭނެކަމަށް، އެގްރިމެންޓުގެ 4 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނަ ކަމާއި އަދި ބުނެވިދިޔަ އެގްރިމެންޓްގެ ދަށުން ކުއްޔަށް ހިފާ ފަރާތުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އެގްރިމެންޓުގެ 7 ވަނަ މާއްދާގައި ބަޔާންވެގެން އޮންނައިރު، ކުއްޔަށްދޭ ފަރާތުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އެގްރިމެންޓުގެ 8 ވަނަ މާއްދާގައި ބަޔާންވެގެންވާކަން އެނގެން އޮވެއެވެ.
އިސްވެ އިޝާރާތްކުރެވުނު އެގްރިމެންޓުގައި ބަޔާންވެގެންވާ ޔޮޓު 1 ނޮވެމްބަރު 2007 އާހަމަޔަށް ނިންމާ ކުއްޔަށްހިފާ ފަރާތާ ޙަވާލުކުރުމަކީ އެގްރިމެންޓުގެ ދަށުން ކުއްޔަށްދޭ ފަރާތުގެމައްޗަށް ލާޒިމުވެގެންވާ ކަމެއްކަން އެނގެން އޮންނަކަމާއި، އެ ތާރީޚާއި ހަމަޔަށް ޔޮޓު ނިންމާ ޙަވާލުނުކުރެވި ފާއިތުވާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި US$3,000 (ތިންހާސް އެމެރިކާ ޑޮލަރު) ކުއްޔަށްހިފި ފަރާތަށް ދެއްކުމަށް އެގްރިމެންޓުގެ ޙަވާލާދެވުނު 4 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ޢިބާރާތުގައި ކުއްޔަށްދޭ ފަރާތުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމާއި، މި މާއްދާގައި ބުނެފައިވާ ޖޫރިމަނާ ފައިސާ ދެއްކުން ކުއްޔަށްދޭ ފަރާތުގެ މައްޗަށް ލާޒިމްވެގެންވާ ޙާލަތަކީ ހަމައެކަނި އެގްރިމެންޓުގައި ކަނޑައަޅާފައިވާ ތާރީޚާ ހަމަޔަށް ޔޮޓު ނިންމާ ކުއްޔަށްހިފާ ފަރާތާ ޙަވާލުނުކޮށްފިނަމަ ކަމާއި އެހެންކަމުން ބުނެވިދިޔަ ޖޫރިމަނާ ފައިސާއަކީ، އެގްރިމެންޓުގެ ދަށުން ކުއްޔަށް ދޭފަރާތުން އުފުލަންޖެހޭ އެހެނިހެން އިލްތިޒާމްތައް އުފުލުމުން މަނާވެގަތުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމްތައް އަދާކުރުމުގައި ކުއްޔަށްދޭ ފަރާތުން އިހްމާލުވުމުގެ ސަބަބުން އެގްރިމެންޓް ތަންފީޒުކުރުމަށް ހުރަސްއެޅޭ ޙާލަތްތަކުގައިވެސް ދެއްކުމަށް، އެގްރިމެންޓުގެ ބުނެވިދިޔަ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ލާޒިމްކުރާ ޖުރިމަނާ ފައިސާއެއް ނޫންކަން އެނގޭކަމާއި އެހެނީ މަދަނީ ކޮންޓްރެކްޓެއްގައި ހިމެނޭ ފަރާތެއް އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ ވަކި އިލްތިޒާމެއް އަދާނުކޮށްފިނަމަ، 'ޝަރްޠު ޖަޒާއީ' (شرط جزائي) އެއް، ނުވަތަ 'ޕެނަލްޓީ ކްލޯޒް' (Penalty Clause) އެއްގެ ގޮތުގައި، ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ ޖޫރިމަނާ ފައިސާއަކީ، ކޮންޓްރެކްޓުގައި 'ޝަރްޠު ޖަޒާއީ' ކަނޑައަޅިގެންނުވާ ޙާލަތްތަކުގައި، އަދާކުރަންޖެހޭ އިލްތިޒާމެއް ނޫންކަން އެނގެން އޮވެއެވެ.
