ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 24 · 2021/SC-A/08ސުޕްރީމް ކޯޓު · 1 މާރިޗު 2021

ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 1 މާރިޗު 2021ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2021/SC-A/08

ޝަރީޢަތް ނިމުނުގޮތް

ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

03 މާރޗް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2020/HC-A/110

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޢާފިޔާ މޫސާ

ޤާނޫނީ ވަކީލު: ނިޢުމާ މުޙައްމަދު ވަޙީދު، ޝަޒީނާ ރިޔާޟް، އިބްރާހީމް ނާޞިޙް ޤާނޫނީ ވަކީލު: ޙަސަން ފަލާޙް، އެޑްވޮކެސީ ޗެމްބަރސް

ޖިނާއީ - ކޯޓު އަމުރު – ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާ، 198 ވަނަ މާއްދާ – ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު

ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/110 ގަޒިއްޔާ ނިމިފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ވ. ތިނަދޫ، ރެޑްހައުސް، ޢާފިޔާ މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

31 ޑިސެމްބަރު 2019 ދުވަހު ކްރިމިނަލް ކޯޓުން ނެރެފައިވާ ޕާސްޕޯޓް ހިފެހެއްޓުމުގެ ކޯޓު އަމުރު (އަމުރު ނަންބަރު (145-J/PHA/2020/84 ގެ ދަށުން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޕާސްޕޯޓް ހިފަހައްޓާފައިވެއެވެ. ވ. ތިނަދޫ، ރެޑްހައުސް، ޢާފިޔާ މޫސާ އަކީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ވާތީވެ އެ އަމުރުގެ ދަށުން ޢާފިޔާ މޫސާގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވެއެވެ.

ޢާފިޔާ މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމަށްޓަކައި ފުލުހުން އޭނާގެ މައްޗަށް ދެ ތުހުމަތެއް ކޮށްފައި ވެއެވެ. އެއީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓު އެޅުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަޅަންޖެހޭ ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފުރިހަމަ ނުކޮށް މަކަރާ ހީލަތުން ގިނަ ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައި ވާކަމުގެ ތުހުމަތާއި އެ މުއާމަލާތާއި ގުޅިގެން ކްރެޑިޓް ސުއިސްގެ ސައްހަނޫން ޕާފޮމަންސް ބޭންކް ގަރަންޓީއެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަށް ހުށަހަޅާފައިވާކަމަށް ކޮށްފައިވާ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/PHA/2020/84 ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާ ކޮށްދިނުން އެދި 17 ފެބްރުއަރީ 2020 ގައި ޢާފިޔާ މޫސާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމެއް ހުށަހެޅިއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/PHA/2020/84 ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ ފުލުހުން ކުރާ ތުހުމަތަކީ މަދަނީ މައްސަލަތަކަކާ ގުޅުންހުރި މައްސަލަތަކެއް ކަމަށްވާތީ، ޕާސްޕޯޓް ހިފަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ނުކުތާގެ ޖަވާބުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފައިވަނީ މަކަރާއި ހީލަތް ހެދުމާއި ރަސްމީ ލިޔުންތަކަށް ބަދަލު ގެނައުމުގެ ތުހުމަތު އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ކުރެވޭ ކަމަށާއި، ޕާސްޕޯޓް ދޫކޮށްލައިފިނަމަ ޢާފިޔާ މޫސާ ފިލުމުގެ އިހުތިމާލު އެބައޮތް ކަމަށާއި، ޑިރެކްޓަރުންގެ ތެރެއިން އެކަކު ރާއްޖެއިން ބޭރަށް ދިޔަގޮތަށް ފިލާފައިވާ ކަމަށާއި، އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވެސް އޭނާ ހާޒިރުކުރެވިފައި ނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު145-J/PHA/2020/84 ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން 27 ފެބްރުއަރީ 2020 ގައި ކްރިމިނަލް ކޯޓުން ނިންމި ނަންބަރު 145-J/AN/2020/06 ނިންމުމުގައި ކަނޑައަޅާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/PHA/2020/84 ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/AN/2020/06 ނިންމުން ޢާފިޔާ މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2020/HC-A/110 ގަޒިއްޔާ ގައި 30 ސެޕްޓެމްބަރ 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/AN/2020/06 ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ޢާފިޔާ މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ނެތުމުން ކްރިމިނަލް ކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/110 ގަޒިއްޔާ ނިމިފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޢާފިޔާ މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ގަޒިއްޔާ އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފީ ގަޒިއްޔާއެވެ.

