ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2026/HC-B12/21ހައިކޯޓު · 18 އޮކްޓޫބަރު 2026 · ކޯޓު އަމުރު

ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ފޮރުވާފައި

ދަށުކޯޓުގެ ނިންމުން ބާޠިލުނަން ފޮރުވާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 17 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 18 އޮކްޓޫބަރު 2026ދަށު ކޯޓު: ދަށު ކޯޓު (ކޯޓުގެ ނަމާއި ނަންބަރު ކޯޓުން ސިއްރުކޮށްފައި)ބާވަތް: ޖިނާއީ

މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު، ހެކިންގެ ހެކިބަސް ނަގައި ނިމިފައިވުމާއި ކުށުގެ ރެކޯޑެއް ނެތުމުގެ ސަބަބުން ހާލަތު ބަދަލުވެއްޖެ ކަމަށް ބަލައި ޝަރުޠުތަކާއެކު ބަންދުން ދޫކުރި ދަށު ކޯޓުގެ އަމުރު ޤާނޫނީ ހަމަތަކާ އެއްގޮތްތޯ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ދަށު ކޯޓު (ކޯޓުގެ ނަމާއި ނަންބަރު ކޯޓުން ސިއްރުކޮށްފައި)
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

އިސްތިއުނާފު ޤަބޫލު، ދަށު ކޯޓުގެ އަމުރު ބާޠިލް؛ ބަންދަށް އެދި ދައުލަތުން 7 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ ދަށު ކޯޓުން އަވަސް މުއްދަތެއްގައި ގޮތެއް ނިންމުމަށް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ބަންދު މުރާޖަޢާ ކުރާއިރު ހާލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ފުރަތަމަ ބަންދުކުރިއިރު ވުޖޫދުގައި އޮތް ކަމަށް ހަވާލާދިން ހާލަތަށް ބަދަލު އައިސްފައިވޭތޯ ބަލަންޖެހޭނެއެވެ. ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު، ކުއްޖާ ދިރިއުޅޭ މާހައުލަށް ނުވަތަ ކުޑަކުދިން ދިރިއުޅޭ މާހައުލަކަށް ދޫކޮށްލަންވާނީ ބަންދުކުރި ހާލަތަށް ބަދަލު އައިސްފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، އެ ހާލަތުތަކަށް ބަދަލު އައިސްފައިވާގޮތް ފަނޑިޔާރުގެ ނިންމުމުގައި ސާފުކޮށް ބަޔާންކުރުމަށްފަހުގައެވެ. (ޕެރ. 14)

ޝަރީޢަތުން ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތި ދިއުންކަމުގައި ނުބެލެވޭނެއެވެ. އެހެންކަމުން، ދަށުކޯޓުން އެ ސަބަބަށް ރިޢާޔަތްކޮށް ބަންދުކުރި ހާލަތު ބަދަލުވެފައިވާކަމަށް ނުބެލެވޭނެއެވެ. (ޕެރ. 14، 16)

ބަންދުކުރުމަށް ނިންމި އިރުވެސް ކުށުގެ ރެކޯޑެއް ނެތުމަކީ އޭގެ ޒާތުން ބަދަލުވާނެ ސަބަބަކަށް ނުވާތީ، މިފަދަ ކުށެއް ތަކުރާރުކޮށްފާނެކަމުގެ ސަބަބާ ގުޅިގެން ކުށުގެ ރެކޯޑު ނެތުމަކީ ބަންދުކުރި ހާލަތަށް އައި ބަދަލެއްކަމުގައި ނުބެލެވޭނެއެވެ. (ޕެރ. 17)

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައިވާ މީހަކު ހާލަތު ބަދަލުވެގެން ބަންދުން ދޫކޮށްލާނަމަވެސް އެ ކުރާ ޝަރުތަކީ މުޖުތަމަޢުގައި ހިމެނޭ ހުރިހާ ކުޑަކުދިން ރައްކާތެރިކުރެވޭފަދަ އަދި އެ ޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރާކަން ގާތުން ބަލައި އެކަށީގެންވާ މަތީ މިންގަނޑަކުން މޮނިޓަރ ކުރެވޭފަދަ ޝަރުތުތަކެއްކަން ފަނޑިޔާރު ކަށަވަރު ކުރަންވާނެއެވެ. (ޕެރ. 14، 17)