އިސްވެ ޙަވާލާދެވުނު އެގްރިމެންޓުގެ ދަށުން، ކުއްޔަށްދޭ ސަފާރީ އުޅަނދު ނިންމާ ކުއްޔަށްހިފާ ފަރާތާ ޙަވާލުކުރުން ކުއްޔަށް ދޭފަރާތުގެ މައްޗަށް ލާޒިމުވެގެންވާ ތާރީޚް ކަމަށްވާ 01 ނޮވެމްބަރ 2007 ފާއިތުވިއިރުވެސް، ކުއްޔަށްދޭ ފަރާތުން އެ އިލްތިޒާމް ފުރިހަމަކޮށްފައި ނުވާތީ، އެ އުޅަނދުގެ މަސައްކަތް ފުރިހަމަކޮށް ކުއްޔަށް ހިފާފަރާތާއި ޙަވާލުކޮށް ދިނުމަށާއި، ބުނެވިދިޔަ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) ގައި 01 ނޮވެމްބަރ 2007 ގެ ފަހުން އުޅަނދު ޙަވާލުނުކުރެވިދާ ކޮންމެ ދުވަހަކަށް US$3,000 (ތިންހާސް އެމެރިކާ ޑޮލަރު) ޖޫރިމަނާގެ ގޮތުގައި ކުއްޔަށް ހިފާފަރާތަށް ދެއްކުމަށް ކުއްޔަށްދޭ ފަރާތުގެ މައްޗަށް ލާޒިމުކޮށްފައިވާތީ، 01 ނޮވެމްބަރ 2007 ދުވަހުން ފެށިގެން އުޅަނދު ޙަވާލުކުރާ ދުވަހާ ހަމައަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކުލީގެތެރެއިން ކެނޑޭގޮތަށް ކަނޑައަޅައިދިނުމަށް އެދި ޢަލީ ރަޝީދު ގެ ފަރާތުން މަދަނީ ކޯޓުގައި ދަޢުވާކުރުމުން ބެލުނު އެ ކޯޓުގެ ނަންބަރު ނަންބަރު 1984/MC/2007 ޤަޟިއްޔާގައި، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާއި ދެމެދު ކުރެވިފައިވާ އެގްރިމެންޓާއި އެއްގޮތަށް އުޅަނދު ކުއްޔަށް ހިފި ފަރާތުން އޭގެ މަންފާ ޙާޞިލްކުރުމަށްޓަކައި އުޅަނދުގެ މަސައްކަތް އެގްރިމެންޓުގައިވާ ގޮތުގެ މަތިން ފުރިހަމަ ކުރުމަށްފަހު 25 މާރޗް 2008 ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ކުއްޔަށް ހިފި ފަރާތާއި އެ އުޅަނދު ޙަވާލުކުރުމަށާއި އަދި މި މުއްދަތުގައި އުޅަނދު ޙަވާލުނުކުރެވިއްޖެނަމަ، ޙަވާލުނުކުރެވިދާ ދުވަސްތަކަށް އެގްރިމެންޓްގައިވާ ފަދައިން ޖޫރިމަނާވަމުންދާނެކަމަށާއި އަދި ބުނެވިދިޔަ އުޅަނދުގެ މަސައްކަތް އެގްރިމެންޓުގައި ބުނެފައިވާ ތާރީޚާއި ހަމަޔަށް ނުނިމި ލަސްވެފައިވަނީ އެގްރިމެންޓްގައި ބަޔާންކޮށްފައިވާފަދަ މަޤްބޫލު ސަބަބެއް ދިމާވެގެންކަން ނުވަތަ ކުއްޔަށްހިފި ފަރާތުގެ އެއްވެސް އިހުމާލެއް އޮވެގެންކަން ޝަރީޢަތަށް ސާބިތުނުވާތީ، 01 ނޮވެމްބަރ 2007 އިން ފެށިގެން މި މައްސަލަ ޝަރީޢަތަށް ހުށަހެޅުނު ދުވަހާއި ހަމައަށްވާ 17 (ސަތާރަ) ދުވަހަށް، ބަޔާންވެދިޔަ އެގްރިމެންޓްގެ 04 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ޖޫރިމަނާގެ ގޮތުގައި US$51,000 (ފަންސާސް އެއްހާސް އެމެރިކާ ޑޮލަރު) މ. ގޯނބިލިމާގެ ޢަލީ ރަޝީދަށާއި، ޙަސަން ޝަރީފަށް ދަޢުވާ ލިބޭ އިބްރާހީމް ޙަސަން ދޭންޖެހޭނެ ކަމަށާއި، ދަޢުވާކުރާ ފަރާތަށް އުޅަނދު ލިބި ކުލި ހިނގަން ފެށުމުން މިފައިސާއަކީ މަހު ކުލިން ކެނޑޭނެ ފައިސާއެއް ކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވާކަން އެނގެން އޮންނައިރު، އެ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޙުކުމަށް ތާޢީދުކޮށްފައިވާކަން އެ ކޯޓުގެ ނަންބަރު 2008/HC-A/129 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
އިސްވެ ބަޔާންވެދިޔަ މަދަނީ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާގެ ޙުކުމަށް ހައިކޯޓުގެ ނަންބަރު 2008/HC-A/129 ޤަޟިއްޔާއިން ތާޢީދުކޮށް، ކަނޑައެޅި ނިޔާގެ ބާރުލިބިފައިވާ ފައިޞަލާކުރަނިވި އެ ޙުކުމް ތަންފީޒުކޮށްދިނުމަށް އެދި، މ. ގޯނބިލިމާގެ ޢަލީ ރަޝީދު މަދަނީ ކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާއިން ދަޢުވާކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާގައި "....އެގްރިމެންޓުގައި ބުނެފައިވާ ގޮތުގެމަތިން އުޅަނދު ޙަވާލުކުރުމަށާއި، އުޅަނދާއި ޙަވާލުވުމަށް ދެފަރާތައް ދިން މުއްދަތުގެ ތެރޭގައި އެކަން ނުކުރެވި ދިއުމާއެކު، ޝަރީޢަތުގެ ފަރާތުން މިއުޅަނދު އެގްރިމެންޓުގައިވާ ތާވަލުގައިވާ ގޮތަށް ފުރިހަމަކޮށްފައިވޭތޯ ބަލައި އުޅަނދު ޙަވާލުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމާއި، އެގޮތުން އަގު ކޮމިޓީއާއި އެކު ދެފަރާތް ޙާޟިރުކޮށް، އުޅަނދުގެ ޙާލަތު ބެލުމަށްފަހު އަގު ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބެލުމުން، ރަޖިސްޓަރީ ނަންބަރު P7841 A-02-06-1 "އީކުއޭޓަރ" މިހާރުގެ ނަމުންނަމަ "ޕްރިންސަސް އުޝްވާ" ގައި އެގްރިމެންޓުގައިވާ ޖަދުވަލު 1 ގެ 1 އިންވެންޓްރީ ލިސްޓުގައި ހިމެނޭ ކަންތައްތައް މި ސަފާރީ ބޯޓުގައި ފުރިހަމަކޮށްފައިވާކަން އެނގޭތީއާއި، އަދި މި ސަފާރީ އޮތީ ބޭނުންކުރެވޭފަދަ ޙާލަތެއްގައިކަން މުޅި ރިޕޯޓަށް ބެލުމުން އެނގޭތީ، އެގްރިމެންޓުގެ 4 ވަނަ މާއްދާގައި، ޖޫން ޖުލައި މި 02 މަސްދުވަހަކީ ކުއްޔަށް ހިފާ ފަރާތުގެ ބެލުމުގެ ދަށުގައި އުޅަނދު އޮންނަ 02 މަސްދުވަސް ކަމަށް ނުވިނަމަވެސް، 15 ޖޫން 2010 ގައި ދަޢުވާކުރާ ޢަލީ ރަޝީދު އަގުކޮމިޓީގެ ޙާޟިރުގައި އުޅަނދާއި ޙަވާލުވެފައިވާ ކަމަށް ބުނެ ލިޔުމުގައި ސޮއިކޮށްފައިވާތީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1984 ގެ ޤަޟިއްޔާގެ ޙުކުމުގެ ދަށުން 15 ޖޫން 2010 އިން ފެށިގެން ރަޖިސްޓަރީ ނަންބަރު P7841 A-02-06-1 "އީކުއޭޓަރ" މިހާރުގެ ނަމުންނަމަ "ޕްރިންސަސް އުޝްވާ" ސަފާރީ އުޅަނދު ދަޢުވާ ކުރާ ޢަލީ ރަޝީދާއި ޙަވާލުކުރެވިފައިވާ ކަމަށް ކަނޑައަޅައި" ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.
މަދަނީ ކޯޓުގެ، އިސްވެ ބަޔާންވެދިޔަ ނަންބަރު 2009/MC/3195 ޤަޟިއްޔާގެ ޙުކުމަކީ އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފުކުރެވި ބަދަލެއް އައިސްފައިވާ ޙުކުމެއް ނޫންކަން އެނގެން އޮންނަކަމާ، އެހެންކަމުން ކަނޑައެޅި ނިޔާގެ ބާރު ( res judicata) ލިބިފައިވާ މި ޙުކުމުގައި 15 ޖޫން 2010 އިން ފެށިގެން ސަފާރީ އުޅަނދު "ޕްރިންސަސް އުޝްވާ" ދަޢުވާ ކުރާ ޢަލީ ރަޝީދާއި ޙަވާލުކުރެވިފައިވާ ކަމަށް ޘާބިތުކޮށް ކަނޑައަޅާފައި އޮންނަ އޮތުމަށް ލިބިފައިވާ ޙުއްޖިއްޔަތަކީ ޤަޟާއީ ނަޡަރަކުން އިންކާރުކުރެވޭނެ އަދި އަލުން ޝަރުޢީ ކޯޓެއްގައި ޠަޢުނުކުރެވޭނެ ޙުއްޖިއްޔަތެއް ނޫންކަން އެނގެން އޮންނައިރު، މަދަނީ ކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާގައި 15 ޖޫން 2010 އިން ފެށިގެން ސަފާރީ އުޅަނދު "ޕްރިންސަސް އުޝްވާ" ދަޢުވާ ކުރާ ޢަލީ ރަޝީދާއި ޙަވާލުކުރެވިފައިވާ ކަމަށް ކަނޑައަޅައިފައި އޮންނަ އޮތުން އަލުން ރިވިއުކޮށް، ބުނެވިދިޔަ ތާރީޚުގައި ޢަލީ ރަޝީދު އުޅަނދާއި ޙަވާލުވެފައިވާކަމަށް ލިޔުމެއްގައި ސޮއިކުރުމަކީ ރަސްމީކޮށް ޙަވާލުވީ ނޫންކަމަށް ޤާނޫނީގޮތުން މާނަކުރެވޭކަމަށާއި، އުޅަނދު ބޭނުންކުރެވޭ ގޮތަށް އުޅަނދު ޙަވާލު ކުރެވިފައިނުވާ ކަމަށާއި، އެހެންކަމުން ޢަމަލީގޮތުން އެގްރިމެންޓްގެ މަޤްޞަދު ޙާޞިލްވާގޮތަށް ޙަވާލުކުރެވުނީކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭކަމަށް ހައިކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 39/HC-A/2011 ޤަޟިއްޔާގައި އިސްތިޚްލާޞްކޮށް، އެ ޤަޟިއްޔާގެ ޙުކުމް އޭގެ މައްޗަށް ބިނާކޮށްފައި އޮންނަ އޮތުމަކީ ޙަޤީޤަތުގައި، ޠަޢުނުކުރުމުގެ މަރްޙަލާތައް ނިމުމުގެ ސަބަބުން، ނުވަތަ އެ ފުރުޞަތު ނެތުމުގެ ސަބަބުން، ނުވަތަ އެ ފުރުޞަތު ދޫކޮށްލުމުގެ ސަބަބުން، ކަނޑައެޅި ނިޔާގެ ބާރުލިބިގެންވާ ފައިޞަލާކުރަނިވި ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެން ނުވުމުގެ މަބްދައާއި ޚިލާފުކަމެއްކަން ފާހަގަކުރެވެއެވެ.
ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް އެދި ހުށަހެޅޭ، ހައިކޯޓުގައި ނިންމާފައިވާ މައްސަލަތައް ބެލުމުގައި، ސުޕްރީމް ކޯޓުން ޢާންމު އުޞޫލެއްގެ ގޮތުގައި ބަލަނީ އެ މައްސަލާގައި ހިމެނޭ ވަޤާއިޢު (Facts) ތަކުގެ މައްޗަށް ޤާނޫނު ތަޠްބީގުކޮށްފައިވަނީ ޞައްޙަކޮށްތޯ ނުވަތަ ނޫންތޯ ކަމާއި، ދަށު މަރްޙަލާގެ ކޯޓުތަކުން ބަލާ މައްސަލަތަކުގައި ހިމެނޭ ވަޤާއިޢުތަކާއި ދަލީލުތައް ބަލައި ތަޤްޔީމްކޮށް ވަޒަންކުރުމަކީ އެ ކޯޓުތަކުގެ "ތަޤްދީރީ" (discretionary) ބާރުގެތެރޭގައި ހިމެނޭ ކަމެއްކަން އެނގޭކަމާއި މި ޢާންމު އުޞޫލުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 39/HC-A/2011 ޤަޟިއްޔާގެ ވަޤާއިޢުތަކުގެ މައްޗަށް ނަޒަރުކުރާއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
ހ) މި މައްސަލާގައި ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތާއި ދެމެދުގައި ވެވުނު، އިސްވެ ޙަވާލާދެވުނު ސަފާރީ އުޅަނދު ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ޖުމްލަ މުއްދަތަކީ 01 ނޮވެމްބަރ 2007 އިން ފެށިގެން 50 މަސް ދުވަސްކަމަށާއި، އެ 50 މަސްދުވަސް ބަހާލެވިފައިވަނީ ބުނެވުނު ތާރީޚުން ފެށިގެން 05 އަހަރު ވަންދެން ކޮންމެ އަހަރެއްގެ ޖޫން މަހާއި، ޖުލައި މަސް ނުހިމެނޭ ގޮތަށްކަން އެއްބަސްވުމުގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމާއި، މަދަނީ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ހިންގުނު، އެ ކޯޓުގެ އިސްވެ ބަޔާންކުރެވުނު ނަންބަރު 2009/MC/3195 ޤަޟިއްޔާއިން، ސަފާރީ އުޅަނދު "ޕްރިންސަސް އުޝްވާ" ދަޢުވާ ކުރާ ޢަލީ ރަޝީދާއި ޙަވާލުކުރެވިފައިވާ ކަމަށް ކަނޑައަޅައިފައި އޮންނަ ތާރީޚަކީ 15 ޖޫން 2010 ކަމަށްވެފައި، އެ ތާރީޚަކީ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތުގެ ބެލުމުގެ ދަށުގައި އުޅަނދު އޮންނަންޖެހޭ ތާރީޚަކަށް ނުވުމަކީ އޭގެޒާތުގައި، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ބޭނުމަށް، އަދި މަދަނީ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ މަޤްޞަދުގައި އުޅަނދު ކުއްޔަށްހިފާ ފާރާތާއި ޙަވާލުކުރެވިފައި ވާކަން ނަފީކުރާ ސަބަބެއް ނޫންކަމާ، އެހެންކަމުން 15 ޖޫން 2010 އިން ފެށިގެން ސަފާރީ އުޅަނދު ނިންމާ ކުއްޔަށްހިފާ ފަރާތާއި ޙަވާލުކުރެވިފައި ވާކަމީ ޤަޟާއީގޮތުން ޠަޢުނު ކުރެވޭނެ ކަމަކަށް ނުވާއިރު، ބުނެވިދިޔަ ތާރީޚަށްފަހު އުޅަނދު ކުއްޔަށްދޭ ފަރާތުން، އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމާއި ޚިލާފުވެ، އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމްތައް އަދާކުރުމުން މަނާވެގަތުމުގެ ސަބަބުން ކުއްޔަށްހިފާ ފަރާތަށް އުޅަނދު ބޭނުންކުރުމަށްޓަކައި އުޅަނދާއި ހަމަޔަށް ވާޞިލުނުވެވި، އަދި އުޅަނދުގެ މަންފާ ޙާޞިލު ނުވުމަކީ، އޭގެ ސަބަބުން ކުއްޔަށް ދޭ ފަރާތުގެ މައްޗަށް، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) ގައި "ޝަރުޠު ޖަޒާއީ" ގެ ގޮތުގައި ކަނޑައެޅިފައިވާ ޖުރިމަނާ ފައިސާ ދެއްކުން ލާޒިމުވާ ސަބަބެއް ނޫންކަމާ، އެހެނީ އެ މާއްދާގައި ބަޔާންވެގެންވާ "ޝަރުޠު ޖަޒާއީ" އަކީ ވަކިކަމަކަށް ކަނޑައެޅިފައިވާ "ޝަރުޠު ޖަޒާއީ" އެއްކަމާއި، އެއީ 01 ނޮވެމްބަރ 2007 އާއި ހަމަޔަށް އުޅަނދު ނިންމާ ޙަވާލު ނުކުރެވިއްޖެނަމަ ކަމާއި ބުނެވިދިޔަ ތާރީޚަށް އުޅަނދު ނިންމާ ޙަވާލުނުކުރެވުމުގެ ސަބަބުން