ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 109 · 2021/SC-A/21ސުޕްރީމް ކޯޓު · 29 ނޮވެމްބަރު 2021

މަހުދީ ޢަޤީލް ވ. ވްލަޑިމިއަރ ޑްރަގޮއިލަވިޗް

ސުޕްރީމް ކޯޓު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 ނޮވެމްބަރު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2021/SC-A/21

ޝަރީޢަތް ނިމުނުގޮތް

މަހުދީ ޢަޤީލް ވ. ވްލަޑިމިއަރ ޑްރަގޮލަވިޗް

ފަނޑިޔާރުންގެ މަޖިލިސް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

29 ނޮވެމްބަރ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2017/HC-A/58

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ވްލަޑިމިއަރ ޑްރަގޮލަވިޗް، މިލާނާ ބްލަގޮޖެވިކާ، ބަލްގްރޭޑް ސާބިޔާމަހުދީ ޢަޤީލް، ހ. ރަންގަލި-7، މާލެޤާނޫނީ ވަކީލު: އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު، ދަ ލިޓިޖަންޓްސް އެލް.އެލް.ޕީ ބަދަލުގައި: ޒިހުނާ ނަޞީރު، ކްރިސްޓަލް ޗެންބާރސް އެލްއެލްޕީ

މަދަނީ – ގެއްލުމުގެ ބަދަލު ހޯދުން – ބަދަލު ނަގައިދިނުން – ވިޔަފާރީގެ މުޢާމަލާތު - ޟިމްނީ އެއްބަސްވުން – ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު – ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 އަދި 74 ވަނަ މާއްދާ – ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ

މަހުދީ ޢަޤީލް ވ. ވްލަޑިމިއަރ ޑްރަގޮލަވިޗް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙަމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތް ހަމަނުޖެހިގެން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މަހުދީ ޢަޤީލް (އައިޑީކާޑް ނަންބަރު، ހ. ރަންގަލި 7، މާލެ، (މީގެ ފަހުން: 'މަހުދީ ޢަޤީލް' ނުވަތަ 'އިސްތިއުނާފު ކުރާ ފަރާތް') ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ބެލި މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ސަރބިޔާ (Serbia) ގެ ރައްޔިތެއްކަމުގައިވާ ވްލަޑިމިއަރ ޑްރަގޮއިލަވިޗް، (ސަރބިޔާ ޕާސްޕޯޓް ނަންބަރު )، މިލާނާ ބްލަގޮޖެވިކާ ސްޕަންކާ ބެލްގްރޭޑް، ސަރބިޔާ، (މީގެ ފަހުން: 'ޑްރަގޮއިލަވިޗް" ނުވަތަ 'އިސްތިއުނާފު ރައްދުވާ ފަރާތް') އެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 502/Cv-C/2016 ޤަޟިއްޔާއިންނެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރެވުނު އިސްތިއުނާފީ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާއިންނެވެ.

ޑްރަގޮއިލަވިޗްގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާގެ ޚުލާޞާ

ޑްރަގޮއިލަވިޗް އާއި މަހުދީ ޢަޤީލް އާދެމެދު މަހުދީ ޢަޤީލްގެ ހިއްޞާ އޮންނަ ކުންފުންޏެއްކަމަށްވާ "ވަން އެންޑް އޯލް ޕްރައިވެޓް ލިމިޓެޑް" (މީގެ ފަހުން "ވަން އެންޑް އޯލް ކުންފުނި") މެދުވެރިކޮށް "ރިޖިޑް އިންޕްލޭޓަބަލް ބޯޓު" (މީގެ ފަހުން "ރިބް") ގެ 04 (ހަތަރެއް) ރިބް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުމަށާއި މިކަމަށް ހިނގާނެ ޚަރަދުގައި ދެފަރާތް (ޑްރަގޮއިލަވިޗް އާއި މަހުދީ ޢަޤީލް) ހަމަހަމައަށް ބައިވެރިވުމަށް އެއްބަސްވުމެއް އެއްބަސްވެފައިވާކަމަށް ވެއެވެ.

