ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 02 · 2021/SC-A/27, 2021/SC-A/29ސުޕްރީމް ކޯޓު · 10 ފެބުރުއަރީ 2022

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ސުޕްރީމް ކޯޓު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 10 ފެބުރުއަރީ 2022ބާވަތް: އިސްތިއުނާފީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2021/SC-A/27 2021/SC-A/29

ޝަރީޢަތް ނިމުނުގޮތް

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

10 ފެބްރުއަރީ 2022އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2020/HC-A/149

ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/27 ގަޒިއްޔާ

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ބަދަލުގައި:ސެކްރެޓަރީ ޖެނެރަލް

ޤާނޫނީ ވަކީލު:މަރްޔަމް ޝުނާނާ

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ޤާނޫނީ ވަކީލު:

މުޙައްމަދު ޝަހުދީ އަންވަރު

ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/29 ގަޒިއްޔާ

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް.

އެޓަރނީ ޖެނެރަލްގެ އޮފީސް

ޤާނޫނީ ވަކީލު:

ސީނިއަރ ސްޓޭޓް ކައުންސެލް ޙައްވާ ސަނާ

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުން، ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ހ)، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާ، ޤާނޫނުއަސާސީގެ 29، 56 އަދި 69 ވަނަ މާއްދާ، ހައިކޯޓުގެ އިސްތިއުނާފީ އިޚްތިޞާޞް

ފިހުރިސްތު

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރަޢުޔު.......................................................................1

ތަޢާރުފު1

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން3ހައިކޯޓުން މައްސަލަ ނިންމިގޮތް3ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް6(ހ) އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތައް..................................................7(ށ) އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ހުށަހެޅި ނުކުތާ.............................................................8

(ނ) އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެކޭ ގޮތް.............................................................8

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު9

އަސާސީ ޙައްޤުތައް12

ހައިކޯޓުގެ އިސްތިއުނާފީ އިޚްތިޞާޞް16

ފަނޑިޔާރު މަޙާޒު އަލީ ޒާހިރުގެ ރަޢުޔު.............................................................................24

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރަޢުޔު...................................................................24

ޙުކުމް......................................................................................................................24

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

ލ. ގަން މުކުރިމަގު، ނޫވިލާގެ / މޫސާ ނަސީމުގެ ފަރާތުން 5 ނޮވެންބަރު 2019 ގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެމް.ޑަބްލިޔު.އެސް.ސީ")ގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި ޙަވާލާދީފައިވާ އޮޑިޓް ރިޕޯޓް ހޯދުމަށް އެދި، 12 ފެބްރުވަރީ 2020 ގައި އެކުންފުންޏަށް ހުށަހެޅިއެވެ. ނަމަވެސް ފޯމު ހުށަހެޅި ފަހުން 21 ދުވަސް ފާއިތުވީއިރުވެސް އެމް.ޑަބްލިޔު.އެސް.ސީ އިން އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ބުނެ، އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރަށް މޫސާ ނަސީމުގެ ފަރާތުން ހުށަހެޅިއެވެ.

މޫސާ ނަސީމު ހޯދުމަށް އެދި ހުށަހަޅާފައިވާ މަޢުލޫމާތަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 7 ވަނަ ބާބުގައި ބަޔާންކުރާ އާންމު މަސްލަހަތަށް އިސްކަން ދިނުމާއި އިސްތިސްނާވާ ހާލަތްތަކަށް ފެތޭ މަޢުލޫމާތަކަށް ނުވާތީ، މޫސާ ނަސީމު ހޯދުމަށް އެދި ހުށަހަޅާފައިވާ މަޢުލޫމާތު އޭނާއަށް ދޫކުރުމަށް އެމް.ޑަބްލިޔު.އެސް.ސީއަށް އަންގައި 14 ޖުލައި 2020 ގައި އިންފޮމޭޝަން ކޮމިޝަނަރު އެ މައްސަލަ ނިންމާފައިވެއެވެ.

އެ ނިންމުން (މައްސަލަ ނަންބަރު CM-16/2020) އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެ ކޯޓުގެ "އިންފޮމޭޝަން ކޮމިޝަނަރގެ ނިންމުން އިލްތިމާސްކުރުމަށް އެދި ހުށަހަޅާ ފޯމު" އިން ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާއިން އެ މައްސަލަ އެ ކޯޓުގައި ބެލިއެވެ. ހައިކޯޓުން ޙުކުމްކުރީ އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އެމައްސަލަ އިސްތިއުނާފުން ބެލުމުގެ އިޚްތިޞާޞް ޤާނޫނުން ހައިކޯޓަށް ލިބިދީފައި ނެތް މައްސަލައަކަށްވާތީ، އެމައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށެވެ.

ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި، އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުން މި ކޯޓުން ދެވުނު ގަޒިއްޔާ ނަންބަރަކީ 2021/SC-A/29 އެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ހުށަހެޅުމުން ދެވުނު ގަޒިއްޔާ ނަންބަރަކީ 2021/SC-A/27 އެވެ.

މި ދެ ގަޒިއްޔާގެ ޚަސްމުން ތަފާތުވި ނަމަވެސް، ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާ ކަމުގައިވާތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި ނަންބަރު 2021/SC-A/29 ގަޒިއްޔާގެ ތެރެއިން މި ކޯޓުގެ ނަންބަރު 2021/SC-A/27 ގަޒިއްޔާގެ މައްސަލަވެސް ބެލިފައިވާނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު CM-16/2020 މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ކަނޑައެޅީ މޫސާ ނަސީމް އެމް.ޑަބްލިޔު.އެސް.ސީގެ ކިބައިން ހޯދުމަށް އެދިފައިވާ އެ ކުންފުނީގެ އޮޑިޓް ރިޕޯޓަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 7 ވަނަ ބާބުގެ ދަށުން އާންމު މަސްލަހަތަށް އިސްކަން ދިނުމާއި އިސްތިސްނާވާ ހާލަތްތަކަށް ފެތޭ މަޢުލޫމާތެއް ނޫންކަމަށެވެ. އެހެންކަމުން، އެ ރިޕޯޓު މޫސާ ނަސީރަށް ދޫކުރުމަށް އެމް.ޑަބްލިޔު.އެސް.ސީއަށް އިންފޮމޭޝަން ކޮމިޝަނަރު އަންގާފައިވެއެވެ.

މި ނިންމުން އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ހައިކޯޓުގައި ބަލައިދިނުމަށްޓަކައި އެ ކޯޓުގެ "އިންފޮމޭޝަން ކޮމިޝަނަރގެ ނިންމުން އިލްތިމާސްކުރުމަށް އެދި ހުށަހަޅާ ފޯމު" އިން ހުށަހެޅިއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު CM-16/2020 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ މައްސަލަ ބަލައިފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާއިންނެވެ.

ހައިކޯޓުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާއަކީ، އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ އިޚްތިޞާޞްގެ ބޭރުން އެމް.ޑަބްލިޔު.އެސް.ސީއަށް އަންގާފައިވާ އެންގުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

އެހެންނަމަވެސް ހައިކޯޓުން އެ ގަޒިއްޔާގައި ޙުކުމްކުރީ އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އެމައްސަލަ އިސްތިއުނާފުން ބެލުމުގެ އިޚްތިޞާޞް ޤާނޫނުން ހައިކޯޓަށް ލިބިދީފައި ނެތް މައްސަލައަކަށްވާތީ، އެމައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށެވެ. ހައިކޯޓުގެ މި ނިންމުން ބިނާކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރެވެއެވެ.

11.1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓަށް ބެލުމުގެ އިޚްތިޞާޞް ދީފައިވާ މައްސަލަތަކަކީ ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ހައިކޯޓަކީ ފުރަތަމަ މަރުހަލާގެ ކޯޓުކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކާއި، ހައިކޯޓުގެ އަޞްލީ އިޚްތިޞާޞް އޮތް މައްސަލަތަކާއި، އިސްތިއުނާފީ އިޚްތިޞާޞް އޮތް މައްސަލަތަކާއި އަދި އަލުން ބެލުމަށް ތަހުވީލުކުރާ މައްސަލަތައްކަން.

11.2 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓަށް ލިބިދޭ އިޚްތިޞާޞެއް ނުވަތަ އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ބަޔާންކޮށްފައިނުވާކަމަށާއި، އެ މާއްދާއިން އިލްތިމާސްކުރުމުގެ ފުރުސަތަކީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ލިބިދީފައިވާ ފުރުސަތެއްކަމަށާއި، އެހެންކަމުން ދެން ކޯޓުން ރުޖޫއަވާންޖެހޭނީ ކޯޓުތަކުގެ ޤާނޫނަށްކަން.

11.3 ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިޚްތިޞާޞްއަކީ ދަށު ކޯޓުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ބެލުން ކަމަށާއި، ކޯޓުތަކުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ޅ) ގައި "ޓްރައިބިއުނަލް" ކަމުގައި ބަޔާންކުރަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެލަފްޒަށް ދީފައިވާ މާނަކުރުމަށްކަމަށާއި، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި " ޓްރައިބިއުނަލް" ގެ މާނަކަމުގައި ބުނެފައިވަނީ ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭ ގޮތުން ޚިލާފު އުފެދިފައިވާ ހާލަތްތަކުގައި، އެކަމާމެދު ވަކި ގޮތެއް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމުން، އެކަމާމެދު ވަކި ގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއެއްކަމަށާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ "އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް" އަކަށް ކަމަށާއި، އިންފޮމޭޝަން ކޮމިޝަނަރަކީ ޓްރައިބިއުނަލެއް ނޫންކަމަށާއި، "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" ޤާނޫނުގެ ނައްޞުގައި އޮތްނަމަ އެ އޮފީހަކީ މުއައްސަސާއެއްކަމަށް ބަލައިގެން ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްގެ ގޮތުގައި އިސްތިއުނާފީ އިޚްތިޞާޞްގެ ތެރެއިން ހައިކޯޓަށް އެ ނިންމުން ބެލުމުގެ ޤާނޫނީ ބާރު އޮތްކަމަށް ބެލެވިދާނެކަން.

11.4 އެ އިލްތިމާސެއް ހައިކޯޓަށް ބެލުމުގެ ޤާނޫނީ ބާރު ލިބިނުދީ، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެނިންމުމަކާއި ގުޅޭގޮތުން ހިތްހަމަ ނުޖެހޭ ފަރާތަކުން އެމައްސަލަ ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުޞަތު ޤާނޫނުން ލިބިދީފައި އޮތް އޮތުމުގެ ޙަޤީޤީ މާނައެއް ނެތްކަމަށާއި، ނަމަވެސް ޤާނޫނުތަކުން ބަދަލު ނުގެނެސް ޤާނޫނުތަކަށް މާނަކުރުމުގެ ހަމަތަކުގެ ތެރެއިން ހަމައެއްގެ މަތިން މިކަމަށް ސީދާ ކޯޓުން ޙައްލެއް ދެވިދާނެތޯ ބަލާއިރު، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ މަޤްޞަދަކީ އިލްތިމާސްކުރުމުގެ ފުރުޞަތު ހޯދައި ދިނުމެއް ނޫންކަމަށާއި، އެއާ ޚިލާފަށް އެޤާނޫނުގެ މަޤްޞަދަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ޤާނޫނުގައި ކަނޑައަޅާގޮތެއްގެ މަތިން ލިބިދިނުންކަމަށާއި، އެހެންކަމުން ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، ޤާނޫނުގައި ސާފުކޮށް ފެންނަން އޮތް ނައްޞުގައި އޮޅުމެއް ނުވަތަ ދެމާނައެއް ކުރެވެންނެތީސް، ކަންތައްތަކެއް އިފްތިރާޟް (presume) ކޮށްގެން "އިންފޮމޭޝަން ކޮމިޝަނަރު" އެއީ މުއައްސަސާއެއްކަމަށް ބަލައި އަދި އެމާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފީ އިޚްތިޞާޞްވެސް ދީފައި އޮތްކަމަށް ދެކިގެން ޤާނޫނު ކިޔަންވެއްޖެ ނަމަ، ފަނޑިޔާރުގެ ދައުރު ޤާނޫނުއަސާސީއާއި ޤާނޫނުން ބޭރުވެގެންދާނެކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް

ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުންނާއި، ހައިކޯޓު ގަޒިއްޔާގައި ޚަސްމެއްގެ ގޮތުގައި ނުހިމެނޭ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި މި ކޯޓުގެ ނަންބަރު 2021/SC-A/29 ގަޒިއްޔާގައި މައްސަލަ ރައްދުވި ފަރާތްތަކަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި އެމް.ޑަބްލިޔު.އެސް.ސީއެވެ. އެމް.ޑަބްލިޔު.އެސް.ސީއިން އިސްތިއުނާފުކުރި މި ކޯޓުގެ ނަންބަރު 2021/SC-A/27 ގަޒިއްޔާގެ މައްސަލަ ރައްދުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުންނާއި، އެމް.ޑަބްލިޔު.އެސް.ސީ އާއި އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންވެސް ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އިއްތިފާޤުވެއެވެ. އަދި މިތިން ފަރާތުންވެސް އެއް ފަރާތުން އަނެއް ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ތާއީދުކޮށްފައިވެއެވެ.

