ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 26 · 2022/SC-A/93ސުޕްރީމް ކޯޓު · 29 މޭ 2024

ސަލްފިއްޔާ އަންވަރު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 މޭ 2024ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2022/SC-A/93 ޝަރީޢަތް ނިމުނުގޮތް ސަލްފިއްޔާ އަންވަރު ވ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

ނިމުނު ތާރީޚު 29 މެއި 2024 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/326

އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ސަލްފިއްޔާ އަންވަރު

ޤާނޫނީ ވަކީލު:

ޙުސައިން ސިރާޖް، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ ޤާނޫނީ ވަކީލު:

ފަތުހުﷲ އިސްމާޢީލް

ޢަބްދުﷲ ވާރިޘް

މަދަނީ – ވަޒީފާއާބެހޭ – އަސާސީ ޙައްޤަކަށް އުނިކަން އައިސްފައިވޭތޯ ބެލުން – ޙައްޤު ރައްކާކުރެވޭނެ ޙައްލެއް ހޯދަދޭންޖެހޭ ތޯ ބެލުން – ވަޒީފާއާބެހޭ ޤާނޫނަށް ބަދަލު އައުން – ރަޖުޢީކޮށް ޤާނޫނު ތަޠުބީޤު ކުރުން - ޤާނޫނު އަސާސީގެ 65 ވަނަ މާއްދާ – ޤާނޫނުއަސާސީގެ 37 ވަނަ މާއްދާ - ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ – ވަޒީފާއާ ބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ - މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ

ފިހުރިސްތު

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު 1

ތަޢާރުފު 1

މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1

ވަޒީފާއާ ބެހޭ ޤާނޫނަށް ބަދަލު އައުން 2

ސިވިލް ކޯޓުގައި ކުރި ދަޢުވާ 4

ހައިކޯޓުގައި ކުރި އިސްތިއުނާފު 5

ސަލްފިއްޔާ އަންވަރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާ 7

ސަލްފިއްޔާ އަންވަރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާގެ ތަފްސީލް 8

އެޗްޑީސީގެ ފަރާތުން ސުޕްރީމް ކޯޓުގައި ދިން ޖަވާބު 9

މައްސަލަ ހުށަހަޅަންޖެހޭ ތަން އަދި ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކުރުން 10

އަސާސީ ޙައްޤަކަށް އުނިކަމެއް އައިސްފައިވޭތޯ ބެލުން 11

ތަތްބީޤްކުރުން 14

ޙައްޤު ރައްކާތެރިކުރެވޭނެ ޙައްލެއް ހޯދައިދޭންޖެހޭނެތޯ ބެލުން 15

ނިންމަން ފެންނަ ގޮތް 17

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 17

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 18

ޙުކުމް 18

` ސަލްފިއްޔާ އަންވަރު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން [2024] SC 26 އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/326 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ސ.ހުޅުދޫ، ސަލްފިއްޔާ އަންވަރު1 (މީގެފަހުން "ސަލްފިއްޔާ އަންވަރު" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (މީގެ ފަހުން "އެޗްޑީސީ" ނުވަތަ "އިސްތިއުނާފު ރައްދު ފަރާތް") އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2. ސަލްފިއްޔާ އަންވަރު އަކީ 23 ނޮވެންބަރު 2004 ވަނަ ދުވަހުން ފެށިގެން އެޗްޑީސީގައި ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. އެޗްޑީސީގެ މެނޭޖްމަންޓްއަށް ފާހަގަކުރެވުނު އަޚްލާޤީ މައްސަލަތަކަށް 04 ސެޕްޓެންބަރ 2016 ގެ 14:00 ގެ ނިޔަލަށް ޖަވާބުދާރީވުމަށް ސަލްފިއްޔާ އަންވަރު އަށް 03 ސެޕްޓެންބަރ 2016 ގައި2 އަންގާފައިވެއެވެ.

3. ސަލްފިއްޔާ އަންވަރުގެ މަސައްކަތުގެ އަޚުލާޤް އަދި ސުލޫކް ނުބެހެއްޓޭކަމަށް އެޗްޑީސީގެ މެނޭޖްމަންޓަށް ފާހަގަކުރެވޭތީކަމަށްބުނެ، 18 އޮކްޓޫބަރު 2016 ދުވަހު ސަލްފިއްޔާ އަންވަރު ވަނީ ވަޒީފާއިން ވަކިކުރެވިފައެވެ. ސަލްފިއްޔާ އަންވަރު ވަޒީފާއިން ވަކިކުރެވުނުއިރު އޭނާ އަކީ އެޗްޑީސީގެ "ޑިރެކްޓަރ، ފިޒިކަލް ޕްލޭނިންގ" ގެ މަޤާމު އަދާކުރަމުންދިޔަ މީހެކެވެ. މިމަޤާމަކީ އެޗްޑީސީގެ ހިންގުމުގެ އިސްމަޤާމެކެވެ.

4. އިސްވެ ދެންނެވުނު ވަޒީފާއިން ސަލްފިއްޔާ އަންވަރު ވަކިކުރުމާ ގުޅިގެން، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށްކަމަށް ބުނެ، 19 ޖަނަވަރީ 2017 ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 14/VTR/2017 އިންނެވެ.

5. ސަލްފިއްޔާ އަންވަރުގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ އެ ޓްރައިބިއުނަލްއިން ނިންމާފައިވަނީ 07 މާރިޗު 2017 ދުވަހުއެވެ. އެ ނިންމުމުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ބަޔާންކޮށްފައިވަނީ، ސަލްފިއްޔާ އަންވަރު އަދާކުރަމުންދިޔަ މަޤާމަކީ ހިންގުމުގެ އިސްމަޤާމެއް ކަމަށްވާތީ، އެފަދަ މަޤާމްތަކުގައި ތިބޭ މީހުންގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލްއަށް ލިބިގެންނުވާކަމަށެވެ.

ވަޒީފާއާ ބެހޭ ޤާނޫނަށް ބަދަލު އައުން

6. ސަލްފިއްޔާ އަންވަރުގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު: 2008/02 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާ3އާ ޙަވާލާދީއެވެ. އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީފާ އަދާކުރާ ތަނެއްގެ ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ މުވައްޒަފުންގެ ވަޒީފާއާ ބެހޭ މައްސަލަތައް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށައެއް ނޭޅޭނެއެވެ. އެފަދަ މަޤާމުތަކުގައި ތިބޭ މުވައްޒަފުންގެ ވަޒީފާއާ ބެހޭ މައްސަލަތައް ހުށަހެޅޭނީ ސިވިލް ކޯޓަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމީ ސަލްފިއްޔާ އަންވަރު ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލް އަށް ނެތްކަމަށް ކަނޑައަޅައެވެ.

7. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން މިގޮތަށް ނިންމާފައިވަނިކޮށް، 22 ސެޕްޓެންބަރު 2020 ދުވަހު، ވަޒީފާއާ ބެހޭ ޤާނޫނަށް 06 ވަނަ އިސްލާހް ގެނެވުނެވެ. ޤާނޫނަށް ގެނެވުނު އެ އިސްލާހުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް ބަދަލުކޮށްފައިވެއެވެ.

"ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް މި ގާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން އިސްތިސްނާވާނެއެވެ."

8. މި އިސްލާހު ގެނައުމުގެ ކުރިން، ވަޒީފާއާއި ބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތައް4 އެ ޤާނޫނުގެ 4 ބަވަ ބާބުގައި ހިމެނޭ ކަންކަމުން އިސްތިސްނާ ކުރެވިފައިވެއެވެ. ވަޒީފާއާ ބެހޭ ޤާނޫނަށް 06 ވަނަ އިސްލާހު ގެނައުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައިވާ ކަންކަމުން އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ފަރާތްތައް އިސްތިސްނާ ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައި ހިމެނޭ، އެ ޤާނޫނުގެ 28 ވަނަ މާއްދާއިން ވަޒީފާ އަދާކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުން، އެކަމުގެ ޝަކުވާ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ޙައްޤުން އެފަރާތްތައް މަޙުރޫމު ވެފައިވެއެވެ. އެހެންކަމުން، ވަޒީފާއާ ބެހޭ ޤާނޫނަށް 06 ވަނަ އިސްލާހު ގެނައުމުގެ ކުރިން، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުން އެކަމުގެ ޝަކުވާ ހުށަހަޅަމުން ދިޔައީ ސިވިލް ކޯޓަށެވެ.

9. ވަޒީފާއާ ބެހޭ ޤާނޫނަށް 06 ވަނަ އިސްލާހަށްފަހު އެ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާތައް ގައިދުކޮށްފައިވަނީ ހަމައެކަނި އެ ޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާ އަދި 38 ވަނަ މާއްދާއަށް ކަމުން، ވަޒީފާއާ ބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކަށް ވަޒީފާއިން ވަކިކުރުމުގެ ޝަކުވާ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވުނެވެ. ނުވަތަ ހިންގުމުގެ އިސްމަޤާމު ތަކުގައި ތިބޭ މީހުންގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ލިބުނެވެ. އަދި މި އިސްލާހާއެކު، ސިވިލް ކޯޓުން އެފަދަ މައްސަލަތައް ބެލުން ނިމުމަކަށް އައެވެ.

ސިވިލް ކޯޓުގައި ކުރި ދަޢުވާ

10. އިސްވެބަޔާންކުރެވުނު އިސްލާހަށް ޢަމަލު ކުރަންފެށިތާ 07 މަސްދުވަސް ފަހުން އަދި ސަލްފިއްޔާ އަންވަރުގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ އެ ޓްރައިބިއުނަލްއިން ނިންމިތާ 4 (ހަތަރެއް) އަހަރަށްވުރެ ގިނަ ދުވަސް ވީފަހުން، 25 އޭޕްރިލް 2021 ދުވަހު ސަލްފިއްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންއަށް އެ މައްސަލަ ހުށަހެޅިއެވެ. ސަލްފިއްޔާ އަންވަރުގެ ދަޢުވާއަކީ އެޗްޑީސީއިން ސަލްފިއްޔާ އަންވަރު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ ޙައްޤުތަކަށް އުނިކަން އަންނަ ފަދަ ގޮތަކަށް ކަމަށެވެ. ސަލްފިއްޔާ އަންވަރު ބުނަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާއާއި އެޗްޑީސީއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ މައުޟޫއީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށެވެ. ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ސަލްފިއްޔާ އަންވަރު އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1,129,732.74ރ. (އެއްމިލިއަން އެއްލައްކަ އޮނަތިރީސް ހާސް ހަތް ސަތޭކަ ބައްތިރީސް ރުފިޔާ ހަތްދިހަ ހަތަރުލާރި) ހޯދުމަށް އެދިފައިވެއެވެ. ހަމައެއާއެކު، ވަޒީފާއިން ވަކިކުރުމަށްފަހު ސަލްފިއްޔާ އަންވަރު ވަޒީފާ އަދާކުރި މަގާމުގެ އުޖޫރައަށް އެއްވެސް ބަދަލެއް ގެނެސްފައިވާނަމަ، އެބަދަލު ހިމެނޭނެހެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ އަދަދުތައް ބަދަލުކުރަންވެސް އެދިފައިވެއެވެ. އަދި ސަލްފިއްޔާ އަންވަރުގެ ޕަރސަނަލް ފައިލް އިސްލާހުކޮށް ދިނުމަށާއި އެގޮތުން އިސްލާހުކުރެވުނު ކަންތައްތަކުގެ ކޮޕީއެއް އޭނާއަށް ދިނުމަށް އަމުރުކޮށް ދިނުމަށް ވެސް އެދިފައިވެއެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 128/Cv-C-HD/2021 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުން އެ ޤަޟިއްޔާ ނިންމާފައިވަނީ 13 ސެޕްޓެމްބަރު 2021 ގައެވެ. ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، ވަޒީފާއާ ބެހޭ ޤާނޫނަށް އައިސްފައިވާ 06 ވަނަ އިސްލާޙަށް ޙަވާލާދީ، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައެވެ.

ހައިކޯޓުގައި ކުރި އިސްތިއުނާފު

11. ސިވިލް ކޯޓުގެ ނަންބަރު 128/Cv-C-HD/2021 ޤަޟިއްޔާ އެ ކޯޓުން ނިންމި ގޮތާ މެދު ހިތްހަމަ ނުޖެހޭތީވެ އެ މައްސަލަ ސަލްފިއްޔާ އަންވަރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ސަލްފިއްޔާ އަންވަރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅީ އެއް އިސްތިއުނާފީ ނުކުތާއެވެ. އެ ނުކުތާގައި ބަޔާން ކުރަނީ ސިވިލް ކޯޓުން މައްސަލަ ނުބެލޭނެކަމަށް ނިންމާފައިވަނީ ސަލްފިއްޔާ އަންވަރު ވަޒީފާއިން ވަކިކުރި ތާރީޚުގެ ފަހުން ޢަމަލުކުރަންފެށި ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާހު ރަޖުޢީކޮށް ތަޠުބީޤުކޮށްގެންކަމަށްވާތީ، ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ އިން ސަލްފިއްޔާ އަންވަރު އަށް ލިބިދޭ ޙައްޤު ހޯދުމަށް ކޯޓަށް ހުށަހެޅުމުގެ ޙައްޤަށް އުނިކަން ލިބޭ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު

2021/HC-A/326 ޤަޟިއްޔާއިންނެވެ.