މި އެއްބަސްވުމުގައި ހިމެނޭ ޖުމްލަ އަގުގެ ދެބައިކުޅައެއްބައި ޑްރަގޮއިލަވިޗް ދެއްކި ކަމަށް އޭނާ ބުނެއެވެ. އަދި މި ރިބްތައް ދިވެހިރާއްޖެއަށް އެތެރެ ކުރުމަށް ދެއްކި އިމްޕޯޓް ޑިއުޓީގެ ދެބައިކުޅައެއްބައި ދެއްކީ އޭނާ ކަމަށްވެސް ޑްރަގޮއިލަވިޗް ބުނެއެވެ.

މިފައިސާ ދެއްކި ފަހުން، 2015 ވަނަ އަހަރުގެ އެޕްރީލް މަހު، މަހުދީ ޢަޤީލް އާއި ޑްރަގޮއިލަވިޗް އާދެމެދު އޮތް އެއްބަސްވުމާ މަހުދީ ޢަޤީލް ޚިލާފުވެ، އެ ރިބްތައް ގަތުމަށް ޑްރަގޮއިލަވިޗް ފައިސާ ދައްކާފައިނުވާ ކަމަށްބުނެ، ރިބްތައް ވިއްކާލާނެކަމުގެ އިންޒާރުދީ ރިބްތައް ވިއްކާލާފައިވާތީ، އަދި މި މައްސަލަ ޙައްލުކުރުމަށް ކުރެވުނު މަސައްކަތުން ނަތީޖާއެއް ލިބިފައިނުވާތީ ޑްރަގޮއިލަވިޗް އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

ރިބްތައް ގަންނަން ޑްރަގޮއިލަވިޗް ގެ ފަރާތުން ކުރިކަމަށް ބުނާ ޚަރަދު

ރިބްތަކުގެ ޖުމްލައަގަކީ $58,004.08 (ފަންސާސް އަށްހާސް ހަތަރު ޑޮލަރު އަށް ސެންޓް) ކަމަށާއި ދެބައިވެރިންނަށް މި އަގު ހަމަހަމައަށް ބަހައިލުމުން ކޮންމެ މީހަކަށް ޖެހެނީ $29,002.04 (އޮނަތިރީސް ހާސް ދެ ޑޮލަރު ހަތަރު ސެންޓް) ކަމަށް ޑްރަގޮއިލަވިޗް ބުނެއެވެ.

5 ޖަނަވަރީ 2015 ގައި ޑްރަގޮއިލަވިޗް ގެ އެކައުންޓުން،$14,871 (ސާދަހާސް އަށް ސަތޭކަ ހަތްދިހަ އެއް ޑޮލަރު) މި 04 (ހަތަރެއް) ރިބް އުފެއްދި ކުންފުންޏަށް ޑްރަގޮއިލަވިޗް ސީދާ ދެއްކިކަމަށާއި، އަދި އޭގެފަހުން ޑްރަގޮއިލަވިޗް މާލެ އައިސް $14,131 (ސާދަހާސް އެއް ސަތޭކަ އެއްތިރީސް ޑޮލަރު) މަހުދީ ޢަޤީލަށް ނަޤުދު ފައިސާއިން ދައްކާފައިވާނެކަމަށް ޑްރަގޮއިލަވިޗް ބުނެއެވެ. ރިބްތަކުގެ އަގުގެ ބާކީ ދެއްކީ މަހުދީ ޢަޤީލްކަމަށް ވެސް ޑްރަގޮއިލަވިޗް ބުނެއެވެ.

ރިބްތައް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ދެއްކި އިމްޕޯޓު ޑިއުޓީއަށްވާ $11,971 (އެގާރަހާސް ނުވަސަތޭކަ ހަތްދިހަ އެއް) ޑޮލަރު ގެ ތެރެއިން $5,002 (ފަސްހާސް ދޭއް) ޑޮލަރު، މާރިޗު 2015 ގައި ދެއްކީވެސް ޑްރަގޮއިލަވިޗް ކަމަށް އޭނާ ބުނެއެވެ.

މި މައްސަލަ ޙައްލުކުރުމަށް ކުރެވުނު އެއްވެސް މަޝްވަރާއަކަށް މަހުދީ ޢަޤީލް އެއްބާރުލުން ދީފައި ނުވާތީ ޑްރަގޮއިލަވިޗް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޑްރަގޮއިލަވިޗް ޚަރަދުކުރިކަމަށް ބުނާ US$34,002.00 (ތިރީސް ހަތަރުހާސް ދެ އެމެރިކާ ޑޮލަރު) ހޯދުމަށް އެދި މަހުދީ ޢަޤީލްގެ މައްޗަށް ޑްރަގޮއިލަވިޗް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

ސިވިލް ކޯޓުގެ ނަންބަރު 502/Cv-C/2016 ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުން ފާހަގަ ކުރެވޭ ކަންކަން

ސިވިލް ކޯޓުގެ ނަންބަރު 502/Cv-C/2016 ޤަޟިއްޔާއިން އަންނަނިވި ކަންކަން ކަނޑައެޅިއެވެ.