އިސްތިއުނާފީ ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/110 ގަޒިއްޔާ ނިމިފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޢާފިޔާ މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ހަތަރު ނުކުތާއެވެ.

(ހ)ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ކްރިމިނަލް ކޯޓުގެ 145-J/AN/2020/06 ނިންމުން ގާނޫނުއަސާސީގެ 55 ވަނަ މާއްދާއާ ޚިލާފު ނުވާކަމަށް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ)ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 12/2016) ގެ 75 ވަނަ މާއްދާ ތަތުބީގުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ނ)ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ގާނޫނުއަސާސީގެ 44 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ރ)ޢާފިޔާ މޫސާގެ މައްޗަށް ކުރާ ތަހުގީގު މިހާތަނަށް އައި އިރު ވެސް ފުރިހަމަވެފައި ނުވާއިރު ޢާފިޔާ މޫސާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ގާނޫނުއަސާސީގެ 50 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

އިޖުރާއީ ނުކުތާ

މި މައްސަލައިގެ އަޑުއެހުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިޖުރާއީ ނުކުތާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/110 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ ގާނޫނުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށްވުރެ ފަހުން ކަމަށާއި އެހެން ކަމުން މި މައްސަލަ ސުޕްރީމް ކޯޓުގައި ނުބެލެވޭނެ ކަމަށް ދެކޭ ކަމަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރި އިޖުރާއީ ނުކުތާ އަށް ބެލިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

(ހ)އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/110 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ 30 ސެޕްޓެމްބަރ 2020 ގައެވެ.

(ށ)ޢާފިޔާ މޫސާގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު ހުށަހަޅާފައިވަނީ 03 ޖަނަވަރީ 2021 ގައެވެ.22 ސެޕްޓެމްބަރ 2020 ދުވަހު ޢަމަލުކުރަންފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ތިންވަނަ އިސްލާހުގެ ދަށުން އެ ގާނޫނުގެ 198 ވަނަ މާއްދާއަށް ގެނެވުނު އިސްލާހާ ގުޅިގެން މިފަދަ ކޯޓު އަމުރުތައް އިސްތިއުނާފުކުރަން 198 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބެނީ 10 ދުވަހުގެ މުއްދަތެވެ.

(ނ)ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަށް ގެނެވުނު އިސްލާހާ ގުޅިގެން، އެ މާއްދާގައި ބަޔާންކުރާ މުއްދަތުތައް ތަތުބީގު ކުރެވޭނެ މައްސަލަތަކާ ގުޅިގެން ކުރެވުނު މަޝްވަރާގައި، ގާނޫނަށް އިސްލާހު ގެނެވުނު ތާރީހުން ފެށިގެން އެ ގާނޫނާ އެއްގޮތަށް އަމަލުކުރަންޖެހޭނެކަމަށް ފެންނަކަމަށާއި، ނަމަވެސް ގާނޫނަށް އިސްލާހު ގެނެވުނު އިރު ކޯޓަށް ހުށަހެޅިފައިވާ (ކޯޓު އަމުރު ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ފަދަ) މައްސަލަތަކާމެދު ގާނޫނު ތަސްދީގުކުރެވުނު ފަހުން ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެފަދަ ހާލަތެއް ދިމާވެފައި ހުންނާނީ ވަރަށް މަދު މައްސަލައެއްގައިކަމުން އިސްތިއުނާފުގެ މުއްދަތު ބެލުމުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށް ބެލިދާނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން 12 ޖަނަވަރީ 2021 ގައި ނިންމަވާފައިވެއެވެ. އެހެން ނަމަވެސް މި ނިންމުމާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތަށް މި މައްސަލަ އިސްތިއުނާފުކުރުމަށް 60 ދުވަހުގެ މުއްދަތު ލިބިގެންވާ ކަމަށް ބެލި ނަމަވެސް، 22 ސެޕްޓެމްބަރު 2020 އިން ފެށިގެން 60 ދުވަހުގެ މުއްދަތު ގުނައިފިނަމަ، އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު ހުށަހަޅާފައިވަނީ 03 ޖަނަވަރީ 2021 ގައި ކަމުގައިވާތީ، އިސްތިއުނާފުކުރާ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހުގައެވެ.