12. ސިވިލް ކޯޓުގެ ނަންބަރު 128/Cv-C-HD/2021 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލް ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު

2021/HC-A/326 ޤަޟިއްޔާގައި އެމައްސަލަ ހައިކޯޓުން ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ޙުކުމްގައި ވަނީ "... ސިވިލް ކޯޓު ހުޅުމާލޭ ޑިވިޜަންގެ ނަންބަރު 128/Cv-C-HD/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސަލްފިއްޔާ އަންވަރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަން، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

13. ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓު އިން ބުނަނީ ޤާނޫނުއަސާސީ އިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤެއް ނިގުޅައިގެންފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ ހައްލު ހޯދުމަށްޓަކައި ވަކި ޚާއްސަ ދަޢުވާއެއް ކުރުމުގެ ޙައްޤު އުފަންވާކަމަށެވެ. އަދި އެކަން މަދަނީ އިޖުރާއަތުގެ ޤާނޫނު5 ގެ 94 ވަނަ މާއްދާއިން ކަށަވަރުވެގެންދާ ކަމަށެވެ. އަދި މިބާވަތުގެ ދަޢުވާއެއްގެ މައުޟޫޢަކަށް ވެގެންދާނީ ހިފެހެއްޓުނު އަސާސީ ޙައްޤު ހިފެހެއްޓުނު ގޮތާއި އެކަމުގެ ސަބަބުން ލިބެންޖެހޭ ޙައްލު ހޯދުން ކަމަށެވެ. ސިވިލް ކޯޓުގެ ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު ގެއްލިގެންދާކަމުގައި ނުދެކޭ ކަމަށެވެ.6

14. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ދަޢުވާ ހުށަހެޅުމަށް ޤާނޫނެއްގައި ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ ހާލަތުގައި ޢަމަލު ކުރަންޖެހޭ ގޮތް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު7ގެ 35 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާކަން ފާހަގަކުރެއެވެ.8 އަދި ޤާނޫނެއްގައި މުއްދަތެއް ބަޔާންކޮށްފައި ނުވުމަކީ ޤާނޫނީ ހުސްކަމެއްކަމަށް ނުބެލެވޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕޮރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. މުޙައްމަދު ޝަފާޢު9 ޤަޟިއްޔާގައި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ 27 ވަނަ ޕެރެގްރާފްގައި ބަޔާންކުރާކަން ފާހަގަކުރެއެވެ.10 މީގެ އިތުރަށް، ސަލްފިއްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި އެކަށީގެންނުވާ ބޭކާރު ލަސްވުންތަކެއް ހިމެނޭތީ އަދި އެ ލަސްވުން އައި އިތުރު ސަބަބެއް ސަލްފިއްޔާ އަންވަރަށް ބުނެދެވިފައިނުވާތީ ސިވިލް ކޯޓުން ނަންބަރު 128/Cv-C-HD/2021 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރެއެވެ.

ސަލްފިއްޔާ އަންވަރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާ

15. ހައިކޯޓުގެ ނަންބަރު 2021/HC-A/326 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސަލްފިއްޔާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 01 (އެކެއް) ނުކުތާއެވެ. އެ ނުކުތާއަކީ، ހައިކޯޓުގެ ނިންމުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާ11 އާއި 65 ވަނަ މާއްދާ12 ގެ ދަށުން ލިބިދެވޭ ޙައްޤުތަކަށް އުނިކަން އަންނަ ކަމަށާއި، އަދި ޙައްލު ހޯދުމަށްޓަކައި ދަޢުވާކުރުމުގެ ޙައްޤު ރައްކާތެރިކުރެވޭނެ ފަދައިން އިޙްސާން ޝަރީފް13 ހުށަހެޅި މައްސަލައިގައި ނިންމާފައިވާ ފަދަ އެކަށީގެންވާ ޙައްލެއް މި މައްސަލާގައި ހޯދާދީފައި ނުވުމެވެ.

ސަލްފިއްޔާ އަންވަރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާގެ ތަފްސީލް

16. އިސްތިއުނާފީ ނުކުތާ ތަފްޞީލު ކޮށްދެމުން ސަލްފިއްޔާ އަންވަރުގެ ފަރާތުން ބަޔާންކުރަނީ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ "ޙައްލު ހޯދުމަށްޓަކައި ދަޢުވާކުރުމުގެ ޙައްޤު" ވަޒީފާއާ ބެހޭ ޤާނޫނަށް އައި ބަދަލަކުން ގެއްލިފައިވާކަމަށެވެ. އެހެންކަމުން، އެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި، ސުޕްރީމް ކޯޓުން ނިންމި އިޙްސާން ޝަރީފު މައްސަލަ14 އާ އެއްގޮތަށް، މިމައްސަލާގައިވެސް، އަލުން މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުލަށް ހުށަހެޅުމުގެ ދޮރު ހުޅުވައި ދޭންޖެހޭނެކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށް ވަކި މުއްދަތެއް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައި ނުވާކަމަށެވެ. އެހެންކަމުން ސަލްފިއްޔާ އަންވަރުގެ ފަރާތުން މައްސަލަ ސިވިލް ކޯޓަށް 4 އަހަރު ފަހުން ހުށަހެޅިނަމަވެސް، އެއީ އާދަޔާ ޚިލާފު ލަސްވުމެއް ކަމަށް ޤަބޫލުނުކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ.

17. މީގެ އިތުރުން، މިމައްސަލައަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް ޤަބޫލުކުރެވޭކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިޙްސާން ޝަރީފް މައްސަލާގައި ޙުކުމްކުރި ދުވަހުން ފެށިގެން 10 ދުވަސްތެރޭ ވަޒީފާއާ ބެހޭ މައްސަލައެއް ޓްރައިބިއުނަލްއަށް ހުށަހެޅުމަށް ފުރުސަތު ދިން ފަދައިން، މިމައްސަލާގައިވެސް ސަލްފިއްޔާ އަންވަރުއަށް އެފުރުސަތު ދިނުމަށް އެދިފައިވެއެވެ.

