ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2011/SC-A/48ސުޕްރީމް ކޯޓު · 3 ފެބުރުއަރީ 2015

—

ސުޕްރީމް ކޯޓު
12 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 ފެބުރުއަރީ 2015ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2011/SC-A/48

ދަޢުވާކުރާ ފަރާތް: މުޙައްމަދުމަނިކު

ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު ޢަލީ ޖަނާހް،

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 20 އޮކްޓޫބަރ 2011

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 24 ނޮވެމްބަރ 2011

ނިމުނު ތާރީޚް: 03 ފެބްރުއަރީ 2015

މައްސަލަ ނިންމި ގަޑި: 12:37

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2007/HC-A/195

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 11 އޮކްޓޫބަރ 2007

ނިމުނު ތާރީޚް: 10 އޮގަސްޓް 2011

މައްސަލައިގެ ޚުލާޞާ

މި މައްސަލައަކީ، ހ. ސީސައިޑް މުޙައްމަދު ޢަލީ ޖަނާހްގެ އަތުންނާއި އެލިސަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު އަލީ ޖަނާހް އަށް ދޫކުރި ލޯނެއްގެ ފައިސާގެ ތެރެއިން މ. ވިލާދޮށުގޭ މުޙައްމަދުމަނިކު ނަގާފައިވާ ފައިސާ ނުދައްކައިގެން މި ފައިސާ ދެއްކުމަށްޓަކައި ކުރެވުނު މަސައްކަތުން އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ އާއި މުޙައްމަދުމަނިކު ނަގާފައިވާ ލޯނުގެ ފައިސާއަކީ ބޭންކުގެ ފެސިލިޓީސް ބޭނުންކޮށްގެން މުޙައްމަދުމަނިކު ނަގާފައިވާ ފައިސާ ކަމަށްވެފައި، މި ފައިސާގެ ޖުމްލަ ޢަދަދަކީ 13 މާރޗް 2006 އާ ހަމަޔަށް 1،347708.11 (އެއް މިލިޔަން ތިންސަތޭކަ ސާޅީސް ހަތްހާސް ހަތްސަތޭކަ އަށެއް ޕޮއިންޓް އެކެއް އެކެއް ޔޫ އެސް ޑޮލަރު) ކަމަށް މުޙައްމަދުމަނިކަށް އަންގައި 13 މާރޗް 2006 ގައި ފޮނުވުނު ސިޓީން އެ ފައިސާގެ މައްސަލަ ކޯޓުން ބޭރުގައި ނިންމައިދޭނެކަމަށް ބުނުމަށްފަހު އޭގެ ފަހުންވެސް އެ ފައިސާ ދެއްކުމަށް އެއްވެސް ގޮތަކުން މަސައްކަތްކޮށްފައި ނުވާތީ 1،347708.11 (އެއް މިލިޔަން ތިންސަތޭކަ ސާޅީސް ހަތްހާސް ހަތްސަތޭކަ އަށެއް ޕޮއިންޓް އެކެއް އެކެއް ޔޫ އެސް ޑޮލަރު) ދައްކާ ދުވަހަކާ ހަމައަށްޖެހޭ ބޭންކު އިންޓަރެސްޓާއެކު އެއްފަހަރާ މި ފައިސާ ލިބިދެއްވުން އެދި މ. ވިލާދޮށުގެ މުޙައްމަދު މަނިކުގެ މައްޗަށް ހ. ސީސައިޑް މުޙައްމަދު އަލީ ޖަނާހް މަދަނީ ކޯޓުގައި ދަޢުވާކުރި މައްސަލަ އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/195 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަމަށް ބުނެ މ. ވިލާދޮށުގޭ މުޙައްމަދު މަނިކުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/195 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މ. ވިލާދޮށުގޭ މުޙައްމަދުމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، 6 ސަބަބެއް ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.

ހ- ފުރަތަމަ ސަބަބަކީ، އިލްތިމާސްކުރާ ފަރާތުގެ މައްޗަށް އިލްތިޒާމް އަންނަގޮތަށް މަދަނީ ކޯޓުގައި ދަޢުވާކުރާ ފަރާތުން އުފުލާފައިވާ ދަޢުވާއަށް ހައިކޯޓުން ރިޢާޔަތްކުރައްވާފައިވަނީ އެކަށީގެންވާގޮތަކަށް ނޫންކަމާއި، އިސްތިއުނާފު ކުރާފަރާތުގެ މައްޗަށް ދަޢުވާ ބިނާކޮށްފައިވަނީ ޤާނޫނީގޮތުން ކުރެވެންނެތް ދަޢުވާއެއްކަމާ އަދި ދަށު ކޯޓުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު، ދަޢުވާކުރާ ފަރާތުން ހޯދުމަށްއެދި ދަޢުވާކޮށްފައިވާ ފައިސާއަކީ، ޓްރެވެލިން މޯލްޑިވްސް އާއި އެނަރޖީ ޓުއަރސްއަށް ލިބުނު ފައިސާއެއްކަމަށް ބުނެފައިވާއިރު އެއީ ޤާނޫނީގޮތުން އެނގެން އޮތްވަކި ޤާނޫނީ ޝަޚުޞިއްޔަތުތަކެއްކަމާއި، އިސްތިއުނާފީ ކޯޓަކުން ޤާނޫނީ ގޮތުން ވަޒަންކުރާންޖެހޭ މިންގަޑުން އެކަން ބަލާފައިނުވާކަމާއި، އަދި އެކަމަށް ހައިކޯޓުގެ ޤަޟިއްޔާގައި ރިޢާޔަތްކުރެވިފައިވަނީ ރަނގަޅަށްކަމަށް އިލްތިމާސްކުރާ ފަރާތަށް ޤަބޫލުނުކުރެވޭކަން.