(ހ) އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތައް

އެޓަރނީ ޖެނެރަލްގެ އޮފީހަކީ ހައިކޯޓު މަރުހަލާގައި މި މައްސަލައިގެ ޚަސްމެއް ނޫނެވެ. މި މައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހައިސިއްޔަތު ކިޔައިދެމުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ރ) ގައި، މަދަނީ މައްސަލަތަކުގެ ތެރެއިން ސަރުކާރު ޝާމިލްނުވާ މައްސަލަތަކުގައިވެސް ދައުލަތުގެ މަސްލަހަތެއް ނުވަތަ ޢާންމު މަސްލަހަތެއް ހިމެނޭކަމަށް ބަންޑާރަ ނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި، ކޯޓުގެ ހުއްދައާއެކު އެ މައްސަލައެއް ހިނގާއިރު ބަންޑާރަ ނައިބަށް ކޯޓަށް ހާޒިރުވެ ވާހަކަ ދެއްކިދާނެކަމަށެވެ. އަދި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ) ގެ ދަށުން ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް، ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާޢުކުރުމަށް ބަންޑާރަ ނައިބު މަސައްކަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ އަންނަނިވި 3 (ތިނެއް) ނުކުތާއެވެ.

15.1 ހައިކޯޓުން "އިންފޮމޭޝަން ކޮމިޝަނަރު" މާނަކޮށްފައިވަނީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން ހާސިލުކުރަން ބޭނުންވާ މަޤްޞަދު ނަފީވާގޮތަށް، އެޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) އަދި އެޤާނޫނުގެ މަޤްޞަދަށް ރިޢާޔަތް ކުރުމެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

15.2 ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގައި އެމައްސަލައަކީ އިސްތިއުނާފުން ބެލުމުގެ އިޚްތިޞާޞް ޤާނޫނުން ހައިކޯޓަށް ލިބިދީފައި ނެތް މައްސަލައެއްކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

15.3 ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ކަނޑައަޅާފައިވާ އަސާސީ ޙައްޤު މާނަކުރުމުގައި ރިޢާޔަތްކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

(ށ) އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ހުށަހެޅި ނުކުތާ

އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާއަކީ، އެ ގަޒިއްޔާގެ ނިންމުމުގައި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އާއި ކޯޓުތަކުގެ ޤާނޫނުގެ 31 ވަނަ މާއްދާ މާނަކޮށްފައިވަނީ ޤާނޫނުގެ ސަރީހަ ނައްޞުގައި ބަޔާންކޮށްފައިވާ އުޞޫލާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

(ނ) އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެކޭ ގޮތް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޖުމްލަ ގޮތެއްގައި މި މައްސަލައިގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ދައްކާފައިވާ ވާހަކަތަކަށާއި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ސުޕްރީމް ކޯޓުގައި ތާއީދުކޮށްފައިވެއެވެ. އަދި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފު ސަރީޙަ ޢިބާރާތުން އެޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަށް، އެނިންމުން ހައިކޯޓުގައި އިލްތިމާސް ކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، ކޯޓުތަކުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ށ) ގައި ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ދަށުކޯޓުތަކާއި، ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރާނީ ހައިކޯޓުގައިކަމަށް ބަޔާންކޮށްފައިވާކަމަށާއި، މިމާއްދާއަށް ބެލުމުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެހެން ޤާނޫނަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިފައިވާ އިޚްތިޞާޞް ފުޅާ އަދި ހަނި ކުރެވޭނެކަން އެނގޭކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން އިތުރަށް ބުނެފައިވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަކީ ދައުލަތުގެ އެންމެހައި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ލިބިގަތުމުގެ ޙައްޤު ދިވެހިރާއްޖޭގައި ލިބިދެވޭ ދާއިރާ އެކަށައަޅައި، ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިދިނުމުގެ އުސޫލުތައް ކަނޑައަޅާ ޤާނޫނެއްކަމަށް އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

އެ ޤާނޫނުގެ 2 ވަނަ މާއްދާގައި އެ ޤާނޫނުގެ މަޤުޞަދުތައް ލިސްޓުކުރެވިފައިވެއެވެ. އޭގެ ތެރެއިން، ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އެކަށައެޅުމާއި، މީހަކާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާއެއްގައި ބަލަހައްޓަމުން ގެންދާ މަޢުލޫމާތަކީ ފުރިހަމަ ތެދު އަދި އޮޅުމެއްނެތް މަޢުލޫމާތެއްކަން ކަށަވަރުކުރުމުގެ ޙައްޤު އެމީހަކަށް ލިބިދިނުމާއި އަދި އެ މާއްދާގައި ބަޔާންކުރާ އެންމެހައި ކަންކަން ހިންގުން މަގުފަހިކުރުމަށްޓަކައި އެކަށީގެންވާ އުސޫލުތަކެއް ކަނޑައެޅުން އެ ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދިހަވަނަ ބާބުގައި އެ ޤާނޫނުގެ ދަށުން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުކުރުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދީފައިވާ ބާރުތަކާއި އޭނާގެ ދައުރު ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ ޤާނޫނުގެ ދަށުން މުރާޖަޢާކުރުމަށްފަހު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ފަރާތެއްވާނަމަ، އެ ފަރާތަކުން އެ ނިންމުން ނިންމި ތާރީޚުން ފެށިގެން، ނުވަތަ އެ ނިންމުން ނިންމަންޖެހޭ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިލްތިމާސެއް ނުވަތަ ޝަކުވާ ހުށަހެޅޭނެ ހާލަތްތަކާއި އަދި އެފަދަ ޝަކުވާއަކާ މެދު އިންފޮމޭޝަން ކޮމިޝަނަރު ޢަމަލުކުރަންވީ ގޮތާއި އިޖުރާއަތްތަކާއި ބާރުތައް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 56 ވަނަ މާއްދާއިން ފެށިގެން 62 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.

64. (ހ) މި ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމަކާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން، އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ އެ ނިންމުން ނިންމަންޖެހޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް އިލްތިމާސްކުރުމުގެ ފުރުޞަތު ލިބިދެއެވެ. އަދި އެފަދަ މައްސަލައެއްގައި، ޤާނޫނާ އެއްގޮތަށް ޢަމަލުކުރިކަން ސާބިތުކޮށްދޭންވާނީ އިންފޮމޭޝަން ކޮމިޝަނަރާ ދެކޮޅަށް މައްސަލަ ހުށަހަޅާ ފަރާތެވެ.