ޑްރަގޮއިލަވިޗް އާއި މަހުދީ ޢަޤީލް އާ ދެމެދުގައި ވެވިފައިވާ ޟިމްނީ ކޮންޓްރެކްޓެއް އެބައޮތްކަން.

ޑްރަގޮއިލަވިޗް އާއި މަހުދީ ޢަޤީލް އާ ދެމެދުގައި ވެވިފައިވާ ޟިމްނީ ކޮންޓްރެކްޓްގެ ދަށުން 05 ޖަނަވަރީ 2015 ގައި ޑްރަގޮއިލަވިޗްގެ އެކައުންޓުން، ރިބް އުފެއްދި ކުންފުންޏަށް US$14,871.00 (ސާދަހާސް އަށްސަތޭކަ ހަތްދިހަ އެކެއް އެމެރިކާ ޑޮލަރު) ދައްކާފައި އޮންނަކަން.

ރިބްތައް މާލެ ގެނައުމަށް އެލް.ސީ އެއް ހުޅުވުމަށްޓަކައި ޑްރަގޮއިލަވިޗް މާލެ އައިސް މަހުދީ ޢަޤީލަށް US$14,131.00 (ސާދަހާސް އެއް ސަތޭކަ އެއްތިރީސް އެމެރިކާ ޑޮލަރު) ދީފައި އޮންނަކަން.

ރިބްތައް ރާއްޖެ އެތެރެކުރުމަށް ޚަރަދުވި އިމްޕޯޓް ޑިއުޓީގެ ޖުމްލަ އަގު ކަމަށްވާ US$11,971.00 (އެގާރަހާސް ނުވަސަތޭކަ ހަތްދިހަ އެކެއް އެމެރިކާ ޑޮލަރު( ގެ ތެރެއިން US$5,002.00 (ފަސްހާސް ދޭއް އެމެރިކާ ޑޮލަރު) ޑްރަގޮއިލަވިޗް ދެއްކިކަން.

މި މުޢާމަލާތާ ގުޅިގެން ޑްރަގޮއިލަވިޗްގެ ފަރާތުން ޖުމްލަ US$34,002.00 (ތިރީސް ހަތަރުހާސް ދޭއް އެމެރިކާ ޑޮލަރު) ޚަރަދުކޮށްފައި އޮތްކަން އެނގެން އޮންނަކަން.

ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ މިފައިސާ (US$34,002.00 (ތިރީސް ހަތަރުހާސް ދޭއް އެމެރިކާ ޑޮލަރު)) 29 ސެޕްޓެމްބަރު 2016 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާސްކުރުމަށް މަހުދީ ޢަޤީލް އަށް އަންގައެވެ. އަދި މި 04 (ހަތަރެއް) ރިބް ވިއްކާލުމުގެ ގޮތުން މަހުދީ ޢަޤީލް ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާތް ރޫޅާލާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުން ފާހަގަ ކުރެވޭ ކަންކަން.

ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/502 ޤަޟިއްޔާ ނިންމާފައިވާގޮތާމެދު މަހުދީ ޢަޤީލް ހިތްހަމަނުޖެހޭތީވެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި، މި އިސްތިއުނާފީ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާގެ ޙުކުމުގައިވަނީ، "... ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/502 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މަހުދީ ޢަޤީލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާގެ ޙުކުމުން އަހުރެންނަށް މައިގަނޑު 04 (ހަތަރެއް) ކަމެއް ފާހަގަކުރެވުނެވެ.

ފުރަތަމަ ކަމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ އަދި 4 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޑެޓް އަށް ޙަވާލާދީ ޤާނޫނުގައި ވަކި ގޮތަކަށް އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ސިފައެއްގައި އޮތުން ލާޒިމްނުކުރާ ކޮންޓްރެކްޓަކީ އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުން އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ ކޮންޓްރެކްޓެއް ކަމަށާއި ޑްރަގޮއިލަވިޗް އާއި މަހުދީ ޢަޤީލް އާދެމެދު ބަދަލު ކުރެވިފައިވާ ލިޔުންތަކުން ޟިމްނީ ކޮންޓްރެކްޓެއް އޮތްކަން ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް ކަނޑައަޅާފައިވާކަން.