ށ- ދެވަނަ ސަބަބަކީ، އިލްތިމާސްކުރާ މި މައްސަލައިގައި އިލްތިމާސްކުރާ ފަރާތުން މައްސަލައިގައި ދަޢުވާކުރާ ފަރާތަށް އަނބުރާ ދައްކަންޖެހޭ ގޮތަށް ނެގި ފައިސާއެއް ނޯންނާނެ ކަމަށާއި، އިލްތިމާސްކުރާ ފަރާތަށް ލިބެންޖެހޭ ފައިސާތަކެއް ދަޢުވާކުރާ ފަރާތުން އަންނަން އޮތްކަމާއި، އިލްތިމާސްކުރާ ފަރާތުން އެއް އިރެއްގައިވެސް ދަޢުވާކުރާ ފަރާތުން އަނބުރާ ދައްކާގޮތަށް ފައިސާ ހޯދާފައިނުވާނެ ކަމަށާއި، އަދި ދަޢުވާކުރާ ފަރާތުން އިލްތިމާސްކުރާ ފަރާތަށް ލިބެންޖެހޭ ފައިސާތަކެއްގެ ތެރެއިން ފައިސާތަކެއް ހުރިއިރު، އިސްތިއުނާފު ކޯޓަކުން ބަލަންޖެހޭ ޤާނޫނީ މިންގަނޑުން އެ ނުކުތާއަށް ރިޢާޔަތްކޮށްފައި ނުވާކަމާއި، ދަޢުވާކޮށްފައިވާ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ޒިންމާ ޤާނޫނީ ހަމަތަކުގެ މަތިން ބެލުމާއި، އަދި އިލްތިމާސްކުރާ ފަރާތުގެ ކޮނޑުގައި އެޅުވި ޒިންމާ އެގޮތުގައި އެޅުވުމަށް ޤާނޫނީ ގޮތުން ފުރުޞަތު ނެތްކަން އެނގޭއިރު، އިލްތިމާސްކުރާ ފަރާތުން ދައްކާފައިވާ ވާހަކައަށް ހައިކޯޓުން އެކަށީގެންވާގޮތަށް ރިޢާޔަތްކޮށްފައިވާކަމަށް ޤަބޫލުނުކުރެވޭކަން.

ނ- ތިންވަނަ ސަބަބަކީ، އިލްތިމާސްކުރާ މި މައްސަލައަކީ ފައިސާތަކެއްގެ މައްޗަށް ބިނާކޮށް ކުރި ދަޢުވާއަކާ ގުޅިގެން ހައިކޯޓުން ނިންމެވި ނިންމެވުމުގައި ޤާނޫނީގޮތުން ބަލަންޖެހޭ ކަންތައްތަކަށް ނުބައްލަވައި ނިންމާފައިވާކަމާ، މިގޮތުން ކުންފުންޏެއްގެ މެދުގައި ހިނގާފައިވާ މުޢާމަލާތަކީ އެ މުޢާމަލާތަކަށް ފަރުދަކު ބުނެގެން އަދާކުރި ފައިސާއެއް ކަމުގައިވާނަމަ އެކަމަށް ކުންފުނިން ޒިންމާ އުފުލުމުގެ ބަދަލުގައި ފަރުދަކު ޒިންމާ އުފުލަންޖެހޭނެކަމަށް އިސްތިއުނާފީ ކޯޓަކުން ބުނެފައިވާ ބުނުމަކީ ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 96/10 (ކުންފުންޏާބެހޭ ޤާނޫނު) ގެ 74 ވަނަ މާއްދާއާ ފުށުއަރާ އަދި ޤާނޫނީހަމަތަކުން ކުންފުނިތަކުގެ ޒިންމާތައް އުފުލަންޖެހޭ ހަމަތަކުން ބަލާއިރު ޤާނޫނީގޮތުން ހަމަޖެހޭ ނިންމުމެއްނޫންކަމާއި، އިސްތިއުނާފީ ކޯޓަކުން ފަރުދެއްގެ މައްޗަށް ކުންފުންޏަކުން އުފުލަންޖެހޭގޮތަށް ބަޔާންކޮށްފައިވާ ޒިންމާ އުފުލަން ޖެހޭގޮތަށް ނިންމެވީ ކުންފުންޏާބެހޭ ޤާނޫނާއި، ޤާނޫނީ އުޞޫލުތަކުގެ މައްޗަށް އެކަށީގެންވާގޮތަށް ރިޢާޔަތްކޮށްފައިކަން އެނގެން ނެތްކަމާއި، އަދި ކުންފުންޏެއްގެ ފަރާތުން ނުވަތަ ކުންފުންޏަކުން އިސްތިޢުނާފުކުރާ މި މައްސަލައިގައި ދަޢުވާކޮށްފައިވާ ފަރާތުން އަދާކޮށްފައިވާ އެއްޗެއް ނުވަތަ ކޮށްފައިވާކަމެއްގެ ބަދަލުގައި ނުވަތަ ދޭ އެއްޗަކީ އެ ކުންފުނީގެ ބޭރުން އެހެން ފަރާތަކުން ޒިންމާއުފުލަންޖެހޭ އެއްޗެއްކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަން ޤަބޫލުކުރެވޭކަން.

ރ- ހަތަރުވަނަ ސަބަބަކީ، އިލްތިމާސްކުރާ މި މައްސަލައިގައި އިލްތިމާސް މަރުޙަލާގައި އިލްތިމާސްކުރި ފަރާތަށް ފައިސާ ދީފައިވާކަމަށް ދަށުކޯޓުގައި ދަޢުވާކުރި ފަރާތުން ބުނެފައިވާއިރު، އެ ފައިސާ އަދާކުރިކަމަށް ބުނާގޮތާއި، އެކަމުގައި ކަނޑައެޅިގެން ސާބިތުނުވާ ފެކްޓް ނުވަތަ ޙަޤީޤަތްތަކެއް ހުރިކަމަށް އިސްތިއުނާފު މަރުޙަލާގައި ހައިކޯޓުން ބުނެފައިވާއިރު، އެ ޙަޤީޤަތް ނުވަތަ ފެކްޓްގެ މައްޗަށް އިސްތިއުނާފް މަރުޙަލާގެ ކޯޓަކުން ބައްލަވަންޖެހޭގޮތަށް އަދި ރިޢާޔަތްކުރަންޖެހޭ މިންގަނޑުން ރިޢާޔަތްކުރެވިފައިވާކަމަށް ޤަބޫލުނުކުރެވޭކަމާއި، އިލްތިމާސްކުރާ ފަރާތުގެ މައްޗަށް ލާޒިމްވާގޮތަށް ފައިސާތަކެއް އިލްތިމާސްކުރާ ފަރާތުން އަދާކުރަންޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ގޮތުގައި ހުށަހަޅާފައިވާ ޓްރާންސްފަރ ސްޓޭޓްމަންޓްތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލަންޖެހޭ އިތުރު ބެލުންތައް ބަލައި އިލްތިމާސްކުރާ ފަރާތަށް ޒިންމާ އުފުލަންޖެހޭގޮތަށް ފައިސާތަކެއް ފޯރުކޮށްދީފައިވޭތޯ ބައްލަވާފައިނުވާތީ މި މައްސަލާގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ ޤާނޫނީގޮތުން ރަނގަޅަށް ކަމަށް ބެލެން ނެތުން.