އެޗްޑީސީގެ ފަރާތުން ސުޕްރީމް ކޯޓުގައި ދިން ޖަވާބު

18. ސަލްފިއްޔާ އަންވަރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އެޗްޑީސީގެ ފަރާތުން ފާހަގަކުރާ ފުރަތަމަކަމަކީ، ސަލްފިއްޔާ އަންވަރު އެންމެ ފުރަތަމަ ފަހަރަށް މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅީ، މީހަކު ވަޒީފާއިން ވަކިކުރުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދަޢުވާ ހުށަހެޅުމަށް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ފަހަނަ އަޅައި ގޮސްފައިވަނިކޮށް ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅިއިރު ސަލްފިއްޔާ އަންވަރަކީ ހިންގުމުގެ އިސް މަޤާމެއްގައި ހުރި ފަރާތެއްކަމުން އެއިރު މިފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓެރައިބިއުނަލަށް ލިބިގެންނުވާތީ ޓްރައިބިއުނަލުން މި މައްސަލައިގައި ނިންމީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތް ކަމަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ ނިންމުން ސަލްފިއްޔާ އަންވަރު އިސްތިއުނާފު ކޮށްފައި ނުވާކަމަށެވެ.

19. ސަލްފިއްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ސަލްފިއްޔާ އަންވަރު ވަޒީފާއިން ވަކިކުރިތާ 4 (ހަތަރެއް) އަހަރާއި 6 (ހައެއް) މަސް ފަހުން ކަމަށާއި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާހަށް ވަނީ ޢަމަލުކުރަން ފަށާފައި ކަމަށާއި، އެހެންކަމުން، ސަލްފިއްޔާ އަންވަރު ސިވިލް ކޯޓަށް ހުށަހެޅިއިރު އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އޮތީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ބަދަލުވެފައި ކަމަށެވެ.

20. ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޙައްލު ހޯދުމަށްޓަކައި ދަޢުވާކުރުމުގެ ޙައްޤަކީ މުޠުލަޤުކޮށް އޮންނަ ޙައްޤެއް ނޫންކަމަށާއި މި ޙައްޤާ އެކު ސަލްފިއްޔާ އަންވަރުގެ މައްޗަށް އޮތް ޒިންމާތަކެއް އޮންނާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. މައްސަލައިގެ ފަސްފަހަތަށް ބެލުމުން، ސަލްފިއްޔާ އަންވަރުގެ ފަރާތުން މައްސަލަ ހުށަހެޅުމުގައި އެފަރާތުގެ މައްޗަށް އޮތް ޒިންމާތައް އެއްފަރާތްކޮށްފައިވާކަން އެނގޭ ކަމަށާއި ސުޕްރީމް ކޯޓުން ނިންމި އިޙްސާން ޝަރީފު15 މައްސަލައާއި ސަލްފިއްޔާ އަންވަރު ހުށަހަޅާ މައްސަލައިގައި މައިގަނޑު 2 (ދޭއް) ތަފާތެއް ވާކަމަށެވެ. ފުރަތަމަ ތަފާތަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމި ތާރީޚުން ފެށިގެން ކޯޓަށް މައްސަލަ ހުށަހެޅުމަށް ހިނގާދިޔަ މުއްދަތެވެ. އިޙްސާން ޝަރީފު ކޯޓަށް މައްސަލަ ހުށަހެޅީ 2 މަހާއި 1 ދުވަހުގެ މުދަތެއްގެ ތެރޭގައެވެ. ސަލްފިއްޔާ އަންވަރު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 4 އަހަރާއި 1 މަހާއި16 18 ދުވަހުގެ މުއްދަތެއްގެ ފަހުންކަމަށެވެ. ދެވަނަ ތަފާތަކީ އިޙްސާން ޝަރީފުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި މައިގަނޑު ސަބަބަކީ އިޙްސާން ޝަރީފުގެ ފަރާތުން ވަޒީފާއާބެހޭ ބްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، ޓްރައިބިއުނަލުން އެ މައްސަލަ ނިންމިއިރު ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބިގެން ވީހިނދުވެސް ވަޒީފާއާބެހޭ ޓްރައިބިއުލަށް އިޚްތިޞާޞް ލިބިގެން ނުވާކަމަށް ނިންމާފައިވުންކަމަށެވެ. ސަލްފިއްޔާ އަންވަރު ހުށަހެޅި މައްސަލަ ޓްރައިބިއުނަލްގެ އިޚްތިޞާޞްއިން ބޭރުކަމުގައި ނިންމި ނިންމުމަކީ ސަލްފިއްޔާ އަންވަރުގެ ފަރާތުން އިސްތިއުނާފުކުރި މައްސަލައެއް ނޫންކަމަށެވެ. އަދި ޙައްޤު ހޯދުމަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ސަލްފިއްޔާ އަންވަރަށް އޮތްކަމަށެވެ.

މައްސަލަ ހުށަހަޅަންޖެހޭ ތަން އަދި ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކުރުން

21. ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން އިޚްތިޞާޞަށް އައި ބަދަލާ ގުޅޭ ތަފްސީލު "ވަޒީފާއާބެހޭ ޤާނޫނަށް ބަދަލު އައުން" މި ސުރުޚީގެ ދަށުގައި17 ހިމެނިފައި އެވަނީއެވެ.

22. މި މައްސަލަ ހުށަހަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާހު ގެނައުމަށް ފަހު ކަމުގައިވާތީ، މައްސަލަ ބެލުމުގެ އިޚްތިޞާޞް އެއިރު ލިބޭނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށެވެ.

23. މަޢުޟޫއީ ޤާނޫނުތަކާ ޚިލާފަށް، އިޖުރާއީ ޤާނޫނުތަކަކީ އެ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެ މައްޗަށް ޢަމަލުކުރަންޖެހޭނެ ޤާނޫނެވެ. އެކަމުގައި ކުރިން ހިނގިކަމެއް ނުވަތަ ފަހުން ހިނގިކަމެއް ތަފާތެއް ނުކުރެވެއެވެ. މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޙްސާން ޝަރީފް މައްސަލަ އަދި އަޙްމަދު މާޖިދު މައްސަލައިގައި ކަނޑައަޅައި ތަތްބީގް ކޮށްފައިވާ އުސޫލެކެވެ.

24. ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅޭ މައްސަލައަކާގުޅިގެން އެ މައްސަލަ ބެލުމަށް އެ ކޯޓެއް ނުވަތަ ޓްރައިބިއުނަލްއެއްގެ އިޚްތިޞާޞް އޮތްކަން ނުވަތަ ނެތްކަން ކަނޑައަޅާނީ އެ ވަގުތެއްގައި ޢަމަލުކުރަމުންދާ ޤާނޫނެއްގެ އަލީގައެވެ. އަދި ޤާނޫނެއްގައި ވަކި ގޮތަކަށް ޢަމަލުކުރަން ސަރީހަ ބަހުން ބަޔާންކޮށްފައި ނުވާނަމަ، އިޚްތިޞާޞް ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އެ ކޯޓަށް ނުވަތަ ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ހާދިސާ ހިނގި ތާރީޚަކީ އެ ފަދަ ނިންމުމަކަށް އަސަރު ކުރާނެ ކަމެއް ނޫނެވެ.

25. އެހެންކަމުން، ސަލްފިއްޔާ އަންވަރު ވަޒީފާއިން ވަކިކުރި ތާރީޚުގެ ފަހުން އަމަލުކުރަންފަށާ ޤާނޫނަކުން ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ އިޚްތިޞާޞް ބަދަލުވުމުން، އެ ޤާނޫނަށް ބަރޯސާވެ އިޚްތިޞާޞާމެދު ގޮތް ކަނޑައެޅުމަކީ ޤާނޫނު ރަޖުޢީކޮށް ތަތުބީޤު ކުރީކަމުގައި ބެލެވިދާނެ ހާލަތެއް ނޫނެވެ.

އަސާސީ ޙައްޤަކަށް އުނިކަމެއް އައިސްފައިވޭތޯ ބެލުން

26. ސަލްފިއްޔާ އަންވަރުގެ އިސްތިއުނާފީ ނުކުތާގައި ފާހަގަކުރަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ ސަބަބުން އޭނާގެ އަސާސީ ޙައްޤުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާ އާއި 65 ވަނަ މާއްދާގެ ދަށުން ލިބިދެވޭ ޙައްޤުތަކަށް އުނިކަން އަންނަކަމަށެވެ. މި ދެ ޙައްޤަށް ވަކިވަކިން އަލި އަޅުވާލާނަމެވެ.

27. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 މާއްދާއަކީ މަސައްކަތްކުރުމުގެ އަސާސީ ޙައްޤު ލިބިދޭ މާއްދާއެވެ. މިމާއްދާގެ ދަށުން، އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް، ހަމަހަމަކަމާއެކު މުޢާމަލާތްކުރެވޭ ރައްކާތެރި މާޙައުލެއްގައި، އެކަށީގެންވާ އުޖޫރައަކާއި، އެއްހަމައަކުން ވަޒީފާ ކުރިއެރުން ލިބޭގޮތަށް އަދާކުރުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިދެވެއެވެ. މީގެ އިތުރުން ވަޒީފާގެ އުޖޫރަ ވަކިން ކަނޑައަޅާފައި އޮތުމާއި، އުޖޫރައާ އެކު ލިބޭ ޗުއްޓީގެ އަދަދު ވަކިން ކަނޑައަޅާފައި އޮތުމުގެ ޙައްޤު ކޮންމެ މީހަކަވެސް ލިބެއެވެ.

28. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ ސަބަބުން ސަލްފިއްޔާ އަންވަރުގެ މިޙައްޤަށް އުނިކަމެއް އަންނަ ގޮތެއް ބުނެދީފައެއް ނުވެއެވެ. އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި އެއްވެސް މިންވަރަކަށް މި މާއްދާއަށް ޙަވާލާދީފައެއްވެސް ނުވެއެވެ. ވަކި ޙައްޤެއް ހޯދުމަށް މީހަކު ދަޢުވާކުރާ ޙާލަތުގައި، އެ ޙައްޤު އެމީހަކަށް ހަނިވިގޮތް ނުވަތަ އެ ޙައްޤަކުން އެމީހަކު މަޙްރޫމްވެފައިވާ ގޮތް ބުނެދިނުމަކީ އެމީހެއްގެ ޒިންމާއެކެވެ.

29. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގައި ބަޔާންކުރަނީ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގެންފިނަމަ، އިންސާފުވެރި ޙައްލެއް ހޯދުމަށް މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤުގެ ވާހަކައެވެ. މި މާއްދާގެ ދަށުން ކުރާ ދަޢުވާތަކަކީ މައްސަލައިގެ ދަޢުވާއާ ވަކިން އުފަންވާ ދަޢުވާއެއް ކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ18އަށް ބެލުމުން އެނގެއެވެ. އަދި މިބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައެއް ނުވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ގެއްލިފައިވާނަމަ އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު މިހާރުވެސް ސަލްފިއްޔާ އަންވަރުއަށް އޮއްނާނެކަމަށް އަހުރެން ދެކެމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ ސަބަބުން އެ ޙައްޤަށް އުނިކަމެއް އައިސްފައިވާކަމަކަށް އަހުރެން ނުދެކެމެވެ.

މިމައްސަލަ މިހާރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅިދާނެތޯ ބެލުން

30. ޤާނޫނެއްގައި އެހެން ގޮތަކަށް ބުނެފައިނުވާނަމަ، އިޖުރާއީ ޤާނޫނުތައް އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން އެ އިޖުރާއަތު ހިނގަން ފަށާނެއެވެ. އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނަށް އައި 06 ވަނަ އިސްލާހަށް ޢަމަލުކުރަން ފެށުމަށްފަހު ސަލްފިއްޔާ އަންވަރުއަށް ވަކި މުއްދަތެއް ނެތި ދަޢުވާކުރުމަށް ލިބިފައިއޮތް ޙައްޤުގެ ދަށުން އޭނާގެ ވަޒީފާގެ މައްސަލަ ހުށަހަޅަންޖެހޭނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށެވެ. އަދި މި އިސްލާޙުގެ ދަށުން މިފަދަ މައްސަލަތައް ހުށަހަޅަންޖެހޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބުނާ މުއްދަތުގެ ތެރޭގައެވެ.19

31. މިބާވަތުގެ މައްސަލަތަކުގައި މުއްދަތު ގުނާނެގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޙްމަދު މާޖިދު މައްސަލައިގައި20 ކަނޑައަޅާފައިވެއެވެ. އެގޮތުން، ވަޒީފާއާ ބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އިސްލާޙަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެ މުއްދަތު ގުނޭނެކަމަށް މި ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

32. ވަޒީފާއާ ބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 22 ސެޕްޓެންބަރު 2020 ދުވަހުއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޙްމަދު މާޖިދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، މިބާވަތުގެ މައްސަލަތައް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 22 ޑިސެންބަރު 2020 ދުވަހަށެވެ.