ދެވަނަ ކަމަކީ، ޑްރަގޮއިލަވިޗް އާއި މަހުދީ ޢަޤީލް އާދެމެދު އޮތް ޟިމްނީ ކޮންޓްރެކްޓް ނަފީކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް މަހުދީ ޢަޤީލްގެ ފަރާތުން ހުށަހަޅާފައިނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވާކަން.

ތިންވަނަ ކަމަކީ، މި މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 04، 05، 12، 13 އަދި 20 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައި ނުވަނީ ކޮން ގޮތަކަށް ކިހިނެއްކަން މަހުދީ ޢަޤީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް ސާފުކޮށްދެވިފައި ނުވާކަން.

ހަތަރުވަނަ ކަމަކީ، ޑްރަގޮއިލަވިޗް އާއި މަހުދީ ޢަޤީލް އާދެމެދު 04 (ހަތަރެއް) ރިބް ގަތުމާއި ވިއްކުމާއި އޭގެ މަންފާ ދެފަރާތް ދެމެދު ހަމަހަމައަށް ބެހުމަށް އެއްބަސްވެފައިވި ނަމަވެސް، މި އެއްބަސްވުމުގައި ހިމެނޭ ރިބްތައް ގަތުމުގައި ހުރިހާ މުޢާމަލާތެއް މަހުދީ ޢަޤީލްގެ ފަރާތުން ކޮށްފައިވަނީ އޭނާގެ ކުންފުނި ކަމަށްވާ ވަން އެންޑް އޯލް ކުންފުނީގެ ނަމުގައިކަން އެނގެން އޮންނަކަމަށާއި އެކަން އެގޮތަށް ކޮށްފައި ވަނީ ޕްރިންސިޕަލް އާއި އެޖެންޓާއި ދެމެދުގައި އޮންނަ ގުޅުމެއްގެ ތެރޭން ކަމަށް ބުނުމުގެ އިޙްތިމާލު އެބަ އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ޤަބޫލު ކުރެވޭކަން.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މަހުދީ ޢަޤީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 02 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، މި މުޢާމަލާތަކީ ވަން އެންޑް އޯލް ކުންފުންޏާއި ޑްރަގޮއިލަވިޗް އާ ދެމެދު ހިންގާފައިވާ މުޢާމަލާތެއްކަން އެނގެން އޮތްކަމަށާއި، އަދި މި މުޢާމަލާތާބެހޭ މަޢުލޫމާތު ސާފުކޮށް ސިވިލް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަޔާންކުރުމުންވެސް، އެކަމަށް ރިޢާޔަތް ކުރުމެއްނެތި މަހުދީ ޢަޤީލްގެ ފަރާތުން ފަރުދީގޮތުން ޑްރަގޮއިލަވިޗް އަށް US$34,002.00 (ތިރީސް ހަތަރުހާސް ދެ އެމެރިކާ ޑޮލަރު) ދެއްކުމަށް ޙުކުމް ކުރުމަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 15 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމެވުމެއް ކަމަށް ބުނުމާއިއެކު، ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ ވަކި ޝަޚްޞެއްކަމުން، މި މުޢާމަލާތުގައި މަހުދީ ޢަޤީލް ފަރުދީގޮތުން ޒިންމާ ކުރެވިގެން ނުވާނެކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދެވަނަ ނުކުތާއަކީ، ވަން އެންޑް އޯލް ކުންފުންޏާއި ޑްރަގޮއިލަވިޗް އާ ދެމެދު ހިންގާފައިވާ ވިޔަފާރީގެ މި މުޢާމަލާތުގައި ކަންހިނގާފައިވާ ގޮތާއި އަދި ޑްރަގޮއިލަވިޗް ގެ ފަރާތުން އަދާކޮށްދޭންޖެހޭ ކަންކަން އެފަރާތުން އަދާކޮށްފައިނެތުމާއި އަދި މައްސަލައިގައި ސާފުކޮށްދެވުނު ހަގީގަތްތަކުގެ މައްޗަށް އެއްވެސް މިންވަރަކަށް އިސްތިއުނާފު ކުރެވޭ މި ޤަޟިއްޔާ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމެވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 05 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ޚިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

މަހުދީ ޢަޤީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ޑްރަގޮއިލަވިޗްގެ ފަރާތުން މައިގަނޑު ގޮތެއްގައި އަންނަނިވި 02 (ދޭއް) ނުކުތާ ފާހަގަކުރިއެވެ.