ބ- ފަސްވަނަ ސަބަބަކީ، އިލްތިމާސްކުރާ މި މައްސަލައިގައި އިލްތިމާސްކުރާ ފަރާތަށް މައްސަލައިގައި ދަށުކޯޓުގައި ދަޢުވާކުރި ފަރާތުން ފައިސާތަކެއް ލިބިފައިވާކަމަށް ހައިކޯޓުގައްޔާއި، ދަށުކޯޓުގައި އިޢުތިރާފުވެފައިވާކަމަށް ހައިކޯޓުން ބުނެ ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމަށް ނުބެލެވޭކަމަށާއި، ހައިކޯޓުގައި މައްސަލައިގެ ފެކްޓަށާއި ޤާނޫނީގޮތުން ބަނދެވޭގޮތަށް ހިނގާ މުޢާމަލާތުގައި ލާޒިމްކުރާ ހަމަތަކަށް އެކަށީގެންވާ ގޮތަށް ހައިކޯޓުން ރިޢާޔަތްކުރައްވާފައިވާ ކަމަށް ބެލެވެން ނެތްކަމާ އަދި އިލްތިމާސްކުރެވޭ މައްސަލައިގައި އެއްކޮޅުން މީހަކަށް ނުވަތަ ޝަޙްޞަކަށް ފައިސާއެއް ނުވަތަ މަންފާއެއް ފިޑިޔުޝަރީ ގުޅުމެއް ނެތި އަދާކޮށްފައިވާކަމަށް ޤަބޫލުކުރެވޭ ޙާލަތެއް ބަޔާންކުރައްވައި އެކަމުގެ މައްޗަށް ބިނާކޮށް އިލްތިމާސްކުރާ ފަރާތުން ޒިންމާވާން ޖެހޭ ޙާލަތު ބަޔާންކުރައްވައި ހަމަ އެ އުޞޫލުން އިލްތިމާސްކުރާ ފަރާތަށް ދަޢުވާކުރި ފަރާތުން ފިޑިޔުޝަރީ ގުޅުމެއްނެތި އަދާކުރަންޖެހޭ ފައިސާގެ ގޮތުގައި އިލްތިމާސްކުރި ފަރާތުން އަދި އިލްތިމާސްކުރި ފަރާތުގެ ގުޅުން ހުރި ކުންފުނިތަކުން އަދާކުރި ފައިސާއަށް، އެހަމައިން ރިޢާޔަތްކޮށްފައި ނެތުމުން އެއްކަމެއްގެ ތެރޭގައި ހައިކޯޓުން ދެމިންގަނޑެއް ގެންގުޅެފައިވަނީ ކުރުމުގައި ގެންގުޅުނީ ޤާނޫނީ އުޞޫލު ތަންދޭ ގޮތަށްކަމަށް ބެލެވެން ނެތްކަން.

ޅ- ހަވަނަ ސަބަބަކީ، އިލްތިމާސްކުރާ ފަރާތަށް އިލްތިމާސްކުރެވޭ މި މައްސަލައިގައި ދަށުކޯޓުގައި ދަޢުވާ އުފުލި ފަރާތުން ވިލިނގިލި ޕްރޮޖެކްޓްގެ ތެރޭގައި ހިނގާފައިވާ މުޢާމަލާތުގެ ތެރޭގައި ހޭދަކުރެވިފައިވާ ފައިސާކަމަށް ބުނެފައިވާކަމަށާއި އަދި އެއިގެ އިތުރުން ދަޢުވާކުރާ ފަރާތުން ވިލިނގިލީ އިންވެސްޓްމަންޓް ގެ މައްޗަށް ވަކިންކުރާ ދަޢުވާ ދަށުކޯޓުގައި ހުށަހަޅައިފައިވާއިރު މި މުޢާމަލާތުގެ ވަށައިގެންވާ ޙާލަތަށާއި، ކަންހިނގާފައިވާގޮތުގެ މައްޗަށާއި ފެކްޓްސް ނުވަތަ ހަޤީގަތުގެ މައްޗަށް ބައްލަވާފައިނުވާކަމާއި، އަދި އިލްތިމާސްކުރާ ފަރާތުގެ އަތުން ދަޢުވާކުރާ ފަރާތަށް ލިބިފައިވާކަމަށް އިޢުތިރާފުވާ ފައިސާއާމެދު މި މައްސަލައިގެ މުޅި ޙާލަތަށް ރިޢާޔަތްކުރާއިރު ގޮތެއް ކަނޑައެޅިގެން ދާންޖެހޭކަމަށް އިލްތިމާސްކުރާ ފަރާތުން ދެކޭކަމާއި، އަދި އެއީ އިންސާފާއި އެންމެ ގާތްގޮތްކަމަށްވާއިރު، އެގޮތަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާކަމާއި އަދި މި މައްސަލައިގައި ޤާނޫނީގޮތުން އުފެދިފައިވާ ސުވާލުތަކަށް އެކަށީގެންވާގޮތަށް ރިޢާޔަތް ކުރެވިފައިނުވާކަމަށް އިލްތިމާސްކުރާ ފަރާތަށް ޤަބޫލުކުރެވުން.

2- މަދަނީ ކޯޓުގެ ނަންބަރު 639/MC/2006 ޤަޟިއްޔާ އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/195 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، މ. ވިލާދޮށުގޭ މުޙައްމަދު މަނިކަށް ހ. ސީސައިޑް މުޙައްމަދު އަލީ ޖަނާހް ދޫކޮށްފައިވާ ފައިސާއަކީ އަނބުރާދައްކާގޮތަށް ދެވިފައިވާ ފައިސާއެއް ނޫންކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ބުނެފައިވީ ނަމަވެސް، އެކަން ސާބިތުކޮށްދެވިފައިނުވާތީ އާއި މުޙައްމަދު އަލީ ޖަނާހް ހުށަހަޅާފައިވާ ލިޔުންތަކުން ދައްކާ ޢަދަދަށް ފައިސާ ލިބިފައިވާކަމަށް މުޙައްމަދުމަނިކުގެ އިޢުތިރާފް ލިބިފައިވާތީ މުޙައްމަދު ޢަލީ ޖަނާހް ދަޢުވާކުރި ފައިސާއަކީ މުޙައްމަދު ޢަލީ ޖަނާހްއަށް މުޙައްމަދުމަނިކު ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވައި މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވައިކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެ ފަރާތުގެ ބަހުން އެނގެންއޮވެއެވެ.