ތަތްބީޤްކުރުން

33. މި މައްސަލާގައި ސަލްފިއްޔާ އަންވަރުގެ ފަރާތުން އެންމެ ފުރަތަމަ ފަހަރަށް މައްސަލައެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވަނީ 19 ޖަނަވަރީ 2017 ދުވަހުއެވެ. ސަލްފިއްޔާ އަންވަރު ވަޒީފާއިން ވަކިކުރީ 18 އޮކްޓޫބަރު 2016 ދުވަހުކަން ލިޔެކިޔުންތަކުން އެނގެން އޮންނާތީ، ސަލްފިއްޔާ އަންވަރު އެންމެ ފުރަތަމަ ފަހަރުވެސް މައްސަލަ ހުށަހަޅާފައިވަނީ ވަޒީފާއިން ވަކިކުރިތާ 03 މަހާއި 01 ދުވަސް ފަހުންނެވެ. އެހެންނަމަވެސް އޭރު އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަކަށް ލިބިގެންނުވާތީ، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.

34. ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން 07 މާރިޗު 2017 ދުވަހު މައްސަލަ ނިންމިއިރު ވަޒީފާއާބެހޭ ޤާނޫނު ބައްޓަންވެފައިވާ ގޮތުން އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައި އޮތީ ސިވިލް ކޯޓަށެވެ. އަދި އެއިރު ސިވިލް ކޯޓުގައި ދަޢުވާކުރުމަށް މުއްދަތެއް ކަނޑައަޅާފައިނެތެވެ.

35. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ މުޙައްމަދު ޝިފާއު21 ޤަޟިއްޔާގައި ޤާނޫނެއްގައި ވަކި ކަމަކަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ އުސޫލަށް ޢަމަލުކުރަން ޖެހޭނެކަމަށް ކަނޑައަޅުއްވާ، މިފަދަ ޙާލަތްތަކުގައި އެއީ ޤާނޫނީ ހުސްކަމެއްކަމަށް ނުބެލެވޭނެކަމަށް ނިންމާފައިވެއެވެ.

36. މިމައްސަލައިގައި ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅުމަށް 04 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަވި ސަބަބެއް ސަލްފިއްޔާ އަންވަރުއަށް ބުނެދެވިފައިނުވާތީ، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ބޭކާރު ލަސްވުންތަކެއް ނެތި ޢަމަލުކުރެވިފައިވާކަމަށް ނުދެކެމެވެ.

37. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޙްމަދު މާޖިދު ޤަޟިއްޔާ22ގައި ކަނޑައަޅާފައިވާ އުސޫލް23 އަށް ބަލާއިރު، ސަލްފިއްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ވަޒީފާއާ ބެހޭ ޤާނޫނަށް 06 ވަނަ އިސްލާހު ގެނައުމަށް ފަހު (މިފަދަ ހާލަތްތަކުގައި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ބަދަލުވިފަހުން) ކަމުގައިވެފައި، ޤާނޫނަށް ގެނެވުނު އެ އިސްލާހާ ގުޅިގެން، މިބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ކަމުގައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއަށް ބެލުމުން، ސަލްފިއްޔާ އަންވަރުގެ ފަރާތުން ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ 22 ޑިސެންބަރު 2020 ދުވަހު އެވެ. ވަޒީފާއާ ބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙަށް ޢަމަލު ކުރަން ފެށިފައިވަނީ 22 ސެޕްޓެންބަރ 2020 ގައެވެ. އަޙްމަދު މާޖިދު ޤަޟިއްޔާ24ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚްގެ ގޮތުގައި 22 ޑިސެންބަރު 2020 ކަމަށް ބަޔާންކޮށްފައި އެވަނީ އިސްލާޙަށް ޢަމަލުކުރަން ފެށުނު ތާރީޚުން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ ލިމިޓޭޝަން މުއްދަތެއް ބަޔާންކޮށްދިނުމުގެ ގޮތުން ކަމުގައި ދެކެމެވެ.

ޙައްޤު ރައްކާތެރިކުރެވޭނެ ޙައްލެއް ހޯދައިދޭންޖެހޭނެތޯ ބެލުން

38. އިސްތިއުނާފީ ނުކުތާގައި ސަލްފިއްޔާ އަންވަރުގެ ފަރާތުން ޙަވާލާދީފައިވަނީ ސުޕްރީމް ކޯޓުގެ އިޙްސާން ޝަރީފު25 މައްސަލައަށެވެ. އަދި އެދިފައިވަނީ އެމައްސަލާގައި ދީފައިވާފަދަ ޙައްލެއް މިމައްސަލާގައި ހޯދައިދިނުމަށެވެ. އެހެން ނަމަވެސް އެ މައްސަލައާއި މި މައްސަލާގައި ބޮޑެތި ފަރަޤުތަކެއް އެބަހުއްޓެވެ.

39. އިޙްސާން ޝަރީފު މައްސަލައިގައި، އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް އެންމެ ފުރަތަމަ ފަހަރަށް މައްސަލަ ހުށަހެޅީ 17 ސެޕްޓެންބަރު 2020 ގައެވެ. އަދި އެ މައްސަލާގައި ޓްރައިބިއުނަލްއިން ޙުކުމް ކޮށްފައިވަނީ 15 އޮކްޓޫބަރު 2020 ގައެވެ. އޭރު ވަޒީފާއާ ބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އިސްލާޙަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. އެ އިސްލާހުގެ ދަށުން، މިބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްއަށް ލިބިގެންވަނިކޮށް، އެ މައްސަލަ ޓްރައިބިއުނަލްއިން ނިންމާފައިވަނީ އިޚްތިޞާޞް ނުލިބޭ މައްސަލައެއް ގޮތަށެވެ. އެ ނިންމުން އިޙްސާން ޝަރީފުގެ ފަރާތުން އިސްތިއުނާފު ކޮށްފައި ނުވިނަމަވެސް، އިސްތިއުނާފު ކޮށްފައި ނުވަނީ އަވަހަށް އިންޞާފު ހޯދުމުގެ މަޤްޞަދުގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްކަމަށް އިޙްސާން ޝަރީފު ބަޔާންކޮށްފައިވެއެވެ. އަދި އެ ސަބަބަކީ ޝަރީޢަތުގެ ބޭނުމަށް ބަލައިގަނެވިދާނެފަދަ ސަބަބެއް ކަމަށް އަހުރެންވެސް ދެކެމެވެ.