ފުރަތަމަ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު އީމެއިލްތަކުން ކޮންޓްރެކްޓެއް އުފެދިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ހުށަހަޅާފައިނުވާ ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަރުހަލާގައި ހުށަނޭޅޭނެކަމަށް ބުނެހުށަހެޅި ނުކުތާ.

މި މައްސަލައިގެ މައްޗަށް ޤާނޫނު ތަޠުބީޤު ކުރުން

މި މައްސަލައިގައި މަހުދީ ޢަޤީލްގެ ފަރާތުން ބުނެފައިވަނީ ރިބްތައް ގަތުމުގެ އެއްމެހާ މުޢާމަލާތްތައް ކުރީ އެ ރިބްތައް އުފެއްދި ޔުކްރެއިންގެ ކުންފުނި ކަމަށްވާ ގްރޭންޑް މެރިން ކޯޕަރޭޝަން އާއި މަހުދީ ޢަޤީލްގެ ޙިއްޞާ އޮންނަ ދިވެހި ކުންފުންޏެއް ކަމަށްވާ ވަން އެންޑް އޯލް ކުންފުންޏާ ދެމެދުގައި ކަމަށެވެ. އަދި މި މުޢާމަލާތަކީ އެ ދެ ކުންފުނީގެ ދެމެދުގައި ކޮށްފައިވާ މުޢާމަލާތަކަށްވާތީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ އަދި 74 ވަނަ މާއްދާއަށް ޙަވާލާދީ ފަރުދީގޮތުން މަހުދީ ޢަޤީލް މި މުޢާމަލާތަށް ޒިންމާ ކުރުވިގެން ނުވާނެކަމަށެވެ. މިގޮތުން، މަހުދީ ޢަޤީލްގެ ޙިއްސާ އޮންނަ ވަން އެންޑް އޯލް ކުންފުންޏާއި ރިބްތައް އުފެއްދި ގްރޭންޑް މެރިން ކޯޕަރޭޝަން އާދެމެދު ރިބްތަކާ ގުޅޭ ކޮންޓްރެކްޓެއް 20 ޖަނަވަރީ 2015 ގައި ކުރެވިފައިވާ ކަމަށް މަހުދީ ޢަޤީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، މިބުނި ކޮންޓްރެކްޓަކީ ދަށު ކޯޓުގައި ޝަރީޢަތް ހިނގަމުން ދިޔައިރު ހުށަހެޅިފައިވާ ލިޔުމެއް ނޫންކަމަށްވެސް މަހުދީ ޢަޤީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި މިއީ ޑްރަގޮއިލަވިޗްއާ އެއްވެސް ގުޅުމެއް އޮތް ކޮންޓްރެކްޓެއް ނޫންކަމަށާއި ދަށުކޯޓަށް މި ކޮންޓްރެކްޓް ހުށަހެޅިފައި ނުވަނީ ދަށުކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު މި ކޮންޓްރެކްޓް މަހުދީ ޢަޤީލަށް ލިބިފައިނުވާތީ ކަމަށް މަހުދީ ޢަޤީލްގެ ފަރާތުން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ، އިސްތިސްނާ ޙާލަތެއްގައި މެނުވީ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބަލައި ފައިޞަލާކުރާނީ ދަށުކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިގެން ހިނގަމުންދާ މައްސަލައެއްގައި އައު ހެކި ހުށަހެޅިދާނެ އިސްތިސްނާ ޙާލަތެއް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައި ވީނަމަވެސް، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިގެން ހިނގަމުންދާ މައްސަލައެއްގައި އައު ހެކި ހުށަހެޅުމާގުޅޭގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގައި ވަކިއެއްޗެއް ބުނެފައިނުވެއެވެ. އެހެންކަމުން، ދަށު ކޯޓަށް ހުށަހަޅާފައިނުވާ އައު ހުށަހެޅުންތައް މި މަރުޙަލާގައި ހުށަހަޅައި އެއާމެދު ބަހުސްކޮށް ޝަރީޢަތްތައް ހިންގުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ވަރަށް ބޮޑަށް މަޙްދޫދުކުރެވިފައިވާ ކަމެއްކަން އެނގެއެވެ.