(ށ) މި ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ޝަރުޢީ ކޯޓަކުން ބެލޭނީ، މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުޙަލާގައި އެކަންޏެވެ.

ބުނެވިދިޔަ މާއްދާގެ ސަރީޙަ ނައްޞުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ، އެފަދަ ނިންމުމެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު، އެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ފަރާތަށް ލިބިގެންވެއެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުން، އިލްތިމާސެއް ނުވަތަ ޝަކުވާއެއް ބަލައިގަތުމަށްފަހު، އެ އިލްތިމާސެއް ނުވަތަ ޝަކުވާއެއް އިންފޮމޭޝަން ކޮމިޝަނަރަށް ނިންމިދާނެ 12 ގޮތެއް ބަޔާންކޮށްފައިވާއިރު، އެފަދަ ނިންމުމަކީ މަޢުލޫމާތު ނުދިން ދައުލަތުގެ އިދާރާއާ އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ނިންމިދާނެ ނިންމުމެއްކަން ފާހަގަކުރެވެއެވެ. ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައި އެ ޤާނޫނުގައިވާ ގޮތުގެ މަތިން އިންފޮމޭޝަން ކޮމިޝަނަރަކު ނިންމާ ނިންމުމަކީ ޝަރުޢީ ކޯޓަކުން އެހެން ގޮތަކަށް ބަދަލުނުކުރާހާ ހިނދަކު، ޞައްޙަ ނިންމުމަކަށްވާނެކަމަށާއި އަދި ތަބާވުން ލާޒިމު ނިންމުމަކަށް ވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރަން ހައިކޯޓަށް ދިއުމުގެ ފުރުސަތު އޮތީ ހަމައެކަނި މަޢުލޫމާތު ނުދިން ދައުލަތުގެ އިދާރާއަކަށް ނޫނެވެ. މައުލޫމާތު ނުދިން ދައުލަތުގެ އިދާރާއާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ، އާންމު ފަރާތަކުން އެފަދަ މައްސަލައެއް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅުމުގެ މަގު އޮތީވެސް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުންކަން ފާހަގަކުރެވެއެވެ. އެފަދަ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ނުކުރާނަމަ، އެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކީ، އެ މައްސަލައެއްގައި ޝާމިލުވާ އެންމެހައި ފަރާތްތަކުން ތަބާވެ، އެ ނިންމުމަށް ޢަމަލުކުރުން ލާޒިމު ނިންމުމަކަށްވެގެންދާނެއެވެ.

އަސާސީ ޙައްޤުތައް

ސުޕްރީމް ކޯޓަށް ހުށަހެޅިފައިމިވާ މައްސަލައިގައި ހިމެނޭ ތިން ފަރާތުންވެސް ބުނެފައިވަނީ ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގެ ނިންމުމަކީ އަސާސީ ޙައްޤުތަކާ ފުށުއަރާ ނިންމުމެއްކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާގައި އުނގެނުމާއި، އުނގަންނައިދިނުމާއި، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. ހަމަ އެފަދައިން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި، ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

ޢާންމު ފަރުދަކު ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ހޯދަން ބޭނުންވާނަމަ، އެކަން ހިނގާނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުންނެވެ. ދައުލަތުގެ އިދާރާއިން ފަރުދަކު ހޯދަން އެދޭ މަޢުލޫމާތު ނުދީ ހިފަހައްޓައިފިނަމަ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އެފަދަ ޝަކުވާއަކާ މެދު ގޮތް ކަނޑައެޅުމުގެ ބާރު އޮތީ އިންފޮމޭޝަން ކޮމިޝަނަރަށެވެ. އަދި އެ ޤާނޫނުގެ ދަށުން އޭނާގެ ނިންމުންތަކަކީ ޝަރުޢީ ކޯޓަކުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ލީގަލީ ބައިންޑިންގ (legally binding) ނުވަތަ ޤާނޫނީ ގޮތުން ބަނދެވޭ، އެ ނިންމުމަށް ޢަމަލުކުރުން ލާޒިމު ނިންމުމެއް ކަމުގައިވުމެވެ.

ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ، ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ނުލިބިގެން އުޅޭ މީހަކަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤާއި އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލިގެންދިއުމެވެ. އެހެނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އެގޮތުގައި އޮތްހައި ހިނދަކު، މެޖިސްޓްރޭޓް ނުވަތަ ސުޕީރިއަރ ކޯޓަކަށް އެފަދަ މައްސަލަތައް ހުށަނޭޅޭނެއެވެ. ސަބަބަކީ އެ ޤާނޫނުން މައްސަލަ ބެލުމުގެ އިޚްތިޞާޞް މަތިކޮށްފައިވާ ފަރާތަކީ އިންފޮމޭޝަން ކޮމިޝަނަރު ކަމުގައިވުމެވެ. ޤާނޫނު އޮތް ތަނުގައި ބާއްވާފައި، މަޢުލޫމާތު ނުލިބުމުގެ މައްސަލަތައް ދަށު ކޯޓުތަކަށް ހުށަހަޅައި، އެ ކޯޓުތަކުން އެ މައްސަލަތައް ބަލަންވެއްޖެނަމަ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ބާރު ކެނޑިގެންދާނެއެވެ. އަދި އެ ޤާނޫނުގައިވާ ގޮތުގެ މަތިން އިންފޮމޭޝަން ކޮމިޝަނަރެއް ހުރުމުގެ މަޤުސަދާވެސް ޚިލާފުވާނެއެވެ.