ބަންދު މުރާޖަޢާކުރުމުގެ މައިގަނޑު ބޭނުމަކީ ބަންދުގައި ދަޢުވާލިބޭ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ވަންދެން ނުތިބޭނެ އުސޫލެއް ޤާއިމްކުރުން ކަމަށްވާއިރު، ބަންދުގައި ދިގުމުއްދަތެއް ހޭދަވެފައިވާ މީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އެ މައްސަލައިގައި އަވަހަށް ޙުކުމްކުރުމަކީ އޭގެ ޙައްލެވެ. ބަންދުގައި ދިގު މުއްދަތެއް ހޭދަވިނަމަވެސް މުޖުތަމަޢަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހެއް ބަންދުން ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫނެވެ. (ޕެރ. 19)

މީހަކު ޝަރީޢަތް ނުނިމި ލަސްވުމުގެ ސަބަބުން ގިނަދުވަސްތަކެއް ވަންދެން ބަންދުގައި ހުރުމަކީ، ޚާއްޞަ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، އެ މީހަކު (ޝަރުޠަކާއެކު ނަމަވެސް) ބަންދުން ދޫކޮށްލުމަށް އެކަށޭނެ ޤާނޫނީ ސަބަބެއް ނުވަތަ ހުއްޖަތެއް ނޫނެވެ. (ޕެރ. 19)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި 143 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2، 3، 28، 30، 31، 32، 35 އަދި 36 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)
  • ސުޕްރީމް ކޯޓުގެ 2024/SC-A/13 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ)
  • ސުޕްރީމް ކޯޓުގެ 2024/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު)
  • ހައިކޯޓުގެ 2026/HC-B12/13,14 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޒުބައިރު ޢަލީ އަދި ނާޞިފް ޢަލީ)

ފަނޑިޔާރުން

ބެންޗު
ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
ޙުސައިން މަޒީދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ތާއީދު ކުރައްވާފައި)

މައްސަލައިގެ ތަޢާރަފު

1މިއީ، (ކޯޓުގެ ނަން އަދި ނަންބަރު ސިއްރުކޮށްފައި) "ކޯޓު އަމުރު" (15 ސެޕްޓެންބަރު 2026) އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ (އެޑްރެސް ސިއްރުކޮށްފައި)، (ނަން ފޮރުވާފައި) (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "(ނަން ފޮރުވާފައި)") އެވެ.

2މިއީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަކާ ގުޅޭ ކޯޓު އަމުރެއްގެ އިސްތިއުނާފީ ޤަޟިއްޔާއެކެވެ. އެހެންކަމުން މި ޤަޟިއްޔާގެ "ޝަރީޢަތްނިމުނުގޮތް" ލިޔެ އެކުލަވާލާފައިވާނީ އެ ކުއްޖާއަކީ ކޮން ކުއްޖެކަން ދެނެގަނެވިދާނެ މައުލޫމާތުތައް ނުހިމެނޭގޮތުންނެވެ.

ފަސްފަހަތް

3މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި (ނަން ފޮރުވާފައި) 14 ފެބުރުވަރީ 2024 ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެ.

4އެއަށްފަހު އެކި ފަހަރު މަތިން ތަހުގީގު މަރުހަލާގައި (ނަން ފޮރުވާފައި) ބަންދުކޮށްފައިވެއެވެ. މިފަދައިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ޢާންމު އިޖުރާއަތުގެ ދަށުންނެވެ. ނަމަވެސް މައްސަލައިގާ ތައްޔާރުކޮށްފައިވާ އަނިޔާލިބުނު ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓުން އަނިޔާ ލިބުނު ކުއްޖާގެ މެންޓަލް އޭޖް އަކީ 13 އަހަރު ކަމަށް ދައްކާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްޞަ އުސޫލަކުން ޢަމަލުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން (ނަން ފޮރުވާފައި) ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 14 އެޕްރީލް 2024 ގައި އެދިފައިވެއެވެ. މި ހުށަހެޅުމާ ގުޅިގެން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއަށް ރިޢާޔަތްކޮށް (ނަން ފޮރުވާފައި) ބަންދުގައި ނުބަހައްޓައިފިނަމަ މިފަދަ ކުށެއް ތަކުރާރުކޮށްފާނެ ކަމަށާއި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެ ކަމަށްޓަކައި މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް 14 އެޕްރީލް 2024 ގައި ދަށު ކޯޓުން އަމުރުކޮށްފައިވެއެވެ.

5ދައުލަތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން (ނަން ފޮރުވާފައި)ގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ދަޢުވާ 18 އެޕްރީލް 2024 ދުވަހު ދަށު ކޯޓަށް ހުށަހަޅާފައިވެއެވެ.

6އެއަށްފަހު، (ނަން ފޮރުވާފައި)ގެ ފަރާތުން މި މައްސަލައިގެ އިތުރުން އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުންނާއި، މައްސަލައިގެ ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ކުޑަ ކަމަށްވާތީ އާއި، އޭނާއަކީ އުމުރުން ދުވަސްވީ މީހަކަށްވާތީ އަދި މައްސަލައިގެ އަޑުހުމެއް ނުބޭއްވި ގިނަ ދުވަސްތަކެއްވެފައިވާތީ އޭނާގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމަށް ރިޢާޔަތްކޮށް، ދައުލަތުގެ ހެކިބަސް ނަގާފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތްކަން އެނގޭތީއާއި، ޝަރުޠުކޮށް ދޫކޮށްލުމަށް ކަނޑައެޅުމުގައި އެފަދަ ކުށްތައް ތަކުރާރުވުން ކުޑަކުރެވޭނެފަދަ ޝަރުޠުތަކާއެކު ދޫކުރެވޭނެކަމަށް ޤަބޫލުކުރެވޭތީ (ނަން ފޮރުވާފައި) ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް އެ ކޯޓުގެ ނަންބަރު (ނަންބަރު ސިއްރުކޮށްފައި) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އިން ނިންމާ ހަމަ އެދުވަހު އެ ކޯޓުގެ ނަންބަރު (ނަންބަރު ސިއްރުކޮށްފައި) ކޯޓު އަމުރުން އަމުރުކޮށްފައިވެއެވެ. ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ މި އަމުރެވެ.

އިސްތިއުނާފީ ނުކުތާ

7މި ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ 1 (އެކެއް) ނުކުތާއެވެ. އެ ނުކުތާއަކީ އިސްތިއުނާފުކޮށްފައިވާ އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 30 ވަނަ މާއްދާއާއި، 36 ވަނަ މާއްދާއާ ޚިލާފު އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ

8އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގާ (ނަން ފޮރުވާފައި) ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ ހާލަތު ބަދަލުވެގެންކަމަށް ބުނެ، (ނަން ފޮރުވާފައި)ގެ ކުށުގެ ރެކޯޑެއް ނެތުމުންނާއި، ހެކިންގެ ހެކިބަސް ނަގާނިމިފައިވާތީކަމަށް ދަށު ކޯޓުން ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް، ހެކިންގެ ހެކިބަސް ނަގާ ނިމިފައިވުމަކީ އެ އިހްތިމާލު ނެތިދާ ސަބަބެއް ނޫންކަމަށާއި، އެއީ ހެކިބަސް ނަގާ ނިމޭފަހުންވެސް ހެކިން ސިޓީ ފޮނުވައި ހެކިބަސް ޤަބޫލުނުކުރުމަށް އެދޭ ހާލަތުވެސް އަންނާތީ ކަމަށެވެ. އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޒުބައިރު ޢަލީ އަދި ނާޞިފް ޢަލީ ޤަޟިއްޔާއިން އެނގޭކަމަށެވެ. އަދި މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ފިލައިދިޔަ ސަބަބު އެއްވެސް މިންވަރަކަށް ބަޔާންކޮށްފައިނުވާކަމަށެވެ. މި މައްސަލައަށް ބަލާއިރު، (ނަން ފޮރުވާފައި) އަކީ ކުއްޖާ ދިރިއުޅޭ ގޭގެ ދޮރުމަތީގައި އުޅޭ މީހެއްކަމަށާއި، އެހެންކަމުން ބަންދުން ދޫކޮށްލުމުން ކުއްޖާއާއި މައްސަލައިގެ އެހެން ހެކިންނާއި ބައްދަލުކޮށް ނުފޫޒު ފޯރުވުމުގެ ހާލަތު މަތީ ދަރަޖައަކަށް އޮންނާނެކަމަށެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ

9ޚާއްސަ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ ބަންދު މުރާޖަޢާކުރުމަކީ ދަށުކޯޓުގެ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއްކަމަށެވެ. ކުއްޖާއާ އެއް ސަރަހައްދެއްގައި އުޅޭ އުޅުން އެއީ ކުއްޖާއާ ނުވަތަ ހެކިވެރިންނާ އޮންނަ ގުޅުމުގެ ގޮތުގައި ބަލައިގެން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުން ކަމަށް ނުބެލެވޭނެކަމަށެވެ. ދަށުކޯޓުގެ ނިންމުމުގައި ބަންދުން ދޫކޮށްލި ސަބަބު ބަޔާންކޮށްފައިވާ ކަމަށާއި، އެއީ ހެކިބަސް ނަގައި ނިމިފައިވާތީއާއި ކުށުގެ ރެކޯޑެއް ނެތުމުން ކަމަށެވެ. މީގެއިތުރުން، މިހާތަނަށް ބަންދުން ދޫކޮށްލިތާ 1 މަސްދުވަސް ވެފައިވާއިރު، ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

10މި މައްސަލައިގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން އެދިފައިވަނީ މި މައްސަލައިގާ އިސްތިއުނާފު ރައްދުވާ ފަރާތް ވަގުތީ ގޮތުން ބަންދުކޮށް، ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ދައުލަތުން އެދިފައިވާ ޤާނޫނީ މާއްދާތަކަށް ރިޢާޔަތްކޮށް ބަންދު މުރާޖަޢާކޮށް ގޮތެއް ނިންމުމަށްޓަކައި ދަށުކޯޓަށް ހުށަހެޅޭނެ ފަދައިން އަމުރުކޮށްދިނުމަށް އެދޭކަމަށެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް

11އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް ދަށުކޯޓުން އަމުރުކޮށްފައިވަނީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތްކަމަށް ކަނޑައަޅައި، ޚާއްސަ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަށް ލިބޭ އިޚްތިޔާރީ ބާރެއްގެ ދަށުން ކަމުގައި ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.

ހައިކޯޓުގެ ކުރިމަތީގައި އޮތް ޤާނޫނީ ސުވާލު

12މި މައްސަލައިގެ މައިގަނޑު ސުވާލަކީ، (ނަން ފޮރުވާފައި)ގެ ބަންދު މުރާޖަޢާކޮށް ޝަރުތުކޮށް ބަންދުން ދޫކޮށްލާފައިވަނީ (ނަން ފޮރުވާފައި) ބަންދުކުރަމުން އައި ހާލަތު ބަދަލުވެގެންތޯ؟ އަދި ބަންދުން ދޫކޮށްލި ސަބަބު އަމުރުގައި ބަޔާންކުރުމެއް ނެތިތޯއެވެ؟

13މި މައްސަލައަކީ ޚާއްސަ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ބަންދު މުރާޖަޢާކޮށް ނިންމާފައިވާ ކޯޓު އަމުރަކާ ގުޅޭ އިސްތިއުނާފެކެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގައި ހާލަތު ބަދަލުވެގެން ބަންދުން ދޫކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާލާނަމެވެ.

14HN1HN2HN4އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ބަންދު މުރާޖަޢާ ކުރާއިރު ހާލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ފުރަތަމަ ބަންދުކުރިއިރު ވުޖޫގައި އޮތް ކަމަށް ހަވާލާދިން ހާލަތަށް ބަދަލު އައިސްފައިވޭތޯ ބަލަންޖެހޭނެ ކަމާއި ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު، ކުއްޖާ ދިރިއުޅޭ މާހައުލަށް ނުވަތަ ކުޑަކުދިން ދިރިއުޅޭ މާހައުލަކަށް ދޫކޮށްލަންވާނީ ބަންދުކުރި ހާލަތަށް ބަދަލު އައިސްފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، އެ ހާލަތުތަކަށް ބަދަލު އައިސްފައިވާގޮތް ފަނޑިޔާރުގެ ނިންމުމުގައި ސާފުކޮށް ބަޔާންކުރުމަށްފަހުގައިކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި، ޝަރީޢަތުން ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތި ދިއުންކަމުގައި ނުބެލެވޭނެ ކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައިވާ މީހަކު ހާލަތު ބަދަލުވެގެން ބަންދުން ދޫކޮށްލާނަމަވެސް އެ ކުރާ ޝަރުތަކީ މުޖުތަމައުގައި ހިމެނޭ ހުރިހާ ކުޑަކުދިން ރައްކާތެރިކުރެވޭފަދަ އަދި އެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރާކަން ގާތުން ބަލައި އެކަށީގެންވާ މަތީ މިންގަނޑަކުން މޮނިޓަރ ކުރެވޭފަދަ ޝަރުތުތަކެއްކަން ފަނޑިޔާރު ކަށަވަރު ކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.