40. އެ ނިންމުން ޓްރައިބިއުނަލް އިން ނިންމިތާ 02 މަސް ދުވަހުގެ ތެރޭ، 16 ޑިސެންބަރު 2020 ދުވަހު، އިޙްސާން ޝަރީފުވަނީ އޭނާގެ ވަޒީފާގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެހެންނަމަވެސް، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ނުލިބޭތީ މައްސަލަ ބައިނުގަތުމަށް އެ ކޯޓުން ނިންމިއެވެ. އަދި މި ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއިދުކޮށްފައިވެއެވެ.

41. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިޙްސާން ޝަރީފު އިސްތިއުނާފު ކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުމެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް އަލުން މައްސަލަ ހުށަހެޅުމުގެ ޙައްލު ހޯދާދީފައިވަނީ ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ޙައްޤު ނެގެހެއްޓުމުގެ ބޭނުމުގައި ކަމަށް އަހުރެން ދެކެމެވެ. އިޙްސާން ޝަރީފްގެ މައްސަލައިގައި އާދަޔާ ޚިލާފު ލަސްތަކެއް ވެފައި ނެތެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ނުކުރެވުނު އެކަށީގެންވާ ސަބަބެއް އިޙްސާން ޝަރީފް ދައްކައެވެ.

42. އެއާ ޚިލާފަށް މި މައްސަލާގައި ސަލްފިއްޔާ އަންވަރު ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވަނީ އެ ޓްރައިބިއުނަލްއަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތް ވަގުތެއްގައެވެ. އަދި އެކަށީގެންވާ ސަބަބެއް ބުނެދިނުމަކާއި ނުލައި، ދިގު މުއްދަތަކަށްފަހު، ސަލްފިއްޔާ އަންވަރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެ ކޯޓުގެ އިޚްތިޞާޞުން މައްސަލަ ބެލުމުގެ ބާރު ނެތި ދިޔަ ފަހުންނެވެ.

43. ޙައްޤަކީ ހޯދަން މަސައްކަތްކުރަންޖެހޭ އެއްޗެކެވެ. ކޮންމެ ޙައްޤަކާއެކު ޒިންމާތަކެއް ވުޖޫދުވާނެއެވެ. އެގޮތުން ޢަދުލު އިންޞާފު ޤާއިމުވުމުގެ ޙައްޤާއެކު، އެ ޢަދުލު އިންޞާފު ހޯދުމަށް މަސައްކަތްކުރުމުގެ ޒިންމާ ވުޖޫދުވާނެއެވެ. އަދި އެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރެވިފައިވޭތޯ ބެލުން މުހިއްމުކަމަށް ދެކެމެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެ ޙައްޤު ހޯދުމަށް ސަލްފިއްޔާ އަންވަރުއަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިވާކަމަށް އަހުރެން ނުދެކެމެވެ. އެހެންކަމުން އިޙްސާން ޝަރީފްގެ މައްސަލައާ ޚިލާފަށް މި މައްސަލައިގައި އެފަދަ ޙައްލެއް ހޯދައިދޭންޖެހޭނެ ތަނެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

44. މަތީގައި ބަޔާންކޮށްފައިވާ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ

2021/HC-A/326 ޤަޟިއްޔާ އިސްތިޢުނާފްކުރުމަށް ސ.ހުޅުދޫ ސަލްފިއްޔާ އަންވަރު ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް އެޤަޟިއްޔާގެ ޙުކުމް ބާތިލްކުރަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ނުދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

45. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

46. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/326 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރަންޖެހޭ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދުނާން ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)

1

2 03 ސެޕްޓެމްބަރގެ ސިޓީއާ ހަވާލާދީ އެ ސިޓިގައި ބަޔާންކޮށްފައިވާ ތާރީޚްތަކުގައި ސެޕްޓެންބަރ ކަމަށް ބުނެވިފައިވަނީ ލިޔުމުގެ ކުށަކުންކަމަށާއި އަދި ރަނގަޅުގޮތަކީ އޮކްޓޯބަރ ކަމަށް، 04 އޮކްޓޯބަރ 2016 ގައި އެޗްޑީސީއިން ފޮނުވި އެކޯޕަރޭޝަންގެ ނަންބަރު HDC(161)-HR/PRV/2016/3570 ސިޓީގައި ބަޔާންކޮށްފައިވެއެވެ.

3 ވަޒީފާއާ ބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "ތިރީގައި ބަޔާންކުރެވިފައިވާ ފަރާތައް މި ބާބުގައިވާ މާއްދާތަކުން އިސްތިސްނާ ވާނެއެވެ. (1) ކުއްލި ޙާލަތުގައި މަސައްކަތްކުރާ މީހުން؛ (2) ކަނޑު ދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާ ބޯޓުގައި މަސައްކަތްކުރާ މީހުން؛ (3) ކަނޑު ދަތުރުކުރާ އުޅަނދެއް ނުވަތަ މަތިންދާ ބޯޓެއް އައުމާއި ފުރުމާއި އެފަދަ އުޅަނދުފަހަރަށް މުދާ އެރުވުމާއި ބޭލުމާ އަދި އެފަދަ އުޅަނދުތަކަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރާ މީހުން؛ (4) ޓޫރިސްޓް ރިސޯޓް ތަކުގައި މަސައްކަތް ކުރާ މީހުން؛ (5) މީހުން ދިރިނޫޅޭ ސިމާއީ މަސައްކަތްކުރާ ރަށްރަށުގައި މަސައްކަތްކުރާ މީހުން؛ (6) ހިންގުމުގެ އިސްމަގާމުތަކުގައި ތިބޭ މީހުން؛

4 ވަޒީފާއާ ބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ހަވާލާދީފައިވަނީ އަންނަނިވި ފަރާތްތަކަށެވެ.