ކުއްޔަށް ދޭފަރާތާއި ކުއްޔަށް ހިފާފަރާތުގެ ދެމެދުގައި އުފެދުނު ޚުޞޫމަތުގައި މަދަނީ ކޯޓުން، އެ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް، ހައިކޯޓުގެ ނަންބަރު 2008/HC-A/129 ޤަޟިއްޔާއިން ތާއީދުކުރުމަށްފަހު، އެ ޙުކުމް ތަންފީޒުކުރުމަށްޓަކައި މަދަނީ ކޯޓުގައި ހިންގުނު އެ ކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާއިން، 15 ޖޫން 2010 އިން ފެށިގެން ސަފާރީ އުޅަނދު ނިންމާ ކުއްޔަށް ހިފާ ފަރާތާއި ޙަވާލުކުރެވިފައި ވާކަމަށް ކަނޑައަޅާފައި ވުމާއެކު، ބުނެވިދިޔަ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުއްޔަށްދޭ ފަރާތުގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ "ޝަރުޠު ޖަޒާއީ" ނުވަތަ ޖޫރިމަނާ ފައިސާ ހިނގަންޖެހޭ މުއްދަތަކީ، 01 ނޮވެމްބަރ 2007 އިން ފެށިގެން 15 ޖޫން 2010 އާއި ދެމެދު، ކުއްޔަށް ދޭ ފަރާތުން އުޅަނދު ނިންމާ ޙަވާލުނުކޮށް ފާއިތުވި މުއްދަތުގެ ތެރެއިން، އުޅަނދު ނިންމާ ޙަވާލުކުރުމުގެ މައްސަލައާ ގުޅިގެން އުފެދުނު ޚުޞޫމަތްތައް ޝަރުޢީ ކޯޓުތަކުގައި ހިނގަމުން ދިޔަ މުއްދަތު އިސްތިސްނާކުރުމަށްފަހު ބާކީ މުއްދަތުކަމާއި މިގޮތުގެމަތިން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާގައި ކުއްޔަށް ދޭ ފަރާތުން، ކުއްޔަށްހިފާ ފަރާތަށް އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާގެ މުއްދަތު ހިސާބުކޮށް، އެއީ އެކު ޖުމްލަ 145 ދުވަސްކަމަށާއި، އަދި މިދުވަސްތަކަށް ކޮންމެ ދުވަހަކަށް US$3,000 (ތިންހާސް އެމެރިކާ ޑޮލަރު) ގެ މަގުން މުޅިޖުމްލަ US$435,000 (ހަތަރުލައްކަ ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނޫންކަން ފާހަގަކުރެވެއެވެ.
ށ) އިސްވެ ޙަވާލާދެވުނު ސަފާރީ އުޅަނދު ކުއްޔަށްދިނުމުގެ އެއްބަސްވުމާ ކުއްޔަށްދޭ ފަރާތުން ޚިލާފުވެ، އެއްބަސްވުމުގެ ދަށުން އެފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކުރުމުގެ ސަބަބުން ކުއްޔަށްހިފާ ފަރާތަށް ސަފާރީ އުޅަނދުން މަންފާ ޙާޞިލުކުރުމުގެ ފުރުޞަތު މުޅިން ގެއްލިގެން ގޮސްފައިވާކަމާއި، ކުއްޔަށް ހިފާ ފަރާތަށް ސަފާރީ އުޅަނދުގެ ބޭނުން އެއްބަސްވުމުގައި ވާގޮތުގެމަތިން ނުހިފުނީ ކުއްޔަށްދޭފަރާތުން، ޤާނޫނީގޮތުން މަޤްބޫލު ޢުޒުރަކާ ނުލައި، އެފަރާތުގެ އިލްތިޒާމްތައް އަދާކުރުމުން މަނާވެގަތުމުންކަން، ބަޔާންވެދިޔަ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 39/HC-A/2011 ޤަޟިއްޔާގެ ވަޤާއިޢުތަކަށާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި އެހެންނަމަވެސް ކުއްޔަށްދޭ ފަރާތުގެ އިލްތިޒާމްތައް އަދާނުކުރުމުގެ ސަބަބުން ކުއްޔަށްހިފާ ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލު ކުއްޔަށްދޭ ފަރާތުން ހޯދައި ދިނުމަށް، ބުނެވުނު ދެ ޤަޟިއްޔާގައި ކުއްޔަށްހިފާ ފަރާތުން އެދިފައި ނުވާކަމާއި، ކުއްޔަށްހިފާ ފަރާތުން އެ ދެ ޤަޟިއްޔާގައި އެދިފައިވަނީ އަސާސީ ދެކަމަކަށް ކަމާއި އެއީ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުޅަނދު ނިންމާ ޙަވާލުނުކޮށް ފާއިތުވާ ދުވަސްތަކަށް ޖޫރިމަނާ ފައިސާ ނަގައިދިނުމަށާއި، ކުއްޔަށް ހިފާ ފަރާތަށް ސަފާރީ އުޅަނދުގެ ބޭނުން ހިފުން ތަމްކީނުކޮށް ދިނުމަށްޓަކައި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންތައް ކުއްޔަށް ދޭ ފަރާތުން ފުރިހަމަކުރުމާއި އެކު އުޅަނދު ޙަވާލުކޮށްދިނުންކަން އެނގެން އޮވެއެވެ.