3- މި މައްސަލައާ ގުޅިގެން ދެ ފަރާތުން މަދަނީ ކޯޓާއި ހައިކޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

ހ- ފުރަތަމަ ކަމަކީ، ހ. ސީސައިޑް މުޙައްމަދު ޢަލީ ޖަނާހް އާއި މ. ވިލާދޮށުގޭ މުޙައްމަދު މަނިކާ ދެމެދު އެއްފަރާތުން އަނެއް ފަރާތަށް ފައިސާ ދިނުމުގެ މުޢާމަލާތްތަކެއް ހިނގާފައިވާކަމާއި މި ފައިސާ އެއްފަރާތުން އަނެއްފަރާތަށް ބަދަލުކޮށް ހަދާފައިވަނީ ކީއްވެގެން، ކޮން މަޤްޞަދެއްގައިކަން އެނގޭ ލިޔުމެއް ދެ ފަރާތުގެ ދެމެދު ލިޔެވިފައިނުވާކަމާ އަދި މި މުޢާމަލާތްތަކާ ގުޅިގެން އެނގެންއޮތް މިންވަރަކީ މި ދެ ފަރާތުގެ ބަހުން އެނގެންއޮތް އެއްޗެއްގެ އިތުރުން ދެ ފަރާތުގެ އެކައުންޓްތަކަށްވެސް ފައިސާ ވަދެފައިވާކަން އެނގޭ ސްޓޭޓްމަންޓްތައްކަން މި މައްސަލައާ ގުޅިގެން ދެ ފަރާތުންމެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެންއޮތް ކަމުގައިވިޔަސް އެއީ ކޮން މަޤްޞަދެއްގައި އެއްފަރާތުން އަނެއްފަރާތުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއެއްކަން އެނގެންނެތްއިރު، އެ ފައިސާގެ ޙަޤީޤަތާމެދު މި ދެ ފަރާތްދެމެދު ވަކިގޮތަކަށް އެއްބަސްވެވިފައިނުވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

ށ- ދެވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ދެ ފަރާތުންމެ ދަށުކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކައިފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ޓްރެވެލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެނަރޖީ ޓުއާރސްއާ މި ދެ ކުންފުނީގެ އެކައުންޓްތަކަށް މުޙައްމަދު އަލީ ޖަނާހްގެ ފަރާތުން ފައިސާ ޖަމާކޮށްދީފައިވާކަމަށާ އަދި އެ ފައިސާއަކީ އަނބުރައި ދައްކާގޮތަށް ދަރަނީގެ ގޮތުގައި މުޙައްމަދު އަލީ ޖަނާހްގެ ފަރާތުން މުޙައްމަދުމަނިކަށް ދީފައިވާ ފައިސާކަމަށް މުޙައްމަދު ޢަލީ ޖަނާހްގެ ފަރާތުން ބުނެފައިވިޔަސް، މުޙައްމަދު ޢަލީ ޖަނާހްގެ އެ ދަޢުވާއާ މެދު މުޙައްމަދުމަނިކުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކުރަމުން އައިސްފައިވާކަން ފާހަގަކުރެވިފައިވާއިރު، މުޙައްމަދު ޢަލީ ޖަނާހްގެ ދަޢުވާގައި ބުނެފައިވާ ޢަދަދުތަކަށް މުޙައްމަދުމަނިކަށް ފައިސާ ދީފައިވާކަން ސާބިތުކުރުމަށްޓަކައި ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވަނީ އެނަރޖީ ޓުއަރޒް އާއި ޓްރެވެލިންގ މޯލްޑިވްސްއާ މި ދެ ކުންފުނީގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކަކަށް ފައިސާތަކެއް ޖަމައަކޮށްފައިވާކަން ދޭހަވާ ސްޓޭޓްމަންޓްތަކެއްކަން އެނގެން އޮތްއިރު އެ ދެ ކުންފުނީގެ ނަމުގައި ހުޅުވިފައިވާ އެކައުންޓްތަކަކަށް މުޙައްމަދު ޢަލީ ޖަނާހް ފައިސާ ޖަމައަކޮށްދީފައިވާކަން ސާބިތުވިޔަސް އެފަދަ ކުންފުނިތަކަކީ ޤާނޫނީ ގޮތުން މުސްތަޤިއްލު ވަކި ޝަޚްޞިއްޔަތުތަކަކަށްވާތީ އެފަދަ މުޢާމަލާތްތަކުގެ ޒިންމާ ޤާނޫނީގޮތުން އުފުލާނީވެސް އެ ކުންފުނިތަކުންކަން އެނގެއެވެ. އަދި ބުނެވިދިޔަ ދެ ކުންފުންޏަކީވެސް ލިމިޓެޑް ލައިބިލިޓީގެ އުޞޫލުގެ މައްޗަށް ޤާއިމްކުރެވިފައިވާ ޕްރައިވެޓް ލިމިޓެޑް ދެ ކުންފުނިކަމަށްވާއިރު އެފަދަ ކުންފުނިތަކަކީ އެ ކުންފުނިތަކުގެ މެންބަރުންނާ ވަކިން އުފެދޭ އަދި އެ ކުންފުނިތަކަށް ވަކި ޚާއްޞަ ޤާނޫނީ ޝަޚްޞިއްޔަތެއް ލިބިދޭ މުސްތަޤިއްލު ތަންތަނަށްވާތީ، ބުނެވިދިޔަ ދެ ކުންފުންޏާއެކު މުޙައްމަދު ޢަލީ ޖަނާހް ފައިސާއާ ބެހޭ މުޢާމަލާތެއް ހިންގާފައިވީ ނަމަވެސް މުޙައްމަދު މަނިކުގެ މާލީ ޒިއްމާތަކާއި އެ ދެ ކުންފުނީގެ މާލީ ޒިންމާތަކާ މިއީ ޤާނޫނީ ގޮތުން މުޅިން ތަފާތު ދެ ޒިއްމާއަކަށްވެފައި އެ ދެ ކުންފުންޏަކީ މުޙައްމަދުމަނިކާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްސިއްޔަތެއް ލިބިގެންވާ ދެ ކުންފުންޏަށްވީ ފަދައިން މުޙައްމަދުމަނިކަކީވެސް އެ ދެ ކުންފުންޏާއި ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞިއްޔަތެއް ލިބިފައިވާ ފަރާތަކަށްވާތީ، އެއީ އެ ޝަޚްޞިއްޔަތުން މުޙައްމަދުމަނިކު އެކަންކަމާމެދު ޝަޚުސީގޮތުން ޒިންމާވާންޖެހޭ ކަމަކަށްނުވާނެތީ އާއި އަދި އެއީ އެކަން ސާބިތުކުރުމަށް ފުދޭ ހަރުދަނާ ހެއްކަކަށްވެސް ނުވާނެތީ، ފެންނަންއޮތް ޙަޤީޤަތާ ޚިލާފަށް، އެ ސްޓޭޓްމަންޓަކީ، އެ ސްޓޭޓްމަންޓްގައި ބުނެފައިވާ ފައިސާއަކީ ދަރަންޏެއްގެ ގޮތުގައި މުޙައްމަދު ޢަލީ ޖަނާހްގެ ފަރާތުން މުޙައްމަދުމަނިކަށް ލިބިފައިވާ ފައިސާއެއްކަން ސާބިތުކުރުމަށް ފުދިދާނެ ހެއްކެއް ކަމަށް ހައިކޯޓުން ބެއްލެވި ބެއްލެވުމުގައި ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ޤާއިމްކޮށް އިސްތިޤްރާރުވެފައިވާ ލިމިޓެޑް ލައެބިލިޓީގެ އުޞޫލަށް ހައިކޯޓުން ރިޢާޔަތްކުރައްވާފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ.