ހަމަ އެފަދައިން، މި ބާވަތުގެ މައްސަލަތައް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން، އަދި އޭނާ މައްސަލަތަކާ މެދު ގޮތް ކަނޑައެޅުމުން، ހައިކޯޓުން އެފަދަ މައްސަލަތައް ބަލައިނުގަތުމުގެ ނަތީޖާއަކަށް ވެގެންދާނީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ނިހާއީވެ، އެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް އެ ނިންމުންތަކާ މެދު ޝަރުޢީ ކޯޓަކުން ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އެއްކޮށް ގެއްލިގެން ދިޔުމެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ނިޒާމުގެ ދަށުން، މިއީ ޝަރުޢީ ކޯޓެއްގައި އިސްތިއުނާފުކުރުމުގެވެސް ޙައްޤެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް ކަމުގައިވާއިރު، ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ނުލިބޭ ހާލަތެއްގައި، އަދި އެފަދަ ނިންމުމަކަށް އިންފޮމޭޝަން ކޮމިޝަނަރު ތާއީދުކުރާ ހާލަތެއްގައި، އަސާސީ ޙައްޤެއް ނިގުޅިގެންގޮސްފައިވޭތޯ ބެލުމަށް އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ މަގުވެސް ހައިކޯޓުގެ ނިންމުމުގެ ސަބަބުން އެއްކޮށް ބަންދުވެގެންދާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ އެއް ބަޔަށް ޢަމަލުކޮށް، އަނެއް ބަޔަށް ޢަމަލުނުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އަސާސީ ޙައްޤެއް މާނަކުރުމުގަޔާއި ލިބިދިނުމުގައި ކޯޓުގެ އެއްވެސް ދައުރެއް ނެތުމެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމާއި އިސްތިއުނާފުކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤުތަކެއްކަން ޤާނޫނުއަސާސީގެ ދެވަނަ ބާބުން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނެފަދަ ޢަމަލެއްކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ތަރުޖަމާކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތަށް އެ މާއްދާ އޮތުމުގެ މަޤުސަދަކީ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، އަދި އެ ޙައްޤުތަކާއި މިނިވަންކަމުގެ މަންފާ އެންމެ ފުޅާމިނުގައި ލިބިދިނުމުގެ ގޮތުން، އަދި އެ ޙައްޤުތަކާއި މިނިވަންކަން ނިގުޅައިގަނެވޭނެ ނުވަތަ ހަނިކުރެވޭނެ ފަދައަކުން ކަންކުރުން މަނާކުރުމުގެ ގޮތުންކަމަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ.

މި ގަޒިއްޔާގެ 26 ވަނަ ޕެރެގްރާފްއިން 29 ވަނަ ޕެރެގްރާފްގެ ނިޔަލަށް ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަކީ އަސާސީ ޙައްޤުތަކެއް ހަނިވާ ފަދައަކުން ނުވަތަ ނިގުޅިގެންދާ ފަދައަކުން ނިންމާފައިވާ ނިންމުމެއްކަމަށް އަހުރެންނަށް ބުރަވެވެއެވެ. ބުނެވުނު ގަޒިއްޔާގެ ނަތީޖާއަކީ، ޤާނޫނެއްގައި ސަރީހަކޮށް އަމަލުކުރަންޖެހޭ ގޮތްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން، ހައިކޯޓުގެ އަމިއްލަ އިސްނެގުމަކަށް އެއްފަރާތްކޮށްލުމުގެ އިތުރުން، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާވެސް ޚިލާފަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤާއި އިސްތިއުނާފުކުރުމުގެ ޙައްޤާއި އަދި ކިއެއްތަ ޤާނޫނުގައި ތަސައްވުރު ކުރެވިފައިވާ ފަދައިން ޝަރުޢީ ކޯޓަކަށް މިބާވަތުގެ މައްސަލަތައް ހުށަހެޅުމުގެ ދޮރުވެސް އެއްކޮށް ބަންދުވާނެ މޭރުމުން ހައިކޯޓުން ޤާނޫނު މާނަކޮށް ތަރުޖަމާކޮށްފައިވުމެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ދައުލަތުގެ އިދާރާތަކުން އުފައްދައި، ގެންގުޅޭ އަދި ބަލަހައްޓާ މަޢުލޫމާތުތައް ހޯދައި ލިބިގަތުން ތަންޒީމްކޮށްފައިވެއެވެ. ޤާނޫނުގައި މި ބާވަތުގެ މައްސަލަތައް ބެލުމުގެ ވަކި ނިޒާމެއް ގާއިމުކުރެވިފައިވާއިރު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ޤާނޫނުއަސާސީއަށާއި ޤާނޫނަށް ޢަމަލުކުރުން ލާޒިމުވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ ސަރީޙަ އިބާރާތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ބަދަލު ކުރެވޭނީ ހަމައެކަނި ޝަރުޢީ ކޯޓަކަށެވެ. އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) ގެ ސަރީޙަ އިބާރާތުން، އެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ޝަރުޢީ ކޯޓަކަށް ބެލޭނީ ހަމައެކަނި އެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބުނާ އިލްތިމާސް މަރުހަލާއިން އެކަނިކަމަށް ބަޔާންކޮށްފައި އޮތުމުން، ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ އިޖުރާއަތަކީ، އެ އިދާރާއިން މަޢުލޫމާތު ނުލިބުމުން، އެކަން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމެވެ. އެހެންގޮތަކަށް ބުނާނަމަ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުން ހޯދަން ބޭނުންވާ މަޢުލޫމާތާ ގުޅޭ މައްސަލަ މެޖިސްޓްރޭޓް ނުވަތަ ސުޕީރިއަރ ކޯޓަކަށް ހުށަނޭޅޭނެއެވެ. އެފަދަ މައްސަލައެއް މެޖިސްޓްރޭޓް ނުވަތަ ސުޕީރިއަރ ކޯޓަކަށް ހުށަހަޅައިފިނަމަ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ބާރު ކެނޑި، އެ ޤާނޫނުގެ މަޤުޞަދާ ޚިލާފަށް ޢަމަލުކުރުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

ވުމާއެކު މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ބަލާއިރު، ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ނުލިބުމުގެ ސަބަބުން، ނުވަތަ މަޢުލޫމާތެއް ދޭންޖެހުމާ ގުޅޭ ޚުސޫމާތްތައް އެންމެ ފުރަތަމަ ޝަރުޢީ މަރުޙަލާއަށް ވަންނަނީ އިސްތިއުނާފުގެ މަގުން ހައިކޯޓަށެވެ. އަދި އޭގެ ފަހުން ހިންގަންޖެހޭ އިޖުރާއަތްތަކާމެދު ވަކި ގޮތެއް އެ ޤާނޫނުގައި ބަޔާންކޮށްފައިނުވާއިރު، ހައިކޯޓުގެ ނިންމުމެއް އެއީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ދެކޭނަމަ، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ އިޖުރާއަތްތައް ކޯޓުތަކުގެ ޤާނޫނުގެ ޢާންމު މާއްދާތަކުގެ ދަށުން ހިނގުމަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ހުރަހެއްނާޅައެވެ. އެހެންކަމުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރާ ހިސާބުން ކޯޓުތަކުގެ ޤާނޫނުގައި ތަސައްވުރު ކުރެވިފައިވާ އިސްތިއުނާފީ ޢާންމު އުސޫލުތައް ހިނގާނެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ތަސައްވުރުކުރެވިފައިވާ ނިޒާމާ އެއްގޮތަށް ހައިކޯޓުގައި މައްސަލަ ނުހިންގޭނެކަމަށް އެ ކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގައި ދީފައިވާ މައިގަނޑު ސަބަބަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ސީދާ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ކޯޓުތަކުގެ ޤާނޫނު ހުރަސްއަޅާކަމަށް އެކޯޓުން ބުނާ ބުނުމެވެ.