ނ) ކުލީގެ ކޮންޓްރެކްޓްތަކުގައި ކުލީގެ މުއްދަތަކީ އަސާސީ އުންޞުރެއްކަން އެނގެން އޮންނައިރު، މި މައްސަލާގައި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ވެވުނު އިސްވެ ޙަވާލާދެވުނު އެއްބަސްވުމުގެ ޖުމްލަ މުއްދަތަކީ 50 މަސް ދުވަސްކަމާއި، އެއީ 1 ނޮވެމްބަރ 2007 އިން ފެށިގެން 5 އަހަރު ވަންދެން، ޖޫން މަހާއި ޖުލައި މަސް ނުހިމެނޭގޮތަށް ކޮންމެ އަހަރަކު 10 މަސް ދުވަސް ކަމަށް އެގްރިމެންޓުގެ 4 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި އަދި މި އެއްބަސްވުން ތަންފީޒުކުރުމުގައި ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާފަރާތާއި ދެމެދު އުފެދުނު ޚުޞޫމަތްތައް ޝަރުޢީ މަރުޙަލާތަކުން ނިމުމުގެ ކުރިން، އިސްވެ އިޝާރާތްކުރެވުނު 50 މަސްދުވަސް ފާއިތުވެފައިވުމުގެ ސަބަބުން، މި އެއްބަސްވުން މިހާރުވަނީ ނިމިގެން ގޮސްފައިކަމާއި މި އެއްބަސްވުމާއި ގުޅިގެން އުފެދުނު ޚުޞޫމަތްތަކަށް އެ ޤަޟިއްޔާތަކުން ފައިޞަލާކުރެވިފައިވާ ޤަޟިއްޔާތަކަކީ މަދަނީ ކޯޓުގެ ނަންބަރު 1984/MC/2007 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2008/HC-A/129 ޤަޟިއްޔާއާއި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއާއި، އަދި ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއިން އިލްތިމާސްކުރެވޭ ހައިކޯޓުގެ ނަންބަރު 39/HC-A/2011 ޤަޟިއްޔާ ކަން އެނގޭކަމާއި، މިއިން ކޮންމެ ޤަޟިއްޔާއެއްވެސް ނިމިފައިވަނީ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ސަފާރީ އުޅަނދު ކުއްޔަށް ހިފާ ފަރާތުގެ މަޞްލަޙަތަށްކަމާއި، އަދި އެ އެންމެހައި ޤަޟިއްޔާތަކުގެ ވަޤާއިޢުތަކަށާއި، އެ ޤަޟިއްޔާތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތަކަށް ބެލުމުން ކުއްޔަށް ދޭ ފަރާތުން އެއްބަސްވުމާއި ޚިލާފުވެފައިވާކަމާއި، އަދި ކުއްޔަށްދޭ ފަރާތުން އެއްބަސްވުމާއި ޚިލާފުވެފައިވަނީ ކުއްޔަށް ހިފާ ފަރާތުން އެއްބަސްވުމުގެ އިލްތިޒާމްތަކާއި ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން އޭގެ މުޤާބިލުގައި ނޫންކަން ސާފުކޮށް އެނގެން އޮވެއެވެ.
މި މައްސަލާގައި ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތާއި ދެމެދުގައި ވެފައިވާ ސަފާރީ އުޅަނދު ކުއްޔަށް ދިނުމާ ބެހޭ އެއްބަސްވުން، އެއްބަސްވުމުގެ މުއްދަތު ފާއިތުވުމާއި ގުޅިގެން ނިމިގެން ގޮސްފައިވާއިރު، ޙަވާލާދެވުނު ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 39/HC-A/2011 ޤަޟިއްޔާގެ ޙުކުމުގައި، ބުނެވިދިޔަ ސަފާރީ އުޅަނދު ބޭނުންކުރުމަށް ބޭނުންވާ ލިޔުންތަކާއި، އިންޝުއަރެންސްގެ ކަންތައްތައް ފުރިހަމަކޮށް އުޅަނދު މާލެ ފަޅަށް ގެނެސް ތަޅުދަނޑިއާއި އެކު އުޅަނދު ޙަވާލުކުރުމަށް ކުއްޔަށްދޭ ފަރާތުގެ މައްޗަށް އަންގާފައިވާ އެބަޔަކީ، މިހާރު ތަންފީޒުކުރަންޖެހޭ އެންގުމެއް ނޫންކަމާއި އަދި ހަމައެފަދައިން އިސްވެދިޔަ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާގެ ޙުކުމުގައި ކުއްޔަށްދޭ ފަރާތުގެ މައްޗަށް ދެއްކުން ލާޒިމްކޮށްފައިވާ ޖޫރިމަނާ ފައިސާއަކީ އުޅަނދުގެ ކުލީގެ ފައިސާއިން ކެނޑުމަށްފަހު ބާކީ ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ފައިސާއެއް ކަމުގައި ވީނަމަވެސް، އިސްވެ ބަޔާންވެދިޔަގޮތުގެ މަތިން އެއްބަސްވުން ނިމުމަކަށް އައިސްފައިވާތީ، އެ ޖޫރިމަނާ ފައިސާ ކުލިން ކެނޑިގެންދިއުމުގެ އިޙްތިމާލެއް ނެތްކަމާ، އެހެންކަމުން އެ ޖޫރިމަނާ ފައިސާއަކީ އެއްވެސް އުނިކުރުމަކާ ނުލައި ކުއްޔަށްހިފާ ފަރާތަށް ލިބެންޖެހޭ އެއްޗެއްކަން އެނގެއެވެ.
