—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2019/SC-A/96
އިސްތިއުނާފު ކުރާ ފަރާތް:
އާމިނަތު ޢައްޒާ
އިސްތިއުނާފު ރައްދުވާ ފަރާތް:
އައިލެންޑަރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް:
ވަޒީފާއާބެހޭ
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
08 އޮގަސްޓް 2019ރަޖިސްޓްރީ ކުރެވުނު ތާރީޚު:
10 އޮކްޓޯބަރ 2019ނިމުނު ތާރީޚު:
17 ސެޕްޓެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2017/HC-A/404
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
06 ސެޕްޓެމްބަރ 2017ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
09 މެއި 2019
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތައާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ހައިކޯޓުގެ ނަންބަރު 2017/HC-A/404ގަޒިއްޔާ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ، ޏ. ފުވައްމުލައް، މިސްކިތްމަގު، އާމިނަތު ޢައްޒާ (މީގެ ފަހުން 'މުވައްޒަފު' ނުވަތަ 'އިސްތިއުނާފުކުރާ ފަރާތް') ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ އައިލެންޑަރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން 'ވަޒީފާދޭ ފަރާތް' ނުވަތަ 'އިސްތިއުނާފު ރައްދުވާ ފަރާތް') އަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
މުވައްޒަފު ވަޒީފާ އަދާކުރަމުން ގެންދިޔައީ ވަޒީފާދޭ ފަރާތުން ހިންގާ ބިލަބޮންގް ހައި (އީޕީއެސް) އިންޓަނޭޝަނަލް ސްކޫލްގައެވެ.
މުވައްޒަފާއި ވަޒީފާދޭ ފަރާތާ ދެމެދު ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ 23 ވަނަ މާއްދާ ގެ (ޑީ) ގައި ބުނެފައިވަނީ މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާއިރު ނޯޓިހުގެ ގޮތުގައި 3 މަސް ދުވަހުގެ ނޯޓިސްއެއް ދޭންވާނެ ކަމަށެވެ. އަދި އިތުރަށް އެ މާއްދާގައި ބުނެފައިވަނީ އެގޮތަށް ނޯޓިސް ނުދީ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެ ނަމަ، މުވައްޒަފަށް ވަޒީފާދޭ ފަރާތުން ދައްކަން ޖެހިފައިވާ ފައިސާއިން ނޯޓިސްގެ މުއްދަތަށްވާ މުސާރައާ އެއްވަރުގެ އަދަދެއް މުވައްޒަފަށް ނުދީ ހިފެހެއްޓިދާނެ ކަމަށެވެ.
ވަޒީފާދޭ ފަރާތުން ހިންގާ ބިލަބޮންގް ހައި (އީޕީއެސް) އިންޓަނޭޝަނަލް ސްކޫލްގައި މުވައްޒަފު އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިވުމަށް 9 ޖެނުއަރީ 2017 ގައި ސިޓީއެއް ފޮނުވިއެވެ.
މުވައްޒަފު ވަޒީފާއިން ވަކިވެފައިވަނީ ވަޒީފާގެ އެއްބަސްވުމުގައިވާ ފަދައިން 3 މަސް ދުވަހުގެ ނޯޓިސް ނުދީ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ، ނޯޓިސްގެ ބަދަލުގައި އެ މުއްދަތަށްވާ 24,108.00 (ސައުވީސް ހާސް އެއްސަތޭކަ އަށް ރުފިޔާ) ނަގައިދިނުމަށް އެދި ވަޒީފާދޭ ފަރާތުން މުވައްޒަފުގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅިއެވެ.
މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމި އެ ޓްރައިބިއުނަލުގެ ނަންބަރު 46/VTR/2017 ނިންމުމުގައި ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުވައްޒަފު ވަޒީފާއިން ވަކިވާއިރު 3 މަސް ދުވަހުގެ ނޯޓިސް ދޭންޖެހޭނެ ކަމަށާއި، އަދި ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިވެއްޖެ ނަމަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ވަޒީފާދޭ ފަރާތަށް ހިފެހެއްޓިދާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، މުވައްޒަފު ވަޒީފާއިން ވަކިވެފައިވަނީ އެ މުއްދަތަށް ނޯޓިސް ދީފައިކަން އެނގެން ނެތުމުން، 3 މަސް ދުވަހުގެ ނޯޓިހުގެ މުއްދަތަށް ނުލިބިވާ 24,108.00 (ސައުވީސް ހާސް އެއްސަތޭކަ އަށް ރުފިޔާ) މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭންޖެހޭ ކަމަށެވެ.
ޓްރައިބިއުނަލުން ނިންމާފައިވާ ނަންބަރު 46/VTR/2017 ނިންމުމާމެދު މުވައްޒަފު ހިތް ހަމަނުޖެހިގެން ޓްރަބިއުނަލުގެ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ހައިކޯޓުގެ ނަންބަރު 2017/HC-A/404 ގަޒިއްޔާގައި ހުކުމް ކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 46/VTR/2017 ނިންމުމަށް ތާއީދުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ހައިކޯޓުގެ ނަންބަރު 2017/HC-A/404 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް މުވައްޒަފުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާގައި ބުނެފައިވަނީ ތިން މަސް ދުވަހުގެ ނޯޓިސް ދީފައިނުވާނަމަ އޭގެ ބަދަލުގައި ތިން މަސް ދުވަހުގެ މުސާރައަށްވާ ފައިސާ މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭންޖެހޭނެ ކަމަށް ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތް ކަމަށާއި އެކަމަށް ހައިކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.
މުވައްޒަފުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ އަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެފައި ނުވާކަމަށް ބުނެފައި ނުވެއެވެ. މުވައްޒަފުގެ ފަރާތުން އިސްތިއުނާފު ކުރަން ހުށަހެޅި ހަމައެކަނި ނުކުތާއަކީ، ވަޒީފާގެ އެއްބަސްވުމުގެ 23 ވަނަ މާއްދާގެ (ޑީ) ގައި ބުނެފައިވާ ފަދައިން މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާއިރު ނޯޓިހުގެ ގޮތުގައި 3 މަސް ދުވަހުގެ ނޯޓިސްއެއް ދޭންވާނެ ކަމަށް ވަޒީފާގެ އެއްބަވުމުގައި ބުނެފައިވީ ނަމަވެސް، އެ ނޯޓިސް އެގޮތަށް ނުދީ މުވައްޒަފު ވަކިވާ ހިނދު އޭގެ ބަދަލުގައި ތިން މަސް ދުވަހުގެ މުސާރައަށްވާ ފައިސާ މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭންޖެހޭނެ ކަމަށް ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިން މަސް ދުވަހުގެ މުސާރައަށްވާ ފައިސާ މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭން އަމުރުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ.
ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ 23 ވަނަ މާއްދާގެ (ޑީ) ގައި ލިޔެފައިވަނީ ތިރީގައި މިވާ ގޮތަށެވެ.
“Where an Employee elects to terminate his/her employment with the Employer, the Employee is required to give a notice of 3 (three) calendar months. Where the Employee fails to give the required period of notice, the Employer may withhold monies due to the Employee equal to the pay for the period of notice.”
މި މާއްދާގެ އިބާރާތަށް ބަލާއިރު، މި މާއްދާއިން މުވައްޒަފުގެ މައްޗަށް ލާޒިމުވަނީ މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާނަމަ މުވައްޒަފުގެ ފަރާތުން 3 މަސް ދުވަހުގެ ނޯޓިސްއެއް ވާޒީފާދޭ ފަރާތަށް ދިނުމަށެވެ. އަދި އެގޮތަށް މުވައްޒަފުގެ ފަރާތުން މި މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުދީފިނަމަ، އެހާތަނަށް ވަޒީފާދޭ ފަރާތުން މުވައްޒަފަށް ދޭންޖެހޭ ފައިސާއެއް ހުރި ނަމަ އެ ފައިސާއެއް މުވައްޒަފަށް ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށް މި މާއްދާގެ ދެވަނަ ޖުމްލައިގައި ބުނެފައިވެއެވެ. މި މާއްދާގައި މިވާ ދެވަނަ ޖުމްލައަށް ބަލާއިރު، މުވައްޒަފު ވަޒީފާއިން ވަކިވުމުގެ ކުރިން ވަޒީފާދޭ ފަރާތަށް ދިނުމަށް އެއްބަސްވެފައިވާ 3 މަސް ދުވަހުގެ ނޯޓިސް ނުދީ އެ މާއްދާއާ ޚިލާފުވެއްޖެނަމަ، މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ލިބޭނެ ބަދަލާމެދު މި މާއްދާގައި ވަކިގޮތަކަށް އެއްބަސްވެފައި ނުވާކަން މި މާއްދާގެ އިބާރާތުން ސާފުކޮށް އެނގެއެވެ.