ހައިކޯޓުގެ އިސްތިއުނާފީ އިޚްތިޞާޞް

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަމަށް ހައިކޯޓުން ދައްކާ ހުއްޖަތަކީ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންވެފައިވާ ހައިކޯޓުގެ އިސްތިއުނާފީ އިޚްތިޞާޞްއެވެ. އެގޮތުން، ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓުގެ އިސްތިއުނާފީ އިޚްތިޞާޞް ލިބިދެވިފައިވަނީ ހަމައެކަނި ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާފައިވާ ނިންމުންތަކަށްކަމަށް ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގައި އިއްތިފާޤުވި ރައުޔުގައި ބަޔާންކޮށްފައިވެއެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ނިންމުންތައް ނިންމަނީ އިންފޮމޭޝަން ކޮމިޝަނަރު ކަމުގައިވާއިރު، އިންފޮމޭޝަން ކޮމިޝަނަރަކީ ކޯޓެއް ނުވަތަ ޓްރައިބިއުނަލެއް ނޫންކަމުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ކޯޓުތަކުގެ ޤާނޫނުގެ 36 ވަނަ މާއްދާގައި ހައިކޯޓުގެ އިޚްތިޞާޞް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ މާއްދާގެ (ނ) ގައި ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ހައިކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ރ) ގައި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ ނިންމުންތައް ބަޔާންކޮށްފައިވެއެވެ. އަދި މިދެ އަކުރުގެ ތަފްސީލު އެ ޤާނޫނުގެ 38 ވަނަ މާއްދާއާއި 39 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ.

ކޯޓުތަކުގެ ޤާނޫނުގެ 31 ވަނަ މާއްދާގައި ހައިކޯޓުގެ ހައިސިއްޔަތު ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގައި ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްއިތުނާފުކުރެވޭ ކޯޓުކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މާއްދާގެ (ށ) ގައި ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީ ހައިކޯޓުގައިކަމަށް ބަޔާންކޮށްފައިވެއެވެ.

ކޯޓުތަކުގެ ޤާނޫނަށް ޖުމްލަގޮތެއްގައި ބަލާއިރު، މި ޤާނޫނަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި، އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާންކުރުމާ ގުޅޭ ޤާނޫނެއްކަން އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އިން އެނގެން އޮވެއެވެ. އެހެންކަމުން، ކޯޓުތަކުގެ ޤާނޫނަކީ ކޯޓުތަކުން ޢަމަލުކުރާ ޢާންމު އުސޫލުތަކެއް ބަޔާންކުރާ ޤާނޫނެކެވެ.

ކޯޓުތަކުގެ ޤާނޫނުގައި ހައިކޯޓުގެ ހައިސިއްޔަތަކީ އިސްތިއުނާފީ ކޯޓެއްކަމަށް ބަޔާންކޮށްފައިވާއިރު، މި ހައިސިއްޔަތު އެގޮތުގައި ދެމި އޮންނަނީ ޤާނޫނަކުން އިސްތިސްނާ ނުކުރާހާ ހިނދަކު، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރުމަށެވެ. ކޯޓުތަކުގެ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި، އެ ޤާނޫނުގައި ތަސައްވުރުކުރެވިފައިވާ ނިޒާމް ނޫން އެހެން ނިޒާމެއްގެ ދަށުން ހައިކޯޓަށް މައްސަލަ ހުށަހެޅުން މަނާނުކުރެއެވެ. އެހެންކަމުން، ދަށު ކޯޓެއް ނުވަތަ ޓްރައިބިއުނަލެއް ފިޔަވައި އެހެން ތަނަކުން ނިންމާ ނިންމުމެއް އެއީ ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ނިންމުމެއްކަމަށް ޤާނޫނެއްގައި ބަޔާންކުރެވިފައިވާނަމަ، އެފަދަ ޤާނޫނެއްގައި ބަޔާންކުރެވިފައިވާގޮތަށް ޢަމަލުކުރުމަށް ކޯޓުތަކުގެ ޤާނޫނު ހުރަހެއްނާޅައެވެ.

އޭގެ މިސާލަކީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުންތައް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތަކެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގައިވެސް އިލެކްޝަންސް ކޮމިޝަނުގެ މިސާލު ނަގާފައިވެއެވެ. ނަމަވެސް އެ ގަޒިއްޔާ ބިނާވާ ރައުޔުގައި ބަޔާންކޮށްފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް މައްސަލަ ބެލުމުގެ ދެ ބާވަތެއްގެ އިޚްތިޞާޞް ލިބިދީފައިވާކަމަށާއި، އެއީ ހައިކޯޓުން ފުރަމަތަ މަރުހަލާ ކޯޓެއްގެ ގޮތުގައި މައްސަލަ ބެލުމުގެ އިޚްތިޞާޞްއާއި އިލެކްޝަން ކޮމިޝަނުން ނިންމާ ނިންމުންތައް ބެލުމުގެ އިސްތިއުނާފީ އިޚްތިޞާޞްކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނަކީ މުއައްސަސާއެއްކަމުން، ކޯޓުތަކުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ޅ) އިން ހަވާލާދީފައިވާ ޤާނޫނުއަސާސީގައި ބަޔާންކުރާ "ޓްރައިބިއުނަލް" ގެ މާނައިގެ ތެރެއަށް ފެތޭކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއެއްކަމަށް ބަލައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެކަމަށް ޤާނޫނު ކިޔަންވެއްޖެނަމަ، "ފަނޑިޔާރުގެ ދައުރު ޤާނޫނުއަސާސީ އާއި ޤާނޫނުން ބޭރުވެގެން..." ދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ޝާމިލުވާ އެންމެހައި ފަރާތްތަކުން ބުނެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި "އިންފޮމޭޝަން ކޮމިޝަނަރު" ކަމަށް ބުނެފައިވަނީ އެ ޤާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރު ނުވަތަ އޭނާގެ މަސްއޫލިއްޔަތު އަދާކުރާ މުއައްސަސާ ނުވަތަ ފަރާތްކަމުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމެއްކަމަށާއި، އެހެންކަމުން އެއީ މުއައްސަސާއަކުން ނިންމާ ނިންމުމެއްކަމަށް ބަލަންޖެހޭކަމަށެވެ.

ޝައްކެއްވެސް ނެތް ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނުގައި ވަކި މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އަދާކުރުމަށްޓަކައި ކަނޑައަޅާފައިވާ ފަރާތެކެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްސެއްކަމަށް ބަޔާންކޮށްފައި އޮތުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުންތަކެއްކަން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ބެލުމުން އެނގެއެވެ.