މައްސަލައެއް އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އަމިއްލަ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އިސްތިއުނާފުކުރަން ހުށަހެޅިފައިނުވާ މައްސަލަތައް ހުށަނޭޅުނު ސަބަބަކީ އިސްތިއުނާފީ ކޯޓުތަކަށް ގަބޫލުކުރެވޭ ސަބަބެއް އޮތްކަމަށް ވާނަމަ އެފަދަ އިސްތިއުނާފީ މައްސަލަތައް މުއްދަތު ހަމަވުމުގެ ފަހުން ބަލައިގަތުމުގެ އިޚްތިޔާރު އިސްތިއުނާފީ ކޯޓުތަކަށް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) އާއި 42 ވަނަ މާއްދާގެ (ރ) އިން އެނގެއެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) އާއި 42 ވަނަ މާއްދާގެ (ރ) ގައި ބުނާ "އަމިއްލަ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އިސްތިއުނާފުކުރަން ހުށަހެޅިފައިނުވާ މައްސަލައެއް" ކަމަށް ބެލެވޭނެ ކަންކަން މި ކޯޓުން ނިންމާފައިވާ ފާތިމަތު ޙުސައިން ވ. އާމިނަތު ޙުސައިން ގަޒިއްޔާގައި މާނަކޮށްފައިވެއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ގާނޫނަށް އައި ބަދަލުގެ ދަށުން މުއްދަތު ގުނުމުގައި އޮޅުންތަކެއް އަރާފައިވާތީ، މި މައްސަލަ ސުޕްރީމް ކޯޓުގައި ހިންގައި މި މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ގަބޫލުކުރެވެއެވެ.

އިސްތިއުނާފީ ފުރަތަމަ ނުކުތާ

ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/110 ގަޒިއްޔާ ނިމިފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށެވެ. އަދި ޢާފިޔާ މޫސާގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ހިފަހައްޓަން އަމުރު ކޮށްފައިވަނީ ގާނޫނުއަސާސީގެ 55 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މި ނުކުތާގެ ތަފްސީލު ދެމުން ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 55 ވަނަ މާއްދާގައި ބުނެފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ތުހުމަތަކީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބުކިންގ ފީ އާއި ޑައުންޕޭމަންޓު ނަގާފައިވަނީ މަކަރާއި ހީލަތުން ކަމަށް ފުލުހުން ބުނެފައިވާ އިރު، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ފައިސާ ނަގާފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން 20 އިންސައްތަ އިންވެސްޓްކުރުމަށްފަހު ޕްރީ ސޭލް އެގްރިމަންޓު ހެދުމުގެ ބާރު ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާ ކަމަށެވެ. ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުކިންގ ފީ އާއި ޑައުންޕޭމަންޓުގެ ގޮތުގައި އާންމު ފަރާތްތަކުން ނަގާފައިވާ ފައިސާ ހޯދުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އާއި ހައުސިންގ ޑިވެލޮޕމެންޓް ކޯޕަރޭޝަންގެ މައްޗަށް އެ ފަރާތްތަކުން ކުރި ދައުވާއާ ގުޅިގެން ހިންގުނު ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2018 ގަޒިއްޔާ އާ ގުޅިގެން ދައުވާކުރި 202 ފަރާތަށް އެ ފައިސާ ދެއްކުމުގެ ޒިންމާ ނެގުމުގެ ގޮތުން އެ ފަރާތްތަކާއެކު އެޗްޑީސީއިން ސެޓްލްމެންޓް އެގްރިމަންޓެއް ހަދާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް އެޗްޑީސީއިން ފައިސާ ދައްކާފައިވާ ކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ބުކިންގ ފީ އާއި ޑައުންޕޭމަންޓާ ގުޅޭގޮތުން ބަލަމުންގެންދާ މައްސަލައަކީ މަދަނީ މުއާމަލާތެއްގެ ތެރެއިން އުފެދިފައިވާ ޚުސޫމަތެއްކަން އެނގޭ ކަމަށެވެ.