ކޮންޓްރެކްޓުގައި ގެއްލުމުގެ ބަދަލާބެހޭ ގޮތުން ވަކިގޮތަކަށް އެއްބަސްވެފައި ނުވިޔަސް، ކޮންޓްރެކްޓެއްގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވެއްޖެނަމަ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމަކީ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ ހައްގެއް ކަން ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއިން އެނގެއެވެ.
މުވައްޒަފަކު ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭން ޖެހޭނޭ ގެއްލުމުގެ ބަދަލުގެ މިންވަރާމެދު ދުރާލައި ދެ ފަރާތުން އެއްބަސްވެ އެ އަދަދު ނުވަތަ އެ އަދަދު ހިސާބުކުރާނޭ ގޮތް ވަޒީފާގެ އެއްބަސްވުމުގައި ލިޔެފައިވާ ނަމަ، އަދި އިސްތިސްނާ ހާލަތެއް ނެތްނަމަ، އާންމު އުސޫލެއްގެ ގޮތުން ކޯޓުން ނުވަތަ ޓްރައިބިއުނަލުން އެ ފަރާތަކަށް ގެއްލުމުގެ ބަދަލު ނަގައިދޭނީ ދެ ފަރާތުން އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތަށެވެ. މުވައްޒަފަކު ވަޒީފާއިން ވަކިވުމުގެ ކުރިން ދުރާލައި ނޯޓިސް ދޭން ޖެހޭނެ ކަމަށް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހާލަތުގައި ނޯޓިސް ނުދީ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެ ނަމަ މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭން ޖެހޭނޭ ގެއްލުމުގެ ބަދަލުގެ މިންވަރާމެދު އެއްބަސްވުމުގައި ވަކިގޮތަކަށް އެއްބަސްވެފައި ނުވާނަމަ، ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި އަމަލުކުރާނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައިވާ އުސޫލަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/404 ގަޒިއްޔާއިން ތާއީދުކޮށްފައިވާ ޓްރައިބިއުނަލުގެ ނަންބަރު 46/VTR/2017 ނިންމުމުގައި ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުވައްޒަފު ވަޒީފާއިން ވަކިވާއިރު 3 މަސް ދުވަހުގެ ނޯޓިސް ދޭންޖެހޭނެ ކަމަށާއި، އަދި ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިވެއްޖެ ނަމަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ވަޒީފާދޭ ފަރާތުން ހިފެހެއްޓިދާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، މުވައްޒަފު ވަޒީފާއިން ވަކިވެފައިވަނީ އެ މުއްދަތަށް ނޯޓިސް ދީފައިކަން އެނގެން ނެތުމުން، 3 މަސް ދުވަހުގެ ނޯޓިހުގެ މުއްދަތަށް ނުލިބިވާ 24,108.00 ރުފިޔާ މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭންޖެހޭ ކަމަށެވެ. ނަމަވެސް ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ 23 ވަނަ މާއްދާގެ (ޑީ) ޓްރައިބިއުނަލުން މާނަކުރުމުގައި ކޮންމެވެސް ވަރަކަށް އޮޅުންއަރާފައިވާ ކަމަށް ގަބޫލުކުރެވެއެވެ. ސަބަބަކީ "ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިވެއްޖެ ނަމަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ވަޒީފާދޭ ފަރާތަށް ހިފެހެއްޓިދާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ" ކަމަށް ޓްރައިބިއުނަލުގެ ނިންމުމުގައި ބުނެފައިވާއިރު އެ މާއްދާގައި އޮތް އިބާރާތަށް ބަލާއިރު، އެ މާއްދާގައި ބުނެފައިވަނީ ނޯޓިސްގެ މުއްދަތަށްވާ މިންވަރަށް ފައިސާ ހިފެހެއްޓުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިދެވިފައިވަނީ ވަޒީފާދޭ ފަރާތުން މުވައްޒަފަށް ދޭންޖެހި ނުދީ އޮތް ފައިސާއެއް އޮތްނަމަކަން އެ މާއްދާގެ އިބާރާތުން ސާފުކޮށް އެނގެއެވެ. ވީމާ ނޯޓިސް ނުދީ މުވައްޒަފު ވަޒީފާއިން ވަކިވާ ހާލަތުގައި ވަޒީފާދޭ ފަރާތުން މުވައްޒަފަށް ދޭންޖެހޭ ފައިސާއެއް ނެތްނަމަ ހަދާނެ ގޮތް މި މާއްދާގައި ބަޔާންވެފައި ނެތުމުން، ނޯޓިސް ނުދީ މުވައްޒަފު ވަޒީފާއިން ވަކިވާ ހާލަތުގައި 3 މަސް ދުވަހުގެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް މި މާއްދާގެ ދަށުން ދިނުމަށް އެއްބަސްވެފައިވާ ކަމަށް ގަބޫލުކުރަން އުނދަގުލެވެ.
ނޯޓިސް ނުދީ މުވައްޒަފު ވަޒީފާއިން ވަކިވާ ހާލަތުގައި 3 މަސް ދުވަހުގެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދިނުމަށް މި މާއްދާގެ ދަށުން ލާޒިމުނުވާ ކަމަށް ބުރަވެވޭ ސަބަބަކީ، ކޮންޓްރެކްޓެއްގެ ދަށުން ދައުވާ ކުރެވޭނެ ހައްގެއް ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އުފެދޭނީ އެއާ ގުޅިފައިވާ ވާޖިބެއް އެ އެއްބަސްވުމުގެ ދަށުން ނުވަތަ ގާނޫނަކުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ މައްޗަށް އުފެދިފައިވާ ނަމައެވެ. މިސާލެއްގެ ގޮތުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުސާރަ ލިބުމުގެ ހައްގު މުވައްޒަފަށް ލިބިފައިވާ ކަމަށް ބަލަމާ ހިނގާށެވެ. އެ ހައްގު އެ ގޮތަށް އުފެދިފައިވަނީ ވަޒީފާ އަދާކުރާ ފަރާތަށް މުސާރަ ދިނުމަކީ ވަޒީފާދޭ ފަރާތުން އަދާކުރަންޖެހޭ ވާޖިބެއް ކަމަށް އެ ހާލަތުގައި ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާތީއެވެ. އޭގެ ބަދަލުގައި މިސާލަކަށް، ކޮންމެ މަހެއްގެ މުސާރައިގެ އިތުރުން 1000.00 (އެއްހާސް ރުފިޔާ) ގެ އެލަވަންސެއް ވަޒީފާދޭ ފަރާތުން މުވައްޒަފަށް ދިނުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮވެ، އެ 1000.00 (އެއްހާސް ރުފިޔާ) ވަޒީފާދޭ ފަރާތުން މުވައްޒަފަށް ނުދީފިނަމަ، އެ އިޚްތިޔާރުގެ މުގާބިލުގައި އެ 1000.00 (އެއްހާސް ރުފިޔާ) ހޯދުމުގެ ހައްގު މުވައްޒަފަށް ލިބިގެން ނުވެއެވެ. ހަމަ އެގޮތަށް، 3 މަސް ދުވަހުގެ މުއްދަތަށްވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ކޮންޓްރެކްޓުގެ ދަށުން ވަޒީފާދޭ ފަރާތަށް ލިބޭނީ 3 މަސް ދުވަހުގެ މުއްދަތަށްވާ ގެއްލުމުގެ ބަދަލު ވަޒީފާދޭ ފަރާތަށް ދިނުމަކީ ވާޖިބެއް ކަމަށް ކޮންޓްރެކްޓުގައި ނުވަތަ ގާނޫނެއްގައި ކަނޑައަޅާފައިވާ ނަމައެވެ. މި މައްސަލައިގައި ހިމެނޭ ވަޒީފާގެ އެއްބަސްވުމުގެ 23 ވަނަ މާއްދާގެ (ޑީ) ގެ ދަށުން ވަޒީފާދޭ ފަރާތަށް ލިބިގެންވަނީ އިޚްތިޔާރެކެވެ. އެ އިޚްތިޔާރަކީ ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތަށް ފައިސާއެއް ދޭންޖެހިފައި އޮތްނަމަ އެ މުއްދަތުގެ މުސާރައާ އެއްވަރުގެ އަދަދެއް ނުދީ ހިފެހެއްޓުމެވެ. އިޚްތިޔާރެއްގެ މުގާބިލުގައި މުވައްޒަފުގެ މައްޗަށް ވާޖިބެއް ނުއުފެދޭނެއެވެ. ކުރިންވެސް ބުނިހެން، ހައްގެއް އުފެދޭނީ ވާޖިބެއްގެ މުގާބިލުގައެވެ. ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިވެއްޖެ ނަމަ، 3 މަސް ދުވަހުގެ މުސާރައާ އެއްވަރުގެ ފައިސާގެ އަދަދެއް ގެއްލުމުގެ ބަދަލުގެ ގޮތުގައި މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭންޖެހޭނެ ކަމަށް ވަޒީފާގެ އެއްބަސްވުމުގެ އެއްވެސް ތަނެއްގައި ލާޒިމުކޮށްފައި ނެތެވެ.
މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭން ޖެހޭނެ ގެއްލުމުގެ ބަދަލުގެ މިންވަރާމެދު މި ގަޒިއްޔާގައި ހިމެނޭ ވަޒީފާގެ އެއްބަސްވުމުގައި ވަކިގޮތަކަށް އެއްބަސްވެފައި ނެތުމުން، ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި މި މައްސަލައިގައި އަމަލުކުރާންވާނީ ގާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނު) ގެ 23 ވަނަ މާއްދާގައިވާ އުސޫލުތަކަށް ބިނާކޮށް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައި ނޯޓިސްދިނުމާބެހޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތަކުން ނެރެވޭ ހަމަތަކަށް ރިއާޔަތްކޮށްގެން ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ގާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު އަމަލެއް ކޮށްފިނަމަ، އެ އަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ އަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެ ކަމަށެވެ. އަދި މިގޮތުން ބަދަލު ނަގައިދެވޭނީ؛ (1) ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމަށާއި، (2) އެފަދަ ޚިލާފު އަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުންތަކަށް ކަމަށް، ގާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވެއެވެ.
ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުން
ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމަކީ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފުވުމުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނެއް ފަރާތަށް ލިބޭ ގެއްލުންތަކެވެ. އަދި އެއީ ކޮންޓްރެކްޓާ ޚިލާފުވި ފަރާތުން ކޮންޓްރެކްޓާ ޚިލާފުވުމާ ގުޅިގެން ލިބުނު ގެއްލުން ކަމަށް ސާބިތުކުރެވެން ހުންނަ ގެއްލުންތަކެވެ.
ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުންތައް
މިފަދަ ބަދަލެއް ހޯދުމަށް ދައުވާކުރާނަމަ، އެ ކޮންޓްރެކްޓު ވެވުނު އިރު އެ ކޮންޓްރެކްޓާ ޚިލާފުވެއްޖެ ނަމަ އެފަދަ ގެއްލުމެއް ވެދާނެކަން ދެ ފަރާތަށް އެނގިފައިވާނެކަން ދައުވާކުރާ ފަރާތުން ސާބިތުކޮށް ދޭންޖެހޭނެއެވެ.
ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަކީ އެންމެ ކުޑަމިނުން ވަޒީފާދޭ ފަރާތުން މުވައްޒަފަށް ދޭން ލާޒިމުކުރާ ހައްގުތަކެވެ. އެ ހައްގުތަކަށްވުރެ މުވައްޒަފަށް ފަހިވާގޮތަށް ވަޒީފާގެ އެއްބަސްވުން އެކުލަވާލުމަށް ވަޒީފާއާބެހޭ ގާނޫނުން މަނާ ނުކުރެއެވެ. އެކަން ވަޒީފާއާބެހޭ ގާނޫނުގެ 2 ވަނަ މާއްދާއިން އެނގެއެވެ. ނޯޓިސްދީފައި މުވައްޒަފަށް ވަޒީފާއިން ވަކިވެވިދާނެ ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައި ނެތް ނަމަވެސް، ވަކި މުއްދަތެއްގެ ނޯޓިސް ދިނުމަށްފަހު މުވައްޒަފަށް ވަޒީފާއިން ވަކިވެވިދާނެ ކަމަށް ދެ ފަރާތުގެ ދެމެދުގައި ވެވޭ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރުމަކީ، ވަޒީފާދޭ ފަރާތަށާއި މުވައްޒަފަށް ކޮންޓްރެކްޓު ކުރުމަށާއި އަގުދުކުރުމަށް ލިބިގެންވާ މިނިވަން ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވަޒީފާއާބެހޭ ގާނޫނުގައި ވަކި މުއްދަތެއްގެ ނޯޓިސް ދިނުމަށްފަހު މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ހައްގު ލިބިދީފައިވާ ފަދައިން، މުވައްޒަފާއި ވަޒީފާދޭ ފަރާތާ ދެމެދުގައި ސޮއިކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި ވަކި މުއްދަތެއްގެ ނޯޓިސް ދިނުމަށްފަހު ވަޒީފާ ދޫކޮށްލުމުގެ ހައްގު މުވައްޒަފަށް ދީފައިވާ ނަމަ އެ ގޮތުގެމަތިން ވަޒީފާއިން ވަކިވުމުގެ ހައްގު މުވައްޒަފަށް ލިބިގެންވެއެވެ. މިގޮތުން މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަށް ބަލާއިރު، މުވައްޒަފު އަމިއްލައަށް ބޭނުންވެގެން ވަޒީފާއިން ވަކިވާން ބޭނުންވެއްޖެ ނަމަ 3 މަސް ދުވަހުގެ ނޯޓިސް ދީފައި ވަޒީފާއިން ވަކިވުމުގެ ހައްގު ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 23 ވަނަ މާއްދާއިން މުވައްޒަފަށް ދީފައި އޮތުމުން، 3 މަސް ދުވަހުގެ މުއްދަތަކީ ވަޒީފާދޭ ފަރާތުން އައު މުވައްޒަފަކު ހޯދުމަށް ނުވަތަ ހުސްވާ ވަޒީފާ ފުރާނެ ގޮތުގެ އިންތިޒާމު ހަމަޖައްސައި ތައްޔާރުވުމަށް ފުރުސަތު ހޯދުމަށް ކަނޑައަޅައި އެއްބަސްވެފައިވާ މުއްދަތެއްކަން އެނގެއެވެ. މުވައްޒަފު އެއްބަސްވެފައިވާ ގޮތަށް 3 މަސް ދުވަހުގެ ނޯޓިސް ނުދީ ވަޒީފާއިން ވަކިވެއްޖެ ނަމަ ވަޒީފާދޭ ފަރާތަށް ގެއްލޭނީ މި ބަޔާންކުރި ފުރުސަތުކަން އެނގެއެވެ. މި ހާލަތާއި އަޅައިކިޔޭނެ ހާލަތަކީ، ވަޒީފާދޭ ފަރާތުން ވަޒީފާއާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޯޓިސް މުވައްޒަފުންނަށް ދީފައި ނުވަތަ ވަޒީފާއާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން އެ ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް އެ ގާނޫނުން ލިބިދީފައިވާ ހާލަތެވެ. ނޯޓިސްގެ މުއްދަތުގައި ވަޒީފާ އަދާކުރާ ފަރާތަށް އެ މުއްދަތުގެ މުސާރައަށްވާ އަދަދަށް ފައިސާ ދިނުމުން ފުދޭނެ ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާތީ، މި މައްސަލައިގައި ހިމެނޭ ހާލަތުގައި ވަޒީފާދޭ ފަރާތަށް ނޯޓިސް ދިނުމުގެ ބަދަލުގައި އެ ނޯޓިސްގެ އަދަދަށްވާ ފައިސާ ދެއްކުމަށްފަހު ވަޒީފާގެ އެއްބަސްވުމުން ނުކުތުމުގެ ހައްގު މުވައްޒަފަށް ލިބިގެންވެއެވެ. އަދި މި މައްސަލައިގައި ހިމެނޭ ވަޒީފާގެ އެއްބަސްވުމުގައި 3 މަސް ދުވަހުގެ ނޯޓިސް ދީފައި ވަޒީފާއިން ވަކިވުމުގެ ހައްގު ވަޒީފާގެ އެއްބަސްވުމުން މުވައްޒަފަށް ދީފައި އޮތުމުން، އެ މުއްދަތުގެ މުސާރައަށްވާ ފައިސާ މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދިނުމުން ވަޒީފާދޭ ފަރާތުން އެއްބަސްވުމުގައި އަންދާޒާ ކޮށްފައިވާ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒީފާދޭ ފަރާތަށް ލިބުނީކަމަށް ބަލަންޖެހެއެވެ.
މަތީގައި ބުނެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2017/HC-A/404 ގަޒިއްޔާގެ ހުކުމުގައާއި އެ ގަޒިއްޔާގައި އިސްތިއުނާފު ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 46/VTR/2017 ނިންމުމުގައި، އެއްބަސްވުމުގައިވާ ގޮތުގެމަތިން ވަޒީފާއިން ވަކިވުމުގެ ކުރިން މުވައްޒަފު ދޭންޖެހޭ 3 މަސް ދުވަހުގެ ނޯޓިސް ދީފައި ނުވާތީ އެއީ އެއްބަސްވުމާ މުވައްޒަފު ޚިލާފުވުން ކަމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް، މި ރައުޔުގެ އިސްވެދިޔަ 14 ވަނަ ޕެރެގްރާފުން ފެށިގެން 20 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، މުވައްޒަފު ވަޒީފާގެ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ނަގައިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/404 ގަޒިއްޔާގެ ހުކުމުގައާއި އެ ގަޒިއްޔާގައި އިސްތިއުނާފު ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 46/VTR/2017 ނިންމުމުގައި ކަނޑައަޅާފައިވާ ގެއްލުމުގެ ބަދަލުގެ އަދަދަށް ވާސިލުވެފައިވާ ހަމައަކީ އެކަށީގެންވާ ހަމައަކަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/404 ގަޒިއްޔާގެ ހުކުމުގައާއި އެ ގަޒިއްޔާގައި އިސްތިއުނާފު ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 46/VTR/2017 ނިންމުމުގައި، މުވައްޒަފުގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދަށް ވާސިލުވި އުސޫލަށް ބަދަލުގެންނަން ޖެހެއެވެ. އަދި މި ރައުޔުގެ އިސްވެދިޔަ 14 ވަނަ ޕެރެގްރާފުން ފެށިގެން 20 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ރިއާޔަތްކޮށް، މުވައްޒަފު ވަޒީފާއިން ވަކިވުމުގެ ކުރިން ދޭންޖެހޭ 3 މަސް ދުވަހުގެ ނޯޓިސް ނުދީ ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެފައިވާތީ، މުވައްޒަފަށް ލިބެމުންދިޔަ މަހު މުސާރަ ކަމުގައިވާ 10,332.00 (ދިހަހާސް ތިންސަތޭކަ ބައްތިރީސް ރުފިޔާ) ގެ ނިސްބަތުން 3 މަސް ދުވަހުގެ މުސާރައަށްވާ ފައިސާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭންޖެހެއެވެ. އަދި މި ބުނެވުނު 3 މަސް ދުވަހުގެ ނޯޓިސްގެ މުއްދަތުގެ މުސާރައަށްވާ ފައިސާ ގެއްލުމުގެ ބަދަލުގެ ގޮތުގައި މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދައްކާނީ ވަޒީފާދޭ ފަރާތުން މުވައްޒަފަށް ދޭންޖެހޭ ފައިސާގެ ތެރެއިން ވަޒީފާދޭ ފަރާތުން މުވައްޒަފަށް ނުދީ ހިފަހައްޓާފައިވާ 6,888.00 (ހަހާސް އަށްސަތޭކަ އަށާހި ރުފިޔާ) އުނިކުރުމުން އޭގެ ތެރެއިން ބާކީ އޮތް އަދަދު ކަމުގައިވާ 24,108.00 (ސައުވީސްހާސް އެއް ސަތޭކަ އަށެއް) ރުފިޔާއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/404ގަޒިއްޔާގެ ހުކުމުގައާއި އެ ގަޒިއްޔާގައި އިސްތިއުނާފު ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 46/VTR/2017 ނިންމުމުގައި، އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއިން ވަކިވުމުގެ ކުރިން ދޭންޖެހޭ 3 މަސް ދުވަހުގެ ނޯޓިސް ނުދީ މުވައްޒަފު ވަޒީފާއިން ވަކިވި ވަކިވުމަކީ، މުވައްޒަފާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދުގައި ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/404 ގަޒިއްޔާގެ ހުކުމުގައާއި އެ ގަޒިއްޔާގައި އިސްތިއުނާފު ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 46/VTR/2017 ނިންމުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތަށް ނަގައިދިނުމަށް ކަނޑައަޅާފައިވާ ގެއްލުމުގެ ބަދަލުގެ ފައިސާގެ އަދަދަށް ވާސިލުވެފައިވަނީ ގާނޫނީ ގޮތުން ސައްހަ އުސޫލަކުން ކަމަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/404ގަޒިއްޔާގެ ހުކުމުގައާއި އެ ގަޒިއްޔާގައި އިސްތިއުނާފު ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 46/VTR/2017 ނިންމުމުގެ ދަށުން މުވައްޒަފުގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ ފައިސާގެ އަދަދު މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކުރަމެވެ.
މުވައްޒަފު ވަޒީފާއިން ވަކިވުމުގެ ކުރިން ދޭންޖެހޭ 3 މަސް ދުވަހުގެ ނޯޓިސް ނުދީ ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެފައިވާތީ، މުވައްޒަފަށް ލިބެމުންދިޔަ މަހު މުސާރަ ކަމުގައިވާ 10,332.00 (ދިހަހާސް ތިން ސަތޭކަ ބައްތިރީސް ރުފިޔާ) ގެ ނިސްބަތުން3 މަސް ދުވަހުގެ މުސާރައަށްވާ ފައިސާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދޭންޖެހޭ ކަމަށް ކަނޑައަޅައި، އަދި މި ބުނެވުނު 3 މަސް ދުވަހުގެ ނޯޓިސްގެ މުއްދަތުގެ މުސާރައަށްވާ ފައިސާގެ ތެރެއިން ވަޒީފާދޭ ފަރާތުން މުވައްޒަފަށް ނުދީ ހިފަހައްޓާފައިވާ6,888.00 (ހަހާސް އަށްސަތޭކަ އަށާހި ރުފިޔާ) އުނިކުރުމުން އޭގެ ތެރެއިން ބާކީ އޮތް އަދަދު ކަމުގައިވާ 24,108.00 (ސައުވީސްހާސް އެއް ސަތޭކަ އަށެއް) ރުފިޔާ މިއަދުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މުވައްޒަފުގެ ފަރާތުން ވަޒީފާދޭ ފަރާތަށް ދައްކައި ޚަލާސްކުރުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކުރީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.