އިސްވެ ބަޔާންވެދިޔަ ސަފާރީ އުޅަނދު ކުއްޔަށްދިނުމާ ބެހޭ އެއްބަސްވުން، އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ތަންފީޒު ނުކުރެވުނީ ކުއްޔަށްދޭ ފަރާތުން އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކުރުމުގެ ސަބަބުންކަން އިސްވެ ޙަވާލާދެވުނު ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 39/HC-A/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ރަނގަޅަށް އެނގެން އޮންނައިރު، އެ އެއްބަސްވުން، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ތަންފީޒު ނުކުރެވުމުގެ ސަބަބުން ކުއްޔަށް ހިފާ ފަރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެ ލިބުނު ގެއްލުމުގެ ޢަދުލުވެރި ބަދަލު ހޯދުމަށް ކަމާބެހޭ ކޯޓުގައި ވަކި ޤަޟިއްޔާއަކުން އެދުމަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުންނާ، އަދި ކުރީގައި ބަޔާންކުރެވުނު، ކޮންޓްރެކްޓާބެހޭ ޢާންމު ޤާނޫނީ އުޞޫލުތަކުގެ މަތިން، ކުއްޔަށް ހިފާ ފަރާތަށް ލިބިގެންވާ ޙައްޤެއްކަން އެނގެއެވެ.
ބުނެވިދިޔަ އެއްބަސްވުމުގެ މުއްދަތު ފާއިތުވެ، އެއްބަސްވުން ނިމުމަކަށްދިޔައިރު، ކުއްޔަށް ހިފާ ފަރާތަށް ކުއްޔަށް ހިފި އުޅަނދުގެ ބޭނުންކުރުމުގެ ފުރުޞަތު ލިބިފައި ނުވާތީއާ، އަދި އެ އުޅަނދުން އެއްވެސް މަންފާއެއް ޙާޞިލުވެފައި ނުވާތީ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ކުލިން ކެނޑޭގޮތަށް ކުއްޔަށް ހިފާ ފަރާތުން ދައްކާފައިވާ އެޑްވާންސް ފައިސާ އަނބުރާ އެފަރާތަށް ލިބެންޖެހޭނެކަމާއި، އެހެނީ ކުލީގެ އެއްބަސްވުމަކީ، އެއްބަސްވުމުގެ ދެފަރާތުން ހެޔޮ ނިޔަތުގައި ދެފަރާތުގެ މައްޗަށް އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުން ލާޒިމްވެގެންވާ އެއްބަސްވުމެއްކަން އެނގެން އޮންނައިރު، ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން އެފަރާތުގެ އިލްތިޒާމްތައް ހެޔޮނިޔަތުގައި އަދާކޮށް، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ ކުއްޔަށްދޭ ފަރާތައް ދައްކާފައި ވީނަމަވެސް، ކުއްޔަށް ދޭ ފަރާތުން، ކުލީގެ މުއްދަތު ނިމުމަކަށް އައިއިރުވެސް، ކުއްޔަށް ހިފާ ސަފާރީ އުޅަނދުގެ ބޭނުން ހިފުން، ކުއްޔަށް ހިފާ ފަރާތަށް ތަމްރީނުކޮށްދީފައި ނުވުމުގެ ސަބަބުން އެއްބަސްވުން ވަނީ އޭގެޒާތުގައި ފަސްޚުވެގެން ގޮސްފައިކަމާއި، ބުނެވިދިޔަ އެޑްވާންސް ފައިސާއަކީ އެގްރިމެންޓުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ކުލިން ކެނޑިގެން އަނބުރާ ކުއްޔަށް ހިފާ ފަރާތަށް ލިބެންޖެހޭ ފައިސާއެއްކަމާއި އެއްބަސްވުމުގެ މުއްދަތުގައި ކުއްޔަށްދޭ ފަރާތުން އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން، އުޅަނދުގެ ބޭނުން ކުއްޔަށް ހިފާފަރާތަށް ނުހިފި، ކުލި ދައްކަން ނުޖެހުމުން، ބުނެވިދިޔަ އެޑްވާންސް ފައިސާ ކުލިން ކެނޑިގެން ދިއުމުގެ އިޙްތިމާލެއްވެސް ނެތަތީ، އެއީ އަނބުރާ ކުއްޔަށް ހިފާ ފަރާތަށް ލިބެންޖެހޭ ފައިސާއެއްކަން ރަނގަޅަށް އެނގެއެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާގެ ޙުކުމުގައި، ޢަލީ ރަޝީދާއި، ޙަސަން ޝަރީފް، އިބްރާހީމް ޙަސަން އާއި އެކު، ރަޖިސްޓްރީ ނަންބަރު (06-I)P7841A-02 ޕްރިންސެސް އުޝްވާ (އީކްއޭޓާރ) ނަމަކަށް ކިޔާ ސަފާރީ އުޅަނދު ކުއްޔަށް ހިފުމަށްޓަކައި، 