ނ- ތިންވަނަ ކަމަކީ، ކުންފުންޏެއް ރަޖިސްޓްރީވުމުން އެ ކުންފުންޏަކީ އެ ކުންފުނީގެ ނަންކަމުގައި އެ ކުންފުނީގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދުގައި ބުނެފައިވާ ނަމުގައި، އެ ކުންފުންޏެއްގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދުގައިވާ ކަންތައްތައް ހިންގުމާއި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނުގައިވާ ގޮތުގެމަތިން ހޯދުމާއި ލިބިގަތުމާއި މިކަންކަމުގެ ޙައްޤު ލިބިގެންވާ އަދި ވަކި ސިއްކައެއް އޮންނަ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްސެއްކަމަށް ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާއިރު، ކުންފުންޏެއްގެ މެންބަރުން އެ ކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާކަމަށް ކުންފުނީގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައި އޮތުމުން، އެ ކުންފުންޏެއްގެ މެންބަރުން އެ ކުންފުންޏެއްގެ ދަރަންޏަށް ހުރިހައި ޙާލަތެއްގައިވެސް އަދި ހުރިހައި ޝަރުޢީ ބޭނުމަކަށްވެސް ޒިންމާވާނީ އަދި ޒިންމާވާކަމަށް ބެލެވޭނީ އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ފައިސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީއޮތް ކަމުގައިވާނަމަ އެ މިންވަރެއްކަމަށް ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ، ލިމިޓެޑް ލައެބިލިޓީ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓްރީ ކޮށްގެން ހިނގަމުންދާ ޕްރައިވެޓް ކުންފުނިތަކަކީ އެ ކުންފުނިތަކުގެ ޑިރެކްޓަރުންނާ ވަކިން ޤާއިމްކުރެވޭ ވަކި މުސްތަޤިއްލު ޤާނޫނީ ޝަޚްސުތަކެއްކަމާއި، އަދި އެފަދަ ކުންފުންޏަކަށް އެ ކުންފުންޏެއްގެ މެންބަރުންނާ ވަކިން ޤާނޫނީގޮތުން އުފެދިގެންދާ މުސްތަޤިއްލު ޤާނޫނީ ޝަޚްސިއްޔަތެއް ލިބުމުގެ ޠަބީޢީ ނަތީޖާއަކީ އެ ކުންފުންޏަކާއި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ މާލީ ޒިންމާތަކަކީ ތަފާތު މާލީ ޒިންމާތަކަކަށް ވެގެންދިއުމާއި ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ އިސްތިސްނާ ޙާލަތްތަކުގައި މެނުވީ އެފަދަ ކުންފުންޏެއްގެ ދަރަންޏާމެދު ކުންފުނީގެ ޑިރެކްޓަރުން ޒިންމާނުވުންކަން އެއީ ޤާނޫނީގޮތުން ދެބަސްވެވެންނެތް ފާޅުކަންބޮޑު ޤާނޫނީ ޙަޤީޤަތަކަށްވާއިރު، ޓްރެވެލިންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެނަރޖީ ޓުއަރސް ޕްރައިވެޓް ލިމިޓެޑާއި މި ދެ ކުންފުނީގެ އެކައުންޓްތަކަށް މުޙައްމަދު ޢަލީ ޖަނާހްގެ ޗެކްތަކުން ފައިސާ ޖަމައަވެފައިވާކަން އެނގެން އޮތުމުގެ މައްޗަށް ބިނާކޮށް މުޙައްމަދު ޢަލީ ޖަނާހް، އެ ޢަދަދަށް މުޙައްމަދު މަނިކަށް ދަރަންޏަށް ފައިސާ ދީފައިވާކަމާއި އަދި އެ ދަރަނި މުޙައްމަދު މަނިކުގެ މައްޗަށް ސާބިތުވެއްޖެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނަންބަރު 2007/HC-A/195 ޤަޟިއްޔާގައި ކަނޑައެޅުއްވި ގޮތް ބުނެވިދިޔަ ޤާނޫނީ ހަމަތަކާ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި އަދި އެ ޤާނޫނުގެ 18 ވަނަ މާއްދާގެ ޞަރީޙަ ނައްޞާ ކަނޑައެޅިގެން ތަޢާރުޟުވާކަން ފާހަގަކުރެވިފައިވެއެވެ.

ރ- ހަތަރުވަނަ ކަމަކީ، މީސްމީހުންގެ މެދުގައި މާލީ އެކިއެކި މުޢާމަލާތްތައް ޢަމަލީގޮތުން ހިންގަމުންދާގޮތުގެ މައްޗަށް ބަލާއިރު، ނަގުދު ފައިސާ އާއި ފައިސާ ރަމްޒުކޮށްދޭ ޗެކްފަދަ ވަޞީލަތްތައް އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރެވޭ ތަފާތު ގޮތްތަކެއް ހުރިކަން ފާހަގަކުރެވިފައިވާއިރު، އޭގެތެރޭގައި އެކަކު އަނެކަކަށް ދަރައި އޮވެގެން އެ ދަރަނި އަދާކުރުމަށްޓަކައި ނުވަތަ ކުރީގައި ލިބިގެންފައިވާ މަންފާއެއް ނުވަތަ ޚިދުމަތެއްގެ ބަދަލުގައި ފައިސާ އާއި ޗެކްފަދަ ވަސީލަތްތައް އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުމާއި ދަރަނީގެ ގޮތުގައި އެފަދަ ވަޞީލަތެއް އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުމާއި އެއްވެސް ބަދަލަކާނުލައި ހިބައެއްގެ ގޮތުގައި ނުވަތަ އެހެންވެސް އެފަދަ ގޮތެއްގައި އެފަދަ ވަޞީލަތެއް އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރެވޭ ޙާލަތްތަކެއްވެސް މެދުވެރިވެދާނެތީ އެއްފަރާތުން އަނެއްފަރާތަށް ދޫކޮށްފައިވާ ފައިސާ ނުވަތަ ފައިސާގެ ގޮތުގައި ގެންގުޅޭ ލިޔުމަކީ ހުރިހާ ޙާލަތެއްގައި އިތުރު ގަރީނާ ތަކާނުލައި، ހަމައެކަނި އޭގެމައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ދަރަނި ސާބިތުވާ ފަދަ ހެއްކަކަށް ބެލެވިއްޖެނަމަ ޢާންމު ޚިދުމަތްތަކާއި މަންފާތަކުގެ އަގު އަދާކުރުމުގެ ގޮތުން ދޭ ޗެކްތަކާއި ހިބަ އާއި ވަޞިއްޔަތްފަދަ އިޙްސާންތެރި މުޢާމަލާތްތަކާ ގުޅިގެން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުވޭ ޗެކްތައްފަދަ ވަސީލަތްތަކަކީވެސް އެފަދަ ވަސީލަތެއް ދޭފަރާތުން އަނެއްފަރާތަށް ދަރައިއޮތް ދަރަންޏެއް އަދާކުރުމުގެ ގޮތުން ދީފައިވާ އެއްޗެއްކަމަށް ބެލެވުމުގެ ފުރުޞަތު އޮންނާނެތީ އާއި މީސްމީހުންގެ މެދުގައި ހިނގާ ދަރަނީގެ މުޢާމަލާތް ހިންގަންވާނީ އެކަން ފަހުން ސާބިތުކުރަންޖެހިއްޖެ ޙާލަތެއްގައި ސާބިތުކުރެވޭ ފަދަ ހަރުދަނާ ގޮތްތަކެއްގެ މައްޗަށް ކަމަށްވުމަކީ މީސްމީހުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގެ އިތުބާރު ދެމެހެއްޓުމަށާއި އަދި އެއީ އެ މުޢާމަލާގެ ދެފަރާތުގެ ޙައްޤުގައިވެސް އެންމެ މަޞްލަޙަތު ބޮޑުގޮތްކަމަށް ވުމާއެކުވެސް އެއާއިޚިލާފަށް ޝަރީޢަތަށް ކަމެއް ސާބިތުކުރަންޖެހިއްޖެ ޙާލަތެއްގައި ސާބިތުކުރެވޭފަދަ ހަރުދަނާ ގޮތްތަކެއްގެ މައްޗަށް ބިނާކުރުމަކާނުލައި ދޭދޭ ފަރުދުންގެ ދެމެދުގައި ހިނގާފައިވާ މިފަދަ މާލީ މުޢާމަލާތްތައް ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ ހަރުދަނާ ހެއްކާއި ޤަރީނާ ލިބިފައިނެތީސް ޚުޞޫމަތްތެރި ދަޢުވާއެއްގެ ދެ ފަރާތެއްގެ ދެމެދު، އެއްފަރާތުން އަނެއްފަރާތަށް ބަދަލުކޮށްފައިވާކަން ސާބިތުވާ ފައިސާ ނުވަތަ ފައިސާ ރަމްޒުކޮށްދޭ ޗެކް ފަދަ ވަސީލަތްތަކުގެ ތެރެއިން އެއްވެސް ވަސީލަތަކީ، ވަކި މިވެނި މަޤްޞަދެއްގައި އެއްފަރާތުން އަނެއްފަރާތަށް ބަދަލުކޮށްފައިވާ ފައިސާ ނުވަތަ ޗެކްތަކެއްކަމަށްވެސް ބެލެވެންޖެހޭ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއްނެތަތީ އާއި އެއްފަރާތުން އަނެއްފަރާތަށް ފައިސާ ނުވަތަ ފައިސާ ރަމްޒުކޮށްދޭ ޗެކްފަދަ ވަސީލަތްތައް ބަދަލުކުރެވޭ ތަފާތު ގޮތްތަކެއް މީސްތަކުންގެ މެދުގައި ތަޢާރަފްވެ މަދަނީ އަދި މާލީ މުޢާމަލާތްތަކުގައި ޢުރުފަކަށްވާ މިންވަރަށް ފުޅާދާއިރާއެއްގައި މުޖުތަމަޢުގައި ބޭނުންކުރެވެމުންދާއިރު، އެއްފަރާތުން އަނެއްފަރާތަށް ފައިސާ ނުވަތަ ޗެކެއް ދީފައިވާކަން ސާބިތުވާ ކޮންމެ ޙާލަތަކީ އިތުރު އެހެނިހެން ޤަރީނާތަކާ ނުލައި އެ ޗެކަކީ ދަރަންޏެއްގެ ގޮތުގައި ދީފައިވާ ޗެކެއްކަމަކަށްވެސް އަދި ހަމައެފަދައިންމެ އެއީއަކީ އިތުރު ޤަރީނާތަކާނުލައި އެ ޗެކް ލިބުނު ފަރާތުގެ މައްޗަށް އެ ޗެކްގައިވާ ޢަދަދަށް ދަރަނި ސާބިތުވެއްޖެކަމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ބެލެވެންޖެހޭ ފަދަ ހަރުދަނާ އަސާސެއްކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނެއެވެ.