15(ނަން ފޮރުވާފައި) ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ މިހާރު ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސްތައް ނެގިފައިވުމުންނާއި، ދައުވާލިބޭ ފަރާތް ބަންދުގައި ހުންނަތާ ގިނަދުވަސްވެފައިވާއިރު، ބަންދުގައި ދެމެހެއްޓުމަށް ކުރިން އޮތް ހާލަތު މިހާރު އޮތްކަމަށް ބުރަނުވެވޭތީ، އަދި މިފަދަ ކުށެއް ނުވަތަ އެހެން ޖިނާއީ ކުށެއްގެ ރެކޯޑުވެސް އޮތް ފަރާތަކަށްނުވާތީ، ކުށް ތަކުރާރުކޮށްފާނެކަމުގެ އިހްތިމާލު ކުޑަ ފަރާތެއްކަމަށް ބުރަވެވޭތީކަމަށް ދަށު ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

16އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގެ ނިންމުމަށް ބަލާއިރު، ޝަރީޢަތުން ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތި ދިއުންކަމުގައި ނުބެލެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ، ދަށުކޯޓުން އެ ސަބަބަށް ރިޢާޔަތްކޮށް ބަންދުކުރި ހާލަތު ބަދަލުވެފައިވާކަމަށް ބެލެވިދާނެކަމަށް ނުދެކެމެވެ.

17HN3(ނަން ފޮރުވާފައި) ބަންދުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި މިފަދަ ކުށެއް ތަކުރާރުކޮށްފާނެކަން ހިމެނެއެވެ. ބަންދުން ދޫކޮށްލި އަމުރުގައި، މި ސަބަބާ ގުޅިގެން ފާހަގަކޮށްފައިވަނީ ކުށުގެ ރެކޯޑު ނެތުމެވެ. ނަމަވެސް، (ނަން ފޮރުވާފައި) ބަންދުކުރުމަށް ނިންމި އިރުވެސް އޭނާގެ ކުށުގެ ރެކޯޑެއްނެތުމާއި، މިއީ އޭގެ ޒާތުން ބަދަލުވާނެ ސަބަބަކަށް ނުވާއިރު، މި ހާލަތަށް އައި އިތުރު ބަދަލެއް ދަށު ކޯޓުގެ އަމުރުން އެނގެން ނެތެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައިވާ މީހަކު ހާލަތު ބަދަލުވެގެން ބަންދުން ދޫކޮށްލާނަމަވެސް އެ ކުރާ ޝަރުތަކީ މުޖުތަމައުގައި ހިމެނޭ ހުރިހާ ކުޑަކުދިން ރައްކާތެރިކުރެވޭފަދަ ޝަރުޠުތަކަކަށް ވާންޖެހޭއިރު، މި މައްސަލައިގާ އެފަދަ ޝަރުޠެއް ހިމަނާފައިވާތަން ފެންނާންނެތެވެ.

18ވީމާ، މި މައްސަލައިގާ (ނަން ފޮރުވާފައި) ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށް ބުރަނުވެވެއެވެ.

ޝަރީޢަތްނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ މައްސަލަ އަވަހަށް ނިންމުމާގުޅޭ