ޢާފިޔާ މޫސާގެ މައްޗަށް ކުރެވޭ ދެވަނަ ތުހުމަތާ ގުޅޭގޮތުން ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ ތުހުމަތު އުފެދިފައިވާ ކްރެޑިޓް ސުވިސްގެ ޕަރފޮމަންސް ގަރަންޓީ އެޗްޑީސީއަށް ހުށަހެޅުމުގެ ކުރިންވެސް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމަންޓުގެ ދަށުން ހުށަހަޅަންޖެހޭ 1 މިލިއަން ޑޮލަރުގެ ޕަރފޮމަންސް ގަރަންޓީ ހުށަހަޅާފައިވާ ކަމަށާއި، އަދި ތުހުމަތު އުފެދިފައިވާ ކްރެޑިޓް ސުވިސްގެ ބޭންކް ގަރަންޓީ އެޗްޑީސީއަށް ހުށަހެޅުމާއެކު ކުރިން ހުށަހަޅާފައިވާ ޕަރފޮމަންސް ގަރަންޓީގެ ފައިސާ އެޗްޑީސީގެ ފަރާތުން ނަގާފައިވާ ކަމަށެވެ. އަދި ފުލުހުން ތުހުމަތުކުރާ ކްރެޑިޓް ސުވިސްގެ ޕަރފޮމަންސް ގަރަންޓީ އަކީ ސީލައިފް ގްލޯބަލްގެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކުރި ފަރާތަކުން ސައްހަ ބޭންކް ގަރަންޓީއެއް ކަމަށް ބަޔާންކޮށް ސީލައިފް އަށް ފޮނުވާފައިވާ ބޭންކް ގަރަންޓީއެއް ކަމަށާއި މި ގަރަންޓީއަކީ ސީލައިފް ގެ ޑިރެކްޓަރަކު ނުވަތަ އެ ކުންފުނިން ތައްޔާރުކޮށްފައިވާ ބޭންކް ގަރަންޓީއެއް ނޫން ކަމަށެވެ.

ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ މި ބޭންކް ގަރަންޓީ ލިބުމުން ގަރަންޓީ އަކީ ތެދު އެއްޗެއްތޯ ކަށަވަރުކުރުމަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި އޭގެ ފަހުގައި އެޗްޑީސީއަށް އެ ހުށަހަޅައި ބޭންކް ގަރަންޓީ ލިބިފައިވާ ގޮތް އެ ފަރާތަށްވެސް ސާފުކޮށްދީފައިވާ ކަމަށާއި، ވީމާ މި ހިނގާ ދިޔަ ކަންތަކުގައި ޖިނާއީ އެއްވެސް އުންސުރެއް ހިމެނިފައި ނުވާ ކަމަށާއި، އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުގެ ޕާސްޕޯޓު ހިފެހެއްޓިފައިވަނީ ގާނޫނުއަސާސީގެ 55 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

ގާނޫނުއަސާސީގެ 55 ވަނަ މާއްދާގައި ބުނެފައިވަނީ މަދަނީ މުއާމަލާތެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެ ކަމަށެވެ. މި މާއްދާ ގާނޫނުއަސާސީގައި ހިމަނާފައިވަނީ އެކަކު އަނެކަކަށް ދައްކަންޖެހޭ ކަމަށް ބުނާ ދަރަނި ނުދައްކައިގެން އެ ފައިސާ ހޯދުމަށް ފުލުސް އޮފީހަށް ހުށަހަޅާ މައްސަލަތަކުގައި އެއްވެސް ޝަރީއަތެއް ހިންގުމެއްނެތި އެ ބުނާ ދަރަންޏެއްގެ ފައިސާ ދައްކަންދެން ފުލުސް އޮފީހުން އެމީހަކު ޖަލުގައި ބަންދުކުރަމުން ދިޔަ ދިއުން ހުއްޓުވުމަށެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ކުރިމައްޗަށް ހުށަހެޅިފައި މިވާ ނުކުތާގައި ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ ޢާފިޔާ މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މަދަނީ އެއްބަސްވުމެއްގެ ދަށުން ޢާފިޔާ މޫސާ އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ފުލުހުން ޢާފިޔާ މޫސާގެ މައްޗަށް ޖިނާއީ ކުށްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކޮށްފައި ވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ މަރުހަލާގައި ފަނޑިޔާރަށް ބޭނުންވާ މިންވަރަށް "އެކަށީގެންވާ ހެކި" ހުށަހެޅިފައިވާކަން އެނގެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ފުލުހުން ޢާފިޔާ މޫސާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފްލެޓް އަޅައި އާންމުންނަށް އެ ފްލެޓުތައް ވިއްކާނެ ކަމަށްބުނެ އާންމުންގެ ތެރެއިން އެތައް ސަތޭކަ ބައެއްގެ އަތުން ބުކިންގ ފީ އާއި ޑައުން ޕޭމަންޓު މަކަރާއި ހީލަތުން ނަގާފައިވާ ކަމުގެ މައްޗަށާއި ރަސްމީ ލިޔުންތަކަށް ބަދަލު ގެނެސްފައިވާ ކަމުގެ މައްޗަށެވެ. ވީމާ ޢާފިޔާ މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މަދަނީ އެއްބަސްވުމެއްގެ ދަށުން ޢާފިޔާ މޫސާ އަދާކުރަންޖެހޭ މަދަނީ ޒިންމާ އަކާ ގުޅިގެން ނޫންކަމާއި ޢާފިޔާ މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ޖިނާއީ ކުށުގެ ތުހުމަތު ކުރެވިގެން ކަމާއި އެ ތުހުމަތު ކުރުމަށް އެކަށޭނަ ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާކަން އެނގެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ

ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާ ތަތުބީގުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ:

"މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އޭނާގެ ޕާސްޕޯޓް، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމުގެ އިޚްތިޔާރު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ." މިގޮތަށެވެ.

މީހެއްގެ ޕާސްޕޯޓް ނުވަތަ ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް އެދި ކޯޓަށް ހުށަހަޅާއިރު، އެ ހުށަހެޅުމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ލިސްޓެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ސަބަބު ބަޔާންކޮށް އަދި އެކަމާ ގުޅޭގޮތުން ލިބިފައިވާ ހެކި ހުށަހަޅަންޖެހޭނެކަމަށް އެ ލިސްޓުގައި ބަޔާންކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ފަނޑިޔާރަކު ނެރެންވާނީ އަންނަނިވި ކަންކަން ފުރިހަމަވާ ނަމަ ކަމަށެވެ.

(1) ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކުށެއް ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކުރަންއުޅޭ ކަމުގެ ހެކި ލިބިފައިވުން؛

(2) އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމުގެ ހެކި ލިބިފައިވުން؛

(3) އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާ ތަތުބީގުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ޢާފިޔާ މޫސާގެ ފަރާތުން ހުށަހެޅި ނުކުތާގެ ތަފްސީލުގައި ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގައި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދި ހުށަހަޅަންޖެހޭ އެއް މައުލޫމާތަކީ "އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ސަބަބު، އަދި އެކަމާ ގުޅޭގޮތުން ލިބިފައިވާ ހެކި" ކަމަށާއި ނަމަވެސް މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ފިލައިގެން ދާން އުޅޭ ކަމަށް ބަޔާންކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ރ) ގެ (1) އާއި (2) ގެ ބޭނުމަށްޓަކައި ކުށުގެ ތުހުމަތުކުރެވޭ މީހާ ގެ މައްޗަށް ކުށުގެ ތުހުމަތު ކުރަން އެކަށީގެންވާ ހެކި ހުރި ކަމާއި އެމީހާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ސަބަބު އޮތްކަން ފަނޑިޔާރަށް ގަބޫލުކޮށް ދިނުމަށްޓަކައި އަމުރަށް އެދޭ ފަރާތުން ގިރާކުރަންޖެހޭ ހެކީގެ މިންވަރަކީ، މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޖިހާދު ގަޒިއްޔާގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ގެ ރައުޔުގެ 24 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ ސަބަބެއް އޮތުމެވެ.

31 ޑިސެމްބަރު 2019 ދުވަހު ކްރިމިނަލް ކޯޓުން ނެރެފައިވާ ޕާސްޕޯޓް ހިފެހެއްޓުމުގެ ކޯޓު އަމުރު (އަމުރު ނަންބަރު (145-J/PHA/2020/84 ނެރެފައިވަނީ އިސްވެ މި ބަޔާންކުރި ފަދައިން ޢާފިޔާ މޫސާގެ މައްޗަށް ފުލުހުންކުރާ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރި ކަމަށް ކްރިމިނަލް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ގަބޫލުކުރެވިގެންކަން އެ ދެ ކޯޓުގެ ނިންމުންތަކުގައިވެސް ބަޔާންކޮށްފައިވެއެވެ.

ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ސަބަބު އޮތްކަން ނުވަތަ ނެތްކަން ބިނާވެފައި އޮންނާނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގެ ވަށައިގެންވާ ހާލަތްތަކުގެ މައްޗަށް ބިނާވެފައެވެ. މިގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ސަބަބު އޮތްކަން ނުވަތަ ނެތްކަން ބެލުމަށްޓަކައި އަންނަނިވި ކަންކަމަށް ބެލެވިދާނެއެވެ.

(1)އެމީހަކު ކުރި ކުށުގެ ބާވަތަކީ ކޮބައިކަން.

(2)އެމީހަކީ ކުރިންވެސް ކޯޓަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ފިލައިގެން އުޅެފައިވާ މީހެއްކަން

(3)އެކުގައި ކުށްކުރި މީހާ ނުވަތަ މީހުންނަކީ އެ ކުށާ ގުޅިގެން ތަހުގީގީ އިދާރާއަކަށް ފިލައިގެން އުޅޭ މީހެއްކަން.

(4)ކުށްކުރި މީހާއަކީ ފިލައިގެން ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ ވަސީލަތެއް ނުވަތަ އެހީތެރިއެއް ނުވަތަ މާލީ ތަނަވަސް ކަން ހުރި ފަރާތެއް ކަން.

(5)ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ މުޖުތަމައުގައިވާ އެމީހާގެ މަގާމަށް ބަލައި އެމީހާ ޝަރީއަތާ ނުވަތަ ތަހުގީގަށް ކުރިމަތިލާން ފަސްޖެހިދާނެ ބާވަތުގެ މީހެއް ކަން.

އެއްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށުގެ ބާވަތަކީ ކޮބައިކަން ބެލުމުގައި ޓެރަރިޒަމްގެ ކުށާއި މާލީ ކުށާއި ކޮރަޕްޝަންގެ ކުށާއި ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ޖިންސީ ކުށާއި މީހުން މެރުމުގެ ކުށް ފަދަ ބޮޑެތި ކުށްކުށަކީ ކުށުގެ ތުހުމަތު ކުރެވޭ މީހަކު ޝަރީއަތަށް ނުވަތަ ތަހުގީގަށް ފިލާފާނެ ކަމަށް ބެލެވިދާނެ ކުށްކުށެވެ.

އިސްވެ ދިޔަ ޕެރެގްރާފުގައިވާ ކަންކަމަށް ބަލާއިރު، ޢާފިޔާ މޫސާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގައި ހިމެނޭ މީހަކު ފިލައިގެން އުޅޭކަމަށް ފުލުހުން ކޯޓުގައި ބުނާ ބުނުމަށް ބަލާއިރު ޢާފިޔާ މޫސާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ މަގުބޫލު ސަބަބެއް އޮތް ކަމަށް ގަބޫލުކުރެވެއެވެ.

އިސްތިއުނާފީ ތިންވަނަ ނުކުތާ

ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ގާނޫނުއަސާސީގެ 44 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އެ ނުކުތާގެ ތަފްސީލު ދެމުން ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުކުރެވޭ މީހެއް ގާނޫނުގައިވާ ގޮތުގެމަތިން ތަހުގީގު ހިންގުމުގައްޔާއި، ޝަރީއަތްކުރުމުގައްޔާއި، ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރުމުގައި އެ ނޫން މީހެއްގެ ގާނޫނީ ހައްގަކަށް ނުވަތަ ވާޖިބަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/110 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް ގެ އެހެން ޑިރެކްޓަރަކު ކޮށްފައިވާ ކަމެއް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރާ ކަމަކާ ގުޅިގެން އެކަމުގެ ޒިންމާ ނުވަތަ މަސްއޫލިއްޔަތު ޢާފިޔާ މޫސާގެ ފަރާތުން ނަގަންޖެހޭ ފަދަ ގޮތަކަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 44 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މި ގޮތުން ޢާފިޔާ މޫސާގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 7 ވަނަ ނަންބަރުގައި ޢާފިޔާ މޫސާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން ރަނގަޅު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ "ޑައިރެކްޓަރުންގެ ތެރެއިން އެކަކު ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށާއި އިންޓަޕޯލްގެ ރެޑް ނޯޓިސް އެއް ނެރެގެންވެސް އޭނާ ހާޒިރުކުރެވިފައިނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދައްކާފައިވާ ވާހަކަތަކާ ހަވާލާދީ ފާހަގަކޮށްފައިވެއެވެ." މި ގޮތަށެވެ. އެހެން ކަމުން މިއިން އެނގެނީ ޢާފިޔާ މޫސާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އެހެން ފަރާތަކުން ފިލައިގެން އުޅޭތީ ކަމަށް ދޭހަވާ ކަމަށް ޢާފިޔާ މޫސާ ތުހުމަތުކޮށްފައިވެއެވެ.