ބ- ފަސްވަނަ ކަމަކީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ޝަރީޢަތަށް ކަމެއް ސާބިތުވެއްޖެކަމަށް ކަނޑައެޅޭނީ އެކަމެއް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައެޅުމަށްޓަކައި ބަލަންޖެހޭ ބެލުންތަކާއި ރިޢާޔަތްކުރަންޖެހޭ ހަމަތަކާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަމެއް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައެޅޭ މިންވަރަށް ހެކި ލިބިގެންކަމަށްވާއިރު، ޝަރީޢަތަށް ކަމެއް ސާބިތުކުރުމަށްޓަކައި ބޭނުންވާ ޙުއްޖަތްތަކުގެ ތެރެއިން، އިޢުތިރާފަކީ ކަމެއްގެ ޙަޤީޤަތާ ބެހޭގޮތުން އެކަމެއް ތިމާގެ އަމިއްލަ ނަފްސަށް ނިސްބަތްކޮށް އެކަމެއްގެ މައްޗަށް ޝަރީޢަތުގެ މަޖިލީހުގައިވާ އިޤްރާރުވުން ކަމުގައިވިޔަސް، ނުވަތަ އެހެން މީހެއްގެ ޙައްޤަކާ ބެހޭގޮތުން ޝަރީޢަތުގެ މަޖިލީހުގައި ތިމާގެ އަމިއްލަ ނަފްސާ ދެކޮޅަށްވާ އިޤްރާރުވުން ކަމުގައި ބެލެވުނު ކަމުގައިވިޔަސް، މުޙައްމަދު ޢަލީ ޖަނާހްއަށް މުޙައްމަދު މަނިކު ދައްކަންޖެހޭ ފައިސާތަކެއް ހުރިކަން ސާބިތުކޮށްދިނުމަށްޓަކައި ޝަރީޢަތުގެ މަޖިލީހުގައި އެފަރާތުން ދައްކަމުންދިޔަ ވާހަކަތަކަށް ރައްދު ދިނުމުގެ މަޤާމްގައިހުރެ، މުޙައްމަދު ޢަލީ ޖަނާހްގެ އެކައުންޓުން ވައުޗަރތަކުގައި ހުރި ފައިސާ ލިބިފައިނުވެއޭ އަޅުގަނޑު ނުދަންނަވަމެވެ. މިފަދައިން މުޙައްމަދުމަނިކު ބުނެފައިވާ ބުނުމަކީ މާނަކުރުމުގެ އުޞޫލުތަކަށް ބަލާއިރު، ތަފާތު އެތައް ގޮތަކަށް މާނަކުރެވިދާނެ ޢިބާރާތެއްކަމާއި، ފައިސާ ލިބިފައިވާކަމަށް ބުނުމާއި ފައިސާ ލިބިފައިނުވާކަމަށް ނުބުނަމޭ ބުނުމާއި އެއީ ތަފާތު ދެ މާނައެއް ދޭހަވާ ދެ ޢިބާރާތެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެންއޮތްއިރު، އެގޮތަށް ބުނުމުގެ މާނައަކީ އެ ފައިސާއާ މެދު ޒިންމާވާކަން ހާމަކޮށް ޝަރީޢަތުގެ މަޖިލީހުގައި އެކަމުގެ މައްޗަށް އިޤުރާރުވުން ކަމުގައި ވަނީނަމަ، ދެން އެ ފައިސާއާމެދު އިންކާރު ކުރަންޖެހޭ ހަމައެއް ނޯންނާނެކަން އެނގެއެވެ. އެހެންނަމަވެސް އެ ދެ ފަރާތުން ދަށު ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ވިސްނައިބަލާއިރު، މުޙައްމަދު ޢަލީ ޖަނާހްގެ ދަޢުވާއާމެދު އިންކާރުކުރުމަށްފަހު، މުޙައްމަދުމަނިކުގެ ފަރާތުން ބުނަމުން އައިސްފައިވަނީ، ދެ ފަރާތް ދެމެދުގައި އެއްފަރާތުން އަނެއްފަރާތަށް ފައިސާ ބަދަލުކުރުމުގެ މުޢާމަލާތްތަކެއް ހިނގާފައިވާކަމަށާއި އެގޮތުން މުޙައްމަދު އަލީ ޖަނާހް މުޙައްމަދުމަނިކަށް ދޭ ކޮންމެ ފައިސާއަކީ ދަރަންޏެއް ނޫންކަމަށާއި ބައެއް ޙާލަތްތަކުގައި މުޙައްމަދު ޢަލީ ޖަނާހަށް މުޙައްމަދު މަނިކު ދަރަނީގެ ގޮތުގައި އަނބުރައި ދައްކާގޮތަށް ދީފައިވާ ފައިސާގެ ބަދަލުގައިވެސް މުޙައްމަދު ޢަލީ ޖަނާހް ފައިސާތަކެއް މުޙައްމަދުމަނިކުގެ އެކައުންޓަށް ޖަމާކޮށްފައި ހުންނާނެކަމަށާއި މި ޤަޟިއްޔާގައި މުޙައްމަދު ޢަލީ ޖަނާހް ދަޢުވާކުރާ ފައިސާއަކީވެސް އެފަދައިން އަނބުރައި ދައްކާގޮތަށް މުޙައްމަދު ޢަލީ ޖަނާހް އަށް މުޙައްމަދުމަނިކުގެ ފަރާތުން ލިބިފައިވާ ފައިސާ މުޙައްމަދުމަނިކަށް އަނބުރާ ދެއްކުމުގެ ގޮތުން ޖަމާކޮށްފައިވާ ފައިސާތަކެއްކަމަށް ބުނެ މުޙައްމަދު ޢަލީ ޖަނާހްގެ ދަޢުވާއާމެދު ޞަރީޙަބަހުން އިންކާރުކުރުމާއެކު، މުޙައްމަދު ޢަލީ ޖަނާހްގެ އެކައުންޓުން، ވައުޗަރތަކުގައި ހުރި ފައިސާ ލިބިފައިނުވެއޭ އަޅުގަނޑު ނުދަންނަވަމެވެ. މިފަދައިން މުޙައްމަދުމަނިކު ބުނެފައިވާ ބުނުމަކީ މުޙައްމަދު ޢަލީ ޖަނާހްގެ އަތުން ދަރަންޏެއް ނަގާފައި އޮވެގެން، އެ ދަރަނީގެ މައްޗަށް މުޙައްމަދުމަނިކުވާ އިޢުތިރާފެއް ނޫންކަމާއި އަދި އެ ވާހަކައަކީ އެ ވާހަކަތަކުގެ ސިޣާއަށާއި އެ ވާހަކަތައް ބިނާވެފައިވާ ގޮތުގެ މައްޗަށް ބަލާއިރުވެސް، މުޙައްމަދު ޢަލީ ޖަނާހްގެ ދަޢުވާއާމެދު އިންކާރުކުރުމާއެކު، އެ ދަޢުވާއަށް ރައްދުދިނުމުގެ ގޮތުން ދެއްކި ވާހަކައިގެ ތެރޭގައި ބުނެފައިވާ ބުނުމެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮންނާތީ "ފައިސާގެ މުޢާމަލާތް ދެ ފަރާތުން ހިންގާފައިވަނީ ލިޔެކިޔުމުންނޫންކަމަށާއި ފައިސާ އެއްފަރާތުން އަނެއްފަރާތަށް ދޫކުރަމުން ގޮސްފައިވާކަމަށް މުޙައްމަދުމަނިކުގެ ފަރާތުން ބުނެފައިވާ ބުނުމަކީ އިޢުތިރާފެއްކަމަށް ހައިކޯޓުގެ ނަންބަރު 2007/HC-A/195 ޤަޟިއްޔާގައި ބެއްލެވިގޮތް ޝަރީޢަތަށް ކަމެއް ސާބިތުކުރުމުގައި ރިއާޔަތްކުރަންޖެހޭ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނެއެވެ.