19HN5HN6ޝަރީޢަތްނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ ބަންދު މުރާޖަޢާކުރުމުގެ މައިގަނޑު އެއް މަގްސަދަކީ އެ ފަރާތްތަކުގެ މައްސަލަ ގޮސްފައިވާ ހިސާބެއް ބަލައި އެ މީހެއްގެ މައްސަލަ އަވަހަށް ނިންމުމަށް ބާރުއެޅުން ކަމުގައި އަހުރެން ދެކެމެވެ. މިކަން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގެ ނިންމުމަށް ބެލުމުން އެނގެއެވެ. އެގޮތުން، ބަންދު މުރާޖަޢާކުރުމުގެ މައިގަނޑު ބޭނުމަކީ ބަންދުގައި ދަޢުވާލިބޭ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ވަންދެން ނުތިބޭނެ އުސޫލެއް ގާއިމްކުރުން ކަމަށްވާއިރު، ބަންދުގައި ދިގުމުއްދަތެއް ހޭދަވެފައިވާ މީސް މީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އެ މައްސަލައިގައި އަވަހަށް ހުކުމްކުރުމަކީ އޭގެ ހައްލުކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ބަންދުގައި ދިގު މުއްދަތެއް ހޭދަވިނަމަވެސް މުޖުތަމަޢުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހެއް ބަންދުން ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫނެވެ. ހަމައެފަދައިން، ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޤަޟިއްޔާގައިވެސް، މީހަކު ޝަރީޢަތް ނުނިމި ލަސްވުމުގެ ސަބަބުން ގިނަދުވަސްތަކެއް ވަންދެން ބަންދުގައި ހުރުމަކީ، ޚާއްސަ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، އެ މީހަކު (ޝަރުޠަކާއެކު ނަމަވެސް) ބަންދުން ދޫކޮށްލުމަށް އެކަށޭނެ ޤާނޫނީ ސަބަބެއް ނުވަތަ ހުއްޖަތެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ.

20ވީމާ، ހެކިބަސް ނަގައިނިމިފައިވާތީ އެކަމުގެ މައްޗަށް ރިޢާޔަތްކޮށް، ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަވެފައިވާތީ ބަންދުން ދޫކުރުމަށް ނިންމުމަށްވުރެން މުޖުތަމަޢުގެ ހައްޤާއި މުއްތަހަމުގެ ހައްޤު މިނެކިރުމުން އެންމެ ފައިދާހުރި އަދި އެންމެ މުހިއްމުކަމަކީ މައުޟޫޢީ މައްސަލަ އަވަހަށް ނިންމުންކަމަކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މިއީ މިކަން ހިނގަންޖެހޭނެ މަގެވެ.

ނިންމަން ފެންނަގޮތް

21އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މި މައްސަލައިގައި އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރު ބާޠިލްކޮށް، (ނަން ފޮރުވާފައި) ބަންދުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައްސަލަ ބަލާ ދަށު ކޯޓަށް މިއަދުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، އެކަށީގެންވާ ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ބަލާ ދަށު ކޯޓަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު؛

22ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުއްރަޢޫފު އިބްރާހީމްގެ ރައުޔު؛

23ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، (ކޯޓުގެ ނަން ސިއްރުކޮށްފައި) ކޯޓުގެ ނަންބަރު (ނަންބަރު ސިއްރުކޮށްފައި) ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު (ނަންބަރު ސިއްރުކޮށްފައި) ބަންދު މުރާޖަޢާކޮށް ނިންމިގޮތް ބާޠިލްކޮށް، (ނަން ފޮރުވާފައި) ބަންދުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައްސަލަ ބަލާ ދަށު ކޯޓަށް މިއަދުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، އެކަށީގެންވާ ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ބަލާ ދަށު ކޯޓަށް އަންގައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ޙުޒައިފާ މުޙައްމަދު

ފަނޑިޔާރު ޙުސައިން މަޒީދު

(ރިޔާސަތު)

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް

ފުޓްނޯޓު

  1. ދަރކި ނަންބަރު (ނަންބަރު ސިއްރުކޮށްފައި)
  2. ދަށު ކޯޓުގެ ނަންބަރު (ނަންބަރު ސިއްރުކޮށްފައި) ކޯޓު އަމުރު
  3. ދަށު ކޯޓުގެ ނަންބަރު (ނަންބަރު ސިއްރުކޮށްފައި) ކޯޓު އަމުރު
  4. 03 ޑިސެންބަރު 2025ގައި (ނަން ފޮރުވާފައި)ގެ ވަކީލު ދަށު ކޯޓަށް ހުށަހަޅާފައިވާ ސިޓީ
  5. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/13,14 ޤަޟިއްޔާ
  6. ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)
  7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/19 ޤަޟިއްޔާ
  8. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 ޤަޟިއްޔާ
  9. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/19 ޤަޟިއްޔާ
  10. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 ޤަޟިއްޔާ
  11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 ޤަޟިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