23 ފެބްރުއަރީ 2007 ދުވަހު ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) އަށް ޢަމަލުކޮށް ނިމުނީކަމަށް ބަލައި ޖޫރިމަނާގެ ފައިސާ ވަކި މުއްދަތަކަށް ހިމަނާ ވަކި މުއްދަތަށް އިސްތިސްނާވާ ގޮތަށް ހިސާބުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ކޮންޓްރެކްޓުގެ މަޤްޞަދާއި ޚިލާފަށްކަމަށާއި އަދި އެ ޤަޟިއްޔާގެ ޙުކުމުގައި ބުނެވިދިޔަ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވާ ގޮތާއި އޭގެ ދަށުން ޖޫރިމަނާކުރާ ދުވަސްތައް ކަނޑައަޅާ ހިސާބުކޮށްފައިވާ ގޮތް ބާޠިލްކޮށް އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުޅަނދު ޙަވާލުނުކުރެވި ފާއިތުވާ ކޮންމެ ދުވަހަކަށް ދުވާލަކަށް US$3,000 (ތިންހާސް އެމެރިކާ ޑޮލަރު)ގެ މަގުން ޖޫރިމަނާ ހިސާބުކޮށް އަލުން އެކަން ކަނޑައެޅުމަށް، ހައިކޯޓުގެ ނަންބަރު 39/HC-A/2011 ޤަޟިއްޔާގެ ޙުކުމުގައި ސިވިލް ކޯޓަށް އަންގާފައިވާ އެންގުން ބާޠިލުކަމަށް ކަނޑައަޅައި،
ބުނެދިޔަ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، ކުއްޔަށްދޭ ފަރާތުން އެފަރާތުގެ އިލްތިޒާމްތައް ހެޔޮ ނިޔަތުގައި އަދާނުކުރުމުގެ ސަބަބުން ކުއްޔަށް ހިފާ ފަރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެ ލިބުނު ގެއްލުމުގެ ޢަދުލުވެރި ބަދަލު ހޯދުމަށް، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން، ކަމާބެހޭ ކޯޓުގައި ވަކި ޤަޟިއްޔާއަކުން އެދުމަކީ ޢަލީ ރަޝީދާއި، ޙަސަން ޝަރީފަށް ލިބިގެންވާ ޙައްޤެއްކަމަށް ކަނޑައަޅައި،
ބަޔާންވެދިޔަ އެއްބަސްވުން ނިމުމަކަށް އައީ، ކުއްޔަށް ހިފާ ފަރާތަށް ކުއްޔަށް ހިފި ސަފާރީ އުޅަނދު ބޭނުންކޮށް އެއިން އެއްވެސް މަންފާއެއް ލިބިގަތުމުގެ ފުރުޞަތު ނުލިބިކަމަށްވާތީ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ކުއްޔަށްހިފާ ފަރާތުން ކުލިން ކެނޑޭގޮތަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ US$150,000 (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) މި މައްސަލާގައި ޙުކުމްކުރާ ދުވަހުން ފެށިގެން 02 (ދޭއް) މަސްދުވަހުގެ ތެރޭގައި، އެފަރާތަށް އަނބުރާ ދެއްކުމަށް އިބްރާހީމް ޙަސަނަށް އަންގައި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާގެ ޙުކުމުގައި، އިބްރާހީމް ޙަސަން، ބުނެވިދިޔަ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޢަލީ ރަޝީދާއި، ޙަސަން ޝަރީފަށް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާގެ މުއްދަތު ހިސާބުކޮށް، އެއީ އެކު ޖުމްލަ 145 ދުވަސްކަމަށާއި، އަދި މިދުވަސްތަކަށް ކޮންމެ ދުވަހަކަށް US$3,000 (ތިންހާސް އެމެރިކާ ޑޮލަރު) ގެ މަގުން މުޅިޖުމްލަ US$435,000 (ހަތަރުލައްކަ ތިރީސްފަސްހާސް އެމެރިކާ ޑޮލަރ) ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބަލާނެތަނެއް ނެތަތީ، ބުނެވިދިޔަ US$435,000 (ހަތަރުލައްކަ ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) ޢަލީ ރަޝީދާއި، ޙަސަން ޝަރީފަށް ލިބިދިނުމަށްޓަކައި، މި މައްސަލާގައި ޙުކުމްކުރާ ދުވަހުން ފެށިގެން 02 (ދޭއް) މަސްދުވަހުގެ ތެރޭގައި، ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް، އިބްރާހީމް ޙަސަނަށް އަންގައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.