ޙުކުމް:

ޓްރެވެލިންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެނަރޖީ ޓުއަރސް ޕްރައިވެޓް ލިމިޓެޑާ މި ދެ ކުންފުންޏަކީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ޤާއިމްވެފައިވާ ލިމިޓެޑް ލައިބިލިޓީ ދެ ކުންފުނިކަމާއި، ލިމިޓެޑް ލައިބިލިޓީގެ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ހިނގަމުންދާ ކުންފުނިތަކަކީ އެ ކުންފުނިތަކުގެ މެންބަރުންނާ ވަކިން އުފެދި، އަދި ވަކި ސިއްކައެއް އޮންނަ އަދި ވަކި ޤާނޫނީ ޝަޚްޞިއްޔަތެއް ލިބިގެންވާ ފަރާތްތަކަކަށްވާތީއާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ އިސްތިސްނާއީ ޙާލަތްތަކުގައި މެނުވީ އެފަދަ ކުންފުންޏެއްގެ ދަރަންޏާމެދު އެ ކުންފުންޏެއްގެ ޑިރެކްޓަރުން ޒިންމާވާންނުޖެހޭނެ ކަމާއި، އަދި އެފަދަ ކުންފުނިތަކާއެކު މުޢާމަލާތްކުރާ ފަރާތްތަކުން، އެ މުޢާމަލާތްތައް، އެކުރަނީ އެކިއެކި މާލީ މުޢާމަލާތްތައްކުރުމާއި އަދި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ޤާނޫނީ ޝަޚުޞުންތަކަކާ އެކުގައިކަމާއި އެފަދަ ކުންފުނިތަކާއެކު ކުރެވޭ މުޢާމަލާތްތަކުގެ ޒިންމާ އުފުލާނީ އެފަދަ ކުންފުނިތަކުންކަން ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި އަދި އެ ޤާނޫނުގެ 18 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން ރަނގަޅަށް އެނގެންއޮންނާތީ، މ. ވިލާދޮށުގޭ މުޙައްމަދު މަނިކުގެ މެންބަރުކަން އޮންނަ ދެ ކުންފުންޏަކާއެކު ހ. ސީސައިޑް މުޙައްމަދު ޢަލީ ޖަނާހް ހިންގާފައިވާކަމަށް މުޙައްމަދު ޢަލީ ޖަނާހް ބުނާ މާލީ މުޢާމަލާތްތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެ ދެ ކުންފުނީގެ މެންބަރު މ. ވިލާދޮށުގޭ މުޙައްމަދު މަނިކުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެއްލެވިގޮތް އިސްވެ ޙަވާލާދެވުނު ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 18 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލާ ތަޢާރުޟުވާތީ އާއި، މީސްމީހުންގެ މެދުގައި މާލީ އެކިއެކި މުއާމަލާތްތައް ހިނގަމުންދާ ޢުރުފަށް ބަލާއިރު، ނަޤުދު ފައިސާ އާއި ފައިސާ ރަމްޒުކޮށްދޭ ޗެކްފަދަ ވަސީލަތްތައް އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރެވޭ ތަފާތު ގޮތްތަކުގެ ތެރޭގައި ޗެކްގެ ވެރިފަރާތުން ލިބިގެންފައިވާ މަންފާއެއް ނުވަތަ ޚިދުމަތެއްގެ ބަދަލުގައި އެ މަންފާއެއް ނުވަތަ ޚިދުމަތެއްގެ އަގު ޗެކުން އަދާކުރުމާއި ދަރަންޏަށް ފައިސާ ދޫކުރާއިރު ދަރަނި ނަގާފަރާތަށް އަރަނިވެރި ފަރާތުން ފައިސާގެ ބަދަލުގައި ޗެކް ދޫކުރުމާއި ކުރީގައި ނަގާފައިވާ ދަރަންޏެއް އަދާކުރުމަށްޓަކައި ފައިސާގެ ބަދަލުގައި ޗެކް ދޫކުރުމާއި، މުޤާބިލުގައި ބަދަލަކާނުލައި، ހެޔޮވަތާކުރެވޭ މުއާމަލާތްތަކުގެ ތެރެއިން ހިބަ އާއި ވަޞިއްޔަތްފަދަ މުޢާމަލާތްތަކުގައިވެސް ފައިސާގެ ބަދަލުގައި ޗެކް ދޫކުރުމަކީ މީސްތަކުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކާ ބެހޭ ގޮތުން މުޖުތަމަޢުގައި ތަޢާރަފްވެ، ބަލައިގެންފައިވާ ކަންތައްތަކަކަށްވާތީ އިތުރު ޤަރީނާ ނެތީސް މީހަކު ޗެކް ދޫކުރާ ކޮންމެ ފަހަރަކު އެއީ ދަރަންޏެއްގެ ގޮތުގައި ދޫކުރާ ޗެކަކަށްވުން ލާޒިމްވާކަން ދޭހަވާފަދަ ގޮތަކަށް ނުވަތަ ޗެކެއް ރައްދުވާ ފަރާތުން އެ ޗެކް ބަލައިގަންނަ ކޮންމެ ފަހަރަކު އެ ޗެކް ބަލައިގަންނަނީ ދަރަންޏެއްގެ ގޮތުގައިކަމަށްވުން ލާޒިމްވާކަން ދޭހަވާފަދަ ގޮތަކަށް، ކަމެއް ސާބިތުކުރުމަށްޓަކައި ޝަރީޢަތުން ރިއާޔަތްކުރަންޖެހޭ ހަރުދަނާ އުޞޫލުތަކަށް ރިއާޔަތްކުރުމެއްނެތި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ޤާއިމްވެ އެ ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ ލިމިޓެޑް ލައިބިލިޓީ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ހިނގަމުންދާ ލިމިޓެޑް ލައިބިލިޓީ ދެ ކުންފުންޏެއްގެ އެކައުންޓަށް ނުވަތަ ޚުދު މުޙައްމަދުމަނިކުގެ އަމިއްލަ އެކައުންޓަށް ކަމުގައިވިޔަސް މުޙައްމަދު ޢަލީ ޖަނާހްގެ އެކައުންޓުން ފައިސާ ޓްރާންސްފަރވެފައި ހުރި ހުރުމަކީ އިސްވެ އިޝާރަތްކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު އިތުރު ހެއްކާއި ޤަރީނާ ނެތީސް ހަމަ އެކަމުގެ މައްޗަށް އެކަނި ރިޢާޔަތްކޮށް މުޙައްމަދުމަނިކުގެ މައްޗަށް ދަރަނި ސާބިތުވެއްޖެކަމަށް މަދަނީ ކޯޓުގެ ނަންބަރު 639/MC/2006 ޤަޟިއްޔާ އާއި ހައިކޯޓުގެ ނަންބަރު 2007/HC-A/195 ޤަޟިއްޔާގައި ކަނޑައެޅުއްވި ކަނޑައެޅުއްވުން ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ އަދި އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާ ތަޢާރުޟުވާތީ މަދަނީ ކޯޓުގެ ނަންބަރު 639/MC/2006 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާ އަދި އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކުރައްވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/195 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްވެއްޖެކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