މަހުދީ ޢަޤީލްގެ ޙިއްސާ އޮންނަ ވަން އެންޑް އޯލް ކުންފުންޏާއި ރިބްތައް އުފެއްދި ގްރޭންޑް މެރިން ކޯޕަރޭޝަން އާދެމެދު ރިބްތަކާ ގުޅޭ ގޮތުން ވެވުނުކަމަށް މަހުދީ ޢަޤީލް ބުނާ އެއްބަސްވުމަކީ 2015 ވަނަ އަހަރުގެ ޖަނަވަރީ 20 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެކެވެ. މަހުދީ ޢަޤީލްއާއި ޑްރަގޮއިލަވިޗްއާ ދެމެދު އުފެދިފައިމިވާ ޚުޞޫމާތް ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ 08 މާރިޗު 2016 ގައެވެ. އަދި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ 29 ސެޕްޓެންބަރު 2016 ގައެވެ. މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ ވަން އެންޑް އޯލް ކުންފުންޏާއި ރިބްތައް އުފެއްދި ގްރޭންޑް މެރިން ކޯޕަރޭޝަން އާދެމެދު ރިބްތަކާ ގުޅޭގޮތުން ވެވުނު އެއްބަސްވުން ކުރެވުނުތާ އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވި ފަހުންނެވެ. އަދި ސިވިލް ކޯޓުން މައްސަލަ ނިންމިއިރު އެ އެއްބަސްވުން ކުރިތާ ދޮޅުއަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ފާއިތުވެފައެވެ. ފެންނަން އޮތް ޙަޤީޤަތްތަކަށް ބަލާއިރު، މަހުދީ ޢަޤީލް އަކީ ވަން އެންޑް އޯލް ކުންފުނީގެ މެޖޯރިޓީ ހިއްޞާދާރު އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. ކުންފުނީގެ ފަރާތުން ހިންގާ މިފަދަ މުޢާމަލާތްތަކަކީ އެފަދަ މަޤާމެއްގައި ހުންނަ ފަރާތަކަށް އެނގުމެއްނެތި ހިންގިދާނެ މުޢާމަލާތްތަކެއް ކަމަށް ޤަބޫލުކުރަން ދައްޗެވެ.

ބަހުސްގެ ބޭނުމަށްޓަކައި ދަށުކޯޓު މަރުޙަލާގައި މައްސަލަ ހިނގަމުން ދިޔައިރު މި ލިޔުން ހުށަހެޅިކަމަށް ބެލިނަމަވެސް، މި ކޮންޓްރެކްޓަކީ ވަން އެންޑް އޯލް ކުންފުންޏާއި ރިބްތައް އުފެއްދި ގްރޭންޑް މެރިން ކޯޕަރޭޝަން އާދެމެދު އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭގޮތުން ކުރެވިފައިވާ ކޮންޓްރެކްޓަކަށްވާތީ މަހުދީ ޢަޤީލް އާއި ޑްރަގޮއިލަވިޗްއާ ދެމެދު ވެފައިއޮތް ކޮންޓްރެކްޓަށް އެ ކޮންޓްރެކްޓްގެ ސަބަބުން ކުރާނެ އަސަރެއް އޮތްކަމަށް ނުފެނެއެވެ.

ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރުމުން، ވަން އެންޑް އޯލް ކުންފުންޏާއި ރިބްތައް އުފެއްދި ގްރޭންޑް މެރިން ކޯޕަރޭޝަން އާދެމެދު ރިބްތަކާ ގުޅޭ ގޮތުން ވެވުނުކަމަށް މަހުދީ ޢަޤީލް ބުނާ އެއްބަސްވުމަކީ ދަށުކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު އެކަށީގެންވާގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބެންނެތް ލިޔުމެއްކަމަށް ޝަރީޢަތުން ބެލިދާނެހަމައެއް ނެތުމުން، މި ލިޔުމަކީ ސުޕްރީމް ކޯޓަށް އަލަށް ހުށަހެޅޭ ހެކި ބަލައިގަތުމަށްޓަކައި ހުރުން ލާޒިމު އުންޞުރުތައް ފުރިހަމަވާ ލިޔުމެއް ނޫނެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު އެ މާއްދާގައި ބަޔާންކޮށްފައި ވަނީ:

"ކޮންޓްރެކްޓެއް، އޭގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުކުރާ ކަމެއް ޚުދު އޭނާ ނުވަތަ އެހެން މީހަކު މެދުވެރިކޮށް ކުރެވިދާނެއެވެ. މިއާ ޚިލާފަށް ކޮންޓްރެކްޓްގައި ކަނޑައެޅިގެން އެބައިވެރިޔަކު ކަމެއްކުރާން އޮވެއްޖެނަމަ ނުވަތަ ލިޔެވިފައި ނެތަސް އެގޮތަށް އިޝާރާތް ކޮށްފައި އޮވެއްޖެނަމަ، އެކަމެއްކުރަންވާނީ، ޚުދު އެބައިވެރިޔާއެވެ."

މިފަދައިންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ވަން އެންޑް އޯލް ކުންފުންޏާއި މަހުދީ ޢަޤީލްއާ ދެމެދު އޮތް ގުޅުމަކީ ޕްރިންސިޕަލް އާއި އެޖެންޓްއާދެމެދު އޮތް ގުޅުމެއްކަން އެނގެއެވެ. އަދި އެ ގުޅުމުގެ ދަށުން މަހުދީ ޢަޤީލްއަށް އޮތް ޒިންމާއަކީ މަހުދީ ޢަޤީލްއާއި ޑްރަގޮއިލަވިޗްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތެރެކުރި ރިބްތައް ރާއްޖެއަށް އެތެރެ ކުރުމުގައި އެހީތެރިވެދިނުމެވެ. ދެބަސްވެވެން ނެތް ޙަޤީޤަތަކީ، މަހުދީ ޢަޤީލް އާއި ޑްރަގޮއިލަވިޗްއާ ދެމެދު ޒިންމާތަކެއް މަތިކުރެވިފައިވާ އެއްބަސްވުމެއް ވުޖޫވެ އޮތްކަމެވެ. އެ އެއްބަސްވުމުގެ ދަށުން މަހުދީ ޢަޤީލް އަދާކުރަންޖެހޭ ޒިންމާތަކެއް ހުރިކަން ޝަރުޢީ ހަމަތަކުގެމަތިން ސާބިތުވެފައިވާއިރު، މަހުދީ ޢަޤީލްގެ ފަރާތުން އެ ޒިންމާތައް އަދާކުރާނެ ތިންވަނަ ފަރާތެއް ދެއްކިފައެއް ނުވެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މަހުދީ ޢަޤީލް އަދާކުރަންޖެހޭ ޒިންމާތައް ވަން އެންޑް އޯލް ކުންފުނީގެ މައްޗަށް ފުރޮޅިގެންދާނެފަދަ ޝަރުޢީ ނުވަތަ ޤާނޫނީ އެއްވެސް ސަބަބެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެޝަރީޢަތަށް މަހުދީ ޢަޤީލްއަށް ބުނެދެވިފައެއްނުވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 502/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އަށް ހުށަހެޅި ލިޔެކިޔުން ތަކަށާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތް ކުރާއިރު، ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތަކީ މަހުދީ ޢަޤީލް އާއި ޑްރަގޮއިލަވިޗް އާ ދެމެދު ޤާނޫނީގޮތުން ޞައްޙަ ކޮންޓްރެކްޓެއް އޮތްކަމާއި، އަދި އެ ކޮންޓްރެކްޓްގެ ދަށުން ޑްރަގޮއިލަވިޗް ފައިސާ ޚަރަދު ކުރިކަމާއި މަހުދީ ޢަޤީލްގެ ފަރާތުން ޑްރަގޮއިލަވިޗް އަށް މި ފައިސާ އަނބުރާ ދައްކަން ޖެހޭކަން ޝަރީޢަތަށް ސާބިތުވާކަމަށް ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި ކަނޑައެޅުން ނަފީކުރެވޭފަދަ ހުށަހެޅުމެއް މަހުދީ ޢަޤީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިނުވާކަމެވެ. އެހެންކަމުން، މަހުދީ ޢަޤީލް އާއި ޑްރަގޮއިލަވިޗްއާ ދެމެދު ކޮންޓްރެކްޓެއް އޮތްކަމަށް ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދުނާން މުޙައްމަދު އިބްރާހީމް

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