ނަމަވެސް އަހުރެންގެ ނަޒަރުގައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް އިސްތިއުނާފުކުރުމަށްޓަކައި، އިންފޮމޭޝަން ކޮމިޝަނަރު ނުވަތަ އޭނާގެ އޮފީސް "ޓްރައިބިއުނަލް" އެއްގެ މާނައިގެ ތެރެއަށް ފެތުން ލާޒިމުވާކަށްނުޖެހެއެވެ. ސަބަބަކީ ދައުލަތުގެ މުއައްސަސާތަކުން މަޢުލޫމާތު ހޯދައި ލިބިގަތުމާ ބެހޭ އެންމެހައި ކަންކަން ތަންޒީމުކުރެވިފައިވަނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ދަށުން ކަމުގައިވާތީއެވެ. އަދި ޤާނޫނަކުން ވަކި ފަރާތަކުން ނިންމާ ނިންމުމެއް އެއީ ސީދާ ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެ ނިންމުމެއްކަމަށް ކަނޑައަޅައިފިނަމަ، އަދި ކޯޓުތަކުގެ ޤާނޫނުގެ ދަށުންވެސް މިކަމާ ފުށުއަރާ އެއްވެސް މާއްދާއެއް ނެތްހިނދު، އެކަމާމެދު އިތުރު ބަހުސަކަށް ދިޔުމެއްނެތި، ޤާނޫނާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވެގެންދާނެތީއެވެ.

ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގައި އިލްކެޝަންސް ކޮމިޝަނަކީ "ޓްރައިބިއުނަލް" އެއްގެ މާނައިގެ ތެރެއަށް ފެތޭ މުއައްސަސާއެއްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމުގައި އިހްތިރާމާއެކު ފާހަގަކުރަމެވެ. ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ޓްރައިބިއުނަލް" ކަމުގައި ބުނެފައިވަނީ

ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭ ގޮތުން ޚިލާފު އުފެދިފައިވާ ހާލަތުގައި، އެކަމާމެދު ވަކި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން، އެކަމާމެދު ވަކި ގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށެވެ.

ޤާނޫނުއަސާސީގެ ސާފު އިބާރާތުން، ޓްރައިބިއުނަލްއަކީ ޝަރުޢީ ކޯޓަކަށްނުވާ، އެކަމަކު ދެފަރާތު ދެމެދު އުފެދޭ މައްސަލަތައް ހައްލުކުރުމަށްޓަކައި ގޮތް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިދެވޭ ކޮންމެ މުއައްސަސާއެކެވެ. ދިވެހިރާއްޖޭގައި މިވަގުތު ޤާއިމުވެފައިވާ ދެ ޓްރައިބިއުނަލް ކަމުގައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުންތަކަކީ، އެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ނުކުރާހާ ހިނދަކު، އެ ނިންމުންތަކަށް ޢަމަލުކުރުން ލާޒިމު، ޤާނޫނީ ގޮތުން ބަނދެވޭ ނިންމުންތަކެއް ކަމުގައިވުމެވެ. އަދި އެފަދަ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭއިރު، ދިވެހިރާއްޖޭގެ ކޯޓުތަކެކޭ އެއްފަދައިން، ޓްރައިބިއުނަލްތަކަކީ މައްސަލައިގެ ޚަސްމުންކަމުގައި ނުވުމެވެ. އެހެންގޮތަކަށް ބުނާނަމަ، ދަށު ކޯޓުގެ ނިންމުމެއްވެސް އަދި ޓްރައިބިއުނަލެއްގެ ނިންމުމެއްވެސް އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅާއިރު، މައްސަލައިގެ ދެ ޚަސްމުން ހިމެނެއެވެ. މައްސަލަ ނިންމި ކޯޓު ނުވަތަ ޓްރައިބިއުނަލްއަކީ މައްސަލައިގެ ޚަސްމުންނެއްނޫނެވެ. ސަބަބަކީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަކީ ދެފަރާތު ދެމެދު އުފެދޭ މައްސަލަތަކަށް ހައްލު ދިނުމަށްޓަކައި ޤާނޫނުން ވަކި ބާރުތަކެއް ދީފައިވާ ފަރާތްތަކެއް ކަމުގައިވާތީއެވެ.

މިއާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުގެ ނިންމުމެއް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާއިރު، އެ ކޮމިޝަނުން އެ ކޮމިޝަނުގެ ނިންމުން ދިފާޢުކުރުމަށް އައުމަކީ އައުކަމެއް ނޫނެވެ. އަދި މައްސަލައިގެ މަސްލަހަތު އޮންނަ ސިޔާސީ ޕާޓީތައް ނުވަތަ އިންތިޚާބަކަށް ކުރިމަތިލައިގެން އުޅޭ ކެންޑިޑޭޓްތައް ފަދަ ފަރާތްތަކުން، އިސްތިއުނާފީ މައްސަލަތަކަށް ތަދައްޚުލުވުމަކީވެސް އައުކަމެއް ނޫނެވެ.

ޤާނޫނުއަސާސީގެ 167 ވަނަ މާއްދާއިން ފެށިގެން 178 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނާބެހޭ ކަންކަމެވެ. ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނަކީ ދެފަރާތު ދެމެދު އުފެދޭ ޝަކުވާތައް ހުށަހަޅައި އެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގެ މަޤުސަދުގައި އުފައްދާފައިވާ މުއައްސަސާއެއް ނޫންކަން އެނގެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އެންމެ ރަނގަޅު ގޮތުގައި އަދާކުރުން މަގުފަހިކުރުމަށްޓަކައި، އިންތިޚާބާ ގުޅޭ ޤާނޫނުތަކުގައި ތަސައްވުރުކުރެވިފައިވާ ނިޒާމުގެ ދަށުން، އެ ކޮމިޝަނަށް ހުށަހެޅޭ ބައެއް ކަންކަމާ މެދު ގޮތް ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިދެވިފައިވެއެވެ. އަދި އެފަދަ ނިންމުންތަކަކީ އިސްތިއުނާފު ނުކުރާހާ ހިނދަކު، ޤާނޫނީ ގޮތުން ބަނދެވޭ ނިންމުންތައް ކަމުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުން މަގުފަހިކުރުމަށްޓަކައި، ޤާނޫނުން އެ ކޮމިޝަނަށް ލިބިދެވޭ މައްސަލަ ހައްލުކުރުމުގެ ބާރު އެއީ، އެ ކޮމިޝަން ޓްރައިބިއުނަލްއެއްކަމަށް ބަލަންޖެހޭ ހުއްޖަތެއްނަމަ، ޤާނޫނުން ދައުލަތުގެ އެކި އިދާރާތަކަށް ލިބިދެވިފައިވާ މިފަދަ ބާރުތަކުން ކޮންމެ އިދާރާއެއް އެއީ ޓްރައިބިއުނަލެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. މިއީ ހަމަޖެހޭ ކަމެއްކަމުގައި އަހުރެން ނުދެކެމެވެ.