ޢާފިޔާ މޫސާ ހުށަހަޅާފައިވާ މި ނުކުތާއަށް ބަލާއިރު ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ހުށަހެޅިއިރު ސީދާ ޢާފިޔާ މޫސާގެ މައްޗަށް ތުހުމަތު ކުރާ ކަންތައް ތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޢާފިޔާ މޫސާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ކުންފުނީގެ ޑިރެކްޓަރުން ކޮށްފައިވާ ކަންކަމާ ގުޅިގެން އެ ކުންފުނީގެ ޑިރެކްޓަރުން ޖިނާއީ ޒިންމާ އުފުލަންޖެހިދާނެ ބާވަތުގެ ކަންކަމަށް ކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެއެވެ. އަދި މި މައްސަލައިގައި ޢާފިޔާ މޫސާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭ މަގުބޫލު ސަބަބު ހުރިކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަށް ގަބޫލުކުރެވިފައިވާ ސަބަބަކީ ތުހުމަތުކުރެވޭ ކުށުގައި ހިމެނޭ އެކަކު ފިލައިގެން ދިވެހިރާއްޖެއިން ބޭރުގައި އުޅޭތީ ކަމަށް ވާއިރު، އެ ސަބަބަށްޓަކައި މި މައްސަލައިގައި ގަބޫލުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށް ގަބޫލުކުރެވެއެވެ.

އިސްތިއުނާފީ ހަތަރުވަނަ ނުކުތާ

ޢާފިޔާ މޫސާގެ މައްޗަށް ކުރާ ތަހުގީގު މިހާތަނަށް އައި އިރު ވެސް ފުރިހަމަ ވެފައި ނުވާއިރު ޢާފިޔާ މޫސާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ގާނޫނުއަސާސީގެ 50 ވަނަ މާއްދާ އަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.

ގާނޫނުއަސާސީގެ 50 ވަނަ މާއްދާގައި ބުނެފައިވަނީ

"ކުށެއް ކޮށްފިކަމަށް ތުހުމަތުކޮށް ތަހުގީގުކުރާ ފަރާތަކަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް އެ މައްސަލަ ތަހުގީގުކޮށް ނިންމަން ވާނެއެވެ. އަދި އެ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހާއާ މެދު ދައުވާކުރަންޖެހޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ދައުވާ އުފުލަންވާނެއެވެ."

މި ނުކުތާގެ ތަފްސީލު ދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނާ މައްސަލަ ތަހުގީގުކުރަމުންދާތާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ވެފައިވާ ކަމަށާއި އަދި މިހާތަނަށްވެސް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ތަހުގީގުކުރާ ފަރާތުން ޢާފިޔާ މޫސާއާ ސުވާލުކޮށްފައި ނުވާ ކަމަށެވެ.

ޢާފިޔާ މޫސާގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާ އަށް ބަލާއިރު، މި ނުކުތާއަކީ އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/110 ގަޒިއްޔާގެ ހުކުމް ގައި ގާނޫނު ތަތުބީގުކޮށްފައިވާ ގޮތާއި ބެހޭގޮތުން ނުވަތަ އެ ގަޒިއްޔާގައި ގާނޫނު މާނަކޮށްފައިވާ ގޮތާއި ބެހޭގޮތުން ހުށަހެޅިފައިވާ ނުކުތާއެއް ކަމަށް ނުވާތީ، މި ނުކުތާއަކީ މި ގަޒިއްޔާގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމަށް ނުފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/110 ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއްނެތް ކަމަށް ކަނޑައަޅައި، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