(1) ކުއްލި ހާލަތުތަކުގައި މަސައްކަތް ކުރާ މީހުން؛

(2) ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާ ބޯޓުގައި މަސައްކަތް ކުރާ މީހުން؛

(3) މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތުމީހުން؛

(4) އޮންކޯލް ޑިއުޓީގައި ތިބޭ ވަގުތުތަކުގައި، އޮންކޯލް ޑިއުޓީގައި ތިބޭ މީހުން؛ އަދި

(5) ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން.

5 ޤާނޫނު ނަންބަރު 2021/32

6 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/326 ގެ ޕެރެގްރާފް 33.

7 ޤާނޫނު ނަންބަރު 2011/4

8 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރަނީ "ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތެއްގައެވެ." މިފަދައިންނެވެ.

9 [2022] SC 13

10 ހައިކޯޓްގެ ނަންބަރު 2021/HC-A/326 ޤަޟިއްޔާގެ 37 ވަނަ ޕެރެގްރާފްގައި ބަޔާންކުރަނީ: "އެހެންކަމުން، ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 55 ވަނަ ޕެރެގްރާފްގައި ފަނޑިޔާރު ޝުޖޫން މުޙައްމަދު ފާހަގަކުރައްވާފައިވާ އުސޫލުތައް ތަޠުބީޤުކުރުމުން މި މައްސަލައަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ އުސޫލުތައް ތަޠުބީޤުކުރެވޭނެ ކަމުގައި ދެކެމެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު ޤަޟިއްޔާގައި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ 27 ވަނަ ޕެރެގްރާފްގައިވެސް، ޤާނޫނެއްގައި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، ދެން ޢަމަލުކުރަންޖެހޭ ގޮތް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ (ބ) ގައި ބަޔާންކުރެވިފައިވާތީ ޤާނޫނުގައި މުއްދަތެއް ބަޔާންކޮށްފައިނުވުމީ ޤާނޫނީ ހުސްކަމެއްކަމަށް ނުބެލެވޭނެ ކަމަށް ކަނޑައެޅިފައިވާތީއެވެ." މިފަދައިންނެވެ.

11 ޤއ 37 ވަނަ މާއްދާގައި ވަނީ: (ހ) ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ހަމަހަމަކަމާއެކު މުޢާމަލާތުކުރެވޭ، ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ނ) ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ، މަސައްކަތްކުރާންޖެހޭ ވަގުތު ކަނޑައެޅިފައިވުމާއި، އަރާމުކުރުމާއި މުނިފޫހިފިލުވުމަށް ވަގުތު ލިބުމުގެ ހައްގު ލިބިގެންވެއެވެ. އޭގެތެރޭގައި ވަކި މުއްދަތަކަށް މުސާރައާއެކު ޗުއްޓީ ލިބުމުގެ ހައްގުވެސް ހިމެނެއެވެ.

(ރ) ކޮންމެ މީހަކަށްމެ އަރާމުކުރުމާއި މުނިފޫހިފިލުވުމަށް ވަގުތު ހޭދަކުރުމުގެ ހައްގު ލިބިގެންވެއެވެ. ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ މި ހައްގު ލިބިދިނުމަށްޓަކައި، މަސައްކަތްކުރާންޖެހޭ އެންމެ ގިނަ ވަގުތެއް ކަނޑައަޅައިފައި އޮންނާންވާނެއެވެ. އަދި އުޖޫރައާއެކު ލިބޭ ޗުއްޓީ ކަނޑައެޅިފައި އޮންނާންވާނެއެވެ." މިފަދައިންނެވެ.

12 ޤއ 65 ވަނަ މާއްދާގައިވަނީ: "މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ، އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ." މިފަދައިންނެވެ.

13 [2022] SC 59

14 އބމ

15 [2022] SC 59

16 ނޯޓް: ސަލްފިއްޔާ އަންވަރު ވަޒީފާއިން ވަކިކޮށްފައިވަނީ 18 އޮކްޓޯބަރު 2016 ގައެވެ. އަދި ސަލްފިއްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 25 އެޕްރީލް 2021 ގައެވެ. އެޗްޑީސީގެ ފަރާތުން ސަލްފިއްޔާ އަންވަރު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 4 އަހަރާއި 1 މަހާއި16 18 ދުވަހުގެ މުއްދަތެއްގެ ފަހުންކަމަށް ބަޔާންކޮށްފައިވީނަމަވެސް، ލިޔެކިޔުންތަކުން ފެންނަން އޮތީ ސަލްފިއްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި 4 އަހަރާއި 6 މަހަށްވުރެ ގިނަދުވަސް ފާއިތުވެފައިވާކަމެވެ.

17 މި ރައުޔުގެ ޕްރެގްރާފް 6 އިން 8 ގެ ނިޔަލަށް.

18 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ " (ހ) ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ އެ މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި ގާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާއެއް ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައަޅާފައިވާ ފޯމެއް މެދުވެރިކޮށެވެ؛ (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ދައުވާއެއްގައި، މި ގާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ. (1) ހިފެހެއްޓުނު ކަމަށް ބުނާ އަސާސީ ހައްގު؛ (2) ހައްގު ހިފެހެއްޓި ކަމަށް ބުނާ ފަރާތް؛ (3) ހައްގު ހިފެހެއްޓި ގޮތް؛ (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދައުވާއެއް އުފުލޭނީ، އެ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓި ދައުލަތުގެ އިދާރާގެ ނުވަތަ އެކަމުގައި ޒިންމާވާ ދައުލަތުގެ މުވައްޒަފުގެ މައްޗަށެވެ." މިފަދައިންނެވެ.

19 ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، " ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް ގަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. ވަޒީފާ އަދާކުރި މީހާއަށް ނޯޓިސް ލިބުނު ތާރީޚުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ." މިފަދައިންނެވެ.

20 [2022] SC 73 ]އަޙްމަދު މާޖިދު ވ. ޖުޑިޝަލް ސަރވިސް ކޮމިޝަން[

21 [2022] SC 13

22 [2022] SC 73 ]އަޙްމަދު މާޖިދު ވ. ޖުޑިޝަލް ސަރވިސް ކޮމިޝަން[

23 އަޙްމަދު މާޖިދު ވ. ޖުޑިޝަލް ސަރވިސް ކޮމިޝަން [2022] SC 73 ގެ 22 ވަނަ ޕެރެގްރާފް

24 [2022] SC 73 ]އަޙްމަދު މާޖިދު ވ. ޖުޑިޝަލް ސަރވިސް ކޮމިޝަން[

25 [2022] SC 59

2022/SC-A/93 [2024] SC 26

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