ހައިކޯޓުގެ ޤިޔާސްކުރުން ބޭނުންކުރަން ވެއްޖެނަމަ، އިލެކްޝަންސް ކޮމިޝަނެކޭ އެއްފަދައިން މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީގެ ފަހުން "މީރާ") އަކީވެސް ޓްރައިބިއުނަލެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ މީރާއަކީ މުއައްސަސާއަކަށްވެފައި، މީރާއިން ޓެކްސް ހިސާބުކުރި ގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ވަކި މުއްދަތެއްގެ ތެރޭގައި މީރާއަށް ހުށަހެޅުމުން އެކަންކަމާމެދު މީރާއިން ގޮތްކަނޑައަޅާތީއެވެ.

ނަމަވެސް ޓެކްސް ނެގުމާބެހޭ ޤާނޫނުތަކުގެ ދަށުން މީރާއިން ޓެކްސްއާ ގުޅިގެން ނިންމާ މިފަދަ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން މައްސަލަ ހުށަހަޅަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށެވެ. ސަބަބަކީ މި އިޖުރާއަތަކީ ޓެކްސްއާބެހޭ ޤާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް އިޖުރާއަތަކަށް ވާތީއެވެ. ހަމަ އެފަދައިން، އިލެކްޝަންސް ކޮމިޝަނުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވެނީ ކޯޓުތަކުގެ ޤާނޫނުގެ ބޭނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަކީ ޓްރައިބިއުނަލެއްގެ ދަރަޖަ ލިބިފައިވާ މުއައްސަސާއަކަށް ވާތީއެއް ނޫނެވެ. ނަމަވެސް ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ސާފު ސަރީހަ އިބާރާތުން، އިލެކްޝަންސް ކޮމިޝަނުގެ ނިންމުމެއް ސީދާ ހައިކޯޓަށް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވާތީއެވެ.

އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުގެ މިސާލަށް ބެލިނަމަވެސް، ޚާއްޞަ ޤާނޫނަކުން މައްސަލަ ބަލައި ގޮތް ކަނޑައެޅުމުގެ އުސޫލެއް ޤާއިމުވެ، އެ ޤާނޫނުގައި ހައިކޯޓަށް ވަކި އިޚްތިޞާޞްއެއް ލިބިދެވިފައިވާކަމަށް ކަނޑައަޅައިފިނަމަ، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ހައިކޯޓަށް ލާޒިމުވެގެންދެއެވެ. މި ހާލަތުގައި، ހައިކޯޓުގެ އިސްތިއުނާފީ އިޚްތިޞާޞް ދެނެގަންނަނީ ނިންމުން ނިންމާ މުއައްސަސާގެ ތަބީއަތާއި ސިފަތަކަކުން ނޫނެވެ. ހައިކޯޓުގެ އިސްތިއުނާފީ، ނުވަތަ އެނޫންވެސް އިޚްތިޞާޞެއް ފާޅުވާނީ ޤާނޫނުގައި ކަޅާއި ހުދުން ލިޔެވިފައިވާ އިބާރާތްތަކުންނެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ހައިކޯޓަށް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވާއިރު، އެގޮތަށް އެކަން އޮތްއޮތުމަކީ ޤާނޫނުއަސާސީއާ ޚިލާފު ނުވަތަ ކޯޓުތަކުގެ ޤާނޫނުގައި ހައިކޯޓަށް މަތިކޮށްފައިވާ އިޚްތިޞާޞަކާވެސް ފުށުއަރާކަމެއް ނޫނެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުން ޢާންމު ރައްޔިތުން މަޢުލޫމާތު ހޯދުމަށް ޤާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން މިބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮތީ ސީދާ އިންފޮމޭޝަން ކޮމިޝަނަރަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ސީދާ ހައިކޯޓަށް ހުށަހެޅިދާނެކަމަށް އެ ޤާނޫނުގެ ސާފު އިބާރާތުން ބަޔާންކޮށްފައި އޮތުމުން، ރައްޔިތުންގެ މަޖިލިހުން ފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤުކޮށްފައިވާ ޤާނޫނެއްގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިސްތިއުނާފީ އިޚްތިޞާޞް ހައިކޯޓަށް ލިބިފައިވެއެވެ. އަދި ކޯޓުތަކުގެ ޤާނޫނުގައި ހައިކޯޓަށް ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތަކުގެ އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާއިރު، އެހެން ޤާނޫނަކުން ހައިކޯޓަށް މަތިކުރެވޭ އެހެނިހެން އިޚްތިޞާޞް އޮތުމަށް ކޯޓުތަކުގެ ޤާނޫނު ހުރަހެއް ނާޅައެވެ.

ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އެ ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަމަށް އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އަހުރެން ދެކެމެވެ.

އެހެންކަމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު CM-16/2020 މައްސަލައަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ސާފު އިބާރާތުން ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއްކަމުން، ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނުގައި ސަރީހަކޮށް ކަނޑައަޅާފައި އޮތް ގޮތާ ޚިލާފަށް ކަމުގައި އަހުރެން ދެކެމެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު CM-16/2020 މައްސަލައަކީ ހައިކޯޓުން އަލުން ބަލައި އެ މައްސަލައާމެދު ފައިސަލާކުރަނިވި ޙުކުމެއްކުރަންޖެހޭ މައްސަލައެއްކަމުން، މި މައްސަލައަކީ ހައިކޯޓަށް ތަހުވީލުކުރަންޖެހޭ މައްސަލައެއް ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު،

ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގައި ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިޚްތިޞާޞް ޤާނޫނުން ހައިކޯޓަށް ލިބިދީފައިނެތް މައްސަލައެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމުން، ހައިކޯޓުގެ ނަންބަރު 2020/HC-A/149 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކަމަށް ކަނޑައަޅައި،

ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތަކަކީ އެ މާއްދާގެ ސަރީހަ އިބާރާތުން ހައިކޯޓަށް އިސްތިއުނާފުން ބެލުމުގެ އިޚްތިޞާޞް ލިބިދެވިފައިވާ މައްސަލަތަކެއްކަމަށް ކަނޑައަޅައި،

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު CM-16/2020 މައްސަލައިގައި ފައިސަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކޮށް،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